top of page

އިދިކޮޅުލީޑަރުން އެމްޑީޕީއިއްތިދާ ގުޅުން މުހިންމުވެ މަޖްބޫރުވެއްޖެ.

  • Writer: ilyashusein
    ilyashusein
  • Oct 26, 2009
  • 3 min read

އިލްޔާސްހުސައިން އިބްރާހީމް. (ލިޔުނީ: 2008 އޮކްޓޯބަރ 9 ގައި.)

އެއްވެސް ޝައްކެތްނެތެވެ! ރިޔާސީ އިންތިޚާބު 2008 ގެފުރަތަމަ ބުރުން، ޑީއާރުޕީ ބަލިވެއްޖެއެވެ. އެއީ އަޅުގަނޑުމެން ހީކުރިގޮތެވެ. ޑޮކްޓަރ ވަހީދު އެމްޑީޕީއާ އެއްކޮޅަށް ޖެހިވަޑައި ގަތުމުން އެމްޑިޕީ ދެވަނައަށް ގޮސް، ޑީއާރުޕީއާ ވާދަކުރުމަށް ދެވަނަބުރަކަށް ދާނެކަންވަނީ، ޔަގީނާގާތަށް ކަށަވަރު ވެފައެވެ. ފަހެ، މިނަތީޖާއަށް ބަލާއިރު އެހެންފަހަރުގެ ރިޔާސީ އިންތިޚަބު ތަކުގައިވެސް ފަންސާސް ޕަސަންޓަށްވުރެ ދައްވާނެކަން ހާމަވެއްޖެއެވެ. މިފަހަރު މިބޭއްވުނު އިންތިޚާބާގުޅިގެން، އެހެންވީއޭ މިހެންވީއޭކިޔުން، މުޅިން ހުއްޓާލާށެވެ. މާޒީތެރެއަށް ފާއިތުވެ ހިނގައްޖެ ކަމެއްގެ ގޮތުގައި ރޮންގެއް ދާމާލައްވާށެވެ. އެވާހަކަތައް މުޅިން ހަދާންނައްތާލާށެވެ. ރޮނގެއްދަމާލެއް ވުމަށްފަހު، އަލުން ފަށަންވީއެވެ. އަވަހަށް ފަށައިގަންނަން ވީއެވެ. އެނޫންގޮތެއް ކުރިމައްޗަކު ފެންނާކަށްނެތެވެ. ދިވެހިރާއްޖޭގެ، ކުރިމަގަށް އާވިސްނުމަކާއެކު ފަށަންވީއެވެ.

ދެވަނަބުރު ކާމިޔާބު ކުރުމަށެވެ. ދިވެހިގައުމުގެ ކުރިމަގަށް އެއްބައިވަންތަ ވާންވީވަގުތު ޖެހިއްޖެއެވެ. މިއީރާއްޖޭގެ ސިޔާސީ މަސްރަހުގެ ދުލުންގޮވާލާ ވަރަށް އިޚްލާސްތެރި ގޮވާލުމެކެވެ. ފަހެ މިގޮވާލުމަށް ދިވެހި ރައްޔިތުން އިޖާބަދިނުމަކީ، މިހާރުކޮންމެހެން މަޖުބޫރުކަމެކެވެ. ވާޖިބުކަމެކެވެ. ލާޒިމުކަމެކެވެ. އަންނިއޭ ވަހީދޭ ކިޔާނެކަމެއް މިހާރަކު ނެތެވެ. އަވަހަށް އެދެމީހުންގެ ފަހަތަށް ޖެހިލަންވީއެވެ. މުޅި ރައްޔިތުން ޖަމާވާންވީއެވެ. އިދިކޮޅުޕާޓީތަކާއި ސަރުކާރާދެކޮޅަށް ތެދުވެތިއްބެވި، ހުރިހާ ސިޔާސީ ލީޑަރުން މިއިންތިޚާބުގައި ދެވަނައަށް ކާމިޔާބުކުރި އެމްޑީޕީ އިއްތިހާދައި ގުޅެންވީއެވެ. އކުވާންވީއެވެ. ވަގުތުޖެހިއްޖެއެވެ. ލަސްނުކުރައްވާށެވެ. ކުރިމަގަށް، ދެންދެވަނަ ވިސްނުމެއް ނެތެވެ. އެހެންގޮތެއް ވެސްނެތެވެ. އޮތީހަމައެންމެ ދެގޮތެވެ. ފަހެ، ދަންނާށެވެ! އެއްގޮތަކީ، މިހާރުމިއޮތް ޚުދުމުޚްތާރު ވެރިކަމާގުޅި އެމީހުން ދެމެހެއްޓުމެވެ. ދެވަނަގޮތަކީ، އެމްޑީޕީ އިއްތިހާދާ ގުޅިއެމީހުންނަށް ކާމިޔާބު ކޮށްދިނުމެވެ ވެރިކަން ބަދަލުކޮށް ލުމެވެ. ރައްޔިތުންގެ އެދުމަކީ، އަދިއާދޭހަކީ ދެވަނަގޮތަށް ދިއުމެވެ. އާދެ! ދިވެހި ރައްޔިތުންނަށް ފުރިހަމަ ބަދަލެއް ގެނެސްދިނުމެވެ. ފަހެ، އެކަންކުރެވޭނީ، މިއަދުގެކުރިން ކެންޕޭނުގައި ދެކެވިފައިހުރި ހުރިހާވާހަކަތަކެއް ހިތުގެ އަޑިން، ހަދާންނައްތާ ލުމުންނެވެ. އާފެށުމަކުން، އަލުންފެށުމެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ވަރުގަދަ، ގުޑުވާނުލެވޭފަދަ ގުޅުމަކަށްދިއުމެވެ. އާދިވެހި ރާއްޖެއަކަށް ދިއުމެވެ. އެހެން ދިވެހިރާއްޖެ އަކަށް ވާސިލުވުމެވެ. ފަހެ، އޮތްހަމައެކަނި ހައްލަކީ، އަތާއަތްގުޅާލުމާއެކު އަނެއް ދިވެހިރާއްޖެއަށް ދިއުމަށް ނުކުތުމެވެ. ހަމަމިއަދު އެދަތުރު ފެށުމަށްވަނީ މަޖްބޫރުވުމެވެ. ދިވެހި ރައްޔިތުންނަށް ޓަކައެވެ. ދިވެހި އުންމަތުގެ ހައްގަށް ޓަކައެވެ. އެމްޑީޕީ އިއްތިހާދުން ތަސައްވުރުކޮށްދޭ އެރާއްޖެއަކީ، ދިވެހިކަނޑުތަކުން އުފެދިއަރާފައިވާ މުތްތަކެއްފަދަ އަގުބޮޑު ހަތްސަރަހައްދަށް ހައްދަވާށެވެ. އެކާވީސްވަނަ ގަރުނުގެ ތަރައްގީއާއި ތަހުޒީބުއެކުލެވޭ، އެހަތް ސަރަހައްދު އެމްޑީޕީ އިއްތިހާދުގެ މިކެންޕޭނުގައި ބޭނުންކުރަމުން އެގެންދާ މިސްކިތުމަލުގެ ހަތްމަލުން އެރަމްޒުކޮށް ދެނީ، އެބިންތަކެވެ. ފަހެ، ޖުމްލަ 395 ވޯޓުފޮށީގެ ވަގުތީ ނަތީޖާއަށް ފިކުރުކޮށް ބަލާއިރު ފެންނަނަތީޖާއަކީ، ރައީސް މައުމޫނަށް 71774 ވޯޓުލިބިގެން ސާޅީސް ޕަސެންޓު އަދި އެމްޑީޕީ އިއްތިހާދަށް 44315 ވޯޓުލިބިގެން ފަންސަވީސް ޕަސެންޓުލިބި އެއްވެސްބަޔަކު ކާމިޔާބުނުވުމެވެ. މިނަތީޖާއަކީ، ގާނޫނު އަސަސީބުނާގޮތުން ދެވަނަބުރަކަށް ދާންޖެހުމެވެ. އަލުން ވޯޓުލާންޖެހުމެވެ. ފަހެ މިއީ، އަޅުގަނޑުމެން އުންމީދުކޮށް ﷲ އަށް ދުޢާދެންނެވި ގޮތެވެ. ﷲ ގެ އިރާދަފުޅުން ކުރިޔަށް އޮތީ ބޮޑުކާމިޔާބެވެ. ރީދޫކުލައަށް ނަސްރެވެ. ކާމިޔާބެވެ. ފަހެ، ދަންނާށެވެ! އެއްގޮތަކަށް ވެސް، މިރަށުން އެހެންވީއެވެ. އެރަށުން އެހެންވީއެވެ. ކުޅުދުއްފުށިން މިހެންވީއެވެ. ފޯއްމުލަކުން އެހެންވީއެވެ. އައްޑުއަތޮޅުން ވީގޮތަކީމިއެވެ. ތިނަދޫންވީގޮތަކީ އެހެންގޮތެކެވެ. މިފަދަ ލަފާތައްކޮށް ބަހުސްދިގު ކުރާނެކަމެއްނެތެވެ. މިހާރަކު އެބަހުސަށް ޖާގައެއް ނެތެވެ. އެކިރަށްރަށުގައި ވީގޮތްތައް ކިޔާނެކަމެއްނެތެވެ. އެވާހަކަތައް ދިރާސާކޮށް އެއްބަޔަކު އަނެއްބަޔަކާ ދިމާކުރާނެ ކަމެއްނެތެވެ. ވޯޓުލީ އަޅުގަނޑުމެން ދިވެހިންނެވެ. ލޮބުވެތި ރައްޔިތުންނެވެ. ފަހެ، މިވާހަކަތައް މުޅިންހަދާން ނައްތާލާފައި ދިވެހި އުންމަތުގެ މުސްތަގުބަލަށް ފިކުރުކޮށް އާހިތްވަރެއްގައި އަޒުމްވަރުގަދަ ކުރަންވީއެވެ. އަލުން ވޯޓުލާންވީއެވެ. ކާމިޔާބު ކުރަންވީއެވެ. ވޯޓުދެވަނަ ބުރަކަށް ގެންދެވުނަސް ދިވެހިގައުމު ދެވަނަވިސްނުމަކަށް އަޅުގަނޑުމެން ސިޔާސީލީޑަރުން އިސްވެ ތިބެގެން، ގެންގޮސްގެން ނުވާނެއެވެ. އަދި ޑީއާރުޕީއަށް ވެރިކަމުގައި ތިބިގޮތަށްތިބެން ޗާންސް ދީގެންނުވާނެއެވެ. ފަހެ، ތިބިގޮތަށްތިބެ އާއުސްމިންތަކަކަށް ގޮސްގެން ނުވާނެއެވެ. އަދި ތިބިގޮތަށްތިބެ ގަދަފަސް އަހަރަކަށް ދިޔަދީގެންވެސް ނުވާނެއެވެ. ފަހެ، އޭރުން ބަދަލަކަށް ނުވާނެއެވެ. މުސްތަގުބަލުގައި ވާނެނުވާނެ ގޮތެއް ކުޑައިކޮށްވެސް ފިކުރުކޮށް ވިސްނާލަން ނޭގޭގިނަބަޔަކަށް މާއްދީގޮތުން ވާއެހީތަކެއްގެ ސަބަބުން ރާއްޖެއަށް ކުރިމަގުގައި އަންނަންއޮތް ބޮޑުބަދަލު ހުއްޓިގެން ނުވާނެއެވެ. ހުރަސްއެޅިގެން ނުވާނެއެވެ. ފަހެ، ވިސްނަވާށެވެ. ބަދަލަކަށް އެބަދާންޖެހެއެވެ. ތިރީސް އަހަރުގެ ދިގުވެރިކަމަކަށް ފަހު، އެނބުރި އެއުސްމިންތަކަށް އެފަދަ ގަދަފަސް އަހަރަކަށް އަނެއްކާވެސް ދާންދޫކޮށް ލައިގެން ނުވާނެއެވެ. އެހެން ދިވެހިރާއްޖެއަކަށް ދިވެހިރައްޔިތުން ދާންޖެހެއެވެ. މިފަހަރު އާވެރިޔަކު އަންނަންޖެހެއެވެ. އިންތިޚާބުކުރަން ޖެހެއެވެ. ބަދަލަކަށް ދާންޖެހެއެވެ. އަދިވެސް އެފުރުސަތު ހުޅުވިފައި އެބައޮތެވެ. ނަގާނުލައްވާށެވެ. އަވަސް ކުރައްވާށެވެ. ވޯޓްދެއްވާށެވެ. ރައްޔިތުންގެ އާދޭސްތައް އިދިކޮޅު ސިޔާސީލީޑަރުން އައްސަވާށެވެ. އެއްގޮތަކަށްވެސް ބޮލާޖައްސަވައިގެން ނުވާނެއެވެ. އިސްކޮށް ތިޔަތިއްބެވީ ދިވެހިން ފަޚުރުވެރި ވަމުންގެންދާ ދެބޭފުޅުން ކަމުގައިވާ ޑޮކްޓަރ ހަސަންސައީދާއި އޮނަރަބްލް ގާސިމް އިބްރާހީމެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ތިޔަހޯއްދެވި މަތިވެރިޝަރަފަށް އިޚްލާސްތެރި ކަމާއެކު ހިތުގެއަޑިން ޝުކުރު ދަންނަވަމެވެ. ފަހެ މިއީތިޔަބޭފުޅުން، އެމްޑީޕީ އިއްތިހާދާ ގުޅުމަށް އޮތްރަނުގެ ފުރުސަތެކެވެ. ފަހެ، އެފުރުސަތު، ބީވެގެންދިޔަ ނުދެއްވާށެވެ. އަގުހުރި މިފުރުސަތު ނަގާނުލައްވާށެވެ. ބޭކާރުކޮށް ލައްވައިގެން ނުވާނެއެވެ. އަޅުގަނޑުގެ އާދޭހަކީ މިއެވެ. އަޅުގަނޑުގެ ރޮއުމަކީ، މިއެވެ. ލޮބުވެތި ގައުމުގެ ރޮއުމަކީ، މިއެވެ. އަޑުއައްސަވާށެވެ. ދަންނާށެވެ! ލޮބުވެތި ރާއްޖެއަށް ބަދަލުގެނެސް ދޭނީ ރާއްޖެއަށް، އިސްލާހު ގެނައުމަށް މަސައްކަތްކުރި ހީވާގިކެރޭ ދިވެހި ގައުމުގެ ލޮބުވެތި ފަހުލަވާނުން ނެވެ. ފަހެ، ދިވެހިރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރިމީހުންނަށް އެމަތިވެރި ޝަރަފު ދޭންޖެހޭނެއެވެ. އެއީއެމީހުންނަށް މިލްކުވެގެންވާ ހައްގެކެވެ. ފަހެ، ދަންނާށެވެ! ފުރަތަބުރުގެ މިނަތީޖާއަށްފަހު، ޑޮކްޓަރ ހަސަންސައީދު ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި ތާރީޚީ ބަސްދީގަތުމަކީ، އިންތިހާއަށް ބަލައިގަނެ ފަޚުރުވެރިވާންޖެހޭ އަގުހުރި ބަސްތަކެކެވެ. ހަގީގަތުގައި އެއީ ސިޔާސީގޮތުން ފުދިފައި ތިއްބެވުމުގެ އަލާމަތެކެވެ. ހޫނުކޮށް މަރުހަބާކިޔާއި އުފެއްދެންއޮތް ހުރިހާގުޅުމެއް އުފައްދަން ޖެހޭނެއެވެ. އޮނަރަބްލް ގާސިމްއިބްރާހީމަކީ ވެސް ވިސްނުންތޫނު ކުޅަދާނަ ސިޔާސީ ބޭފުޅެއްކަން މިނަތީޖާއިން ކަށަވަރުވެއްޖެއެވެ. އެކަންސާބިތު ކޮށްދޭ އަލިގަދަ ހެއްކަކީ، އެހާކުޑަދުވަސް ކޮޅެއްތެރޭގައި ކެންޕޭނު ކުރައްވައިގެން ހޯއްދެވި މަތިވެރި ކާމިޔާބީއެވެ. ޔާމީނުދެކެ ރުޅިން ނަމަވެސް ރައީސް މައުމޫނާ ވަކިން ހުންނެވުމަކީ، ގައުމީ މަސްލަހަތު އިސްކުރެއްވުން ކަމުގައި އަޅުގަނޑު ދެކެމެވެ. ފަހެ، ހަސަންސައިދު އެހިންގެވި މަގުން ގާސިމުވެސް ހިންގަވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތެވެ. ގާސިމަކީ ވެސް ސިޔާސީގޮތުން ދުރުވިސްނޭ ހަރުދަނާބޭފުޅެކެވެ. ރައީސް މައުމޫނުވެސް ގާސިމަށް ދައުވަތު ދެއްވާނެކަން ކަށަވަރެވެ. އެކަންހިނގާނީ އެމަގުންނެވެ. އެހެނަސް ފަހެ، ދަންނާށެވެ! އެމްޑީޕީ އިއްތިހާދާ ގުޅުމުގެ އެންމެހެޔޮ ވަގުތަކީ، މިދަނޑިވަޅެވެ. ހަމައެކަނި ރައްޔިތުންގެ ހައްގުގައެވެ. ދިވެހި ގައުމުގެ މަސްލަހަތަށެވެ. އެއްގޮތަކަށް ވެސް އެހެންބޭނުމެއް ނެތެވެ. ބަދަލަކަށް އެދިއެވެ. ބަދަލެއްގެ ބޭނުމުގައެވެ. އެއްބައިވަންތަ ކަމުގެ ރޫޙުގައެވެ. ތިރީސް އަހަރުގެ ޚުދުމުޚްތާރު ވެރިކަމެއްގައި ނިމުމުގެސިއްކަ ޖެހުމުގެ ބޭނުމުގައެވެ. ރައީސް މައުމޫނަށްވެސް ދެއްވޭނީ މިނިސްޓަރ ކަމެކެވެ. އެމްޑީޕީ އިއްތިހާދުންވެސް އެންމެބޮޑުވެގެން ހުށަހެޅޭނީ، ހަމަ މިނިސްޓަރުކަމެވެ. ވަކިމޮޅު ހުށަހެޅުންތަކެއް އެއްވެސް ބަޔަކަށް ހުށައެއް ނޭޅޭނެއެވެ. ކުރިމަތީގައި ފެންނަންއޮތީ އަމިއްލަ އިޚްލާސްތެރި ކަމެވެ. އަމިއްލަ ނިޔަތުގައި ހުރިސާފުތާހިރު ކަމެވެ. އޭ! ﷲއެވެ! ދިވެހިންގެ އިސްސަފުގައި ތިއްބެވި ކުޅަދާނަ، ހިތްވަރުގަދަ ސިޔާސީ ލީޑަރުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! ކާމިޔާބު ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page