top of page

އިސްތިބްދާދީ އަނިޔާވެރި ވެރިކަމެއްގައި ވުޖޫދަށްގެނެވުނު ސިޔާސީޕާޓީ، އެމްޑީޕީން ޙަޤީޤީމަޤްޞަދު ދަމަހައްޓާއި ޙާޞިލްކުރުން ވަރަށް މުހިންމެވެ.

  • Writer: ilyashusein
    ilyashusein
  • Nov 30, 2009
  • 4 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ : 2006  އޭޕްރީލް ގައި)

ދިވެހި ރާއްޖޭގެ މުޅިސިޔާސީ ހަޔާތުގައިވެސް، ސުމުއްވުލް އަމީރު މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަމިއްލަފުޅަށް އުފެއްދެވި ސިޔާސީޕާޓީ ކަމުގައިވާ “މުތަގައްދިމުޕާޓީ” އަށްފަހު، ދިވެހި ޖައްވަށް ނޭވާލި ހަގީގީ ސިޔާސީޕާޓީއަކީ، “މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) އެވެ. މިކަން ހަގީގަތަކަށް ހެދުނީ، އެއްވެސް ޝައްކެއް ވަސްވާހެއްނެތް ގޮތުގައި އެތައްދިވެހި ދަރީންނެއްގެ ގުރުބާނީތަކާއި މިންނަތް މަސައްކަތުންނެވެ. ޒަމާންތަކެއް ވަންދެން ވެރިކަމުގެ އަމިއްލަބާރާއި ނުފޫޒު ދެމެހެއްޓުމުގެ ބޭނުމުގައި ވަރުގަދަކޮށް ފައިއޮތް ސިފައިންގެ ވަހުޝީ އަނިޔާތަކުގައި ކެތްކޮށްގެންނެވެ.

އަދި ރާއްޖެއާއި ރާއްޖޭންބޭރުގައި ކުރެވުނު، އަގުހުރި ތާރީޚީ، މަސައްކަތް ތަކެއްގެ މީރުމޭވާއިންނެވެ. މުޅިއިސްލާހީ ހަރަކާތަށް ބަލާއިރު، އެންމެއަގުބޮޑީ ލޮބުވެތި ދިވެހި ފަސްގަނޑުގައި ތިބެގެން ދެވުނު ގުރުބާނީތަކެވެ. ކަތިލެވުނު ކަތިލެވުންތަކެވެ. މަރުވެޝަހީދުވެ ދިޔަ ފުރާނަތަކެވެ. އިސްތިބްދާދީ ވެރިކަމުގެ ބާރުތަކުން ނުހައްގުން އޮހުރުވާލި ލެޔާއި ދުވަސްދުއްވާލި އެތައްދިވެހި ދަރީންނެއްގެ ޖިސްމުތަކެވެ. ދާއިމަށް އަނިޔާގައި އުޅެންޖެހިފައިވާ ހަށިތަކެވެ. މުޅިއުމުރަށް ތަދާއި ވޭނުގައި އަނިޔާތައް އުފުލަން ޖެހިފައިވާ ގުނަވަންތަކާއި މައިބަދަތަކެވެ. މުޅިއުމުރަށް މޮޔަކޮށްލާފައިވާ ސިކުނޑިތަކުގެ އަހުލު ވެރީންނެވެ. ޖަލަށްލާފައި ނެރޭއިރުބައެއް މީހުންތިބެނީ މޮޔަވެފައެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގަޔާއި ރައްޔިތުންގެ ޚާއްސަމަޖިލިސް ތެރޭގަޔާއި މިދެމަޖިލީހުން ބޭރުގައި އެހެނިހެން ފޯރަމް ތަކުގައި އަޑުއުފުލާއި ގޮވާލެވުނު ހައްގުބަސް ތަކެވެ. ދޫދިނުމެއްނެތި އެއްވާނެއްގައި ޒަމާނާއެއްގޮތަށް ކުރިއަރާފައިވާ އިސްތިބްދާދީ ސަރުކާރުގެ ޒާތްޒާތުގެ އަނިޔާވެރިކަމާ ކުރިމަތިލާންކެރި، ދޫނިދޫކުޑަ ގޮޅިތަކުގެ އަނދިރީގައި ތިބެގެން ދިވެހިދަރިން ދީފައިވާ އަގުހުރި ގުރުބާނީތައް ނުދެވުނުނަމަ، ބޭރުގައި އަރުވާލެވިގެން ތިބިމަދު ލީޑަރުންކޮޅަށް، އަދި ބައިނަލްއަގްވާމީ މުޖްތަމައުން ކުރާނެ، އަދި ކުރެވޭނެ ކަމެއް އޮތީސްތޯއެވެ؟ ނުއޮންނާނެ ކަން ކަށަވަރެވެ! ވީމާ ރާއްޖޭގެ އިސްލާހީ ހަރަކާތަކީ، އެކަމާއުޅުނު އެންމެންގެ މަސައްކަތެކެވެ. އެންމެންގެ ކާމިޔާބެވެ. ވަކިކުލައެއްގައި ފާހަގަކޮށްލެވޭ މަދުބަޔަކަށް އެފަޚުރު މިލްކުކޮށް ލިބިގަނެގެން ނުވާނެއެވެ.

އާދެ! އެމްޑީޕީއަކީ، އެތައްދިވެހި ދަރީންނެއްގެ އަގުހުރި ލެއިން ވެވިފައިވާ ގުރުބާނީއެކެވެ. މިހަރަކާތް ފެށިގެން އައިއިރު ހަރަކާތުގެ ބައިވެރީންނަށް ޚުދުމުޚްތާރު ރައީސް މައުމޫނުގެ އޯޑަރަށް އަނިޔާކުރަން ތިބިމީހުންނަށް މިލަގަބުތަކާއި ފަޚުރު އެރުވިގެން ނުވާނެއެވެ. އެމީހުންޖެހޭނީ ދުރުގައި ބައިތިއްބާށެވެ. މަސްހުނި ކޮށްލައިގެން ނުވާނެއެވެ.

ފަހެ މިހަރަކާތުގެ ޅަފަތުގައި ގުރުބާންވި ދިވެހިދަރީންނަކީ، ދިވެހި ދައުލަތުގެ ރަންމެޑެލްތަކެއް ހައްގުވާ ދިވެހިދަރީންނެވެ. އެއީ ދިވެހި މުޖާހިދުންނެވެ. ކުރިޔަށް އަންނަންއޮތް އިސްލާހީ ސަރުކާރަކުން އެކަންފާހަގަ ކުރަން ޖެހޭނެއެވެ. ފަހެ، އެމީހުންނަކީ، ސިޔާސީ ހަރަކާތުގެ ވިންދެވެ. ރޫޙެވެ. ފުރާނައެވެ. އެއީ މުޅި މިފިކުރުން އުފެދުނު އެއް ހަށިގަނޑެކެވެ. އެއްޖާނެވެ. ކަންދިމާވިގޮތުން އެކިކުލަކުލައިގެ ދިދައިގެ ދަށުގައި ތިބެންޖެހުނަސް އެއީ އެއްޖަމާއަތެކެވެ. އެއްވެސް ހާލެއްގައިވަކި ފަރުދެއްގެ ނުފޫޒެއް ނޫނެވެ. ވަކިމީހެއްގެ ބާރެއްނޫނެވެ. ވަކިމީސް ކޮޅެއްގެ މިލްކެއްނޫނެވެ. އަދި ވަކިކުލައެއްގެ މިލްކެއްނޫނެވެ. އަދި ވަކި ޖަމާއަތެއްގެ މިލްކެއްނޫނެވެ. އަދި ވަކި ދެމީހެއްގެ މިލްކެއްނޫނެވެ.

ރާއްޖޭން ބޭރުގައި އަރުވާލެވިގެން ތިއްބެވިބައެއް ދިވެހިންގެ އަމިއްލަ މަސައްކަތޭ އެއްގޮތަކަށް ވެސް ބުނެވޭކަށްނެތެވެ. ބާނީންގެ ގޮތުގައި ދެތިންނަމެއް ބަޔަކު ލައްވާ އަމިއްލައަށް ޚާއްސަކޮށް، ނުވަތަ އަމިއްލައަށް އެއްނަމެއް ޚާއްސަކޮށްގެން އުޅޭމީހުންގެ އެކަނި މަސައްކަތެއް ނޫނެވެ.

ފަހެ، މިހަރަކާތުގެ ބައިވެރިންގެ ތެރެއިން ހުނިޖަހައިގެން ހޮވާލާނެ ވަކިމުހިންމު ބާނީއަކު ނުވަތަ ބާނީންތަކެއް ނުތިބޭނެކަން ކަށަވަރެވެ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލް އިބުރާއަކީ ވަރަށް ފަހުން، ދެހާހުގެ އަހަރުތަކުގައި ގަދަކަމުން ގެނެސް މިހަރަކާތުގައި ބައިވެރިކުރުވި ލީޑަރެކެވެ. ގޯގޯ މުހަންމަދު ލަތީފަކީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ވަރަށް އިސްކޮށް އުޅުއްވާ ލީޑަރެކެވެ. ކެނެރީގޭ މުހަންމަދު ނަޝީދަކީ، ވަރަށްކެރި ހުންނަވައިގެން މިހަރަކާތް ލީޑްކޮށްދެއްވި ފަސްޖެހުމެއްނެތް، ވަރަށްކުރިމަތި ލައްވަންކެރޭ ލީޑަރެއްގެ ގޮތުގައި ގަބޫލުކުރެވޭ ލީޑަރެކެވެ. އަޅުގަނޑު ވެސް އޭރު ރުހި ގަބޫލުވާލީޑަރެކެވެ.

ފަހެ، ދަންނާށެވެ! ރަސްމީސިފަ އެއްގައި އެމްޑީޕީ ދިވެހި ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށްޓަކައި ރަސްމީ ހައިސިއްޔަތުގައި ހުޅަހަޅަންޖެހޭ މީހުންގެ ގޮތުގައި ޕާޓީގެ އެންމެހާ މެންބަރުންނާއި ސަޕޯޓަރުންނާ މަޝްވަރާކޮށް، ހުރިހާމެންބަރުންގެ އިއްތިފާގުން ނިންމެވިތިން މުއައްސިސުންނަކީ، ޕާޓީގެ ރަސްމީ މަގާމުތައް އިންތިޚާބުކޮށް މަސްއޫލިއްޔަތު ތަކާ، ހަވާލުވެވެންދެން ހުރިހާކަމެއްގެ ޒިންމާ އުފުލުމަށް ހޮވާއި އިއްތިފާގު ވެވުނު ތިންމީހުންނެވެ.

ފަހެ، މިތިން މީހުންނަކީ، ކެނެރީގޭ މުހަންމަދު ނަޝީދު އަންނިއާއި ކޮށީގޭ އަބްދުﷲ ސައީދާއި ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމެވެ. މިއީ ރަސްމީކޮށް އިންތިޚާބުތައް ބާއްވައިގެން މަގާމުތައް ހޮވާއި ހުވާ ކުރައްވަންދެން ޕާޓީގެ އެންމެހާ ޒިންމާތައް އުފުއްލެވި ތިން މުއައްސިސުން ނެވެ.

އާދެ! އެމްޑީޕީގެ ޒިންމާތައް އަމިއްލައަށް ރުހިގެން ބޮލުގައިއެޅުއްވި ތިންބާނީންނެވެ. ފަހެ، މިއީ ހަގީގަތާއި ތާރީޚްހެކި ދޭގޮތެވެ. ފަހަރުގައި “އެމްޑީޕީ” މިނަމާމެދު، އާދެ! މިތިންއަކުރާ މެދު ދައުވާކޮށްފާނެ ދެތިން ހަތަރު މީހަކު ތިބެދާނެއެވެ. އެހެނަސް އެއީ އަޅާލަންޖެހޭ ވަރުގެ ކަންތަކެއް ނޫނެވެ.

ފަހެ، ދަންނާށެވެ! ސިޔާސީ މުޅިމިފިކުރަކީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގެ މިލްކެއްކަން ކަށަވަރެވެ. ސިޔާސީ މިފިކުރާމެދު ދައުވާކޮށް، މީހެއްގެ އަމިއްލަނަފްސަށް ބާނީއޭ ނިސްބަތްކުރެވޭނެ ފަރާތެއް ހުރެއްޖެނަމަ، އެއީ މާސިންގާބޮޑު ދޮގުދައުވާ އެކެވެ. ފުލޯކެއްކަން ކަށަވަރެވެ. ސިޔާސީ ފިކުރެއްގެ މައްޗަށް ބިނާވެފައިއޮތް، އިސްލާހީ ހަރަކާތަކަށްވަނީ، މިސިފައެކުލެވިފައި އޮތީމައެވެ. މިޚާޞިއްޔަތާ ހެދިކަން ކަށަވަރެވެ.

ސުމުއްވުލް އަމީރު މުހަންމަދު އަމީންދީދީ އުފެއްދެވި މުތަގައްދިމްޕާޓީއަށް ވެފައިއޮތީ، ރާއްޖޭގައި މިހާރުއުފެދި ކުރިޔަށް މިދާއިސްލަހީ ހަރަކާތާ ވަރަށް ތަފާތުގޮތަކަށް އެކެއްގެ، އެންމެމީހެއްގެ ވަށައިގެން އެނބުރޭ ކުޅިމަޖާ ގަނޑަކަށެވެ. ފަހެ، އަމީންދީދީގެ ވަންމޭން ޝޯއަކަށެވެ. އެހެނަސް އެމްޑީޕީ އުފެދުނީ، ވަރުގަދަ ފިކުރީ ވިސްނުމެއްގެ ޚިޔާލެއްގެ މައްޗަށް އުފެދުނު ސީދާ ހަރަކާތެއްގެ ގޮތުގައި އިސްލާހަށްއެދި ހިންމަތާއެކު މަސައްކަތްކުރި ދިވެހި ދަރިންތަކެއްގެ މެދުގައި ބިންވަޅުނެގި އުފެދުނު ސިޔާސީ ހަރަކާތަކުންނެވެ. ސިޔާސީ ވިސްނުމަކާއި އަމާޒެއް އޮވެގެންނެވެ. ވަރުގަދަ ސިޔާސީ ފިކުރެއް އޮވެގެންނެވެ. މިސިޔާސީ ހަރަކާތް ވަރުގަދަ ބާރަކަށް ވެގެންދިޔަ ސަބަބަކީ މިއެވެ.

ފަހެ، މިބާރު ސިޔާސީބާރެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމަކާ ދިމާއަށް ހިނގައިގަނެ މިސްރާބުޖެހީ، ގިނަސިކުނޑި ތަކަކަށް ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިއްޖެކަން ގަބޫލުކުރެވޭ ފިކުރަކަށް މިޚިޔާލުތައް ވީތީއެވެ. ޒަމާންތަކެއް ހޭދަކޮށްފައިވާ އިސްތިބްދާދީ ބާރަކާދެކޮޅަށް، ހިންދަމާލާއި ތެދުވެވުނީ އެހެންވީތީއެވެ. ޒަމާނީ ޑިމޮކްރަސީއަށް ޖާގަދޭ މޮޅުޚިޔާލު ތަކަކާއި ފިކުރަކަށް ވީތީއެވެ. އެއްޕާޓީއަށްވުރެ ގިނަޕާޓީއަށް ސިޔާސީގޮތުން ދޮރާށިތައް ހުޅުވިފައިވާ ސިޔާސަތަކަށް ވީތީއެވެ.

އެކެއްގެ ނުވަތަ ދެމީހެއްގެ އަމިއްލަ އެދުމެއްނަމަ، މިގޮތަށް ބޮޑު ހަރަކާތެއްގެ ސިފައިގާ ދުވަހުން ދުވަހަށް އާރުލާއި ވަރުގަދަ ވަމަކުން ނުދިޔައިހެވެ. ރައީސް މައުމޫނުގެ ޒަމާންވީ ސަރުކާރުން މަތަކޮށް، ހުއްޓުވާނުލެވޭ ވަރުގެ މާސިންގާ ބިޔަބާރަކަށް ނުވީހެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހިތުގެއަޑިން ގަބޫލުކޮށް ބަލައިގަތް ސިޔާސީ ފިކުރެއްގެ އަހުލު ވެރީންނަށް ނުވީހެވެ. ވަރުގަދަ އަގީދާއެއްގެ މަތީގައި ގައިމުވެތިބެ، ދުސްތޫރުގެ ދަށުން، ލިބިދޭންޖެހޭ ހައްގުތަކަކުން މަހްރޫމްކުރެވި އެއްކިބާކޮށް ފައިވާބަޔަކުކަން ހިތުގެއަޑިން ގަބޫލުކުރެވި ފައިވާތީ ލިބުނު ހިތްވަރާއި ކެރުން ތަކެއްކަން ޔަގީނެވެ.

އާދެ! ރައްޔިތުންގެ ގިނަބަޔަކު އެއް ޕްލެޓްފޯމަކަށް ޖަމާޖަމާކޮށް، އެއްކޮށްލި މިވަރުގަދަ އަގީދާއަކީ، ދިވެހީންގެ އިސްލާމީ އެއްބައިވަންތަ ކަމުގެ އަގީދާއެވެ. ދިވެހީންގެ ދިވެހިވަންތަކަން ލިބިގަންނަ އަސްލުކަމުގައިވާ އިސްލާމް ދީނެވެ. އިސްތިބްދާދީ އަނިޔާވެރިންގެ އަނިޔާތަކުން މިންޖުވެ، އަމާންކަމާއި ސުލްހަވެރި މުޖްތަމައެއް ލިބިގަތުމުގެ ޖިހާދަކީ، ގައުމީވާޖިބެއްކަން ހިތުގެއަޑިން ގަބޫލުކުރެވޭތީއެވެ. އިސްތިބްދާދީ އަނިޔާވެރިންގެ އަނިޔާތަކަކީ، ނައްތާލަން ޖެހޭ ބާތިލު އެއްޗެއްކަން ގަބޫލުކުރެވޭތީއެވެ. ޖަހާލަތުގެ އަނދިރީގައި އަޅުވެތިވެގެން ތިބުމަށް އިންސާނާގެ ޟަމީރު ނުރުހޭތީއެވެ. މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ޒަމާނީ ޑިމޮކްރަސީއަށް ރުހިގަބޫލު ވާތީއެވެ.

އާދެ! ދިވެހީންގެ އެއްބައިވަންތަ ކަމާއި އެއްބައެއް ވަންތަކަމަށް މަގުދެއްކި ސިޔާސީ ވިސްނުމާއި ފިކުރަކީ މިއެވެ. ވަކި މަސްދަރެއްގެ ބިންގަލެއްގެ މަތީގައި ސިޔާސީ ވިސްނުމާއިފިކުރު އެކަތިގަނޑަކަށް ވެވިގެންނޫނީ މިފަދަ ސިޔާސީ ހަރަކާތަކަށް ބަދަލު ކުރެވިގެނެއް ނުދާނެއެވެ. އިސްލާހީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށްދެވޭނީ ހިތުގެ އަޑިން ގަބޫލުކުރެވޭ ވަރުގަދަ ވިސްނުމެއް ބިނާވެފައި އޮތީމައެވެ. އަދި އެއީ ވަރުގަދަ ޢަޒުމަކަށް ވާތީއެވެ. އިސްތިބްދާދީ ބާރަކަށް ފުނޑުފުނޑު ކޮށްލެވޭނެ އެއްޗަކަށް ވެފައިނުވަނީ، އެހެންވެގެންނެވެ.

މިބާރު މިހާރު މިއޮތީ، ވަރުގަދަ ސިޔާސީޕާޓީ އަކަށް ބަދަލުވެ، އެމްޑީޕީއަށް ވެފައެވެ. އެހެންވުމުން ގަދައަޑުން ދަންނަވަން ޖެހެނީ، އެމްޑިޕީއަކީ، އެކެއް ނުވަތަ ދެމީހެއްގެ، ނުވަތަ ވަކިއާއިލާއެއްގެ ވަށައިގެން އެނބުރޭ ބާރަކަށް ވެގެންނުވާނެއެވެ. އެއްވެސް ފަރާތަކުން މިފަދަ ނުކިއްސަރު ނުފޫޒެއް ވަރުގަދަކޮށް ގައިމުކުރެވޭ ހިސާބުން ފެށިގެން، އިސްލާހީ ހަރަކާތުގެ ރޫޙު، މުޅިން ރޫޅިގެން ދާނެކަން ކަށަވަރެވެ.

އާދެ! އެހިސާބުން ރައްޔިތުންގެ ބާރެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ހަގީގީރޫހު ގެއްލުނީއެވެ. އޭރުން އެއްގޮތަކަށް ވެސް ރައްޔިތުންގެ ބާރަކަށް ނުވާނެއެވެ. އަދި ރައްޔިތުންގެ ހަރަކާތަކަށް ވެސްނުވެ، ވަކި ޚާއްސަ ނުފޫޒެއްގެ ޕާޓީއަކަށް ބަދަލުވީއެވެ. ވަކި ޚާއްސަ މީހެއްގެ ޕާޓީއަކަށް ބަދަލުވީއެވެ. ގައުމީ ރޫޙުގެއްލި ކުދިކުދިވެ ރޫޅިގެން ދިޔައީއެވެ. އޭ! ﷲ އެވެ! އަޅަމެން ދިވެހީންނަށް އެއްވިސް ނުމެއްގައި އެއްފިކުރެއްގައި އެއްއަގީދާ އެއްގައި ދީނާއިދައުލަތް މަތިވެރިކޮށް، ބިނާކުރުމުގެ މަގުފަހިކޮށް ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page