އިއްތިހާދު ހަރުދަނާކުރުން.
- ilyashusein
- Oct 10, 2009
- 9 min read
އިލްޔާސް ޙުސައިން އިބްރާހީމް.
“މިމަޒްމޫނަކީ، 15 ޑިސެމްބަރ 2007މ. ދުވަހުލިޔެ “މިނިވަން” ނޫހުގައި ޖަހައިދިނުމަށް އެދި ފޮނުވުނު މަޒްމޫނެކެވެ. އެހެނަސް އަނެއްދުވަހުގެ ނޫހުގައި ޖަހައިދޭނެ ކަމަށް އީމެއިލަކުން ޖަވާބުދިނުމަށް ފަހު، ޖަހައެއްނުދިނެވެ. ދެން މިމަޒްމޫނު ފޮނުވީ، “ޖަޒީރާ” ނޫހަށެވެ. އެނޫހުންވެސް ޖަހައިނުދީގެން ގުޅީމައި ބުނީ، މަޒްމޫނުގައި ބައެއް ޢިބާރާތްތައް ހުރިގޮތުން، ޖަހައިދެވެން ނެތްކަމަށެވެ. ޚާއްސަކޮށް ނެގީ، އާލަފުޒު ތަކެއްގެ ވާހަކައެވެ. ވިދާޅުވީ، ސެންސަރާއި އެޑިޓް ކުރުމާއެކު، ޖަހައިދިނުމަށް ވިސްނިދާނެ ކަމަށެވެ. އެކާވީސް ވަނަ ޤަރުނުގައި ނޫސްވެރިކަން ޒަމާއެއްފަރަކަށް ހުޅުވިފައި ވަނިކޮށް މިފަދަ މަޒްމޫނެއް ޖަހައި ނުދިނުމަކީ، މިދެނޫހުގެ ނޫސްވެރިކަން ވަކި މަޤްޞަދެއްގެ ތެރޭގައި ހިފޭއްޓިފައި ހުރިކަން ހާމަކޮށްދޭ ސާބިތު ހެއްކެކެވެ. މިނިވަންނޫހޭ ކިޔަސް އެއީ ވަކިސިޔާސީ މަޤްޞަދެއްގައި ނެރެވޭ ނޫހެއްކަން ސާބިތުވީއެވެ. ފަހެ، މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ދެންފޮނުވީ ދިވެހިއޮބްޒާވަރ “ޑޫ” އަށެވެ. ޑޫގެ ވެރިޔާ ކުޑަސައްޕެ ވިދާޅުވީ، އޭނާގެ އެޑިޓޯރިޔަލްގެ ވިސްނުމައި ތަފާތު ޚިޔާލަކަށްވާތީ ޖަހައިދެވެން ނެތްކަމަށެވެ. ބުރުމާ ގާސިމުގެ ވާހަކަތައް ހުރުމުންކަމަށް ބުންޏެވެ. އަދި އެންމެ ބޮޑަށް ހިތާމަކުރަން ޖެހުނީ، އަޅުގަނޑުގެ ބައިވެރިވުމާއެކު، ނެރެމުންގެންދިޔަ “ސަންދާނު” މަޖައްލާއިން، ނެރެންފެށި “އެސަންދާނު” ން، މިމަޒްމޫނަށް ޖާގަނުދެއްވީތީ އެވެ. ފަހަރުގައި، މިއީ ކުރީގެ ބަންޑާރަ ނައިބެއް ކަމުގައިވާ ޑޮކްޓަރ ހަސަން ސައީދަށް އެމަޖައްލާގެ މަސްއޫލުވެރިޔާ އަލްފާޟިލް މުހަންމަދު ޒަކީ، ދެއްކެވި ހަމްދަރުދީއަކަށް ވެދާނެއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަލްފާޟިލް މުހަންމަދު ނަޝީދަށް ދެއްކެވި ހަމްދަރުދީއަކަށް ވެސް ވެދާނެއެވެ. އެހެންނޫނީ މިފަދަ މަޒްމޫނެއް ޖަހައިނުދެންވީ އެއްވެސް ސަބަބެއް ނެތެވެ. ފްރީޑަމް އޮފް އިންފޯމޭޝަނަށް އިހްތިރާމް ކުރެއްވުމަކީ ޖަހައިދިނުމެވެ. ޝާއިޢުކޮށް ދިނުމެވެ. އަދި އަލަށް ދިވެހި މުޖްތަމަޢަށް ތަޢާރުފް ކުރެވޭ އިއްތިހާދު ހަރުދަނާ ކުރުމަށްލެވޭ ހިތްވަރަކަށް ވާނެއެވެ. މިމަޒްމޫނު ވިދާޅުވެ ލެއްވުމުން މިކަންކަމުގެ ހެތްކަކަށް ފުދޭނެއެވެ. ޝުކުރިއްޔާ!”
“މޮޅުވުމަކީ، އިސްނެގުމެއްނޫނެވެ. މޮޅުވުމަކީ، ހަރުދަނާވުމެވެ.” ދެންފަހެ. ދަންނާ ށެވެ! މޮޅުވުމަކީ، ކާމިޔާބުވުމެވެ. އަޅުގަނޑުމެން ތެރެއިން މިފެންނަ، ސިޔާސީގޮތުން މަތިހަށި ނަންގަވައިގެން އުޅުއްވާލީޑަރުން އެއުޅުއްވާ ގޮތުން، ބައެއްފަހަރު ހިނިއާދެއެވެ. އަނެއްބައި ފަހަރު، ހިތާމަކުރަން ޖެހެއެވެ. އޭތިމީތި ހިތަށްއަރައި ފައިބާގެންދެއެވެ. އެގޮތް މިގޮތަށް ފިކުރުކުރަން ޖެހެއެވެ. ހަރުދަނާ ވިސްނުމަކާ ދިމާއަށް ދިއުމަށް ޚިޔާލު ބަހައްޓަން އުނދަގުލެވެ. ފަހެ، ރާއްޖޭގެ މިވެރިކަމުގައި ޒަމާނުއްސުރެ ވަރުގަދަވެ މޫލަމުންއައި، އިދިކޮޅުހަރަކާތް ބޮޑުގިރިއަކަށް އުރުވާ ލުމަށްފަހު، މިހާރު އިވެމުންދާ އަޑަކީ، ރާއްޖޭގެ ރިފޯމްއޮޑިއަށް އާނަމެއްދީގެން، އުރިފައިހުރި ގިރިން ނައްޓުވާއި ފުންކޮށް އަލުން މަރާމާތުކޮށްގެން ދުއްވަމުން ގެންދާއަޑެވެ. ފަހެ، “ގައުމީ އެއްބައި ވަންތަ ކަމުގެ ގުޅުން” މިނަމުގައި ބަނދެވުނު މިއޮޑީގެ ހުރިހާ އިސްކަލާސީން، ސަރަންދީބުގެ ހޮޓަލެއްގައި ބައްދަލުވާ ޚަބަރެވެ. ބޮޑެތި އަތޮޅުތަކަށް ދުއްވާއަޑެވެ. އާންމު ބައްދަލުވުންތައް ބާއްވާއަޑެވެ. ނިއޫމޯލްޑިވްސް ތިންބޭންނާ އެކުގައެވެ. ދިވެހި ނޫސްވެރިން މިގުޅުމަށް ދިންނަމަކީ، “އިއްތިހާދު” އެވެ. ފަހެ، މިއީ އާކަމެއްނޫނެވެ. މިޢަމަލަކީ، މީގެކުރިން އެމްޑީޕީން މާފޯރިޔާއި ޖޯޝާއެކު، ބާކޮށްފައިވާ ދަތުރުތަކެކެވެ. ސިޔާސީ ހަރަކާތް ތަކެކެވެ. ރައްޔިތުންގެ ބޮޑުބައެއްގެ ލޯތްބާއި ރުހުމާއެކުއެވެ. ފަހެ، ސަރަންދީބުގެ ނޫސްވެރިންނާއި އެކިއެކި ބިދޭސީ ނޫސް އެޖެންސީތަކުން އުފަލާއެކު އެބައްދަލުވުގައި ބައިވެރި ވިއެވެ. އަދި، ބޮޑެތިސުރުޚީތައް ދުވަހުނޫސް ތަކުގައި ފަވާލަދިނެވެ. އަދި އަތޮޅުތަކުގައި ބައެއް ވާހަކަތައް އަޑުއެހުމަށްފަހު، އަޑުގަދަވެއެވެ. ހޯބޯލަވައެވެ. ހަޅޭއްފަޅޭއްގެ އަޑުގަދަވެ އެވެ. އިއްތިހާދުގެ އާންމު ބައްދަލުވުން ތަކުގެ ފެށުން ކަމުގައިވާ، އައްޑޫ ޖަލްސާއިން ހަދާންކޮށް ދިނީ، އެމްޑީޕީގެ ކުރީކޮޅެވެ. ތަގްރީރުތައް ހުރީ، އެއް ބައްޓަމަކަށެވެ. މީހުންގެ ޝަޚްޞިއްޔަތަށް ފާޑުކިޔުން ބޮޑެވެ. މާޒީ ނަގައިގެން ދިމާކުރުމާއި ކަލަގޮވުން ގިނައެވެ. އެއްގޮތަކަށް ވެސް ގައުމުގެ ކުރިމަގު ދަށްކުވައިދޭ ސިޔާސަތު ތަކެއްގެ ބިންގަލެއް ނުފެނެއެވެ. ނުދެއްކެއެވެ. އަމާޒަކީ މިހާރުގެ ސަރުކާރާއި ސަރުކާރުގެ އިސްމީހުންނެވެ. ޚާއްސަކޮށް ރައީސް މައުމޫނަށް އަމާޒުކޮށް ހަޑިހުތުރު އެއްޗެހި ގޮވުމެވެ. މިކަހަލަ ތަގްރީރުތަކުން، ރައްޔިތުންނަށް ލިބޭމަންފާއެއް، ހަރުދަނާގޮތެއްގައި ހަރުލާއި ފެންނާކަށް ނޯވެއެވެ. އެހެނަސް، ފޯރިގަދަ ވަގުތީ ޖަޒްބާތަކަށް ފުދެއެވެ.
ފަހެ، ދަންނާށެވެ! އާކަންތައްތައް އީޖާދުކޮށް އިސްނެގުމަކީ، ހަރުދަނާވެ، ރައްޔިތުންގެ އަތުން ގެއްލިފައިވާބާރު އަނބުރާ ރައްޔިތުންނަށް މިލްކުކޮށް ދިނުމެއްނޫނެވެ. ފަހެ އެއީ ހަގީގީ ވަގުތުއައުމުގެ ކުރިން ތެޅިފޮޅިގަތުމެވެ. އަމިއްލަ ސީވީއާއި އަމިއްލަ ފައިލް ބޮޑުކޮށް، އަމިއްލަ އެދުމުގެ އަންބޮނޑި ބޮޑުކުރުމެވެ. ދުނިޔޭގެ ފެންވަރުގެ ބޮޑުއިނާމަކާ ދިމާއަށް ތެޅިގަތުމެވެ. މިސްރާބު ޖެހުމެވެ. ފަހެ މިއިކީ، އެއްގޮތަކަށްވެސް، ކާމިޔާބުވުމެއް ނޫނެވެ. އެމްޑީޕީގެ ފުރަތަމަ ކޮންގުރެސްގައި ބޭއްވުނު ރިޔާސީ އިންތިޚާބައި ހަމައިން ފެށިގެން އެކަން މިހާރުވަނީ، ބައިނަލްއަގްވާމީ މުޖްތަމަޢިން ދިރާސާކޮށް ހެދުމަށްފަހު، ސާފުކޮށް އަޑިއާއެކު ދަނެގަނެފައެވެ. މިގައުމުން މިފެންނަނީ، ރައްޔިތުންގެ މައްޗަށް ފަސާދަވެރި ވެފައިވާ، ރައީސް މައުމޫނުގެ ރެޖީމުން، ބަހައްޓަމުން ގެންދާ އެކިވަރުވަރުގެ ޖަރީކޮށްފައިވާ ބުމަރު ތަކެއްކަން ރަނގަޅަށް އެމީހުން ދަނެއެވެ. ޒީންޒީންއަޑާއި ޒޫންޒޫންއަޑާއެކު، އެނބުރި އެނބުރިފައި މައިތިރިވެ ހުއްޓިދާނެއެވެ. ފަހެ، އެ އެބުރުން ގަނޑުގެ މައިގަނޑު ފައިދާ ނަގަނީ، ފަސާދަވެފައިވާ މިރެޖީމުގެ ބާނީ، ރައީސް މައުމޫނެވެ. އަދި، އޭނާގެ ބަގުޑިސަރުކާރުގެ ބަގުޑިކުރަސީ ދަމަހައްޓާއި، ބަގުޑިޒަމް ފަތުރާށެވެ. އިރު އިރުކޮޅާހެން، ފަހަރަކު އާވައްތަރެއްގެ ބުމަރެއް ނެރެދައްކައެވެ. އައިސް އިދިކޮޅު މީހުންނާ ގުޅެއެވެ. އޮފްކަންގަދަ ދަޅައެއްހެން، ސިޔާސީ މައިދާނުގައި ރައްޔިތުން ނަށްޓަކައި، ރައްޔިތުންގެ ހައްގުގައި ބަހައްޓައި ދެމުންދެއެވެ. މީހުން އެއްވެ ޖަމާނަގައެވެ. އަތްތިލަބަޑި ޖަހައެވެ. އަދި، އެ ބުމަރުތައް އަނބުރައިދޭން ފޫގަޅައިގެން ބަޔަކުތައްޔާރަށް ތިބެއެވެ. “އިލްޔާސްބުމަރު” އާއި “ގާސިމްބުމަރު” ފެނިގެން ދިޔައެވެ. މިދެމީހުންގެ ހިޔަނީގައި ބެހެއްޓި، “އިބުރާބުމަރު” އެކިފަހަރު އެކިގޮތަށް އެކިކުލަ ކުލާގައި ފައުޅުވެ އެނބުރޭތަން ފެނެއެވެ. “ޔާމީނުބުމަރު” ފޯރިގަނޑަކާ އެކު، ކުއްލިއަކަށް ފެނިގެންދިޔައެވެ. ތާއީދު ކުރާ، އެކުވެރިން ކޮޅަކާ އެކުގައެވެ. ޖަމާކޮށްފައިހުރި ރައްޔިތުންގެ ފައިސާއާ އެކުގައެވެ. މައިދާނުގައި މިހާރު، މިވަގުތު ބަހައްޓާފައި ހުރީ، “ނިއޫމޯލްޑިވްސް ބުމަރެ” ވެ. މިއީ މާބާރަށް އެނބުރޭ މާކުޅަދާނަ ކުދިކުދި ބުމަރެވެ. އޯޕަން ސޮސައިޓީ އެއްގެ މާލީ އެހީއޮންނަ ބައެކެވެ. ރައްޔިތުނެގެ ފައިސާ ޚަރަދުކޮށްގެން، އިނގިރޭސި ވިލާތުގެ ހިލްއެންޑް ނޯލްޓަން ކުންފުނިން ހޯދި މަޝްވަރާގެ މަތިންއެނބުރޭ ބައެކެވެ. ޑޮކްޓަރ ޝަހީދަކީ، ރައީސްމައުމޫނާ ގުޅިގެން ގައުމުފަސާދަކޮށް ރައްޔިތުންނަށް އަނިޔާކުރެއްވި ބޮޑެކެވެ. އިސްތަރުޖަމާ ނެވެ. ބޮޑެތި ދޮގުތައް ރައްޔިތުން ނަށް ފާޅުގައި ހެއްދެވި މީހެކެވެ. ޑޮކްޓަރ ހަސަންސައީދާއި ކުރީގެޖަސްޓިސް މިނިސްޓަރ އަލްއުސްތާޒު މުހަންމަދު ޖަމީލު އަހަންމަދަކީ ވެސް، މިފަސާދާގައި އަމަލީގޮތުން ބައިވެރިވި މީހުންނެވެ. ދުވަހަކުވެސް މާފުދެވޭނެ ބައެއްނޫނެވެ. ޚާއްސަ ކޮށް، ހަސަން ސައީދަކީ، އެމްޑީޕީގެ ހަރުގެ ނަގާ އެއްލައިލުމަށް، މައުމޫނަށް ލަފާ އަރުވައި އެޖަރީމާ ދިފާއުކޮށް ގައުމީ ޓީވީން އަޑުއުފުލި އަނިޔާވެރިޔާއެވެ. އެމްޑީޕީ ސަންދޯކަށްލައި ވަޅުލަން އުޅުނީ، މިތިންބޭންގެ ހެވިކަމުގެދަށު ގައެވެ. މިތިން ބެއިންނަކީ، ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާގެ މިލްކުވެރިކަމަށް ދަޢުވާ ކުރައްވާކުދިން ކޮޅެކެވެ. ރައީސް މައުމޫނު ނެރުއްވައި ގެން އުޅުއްވާ އިސްލާހީ އެޖެންޑާގެ މިލްކުވެރި ފަރާތެއް ހޯދުމަށް އެކަންތައް މިހާރުވަނީ، ޝަރީޢަތަށް ހުށަހަޅަން ޖެހޭ ހިސާބުގައެވެ. އެހެންވެ ބޮޑުމަޖިލީހުގެ ތަޅުމުގައި، އަޅުގަނޑު ވާނީ، އަލަށްހަދަމުން ގެންދާ ގާނޫނުއަސާސީ އަކީ، މި “ތިންބެއިންގެ އިސްލާހީ މަޅުގަނޑަށް” ނުހެދުމަށް އަޑުއުފުލައި ގޮވާލާފައެވެ. އެހެނީ އެމަޅުގަނޑަކީ، އެވަގުތަކަށް ބޭނުންވާ ވަށްތަރަކަށް، ކުޑަބޮޑު ކުރެވޭ، ދަމާ ފުޅާކޮށް، އަދި ހަނިކޮށްލެވޭ ފާލަމަކަށް ހަދައި އެއިން ނާޖާއިޒު ފައިދާތަކެއް ނަގަމުން ދާތީއެވެ. އަދި ހުރަސްކޮށް، ގިރާކޮށްލަން ބޭނުންވާ ކޮންމެތަނެއް ގައި އެމަޅުގަނޑު އަޅަމުން ގެންދާތީ އެވެ. ނިއޫމޯލްޑިވްސް ތިންބެއިންގެ އިސްލާހީ މަޅުގަނޑަކަށް ގާނޫނު އަސާސީ އެއްގޮތަކަށްވެސް ހަދައިގެން ނުވާނެއެވެ. އަދި ހެދިޔަދީގެން ވެސް ނުވާނެއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަކީ، އެމީހުންގެ އެއްޗެއްނޫނެވެ.
ފަހެ، ދަންނާށެވެ! މިހުރިހައި ބުމަރެއް އީޖާދުކޮށް ނެރެދައްކަނީ، ހަމަ ރައީސް މައުމޫނެވެ. އޭނާގެ އަނިޔާވެރި ރޭވުންތެރި އުކުޅުންނެވެ. އޭނާގެ ފަސާދަވެފައިވާ ރެޖީމު ވީހާގިނަ ދުވަހަކު ވެރިކަމުގައި ދެމެހެއް ޓުމަށެވެ. ފަހެ، އެންމެ ހެއްވާކަމަކީ، އަޅުގަނޑު މެންގެ އިދިކޮޅު ހަރަކާތް ކަމުގައިވާ އެމްޑީޕީގެ އިސް މުއައްސިސުން މިބުމަރުތައް ވަރަށްރީއްޗަށް އަނބުރައި ދޭތަން ފެންނާތީއެވެ. ފިހިގަނޑު ހިފައިގެން އަބުރަން ތައްޔާރަށް ތިބޭތީއެވެ. އެމްޑީޕީގެ އިސް ގޮނޑީގެ ވެރިޔާ “އަންނި” އާއި އަމިއްލައަށް ބާނީއަކަށް ވެގެންއުޅުއްވާ “ގޯގޯލަތީފަ” ކީ، މިކަމުގެ ހުނަރުވެރި މާހިރުން ނެވެ. އެމީހުންނަށް ހަރުދަނާކަމެއް ކުރުމުގެ ވިސްނުމެއް ނާދެއެވެ. ހަރުދަނާ ފިކުރެއް ނުގެނެވެ އެވެ. އާޚިޔާލާތެއް ނުހޯދެއެވެ. އަދި ތަޖުރިބާހުރި މީހަކުލައިދޭ، ހަރުދަނާ ވިސްނުމަކަށް ބޯލެނބުމެއް ނުގެން ގުޅެއެވެ. ޒަކީއަށް ވިޔަސް މުނައްވަރަށް ވިޔަސް އާދަންޒާހިރަށް ވިޔަސް ޓޫޓޫޒާހިރަށް ވިޔަސް ޝަހީދާއި ހަސަނާއި ޖަމީލަށް ވިޔަސް ހަމަރަނގަޅު ވާނެއެވެ. ހިޔޮވަރެވެ. އަދި އެންމެ ހެއްވާކަމަކީ، އެޕާޓީގެ އިސް ގޮނޑީގެވެރިޔާ އަންނި ދުވާހާ އަތަކަށް ޕާޓީގެ ހުރިހާ ހަރަކާތްތެރިން (އެކްޓިވިސްޓުން) ދުވެދުވެ ތިބޭނެއެވެ. ހަޅޭލަވާނެއެވެ. ފަހެ، މިއީ މިއަދުގެ ސިޔާސީ ޖައްވު އަދި އޮތްގޮތެވެ. ސިޔާސީ މަސްރަހުން ފެންނަމުންދާ ނާތަހުޒީބު މަންޒަރެވެ. އަންނިއަކީ، ހިތްވަރުހުރި ކުރިމަތިލާން ކެރޭ މީހަކަށްވާތީ، ކުރިޔަށްދަނީއެވެ. ފަހެ، ދަންނާށެވެ! ހުރިހާފަރާތަކުން ވެސް ސިޔާސީ އުދަރެސްއޮތީ ކިލަނބުކޮށެވެ. ފުސްކޮށެވެ. ސާފުވާތަނެއް އަދިއެއް ނުފެނެއެވެ. ސިޔާސިޕާޓީތައް ބަނޑުދަމާލާފައި އޮތީ މިވަށްތަރަކަ ށެވެ. މިފާޑެއްގައެވެ. ކަންނެތް ކަން މަތީގައި އަދި ނިދާފައި ތިބީއެވެ. ރައްޔިތުންނަށް އާ ވިސްނުމެއް، އާފިކުރެއް، އާޚިޔާލާތެއް، އާރާއްޖެއެއްގެ ތަސައްވުރެއް ނުދެއްކުނެވެ. ހޭރިޔާކޮށް ދިމަދިމާއަށް ދުވެނަގަނީއެވެ. ފިކުރެއް ވިސްނުމެއް ބިނާކުރުމެއް ނެތިއެވެ. ދެފިޔަވަޅު ކުރިޔަށް އެޅިއްޔާ ފަހަތަށް ތިންފިޔަވަޅު އަޅައެވެ. ކުރެވުނު އެއްވެސްކަމެއް ހަރުދަނާ ގޮތެއްގައި ފެންނާކަށް ނެތެވެ. އެނބުރި އެނބުރިފައި އައިސްހުއްޓެން ޖެހެނީ، ފެށިތަނުގައެވެ. ރައްޔިތުން ތިބީ ހަމަތިބި އަނދަވަޅު ތެރޭގައެވެ. އަނިޔާތެރޭގައެވެ. އަނދިރިކަމުގެ ތެރޭގައެވެ. ހޫނުކަމާއި އުދާސްތަކާ އެކުގައެވެ. ދާހިއްލާފައެވެ. ރުންކުރު ވެފައެވެ. ދާނެދިމާއެއް ނޭނގިފައެވެ. ވެއްޓިފައިތިބި ވަޅުގަނޑުން، އެރޭނެގޮތެއް ނުވެއެވެ. އަތުގައި ހިފާލާނެ ވިސްނުމެއް ފިކުރެއް އާލާކޮށް ދެއްކުނުބަޔަކު އަދިއެއް ނުފެނެއެވެ. ފަސާދަވެފައިވާ ސަރުކާރުންނެރޭ ވިސްނުމަށްވުރެ މޮޅު ވިސްނުމެއް ނެރެވޭތޯ އުޅޭތަނެއް ނުފެނެއެވެ. ފަހެ، މިހާރު އެފެންވަރުގެ މީހަކު ފެންނަން ނެތީކަމަށް، ބެލެވެން ފަށައިފިއެވެ. ހަރުދަނާ ވުމެއްނެތި، މޮޅެތި އާނަންތައް ތައާރަފުކޮށް، އީޖާދު ކުރެވޭތޯ ފޯރިޔާއެކު، މަސައްކަތްކުރާތަން ފެނެއެވެ. ކުއްލި ހަރަކާތަށާއި އަވަސް ހަރަކާތަށް ގޮވާލެވެއެވެ. ނުވާނެހާ ކަންތަކުގެ މުޒާހަރާއަށް ދައުވަތުދީ ގޮވާލައެވެ. ރައީސްމައުމޫނު ސަރުކާރު ވެސް ފަސާދަވުމަށް މަގުކޮށީ، ޒާތްޒާތުގެ އާނަންތައް އީޖާދުކޮށް ވާނުވާއެއް ރައްޔިތުންނަށް އޮޅުވާލައި ގެންނެވެ. ފަހެ، “ގައުމީ އެއްބައިވަންތަ ކަމުގެގުޅުން” މިއިއްތިހާދަކީ، ވަރަށްރީތި ޗާލު ނަމެކެވެ. ދުލަށް ކިޔާލަން ފަސޭހަ ހިތަށާއި ސިނކުޑިއަށް ވިސްނާލަން ވަރަށް ލުއިފަސޭހަ ލަފުޒެކެވެ. ހަރުދަނާ ކުރެވިއްޖެނަމަ، ކާމިޔާބުގެ ނަތީޖާ ނެރެދޭނެ އެއްޗެކެވެ. ހަމަގައިމުވެސް އަދިއެއް އެރީތިކަމާއި ޗާލުކަމާއި، ހަރުދަނާ ކަމެއް ނުދެއްކެއެވެ. އަދި މާތިވެރި ރީތިނަމެއްވެސް ނުދެއްކެއެވެ. ފަހެ އަދިއެއް، ރީތި އަޚްލާގަކާއި ސުލޫކެއްވެސް ނުދެއްކެ އެވެ. ފަހެ، ދަންނާށެވެ! ދުނިޔެއިން ފެނިފައިވާ، އިއްތިހާދު ތަކުން އެންމެ ފުރަތަމައިން ވެސްދެއްކީ، ހަރުދަނާ ޒަޢާމަތެކެވެ. ކުރިޔަށް ގެންދާނެގޮތް ފަރުމާކޮށް އެންމެން އެއްބަސްވާ ގޮތަކަށް ފަރުމާކޮށް، ލިޔެވިފައި ފެންނަން އޮވެއެވެ. މިސްރާބާއި އަމާޒު ސާފުކޮށް އެނގެން އޮވެއެވެ. މަސައްކަތުގެ ޗާޓެއް އޮވެއެވެ. އެޖެންޑާއެއް ހަދާފައި އޮވެއެވެ. މެނިފެސްޓޯއެއް ކުރިމަތީގައި އޮވެއެވެ. ގަބޫލުކުރެވޭ ފިކުރެއް ބިނާކުރެވިފައި ހިތްތަކުގައި އޮވެއެވެ. ފަހެ މިއީ، އަޅުގަނޑު ދުށްތަނުގައި އިއްތިހާދުތައް ދުނިޔޭގައި، ތައާރަފު ކޮށް، އުފެއްދިގޮތެވެ. ކާމިޔާބު ކުރިގޮތެވެ. އެއްގޮތަކަށް ވެސް ވެރިކަމުގެ ފަރާތުން ޒާތްޒާތުގެ ބުމަރު ބެހެއްޓިޔަކަ ނުދެއެވެ. އެޑޮލްފް ހިޓްލަރު އުފެއްދި އިއްތިހާދަށް ބައްލަވާށެވެ. އޭނަޔާދެކޮޅަށް އުފެދުނު އިއްތިހާދު އުފެދުނުގޮތަށް ބައްލަވާށެވެ. ޕާކިސްތާނުގައި އުފެދުނު އިއްތިހާދުތަކަށް ބައްލަވާށެވެ. ބަންގާޅުގައި އުފެއްދި އިއްތިހާދަށް ބައްލަވާށެވެ. އެއިން އެއްވެސް އިއްތިހާދެއް އުފެއްދިމީހުން ޒަޢާމަތު ހޯދުމަކީ، ފަހުގެ ކަމެކޭބުނެފައެއް ނެތެވެ. އެންމެ ފުރަތަމައިން ފަށައިގަތީވެސް ހަރުދަނާ ޒަޢާމަތެއްގެ ދަށުގައެވެ. ޒައީމަކު ފެންނަން ހުރެއެވެ. ދޮގުވަސްވާސްތައް ފަތުރާއި އޮޅުވާލާފައެއް ނެތެވެ. ކަންކުރެވޭވަރުގެ އިސްމީހަކު ފެންނަން ހުރެއެވެ. ނައިބުޒައީމަކު ވެސް ފެނިފައި ހުރެއެވެ. ކަނޑައެޅިފައި ހުރެއެވެ. ޒައީމަކު ހޯދާނީ، ފަހުންނޭ ކިޔައިގެން އެހެން މީހުންގެ ހިޔަނީގައި، ރައްޔިތުންނަށް ހުވަފެން ދަށްކައިގެން މިއުޅެނީ، އަމިއްލަ އެދުމެއް އޮވެގެންކަން ކަށަވަރެވެ. ދުވަސް ކޮޅެއް ފަހުން، ރިޔާސީ އިންތިޚާބު ލައިގަތުމުން އެކަންފަޅާ އަރާނެއެވެ. ނިކަން ދެކެން ތިއްބަވާށެވެ. ނުކުންނަވާނީ އަމިއްލަފުޅަށެވެ. އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އިއްތިހާދެއްވިއްޔާ ޒައީމަކާއި ނައިބުޒައީމެއް ހުރެފައި ޒަޢާމަތެއް އޮންނަންޖެހޭ ނެއެވެ. ޒަޢާމަތެއް ނުދެއްކިއްޖެނަމަ، ވެގެންދާނީ މީގެކުރިން އެމްޑީޕީން ތަޖުރިބާކުރި އެތެރޭގެ އިންތިޚާބަށް ވީގޮތަށެވެ. ހަރުދަނާ ޒަޢީމެއްނެތި، އިސްނެގޭނެ ތޯއެވެ؟ ނުނެގޭނެއެވެ. ހަމަ ރޫޅޭނީއެވެ. ކުދިކުދިވާނީ އެވެ.
ފަހެ ދަންނާށެވެ! އިއްތިހާދުގެ ފަހަށް، އަދި ގައުމަށް އެންމެބޭނުން ވެފައިވާ، އަދި ރައްޔިތުންރުހޭ ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުން އަދި ކުރިޔަށް އޮތީއެވެ. އިއްތިހާދަކީ އެކަން އިޚްލާސްތެރި ކަމާއެކު، ރައްޔިތުންނަށް، ކޮށްދިނުމަށް އިސްނަގާ ޖަމާއަތެވެ. ހަރުދަނާ ގޮތެއްގައި އިއްތިހާދުން ކާމިޔާބު ހޯދައިދޭނެ ޒައީމަކު ހުންނަން ޖެހެނީ، އެހެންވެއެވެ. ހަރުދަނާ އެއްޗަކަށްވަނީ، އެތައްއެއްޗެއް އެއްކޮށް ބަނދެލާނެ އިސްމީހަކު ހުރުމުންނެވެ. އެހެންނޫނީ އެއީ ނެތްބާރެކެވެ. ރޫޅިފައިވާ ބާރެކެވެ. ފަހެ، އެހެންވީހިނދު، އިއްތިހާދުގެ އިސްލީޑަރަކު ހުރުން މުހިންމުވާނެއެވެ. ލީޑަރަކު ފެންނަންނެތި އިއްތިހާދެއް ނުވެވޭނެ އެވެ. ފަހެ، ދަންނާށެވެ! ކާމިޔާބުވާނީ ގިނަމީހުން ރުހިލޯބިވާ ލީޑަރެއް ހުރެގެންނެވެ. ކިތަންމެ ވަރަކަށް އަރުވާޖަހައި ވަގުތީ ސަރުކާރެއް ގައިމު ކުރުމަށާއި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސްމައުމޫނައި ވާދަކޮށް އޭނާ ބަލިކުރުމަށް އެންމެން އެކައްޗެއް ކިޔާއި އެއްގަލަކަށް އަރަން މަސައްކަތް ކުރިޔަސް އެކަންވާނީ، ވަރަށް ހަރުދަނާ ވެވިގެންނެވެ. އާވިސްނުން ތަކަކާއެކު، މޮޅުވެވިގެންނެވެ. ކާމިޔާބު ވެވިގެންނެވެ. ޒައީމަކަށް ރުހިގެންނެވެ. އިއްތިހާދު ވުމުގެ ވާހަކައަކީ، ކޮންމެދިވެހި ރައްޔިތަކުވެސް އުފާކުރުން ޙައްޤުކަމެކެވެ. އެހެނަސް ދެރަވާންޖެހެނީ، ސިޔާސީގޮތުން ހަރުދަނާނުވެ ވޭތީއެވެ. އަމިއްލަ އެދުން އިސް ކުރެވޭތީއެވެ. އެހެން މީހުންގެ ހިޔަނީގައި އުޅޭތީއެވެ. ސަރުކާރު ބަލިކޮށްލެވޭހާ މޮޅެތިވިސްނުމާއި ފިކުރުބިނާކޮށް ރައްޔިތުންގެ ހިއްސުތަކަށް ހަދިޔާކުރެވޭ ވަރުގެ ޤާބިލުކަން ނެތުމުންނެވެ. ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ނަމުގައި ހުރިވަރެއް، ރައްޔިތުންނަށް ނެރެދައްކާ ލުމުގެ ފުރުސަތު އަމާންކަމާއެކު ލިބިގެންދިޔަ، އެމްޑީޕީގެ ޙަރަކާތުގައި އިސްކޮށް އަޅުގަނޑު ހުރީމެވެ. އެޕާޓީއަށް ޖާނާއިރޫޙުން ޤުރުބާން ވީމެވެ. ރެއާއި ދުވާލު މަސައްކަތް ކުރީމެވެ. ރައީސް މައުމޫނުގެ އަނިޔާވެރި ސިފައިންގެ ވަހުޝީ އަނިޔާތައް ދެއްކިއެވެ. ނަފްސައް ލިބިގަތީމެވެ. ޕާޓީގެ މުގައްދަސް އަސާސްތަކައި އެއްގޮތަށް މިރާއްޖެ ކުރިއަރުވައި އޭގެއަގުހުރި މަންފާ ރައްޔިތުންނަށް ފޯރުވައިދިނުމުގެ މާތް އަޒުމުގައެވެ. އިޚްލާސް ތެރިކަމާއެކު، ހެޔޮނިޔަތުގައި މަސައްކަތްކުރި މީހުންނާ އެކުގައި ހިތްވަރުދީ ވާގިވެރިވީމެވެ. އެހެނަސް އިސް މުއައްސިސުން ޕާޓީގެ މުގައްދަސް އަސާސްތަކަށާއި މަގްސަދުތަކަށް އިހްތިރާމް ކުރާތަނެއް ނުފެނުނެވެ. އިސްކުރީ އަމިއްލަ އެދުމެވެ. އެހެނަސް ހިތްވަރުކުރީ، ރައްޔިތުންގެ މައްޗަށް ފަސާދަވެފައިވާ މިސަރުކާރު ނިމުމަކަށް ގެނައުމުގެ ނިޔަތުގައެވެ. އެހިސާބަށް ދެވޭތޯއެވެ. އެބަދަލު ރައްޔިތުންނަށް ފޯރުކޮށް ދެވޭތޯއެވެ. ފަހެ، އެދުވަހު ދިވެހިލޮބުވެތި ރައްޔިތުން ތިބީ، އެފަދަލީޑަރެއް ނެރެ ދެއްކުނު ނަމަ، ގައުމުގެ ހުންގާނު އެމީހަކަށް ދޫކޮށްލަން ތައްޔާރަށެވެ. ސިޔާސީޕާޓީ ތަކުގެ ކުޅިވަރުން، ބައެއް ރައްޔިތުން ނަށް ފޫހިކަމެއް ލިބުނީ، އެމްޑީޕީން ހަރުދަނާ ޒަޢާމަތެއް ނުދެއްކިގެން ކަމުގައި ހުރިހާދިވެހިން ވެސް ހެކިވާނެއެވެ. އެމްޑީޕީގެ ފުރަތަމަ ރިޔާސީ އިންތިޚާބުން ނެރުނު ރައީސެއްގެ ދޯހަޅިކަމުންނާއި ނުކުޅެދޭކަމުން ނެވެ. ރާއްޖޭގެ ސިޔާސަތަށް ހޭލެވެން ވާވަރަށް ހޭލެވިފައި ނެތް، ތަޖުރިބާމަދު ރައީސަކަށް އެމްޑީޕީގެ ހުންގާނު ދޫކޮށް ލުމުންނެވެ. މިތަނުގައި ވަރަށް އިތުބާރާއެކު އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އެމްޑިޕީގެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ޑޮންޓަރ ވަހީދަށް ކާމިޔާބު ކުރެއްވުނުނަމަ މިހެނެއްނުވީހެވެ. އާދެ! އެއިންތިޚާބުގައި ހޮވުނު އިބުރާ ހޮވުމަށް އެމްޑީޕީގެ މެންބަރުންގެ އިތުރަށް ރައީސް މައުމޫނުގެ ސަރުކާރުންނާއި އެންދެރިމާގޭ އިލްޔާސާއި އައްބާސް ގެ އިތުރުން ގާސިމް އިބްރާހީމް އެތައް މަސައްކަތަކާއި އެތައް ފައިސާއެއް ޚަރަދު ކުރެއްވިއެވެ. އެއިންތިޚާބުގެ ނަތީޖާ އިއުލާނުކުރި ވަގުތު އިލްޔާސް އަޑުއަހަން އިންނަވާފައި އުފަލުން ކޮޅަށް ތެދުވަންނަވާއި އަތްތިލަބަޑި ޖެއްސެވި ޚަބަރަކީ އެދުވަސްވަރު ވަރަށް ހޫނުކޮށް ހިނގިޚަބަރެކެވެ. ކޮންމެހެނެއް ވިޔަސް ކުރާނެކަމެއް ނެތެވެ. އެކި ފާޑުފާޑުގެ މޮޅެތި ރީތި، ނަންތަކަށް ވިސްނައި އެނަންތަކާ ދިމާއަށް ރުޖޫއަވެ، އެންމެފަހުން އިއްތިހާދަކައި ދިމާއަށް ދީލާލަން މަޖުބޫރު މިވީވެސް، މިދެންނެވި ކަންތަކުންކަން ޔަޤީނެވެ. އެމްޑީޕީން ފުރަތަމަ ދެއްކުނު ޒައާމަތުގެ ނިކަމެތި ކަމުންނެވެ. އެމަގާމަށް ނުކުޅެދޭތީއެވެ. ފަހެ، ސިޔާސީޕާޓީތަކުގެ ކުޅިވަރު އެއިންތިޚާބާ ހިސާބުން ފެއިލް ވުމުންނެވެ. މިއީ ޔަޤީން ކުރެވުނު ކަމެކެވެ. ކަށަވަރެވެ.
ދެންފަހެ، ދަންނާށެވެ! ރައީސް މައުމޫނުގެ ފަސާދަވެފައިވާ ސަރުކާރުން ފަސާދަ ލިބިގަނެ، ރައްޔިތުންގެ މައްޗަށް ފަސާދަކުރި، މުފްސިދަކަށްވެހުރެގެންެ ކޮޅުކޮޅުމައްޗަށް ދުވާ ލީޑަރުންނަށް ރައްޔިތުންގެ އިތުބާރެއްނެތެވެ. ދުވަހަކުވެސް ނޯންނާނެއެވެ. އެއީ ހޯދޭނެ އިތުބާރެއް ނޫނެވެ. ރައްޔިތުން ތިބީ ހޭލައެވެ. ސަރުކާރު މެދުވެރިކޮށް އެއްކޮށްފައިހުރި ފައިސާތަކުން، ކޮޅުކޮޅު މައްޗަށް ދުވެވިދާނެއެވެ. ދަތުރު ކުރެވިދާނެއެވެ. އިއްތިހާދުގެ ނަމުގައި ޖަލްސާތައް ބޭއްވި ދާނެއެވެ. އަތޮޅުތަކު ތެރޭގައި ފައިސާބަހަމުން ބުރުޖެހި ދާނެއެވެ. ނިކަމެތިންގެ މަދު ބަޔަކަށް، އެހީ ފޯރުވި ދާނެއެވެ. ރާއްޖޭން ބޭރާއި އެތެރޭގައި ނޫސްވެރިން ނާއެކު، ޖަލްސާތައް ބޭއްވިދާނެއެވެ. އިއްތިހާދޭ ކިޔައިގެން ހަޅޭއްފަޅޭއް ލަވާއި ސީދާކޮށާއި ނުސީދާކޮށް އަމިއްލަ ފައިދާތަކެއް ނެގިދާނެއެވެ. އީޔޫއާއި އެމެރިކާގެ މުއްސަނދީންގެ ތާއީދު ހޯދިދާނެއެވެ. ސަހުޔޫނީ ޔަހޫދީންނާއެކު އެކުވެރިކަމުގެ ގުޅުން ބަދަހި ކުރެވިދާނެއެވެ. އިޒުރޭލްގެ ބޮޑެތި ވިޔަފާރިވެރިންގެ ރުހުމާއި އެހީލިބިގަނެ ވިދާނެއެވެ. އިނގިރޭސިންގެ މަސީހީ ޖަމާއަތަކުން ފައިސާއާއިއެހީ ހޯދިދާނެއެވެ. ނިއުމޯލްޑިވްސްގެ ތިންކުދިން ވެގެން، އެމްޑީޕީއާއި އަދާލަތުޕާޓީ މެދުވެރިކޮށް މިފަދަ ހަރަކާތްތައް ހިންގިޔަސް، އެފަދަމީހުންނަށް ރައްޔިތުންގެ އިތުބާރާއި ތާއީދެއްނެތެވެ. ފަހެ، ނުވެސް ލިބޭނެއެވެ. އަދި ނުވެސް ހޯދޭނެއެވެ. ފަހަރުގައި، އޮޅުވާލުންތަކުގެ ބޮޑުކަމުން ވާކާމިޔާބެއް ލިބިދާނެއެވެ. އެއީ ވަގުތީކަމެކެވެ. ފަހެ، އެފަދަ ކާމިޔާބަކީ، ދާއިމީއެއްޗަކަށް ނުވާނެއެވެ. ނުހެދޭނެއެވެ.
ފަހެ، ދަންނާށެވެ! އެމީހުންނަކީ، ރައީސްމައުމޫނު ނެރެދައްކައިގެން އުޅޭ ޖަރީކޮށް ފައިވާ “ބުމަރު” ތަކެކެވެ. އެދުރަކީ، ޑޮކްޓަރ ޝަހީދެވެ. ދެން ޑޮކްޓަރ ހަސަނެވެ. ރައީސް މައުމޫނު ބަހައްޓަވަމުން ގެންދަވާ ބުމަރު ތަކެކެވެ. އަނބުރައިދޭން އޮތީ އެމްޑީޕީއެވެ. ރައީސް މައުމޫނުގެ ބޭނުންފުޅަކީ، ރާއްޖޭގައި އުފެދިފައިވާ، އިދިކޮޅު ހަރަކާތް ބަލިކަށިކޮށް ފުނޑުފުނޑު ކޮށް، ފަނޑުކުރުމެވެ. ބައިބައިކޮށް ރޫޅާލުމެވެ. މަގްސަދަކީ، މުޅި އިދިކޮޅު ހަރަކާތް އަބަދުވެސް ފިނިކޮށް ބޭއްވުމެވެ. އައްޑޫގައި ބޭއްވުނު އިއްތިހާދުގެ ފުރަތަމަ ޖަލްސާގައި ނިއޫމޯލްޑިވްސްގެ ވިސްނުން ތެރިޔާ ޑޮކްޓަރޝަހީދު ދެއްކެވި ވާހަކަފުޅަށް އަޅުގަނޑު ވަރަށް ކަނުލައި އަޑުއެހީމެވެ. ނުވިސްނައި އެއްދިމާވެސް ދޫކޮށެއް ނުލަމެވެ. އަޅުގަނޑަށް އޭނާ ސިފަކުރެވުނީ، ކުރިންފެނިގެން ގޮސްފައިވާ “ޔާމީނުބުމަރާ” މުޅިން އެއްގޮތަށެވެ. ރައީސް މައުމޫނަށް ހަމްދަރުދީވެ، ހެޔޮއެދޭނެ މީހެއްގެ ގޮތުގައެވެ. ފަހެ، ހަގީގީއިދިކޮޅު ލީޑަރުންނަކީ، މިފަދަ އޮޅުވާލުންތަކަށް ހޭލާތިބޭ ލީޑަރުންނެވެ. ދައްކާހާ ކުޅިވަރެއްގެ ފަހަތުން ނުދުވެ ރައްޔިތުންގެ ލާބަޔަށް ވިސްނާ ހަރުދަނާ މީހުންނެވެ. ފަހެ، ވިސްނާލަންޖެހޭ ތަންކޮޅަކީ، އަމިއްލައަށް ހެދިގެންއުޅޭ އިދިކޮޅުލީޑަރުން މިފަދަ ބުމަރުތައް އެކި ސްޕީޑުގައި އަނބުރައިދޭން އުޅޭތީއެވެ. ކުޅިމަޖާ ދަށްކާތީއެވެ. މީހުންގެ ޒާތާބެހި މާޒީނަގައިގެން އަޑުގަދަކޮށް މަޖާނަގާތީއެވެ. ހޯބޯލަވާތީއެވެ. ހަޅޭއްފަޅޭއް ޖަހާތީއެވެ. ގައުމުގެ ކުރިމަގު ބިނާ ކުރުމުގެ ސިޔާސަތު ތަކާބެހޭ ވާހަކަތައް ނުދައްކާތީ އެވެ. ފަހެ، ދަންނާށެވެ! އިއްތިހާދޭ މިކިޔާ ގުރޫޕުގެ މަސައްކަތަކީ، ރައްޔިތުންގެ ލޯތްބާއި ތާއީދު އޮހިގެންދާނެ ކަމަކަށް ނުވެއެވެ. އުތުރަށާއި ދެކުނަށް ކުރިދަތުރުން މިކަންފާހަގަ ކުރެވުނެވެ. މިކަހަލަ ކަންތައް މިގޮތަށް ކުރުމުން، ރައްޔިތުން ވާނީ ފޫއްސެވެ. ކުރާނީ ނަފްރަތެވެ. ބަލާނީ އިޚްލާސްތެރި ކަމެއްނެތް، އަމިއްލަ އެދުމުގެ އަހުލުވެރިން ގޮތުގައެވެ.
ފަހެ، ދަންނާށެވެ! ރައްޔިތުންގެ ތާއީދުއޮތް ސިޔާސީޕާޓީއެއް ނަމަ، އެއްދުވަހުން އަނެއްދުވަހަށް އެޕާޓީއެއް ދާނި، ވަރުގަދަ ވެގެންނެވެ. ތާއިދު ބޮޑުވަމުންނެވެ. އެއްގޮތަކަށް ވެސް ވަނދުވެފައި ނޯންނާނެއެވެ. އަބަދުވެސް ދާނީ ކުރިޔަށެވެ. އެބައެއްގެ ބަސް ގަބޫލުކުރާ ވަރަށްގިނަ ރައްޔިތުންތަކެއް އެބައެއްގެ ވަށައިގެން އަބަދުވެސް ތިބޭނެއެވެ. ފޯރިހުންނާނެއެވެ. ފިދާވާން ތިބޭނީ ތައްޔާރަށެވެ. ފަހެ، ދަންނާށެވެ! ރައްޔިތުން ބަލައިގަނެ ތަބާވާނެއެއްޗެއް ނުދެއްކޭހާ ހިނދަކު، ކުރެވޭހައި މަސައްކަތަކީ، ރައިސް މައުމޫނަށް ބުމަރުއަނބުރައި ދިނުމެވެ. އޭނާއަށް ޗަރުކޭސް ކުޅެދިނުމެވެ. ބައިނަލްއަގްވާމީ މުޖްތަމައުގައި އޭނާވަރުގަދަކޮށް ދިނުމެވެ. ސިޔާސީޕާޓީތައް ފެއިލްވުމުގެ އެންމެވަރުގަދަ ދަލީލަކީ، “އިއްތިހާދެއް” އުފެއްދޭތޯ އިސްނަގަން މަޖްބޫރުވުމެވެ. ހުރިހާކަމަކުން ފެއިލްވުމުން ދެން އިއްތިހާދެއް ހެދުމަށް އިސްނެންގެވީއެވެ. އެހެނަސް ހަރުދަނާ ކަމެއް ނެތެވެ. ކުރިމަގެއް ނުދެއްކެ އެވެ. ހަމަގައިމުވެސް އަދިއެއް ހަރުދަނާކަމެއް ނުފެނެއެވެ. ހަރުދަނާވަމުންދާ ތަނެއްވެސް ނުފެނެއެވެ. ގައުމެއް ބިނާކުރެވޭހާ ފެންވަރެއް ނުދެއްކެއެވެ. އާނަންނަމުގައި އާކަންތައް ކުރާތަން ފެނެއެވެ. ދާއިމީކަމެއް ކުރާތަނެއް ނުފެނެއެވެ.
ފަހެ، ދަންނާށެވެ! ރައްޔިތުންގެ ބޮޑުތާއީދެއް ނެތި، ކޮންމެނަމެއް ކިޔައިގެން އުޅުނަސް ހަރުދަނާވެ، ކާމިޔާބެއްނުހޯދޭނެ އެވެ. ބޮޑެތި ބުމަރުތަކާއި ކުދި ބުމަރުތައްވަނީ، ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައެވެ. އާދެ! އަނބުރާ ރައްޔިތުންގެ ރުހުން ނުހޯދޭ ވަރަށެވެ. “އިލްޔާސް ބުމަރާއި ގާސިމްބުމަރު” ވަނީ، ފެއިލްވެފަ އެވެ. “ޔާމީނުބުމަރު” ވަނީ، ފެއިލްވެފައެވެ. ނިއުމޯލްޑިވްސްގެ ބުމަރުތައް ވެސް ވަނީ، ފެއިލްވެފަ އެވެ. މާކުރިން އިބްރާހީމް ހުސައިން ޒަކީ އާއި ޑޮކްޓަރ މުނައްވަރުވަނީ ފެއިލްވެފައެވެ. އަދިއަދާ ހަމައަށް ފެންނަން މިހުރި، ސިޔާސީޕާޓީތައް މިހާތަނަށް ވަނީ، ރައްޔިތުންގެ ކުރިމަތީގައި ހަރުދަނާ ވިސްނުމެއް، ފިކުރެއް ނުދެއްކިގެން ގޮތަކަށް ފެއިލްވެފައެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއި ރުހުން ނުހޯދިފަ އެވެ. ފަހެ، އެތެރޭގައިނެތް އެއްޗެއް ކިތަންމެވަރަކަށް އޮބިއަޅާއި ފެލިޔަސް ނުކުންނާނެ ތޯއެވެ. ފަހެ، ނުނިކުންނާނެއެވެ. އުދަގުލުން ހޯދާ މަދު ކާމިޔާބު ކޮޅުވެސް ބަދަލުވަމުން ދަނީ، އެތެރޭގެ ފިތުނައަށާއި، އެތެރޭގެ ހޫނު، އަދި ފިނި ހަނގުރާމަ އަށެވެ. ނަތީޖާއަކަށް ވަނީ، އެތެރޭގެ ބައިބައިވުން ތަކަށް ބެހިގެން ދިއުމެވެ. ޑޮކްޓަރ ހަސަން ސައީދާއި ޑޮކްޓަރ އަހްމަދުޝަހީދު ދެފަރާތައް ލައިގެން، މެދުގައި އެމްޑީޕީގެ އިސް ގޮޑީގެވެރިޔާ “އަންނި” އިންނަވާ މަންޒަރު ދެއްކުމުން އެއީ ހަރުދަނާވުމެއް ނޫނެވެ. އެކަން ވަނީހެއްވާ ކަމަކަށެވެ. ފަހަތަށް އެނބުރުމަކަ ށެވެ. އެއީ، މައުމޫނުދެއްކި ކަހަލަ ހުވަފެނެކެވެ. ހޯރަފުށީ ސަލީމާއި ކުވާޝާފިއު ދެފަރާތަށް ލައިގެން، ރައީސްމައުމޫނު އިނެވުންކަހަލަ ކަމެކެވެ. ފަހެ އެފަދަ ހުވަފެންތައް އާލާކޮށް، ދިރުވަން ނޫޅުއްވާށެވެ. އެހުރީ ހުސްހުވަފެނެވެ. ގެއްލިއްޖެ ރުހުމެއް އަނބުރާ ނުހޯދޭނެއެވެ. ގެއްލިއްޖެ އަބުރަކީ، އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންނަށް ކުރާއަނިޔާއަކީ، މާފުދެވޭނެ ކަމެއްނޫނެވެ.
ޝައްކެތްނެތެވެ. ފަހެ، މިފެންނަ ކުޅިވަރަކީ، އަނެއްކާވެސް ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މިއީ، އެއްގޮތަކަށް ވެސް ހަރުދަނާވުމެއް ނޫނެވެ. ފަހެ، ރަނގަޅަށް ވިސްނަވާށެވެ! ޑޮކްޓަރ މުނައްވަރާއި އަލްފާޟިލް އިބްރާހީމް ހުސައިންޒަކީ ވެސް ގޮތްގޮތަށް އެބުރުނުތަން ފެނުނެއް ނޫންތޯއެވެ. ސަރުކާރުގެ އެހީގައި މުދާވެރިވި އެވެ. ފަހެ އެމީހުންނާއި މިމީހުންނަކީ، ފަސާދަވެފައިވާ ރެޖީމެއްގެ ވަށައިގެން ފިޔަޖަހާއި ނަށަމުން ދިޔަ، އެހެންއެއްޗެއް ފެނިފައިނެތް ގޮތްކުޑަ ލަދުހަޔާތެއް ނެތް ކޮކާތަކެކެވެ. ޕަރުވާނާތަކެ ކެވެ. އެއްބަޔަކީ، އެއްލާލީމާ ފިޔަޖަހައިގަތް ބައެކެވެ. އަނެއްބަޔަކީ ދެންހަމަ އެއްލައިލަ ފާނެހެން ހީވީމާ، އަލުންފިޔަޖަހާލައި ވަށައިގެން ނަށާލާނެ އައްޔެއްފެނޭތޯ، އިސްނެގި މީހުންނެވެ. މިގްރޫޕަކީ، އެއްބާގައެއްގެ، އެއްވަންހައެއްގެ އެއްސިފަތަކެއްގެ އަހުލުވެރި ބައެކެވެ. ރައްޔިތުންނަށް އިންތިހާއަށް ދަރަޖައަށް އަނިޔާދީފައިވާ މީހުންކަން ކަށަވަރެވެ. ސީދާ އަނިޔާވެރިންނެވެ. ފަހެ، ދަންނާށެވެ! ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. އެއްގޮތަކަށް ވެސް އެހަދާންތައް ފޮހެވިގެނެއް ނުދާނެއެވެ. ދަރިފަސްކޮޅަށް ދެމިދެމި، ތާޒާ ވަމުން ދާނެއެވެ. އާލާވަމުން އަންނާނެއެވެ. އަލިކަމަށް ނަށާ ޕަރުވާނާ އަށްވާހެން، ފިޔަގަނޑު ފެނުގައިޖެހި އުއްޑުން އޮވެ، މަރުވަންދެން އައްޔެއް ފެނިއްޖެނަމަ، ވަށައިގެން އެނބުރޭނެއެވެ. އުދުހޭނެއެވެ. ފިޔަގަނޑު ޖަހާނެއެވެ. ނަށާނެއެވެ. އާދޭސް ކުރާނެއެވެ. ލިބިފައިހުރި ތަޖުރިބާއިން، ޑިޕްލޮމެސީ ދަށްކާނެއެވެ. ސިޔާސީވެގެން އުޅޭނެއެވެ. އެންމެފަހުން، ފެނައި ތައްތެޅި ފިޔަގަނޑު ދިޔައިމާވެސް ހޯނެއްއައިސް ކާލަންދެން، ނުވަތަ މަރުވަންދެން، ހިނގާބިނގާވެ ދުވެހެދޭތޯ އުޅޭނެއެވެ. ފަހަތުން ދުވާނެއެވެ. ދަންނާށެވެ! ޕަރުވާނާތައް އައްޔަށް ފަރިވާފަރިވުމަކީ، އަމިއްލައެދުމާއި ހަލާކަށް ދުވާދުވުމެކެވެ. ފަހެ ﷲ، އަޅަމެންނަށް ޢިބުރަތް ދެއްވާށި އެވެ.
ދެންފަހެ، ދަންނާށެވެ! ހަރުދަނާކަމެއްނެތި މޮޅުވެ، ކާމިޔާބުވުމަކީ، ވަރަށް ނާދިރު ކަމެކެވެ. އެފަދަ “ބުމަރު” ތަކަށް، ރައްޔިތުންގެ އިހުސާސްތަކައި ކުޅެނުލެވިގެން އެއުޅެނީ އެހެންވެއެވެ. ރައީސްމައުމޫނާއެކު ގައުމު ހަލާކުކޮށް، ރައްޔިތުން ފަސާދަ ކުރުމުގައި ބައިވެރި ވެފައި ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ގަބޫލުކުރުމަކީ، ހިތުގެއަޑިން އިޚްލާސްތެރި ކަމާއެކު، ހެޔޮނިޔަތެއްގައި އެޕާޓީއެއްގެ ސިޔާސީފިކުރު އެޕާޓީއަކުން ރައްޔިތުންނަށް ހަދިޔާކޮށް ރައްޔިތުންގެ ލޯތްބާއި ރުހުން ހޯއްދަވައިގެން ކުރިޔަށް ދެވޭތޯ ހިންމަތާއެކު ބެލުމެވެ. މަސައްކަތް ކުރުމެވެ. އެކިފާޑުފާޑުގެ އާނަންތައްކިޔައި ހަޅޭއް ފަޅޭއްލަވާ ހެދިދާނެ އެވެ. މީހުންގެ މާޒީ ނަގައިގެން ހަޑިހުތުރު އެއްޗެހި ގޮވިދާނެއެވެ. އާވައްތަރު ވައްތަރަށް އިސްނެގުންތައް ނެގިދާނެއެވެ. ދެއްކިދާނެއެވެ. އިއްތިހާދެކޭ ގޮވިދާނެއެވެ. ވަގުތީ ސަރުކާރެކޭ ގޮވާހެދިދާނެ އެވެ. އިންތިގާލީ ސަރުކާރެކޭ ގޮވިދާނެއެވެ. ގައުމީއެއްބައި ވަންތަކަމުގެ ސަރުކާރޭ ވެސް ގޮވާނެގިދާނެއެވެ. ފަހެ، މިގޮތަށް ހަޅޭލަވައި އިސްނެގުމުން ވާނެ ކަމެއް އެބައޮތްތޯއެވެ؟ ކަށަވަރެވެ. ނޯންނާނެއެވެ. މީގެކުރިންވެސް ސިޔާސީ ބައްދަލުވުން ތަކުގައި ވެރިންގެ މާޒީ ނިއުޅުވައި ގެން، ކިޔުނުއެއްޗެތި މަދެއްނޫނެވެ. ވީކަމެއް އޮތްތޯއެވެ؟ ފަހެ، ކުރަންވީކަމަކީ، ބުއްދީގެ ހަމަތަކުން ހަރުދަނާވާން ދަސްކުރަންވީ އެވެ. ޠާހިރުމީހުން ޠާހިރުކަންތައް ކުރުމަށް އުޅެންވީއެވެ. ކެރިގެން ނުކުންނަންވީ އެވެ. ފާސިދުމީހުން ފަސާދައަށް ދޫކޮށްލަން ވީއެވެ. ބައިވެރި ނުކުރަންވީއެވެ. އެއްގޮތަކަށް ވެސް ތާހިރުކަމާ، ފަސާދައެއް ނުގުޅޭނެ އެވެ. މިދޭއްޗަކީ، އެކެތި އަނެކެއްޗާ، ނުގުޅުވޭނެ ދޭތިކަން ކަށަވަރެވެ.
ފަހެ، ދަންނާށެވެ! ހަރުދަނާކަމެއް ނެތި، މޮޅެއްނުވެވޭނެކަން ކަށަވަރެވެ. ކާމިޔާބެއް ނުވެވޭނެކަން ކަށަވަރެވެ. މިވަރުން އެކަން ގަބޫލުކުރައްވަން ވާނެއެވެ. ފަހެ، ދަންނާށެވެ! އެހެންމީހެއްގެ ހަންގަޑެއް ހޯދައިގެން އެއިން ޒީނަތްތެރިވެ، އިސްނަގައި ދެއްކުމުގެ ބަދަލުގައި، އަމިއްލަހަރުދަނާ ގޮތްތައް ރައްޔިތުން ނަށް، ހަދިޔާކޮށްދެވޭތޯ ބައްލަވާށެވެ. އެހެންނޫނީ ތިޔަ ނެރުއްވި، “އިއްތިހާދު” ވެސް އުވި، ކުރީގައި އެމްޑީޕީން ދެއްކިޖޯޝާއި ފޯރި، އުވިދިޔަހެން ފުނޑުފުނޑުވުން އިއާދަ ވެދާނެއެވެ. ރައީސް މައުމޫނަށް ހަރުދަނާ، ޢަމަލުންނާއި މޮޅު ވިސްނުމާއި ފިކުރުން ނޫނެކޭ ބުނާށެވެ. ސިކުނޑިއާއި ހިތުން ނޫނެކޭ ބުނާށެވެ. ނިޔަތާއި އަމަލުން ނޫނެކޭ ބުނާށެވެ. އަދި ކުރިޔަށްއޮތް ސިއްރުވޯޓުގައި ވެސް ނޫނެކޭ ބުނާށެވެ. އަދި އެހެންމީހުންގެ ފޭރާމުން ޒީނަތްތެރި ވެގެންއުޅޭ ސިޔާސީލީޑަރުން ނަށްވެސް ނޫނެކޭ ބުނާށެވެ. އަޅުގަނޑު އެދެނީ، “އިއްތިހާދު” ނުރޫޅި، ހަރުދަނާ ވުމަށެވެ. “ގައުމީ އެއްބައި ވަންތަ ކަމުގެ ގުޅުން” އާދެ! ނޫސްވެރިންގެ “އިއްތިހާދު” އޭގެ އެންމެ މުހިންމު ވަގުތުގައި ބަދަހިވެ، ކާމިޔާބު ވުމަށެވެ. ﷲގެ އިރާދަފުޅުން އެކަން އެހެންވާނެއެވެ. އަޅުގަނޑުގެ ދުއާއަކީ މިއެވެ. އޭ! ﷲ އެވެ! ރަނގަޅަށް ރަނގަޅޭ ބުނެ، ނުބަޔަށް ނުބަޔޭބުނުމުގެ ހިތްވަރު އަޅުގަނޑުމެން ދިވެހީންނަށް ދެއްވާށިއެވެ! ސިޔާސީ މީހުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އާފެށުމަކުން ފަށައި އެމްޑީޕީގެ ހަގީގީ ބަތޮލުންނަށް ނަސްރާއި ކާމިޔާބު ދެއްވާށިއެވެ! އާމީން!


Comments