ކޮސޯވޯ މިނިވަން ދައުލަތެއްގޮތުގައި ގަބޫލުކުރުވުމަށް ރާއްޖެއަށް ދެމިލިޔަންޑޮލަރުގެ ރިޝްވަތު.
- ilyashusein
- Nov 2, 2009
- 5 min read
ލިޔުނީ: އިލްޔާސް ހުސައިން އިބްރާހީމް. 2009 މާޗްގައި.
ފަހެ ދަންނާށެވެ! ސަރުކާރުން ސިޔާސީ ކަންކަމުގައި ރައްޔިތުން ވެބޫހައްދައިގެން ނުވާނެއެވެ. އަދި އެބީދައިން ސިޔާސީ އެއްވެސްކަމެއްގެ ހަގީގަތް އޮޅުވާލައިގެން ނުވާނެއެވެ. އެކަން ކުރެވޭނަމަ އެއީ ވަރަށްބޮޑު ގޯހެކެވެ. ރައްޔިތުންނަށް ދެވޭ، އަނިޔާއެކެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން ތިލަވި، އެންމެނާޒުކު ސިޔާސީ ކަމަކީ، ދުނިޔެއަށް ވިދާލި ޖޯސެފްޓީޓޯގެ ބާރުގަދަ ސޯސިއަލިސްޓް ފެޑަރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިޔާ ރޫޅިކުދިކުދި ވެގެންގޮސް، 2008 ފެބްރުއަރީ 17 ގައި އަމިއްލަ ދައުލަތެއްގޮތުގައި މިނިވަންކަން އިއުލާނުކުރި ރިޕަބްލިކް އޮފް ކޮސޯވޯ، ދިވެހި ރާއްޖެއިން މިނިވަން ދައުލަތެއް ގޮތުގައި ގަބޫލުކުރީ، މިހާރުގެ ސަރުކާރުން ބަޔަކު، ރިޝްވަތު ހިފައިގެން ކަމަށް އެރިއަޑެވެ. ސާބިޔާއިން ވަކިވެ، ކޮސޯވޯގެ މިނިވަންކަން، 120 މެމްބަރުން ހިމެނޭ ކޮސޯވޯގެ ރައްޔިތުންގެ މަޖިލީހުގެ (ކޮންސްޓިޓިއުޝަނަލް ފްރޭމްވަރކް ފޯދަ ޕްރޮވިޝަނަލް ސެލްފްގަވަރމެންޓް އޮފް ކޮސޯވޯ) 100 ވޯޓުގެ އަޣްލަބިއްޔަތުން ފާސްކޮށް، އިއުލާނު ކުރުމާގުޅިގެން ދާދިއަވަހަށް ޔޫއެންގައި ހިމެނޭ، 56 ގައުމަކުން، ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފިއެވެ. އޭގެތެރޭގައި ޔޫއެސް، ޖާމަނީ، އިޓަލީ، ފްރާންސް، ޔޫކޭ، އަދި ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) ހިމެނެއެވެ. މިކަންހިނގީ، ރަޝިޔާ އާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ވަރަށް ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށެވެ. ވީޓޯކުރުމުގެ ބާރުއޮންނަ ޔޫއެން ސިކިއުރިޓީ ކައުންސިލް އޮތީދެބަޔަކަށް ބެހިފައެވެ. 2008 އޭޕްރީލާ ހަމައަށް އައިއިރު، ނޭޓޯ، އީޔޫ، ޑަބްލިޔޫ އީ ޔޫ (ވެސްޓާން ޔޫރޯޕިއަން ޔުނިއަން) އާއި އޯ އީ ސީ ޑީ (އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް) ފަދަ ޖަމުއިއްޔާތައް ހިމެނޭ ގައުމުތަކުން ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފިއެވެ. މޮންޓިނީގްރޯ، ރިޕަބްލިކް އޮފް މެސެޑޯނިޔާ، ކޮރޭޝިޔާ، ބަލްގޭރިޔާ، އަދި ހަންގޭރީން ވެސް ކޮސޯވޯ ގަބޫލުކޮށްފިއެވެ. ކޮސޯވޯ ތެރޭގައި ދިރިއުޅެމުން ގެންދާ ސާބުމައިނޯރިޓީ މީހުންކޮޅު މިކަމާވަރަށް ދެކޮޅުހަދައެވެ. ސާބިޔާވެސް ވަރަށްފާޅުގައި ދެކޮޅެވެ. ޔޫއެނުންވަނީ، އެމީނުންގެ އެދުމަށް، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސަށް، ސާބިޔާއިން ވަކިވެގަތުމަށް އެއްބަސްވެ، އިއުލާނުކުރި ކުރުން ގަބޫލުކޮށްގެން ނުވާނެކަމާއި އެއީ އެމީހުން ގާނޫނީ އެއްވެސް ހައިސިއްޔަތެއްނެތި އަމިއްލައަކަށް ނިންމިބާތިލު ނިންމުމެއްކަމުގެ މައްސަލަ ހުށައަޅަން ނިންމާފައެވެ. އެއްކޮޅަށް، 77 ވޯޓް ދެކޮޅަށް، 4 ވޯޓް ވަކިއަތަކަށް ނުޖެހޭ، 74 ވޯޓުން މިކަންވަނީ ފާސްވެފައެވެ.
ފަހެ ދަންނާށެވެ! ފެޑަރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިޔާގެ ރައީސް ސޮލޮބެޑާން މިލޮސޮވިޗްގެ ގޮށްމުށުގެ ވެރިކަން ވައްޓާލެވުނީ، 2000 އޮކްޓޯބަރ 5 ގައި ގެނެވުނު “ބުލްޑޯޒަރ އިންގިލާބް” ކާމިޔާބު ވުމުންނެވެ. މިއީ ރައީސް މައުމޫނު ބަލިގަބޫލު ކުރެއްވިހެން، މިލޮސޮވިޗް ބަލިގަބޫލު ކުރަށްވަން މަޖުބޫރުވި މަޝްހޫރު އިންގިލާބެވެ. މި އިންގިލާބު ކާމިޔާބުވުމުގެ އެންމެބޮޑު ސިއްރަކީ، ސާބިޔާގެ ކިޔަވާކުދިން މަގުތަކަށް ނުކުމެ ހިންގި ހަމަހިމޭން، އެއްވެސް ވަހުޝީކަމެއްނެތް ހަރަކާތްތަކެވެ. ސާބިޔާގެ ބަލްގްރޭޑް ޔުނިވަރސިޓީގެ ކިޔަވާކުދިންގެ ފަރާތުން ތަމްސީލްވެގެންދިޔަ ހަރަކާތަކީ، މީގެއެންމެ ވަރުގަދަ ނަމޫނާއެވެ. އެހަރަކާތަށް ކިޔަނީ، ކަޅުޓީޝާޓުގެ “އޮޓްޕޯ” ހަރަކާތެވެ. މިހަރަކާތް ވެގެންދިޔައީ، ރާއްޖޭގައި ރައީސްމައުމޫނާ ދެކޮޅަށް ހިންގުނު، ރީދޫޓީޝާޓުގެ “ވަތަން އެދޭގޮތަށް” ހަރަކާތްފަދައިން ވަރަށް ވަރުގަދަ ބާރަކަށެވެ. ފުލުހުންނާއި ސިފައިންނަށް ހުއްޓާނުލެވުނު ހަރަކާތަކަށެވެ. މަރާނުލެވުނު ދިރުމަކަށެވެ. ދިރިދެމިއޮންނަ ވިންދަކަށެވެ. ރާއްޖޭގައި ރީދޫޓީޝާޓުގައި ދީނީ ނަޒަރިއްޔާއަކަށް ނިސްބަތްވާ މަލެއް ޖަހައިގެން ނުކުތްހެން ސާބިޔާގައި ކަޅުޓީޝާޓުގައި ގޮށްމުށުގެ އޮޕްޓޯނިޝާން ޖަހައިގެން މަގުތަކަށް ނުކުތްބާރުގެ މުގުލުގައި ރަމްޒީގޮތުންހުންނެވީ، ސާޖޭޕޮޕޮވިޗެވެ. މީނާއަކީ، ސާބިޔާގައި އަލަށް ގައިމުކުރެވުނު މިސްޓަރ ޒޮލާންގެ ލީޑަރޝިޕްގެ ދަށުން އުފެދުނު އާސަރުކާރުގެ އެންވަޔަރމަންޓާބެހޭ އެންމެމަތީ އެޑްވައިޒަރެވެ. ރާއްޖޭގެ މިހާރުގެ ސަމާސާ ބަހުރުވައިން ނަމަ، އެއީ އެންޖޯއިކުރާ “އެންވޯއީ” ންގެ ފެންވަރެވެ. އަދި ސާބިޔާގައި، 2000 ވަނައަހަރުއޮތް ޕާލަމަންޓްރީ އިންތިޚާބުގައި ސާބިޔާގެ ޑިމޮކްރެޓިކްޕާޓީން އެމްޕީގެ ގޮނޑިއެއް ކާމިޔާބު ކުރެއްވިއެވެ. ރާއްޖޭގެރީދޫ ހަރަކާތުގެ ފަހަތުގައި ރަމްޒީގޮތުން އެންމެއިސްކޮށް ހުންނެވި ކުޅަދާނަކެރޭ ލީޑަރަކީ، ރާއްޖޭގެ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އޭނާއަކީ ކުރިމަތިލައްވާ ކަމެއްގެފަހަތް ކާމިޔާބު ވުމުންނޫނީ ބައްލަވާ ބޭފުޅެއް ނޫނެވެ.
އާދެ! ރައީސް ނަޝީދެވެ! އެހެންވުމާއެކު މިދެހަރަކާތުގައި ރޫހީގޮތުންނާއި މާއްދީގޮތުން ގުޅުމެއްވާކަން ކަށަވަރެވެ. އެއްވެސް ޝައްކެއްނެތެވެ. ފަހެ، އެގުޅުން ވުޖޫދަށް ގެނެސްދިނީ އިނގިރޭސި ކޮންޒަވޭޓިވުންކަމެއް ނުވަތަ އެނޫންބައެއްކަމެއް ނުވަތަ ވަކިފަރުދެއްގެ އަމިއްލަ ފަރާތުންކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ކިޔުންތެރިން ނިންމަވާނެ ގޮތަކަށް މިކަން ނިންމަވާށެވެ! މިމަޒުމޫގެ ސުރުޚީގައި ނަންގަނެވުނު ދެމިލިޔަން ޑޮލަރުގެ ރިޝްވަތުގެ ވާހަކަތައް، “އެފް ބީ އައި” ގެ ފަރާތުން ރައީސްނަޝީދުގެ އަރިހަށް ފޯނުގެޒަރިއްޔާއިން އައިއޯޑަރެއްގެ ގޮތުގައި އައިއައުމާއި ރާއްޖޭގެ މިހާރުގެ ޚާރިޖީވަޒީރު ޑޮކްޓަރ ޝަހީދުގެ ނަންފުޅާ ގުޅިގެން ތުހުމަތުގެ އަޑުތައް ނުކުންނަން ޖެހުނީވެސް މިކަމާހެދިއެވެ. ސީދާ ސަބަބުތަކެއް ހުރެގެންނެވެ. އެމެރިކާގެ “އެފް ބީ އައި” އިންކޯލެއް އައިސްގެން ކެބިނެޓްގައި މިވާހަކަދެކެވި، އަދި އެއަށްފަހު ދިވެހި ފުލުހުންނަށް މިކަންތައް ރަސްމީކޮށް ބަލައިދިނުން އެދި ހުށައެޅުނެވެ. އަދި ފަހުން ރައްޔިތުންގެ މަޖިލީހުން ކޮމެޓީއަކުން ބަލާނެ އަޑުވެސް އިވިއްޖެއެވެ. ފަހެ، މިކަންވެގެން މިދަނީ، ސަހަރާގައި ދިރިއުޅޭ ޖަމަލެއްގެ ވައިފޮޑިއަށެވެ. ސިޔާސީ ބޭނުމަކަށް އެރުވި ހުސް އަޑަކަށެވެ. ފަހެ، ސިޔާސީ ކަންކަމުގައި މިގޮތަށް ރައްޔިތުން ވެބޫހައްދާއި އޮޅުވާލުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. ހަގީގަތެއް ވާނަމަ އެކަން ރައްޔިތުންނަށް އަޑިއެނގޭގޮތަށް ސާފުކޮށްދޭން ޖެހޭނެއެވެ. ލަސްވެގެން ނުވާނެއެވެ. މިއީވަޒީރަކާ މެދުކުރެވުނު ކުޑަތުހުމަތެއް ނޫނެވެ. މާސިންގާ ކަމެކެވެ. ފުލުހުންނާ ހަމައަށް މިފަދަކަމެއް ދިއުމުން މިކަންތައް ބަލަންޖެހޭނެއެވެ. ނުބަލާބާއްވައިފި ނަމަ، ފުލުހުންނަށް އެމުއައްސަސާގެ ވާޖިބުއަދާ ނުކުރެވުނީއެވެ. ކޮމޮޝަނަރ އޮފް ޕޮލިސްއާ ސުވާލު ކުރެވޭނެއެވެ. މިކަންތައް ނުވަންޏާ، މިއީ ހިތާމަހުރި ކަމެކެވެ. ފުލުހުންނަށް ފާޑުކިޔޭނެ އެއްވެސް ފަރާތެއް މިހާރަކު ނުވާނެއެވެ، އެއީ ވަކިގާނޫނަކުން މުސްތަގިއްލު މުޅިންމިނިވަން ބައެކެވެ.
ފަހެ ދަންނާށެވެ! 1928 ޖެނުއަރީ 21 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، ޖީންޝާޕަކީ، ސިޔާސީ އިލްމުގެ ސައިންސު ވެރިއެކެވެ. އެރޮނގުން ވަރަށް ފުންނާބުއުސް އިލްމީބޭފުޅެކެވެ. އުމުރުން ދުވަސްވެފައިވާ ޕްރޮފެސަރެކެވެ. “އަލްބަރޓް އީންސްޓެއިން އިންސްޓިޓިއުޝަން” ގެ ފައުންޑަރެވެ. އިލްމީ މިމަރުކަޒު ހުންނަނީ، އެމެރިކާގައި އޭނާ ހުންނަވާ އަވަށުގައެވެ. އެތާނގެ އިސްމީހަކަށް ލައްވާފައި ހުންނަނީ، މަޝްހޫރު އަންހެންބޭފުޅެއް ކަމުގައިވާ ޖަމީލާ ރާގިބް ގެނަމުން ވިދާލި އަންހެނާއެވެ. މިއީ ފްރީޑަމާއި ޑިމޮކްރަސީ ދިފާއުކޮށްދޭ މަރުކަޒެކެވެ. ޑޮކްޓަރ ޝާޕްގެ އެންމެ މަޝްހޫރު ލިޔުއްވުމަކީ، “ދަ ޕޮލިޓިކްސް އޮފް ނަންވައިލަންޓް އެކްޝަން. (1973)” އެވެ. “ޑިކްޓޭޓަރޝިޕުން ޑިމޮކްރަސީއަށް” މިއީވެސް ޖީންޝާޕްގެ ވަރަށް މަޝްހޫރު، އަދި ގިނަބައެއްގެ އަތްމަތީ ފޮތެކެވެ. ފަހެ، ނަންވައިލެންޓް އެކްޝަންތަކާއި މެތަޑްސްތައް ދުނިޔޭގައި ފެތުރުމަށް ފިލާވަޅުތައްދީ، ދަސްކޮށްދީ ޕްރޮމޯޓްކުރަނީ މިމަރުކަޒުންނެވެ. ވެނެޒުއެލާގެ ރައީސް ހޫގޯޗާވޭޒް ވިދާޅުވާގޮތުގައި އޭނާގެ ގައުމަށް ގެންނަންއުޅުނު، “ސޯފްޓްއިންގިލާބު” ގެ އަޑީގައި ފޮރުވިފައިއޮތީ ޖީންޝާޕުގެ ހަރަކާތް ކަމުގައިވާ، އަލްބަރޓް އިންސްޓެއިން އިންސްޓިޓިއުޓެވެ. އަދި ރާއްޖޭގެ ޑީއާރުޕީންނާއި އައިޑިޕީގެ ލީޑަރ އުމަރުނަސީރު ތުހުމަތުކުރާ ގޮތުގައި އެމްޑިޕީގެ އިސްލާހީ ހަރަކާތުގެ އަޑީގައި ފޮރުވިފައިއޮތީ، ޕޮޕޮވިޗްގެ “ކެންވާސް” ހަރަކާތެވެ. އޭ! ދަރިވަރުންނޭވެ! އަޅުގަނޑުގެ ލިޔުންތައް ވިދާޅުވާ ޒުވާނުންނޭވެ! ކިޔަވާކުދިންނޭވެ! ދަންނާށެވެ! ވެރިކަމާއި ލީޑަރޝިޕަށް ވަރުހުންނަ، އަދި ސިޔާސީ ކަންކަމަށް ފޯރިހުންނަ ޒުވާންކިޔަވާ ކުދިން ނެޓަށްވަދެގެން މިމަރުކަޒުތައް ހޯދާއި މިފޮތްތައް ގަނެގެން ކިޔުމަކީ ދެރަކަމެއް ނޫނެވެ. ހަމަމޮޅުކަމެކެވެ. ސިޔާސީ މީހަކަށްވުމަކީ ފަޚުރަކަށް ހައްދަވާށެވެ. ރައްޔިތުންގެ ޚާދިމަކަށް ވާންދަސްކުރާށެވެ. ރައްޔިތުންނަށް ހެޔޮމަގު ދެއްކޭނީ އޭރުންނެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގައި މިފަދަ ނަންވައިލެންޓް މާސް ހަރަކާތްތައް ހިންގައި ދައްކާފައިވަނީ، އިންޑިޔާގެ މަހާތުމާ ގާންދީއާއި އެމެރިކާގެ މާޓިންލޫތަރ ކިންގްޖޫނިޔަރ ފަދަ ބޭފުޅުންނެވެ. ގާންދީޖީގެ “ސަތަޔާގަރަހާ” ހަރަކާތަކީ، މީގެ ކުލަގަދަ، ލާމަސީލު ދިރިހުރި މިސާލެކެވެ. އަދި، 1998 އޮކްޓޯބަރގައި ސާބިޔާގައި އުފެދުނު “އޮޓްޕޯ ނަންވައިލެންޓް އެކްޝަން އެންޑް ސްޓްރަޓަޖީސް. (ކެންވާސް)” މިމަރުކަޒަކީ، ޖީންޝާޕް ފައުންޑޭޝަނާ ގުޅިގެން ހިންގާ ހަރަކާތެކެވެ. ފަހެ މިހަރަކާތުގެ ބާނީއަކީ، “ސާޖޭ ޕޮޕޮވިޗް” އެވެ. ޕޮޕޮވިޗްގެ ހަރަކާތަކީ، ރާއްޖޭގައި ރައީސް މައުމޫނާ ދެކޮޅަށްހިންގި އިސްލާހީ ހަރަކާތާލާމެހި ގުޅިފައިވާ ހަރަކާތެކެވެ. އެމްޑިޕީގެ ދައުވަތަކަށް، 2006 ވަނައަހަރު މީނާގެ ޓީމުވަނީ، މާލެއައިސް ސެމިނާތައް ހިންގައިދީ ހަދާފައެވެ. މިނިވަންނިއުސް (އިނގިރޭސި ސައިޓް) ގައި ކެންވާސްގެ މިހަރަކާތްތަކުގެ ވާހަކަތައް ޕޮޕޮވިޗައި ހާވާލާދެއްވާ ވަނީ، ލިޔެފައެވެ. ފަހެ ދަންނާށެވެ! މިހަރަކާތަކީ، މިލޮސޮވިޗް ކިބައިން ސާބިޔާ މިނިވަންކުރި ބަތޮލުންގެ ހަރަކާތެވެ. މިނިވަން ސާބިޔާއެއް އުފެއްދި ހިތްވަރުގަދަ ބާނީންނެވެ. ފަހެ، މިއަބްތާލުން ބޭނުންވާނީ، ސާބިޔާގެ ޕްރޮވިންސެއްގެ ގޮތުގައި ކޮސޯވޯ ތާއަބަދަށްވެސް ބާއްވާށެވެ. ކޮސޯވޯ މުސްތަގިއްލު، މިނިވަން ދައުލަތަކަށް ވުމަކަށް އެއްގޮތަކަށް ވެސް ނޭދޭނެއެވެ. ފަހެ، ދެންއޮތީ ސާބިޔާގެ ތޫނުވަކިތަކުން ކޮސޯވޯ މިނިވަންކޮށް ވަކިދައުލަތެއް އުފެއްދުމަށް ގަދަހިއްވަރާއެކު ޖިހާދުކުރަމުންދާ މުޖާހިދުންގެ ވާހަކައެވެ. ދިވެހި ރާއްޖެއަށް، ދެ މިލިޔަން ޑޮލަރެއްގެ ރިޝްވަތު ދީގެން މިއުޅެނީ މިބައިމީހުންގެ ފަރާތުންނެވެ. މިއީ ސާބިޔާގެ އަނިޔާވެރި ވަކިތަކުން ކޮސޯވޯ މިނިވަންކުރުމަށް ގަދައަޅާ މަސައްކަތްކުރާ މުޖާހިދުންނެވެ. ސާބިޔާގެ އަނިޔާވެރިން ބޮސްނިޔާއާއި ކޮސޯވޯގެ މުސްލިމުން ހާހުން، ލައްކައިން ކަތިލާ ތިބިތާކަށް އަޅަމުން ގެންދިޔައިރު ސިޔާސީ މަސްރަހުގައި ޖިހާދުކުރަމުން ދިޔަބަޔަކީ، ކޮސޯވޯގެ މިދަންނަވާ މުޖާހިދުންނެވެ. 1999 ވަނައަހަރުގެ ތެރޭގައި ހިންގިވަހުޝީ ހަނގުރާމަ އާއި ނޭޓޯސިފައިން ޔޫގޯސްލާވިޔާއަށް ބޮންއެޅުމަށްފަހު، ކޮސޯވޯއަކީ، “ޔުނައިޓެޑް ނޭޝަންސް އިންޓެރިމް އެޑްމިނިސްޓްރޭޝަން މިޝަން އިން ކޮސޯވޯ (އަންމިކް)” ން ބަލަހައްޓަމުން ގެންދާ، އިދާރީގޮތުން ވަކިރަށެއް ކަމުގައި ހަމަޖެއްސިއެވެ. ސާބިޔާއިން އަދިވެސް ދެކެނީ ކޮސޯވޯއަކީ، ޔޫއެންގެ ވަގުތީ ބެލެހެއްޓުމުގެ ދަށުގައިއޮތް ސާބިޔާގެ ސަރަހައްދެއް ކަމުގައެވެ.
ފަހެ، ދަންނާށެވެ! މިގެނެސްދެވުނު ވާހަކަތަކުންވެސް، މިއީ ދެކޭންޕެއްގެ ވަރަށް ތަފާތު ދެވިސްނުމެއްގެ ދެވަތަނިއްޔަތަކަށް ނިސްބަތްވާ ދެބައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އަދި ރާއްޖޭގެ ކުރީގެ ވެރިކަމާއި މިހާރުގެ ވެރިކަމުން ބަލްކަން ސަރަހައްދުގައި ހިމެނޭ މިދެގައުމުގެ ސިޔާސީ ޖަމާއަތްތަކާއެކު، އުފެދިފައި ހުރިސިޔާސީ ގުޅުންތައް ސާފުކޮށް، އެނގިވަޑައި ގަންނަވާނެއެވެ. ސާބިޔާގެ ދަށުން، ކޮސޯވޯ މިނިވަން ކުރުމަށް އެންމެގަދައަޅާ މަސައްކަތްކުރާ އެކަކީ، އަލްބާނިޔާ ދަރިކޮޅުގެ މީހެއްކަމުގައިވާ، 1951 އޯގަސްޓް 30 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައި ގެންނެވި، “ބެޖެޓްޕަކޯލީ” އެވެ. މީނާއަކީ، މިދިޔަދެތިން އަހަރެއްހާ ދުވަހު ކޮސޯވޯގެ ސިޔާސީ މަސްރަހުން ވަރަށް ކުލަގަދަކޮށް ފެނިގެންދިޔަ އެންމެމަޝްހޫރު ސިޔާސީ ވިސްނުން ތެރިޔާއެވެ. މީނާއަކީ، އެސަރަހައްދުގެ އެންމެ މުއްސަނދި މީހާގެގޮތުގައި ހޮވާލެވޭ މަހުޖަނެވެ. އަދި އަރަބި ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ ވެރީންނާއި ބޮޑުންނާއެކު، ވަރަށްގާތް ގުޅުންތަކެއް ދަމަހައްޓަވާ، ހަރުދަނާ ސިޔާސީ ޝަޚުޞިއްޔަތެކެވެ. އަދި ވަރަށް ބިޔަކޮށް ކޮންސްޓްރަކްޝަން މަސައްކަތުގެ ވިޔަފާރި ދުނިޔޭގެ ފެންވަރުގައި ހިންގަވާ މޭސްތިރިއެކެވެ. ވަރަށް ބޮޑެތި ބިލްޑިންގްތައް އިމާރާތްކޮށްދީހަދާ، “މަބެޓެކްސް” ގްރޫޕްގެ މިލްކުވެރިޔާ އެވެ. އޯނަރެވެ. އަފްޣާނިސްތާނުގައި ހިފޭއްޓުނު ޔޫރަޕްގެ ބައެއް ހޮސްޓެޖުން ފައިސާދީގެން އެއްބަސް ވުމަކަށް ގެންގޮސް މިނިވަން ކުރުވުމަށް މެދުވެރިވެފައިވާ، ސިޔާސީ ކަންކަމުގައި ފައިސާބެހުމަށް އަރާހުންނެވި ދީލަތި ސައުދާގަރެކެވެ. އެސަރަހައްދަށް ނިސްބަތްވާ ކުޅަދާނަ ބިލިޔަނަރެކެވެ. ފަހެ، ދަންނާށެވެ! ޕަކޯލީ ފާޅުގައި ސިޔާސަތަށް ވެންނެވީ، 2006 މާޗް 17 ގައި އޭނާގެ ލީޑަރޝިޕްގެ ދަށުގައި އުފެއްދި “ނިޔޫކޮސޯވޯ އެލަޔަންސް. (އޭ ކޭ އާރު)” ޕާޓީ، އުފެއްދެވި ހިސާބުންނެވެ. 2007 ވަނަ އަހަރު ކޮސޯވޯގައި ބޭއްވުނު އެތާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭކޭއާރުޕާޓީން ތިންވަނައަށް އެންމެގިނަ ގޮނޑިހޯދި ސިޔާސީޕާޓީއަކީ، ޕަކޯލީގެ މިދެންނެވި ޕާޓީއެވެ. މިއިންތިޚާބުގައި ވަރަށްސީދާކޮށް ޕަކޯލީ ބައިވެރިވެ ކާމިޔާބު ކުރެއްވިއެވެ. އިންތިޚާބުގައި ބައިވެރިވިވުމަށް އަމިއްލަމުދާ ޑިކްލެޔަރ ކުރިއިރު އޭނާގެ މުދަލުގެ މިންވަރެއްގެ ގޮތުގައި، 420 މިލިޔަން ޑޮލަރު ޑިކްލެޔަރ ކޮށްފައިވެއެވެ. މިބުރުގައި ޕަކޯލީ، ކޮސޯވޯގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށްހޮވި، މަޖިލީހުގެ ފައިނޭސްސާއި ބަޖެޓާބެހޭ ކޮމެޓީގައި ހިމެނުނެވެ. ކޮސޯވޯގެ މިނިވަންކަން އިއުލާނު ކުރުމުގައި އެންމެއިސްކޮށް ހުންނެވި ސިޔާސީލީޑަރަކީ، މިދަންނަވާ މުސްލިމް ޕަކޯލީ އެވެ. ރާއްޖޭގެ ކުރީގެ އަދި މިހާރުގެ ޚާރިޖީވަޒީރު ޑޮކްޓަރ ޝަހީދަކީ، ފަކޯލީއާގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީގެ ޚާރިޖީވަޒީރުކަން ކުރެއްވި އޮނަރަބްލް އަބްދުﷲ ޝާހިދަކީވެސް މިދެފަރާތުގެ ކަންތައްގަނޑު ރަނގަޅަށް ދެނެވަޑައި ގަންނަވާނެ ބޭފުޅެކެވެ. ޑޮކްޓަރ ޝަހީދާއި ޕަކޯލީއާދެބޭފުޅުން ބައްދަލުކުރައްވާ މަންޒަރުގެ ފޮޓޯތައް ބަލްކަން ސަރަހައްދުގެ ނޫސްތަކުގަޔާއި ޕަކޯލީގެ އަމިއްލަ ނޫހުގައި ޝާއިއުކޮށްފައި ހުއްޓައި ފެނިފައިވެއެވެ. ޕަކޯލީގެ ދުވަހުނޫހަކީ، 2004 ގައި ކޮސޯވޯގައި ނުކުންނަންފެށި، “ލަޖްމް” (ޚަބަރު) ނޫހެވެ. ދިވެހިރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ރަސްމީކޮށް ގަބޫލުކުރީ، 2009 ވަނައަހަރު ފެބްރުއަރީ 19 ގައެވެ. މިހާރު ދިވެހިރާއްޖެއަށް ކޮސޯވޯ ޕާސްޕޯޓުގައި މިނިވަންކަމާއެކު އިޙްތިރާމް ލިބިގެން އެތެރެވެވޭނެއެވެ. މިކަންވަނީ ދެގައުމުގައި އިއުލާނު ކުރެވިފައެވެ. ވީމާ ސިޔާސީ މިކުޅިގަނޑު ހިނގާފައި އޮތްގޮތުން، “ސާޖޭޕޮޕޮވިޗް” މިދަންނަވާ، “ބެޖެޓްޕަކޯލީ” އާބެހޭގޮތުން، ނުރުހުމުގެޝަކުވާ ރާއްޖޭގެ މިހާރުގެ ރައީސްއަރިހަށް އުފުއްލެވުމަކީ، ވަރަށްކާރިކަމެކެވެ. ހަމަވެދާނެ ކަމެކެވެ. ނުވުމަށްވުރެ ވުންގާތްކަމެކެވެ. ފަހެ، އެމެރިކާގެ “އެފްބީއައި” އިން ރައީސް ނަޝީދަށް، ރާއްޖޭގެ ބޮޑުންގެ ތެރެއިން ސިޔާސީބަޔަކު ޕަކޯލީ އަތުން ރިޝްވަތު ހިފައިފިކަމަށް ބުނެ އައިކޯލަކީ، ޕޮޕޮވިޗްގެ ހީލަތްތެރި ރޭވުމުގެތެރެއިން ހިނގާދިޔަ ސިޔާސީ ކަމަކަށްވުމަކީ، ވެސް އެކަށީގެންވާ ކަމެކެވެ. މިކަހަލަ ސިޔާސީ މަންތަރުތައް އެންމެމޮޅަށް ދެނެވޮޑިގެންވާނީ، ﷲ ކަންކަށަވަރެވެ. އޭ! ﷲ އެވެ! އަޅަމެންނަށް ސިޔާސީ ކަންކަމުގައި ތެދުމަގު ދައްކަވާށިއެވެ! ބާތިލުގޮތް ތަކާއި ސިޔާސީ އޮޅުވާލުންތައް ބޭޒާރު ކުރައްވާއި ފަޟީޙަތް ކުރައްވާށިއެވެ! އާމީން!


Comments