އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ، ޑިމޮކްރަސީ ސިޔާސަތު.
- ilyashusein
- Oct 22, 2009
- 5 min read
=އިލްޔާސް ހުސައިން އިބްރާހިމް=
މި މަޒުމޫނަކީ، 1994 ނޮވެމްބަރ މަހު 8 ވަނަ ދުވަހު ލިޔެ “އާފަތިސް” ނޫހުގައި ޖަހައި ދިނުމަށް އެދި އެނޫހުގެ އިދާރާއަށް ފޮނުވިފައިވާ މަޒުމޫނުނެކެވެ. އަދި 1994 ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު، “ހަވީރު” ނޫހުގައި ޝާއިޢުކޮށް ދިނުމަށް އެދި، އެނޫހުގެ އިދާރާއަށް ސިޓީއާއެކު ފޮނުވިފައިވާ މަޒުމޫނެކެވެ.
އެހެނަސް މިދެނޫހުން ވެސް، އެދުވަސްވަރު މިމަޒުމޫނު ވަނީ ޝާއިޢުކޮށް ނުދީފައެވެ. އެއިރު ލިބުނު ޚަބަރެއް ބުނާ ގޮތުގައި މި މަޒުމޫނު އާފަތިސް ނޫހުން ފޮނުވާލީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވީމާ، މިއަދު، މި މަޒުމޫނު ވިދާޅުވަމުން ވަޑައިގަންނަވާއިރު، 1990 ގެ އަހަރުތަކުގެ ތެރޭގައި، ވިސްނުމާއި ޚިޔާލު ބެހެއްޓެވުން އެދެމެވެ. ފަހެ އެއީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. “ބިންބިފީސް” މާލެ ތެރޭގައި އެންމެ ބާރާއެކު ހަރަކާތްތެރި ވަމުން ގެންދިޔަ ދުވަސްވަރެވެ.
އާދެ! ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެދެން ވެއްޖެ ކަމުގެ އަޑު، މިހާރަށް އައިސް ދިވެހި ޖައްވުން އިވެމުން ދާލެއް ގިނަ ވެއްޖެއެވެ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ދުވަސް ގަނޑަކު ކިޔަވަން އުޅެފައި އައިތާ ކުރީކޮޅު، 1980 ގެ ކުރީކޮޅު އަހަރުތަކުގައި، ސިޔާސީ ޕާޓީއެއްގެ ވާހަކަ ދައްކާލުމުން ބައެއް މީހުން ސިއްސައިގެން ދިޔައެވެ. އަޑު އަހާލަން ބޭނުން ނުވި އެތައް ބަޔަކާ ދިމާވިއެވެ. އަނެއް ބައެއްގެ ފަރާތުން ރައްދުވެގެން ދަނީ މަލާމާތުގެ ބަހެވެ. މޮޔަވީ ހެއްޔެވެ. ބަންދުވާ ހިތްވީ ހެއްޔެވެ. ތިޔަ އުޅެނީ ހިފިނުހުރެވިގެން ހެއްޔެވެ. މަޑުން ނުހުރެވެނީ ހެއްޔެވެ. މުސާރަ ލިބޭ ވަޒީފާއެއް އެބަ އޮތް ނޫންތޯއެވެ. އަމިއްލައަށް ހަލާކުވާ ހިތްވަނީ ތޯއެވެ. މިހެން ގޮސް ތަފާތު އެތައް ބަސްތަކެވެ.
އެހެނަސް މިހާރު، 1990 ގެ އަހަރުތަކުގައި ވަރަށް ތަފާތު ވެއްޖެއެވެ. ދޭދޭ މީހުން މެދުގައި ހިނިތުންވުމާއި އެކު އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ އޮތުމުގެ މިނިވަން ކަމާމެދު ވާހަކަ ދެކެވެއެވެ. ނަފްރަތު ކަމެއް ނެތިއެވެ. ބިރުގަތުމެއް ނެތިއެވެ. އާދެ! ހިނގަމުންދާ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއްގައި ސިޔާސީ ޕާޓީ އުފެއްދުމުގެ މިނިވަން ކަމާއި މެދު ވާހަކަ ދެކެވިއްޖެއެވެ. ކުޑަގޮތަކަށް މަޝްވަރާ ކުރެވިއްޖެއެވެ.
އެހެނަސް މަޖިލީސްގެ ރިޔާސަތުން އެހުށަހެޅުމާ މެދު ޢަމަލުކުރީ، ވަރަށް ހުތުރު ކޮށެވެ. ޚުދުމުޚްތާރު ގޮތަކަށެވެ. ނޫސްތަކުން ޕާޓީގެ ވާހަކަތައް ފެންނަން ފަށައިފިއެވެ. ދުވަހު ނޫހެއްގެ ބޭރު ގަނޑުގައި “ރާއްޖޭގެ ޕާޓީ ސިޔާސަތު ތަޢާރަފު ކުރާކަށް އަދި ނުވޭ” މި ސުރުޚީ އެޅިއްޖެއެވެ. މިއީ ޚާއްޞަ މަޖިލީސްގެ ރިޔާސަތު ބެލެހެއްޓެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް ހަވާލާދެއްވާފައި ލިޔެފައިވާ ލިޔުމެކެވެ.
އެތެރޭގެ ޞަފްޙާއެއްގައި “މަރުޙަބާ! ދިވެހި ޖުމޫހޫރިއްޔާ” ގެ ދަށުގައި ވަނީ “ރައްޔިތުންގެ މުތަގައްދިމް ޕާޓީ” ގެވާހަކައެވެ. ކޮންމެއަކަސް ސިޔާސީ ޕާޓީ އާއި ދެކޮޅަށް ނަމަވެސް، މިވާހަކަ ތަކަކީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީ، ސިޔާސީ ނިޒާމެއް ގާއިމު ކުރުމަށްޓަކައި އެޅެމުންދާ ޚިޔާލީ ބިންގަލަކެވެ. މޫލާވަރުގަދަ ވާނެ ބިންގަލެކެވެ. އިންދުނު އޮށެކެވެ.
އާދޭހެވެ. ދިވެހިންނަށް މިއީ އާ ވާހަކައަކަށް މިހާރު ނުވެއެވެ. ބިރެއް ނުގަނެއެވެ. ޖެހިލުމެއް ނުވެއެވެ. ދުނިޔެއަށް އަންނަ ހޭލުންތެރިކަމަށް ލޯހުޅުވެނީ އެވެ. ޖުމްހޫރީ ވެރިކަމުުގެ ލައްޒަތު އިހުސާސް ކުރެވޭލެއް ބޮޑުވެފައި މިނިވަން ޚިޔާލުގެ މީހުންތައް ގިނަވަނީއެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަލްޓި ޕާޓީ ޑިމޮކްރަސީ ސިޔާސަތެއްގެ ސަބަބުން ވެރިކަމުގައި އޮންނަ ސަރުކާރާއި ވެރިންގެ ގަދަރާއި ޢިއްޒަތް ރައްޔިތުންގެ ތެރޭގައި ވަރުގަދަވެ، އުފުލިގެން ދާތަން ފެންނަން ފަށައިފިއެވެ. ސަޕޯޓް ކުރާބައެއްގެ ލޯތްބާއި ގަދަރާއި ފުރިހަމަ ޢިއްޒަތް ލިބެއެވެ. އިޙްތިރާމް ލިބެއެވެ. ޝަރަފު މަތިވެރިވެދެއެވެ. ލީޑަރުންނަށް ގުރުބާން ވުމަށް ގިނަގުނަ ރައްޔިތުން ތިބެނީ ތައްޔާރަށެވެ.
ލިބޭ އޯޑަރަކަށް ޖާނުން ފިދާވުމަށް ތައްޔާރަށް ތިބޭ ޒުވާނުން ވެސް ތިބެއެވެ. ޕާޓީހަރަކާތްތެރީންނެވެ. އަދި ވެރިކަމުގައި އޮންނަ ރޫލިން ޕާޓީން ވެސް، އިދިކޮޅު ޕާޓީއަށް ފުރިހަމަ ގަދަރާއި އިޙްތިރާމު ލިބެއެވެ. މިއީ އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ ޑިމޮކްރަސީ، ސިޔާސީ ނިޒާމެއްގައި ހުންނާނެ ހެވާއި މަގުބޫލު ކަމެވެ. މިޑިމޮކްރަސީ ސިޔާސަތުން ރަނގަޅު ސިސްޓަމެއް ރޭވިއްޖެނަމަ، ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުގައި ވެގެންދާނެކަން ކަށަވަރެވެ. އަދި ނުބައިމަގުން ހިނގައްޖެ ނަމަ އެހާ ނުބައި ނަތީޖާ ރައްޔިތުންނަށް ފޯރާނެއެވެ.
އާދެ! މިނިޒާމުގައި ހެޔޮގޮތް އެކުނުލެވޭނަމަ، ދުނިޔޭގައި މިފަދަ ސިޔާސީ ނިޒާމުތައް ފެތުރެމުން ކުރިއަރަމުން، ހަމަގައިމުވެސް ނުދިޔައީހެވެ. ދެކޮޅުހެއްދެވުމުގެ ބަދަލުގައި ވިސްނާވަޑައިގަންނަވަންވީ ނުކުތާއަކީ މިއެވެ. ޑިމޮކްރަސީ ޖުމުހޫރީ ވެރިކަމަކަށް ވިސްނާ ފިކުރުކޮށްލެވޭ ކޮންމެ ހިނދަކު އެންމެ އިސްކަން ދެވެނީ، މަލްޓި ޕާޓީ ޑިމޮކްރަސީ ސިޔާސީ ނިޒާމަށެވެ. ހަގީގީ ޑިމޮކްރަސީ ޖުމްހޫރިއްޔަތަކީ، ރައްޔިތުންގެ މިނިވަން އަޑެވެ. މަޝްވަރާއިން އުފެދި ނުކުންނަ އަޑެވެ. ރައްޔިތުންގެ މިިނިވަން އަޑަކީ، އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ސިޔާސަތެވެ.
އާދޭހެވެ! މަލްޓިޕާޓީ ޑިމޮކްރަސީ ސިޔާސީ ނިޒާމެއް ފުރިހަމަ ގޮތުގައި ގާއިމު ކުރެވި، ރައްޔިތުންގެ މަޖިލީސްގައި ބަހުސް ތައް ކުރެވިގެން ހިނގައިގަތުމާއެކު އެހިސާބުން، އެންމެހައި ރައްޔިތުންގެ ލާބައާއި މަންފާއަށް، ގައުމު ދަތުރު ކުރަން، ޝައްކެތް ނެތް ގޮތުގައި ފަށައިގަތީއެވެ. ގައުމުގެ ޣައްދާރަކަށް، ރައްޔިތުންގެ ޚިޔާނަތްތެރިއަކަށް ބާރުތައް އެއްކޮށްގެން ފިލާއުޅެވޭނެ ނިވާފަތް ގަނޑެއް ނެތުނީއެވެ. ރައްޔިތުންގެ ސީދާ މަގު ހުޅުވުނީއެވެ.
މީގެ ހެއްކެއްގެ ގޮތުން ބޭރު ދުނިޔެއަށް ނަޒަރު ކޮށް ބަލާލުމުގެ އިތުރަށް އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި އާޢިލީ ރަސްކަން އުވި، ޖުމްހޫރިއްޔަތަކަށް ބަދަލުވާން ދިމާވި ސަބަބުތަކާއި ސިއްރުތައް ދިރާސާކޮށްލުމުން ވެސް ފުދެއެވެ.
އާދެ! ރާއްޖޭގައި ވެސް ޑިމޮކްރަސީ ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވާންވީ ހިނދު، ޕާޓީއެއްގެ އޮއިވަރު ކައްކުވާލި އެވެ. އެ ޕާޓީއަކީ “ރައްޔިތުންގެ މުތަގައްދިމް ޕާޓީ” އެވެ. ބާނީ އަކަށް ހުންނެވީ އަލް އަމީރު މުޙަންމަދު އަމީނު ދީދީއެވެ. އެމަނިކުފާނަކީ، ޑިމޮކްރެޓިކް ދިވެހި ޖުމުހުރިއްޔާގެ ފުރަތަމަ ރައީސެވެ. ދިވެހިންގެ ފުރަތަމަ، ޑިމޮކްރަސީ ޖުމްހޫރިއްޔަތުގެ ނިމުމާއި ރައްޔިތުންގެ މުތަގައްދިމް ޕާޓީގެ ފެށުމާއި އަދި ނިމިދިޔަ ގޮތުގެ ތަފްސީލުތައް މިހާރަކަށް އައިސް މަދުން ނަމަވެސް ބައެއް ނޫސްތަކުން ފެނިގެންދާ ކަމީ އުފާވެރިކަމެކެވެ. ބޮޑު ޑިމޮކްރަސީއަށް، ފެންބޮވައިގެން ތިބި ދިވެހި ދަރިންނަށް ލިބޭ ހިތްހަމަޖެހުމެކެވެ.
މުތަގައްދިމް ޕާޓީގެ ފުރަތަމަ އަހަރީ ޖަލްސާގައި ޕާޓީގެ ރައީސް ޕާޓީއާބެހޭ ގޮތުން ވިދާޅުވެފައި ވެއެވެ. “މުތަގައްދިމް ޕާޓީ އަކީ، ދިވެހި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕާޓީއެއް ނޫނެވެ. އެއްޗަކީ ނަމެއް ނޫނެވެ. އެއްޗަކީ ހަގީގަތެވެ. އެހެން ކަމުގައި ވަނީނަމަ، ދިވެހިރާއްޖޭގައި ވެސް މިހާތަނާ ޖެހެންދެން ވެސް ސަރުކާރު ހިންގަމުން ގެންދެވުނީ، ޕާޓީ އުސޫލުގެ މަތިންނެވެ. ތަފާތަކީ އިހު ހެދިފައިވާ ޕާޓީ ޕާޓީތަކަށް “ޕާޓީ” އެކޭ ކިޔުމުގެ ބަދަލުގައި “ޢާއިލާ” އެކޭ ކިޔޭ ކަމެވެ.”
އަލް އަމީރު މުޙަންމަދު އަމީން ވިދާޅުވެފައި އެވަނީ ސައްތައިން ސައްތަ ތެދުފުޅެކެވެ. އެމަނިކުފާނު މިފަދަ ޚިޔާލުފުޅެއް ގެންގުޅުއްވަން ޖެހިވަޑައިގަތީ، ރަސްކަމުގެ އަޅުވެތި ކަމުގެ ކަސްތޮޅު އެޅި، ބަންދުވެގެން ރައްޔިތުން، ނުތިބޭނެކަން ވިސްނި ވަޑައިގަނެގެންނެވެ. ހަގީގަތުގައި މަލްޓިޕާޓީ ޑިމޮކްރަސީ، ސިޔާސީ ނިޒާމެއް، ނުގެންގުޅޭ މަދު ގައުމުތަކުގައި ވެސް ނަހަމަ ގޮތެއްްގައި ހިނގަމުން ދަނީ ކޮންމެވެސް ފާޑެއްގެ ޕާޓީ ވާދަވެރިކަމެކެވެ.
ގާނޫނީ އެއްވެސް ބާރެއް، ހައިސިއްޔަތެއް ނުލިބި ޕާޓީ ޕާޓީއަށް، ޖަމާޢަތް ޖަމާޢަތަށް ޢާއިލާ ޢާއިލާއަށް މަސައްކަތްތައް ރާވަމުންދާ ދިއުމުން، ހިތިނަތީޖާ ތަކާ، ކުރިމަތިލާން ޖެހޭ ތަން ތަޖުރިބާ ކުރެވިއްޖެއެވެ. އަދި ގައުމީ މަސްލަހަތަށް ވުރެ، އަމިއްލަ ޒާތީ މަސްލަހަތު އިސްކުރުމުގެ ފުރުޞަތު ފުޅާވެ ހުޅުވިގެން ދެއެވެ.
އާދެ! މަލްޓިޕާޓީ ޑިމޮކްރަސީ ސިޔާސީ ނިޒާމަކީ، ކޮންމެ މުޖުތަމަޢެއްގައި ވެސް، ތަޢާރަފް ކުރެވިދާނެ ސިޔާސަތެކެވެ. އަލަށް ފަށާ އެއްވެސް ކަމަކީ، ހަމަ އެހިނދުން ފެށިގެން އެންމެ ފުރިހަމަ ގޮތުގައި އޮންނާނެ އެއްޗެއް ނޫނެވެ. ހިތި މަރުހަލާއެެއްވެސް އަންނާނެއެވެ. މޭވާވެސް ދޮންވެ ފައްކާވެ މީރުވަސް ދުވަނީ، ހިތިކޮށް އޮންނަ މަރުހަލާއަކަށް ފަހުއެވެ. އެދުވަސްވަރު ކެތްތެރި ނުވެވިއްޖެނަމަ، އެމޭވާއެއް މީރުކޮށް ކާކަށް ނުލިބޭނެއެވެ. ވަޅޯވެ ވެއްޓި، ހަލާކުވެ ހިނގައިދާނެއެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މަލްޓި ޕާޓީ ޑިމޮކްރަސީ ސިޔާސަތަށް، ގާނޫނީ ސިފައެއް ގެނެވިގެން ތަޢާރަފް ކުރެވިދާނެ ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ރާއްޖޭގައި ވެސް ސިޔާސީ ޕާޓީއެއް ހެދޭނެ ދުވަހެއް އަންނާނެއެވެ. މާލަސްތަކެއް ނުވެއެވެ. އަޅުގަނޑުމެން އެކަމާ އުޅޭނަމެވެ. ޖިހާދުކުރާ ނަމެވެ. ޚުދުމުޚްތާރު ވެރިންނަށް ޖެހޭނީ ދޫދޭށެވެ. ހުޅުވާލާށެވެ. ނުވަތަ ގައުމު ދޫކޮށް ފިލާށެވެ.
އަޅުގަނޑުމެން ކިޔަވާ ކުދިންގެ ގޮތުގައި ތިބިއިރު، ދިވެހިރާއްޖެ ގާނޫނުލް އުގޫބާތު (ޕީނަލް ކޯޑް) ގެ 38 ވަނަ މާއްދާއަކީ މިވެރިކަމުގައި ދުވަހަކުވެސް އިސްލާހުވާނެ މައްދާއެކޭ ހިތަކަށް ނާރައެވެ. އަޅުގަނޑުމެންގެ ބަހުސްތަކުގެ ނަތީޖާއަކަށް ވަނީ، ރައީސް އިބްރާހިމް ނާސިރަށްވުރެ ބޮޑަށް، ރައީސް މައުމޫނު ބާރުތައް އަމިއްލަ ކުރައްވައި ހިފަހައްޓަވާނެ ކަމަށެވެ.
އެހެނަސް ޒަމާނީ ތަރައްގީ އާއި އެއްގޮތަށް ބޮޑެތި ބަދަލުތަކަކީ އަންނަމުން ދާނެ އެއްޗެއްކަން ދިވެހިންނަށް ސާބިތުވަނީ އެވެ. 38 ވަނަ މާއްދާ ފާސްވި ދުވަހަކީ، ޚާއްސަ މަޖިލީހުގައި ތިއްބެވި އިސްލާހީ ޙަރަކާތުގެ މެންބަރުންނަށް ފުރަތަމަ ފަހަރަށް ފަތަހަ ލިބުނު ދުވަހެވެ. އެތަޅުމުގައި އިސްކޮށް ހުންނެވީ، ޑޮކްޓަރ ވަހީދެވެ. ސަރުކާރުގެ ހަރުކަށި ބޮޑުންނަށް އަސަރު ކުރި ދުވަހެކެވެ.
އާދެ! އެގޮތުގައި ހިފެހެއްޓޭނީ ވަކި ވަރަކަށް ކަން ޔަގީންވެ ކަށަވަރުވި ދުވަހެވެ. އަޅުގަނޑުގެ ނަޒަރުގައި މަލްޓިޕާޓީ ޑިމޮކްރަސީ ސިޔާސަތެއް ނެތުމުން، އަޅުގަނޑުމެންގެ ސޮސައިޓީގައި އަށަގެންފައިވާ މުހިންމު ތިންކަމެއް ފާހަނގަ ކޮށްލާނަމެވެ.
1 - ރަށްކުރިއަރުވާ ކޮމިޓީތަކާއި އަތޮޅު ކުރިއަރުވާ ކޮމިޓީތަކުގެ ހަގީގީ ވާޖިބު ހަނދާން ނައްތާލައި އެހެން ކަންކަމާއި މަޝްޣޫލުވުން.
2 - އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ޙަގީގީ ވާޖިބަށްވުރެ އެހެން ނުފޫޒުތައް ގަދަވެގެން ދިއުން.
3 - ވެރިންނާއި ސަރުކާރަށް އޮންނަން ޖެހޭ ޙަގީގީ އިހްތިރާމާއި ތާޢީދު ކުޑަވެގެން ގޮސް، ގަދަރު ކުޑަވާގޮތް މެދުވެރިވެ، އަބުރާއި ޢިއްޒަތް ގެއްލޭގޮތްވުން.
އާދެ! މިކަންކަމުގައި ޙަގީގަތަށް ވާސިލުވެ ވަޑައިގެންނެވޭނީ، ކުޑަ ހިދުކޮޅަކަށް ހަމަހިމޭންކަމާއެކު ވިސްނާވަޑައި ގެންނެވުމުންނެވެ. އަޅުގަނޑު މިދެންނެވި ކޮންމެ ބަޔަކަށް ވެސް ޖެހޭ ބައްޔަކަށް ވެފައި އޮންނަނީ، އެބައެއްގެ ހަގީގީ ވާޖިބުތައް އަދާކުރުން ދޫކޮށްލުމުން ޖެހޭ، ރައްޔިތުންނާއި އިދިކޮޅު ވުމުގެ ބައްޔެވެ. މިބަލީގެ ސަބަބުން ރައްޔިތުންގެ ފަރާތުން، ވެރިންނަށާއި ސަރުކާރަށް ބަހައްޓަން ޖެހޭ ގަދަރުވަނީ އިންތިހާއަށް ކުޑަވެގެން ގޮސްފައެވެ.
ސަރުކާރާއި ރައްޔިތުން ވަނީ ދެފަރާތަށް، ދެބަޔަށް ރީއްޗަށް ބެހިފައެވެ. އަމިއްލަ ފައިދާ ތަކެއްގައި ޣަރަޤުވެގެން އުޅޭ އެއްވެސް އަސާސެއް ނެތް ބަޔަކަށް ވެފައެވެ. ކަތީބުންނާއި އަތޮޅުވެރިންނާއި ގުޅުން އޮންނަ މީހާގެ ޙައްގުތައް ފުރިހަމަވާނެއެވެ. އެހެން މީހުން، ގާނޫނީ ހައިސިއްޔަތެއް ނެތިފައި ތިބެންވީ އެވެ. ކުރެވޭނެ ކަމެއް ނެތިފައެވެ. އި
ންސާފު ހޯދޭނެ ގޮތެއް، މަގެއް ނެތިފައި ބޮޑުންގެ ފައިދޮށަށް ސަލާން ޖަހާލަޖަހާލަ ތިބެންވީއެވެ. މިދެންނެވުނު، އުނިވެ ގެއްލިފައި އޮންނަ، ރައްޔިތުންގެ ހައްގުތައް ފުރިހަމަ ވެގެން ދާން ވެއްޖެއެވެ. އެހޭލުންތެރިކަން އުފެދެން ވެއްޖެއެވެ. އެއިރުން ވަކި ބައެއްގެ މަސްލަޙަތަށްވުރެ، ގައުމީ މަސްލަޙަތު، ކުރިއަށް ދިއުން އަވަސްވެ ބޮޑުވެގެންދާނެ ކަންކަށަވަރެވެ.
ފަހެ، ދަންނާށެވެ! އެކިއެކި ސަމާވީ ދީންތައް ބާއްވައިލެއްވުމަށް ފަހު، ފައްޅިތަކުން އުޅުނީ، ދީނާ ސިޔާސަތާ މުޅިން ވަކިކޮށްލައިގެންނެވެ. ޕޯޕުންނާއި ބޮޑެތި ފާދިރީން، ފައިސާއަށާއި ޗެކަށް ފާފަފުއްސަވައި ދެއްވި، ބޯދާ ޒަމާން މިހާރު ފާއިތުވެ ހިނގައްޖެއެވެ. އަންހެނުން މެޝިންތަކަކަށް ހަދައި އަޅުވެތި ކޮށްގެން އުޅުނު ޒަމާން ފާއިތުވެ ހިނގައްޖެއެވެ.
އިސްލާމް ދީނުގެ ރުބޫބިއްޔަތު، ރަހުބާނިއްޔަތަށްވުރެ ވަރުގަދަވެއްޖެއެވެ. އެއްކައުވަންތަ އަގީދާ ގަދަފަދަވެ، ކާމިޔާބު ހޯދަން ފަށައިފިއެވެ. މާއްދިއްޔަތުގައި ބާރެއް ނެތްކަން ސާބިތުވެއްޖެއެވެ. ޣައިބަށް އީމާންވުމަކީ ރޫޙާނީ ބާރުގަދަކޮށްދޭ ކަމެއްކަން ސާބިތުވެއްޖެއެވެ.
އާދެ! ދީނަކީ ވަރުގަދަ ސިޔާސަތެއް އެކުލެވިގެންވާ ފުރިހަމަ ޝަރީޢަތެއް ކަމުގައި އެންމެން ގަބޫލުކުރަން ފަށައިފިއެވެ. ސިޔާސަތަކީ، މިސްކިތްތަކާ، އަދި ދައުލަތާއި ވެރިކަމާ ދުރުކުރެވޭނެ އެއްޗެއް ނޫންކަން ޔަގީން ކުރެވިއްޖެއެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ، އަޅުގަނޑުމެންގެ އަދުގެ ރައީސް މައުމޫނަށް ވެސް ޖެހިވަޑައިގަންނަވާނީ، މިކަން މިގޮތަށް ދޫކޮށްލައްވާށެވެ. މިނިވަންކޮށް ހުޅުވާލަ ދެއްވާށެވެ. ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާށެވެ.
ދުނިޔޭގައި ތަޖުރިބާކޮށް ދެކެމުންދާ ކޮންމެ ކަމެއް، ދިވެހިންވެސް ދިވެހރާއްޖޭގައި ދެކޭނެއެވެ. ބަލައިގަނެ، ތަޖުރިބާ ކުރާނެއެވެ. އަމިއްލައަށް، ލިބިގަންނާނެއެވެ. މުސްތަބިއްދުން އިނދަޖެހޭނެ ދުވަހެއް އަންނާނެއެވެ. ހައްގާއި ޑިމޮކްރަސީއަށް ނަސްރުދެއްވާ ނެއެވެ. ފަހެ، ﷲއީ، ހެޔޮގޮތް ދެނެވޮޑިގެންވާ، ހައްގަށް ނަސްރުދެއްވާ ﷲ އެވެ! އަޅަމެން ދިވެހީންނަށް ނަސްރުދެއް ވާނދޭވެ! އާމީން!


Comments