top of page

އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލާއި ސިޔާސީ ޕާޓީތަކާއިބެހޭބިލް ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރު ކޮށްލައިފި.

  • Writer: ilyashusein
    ilyashusein
  • Oct 15, 2009
  • 6 min read

=އިލްޔާސް ޙުސައިން އިބްރާހިމް، ލިޔުނީ: 2006މ.ގައި=

22 ޖޫން2006މ، ވީ ބުރާސްފަތިދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ، ތާރީޚީ  ކަމެކެވެ. ތާރީޚީ ހާދިސާއެއް ހިނގާދިޔަ ޖަލްސާއެކެވެ. ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ މެންބަރުން އަމިއްލައަށް ލިޔެ ތައްޔާރުކޮށް ފާސްކުރި މަޖިލީހުގެ ގަވާޢިދުގެ ދަށުން، ހުށަހެޅޭ ބިލްތައް ބަހުސްކުރުމަށް ފަހު، ޖެހެނީ، މަޖިލީހުން ބަލައިގަންނާނެ ބިލެއްތޯ ބެލުމަށް ވޯޓަށް އަހާށެވެ. މިބަހުސްގައި ބަހުސް ކުރުމަށް، ފުރަތަމަ ބުރުގައި ފަނަރަ މިނިޓް ދެއްވައެވެ. ދެވަނަ ފަހަރަށް ވާހަކަ ދެއްކެވުމަށް ފަސްމިނިޓް ދެއްވައެވެ. ތިންވަނަ ޗާންސެއް ނޯވެއެވެ. މިގޮތުގެ މަތިން މާލޭގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް އިސްމާޢީލް ހުށަހެޅުއްވި އެއްވެ އުޅުމުގެ ބިލަށް މިޖަލްސާގައި ވޯޓަށް އެއްސެވުމުން މަޖިލީހަށް ބަލައި ގަތުމަށް، ފާހެއް ނުވިއެވެ. ހާޒިރުވެ ތިއްބެވި 36 ބޭފުޅުންގެ ތެރެއިން މިބިލް ބަލައިގަނެ މަޖިލީހުން ކުރިއަށް ގެންދިއުމަކީ، ފެންނަކަމެއް ކަމަށް ވޯޓު ދެއްވީ، އެންމެ ބާރަ މެންބަރުންނެވެ. ނުފެންނަކަމަށް ނުވަ ބޭފުޅުންނެވެ. ވަކިފަރާތަކަށް ވޯޓު ނުދެއްވާ އެގާރަ ބޭފުޅުންނެވެ. އަދި ޙާޒިރުވެ ތިއްބަވާ ވޯޓު ދެއްވުމަށް ސިސްޓަމުގެ ބޭނުން ނުހިއްޕަވާ ހަތަރު ބޭފުޅަކު ތިއްބެވިއެވެ. މަޖިލީހުގެ ރިޔާސަތުން މިނަތީޖާ އިއުލާން ކުރެއްވުމާއެކު، އެންމެ ގިނަ ރައްޔިތުން ހިމެނޭ ދާއިރާއިން މަޖިލީހުގައި އިންތިހާބުވެ ވަޑައިގެން ހުންނެވި މާލޭގެ މެންބަރު، ގާނޫނުއަސާސީގެ ސައްބީސްވަނަ މާއްދާގެ ދަށުން، ވަރަށް، މާތް މަގުޞަދެއްގައި ހުށަހެޅުއްވި ބިލު އެއްވެސް އިޙުތިރާމު ކުރުމެއް ނެތި، މަޖިލީހުން ބޭރުކޮށް ލެވުނީއެވެ. ޙަޤީގަތުގައި މިލިބުނު ފުރުޞަތަކީ، އިޙުތިރާމް ކުރަންޖެހޭ ރަނުގެ ފުރުޞަތެއްކަމުގައި ދުށީ، ވަރަށް މަދު މެންބަރުންނެވެ.

ޤާނޫނުއަސާސީ 17 އަހަރުވަންދެން އިސްލާޙު ކުރުމަށް މަސައްކަތް ކޮށް، އަދި އެންމެ ދެވޯޓު މަދުވެގެން އިއްތިފާގުވުން ނުލިބި އަޣުލަބިއްޔަތުން ފާސްވުމަށް ފަހު، އަދި އަދާ ޖެހެންދެންވެސް ކުރަންޖެހޭ، އެހެނަސް ކުރީގެ ބަންޑާރަ ނައިބު ޑރ.މުނައްވަރު، ރައީސް މައުމޫނަށް އެރުއްވި މޮޅު ލަފައެއްގެ މަތިން ނުކޮށް ދޫކޮށްލާފައިވާ މަސައްކަތެއްގެ ބައެއް، އަމިއްލައަށް އިސްނަންގަވައިގެން މެންބަރަކު ފުރިހަމަކޮށް، އަސާސީއިން އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަންދޭ، 26 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގާނޫނުލިޔެ، އަދި އެބިލް، ފުރިހަމަ ކުރުމުގެ ގޮތުން ގެންނަން ފެންނަ ހުރިހާ ބަދަލެއް، ކޮމިޓީއަކަށް ގެންގޮސްގެން ގެނެސް، އޭގެ ޒާތުގައި، އެންމެ ފުރިހަމަކޮށް ފާސްކުރުމަށް ލިބުނު ރަނުގެ ފުރުޞަތުގައި ކޮޅުފައިންޖަހާ މަޖިލީހުން އަވަސް އަވަހަށް ބޭރު ކޮށްލީ މަޖިލީހުގައި ތިއްބެވި ޑީއާރުޕީ އަށް ނިސްބަތްވާ ބޭފުޅުންގެ ރޭވުމެއްގެ ދަށުންނެވެ. ރައީސް މައުމޫނުގެ އޯޑަރަށް، މ. އަތޮޅުގެ މެންބަރު އަނީސާ އިސްކޮށް ހުންނަވައިގެން ކުރެއްވި މަސައްކަތް ތަކުންނެވެ. މިކަން ކޮށް ނިންމާލީ ވަރަށް ކުޅަދާނަކަމާ އެކު، އެޕާޓީން މަޖިލީހުގައި އިސްކޮށްފައި ހުންނަވާ ހަންމުށީގެ (މ.މެންބަރު އަނީސާ) ފަރި އަވަސް ޙަރަކާތް ތަކެއް ދަށްކާލުމާ އެކުއެވެ. މި މަސައްކަތް ކުރެއްވީ، ދެން ޖެހިގެން އެޖެންޑާ ކުރެވިފައި އޮތް ސިޔާސީ ޕާޓީ ތަކާއިބެހޭ ބިލަށް ވިސްނާލެއްވުމެއް، ފިކުރެއް ޚިޔާލެއް ނެތިއެވެ. ޑީއާރުޕީގެ ފަރާތުން ހުންނެވި ހަންމުށީގެ ނާގާބިލުކަން ހާމަ ވެގެން ދިޔައީ، ސިޔާސީ ޕާޓީ ތަކާ ބެހޭގޮތުން ސަރުކާރުން ހުށަހެޅުއްވި، މި އޮތްފަދަ މުހިންމު ބިލްވެސް، އެއްވެ އުޅުމުގެ ބިލް، މަޖިލީހުން ބޭރު ކޮށްލެވުނުހެން، ބޭރުކުރެވިގެން ދިޔަ މަންޒަރު ފެނުމުންނެވެ. ހިތާމަކޮށް ދެރަވާން ޖެހެނީ، ދެފަރާތް ގުޅިގެން ސިޔާސީޕާޓީ ތަކާބެހޭ ބިލަށް ބަހުސްކޮށް، ކޮމެޓީއަށް ފޮނުވައިގެން އިސްލާހުތަކެއް ނުގެނެވި، އެ ފުރުސަތު ގެއްލިގެން ދިޔައިތީއެވެ. އެއްވެ އުޅުމުގެ ބިލަށް ވޯޓު ދެއްވައި އެބިލާބެހޭ ބަހުސަށް ޑީއާރުޕީ ބޭފުޅުން ތަންދެއްވި ނަމަ، ޕާޓީތަކާބެހޭ ބިލް ބަލައި ގަނެ ބަހުސް ކޮށް، އިސްލާހު ގެނައުމަށް، އިދިކޮޅު ބޭފުޅުން ވޯޓު ދެއްވީހެވެ. އެޖެންޑާ ކުރެވިފައިވާ ގޮތުން، މަޖިލީހުން ބަލައިގަންނަ ބިލެއްތޯ ބެލުމަށް، ދެން ވޯޓަށް އެއްސެވީ މިބިލަށެވެ. އެހެނަސް ކުރީ ބިލުހެން މިބިލުވެސް ފާހެއް ނުވިއެވެ. ރައްޔިނުންނަށް ވަރަށް މުހިންމު ދެބިލެއް ފެއިލްވެގެން ދިޔައީ މިގޮތަށެވެ. ހިތާމަހުއްޓެވެ.

އާދެ! ހާޒިރުވެ ތިއްބެވި 27 ބޭފުޅުންގެ ތެރެއިން މިބިލް ބަލައިގަނެ މަޖިލީހުން ކުރިއަށް ގެންދިއުމަކީ، ފެންނަކަމެއް ކަމަށް ވޯޓު ދެއްވީ އެންމެ 16 މެންބަރުންނެވެ. ނުފެންނަ ކަމަށް ދެބޭފުޅުންނެވެ. ވަކިފަރާތަކަށް ވޯޓު ނުދެއްވާ ނުވަ ބޭފުޅުންނެވެ. ހާޒިރުވެ ތިއްބެވި 27 ބޭފުޅުން ވެސް ވޯޓުލެއްވުމަށް “ސިސްޓަމް” ބޭނުން ކުރެއްވިއެވެ. މަޖިލީހުގެ ރިޔާސަތުން މިނަތީޖާ އިއުލާނު ކުރެއްވުމާއެކު، ސަރުކާރުން ފޮނުއްވި މިބިލުވެސް އެއްވެސް އިޙުތިރާމެއް ނެތި، ހުތުރު ގޮތަކަށް މަޖިލީހުން ބޭރުކޮށްލެވުނީއެވެ. މި ބިލަކީ، ސަރުކާރުން ގެނައި އެއްޗަކަށް ވާތީ، ތަޅުމުން ބޭރު ކުރުމުގައި އިސްކޮށް ތިއްބެވީ، ސަރުކާރާ، އިދިކޮޅު ބޭފުޅުން ނެވެ. ކުރިން ހުށަހެޅުނު ބިލް ބޭރުކުރުމުގައި އިސްކޮށް ތިއްބެވީ ޑީއާރުޕީގެ ބޭފުޅުން ނެވެ. މި ބިލް ފެއިލް ކޮށްލެއްވުމަށް ފަހު، ޑީއާރުޕީގެ ގިނަ ބޭފުޅުން ވަނީ، ތަޅުން ދޫކުރައްވައި ޖަލްސާއިން ނުކުމެ ވަޑައިގެން ފައެވެ. ފަހެ، މިކޯޅުމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުން ވެފައިވާ ވަރަށް މުހިންމު ދެބިލެއް މަޖިލީހުގެ ތަޅުމުން ބޭރުވެގެން ދިޔައީއެވެ. ވަރަށް ހިތާމަވެރި ގޮތަކަށެވެ. މިކަމުން ހަގީގީ ފައިދާ ކުރާނީ، ވެރިކަމުގައި ބަގުޑި ބައްދަވައި ގެން ހުންނެވި ރައީސް މައުމޫނަށެވެ. އިތުރު ކަމެއް ނުކޮށް، ވެރިކަމުގެ ދުވަސް އިތުރު ކުރެވޭތީއެވެ. އަދި، ހަމަ އެހެންމެ، ސިޔާސީޕާޓީ ތަކާބެހޭ ބިލް ތަޅުމުން ބޭރުވުމަކީ، ހަގީގަތުގައި ވެސް ޑީއާރުޕީގެ ހަންމުށްޓަށާއި އެޕާޓީއަށާއި ރައީސް މައުމޫނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ. އަދި ސަރުކާރާ ކުރިމަތިވި ބޮޑު ބަދުނާމެކެވެ. އެއީ ސަރުކާރުގެ ބިލެއް ފެއިލްވީތީ އެވެ. ދިވެހި ތާރީޚުގައި ވެސް، މިއީ މިކަހަލަ ސިޔާސީ ވާދަވެރި ދުވަސްވަރެއްގައި ސަރުކާރުން ބާރާއެކު، ވަރުގަދަ މަސައްކަތް ތަކެއް ކުރަމުން ދަނިކޮށް މަޖިލީހުން އިޙުތިރާމެއް ނެތި އިހާނެތިކޮށް ސަރުކާރުގެ ބިލެއް ބޭރުކޮށްލެވުނު ފުރަތަމަ ފަހަރެވެ. މިކަން މިގޮތަށް ދިމާވީ، ޖަލްސާގެ ކޯރަމް އެމީހުންނަށް ނަގާނުލެވުމުން ނެވެ. ފަހެ، މިޢަމަލުން ދޭހަވާ އެންމެ މަތިވެރި ފިލާވަޅާކީ، ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަށް، މަޖިލީހުގައި މެޖޯރިޓީ އޮތަސް، ހުރިހާ ކަންތަކެއް ބޭނުންފުޅުވާހާ ގޮތަކަށް ނިންމާނުލެ ވެނީ، އަޅަމެންނަށް ބާރު ދެއްވާ، އަދި އެބާރު އުނިކުރައްވާ، ބޮޑު ރަސްކަލާނގެ ކަށަކުޅަދުން ވަންތަކަމާއި ތަގުދީރުގެ ވަރުގަދަ ކަމުންނެވެ. އެންމެހާ މީސްތަކުންގެ ހިތްތައް ފުރޮޅުއްވާ ސާބިތުކަން ދެއްވަނީ ﷲ ކަން، މިކަމުން ކަށަވަރު ކޮށްދީ، ވަރަށް ރީތިކޮށް ދައްކުވައި ދީފިއެވެ. އަޅުގަނޑުމެން ނަށް އޮތީ، ވިސްނާ ފިކުރު ހިންގުމެވެ. މިވޯޓު ނެގުނު އިރު ޑީއާރުޕީ އަށް ނިސްބަތްވާ ބޮޑެތި ބޮޑެތި “ޑައިނަސޯ” އިންނާ ރައީސް މައުމޫނު އިތުބާރުކުރައްވާ އެތަކެއް “ވޮށިމަސް މިޔަރު” ޖަލްސާގައި ހާޒިރުވެ ވަރަށް އަސަރާއެކު، ތިއްބެވިއެވެ. ކުރެވޭނެ ކަމެއް ނެތިފައެވެ.

އާދެ! އެދުވަހުގެ ޖަލްސާ، ވީއައިޕީ ރޫމުގައި އިނދެ، މަތިން ބަލަމުން ދިޔައިރު އަޅުގަނޑަށް، ފެނިގެން ދިޔަ މަންޒަރަކީ، ޑީއާރުޕީގެ ހަންމުށީގެ އޯޑަރަށް މަޖިލީހުގެ އެންމެ ކުރީސަފުގެ އިސް ގޮނޑީގައި އިންނަވާ، ރައީސުލް ޖުމުހޫރިއްޔާގެ މެންބަރު އޮނަރަބްލް އަބްދުއްރަޝީދު ހުސައިން މަޖިލީހުގެ ތަޅުންގަނޑު ދޫކުރައްވައި އެތައްފަހަރަކު ބޭރަށް ނުކުންނަވާ ހެއްދެވުމަށް ފަހު، ވޯޓަށް އައްސަވަން ވަރަށް ކުޑަވަގުތު ކޮޅަކަށްވެފައި ވަނިކޮށް، ވަންނަވައި، ހަންމުށީގެ ލަފާގެ މަތިން ސިސްޓަމުގައި ޖަހާފައި އިން ކާޑު އުފުރާލައްވާފައި ވަރަށް އަވަސް އަވަހަށް ބޭރަށް ނުކުންނެވި ތަނެވެ. ބޭނުންފުޅުވީ ވޯޓަށް އެއްސެވުމުގެ ކުރިން ނުކުންނަވައި ކޯރަމް ނަގާލެއްވު މަށެވެ. މި އަމަލުފުޅަކީ، މަޖިލިސް އެހިސާބުން ހުއްޓާލެއްވުމަށް، ކުރެއްވި ބޭކާރު މަސައްކަތް ތަކުގެ ތެރެއިން ތަންކޮޅެކެވެ. މިޖަލްސާގައި މިބިލަށް ވޯޓަށް އެއްސެވިޔަ ނުދިނުމުގެ ބޭނުމުގައި މަޖިލީހުގެ ކޯރަމް ހުލި ކޮށްލުމަށް، ހަންމުށި ބޭރުގައި ހުންނަވައިގެން ގިނަ ގުނަ މަސައްކަތް ތަކެއް ރާވައި ހިންގެވިއެވެ. އެހެނަސް މަޖިލީހުގައި ކޯރަމް ގެއްލޭ ވަރަށް ވުރެ އިތުރަށް، އެއްމެންބަރަކު އިންނެވިއެވެ. ޑީއާރުޕީގެ އޯޑަރަށް އެއްބޭފުޅަކަށް، ތަބާނުވެވިގެން ޖަލްސާ ރިޔާސްތުން ކުރިޔަށް ގެންދެވީއެވެ. މިހާ ހިސާބުން، އަނީސާއާއި އަބުސީގެ އެ ނުލަފާރޭވުން ގަނޑު، ނާކާމިޔާބު ވެއްޖެއެވެ. މި ފެނިގެންދިޔަ ނާކާމިޔާބު އޮޕަރޭޝަނުން، ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަރަ، ބިނދިފައި ވާކަން މިވަނީ، ސާބިތުވެ އަތުން ހިފިފައެވެ. އަދި މިވަގުތު ހުންނެވި ހަންމުށްޓަކީ، އެކަމަށް ގާބިލު ނޫން ބޭފުޅެއްކަން ހެއްކާ އެކު ސާބިތުވީ އެވެ. އެޕާޓީގެ ޒައީމު މިކަމާ ވިސްނަވައި އަވަސް ފިޔަވަޅެއް އަޅުއްވާނެ ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. އަނީސާ އަކީ، ރައްޔިތުންގެ މެންބަރަކަށް ވާތީ، މިހޫނުގަނޑު ބާލުއްވާލައްވާނީ، އޭނާގެ މެމްބަރު އަބުސީއަށް ކަމުގައި ބެލެވެއެވެ. ޑިއާރުޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގްރޫޕުގެ ރައީސްކަން، މިނިސްޓަރ ޔާމީން އަބްދުލް ގައްޔޫމަށް، ނުދެއްވާ މިހާރުގެ ހަންމުށްޓަށް ޕާލަމެންޓަރީ ގްރޫޕްގެ ރައީސްކަން ހަވާލުކުރުމުން، އެގްރޫޕުގައި އެޅިގެންދިޔަ ވަރުގަދަ ރެނދު، ހަމަ ލޮލަށް މިހާރު ފާޅުގައި މިހިރަ ފެންނަން ފެށީއެވެ. މިކަހަލަ މަންޒަރު ތަކުން ޔާމީނު، އަމިއްލަފުޅަށް، ހިނިފުޅު ވޮޑުވާނެކަން ކަށަވަރެވެ. މިފަދަ ހަލަބޮލި މަސްރަޙެއްގައި ސިޔާސީ ކަންތައްތައް އަމިއްލަ ފައިދާއަށްޓަކާ، ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަރުތަ ލިބިގަތުމެއް، އަތުނުވާނެކަން މިހާރު މިދަނީ ވަރަށް ފާޅުގައި ފެންނަމުންނެވެ. ސިޔާސީ ބޭފުޅުންގެ މިފަދަ ދިރާސާތައް ރާއްޖެއިން، ފެންނަލެއް މަދުކަމީ، ދިވެހި މީޑިއާގެ އަނަރޫފަކަން ބޮޑުކަމެވެ. މާޒީނަގައިގެން ދިމާކުރުމާއި ބަވާ، އުސޫލު އެއްފަރާތް ކޮށް، ދޫކޮށްލައި، ސިޔާސީ މަސްރަހުގެ ދިރާސާ ތަކުގެމައްޗަށް، ލިޔުންތައް ބައްޓަން ކުރަންވީތާ ކިތަންމެ ދުވަހެކެވެ. މިނޫން ގޮތަކަށް ސިޔާސީ މައިދާނުގައި ރައްޔިތުން ހޭލުންތެރި ކުރުވާއި ފިކުރެއް އުފެއްދޭނެ މަގެއް ނޯންނާނެއެވެ. ދެދުވަހުން އެއްދުވަހު މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލުމަށް ދަޢުވަތު އެރުވިޔަސް، ކާމިޔާބެއް ނުވާނެއެވެ. އެކަން ވެގެންދާނީ ދޮގު ވަޢުދު ތަކަކަށެވެ. ފަހުން އޭގެ ބަދުނާމު ރައްދުވާނެ ކަމަކަށެވެ. ރައްޔިތުން ގޮވައިގެން ސަރުކާރާ، ހަނގުރާމަ ކުރަން ނުކުތުމަކީ، މިޒަމާނުގެ ތަހުޒީބަށް ފުރައްސާރަ ކުރުމެވެ. އަދި މިޒަމާނަށް ފެތޭ، ތަހުޒީބީ އިންގިލާބަށް (ބަދަލަށް) މަލާމާތްކޮށް، ކާމިޔާބާއި ދުރަށް ޖެހުމެވެ. ތިން ދުވަހުން، އެއްމަހުން، ތިންމަހުން، ހަމަހުން، ރައީސް މައުމޫނުގެ ސަރުކާރު ވައްޓާލަން އިއުލާނުކޮށް ހަޅޭލަވާއި ވަގުތީމަޖާ ނެގުމަކީ، ސިޔާސީ ފިކުރެއް، ޚިޔާލާތެއް އުފައްދާއި އަށަގެންނެވުމެއް ނޫނެވެ. ބިނާކުރުމެއް ނޫނެވެ. މާސިންގާ ވަގުތީ ކަންތައްގަނޑެކެވެ.

އާދެ! މިހާރު ކަންތައް މިދާގޮތާމެދު ވިސްނާއި ފިކުރު ކުރުމަކީ، ވަރަށް މުހިންމު ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ މުހިންމު ބިލަކާއި، މިނިވަން ކަމަށް ގޮވާލާ، އިސްލާޙީ ހަރަކާތްތެރީންގެ ފަރާތުން މަޖިލީހަށް ވެއްދި ބިލެއް މިވަނީ، މަޖިލީހުން އެއްލައިލާފަ އެވެ.

ދެން ފަހެ، މިދަނޑިވަޅުގައި ވިސްނާ ފިކުރު ހިންގާލަން ޖެހޭ މުހިންމު ނުކުތާއެއް އަޅުގަނޑު ހާމަ ކޮށްލާނަމެވެ. ގާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ ގާނޫނުތައް، ދެއަހަރު ދުވަހުގެތެރޭގައި ހަދާ ނިންމަން ގާނޫނުއަސާސީގެ 150 ވަނަ މާއްދާއިން، ސަރުކާރަށް ދެއަހަރު ދުވަހުގެ މުހުލަތެއް ދީފައި ވަނިކޮށް، އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ މުހަންމަދު މުނައްވަރު ލައްވައި، މޮޅުހީލަތަކުން މޮޅުލަފައެއް ހޯއްދެވުމަށް ފަހު،  އެކަން ނުކޮށް ސަރުކާރުން ލަސްކޮށް ފައިވާ ދަނޑިވަޅެއް ގައި، އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގާނޫނު އެކުލަވާލުމަށް ޓަކައި މަޖިލީހަށް މިނިވަންކަމާއެކު ރަނުގެ ފުރުޞަތެއް ލިބުމުން، އެމަތިވެރި މަސައްކަތް ފުރިހަމަ ނުކޮށް ބޮލާލާޖެހުމުގެ މާނައަކީ، މަޖިލީހުން ބޭނުންވަނީ، 26 ވަނަ މާއްދާ މިހާރު އޮތް ގޮތަށް ގާނޫނަކާ، ނުލާ ބޭއްވުން މާރަނގަޅު ވާނެކަން ގަބޫލުކުރުމަށެވެ. އަދި ސަރުކާރުން އެފަދަ ގާނޫނެއް ފާސްކުރަން ބޭނުން ނުވާކަން ހާމަވެގެން ދިއުމެވެ. މިނިވަންކަން ފުޅާކޮށް ބަލަހައްޓާނެ ގޮތަކާއި މަޞްލަހަތު ދަމަހައްޓާނެ އިމެއްގެ ގޮތުގައި ގާނޫނެއް އަދި ގަވާއިދެއްވެސް މިމާއްދާގެ ދަށުން ބޭނުން ނުވީއެވެ. ފަހެ، މިއީ ސަރުކާރުގެ ދަށުގައި ގިނަބާރުތައް ބޭއްވުމަށް ކުރާކަމެކެވެ. ވާހ! ރައީސް މައުމޫނަށް ސާބަހެވެ! ފަހެ، ދަންނާށެވެ! މިއީ ސަރުކާރަށް ފައިދާ ކުރިޔަސް، ދިވެހި ދައުލަތަށް ގެއްލުން ހުރި ކަމެކެވެ. ދައުލަތަށް ވެރިކަމުގެ ފަރާތުން ވެވޭ ބޮޑު ޚިޔާނާތެކެވެ. ރައްޔިތުންނަށް ގެއްލުންހުރި ކަމެކެވެ. ކުރީގެ ބަންޑާރަ ނައިބުގެ ބޮލުގައި ވެސް މިޚިޔާނާތް އެޅެއެވެ. އެކަހަލަ އަސްލެއްނެތް ލަފާތައް އަރުވާތީއެވެ. ދަންނަވަން ތޯއެވެ؟ މިއީ، ރައްޔިތުންގެ ޝުޢޫރުތަކައި ފުށުއަރާ ކަމެކެވެ. އަސާސީގެ އެހެން މާއްދާ އަކުން ރައީސުލް ޖުމުޙޫރިއްޔާއަށް ލިބިދޭ ބާރެއްގެ ދަށުން، އަސާސީގެ 26 ވަނަ މާއްދާ އާ ގުޅޭގޮތުން އެކުލަވާލެއްވި، ގަރާރަކީ މަންޠިޤީ ގޮތުން (ސަލާމަތް ބުއްދިއަށް ހެކިއޮތް) ބަލާ ވިސްނާއިރު މިހާރު ޢަމަލުކުރަން ހެޔޮވާވަރު އެއްޗެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަށް 26 ވަނަ މާއްދާގެ ދަށުން ޤާނޫނެއް ފަރުމާކޮށް ފުރިހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ނުހިފާ، ކޮޅުފައިން ޖެހި ހިސާބުން، ރައީސް މައުމޫނު މިކަމަށް އެކަށައެޅުއްވި ޤަރާރަކީ މިހާރު މުޅިން ބާޠިލު އެއްޗަކަށް “އޮޓޯއިން” ވެގެން ދާނެތީއެވެ. އެހެނީ ޤާނޫނީ ހަމަތަކާއި ޠަބީޢީ ހަމަތަކަށް ބަލާ ހަމައަޅާއިރު ޤާނޫނެއް ފަރުމާކޮށް ފާސްވުމާއެކު އެކަމަށް އެކަށައެޅިފައިވާ ރައީސްގެ ޤަރާރުތައް ބާޠިލުވެ އުވޭ ފަދައިން، ޤާނޫނެއް ހަދާ ފުރިހަމަ ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުމަކީވެސް އެކަމަށް އެކަށައެޅިފައި އޮންނަ ޤަރާރު މަރާލައި ބާރު ކަނޑުވާލާނެ ޢަމަލެކެވެ. އަނެއް ކޮޅުން އަސާސީއެއް ފާސްވެފައިވަނިކޮށް، ވެރިއަކަށް ހުންނަ މީހާގެ ޤަރާރުތަކުން ވެރިކަން ވަކި ވައްތަރަކަށް ބައްޓަންކޮށް، ހަރުދަނާ ކޮށް ވަރުގަދަ ކުރުމަކީ، އިސްތިބުދާދީ މަގު ޚިޔާރު ކުރުމެވެ. ޤަރާރުތަކުން ވެރިކަން ކުރަމުންދާ ގޮށްމުށުގެ ސަރުކާރަކަށް، ސަރުކާރު ހަދާލުމެވެ. އެހެން ވުމާއެކު ރައީސް މައުމޫނުގެ ޤަރާރުތަކުގެ ދަށުން އެއްވެސް މީހަކު ކުށްވެރިކޮށް ބަންދުކޮށް އަނިޔާދީ، އަހުވަތައް ދައްކައިގެން ނުވާނެއެވެ. ޝަރުޢީ ދާއިރާއިން، އެއީ ޝަރީޢަތުގެ މަސްދަރެއް ކަމުގައި ދެކި އަސްލަކަށް ބަލައިގަނެގެން ވެސް ނުވާނެއެވެ. އެހެން ވެއްޖެނަމަ އޭގެ ދަށުން އިއްވާ ޙުކުމް ތަކަކީ، ސައްހަޙުކުމް ތަކެއް ކަމާ މެދު ޝައްކު ކުރެވި، ވަހުމް އުފެދޭނެ ޖާގަ ލިބޭނެތީ އެވެ. ވީމާ އަސާސީގެ 26 ވަނަ މާއްދާގެ ރޫޙާއި ބާރާއި އެ މާއްދާގެ ދަށުން ލިބިދޭ މިނިވަން ކަމުގެ ޙައްޤުތައް، ހަނި ކޮށްލުމުގެ މައްޗަށް ބިނާ ކޮށް، ބާރު އަޅާފައިވާ ޤަރާރަކީ، ޢަމަލު ކުރަން ހެޔޮވާވަރު އެޗެއްގެ ގޮތުގައި ރައްޔިތުން ބަލައިގަނެގެން ނުވާނެއެވެ. އެއީ ރައީސް މައުމޫނުގެ އަމިއްލަ އުފެއްދުމެކެވެ. ބާޠިލު އެއްޗެކެވެ. ރައްޔިތުންގެ މިފަދަ ބޮޑު ޚާދިމަކު، މިފަދަ ހުޅުވިފައިވާ، ތަހުޒީބު ޒަމާނު ގައި، ކޮށްގެން ވާނެ ކަމެއް ނޫނެވެ. ފަހެ އެއީ، ރައްޔިތުންގެ މަޖިލީހާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނުމެ ނޫންމެއެވެ.

އާދެ! ބައިބައިކޮށް ގެން ވެރިކަން ކުރާގޮތަށް ވެރިކަން ދެމެހެއްޓުން މިހާރަކު ނުހިނގާނެއެވެ. އެޒަމާން ފާއިތުވެއްޖެ އެވެ. މިހާރު ކަންކަން ހިނގާނީ، މިގަރުނުގެ ތަހުޒީބާއި ކުރިއެރުމާ އެއްގޮތަށެވެ. ރާއްޖޭގައި ވެސް ހިނގާނީ އެގޮތެވެ. ކުރިޔަށް ދާނީ އެހަމައެވެ. މިހާރު މިއޮތީ، ނިއު މޯލްޑިވްސްގެ ފޭލިގެއާއި މިނިސްޓަރ ޤާސިމުގެ ފޭލިގޭން އެއްބަޔަކު އަނެއް ބަޔަކާ ހަބޭހަށް މުޑިއަރުވާފައި، މަޖިލީހުގައި ވަރުގަދަ ބާރެއް އޮތް މިނިސްޓަރ ޔާމީނުގެ ފޭލިގެއާއި ދެން އެންމެ ބާރުގަދަކޮށް އުޅޭފޭލިގެއާ ވަރަށް ގަދައަށް ޖައްސުވާފައެވެ. އެއްބަޔަކު އަނެއްބައެއްގެ އިތުބާރު ނަގާލާއި ގެއްލުވާލާ، ހިސާބުގައެވެ. އަދި ވަކިފަރާތަކަށް ނުޖެހޭ ވަރުގަދަ މުޑިތަކާއި ފޭލިގެތައް ވަނީ، ވަރުގަދައަށް ޖެހި މުޑިއަރާފައެވެ. ހަބޭހަށް ވާން ވެފައެވެ. ޖެހިހޫނުވެފައެވެ. ހޫނުމިން، އެންމެ މައްޗަށް އަރާފައެވެ. ރަތްކުލަ އަށް ބަދަލުވެފަ އެވެ. އެހެނަސް ނަތީޖާ ހޯދާއި ވިސްނާލަން އުނދަގޫވާ ހަމައަކީ، މިހުރިހާ ފަރާތަކާ، ރައީސް މައުމޫނާ ދެމެދު، ސީދާކޮށާއި ނުސީދާކޮށް ހުރިހާކަހަލަ ގުޅުމެއް ހަމަ ބަރާބަރަށް، އޮންނާތީ އެވެ. މިބީދައިން ރައްޔިތުން ބައިބައިކޮށް އެއްބަޔަކު އަނެއްބަޔަކާ ޖައްސުވާއި އަރާރުން ކުރުވައި ގެން، ވެރިކަން ގަދަ ބާރުން ދެމެހެއްޓޭހުށީ، ވަކި ވަރަކަށެވެ. މިކަމުން އުފެދޭ އުދާސްތަކާއި ހޫނުގަނޑު ހިފެހެއްޓޭނީ ވަކި މިންވަރަކަށެވެ. ބައެއް މުއައްރިޚުން ދެކޭ ގޮތުގައި މިއީ، ކާމިޔާބަށް ވުރެ ހަލާކާއި ކައިރި ވުމެކެވެ. އަދި އަމިއްލަ ހަލާކަށް މަގުކޮށުމެވެ. ނޭންގި ހުއްޓާދެން ނިމޭނީއެވެ. އާދެ! މިހުންނަނީ ޒަމާންވެ އާރުލާ ލަކުޑި ގަހެއް ކަމުގައި ވިޔަސް، ޒާތްޒާތު ބަލިތައް ޖެހި ފަނިއަޅައި ހަލާކުވުން، ކައިރި ވެއްޖެ ކަމުގެ ޢަލާމާތް ތަކެވެ. މިގޮތަށް ކުޅެގެން ވެސް ހިފަހައްޓާލެވޭނީ، ވަކި މުއްދަތަކަށްތާއެވެ!! ތިންވަނަ ދުނިޔޭގައި ޚައްސަކޮށް އެތެރެވަރީގެ، ގައުމު ތަކުގައި މިގޮތަށް ދޮންވެ ފައްކާވާ މޭވާއަށް، މާދަމާ ވާނެގޮތެއް އެންމެމޮޅަށް ދެނެވޮޑިގެންވާހުށީ، މަތިވެރި ﷲ ތަޢާލާއެވެ. އެހެން އެއްވެސް ފަރާތަކަށް ނޭގޭނެއެވެ. މިއީ ތެދު ޙަޤީގަތެވެ. ގަބޫލު ކުރައްވާ ށެވެ. މިވެރިކަމަށް ވާނީވެސް އެހެންނެވެ. ފަހެ، ޓައިމް ބޮމެއްގެ ޓައިމިންގ، އާބެހޭ މެކޭނިޒަމަށް ޚަލަލު އަތުވެއްޖެނަމަ ދެން ވާނީ، ކިހިނެތް ތޯއެވެ؟ ކޮންމެ އިރެއްގައި ކޮންމެ ހިނދެއްގައި ކޮންމެ ސިކުންތެއްގައި ވެސް ގޮވާފާނެއެވެ. ކޮންޓްރޯލް މުޅިން ހެން، ގެއްލިފައި ވާތީއެވެ. މިރާއްޖޭގައި އަމިއްލައަށް އުފައްދާއި އެންމެ ފުރަތަމައިން، ތަޖްރިބާ ކުރެވުނު ޓައިމިންގެ އާލާތެއް ހަރުކުރެވުނު ކިރުދަޅުބޮމަށް، ކަޓޫރަބޮމަށް، ހަމަ ގައިމުވެސް ވީ އެހެންނެވެ. އާދެ! ގޮވީސެޓުކުރި ގަޑިއަކަށް ނޫނެވެ. ﷲ، އަޅަމެއްގެ ވެރީންނަށް ހެޔޮވިސްނުން ދެއްވާއި ތެދު މަގަށް، ވާސިލު ކުރަށްވާން ދޭވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page