top of page

އާސަރުކާރަށް މަރުހަބާ!

  • Writer: ilyashusein
    ilyashusein
  • Nov 2, 2009
  • 3 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ 2008 ނޮވެމްބަރ 20 ގައި.)

ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. މުޅިންއާ ސަރުކާރެކެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަބާ ދަންނަވަމެވެ. ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެއަޑިން މަރުހަބާ ދަންނަވަމެވެ. އާސަރުކާރެއްގެ ފުރަތަމަ 7 ދުވަހަކީ، ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ނާޒުކު ދުވަސްކޮޅެކެވެ. އެންމެ ޅަފަތުގެ ދުވަސްކޮޅެވެ. އަލަށް ދަރިޔަކު ލިބުމުންވެސް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އިސްލާމް ދީނުގައި އަމުރުކުރެވިފައި އެބަހުއްޓެވެ. އަދި ދިވެހިންގެ ޒަމާންވީ ސަގާފަތުގައި އަށަގަނެފައި އެބަހުއްޓެވެ. އެއީކޮންމެހެން ވެސް ކުރަންޖެހޭ ކަންތަކެވެ. ފިތުރަތެވެ. ސުންނަތެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންތަކެވެ. އެކަންތައްތައް އޭގެވަގުތުގައި ކުރެވެމުންދާތަން ނުފެނިއްޖެނަމަ، ހިތްހަމަނުޖެހޭނެ އެތައްބަޔަކު ތިބޭނެކަން ކަށަވަރެވެ. އެއީ އެކަންވާނެ ގޮތެވެ.

ފަހެ، ދަންނާށެވެ! އާވެރިންތަކެއް އޮފީސްތަކަށް އައްޔަންކޮށް ލުމަކުން ފުދުނީކަމަށް އެއްގޮތަކަށްވެސް ދެކިގެން ނުވާނެއެވެ. އެވަރަކުން ނުފުދޭނެއެވެ. ފުރަތަމަ 7 ދުވަހުގެ ތެރޭގައިވެސް ބަދަލުތަކެއް ރައްޔިތުންނަށް ދެއްކެން ޖެހޭނެއެވެ. ރައްޔިތުން ބަލައިގަންނަ ގޮތަށް ޚިދުމަތްތަކެއް ފެންނަން ޖެހޭނެއެވެ. ރައްޔިތުންގެ ބާރުއޮތް ސަރުކާރެއްކަން ވީހާއަވަހަށް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެއެވެ. ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް، ހަރަކާތަށް އަންނަތަން ފެންނަން ޖެހޭނެއެވެ. ތައުލީމީ ދާއިރާއަށް އަވަސް ބަދަލުތަކެއް ގެނެވޭތަން ފެންނަން ޖެހޭނެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ހެޔޮބަދަލުތަކެއް އަންނަތަން ފެންނަން ޖެހޭނެއެވެ. ސިވިލް ސާވިސްތެރެއިން ސިޔާސީކުލަތައް ވަގުތުން ކެނޑެން ޖެހޭނެއެވެ. އެގޮތަށް ކުރިންއެޅިފައި ހުރި ލިންކުތައް ވަގުތުން ކަނޑާލެވެން ޖެހޭނެއެވެ. ޕާޓީތަކުގެ މަސްލަހަތަށް ސިވިލް ސާވިސް ބޭނުންކުރެވިގެން އެއްގޮތަކަށްވެސް ނުވާނެއެވެ. ފަހެ، އިއްތިހާދުވެފައިވާ ޕާޓީތަކުގެ މަސްލަހަތަށް ސަރުކާރުގެ ސިޔާސީ އޮނިގަނޑު ރޭވެމުންދާއިރު، ރައްޔިތުންގެ ހައްގުގައި ފުރަތަމަ 7 ދުވަހުވެސް ކަންތައްތަކެއް ކުރެވެން ޖެހޭނެއެވެ. އެތެރޭގެ އިދާރީއޮނިގަނޑު ހަރުދަނާ ކުރެވެމުން ދާއިރު، އެކަމުގެ އަލާމާތްތައް އަވަސް ގޮތަކަށް ރައްޔިތުންނަށް ފެންނަން ޖެހޭނެއެވެ. ފަހެ، އެފަދަބައެއް ކަންތައް އަދިވެސްހުރީ އޮނިގަނޑު ރޭވުމުގެ ތެރެއަށްގޮސް ހުއްޓިފައެވެ. ފާޅުވާލެއް ލަސްވެފައެވެ. ފެންނަގޮތް ނުވެފައެވެ. ރައްޔިތުންނަށް ރައްޔިތުންގެ ވިންދާ ގުޅިފައިހުރި ބައެއްކަންތައް ދިރެން ވެއްޖެއެވެ. މިހާރުފެންނަން ފަށަން ވެއްޖެއެވެ. ރައްޔިތުންގެ ސަރުކާރެއްކަން ރައްޔިތުންނަށް އިހްސާސްކުރެވެން ފަށާތަން ފެންނަން ވެއްޖެއެވެ. ހަތްދުވަހުން އެވަރުވާން ޖެހޭނެއެވެ. ގިނަދުވަހު ރައްޔިތުން އިންތިޒާރުގައި ބަލަބަލާތިބެން ޖެހުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެއީގޯހެކެވެ. ފަހެ، ރިޔާސީ ނިޒާމެއްގައި ރައީސުލް ޖުމްހޫރިއްޔާއަށް ރައްޔިތުން ބާރުތަކެއް އަރުވާފައި އޮވެއެވެ.  އެބާރުތަކުގެ ބޭނުން ވަގުތުން ހިއްޕަވަން ޖެހޭނެއެވެ. މަޝްވަރާ ކުރައްވާށެވެ. ލަފާހޯއްދަވާ ށެވެ. ފުރިހަމަ ގޮތުގައި ނައިބާއި ނެބިނެޓުގެ ބޭނުން ހިއްޕަވާށެވެ. ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިސް ބާރެއްގެ ގޮތުގައި މުސްތަގިއްލުވެފައި އޮންނައިރު ޕާލަމެންޓްރީ ވަށްތަރަށް ކަންތައްތައް ބައްޓަން ވެގެން ދިޔަދީގެން ނުވާނެއެވެ. އެވިސްނުން މުޅިން ދޫކޮށްލައްވާށެވެ. ރިޔާސީ ވެރިކަމެއްގައި ރައީސެއްގެ ބާރުގެ ބޭނުން ހިއްޕަވާށެވެ. ހަދާނެ އެއްޗެއްނޭގިފައި މަޑުން ނުހުންނަވާށެވެ. އެންމެ މުހިންމު ވަގުތުކޮޅު ބޭކާރުކޮށް ދޫކޮށްނުލައް ވާށެވެ. މިއިން ސިކުންތަކީވެސް އަނބުރާ ހޯދޭނެ، އަދި އަނބުރާ ގެނެވޭނެ ހިނދުކޮޅެއް ނޫނެވެ.

ފަހެ، ދަންނާށެވެ! އެސްޓީއޯގެ ބޯޑުއުފެދިއްޖެއެވެ. އެސްޓީއޯގައި ކަނޑުދަތުރުކުރާ އުޅަދުފަހަރު އެބަހުއްޓެވެ. އެއްގަމު އުޅަދުފަހަރު އެބަހުއްޓެވެ. ބައިވަރު އެސެޓްތައް އެބަހުއްޓެވެ. މާލޭގައިހުރި ގުދަންތަކުގައި ބައިވަރު ކާޑުގެބާވަތްތައް ޖަމާކުރެވިފައި އެބަހުއްޓެވެ. ސަރަހައްދީ އެކިހިސާބުގައި އެސްޓީއޯގެ ގުދަންތައް ހެދިފައި ބައިވަރު އެބަހުއްޓެވެ. މުވައްޒަފުން ބައިވަރު އެބަތިއް ބެވިއެވެ. ކަމެއްނުވެގެން މިއުޅެނީ ކީއްވެގެން ތޯއެވެ. ހަމައެކަނި އުނިވެގެން މިއުޅެނީ، 7 ދުވަހުގެ ތެރޭގައި ރާވާލަންޖެހޭ ކަމެއް ރާވާނުލެވި ލަސްވާކަމެވެ. އަމިއްލަ ސިކުޑިން ރާވާނުލެވެންޏާ މަޝްވަރާ ކުރައްވާށެވެ. ތަޖުރިބާހުރި މީހުންގެ ބޭނުންހިއްޕަ ވާށެވެ. ވަގުތުދަނީއެވެ. އަތްފޯރާފަށުން އަދިއެއް ކަމެއްނުކުރެވެއެވެ. ފަހެ، ދަންނާށެވެ! ފުރަތަމަ 7 ދުވަހުގެ ތެރޭގައި ސަރަހައްދީ ގުދަންތަކުން ރައްޔިތުންނަށް އަތްފޯރާފަށުގައި ކާޑުގެބާވަތްތައް ކުރިޔަށްވުރެ ހެޔޮއަގެއްގައި ލިބޭނެގޮތް ހަމަޖެއްސެން ޖެހޭނެއެވެ. މިއީ ރައްޔިތުންގެބާރު ރައްޔިތުންގެ ސަރުކާރެއްގައި ދެމެހެއްޓުމަށް އަޅަންޖެހޭ އެންމެމުހިންމު އެއްފިޔަވަޅެވެ. ފުރަތަމަ ފިޔަވަޅެވެ.

ފަހެ، ދަންނާށެވެ! ކެންޕޭނުގައި ވެވުނު ވައުދުތަކާ އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ބައެއް ސިޔާސީކުލަ ޖެހިފައިތިބި ކުށްވެރީން، މިނިވަން ކުރެވެން ޖެހޭނެއެވެ. ގާނޫނެއް ނެތިއްޔާ ގަރާރަކުން ވެސް ރިޔާސީ ނިޒާމެއްގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ކަންތައް ހުންނާނެއެވެ. އޭގެ ތެރޭގައި ސަންދާނު އިބްރާހީމް ލުތުފީއާއި 3 ނޮވެމްބަރ އަބްދުﷲ ލުތުފީއާއި އެކިއެކި މުޒާހަރާގައި ބައިވެރި ވެގެންނާއި މުޒާހަރާތަކުގައި ބައިވެރިވުމަށް އައްޑުއަތޮޅުންނާއި ފާދިއްޕޮޅުން މާލެއައި ފަހުލަވާނުންގެ މައްސަލަތައް ވަގުތުން އަނބުރާ ގެނެވެން ޖެހޭނެއެވެ. ކަމެއްވާނީ ކުރެއްވީމައެވެ. ދައުލަތުގެ ބަންޑާރަ ނައިބަށް އެބާރު ލިބިގެންވެއެވެ. އަދި ތަހުގީގުގެ މަރުހަލާގައި އެފަދަގޮތަކަށް ތިބިމީހުން ދޫކޮށްލެވެން ޖެހޭނެއެވެ. މިދައްކަނީ ލާޖެހި ބޮޑެތި ވަގުންނާއި ކުޑަކުދިންނާބެހި ގޯނާކުރި ބޮޑެތި ކުއްވެރިންގެ ވާހަކައެއް ނޫނެވެ. ފަހެ، ދަންނާށެވެ! މިއީ ރައްޔިތުންގެބާރު ރައްޔިތުންގެ ސަރުކާރެއްގައި ދެމެހެއްޓުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެވެ. މާލޭގެ ހޮސްޕިޓަލް ތަކުންނާއި ސަރަހައްދީ ހޮސްޕިޓަލްތަކުން، ފުރަތަމަ 7 ދުވަހުތެރޭގައި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކުޑަނަމަވެސް ބަދަލުތަކެއް ފެނިގެންދާން ޖެހޭނެއެވެ. އެއީމާއުނދަގޫ ކަމެއްނޫނެވެ. ބޭނުންވަނީ ރާވާލުމެއް އެކަންޏެވެ. އަދުލް އިންސާފުގެބާރު މުސްތަގިއްލު ވެފައިވާއިރު، ހައްގުގެއްލިފައިވާ އާންމުފަރުދުންނާއި ޖަމާއަތްތަކުގެ ހައްގުހޯދުމަށް ހުށަހެޅޭ ހުރިހާމައްސަލަ ތަކެއް ވަގުތުން ބަލައިގަނެ އިންސާފުވެރި ޖަވާބެއް ދެވެން ޖެހޭނެއެވެ. އެހެންނުވާނަމަ އެކްޓިވިސްޓުންގެ މުޒާހަރާތައް ފެނިއަޑުއުފުލަން ޖެހޭނެއެވެ. މިއީ އެއިދާރާގެ މުސްތަގިއްލު ކަމުގެ ތެރޭގައި އޮތްކަމެކެވެ.

އަދި، ސަރުކާރުގެ ހައިބަތު ރައްޔިތުންގެ ހިތުގައި އިންދައިދީ އަށަގަންނުވާއި ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް 7 ދުވަހުތެރޭގައި ރައްޔިތުންނަށް ފެނިގެންދާން ޖެހޭނެއެވެ. ރައްޔިތުން ހިތްހަމަޖެހި އުފާކުރާނީ އޭރުންނެވެ. ކުރީގެރައީސް މައުމޫނަށް ދައުލަތުގެ ނިޝާން ބޭނުން ކުރެވިގެން ނުވާނެއެވެ. ވަގުތުން ހުއްޓާލަން ޖެހޭކަމެކެވެ. ރައީސް މައުމޫނަށް ކުރެވޭ ޚަރަދުތައް ދެބައިކުޅައެއްބަޔަށް، ވަގުތުން ދަށްކުރެވެން ޖެހޭނެއެވެ. ފަހެ، ދައުލަތެއްގައި ދެރައީސުންނަކަށް ނުތިބެވޭނެއެވެ. ރިޔާސީ ގަނޑުވަރު ތީމުގެ ބަލަހައްޓާ ބައެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަޝަހޫރުވެފައިވާ ނޭޕާލުގެ ގުރޫކާ ދަރިކޮޅުގެ ފޯހަށް ވީނުވީގޮތެއް ރައްޔިތުންނަށް އެނގެންޖެހެއެވެ. އެމީހުން ގެންގުޅުނީ، ކޮންބައެއްތޯއާއި މިހާރުއެމީހުންތައް ކޮބައިތޯވެސް ބަލައިލަން އެބަޖެހެއެވެ. ރައްޔިތުންގެ ހިތްހަމަޖެހުމަށެވެ. އަވަހަށް ކުރެވެންޖެހޭ ވަރަށް ގިނަކަންތައް، ފޮރުވިފައި ނުކުރެވި އެބަހުއްޓެވެ. އަނެއްކާ މާގިނައިން ރައީސް މައުމޫނާ ފޯނުން ގުޅުއްވަނީ ތޯއެވެ!!!

އަދި ވެސް ދަންނަވަމެވެ! ރައްޔިތުންގެ މަދުބަޔަކު ދިރިއުޅެމުން ގެންދާ، ފާދިއްޕޮޅު މާފިލާފުއްޓަކީ، މީހުންދިރިއުޅޭ ރަށެއްގެ ގޮތުގައި ފުރަތަމަ 7 ދުވަހުގެ ތެރޭގައި ހަމަޖެހެން ޖެހެއެވެ. މިއީ ކެންޕޭނު ތެރޭގައި ކޮއްދެއްވަން ވިދާޅުވެފައި ވާކަމެކެވެ. އެރަށުގެ ރައްޔިތުންގެ ޝުއޫރުތަކަށް ފިނިކަމެއް ވީހާއަވަހަށް ގެނެސްދޭން ޖެހެއެވެ. ރައްޔިތުންގެ ވިންދުތަކާ ގުޅިފައިހުރި، މިކަހަލަވަރަށް މުހިންމު ކުދިކުދި ކަންތައްތައް އެބަހުއްޓެވެ. މިހުރީހަތްދުވަހުގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ކަންތަކެވެ. ބޮޑެތި ފާރުގަނޑުތަކެވެ. ބޭސްއަޅާއި ފަރުވާ ނުދެވިއްޖެނަމަ، ބޮޑެތިބަލި ތަކަށް ބަދަލުވެދާނެ ކަންތަކެވެ. ރައްޔިތުންގެ ސަރުކާރެއްގައި މިފަދަ ލުއިފަރުވާތައް އަވަސްކޮށް ލިބުމަކީ، އެންމެމުހިންމު ކަންތަކެވެ. ރައްޔިތުންގެ ވިންދާގުޅިފައި ހުރި މިފަދަ ކަންތައްތަކުގައި އަވަސްފިޔަވަޅު އެޅުމަކީ، ރައްޔިތުންގެ ބާރު ރައްޔިތުންނަށް ފުލްކޮށްލިބުމަށް އޮތްމަގެވެ. ރައްޔިތުންގެ ބާރުލިބިގެންވާ ސަރުކާރަކަށް ވުމަށް މަގުފަހި ވެގެންދާނެ ކަންތަކެވެ. އެމްޑީޕީ އިއްތިހާދުގެ އާސަރުކާރަށް މަރުހަބާއެވެ! ކުރިޔަށް އޮތީއުޖާލާ ދުވަސްތަކެއްކަން ކަށަވަރެވެ. އޭ! ﷲ އެވެ! ދިވެހި ދައުލަތުގެ އާސަރުކާރަށް ހުރިހާގޮތަކުން މަގުފަހި ކޮށްދެއް ވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page