އާއަސާސީ އަށްޑަނައަކަށް ބޭނުންކުރުން.
- ilyashusein
- Oct 26, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޖުލައި 25 ގައި)
އިންތިހާއަށް ފަސާދަވެފައިވާ ދިވެހި ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ދިފާއުކުރާ އަށްޑަނައަކީ، އިސްލާހު ކޮށް އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީއެވެ. ހުރިހާ ދިމާއަކުން އަންނަމުންދާ ހަމަލާތަކުން ދިފާއުވުމަށާއި ބާރުގަދަ ކުރުމަށް ސަރުކާރުން ބޭނުންހިފަނީ، އާއަސާސީއެވެ. ހަމަ އެފަދައިން ފަސާދަވެފައިވާ ސަރުކާރު ބަލިކޮށްލައި ވަށްޓާލުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނަށް، އެކި ދިމާތަކުން އަންނަ ހަމަލާތަކުން ދިފާއުވެ، ސަލާމަތްވުމަށް ވެސް ބޭނުންކުރަނީ، ހަމަ އާއަސާސީއެވެ. ފަހެ، ދެފަރާތުންވެސް އަށްޑަނައަކަށް ހަދާފައިވަނީ، އާއަސާސީއެވެ. އިދިކޮޅު ފަރާތް ތަކުން ދެކެނީ، ރައީސް މައުމޫނު ބަލިކޮށްލުމަށް ފަހު، ސަރުކާރު ވަށްޓާލެވޭނީ އާއަސާސީގެ ދަށުން ކަމުގައެވެ. ރައީސް މައުމޫނު ވެސް ހަށިފޮޅާ ލައްވައި ހިންދެމިލައްވަން ބޭނުންވަނީ، އާއަސާސީގެ ދަށުން އޭނާގެ ފަސާދަވެފައިވާ ދުވަސްވީ ސަރުކާރު ހިމާޔަތް ކޮށް، ދަމަހައްޓައި ދިނުމުގެ ބޭނުމުގައެވެ. ފަހެ، މިކަންތައްވަނީ، ފޯރިގަދަ ސިޔާސީ ހަނގުރާމަ އަކަށް ވެފައެވެ. ރައްޔިތުންގެ ބައިވެރި ވުމަށްވުރެ ބޮޑަށް، ކުޅިބަލާންތިބޭ ކަމަކަށް ވެފައެވެ. މިހަނގުރާމަ މަގުމައްޗަށް ފުޅާވެ، ހޫނުގަދަ ވެގެންދާ ކޮންމެ ފަހަރަކު، ރައީސް މައުމޫނު ކުރިޔަށް އެއްފިޔަވަޅު އަޅުއްވާތަން ފެނެއެވެ. ފަހެ، އާއަސާސީގެ މި ހަނގުރާމަ ފިނިކޮށާއި ހޫނުކޮށް ދަންމަން ތިބެނީ، ރާއްޖޭގެ ފަސްޓްލޭޑީ މެޑަން ނަސްރީނާއަށް ނިސްބަތްވާ އެންދެރި ކޭންޕުގެ ނުފޫޒުގަދަ ވިޔަފާރިވެރި ފަހުލަވާ ނުންނެވެ. އަދި ރައްޔިތުންގެ އެންމެ ހައްގުކަން ބޮޑު މުދާތައް، ދިގުމުއްދަތަށް މިލްކުކޮށްގެންތިބެ، ބޮޑުފައިދާ ނަގަމުންދާ ސައުދާގަރުން ނެވެ. މިވަގުތު އެންމެ އިސްވެރިޔަކީ، ބޮޑުމަޖިލީހުގެ ރައީސް އޮނަރަބްލް ގާސިމް އިބްރާހީމް އެވެ. މިހާތަނަށް ބަލާއިރު ގައުމަށް ދިމާވި ކޮންމެ ހައްސާސީ، އަދި ނާޒުކު ދަނޑި ވަޅެއްގައި ރައީސް މައުމޫނު ހިމާޔަތްކޮށްދީ، އޭނާގެ ޒަމާންވީ ވެރިކަން ދަމަހައްޓައި ދީފައިވަނީ، ގާސިމެވެ. ރައީސް މައުމޫނު ކުރިފުޅުމަތީގައި ގާސިމަކީ، ވަރަށް ބޮޑުފިނޑި އެކެވެ. ރޮއްވާލަން ބޭނުންވާ ވަގުތު ރޮއްވާލައެވެ. ފިއްތާލަން ބޭނުންވާ ވަގުތު ފިއްތާލައެވެ. ގާސިމަކީ، ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަކަށް ކުޅެލެވޭ މަހުޖަނެކެވެ. ފަހެ، އެންމެ ފަހުންބޭއްވި ސިޔާސީ ހިނގާލުމުގެ ހާދިސާއަށް ބަލާލަމާތޯ އެވެ. 2008 ޖުލައި 21 ވީ ހޯމަ ދުވަހު އޮތް، ސަރުކާރާ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ބައިވެރިވެގެން އުފަށްދާފައިވާ، ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމުން އިންތިޒާމު ކުރި، ބަންޑާރަ މިސްކިތުން ރިޔާސީ ގަނޑުވަރަށް ބޭއްވި، “ސިޔާސީ ހިނގާލުން” އީޖާދުކުރި މީހަކީ، ގާސިމެވެ. އައިޑީޕީގެ ލީޑަރު އަލްފާޟިލް އުމަރުނަސީރު ދެއްކެވި ހިތްވަރު މިފުރުސަތުގައި ފާހަގަކޮށްލަން ޖެހެނީ އެހެންވެއެވެ. ފަހެ، ގާސިމު އެރޭ، ބަންޑާރަ މިސްކިތުގައި އިޝާނަމާދު ކުރެއްވިއެވެ. އަދި މޮޓޯ ސައިކަލެއްގެ ފަހަތުގައި އިންނަވައިގެން ކުޅިބެއްލެވުމަށް، އެއްވެފައި އޮތް ރައްޔިތުންގެ ބިތްދޮށުން ބުރުޖައްސަވައި ހެއްދެވި އެވެ. ފަހެ، ދަންނާށެވެ! އާއަސާސީ ތަސްދީގު ކުރުމުގެ މަރުހަލާއަކީ، ވަކިގޮތަކަށް ގާނޫނީބާރު އަސާސީން ދެވިފައި އޮންނަކަމެކެވެ. އެހިނދު، ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރިފޯމް މިނިސްޓަރ އޮނަރަބްލް މުހައްމަދު ނަޝީދު، ބޮޑުމަޖިލީހުގެ ރައީސް ގާސިމާއެކު، ތިންގަޑިއިރު ވަންދެން ބައްދަލު ކުރެއްވި ވާހަކައާއި ރައީސުލް ޖުމްހޫރިއްޔާ ދެފަހަރެއްގެ މަތީން ގާސިމައި ފޯނުން، އާއަސާސީ ތަސްދީގު ކުރުމާބެހޭ ގޮތުން ދެއްކެވި ވާހަކަތައް އިދިކޮޅު ލީޑަރުންނަށް އަކުރުން އަކުރަށް ގާސިމު އިއްވައިދީފައި ވެއެވެ. ފަހެ، މިއީ މިކަންތައް ސިޔާސީ ރޭވުމަކަށް ބަދަލުވެގެންދާ ހިސާބެވެ. ދެން ފަހެ އެހިސާބުން، އިދިކޮޅު ބައެއްމީހުންވެގެން އުފައްދާފައިވާ ގައުމީ އެއްބައި ވަންތަކަމުގެ ގުޅުމުގެ ފަރާތުން ހޯމަދުވަހުގެ މެންދުރު ވަގުތެއްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިގެން ނިންމެވީ، ބަންޑާރަ މިސްކިތަށް އެރޭ، އިޝާނަމާދަށް ގޮސް އެއަށް ފަހު، “ސިޔާސީ ހިނގާލުމެއް” ރިޔާސީ ގަނޑުވަރާ ދިމާއަށް ބޭއްވުމަށެވެ. މިކަންތައް ވަރަށް ވަރުގަދައަށް ރާވައިގެން ހިންގިއެވެ. އެސްއެމްއެސް ތަކެއްގެ ޒަރީއާއިން އާންމުކޮށް އިއުލާނު ކުރެވުނެވެ. އަޅުގަނޑަށް ވެސް މިދަންނަވާ އެސްއެމްއެސް ލިބުނެވެ. ފަހެ، ވީހާ ގިނަބަޔަކަށް މިދަންނަވާ، މިސްކިތުން ގަނޑުވަރަށް ބޭއްވި، ސިޔާސީ ހިނގާލުމުގައި ބައިވެރިވުމަށް ދައުވަތު ދެވުނެވެ. ބަޔަކުދުށް ގޮތުގައި ރައީސް މައުމޫނު ބިރުފުޅުން ތުރުތުރުއެޅިއެވެ. ހިތްނުހުއްޓުނީ ހަމަކިރިޔާއެވެ. ރާއްޖެދޫކޮށް ފިއްލަވަން ތައްޔާރުވަނީ އެވެ. އަދި ޚާއްސަ ސިފައިންގެ ޔުނިޓެއްގެ އެހީގައި ސިފައިންގެ ހެޑްކުއާޓަރަށް ޖީޕެއްގައި ގެންދެވުނީ އެހެންވެގެންނެވެ. އެހެނަސް މިއީ އަޅުގަނޑު ގަބޫލުކުރާގޮތެއް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހުންނަނީ، ގަނޑުވަރާ ގުޅިގެން، ސައްލާ ކުރެވިގެން ސިޔާސީ ބޭނުންތަކަށް ގާސިމުލައްވާ ހިންގާކަންތަކެވެ. ކޮންމެވެސް ކަމެއް ސީދާމަގުން ނޫންގޮތަށް ކޮށްލަން ޖެހިއްޖެނަމަ، ކޮންމެވެސް މިކަހަލަ ސިޔާސީ ކުޅިގަނޑެއް ކުޅެއެވެ. ރާއްޖޭގެ ފުރަތަމަ އަންހެން، ޒުވާން ބަންޑާރަ ނައިބު އޮނަރަބްލް އައިޝަތު އާޒިމާޝުކޫރު ގައުމީ ޓީވީއަށް އަރުއްވައި ވިދާޅުވި ގޮތުގައި އިޝާނަމާދުގެ ފަހުގެ އެވަގުތުކޮޅަކީ، ރައީސް މައުމޫނު އާއިލާއާއެކު އުފާކޮށް ލެއްވުމުގެ ގޮތުން ހޭދަކޮށްލައްވާ ވަގުތުކޮޅަކަށް ވުމާއެކު، ކާފަވިދާޅުވާ ތުއްޕުޅު ބޭޕުޅުން ބިރުގަނެގެން ގޮސް ހިތުގައިޖެހި ތުރުތުރުއަޅާއި ކީރިތިކުރެއްވުނު ކަމަށެވެ. މިކަންވީ އެކަމަނާއަށް ވަރަށް ކަންބޮޑުވި، ސީރިޔަސް ކަމަކަށެވެ. މިފަދަ ކަންކަމާހުރެ، އެކަމަނާއަށް ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑު ދީފައިވާނަމަކީ، “ދަގަނޑުއަންހެނާ” އެވެ. އެކަމަނާއަކީ، އެތަޅުމުގައި ސިޔާސީ ރޭވުމެއްގެ ދަށުން އަންހެނުންގެ “ރަތްލިބާސް ޕްރޮޓެސްޓް” ހިންގުމުގެ ވެސް، އެންމެއިސް މޭސްތިރިޔާއެވެ. ރަތްލިބާސް ޕްރޮޓެސްޓަކީ، އަންހެނުންތަކެއް އެއްވެގެން ރައްޔިތުންގެ މަޖިލީހުން އިންތިޚާބަކާނުލާ ގޮނޑިތަކެއް ހޯދުމަށް ހިންގި، ސިޔާސީ ރޭވުމަށް ބޮޑުމަޖިލީހުގެ ތަޅުމުގައި އަލުގަނޑު ދީފައިވާ ނަމެވެ. އެދުވަހު ތަޅުމުގައި މިކަންތައްވެސް ހިންގީ ސީދާކޮށް، ގާސިމާ ގުޅިގެންނެވެ. ރޭވިގެންނެވެ. ޑީއާރުޕީއަށް ބޮޑުމަޖިލީހުގެ ރިޔާސަތުން ގާސިމު، ކޮށްދެއްވި ކަމެކެވެ. އެދުވަހު ތަޅުމުގައި މިވާހަކަތައް އަޅުގަނޑުވާނީ، ގޮވާފައެވެ. ޔައުމިއްޔާ ހޯއަވައިގެން ބައްލަވާށެވެ. ފަހެ، އާޒިމާޝުކޫރު ރިޔާސީ ގަނޑުވަރުގެ ތުއްޕުޅު ކާފަބޭފުޅުން ކީރިތި ކުރެއްވުމުގެ ވާހަކަ އެދަށްކަވަނީ އަމިއްލައަށެވެ. އަޖައިބުވާކަށް ނުޖެހެއެވެ. އެހެނަސް އެޑިއުކޭޝަން މިނިސްޓަރ އޮނަރަބްލް ޒާހިޔާޒަރީރު ގައުމާ މުޚާތަބުކޮށް މިފަދަ ވާހަކަފުޅެއް ދެއްކެވިނަމަ ފިކުރުކޮށް ވިސްނާލަން ޖެހޭނެއެވެ. ޒާހިޔާގެ ލޮބިވެތި ބައްޕާފުޅަށް މިސަރުކާރުން ހެއްދެވި ގޮތާހެދިއެވެ. ފަހެ، ދަންނާށެވެ! މީގެ އަށާވީހަކަށް އަހަރު ކުރިން ރައީސް އިބްރާހީމް ނާސިރު ބަގާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތެއް، ރައީސް މައުމޫނު އަމިއްލަފުޅަށް އުފައްދާއި އީޖާދުކޮށް ރާވައިގެން ހިންގެވި ސިޔާސީ ކުޅިގަނޑު ތެރޭގައި، މާލޭގެ ބައެއް ޝަރަފުވެރި އާއިލާތަކުގެ ހުރުމަތްތެރި ވެގެންވާ ގޯތިގެދޮރުގެ ކުރިމަތީގައި ސަރުކާރުން ރާވައިގެން ކޮންމެރެއަކު ހެން ހެޅޭއްފަޅޭ ލަވާއި އައުގުރާނަ ގޮވާއި ނަޖިސްއުކާއި އަޑުގަދަ ކުރާއިން މުޑުދާރުލަވަތައް އަޑުހަރުކޮށް ޖަހާއި އެގެތަކުގައި ދިރިއުޅެމުން ގެންދިޔަ ތުއްޕުޅު ބޭފުޅުންނާއި މުސްކުޅިންގެ ހުރުމަތް ކެނޑިއިރު، ރައީސް މައުމޫނު ގަނޑުވަރުގައި ހުންނެވީ އުފަލާއި މަޖަލުގައެވެ. އަދި ރައީސް މައުމޫނުގެ އޯޑަރަށް އައްޑޫގަޔާއި މާލޭގަޔާއި ބައެއް އެހެން އަތޮޅު ތަކުގެ ރަށްތަކަށް، ސިފައިންއަރާ ހިންގި އުދުވާނީ، ޖަރީމާތަކުގައި، ދިވެހި އުންމަތުގެ ތުއްތުކުދިން ނަފްސާނީގޮތުން ބިރުގަނެ ބޮޑެތި ބަލިޖެހުނުއިރު، ރައީސް މައުމޫނާއި މިހާރުގެ ބަންޑާރަ ނައިބު “ދަނގަޑުއަންހެނާ” ހުންނެވީ ޒިމްމާދާރު ވާންޖެހޭ ގޮތަށެވެ. އެހެނަސް ރައްޔިތުންގެ ތުއްތުޖީލަށް އެއްވެސްކަހަލަ އަޅާލެއްވުމެއް ފަރުވާއެއް ބެހެއްޓިފައެއް ނެތެވެ. ޒިންމާނަންގަވާ ފައެއް ނެތެވެ. އަޅާލެއްވި ފައެއް ނެތެވެ. މިކަމަށް އިންސާފު ކުރާނީ ކޮންބައެއް ތޯއެވެ. ތިންބާރު ވަކިކޮށް އާއަސާސީއެއް ރައްޔިތުން އުފަށްދަން ޖެހުނީ، މިފަދަ ނާއިންސާފުން ހިންގާކަންތައްތަކަށް، އިންސާފުން ހިންގުމަށެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް އަނބުރާ ގެނައުމަށެވެ. ފަހެ، ދަންނާށެވެ! އެންދެރި ކޭންޕުލައްވާ މިކަންތައްގަނޑު ރައްޔިތުންގެ ސަމާލުކަމަށް ގެނުވާފައި އެތެރެ އެތެރެއިން ހިންގަމުން ގެންދިޔަ، ރައްޔިތުންނަށް ޒަހަރުން ތަތްތެޅިފައިވާ ރޭވުންގަނޑަކީ، ހަގީގީސިޔާސީ ކުޅިގަނޑެވެ. އެއްވެސް އިސްލާހެއް ފާސްވިޔަނުދީ ފުލުހުންގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްލެވޭތޯ މަސައްކަތް ކުރީއެވެ. ރަށުތެރޭގައި ކުޅިވަރެއް ދައްކައިގެން އޭގެނިވަލުގައެވެ. އެކަން ރޭވިފައި އޮތްގޮތަށް ސަތޭކަ ޕަސަންޓު ކަމިޔާބު ކުރެއްވިއެވެ. 78 މާއްދާގެ މައްޗަށް އެކުލެވިގެންވާ ބިލަށް އިދިކޮޅު ލީޑަރުން ހުށަހެޅުއްވި 43 އިސްލާހުގެ ތެރެއިން ފާސްވީ، އެންމެ 4 އިސްލާހެވެ. ފަހެ، މިސްކިތުން ގަނޑުވަރަށް ބޭއްވި ސިޔާސީ ހިނގާލުމުގެ ނިވަލުގައި ވަރަށް މުހިންމު އެހެން ކަމެއްވެސް ހިންގިއެވެ. އާއަސާސީގެ ދަށުން އުވާލާއި ބާތިލުކޮށްލި ހުރިހާ ނުކިއްސަރު އަނިޔާވެރި ގަވާއިދުތަކަށް ފުރިހަމަ ގާނޫނީބާރު އަނބުރާ ލިބިގަތުމަށް ރަވާލީއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާއަށް ހަވާލާދެއްވައި ރައީސުލް ޖުމްހޫރިއްޔާ ސޮއި ކުރެއްވުމަށް ފަހު، “އާގާނޫނު އަސާސީގެ ދަށުން ބާތިލުވާ 80 ވަރަކަށް ގަވާއިދަށް ގަނޫނީބާރު ލިބިދިނުމުގެ ބިލް” ހަމަ އެދުވަހު އަވަސް ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެއްދީއެވެ. ފަހެ، އާއަސާސީއެއް އީޖާދުކޮށް އެކަށައަޅައި ބޮޑު މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ތިންއަހަރާއި އެގާރަމަސް ދުވަސްވަނެދެން ކުރެއްވި ބުރަމަސައްކަތް، ފަނުފުލުން ދުއްވާލައްވާނެ ބިލަކަށް މިބިލު ވާނެއެވެ. މިބިލަކީ، ބޮޑު މަޖިލީހުން ބާތިލުކޮށްލި 80 ވަރަކަށް ގަވާއިދަށް ގާނޫނީބާރު ލިބިދިނުމުގެ ނުރައްކާތެރި ހީލަތްތެރި ބިލެކެވެ. މިއީ، ރައްޔިތުންނަށް ކުރިންކުރަމުން އަދި ދެމުން ގެންދިޔަ އަނިޔާތައް އަނބުރާ އިއާދަ ކުރުރުމުގެ ބިލެކެވެ. އިންތިގާލީ މަރުހަލާގައި ކުރިޔެކޭ އެއްގޮތަށް ހުރިހާކަމެއް ގެންދިޔުމަށް މަގުކޮށާއި ސާފުކޮށްލާނެ ބިލަކީ، މިއެވެ. މަޖިލީހުގެ ޗުއްޓީ ދުވަހަކަށްވާ މިދިޔަ ބުރާސްފަތި (2008 ޖުލައި 24) ދުވަހު ޖަލްސާއެއް ބާއްވާއިގެން މިބިލް މިހާރުވަނީ، ތަޅުމަށް ވަށްދާފައެވެ. ފަހެ މިއީ، ރައީސް މައުމޫނަށް ކުރިޔަށް އެޅުއްވޭ ފިޔަވަޅަކަށް ނުވޭތޯއެވެ؟ ވިދާޅުވެ ބައްލަވާށެވެ! މިޖުލައި 31 ގައި އާއަސާސީ ތަސްދީގު ކުރައްވާނެ ވާހަކަ މިދެދުވަހެއްގައި މާއަޑުހަރުކޮށް އެދައްކަނީ، މިބިލް ވީހާއަވަހަށް ފާސްކޮށްލުމުގެ ބޭނުމުގަ އެވެ. އާދެ! ސިޔާސީ ހިނގާލުމެއް ބައިނަލް އަގުވާމީ ދުނިޔެއަށާއި ދިވެހި ރައްޔިތުންނަށް ރީތިއޮމާން ގޮތަކަށް ދަށްކާލާފައި، އޭގެ ބިއްދަށުން ކޮށްލި ނުލަފާ ކަމަކީ، މިއެވެ. ފަހެ ދަންނާށެވެ! އާއަސާސީގެ ދަށުން، އިންތިގާލީ މަރުހަލާގައި ގާނޫނީ ބާރެއްނެތި ހެދިފައިވާ ގަވާއިދުތަކުގެ ބާރުކަނޑުވާލާފައި އޮތްއޮތުމުގެ ހުރިހާ ބޭނުމެއް މިހާރު، އެނެތުނީއެވެ. ބަލަބަލާ ތިއްބައި އެކަންތައްކޮށް އެނިންމާލަނީ އެވެ. ކުރިޔެކޭ އެއްގޮތަށް ހުރިހާބާރެއް މުށުތެރެއަށް ލެއްވީއެވެ. މޮޅެއްނޫންތޯ އެވެ! ފުލުހުންގެބިލް ފާސްކޮށްލި ގޮތަށް، މަޖިލީހުގައި ތިއްބެވި ވިޔަފާރި ވެރީންނަށް ހަމްދަރުދީވާ އިއްޒަތްތެރި މެންބަރުން، “ގަވާއިދުތަކުގެ ބެލެނިވެރިޔާގެބިލު” ވެސް ފާސްކޮށް ނިންމާލާއިފި ނަމަ، އިންތިގާލީ މަރުހަލާގެ ބޭނުން މުޅިން ކެނޑުނީއެވެ. ރައްޔިތުންގެ އަތުގައި ބާކީ ދެންއޮތް ތަންކޮޅުވެސް ބޮއްސުންލީ އެވެ. ގެއްލުނީއެވެ. އިންތިގާލީ މަރުހަލާގެ ދެއަހަރު، ހަމަ މިހާރެކޭ އެއްގޮތަށް އަނިޔާވެރިކޮށް ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ރައީސް މައުމޫނަށް ދެވުނީއެވެ. އާއަސާސީއެއް ނެތްއިރު، ބާއަސާސީގެ ދަށުން ހިންގިގޮތަށް ހުރިހާކަމެއް ހިންގުމުގެ އެންމެހާބާރު ދެއަހަރު ދުވަހަށް ރައީސް މައުމޫނަށް ރައްޔިތުންގެ ފަރާތުން، ހަދިޔާއެއްގެ ގޮތުގައި މިލްކުކޮށް ދެވުނީއެވެ. ފަހެ، ގަވާއިދުތަކުގެ ބެލެނިވެރިޔާ ކަމުގެބިލް ފާސްވާ ހިސާބުން ހުރިހާކަމެއް ކުރިޔެކޭ އެއްގޮތަށް ކަލާކޮށް، ލާޖަހައި ނިމުނީއެވެ. ރައްޔިތުންނަށް ބޭނުންގޮތެއް ހަދާނެއެވެ. އެންމެ ފަހުގެ ތައްގަނޑުޖަހައި މުޅިން ނިމުނީއެވެ. އެބިލް ފާސްވުމަކީ، ރައްޔިތުންނަށް އޮތް އެންމެ ފަހުމަރުހަލާ ބީވުމެވެ. އެފުރުސަތު ގެއްލުމެވެ. ފަހެ، އެކަންތައް ސަރުކާރަށް ބޭނުންވާގޮތަށް ނިމްމާލެވުމުން، ހުރިހާކަމެއް ވެރިކަންކުރާ ފަރާތުން ބޭނުންވާ ސިފައަށް ނިންމާލެވު ނީއެވެ. ބޭނުންވި ހުރިހާކުލައެއް ޖައްސާނިމުނީއެވެ. ދެން އެއަށްފަހު، އަދިވެސް ވީވަރަކުން ލަސްކޮށްލާފައި، ރިޔާސީ އިންތިޚާބުގެ ކުރިން އާއަސާސީ ތަސްދީގު ކޮށްލީމާ ހުރިހާކަމެއް މުޅިންނިމުނީއެވެ. އޯކޭވީއެވެ. ރައްޔިތުންގެ ނަސީބަކަށްވީ، ފުލުހުންގެ ބިލް ފާސްކޮށްލި ދުވަހުގެ އެޖެންޑާއަށް ބާތިލުވާ ގަވާއިދުތަކުގެ ބެލެނިވެރިޔާ ކަމުގެބިލް، ވަރަށް އަވަސް ކުއްލި މައްސަލައެއްގެ ގޮތުގައި އެޖެންޑާކޮށް ނުލެވުނު ތަންކޮޅެވެ. އެހެންނޫންނަމަ، ހަމަ އެދުވަހުން އެދުވަހަށް މިބިލް ވެސް ފާސްވެގެން ދިޔައިހެވެ. މިސްކިތުން ގަނޑުވަރަށް ބޭއްވި ހިނގާލުމާއެކު، އާއަސާސީގައި ކުރަންހުރި ހުރިހާކަމެއް ނިމުނީހެވެ. ރޭވުނީ އެގޮތަށެވެ. އެހެނަސް ރޭވިގޮތަށް އެހޫނު ގަނޑުތެރޭގައި، އެކަންތައް ނިންމާ ނުލެވުނީއެވެ. އެހެނަސް އެރޭވުންގަނޑު މުޅިން ކާމިޔާބު ކުރިއެވެ. ފަހެ، ދަންނާށެވެ! މިނުރައްކާތެރި ފިޔަވަޅަށް ފަހު، ދެން އޮންނާނީ، އާ ގާނޫނު އަސާސީ، ރިޔާސީ އިންތިޚާބައި ވީހާބޮޑަށް ކާރިކޮށްފައި ތަސްދީގު ކޮށްދެއްވުމަށް ފަހު، ކުރިޔެކޭ އެއްގޮތަށް ފުރިހަމަ ބާރާއެކު، ވެރިކަން އިންތިގާލީ މަރުހަލާއަށް ދަންމާލުމެވެ. ކެބިނެޓުގައި ތިއްބަވާނީ، ކިޔަވައިގެން ތިއްބެވި، ރައީސް މައުމޫނަށް ވަފާތެރި ރާއްޖެތެރެއަށް ނިސްބަތްވާ، ޒުވާން ޕީއެޗްޑީ ހޯލްޑަރުންނެވެ. ރައްޔިތުންގެ އެންމެ ހައްގު މުދާތައް ކަމުގައިވާ ފަޅުރަށް ތަކާއި ފަޅުތަކާއި ގިރިތަކާއި ފިނޮޅުތަކާއި ހުރިހާއެއްޗެއް، 99 އަހަރަށް ގައުމުގެ އެންމެ ދިހަޕަސެއްޓު ތަމްސީލުކުރާ މަދު ވިޔަފާރި ވެރިންތަކެއްގެ އަތްމައްޗަށް ހިބައިން މިލްކުކޮށް ދޭނެއެވެ. ފަހެ، އާއަސާސީގެ ދަށުން ހަދަންޖެހޭ 87 ގާނޫނު ފުރިހަމަވެ ނިމޭއިރު އޮންނާނީ، މުޅިރާއްޖޭގެ އާންމުދަނީގެ 90 ޕަސެންޓަށް ވުރެ ބޮޑުބައެއް މަދު ވިޔަފާރިވެރިން ތަކެއްގެ އަތްމައްޗަށް ރީއްޗަށް ކެހިގެން ގޮސްފައެވެ. ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު، އާއަސާސީގެ ދަށުން ބޭއްވޭއިރު ނުފޫޒުގަދަ ކުރާނެ ބަޔަކަށް ވާނީ، މިދެންނެވި ރައްޔިތުންގެ ފައިސާއިން މުއްސަނދިވެފައި ތިބި ސައުދާގަރުން ނެވެ. އެއްޕާޓީއަށް ވުރެގިނަޕާޓީ ތަކުން ބައިވެރިވާ ރިޔާސީ އިންތިޚާބެއް ވެސް އޮންނާނެއެވެ.
ފަހެ، ދެކެދެނެ ތިބެދަންނާށެވެ! ހަމަކަށަވަރުން މިޕޮއިންޓުގެ މައްޗަށް ރައްޔިތުންގެ ސަމާލުކަން، ސަންދާނު މަޖައްލާ މެދުވެރިކޮށް އަޅުގަނޑު މިގެނެސްދެނީ، ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު އަޅުގަނޑަށް ފެންނަންހުރި އުދަރެހަށް ނަޒަރު ހިންގާ ބެލުމަށް ފަހުގައެވެ. ރާއްޖޭގައި އުފެދިފައި ހުރި، ސިޔާސި ޕާޓީތަކަށް ބަލާއިރު އަދިހުރީ، ދާދި އެއްދިމާ އަކުން ޚަރަދުކޮށް ބަލަހައްޓާ ޕާޓީތަކެވެ. އެންދެރި ކޭންޕުން ބަލަހައްޓާ ޕާޓީތަކާއި ކާމިނީކޭންޕުން ބަލައްޓާއި ނުފޫޒުފޯރުވާ ޕާޓީތަކެވެ. ބޮޑެތި ސައުދާގަރުންގެ ފައިސާއާއި ނުފޫޒުގެ ދަށުނުވެ، އިޖްތިމާއިއްޔަތަށް ގޮވާލާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ދަމަހައްޓާނެ ރައްޔިތުންނައި އެއްފަންތީގެ ސިޔާސީ ޕާޓީއެއް ވުޖޫދަށް އެބަގެންނަން ޖެހެއެވެ. އަޅުގަނޑުގެ ވިސްނުން މިގެންގުޅެނީ އެފަދަޕާޓީއެއް ވުޖޫދަށް ގެންނާށެވެ. އެހެންނޫނީ، ގައުމީ ޕޮލިސީތައް ރޭވުމުގައި ހުރިހާ ގާނޫނުތަކެއް ފާސްވެ ނިމިގެންދާނީ، ހަމައެކަނި ވިޔަފާރިވެރިންގެ ނުފޫޒުގެ ދަށުންނެވެ. އެމީހުންގެ މުދާތައް ހިމާޔަތް ކުރުމަށް ބާރުއެޅިގެންނެވެ. އޭ! ލޮބުވެތި ރައްޔިތުން ނޭވެ! މިނުކުތާއަކީ ހޭއަރާތިބެ ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ. ފަހެ، ﷲ އަޅަމެން ދިވެހިންނަށް ސިޔާސީ ކަންކަމުގައި ހެޔޮވިސްނުން ދެއްވާށިއެވެ! އާމީން!


Comments