top of page

އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (ހަތްވަނަބައި)

Writer: ilyashusein
ilyashusein
Aug 4
38 min read

*އަލްޚުލަފާއުލް ރާޝިދޫންގެ އެރުން:

*ސެޕުލްކަރ ފައްޅި:

*ޞަލީބީންގެ އެރުން:  

*ފިކުރީ ހަނގުރާމަ: 

*އިސްތިޝްރާޤް އާއި ތަބްޝީރް ގެ މަރްޙަލާ:  

*ޖެޒްއޭޓްސް:


އަލްޚުލަފާއުލް ރާޝިދޫންގެ އެރުން:


މުޙައްމަދުގެފާނުގެ ޝަރުއީ، އަދި ޤާނޫނީ ޙުކޫމަތު، އިސްލާމީ ރިޔާސަތުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ވެސް ޙުކޫމަތު ހިންގެވުމުގައި ދެމެހެއްޓެވިއެވެ. އެބޭފުޅުންގެ ޚާރިޖީ ސިޔާސަތުގައި ގެންގުޅުއްވީ، ޚާރިޖީފަރާތް ތަކަށް ސިޓީބިޓީ ފޮނުއްވައި ގެންނާއި ވަފުދުތައް ފޮނުއްވައިގެން، ﷲގެ އެއްކައުވަންތަ ކަމަށް ދަޢުވަތު ދެއްވުމެވެ. އަދި ސާފުތެދުމަގުގެ އިސްލާމްދީނަށް ގޮވާލެއްވުމެވެ. އެގޮތުގެ މަތީން ރޯމަނުންގެ ދަށުގައި ޝާމްކަރައިގެ އެކިހިސާބުގައި އުފެދިފައި ހުރި އެކިއެކި ޤައުމުތަކައި ހަނގުރާމަ ކުރައްވައި ފަތަޙަ ހޯއްދެވިއެވެ. ޝާމްކަރައިގެ ބިމުގައި އިސްލާމީ އުންމަތަށް ބޮޑެތި ނަޞްރުތައް ލިބުނެވެ.


ފަހެ، މުޙައްމަދުގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރިން، ޝާމްކަރައަށް ފޮނުއްވާނެ ވަރުގަދަ ޢަސްކަރީ ލަޝްކަރެއް ވަނީ، ތައްޔާރީޙާލަތުގައި މަދީނާ މުނައްވަރާގެ ބޭރަށް ނެރުއްވައި ތައްޔާރު ކުރައްވާފައެވެ. އަދި، އިސްލާމީ އުންމަތުގެ މިލަޝްކަރުގެ ކޮމާންޑަރެއް ހަމަޖައްސަވައި އިސްލާމީ ދިދަ ދެއްވާފައި ވަނީ، ޒުވާން އުސާމާ ބިން ޒައިދު އިބްނު އަލްޙާރިޘާ އަށެވެ.


ފަހެ، އުސާމާގެ ލޮބުވެތި ބައްޕަ، ޒައިދު އިބްނު އަލްޙާރިޘާ، ކުރީގެ ހަނގުރާމައެއްގައި ޝަހީދުވެ ވަޑައިގަތް އިރު، އުސާމާގެ ޢުމުރުފުޅަކީ އެންމެ، 15 (ފަނަރަ) އަހަރެވެ. އަދި މުޙައްމަދުގެފާނު، އިސްލާމީ އުންމަތުގެ ލަޝްކަރުގެ ލީޑަރަކަށް އުސާމާ ހެއްދެވި އިރު، އުސާމާގެ އުމުރުފުޅަކީ، 18 (އަށާރަ) އަހަރެވެ. އެހާ ޒުވާންއިރު ހަނގުރާމަމަތީ ލަޝްކަރެއްގެ ޤާޢިދަކަށް، އުސާމާ ހަމަޖެއްސެވީ، ހިތްވަރުގަދަ ކަމުގެ ލާމަޘީލް ނަމޫނާއަކަށް ވެފައި، ޚާއްޞަ ސަބަބުތަކެއް ހުރެގެންކަން ކަށަވަރެވެ. މުޙައްމަދުގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުގެ ކަންތަކައި ހެދި، މިލަޝްކަރު ޝާމްކަރައާ ދިމާއަށް ނުކުތުން އޮތީ މަޑު ޖެހިފައެވެ.


ފަހެ، ދަންނާށެވެ! އުސާމާގެ ޒުވާން ޢުމުރައި ހެދި، ދޮށީއުމުރުގެ ބައެއް ޞަޙާބީން އެވާހަކަ އަބޫބަކުރުގެފާނައި ހަމައަށް ގެންދެވިއެވެ. އެހެންނަމަ ވެސް މުޙައްމަދުގެފާނު އެ އާލާސްކަންފުޅުގައި ދުނިޔެދޫކުރެއްވުމުން، އަބޫބަކުރުގެފާނު ވެރިކަމުގެ ބައިޢަތު ހިއްޕެވުމަށް ފަހުވެސް، އެލަޝްކަރަށް އެއްވެސް ބަދަލެއް ނުގެންނަވައި މުޙައްމަދުގެފާނު ހަމަޖައްސަވާފައި އޮތްގޮތަށް ހަނގުރާމައަށް ނެރުއްވީއެވެ.


އަދި އަބޫބަކުރުގެފާނު ހިންގަވާފައި، އުސާމާ ސަވާރީގެ މަތީގައި ބައިންދަވައިގެން ހަނގުރާމައަށް ނެރުއްވައި ނަޞޭޙަތްތެރި ވެލެއްވުމަށް ފަހު، ހަނގުރާމައިގެ މައިދާނަށް ފޮނުއްވައި ލެއްވީއެވެ. އުސާމާ، އަބޫބަކުރުގެފާނަށް ސަވާރީއަށް އަރުއްވައި ވަޑައިގަތުމަށް ދެންނެވުމުން ވެސް، ސަވާރީގައި އުސާމާ ބައިންދަވައިގެން، އަބޫބަކުރުގެފާނު ހިންގަވާފައި މަދިނާގެ ބޭރަށް، އިސްލާމީ ލަޝްކަރާ އެކު ހިންގަވާފައި ވަޑައިގަތެވެ.


ލަޝްކަރު ޝާމްކަރައަށް މިޞްރާބު ޖެހުމުން އަބޫބަކުރުގެފާނު ދެއްވަން ބޭނުންފުޅުވާ ނަޞޭޙަތެއް ދެއްވުމަށް ފަހު، އެނބުރި މަދީނާމުނައްވަރާ އަށް ވަޑައިގަތީއެވެ. ފަހެ، އެދުވަސްވަރު ދުނިޔޭގައި އެންމެ ބާރުގަދަ ދެދައްލަތް ކަމުގައިވާ، ފަރިސީންނާއި ރޯމަނުންނައި ހަނގުރާމަ ކުރުމަށް އިސްލާމީ އުންމަތުގެ ލަޝްކަރުތައް ފޮނުއްވައި އެރަސްކަން ތަކައި ހަނގުރާމަ ކުރެއްވީއެވެ.


މިލަޝްކަރު މަދީނާމުނައްވަރާއިން ނުކުތީ އަބޫބަކުރުގެފާނުގެ ބެއްލެވުމުގެ ދަށުގައެވެ. އެހެނަސް އެކަލޭގެފާނު ދުނިޔެދޫކުރެއްވުމުން މިލަޝްކަރުގެ ޤިޔާދަތު ބެލެހެއްޓެވީ، އިސްލަމީ އުންމަތުގެ ދެވަނަ ޚަލީފާކަމުގައިވާ، އުމަރުގެފާނެވެ. އާދެ! ފަހުން މިލަޝްކަރު، 4 (ހަތަރެއް) ދިމާއަކަށް، 4 (ހަތަރެއް) ބަޔަށް ބައްސަވައިލައްވައި ހަތަރު ލީޑަރުން ހަތަރުލަޝްކަރަށް ހަމަޖެއްސެވިއެވެ.


ޙިމްޞް (HOMS) އައި ދިމާއަށް ސޫރިޔާއަށް ފޮނުއްވީ، އަބޫ ޢުބައިދަތް ބިން އަލްޖައްރާޙްގެ ލަޝްކަރެވެ. ފަލަސްޠީން އައި ދިމާއަށް ފޮނުއްވީ، ޢަމްރު ބިން އަލްޢާޞް އެވެ. ދަމިޝްޤް އައި ދިމާއަށް ފޮނުއްވީ، ޔަޒީދު ބިން އަބީސުފްޔާން އެވެ. އަދި، ޝަރަހްބީލް ބިން ޙަސްނާ އުރްދަން (ޖޯރޑަން) އައި ދިމާއަށް ފޮނުއްވާ ލެއްވިއެވެ.


ފަހެ، އިސްލާމީ އުންމަތުގެ މިލަޝްކަރުތަކުން، ފާރިސްކަރައާއި ރޯމްންކަރައާއި ރޯމަނުންގެ ދަށުގައި އޮތް، ޝާމްކަރައާއި ފަލަސްޠީން އާއި މިޞްރާއި ސޫރިޔާއާއި އުރްދަން ފަދަ ދައްލަތްތަކާއި ޤައްމުތައް ފަތަޙަކުރީއެވެ. މިހުރިހާ ކާމިޔާބީތަކާއި ފަތަޙަތައް އިސްލާމީ އުންމަތަށް ލިބިގެން ދިޔައީ، ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައެވެ.


އާދެ! ޢަމްރު ބިން އަލްޢާޞްގެ ލަޝްކަރުން ޣައްޒާއާއި ނާބްލަސްއާއި ފަލަސްޠީންގެ އެހެނިހެން ރަށްތައް ފަތަޙަކޮށް، ޤުދުސްއައި ހަމައަށް ދެވުމުން، މުސްލިމް ލަޝްކަރު ޤުދުސް ވަށާލުމަށް ފަހު، ހަނގުރާމަނުކޮށް މަޑުޖައްސާލީ، ސިޔާސީގޮތުން ޞުލްޙަ ހޯދުމަށެވެ. ފަހެ، ދީނީގޮތުންނައި ސިޔާސީގޮތުން ޤުދުސްގެ ކަންތައް ހަމަޖެއްސުމަށެވެ.


ފަހެ، އެހިސާބުން ރޯމަން ބައިޒަންތީންގެ ބާރު، ޤުދުސް ދިފާޢު ކުރުމުގައި ކެނޑިގެން ހިގައްޖެއެވެ. ޤުދުސްގެ ވަށާފާރުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތުނީއެވެ. ޤުދުސްގެ ޔަހޫދީންނާއި މަސީޙީންގެ ބޮޑުން އެތެރޭގައި ތާށިވެ ބަންދުވީއެވެ. ފަހެ، ޝާމްކަރައިގެ ހުރިހާރަށްތަކެއް މުސްލިމުންނައި ގުޅި، ޞުލްޙަވެ އިސްލާމީ ލަޝްކަރަށް ފަތަޙައާއި ނަޞްރު ލިބުނީއެވެ. ޙައްޤުއައީއެވެ. ބާޠިލްނެތި ދިޔައީއެވެ.


ދެން، ޢަމްރު ބިން އަލްޢާޞް ރޫމީންގެ ޤާޢިދަށް ސިޓީފުޅެއް، އަމާންދިނުން އެދި  ފޮނުއްވިއެވެ. ތާރީޚުއްޠަބަރީ ގައި އެފޮތުގެ މުޞައްނިފް ލިޔުއްވާފައި ވަނީ، އެސިޓީގެ ޖަވާބުގައި ރޯމަނުންގެވެރިޔާ ލިޔުއްވާފައި ވެއެވެ.


“ހަމަކަށަވަރުން ޤުދުސް ފަތަޙަކުރައްވާނީ، ތިންއަކުރުން ކިޔޭ ނަންފުޅަކުން ނެވެ. ހަތަރު އަކުރުން ކިޔޭ ނަންފުޅަކުން ނޫނެވެ.”


ޢަރަބިބަހުން ޢުމަރު، عمر ކިޔެނީ، ތިންއަކުރުންނެވެ. ޢަމްރު، عمرو ކިޔެނީ، ހަތަރު އަކުރުންނެވެ. ޤުދުސް ދިފާޢު ކުރުމުގެ ހިތްވަރާއި ބާރު ރޯމަނުންނަށް ނެތިދިޔަ ހިސާބުން ޤުދުސްގެ ހޮލީ ސެޕުލްކަރ ފައްޅީގައި (CHURCH OF THE HOLY SEPULCHER) ރޯމަން ބައިޒަންތީންގެ ފަރާތުން ހުންނަވާ ނަޞާރާ ފައްޅިތަކުގެ އެންމެ އިސްފާދިރީ އެއްގެ ގޮތުގައި، އޯތޮޑޮކްސް ޕެޓްރިއާކް އޮފް ޖެރޫސަލަމް (PATRIACH OF JERUSALEM) ގެ މަޤާމުގައި ހުންނެވި، ސައިންޓު ސަފޫރނިޔޫސް، صفرونيوس (St. SOPHRONIUS) ބޮޑުފާރުމަތިން ބޯދިއްކުރައްވައި އިސްލާމީ އުންމަތުގެ ލަޝްކަރައި މުޚާޠަބްކޮށް ދެންނެވިއެވެ.


"ޚަލީފާ ޢުމަރުގެފާނު ޤުދުސްއައި ޙަވާލުވެ ވަޑައިގަތުމަށް ޤުދުސްއަށް ވަޑައިގަންނަވާށެވެ."


ދެން އިސްލާމީ ލަޝްކަރުގެ ޤާޢިދު ޢަމްރު ބިން އަލްޢާޞް މިވާހަކަ ޚަލީފާ ޢުމަރުގެފާނަށް ލިޔުއްވުމުން، ޢުމަރުގެފާނު ޤުދުސްއަށް ސަވާރީއެއްގެ މަތީގައި ޣުލާމަކާ އެކު ވަޑައިގަތެވެ. ޢުމަރުގެފާނާއި ޣުލާމުކަލޭގެ އާއި ދެބޭފުޅުން ދަތުރުކުރެއްވީ ދެބޭފޫލުން އެއްވަރަށް އެއްހަމައަކަށް ޑިއުޓީ ބައްސަވައިގެންނެވެ. އެއްބޭފުޅަކު ސަވާރުވެ އިންނަވާ އިރު އަނެއްބޭފުޅާ ސަވާރީގެ ލަގަން ހިތްޕަވައިގެން ހިންގަވާ ގޮތަށެވެ. މިގުތުގެ މަތީން ޤުދުސްއަށް ވެންނެވި އިރު ސަވާރުވެ އިންނަވަން ޖެހުނީ ޣުލާމުކަލޭގެ އަށެވެ.


ޢުމަރުގެފާނު ހުންނެވީ ސަވާރީގެ ލަގަން ހިއްޕައިގެން ހިންގަވާށެވެ. ވިސްސާރައިގެ ސަބަބުން ކިސަޑުހެދިފައިވާތީ އެއްއަތުން ހުންނެވީ ހަމުގެ ފައިވާންޕުޅު ހިއްޕަވައިގެންނެވެ. އަނެއް އަތްޕުޅުން ހިއްޕަވައިގެން ހުންނެވީ ސަވާރީގެ ލަގަނުގައެވެ. މިމަންޒަރު ފެނުމުން ރޯމަނުންނަށް ޢަޖައިބަކަށްވިއެވެ. އެމީހުންގެ ފޮތްތަކުން އަމީރުލްމުއުމިނީންގެ ސިފަފުޅުތައް ކިޔާފައި ހުރުމުން މިއީ މުސްލިމުންގެ އަމީރުލްމުއުމިނީންކަން އެވެރިންނަށް ފަސޭހަކަމާ އެކު ކަށަވަރު ކުރެވުނެވެ. އަދި ޤުދުސް އަށް ސަފޫރނިޔޫސް އަރިހުގައި ވެންނެވުމަށް ފަހު، ޤުދުސްގެ ތަޅުދަނޑިފަތި ޢުމަރުގެފާނައި ޙަވާލުކުރެވުނެވެ.


މަސްޖިދުލް އަޤްޞާއަށް ވެންނެވީ، ލައްބައިކަ އައްލޯހުއްމަ ލައްބައިކަ ބިމާ ހުވަ އަޙައްބު އިލައިކަ “لبيك اللهمَّ لبيك، بما هو أحب إليك” ވިދާޅުވަމުންނެވެ. ދެން އެއަށް ފަހު ވަޑައިގަތީ ސެޕުލްކަރ ފައްޅިއަށެވެ. އެއީ އަޤްޞާ މިސްކިތާ ކުޑަ ތަންކޮޅެއް ދުރެވެ. ހަޤީޤަތުގައި މި މިސްކިތަކީ، ދާއޫދުގެފާނު ބިނާކުރެއްވި ޤަދީމީ ޤުދުސްގައި ހުންނަ މުސްލިމުންގެ މިސްކިތެވެ.


                                                                                       މިޗާޓުން ފެންނަނީ މުޅި ޤަދީމީޤުދުސްގެ ވަށާފާރެވެ.
މިޗާޓުން ފެންނަނީ މުޅި ޤަދީމީޤުދުސްގެ ވަށާފާރެވެ.

އެއިރު އެއީ، ނަޞާރާއިންނާއި ޔަހޫދީންގެ އެންމެބޮޑު މަރުކަޒެވެ. ވެރިކަމުގެ ދީވާން އެވެ. ދަރުބާރެވެ. ޤުދުސްއަށް ޢުމަރުގެފާނު ވެންނެވީ ފާތިޙެއްގެ އެންމެމަތީ ދަރަޖައިގައި މުސްލިމް ލަޝްކަރާ އެކުގައެވެ. އެއީ ހިޖްރީން، 15 (ފަނަރަ) ވަނަ އަހަރުގައެވެ.


ފަހެ، އެހިސާބުން މުޅި ފަލަސްޠީން އެކުގައި ފަތަހަވެ، ނަޞްރާއި ކާމިޔާބު މުސްލިމުންނަށް ޙައްޤުވީއެވެ. ނަޞާރާއިންގެ ބޮޑުންގެ އިތުރުން ޔަހޫދީންގެ ބައެއްބޮޑުން ވަޑައިގެން އެކަލޭގެފާނައި ބައްދަލުކުރައްވައި އެކިބަސްތަކުން މަރްޙަބާ ދެންނެވިއެވެ. އޭގެތެރެއިން ޔަހޫދީބޮޑަކު ދެންނެވިއެވެ. “އަހުރެން މުސްލިމުންނައި އީލިޔާގެ އަހުލުވެރީން ޞުލްޙަވާތަން ދެކެން ބޭނުމެވެ.” އާދެ! ޤުދުސް ފަތަޙަވީ، 636 މ. ގައެވެ. ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުންނަމަ، 635 މ. ގައެވެ.


ޤުދުސްގައި އެހިނދު ޖަމާވެފައި ތިބި އެންމެހައި މީސްތަކުންނައި މުޚާޠަބްކުރައްވައި ޢުމަރުގެފާނު ޚާއްޞަ ޚުޠުބާއެއް ދެއްވިއެވެ. މިޚުޠުބާގައި އެކަލޭގެފާނު ވިދާޅުވިއެވެ.


“އޭ! އަހްލު އީލިޔާއެވެ! އަހަރުމެންނަށް ހުރި އެއްޗެއް ވިއްޔައި ތިޔަބައި މީހުންގެ މައްޗަށް ހުއްޓެވެ! އަދި، ތިޔަބައި މީހުންގެ މައްޗަށް، އަހަރުމެންނަށް ހުރި ގޮތްތައް ހުއްޓެވެ!”


ދެން އެއަށްފަހު، ބޮޑުފާދިރީ ސުފޯނިއަސް، ޢުމަރުގެފާނުގެ ދަޢްވަތު ޤަބޫލްކޮށް އެމީހުންގެ މަރްކަޒު ކަމުގައިވާ ސެޕުލްކަރ ފައްޅިއަށް ވަދެވަޑައިގަތެވެ. އެތާގައި ތިއްބަވަނިކޮށް ނަމާދު ވަގުތުއައިސް ޖެހުމުން، ސުފޯނިއަސް އެކަލޭގެފާނަށް ފައްޅީގައި ނަމާދުފުޅު ކުރެއްވުމަށް ދެންނެވުމުން، ޢުމަރުގެފާނު ފައްޅީގައި ނަމާދު ކުރެއްވުމަށް އިންކާރު ކުރައްވައި މަސްދިޖުލް އަޤްޞާގެ މިޙްރާބް ކޮބައިތޯ ދެންނެވުމުން، ދާއޫދުގެފާނު އެޅުއްވި ބިންގާހުރިތަނައި ދިމާއަށް އިޝާރާތް ކުރެއްވުމުން، އެތަން ސާފުކުރެއްވުމަށް ފަހު، މުސްލިމް ލަޝްކަރާ އެކު އެތާގައި އިސްވެ ނަމާދު ކުރެއްވީއެވެ. އަދި އެބިންގަލުގެ މަތީގައި މަސްޖިދުލް އަޤްޞާ މަރާމާތު ކުރެއްވީއެވެ.


އާދެ! ފަލަސްޠީން އިސްލާމީ ފަތަޙައަށް ފަހު، ނަޞާރާއިންނާއި ޔަހޫދީންނަށް އެބިމުގައި އުޅުމުގެ ހުއްދައެއް ލިޔުމުން ދެއްވައި، މަސީޙީންގެ ބޮޑުންނައި އެކު، ޢަހްދުނާމާއެއް ލިޔުއްވައި އެއަށް ޢަމަލު ކުރައްވާން ފެއްޓެވީއެވެ. މިއިން ޒަމާނަކު ނަޞާރާއިންނާއި ޔަހޫދީން ހިތްހަމަ ނުޖެހޭ މިންވަރަށް ހިތްހަމަޖެހި ޤުދުސްގައި މިނިވަންކަމާ އެކު، ދިރިއުޅުމުގެ ފުރުޞަތު އެމީހުންނަށް ޢުމަރުގެފާނު ދެއްވީއެވެ.


ފަހެ، އިސްލާމީ ލަޝްކަރުތައް ރޯމަން ކްރިސްޗިއަނުން ބަލިކޮށް، މިސަރަޙައްދުތައް ފަތަޙަ ކުރުމަށް ފަހު، މިހާރުގެ ސޫރިޔާއާއި ލުބްނާންއާއި އުރްދުން އާއި ފަލަސްޠީން ހިމެނޭ ސަރަޙައްދަކީ، “ބިލާދުއްޝާމް” ގެނަމުން ނަން ދެއްވައި އިސްލާމީ ޚިލާފަތުގެ ޕްރޮވިންސެއް ކަމުގައި ހަމަޖެއްސެވިއެވެ.


އިސްލާމީ ވެރިކަމުގައި ޔަހޫދީންނަށް ފަލަސްޠީން އަށް އައުމާއި ދިއުމުގެ، އަދި އުފަލާއި ތަނަވަސް ކަމުގައި ފަލަސްޠީންގައި ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ފަހިވެގެން ދިޔައެވެ. އިސްލާމީ ޚިލާފަތުގެ ފަރާތުން ދުވަހަކުވެސް ފަލަސްޠީންގެ ބިމުން ޔަހޫދީން ހުސްކުރާން، ނުވަތަ ޔަހޫދީ ދީނަށް ދަތިކުރާކަށް ވެސް ވަކި ކަމެއްކުރައްވާ ފައެއް ނުވެއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފަލަސްޠީން އިދާރީގޮތުން ދެބަޔަކަށް ބައްސަވައި ލެއްވިއެވެ. ވެރިކަމުގެ ނިޒާމަށް އިދާރީ ބަދަލުތައް ގެންނެވިއެވެ. ވެރިކަމުގެ ނިޒާމް ރިފޯމްކުރެއްވުމަށް ގިނަ ބަދަލުތަކެއް ގެންނެވިއެވެ.


ދެން، ނަޞާރާއިން ސެޕުލްކަރ ފައްޅި މަޑުމަޑުން އަލުން ހިންގާން ފެށީއެވެ. އަދި ޤުދުސްގެ އެންމެހައި ކަންކަން، އާދައިގެ ރީތި ދިރިއުޅުމަކަށް ބަދަލުވެގެން ދިޔައީއެވެ.


އާދެ! އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނު ޤަތުލްކޮށްލީ، ޙައްޖުގެ އަޅުކަމުގެ އެންމެފަހު ބައި ކަމުގައިވާ، ބޮޑުޖަމްރާއަށް ހިލައުއްކަވައި ނިންމާލެއްވި ތަނާހެން، ފީރޯޒް ނަހާވަންދު އޭ ކިޔުނު ފާރިސީ އެކެވެ. އެކަލޭގެއަށް ލަޢުނަތް ހުއްޓެވެ! މިއީ ފާރިސްކަރައިގެ ސަސާނީންގެ ހަނގުރާމަ ވެރިއެކެވެ. މީނާ އަތުލައި ގަނެވުނީ، ފާރިސީންނައި އެކު، އިސްލާމީ ލަޝްކަރުންކުރި، ޤާދިސިއްޔާ ހަނގުރާމައި ގައެވެ. މީނާ އަޅެއްގެ ގޮތުގައި ގެންގުޅުއްވީ، އަލްމުޣީރާ ބިން ޝުޢުބާ އެވެ. ޤާތިލްކަލޭގެއަށް ލަޤަބަކަށް ކިޔާއުޅެނީ، އަބޫލުއުލުއު އެވެ.


ޢުމަރުގެފާނު ހަށިކޮޅަށް މިކަލޭގެ ޙަމަލާދިނީ ދެމިޔަތޫނުކޮށް ފައިވާ ޚަންޖަރަކުންނެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ހައެތިފަހަރުން ޙަމަލާ ދިނެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގަތީ، ފަހު ޙަމަލާ ކަމުގައިވާ ހަވަނަ ޙަމަލާއިންނެވެ. އެއީ، ޙައްޖުމަހުގައި، ހިޖްރީން 23 ވަނަ އަހަރުގައެވެ. އެކަލޭގެފާނު ޚިލާފަތުގައި، 10 (ދިހައެއް) އަހަރާއި، 6 (ހައެއް) ދުވަހު ހުންނެވިއެވެ. ޝަހީދުވެ ވަޑައިގެންނެވި އިރު ޢުމުރުފުޅަކީ، 63 (ފަސްދޮޅަސް ތިނެއް) އަހަރުއެވެ. މުޙައްމަދުގެފާނާއި އަބޫބަކުރުގެފާނު ވެސް ދުނިޔެދޫކުރެއްވީ ޢުމުރުފުޅުން، 63 (ފަސްދޮޅަސް ތިނެއް) އަހަރުގައެވެ. އެއީ، 644 މ. އެވެ.


އާދެ! ޢުމަރުގެފާނަށް ފަހު، މުސްލިމުންގެ ޚިލާފަތައި ޙަވާލުވެލެއްވީ ޢުޘްމާނުގެފާނެވެ. އެކަލޭގެފާނު ޚިލާފަތުގެ ރަސްމީ އޮފީހުގައި އިންނެވީ، 644 އިން ފެށިގެން، 656 މ. އައި ހަމައަށެވެ. ޢުޘްމާނުގެފާނަށް ފަހު، އިސްލާމީ ޚިލާފަތައި ޙަވާލުވެލެއްވީ، ޢަލީގެފާނެވެ. އެކަލޭގެފާނު ޚިލާފަތުގެ ރަސްމީ އޮފީހުގައި އިންނެވީ، 656 އިން ފެށިގެން، 661 މ. އައި ހަމައަށެވެ. އަލްޚުލަފާއުލް ރާޝިދޫންގެ ޚިލާފަތުގައި ވެރިކަން ކުރެއްވީ މިހަތަރު ބޭފުޅުންނެވެ. ދެން ފެށުނީ އުމަވީންގެ ޚިލާފަތުގެ ދުވަސްވަރެވެ.


ސެޕަލްކާރ ފައްޅި:


ޤުދުސް، ޖެރޫސަލަމްގައިވާ "ޗާޗް އޮފް ދަ ހޯލީ ސެޕަލްކާރ" (Church of the Holy Sepulchre) އަކީ ނަޞާރާ (ކްރިސްޓިއަން) ދީނުގެ އެންމެ މުޤައްދަސް އަދި އެންމެ ތާރީޚީ އެއް ބިނާއެވެ. ސެޕަލްކާރ ފައްޅިއަށް ޢަރަބިބަހުން ކިޔަނީ ކަނީސަތުލް ޤިޔާމަތް (كنيسة القيامة) އެވެ. މިއީ ޢީސާގެފާނުގެ ޒިޔާރަތް ކަމުގައި މަސީޙީން ޤަބޫލްކުރާ ތަނެވެ. އަދި ޞަލީބަށް ނެންގެވުނީ މިތަނުގައި ކަމަށް ވެސް ގަބޫލުކުރެއެވެ. އަދި ޞަލީބުގެ އަޞްލު މިތަނުން ފެނިފައިވާ ކަމަށް އެމީހުން ޤަބޫލް ކުރެއެވެ.


އަދި ، ދުނިޔޭގެ ބިންމަތީގައި ހުރި، އެމީހުންގެ އެންމެ މުޤައްދަސް ތަން ކަމުގައި ދެކި ގަބޫލުކުރެއެވެ. އެފައްޅީގެ އެންމެ މުޤައްދަސް ތަންތަނަކީ، ގޮލްގޮތާ (Golgotha / Calvary): ފައްޅީގެ އެތެރޭގައިވާ އުސް ބައެކެވެ. ނަޞާރާއިން ގަބޫލުކުރާ ގޮތުގައި މިއީ ޢީސާގެފާނު ޞަލީބަށް އެރުވުނު ޙާދިސާ ހިނގި ޞައްޙަ ބިމެވެ އަދި، އެޑިކިއުލް (The Edicule): ފައްޅީގެ ބޮޑު ގުއްބު ކުޑަދަށުގެ (Rotunda) މެދުގައި ހުންނަ ކުޑަ ބިނާއެކެވެ. މީގެ އެތެރޭގައި ވަނީ ޢީސާގެފާނު ފަސްދާނުލެވުނު ކަމަށް ބުނާ މަޤްބަރާ (Tomb of Christ) އެވެ. އަދި، އެނޮއިންޓްމަންޓް ހިލަ (Stone of Anointing): ފައްޅީގެ ވަންނަ ދޮރުމަތީގައި އޮންނަ ރަތްކުލައިގެ ހިލައެކެވެ. މިއީ ޢީސާގެފާނުގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން ސާފުކޮށް، ކަފުންކުރި ތަން ކަމަށް އެމީހުން ގަބޫލުކުރެއެވެ.


މި ފައްޅީގެ މަރްކަޒު ހަދާފައި ހުންނަނީ، ޤަދީމީ ޤުދުސް ގައި އެކިދީންތަކުގެ މީހުން އަޅުކަން ކުރުމަށް ބަހާއި ކަނޑައެޅުމަށް ފަހު، ނަޞާރާއިންނަށް ޚާއްޞަކޮށް ފައިވާބައި ގައެވެ. އެއީ ކްރިސްޗިއަން ކްއާޓަރ ހަދާފައިވާ ބައެވެ. އަޅުގަނޑުމެން މުސްލިމުން ފާހަގަކުރަން ޖެހޭ ޙަޤީޤަތަކީ، އެއީ ހުސް ޒިޔާރަތެއް ކަމެވެ. ޢީސާގެފާނު، އަދި އަޞްލު ޞަލީބެއް ވެސް އެތާކު ނެތްކަމެވެ. އެއީ ސުލައިމާނުގެފާނު ބިނާ ކުރެއްވި މިސްކިތުގެ ބިންގާމަތީގައި ކަމަށް ބުނެ ނަޞާރާއިން ހަދައިގެން އުޅޭ ފައްޅިއެއް ކަމުގައެވެ. އެންމެ ފުރަތަމަ ބިނާކުރެއްވީ، އަދި ފައުންދަރަކީ، ރޯމަން އެމްޕެރަރ ކޮންސްޓަންޓީން Constantine the Great އާއި އޭނާގެ މަންމާފުޅު ސެއިންޓް ހެލެނާ (Saint Helena) އެވެ.


ފަހެ، ސެކަންޑްޓެމްޕަލް ރޯމަނުންގެ ރަސްކަލުން ޓައިޓަސް ތަޅާލާއި ސުންނާފަތިކޮށްލުމަށް ފަހު، ޤުދުސްގައި މި ފައްޅި ވުޖޫދަށް ގެނައީ ރޯމަނުންގެ، 14 (ސާދަ) ވަނަ އެންޕަޔަރ ހަޑްރިއަން، ނޫނީ ހާދްރިޔާން، هادريان (HADRIAN) އެވެ. ހާދްރިޔާން ޤުދުސްގައި ރޯމަނުންގެ އީލިޔާ ކޮލޯނީ، Aelia Capitolina އެއް ބިނާކުރެއްވުމުގެ ތެރޭގައެވެ. މީނާ ރަސްމީކޮށް އޮފީހުގައި އިންނެވީ، 117 އިން ފެށިގެން، 138 މ. އަށެވެ. މަޝްހޫރުވެފައި ވަނީ، ހަޑްރިއަން ފާރު (HADRIAN’S WALL) ބިނާކުރި ރަސްގެފާނުގެ ގޮތުގައެވެ.


އެއަށް ފަހު، ސާސާނީ ފާރިސީންގެ އިރުގައި، 614 މ. ގައި އެތަނުގައި ހުޅުޖެހިއެވެ. ދެން އެއަށްފަހު، ރޯމަނުންގެ ހާކިއުލީސް (HERACLIUS) ރަސްކަމުގައި އަލުން ޞަލީބުހޯދައި، 630 މ. ގައި އެތަން ބިނާކޮށް ފައްޅިއަކަށް އިއާދަކުރިއެވެ. ދެން އައީ، ރޯމަން ބައިޒަންޠީ ކްރިސްޗިއަނުން މުސްލިމުންނައި ޞުލްޙަވާން މަޖްބޫރުވެ، 638 މ. ގައި ޢުމަރުގެފާނު މުސްލިމުންގެ ލަޝްކަރާ އެކު، އެފައްޅިއަށް ވެންނެވުމެވެ.


އެހިނދުން ފެށިގެން ޢުމަރުގެފާނުގެ ޚަލީފާކަން ނިމި، އުމަވީންނާއި ޢައްބާސީންގެ ޚަލީފާއިންގެ ވެރިކަން ޤުދުސްގައި ދެމިގެން ދިޔައީއެވެ. ފަހެ، އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތުގައި، 750 މ. އައި ހަމައަށްދެމިގެން އައީ މިގޮތުގެ މަތީގައެވެ. ޚިލާފަތުގެ ބާރުގެ ދަށުގައި ޤުދުސް އޮވެގެންނެވެ. ޤަދީމީ ޤުދުސް އަކީ، މުސްލިމުންގެ ޙަރަމްފުޅެއްގެ ގޮތުގައެވެ. ޔަހޫދީންނާއި ނަޞާރާއިންގެ އުނދަގޫތައް އަބަދުވެސް އަންނަމުން ދިޔައެވެ.


އެގޮތުގެ މަތީން، ޔަހޫދީންނައި ނަޞާރާއިން، 831 މ. ގައި އެމީހުން އެބުނާ ފައްޅިއަށް އަނެއްކާވެސް ވެރިވެގަތެވެ. އެހެނަސް، އެއަށް ފަހު، ޢައްބާސީ ޚިލާފަތުގެ ދަށުގައި، 929 މ. ގައި މިޞުރުގައި އުފެދުނު ޝީޢީ ފާޠިމީންގެ ވެރިކަމުގެ ބާރުތަކުން، 1072 މ. ގައި ޚުރާސާނުން ނުކުމެގެންއައި ތުރުކީންގެ ސަލާޖިޤާ އިންގެ ޖެނެރަލެއް ކަމުގައިވާ، ޚަވާރިޒްމީ (KHWAREZMIAN) ދަރިކޮޅުގެ ޢަލާއުއްދީން އިތްސިޒް، علاء الدین اتسز (ALA al-DIN ATSIZ) ޤުދުސްއާއި ދަމިޝްޤަށް ވެރިވިއެވެ.


އެއަށް ފަހު، މިޞްރައި ދިމާއަށް ހަނގުރާމަ ފުޅާކޮށް މިޞްރުގައިއޮތް ފާޠީމީދައުލަތް ވައްޓާލަން އުޅުމުން ފާޠިމީންގެ ލަޝްކަރު މިމީހުން ބަލިކޮށް އަދި ފަލަސްޠީނުން ވެސް ފައްސާލީއެވެ. ދެން ފާޠިމީންނައި ކުރިމަތިވި، ޤަރާމިޠާ ތަލާފޮޅުމަށް ފަހު، ޤަރާމިޠީން (QARMATIANS) ބަލިކޮށް، އިސްލާމީ ޚިލާފަތުގެ ދަށަށް ފަލަސްޠީން އެކުގައި ގެނައެވެ.


ފަހެ، މިއި ޢައްބާސީ ޚިލާފަތުގެ ތެރޭގައި މިޞްރުގައި އުފެދުނު ޝީޢީފިކުރުގެ ފާޠިމީ ޚިލާފަތުން ޤުދުސް ބެލެހެއްޓި ދުވަސްވަރެވެ. ފާޠިމީ ދައްލަތް {ޚިލާފަތް} (FATIMID CALIPHATE) ދެމިއޮތީ، 909 އިން ފެށިގެން، 1171 މ. އައި ހަމައަށެވެ. ފާޠިމީ ޚިލާފަތުގެ، 6 (ހައެއް) ވަނަ ރަސްކަލަކީ، އަބޫ ޢަލީ މަންޞޫރް އަލްޙާކިމް ބިއަމްރިއްﷲ (ABU ALI MANSUR al-HAKIM bi-AMR ALLAH, 985 – 1021) އެވެ. ސާދަ ޚަލީފާއިން މިދައުލަތުގައި ވެރިކަން ކުރެއްވިއެވެ.


ފާޠީމީން ޤުދުސްއަށް އަރައި، 18 އޮކްޓޯބަރ 1009 މ. ގައި މިފައްޅި އެކުގައި ބިމައި ހަމަކޮށް މުގުރާލައި ސުންނާފަތި ކޮށްލިއެވެ. އެހެނަސް ފަހުން، 1048 މ. ގައި އަލްޙާކިމްގެ ހުއްދަފުޅާ އެކު، ބައިޒަންޠީ ރަސްކަލެއް ކަމުގައިވާ، ޤުސްޠުންޠީން ނުވައެއް، މިފައްޅި އަލުން ބިނާކޮށް އަޅުކަންކުރުމުގެ ހުއްދަ ދެއްވީއެވެ.


ފަހެ، ފާޠިމީންނަކީ، ޝީޢީ ފިކުރުގެ އިސްމާއީލިއްޔާ މަޒްހަބަށް ނިސްބަތްވާ ޢައްބާސީ ޚިލާފަތުގެ މުސްލިމް ބައެކެވެ. ޞަލީބީން، 1099 މ. ގައި އަރައި މިފައްޅި ޙިމާޔަތް ކުރުމަށް ފަހު، ޞަލީބީން އެކި ދައުރުތަކުގައި މަރާމާތުކޮށް ބަލަހައްޓާފައި ވެއެވެ. 1112 މ. ގައި ވެސް ބަދަލުތަކެއް ގެނައެވެ.


                                                                     ސެޕަލްކާރ ފައްޅި ވާއަތުން އެފެންނަނީ ރަނގަބީލުގެއެވެ.
ސެޕަލްކާރ ފައްޅި ވާއަތުން އެފެންނަނީ ރަނގަބީލުގެއެވެ.

އަދި ޓޮންބެއް، 1119 މ. ގައި ބިނާކުރިއެވެ. އަދި 1131 މ. ގައި ވެސް ބަދަލުތަކެއް ގެނައެވެ. އަދި، 1149 ގައި އިތުރަށް ބޮޑުކޮށް، 1170 މ. ގައި ބޮޑު ރަނގަބީލެއް ހަރުކުރެވުނެވެ. ދެން އަޅުގަނޑު ގެނެސްދޭނީ، ޞަލީބީންގެ ޙަމަލާތަކެވެ. ޞަލީބީންގެ އެރުމެވެ.


ޞަލީބީންގެ އެރުން:


ޔޫރަޕްގެ އެތަންމިތަނުން ނުކުމެގެން ފަލަސްޠީންގެ އަހްލުވެރިންނައި ހަނގުރާމަކޮށް ޤުދުސް ޝަރީފް ހިފުމަށް ޞަލީބީ ހަނގުރާމަވެރިން ތައްޔާރުވެގެން ނުކުތެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ނަން ދެވިފައިވާ ޞަލީބީންގެ ފުރަތަމަ ހަނގުރާމައެވެ. ޞަލީބީންނަށް، "ޞަލީބީން" އާދެ، "ކުރޫސޭޑްސް" މިނަމުނަން ނަން ދެވުނީ އެހަނގުރާމަތައް ހިންގުނު ދުވަސްވަރަށް ވުރެ މާފަހުންނެވެ. އޭރު މިހަނގުރާމައަށް ތައްޔާރު ވުމުގައި ފުރަތަމައަށް ބޭނުންކުރެވުނީ ހޯލީ ހަނގުރާމަ އެއް ގޮތުގައެވެ. ގޮވާލެވުނީ މާތްވެގެންވާ "މުގައްދަސް ހަނގުރާމަ" އަށް ތައްޔާރު ވުމަށެވެ.


މިކަން ހިނގަން ފެށީ، އޭރުގެ ނަޞާރާފައްޅީގެ އެންމެ މަތީ ޕޯޕް، އުރްބާނޫސް ދެވަނަ، Pope Urban II ފަލަސްޠީނު ހިފުމަށް ޞަލީބީންނަށް ގޮވާލެއްވުމުންނެވެ. މިކަމަކީ އުރްބާނޫސް ދެވަނައިގެ ކުރިން ވެސް ބައެއް ކެތަލިކް ޕޯޕުން ކުރައްވަން ބޭނުންވެލެއްވި މުގައްދަސް ހަނގުރާމައެކެވެ. އަބަދުވެސް ދެކެމުން ގެންދިޔަ ހުވަފެނެކެވެ. އެހެނަސް އެކިއެކި ސަބަބުތަކާ ހުރެ، އެކަމަށް ޢަމަލީ ސިފަ ނުގެނެވި އޮތީއެވެ.


އުރްބާނޫސް ދެވަނައިގެ ބެއްލެވުމުގެ ދަށުން، އިސްލާމީ އުއްމަތަށް ޙަމަލާ ދޭނެ ވަރުގަދަ ލަޝްކަރެއް އުފެއްދެވުމުގެ ވިސްނުން ރަސްމީކޮށް އެންމެ ފުރަތަމަ ހާމަ ކުރެއްވީ، 1095 މ. ވަނަ އަހަރު އިޓަލީގެ ޕިއަޗެންޒާގައި ބޭއްވުނު "ޕިއަޗެންޒާގެ މަޝްވަރާ މަޖިލިސް (Council of Piacenza) ގައެވެ.


އެ ބައްދަލުވުމުގައި ކޮންމެވެސް ވަރަކަށް މިލަޝްކަރާ މެދު ވާހަކަ ދެކެވުމަށް ފަހު، ދުވަސްކޮޅަކަށް ފަހުން، ޕޯޕު އުރްބާނޫސް ދެވަނަ ފަރަންސޭސި ވިލާތަށް ވަޑައިގަތެވެ. އެ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި ޖަރުމަނާއި ކައިރިރަށްތަކަށް މިމެސެޖައިގެން ދަތުރު ކުރެއްވީއެވެ. ވަށައިގެން ހުރި ރަށްރަށާއި ފައްޅިފައްޅިއަށް ވަކިވަކިން ޒިޔާރަޔް ކުރެއްވިއެވެ. މިލަޝްކަރަށް މީހުން އެއްކޮށް މަޝްވަރާ ކުރެއްވުމަށެވެ. ޕުރާންސްގައި މަޑުކުރެއްވީ، ލީ ޕައި (Le Puy) އެވެ، ކިޔުނު ޝަހަރުގެ އިސް ފައްޅީގައެވެ.


ފަރަންސޭސިވިލާތުގައި ހުންނަވައިގެން އޭނާ އެހެނިހެން ބައެއް ސަރަޙައްދުތަކުގެ ބައެއް ނަޞާރާ ފައްޅިތަކުގެ އިސް ފަރާތްތަކަށާއި ބިންވެރި އަމީރުން (Feudal Princes) ނަށް މިކަމާ ގުޅިގެން ލިޔުންތަކެއް ފޮނުއްވިއެވެ. އެ ލިޔުންތަކުގައި އަންގަވައިފައި ވަނީ ނޮވެމްބަރު މަހު ފަރަންސޭސިވިލާތުގެ އިރުދެކުނުގެ ޝަހަރެއް ކަމުގައިވާ ކްލާރމޮންޓް (Clermont) ގައި ފައްޅީގެ ޢާއްމު ބޮޑުމަޝްވަރާ މަޖިލިހެއް ބާއްވަން ހަމަޖެހިފައި ވާ ކަމަށެވެ.


ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަސް އުރްބާނޫސް ދެވަނަ ހޭދަކުރެއްވީ ފަރަންސޭސި ރަސްކަމުގެ އެކި ސަރަޙައްދުތަކުގެ ނަޞާރާ ފައްޅިތަކަށް ޒިޔާރަތް ކުރައްވައި، ކްލާރމޮންޓުގެ މަޝްވަރާ މަޖިލިހާ (Council of Clermont) މެދުގައި މަޝްވަރާތަކާއި ސައްލާތައް ކުރެއްވުމުގައެވެ.


އާދެ! ބުރު ޖެއްސެވުގެ މިދައުރު ނިންމަވައިލައްވާފައި އޭނާ ކްލާރމޮންޓަށް ވަޑައިގަތީ ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ. އެއިރު މަޝްވަރާ މަޖިލިހުގެ ތައްޔާރީތައް އޮތީ ފުރިހަމަ ވެފައެވެ. ރަސްމީކޮށް، މަޝްވަރާ މަޖިލިސް ފެށުނީ ނޮވެންބަރު، 18 ގައެވެ. ނިމުނީ އެ މަހުގެ، 28 ގައެވެ. މަޖިލީހުގައި ކެތަލިކް ނަޞާރާއިންގެ ދީނީ ބޮޑުންނާއި ފާދިރީންނާއި ރާހިބުން ފަދަ ބޮޑެތި ދަންނަބޭކަލުންނާއި ވާޢިޒުންނާއި ޚަޠީބުންނާއި ނަޞާރާ ބިންވެރިންނާއި ނަޞާރާ ސައުދާގަރު އަމީރުންނާއި ރަށްރަށުގެ ވެރީންނާއި ކަމުވޮށިގެންވާ ލީޑަރުންގެ، 300 "ތިންސަތޭކަ" ވަރަކަށް މަންދޫބުން ބައިވެރިވިއެވެ.


މަޖިލިހުގެ ފުރަތަމަ ދެތިން ދުވަހުގެ އެޖެންޑާ އާއެކު ކުރެވުނު އެންމެ މުހިއްމު އިޢުލާނަކީ، މަޖިލިހުގެ ފަހު މަރުޙަލާގައި ޕޯޕް އުރްބާނޫސް ދެވަނަ، ވަރަށް މުހިއްމު ތަޤްރީރެއް ދެއްވާނޭކަމުގެ ވާހަކައެވެ. އާދެ! މި ތަޤްރީރަކީ މުޅި މުޤައްދަސް ބިމާއި އަލްޤުދުސްގެ ބަރަކާތްތެރި ބިމާއި އެ ބިމުގެ ވަށަވަށައިގެން ހުރި ސަރަޙައްދުތަކާ ބެހޭ ގޮތުން ދެއްވާ ވަރަށް ޚާއްޞަ، އަދި އެހާމެ މުހިއްމު ތަޤްރީރެއްކަން އެންގުނެވެ.


މި ދެންނެވި އިޢުލާނާ ގުޅިގެން، ކައުންސިލުގެ ފަހު ދުވަސްތަކާ ހަމަޔަށް އައި އިރު، މަޖިލިހުގެ ބައިވެރީންގެ އަދަދު ތިންސަތޭކަ ވަރަކަށް މީހުންގެ އިތުރުން، އުރްބާނޫސް ދެވަނައިގެ ޚާއްޞަ ތަޤްރީރު އަޑުއެހުމުގެ ޝައުޤުވެރިކަމުގައި ކްލާރމޮންޓަށް އިތުރު އެތައް ހާސް ބަޔަކު ކައިރި ހިސާބުތަކުން ވެސް އައިސް ޖަމާ ވެފައި ތިއްބެވެ. މާސިންގާ ބައްދަލުވުމަކަށް ވެއްޖެއެެވެ.


އުރްބާނޫސް ދެވަނައިގެ މުހިންމު ތަޤްރީރު ދެއްވީ، 27 ނޮވެންބަރުގައެވެ. އެ ތަޤްރީރަކީ ނަޞާރާ ކެތަލިކް ފައްޅީން އިސްލާމީ އުއްމަތާ ދެކޮޅަށް ޞަލީބީ ހަނގުރާމަ އިޢުލާން ކުރުމުގެ ރަސްމީ ތަޤްރީރެވެ. ރަސްމީކޮށް ގޮވާލުމެވެ. މުގައްދަސް ހަނގުރާމަ އިއުލާނު ކުރުމެވެ. ތަޤްރީރު އަޑު އެހުމަށް ޓަކައި ކްލާރމޮންޓަށް ޖަމާ ވެތިބި މީސްތަކުންގެ ގިނަކަމުން، ޝަހަރުގެ ބޮޑު ފައްޅީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ތަޤްރީރުގެ ބައްދަލުވުން، ޝަހަރުގެ އިރުމަތީ ދޮރޯށްޓާ ދިމާއިން ރަށްބޭރުގެ ހުސް މައިދާނަކަށް ބަދަލު ކުރެވުނެވެ.


ބުނެވޭ ގޮތުގައި، ޖުމްލަ ހާހެއްހައި މީހުން އެ މައިދާނަށް ޖަމާ ވެ، އުރްބާނޫސް ދެވަނައިގެ ޖޯޝުން ފުރިފައިވާ މުގައްދަސް ވާހަކަފުޅު އަޑުއެހިއެވެ. މުސްލިމުންނަކީ އެމީހުންގެ މާތްވެގެންވާ ބިމަށް ވެރިވެގަނެގެން އުޅޭ ޝައިތާނީ ބައިގަނޑެއްކަމަށް ވިދާޅުވިއެވެ. މުސްލިމުންނަކީ އެމީހުންގެ އަންހެން ދަރީން ނަގައިގެން ކައިވެނިކޮށް ހަދާނުބައި ނުލަފާ ބައެއްކަމުގައި ވިދާޅުވެ، ހިތަށް އެރިހާ އެއްޗެއް މުސްލިމުނައި ދިމާއަށް ގޮވާ ލެއްވިއެވެ. އަދި މުސްލިމުން، ނަޞާރާއިންނަށް ދެމުންގެންދާ ދުއްތުރާތަކާއި އަނިޔާތަކުގެ ވާހަކަތައް ފިސާރިއަކަށް ބޮޑުކޮށްގެން ތަކުރާރުކޮށްކޮށްފައި ގޮވާލައްވަމުން ގެންދެވިއެވެ.


މިބާވަތުގެ އެތައް ޕުރޮޕެގެންޑާ ވާހަކަތައް ދައްކަވާއި އެއް ވެތިބި މީހުން ކައްކުވައިލައްވާއި ޖަޒުބާތުގައި ޖެއްސުމަށް ފަހު އޭނާ ގޮވައިލެއްވީ، އިސްލާމުންނާ ދެކޮޅަށް މުޅި ކެތަލިކް ދުނިޔެ އެކަތިގަނޑަކަށްވެ ޖަމާވުމަށެވެ. އަދި މުސްލިމުންނަށް ބަލިނުކުރެވޭވަރުގެ ވަރުގަދަ ބޮޑު ލަޝްކަރެއް އެކުލަވައިލައިގެން، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަޔަށް ތައްޔާރުވެ ނުކުތުމަށެވެ.


އެ ލަޝްކަރުގައި ބައިވެރި ވާ ސިފައިންނަށް، އެމީހުން ކޮންމެ ފަދަ، އަދި ކިތަންމެ ބޮޑު ފާފައެއް ކޮށްފައި އޮތަސް އަދި ކުރިމަގުގައި ކޮންމެ ފަދަ އަދި ކިތަންމެ ބޮޑު ފާފައެއް ކުރިޔަސް، މަޢާފު ލިބިގެން ވާ ވާހަކަ، ޕޯޕު އިޢުލާން ކުރެއްވިއެވެ. އެމީހުން ކުރާ އެއްވެސް ކަމަކާ މެދު އެމީހުންނާ ކަލާނގެ އެއްވެސް ސުވާލެއް ނުކުރައްވާނޭ ވާހަކަ އާއި، ހިސާބުކިތާބެއް ނެތި އެމީހުންނަށް ސީދާ ސުވަރުގެ ވަދެވޭނޭކަން އިޢުލާން ކުރެއްވިއެވެ.


އުރްބާނޫސް ދެވަނައިގެ ޖޯޝުންފުރިގެންވާ ތަޤްރީރުގެ ފަހުކޮޅާ ހަމަޔަށް ދިޔަ އިރު، އެއްވެތިބި މީސްތަކުންގެ ތެރޭގައި ޝުޢޫރުތަކާއި ޖަޒުބާތުތައް ކެކި އުތުރިއަރައި، އެންމެން ދެ އަތް މައްޗަށް އުފުލައި "ޑިޔުސް ވުލްޓް" (Deus Vult) ގެ ނަޢުރާ ނުވަތަ ގޮވެލީގެ އަޑު ވައިގައި ހިއްޕައިލިއެވެ. ދެން އެންމެން އެއްއަޑުން އެތައްފަހަރަކު ތަކުރާރުކޮށް މިނަޢުރާގެ އަޑު ޖައްވުތެރެއަށް ގުގުމާލަންފެށިއެވެ.


ޑިއުސް ވުލްޓްގެ މާނައަކީ، "ތިޔައީ ކަލާނގެ އިރާދަކުރައްވާއި އެދިވޮޑިގެންވާ ގޮތް" މިއެވެ. މުރާދަކީ، އުރްބާނޫސް ދެވަނައިގެ ވާހަކަފުޅާ އެމީހުން ހިތުން ލޮލުން ބޮލުން އެއްބަސް ވެ، އޭނާގެ ގޮވައިލެއްވުމަށް އިޖާބަ ދޭނޭ ވާހަކައެވެ. މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައަކަށް މުޅި ކެތަލިކް ދުނިޔެ ތައްޔާރުވެ އިޖާބަދޭނެ ވާހަކައެވެ. ހަނގުރާމަ އަކަށް ނުކުންނާނޭ ވާހަކައެވެ.


މީސްތަކުންގެ ގޮވެލީގެ އަޑު މަޑު ވެ ހިމޭން ވެލުމުން، އުރްބާނޫސް ދެވަނަ އަނެއްކާވެސް އޭނާގެ ތަޤްރީރު ކުރިޔަށް ގެންދެވިއެވެ. ތަޤްރީރުގެ ފަހުބައި ފުރިހަމަ ކުރެއްވިއެވެ. ތަޤްރީރު ނިންމަވައިލެއްވީ ދެ ފަހަރު "ޑިއުސް ވުލްޓް" މި ޢިބާރާތް ތަކުރާރު ކުރައްވައި ގޮވައިލައްވަމުންނެވެ. އާދެ! މިނަޢުރާ އަކީ މިހާރުގެ ސަހުޔޫނީ ޔަހޫދީންގެ ވެސް ނަޢުރާއެވެ.


ދަންނައެވެ! އެމެރިކާގެ ރައީސްޓުރަމްޕުގެ ދެވަނަ ވެރިކަމުގެ ދައުރުގައި ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި ޕީޓް ހިގްސީތް، އޭނާގެ ކަނާއަތު މުލައްދަނޑީގައި ޢަރަބި ބަހުން "ކާފިރް" މި ލަފުޒު ލިޔެ، އެލަފުޒުގެ މަތީގައި މިނަޢުރާގެ ޓެޓޫއެއް ޖަހައިފައި ހުރި މަންޒަރު ފެންނަ ފޮޓޯތައް، އޭނާ އަމިއްލައަށް މި ދޭތެރެއިން މީސްމީޑިއާގައި ޢާއްމު ކުރެއްވިއެވެ. ރައީސްޓުރަމްޕަށް ފަހު އެމެރިކާގެ އެންމެ ބާރުގަދަ ފަރާތަކީ މީނާއެވެ. މިއީ ޕެންޓަގަންގެ ވެރިޔާއެވެ. އެމެރިކާ ސިފައިންގެ ވެރިޔާއެވެ. މި ޝިޢާރަކީ ސަލީބީ ހަނގުރާމަތަކުގައި މުސްލިމުންނާ ދެކޮޅަށް ސަލީބީ ލަޝްކަރު ބޭނުންކުރި "ޑިޔުސްވުލްޓް" މިބަހެވެ.


                                              2026 ގައި އެމެރިކާގެ ސަހްޔޫނީޔަހޫދީ ދިފާއީވަޒީރުގެ ކަނާއަތު މުލައްދަޑީގައި ޞަލީބީންގެ ޝިއާރު ޓެޓޫކޮށް ލިޔެފައި
2026 ގައި އެމެރިކާގެ ސަހްޔޫނީޔަހޫދީ ދިފާއީވަޒީރުގެ ކަނާއަތު މުލައްދަޑީގައި ޞަލީބީންގެ ޝިއާރު ޓެޓޫކޮށް ލިޔެފައި

ދެންފަހެ، އުރްބާނޫސް ދެވަނައިގެ ފަހަތްޕުޅުން، އެއް ވެތިބި ހާހެއްހައި މީހުން އަނެއްކާވެސް އެ ޢިބާރާތުގެ އަޑު ޖައްވު ތުރުތުރު އަޅައިގެން ދާހައި ބާރަށް ގޮވަމުން ގެންދިޔައެވެ.


ދަންނާށެވެ! މި ހޯލީ ހަނގުރާމައަށް ތައްޔާރުވެ ނުކުތް އެންމެންނަކީ ފަރަންޖީ ޞަލީބީންނެވެ. މުސްލިމުންނެއް ނޫނެވެ. އަދި މުނާފިގުންނެއް ވެސް ނޫނެވެ. ސީދާ މުސްލިމުންގެ ރަތްލާޖެހި އަދުއްވުންނެވެ. ދުވަހަކުވެސް މުސްލިމުން އެމީހުންނާ އެއްބައިވެ ނުގުޅޭހާ ހިނދަކު، މުސްލިމުން މެރުން އެމީހުންގާތުގައި ހުއްދައެވެ.


ކޮންމެއަކަސް، އުރްބާނޫސް ދެވަނައިގެ ގޮވައިލެއްވުމާ އެކު ފެށުނު ޙަރަކާތުގައި، ދާދި އަވަހަށް ނަޞާރާ ޞަލީބީންގެ ވަރުގަދަ ލަޝްކަރެއް އެއް ކުރެވުނެވެ. ކުއްލި ހަރަކާތަށް ގެނެވުނެވެ. އެ ލަޝްކަރު އޭޝިޔާ މައިނާރ، އާދެ، ތުރުކީގެ އަނަތާލިއާ ސަރަހައްދުގެ ތެރެއިންލާފައި އިސްލާމީ ދުނިޔެ، ޝާމްކަރައިގެ ސަރަޙައްދަށް، ފަލަސްޠީނަށް ވަދެގެން ދަތުރު ކޮށްފައި އައީ މުސްލިމުންގެ ޝަހަރުތަކާއި އަވަށްތަކާ ދިމާ ކުރަމުންނެވެ. އަޅާފޮޅަމުންނެވެ. އެ ރަށްތައް ހިފަމުންނާއި ޖެހުނު ހުރިހާ ތަނެއް ސުންނާފަތި ކޮށް ހަލާކު ކުރަމުންނެވެ. މީހުންތައް މަރަމުންނެވެ.


ޞަލީބީންގެ މިލަޝްކަރު ނުކުތްއިރު ޢަދަދަކީ، 600,000 (ހަލައްކަ) އެވެ. އެއްގަމުންނާއި ކަނޑުމަގުން އޮޑި ފަހަރުގައި ޝާމްކަރައައި ކައިރިކޮށް، ސަލްޖޫކީ އާއި ފާޠިމީ ހަނގުރާމަ ވެރިންނާއި ޢައްބާސީންގެ ލަޝްކަރު ބަލިކޮށް ފަލަސްޠީންގެ އައްސޭރި ރަށެއް ކަމުގައިވާ ފާޠިމީންގެ ދަށުގައި އޮތް، ޢަސްޤިލާން، 1099 މ. ގައި ހިފިއެވެ.


މިޞްރުގައި އޮތް ފާތިމީންގެ ދައުލަތް ހިންގާން ތިބީ ޝީޢީންނެވެ. އެދުވަސަވަރަކީ ސުންނީންނާއި ޝީޢީން ދެބަޔަށް ބެހި ވާދަވެރިކަން އުފެދި ފެތުރިފައި އޮތް ދުވަސްވަރެވެ. އެދުވަސްވަރު ބަޣްދާދުގެ ރަސްކަން އޮތީ ސަލްޖޫކީން އަތުގައެވެ. އެއީ ވެސް ފާޠިމީން ހެން މުސްލިމުންނެވެ. ޢައްބާސީޚިލާފަތުގެ ވެރިކަމުގެ ތެރެއިން ފާތިމީން ތިބީ އެތެރޭގެ ދެކޮޅުވެރިކަމެއްގެ ތެރޭގައި ފާޑަކަށް ދެބައިވެފައެވެ. މިސްރުގައި އޮތީ އެމީހުންގެ ވަކި ވެރިކަމެއް ފަށާފައެވެ.


ޞަލީބީލަޝްކަރުން ސަލްޖޫކީންއަތުގައި އޮތް އަންތާކިޔާ ހިފި ޚަބަރު ލިބުމާ އެކުގައި ފަލަސްތީނަށް ސީނާމަގުން ފާތިމީން އަރައި ސަލްޖޫކީންގެ އަތުން ފަލަސްތީނު، ގުދުސް އަތުލާއި ވެރިވީއެވެ. މިކަން މިހިނގީ ސުލްޙަވެ އެކުވެރިވެ ސަލްޖޫކީ މުސްލިމުންނަށް އެހީވެ ޞަލީބީންނާ ދިމާކޮށް ބަލިކުރުމަށް ތައްޔާރުވެ ނުކުންނަންވީ ވަގުތުގައި ދިމާ އިދިކޮޅަށެވެ. ކަންހިނގި ގޮތަކީ މިއީއެވެ. ވަރަށް ހިތާމަވެރިއެވެ. ފަހެ، ބައިބައިވުމުގެ ބަލިކަށިކަމަކީ މިއެވެ. ދުޝްމަނުން މުސްލިމުން މަރާ އިރު ސުންނީއެއް ޝީޢީއެއް ނުބަލައެވެ. މުސްލިމެއް ވިއްޔާ މަރަނީއެވެ. ޞަލީބީލަޝްކަރުން ތުރުކީގެ ރަށްތަކަށް އަރާ، އަތުލުމަށް ފަހު ދެން އެރީ ޝާމްއަށެވެ.


އެކިސަބަބު ތަކައި ހެދި، ޞަލީބީލަޝްކަރުގެ ތެރެއިން ޤުދުސްއަށް ފޯރީ، 400,000 (ހަތަރުލައްކަ) ޢަސްކަރީންގެ ލަޝްކަރެކެވެ. މިލަޝްކަރުން ޤުދުސް ވަށާލުމަށް ފަހު އެރަށް ހިފީ، 15 ޖުލައި 1099 މ. ގައެވެ. ލަޝްކަރުގެ ލީޑަރަކަށް ހުންނެވީ، ގޮޑްފްރީ އޮފް ބޫޔަން (GODFREY OF BOUILLON) އެވެ. އެދުވަހުން ފެށިގެން ޤުދުސްގެ ވެރިކަމާ ޙަވާލުވެލެއްވީ ޚުދު އޭނާއެވެ.


މިޞްރުގެ ފާޠިމީ ހަނގުރާމަ ވެރިންނާއި ޢައްބާސީންގެ ލަޝްކަރާއި ސަލްޖޫކީން ބަލިކޮށް، ފާޠިމީންގެ ދަށުގައި އޭރު އޮތް، ޤުދުސް ހިފުމަށް ކުރެވުނު ހަނގުރާމައިގައި، 70 ހާސް މުސްލިމުން ޤަތުލުކޮށްލިއެވެ. އެތައް ބަޔަކު ހިފާހައްޔަރުކޮށް އަންހެންވެރިންގެ ގަޔަށް އަތްލާއި ރޭޕު ކުރިއެވެ. މިއަނިޔާގެ ތެރޭގައި ގިނަ ޔަހޫދީން ވެސް ހިމެނުނެވެ. އަދި ފަހުންވެސް ޔަހޫދީން އަންދައި މެރިއެވެ.


ޞަލީބީންނަކީ، ނަޞާރާއިންނެވެ. ކްރިސްޗިއަނުން ނެވެ. ފަހެ، އެހިނދު، ފަލަސްޠީނުގެ މަގުތަކަށް އެޅިފައިހުރި، މުސްލިމުންގެ ލޭގެތެރޭގައި ހިނގަވާފައި ގޮސް ސެޕަލްކާރ ފައްޅިއަށާއި ހަރަމްޝަރީފަށް ގޮޑްފްރީ އާއި ޞަލީބީ ލަޝްކަރުގެ ހަތަރު ބޮޑުންނާއި ލަޝްކަރީން ވެދެގަތީއެވެ. އެއްވެސް ޝައްކެތް ނެތެވެ! މުސްލިމުން ބަލިކަށިވީ މަޒްހަބީ ބައިބައިވެފައި އޮތުމުގެ ސަބަބުންނެވެ. އޭރުވެސް ރޯމަން ކެތަލިކް ނަޞާރާއިން ކަންކަން ކުރީ މިހާރުގެ ޔޫރަޕުން ކަންކަން ކުރަމުން އެއަންނަ ވަޙުޝީއަނިޔާވެރި ބީދައަށެވެ.


ގުދުސް ބިނާކުރެވިފައި ހުރީ މާފަސޭހައިން އަރާ އަތުލައިގަނެވޭ ގޮތަކަށް ނޫނެވެ. އުސްކޮށް ވަރަށް ފުޅާކޮށް ވަށާފާރުތައް ލާފައި ހުރީ ފާރުގެ އަޑިން ފެން ލިބޭ ނިޒާމުތައް ގާއިމުކޮށްފައެވެ. ގިނަދުވަހު އެފާރު ތެރޭގައި ދިރިއުޅެވޭ ގޮތަށެވެ. ނަރުދަމާގެ ނިޒާމާއި އަލިކަމުގެ ނިޒާމު ވެސް ހުރި ގައިމުކޮށްފައެވެ. ކުރީގެ ކޮންމެ ފަހަރަކު ވެސް ގުދުސް ވަށާލުމަށް ފަހު ޖެހެނީ ވާހަކަދައްކައިގެން ސުލްހަ ވާށެވެ. އެއްބަސް ވުމަކަށް އަންނާށެވެ. އުމަރުގެފާނު ގުދުސް ފަހަތަ ކުރެއްވި އިރުވެސް ހައްލުއައީ ދެފަރާތުން ވާހަކަ ދެކެވިގެންނެވެ. ތަޅާފޮޅާއި މީހުން މަރައިގެންނެއް ނޫނެވެ.


ގުދުސްގައި ތިބި ފާތިމީން ކަންކުރި ގޮތަކީ ގުދުސްއައި ޞަލީބީން ކައިރިވެދާނެކަން ކަށަވަރު ވުމުން ގުދުސް ތެރޭގައި ތިބި ނަޞާރާއިންގެ އާއިލާތައް ބޮޑުފާރުން ބޭރަށް ނެރެލީއެވެ. ދެން އެމީހުންތައް ގޮސް ތިބި އެކި ހިސާބުތަކުން ޞަލީބީންނާ ބައްދަލުވެ ގުޅި ހަރަމްޝަރީފް ތެރޭގައި ކަންކަންހުރިނެތް ގޮތްތަކާއި ވެރިކަމުގެ ދީވާނުގެ ނިޒާމުތަކާއި ހަތިޔާރުތައް ރުކުރަވާލާއި ރޭވިފައި ހުރި ގޮތްތައް ބޭރުކުރެވުނު ނަޞާރާއިންގެ ފަރާތުން ޞަލީބީން ދަނެގަތުމަށް ފަހު، ވަރުގަދަ ހަމަލާއެއް، ވަރަށް ރޭނުންތެރިކަމާ އެކު ދީ ގުދުސް ތެރެއަށް ވަދެގަތީއެވެ.


ބޭރުގައި ހުރި ފެންވަޅުތަކުތެރެއިން ޒަހަރުލާފައި ހުރި ވަޅުތައް ޞަލީބީންނަށް ބުނެދީ ކިޔައިދިނީ ބޭރުކުރެވުނު އެމީހުންނެވެ. އަދި އަލިފާން ޖެހުމަށް ދަރު އެއްކުރާނެ ތަންތަނާއި ދަރު ފަސޭހައައިން ލިބޭނެތަންތަން ވެސް ހޯދާއި ދަނެގަތީ، ބޭރުކޮށްލެވުނު ނަޞާރާއިންގެ ފަރާތްތަކުން އޮޅުންފިލުވައި ގެންނެވެ. މިކަން ވެގެން ދިޔައީ ފާތިމީންގެ ވެރިރަސްގެފާނު ކުރެއްވި ވަރަށް ގެއްލުން ދެނެވި ކަމަކަށެވެ.


އާދެ! ގުދުސް ހިފުމަށް ފަހު ހިންގި ވަޙުޝީޖަރީމާތަކުގެ ހާދިސާތަކުގެ ވާހަކަތައް އެމީހުންގެ ފޮތްތަކުގައި ވެސް ލިޔެފައިވެއެވެ. މުސްލިމުންގެ ފޮތްތައް ފިޔަވައި އެމީހުންގެ ފޮތްތަކުން ކުޑަވަރަކަށް ބަލައިލަމާތޯއެވެ. ޚާއްސަކޮށް ވިލިއަމް އޮފް ޓަޔާރ ލިޔުނު "އަ ހިސްޓްރީ އޮފް ޑީޑްސް ޑަން ބިޔޯންޑް ދަ ސީ" މި ފޮތުގައި ލިޔެފައިވާ ތަންކޮޅެއްގެ ތަރުޖަމާ މިތާގައި ގެނެސްދޭނަމެވެ!


"މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޙިމާޔަތް ހޯދުމަށްޓަކައި ވަދެތިބީ ފައްޅީގެ ގޯތިތެރެއަށެވެ. ނަމަވެސް އެ ތަނަށް ވަނުމަކުން އެބައިމީހުންނަށް ލިބުނު ރައްކާތެރިކަމެއް ނެތެވެ. އެހެނީ ޓޭންކްރެޑް އޮފް ގަލީލީ (އިސްހަތަރުލީޑަރުންގެ ތެރެއިން އެކަކު) އިސާހިތަކު މުޅި ލަޝްކަރުގެ ބޮޑު ބަޔަކައި ގެން އެ ސަރަޙައްދަށް ވަޑައިގެންފިއެވެ. އޭނާ ބާރުގެ ބޭނުން ކުރައްވައިގެން އެ ސަރަޙައްދަށް ވަދެވަޑައިގެންނެވިއެވެ. އެތަނުގައި އަހަރެމެންގެ ސިފައިން ހިންގި ބިރުވެރި ޤަތުލުޢާއްމަށް ފަހުގައި އޭނާ އެނބުރިވަޑައިގަތީ، ބުނެވޭ ގޮތުގައި، ބައިވަރު ރަނާއި ރިއްސާއި ޖަވާހިރު ހިއްޕަވައިގެންނެވެ."


"ލަޝްކަރުގެ އެހެނިހެން ވެރީންވެސް ޝަހަރުގެ އެކިއެކި ހިސާބުތަކުން އަތުޖެހުނުހައި ދުޝްމަނުންނެއް މަރައި ހުސްކުރި ފަހުން، ގިނަ ޢަދަދެއްގެ ބަޔަކު ޙިމާޔަތް ހޯދުމަށްޓަކައި ފައްޅީގެ މުޤައްދަސް ވެގެންވާ ހިސާބުތަކަށް ވަދެ ފިލައިތިބިކަން އެބައިމީހުންނަށް އެނގިއްޖެއެވެ. އެއާއެކު އެންމެން އެކުގައި އަވަސްވެގަތީ އެ ދިމާޔަށެވެ. މީހުންތައް ފިލައިތިބި ތަންތަނަށް ބަހާދަރުންނާއި ފައިމަގުގައި ހަނގުރާމަކުރާ ސިފައިންގެ ޖަމާޢަތެއްގެ މީހުން ވަދެގަނެ، އެތެރޭގައި ޙިމާޔަތް ހޯދައިގެން ތިބިހައި ބަޔަކު މަރައި ހުސްކުރިއެވެ. އެއްވެސް މީހަކާ މެދުގައި އެމީހުން ރަޙުމެއް ނުބަހައްޓައެވެ. މުޅި ސަރަޙައްދުގެ ބިމުގައި ފެންބޮޑުވެފައި އޮތީ ޤަތުލުކުރެވުނު މީހުންގެ ލެއިންނެވެ."


"ޤަތުލުކުރެވުނު މީހުންތައް ބިންމަތީގައި އުކިފައި ތިބި މަންޒަރުތައް ދެކޭ ކޮންމެ މީހެއްގެ ހިތް ބިރުވެރިކަމުން ފުރިގެން ނުގޮހެއް ނުހުންނާނެއެވެ. ހުރިހާ ހިސާބުތަކެއްގައި ފެތުރިފައި އޮތީ އިންސާނީ ގުނަވަންތަކާއި އިންސާނީ ހަށިތަކުގެ ބައިތަކެވެ. އަދި މުޅި ބިން ފެވިފައި އޮތީ މަރައިލެވުނު މީހުންގެ ލެއިންނެވެ. މަންޒަރުތައް ދެކޭ ބަޔެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދެނީ ހުރިހާ ދިމަދިމާއަކަށް އުކިފައި ހުރި، ބޯތައް ކަނޑައިލެވިފައިހުރި ހަށިތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އަދި ކޮށައި ފޮތިފޮތިކުރެވިފައި ހުރި އިންސާނީ ގުނަވަންތަކުގެ ސަބަބުން އެކަންޏެއްވެސް ނޫނެވެ."


"އެއަށްވުރެވެސް ބިރުވެރީ، އަދި ހިތަށް ސިހުން ގެނުވާ މަންޒަރަކީ ކާމިޔާބު ހޯދި އަހުލުވެރީންގެ ސޫރަތަކެވެ. ބޯތަކުން ފެށިގެން ފައިތިލަތަކާއި ހަމަޔަށް ލެއިން ފޯވެގެން ތިބި އިރު، އެބައިމީހުން ދެކޭ ކޮންމެ މީހެއްގެ މޭގަނޑު އަނގަޔަށް އަންނަ ވަރު ވެއެވެ. ބުނެވިފައިވާ ގޮތުގައި ފައްޅީގެ ގޯތިތެރޭގައި އެކަނިވެސް ކާފިރުންގެ ދިހަހާހެއްހައި މީހުން ޤަތުލުކުރެވުނެވެ. އެއީ ޝަހަރުގެ އެހެނިހެން ސަރަޙައްދުތަކާއި މަގުތަކާއި މައިދާންތަކުގައި މަރައިލެވުނު މީހުންގެ ބޭރުންނެވެ. ފަހުން މި ބުނި ތަންތާގައި މަރާލެވުނު މީހުންގެ ޢަދަދުވެސް މިއަށްވުރެ މަދެއް ނުވާނެއެވެ."


"ސިފައިންގެ ބާކީތިބި މީހުން ދިޔައީ ޝަހަރުގެ ތެރޭގައި މީހުން މަދު ހިސާބުތަކާއި ތަންތަނުގައި ފުރާނަޔަށް ބިރުން ފިލައި ތިބި މީސްމީހުން ހޯދުމަށެވެ. މި ގޮތަށް ފިލައި ތިބި މީހުންތައް އެ މީހުން ތިބި ތަންތަނުން ހޯދައިގެން ދަމައިނެރެ، މީހުން ގިނަ މައިދާންތަކުގައި ބައިތިއްބައިގެން ކަންބަޅިތަކެއް ފަދައިން ކަތިލެވުނެވެ. ސިފައިންގެ ބައެއް މީހުން ޖަމާޢަތް ޖަމާޢަތުގެ ގޮތުގައި ގޭގެއަށް ވަދެ، އެ ގޭގޭގެ ވެރީންނާއި އެމީހުންގެ އަނބީންނާއި، ދަރީންނާއި ދެންވެސް ގޭގައި ތިބިއްޔާ ތިބިހައި ބަޔަކާއި ދެކޮޅަށް އަނިޔާވެރިކަމާއި ގަދަފަދަކަން ދެއްކިއެވެ. އޭގެ ތެރެއިން އެއް ބަޔަކު ކަނޑިތަކުން ޤަތުލު ކުރެވުނީއެވެ. އަނެއް ބަޔަކު ނިކަމެތި، ވޭނީ ގޮތެއްގައި މަރުވުމަށްޓަކައި އުސްތަންތަނުން އެކޮޅުކޮޅުން ވައްޓައިލެވުނީއެވެ."


އާދެ! މުޞައްނިފު ވިލިއަމް އޮފް ޓަޔާރގެ ލިޔުމުގައި "ފައްޅި" އޭ އެ ބުނަނީ މަސްޖިދުލް އަޤްޞާގެ ވާހަކައެވެ. "ކާފަރުންނޭ" އެ ކިޔަނީ ޤުދުސްގެ މުސްލިމް ރައްޔިތުންނަށެވެ. ގޭގޭގައި "ގަދަފަދަކަން" ދެއްކި ވާހަކަ އެ ބުނަނީ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތުމުގެ ސެއްލާ ކުޅިގަނޑުގެ ވާހަކައަށެވެ.


ތާރީޚީ މަޞްދަރުތަކުން އެނގޭ ގޮތުގައި، ޞަލީބީން ޤުދުސް އަށް އަރައިގަތުމަށް ފަހު ހިންގި ޤަތުލުޢާއްމުގައި ހަތްދިހަ ހާހަށް ވުރެ މަދު ނޫން ޢަދަދެއްގެ މުސްލިމުން ކަތިލިއެވެ. މަސްޖިދުލް އަޤްޞާގެ ގޯތިތެރޭގައި މުސްލިމުންގެ ލެއިން ފެންބޮޑު ވެ، އެ ލެއިގެ ފެންގަނޑު އަސްތަކުގެ ކަކުލާ ހަމަޔަށް ހުރި ކަމަށް، ނަޞާރާ އިންގެ ލިޔުންތަކުގައި ބުނެފައި ވެއެވެ.


ޞަލީބީލަޝްކަރުގެ ސަވާރީތަކުގެ ކަކުލައި ހަމައަށް މުސްލިމުންގެލޭ
ޞަލީބީލަޝްކަރުގެ ސަވާރީތަކުގެ ކަކުލައި ހަމައަށް މުސްލިމުންގެލޭ

މާނައަކީ، ލޭގެ އެ ކޯރުގެ ފުންމިނުގައި ދެ ފޫޓެއްހައި ގާތަށް ހުރުމެވެ. ލޭ އަކީ މަދުން ހުރެއްޖެ ނަމަ ގަނޑުވާ މާއްދާއެކެވެ. މަސްޖިދުލް އަޤްޞާގެ ބިޔަ ހަރަމްފުޅުގައި މިހައި ވަރަށް ލެއިން ފެން ބޮޑު ވާނީ ކިހައި ބަޔަކު ޤަތުލު ކޮށް، ކިހައި ލެޔެއް އޮހޮރުވައި ލައިގެންތޯ ވިސްނަވައި ލައްވާށެވެ! މިއީ މުޅި އިންސާނީތާރީޚުގައި ވެސް ނުދެކޭފަދަ ލޭއޮހެރުމެކެވެ. ގަތުލްތަކެކެވެ. އަދި މިއީ ޑިކޮމްރަސީގެ ބަތޮލުން ކަމުގައި ދައުވާ ކުރާ ބައްޕައިންނާއި މަންމައިން ކަމުގައި ދައުވާ ކުރާ ފަރާތްތަކުގެ އަމަލުތައް ހުރިގޮތެވެ.


އާދެ! ދެން އެއަށް ފަހު، ސެޕަލްކާރފައްޅި އަލުން ބިނާކޮށް އާރާސްތު ކުރެއްވިއެވެ. ވެރިކަމުގެ މަރުކަޒަށް އެފައްޅި ހެދީއެވެ. އެއްފުރާޅެއްގެ ދަށަށް މުޤައްދަސް ތަންތަން ގެނައީއެވެ. އެއީ ޙުރުމަތްތެރި ޙަރިންމަތެރޭގައި ހިމެނޭ ސަރަހައްދުތަކެވެ. އަދި އެފައްޅީގެ އެންމެ އިސް ޚާދިމުގެ މަޤާމަށާއި ޤުދުސްގެ ރަސްގެފާނުގެ މަޤާމަށް ޚުދު އަމިއްލަފުޅަށް ޙަވާލު ވެލެއްވީއެވެ. ޤުދުސްގެ ފާރަވެރިއަކަށް ހުންނަވައި ގޮޑްފްރީ ކަލޭގެ އަވަހާރަވީ، 1100 މ. ގައެވެ. ދެން އެއަށް ފަހު، ޤުދުސްގެ ރަސްކަމައި ޙަވާލު ވެލެއްވީ، އޭނާގެ ކޮއްކޮ ކަމުގައިވާ، ބާލްދަވީން އެއްވަނަ، بالدوين الأول (BALDWIN 1) އެވެ.


ޕޯޕު އުރްބާނޫސް ދެވަނަ އަވަހާރަވީ، 29 ޖުލައި 1099 މ. ގައެވެ. އޭރު ޞަލީބީން ޤުދުސް ހިފިތާ ވީ އެންމެ ސާދަ ދުވަހެވެ. އަވަހާރަވީ އެޚަބަރު އޭނާއާ ހަމައަށް ނުދަނީހެވެ. ދެން އެއަށް ފަހު ކެތަލިކް ފައްޅީގެ ވެރިފާދިރީއަކަށް އިސްވީ، ޕޯޕް ޕަސްކަލް ދެވަނަ، އާދެ! "ބަލްޤާލީސް އަލްޘާނީ" Pope Paschal II އެވެ. ވިހިއަހަރު އެމަގާމުގައި ދެމި ހުންނެވިއެވެ. އަދި ޤުދުސްގެ އެ ވެރިކަން، ކިންގްޑަމް އޮފް ޖެރޫސަލަމް، 1291 މ. އަށް ދެމިއޮތެވެ. މިގޮތުގައި ޞަލާޙުއްދޫން އައްޔޫބީ ޤުދުސް އަލްޝަރީފް ފަތަޙަކުރައްވަންދެން އެމީހުންގެ ދަށުގައި އޮތީއެވެ!


މިއީ އޭރުގެ ޞަލީބީންގެ ފަސްމަންޒަރެވެ. ދެން އޮތީ ޔޫރަޕްގެ ޞަލީބީން، އާދެ! ސަހްޔޫނީޔަހޫދީންގެ ޤުދުސް ހިފުމެވެ. އިސްރާއީލީ ބޮޑުދައުލަތް ގައިމު ކުރުމެވެ. އާދެ! ޞަލީބީލަޝްކަރު ދަތުރުކުރި މަގުން ތުރުކީންލާފައި ރަށްތައް ހިފަމުން ފަލަސްޠީނަށް، ޝާމްކަރައަށް އަރާނެ ބޮޑުލަޝްކަރެއް ފަހުޒަމާނުގައި ފާޅުވެ ބޮޑުހަނގުރާމައެއް ކުރާނެ ވާހަކަ ވަނީ މުހައްމަދުގެފާނު ހަދީސްކުރައްވާފައެވެ. މިހާރު ކޮޅުމަތި ފެންނަމުން މިދަނީ އެހަނގުރާމަ ފެށުމުގެ އަލާމަތްތަކެވެ. މިހާރު ޤުދުސްއަށް އަރާއި ނަޞާރާއިންގެ އެމްބަސީތައް ވަނީ ޤުދުސްއަށް ގެނެސްފައެވެ.


ފަހެ، އެހަނގުރާމަ އަކީ މުސްލިމުން ގާތުގައި މަލްހަމަތުންކުބްރާ އެވެ. ނަޞަރާ އާއި ޔަހޫދީން ގާތުގައި އާމަގެޑަން އެވެ. ޞަލީބީން އަރައި ހަތަރު ޞަލީބީ ދައުލަތެއް ފަލަސްޠީނނާއި ޝާމްއާއި ތުރުކީއާއި މިސްރުގައި ހަދައިގެން އެދުވަސް ވަރު ތިބި ގޮތަށް ސަހްޔޫނީ ޔަހޫދީ ޞަލީބީން ހަމަ މިމަގުން އަރައިގެން ޝާމްކަރައިގެ ރަށްރަށް ހިފަމުން އައިސް މަސީހުއްދައްޖާލުގެ އިސްރާއީލީ ބޮޑުދައުލަތް، ފަންނީހުނަވެރި ދޯކާދިނުމުގެ މަކަރުވެރި އިލުއިޝަން ސިސްޓަމެއް، ދޯކާނިޒާމެއްގެ ތެރެއިން ގާއިމުކުރާނެއެވެ. އަދި އީސާގެފާނު، ﷲ ގެ ފަރާތްޕުޅުން ދެއްކެވި ހުރިހާ މުއުޖިޒާތެއްގެ ދައްޖާލީ ސައިންސާއި ދޯކާތެރެއިން މަކަރާއި ހީލަތުން ޒަމާނީ ޓެކްނޮލެޖީ އާއި ސައިންސުގެ އެހީގައި މަސީހުއްދައްޖާލު ދައްކާނެއެވެ!


ވީމާ އަހުރެމެން މުސްލިމުންނަށް އޮތީ މުސްލިމުންގެ ފޮތާއި ސުންނަތަށް ރުޖޫޢަވެ ޤުރްއާން އެންމެ ފުންމިނަށް ދަސްކުރުމެވެ. ޞަލީބީންނާއި ސަހްޔޫނީންގެ ޖާދޫގައި ނުޖެހި އަހުރެމެންގެ ދަރީންނަށް ތިބެވޭނީ ޤުރްއާނާއި ސުންނަތުގެ އަލީގައި ސައިންސުގެ ޢިލްމުތައް ދަސްކޮށް ދިނުމުންނެވެ. އެމީހުން ހޯދައިގެން އުޅޭ ހުރިހާ ޓެކްނޮލެޖީ ހުނަރެއް ލިބިގަނެގެން އެއުޅެނީ މުސްލިމުން ޤުރްއާނުން ހޯދި އިލްމުންނެވެ. ވީމާ ހައްލަކީ އެމީހުންނާއި އެމީހުންގެ އޭޖެންޓުންނަށް ފާޅުގައި ނޫނެކޭ ބުނުމެވެ. ޤުރްއާނުން ސައިންސުގެ އިލްމު އުގެނުމެވެ!!


ޞަލީބީންގެ ދެވަނަ ޙަމަލާ ޤުދުސްއަށް އެރީ، 1148 މ. ގައެވެ. މިއީ ޞަލީބީންގެ ދެވަނަ ހަނގުރާމައެވެ. މިހަނގުރާމައަށް ގޮވާލެއްވީ ޕޯޕް އީޖީން ތިންވަނަ، إيجين الثالث، POPE EUGENE III އެވެ. މިލަޝްކަރުގެ އެންމެމަތީ ވެރީންނަކީ، ޤާޢިދުންނަކީ ފްރާންސް އާއި ޖަރުމަންގެ ދެ ރަސްކަލުންނެވެ. މިލަޝްކަރަކީ، މިދެރަސްކަލުން ކުއްލިޙާލަތަށް ގެނުވި ލަޝްކަރެކެވެ. މިކަން ކުރައްވަން ޖެހި، މަޖުބޫރުވީ ޞަލީބީ ފުރަތަމަ ހަނގުރާމާގައި ޝާމްކަރައިން އަތުލައިގަނެ ޞަލީބީދައުލަތެއް ގައިމުކުރި ސަރަހައްދު ކަމުގައިވާ އިމާރަތުއްރަހާ "އެޑިއްސާ ކައުންޓީ" County of Edessa މުސްލިމް ގާއިދެއް ކަމުގައިވާ ކުރުދީ ދަރިކޮޅުގެ ނޫރައްދީން ޒަންކީ އެޑިއްސާ ފަތަޙަ ކުރެއްވުމާ ގުޅިގެންނެވެ.


                                                        1135 މ. ގައި އެސަރަހައްދު އޮތްގޮތުގެ ޗާޓެއް. ޞަލީބީރޯމަނުންގެ އެޑިއްސާ ކައުންޓީ (ގަދަފެހިކުލައިގާ)
1135 މ. ގައި އެސަރަހައްދު އޮތްގޮތުގެ ޗާޓެއް. ޞަލީބީރޯމަނުންގެ އެޑިއްސާ ކައުންޓީ (ގަދަފެހިކުލައިގާ)

އާދެ! ޞަލީބީ މިލަޝްކަރަކީ މިދެންނެވި ދެރަސްކަލުން ކަމުގައިވާ، ފުރާންސްގެ ރަސްގެފާނު، ލުއިސް ހަތްވަނަ، Louis VII އާއި ޖަރުމަނުވިލާތުގެ ރަސްގެފާނު، ކޫންރާދް ތިންވަނަ، كونراد الثالث، Conrad III އިގެ ލީޑާޝިޕްގެ ދަށުން، މުސްލިމުންނައި ހަނގުރާމަކޮށް މުސްލިމުން ބަލިކުރުމަށް ޔޫރަޕުން ޝާމްކަރައަށް ފޮނުއްވި ޞަލީބީ ހަނގުރާމަވެރި ލަޝްކަރެކެވެ. މިއީ ސީދާ ރަސްރަސްކަލުން ބައިވެރިވެ ވަޑައިގަންނަވާ ފައުޖެކެވެ.


ފުރާންސުގެ ކޮންޓިންޖެންޓުގައި، 2000 "ދެހާސް" ނައިޓްޓެމްޕްލާސް ހަނގުރާމަވެރިން ހިމެނުނެވެ. އަދި ޖަރުމަނު ކޮންޓިންޖެންޓުގައި، 700 "ހަތްސަތޭކަ" ނައިޓްޓެމްޕުލާސް ހަނގުރާމަވެރިން ހިމެނުނެވެ. އަދި ކިންގުޑޮމް އޮފް ޖެރޫސަލަމުން، 950 "ނުވަސަތޭކަފަންސާސް" ނައިޓްޓެމްޕްލާސް އާއި އާދައިގެ، 6000 "ހަހާސް" ޢަސްކަރީން ބައިވެރިވިއެވެ.


ސަލީބީހަނގުރާމަ ވެރިންގެ ތެރެއިން ޚާއްސަބަޔަކަށް، Knights Templar "ނައިޓްސްޓެމްޕުލާރ" މިނަމުން ނަން ޚާއްސަކުރެވުނީ ޞަލީބީ ފައުޖުގެ އެގުރޫޕަކީ، ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ތަޚުތު އެޒަމާނުގައި ބެލެހެއްޓި ޝައިތޯނިބާރަށް ނިސްބަތްކޮށް އެގުރޫޕަށް ދެވުނު ނަމަކަށް ވާތީއެވެ. މި މީހުންނަކީ ހައިކަލަށް، ހަރަމްފުޅަށް ޚިދުމަތް ކުރުމަށް ޚާއްސަަރެވުނު ގުރޫޕެވެ.


އަދި ހާރޫތާއި މާރޫތުގެ ކިބައިން ދަސްކުޅަ ކަޅުޖާދޫ ކަމުގައިވާ ކަބާލާ ޖާދޫ ފޮތްތައް ހަރަމްފުޅަށް ވަދެ ވަގަށް ނަގައިގެން ގެންދިޔަ ސަލީބީ ފައުޖުތަކުގެ ޚާއްސަ މީހުންނެވެ. އެމީހުން އަމިއްލައަށް އެމީހުންނަށް ދީފައިވާ ޝަރަފުވެރި ނަމަކީ މިއީއެވެ. އެޖަމާޢަތުގެ މީހުންގެ ލިބާހުގައި ބޮޑުކޮށް ސަލީބު ކުރަހާފައި އިނދެއެވެ.


ނައިޓްސްޓެމްޕްލާރ
ނައިޓްސްޓެމްޕްލާރ

މި ގުރޫޕުގެ ތެރެއިން ދެން އުފެދުނީ ނައިޓްސް ހޮސްޕިޓަލާރ Knights Hospitaller އެވެ. ދެން އެއަށް ފަހު އިލުމިނާޓީންނާއި ފުރީމޭޝަނަރީންގެ ޖަމާއަތެވެ. އަދި އޭގެތެރެއިން އެކިއެކި ގުރޫޕުތަކެވެ. ދެން އެކިނަންނަމުގެ ކުލަބުތަކެވެ. މިހާރަކަށް އައިސް މިފެންނަނީ ހަމަ އެގުރޫޕުތަކެވެ. މިއީ އެއްބައެކެވެ. އެއްއަގީދާއެއްގެ އެއްކަމެއްގައި އުޅޭ ބަޔެކެވެ. އެކިނަންނަމަށް ބެހިގަތީ އެވެރިންގެ މަގުސަދު ހާސިލުކުރުމަށް ފަސޭހަ އަކަށެވެ.


އިލުމިނާޓީންގެ މަރުކަޒަކީ މިހާރު އެމެރިކާއެވެ. އެމެރިކާގެ ނިއޫޔޯކުގެ ކުޑަޖަރީރާއެއް ކަމުގައިވާ، ލިބަޓީއައިލޭންޑު ގައި ބަހައްޓާފައި ހުންނަ ލިބަޓީރަމްޒުކުރަނީ، ޔަހޫދީން މައްކާގެ ގެފުޅުގައި ބަހައްޓާފައި ހުރި އިރަށްރަމްޒުކުރާ އިރުކަލާނގެ ބޮޑުބުދަށެވެ. ވީމާ މިއީ މައްކާ ގެފުޅުތެރޭގައި ޔަހޫދީން ބަހައްޓައިގެން ގެންގުޅު އެންމެ ބޮޑުގެބުދުގެ ރަމްޒެކެވެ.


އާދެ! މިލަޝްކަރުން ފަލަސްޠީންގެ ރަށްތަކަށް އެރުމަށް މަސައްކަތް ފެށީ ދެންނެވުނު ދެރަސްކަލުންގެ ވެރިކަމުގައި ދެ ފައުޖަކަށް ބެހިލައިގެންނެވެ. ޙިއްޠީން ހަނގުރާމަ ހިނގި އިރު މިދެލަޝްކަރާއި ލިވާންޓުގައި ކުރިން ޞަލީބީން އަތުލާފައި އޮތް ހަތަރު ކައުންޓީގައި އޮތް ލަޝްކަރުތައް ގުޅުނީއެވެ. ކައުންޓީތަކުގެ މިލަޝްކަރުގައި ވެރިންނަށް ވެސް ތިއްބެވީ ޞަލީބީންގެ ބޮޑެތި ރަސްރަސްކަލުންނެވެ. އަދި ރަސްކަމު ކޮއިލުތެރޭގައި ހިމެނޭ ޝާހީ ތިމާގެ ބޭފުޅުންނެވެ.


އަދި މިޞްރުގެ ވެރިކަމުގައި އޮތް ފާޠިމީ ދައުލަތައި އެކިގޮތްގޮތުން ވާހަކަތައް ދައްކައި ޝާމްކަރައިގެ ބައެއް ރަށްތަކުގައި ޞުލްޙައިގެ އެއްބަސްވުމެއްގެ ދަށުގައި ތިބުމަށް ވެސް ވާހަކަދެކެވުނެވެ. އެހެނަސް މިކަންކަން މުޅިން ފުރިހަމަނުވެ އުޅެނިކޮށް، ކުރުދީދަރިކޮޅަށް ނިސްބަތްވާ، މުސްލިމުންގެ ކުޅަދާނަބަޠޮލެއް ކަމުގައިވާ، ޞަލާޙުއްދީން އަލްއައްޔޫބީ އިސްލާމީ އުންމަތުގެ ޢަސްކަރީންނާ އެކު ނިކުންނަވައި، މިޞްރުގައި އޮތް ފާޠިމީންގެ ޝީޢީދައުލަތް ބަލިކުރައްވައި މިޞްރުގެ ވެރިކަން ހޯއްދެވިއެވެ.


އޭރު ޞަލާޙުއްދީނަކީ ސުލްޠާން ނޫރަސްދީން ޒަންކީ ލަޝްކަރުގެ އެންމެ މަތީ ކޮމާންޑަރެވެ. މިއީ ތިމާގެ ދެބޭފުޅުންނެވެ. ނޫރައްދީން ޒަންކީ އަވަހާރަވުމުން ޢައްޔޫބީންގެ ވެރިކަމުގެ ދަށުން މިސްރުގެ ފުރަތަމަ ރަސްކަލަކަށް ވެ ވަޑައިގަތީ ޞަލާޙުއްދީނެވެ. ކުރިން ހުންނެވީ ޒަންކީގެ ވަޒީރަކަށެވެ. މިޞްރަށް ފާތިޙެއްގޮތުގައި އެރުއްވި އިރު ނޫރައްދީން ޒަންކީ ހުންނެވީ ސީރިޔާއާއި އިރާޤުގެ ވެރިކަމުގައެވެ. ޞަލީބީން ވެރިކަން ކުރަމުން އައި އެޑިއްސާ ކައުންޓީ ޞަލީބީންގެ އަތުން ފަތަޙަ ކުރެއްވީ ނޫރައްދީ ޒަންކީ ނެވެ.


އަދި އެއަށް ފަހު، ޝާމްކަރައަށް މިޞްރާބު ޖައްސަވައި ފަލަސްޠީނުގެ ރަށްތައް ޞަލިބީ ނަޞާރާއިންގެ ވަޙުޝީއަތްތަކުން ސަލާމަތް ކުރައްވައި ފަތަޙަކުރެއްވީއެވެ. މިހަނގުރާމައަށް ދެވިފައިވާ ނަމަކީ، ޙައްޠީން ހަނގުރާ، معركة حطين މައެވެ. މި ހަނގުރާމާގައި ބައިވެރިވި ހުރިހާ ޞަލީބީ ރަސްރަސްކަލުންނާއި ފައުޖީން ހިފައި ހައްޔަރު ކުރެވުނެވެ. ވަރުގަދަ ޙައްޠީން ހަނގުރާމަ ހިނގީ، 3 އަދި 4، ޖުލައި 1187 މ. ގައެވެ. ދެން އެއަށް ފަހު، ކުޑަދުވަސް ކޮޅެއް ތެރޭގައި ޤުދުސް އަލްޝަރީފު ދެހަފްތާ ވަންދެން ވަށާލެއްވީއެވެ. މިއީ ދެން ބާކީ އޮތް ކިންގުޑަމް އޮފް ޖެރޫސަލަމްއެވެ. މިއީ ޞަލީބީން ދަށުގައި އޮތް ރަށްތަކުން ފަތަޙާ ނުކުރެވި އޮތް އެންމެފަހު ރަށެކެވެ.


އަދި އެއަށް ފަހު، އިސްލާމީ ފާތިޙެއްގެ ގޮތުގައި ޤުދުސްއަށް އިސްލާމީ ޢަސްކަރީންނާ އެކު ޞަލާޙުއްދީން އަރާވަޑައި ގެންނެވީ، 20 އޮކްޓޯބަރ 1187 މ. ގައެވެ. ފަހެ، ޞަލާޙުއްދީންގެ ފުރިހަމަ ނަންފުޅަކީ، ޞަލާޙުއްދީން ޔޫސުފް ބިން އައްޔޫބް (SALAH ad-DIN YUSUF IBN AYYUB) އެވެ. އައްޔޫބީ ދައުލަތް، الدولة الأيوبية (AYYUBID DYNASTY) ގެ ވެރިރަށަކީ މިޞްރެވެ.


މި ދައުތަލަކީ މިޞްރާއި ޝާމްކަރާގައި ވެރިކަންކުރި މުސްލިމުންގެ ވަރުގަދަ ދަރިކޮޅެކެވެ. ވެރިކަންކުރީ، 1171 އިން ފެށިގެން 1260 މ. އައި ހަމައަށެވެ. މިމުއްދަތުގައި، 8 (އަށެއް) ރަސްކަލުން ރަސްކަން ކުރެއްވިއެވެ. ފަހެ، އައްޔޫބީ ރަސްކަމުގެ އެންމެ ދެއަހަރުތެރޭގައި ޞަލީބީން އަތުލައިގަނެ އެމީހުން ވެރިކަން ކުރަމުން ގެންދިޔަ ތުރުކީގެ އަންޠާކިޔާ (ANTAKYA) އާއި ލެބަނާންގެ ޠްރާބްލަސް (TRIPOLI) ވެސް ޙައްޠީން ހަނގުރާމަ، Battle of Hattin ގައި ވަނީ ފަތަޙަ ކުރައްވާ ނިންމަވާފައެވެ. ޙައްޠީން ހަނގުރާމަ އަކީ ޞަލާޙުއްދީނުގެ ހަނގުރާމަތީ ހުނަރުތަކާއި އުކުޅުތައް ފެނިގެންދިޔަ ހަނގުރާމައެކެވެ.


މިހާ ހިސާބުން ތުރުކީ އާއި ލިވާންޓުގައި ޞަލީބީން އުފައްދާފައި އޮތް ހަތަރު ޞަލީބީ ކައުންޓީގެ ވެރިކަން ނިމި ހުރިހާ ރަށްތަކެއް ފަތަޙަކުރައްވައި ޞަލީބީންގެބާރު ތުރުކީންނާއި މުޅި ލިވާންޓު ކަމުގައިވާ، ޝާމްކަރައިންނާއި މިޞްރުން ކަނޑުއްވާ ލެއްވީއެވެ. الحمد لله !


މިފަތަހަ ވެގެން ދިޔައީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރަށް ފަހު، އަނެއްކާވެސް އަނބުރާ ލިވާންޓް ސަރަޙައްދު، ޝާމްކަރަ އެކުގައި މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނު މަތިވެރި ފަތަޙަ އަށެވެ. އެހެނަސް މީގެ ފަހުން ވެސް އެކިއަހަރުތަކުގައި އެކިގޮތްގޮތަށް އެކިދުވަސް ވަރުގައި ޞަލީބީންގެ އުނދަގޫތައް ފަލަސްޠީނަށް ދިޔައީ މެދުކެނޑުމެއްނެތި އަންނަމުންނެވެ. ޞަލީބީންގެ އަމާޒަކީ، ޤުދުސް ހިފުމެވެ. ޤުދުސަށް ވެރިވެގަތުމެވެ. ނަޞާރާއިންގެ ދީނީ މަރްކަޒަކަށް ގުދުސް ހަރަމްފުޅު ހެދުމެވެ.


އާދެ! ޞަލީބީންގެ ތިންވަނަ ޙަމަލާ، ޤުދުސްއަށް އެރުމުގެ މަޤްޞަދުގައި ދެވުނީ، 1189 މ. ގައެވެ. ޔޫރަޕުން އޮޑިފަހަރުގައި އައިސް ޝާމްކަރައިގެ އައްސޭރިއަށް ޙަމަލާދިނީއެވެ. އިސްކޮށް ލީޑަރަކަށް ހުންނެވީ، ރިޗަރޑް އެކެއް “ސިންގާހިތް” (RICHARD 1, THE LIONHEART) އެވެ.


ފަލަސްޠީނުގެ އައްސޭރިފަށުގެ ޢަސްޤަލާން، عَسْقَلَان (ASHKELON) އާއި އަރްސޫފް، أرْسُوف (ARSUF) އަށް، 1191 މ. ގައި އެރިއެވެ. އަރްސޫފް އަށް، އެރުމަށް ގަދައަށް ހަނގުރާމަ ކުރެވުނެވެ. މިހަނގުރާމަ ނިމިގެންދިޔައީ ޤުދުސްއައި ހަމައަށް ނުދެވި، އައްޔޫބީންނަށް ކާމިޔާބާއެކު ޤުދުސްއަކީ އިސްލާމީ ބިމެއްގެ ގޮތުގައި ދެމިއޮވެގެންނެވެ. ޞަލީބީންގެ ތިންވަނަ މި ޙަމަލާ މަޝްހޫރުވެފައި ވަނީ، ދަކިންގްސް ކުރުސޭޑް (THE KING’S CRUSADE) ގެނަމުންނެވެ. މިއީ ދެވަނަ ހަމަލާ ފެއިލްވުމުން އަލުން ހުރިހާރަސްކަލުން އެއްވެ ދިން ހަމަލާއެކެވެ.


ފަހެ، މިޙަމަލާއަކީ ޔޫރަޕްގެ ވެރިންގެ ފަރާތުން އައްޔޫބީ ދަރިކޮޅުގެ ވެރިކަން ނައްތާލުމަށް ދެވުނު ވަރުގަދަ ޙަމަލާއެކެވެ. މިހަނގުރާމަތަކުގައި ޖުމްލަ ތޭރަ، "13" ވަރަކަށް ރަސްކަލުން ހިފާއި ހައްޔަރު ކުރެވުނެއެވެ. އާދެ! މި ހަނގުރާމަ ވެގެންދިޔައީ، މުސްލިމުންގެ ގިނަ ލީޑަރުންތައް މުޅި ދުނިޔެއަށް ވިދާލި، އަދި އިންތިހާއަށް މަޝްހޫރުވެގެން ދިޔަ ހަނގުރާމަ އަކަށެވެ. ބޮޑެތި ނަޞްރުތަކެއް އިސްލާމީ އުންމަތަށް ލިބުނު ހަނގުރާމަ އަކަށެވެ. އަދި މިއީ ޞަލީބީންގެ ދެވަނަ އާއި ތިންވަނަ ހަމަލާ ކުރުދީ ދަރިކޮޅުން، ﷲ ނެރުއްވި ވަރުގަދަ އާއިލާއަކުން ބަލިކުރައްވާއި ނިކަމެތި ކުރެއްވުމެވެ. ޞަލީބީންގެ ބަލިވުމެވެ.


އެ ޒަޢީމުން ތެރޭގައި ފާޠިމީންގެ އެންމެ ފަހު ރަސްގެފާނު، العاضد لدين الله "އަލްޢާޟިދު ލިދީނިއްލާހި" އާއެކު މުއާހަދާއެއް ހައްދަވައި ފާޠިމީންގެ ފަހު ދުވަސްވަރު މިސްރުގައި އެދައުލަތް ހިންގުމުގެ ކަންކަމާ ހަވާލުވެވަޑައިގެންނެވި ނޫރައްދީން އަލްޒަންކީ އަށް ބޮޑުބޭބެ ވިދާޅުވާ ޒުވާން ހިތްވަރުގަދަ ލީޑަރު، އަދި އައްޔޫބީ ވެރިކަމުގެ ފައުންޑަރު އަދި ފުރަތަމަ ރަސްގެފާނު ސުލްޠާން ޞަލާހުއްދީން އަލްއައްޔޫބީ، އާއި މުޒައްފަރުއްދީން ކޫކަބޫރީ އާއި އަލްމުޒައްފަރު ތަޤްޔުއްދީން ޢުމަރާއި އަލްޢާދިލް އެއްވަނަ (އަލްމަލިކުލްޢާދިން ސައިފުއްދީން އަބޫބަކުރު ބިން އައްޔޫބް) އާއި އަލްއަފްޟަލް ބިން ޞަލާޙުއްދީން (ދަރިކަލުން) ހިމެނި ވަޑައިގަންނަވައެވެ.


އަލްޢާޟިދު ރަސްގެފާނު އަވަހާރަވުމުން ފާޠިމީންގެ ވެރިކަން އެހިސާބުން ނިމުނީއެވެ. އޭރު އެވެރިކަމުގައި އެންމެ އިސްކޮށް ހުންނެވީ ނޫރައްދީން ޒަންކީ އެވެ. ޒަންކީ އަށް ފަހު މިޞްރުގެ ވެރިކަން ނޫރައްދީން ޒަންކީ އަވަހާރަވުމުން ލިބިވަދައިގަތީ ސުލްޠާން ޞަލާހުއްދީނަށެވެ. އެހިސާބުން އައްޔޫބީންގެ ވެރިކަން މިޞްރުގައި އާރާއިބާރާ އެކު ފެށުނީއެވެ. މިއީ އައްޔޫބީދައުލަތް މިޞުރުގައި ފެށުމެވެ.


އާދެ! ޞަލިބީންގެ ގިނައޮޑިފަހަރާއި ބޮޑެތި ކިއްލާތައް މުސްލިމުން އަތުލައި ޣަނީމާވެރި ކުރެވުނެވެ. އަދި ޞަލާހުއްދީން ހަނގުރާމައިގެ ބައިވެރިވި ޞަލީބީންނަށް ދީލަތިކަމުގެ ބޮޑުވެގެންވާ މައާފެއް ދެއްވީއެވެ. ބަންދުވި މީހުންގެ ތެރޭގައި ތިއްބެވި ގިނައަދަދެއްގެ އެކިއެކި ރަސްރަސްކަލުން އެނބުރި އެބޭފުޅެއްގެ ގައުމަށް ވަޑައިގަތުމަށް އެހީތެރިވެދެއްވިއެވެ. ހައްޔަރުވި އަސީރުންގެ ތެރެއިން އެއްވެސް ފަރާތަކަށް އެއްވެސް ކަހަލަ ގެއްލުމެއް އަނިޔާއެއް ވިޔަ ނުދެއްވައެވެ. ޞަލީބީން މުސްލިމުންގެ ރަށްތަކަށް އަރާއި ހިންގި ފަދަ ގަތުލްއާންމުތަކާ މުޅިން ޚިލާފަށް ޞަލާހުއްދީން ދެއްކެވީ ވަރަށް މަތިވެރި ރިވެތި އަޚްލާގެއްގެ މާތް ނަމޫނާއެކެވެ.


އަމިއްލަ އަތްޕުޅުން އިސްތަށުގަނޑުގައި އެއްއަތުޕުޅުން ހިއްޕަވާފައި އަނެއްއަތުޕުޅުގައި އޮތް ކަނޑިން ޖައްސަވައި ކަރުބުރިކޮށްލެއްވީ އެންމެ ރަސްކަލެއްގެވެ. އެއީ ޞަލީބީ ލަޝްކަރުގެ ލީޑަރެއް ކަމުގައިވާ ތުރުކީގައި އޮތް ޞަލީބީ ކައުންޓީ އަންތާކިޔާ އާއި މިހާރުގެ ޖޯޑުންގައި އޮންނަ ކަރަކް ކިއްލާ، Kerak Castle ގެ ރަސްކަން އޭރު ކުރެއްވި، ޕްރިންސް ރޭނަލްޑެވެ.


މި ރޭނަލްޑު، ނޫނީ ރެޖްނަލްޑު، ނޫނީ ރިނޯޑް، Reynald, Reginald, or Renaud އަކީ ވަރަށް ނުބައިނުލަފާ ޖައްބާރު މީހެކެވެ. އަނިޔާވެރިއެކެވެ. ހަސަދަވެރި ޢަދުއްވެކެވެ. ކަރަކުމަގުން މައްކާއަށް ދަތުރުކުރާ ޙައްޖު ޤާފިލާތައް ފޭރި ލޫޓުވާލާއި ހައްޖުވެރިންނަށް އަނިޔާކޮށް މުދާތައް އަތުލާއި ފޭރިގަތުމަށް ފަހު މީހުންމަރާމީހެކެވެ. ތާރީޚީފޮތްތަކުގައި ބުނެވޭ ގޮތުގައި ހައްޖުގެ ޤާފިލާއެއްގައި ހިމެނުނު ވަރަށް ރީތި އަންހެން ކުއްޖަކު ވަގަށް ނަގައި ރޭނަލްޑު، އޭނާގެ ގަޔަށް ގަދަކަމުގައި އެރުމަށް މަސައްކަތް ކުރުމުން އެމަންޖެ ހަރުއަޑުން "ވާމުޙައްމަދާވާ" މިހެން ބާރަށް ގޮވާހެދިއެވެ. އެހީއާއި މަދަދަށް ގޮވާލިއެވެ. މި ޚަބަރުވެސް އޮތީ ޞަލާހުއްދީން އަރިހަށް އައިސްފައެވެ.


އާދެ! މި ނަޢުރާ "ވާމުޙައްމަދާވާ" އަކީ އެދުވަސްވަރު ޢަރަބީން ޅެންވެރިކަމުގަޔާއި އެކިއެކި ފަރިޔާދުތަކުގައި އެހީ އާއި މަދަދަށް އެދި ބޭނުން ކުރާ ބަހެކެވެ. މާނަ އަކީ "އޭމުޙައްމަދުގެފާނެވެ! ތިމަންނައަށް އެހީވެމަދަދުދެއްވާށެވެ!" މިއީ އަހުރެމެން މުސްލިމުންގެ މަންމަ ޒައިނަބްގެފާނު ކަރުބަލާ ހާދިސާގައި ގަތުލްކޮށްލެވުނު ޝަހީދުން ކަމުގައިވާ ތިމާގެ ބޭފުލުން ހަމަލޮލަށް ފެނިވަޑައިގަތުމުން، އެހިނދު ވިދާޅުވެވުނު "ވާމުޙައްމަދާވާ" މިބަސްފުޅެވެ.


ޔަޒީދު ލަޝްކަރުގެ މީހުން މިޤަތުލުތައް ހިންގެވި އިރު އެކަމަނާ އިންނެވީ އެކަމަނާގެ ފޭލިގެކޮޅުގައެވެ. ނުކުމެވަޑައިގަތީ ހުސައިންގެފާނާ އެކު ދެންވެސް ޝަހީދުކުރެވުނު ތިމާގެ ބޭފުޅުންގެ ހަށިކޮޅުތައް ދެކިވަޑައި ގަތުމަށް އެޚަބަރު ލިބިވަޑައިގަތުމުންނެވެ! މިބަސްފުޅާ އެކު ދެން ވިދާޅުވި އަސަރުން ފުރިގެންވާ ޅެމުގެ އިބާރަތްތައް އިސްލާމީ ތާރީޚުން ފެންނާން އެބަހުއްޓެވެ!


މި ރޭނަލްޑު ރަސްގެފާނާއި އަދިވެސް ފުރާންސުގެ އެހެން ރަސްކަލެއް ކަމުގައިވާ، ޣައި ދީ ލޫޒީނިޔާން، Guy de Lusignan ދެން ވެސް މިހަނގުރާމަތަކުގައި ހިފާ ހައްޔަރު ކުރެވުނު ހުރިހާ ރަސްކަލުން ޞަލާހުއްދީން އަރިހަށް، 20 ޖުލައިގައި ޤުދުސް ފަތަޙަކުރެއްވުމަށް ފަހު ހާޒިރު ކުރެއްވުމަށް ދެންނެވުމުން ސުލްޠާން ޞަލާހުއްދީންގެ ފޭލިގެއަށް ކުރިފުޅުމައްޗަށް އެ ހުރިހާ ލަސްކަރުން ހާޒިރުކުރެވުނެވެ. ދެން ސުލްޠާން އެބޭފުޅުންނަށް، ހައްޔަތުގައި ތިބި ރަސްރަސްކަލުންނަށް ދެންނެވިއެވެ.


ތިޔަބޭކަލުންނާ މެދު އަހުރެން ކަންކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ރަސްކަލަކު ޖަވާބުގައި ބަހެއް ނުދެއްވާއި ހިމޭންނުން ތިއްބެވުމުން ސުލްޠާނު ޞަލާހުއްދީން ވިދާޅުވިއެވެ. ތިމަންނާ ތިޔަބޭފުޅުންނާ މެދު ކަންތައް ކުރާނީ ރަސްރަސްކަލުން ރަސްރަސްކަލުންނާ އެކު ކަންކަންކުރައްވާ ބީދައިންނެވެ. އާދެ! އެގޮތީ އިޢްޒަތާއި އިހްތިރާމާ އެކު ކަންކަން ކުރެއްވުމެވެ.


ދެން ޤައިދީންގެ ތެރެއިން އެއްރަސްކަލެއް ކަމުގައިވާ، ޣައި ދީ ލޫޒީނިޔާން، ސުލްޠާން އަރިހުން ފެންފޮދަކަށް އެދުމުން ސުލްޠާން ޞަލާހުއްދީން އޭނާއަށް ފިނިފެންމަލުގެ ފެންފޮދެއް އެރުވުމަށް އަމުރު ކުރެއްވިއެވެ. ފެންފޮދު ލިބުމުން، ޣައި ހެއްދެވިގޮތަކީ އެ ފެންތަށި ޕްރިންސް ރޭނަލްޑުގެ އަތަށްއޭނާ ބުއިމަށް އެރުވީއެވެ. ދެން، ރޭނަލްޑު އެ ފެންތަށި އެއްކޮށް ހުސްކޮށް ހިތްޕަވާލެއްވީއެވެ.


ދެން ޞަލާހުއްދީން ހަމަ އެވަގުތު ވިދާޅުވިއެވެ. ތިމަންނާ ރޭނަލްޑަށް ފެންފޮދެއް ނާރުވަމެވެ. ތިމަންނާ ފެންފޮދު އެރުވީ ޣައިގެ އެދުމުގެ މަތިން ޣައި ދީ ލޫޒީނިޔާނަށެވެ. ރޭނަލްޑަކަށް ނޫނެވެ. ފަހެ، މުސްލިމުންގެ ރަސްރަސްކަލުން ތެރޭގައި އެދުވަސްވަރު އޮންނަ އާދަކާދައަކީ، ކޮއްތުޖާފަތާއި ފެންފޮދު އެރުވޭ އެއްވެސް ފަރާތެއް ގަތުލުކޮށް މެރުމަކީ ނުކުރާކަމެއްގެ ގޮތުގައެވެ. އެހެންވެ ރޭނަލްޑަށް ފެންފޮދު އެރުވިފައި ނުވާތީ ހަމަ އެވަގުތު ކަނޑި ނަންގަވައި ރޭނަލްޑުގެ ކަރު ބުރުކޮށް ލެއްވީއެވެ.


އާދެ! މިވާހަކަތައް މިގޮތަށް ގެނެސްދީފައި ހުރީ މުސްލިމް މުއައްރިޚުންގެ ކިބައިންނެއް ނޫނެވެ. މިވާހަކަތައް ލިޔެފައި ހުރީ ޔޫރަޕްގެ ތާރީޚީޢިލްމު ވެރީން އެމީހުންގެ ޢިލްމީފޮތްތަކުގައެވެ. އެމީހުންގެ ތާރީޚީފޮތްތަކުގައި ސުލްޠާން ޞަލާހުއްދީނަށް ތަޢުރީފުބަސްތައް މިވާހަކަތަކާ އެކު ލިޔުއްވާފައި ވެއެވެ. ތާރީޚީ އެ ޢިލްމުވެރިން ސުލްޠާނަށް ސެލިއޫޓު ކުރައްވައެވެ. ސުލްޠާނު އައްޔޫބީ ކަހަލަ ރަސްކަލެއް ދުނިޔޭގައި މިހާތަނަށް ފެނިފައި ނެތްކަމަށް ލިޔުއްވާފައި ވެއެވެ. އެހާވެސް އަދުލްއިންސާފުވެރި ޚުލްޤު އުފުލިގެންވާ ސުލްޠާނެއްކަމަށް ލިޔުއްވަމުން މިވާހަކަތައް ގެނެސްދީފައި ވެއެވެ.


ޞަލީބީންގެ ހަތަރުވަނަ ޙަމަލާއެއް، 1202 އިން ފެށިގެން، 1204 މ. އައި ހަމައަށް ދެމިގެންދިޔައެވެ. މިލަޝްކަރަށް ޤުދުސްއައި ހަމައަށް އާދެވޭވަރެއް ނުވިއެވެ. ބައިރޫތް އާއި ސާހިލީބައެއް ރަށްތަކަށް އެރިއެވެ. އެހިނދު، ޝާމްކަރައާއި ފަލަސްޠީންއާއި މިޞްރުގެ ރަސްކަން އޮތީ، އައްޔޫބީ ދަރިކޮޅަށް ލިބިފައެވެ. މިޞްރުގައި އޮތް، އައްޔޫބީ ދައުލަތަށް ޞަލީބީންގެ 5 (ފަހެއް) ވަނަ ޙަމަލާއެއް، 1215 މ. ގައި ދެވުނެވެ. އެހެނަސް ޞަލީބީންނަށް އެރުނީ، ބަނދަރުމަތީ ބައެއްރަށްތަކަށެވެ. ކާމިޔާބެއް ނުވެއެވެ.


ޝާމްކަރައިގެ އައްސޭރި ރަށެއް ކަމުގައިވާ ޢައްކާ، عَكَّا (ACRE) އަށް އެރުނެވެ. ޤުދުސްއައި ހަމައަށް އާދެވޭގޮތެއް ނުވެ ބަލިވީއެވެ. އެހިނދު ޝާމްކަރައާއި ފަލަސްޠީނާއި މިޞްރުގެ ވެރިކަމުގައި ތިއްބެވީ، އައްޔޫބީންގެ ރަސްރަސްކަލުންނެވެ. މިޞްރުގެ ރަސްކަލަކީ އައްޔޫބީ ދަރިކޮޅުގެ، 4 (ހަތަރެއް) ވަނަ ރަސްގެފާނު އަލްމަލިކުލް ޢާދިލް ސައިފުއްދީން އެވެ. އެއީ ޞަލާޙުއްދީންގެ ކޮއްކޮއެވެ. މިދުވަސްވަރު ފަރަންޖީ ޞަލީބީންނާ އެކު، ގާތްގުޅުމެއް އުފެދި ވިޔަފާރީގެ ގުޅުންތައް ޝާމްކަރައިގައި ވަކިމިންވަރަކަށް އިތުރުވެގެން ދިޔައެވެ.


މުސްލިމް ރަސްރަސްކަލުންގެ އިންސާފުވެރި ހަމަތަކާއި އުސޫލުތަކުން ނެގެންއޮތް ހުރިހާފައިދާއެއް ޞަލީބީން ނަގަމުން ގެންދިޔައެވެ. އެމީހުންގެ އާދައިގެ މަތިން އެތެރެއިން ހެސްކިޔާފައި އޭރު ވެސް ކުޅެމުން ގެންދިޔައެވެ. އެކަމާހެދި ވެރިންނައި އެމީހުންނައި ގާތްގުޅުމެއް އުފެދިގެން ދިޔައެވެ. އައްޔޫބީންނަށް ފަހު މިޞްރާއި ޝާމްކަރައިގެ ރަސްކަމައި ޙަވާލުވީ، މަމާލީކުންނެވެ.


ޞަލީބީންގެ ހަވަނަ ޙަމަލާއެއް، 1229 މ. ގައި ޤުދުސްއަށް ދެވުނެވެ. މިޞްރުގައި ވެރީންނަށް ތިއްބެވި އައްޔޫބީ ދަރިކޮޅުގެ ރަސްކަލުންނައި ވާހަކަދެކެވި، ޝަރުޠުތަކެއްގެ ދަށުން ޤުދުސްއަށް އަރައި، 10 (ދިހައެއް) އަހަރު ދުވަހަށް އެއްބަސްވެގެން ޤުދުސްއަށް ވެރިވީއެވެ. އެހެނަސް، 1240 މ. ގައި އަނބުރައި މިޞްރުގެ ވެރިކަމުގެ ދަށަށް ޤުދުސް ގެނެސް، ޔަހޫދީންނާއި ނަޞާރާއިންގެ ފައްޅިތައް މުގުރާލައި ހަލާކުކޮށް ލިއެވެ. އޭރު މިޞްރުގައި އޮތީ، އައްޔޫބީންގެ ވެރިކަމުގެ ފަހުއަހަރުތަކަށް ވެފައެވެ.


ދެން ވެރިކަން ޙަވާލުވީ، މަމާލީކުން (سلطنة المماليك) {MAMLUKS} ނަށް ވާތީ ޤުދުސް ބެލެހެއްޓުން ދިޔައީ އެމީހުންގެ ދަށަށެވެ. މަމާލީކުންގެ ވެރިކަން، 1250 އިންފެށިގެން، 1517 މ. އަށް ދެމިގެން ދިޔައެވެ. ފާޠިމީންނާއި އައްޔޫބީންނާއި މަމާލީކުންނަކީ، އިސްލާމީ ޚިލާފަތުގައި މިޞްރުގައި ވެރިކަންކުރި ދަރިފަސްކޮޅު ތަކެކެވެ. އެއީ ޢައްބާސީ އާއި ޢުޘްމާނީ ޚިލާފަތު ތެރޭގައެވެ.


ޞަލީބީންގެ ހަތްވަނަ ޙަމަލާއެއް، މިޞްރުގެ އައްސޭރި ރަށެއް ކަމުގައިވާ، އަލްމަންޞޫރާއަށް ދެވުނީ، 1239 މ. ގައެވެ. ކާމިޔާބުކުރީ މިޞްރުގެ ވެރިކަމުގައި ތިއްބެވި އައްޔޫބީންނެވެ. އަދި ޞަލީބީންގެ އަށް ވަނަ ޙަމަލާއެއް، އުތުރު އެފްރިކާގެ ތޫނިސް (TUNISIA) އަށް ދެވުނެވެ. ތޫނިސްގައި އޭރު ވެރިކަން ކުރަމުން ގެންދިޔައީ، ޙަފްޞީ ދަރިކޮޅު (HAFSID KINGDOM) ންނެވެ. ތޫނިސްގައި މިރަސްކަން ދެމިއޮތީ، 1229 އިން ފެށިގެން، 1574 މ. އައި ހަމައަށެވެ.


ފަހުން ވާހަކަދެކެވި، އެއްބަސްވުމެއްގެ ދަށުން ވިޔަފާރީގެ ގުޅުންތައް ޔޫރަޕް އައި އެކު ކުރާންފެށުނެވެ. ޞަލީބީންގެ ވެރިއަކަށް ހުންނެވީ ފްރާންސްގެ ރަސްގެފާނު، ލުއިސް ނުވައެއް (SAINT LOUIS 9, 25 April 1214 – 25 Aug 1270) އެވެ. ރަސްމީކޮށް އޮފީހުގައި އިންނެވީ، 1226 މ. އިން ފެށިގެން ނިޔާވުމަށް ދާންދެނެވެ. މިޞްރުގެ އައްސޭރި ރަށެއްކަމުގައިވާ، ދިމްޔާތް (DAMIETTA) އަށް އެރިއެވެ. އެހެނަސް މިހަނގުރާމާގައި ބަލިވެ، މިޞްރުގައި މިރަސްގެފާނު ބަންދުވީއެވެ. މިނިވަންވީ މިޞްރުގައި އޮތް އައްޔޫބީ ދަރިކޮޅަށް ބަދަލެއްގެ ގޮތުގައި ބޮޑު ފިދިޔައެއް ދީގެންނެވެ.


އަދި ޝާމްކަރައިގެ އައްސޭރިރަށެއް ކަމުގައިވާ، ޢައްކާ އާއި ޢަސްޤިލާން އަށް އެރިއެވެ. މިދެޙަމަލާގައި ވެސް ޞަލީބީންގެ ވެރިއަކަށް ހުންނެވީ، ލުއިސް ނުވައެއް އެވެ. ލުއިސް ނުވައެއްގެ ލަޝްކަރަށް އުތުރު އެފްރިކާގެ އައްސޭރީގައި ބޮޑުބަލިމަޑު ކަމަކައި ދިމާވިއެވެ. މިކަން ވެގެންދިޔައީ ބޮޑު ވަބާއަކަށެވެ. ޢަސްކަރީންގެ ގިނަބަޔަކު މަރުވެ ދިޔައެވެ. އަދި އޭގެ ތެރޭގައި ލުއިސް ނުވައެއް ވެސް، 25 އޯގަސްޓް 1270 މ. ގައި މަރުވީއެވެ. މިމީހުންނަށް ޝާމްކަރައައި ކައިރިއެއް ނުވެވުނެވެ. އަދި ތޫނިސް ވެސް އަތުލައެއް ނުގަނެވުނެވެ. ބަލިވީއެވެ.


ދެން މިލަޝްކަރައި ގުޅުނީ، އިނގިރޭސި ވިލާތުގެ ރަސްކަލެއް ކަމުގައިވާ އެޑްވަރޑް އެކެއް (EDWARD 1) އެވެ. އެޑްވަރޑް ރަސްމީކޮށް އޮފީހުގައި އިންނެވީ، 1272 އިން ފެށިގެން، 1307 މ. އައި ހަމައަށެވެ.


އެޑްވަޑް އެއްވަނަ (އިނގިރޭސި ރަސްކަލެއް)
އެޑްވަޑް އެއްވަނަ (އިނގިރޭސި ރަސްކަލެއް)

އެޑްވަރޑް އެއްވަނަ އަށް ގެނެވުނީ، އެންމެ ހާހަކަށް މީހުންގެ ކުޑަ ލަޝްކަރެކެވެ. މިލަޝްކަރައި ގުޅުނީ ލުއިސް ނުވައެއްގެ ކޮއްކޮ، ޗަރލްސް އެކެއް (CHARLES 1, “CHARLES OF ANJOU) ގެލަޝްކަރާއެވެ. މިދެލަޝްކަރު ގުޅިގެން ހަނގުރާމަފެށީ މަމާލީކުންގެ ކަނޑުގެ ލަޝްކަރާއެވެ. އާދެވުނީ ޝާމްކަރައިގެ އައްސޭރިރަށެއް ކަމުގައިވާ ޢައްކާއައި ހަމަ އަށެވެ. ޤުދުސް އައި ހަމައަށް ވާޞިލްވެވޭ ވަރެއްނުވިއެވެ. ޞަލީބީން ބަލިވެގެން އެނބުރި ދިޔައީ ބައެއްރަށް ތަކާ އެކު ޞުލްހަވެގެންނެވެ. ވިޔަފާރީގެ އެއްބަސްވުން ތަކަކަށް ވެސް ވާހަކަ ދެކެވިގެންނެވެ.


އާދެ! މަމާލީކުންގެ، 8 (އަށެއް) ވަނަ ރަސްކަލެއް ކަމުގައިވާ، އަލްމަލިކުލް އަޝްރަފް ޞަލާޙުއްދިން ޚަލީލް ބިން ޤަލާވޫން (ALMALIK AL-ASHRAF SALAH al-DIN KHALIL IBN GALAWUN) ފަލަސްޠީންގެ ޢައްކާ، 1291 މ. ގައި ފަތަޙަކުރެއްވި ފަހުން ޞަލީބީންގެ ޙަމަލާތައް އެކުގައިހެން އެ އައްސޭރިފަށަށް ހުއްޓިގެން ދިޔައީ އެވެ. ދެން އެއަށް ފަހު، އަންނަމުން ދިޔައީ، އެކިކަހަލަ ކުދިކުދި ކޯޅުންތަކެވެ.


ޞަލީބީންގެ ވަކިވަކި އޮޑިފަހަރުގެ ޙަމަލާތައް ޝާމްކަރައާއި މިޞްރުގެ އައްސޭރިރަށް ތަކަށް އެކި ސިފަސިފައިގައި އަރަމުންދިޔައެވެ. އެހެނަސް ޞަލީބީ ހަނގުރާމަ މުޅިން ހުއްޓުނީއެވެ. ޞަލާޙުއްދީގެ ފަތަޙައަށް ފަހު، 1914މ. އައި ހަމައަށް، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޒައޮނިސްޓް ޔަހޫދީ ދައުލަތެއްގެ ބިންގާ އަޅަންދެން، ފަލަސްޠީން އޮތީ އިސްލާމީ އުންމަތުގެ ދަށުގައެވެ.


ފަހެ، ޞަލީބީ ހަނގުރާމަތަކަށް ފަހު، މިހާހިސާބުން ޔޫރަޕްގެ ވިސްނުން މުސްލިމުނައި ދޭތަރޭގައި މުޅިން އެހެންގޮތަކަށް ބަދަލު ކުރަން ފަރަންޖީންނަށް މަޖްބޫރުވީއެވެ. ފާޅުގައި ކުރިމަތިލައި ހަނގުރާމަކޮށްގެން މުސްލިމުން ބަލިނުކުރެވޭނެކަން އެމީހުންނަށް ޔަޤީން ކުރެވިއްޖެ އެވެ. ޤުރްއާނާއި އިސްލާމްދީނަށް ޢަމަލުކުރާހާ ހިނދަކު މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް ނުލެވޭނެކަން ކަށަވަރުކޮށް ދަނެގެންފިއެވެ.


ދެން ޞަލީބީން ފެއްޓީ މުސްލިމުންނައި ފިކްރީހަނގުރާމަ އެއް ކުރާށެވެ. ޤުރުއާން ލެޓިން ބަހުން ތަރްޖަމާކޮށް މުސްލިމުން އަތުންއަތުލާއި ވަގަށް ނެގި އިލްމީ ބޮޑެތިފޮތްތައް ކިޔައި ދިރާސާކޮށް، ޢަރަބިބަސް ރަނގަޅަށް ދަސްކޮށް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކުރީއެވެ. އަދި މުސްލިމުންނައި ހަނގުރާމަ ފެއްޓީ މުސްލިމުންގެ ތެރެއިން މުސްލިމުން ލައްވައި ކުޅުވާއި ތޮޅުވާ ގޮތަށެވެ. ފިކްރީހަނގުރާމަ އަކީ މިއެވެ!


އިސްލާމްދީމް ރަނގަޅަށް ފުންކޮށް ދަސްކޮށްގެން އިސްލާމްދީނުގެ އަސާސްތަކާއި މަބްދައުތައް އެމީހުން ބޭނުންވާ ޝުބުހަތަކާއި ވަހުމްތައް އުފެދޭ ގޮތަށް އޮޅުވާލައި ކޮލެޖުތަކާއި ޔުނިވާރސިޓިތަކުގެ މަންހަޖަށް ވެސް އެބަދަލުތައް ގެނައީއެވެ. އެމަގުން މުސްލިމުންގެ ޖީލްތައް ލާދީނީކޮށް ސެކިއުލަރ (LAYMAN / SECULER) ކުރާން ނިންމީ ގަސްދުގައެވެ. އެނގިތިބެއެވެ. ޞަލީބީން ކަނޑިން ކުރި ހަނގުރާމަތަކަށް ވުރެ މިގޮތުން ފިކްރީހަނގުރާމައެއް ފެށުމަށް ހުރިހާ ވަސީލަތްތައް ތައްޔާރުކޮށް ރާވައިގެން ފަށައިގަތީއެވެ. މުސްލިމުންގެ ތެރޭގައި ޢަލްމާނީން، ނުވަތަ ލާދީނީ ޢިލްމުވެރިން އުފެއްދީއެވެ. މުސްލިމް ދައުލަތްތަކުގެ ތަޢުލީމީ މަންހަޖު ތެރެއަށް ލާދީނީ ފިކުރު ގަސްދުގައި ބޮޑުކޮށް ވެއްދާއި ފެތުރީއެވެ.


ދީނުގައި އޮތް ސާފުޢަޤީދާ ލާދީނީކޮށް ލާނެގޮތްތަކެއް ހޯދުމުގެ މަސައްކަތް ޢިލްމީ ސިފައެއްގައި ޔޫރަޕްގައި ފަށައިގަތީއެވެ. އެކަމަށް ޚާއްސަކޮށްގެން ސްކޫލްތަކާއި ޔުނިވަރސިޓީ ތަކުގައި ޚާއްޞަކޮށް ވަކި މުޤައްރަރުތަކެއް ޤައިމުކުރީއެވެ. މުސްލިމް ދަރީންނަށް ހިލޭކިޔެވޭނެ ގޮތްތަކުގެ ދޮރާށިތައް މުސްލިމް ޤައުމުތަކަށް ހުޅުވާލީއެވެ.


އާދެ! 1920މ. އިން ފެށިގެން އަމަލީ ގޮތުން މިމަސައްކަތް ވަރަށް ހަލުއިކޮށް ކުރިޔަށް ދާންފެށިއެވެ. މުސްލިމް އުންމަތް ރޫޅާލާއި ކުދިކުދި ގައުމުތަކަކަށް ބަހާލާއި ސަރަހައްދީ ޙުދޫދުތަކެއް ހަދައިދީ، ވަކިވަކިން ހޮވާލެވުނު ދަރިކޮޅުތަކަކަށް ރަސްކަމާއި ވެރިކަންދީ، ފާސްޕޯޓެއް އީޖާދުކޮށް އަންހެނުންގެ ރީތިކަން ހޮވުމުގެ މުބާރާތްތައް އިންތިޒާމުކޮށް ރިބާ އަސާސަކަށް ހަދައިގެން މާލީނިޒާމެއް އަޢާރުފް ކުރީއެވެ. މިކަންކަން ހިންގާފައި ހުރި ތާރީޚުތަކަށް ވިސްނާއި ނަޒަރުކޮށް، ދިރާސީނަޒަރަކުން ތާރީޚީނުކުތާޔައް ގުޅާލުމުން މިރޭވުމުގެ ހުރި ވިހަ ގަދަކަން ސާފުވެ އެނގި ހާމަވެގެން ދާނެއެވެ.


ދެން ފަހެ، ޞަލީބީންގެ ރޭވުންތަކައި އެއްގޮތްވާގޮތުގެ މަތީން ޔޫރަޕްގެ ޤައުމުތަކުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކުން، އެމީހުންގެ ރޭވުންތައް ކާމިޔާބު ކުރީ، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއިންނެވެ. ޢުޘްމާނީ ޚިލާފަތުގެ ދަށުގައި ހުރި އިސްލާމުންގެ ވެރިރަށްތައް ހިފައި ކުދިކުދި ދައުލަތްތަކަށް ބަހާލުމަށް ފަހު ގައެވެ. މިވާހަކަތައް ވަރަށް ތަފްޞީލްކޮށް މިމަޒްމޫނުގެ މައިގަނޑު ބައިތަކުގައި ވާނީ ގެނެސްދީފައެވެ. އިސްލާމީ އުންމަތް ބައިބައިކޮށްލި ގޮތްތައް ވަރަށް ތަފްޞީލްކޮށް ލިޔެފައި ވާނެއެވެ. އެކިއެކި މުސްލިމް އަރަބި ގައުމުތައް ވަކިވަކީންނެވެ.


ފިކުރީ ހަނގުރާމަ:


ފިކުރީ ހަނގުރާމަ އަކީ، ކަނޑިއާއި ބަޑިއައި ނުލާ، މީސްތަކުންގެ ވިސްނުމާއި ފިކުރައި ކުޅެލުމުގެ ބޭނުމުގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން، ކާމިޔާބުތަކެއް ހޯދުމުގެ މަޤްޞަދުގައި ކުރާ އޮޅުވާލުމުގެ ބޮޑުހަނގުރާމަ އެވެ.


ފަހެ، ފިކުރީ ހަނގުރާމަ ޚާއްޞަ ކުރެވިފައިވަނީ، މުޙައްމަދުގެފާނު ދުވަސްވަރުގައި އިސްލާމީ އުންމަތުގެ ބާރު މުޅި ދުނިޔެއަށް ފެތުރި ދުނިޔޭގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފައުޅުވެ ފެނިގެން ދިއުމުން، އޭރު ދުނިޔޭގެ ބާރެއްގެ ގޮތުގައި އޮތް، ޔޫރަޕް ކޮންޓްރޯލް ކުރާ ބާރު ކަމުގައިވާ، ނަޞާރާއިންނާއި ޔަހޫދީން އެކުވެ، ޞަލީބީންގެ ނަމުގައި އެކަތި ގަނޑަކަށްވެ، އިސްލާމީ އުންމަތައި ދެކޮޅަށް ނުކުމެ ކުރި ހަނގުރާމަ ތަކުން ކުރި އެރުމެއް ލިބޭގޮތް ނުވެ ބަލިވުމުން، މުސްލިމުންގެ ސިކުނޑިތައް ފިކުރީގޮތުން އަނބުރާލުމުގެ ބޭނުމުގައި ފެށި ހަނގުރާމަ އަށެވެ.


މަޤްޞަދަކީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް ލުމެވެ. لا إله إلا الله ތައުޙީދުގެ މި މަތިވެރި ޢަޤީދާގެ މައްޗަށް ދުނިޔެވީ ފިކުރެއް ވެރި ކުރުވުމެވެ. ﷲ ފިޔަވައި އެހެން މާއްދީބާރުތައް ވަށައިގެންވާކަން ދަސްކޮށްދިނުމެވެ. އިންސާނިއްޔަތަށް އެހީއާއިމަދަދުތައް އަވަސްކޮށް ފެންނަގޮތަށް ލިބޭނީ ބޮޑެތިބާރުތަކާ ގުޅިގެންކަން ވިސްނައި ދޭށެވެ. މިގޮތްތަކަށް މުސްލިމުންގެ ހިތްތަކާއި ސިކުނޑިތައް ލަންބާއި، ޤުރުއާނާއި ސުންނަތައި ދުރުކުރުމެވެ.


ފަހެ، ދަންނާށެވެ! ﷲ، މުޙައްމަދުގެފާނަށް ޞަރީޙަ ގޮތުގައި ވަރަށް ފާޅުކަން ބޮޑުކޮށް އަމުރު ކުރައްވާފައި ވަނީ، ތައުޙީދާއި އެއްކައުވަންތަ ކަމަށް ގޮވާލުމުގައި، ﷲގެ ސީދާމަގުގައި ދެމި ހުންނެވުމަށެވެ. އަދި އެހެން އެއްވެސް ޙަޤީޤަތް އޮޅި، މަގުފުރެދިފައިވާ ނުފޫޒަކަށް ނުވަތަ ފަލްސަފާއަކަށް ލެނބި ވަޑައި ނުގެންނެވުމަށް ގަދަކޮށް އަމުރު ކުރައްވައި އެންގެވިއެވެ.


މިކަމުގެ ގަދަފަދަ ހެއްކަކަށްވެ މުޅި ދުނިޔެއަށް ފެނި ފައުޅުވެގެން ދިޔައީ، އެކަލޭގެފާނު ހުންނެވީ، ﷲގެ ފޮތަށް ކިޔަމަންވެ ވަޑައިގެން، މުޅި އިންސާނިއްޔަތަށް އެފޮތުގައިވާ ހަމަހަމަކަން އިންޞާފުކޮށް އަމަލީ ސިފައެއްގައި ގެނެސްދެއްވުމުގެ މަތީގައި ކަމެވެ. ބޮޑެތި ކާމިޔާބުތަކާއި ފަތަހަތައް ދުނިޔެއަށް ގެނެސްދެއްވާއި އަމަލީ ގޮތުން އެކަލޭގެފާނު ވަނީ އެކަންތައް ސާބިތުކޮށްދެއްވާއި ދުނިޔެއަށް ދައްކަވާފައެވެ.


އެހެނަސް ފޮތުގެ އަހްލުވެރީން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން ވަނީ، މުޙައްމަދުގެފާނު ގެނެސް ދެއްވީ ތެދު ގޮތްކަން އެނގިތިބެ ދޮގުކޮށްފައެވެ. އަދި އެބައި މީހުންނަށް، ﷲ ބާވާލެއްވި ފޮތްތައް ތަޙްރީފުކޮށް އޮޅުވާލައި އޭގެ އަޞްލުގޮތްތައް އަމިއްލަ އެދުމުގެ ގޮތްތަކަށް ބަދަލުކޮށް ފައެވެ. މިނުބައި ޢަމަލުތަކުގެ ސަބަބުން ވަނީ، ޙައްޤާއި ބާޠިލް ގޮތްތައް، އަދި މަގުފުރެދުމާއި ހިދާޔަތާ ދެމެދު މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ދެކޮޅުވެރިކަން އުފެދިފައެވެ. ޝައްކާއި ޝުބުހަތަކާއި ވަސްވާސްތައް އުފެދިފައެވެ. އެހެންވެ މިކަން މިހާރު ވަނީ ހަނގުރާމަ އަކަށް ބަދަލުވެ ދިގުދެމިގެންވާ، ނިމުމެއް ނެތްގޮތަށް ހިނގަމުންދާނެ ހަނގުރާމަ އަކަށް ބަދަލުވެފައެވެ.


މުޙައްމަދުގެފާނު ތައުޙީދަށް ގޮވާލެއްވި ހިނދުން ފެށިގެން މިއަދައި ހަމައަށް ވެސް، ޙަޤީޤަތް ބަދަލުކޮށްގެން އުޅޭ ކްރިސްޗިއަނުން ނާއި ޒައޮނިސްޓު ޔަހޫދީންނައި މުސްލިމުންނާ ދެމެދު ދެކޮޅުވެރިކަން ވަނީ ފެށި ހަނގުރާމަ އަކަށް ފައެވެ. ފަހެ، އެމީހުންނަކީ، ޞަލީބަށް ނިސްބަތް ވެގަނެގެން އިސްލާމީ އުންމަތައި ދެކޮޅަށް ފާޅުގައި ދުޝަމަނުން ގޮތުގައި ހަނގުރާމައަށް ނުކުތް މީހުންނެވެ. ޞަލީބީ ހަނގުރާމަތައް ރާވައިގެން ހިންގި ފަރަންޖީންނެވެ.


އިސްލާމުން ޤައިމުވެ ތިބީ، ޝަހާދަތުގެ ދެކަލިމައާއި ތައުޙިދާއި އިސްލާމީ ޝަރީޢަތުގެ މަތީގައެވެ. ޞަލީބީން ޤައިމުވެ ތިބީ، އެމީހުން އުފެއްދި އަމިއްލަގޮތް ކަމުގައިވާ، ބާޠިލްގޮތުގެ މަތީގައެވެ. ﷲ އައި އެހެން އިލާހުންތައް ހަމަހަމަކޮށް ކުފުރުވެގަތީއެވެ. ހަމަ ކަށަވަރުން ކާފިރުވީ މީހުން ބުނެހަދަ އެވެ! ވަރަށް ސަރީހަކޮށް ޤުރްއާން މިކަން ބުނެދެއެވެ! އަލްމާއިދާ ސޫރަތުގެ، 73 ވަނަ އާޔަތް ބައްލަވާށެވެ!


لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّا إِلَـٰهٌ وَاحِدٌ ۚ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ


“ހަމަކަށަވަރުން، اللَّه އީ، ތިން إله ންކުރެ إله އެކޭ ބުނި މީހުން، كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ، ﷲ މެނުވީ، އެހެން إله އަކު ނުވެއެވެ. އެމީހުން އެ ބުނާ ބުނުން ހުއްޓާނުލައިފިނަމަ، ހަމަކަށަވަރުން، އެމީހުންގެ ތެރެއިން ކާފިރުވި މީހުންނަށް ވޭންދެނިވި ޢަޒާބު ލިބޭނެކަން ކަށަވަރެވެ."


ފަހެ،ޞަލީބީން، ނަޞާރާއިންނާއި ޔަހޫދީން، ﷲ އައި އެހެން ފަރާތްތައް އެއްވަރުކޮށް، ޝަރީކު ކުރީއެވެ. ތިންއިލާހުން ހެދީއެވެ. އެއީ، ﷲ އާއި އީސާގެފާނާއި މަރްޔަމްގެފާނެވެ. އެމީހުން، ﷲ އަކީ ތިންއިލާހުން ކުރެ ބައެއް އިލާހު ކަމުގައި ހެދީއެވެ. އެމީހުންގެ ބަހަކީ،"ބަފައިކަލުން، ދަރިކަލުން، އަދި ރޫޙުލްޤުދުސް" މިއެވެ.


އެމީހުންގެ މިބަހައި ހެދި، ޙައްޤާއި ބާޠިލައި އަދި ތައުޙީދާއި ޝިރުކައި ދެމެދު ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ދެކޮޅުވެރިކަން އިތުރު ވަމުންނެވެ. އޮޅުންބޮޅުން އަރަމުންނެވެ. މިދެކޮޅު ވެރިކަން އިތުރުވަމުން ދެމެމުން އައިސް ޙައްޤާއި ބާޠިލައި ދެމެދު، އެމީހުންގެ ނަޒަރުގައި މުޤައްދަސް ހަނގުރާމަ ތަކެއް މުސްލިމުންނައި ދެކޮޅަށް ކުރީއެވެ. އަދިވެސް މިއަދައި ހަމައަށް ވެސް، ފިކުރީގޮތުން އެހަނގުރާމަ ކުރެވެމުން މި ދަނީއެވެ.


ޞަލީބީންކުރި ގިނަ ހަނގުރާމަތައް ކާމިޔާބުކޮށްފައި ވަނީ، މުސްލިމުންނެވެ. އިސްލާމީ އުންމަތުންނެވެ. އިސްލާމުންނައި މިހަނގުރާމަތައް ކުރީ، ފައްޅިތަކުގެ އަހްލުވެރީން ނެވެ. އެމީހުންގެ ރަސްރަސްކަލުންނާއި ޕޯޕުން އިސްވެ ތިބެގެންނެވެ. ޔޫރަޕްގެ ފައްޅިތަކުން ނުކުތް ޙަމަލާތަކަށް ނަން ދެވިފައި ވަނީ، ޞަލީބަށް ނިސްބަތްކޮށެވެ. ޞަލީބު ދިދައަކަށް ހަދައި އޭގެ ޙިމާޔަތުގެ ދަށުންނެވެ. ﷲގެ ދުޝްމަނުން، މަސްޖިދުލް އަޤްޞާގެ ތެރެއިން ޞަލީބެއްނެރެ އެއީ އަސްލު ކަމުގައި ހަދައި މުޅިން އާ ވާހަކައެއް އީޖާދުކޮށް އުފެއްދީއެވެ. ފަހެ، މިޖަމާޢަތަކީ، ކްރިސްޗިއަނުންނަށް ވިޔަސް ޔަހޫދީންނަށް ވިޔަސް ޞަހްޔޫނީ ޔަހޫދީންނަށް ވިޔަސް ޞަހްޔޫނީ ކްރިސްޗިއަނުންނަށް ވިޔަސް، އަދި ޞަހްޔޫނީ މުސްލިމުންނަށް ވިޔަސް އެއީ ހަމަ ޞަލީބީންނެވެ. ކާފިރުވީ މީހުންނެވެ. ފަރަންޖީންނެވެ.


ޙާޟިރުލް ޢާލަމުލް އިސްލާމީ “حاضرالعالم الإسلامى” އިނގިރޭސި ނަމުން، The New World of Islam މިނަން ކިޔާ ފޮތުގެ މުޞައްނިފު، ތިޔުޑޯރ ލޮތްރޯޕް ސްޓޮޑާޑް، (1883 - 1950) Theodore Lothrop Stoddard ލިޔުއްވާ ގޮތުގައި، މިވާހަކަތައް ގެންނަވާފައި ވަނީ މިގޮތަށެވެ. ކުޑަކޮށް ކުރީގެ ވާހަކަތައް ތަކުރާރު ވިޔަސް މިތާގައި މުޞައްނިފުގެ ބަސްތައް ގެނެސްދޭނަމެވެ. މީނާއަކީ އެމެރިކާގެ މުސްތަޝްރިޤެކެވެ. މުއައްރިޚެކެވެ. ނޫސްވެރިއެކެވެ. 1905 މ. ބެޗުގެ ހާވަޑް ޔުނިވާރސިޓީގެ ޕީއެޗްޑީ ގުރެޖުއޭޓެކެވެ.


"އެންމެފުރަތަމަ ޞަލީބީ ހަނގުރާމައަށް ނުކުތުމަށް ގޮވާލީ، 1002 މ. ވަނަ އަހަރު، ބާބާ ސަލްބަސްޠަރސް ދެވަނަ، البابا سلبسطرس الثاني (POPE SYLVESTER 2) އެވެ. މީނާ ބާބާ (ޕޯޕް) އަކަށް ހުންނެވީ، 2 އޭޕްރީލް 999 މ. އިން ފެށިގެން، 1003 މ. ގައި އަވަހާރަ ވުމަށް ދާންދެނެވެ. މީނާއަކީ ފްރެންޗް ފުރަތަމަ ޕޯޕެވެ. މީނާ ގޮވާލެއްވި ގޮވާލެއްވުމަށް އަމަލީ ސިފައެއް ނާދެއެވެ. އެއަށް ފަހު،


ދެން ޞަލީބީ ހަނގުރާމައަކަށް ގޮވާލެއްވީ، 1075 މ. ގައި ބާބާ ޣަރީޣޫރިޔޫސް ހަތެއް، غريغوريوس السابع (GREGORY 7, 1015 – 1085) އެވެ. އެހެނަސް ޞަލީބީންނަށް ތައްޔާރުވެ ހަނގުރާމައަށް ނުކުމެވުނީ ގާތްގަނޑަކަށް އޭގެ ވިއްސަކަށް އަހަރު ފަހުން، 1099 މ. ގައި ބާބާ އުރްބާނޫސް ދެވަނަ (POPE URBAN 2, 1042 – 29 June July 1099) ގެ ޒައާމަތުގެ ދަށުންނެވެ. މީނާ މިހަނގުރާމައަށް ތައްޔާރުވާން ފެށީ، 1095 މ. ގައެވެ."


"މިގޮތުގެ މަތީން ޞަލީބީންނާއި މުސްލިމުންނައި ދެމެދު ހޫނު ހަނގުރާމަތައް ބަދަލު ކުރެވުނެވެ. ޞަލީބީން ކުރި ހަނގުރާމަ ތަކުގައި ނަޞްރާއި ފަތަޙަ ލިބުނީ އިސްލާމީ އުންމަތަށެވެ. ޞަލީބީން ރޭވި، 7 (ހަތެއް) ވަނަ ޙަމަލާއާއި، 8 (އަށެއް) ވަނަ ހަމަލާގައި ލީޑަރެއްގެ ގޮތުގައި ނުކުންނެވީ، ފަރަންސޭސިންގެ ރަސްކަލެއް ކަމުގައިވާ ލުއިސް ނުވަވަނަ، Louis IX އެވެ. ޞަލީބީ ހަތްވަނަ ޙަމަލާ، މިޞްރުގެ އައްސޭރިފަށުގެ ރަށްތަކަށް ދެވުނުއިރު، މިޞްރުގެ ވެރިކަމުގައި ތިއްބެވި އައްޔޫބީ ދައުލަތުގެ ޢަސްކަރީން ނުކުމެ، އެމީހުން ބަލިކޮއްލީ އެއްވެސް ކުރިއެރުމެއް ނުދީ، ގިނަބަޔަކު ހައްޔަރު ކުރުމާ އެކުގައެވެ."


"ހައްޔަރުވީ މީހުންގެ ތެރޭގައި ޞަލީބީންގެ ލީޑަރު ލުއިސް ނުވަވަނަ ވެސް، މިޞްރުގެ ޢަސްކަރީ ލަޝްކަރުގެ އަތްދަށުވިއެވެ. މިހާރު އަލްމަންޞޫރާ އޭ ކިޔުނު މިޞްރުގެ އައްސޭރި ރަށުގައި ހަނގުރާމަތީ ޤައިދީއެއްގެ ގޮތުގައި ލުއިސް ޖަލަށް ލެވުނެވެ. ބޮޑުވެގެންވާ ފިދިޔައެއް އައްޔޫބީ ދައުލަތަށް ދެއްކުމަށް ފަހު، ޖަލުން އޭނާއަށް ސަލާމަތް ވެވިގެން ފަރަންސޭސި ވިލާތަށް އެނބުރި ވަޑައިގެން ޤައުމުގެ ވެރިންނަށް އެނާގެ ތަޖްރިބާތަކުގެ އަލީގައި ކުރިމަގު ބިނާކުރުމުގެ ތަޞައްވުރެއް ބަޔާންކޮށް ދެއްވައި ވިދާޅުވިއެވެ."


“މިޒަމާނުގެ ކުރިއަރާފައިވާ ހަތިޔާރައިގެން ކުރާ ހަނގުރާމަ އަކުން މުސްލިމުންގެ މައްޗަށް ގަދަވެގަނެ އެމީހުން ބަލިކޮށް ލެވޭކަށް އެއްގޮތަކަށް ވެސް ނެތެވެ. އެމީހުން އެމީހުންގެ ދީނުގެ ސާފު ޢަޤީދާގެ މަތީގައި ތިބިހައި ހިނދަކު، އެމީހުންގެ ހަށިގަނޑުގައިވާ ޖިހާދުކުރުމުގެ ރޫޙު ކުޑައެއް ނުވާނެއެވެ. އެމީހުންގެ ދީން ޙިމާޔަތް ކުރުމަށް ޓަކައި ޖާނުން ޤުރުބާންވާ ޤުރުބާންވުން ތަކެއް ހުއްޓުވައެއް ނުލެވޭނެއެވެ. މުސްލިމުންގެ ޢަޤީދާ މިގޮތުގެ މަތީގައި ދެމި އޮތްހައި ހިނދަކު، އެމީހުންނަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ބަލިކުރެވޭކަށް ނެތެވެ. އެމީހުންގެ ވަރުގަދަ ޢަޤީދާއިން ދުރުކުރުމަށް ޓަކައި ވިސްނުންތެރި ކަމާ އެކު ރާވަންޖެހޭނީ މުޅިން އެހެން ވައްތަރެއްގެ އައު ގޮތްތަކެވެ. އެގޮތަކީ، ތައުޙީދުގެ މައްޗަށް ބިނާވެފައި އޮންނަ އެމީހުންގެ ވަރުގަދަ ޢަޤީދާ އާއި ފިކުރު އެހެން ދިމާއަކަށް ފިރުކާލާއި ބަދަލުކޮށް ލުމަށް ޓަކައި އެމީހުންނައި ކުރަން ޖެހޭނީ، ފިކުރީގޮތުން ކުރެވޭ ހަނގުރާމަ އެކެވެ. ކުރިއަރާފައިވާ ހަތިޔާރާއި ބަޑިތައް ދޫކޮށްލައި އެމީހުންގެ ފިކުރުތަކައި ކުޅެލެވޭނެ މުޅިން އައު ވަސީލަތްތަކެއް ހަތިޔާރުގެ ބަދަލުގައި ހޯދައި އީޖާދު ކުރަންވީ އެވެ.”


އާދެ! ފުރާންސްގެ މި ރަސްގެފާނުގެ މިގޮވާލެއްވުމައި ގުޅޭ ގޮތުން ޔޫރަޕްގެ ޢިލްމުވެރިން، އިސްލާމީ ޙަޟާރަތު އުގެނި އޭގެތެރެއިން އިސްލާމުންގެ ޢަޤީދާއާއި ފިކުރައި ކުޅެލެވެން ހުރި ހުރިހައި ވަސީލަތްތަކެއް ދިރާސާކޮށް، ތަޙްލީލުކޮށް މުޅިން އައު ބާވަތެއްގެ ފަލްސަފާތަކެއް އީޖާދުކޮށް ހޯދިއެވެ. އަދި ޢަމަލީގޮތުން މުސްލިމު ޒުވާން ދަރީއްނަށް އަމާޒުކޮށް ތަޢުލީމީދާއިރާ ތެރެއިން ތަރުބިއްޔަތު ދޭން ފެށީއެވެ. އަދި އިސާހިތަކު މިރޭވުންތަކުގެ ދަށުން، ހަނގުރާމައިގެ އަސްލު މައިދާނަކީ، މުސްލިމުންގެ ސިކުނޑިތައް ކަމުގައި ބަދަލުކޮށް ލައިފިއެވެ.


ހަނގުރާމައިގެ ވަސީލަތްތަކަކީ، ކުރިއަރާފައިވާ ހަތިޔާރުގެ ބަދަލުގައި، މުސްލިމުންގެ ޢަޤީދާއާއި ފިކުރަށް އަމާޒުކޮށް ކުރެވޭ ހަނގުރާމައަކަށް ކަނޑިބަޑިން ކުރަމުންއައި ޒަމާންވީ ހަނގުރާމަ ބަދަލު ކޮށްލީއެވެ. ﷲގެ މަގުގައި ޝަހީދުވެ ޤުރުބާން ވުމުގެ މަތިވެރި ރޫޙުގެ މައްޗަށް މުސްލިމުންގެ ހިތްތަކުގައި ކަނޑާނެގިފައި ހުރި ވަރުގަދަ ޢަޤީދާތަކާއި ފިކުރައި ރީތިކޮށް ކުޅެން ފަށައިފިއެވެ. އެކިއެކި ވަސްވާސްތައް އެކިގޮތްގޮތުން މުސްލިމް މުޖްތަމަޢު ތަކަށް  އަންނަން ފެށި ހިސާބުން، މި ހަނގުރާމައަށް ދެވުނު ނަމަކީ، ފިކުރީ ހަނގުރާމަ އެވެ.


ލުއިސް ނުވަވަނަ ރަސްގެފާނުގެ ވަޞިއްޔަތް ތަންފީޒު ކުރުމުގައި ޔޫރަޕް މީހުން އަވަދިނެތި މަސައްކަތް ކުރިޔަށް ގެންދާންފަށައިފިއެވެ. އޭގެ ތެރެއިން ހިމެނޭ ވަރަށް މުހިންމުކަން ކަމަކީ މިއެވެ.


އެއްކަމަކީ، އިސްތިޝްރާޤާއި ތަބްޝީރުގެ މަރްޙަލާއެވެ. ދެވަނަ ކަމަކީ، ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ވައްޓާލައި އިސްލާމީ އުންމަތް ކުދިކުދި ކޮށްލުމެވެ.


މިބައި ވާނީ މިމަޒްމޫނުގައި ވަރަށް ތަފުސީލުކޮށް ކުރިން ގެނެސްދީފައެވެ. އެހެނަސް ފިކުރީ ހަނގުރާމައިގެ އެއްވަނަ ބަޔަށް ކުޑަކޮށް މިތާގައި އަލި އަޅުވާލާނަމެވެ.


އިސްތިޝްރާޤް އާއި ތަބްޝީރް ގެ މަރްޙަލާ:


މުސްތަޝްރިޤު (مستشرق) ން ގެ މަސައްކަތަކީ، އިސްތިޝްރާޤް (إستشراق) ކުރުމެވެ. މުބައްޝިރުން (مبشر) ގެ މަސައްކަތަކީ، ތަބްޝީރު (تبشير) ކުރުމެވެ. މުސްތަޝްރިޤުން ނަކީ، އޮރިއެންޓްލިސްޓުން (ORIENTALIST) ނެވެ. އެމީހުންނަކީ، އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތް ރަނގަޅަށް ދަސްކޮށްގެން ތިބެ، މެދު އިރުމަތީ (مشرق) ގެ ޢަޤީދާއަށް ލެނބި ތިބެ ހުޅަގުން (غرب) ބޭނުންވާ ހުރިހާ ގޮތަށް މަސްލަހަތު ހިންގައިދޭ އިލްމީ އެދުރުންނެވެ. ހުޅަގު ދުނިޔެއަކީ ޔޫރަޕް އިއްތިޙާދު، އެމެރިކާ، ކެނެޑާ، އޮސްޓުރޭލިޔާ، ނިއުޒިލޭންޑު ފަދަ ގައުމުތަކެވެ. މަޝްރިޤަކީ މެދިއިރުމައްޗެވެ.


މުސްތަޝްރިޤުންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. އިސްލާމް ދީނުގެ އަސްލުތައް އެގޮތްމިގޮތަށް އޮޅުވާލާއި ޤުރްއާނަށާއި ސުންނަތަށް އަދި މުހައްމަދުގެފާނަށް މަލާމަތްކޮށް ހަޖޫޖަހާ މީހުންނެވެ. އަހުރެމެން ދިވެހިން ތެރެއިން ވެސް މިޒަމާނުގައި މިވައްތަރު މީހުން ފެންނާނެއެވެ. އެއީ ހުޅަގުގެ އޭޖެންޓުންނެވެ.


މުބައްޝިރުން ނަކީ، ކްރިސްޗިއަން މިޝަނަރީ (MISSIONARY) ން ނެވެ. އެމީހުންނަކީ، އެމީހުންގެ ދީން އެހެން މީހުންނަށް އުގަންނައި ދިނުމަށް މީހުންގެ ތެރެއަށް ފޮނުވޭ ޢިލްމުވެރީންނެވެ. ދީން ފަތުރާ އެދުރުބޭންނެވެ. މި މީހުންގެ އެންމެ އިސް މަސައްކަތަކީ، އިޤްތިޞާދީ ތަރައްޤީއާއި ޞިއްޙީ އަޅާލުމާއި އިޖްތިމާޢީ ޢަދާލަތާއި ތަޢްލީމާއި ތަރްބިއްޔަތާއި ލިޔެކިއުމުގެ ޚިދުމަތުގައި ފައުޅުގައި ނުކުމެ އެހީވެދޭ ޖަމާޢަތެއްގެ މީހެއްގެ ގޮތުގައި މުޖްތަމަޢު ތެރޭގައި ދެމި ތިބޭށެވެ. ފޮރުވިތިބެ ހިންގަމުންދާނީ، ދީނީ ދަޢުވަތުދިނުމާއި ތަބްލީޣު ކުރުމެވެ.


އެބައެއްގެ އެމުޖްތަމަޢެއްގެ ބަސް ރަނގަޅަށް ދަސްކުރުމާއި އެބައެއްގެ ދީނީފޮތްތައް އެމީހުންގެ އެކިބަސްތަކަށް ގެނައުމެވެ. މިގޮތުން މެދު އިރުމަތީ އަދި އޭޝިޔާ އާއި އުތުރު އެފްރިކާގެ މުސްލިމް މީސްތަކުންގެ ވިސްނުމާއި ފިކުރުގެ ތެރެއަށް ހުޅަގުގެ ފަލްސަފާތައް އަށަގަންނުވައި ވައްދައި ދިނުމެވެ. މުސްލިމް ކިޔަވާ ކުދިންނަށް އެއްވެސް ކަހަލަ އިޙްސާސް ކުރުވުމެއް ނެތި، މިމީހުން މިކަންކޮށްލާލެއް ނުލާހިކު ހުޝިޔާރެވެ. އަދި އެހާމެ މޮޅެވެ.


ފަހެ، މުބައްޝިރުންނާއި މުސްތަޝްރިޤުންގެ މަސައްކަތަކީ އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތުގައި ޝައްކުތައް އުފައްދައި އިސްލާމުން އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބައިގެން ކާބަފައިންގެ އަމިއްލަ ދީނާއި ވީހާވެސް ދުރުގައި ބޭތިއްބުމެވެ. އިސްލާމީ އަސްލުތައް މީސްތަކުންނަށް އޮޅުވާލުމެވެ. ﷲ އެއްކައުވަންތަ ކަމާ ވީހާބޮޑަށް ދުރުކުރުމެވެ. އިންސާނާގެ ހުރިހައި އެދުމަކާއި މަގްސަދެއް އިންސާނިއްޔަތުގައި ﷲ ނުހިމަނާ އެކުލެވިފައި ވާކަން މާއްދީގޮތުން ކަށަވަރުކޮށް ދިނުމެވެ.


މިދެންނެވުނު ގޮތުން އިސްލާމުންނަށް އެމީހުންގެ ސާފުޢަޤީދާ ފިކުރީގޮތުން އޮޅުވާލުމަށް ކުރެވެމުންދާ މަސައްކަތަކީ، ޞަލީބީ ހަނގުރާމަތައް ހުއްޓާލުމަށް ފަހު، އެހަނގުރާމަ ތަކުން ލިބުނު ތަޖްރިބާތަކުން، ވުޖޫދަށް ގެނައި ފަލްސަފާއެއްގެ ދަށުން ސިއްރިއްޔާތުގައި ހިންގަމުންދާ އަދި ކުރަމުން ގެންދާ ފިކުރީ ހަނގުރާމަ ކުރުމެވެ. ބޭނުމަކީ، ބާރަށް ވަރަށް ވިސްނުންތެރިކަަމާއި ޙިކުމަތާ އެކު އެ ހަނގުރާމަ ކުރިޔަށް ގެންދިއުމެވެ.


މުޅިމީޑިއާ ކޮންޓުރޯލްކޮށް ގަތުމެވެ. މުޅި މާލީނިޒާމަށް ވެރިވުމެވެ. އަދި ގޯތި ގެދޮރުގެ ސިޓިންރޫމް ތަކާއި ނިދާއި އަރާމުކޮށްލުމަށް ބޭނުންކުރާ މައިއެނދުކޮޓަރި ތެރެއަސް ދާންދެން ވެސް މިހާރު ވަނީ އެހަނގުރާމައިގެ އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ވައްދައި ބޭނުން ކުރުވާން ފަށައިފައެވެ. އަދި ކޮންމެ މީހެއްގެ މުށުތެރޭގައި އޮންނަ ސްމާޓުމޯބައިލް ފޯނުން ވެސް ފިކުރީ ހަނގުރާމަ ބަރާބަރަށް ކުރިޔަށް ގެންދެވޭ ގޮތަށް ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާއި ރާވާފައެވެ.


މިހާރު ނިޒާމުތައް ރާވާއި ހަމަޖައްސާފައި އޮންނަ ގޮތުން މުސްލިމް މުޖްތަމަޢު ތަކުގައި އޮޓަމެޓިކުކޮން އެ ހަނގުރާމަ ބަރާބަރަށް ގަދަކޮށް ކުރިޔަށް ގެންދެއެވެ. ކޮންމެ މުސްލިމަކީ އެމީހުންގެ ލެންސެއްގެ ދަށުގައި ހަރަކާތްތެރިވާ މީހެކެވެ. ކަނާއަތުންނާއި ވާއަތުންނާއި ކުރިމަތިންނާއި ބިއްދަށުންނާއި މަތިންނާއި ތިރިން ވަނީ ވަށާލާފައެވެ. ހަޑައިމެންޝަނުންނެވެ. ހަގީގަތުގައި، މިއީ ﷲ އަށް ކުރާ ވަރުގަދަ ޗެލެންޖެކެވެ. އިންސާނިއްޔަތު ކޮންޓުރޯލް ކުރުމަށް ކުރާހާ ކަންތަކެވެ. މީސްތަކުންނަށް ނޭގި ތިބެ، އެބައިމީހުންގެ މަޅީގައި ޖެހި، ފިކްރީޙަމަލާތަކުގެ ޝިކާރައަކަށް ވަމުންދަނީ އެވެ. އަމިއްލަ ސާފު ޢަޤިދާ އަމިއްލަ އަތުން މުޑުދާރުކޮށް ލެވެނީ ނޭނގިތިބެއެވެ.


މިކަހަލަ މަޞްނޫޢީރޭވުންތަކުގެ ދަލުގެ ތެރޭގައި ޝައިޠާނާގެ ވަސްވާސްތަކުގެ ތެރެއަށް ގެނބި ގެއްލިދަނީ އެވެ. މަޝްހޫރު ލަވަތަކާއި ފިލްމުތަކާއި ގޭމްތަކުގައި އިންތިހާއަށް މިކަން ވައްދާފައެވެ. ވަޖިދުވުން ހިމެނެއެވެ. ބައެއް ކަވަކިއުންތެރީން ބުނާ ގޮތުގައި އެމީހުން އެފަދަ ލަވަތައް ބޮޑެތި އެއްވުންތަކުގައި ހުށަހަޅައިދޭ އިރު އެމީހުން ތިބެނީ އެހެންބާރެއްގެ ތެރޭގައި ވަޖިދުވެފައެވެ. އަދި މުނޫން ވަގުތުތަކުގައި އާންމު ދިރިއުޅުމުގެ ކުދިކުދިކަންތަކުގައި ހާސްކަން އެންމެ މަތިދަރަޖައަށް އިހުސާސްކުރެވި ހަށިގަނޑަށް ބޮޑުކޮށް އޭގެ އަސަރުތައް ކުރުވައެވެ. އުދާސްވެއެވެ. އަދި ބައެއް ފަހަރު އެކަހެރިވެ ފޫހިވެގޮސް މިބަލީގެތެރެއަށް އިންސާނާ ގަންބާލައެވެ. އަދި މީހާ އަމިއްލައަށް ދަންޖެހި މަރުވާ ހިސާބަށް ފޯރުވާލައެވެ. ފަހެ، މިއީ އެހާވެސް ނުރައްކާތެރި ވިހަ އެކެވެ.


ފިކުރީ ހަނގުރާމައިގެ މޭސްތިރިން ކަމުގައިވާ، މުސްތަޝްރިޤުން އިސްލާމް ދީނައި މެދު ޝައްކާއި ވަހުމް އުފެއްދުމުގެ ގޮތުން، އެބައިމީހުންގެ ދަލީލުތަކާއި ހެކިތައް ދައްކަމުން ނެރެފައިވާ އެއް ވާހަކައަކީ، ޤުރްއާން އަކީ މުޙައްމަދުގެފާނު އަމިއްލަފުޅަށް އެކުލަވާލެއްވި ފޮތެއްކަމަށެވެ. އެކަލޭގެފާނުގެ އަޞްޙާބުން ކަމުގައިވާ ޞަޙާބީންގެ އީމާންތެރި ކަމާއި ސީދާސާދާކަމުން އެފޮތަކީ، ﷲގެ ހަޞްރަތުން ބާވާލެއްވިފައިވާ ﷲ ގެ ފޮތެއްކަން މީހުން ޤަބޫލުކުރީއެވެ.


އަދި އެހެންމެ އެމީހުންގެ އޮޅުވާލުމުގެ ތެރޭގައި އިލާހީ މަޞްދަރު ކަމުގައިވާ، ޤުރްއާނާއި ސުންނަތުގެ ނައްޞުން ނެގިފައި ހުރި، ޝަރުޢީ ޙުކުމްތަކާއި އިޖްތިހާދުން ނަގާފައި ހުރި، ޙުކުމްތަކަކީ އެއްގޮތަށް ވާރިދުވެފައި ހުރި އެކެއްޗެއް ކަމަށް ބުނެދީ ވިސްނައިދެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ހުރިހައި ޙުކުމްތަކަކީ ވެސް އެގޮތުގެމަތީން، އިންސާނުން އިޖްތިހާދުކޮށް ހޯދުންތައް ހޯދައިގެން ތަދްވީން ކޮށްފައި ހުރި ޙުކުމްތަކެއް ކަމަށް ބުނެދީ ހަދައެވެ.


ވީމާ ތަހްޒީބީގޮތުން ޒަމާނަށް އަންނަ ތަރައްޤީގެ ބަދަލުތަކައި އެއްގޮތަށް ޝަރުޢީ ނައްޞުތަކުން ނެރެވޭ ޙުކުމްތަކަކީ ވެސް ތަދްވީންކޮށް ބަދަލު ކުރެވޭނެ އެއްޗެއް ކަމަށް ވިސްނައިދެއެވެ. ހަރާމް ހަލާލާއި ހައްދާއި ޤިޞާޞަކީ ޒަމާނީ ސައިންސުން ގެނެވޭ ބަދަލުތަކާ އެއްގޮތަށް ބަދަލު ކުރެވޭނެ ކަންތައް ކަމުގައި ބުނަމުން ގެންދެއެވެ. ސަރޮގެސީ އާއި ދިރުމުން ދިރުން އުފެއްދުމާއި ޖިންސު ބަދަލުކުރުމަކީ މުޖްތަމަޢަށް ބުރޫއަރާއި ނަސްލަށް އޮޅުންބޮޅުން އެރުވުން ނޫން ކަމުގައި އިލްމީ ހެކިތަކާ އެކު ބުނެދެއެވެ. އިންސާނިއްޔަތަކީ އެބަލުތައް ގެނައުން ކަމުގައި ހަދައެވެ.


އަދި ޓުރާންސްހިއުމަނިޒަމާއި ސެކިއުލާ ހިއުމަނިޒަމަކީ ސައިންސުގެ އަލީގައި ޒަމާނީމާއްދީ ހެކިތަކާ އެކު އީޖާދުކޮށް ކިޔަވައިދީ ހަދާ މުހިންމު މާއްދާތަކެވެ. މިހާރު އެންމެ ކުރިއަރުވަމުން ގެންދާ އެއްފަންނެވެ. ބުނެދެނީ ޖިންސު ބަދަލު ކުރުމާއި އިންސާނާ ހިތްހަމަޖެއްސުމުގައި އެއްވެސް ހައްދެއް، ހިފޭއްޓުމެއް، ހުރަހެއް ނެތް ކަމަށެވެ. އިލާހީ ދީނަކުން އިންސާނިއްޔަތަށް ފުޅަފެއް އެޅުމަކީ އަސްލެއް ނޫނެވެ. ހަގީގަތަކީ ހައްދެއް ނެތި އިންސާނިއްޔަތު ވަކި އަމާޒަކަށް ރާވައިގެން ގަސްދުގައި ގެންގޮސް ސެކިއުލާ ކޮށްލަނީއެވެ.


ބޭނުމަކީ އިންސާނުން އުފެއްދެވި މާތް މަގުސަދު އޮޅުވާލާއި މުޅިން އެހެން ވައްތަރެއްގެ ޝައިތާނީ ބާރަކުން ހިންގާ، އަދި ކޮންޓުރޯލްކުރެވޭ އެއްޗަކަށް، މެޝިނަކަށް އިންސާނާ ބަދަލުކޮށްލުމެވެ. އެހެނަސް، ﷲ އިންސާނާ އުފައްދާއި ޚަލްޤުކުރެއްވީ، ﷲ އަށްޓަކައި އަޅުކަންކޮށް ހުރިހާ ކަމެއް ޚަލާސްކުރުމަށެވެ. ޤުރްއާނުގައި އަލްއަންޢާމް ސޫރަތުގެ، 162 އާޔަތުގައި ﷲ އަންގަވާފައި ވަނީ މިފަދައިންނެވެ.


قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ


އަހުރެންގެ މާނައަކީ:


"ކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ހުރިހާ އަޅުކަމަކާއި ތިމަންކަލޭގެފާނުގެ ޤުރްބާނީ ކަތިލުމާއި، ދިރިހުންނެވުމާއި، އަވަހާރަވުމާއި، ދުނިޔޭގެ މިހަޔާތުގައި ތިމަންކަލޭގެފާނު ކުރައްވާހައި ހެޔޮޢަމަލަކާ ހުރިހާ ކަމެއް ވަނީ، ﷲ ގެ ވަޖުހުފުޅަށް ޚާލިސް

ކުރެވިގެންނެވެ."


މުޙައްމަގުގެފާނު މެދުވެރިކުރައްވާ، ﷲ ގެ އަމުރުފުޅަކުން މުޅި އިންސާނިއްޔަތު ވަނީ، ﷲ އަށް ޚަލިސްކުރައްވާއި އެކަން އަންގަވާފައެވެ. މިއަމުރަށް ބަދަލެއް ނުގެނެވޭނެއެވެ. އެއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.


ވީމާ އެމީހުންގެ ވިސްނުމާއި އީޖާތުތަކުގައި އެއްވެސް އަސްލެއް ނެތެވެ. ސެކިއުލާ ހިއުމަނިޒަމް، Secular humanism އާއި ޓުރާންސްހިއުމަނިޒަމް، Transhumanism މަޝްރޫއަކީ މިކަމަށް ރާވާފައިވާ އޮޅުވާލުމުގެ އިލްމީމަގެވެ. ސައިންސް، ޓެކްނޮލެޖީ، އިންޖިނިއެރިންގ، އެންޑް މެތްމެޓިކްސް "އެސްޓީއީއެމް" އާއި ނޭނޯޓެކްނޮލެޖީ، ބައޯޓެކްނޮލެޖީ، އިންފޯރމޭޝަން ޓެކްނޮލެޖީ، އެންޑް ކޮގްނެޓިިވް ސައިންސް "އެންބީއައިސީ" މިހުރީ ހެސްކިޔާފައި ކުރިއަރުވާފައި ހުރި ދައްޖާލީ، އިސްރާއީލު ދައުލަތުގައި ބޭނުންހިފާނެސައިންސާއި ޓެކްނޮލެޖީތަކެވެ.


ސެކިއުލާ ހިއުމަނިޒަމް (Secular Humanist/Secular Humanism) އަކީ ދީނީ ނުވަތަ ކައުނީ އިންސާނީ ކަންކަމުގައި ކަލާނގެއެއް ނުވަތަ ﷲގެ ވަޙީއަކަށް، ރަސޫލާގެ ސުންނަތަކަށް ނުބަލައި، އިންސާނީ ބުއްދިއާއި، ތަޖުރިބާ އާއި، އަދި ސައިންސާއި ޢިލްމުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ ފަލްސަފާއެއް ބައްޓަންކުރުމުގެ ފިކުރެކެވެ.


މި ފިކުރުގެ މުހިންމު އަސާސްތަކާއި ބިންގަލުގެ ތެރޭގައި ހިމެނެނީ:


  • އިންސާނީ ބުއްދިއާއި ސައިންސް: ކަންކަމުގެ ޙަޤީޤަތް ހޯދުމަށާއި މައްސަލަތައް ޙައްލުކުރުމަށް ސައިންސާއި، ބުއްދި، އަދި އިންސާނީ ތަޖުރިބާއަށް އިސްކަންދިނުން.

  • އަޚްލާޤީ އަގުތައް: އަޚްލާޤީ ގޮތުން ރަނގަޅު ނުވަތަ ނުބައި ކަންކަން ކަނޑައެޅުމަށް، ﷲ އާއި ރަސޫލާގެ ދީނީ އަމުރުފުޅުތަކުގެ ބަދަލުގައި، އިންސާނުންނަށް ލިބޭ ފައިދާއާއި ގެއްލުމަށް ބަލައި އިންސާނިއްޔަތުކަމުގެ މައްޗަށް މުޅިއަޚްލާޤު ބިނާކުރުން.

  • ދީނާއި ދައުލަތް ވަކިކުރުން: ސިޔާސީ، ޤާނޫނީ އަދި އިޖުތިމާޢީ ކަންކަމުގައި، ﷲ އާއި ރަސޫލާގެ ދީނީ އަސާސްތަކުގެ ބަދަލުގައި ސެކިއުލާ (ދީނާ ވަކިވެފައިވާ/ލާދީނީ) އުޞޫލުތައް ބޭނުންކުރުން.

  • އިންސާނީ ޙައްޤުތަކާއި މިނިވަންކަން: ކޮންމެ އިންސާނެއްގެވެސް އަމިއްލަ ނަފްސުގެ މިނިވަންކަމާއި، ޤަދަރާއި، އަދި ޙައްޤުތަކަށް އިޙްތިރާމްކުރުން.


އެމީހުންގެ އަމާޒާއި ގޯލަކީ، ލައިފް އެކްސްޓެންޝަން ކޮށް އިސްސާނާގެ އުމުރު ދަންމާލުމެވެ. ވަކިއަދަދަކަށް އިންސާނުން ދުނިޔޭގައި މަދުކޮށް ބޭތިއްބުމާއި، އިންސާނާގެ މައިންޑް އާއި ބޮޑީ އަޕްގުރޭޑް ކުރުމެވެ. ޗިޕަކުން މުޅި އިސްސާނާ ބޭނުންވާ ކަމެއް ކުރެވޭ ގޮތަށް ހެދުމާއި ކޮންޓުރޯލް ކުރުމެވެ. މިއީ އެވެރިންގެ އިލްމީ މަސައްކަތެވެ.


ޚުލާޞާކޮށް ބުނާނަމަ، ސެކިއުލާ ހިއުމަނިޒަމަކީ ދީނީ ޢަޤީދާތަކާ ނުގުޅި، އިންސާނާގެ އަމިއްލަ ޤާބިލުކަމާއި ބުއްދީގެ ބޭނުންކޮށްގެން ދުނިޔެ އާއި އިންސާނިއްޔަތަށް ފާގަތިކަން ހޯދުމަށް މަސައްކަތްކުރުމަށް ބާރުއަޅާ ފަލްސަފާއެކެވެ. ދީން އެއްކޮށް ބޭރުކޮށްލުމެވެ!


ޓްރާންސްހިއުމަނިޒަމް (Transhumanism) އަކީ ސައިންސާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިންސާނާގެ ޖިސްމާނީ، ފިކުރީ އަދި ނަފްސާނީ ޤާބިލުކަން އިތުރުކޮށް، އިންސާނީ ދިރިއުޅުން މިހާރަށްވުރެ ފުރިހަމަކުރުމަށް ބާރުއަޅާ ދީނުން ބޭރު ފަލްސަފާއެކެވެ.


މި ފިކުރުގެ މުހިންމު އަމާޒުތަކާއި އަސާސްތަކާއި ބިންގަލުގެ ތެރޭގައި ހިމެނެނީ:


  • ޢުމުރު ދިގުކުރުމާއި ބަލިތަކުން ރައްކާތެރިވުން: ބަޔޯޓެކްނޮލޮޖީއާއި ޖެނެޓިކް އެންޖިނިއަރިންގ ބޭނުންކޮށްގެން މުސްކުޅިވުން ލަސްކުރުން ނުވަތަ ހުއްޓުވުމާއި، އިންސާނާއަށް ޖެހޭ އެކި ބަލިތައް ފަސޭހަކުރުން.

  • ވިސްނުމާއި ބުއްދި ވަރުގަދަކުރުން: އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި، ނިއުރޯޓެކްނޮލޮޖީ (އުނގަންނައިދިނުމާއި ހަނދާން ވަރުގަދަކުރާ ސިކުނޑީގެ ޗިޕްފަދަ ތަކެތި) ބޭނުންކޮށްގެން އިންސާނާގެ ވިސްނުމުގެ ޤާބިލުކަން އިތުރުކުރުން.

  • ޖިސްމާނީ ބާރު އިތުރުކުރުން: ސައިބޯގް ޓެކްނޮލޮޖީ ނުވަތަ މަސްނޫޢީ ގުނަވަންތައް ބޭނުންކޮށްގެން އިންސާނާގެ ހަށިގަނޑުގެ ބާރާއި ޤާބިލުކަން މިހާރަށްވުރެ ކުރިއެރުވުން.

  • އިންސާނީ ތަރައްޤީގެ އައު ދައުރެއް: އިންސާނުންނަކީ ﷲ ގެ ކުޅަދުންވަންތަކަމުން، ނޫނީ އެކަނި ތަބީޢީ (އެވޮލޫޝަން) އުޞޫލުން ބަދަލުވާ ބައެއްގެ ބަދަލުގައި، ސައިންސާއި ޓެކްނޮލޮޖީ މެދުވެރިކޮށް އަމިއްލަ ތަރައްޤީއާއި ބަދަލުތައް ކަނޑައެޅުމުގެ ޤާބިލުކަން ލިބިފައިވާ ބައެއްގެ ގޮތުގައި ދެކުން.


ޚުލާޞާކޮށް ބުނާނަމަ، ޓްރާންސްހިއުމަނިޒަމަކީ އިންސާނާގެ ނުކުޅެދުންތެރިކަމާއި، ބަލިކަށިކަމާއި، އަދި ދިރުމާއި މަރުވުން ފަދަ އިންސާނީ ދިރިއުޅުމުގެ ހުރިހާ ސީމާތައް (limits) ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާފައި ޤުދުރަތުގެ އިލާހީ، ރޫހާނީ ބައި ފަހަނައަޅައި ދިއުމަށް ވަކާލާތުކުރާ ފިކުރެކެވެ.


އެހެނަސް ޤުރްއާނުގައި އަންވާފައި ވަނީ އިންސާނުން ތެރޭން ބަޔަކު، ޝައިތާނާ އާއި އިބްލީހުގެ އޭޖެންޓުންނަށް ހަދާނެ ކަމަށެވެ. އިބިލީހަކީ ޝައިޠާނުންގެ ތެރެއިންވާ މަލްޢޫނެކެވެ. މޮޅެތި ފަލްސަފާތަކުގެ ވަސްވާސްތައް ލައިދޭނެކަމަށެވެ. އޭގެ އެފަދަ އޭޖެންޓުން އިސްލާމީ މުޖްތަމަޢުތަކުން ވެސް ފެންނާނެއެވެ. އެމީހުންނާއި އެމީހުންގެ އޭޖެންޓުންގެ މަސައްކަތަކީ މުޅި އިންސާނިއްޔަތު، ﷲ ގެ މަދުން ދުރުކޮށް އިލްޙާދާއި ލާދީނިއްޔަތަށް ލަންބާލުމެވެ.


މާތް ﷲ ލައުނަތްލެއްވި ޝައިތާނުންނާއި އިބްލީހުން، އެސޮރުމެން ކުރާނެ، އަދި ކުރުވާނެ ކަންތަކުގެ ވާހަކަ ގުރްއާނުގެ އައްނިސާ ސޫރަތުގެ، 119 ވަނަ އާޔަތުގައި އައިސްފައި ވެއެވެ.


وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا


އަހަރެންގެ މާނައީ:


"އިބިލީސް ބުނެއެވެ! އަހުރެން އެބައިމީހުން މަގުފުރައްދާހުށީމެވެ، ﷲ އަށް ކިޔަމަންތެރިވުމުން އެބައިމީހުން ދުރުކުރާހުށީމެވެ. އަދި އެބައިމީހުންނީ، ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވާ ބަޔަކު ކަމުގައި ހަދާހުށީމެވެ. އަދި ދެވަނަ ފަހަރަށް ދިރުއްވުމެއް، ޙިސާބުބެއްލެވުމެއް އަދި ޖަޒާދެއްވުމެއް ނެތްކަމާއި، ދިގު ޢުމުރެއް ލިބޭނޭ ކަމުގެ ދޮގު އުއްމީދުތައް ދީގެން އެބައިމީހުން އޮޅުވައިލާނަމެވެ. އަދި ނަޢަމް ސޫފީގެ ގެރި، ބަކަރި، ޖަމަލުގެ ކަންފަތް ކެނޑުމަށް އެބައިމީހުންނަށް އަމުރުކުރާނަމެވެ. މިތަނުގައި އެސޮރުގެ މުރާދަކީ، ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން އަމިއްލަ ނަފުސުގެ މައްޗަށް ޙަރާމްކޮށް ބުދުތަކަށް ޤުރްބާން ކުރި ބަޙީރާ އާއި، ސާއިބާ އާއި ވަޞީލާ އެވެ. އަދި އަޅުން ހޯޖާކުރުމާއި، ޚުންޘާއިންނަށް ވުމާއި، އަންހެނުން ފިރިހެން ހެދިގެން އުޅުމާއި، ޖިންސުބަދަލުކުރުމާއި ފިރިހެނުން އަންހެން ހެދިގެން އުޅުމާއި، ސޫރަބަދަލު ކުރުމާއި، ޓެޓޫކުރެހުމާއި، ރީތިކަން އެގޮތްމިގޮތަށް ސޫރަ ބައްޓަންކޮށްގެން އިތުރުކޮށް މީހުންގެ ސަމާލުކަން ހޯދުމުގެ މަޤްޞަދުގައި ދަތްކެނޑާއި ރީތިކޮށް، ތުންފަތާއި ބުޑުބޮޑުކުރުން ފަދަ ކަންކަން ކޮށް ސޫރައިގަ އާއި، ހަށިގަނޑުގައި ހުރި، ﷲ ގެ ޚަލްޤުކުރެއްވުމަށް ބަދަލުގެނައުމަށް އަހުރެން، (އިބްލީސް) އެބައިމީހުންނަށް އަމުރުކުރާ ހުށީމެވެ. އެސޮރު، އިބްލީހުގެ ބަހަށް ރައްދުދެއްވަމުން، ﷲ ވަޙީކުރެއްވިއެވެ. ﷲ ގެ އަމުރަށް ނުކިޔަމަންތެރިވެ، ޝައިތާނާއަށް ތަބަޢުވެ، އެސޮރަކީ އެކުވެރިއަކު ކަމުގައި ބަލައިގަތް މީހާ އެންމެ ބޮޑު ގެއްލެނިވުމުން ގެއްލެނި ވެއްޖެއެވެ! އޭނާ ދާނީ އަބަދުގެ އަބަދަށް އަނދައަނދައި ހުންނަ ނަރަކައަށެވެ ފަހެ، މިއަށްވުރެ ވަކީން ބޮޑު ގެއްލެނިވުމެއް ވާނެ ހެއްޔެވެ؟"


އާދެ! އިސްލާމީ ޝަރުއު އެންމެ މޮޅަށް ފުރިހަމަވެފައިވާ ހިނދު ވެސް ފަހުޒަމާނާއި ކުރިއަރާފައިވާ ޝައިތާނީތަހުޒީބާ އެއްގޮތަށް ތަރިކަމުދާ އަންހެން ފިރިހެނުންނަށް އެއްވަރުކޮށް ބެހުމާއި އަދި ދައުލަތްތަކާއި ގައުމުތަކު އެންމެމަތީ ވެރިކަމަށް އަންހެނުން ގެނައުމަށް ވެސް ފިގުހީގޮތުން އިޖުތިހާދުކޮށް ގޮތްތަކެއް ތަދުވީނު ކުރެވިދާނެކަމުގައި އެމީހުން ބުނެއެވެ. ފިރިހެނުންނަށް ކުރެވޭ ކޮންމެ ކަމަކީ އަންހެނުންނަށް ވެސް ކުރެވޭނެ ކަންކަން ކަމުގައި ބުނެދެއެވެ. އިމާމުވެ ނަމާދާއި ހުކުރާއި އީދުގެ ޖަމާއަތްތައް ވެސް އަންހެނުންނަށް ނުކުރެވޭންވީ ސަބަބެއް ނެތް ކަމަށް ބުނެދީ ސައިންސުގެ ހެކިތައް ދައްކައެވެ.


ވުޟޫޢު ކުރުންފަދަ ކަންކަން ހިތަށް އަރުވާލުމުން ކުރެވޭނެ ކަންތައް ކަމާއި ރޯދައަށް ހުރެ ސުއްޓާ ސިނގިރޭޓު، ދުން ބުއިން ފަދަ ކަންކަމަކީ ކުރެވިދާނެ ކަންކަމުގައި ދެކެއެވެ. އެއީ ދީނަށް ގެނެވިދާނެ ބަދަލުތައް ކަމުގައި ބުނެދެއެވެ. މުހައްމަދުގެފާނަކީ ވެސް އާދައިގެ މީހެއްކަމާއި ބަރަކާތާއި ކަރާމާތަކީ ޤުރްއާނާއި ސުންނަތުން ލިބިގަނެވޭ ބާރެއް ނޫންކަމުގައި ބުނެދީ ވިސްނައިދެއެވެ. ހުރިހާ ބާރަކީ ޝައިތާނީ ބާރުކަމުގައި އިލްމީވަސްވާސްލައިދެއެވެ.


މީގެ އިތުރުން އިސްލާމް ދީނުގައި ނެތްމިންވަރަށް އިސްލާމް ދީނަށް، ތަޞައްވުފް، އާދެ ޞޫފިއްޔަތު (SUFISM or TASAWWUF) ވައްދައި މާސިންގާ އޮޅުވާލުންތަކެއް އޮޅުވާލައި މުސްލިމުންގެ މާތްވެގެންވާ ޖިހާދުން ޣާފިލް ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ހިންގަމުން ގެންދަނީ، ގުނާ އަދަދު ނުކުރެވޭހައި ގިނައިންނެވެ. އިސްލާމީ ޤައުމުތަކާއި އެވެރީންގެ ތަހްޒީބީ ކުރިއަރާފައިވާ ޤައުމުގަކުގައެވެ.


ތަފާތުނަން ނަމުގައި އެކިއެކި ފަލްސަފާއާއި ފިކުރުތަކުގެ މަޒްހަބުތައް ވަނީ، އެވެރީންގެ އެހީއާއި މަދަދުލިބިގެން މުސްލިމް މުޖްތަމަޢު ތަކުގެ ތެރޭގައި އުފައްދައި ޤާއިމުކޮށް ފައެވެ. ފައިސާ އާއި މަދަދު ގަވާއިދުން ލިބޭ އޭޖެންޓުން މިމަސައްކަތުގައި އެކިނަންނަމުގައި ތިބެއެވެ. އަބަދު ވެސް މަންތިގީގޮތުން ފަލްސަފާތައް ނެރެ ބޮޑުއޮވާލުމާ އެކު ދައްކައިގެން އިންސާނުންނަށް ވަރަށް ފަސޭހައިން އޮޅުވާލަން މަސައްކަތް ކުރެއެވެ.


ވީމާ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ވެސް މިމަގުން ބޮޑެތި އޮޅުވާލުން ތަކާއި ދޮގުފަލްސަފާތައް ނެރެގެން އިންތިހާއަށް ބޭނުން ކުރެއެވެ. އަދި ހެސްކިޔާފަ ކާމިޔާބު ވެސް ކުރެއެވެ. ފަހެ، ގިނަ ހޯދުންތައް ހޯދާ ބާޙިޘުން ދެކޭގޮތުގައި، އިސްތިޝްރާޤު އުފަންވެފައި ވަނީ، އިސްތިޢުމާރު، (COLONIZATION) އާއި ތަބްޝީރުގެ ދަށުންނެވެ. މިޒަމާނުގައި މުސްލިމުންގެ ދައުލަތްތައް އިސްތިޢުމާރު ކުރަނީ، ފިކުރީ ހަނގުރާމައިގެ ރޭވުންތަކުގެ ދަށުންނެވެ. ކުރީހެން ކަނޑިބަޑިން ހަނގުރާމަކޮށް ތަންތަނަށް އަރާ އަތުލައި ގެނެއް ނޫނެވެ.


މިކަން އާންމުކޮށް ކުރަނީ ރަސްމީދިދައެއް، ނޫނީ ރަސްމީމަންދޫބަކު ފާޅުގައި ފެންނަން ހުންނަގޮތަށް ނުބަހައްޓައެވެ. އެހެނަސް އެހެން ހުރިހާ ދިމާތަކަކުން ދަށުލަނީ، ޒަމާނި އުކުޅުތަކުންނެވެ. ސީދާ އިންސާނީ ސިކުނޑިތަކައި ކުޅެލައިގެންނެވެ. ފަހެ، މިހާހިސާބުން އިސްތިޢުމާރު އޭ ދެންނެވުމުން އިތުރު ތަފްޞީލެއް ނުދެންނެވިޔަސް އެއީ ކޮބައިކަމާއި ތަހްޒީބީ ޒަމާނުގައި އެއި ކޮބައިކަމާ އޭގެ ދައުރަކީ ކޮބައިކަމާ އެއަށް މުސްލިމުން ލަންބަމުން ގެންދަނީ ކިހާ މިންވަރަކަށްކަން ކޮންމެ ބޭފުޅަކަށް ވެސް ފެންނަ މަންޒަރުތަކުން އެނގިވަޑައި ގަންނަވާނެއެވެ. އެރޮނގުން ވިސްނާލައްވާށެވެ. އޭރުން ސާފުވާނެއެވެ.


އިސްލާމީ މަފްހޫމަކުން ތެދުތެދަށް ދަންނަވަނީ ނަމަ، އިސްތިޢުމާރަކީ، އިސްލާމީ މުޖްތަމަޢުއަށް ޝަރުޢީ ހަމަތަކުގެދަށުން ލިބިގެންވާ ބާރުގެ މައްޗަށް އެހެން ބާރެއް ނުވަތަ ނުފޫޒެއް ވެރިކުރުވުމެވެ. މުޖްތަމަޢުއަށް އެވެރިވާ ބާރާއި ނުފޫޒުގެ އެހީގައި މުސްތަޝްރިޤުން، އެމީހުންގެ ދައުރު ވަރަށް ފުރިހަމައަށް ކުޅެމުން ގެންދެއެވެ. އަދާކުރަމުން ގެންދެއެވެ.


އެހެނީ، ބާރުވެރިވެގަތް ދައުލަތް، ދަށުވެފައިވާ ދައުލަތަށް ހަމްދަރުދީ އާއި ރަހްމަތްތެރި ކަމުގެ ދަށުން އެހީއެއްގެ ގޮތުގައި ދެޤައުމުގެ ދެމެދުގައި ހިންގޭ މުޢާމަލާތެއްގެ ރީތި ގުޅެމެއް ގޮތުގައި ސިފަކޮށްދެއެވެ. ނުވަތަ ހިލޭސާބަހަށް ދެވޭ ހަދިޔާއެއްގެ ސިފައިގައެވެ. ނޫނީ އަނބުރާ ދައްކަންޖެހޭ ނަގުދުފައިސާގެ ދަރަންޏެއްގެ ހިޔަނީގެ ސިފައިގައެވެ. ގިނަ ފަހަރަށް ސިއްރު މަޤްޞަދެއް ޙަޞިލްކުރުމަށް ބާއްވާ ހަމްދަރުދީގެ އެހީ މިބާއްވަނީ، ދުނިޔެވީ ފެންވަރުގެ ހޭލުންތެރި ކަމެއްގެ ގޮތުގައެވެ. އަދި ފިކުރީ ވިސްނުން ބިނާކުރުމާއި ޘަޤާފީގޮތްތައް ދެމެހެއްޓުމުގައި އިންސާނީ ކަރާމަތްތައް ޙިމާޔަތްކޮށް އެއްބައިވަންތަކަން ޤައިމުކުރުމުގެ ރީތި ނަމުގައެވެ.


ހަމަ އެހެންމެ މިފަދަ ޙާލަތެއްގައި މުބައްޝިރުންގެ އަމާޒަކަށް ވާނީ، އިސްލާމްދީން ފެތުރިފައި އޮތްވަރަށް ވުރެ ބޮޑަށް ފެތުރިގެން ދިޔަނުދޭން ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ނަމާދުކުރުމުން ނާއި މިސްކިތްތަކުން ވިހާ ދުރުގައި މުނިފޫހި ފިލުވުމުގަޔާއި ކުޅިވަރުގައި މުސްލިމް ޒުވާނުން، މަޝްޣޫލްކޮށް ފައި ބޭތިއްބުމެވެ. މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތް ތެރިކަމުގެ ގައިގޯޅިހަމްދަރުދީ ގުޅުމުގެ ދިރިއުޅުމުން ދުރުކުރުމާއި މިސްކިތްތަކާއި ޤުރުއާނާއި ވީހާ ދުރުކުރުވުމެވެ.


ތައުޙީދުގެ ޢަޤީދާ ބަލިކޮށް ދީނުގެ އިޙްސާސްތައް ހިތްތަކަށް ވަނަ ނުދީ އަބަދުވެސް ހައްދެއްނެތް މަޖަލުގައި ބޭތިއްބޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ. މިގޮތުން ފިކުރީ ހަނގުރާމަ ކުރާ، ބައިނަލް އަޤްވާމީ ފެންވަރުގަޔާއި ޤައުމީ ފެންވަރުގެ ކުލަބްތަކާއި ޖަމްޢިއްޔާ ތަކާއި އެކިޒާތްޒާތުގެ އިޤްތިޞާދީ ކުންފުނިތަކާއި އިޖްތިމާޢީ ކޯޕަރޭޓިވް ވިޔަފާރިތައް، މުސްލިމް މުޖްތަމަޢު ތަކުގައި ބައިވަރު ޙަރަކާތްތެރި ކުރުވަމުން ގެންދެއެވެ. އަދި އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ފުޅާކޮށް ބައިވެރި ވަމުންދެއެވެ.


މީގެ ތެރޭގައި ވަކިފަރާތަކަށް ނުޖެހޭ، ވަކި ދީނަކަށް ނުލެނބޭ ނަމުގައި އިންފިރާދީ ގޮތުން، ވަކި ފަރުދެއްގެ ހައިސިއްޔަތުން މި މައިދާނުގައި މަސައްކަތްކުރާ މީހުންނަކީ، މާ ނުރައްކާތެރި ބައެކެވެ. މިވައްތަރުގެ ފިކުރީ ހަނގުރާމަ ވެރިންނަކީ، މުސްލިމް މުޖްތަމަޢު ތަކުން ފަހަކަށް އައިސް ފާހަގަކުރެވި، ހޮވާލެވޭ ގޮތަށް ތިބޭ ބަޔެކެވެ. ފެންނަ ފެނުމުގައި މިޒާތުގެ ފަރުދުންގެ މަސައްކަތަކަށް ފެންނާނީ، އިޤްތިޞާދީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ނުވަތަ އިންސާނީ ދުޅަހެޔޮކަމަށް މާލީ ގޮތުންކޮށްދެވޭ ކޮންމެވެސް އިޖްތިމާޢީ ޚިދުމަތެއް ކޮށްދޭ ގޮތުގައެވެ.


ނުވަތަ ތިމާވެށި ޙިމާޔަތް ކުރުމައްޓަކައި ހިލޭސާބަހަށް ކޮށް ދެވޭ ކަމެއްގެ ގޮތުގައެވެ. އަޞްލު ޙަޤީޤަތް އޮންނާނީ މާދުރުގައި ފޮރުވިފައެވެ. ދުރުރާސްތާގައި މީސްތަކުން އިސްތިޝްރާޤް ކުރުމުގެ މަސައްކަތް ބަރާބަރަށް ދާނީ ކުރިއަށެވެ. ނޭންގި ތިއްބާ އަމިއްލަވަންތަ މާދަރީބަސްދަސްކޮށް ދީނުން ދުރުކުރުމުގެ މަސައްކަތް ފަށާނީ އެބައެއްގެ މާދަރީ ބަހަކުންނެވެ.


ފަހެ، މުސްތަޝްރިޤުންނާއި މުބައްޝިރުންނަކީ، ޓާގެޓްތަކެއް އޮވެގެން ކުރިޔަށްދާ، މުޅިދުނިޔެ އެމީހުންގެ ވަކިގަނޑުގެ ދަށުލަމުންދާ ބައެކެވެ. މިގޮތުން އެމީހުންގެ މަދަދާއި އެހީތައް ޢިލްމީ ފެންވަރުގައި ތަނަވަސް ވެފައި ވަނީ، މަދެއްކޮށެއް ނޫނެވެ. އިސްލާމުން ބޭނުންކޮށް އުޅޭ ބަސްތަކާއި އެބަހުރުވައެއްގެ ބަލާޣަތްތެރި ކަމާއި އަދަބުތައް ކިޔަވައިދޭ މަރްކަޒުތައް ޔޫރަޕްގެ ވެރިރަށްތައް ކަމުގައިވާ، ލަންޑަނާއި ޕެރިހާއި ބާލިން ފަދަ ތަންތާގައި ބައިވަރު އެބަހުއްޓެވެ.


ދުނިޔޭގައި ކުރިއަރަމުން ދަނީ އެފަދަ ޔުނިވަރސިޓީ ތަކާއި ޢިލްމީ މަރްކަޒުތަކެވެ. ހަމަ އެހެންމެ، މުސްތަޝްރިޤުންނާއި މުބައްޝިރުންގެ ފުރިހަމަ އެހީ ގަދަޔަށް ލިބިގެން އެމީހުންގެ ބާރުގައި ހިންގާ ޢިލްމީ އެކަޑަމީތައް އިސްލާމީ އަދި ޢަރަބި ދައުލަތްތަކުގައި ވެސް ބައިވަރު އެބަހުއްޓެވެ. މިސާލަކަށް ޤާހިރާ، ދަމިޝްޤު އަދި ބަޣްދާދެވެ. ޚާއްޞަކޮށް އިސްތިޢުމާރީ ޚިދުމަތެއްގެ ގޮތުގައި ފައުޅުގައި އިސްތިޝްރާޤް ކުރިއެރުވުމަށް ޓަކައި ލެބަނާން، ސޫރިޔާ ފަދަ ޢަރަބި ޤައުމުތަކުގައި ތަޢުލީމީ މަރްކަޒުތައް ޤައިމުކޮށް ހިންގަމުން އެބަ ގެންދެއެވެ.


އިސްލާމީ ގައުމުތަކަށް މިމީހުން ފެތުރިގަތީ މޮޅެތި އިލްމުވެރީންގެ ގޮތުގައެވެ. ފަލްސަފާވެރީން ގޮތުގައެވެ. ލިޔުންތެރީންގެ ގޮތުގައެވެ. ޑޮކްޓަރުންގެ ގޮތުގައެވެ. ވެރިކަމުގެ ކޮއިލުގެ އެންމެ އެތެރެއަށް ތޮރުފިގަނެ ކޮށްފައި ހުރި މަސައްކަތްތަކުގެ ފަހަތުގައި ފޮރުވި ހުރި ކަންކަން އެގައުމުތަކުގެ ރައްޔިތުންނަށް ރެއަކާލާއި ތިލަވެގެން ދާނީ ދެތިންޖީލެއް ނެތިދާފަހުންނެވެ. ހަގީގަތް ފާޅުވާ އިރު އެފަދަ މީހުން ވެގެންދާނީ ދައުލަތުގެ އަސާރީ ލިޔުންތަކާއި އަގުހުރި ގަދީމީ ސަމާނުތަކަށް ދާންދެން ވަގަށް ގެންގޮސްހަދާފައިވާ ބޮޑެތިމުޖްރިމުންނަށެވެ. ޚުދު އެގައުމުގެ ތާރީޚު ކުރިޔަށް އަންނާން ތިބި ޖީލްތަކަށް އޮންނާނީ ބޮޑުތަނުން އޮޅުވާލާފައެވެ.


ފަހެ، މިކަންކަމުގެ ޙަޤީޤީ އަމާޒުފަތް ގަނޑަކީ، އިސްތިޢުމާރުގެ ޚިދުމަތް ދެމެހެއްޓުމާއި ކްރިސްޗިއަނުން ނާއި ޔަހޫދީ ޒައޮނިސްޓުންގެ އަމާޒުތައް ތަބްޝީރުގެ ތެރެއިން އިސްލާމީ ޤައުމުތަކަށް ފެތުރުމެވެ. މުސްލިމުންގެ އުޚުއްވަތްތެރިކަމާއި ވަހުދަތު ނަގާލުމެވެ. މިއަދު އިސްލާމީ ދުނިޔޭގެ ރޭވުންތައް ހުރިގޮތުން، މަތީ ތަޢުލީމަށް އެފަދަ މަރްކަޒުތަކުގެ ޚިދުމަތް ލިބިގަނެ ބޭނުން ހިފަން މަޖްބޫރެވެ. އެފަދަ މަރްކަޒުތަކުން އިސްލާމުން ދަރިވަރު ވަމުން ދަސްވަނި ވަމުން، މަތީ ތަޢްލީމު ލިބެމުން ދާއިރު، ތިމާގެ އަމިއްލަ ދީނަކީ، އިސްލާމްދީން ކަމާއި ތިމަންނާގެ ޤައުމަކީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން އަބަދުވެސް ހަނދާން ހުރެ އެފަދަ މަރްކަޒުތަކުން ދެވެމުންދާ ޚިދުމަތާއި ތަޢުލީމް އުނގެނުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެއީ ލިބިގަންނަން ޖެހޭނެ ޚިދުމަތެވެ.


ދީނަށާއި ޤައުމަށްޓަކައި ފައިދާއެއް ހޯދައިދިނުމަށް އުނގެނޭ އިންސާނާގެ އަމާޒު ފަތްގަނޑަކަށް ވާންވާނީ މި މަގްސަދެވެ. އެހިނދު އޭނާ އެ އުނގެނެނީ ހަޅަގުގެ މަރްކަޒުތަކުން ކަމުގައި ވިޔަސް އޭނާއަކީ އޭނާއަށާއި އޭނާގެ ދީނަށާއި ޤައުމަށް އުގެނޭ މީހަކަށް ވާނެކަން ޔަގީނެވެ. ހަމައެކަނި ޝަރުޠަކީ އޭނާގެ އިސްލާމީ ޢަޤީދާއަށް އެފަދަ މަރްކަޒުތަކުގެ ފިކުރުތައް ވައްދައި ފަސާދަވިޔަ ނުދިނުމެވެ. އަބަދުވެސް ޤުރްއާން މުޠާލިޢާ ކުރުމެވެ. ޢަރަބިބަސް ދަސްކުރުމެވެ.


އާދެ މުސްލިމް ދަރީން މިކަން ކުރަންވާނީ އެމީހުންގެ އިސްލާމްދީނުގެ އަސްލުތަކާއި ނައްޞުތައް އެންމެފުންމިނަށް ދަސްކުރުމަށެވެ. ޤުރްއާންގެ ތަފްސީރު ސައިންސުގެ އަލީގައި ދަސްކުރެވޭނީ އޭރުންނެވެ. މީހުންގެ މާނަތަކާއި ތައުވީލުތައް އުނގެނިގަނެ، ދަސްވާނީ އޭރުންނެވެ. އިސްލާމުންނަށް އިސްލާމީ ޢަޤީދާގެ މަތީގައި ވަރުގަދައަށް ސާބިތުވެ ތިބެވޭނީ އޭރުންނެވެ. އޭރުން މަދުބަޔަކަށް ގިނަމީހުންގެ މައްޗަށް ނަސްރު ހޯދޭނެއެވެ. ސާބިތު ހެއްކަކީ ބަދުރު ހަނގުރާމައެވެ!


ފަހެ، ދަންނާށެވެ! މުޅި ދުނިޔެއަށް ތަބްޝީރު ފެތުރުމަށްޓަކައި ދުނިޔޭގެ އެކިތަންކޮޅު ތަކުގައި ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި ނަޞާރާއިންނާއި ޔަހޫދީ ޒައޮނިސްޓުން ގުޅިގެން ދުނިޔޭގައި، ތަބްޝީރު ކުރުމުގެ ކަންކަން ގެންދާނެ ގޮތުގެ މަޝްވަރާކުރުމަށް މުއުތަމަރުތަކާއި ކޮންފަރެންސްތައް ޤަވައިދުން ރާވައިގެން ބާއްވަމުން، ޙަރަކާތްތެރި ވަމުން ގެންދެއެވެ.


މިގޮތުން ބޭއްވުނު އެންމެ ފުރަތަމަ ކޮންފަރެންސް މިޞްރުގެ ވެރިރަށް ޤާހިރާގައި، 1906 މ. ގައި ބޭއްވިއެވެ. މިކަމުގެ ވެރިއަކީ އަދި މޭސްތިރިއަކީ، އެމެރިކާގެ މިޗިގަން ސްޓޭޓަށް އުފަން، ޞަމްވީލް ޒުވައިމަރ (SAMUEL MARINUS ZWEMER, 12 April 1867 – 2 April 1952) އެވެ. މީނާ އަކީ، ރިފޯރމްޑް ޗާރޗް އިން އެމެރިކާ (REFORMED CHURCH IN AMERICA) އާއި ގުޅިގެން، 1851 މ. ގައި މިޗިގަން ސްޓޭޓްގައި ހުޅުވުނު، ހޯޕް ކޮލެޖް (HOPE COLLEGE) އިން މަތީ ތަޢުލީމް ޙާޞިލް ކުރެއްވި ބޭފުޅެކެވެ.


މީނާ އަކީ އެމީހުންގާތުގައި ރަސޫލެއްގެ ދަރަޖަ އަރުވާ ބޭކަލެކެވެ. ތަބްޝީރުގެ މަސައްކަތުގައި މުބައްޝިރެއްގެ ގޮތުގައި މީނާ ފުރަތަމަ ފޮނުވީ، އަލްޖަޒީރަތުލް ޢަރަބިއްޔާ ކުރުކޮށް އިނގިރޭސިން ބުނާ “އެރެބިއާ” (ARABIA) އަށެވެ. އެރެބިއަން މިޝަންގައި، 1890 އިން ފެށިގެން، 1913 މ. އައި ހަމައަށް މަސައްކަތް ކުރެއްވިއެވެ. 1891 އިން ފެށިގެން، 1905 މ. އައި ހަމައަށް ހުންނެވީ، ބަހްރައިން ގައި ތަބްޝީރުގެ ކަންކަން ހިންގެވުމަށެވެ. ބަޙްރައިންގައި މީނާ ފައްޅިއެއް ޤައިމު ކުރިއެވެ. އެއީ ބަހްރައިންގައި އެޅުނު ފުރަތަމަ ފައްޅިއެވެ.


އަދި މިޞްރުގައި، 1913 އިން ފެށިގެން، 1929 މ. އައި ހަމައަށް ޚިދުމަތް ކުރެއްވިއެވެ. މިދަންނަވާ، 1906 މ. ގައި ބޭއްވި ކޮންފަރެންސް ބޭއްވެވީ، އޭނާގެ އަމިއްލަ ގޭގައެވެ. މިޞްރުގެ ސަރުކާރު ފަރާތްތަކަށް ފުރިހަމައަށް އެނގިގެން ޢިލްމީ މަސައްކަތެއްގެ ގޮތުގައެވެ. ކޮންފަރެންސްގެ ރައީސަކީ، ޚުދު މީނާއެވެ. އެޖެންޑާ އަކީ، “މުސްލިމް ދުނިޔެ” (THE MOSLEM WORLD) އެވެ. މިމައުޞޫއަށް ޒުވައިމަރ ހުށަހެޅުއްވި ކަރުދާހަށް ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނެވެ.


މީނާގެ މިކަރުދާހުގެ މައިގަނޑު ނުކުތާތައް އެކުލެވިގެން ވަނީ، މުސްލިމުންގެ ޢަޤީދާ ވަރުގަދަވެފައި ޖިހާދުކުރުމުގެ ރޫޙު އަށަގަންނަ މިންވަރު މަތިކަމުގެ މައްޗަށެވެ. މިކަމަށް ވާހަކަދައްކަވައި އިޝާރާތް ކުރައްވަމުން، ނަސޭޙަތެއްގެ ގޮތުގައި މިކޮންފަރެންސަށް ދެ ނުކުތާއެއް އެނާ ހުށަހެޅުއްވިއެވެ. ފުރަތަމަ ނުކުތާއަކީ، މުސްލިމުންނަށް އެމީހުންގެ ޢަދާވަތްތެރިންނަކީ، ނަޞާރާއިން ނޫންކަން އަންގައި ދިނުމަކީ އަހުރެމެންގެ މައްޗަށް، ވާޖިބެއް ކަމުގައި ކަނޑައެޅުމެވެ.


ދެވަނަ ނުކުތާއަކީ، އެންމެ ނުރައްކާތެރި ނުކުތާކަމަށް ހާމަކުރައްވަމުން ވިދާޅުވީ، މުސްލިމުންނަށް ތަބްޝީރުކުރުމަށް މީހުންހޮވައި ތައްޔާރު ކުރުވަންވާނީ، ސީދާ އެމީހުންގެ ތެރެއިން ކަމަށެވެ. އެހެނީ، “ގަސްކަނޑާ ވައްޓާލަން ފަސޭހަވާނީ، އެބައެއްގެ އަހުލުވެރިން ލައްވައި ކަމަށް ކަނޑައެޅުމެވެ.”


އާދެ! ޒުވައިމަރ، صمويل مارينوس زويمر ވަނީ، ދިރާސާކުރި މިކަރުދާސް ތަކުގެ މައްޗަށް ފަހުން ފުރިހަމަ ދިރާސާއެއް ހައްދަވައި، “މުސްލިމް ދުނިޔެ” The Moslem World (1908) މިނަމުގައި އެތައް ޖިލްދުތަކަކަށް ހިމެނޭ ފޮތެއް ޝާއިޢު ކުރައްވާފައެވެ. މި މުބައްޝިރަށް ދެވިފައިވާ ލަޤަބަކީ، "މުސްލިމުންގެ ރަސޫލް" The Apostle to Islam އެވެ.


މުބައްޝިރު ޒުވޭމަރ
މުބައްޝިރު ޒުވޭމަރ

މުސްލިމުން ނަޞާރާ ކުރުމަށް މީނާ ވަނީ މީނާގެ ނަމުގައި މަޢްހަދެއް އުފައްދާފައެވެ. އެމަޢްހަދުން ވަނީ، މި މައުޞޫގައި އެތައްފޮތް ތަކަކާއި ދިރާސާތަކެއް ޝާއިޢުކޮށް ނެރެފައެވެ. މިގޮތުގެ މަތީން މިމަސައްކަތް ވަރަށް ރޭވުންތެރިކަމާ އެކު ކުރިޔަށް ގެންދެއެވެ. އަދި މިމަސައްކަތަށް ފައްޅިތަކުން ބޮޑު ޚަރަދެއް ކުރެއެވެ. ފަހެ، މުސްލިމުންނައި ކުރެވެމުންދާ ފިކުރީ ހަނގުރާމައަށް މިކަން ވަނީ، ހަދާފައެވެ. ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ނައްތާލީ މިހަނގުރާމައިގެ އުކުޅުތަކުންނެވެ.


އަދި މިއަދުވެސް މުސްލިމުނައި އެކު ފެށިފައިވާ ހަނގުރާމަތައް ހިންގަނީ، ފިކުރީ ހަނގުރާމައެއްގެ ގޮތުގައި މިއުކުޅުތަކުގެ ތެރެއިންނެވެ. މުބައްޝިރުންގެ ދެވަނަ ކޮންފަރެންސެއް، 1910 މ. ގައި އިނގިރޭސި ވިލާތުގެ އެޑިންބަރގްގައި ބޭއްވުނެވެ. ތިންވަނަ ކޮންފަރެންސެއް، 1911 މ. ގައި އިންޑިއާގެ ލަކަނޫ ގައި ބޭއްވުނެވެ. ހަތަރުވަނަ ކޮންފަރެންސެއް، 1924 މ. ގައި ފަލަސްޠީނުގެ ޤުދުސްގައި ބޭއްވުނެވެ. ފަސްވަނަ ކޮންފަރެންސެއް، 1935 މ. ގައި ފަލަސްޠީނުގެ ޤުދުސް ގައި ބޭއްވުނެވެ. އަދި ހަވަނަ ކޮންފަރެންސެއް، 1961 މ. ގައި ފަލަސްޠީނުގެ ޤުދުސްގައި ބޭއްވުނެވެ.


މިހާ ހިސާބުން މުބައްޝިރުންގެ ޙަޤީޤީ މަޤްޞަދު ވަނީ، ޙާސިލްކުރެވި ފުރިހަމަ ވެފައެވެ. ރީތިކޮށް ޢަރަބިކަރައާއި ޝާމް ކަރައިގައި މިމީހުންގެ މަރްކަޒުތައް ޤައިމުކޮށް ޢަމަލީ މަސައްކަތް ވަނީ، ކާމިޔާބުކޮށް ފައެވެ. އަދި ބަރާބަރަށް އިސްލާމީ ޤައުމުތަކުގައި މީގެ މަރްކަޒުތައް ވަނީ، ޤައިމުކޮށް ހަދާފައެވެ. މިފަދަ ބޮޑެތި ބައްދަލުވުން ތަކުގެ ނަތީޖާގައި މުސްލިމުންނާއި މުސްލިމް ޤައުމުތަކުގެ ކުރިމަގައި މެދު ވިސްނައި ފިކުރުކޮށް އަޅާނެ ފިޔަވަޅުތައް އެމީހުން ހުޝިޔާރުވެ ތިބެ އަބަދުވެސް ދަނެގަނެ އެވެ. އަދި ފުރިހަމައަށް އޭގެ ބޭނުންހިފަންޖެހޭ ވަގުތު ހިފަމުން ދެއެވެ.


އާދެ! މިޝަނަރީ (މުބައްޝިރުން) މިބަސް އުފެދިފައި ވަނީ، މިޝަން (MISSION) މިބަހުންނެވެ. މިޝަން މިބަސް ވުޖޫދަށް އައީ، 1958 މ. ގައެވެ. ޖެޒްއޭޓްސް އޭ ކިޔުނު ބަޔަކު އެމީހުންގެ ނަޞާރާދީން ފެތުރުމަށް، އެމީހުންގެ މެންބަރުން ދުނިޔޭގެ އެކިދިމާތަކަށް ދީން ފެތުރުމަށް ފޮނުވަން ފެށި ހިސާބުން ނެވެ. ފުރަތަމަ ފަހަރަށް މިޝަނަރީން ކިޔަން ފެށުނީ، މި މަސައްކަތުގައި ފޮނުވޭ މީހުންނަށެވެ. ނަޞާރާދީން ފެތުރުމަށް ފޮނުވޭ މީހުންނަށެވެ.


އެހެންވުމުން މިޝަނަރީންނަކީ، ނަޞާރާދީން ފެތުރުމަށް އެކިދިމާތަކަށް ފޮނުވާ މަންދޫބުންނަށް ދެވިފައިވާ ރީތި ނަމެވެ. އަދި ޖެޒްއޭޓުންނަކީ ވެސް މީގެ އެދުރުންނެވެ. ޢަރަބި ބަހުން ޖެޒްއޭޓުންނަށް ކިޔަނީ، ޔަސޫޢީންނެވެ. ޔަސޫޢުއަކީ އެމީހުންގެ، މަސީހާއަށް ކިޔާނަމެވެ. މަސީޙްއަކީ، ޢީސާގެފާނެވެ. މިޝަނަރީންނާއި ޖެޒްއޭޓުންނަކީ، ދުނިޔޭގެ ފައްޅިތަކުން ދުނިޔޭގެ އެކިހިސާބުތަކަށް ރާވައިގެން ދީން ފެތުރުމަށް ފޮނުވާ ޢިލްމުވެރި މީހުންނެވެ. ދެން އަޅުގަނޑު ބަލައިލާނީ ޖެޒްއޭޓްސް އަށެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ރައީސްނަޝީދަކީ މިވެރިންނާ ވަރަށް ދޯޅު ބޭފުޅެކެވެ.


ޖެޒްއޭޓްސް:


އާދެ! ޖެޒްއޭޓްސް (JESUITS) މިބަސް ދިވެހި ރަށްފުށަށް އާންމުކޮށް އިވި، ފެތުރިގެން ދިޔައީ ރާއްޖޭގެ ހަތަރުވަނަ ރައީސުލް ޖުމްހޫރިއްޔާ، ރައީސް ނަޝީދު، 2013 މ. ގައި ޑެންމާކަށް ވަޑައިގެން އެމީހުންގެ ތެރޭގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅެއްގައި އެބަސް ބޭނުން ކުރެއްވި ހިސާބުންނެވެ. މިތާގައި އަޅުގަނޑު އެބަހަށް ބަލައިލަން މިޖެހުނީ، މުބައްޝިރުން އުފެދިފައި ވަނީ، ޖެޒްއޭޓްސް ތެރެއިން ރިބްރޭންޑް ވެގެން ކަމުގައި ވާތީއެވެ.


ފަހެ، ޖެޒްއޭޓުންނަކީ، ސޮސައިޓީ އޮފް ޖީސަސް (SOCIETY OF JESUS) މިޖަމާޢަތުގެ މެންބަރުންނެވެ. ސޮސައިޓީ އޮފް ޖީސަސް އުފައްދާފައި ވަނީ، 15 އޯގަސްޓް 1534 މ. ގައި ބާބާ އިގްނޭޝަސް ލޮއިލާ (SAINT IGNATIUS LOYOLA, 23 Oct 1491 – 31 July 1559) އެވެ.


މީނާއަކީ ފަހަތުގައި ޢަސްކަރީ މާޒީއެއް އޮތް ބޭފުޅެކެވެ. ސްޕެއިން ޢަސްކަރިއްޔާގައި މަސައްކަތް ކުރެއްވި އަދި ހަނގުރާމަ ތަކުގައި ޢަމަލީގޮތުން ގަދަޔަށް ބައިވެރިވެފައިވާ ޢިލްމީ ފަންނުތަކަށް ހޭލުންތެރި ކުޅަދާނަ ސޯލްޖަރެކެވެ. އަޒުމް ވަރުގަދަ ހަނގުރާމަ ވެރިއެކެވެ. ފަހެ، ހަނގުރާމަ އެއްގައި މީނާގެ އެއްފައިގައި، ބޮޑުބަޑީގެ އުންޑައެއް ކަމުގައިވާ، ކެނަންބޯޅައަކުން ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބިގެން އެފަރުވާގައި ގިނަދުވަސް ތަކެއް ވަންދެން ތަންމަތީގައި އޮތް ދުވަސްވަރު، މީނާ މުޠާލިޢާކޮށް ދިރާސާކުރަމުން ގެންދިޔައީ، ވިޓާ ކްރައިސްޓް “ލައިފް އޮފް ކްރައިސްޓް” މިފޮތެވެ. މިފޮތަކީ، ރުޑޮލްފް ސެކްސަނީ (LUDOLPH OF SAXONY, 1300 – 1374) ލިޔުއްވާފައިވާ ކަލަކު ވޮޑިގެން ވާކަމުގެ ސައިންސައި ބެހޭ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮތެކެވެ.


އާދެ! ބާބާ ރުޑޮލްފް ސެކްސަނީގެ މިފޮތް، ލޮއިލާ ދިރާސާކުރައްވަމުން ގެންދެވި ދުވަސްވަރު ފިކުރީގޮތުން ރޫޙާނީ ތަޖްރިބާތަކެއް ކުރަމުން ގެންދިޔައެވެ. ނަފްސާނީ ތަމްރީނުތަކެއް ހަދަމުން ދިޔައެވެ. އަދި މިއީ ފިކުރީގޮތުން ސިކުނޑިއަށް ދެވޭ ތަމްރީންތަކެއް ކަމުގައި ދެކި، ރޫޙާނީ ކަސްރަތު “ސްޕިރިޗުއަލް އެކްސަސައިޒު” ތަކެއް ފަރުމާކޮށް ކަރުދާހެއްގެ ސިފައިގައި ތަޙްރީރު ކުރެއްވިއެވެ. ސިކުނޑީގެ މިފަރުވާއަކީ، ހަތަރު ހަފްތާއަށް ބަހާލައިގެން، 28 ނުވަތަ، 30 ދުވަހުން ނިންމާލަން ޖެހޭ ރޫޙާނީ ފަރުވާއެކެވެ. ތަމްރީނެކެވެ. ޒަމާނީގޮތުން ދަންނަވަނީ ނަމަ، ރިޓްރީޓް (RETREAT) އެކެވެ. ނުވަތަ މެޑިޓޭޝަން (MEDITATION) އެކެވެ.


ފަހެ، މިކަރުދާސް ފޮތެއްގެ ސިފައިގައި އެޕްރޫވް ކުރެއްވީ، އޭރުގެ އެންމެމަތީ ޕޯޕް ކަމުގައިވާ، ޕޯޕްޕޯލް ތިނެއް، 1540 މ. ގައެވެ. ސޮސައިޓީ އޮފް ޖީސަސް އަށް ރަސްމީ ހައިސިއްޔަތެއް ދެއްވީ ވެސް މިޕޯޕެވެ. މިޕޯޕުގެ އުފަންނަމަކީ، އަލެސަންޑްރޯ ފަރޯޒް (ALESSANDRO FARNESE) އެވެ. ޕޯޕްކަމުގައި ހުންނެވީ، 1534އިން ފެށިގެން، 1549 މ. އަށެވެ. ދުނިޔެއަށް އުފަންވީ، 29 ފެބްރުއަރީ 1468 މ. ގައެވެ. އުމުރުން، 81 (އައްޑިހަ އެކެއް) އަހަރުގައި އަވަހާރަވީ، 10 ނޮވެންބަރ 1549 މ. ގައެވެ.


މިޕޯޕްއަރިހުގައި އިގްނޭޝަސް ލޮއިލާ ވެގެންދިޔައީ ވަރަށް ޤަދަރުކުރެވޭ އިސް ބޭފުޅަކަށެވެ. ރޫޙާނީ ސިފަތަކެއް ލިބިފައިވާ މީހަކަށެވެ. ލޮއިލާ ހެއްދެވި ގޮތަކީ މީނާގެ މިދިރާސާގެ މައްޗަށް ބިނާކޮށް މީނާއައި އެކު، ޔުނިވަރސިޓީ އޮފް ޕެރިސްގައި ކިޔަވަމުންދިޔަ، މީހަކައި ގުޅި ހަތްމީހުން ވެގެން، ސޮސައިޓީ އޮފް ޖީސަސް ވުޖޫދަށް ގެނައީއެވެ. އަދި ޢަމަލީ ގޮތުން އެމަސައްކަތް ފެށީއެވެ.


ފަހެ، ޕެރިސް ޔުނިވަރސިޓީ އަކީ، 1150 މ. އިން ފެށިގެން ހިންގަމުން އަންނަ ގަދީމީ ޔުނިވަރސިޓީ އެކެވެ. ފަހެ، މިހާރު މިޖަމާޢަތުގައި ސައުވީސްހާސް ހަތަރު ސަތޭކަ މެންބަރުން ތިބެއެވެ. މިއަދާ ހަމައަށް ހަ ކޮންޓިނެންޓުގެ، 112 ޤައުމުގައި، 1825 ގެއަށް ވަދެ، އަވަދިނެތި ޙަރަކާތްތެރި ވަމުން ގޮސްފައި ވެއެވެ. ދުވަހުން ދުވަހަށް މިޖަމާޢަތަށް އުނިއިތުރުވަމުންދެއެވެ. މިވީ، 455 އަހަރު ތެރޭގައި މިޖަމާޢަތުގެ މީހުން ކަމުގައިވާ ޖެޒްއޭޓުން ނާއި މިޝަނަރީން ވަނީ، މަތީ ދަރަޖައިގެ ކާމިޔާބުތަކެއް ޙާޞިލްކޮށް ފައެވެ.


ސޮސައިޓީ އޮފް ޖީސަސް ރަސްމީކޮށް ހިންގަމުން ދަނީ، ރޯމްގައެވެ. ވެރިކަމުގެ ފަރާތުން ޤާނޫނީބާރުތައް ލިބިގެންނެވެ. ރަސްމީ ބައްދަލުވުންތައް ގަވައިދުން ބާއްވަމުން ގެންދެއެވެ. މިހާރު އެސޮސައިޓީގެ ސްޕީރިއަރ ޖެނެރަލް (SUPERIOR GENERAL) އަކީ، ސްޕެއިންގެ ރޯމަން ކެތޮލިކް ފައްޅީގެ ފާދިރީއެއް ކަމުގައިވާ، އެޑޮލްފް ނިކޮލަސް (ADOLF NICOLAS PACHON, born, 29 April 1936) އެވެ.


މީނާ އޮފީހައި ޙަވާލުވެ ލެއްވީ، 19 ޖެނުއަރީ 2008 މ. ގައެވެ. މީނާއަކީ، އެމަޤާމައި ޙަވާލުވެލެއްވި، ތިރީސް ވަނަ ރޫޙާނީ ބައްޕައެވެ. ފަހެ، މިޖަމާޢަތުގެ ފުރަތަމަ ރޫޙާނީ ބައްޕަ އާއީ، ފައުންޑަރ އަކީ، ލޮއިލާ ފާދިރީއެވެ. މިހިނދުގައި ދަންނަވާލަން އޮތީ، މިރާއްޖޭގައި ވެސް މިޖަމާޢަތުގެ މެންބަރުން، އެކި ނަންނަމުގައި ޙަރަކާތްތެރި ވަމުންދާ ވާހަކައެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަން ކުރެއްވި، ރައީސް ނަޝީދު، 2013 މ. ގައި ވަނީ، ޖެޒްއޭޓުން “ތެދުވެ ޙަރަކާޔްތެރި ވުމަށް” ޑެންމާކަށް ވަޑައިގެންނެވި ދަތުރެއްގައި އޭގެ ޖަމާޢަތެއްގެ މެދުގައި ހުންނަވައި ގޮވާލައްވާ ފައެވެ. ވީމާ މުސްލިމް ދިވެހިރާއްޖޭގައި މިމަސައްކަތުގެ ބިންގާއެޅިފައިވާކަން ޔަގީންވީއެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page