އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (އަށްވަނަބައި)
*މުސްލިމުންނާއި ޔަހޫދީންނައި ދެމެދު ހޫނުކޮށް ހިނގާނެ ހަނގުރާމައެއް:
*ފަލަސްޠީން، އާއި މުސްލިމުންނާ ހުރި ރޫޙާނީގުޅުން:
*ހާގާނާ:
*އިރްގޫން:
މުސްލިމުންނާއި ޔަހޫދީންނައި ދެމެދު ހޫނުކޮށް ހިނގާނެ ހަނގުރާމައެއް:
ދުނިޔޭގައި ހިނގި ބޮޑު ދެހަނގުރާމައަށް ފަހު، ޔޫރަޕްގެ އެހީގައި ޒައޮނިސްޓް ޔަހޫދީން އަތުލާފައިވާ ފަލަސްޠީނުގެ ބިމުގައި އުފެއްދި އިސްރާއީލީ ދައުލަތުން މުސްލިމް ޢަރަބިންނާ އެކު ކުރި ފުރަތަމަ ހަނގުރާމަ ރަސްމީކޮށް ކުރެވުނީ، 15 މެއި 1948 މ. އިން ފެށިގެން، 10 މާޗް 1949 މ. އައި ހަމައަށެވެ.
މިއީ އަރަބިންނާއި އިސްރާއިލާ އެކު ކުރެވުނު ފުރަތަމަ ހަނގުރާމަ، 1948 Arab-Isareli War އެވެ. އިސްރާއީލުގެ ފަރާތުން މިހަނގުރާމަ ކުރީ ފަލަސްތީނުގައި އިސްރާއީލުން އުފައްދާފައި އޮތް އިސްރާއީލުގެ ޓެރަރިސްޓު ޖަމާޢަތްތަކުންނެވެ. އެ ޖަމާޢަތްތަކަކީ، ހައްގާނަ އާއި އިރްގޫން އާއި ލެހި މިފަދަ ޖަމާޢަތްތަކެވެ. އަދި ހައްގާނާ ޖަމާޢަތުގައި ހިމެނޭ ކުދި ގުރޫޕުތަކެވެ.
މި ހަނގުރާމައިގައި އިސްރާއީލީ ޑިފެންސް ފޯސް (އައި ޑީ އެފް) އައި ކުރިމަތިލީ، ޢަރަބި ލީގް (LEAGUE OF ARAB STATES) އާއި ޖައިޝުލް ޖިހާދުލް މުޤައްދަސް “جيش الجهاد المقدس” (HOLY WAR ARMY) އާއި ޖައިޝުލް އިންޤާޒުލް ޢަރަބި “جيش الإنقاذ العرب” (ARAB LIBERATION ARMY) އާއި ބްރަދަރހުޑް (MUSLIM BROTHERHOOD) ގެ ޢަސްކަރީ މުސްލިމުންނެވެ. އަދި ޔަމަންގެ ޢަސްކަރީންނާއި ޕާކިސްތާނުގެ ޢަސްކަރީންނާއި ސޫދާންގެ ޢަސްކަރީން ވެސް ބައިވެރިވި އެވެ.
ޖައިޝުލް ޖިހާދުލް މުޤައްދިސްގެ ލީޑަރަކީ، ޢަބްދުލް ޤާދިރު އަލްޙުސައިނީ، عبد القادر الحسيني، Abdul Qadir al-Husayni 1907 - 1948 އެވެ.

އަލްޙުސައިނީ އައި އެކު، ލީޑަރެއްގެ ގޮތުން، ޙަސަން ސަލާމާ (HASAN SALAMA, 1912 – 1948) ވެސް ބައިވެރިވެ ވަޑައިގަތެވެ. މިދެބޭފުޅުންނަކީ، ފަލަސްޠީނުގެ ވަރަށް ހަނގުރާމަވެރި ވަރުގަދަ ޢާއިލާއަކުން ވަޑައިގެން ތިއްބެވި އެބިމުގެ ދަރީންނެވެ.

ފަލަސްޠީން ޔަހޫދީންގެ އަތުން މިނިވަން ކުރުމަށް ނުކުންނެވި މުޖާހިދުންގެ ތެރެއިން ގުނާލެވޭ ދެބޭފުޅުންނެވެ. އެރަބް ލިބަރޭޝަން އާރމީގެ ލީޑަރަކަށް ހުންނެވީ، ފައުޒީ އަލްޤާވަޤްޖީ، فوزي القاوقجي (FAWZI al-QAWUGJI) އެވެ. މިޖަމާޢަތްތަކަކީ، 1947 އިން ފެށިގެން، 1949 މ. އައި ދެމެދު ފަލަސްޠީން ތެރޭގައި ޙަރަކާތްތެރިވި މުޖާހިދުންގެ ލަޝްކަރުތަކުގެ ޤާޢިދުންނެވެ. ހަނގުރާމަވެރި މުޖާހިދުންގެ ޤާޢިދުންނެވެ. ޖެނެރަލުންނެވެ. ޤައުމީ ބަޠޮލުންނެވެ.

ފަހެ، މި ހަނގުރާމަ، 9 (ނުވައެއް) މަހާއި، 3 (ތިނެއް) ހަފްތާ އާއި، 2 (ދޭއް) ދުވަސް ވަންދެން ހޫނުކޮށް ކުރެވުނެވެ. ކާމިޔާބު ހޯދީ، އިސްރާއީލީ ދައުލަތުގެ ޢަސްކަރީންނެވެ.
އާދެ! ދެވަނަ ޢަރަބި އިސްރާއީލު ހަނގުރާމަ ރަސްމީކޮށް ފެށުނީ، 29 އޮކްޓޯބަރ 1956 މ. ގައެވެ. ހޫނުކޮށް ހިނގީ، 7 ނޮވެންބަރ 1956 މ. އައި ހަމައަށެވެ. އެއް ހަފްތާއާއި ދެދުވަހަށެވެ. އެހެނަސް މާޗް 1957 މ. އައި ހަމައަށް ދެމިގެން ދިޔައެވެ. މިޞްރުގެ ސީނާ ސަރަޙައްދުން އިސްރާއީލު ޢަސްކަރީން ފޭބީ މިދުވަހުއެވެ. މިހަނގުރާމަ ހިންގީ، ޣައްޒާ (GAZA STRIP) އާއި ސީނާ އާއި ސުވޭޒްކަނަލް ސަރަޙައްދުގައެވެ.
މި ހަނގުރާމަ މަޝްހޫރުވެފައި ވަނީ، ސުވޭޒް ކަނަލް ހަމަނުޖެހުން (SUEZ CRISIS) ނުވަތަ ޢަރަބިން ނަމަ، އަލްޢުދްވާނުލް ޘުލާޘީ، “العدوان الثلاثي” (THE TRIPARTITE AGGRESSION) ގެ ނަމުންނެވެ. ލީޑަރުންނަކީ، މިޞްރުން، ޖަމާލް ޢަބްދުލްނާޞިރެވެ. އިސްރާއީލުން، ޑޭވިޑް ބެން ގޯރިއޮން، އިސްރާއީލުގެ ފުރަތަމަ ބޮޑު ވަޒީރެވެ. އޭރު އައި ޑީ އެފްގެ ޗީފް އަކީ މޫސާ ދައްޔާނެވެ.

މިހަނގުރާމައިގެ ނަތީޖާއަކީ، ސިޔާސީގޮތުން މިޞްރުން ކާމިޔާބީތަކެއް ހޯދުމެވެ. އަދި ވާހަކަތަކަށް ފަހު، ސީނާއިން އިސްރާއީލު ޢަސްކަރީން މާޗް 1957 މ. ގައި ފޭބުމެވެ. އަދި އިސްރާއީލާއި ޔޫކޭއާއި ފްރާންސް އައި އެކު މިޞްރުން ސިއްރިއްޔާތުގައި ވާހަކަތައް ފެށުމެވެ.
އާދެ! ތިންވަނަ ޢަރަބި އިސްރާއީލު ހަނގުރާމައަކީ، 1967 މ. ގައި ކުރެވުނު މަޝްހޫރު ހަތް ދުވަހުގެ ހަނގުރާމަ (SIX DAY WAR) އެވެ. މި ހަނގުރާމަ ކުރެވުނީ، 1967 ޖޫން، 5 އިން ފެށިގެން، 10 ޖޫން އަށެވެ. މިއީ، މިޞްރާއި މިޞްރުގެ އިއްތިޙާދުގައި ހިމެނޭ، ޖޯރޑަންއާއި ސޫރިޔާ އައި އެކު، އިސްރާއީލީ ދައުލަތުން ކުރި ހަނގުރާމައެކެވެ. ލީޑަރުންނަކީ، މިޞްރުން ޖަމާލް ޢަބްދުލްނާޞިރާއި އިސްރާއީލުން އޭރުގެ ޑިފެންސް މިނިސްޓަރ މޫސާދައްޔާން (MOSHE DAYAN, 20 May 1915 – 16 Oct 1987) އެވެ.

މޫސާ ދައްޔާން ދިފާޢީ އޮފީހުގައި ރަސްމީކޮށް އިންނެވީ، 5 ޖޫން 1967 އިން ފެށިގެން، 3 ޖޫން 1974 މ. އައި ހަމައަށެވެ. ނަތީޖާއަކީ، އައި ޑީ އެފްގެ ޢަސްކަރީން ކާމިޔާބު ހޯދުމެވެ. އަދި ޢަރަބީންގެ ބޮޑެތި ތިން ދައުލަތް ކަމުގައިވާ، މިޞްރާއި ސޫރިޔާއާއި ޖޯރޑުން އަށް ޔަހޫދީ ޒައޮނިސްޓުން ވަރުގަދަ ޙަމަލާތަކެއް ދިނުމެވެ.
މިހަނގުރާމައިގައި، އަލްޟިއްފަތުލް ޣަރްބިއްޔާ (WEST BANK) އާއި ޣައްޒާއާއި ސޫރިޔާއިން ބަޔަކާއި މިޞްރުގެ ސީނާ، ޒައޮނިސްޓުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. މިޙާދިޘާ ވެގެންދިޔައީ ހުރިހާ މުސްލިމުންނަށް ލިބިގެން ދިޔަ ދެރައަކަށެވެ. ހިތާމައަކަށެވެ.
ޢަރަބި އިސްރާއީލު ހަތަރު ވަނަ ހަނގުރާމައަކީ، 1973 މ. ގައި ކުރެވުނު މަޝްހޫރު “އޮކްޓޯބަރ ހަނގުރާމަ” އެވެ. މި ހަނގުރާމަ މަޝްހޫރުވެފައި ވަނީ، 1973 ގެ ޢަރަބި އިސްރާއީލު ހަނގުރާމައިގެ ނަމުންނެވެ. މިއީ، މިޞްރު ޢަރަބި އިއްތިޙާދުގެ ޤައުމުތަކައި އެކު އިސްރާއީލުން ކުރި ހަނގުރާމައެކެވެ. ހަނގުރާމަ ކުރެވުނީ، 6 އިން ފެށިގެން، 25 އޮކްޓޯބަރ 1973 މ. އައި ހަމައަށެވެ. ޢަސްކަރީ ގޮތުން ކާމިޔާބު ހޯދީ އިސްރާއީލުން ނެވެ. ސިޔާސީ ގޮތުން ދެފަރާތަށް ވެސް ފައިދާތަކެއް ވެގެންދިޔަ އެވެ.
ލީޑަރުންނަށް ތިއްބެވީ، މިޞްރުން، މުޙައްމަދު އަންވަރުއް ސާދާތް އާއި ޙާފިޒް އަލްއަސަދު އެވެ. އިސްރާއީލު ފަޅިން ތިއްބެވީ، ބޮޑުވަޒީރު ގޯލްޑަމައިރް (GOLDA MEIR, 3 May 1898 – 8 Dec 1978) އެވެ. އެއީ އިސްރާއީލީ ދައުލަތުގެ ހަތަރުވަނަ ބޮޑުވަޒީރެވެ. ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 17 މާޗް 1969 އިން ފެށިގެން، 2 ޖޫން 1974 މ. އައި ހަމައަށެވެ.

މި ހަނގުރާމައިގައި ވެސް ޑިފެންސް މިނިސްޓަރ އަކީ މޫސާ ދައްޔާނެވެ. މި ހަނގުރާމައިގެ ސިޔާސީ ކާމިޔާބުގެ ތެރެއިން ކޭންޕްޑޭވިޑް އެއްބަސްވުން (CAMP DAVID ACCORDS) އެއްބަސްވުން ހިމެނިގެން ދިޔައެވެ. މި އެއްބަސް ވުމުގައި މިޞްރާއި އިސްރާއީލުންނާއި އެމެރިކާއިން ސޮއިކުރީ، 17 ސެޕްޓެމްބަރ 1978 މ. ގައެވެ.
އާދެ! އެއަށް ފަހު، 1989 މ. އައި ހަމައަށް ފަލަސްޠީން އޮތީ އެއޮތް ގޮތަށެވެ. ރަސްމީކޮށް ހަނގުރާމަތައް ހުއްޓިފައި އޮތަސް ފިނިކޮށް ހަނގުރާމަ ހިންގައި ޢަރަބި މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ ގެދޮރުންނެރެ ބޭރުކޮށްލުމާއި މަރާލުން ފަދަ ކަންކަން ބަރާބަރަށް ހިންގަމުން ގެންދެއެވެ. ފިނި ހަނގުރާމަތައް ވެސް ހިނގަމުން ދެއެވެ. ފަލަސްޠީނުގެ އެތެރެ އިންތިހާއަށް ޢަރަބިންނައި މުސްލިމުންނަށް ނާމާނެވެ. ޖުލައި 5، 1967 މ. ދުވަހު އިސްރާއިލީ އެއަރފޯރސްގެ ވެރިޔާ ދިން ނޫސްބަޔާނެއްގައި ފަޚުރުވެރި ވަމުން ބުނެފައިވެއެވެ.
”ސޯޅަ އަހަރުވަންދެން، އަހުރެމެން ތިބީ، އިސްރާއީލު ހަނގުރާމަމަތީ މަތިންދާބޯޓުތަކުން، މިދިން އަށް މިނެޓްގެ ޙަމަލާގެ ފަހަތުގައި އިންތިޒާރުކޮށް ކޮށެވެ. އަހުރެމެންގެ ރޭވުންތައް ކާމިޔާބުކޮށް، ދިރުވިއްޖެއެވެ. ހަމަ އެފަދައިން އަދިވެސް އަހުރެމެންގެ ރޭވުންތައް ދެމި ހުންނާނެއެވެ.”
ފަހެ، އޭގެ ހެކިތައް މިއަދައި ހަމައަށް ދެމިގެން އެބައާދެއެވެ. ފެންނަމުން އެބަދެއެވެ. ދުވަހުންދުވަހަށްއިސްރާއީލު އެގެންދަނީ ބޮޑުކުރަމުންނެވެ. ބައްލަވާށެވެ! ނޭނގި ތިއްބައި، ޢިރާޤްގައި ޞައްދާމް ޙުސައިން، ފްރާންސައި ގުޅިގެން، 1976 މ. ގައި އޮސިރާކް ރިއެކްޓަރ (OSIRAK REACTOR) ގެ ނަމުގައި ތަރައްޤީ ކުރައްވަމުން ގެންދެވި، ނިއުކްލިއަރ މަރްކަޒަށް ބޮންއަޅައި އެމަރްކަޒު ބިމައި ހަމަކޮށްލީ ޔަހޫދީންނެވެ.
އިސްރާއީލީ ދައުލަތުން މިޙަމަލާރާވައި ތަންފީޒުކުރީ، ހަވަނަ ބޮޑުވަޒީރު، މިނޭހިމް ބައިގިން (MENACHEM BEGIN, 16 Aug 1913 – 9 March 1992) ގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާ އޮފީހުގައި ރަސްމީކޮށް އިންނެވީ، 21 ޖޫން 1977 އިން ފެށިގެން، 10 އޮކްޓޯބަރ 1983 މ. އައި ހަމަ އަށެވެ.

މިޙަމަލާ ކާމިޔާބުކަމައި އެކު ތަންފީޒުކުރީ، އާދީއްތަ ދުވަހެއްގެ މެންދުރުފަހު ތިނެއްގެ ފަހުންނެވެ. އަދި ބޮންއެޅުމަށް ގަޑި ކަނޑައެޅީ ރޭގަނޑު ޝިފްޓަށް މީހުން ބަދަލުވާ ގަޑިއައި ދިމާކޮށެވެ. އެޙަމަލާ ތަންފީޒުލުރުމަށް ތިބި މީހުން ފަހުން ބަޔާން ދީފައިވާ ގޮތުގައި މިގޮތަށް އެކަން ހިންގީ، އެތާތިބި ފްރާންސްގެ ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިއުން މަދު ކުރެވޭތޯއެވެ. މިޙަމަލާ ތަންފީޒުކުރީ، 7 ޖޫން 1981 މ. ދުވަހު މެންދުރު ފަހުން ފެށިގެންއެވެ. އިސްރާއީލު ޢަސްކަރިއްޔާގެ އެފް ސޯޅައިގެ، 8 (އަށެން) މަތިންދާ ބޯޓުފަހަރުގައެވެ.
އެފް ފަނަރައިގެ ބައެއް ބޯޓު ފަހަރު ވެސް މީގެ ތެރޭގައި ބޮން އެޅި ބޯޓުފަހަރުގެ ޙިމާޔަތުގައި ދަތުރު ކުރިއެވެ. އިސްރާއީލު ބޯޑަރައި ހަސަތޭކަ މޭލު ދުރުގައި ބަޣްދާދު ރަށުބޭރުގައި ގައިމު ކުރެވިފައިވާ މިމަރްކަޒު ފުނޑާލުމަށް އެހާދުރަށް މިފަދަ ބޯޓުގައި ތައްޔާރީ ޙާލަތުގައި އުދުހުނު މިއީ ފުރަތަމަ ފަހަރެވެ. ބޯޓުގައި ތިޔޮ ރައްކާކުރުމަށް އިތުރު ޓޭންކުތައް ފިޔަގަނޑު ދަށުގައި ހަދަންޖެހުނެވެ. އެހެނަސް އެތައް ތަޖްރިބާތަކަކަށް ފަހު، މި އޮޕަރޭޝަން “އޮޕަރޭޝަން އޮޕެރާ (OPERATION OPERA) ތަންފީޒުކޮށް ނިންމާލީ ވަރަށް ފުރިހަމަ ކާމިޔާބައި އެކުގައެވެ. ދުޝްމަނުނަށް އެއްވެސް އިޝާރާތެއް ނެތިއެވެ.
އަދި ދެކޮޅުވެރި ޢަރަބި ތިން ޤައުމު މަތިން އުދުހެން ޖެހުނެވެ. ޖޯރޑުން އާއި ސަޢޫދިޔާއާއި ޢިރާޤު މަތިންނެވެ. އެއީ އީރާން ޢިރާޤް ހަނގުރާމަ ދުވަސް ވަރަށް ވާތީ، އީރާނުގެ ބޮޑުބަޑިތައް ތައްޔާރީ ޙާލަތުގައި ޕައިލެޓުންނަށް ފެންނަން ހުރި ދުވަހެއްގައެވެ. ޢަރަބީންނައި ދެކޮޅަށް މިފާޑުގެ ޙަމަލާތައް ރާވައި ތަންފީޒު ކުރުމަކީ، އިސްރާއީލީ ދައުލަތުގެ އެންމެމަތީ މަޤްޞަދެވެ. ފަލަސްޠީނު ތެރޭގައި މެދުކެނޑުމެއް ނެތި ބިންމަތީ ޙަމަލާތައް ދިޔައީ ދެމުންނެވެ. ފާހަގަ ކުރެވޭވަރުގެ ޙާދިޘާތަކެއް ވަނީ ފެނިފައެވެ.
އާދެ! އޭރުވެސް އަދި މިހާރުވެސް އެމެރިކާ އާއި ރަޝިޔާއިން އިސްރާއީލު މީހުންނަށް، ހުރިހާ ގޮތަކުން ވެސް މަދަދާއި އެހީވަމުންދެ އެވެ. ހަމަ އެހެންމެ، މުނައްޒަމަތުލް ތަޙްރީރުލް ފަލަސްޠީނިއްޔާ “منظمة التحريرالفلسطينية” (PALESTINE LIBERATION ORGANIZATION {PLO}) ޕީއެލްއޯ އަށް ޢަރަބި ޤައުމުތަކުން މަދަދުދީ އެހީތެރިވަމުން ދާލެއް ކުޑައެއް ނޫނެވެ. މިޖަމާޢަތް، (ޕީއެލްއޯ) ބިންގާ އެޅުނީ، 28 މެއި 1964 މ. ގައެވެ.
މައިމަރުކަޒު ހުންނަނީ، ވެސްޓުބޭންކާއި ރާމަﷲ ގައެވެ. ފުރަތަމަ ޗެއަރމަން އަކީ، އަޙްމަދު އަލްޝުޤައިރީ (AHMED al-SHUKEIRI, 1 Jan 1908 – 26 Feb 1980) އެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 1964 އިން ފެށިގެން، 1967 މ. އައި ހަމައަށެވެ. ދެވަނަ ޗެއަރމަން އަކީ، ޔަޙްޔާ ޙަމޫދާ (YAHYA HAMMUDEH, 1908 – 2006) އެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 24 ޑިސެންބަރ 1967 އިން ފެށިގެން، 2 ފެބްރުއަރީ 1969 މ. އައި ހަމައަށެވެ.
ތިންވަނަ ޗެއަރމަން އަކީ، އަބޫ ޢަންމާރު ޔާސިރު ޢަރަފާތް (YASSER ARAFAT, 24 Aug 1929 – 11 Nov 2004) އެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 4 ފެބްރުއަރީ 1969 އިން ފެށިގެން، 29 އޮކްޓޯބަރ 2004 މ. އައި ހަމައަށެވެ. އަދި މިދުވަހުން ފެށިގެން، ވަގުތީ (އެކްޓިން) ޗެއަރމަން އަކަށް އިސްވީ މަޙްމުދު ޢައްބާސް އެވެ. ދާއިމީ ވެގެން ދިޔައީ ޔާސިރު ޢަރަފާތު އަވަހާރަ ވުމުންނެވެ.
ފަހެ، ޔާސިރު ޢަރަފާތަކީ، ފަލަސްޠީނުގެ ޤައުމީ އިދާރާ (PALESTINIAN NATIONAL AUTHORITY) ގެ ފުރަތަމަ ރައީސެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 5 ޖުލައި 1994 އިން ފެށިގެން، 11 ނޮވެންބަރ 2004 މ. އައި ހަމައަށެވެ. ޔާސިރު ޢަރަފާތު އަވަހާރަ ވުމުން، 11 ނޮވެންބަރ 2004 މ. އިން ފެށިގެން، ފަލަސްޠީނުގެ ޤައުމީ އިދާރާގެ ވެރިއަކީ، މަޙްމޫދު ޢައްބާސް އެވެ.
ފަލަސްޠީނުގެ ކަންކަން މިހެން އޮތްއިރު، ޢަރަބިންނާއި މުސްލިމުންގެ ހާލަކީ ކޮބައި ތޯއެވެ؟ ހަމަ މިތިބިގޮތަށް ލޯމަރާލައިގެން ތިބެންވީ ތޯއެވެ؟ ނުވަތަ ތެދުވެ ފަލަސްޠީނުގެ ކަންކަމައި ވިސްނައި އެކަމަށް ޙައްލެއް ގެނައުމަށް ކުރެވެންހުރި މަސައްކަތް ފަށަން ވެއްޖެ ނޫން ތޯއެވެ! މިހަނގުރާމަ ކާމިޔާބުކުރަން ތިބިބަޔަކީ މުސްލިމުންނެވެ. އިސްލާމީ އުންމަތެވެ. ހުރިހައި މުސްލިމުން އެކައްޗެއް ކިޔޭތޯ ބަލަންވެއްޖެއެވެ.
ފަހެ، ދަންނާށެވެ! ކާފަރުންނަކީ، އެއް މިއްލަތެއްކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވާށެވެ. ޚާއްޞަކޮށް ސިޔާސީ މައިދާނުގައި އެވެރިންގެ މިއްލަތަކީ، އިސްލާމުންނައި އިދިކޮޅަށް ބައިބައިވެ ބެހިގެންދާނެ މިއްލަތެއް ނޫނެވެ. މުސްލިމުންނައި ދެކޮޅުވާންވީމައި ތިބޭނީ އެކަތިގަނޑަކަށް ވެގެންނެވެ. ރަޝިޔަނުން ނަށް ވިޔަސް އެމެރިކާނުން ނަށް ވިޔަސް ޗައިނީޒުން ނަށް ވިޔަސް ފަރަންސޭސީން ނަށް ވިޔަސް އަދި އިނގިރޭސިން ނަށް ވިޔަސް އެމީހުންވާނީ ހަމަ އެކައްޗަކަށެވެ. އެއީ އެއް މިއްލަތެކެވެ. ފަރަންޖީ މިއްލަތެވެ. އެއް އުންމަތެކެވެ.
މުސްލިމުންނަކީ އަނެއް މިއްލަތެވެ. ބިޔަ އުންމަތެކެވެ. ޙަޤީޤީ ހަނގުރާމަ މިއުޅެނީ، މި ދެމިއްލަތުގެ ދެމެދުގައެވެ. ފަހެ، މިހާރަށް ބައްލަވާށެވެ! ފަލަސްޠީނުގެ ބޮޑު ބައެއް މިހާރު ވަނީ، ޔަހޫދީންގެ އަތްދަށުގައެވެ. މުސްލިމުންގެ ދެޤިބްލައިން ކުރެ ފުރަތަމަ ޤިބްލަ، ނުވަތަ ތިންވަނަ ޙަރަމްފުޅު މިހާރުވަނީ، ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކޮންޓްރޯލް ކުރަނީ އެބައި މީހުންނެވެ. ކުރާނީ ކީއްތޯއެވެ؟! ހަދާނީ ކިހިނެތްތޯއެވެ؟! މުސްލިމުންނަށް ދިމާވާނެ އެންމެބޮޑު ހިތާމަ މިހާރު މިވަނީ ދިމާވެފައެވެ.
ފަހެ، މުސްލިމުންނަކީ އެއް އުންމަތެއްގެ އެއް ދީނެއްގެ ބައެކެވެ. ދުނިޔޭގެ އެތަން މިތަނުގައި މުސްލިމުން ބެހި، ވިއްސިވިހާލި ވެފައި ތިއްބަސް މުސްލިމުން ވާން ޖެހޭނީ ފުރިހަމަ އިސްލާމުންނަށެވެ. އެމީހުންގެ ޢަޤީދާ ވާންޖެހޭނީ، އެއް ޢަޤީދާ އަކަށެވެ. ވަޙްދަތު އަބަދުވެސް ހިފާއްޓަން ވާނެއެވެ. މުސްލިމުންގެ ތެރެއިން އެކަކަށް އަނިޔާއެއް ނުވަތަ ހާނިކައެއް ވެއްޖެނަމަ، އެކަން އެވަނީ އެންމެންނަށް ކަމުގައި ބަލަންޖެހޭނެ އެވެ. މުސްލިމް އެންމެންނަށް ވާތަދެއް ކަމުގައި ބަލަން ޖެހޭނެއެވެ.
ފަހެ، އެ އަނިޔާގެ ތަދަށް ފަރުވާ ދިނުމަކީ، ހުރިހާ މުސްލިމުންގެ ކަމަކަށް ވާންޖެހޭނެއެވެ. ފަހެ، މިހާރު ހިނގަމުން މިދާ ޤަތުލްތަކަށް ބަލައިލަމާ ތޯއެވެ؟ ފަލަސްޠީނުގައި ޤަތުލްވެ ހަލާކުވެގެން އެދާ މުސްލިމުންނަކީ، ކޮންބައެއްތޯއެވެ؟ ފަހެ، އެބައި މީހުންނީ ހަމަ އަޅުގަނޑުމެން ކަހަލަ މުސްލިމުންނެވެ. ވަކި އެހެން ދީނެއްގެ ބައެއް ނޫނެވެ. އަދި އެހެން މާމަތީ ދަރަޖައެއްގެ ބައެއް ވެސް ނޫނެވެ.
ޔަހޫދީން އެމީހުން ޤަތުލްކޮށް ހަލަކުކޮށް ސުންނާފަތި ކުރަމުން ދާއިރު، އެމީހުންގެ އަތުގައި ވަނީ، ހަމަ އެކަނި އީމާން ކަމުގެ ހަތިޔާރެވެ. އަޅުކަމުގެ ހަތިޔާރެވެ. މާތް މަތިވެރި އަޚްލާޤުގެ ހަތިޔާރެވެ. މިދެންނެވި ހަތިޔާރު އެމީހުންގެ ހަށިގަނޑުގައިވާ ލެއައި އެކުވެފައި ނެތްނަމަ، މިއަދުގެ ކުރިއަރާފައިވާ ސްޓްރެޓެޖިކް ހަތިޔާރުތަކުގެ ކުރިމައްޗަށް ނުކުމެ ތިބެ މޭދިއްކޮށް، ﷲ އަކްބަރުގެ އަޑު އުފުލަން ކެރުނީސް ތޯއެވެ؟ ޝަހީދުވެ އެދަނީ ކިތައް މުސްލިމުންތޯއެވެ؟
މިމަޒްމޫނު ވިދާޅުވާ ކޮންމެ ދަރިވަރަކު، ނުވަތަ ކޮންމެ ބޭފުޅަކު، މިކަމާ މެދު ވަޤުތުކޮޅެއް ހުސް ކުރައްވައިގެން ވިސްނައި ވަޑައިގަންނަވަން ވެއްޖެކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑު މެން މުސްލިމުންނަށް މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި ރުޖޫޢަވާން އޮތީ، ﷲ އަށާއި މުޙައްމަދުގެފާނު ގެނެސްދެއްވި ސުންނަތެވެ. ދެވަނަ އެހެން އެއްޗެއް ނެތެވެ. ކުރީގެ ހަނގުރާމަތައް ކޮށް ހަދައިފައި ވަނީ ވެސް، މުސްލިމުންނެވެ. އިސްލާމީ އުންމަތުންނެވެ. ﷲ އަށާއި މުޙައްމަދުގެފާނުގެ ސުންނަތަށް ތަބާވެގެން ތިބި މުސްލިމުންނެވެ.
ބަދުރު ހަނގުރާމަ އާއި އެހެނިހެން ހަނގުރާމަތައް ވެސް ކުރީ ހަމަ މުސްލިމުންނެވެ. އިސްލާމީ އުންމަތަށް އެންމެހައި ނަޞްރުތަކާއި ފަތަޙަތައް ހޯއްދަވައި ދެއްވީ ވެސް ހަމަ މުސްލިމުންނެވެ. ޢުމަރުގެފާނުގެ ފަތަޙަތަކާއި ޞަލާޙުއްދީނު ކުރެއްވި ފަތަޙަތަކަށް ނަޒަރު ކުރައްވާށެވެ. ފަހެ، މި މުސްލިމުންނަކީ، މަލާއިކަތުންފަދަ ނޫރުންނެއް ނޫނެވެ. ހަމަ އަޅުގަނޑުމެން ކަހަލަ ބަޝަރުންނެވެ.
އެހިނދު ސުވާލަކީ، މިއަދު އަޅުގަނޑު މެންނަށް އެފަދަ އާރަކާއި ބާރެއް ނުލިބިގެން މިއުޅެނީ ކީއްވެގެން ބާވައެވެ!! ފަހެ، ދަންނާށެވެ! އެބާރަކީ އީމާންތެރި ކަމުގެ ބާރެވެ. އަދި އެބާރަކީކޮންމެ ޒަމާނެއްގެ މުސްލިމުން ކަމުގައި ވިޔަސް ލިބިގަނެވެން އޮތް ބާރެކެވެ. އީމާންތެރިކަން ވަރުގަދަކޮށް އިސްލާމީ އަޚްލާޤުގެ މަތިވެރި ފޭރާމުން ޒީނަތްތެރިވާން ވީއެވެ. އޭރުން އެބާރު އިއާދަވާނެކަން ކަށަވަރެވެ.
ޔަހޫދީން ބަލިކުރެވެން އަންނަނީ އެބާރު އަނބުރާ މުސްލިމުންނަށް ލިބިގަނެވި ގެންނެވެ. ހޯދައިގެންނެވެ. މުސްލިމުންނަށް އީމާންތެރިކަން ގަދަކުރެވުމުން އެބާރު ލިބޭނެކަމުގެ ހެއްކަކަށް އަލްއިމާމް މުސްލިމް ރިވާ ކުރައްވާފައިވާ، މި ޙަދީޘްފުޅު ފުދެއެވެ.
عن أبي هريرة رضي الله عنه عن النبي صل الله عليه وسلم أنه قال: {لاتقوم الساعة حتي يقاتل المسلمون اليهود فيقتلهم المسلمون حتي يختبئ اليهودي وراء الحجر والشجر فيقول الحجر والشجر يا مسلم يا عبدالله هاذا يهودي خلفى تعال فاقتله إلا الغرقد فإنه من شجراليهود}
މާނައީ، “ޔަހޫދީންނާއި މުސްލިމުން ހަނގުރާމަ ނުކުރަނީސް ޤިޔާމަތެއް ނުވާނެއެވެ. އަދި ޔަހޫދީން ގަސްގަހައި ގެއްސާއި ހިލަހިލައިގެ ބިއްދަށަށް ވަދެ ބޮނދައި ފިލައިފުމަށް ދާންދެން މުސްލިމުން އެބައި މީހުންނައި ހަނގުރާމަ ކުރާނެއެވެ. ފަހެ، އެހިނދު އެގަހާއި އެހިލަ ބުނާނެއެވެ. އޭ! މުސްލިމް މީހާއެވެ! އޭ! ﷲގެ އަޅާއެވެ! މަގޭ ބިއްދަށުގައި ބޮނދައި މިއޮތީ ޔަހޫދީއެކެވެ. އަވަހަށް އައިސް ޤަތުލްކޮށް ލާށެވެ. ފަހެ، މިހެން ނުބުނާނީ ހަމައެކަނި ޣަރްޤަދު ގަހެވެ. އެހެނީ އެގަހަކީ، ޔަހޫދީ ގަހަކަށް ވާތީއެވެ.”
މުޙައްމަދުގެފާނުގެ މިތެދުބަސްފުޅުން އިސްލާމީ އުންމަތަށް ލިބިފައި އެވަނީ، ވަރަށް މަތިވެރި އަދި އުފާވެރި ޚަބަރެކެވެ. މިއިން އެގިގެންދަނީ، ޙައްޤާއި ތެދު ގޮތުގައި ސީދާތެދު ޢަޤީދާގެ މަތީގައި ދެމި ތިބި، މުސްލިމް މުޖާހިދުންނަށް އެފަދަ ނަޞްރު ދެއްވާނެ ކަމެވެ. އެފަދަ ފައިސަލާ ކުރުވަނި ބޮޑު ހަނގުރާމައެއް ދުނިޔޭގައި ހިންގާނެކަމެވެ!
ފަހެ، އެބައަކީ ބިމުގައި ބޮޑާކަމާއި ފަޚުރުހޯދުމަށް ނޫޅޭ، އަދި ބިމުގައި ފަސާދަކޮށް ނޫޅޭ ބައަކު ކަމުގައި ވާނެއެވެ. ތެދުވެރި އީމާންތެރި ބައަކު ކަމުގައި ވާނެކަމެވެ. އަމިއްލަ އެދުމަށްވުރެ ޖަމާޢަތުގެ އެދުން އިސްކުރާނެ ބައަކު ކަމުގައި ވާނެކަމެވެ. އަދި ވެސް މިއިން އެނގެނީ، ޔަހޫދީންނާއި އިސްލާމުން ނައި ދޭތެރޭގައި ވަރަށް ހޫނުކޮށް ވަރުގަދަ ހަނގުރާމައެއް ހިނގާނެ ކަމެވެ. އަދި އީސާގެފާނު ދުނިޔެއަށް ވަޑައިގެން އެ އަނިޔާވެރި ޔަހޫދީން ނެތިކޮށް ބަލިކުރައްވާނެ ކަމެވެ.
ފަހެ، މިހަނގުރާމަ ވެގެންދާނީ، ޙައްޤާއި ބާޠިލް ވަކިވާނެ ހަނގުރާމަ އަކަށް ކަން ކަށަވަރެވެ. ދުނިޔެ ނިމުމުގެ ކުރިން މިއި ހިނގާނެ ހަނގުރާމައެއްކަން ޔަޤީނެވެ. އަދި މިހަނގުރާމައިގައި، ﷲގެ ސިފައިން، ޝައިޠާނާގެ ސިފައިންގެ މައްޗަށް ގަދަވާނެކަން، ޤުރްއާނުގެ މިއާޔަތުން ޔަޤީންކޮށް ދެއެވެ. ޞާއްފާތު ސޫރަތުގެ، 173 ވަނަ އާޔަތް ބައްލަވާށެވެ!
وَإِنَّ جُندَنَا لَهُمُ الْغَالِبُونَ ﴿١٧٣﴾
މާނައީ، "ގަދަވާނޭ ބަޔަކީ، ތިމަން ﷲގެ ލަޝްކަރުކަން ކަށަވަރެވެ."
އަދިވެސް ﷲ ވަޙީކުރެއްވިއެވެ. ރޫމް ސޫރަތުގެ، 47 ވަނަ އާޔަތް ބައްލަވާށެވެ!
وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ ﴿٤٧﴾
މާނައީ، “އަދި އީމާންވި މީހުންނަށް ނަޞްރާއި ވާގި ދެއްވުން ތިމަން، ﷲގެ މައްޗަށް ޙައްޤެއް ކަމުގައި ވިއެވެ.”
އަދިވެސް މިޙަދީޘްފުޅުންނާއި އާޔަތްތަކުން އެނގޭ މުހިއްމު އެއްވާހާކަ އަކީ، މިހާރު ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ އަދި ނިމޭކަށް ނެތްކަމެވެ. ދިގުލާނެކަމެވެ. މަސީހުއްދައްޖާލުގެ ވެރިކަން ވީހާ އަވަހަށް އިސްރާއީލުގައި ގެނައުމަށް ޔަހޫދީންނަށް ކުރެވުނު ހުރިހާކަމެއް ނުރާނެއެވެ. މުސްލިމުންގެ އީމާންތެރިކަން ގަދަކޮށް، ﷲގެ މަގުގައި ހެޔޮ ގޮތުގައި ޖިހާދު ކުރާހާ ހިނދަކު އިސްރާއީލީ ބޮޑުދައުލަތް ގެނެސް ދައްޖާލީބާރުގެ ވެރިކަން ދުނިޔޭގައި ގެނައުން ލަސްކުރެވި އެމީހުންގެ މައްޗަށް މުސްލިމުންނަށް ކާމިޔާބީތައް ހޯދޭނެކަމެވެ. އީމާނ ާއި އިހްސާންތެރުކަމާ ދުރުވީ ވަރަކަށް އެމީހުންގެ ޝައިޠާނީ ބާރު ގަދަކޮށް މުޅިދުނިޔެއަށް ގަދަކުރާލެއް ކައިރިވާނެތެވެ!
ފަހެ، އެހަނގުރާމައިގެ ނިމުން އަންނަން އޮތީ، މުސްލިމުންނަށް، އާދެ! އިސްލާމީ އުންމަތަށް ކާމިޔާބު ލިބި ނަޞްރު ލިބުމުންނެވެ. މިއީ ހޫނުކޮށް ހިނގާނެ ހަނގުރާމަ އެކެވެ. ކަށަވަރެވެ. އެދުވަސް ފެންނާނެއެވެ. އެއީ ދުނިޔޭގެ ފަހުޒަމާނެވެ. އެދުވަސް އައުމުން ބައެއް ޢަޖައިބުތައް ހިނގާތަން ފެނި، އާދަޔައިޚިލާފު ބައެއް ކަންކަންވެސް ހިނގާނެއެވެ. ގަސްގަހާއި ހިލަތައް ވެސް ބަސްބުނެ ހަދާނެއެވެ. އޭ! މުސްލިމާއެވެ! މިހިރީ ޔަހޫދީއެކެވެ! އަވަހަށް ޤަތުލުކޮށްލާށެވެ! މި ގޮތަށް ބަސްބުނެ ނުހަދާނީ، ހަމައެކަނި ޣަރްޤަދު ގަހެވެ. އެއި ޔަހޫދީ ގަހެވެ.
މިއީ، ފަލަސްޠީނުގައި ވަރަށް ގިނައިން ހުންނަ ވަރަށް ބޮޑެތި ކަށިތަކެއް ލާފައި ހުންނަ ނުބައި ނުލަފާގަހެއްގެ ގޮތުގައި ހޮވިފައި ހުންނަ ގަހެކެވެ. މިގަހަށް ނަންދީފައި ވަނީ، “ޔަހޫދީގަސް” މިނަމުންނެވެ. މިހާރަކަށް އައިސް މުސްލިމުން އިހުޒަމާންތަކުގައި އިންދާފައި ހުރި ޒައިތޫނިގަސްތައް ނަގާފައި ޔަހޫދީން އިންދާއި ގިނަކުރަމުން ދަނީ މި ދެންނެވި ޔަހޫދީގައެވެ. ޣަރުޤަދު، غرقد ގަހެވެ.
ފަހެ، ދަންނާށެވެ! މި ހިސާބުން ފާހަގަކޮށްލަން ޖެހޭ، ވަރަށް މުހިންމު ނުކުތާއެއް އެބަ އޮތެވެ. އެއީ މިއަދާހަމައަށް ވެސް މުސްލިމުން އެމީހުންގެ ފުރިހަމަ ޢަޤީދާއާއި އީމާންތެރި ކަމައި އެކު ކުރި އެއްވެސް ހަނގުރާމަ އެއްގައި ނާކާމިޔާބު ވެފައެއް ނެތެވެ. ނާކާމިޔާބު ވެފައި ވަނީ، ޢަޞަބީގޮތުން ގަޑުބަޑުކޮށް، ދީނީ ގޮތްތައް ދޫކޮށް، ޖާހިލީ ޝިޢާރުތަކުގެ ދަށުން ކުރެވިފައިވާ ހަނގުރާމަ ތަކުގައެވެ.
މިއިން އެނގެނީ، އަޅުގަނޑުމެން މުސްލިމުންނަށް ފަލަސްޠީން އަނބުރާ، ޔަހޫދީންގެ އަތުން އަތުލެވޭނީ، ފުރިހަމަ ސާފު އީމާންތެރި ކަމެއް ހިތަށް ގެނެވި، ވަރުގަދަ ޢަޤީދާއެއްގެ މަތީގައި ސާބިތުވެގެން ތިބެ، އިސްލާމް ދީނުގެ ޝިޢާރުގެ ދަށުން ހަނގުރާމައެއް ކުރެވިގެން ކަމެވެ. މިދެންނެވުނު ހަނގުރާމައަކީ، ހިނގާނެ ހަނގުރާމައެއްކަން ކަށަވަރެވެ. އަދި ނޭނގެނީ އެދުވަހެވެ. މިހަނގުރާމައިގެ ވާހަކަތައް މުހައްމަދުގެފާނު ގެނެސްދެއްވާފައި އެވަނީ މުސްލިމުން ހިތްވަރުގަދަކޮށް ޖޯޝްލިބިގަނެ ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. އެމީހުންނާ އެއްބަސްވުންތައް ހަދާއި އެއްބައިނުވުމަށެވެ.
ފަހެ، އެދުވަސް އަންނާނީ، ކޮން ޒަމާނެއްގައިކަން ނޭގެއެވެ. އަޅުގަނޑުމެންގެ ސީދާމަގު ދޫކޮށް އެމީހުންނާ ގާތްވީވަރަކަށް އިސްރާއީލީ ބޮޑުދައުލަތް ގައިމުކުރުން ގާތްވެފައި އަވަސްވާނެއެވެ. އަޅުގަނޑުމެންގެ މިޖީލްގެ ޙަޔާތުގައި އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ އިސްލާއީލު ނެތިދާދުވަސް ފެނިއްޖެ ނަމަ، ކިތަންމެހާވެސް ރަނގަޅެވެ.
އޭރުން މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ އަދި ތިންވަނަ ޙަރަމްފުޅު ކަމުގައިވާ، މަސްޖިދުލް އަޤްޞާ ގައި މިނިވަން ކަމައި އެކު ނަމާދުކޮށް ލުމުގެ އުންމީދުގައި ތިބި، އެތައްހާސް މުސްލިމުންނަށް އެކަން ތަނަވަސް ވެގެންދާނެ އެވެ. އަޅަމެން މުސްލިމުންނަށް، ވީހާ އަވަހަށް، ﷲ މިފަދަ ދުވަހެއް ދައްކަވާށިއެވެ! އާމީން!
ފަލަސްޠީން، އާއި މުސްލިމުންނާ ހުރި ރޫޙާނީގުޅުން:
މައްކާ އާއި މަދީނާ ފަދައިން، ފަލަސްޠީންގެ ބިމުގެ ވަށައިގެން، ﷲ ބަރަކާތް ލެއްވުމަށް ފަހު، އިސްލާމް ދީނާއި މުސްލިމުންގެ ރަށްތަކުގެ ދިފާޢުގައި އެންމެ ކުރިއަރާނެ ތަނެއްކަމުގައި ބަރަކާތްތެރި އެބިންވަނީ، ލައްވާފައެވެ. އެގޮތުން އެބިމަކީ، ﷲގެ ނަބީންނާއި ރަސޫލުން ގިނަ ޢަދަދަކަށް ފޮނުއްވާފައިވާ ބިމެކެވެ.
އަދި އެބިމުގެ މާތްކަން ފުރިހަމަ ވެގެންދިޔަ އެންމެ މުހިންމު ޙާދިޘާއަކީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅު މައްކާގެ ގެފުޅުން ފަލަސްޠީންގެ އަޤްޞާ މިސްކިތަށް، އަދި އެމިސްކިތުން، ސިދްރަތުލް މުންތަހާއަށް، އަދި އެހެންމެ އެންމެމަތީ އުޑުތަކުން، އެނބުރި ފަލަސްޠީނުން މައްކާގެ ބިމަށް، ﷲ އެދަތުރުފުޅު ހަމަޖެއްސެވީ ތީއެވެ. ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް އެކުލެވިގެންވާ، އިސްރާ އާއި މިޢްރާޖްގެ މިދަތުރު ފުޅަށް ޓަކައި ފަލަސްޠީންގެ ބިން، ޚިޔާރު ކުރައްވާފައި އެވަނީ، ބޭކާރު ގޮތަކަށް ނޫންކަން ކަށަވަރެވެ.
ފަހެ، އެދަތުރުގައި އެތައްތައް ސިއްރުތަކެއް އެކުލެވިގެން ވެއެވެ. ގިނައީ އަދި ނުހޯދި ހުރި ޢިލްމެވެ. ހުރިހާ ނަބީބޭކަލުންނާއި ރަސޫލުންނާއެކު އެބިމުގައި ނަމާދުފުލެއް މުޙައްމަދުގެފާނު އިމާމުވެ ކުރެއްވިއެވެ. މައްކާގެ ބަދަލުގައި ފަލަސްތީނުގެ ޙަރަމްފުޅުގައި މިކަންކަން ހިނގުމުގެ ބޮޑު ޙިކްމަތެއް އޮންނާނެއެވެ. ފޮތުގެ ޢިލްމުވެރީންނަށް ހޯދުމުން އެޢިލްމު ލިބޭނެއެވެ. ހޯދޭނެއެވެ. މިހާރު ފެންނާން އޮތް ޞައްޙައިލާހީ ފޮތަކީ ހަމަ އެކަނި ޤުރްއާނެވެ. ޤުރްއާނާ ކައިރިވެ ސައިންސްގެ ރޮނގުން ޤުރްއާން ކިޔަވާއި ދަސްކުރަންވީއެވެ. ހެކިތައް ހޯދަންވީއެވެ. އޭރުން ބުއްދީގެ އަހްލުވެރީންނަށް މިކަންކަމުގެ އިލްމު ލިބޭނެއެވެ!
އެދަތުރުފުޅު ހިނގާފައި އެވަނީ އިލާހީ ތަދްބީރެއްގެ ދަށުން ޕްލޭންކުރެވި، ސަމާވީ ސްޓްރެޓެޖިކް ހުނަރުތަކުގެ ފިލާވަޅެއްގެ ގޮތުގައެވެ. ޤުރްއާން ބުނަނީ ފޮތުގެ ޢިލްމު ހޯދާއި އުގެނުމަށެވެ. ބުއްދީން ވިސްނުމަށެވެ. ﷲ ގެ ހެއްދެވުމުގެ ފުރިހަމަކަމަށް ބަލައި ފިކުރުކުރާ ބަޔަކަށް ހެކިތައްވެއެވެ. {إِنَّ فِى ذَٰلِكَ لَءَايَـٰتٍ لِّقَوْمٍ يَعْقِلُونَ} އެއީ މުޅި އިންސާނިއްޔަތަށް، އުލިލްއަޤްލިއަށް ހުޅުވާލައްވާފައި އޮތް ކަމެކެވެ. މިއީ މުސްލިމުންނަށް ފުރިގެންވާ ކޮޅެއްނެތްހާ، ޢިބްރަތްތަކެއް އެކުލެވިގެންވާ ނަމޫނާއެއްގެ މިސާލެވެ. އެމަގު ލިބިގަންނާންވީއެވެ.
އަދި މިހާދިސާތަކަކީ، އަބަދާއި އަބަދަށް ތާރީޚީގޮތުން އެތައް އެތައް މިލިޔަން، ބިލިޔަން މުސްލިމުން ނެއްގެ ހިތްތަކާއި ރޫޙާނީ ގޮތުން، ފަލަސްޠީންއާ ގުޅައި ދެއްވުމުގެ މަތިވެރި ބޭނުންފުޅުގައި ހިންގެވިކަންކަން ކަމުގައި ކަށަވަރެވެ. އަޅުގަނޑުމެން މުސްލިމުންނަށް، ﷲ، މިވާހަކަތައް ގެނެސްދެއްވި، އާޔަތަކީ، އެންމެ އެއްފޮޅުވަތުން ލިޔެވިފައިވާ އާޔަތެއް ކަމުގައި ވިޔަސް އެއާޔަތުން މުސްލިމުންނަށް ލިބިގެންދާ ޢިބްރަތްތައް ކިތަންމެހާ ވެސް ގިނަގުނައެވެ.
މިމަޒްމޫނުގައި އިސްރާ އާއި މިޢުރާޖުގެ އާޔަތް ގެނެސްދީފައި ވާނެއެވެ. އަދި އެ އާޔަތުގައި ހިމެނޭ ކަލިމަތަކުގެ ޢަދަދަށް ބަލާއިރު، 21 އަށްވުރެ ގިނަނޫން ކަމުގައި ވިޔަސް، ދުނިޔޭގެ ބިމުގައި ދިރިއުޅެމުން ގެންދާ އެންމެހާ އިންސާނިއްޔަތަށް، ޚާއްސަކޮށް މުސްލިމުންގެ ސިނކުޑި އާއި ހިތްތަކާއި ނަފްސާއި ޤުދުސްއާ ދެމެދު ހިނގާފައިވާ، ރޫޙާނީގުޅުމަކީ، މައްކާ އާއި މަދީނާއަށް ދެވިފައިވާ، ރޫޙާނީ ލޯތްބާއި ކުލުނާއި ޤަދަރެވެ.
ފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގައި އަބަދުވެސް މިލޯތްބާއި ރޫޙާނީ ކުލުނު އޮތެވެ. ޝާމްކަރަ އަކީ، އަޅުގަނޑުމެން މުސްލިމުންގެ ތަނެއްކަމާއި އެބިމަށް ބަރަކާތް ލެއްވުމަށް އެތައްފަހަރަކު ދުޢާދެންނެވި އެވެ. އަދި އެކަލޭގެ ފާނުންގެ ޞަޙާބީން ޢަމަލީގޮތުން ހަނގުރާމަ ކުރައްވާއި ޝާމްކަރައާއި ޢިރާޤްއާއި މިޞްރު އާއި އުންދުލުސް ފަދަ ބިންތަކަށް އަރުއްވައި ފަތަޙަކޮށް ދެއްވިއެވެ. މުސްލިމުންގެ އިސްލާމީ އުންމަތަށް ޢިބްރަތުން ފުރިގެންވާ ދަރުސްތަކެއް ހަނގުރާމައިގެ ހުނަރުތަކާ އެކުގައި ދަސްކޮށް ދެއްވިއެވެ.
އުސާމާ ބިން ޒައިދް އާއި އަބޫޢުބައިދާ ބިން ޖައްރާޙް އާއި ޝަރަޙްބީލް ބިން ޙަސްނަތް އާއި ޚާލިދް ބިން ވަލީދް އާއި ޔަޒީދް ބިން އަބީ ސުފްޔާން އާއި ޢަމްރު ބިން އަލްޢާޞް ފަދަ ބޭފުޅުންނާ މެދު، އަޅުގަނޑުމެން މުސްލިމުން ފަޚްރުވެރި ވަމުން ދާއިރު، ބައިތުލް މަޤައްދަސް ހުރި ބިންކަމުގައިވާ ފަލަސްޠީން އަށް، ފަޚްރުވެރި ވެވެން އޮތްލެއް މަތިވެރި ވެފައި މާބޮޑެވެ.
އެހެނީ، އެބިމުގެ ޢަމަލީ ފަތަޙައަށް ވުރެ، ކުރީގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރޫޙާއި ހަށިކޮޅާއެކު، އަމިއްލަ ނަފްސު ފުޅައިގެން އެބިންވަނީ، ފަތަޙަ ކުރައްވާ ފައެވެ. އެހެންއުޑުތަކާއި ސިދްރަތުންމުންތަހާއަށް ދަތުރުކުރެވޭ ހަތްދޮރާށިންބައެއް ދޮރާށިތަކާއި މަގުތައްވަނީ އެބިމުގައެވެ. އިލާހީފޮތުގެ ޢިލްމުން އޭރުގެ މީސްތަކުން ވަނީ އެޢިލްމު ލިބިގަނެފައެވެ. އިންސާނަކު ވަނީ ޖަމާދާތެއްކަމުގައިވާ ޔަމަނުގެ ރަނިކަމަނާއެއްގެ ތަޚުތު ހިނދުކޮޅެއްގައި އެއްރަށުން އަނެއްރަށަށް އުފުލާފައެވެ!
ﷲގެ އިރާދަފުޅާ އެކު، ޝާމްކަރައިގެ ފަލަސްޠީންގެ ބިމާއި ޙިޖާޒްކަރައިގެ މައްކާ، މަދީނަގެ ބިމައި ދެމެދުވަނީ، ޤުދްސީ ގުޅުމެއް ހިނގާފައެވެ. އިލާހީލޯތްބެއް އުފެދިފައެވެ. އެއީ މިދުނިޔޭގެ ބިންމަތީގެ ޙަރަމްފުޅުތަކެވެ. ބަރަކާތުގެ ބިމެވެ. ބަރަކާތަކީ ނޭނގި އިތުރުވާ ކަރާމާތުގެ އެއްޗެކެވެ. މިސާލަކަށް ގޭގައި ދެމަފިރިންނާއި ކުދިންނަށް ކައްކާ އެއްޗަކުން މެހުމާނުންގެ އެތައްބަޔަކު ހުސްނުވެ ކައިހެދުމެވެ.
ފަހެ، ފަލަސްޠީން ބިމަކީ، މައްކާ މަދީނާ ހެން މުސްލިމުންނާއި މުސްލިމުންގެ ދީނީ އަޅުކަން ކުރުމުގެ ތެރެއިންވާ މުހިންމު ބައެއް އެކުލެވޭ ބިމެކެވެ. މިއަދު އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް، އެބިން ޙިމާޔަތް ކުރުން ލާޒިމެވެ. ވާޖިބުވެގެން ވެއެވެ. މުޙައްމަދުގެފާނު ހަދީސްކުރައްވާފައި ވަނީ އެބިމުގައި އަބަދުވެސް، ﷲގެ މަގުގައި ޖިހާދު ކުރާނެބަޔަކު ތިބޭނެކަމަށެވެ.
ފަހެ، މިއަދު ޣައްޒާގެ މުސްލިމުން ޒައޮނިސްޓް ޔަހޫދީންނައި ހަނގުރާމަ ކުރަމުން އެބިމަށް، އެފަސްގަނޑަށް ލަމުން ގެންދާ ކޮންމެ ނޭވާއަކީ، އިސްލާމީ ޖިހާދުކަން ކަށަވަރެވެ. ކޮންމެ މުސްލިމެއްގެ ޢަޒްމަކަށް މިއަދު ވާންޖެހޭނީ، އެމުޖާހިދުންގެ ހިތްވަރާއި ކެތްތެރިކަމާއި އީމާންތެރި ކަމެވެ. ޝާމްކަރައިގެ އެބިމަކީ، ޙިޖާޒްކަރައިގެ މައްކާ އާއި މަދިނާގެ ބިންފަދައިން މުސްލިމުންނަށް ދަތުރުހަދައިގެން އަޅުކަންކުރަން ދިއުމަށް ހުއްދަވެގެންވާ ބިމެކެވެ. އެއީ މުސްލިމުންގެ އެންމެ ފުރަތަކަ ޤިބްލައެވެ.
ގެފުޅާ ދިމާއަށް ނަމާދުގައި އެނބުރި ވަޑައިގެން ދެއްވުމަށް އަމުރުގެ އާޔަތް ބާވައި ލައްވަންދެން ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވި ޤިބްލައަށް އެޙަރަމްފުޅު ވާތީއެވެ. މިކަންކަމާހުރެ މުސްލިމުންގެ ގާތުގައި ބައިތުލް މަޤައްދަސް އަށް ދެވިފައި ވަނީ، ވަރަށްމަތީ ދަރަޖައެއްގެ މުޤައްދަސް އަދި، މާތްކަމެކެވެ.
އަދި ހަމައެހެންމެ އެމިސްކިތް ހުރިބިން ވަށައިގެން ޙުރުމަތް ކުރެއްވުމުން، މުޅި ފަލަސްޠީން އަށް މުސްލިމުންގެ ހިތުގައި ދެވެންޖެހޭނީ، ވަރަށްމަތީ ލޯތްބަކާއި ރޫޙާނީ ޤަދަރެކެވެ. މައްކާ އާއި މަދީނާ މުސްލިމުންނާ ވަކިނުކުރެވޭނެ ފަދައިން ފަލަސްޠީން އަކީވެސް މުސްލިމުންނައި ވަކިކުރެވޭނެ ބިމެއް ނޫނެވެ. އެއީ މުސްލިމުންގެ ބިމެވެ. ދެން އަޅުގަނޑު ބަލައިލާނީ، އެބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ޓެރަރިސްޓު ޙަރަކާތްތައް ރާވައި ހިންގި ގޮތުގެ މައްޗަށެވެ.
ހާގާނާ:
ހާގާނާ، هاغاناه (HAGANAH) "ދަ ޑިފެންސް" The Defense އެކްޓިވްކޮށް ހަރަކާތްތެރިވީ، 1920 އިން ފެށިގެން، 1948 އަށެވެ. މިއީ ފަލަސްޠީން ތެރޭގައި ސިއްރުން ހަރަކާތްތެރި ވަމުންދިޔަ ޒައޮނިސްޓް ޕެރަމިލިޓަރީ އަންޑަރގްރައުންޑް ޖަމާޢަތެކެވެ. 1920 އިން ފެށިގެން، 1949 އަށް، ފަލަސްޠީން އިނގިރޭސި މޭންޑޭޓްގެ ދަށުގައި އޮތްއިރު، އިނގިރޭސިން ކިބައިން މިނިވަންވެ އަމިއްލަ މިނިވަން ދައުލަތެއް ފަލަސްޠީންގައި އުފެއްދުމަށް އެބިމުގައި ޒައޮނިސްޓުން އުފެއްދި ޢަސްކަރީ ސިއްރު ޖަމާޢަތެކެވެ. ފަހުން މިޖަމާޢަތް ވެގެންދިޔައީ އިސްރާއީލީ ޑިފެންސް ފޯރސްގެ ބައެއްގެ ގޮތުގައެވެ.
ހާގާނާގެ އަސްލަކީ، ހިބްރޫ ބަހުން، HASHOMER (ދަވޮޗްމޭން) އެވެ. ފަހެ، މިއީ ވެސް ޒައޮނިސްޓް ޔަހޫދީންގެ ދިފާޢުގައި ފަލަސްޠީންގައި މިނިވަން އަމިއްލަބިމެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ހަތިޔާރުއެޅި ދިފާއީ ވަރުގަދަ ޖަމާޢަތެކެވެ. ފަހެ، ހަޝޯމާރ (ދަވޮޗްމޭން) ސޯސިއަލިސްޓް ޒައޮނިސްޓުން ވުޖޫދުވެފައި ވަނީ، 1909 ވަނަ އަހަރުއެވެ. 1920 ގައި ހާގާނާ ވުޖޫދަށް އައިސް ހަރަކާތް ތެރިވާން ފެށުމުން ހަޝޯމާރ ފަދަ ޓެރަރިސްޓު ކުދި ޖަމާޢަތްތައް ޖަމާޢަތްތައް ހާގާނާ ތެރެއަށް ވަދެ، ނެތި ގޮސް ހާގާނާ ބިޔަވެގެން ދިޔައީއެވެ.
މިފަދަ ޓެރަރިސްޓް، އަދި އިރްހާބީ ބިރުވެރިކަމުގެ ސިއްރު ޖަމާޢަތްތައް ހިންގަމުން ގެންދިޔައީ ރަޝިޔާއަށް އުފަން ޒައޮނިސްޓުން ކަމުގައިވާ، ސޯސިއަލިސްޓް ޒައޮނިސްޓުން ނެވެ. މީގެ ގިނަ މެންބަރުންނަކީ، ޕޯލްޒިއޮން (POALE ZION) އަށް ނިސްނަތްވާ މީހުންނެވެ. އެއީ ޒައޮނިސްޓް މަސައްކަތް ތެރިން (WORKERS OF ZION) ގެ ގޮތުގައި ޙަރަކާތްތެރިވާން ފެށި ހަނގުރާމަވެރި ބައެކެވެ. މިއީ ރަޝިޔަން އެންޕަޔަރ ގައި އުފެދުނު މަރކިސްޓް ޒައޮނިސްޓުންގެ މަސައްކަތް ތެރިންގެ ޖަމާޢަތެކެވެ.
މިއީ، 1904 އިން ފެށިގެން، 1914 އައިދެމެދު ރަޝިޔާއިން ފަލަސްޠީން އަށް ހިޖްރަކުރި، ފަންސާސް ހާސް މީހުންގެ ޢަލިޔާ، عليا އޮއިވަރެއްގެ ތެރޭގައި ފަލަސްޠީން އަށް އައިމީހުންނެވެ. މިމީހުންގެ ހިޖްރަ ކުރުމުގެ އޮއިވަރަށް ދެވުނުނަމަކީ، ޢަލިޔާ (SECOND ALIYAH) އެވެ. ސެކަންޑް ޢަލިޔާއަށް ވުމުގެ މާނައަކީ މީގެކުރިން ވެސް ހިޖްރައިގެ އެހެން އޮއިވަރެއް ފަލަސްޠީން އަށް އައިސްފައި ވާކަމެވެ. ބޯޓުފަހަރުގައި އެކިބުރުބުރަށް ހިޖްރަ ކުރަމުން މިގެންދާ ދަތުރުތަކަށް ހިބްރޫ ބަހުން ކިޔަނީ، ޢާލިޔާ އެވެ.
ފަހެ، ޢަލިޔާގެ މާނައަކީ، ލޭންޑް އޮފް އިސްރާއީލަށް ހިޖްރަކުރާ ޒައޮނިސްޓް ޔަހޫދީންނެވެ. ޢަލިޔާގެ ރޫޙާނީ މާނައަކީ، ރޫޙާނީގޮތުން މީހުންގެ ފިކްރު ބައްޓަންކޮށް ބިނާކޮށް، މީހުންގެ ތެރެއަށް އިތުރަށް ބާރުސްޕީޑްގައި ފުޅާކޮށް މީހުންގެ ވިސްނުން އެއް އަމާޒަކަށް ހަރުދަނާވެ، ފެތުރިގެން އިތުރުވަމުން ދިއުމެވެ. އެއްފިކުރެއްގެ މީހުން ވީހާގިނަކޮށް އެއްދިމާއަކަށް ވާސިލުކޮށް ޢަމަލީގޮތުން މުޖްތަމަޢުއަށް ނެރުމެވެ. މިއޮއިވަރު ތަކަކީ، ފަލަސްޠީނުގެ ބިމަށް ހިޖްރަކުރަމުން ދިޔަ މުހާޖިރުން އިތުރުކުރުމެވެ.
ޢަލިޔާ އިންނަކީ، ހިޖްރަކުރަމުން ގެންދިޔަ ޒައޮނިސްޓް ޔަހޫދީންގެ ބައިތަކެވެ. ޖަމާޢަތްތަކެވެ. ޔޫރަޕްގެ އެތަންމިތަނުން ފަލަސްޠީން އަށް ހިޖްރަކުރާ މީހުންނަކީ، ވަރަށް މޮޅަށް ކިޔަވައިގެން ތިބޭ ފައިސާ ވެރިންނެވެ. އަދި އެހާމެ ހުނަރުވެރި ކުޅަދާނަ ނުފޫޒުގަދަ ފަރާތްތަކެވެ. މީގެ ތެރޭގައި ގިނައީ ޕައިލެޓުންނާއި އިންޖިނެއަރުން ނާއި ސައިންސް ވެރިންނާއި ޑޮކްޓަރުންނާއި އެކިއެކި ހުނަރުތަކަށް ކުޅަދާނަ މާހިރުންނެވެ. ހިޖްރަކުރަމުން ދިޔަ މިގުރޫޕްތަކުގެ ތެރޭގައި ބަރގޮއިރާ (BAR – GIORA) އޭކިޔުނު ޖަމާޢަތެއް ވެސް ހިމެނެވެ.
ހާގާނާ ތެރޭގައި ވަކިގޮފިތަށް އެކިކަންކަމަށް ޚާއްސަކުރެވިފައި ހުރެއެވެ. އޭގެ ތެރެއިން އެއްގުރޫޕަކީ، ބަލްމާޙް ނޫނީ ބަލްމާޚް، البلماح ނޫނީ البلماخ، Palmach ހިމެނެއެވެ. އަދި، ޚީޝް، خيش Hish ހިމެނެއެވެ. އަދި ޚީލް މިޝްމާރ, Heil Mishmar (HIM) ކިޔުނު ގާޑް ކޮޕްސްގެ ގޮތުގައި ހިމެނިފައި އޮތެވެ. މިއީ މުޅިން ވެސް ހާގާނާ ޖަމާޢަތުގެ އެކިއެކި ޢަސްކަރީ ބައިތަކެވެ.
މިއީ، ހާގާނާ ތެރޭގައި ހަރަކާތްތެރިވާން ފެށި ކުދިކުދި ގުރޫޕްތަކެވެ. ފަހެ، މިއިން ކޮންމެ ގުރޫޕެއްގައި މަދުވެގެން، 100 އެއްހާ މެންބަރުން ވަރު ހިމެނެއެވެ. މިޖަމާއަތްތަކަކީ، ހާގާނާ ނުވަތަ ހާޖާނާގެ ފެށުމެވެ. ހާގާނާ ރަސްމީކޮށް، 1920 އުފެދުމުގެ ކުރިން، 1907 އިން ފެށިގެން މިފަދަ އެކި ނަންނަމުގައި ކުދިގުރޫޕުތައް އުފެދިފައި އޮތެވެ. މިގުރޫޕުތައް އެކުވެ ބޮޑުވެގެން ހާގާނާ ޖަމާޢަތަށް ވެ ރަސްމީ ވީއެވެ. އެހެނަސް ޚީލް މިޝްމާރް ގާޑް ކޮޕްސް އުފެދުނީ، 1939 ގައެވެ. ހާގާނާ ތެރެއިންނެވެ. އަދި އިސްރާއީލީ ދައުލަތް، 1948 ގައި ރަސްމީކޮށް އުފެދެންދެން ހާގާނާ ދެމި އޮތެވެ.
މިފަދަ ސިއްރު ޖަމާޢަތްތަކު ގައި ފިރިހެނުންނެކޭ އެއްސަފެއްގައި އަންހެނުން ވެސް ބަރާބަރަށް ހަރަކާތްތެރި ވަމުން ގެންދިޔައެވެ. ހާގާނާ ޖަމާޢަތުން ފަލަސްޠީން ޢަރަބިންނައި ހަނގުރާމަކޮށް މުސްލިމުން މަރާލެއް މަދުކަމުން، އޭގެ ތެރެއިން ވަކިވެގެންދިޔަ ބައިގަނޑެއް އުފެއްދި ޖަމާޢަތަކީ އިރްގޫން (IRGUN) އެވެ.
މިބައި މީހުން، ހާގާނާއިން ވަކިވެ، ވަކިޓެރަރިސްޓް ޖަމާޢަތެއް އުފައްދަން ޖެހުނީ، ޢަރަބިއަވަށް ތަކުގައި ދިރިއުޅެމުންގެންދާ ފަލަސްޠީންގެ އަހްލުވެރި މުސްލިމުން ގެދޮރުން ނެރެލާއި މަރާހުސްކުރާލެއް ލަސްވަމުން ދާތީ، އެކަން އަވަސް ކުރުމުގެ މަޤްޞަދުގައެވެ. ފަޕަސްޠީނުގެ މުސްލިމުން ނެތިކުރުން އަވަސް ކުރުމުގެ ބޭނުމުގައެވެ.
އިރްގޫން:
އިރްގޫން (IRGUN) އެކްޓިވްކޮށް ހަރަކާތްތެރިވީ، 1931 އިން ފެށިގެން، 1948 އަށެވެ. އިސްރާއީލު ދައުލަތެއް ވުޖޫދަށް ގެނައުމުގައި އެންމެ މުޑުދާރު އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަށް ހިންގީ މިޖަމާޢަތުންނެވެ. މި ޖަމާޢަތުގެ ރަސްމީ ނަމަކީ، “ދަ ނެޝަނަލް މިލިޓްރީ އޯގަނައިޒޭޝަން އިންދަ ލޭންޑް އޮފް އިސްރާއީލް” (THE NATIONAL MILITARY ORGANIZATION IN THE LAND OF ISRAEL) އެވެ.
މިއީ ވެސް ޒައޮނިސްޓް ޕަރަމިލިޓްރީ ޖަމާޢަތެކެވެ. ސިއްރުން ހިންގާ ހަތިޔާރުއެޅި އިރްހާބީ ޖަމާޢަތެކެވެ. ފަލަސްޠީން ގައި އޮތް އިނގިރޭސި މޭންޑޭޓްގެ ދަށުން މިނިވަންވުމަށް ހަނގުރާމަކުރި ޖަމާޢަތެކެވެ. ޒައޮނިސްޓް ޕަރަމިލިޓަރީ މިޖަމާޢަތް ދުނިޔެއަށް މަޝްހޫރުވެފައި ވަނީ، ކުރިން ދެންނެވި ރަސްމީ ނަން، އިރްގޫން ނަމުގެ ގޮތުގައެވެ. 1948 ގައި އިސްރާއީލީ ދައުލަތް ވުޖޫދަށް އައުމުން މިމީހުން ވެގެންދިޔައީ އިސްރާއީލީ ޑިފެންސް ފޯރސް (IDF) ގެ ގޮތުގައެވެ.
ފަހެ، އިރްހާބި މިޖަމާޢަތް އުފެދިގެންއައީ ރެވިސަނިސްޓް ޒައޮނިޒަމް (REVISIONIST ZIONISM) ފިކްރުގެ ޒައޮނިސްޓުންގެ ތެރެއިންނެވެ. މިގްރޫޕްއަކީ، އިސްރާއީލްގެ ލިކުޑް ޕާޓީ (LIKUD PARTY) އުފެއްދުމުގައި ހަރަކާތްތެރިވި ޒައޮނިސްޓުން ނެވެ. މިވިސްނުމާއި އައިޑިއޮލޮޖީގެ މޭސްތިރިއަކީ، އަދި ފައުންޑަރ އަކީ، ޒިއީފް ޖާބޫންތިންސްކީ، زئيف جابوتينسكي، (ZEEV JABONTINSKY, 18 OCT 1880 – 4 AUG 1940) އެވެ.

މީނާއަކީ ރެވިސަނިސްޓް ޒައޮނިސްޓުންގެ ޒަޢީމްއެވެ. ލީޑަރ އެވެ. އަދި “ޖުއިޝް ސެލްފް ޑިފެންސް އޯގަނައިޒޭޝަން” ގެ ފައުންޑަރ ވެސް މެއެވެ. މީނާއަކީ، ވަރަށް މުސްލިމުންނާ ދެކޮޅުމީހެކެވެ. ފަލަސްޠީން އިން އަރަބިން މުޅިން ހުސްކޮށްލައި ބޮޑު އިސްރާއިލް ވުޖޫދަށް ގެންނަން ގޮވާލާއި ގަދައަޅާ މަސައްކަތް ކުރަމުންދާ މީހެކެވެ. ރަޝިޔާއަށް އުފަން ޒައޮނިސްޓް އެކެވެ. އަސްލު ޔަހޫދީއެއް ނޫނެވެ. ފޮތުގެ އަހްލުވެރިއެއް ނޫނެވެ.
ޢިބްރާނީ ބަހުން ޒީވް އަކީ، ޢަރަބި ބަހުގެ ޛިއްބު އެވެ. އިނގިރޭސި ބަހުން ވުލްފު އެވެ. ދިވެހިން މިކިޔާ ހިޔަޅު ބުއްދީގެ “ހިޔަޅު” އެކެވެ. ރެވިސަން ފިކްރިއްޔާތުގެ ތެރެއިން ނުކުތް ފިކުރަކީ، ޕްރެކްޓިކަލް ޒައޮނިސްޓުންގެ ފިކުރުއެވެ. ޕްރެކްޓިކަލް ޒައޮނިސްޓް ފިކްރު އުފެއްދި މީހަކީ، މިދެންނެވި ޒިއީފް އެވެ. ޑޭވިޑް ބިންގޯރިއަން (DAVID BENGURION, 16 OCT 1886 – 1 DEC 1973) އާއި ހައިމް ވައިޒްމަން އަކީ، ޒައޮނިސްޓް މިފިކުރުގެ ބޮޑެތިލީޑަރުންނެވެ.
ޕްރެކްޓިކަލް ޞަޙީޙްޒައޮނިސްޓުން ނެވެ. އަސްލު ޔަހޫދީންނެއް ނޫނެވެ. އިލާހީފޮތެއްގެ އަހްލު ވެރިންނެއް ނޫނެވެ. ޑޭވިޑް ބިންގޯރިއަން އަކީ، އިސްރާއިލް ދައުލަތުގެ ފުރަތަމަ ޕްރައިމިނިސްޓަރ އެވެ. ޢަރަބިން ދެކެ ޒަތީރުޅިވެރި އެކެވެ. ޒާތީ ޙަސަދަވެރި އެކެވެ. ހާގާނާ އާއި އިރްގޫން މިޖަމާޢަތްތަކާ އެކު، ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާއި ސުންނާފަތިކޮށް ހެދި ނުލަފާ މަލްޢޫނު މީހާއެވެ.
ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާ ހުސްކުރުމަށް އިސްރާއީލް ދައުލަތުގެ ފުރަތަމަ ރައީސް ހައިމް ވައިޒްމަން ސިފަކޮށްފައި ވަނީ، “އަމިއްލަބިން ސާފުކުރުން” ކަމަށެވެ. އާދެ! އިރްގޫން ޖަމާޢަތުގެ ޢަލާމަތަކީ، ލޯގޯއަކީ، މިހާރުގެ ޔަހޫދީ ދައުލަތުގެ ލޯގޯގައި ބޭނުންކުރާ ފަތްކޯނީގެ މަތީގައި އިނގިރޭސި މޭންޑޭޓްގެ ދަށުގައި އޮތް ޓްރާންސް ޖޯރޑަން، ގްރޭޓަރ ސީރިޔާ ދައްކުވައިދޭ ޗާޓާއި އެޗާޓުގެ މަތީގައި މީހެއްގެ އަތެއްގެ ކުޑަހުޅުންމަތި ދައްކުވައި ދީފައިވާ، އެއަތުން ބަޑިއެއް ހިފައިގެންހުއްޓައި ފެންނަގޮތަށް ހުންނަ މަންޒަރެވެ. އަދި ޗާޓުންނެއްޓި މަތީގައި ހިބްރޫބަހުން އިރްގޫން ލިޔެފައި އިންނަ ރަމްޒީ ލޯގޯއެކެވެ.

ގޫގުލް ކޮށްލުމުން މިލޯގޯއާއި އެހެނިހެން ފޮޓޯތައް ފެންނާނެއެވެ.
އެމެރިކާގެ ތާރީޚީ ޢިލްމިވެރިއެއް ކަމުގައިވާ، ޕްރޮފެސަރ ހޯވަރޑް މޯލީ ސެޗަރ (HOWARD MORLEY SACHER, 28 FEB 1928 – —-) ބުނާގޮތުގައި އިރްގޫންގެ ޕޮލިސީ ބިނާވެފައި އޮންނަނީ، ރެވިސަނިސްޓް ޒައޮނިޒަމްގެ ފައުންޑަރ ޒިއީފް ޖާބްންތަންސްކީގެ ފިކުރިއްޔާތުގެ މައްޗަށެވެ. އެއީ،
“ކޮންމެ އަމިއްލަ ފަރުދީ ޔަހޫދީއަކަށް ފަލަސްޠީން އަށް އަރައި ވަޒަންވެރިވުމުގެ ޙައްޤު އޮންނަން ވާނެއެވެ. ބޭނުމީ ޢަރަބިންގެ ފަރާތުން ހަމައެކަނި ބަދަލު ހިފުމެވެ. ބޭނުމީ ހަމައެކަނި، ޖުއިޝް އާރމަޑް ފޯރސަސް، ޖުއިޝް ދައުލަތުގެ ޔަޤީންކަން ދިނުމެވެ.”
ފަހެ، އިރްގޫން އިރްހާބީ ޖަމާޢަތް ދުނިޔެއަށް މަޝްހޫރުވެ، އެނގިގެން ގޮސްފައި ވަނީ، 22 ޖުލައި 1946 ގައި ޤުދުސް ސިޓީގެ “ބޮމިންގް އޮފްދަ ކިންގް ޑޭވިޑްހޮޓަލް” (BOMBING OF THE KING DAVID HOTEL) ގެ ހާދިސާއިންނެވެ. އަދި، 9 އެޕްރީލް 1948 ގައި ދެއިރް ޔާސީންގެ ކަތިލުން، (DEIR YASSIN MASSACRE) މިޤަތުލްޢާންމުގައި ޒައޮނިސްޓް އިރްހާބީ ޖަމާއަތެއް ކަމުގައިވާ ލެހި ޖަމާޢަތުގެ ފަރާތުން ހިންގި ވަޙްޝީ ހަމަލާތަކާއި ކަތިލުންތަކުންނެވެ.
މިއީ ޞަހްޔޫނީ ޓެރަރިސްޓު ގުރޫޕުތަކުން އިނގިރޭސި މޭންޑޭޓްގެ ދަށުން ނުކުމެ އަމިއްލަ މިނިވަން އިސްރާއީލީ ދައުލަތެއް ބިނާކުރުކުރުމުގެ ބޭނުމުގައި ކުރަމުން ގެންދާ ދާޚިލީ ހަނގުރާމަ އެކެވެ. ހާގާނާ ޖަމާޢަތުން ޤުދުސްގައި ހުންނަ ކިންގްޑޭވިޑް ހޮޓާ ގޮއްވާލުމަކީ، މުޤައްދަސް ޤުދުސް ބިމުގައި ހިންގުނު އެންމެފުރަތަމަ ޓެރަރިސްޓް މިބާވަތުގެ ހަމަލާއެވެ. ޖެނެރަލް އެލަންބީ އާއި އަދި އޭގެކުރިން ޤުދުސް ހިފުމަށް އެރި މީހުން ޤުދުސްގައި މިކަހަލަ ޓެރަރިސްޓް ވަޙްޝީ ގޮއްވުމެއް ގޮއްވާލާ ހަދާފައެއް ނެތެވެ.
ފަހެ، މިއީ ޓެރަރިޒަމްގެ މިބާވަތުގެ ހަމަލާތަކުގެ ފެށުމެވެ. ތަންތަން މީހުންނާ އެކު ގޮއްވާލުމުގެ ފެށުމެވެ. އަދި ޒަމާނީޓެރަރިޒަމުގެ ވެސް ފެށުމެވެ. 5 ތަރީގެ މި ހޮޓާ ގޮއްވާލުމުން، 91 މީހަކު މަރުވެ، 45 މީހުންނަށް އެކިގެއްލުންތައް ވިއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިނގިރޭސިންނެވެ. މަދުން ޒައޮނިސްޓް ޔަހޫދީން ވެސް ހިމެނުނެވެ. ޒައޮނިސްޓުން ބޭނުންވާ ކަމެއް ކުރަން ވީމާ އެމީހުންގެ މީހުން މަރުވިޔަސް ހެޔޮކަމަށް ދެކި އެކަމެއް ތަންފީޛުކުރެއެވެ. އަމިއްލަ ނަސްލުގެ މީހުން މަރާފައި ވެސް މަޤްޞަދު ޙާޞިލްކުރެއެވެ. ~ނުނިމޭ~



Comments