top of page

ކުކުޅުބިހަކުން ޖަހައިފި

  • Writer: ilyashusein
    ilyashusein
  • Oct 7, 2009
  • 2 min read

އިލްޔާސް ޙުސައިން އިބްރާހީމް.

މުސްކުޅިންބުނާތީ އަޑުއަހަމެވެ. “ދުނިޔެހިނގަމުންދަނީ، ތޮށަލި ދުޅައަށެވެ.”  އަޅުގަނޑަށް ވިސްނިފައިއޮންނަނީ، އެބުނާބަހުގެ މާނައަކީ، ކޮންމެމީހަކަށްވެސް އުސްގަނޑަކާއި އަޑިގަނޑެއްގެ މަތިން ހިނގަންޖެހޭނެ ވާހަކައެވެ. ބޭރުޤައުމުތަކުގައި ސިޔާސީލީޑަރުން ގަޔަށް ކުކުޅުބިހާއި ފެޅޭވަރުގެ ޓޮމާޓޯފަދަ ކާބޯތަކެތި އުކުމަކީ، އާވާހަކައެއްނޫނެވެ. އެހެނަސް ދިވެހިރާއްޖޭގައި ކުކުޅުބިހުން، ސިޔާސީލީޑަރުންގެ ހަށިކޮޅަށް ޙަމަލާއެއް ދެވިއްޖެކަމުގެ ޚަބަރު ލިބުމަކީ، މުޅިންއާކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލިސްކުރާގޭގެ ގޯތިތެރޭގައި ހުންނަކުޑަތަކުގެ ތެރެއިން، ކުޑައެއްގެދަށުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެލީޑަރު، އެގުރޫޕުގެ ބައެއްބޭފުޅުންނާއެކުގައި އިންނަވަނިކޮށް، މަޖިލިސްކުރާގޭގެ ދެކުނުފަރާތުގެ ފެންސުމަތިން ކުކުޅުބިހެއް އެއްލައިފިއެވެ. މިއީ ދިވެހިތާރީޚުގައި މަޖިލިސްކުރާގެއަށް ކުކުޅުބިހަކުން ދެވުނު ފުރަތަމަ ޙަމަލާއެވެ. ޝިކާރައަކަށް ހަދާފައިވަނީ، އިދިކޮޅުޕާޓީގެ ޢިއްޒަތްތެރި މެންބަރުންނެވެ. މިއީމަޖިލީހުގެ ތާރީޚައްޓަކައި ބެލިފައި އޮންނަންޖެހޭނެ ޙާދިސާ އެކެވެ. އެވަޤުތު އެދިމާމަގުމަތިން، ހިނގާފައިދާތަން ފެންނަނީ، މަޖީދިއްޔާ ސްކޫލް ނުވަތަ ދަރުމަވަންތަ ސްކޫލްގެ ޒުވާން ދަރިވަރުން ކޮޅެކެވެ. އެއްވެސް ބިލްޑިންގެއްގެ ބެލްކަނީން އެއްވެސްމީހެއް ނުފެނެއެވެ. މިކަން މަޖިލީހުގެ ސަލާމަތީކަންތައްތައް ބަލަހައްޓަންތިބޭ ސިފައިންގޭގެ ބަޖެޓުން މުސާރަދީ، ސިފައިންގޭގެ ރަޖިސްޓްރީގައި ތިބޭ، ހުދުހެދުމާއި ކަޅުފަޓުލޫނުލީ ފާރަވެރި ބޭކަލުންގެ ސަމާލުކަމަށް، ހަމައެވަޤުތު ގެނައުމުން، ދެއަތް ހަށިގަނޑައިކާރި ކޮށްލާފައި، ދެފަޔަށް ބާރުކަމެއް ގެނައުމާއެކު، “ޔެސްސާރ! ތިޔަކަންތަށް ބަލާނަމެވެ”. މިހެންބުނެ ވަރަށް އަވަހަށް ޖަވާބުދިނެވެ. އެހެނަސް އަދިވެސް މަޖިލީހުގެ އިދާރާއިން އެކަމުގެ އެއްވެސް ޚަބަރެއް ނެތެވެ. ސީސީކެމެރާތައް ވަށައިގެން ބަހައްޓައި، އިތުރުތަމްރީނުތަކެއް ލިބިގެން ޚާއްސަކޮށް، ބޮޑުމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ޖަލްސާއިންބޭރުކުރާނެ ގޮތުގެ ތަމްރީނުތައް، އެތަޅުމުގައި ދަންވަރުހޭލާތިބެ ހަދާފައިވާ ކުޅަދާނަކަން ލިބިގެންވާ މިޓީމަށް އެބިހަކީ، ކޮން ފަރާތަކުން އެއްލިބިހެއްކަން ހޯދެންޖެހޭނެ އެވެ. އެހެންނޫނީ ތަމްރީނުލިބިގެންތިބި ފާރަވެރިން ބޭތިއްބުމުގެ ބޭނުމެއްނެތެވެ. ސިފައިންނާނުބައްސައި ރައްޔިތުންގެ ގޭގައި، ރައްޔިތުންގެ ތެރެއިން މަދަނީ ބަޔަކުލައްވާ އެގޭގެ ސަލާމަތީކަންތައް ބެލެހެއްޓުން މާރީތިވާނެއެވެ. މިއީކުޑަކުޑަ އިދާރީކަމަކުން ހަމަޖައްސާލެވިދާނެ ކަމެކެވެ. އެހެނަސް އަމިއްލަނުފޫޒާއި ބާރުގެދަށުން ގާނޫނުތަކާ ޚިލާފަށް އަމިއްލައަކަށް ވެރިކަމާ، ހަވާލުވެގެންއުޅޭ ޑީއާރުޕީއަށް މަޖިލީހުގެ އިދާރާގެ ކޮންޓުރޯލާއި ފުރިހަމަ އިތުބާރުގެއްލިދާނެތީ، މިފަދަކުޑަ ކަމެއްވެސް މަޖިލީހުގެ އިދާރާގެ ދަށަށްދޫކޮށް ނުލައެވެ. މިއީ ވީރަށް އަވަހަށް ހަމައަކަށް އަޅުވާރަނގަޅު ކުރަންވެއްޖެ ކަމެއް ކަމުގައި މަޖިލީހުގެ ރައީސަށް އަޅުގަނޑު ގޮވާލަމެވެ.

އަނެއްކުއްލި ޚަބަރަކީ، އިނގިރޭސިވިލާތުގެ ދަ ރޯޔަލް ކޮމަންވެލްތު ސޮސައިޓީގައި، ރައީސްމައުމޫނު ތަޤުރީރުކުރައްވަން ހުންނަވަނިކޮށް، އެމަނިކު ފާނުގެ މާތްހަށިކޮޅާދިމާއަށް ކުކުޅުބިހެއް އެއްލައިޖެހުމެވެ. އެމުޖްތަމަޢުގައި ސިޔާސީލީޑަރުންނަށް މިކަހަލަކަމަކާ ކުރިމަތިވުމަކީ، މާޚާއްޞަ ކަމެއްނޫނެވެ. އެހެނަސް އަރިހުގައި އިނގިރޭސިވިލާތަށް، އެމަނިކުފާނުގެންދެވި ބޮޑުން، މިޢަމަލު ދިވެހިމީޑިޔާއަށް ގެނެސްދިނީ، ވަރަށްބޮޑުކަމެއްގެ ގޮތުގައެވެ. އަތޮޅުތަކުގައި ތިއްބެވި، ލޮބުވެތި މަޢުޞޫމުދިވެހީންނަށް ފަރުދާގެ ބިއްދަށުން، އެހެންމަންޒަރެއް ސިފަކޮށްދިނުމުގެ މަޤްޞަދުގައެވެ. ކޮންމެކަމެއްގެ ބިއްދަށުގައިވެސް، ސިޔާސީ މަޤްޞަދުތަކެއް ފޮރުވައިގެން ގެންގުޅެއެވެ. ރައްޔިތުންގެ ދެ މަޖިލީހުގެ އިސް ގޮނޑިމެދުވެރިކޮށް، ސިޔާސީމަޤްޞަދުތައް ޙާޞިލްކުރެވޭގޮތަށް  އޮންނަސިސްޓަމް މުގުރާލުމަކީ، ލޮބުވެތި ދިވެހިރައްޔިތުންގެ އަމިއްލަކަމެކެވެ. ބޭރުބަޔަކު ކޮއްދޭނެ ކަމަށް އިޢުތިމާދުކޮށް، މަޑުންތިބެގެން ނުވާނެއެވެ. ހޭލާށެވެ! ހޭއަރާށެވެ! އަޅުގަނޑު ދެކޭގޮތުގައި މިކަމަށް އޮތްހަމައެކަނި ހައްލަކީ، ރައްޔިތުންގެ އެންމެޙައްޤު އެސެޓާއި މުދާކަމުގައިވާ ފަޅުރަށްތައް ވިއްކައިގެން، މުއްސަނދިވެފައިވާ ފަރާތްތަކުން، ސިޔާސީ މަޤްޞަދުތައް ޙާސިލުކުރުމަށް ބަހަމުންގެންދާ ފައިސާތަކުގެ ބޭނުން ކުރަން ފެށުމެވެ. އެއަށްފަހު،  އެމަޤްޞަދަށް ފުރަގަސްދީ، މިނިވަންކަމާއެކު، ފާހަގަ ޖަހާލަންލިބޭ ސިއްސުވޯޓުން އެމަޤްޞަދު ފެއިލްކޮށްލުމެވެ. ދެފަހަރަކު މިނަތީޖާ ދައްކާލަނިކޮށް އެކަން މުޅިން ހުއްޓިދާނެއެވެ.

އާދެ! ރައްޔިތުންގެ ގޭގެތެރެއަށް، އެއްލުނުކުކުޅު ބިހުގެ ހާދިސާވަނީ، މަޖިލީހުގެ އިދާރާއިން މީޑިޔާއަށް ނުނެރެއެވެ. ސިއްރުގައެވެ. ރާއްޖެއިން ބޭރުގައި، ހިނގިބިހުގެ ހާދިސާއާއި މިހާދިސާއާ އެއްވެސް ގުޅުމެއްވޭތޯ މަޖިލީހުގެ އިދާރާއިން ދިރާސާކޮށް ބައްލަވަނީކަމަށް ވެދާނެއެވެ. ނުވަތަ ދިވެހި ރައްޔިތުންނަށް، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް އޮޅުވާލައިގެން އިންތިޚާބަކާ ނުލައި، ދިވެހީންގެ ވެރިކަމާ ގަދަބާރުން ހަވާލުވެގެންއުޅޭ ސިޔާސީޕާޓީއެއް ކަމުގައިވާ ޑީއާރުޕީގެ ޒަޢީމު، އެކަން ސިއްރުކުރެއްވުމަށް މަޖިލީހުގެ ރައީސަށް، އަންގަވާ ފައިވަނީކަމަށް ވެސް ވެދާނެއެވެ. ވެރިކަމުގެފަރާތުން މިހާތަނަށް، ކޮށްފައިވާ އެންމެބޮޑު މުޖުރިމާނާކުށަކީ، އިންތިޚާބަކާނުލައި ވެރިކަންކުރާޕާޓީގެ ގޮތުގައި ޑީއާރުޕީ ހަމަޖައްސައި އެޕާޓީގެ ބާރާއިނުފޫޒު ރާއްޖޭގެހުރިހާ މުސްތަޤިއްލުބާރު ތަކަށް ފޯރުވަމުން ގެންދާ ގެންދިއުމުގެ މައްސަލައެވެ. ބޮޑުމަޖިލީހުގެ ރައީސްކަމުގެ ހުވާކޮށްގެން އިންނަވާ އެޕާޓީގެ ނާއިބުޒަޢީމުވެސް، ނުސީދާކޮށާއި ސީދާކޮށް، އަމިއްލަޕާޓީގެ ސިޔާސީ ނުފޫޒު، ފޯރުވަމުންދާކަމުގެ ހެކިތައް މިހާރުވަނީ، ދިވެހި ރައްޔިތުންނަށް ފެނި، އަދި ތަޖުރިބާކުރެވިފަ އެވެ. ސިޔާސީ މަޤްޞަދު ތައް ޙާޞިލުކުރުމަށް އެގޮނޑީގެ ބޭނުން ކުރެވެނީއެވެ. މިއީ ހިތާމަހުރި ކަމެކެވެ.

އިޙްތިޖާޖުކޮށް، ޕްރޮޓެސްޓުކުރުމުގެ ގޮތުން، ކުކުޅުބިހުންނާއި ތަރުކާރީން ދެވޭޙަމަލާތައް އިތުރުކޮށްގެން ނަމަވެސް، ޤާނޫނުއަސާސީ އާއި ޤަވާޢިދުތަކާ ޚިލާފަށް، ލޮބުވެތި ރައްޔިތުންގެބާރާއި ނުފޫޒު ޤަތުލުކޮށް، މަރާލުމަށް ރޭވިގެން ހިންގާ ޤާތިލާނާ ނުފޫޒުތައް ހުއްޓުވުމަށް، އާވިސްނުން ތަކަކާއެކު، ރައްޔިތުން މަސައްކަތްތަކެއް، ކުރަންވެއްޖެ އެވެ. ފަށަންވެއްޖެއެވެ. ވެރިކަމުގެ ފަރާތުން، މިމަގުން ހިންގާއެއްވެސް ކަމަކަށް،  ރައްޔިތުންގެބާރު ކަމުގައިވާ، ރައްޔިތުންގެ ދެ މަޖިލީހުންވަނީ، ފިޔަވަޅެއް އެޅުމަށް ނުކުޅެދިފައެވެ. ވާގި ނެތިފައެވެ. މިއީ ރައްޔިތުން ވަރަށް ސީރިޔަސްކޮށް އިސްކަމެއްދީގެން ވިސްނައި ފިޔަވަޅުތަކެއް، އަޅަންޖެހޭ ބޮޑުމުޞީބާތަކަށް ވެފައިވާކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ.

ލޮބުވެތި ދިވެހިރައްޔިތުންނަށް، ރައްޔިތުންގެބާރު އަނބުރައި ހަމަގޮތުގައި ގެނެސްދޭނެ ޤައުމީލީޑަރުން، ދީވެހީންގެ ތެރެއިންފާޅުކުރައްވައި، ހިތްވަރާއި ކެރުން ދެއްވައި ﷲ އަށް އިޚްލާޞްވުމަށް، ތައުފީޤުދެއްވާށި އެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page