top of page

ކަރްބަލާގައި ޙުސައިންގެފާނުގެ ޝަހީދުވުން ހަނދާންކޮށްދިން އީރާނުގެ ރޫޙާނީލީޑަރު، އާޔަތުﷲ ޢަލީ ޚާމަނާއީގެ ޝަހީދުވުން!

Writer: ilyashusein
ilyashusein
Aug 16
13 min read

Updated: Aug 17

އީރާނުގެ ރޫޙާނީލީޑަރު ޝަހީދު ޢަލީ ޚާމަނައީ ފަސްދާނުލުން ވެގެން ދިޔައީ ދުނިޔޭގެ ބާރު ކަމުގައިވާ އެމެރިކާ ސިއްސުވާލުމަކަށެވެ. މިއީ ހަމަ އެކަނި ޖަނާޒާއެއްނޫނެވެ. ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެވެ. ޙަޤީޤަތުގައި މިހަނގުރާމަ އަކީ އެމެރިކާ އާ އެމް އޯ ޔޫ އަކާ އެކު އެއްބަސްވެ ކޮށްލެވޭ ސޮޔަކުން ހުއްޓިގެން ހިނގައިދާނެ ހަނގުރާމައެއް ކަމަށް ދެކޭ މީހުން އެތިބީ މޮޔައިންގެ ސުވަރުގެއެއްގައެވެ.


ޖަނާޒާ
ޖަނާޒާ

ޤުރްއާނާއި ކީރިތިރަސޫލާގެ ހަދީސްފުޅުތަކަށް ނަޒަރުކޮށް އެ ހުރިހާ ނުކުތާތަކެއް ގުޅާލާ އިރު މި ހަނގުރާމަ އެ ނުކުތާތަކަށް ބަރާބަރަށް ފިޓުވެ، ފެތެއެވެ. ވީމާ ފަހުޒަމާނުގެ ކަންކަން އެ ދަނީ ސީދާ އެ މަގުންނެވެ. ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށެވެ. ފިތުނައިގެ ބާބުގައި ބުޚާރީ އާއި މުސްލިމް ގައި ވާ ހަދީސްފުޅެއްގައި ކީރިތިރަސޫލާ ހަދީސްކުރައްވާފައި ވެއެވެ.


ޢިރާޤުގެ ބަސްރާ ތަބާވުމުން އޭގެ ފަހުގައި ޝާމް "ސޫރިޔާ" ތަބާވާނެއެވެ. ޝާމް ތަބާވުމުން އޭގެފަހުން ފާރިސް "އީރާން" ތަބާވާނެއެވެ. ފާރިސް ތަބާވުމުން އަރަބް ތަބާވާނެއެވެ. ޢަރަބް ތަބާވުމުން ހަދީސްފުޅުތަކުގައި ވަނީ އޭގެފަހުން އޭސިޔާސަރަހައްދުގެ ވާހަކައެވެ. ސިންދު ޚަރާބު ވާނީ ހިންދު އިންނެވެ. އަދި ހިންދު، ޚަރާބު ވާނީ ޗައިނާ އިންނެއެވެ. ފަހެ، މިއީ ހޫނުކޮށް ހިނގާނެ ހަނގުރާމަތަކެވެ.


މިހާރު ޞަހްޔޫނީޔަހޫދީން އަރާ ޢިރާޤުގެ ބަސްރާ އެވަނީ ޚަރާބުކޮށްލާފައެވެ. ސުންނާފަތިކޮށް ލާފައެވެ. އޭގެފަހުން އަދިއެއް ޢިރާޤަށް ހަމަޖެހުމެއް ނުލިބެއެވެ. ދާޚިލީހަނގުރާމަ ދަނީ ކުރިޔަށެވެ. ފަހުޒަމާނުގެ ހަނގުރާމައިގެ ދެން ހުރި ބައިތަށް އެ ދަނީ ކުރިޔަށެވެ. ޝާމްގެ ތަބާވުން މިހާރު އެދަނީ ކުރިޔަށެވެ. ސޫރިޔާގެ ރައީސް ބައްޝާރު ފަހާލާއި ދަމިޝްޤާއި އެކު އެސަރަހައްދު ވަނީ ހިފާފައެވެ.


ޞަހްޔޫނީންގެ އޭޖެންޓު އަބޫބަރު އަލްބަޣްދާދީ އާއި ދާޢިޝް، އަދި އެކިނަންނަމުގައި އެފަދަ އޭޖެންޓު ޖަމާޢަތްތައް އުފައްދާއި ވެރިކަމުގެ ބާރަށް ގެނެސްދީ ހަދައިގެންނެވެ. ސީރިޔާއަށް، މުޙައްމަދު އަލްޖައުލާނީ ވަނީ ވެރިކޮށްފައެވެ. އަސްލު ނަމަކީ އަޙްމަދު ޙުސައިން އަލްޝަރާޢު އެވެ. މަޝްހޫރު ވަނަމަކީ އަބޫ މުޙައްމަދު އަލްޖޫލާނީ އެވެ. މިހާރު އެއީ ބޮޑުއިސްރާއީލުގެ އަވަށެކެވެ. އެއަށް ފަހު، މިހާރު އެގެންދަނީ ފާރިސްކަރަ، އީރާން އާ އެކު ހަނގުރާމަ ފަށާފައެވެ.


މުޞައްނިފް އިބްނި އަބީ ޝައިބާ، مصنف ابن أبي شيبة ގައި ޢަލީގެފާނު ކިބައިން އެބޭފުޅާ ވިދާލުވިކަމަށް ރިވާކުރައްވާފައި ވެއެވެ. "145 ވަނަ އަހަރު ޝަރްޤީކަނޑުއޮޅި ބަންދުވާނެއެވެ." މިއީ ހުރްމުޒުކަނޑުއޮޅިއެވެ. ޢަލީގެފާނަށް ނިސްބަތްކޮށް މިއީ މީހުންބުނެހަދާ ބަސްފުޅެކެވެ. 145 ގެ މި ގުނުން ގުނަން ފަށާނީ ކޮން ހިސާބަކުންކަން ޢިލްމުވެރިންނަށް މީގެ ކުރިން އޮތީ ސާފުނުވެއެވެ. ޢަލީގެފާނު ބަސްފުޅު އޮތީ ހަމައެކަނި މިވަރަށެވެ. އެކެއް ފަނާނެ ހިސާބެއް ވިދާޅުވެފައެއް ނެތެވެ. އެހެނަސް މިހާރު މިކަންވަނީ ޢިލްމުވެރިންނަށް، ޤުރްއާނުގެ ސައިންސުން އޮޅުންފިލާއި ސާފުވެފައެވެ.


ޤުރްއާންގައި ފިރްޢައުނާ ގުޅިގެން ޔޫނުސް ސޫރަތުގެ، 92 ވަނަ އާޔަތުގައި،


فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً ۚ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَـٰتِنَا لَغَـٰفِلُونَ﴿٩٢﴾


"މިއަދު ކަލޭގެ ފުރާނަނެތް ހަށިގަނޑު ސަލާމަތް ކުރައްވާހުށީމެވެ. އެއީ، ކަލޭގެ ފަހުގައި އަންނަބަޔަކަށް، ޢިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ."


މިހެން އައިސްފައި އޮތުމުން ފިރްޢައުނުގެ ހަށިގަނޑު ވީތަނެއް ނޭނގިއޮތުމުން އެތައް ޢިލްމުވެރީންނެއް އެކަމާ ކަންބޮޑުވެތިއްބާ މިކަލޭގެ ހަޑިގަނޑު ލައްގާފައި އޮއްވާ ފެނުނީ، 1881 މ. ގައެވެ. 1881 މ. އިން ފެށިގެން، 2026 މ. އަށް، މިއަދަދު ގުނުމުން ބަރާބަރު، 145 އަހަރެވެ. ހުރުމުޒުކަނޑުއޮޅި ފާރިސްކަރައިން ބަންދު ކުރީ، މިއަހަރު، 2026 ތެރޭގައެވެ. ޢަލީގެފާނު ބަސްފުޅު މިގޮތުން ބަރާބަރަށް ކަރަވަރުކުރެވެއެވެ.


ވީމާ ދަންނައެވެ! ފިރްޢައުނުގެ ފުރާނަނެތް ހަށިގަނޑު ފެނުނު ހިސާބުން މިވަނީ ފަހުޒަމާން ފެށިފައެވެ. އަހުރެމެން މިތިބީ ފަހުޒަމާނުގައެވެ. ޢަރަބިބަހުގައި ޚަލްފު އަކީ އެއްޗެއްގެ އެންމެފަހެވެ. ދުނިޔޭގެ އެންމެފަހުން އަންނާނެ ބަޔަކަށް ޢިބްރަތެއްގެ ގޮތުގައި ފިރްޢައުނުގެ ހަށިގަޑި ދެއްކެވުމުން ސާފުކޮށް އެނގެނީ މިއީ ފަހުޒަމާންކަމެވެ. ދެން އަންނާން ތިބީ ފަހުޒަމާނުގެ މީހުންކަމަށެވެ. ދުނިޔޭގެ އެންމެ ފަހުބަޔަށް، އެ މަރްހަލާ ފެށިފައިވާ ކަމެވެ!


އާދެ، މިހަނގުރާމައިގާ ޚާމަނާއި އާއި އެކު ޝަހީދުކޮށްލެވުނު އެ އާއިލާގެ ބޭފުޅުންނަށް މިޖަނާޒާގައި އަލްވަދާއު ދެންނެވުމަށް ސަންދޯއް ފޮށިކޮޅުތައް ބެހެއްޓިފައި ހުރި ތަނަށް ޒިޔާރަތްކުރެއްވި، ސަތޭކައަށް ވުރެ ގިނަ، އެކިގައުމުތަކުގެ ޑިޕްލޮމެޓިކް ވަފުދުތަކަށް، މަރްހަބާ ދަންނަވަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި އާރު ޖީ ސީ) ގެ ފަރާތުން ހިތާމާއިގެ މިވަގުތުގައި ޤުރްއާނުން ކިޔެވުމަށް ނިންމެވި އާޔަތްތަކަކީ އެކި ވަފުދުތަކަށް ޚާއްސަ ޑިޕްލޮމެޓެކި މެސެޖްތަކެއް ދެވުނު ރަސްމިއްޔާތެކެވެ.


މިބަހުސަކީ މުޅިދުނިޔެ އާއި ޚާއްސަކޮށް އަރަބިދުނިޔޭގައި ނޫސްވެރިންގެ މެދުގައި މިވަގުތު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ ހޫނު މައްސަލައަކަށް ވަނީ ވެފައެވެ. ޚުދު އީރާނުގެ ވަފުދުތަކާއި ރައީސް މަސްޢޫދު ޕަޒަސްކިޔާނަށާއި އީރާނުގެ ބާނީ އިމާމް އާޔަތުﷲ ޚުމައިނީގެ ކާފަދަރިކަލުން ކަމުގައިވާ، ހުސައިން ޚުމައިނީއަށް ވެސް ތިލާވަތުކުރެވުނީ ހޮވާލެވުނު ވަކިވަކި އާޔަތްތަކެވެ!


އީރާނު "އައި އާރު ޖީ ސީ" ގެ ކޮންމެ މިފަދަ އަމަލަކީ، ދުނިޔެއަށް އާ ވައްތަރެއްގެ ހިކްމަތީ ފިލާވަލުތަކެއް ދޫކުރާ އަމަލަކަށް ވެފައި ވެއެވެ. މިގޮތުން އީރާނަށް ތައުޒިޔާދެންނެވުމަށް ޒިޔާރަތް ކުރި ވަފުދުތައް ހަތަރުބަޔަކަށް ބަހާލެވިދާނެއެވެ. މި އިން ކޮންމެ ވަފުދަކަށް ވެސް ތިލާވަތުކޮށް ކިޔެވުނީ ހޮވާލެވުނު ވަކިވަކި އާޔަތްތަކެވެ. އެ އާޔަތްތަކާއި އެ ގައުމުތައް ވަކިވަކިން ގެނެސްދޭނަމެވެ!


އެއްވަނަ ބަޔަކީ، ސިދާކޮށް އީރާނާ އިދިކޮޅު އަދާވަތްތެރި ގައުމުތަކާއި އެގައުމުތަކަށް މަދަދު ދީ އެހީތެރިވެދިން ގައުމުތަކެވެ. މިސާލަކަށް އެމެރިކާ އާއި ޔޫއޭއީ އާއި ސައުދީ ތުރުކީ ފަދަ ގައުމުތަކަށް ދެވުނު މެސެޖެވެ.


ދެވަނަ ބަޔަކީ، ސީދާ އީރާނަށް ތައީދުދީ ހިމާޔަތާއި މަދަދުދިން ގައުމުތަކެވެ. ޗައިނާ، ރަޝިޔާ، ޤަޠަރު، އަދި ޕާކިސްތާން ފަދަ ގައުމުތަކެވެ.


ތިންވަނަ ބަޔަކީ، އިއްތިހާދީ ބައިވެރިންނާއި ޕްރޮކްސީން ގޮތުގައި ބައިވެރިވި ފަރާތްތަކެވެ. ލެބްނާންގެ ހިޒްބުﷲ އާއި ޣައްޒާގެ ހަމާސްޖަމާއަތާއި ޔަމަނުގެ ޙޫޘީ (އަންޞާރުﷲ) ޖަމާއަތް ފަދަ ވަފުދުތަކެވެ.


ހަތަރުވަނަ ބަޔަކީ، އެއްވެސް ފަރާތަކަށް ނުޖެހި ތިބި ބައެވެ. އެހެންވިޔަސް މިހެންވިޔަސް އެންމެރަނގަޅު ކަމަށް ދެކޭ، އިންޑިއާ ފަދަ ފަރާތްތަކެވެ.


ފަހެ، މި ބޮޑުއެއްވުމަކީ އީރަށް ލިބުނު މަތިވެރި ތާއީދެކެވެ. ވަރުގަދަ ކާމިޔާބެކެވެ. މުޅި ދުނިޔެއިން ސަތޭކައަށްވުރެ ގިނަ ޤައުމުތަކުގެ ފަވުދުތައް ހާޒިރުވިއެވެ. އީރާނަށް ދެވުނު ޤަދަރުވެރި އިޙްތިރާމެކެވެ. މިއީ ޝަހީދުވެ ޤުރުބާންކުރެވުނު ލެޔަށް ދެވުނު ޢިއްޒަތާއި ކަރާމާތެވެ. ޔުނިޓީއާއި އެކުވެރިކަމުގެ ބަދަހި ގުޅުމެކެވެ. އުޚުއްވަތްތެރިކަމެވެ. ވަހުދަތެވެ. ވީމާ ގިނަފަރާތްތަކުން ދެކެނީ މިއީ ދެކޮޅުވެރިކަމާއި ނަފްރަތުކަން އެއެްވެސް ގޮތަކުން ދައްކާއި ފާޅުކުރަންވީ މަހައްލެއް ނޫންކަމަށެވެ. މެހްމާނުން އުފަލުގައި ބައިތިއްބާންވީ ވަގުތެއް ކަމަށެވެ.


އެހެނަސް އީރާނުން މިދެއްކީ ޤުރްއާނުގެ މަތިވެރިކަމާއި ހުރިހާ ޢިލްމެއް އެ ފޮތުގައި އެކުލެވިގެންވާ ކަމުގެ ކުޅަދާނަކަމެވެ. މިކަން ކުރެއްވި ކުޅަދާނަ ޙިކްމަތުން ފުރިގެންވާ އައި އާރު ޖީ ސީގެ ތިންކްޓޭންކަށް މަރްހަބާކިޔުން ހުއްޓެވެ. ހަމަ އެކަނި މިކަމާ ހެދި ވެސް ޤުރްއާނަށް ނުަފްރަތު ކުރާ އެތައްބަޔަކު ޤުރްއާން ހުޅުވާއި އޭގައި ހުރި މޮޅުއިތުރު ޢިބާރާތްތައް ބަލާއި ހޯދާހަދާނެއެވެ.

އެކިއެކި ވަފުދުތަކަކަށް ތިލާވަތު ކުރެވުނީ، ކޮންކޮން އާޔަތްތަކެއްތޯ އާއި އޭގެ އެންމެ ފުންމާނައަށް ބަލައިލަމާތޯއެވެ. އަދި ނޫސްވެރިންނާއި އެހެނިހެން ލިޔުންތެރިން ނެގި ސިޔާސީ މާނައަށް ބަލައިލަމާ ހިންގަވާށެވެ.


އެއްވަނަ ބާވަތް:


ފުރަތަމަ އަށް ސީދާ އިދިކޮޅުގައި ތިބި އަދާވަތްތެރި ގައުމުތަކަށް ބަލައިލަމާ ހިންގަވާށެވެ.


ސަޢޫދީޢަރަބިޔާ:


ސަޢުދިއެރޭބިޔާ ވަފުދު ސަންދޯއްކޮޅުތަކައި ކައިރިވެ ދުއާކޮށް ސަލާމް ކުރި ވަގުތު ހަރުއަޑުގައި ތިލާވަތުކޮށް އިއްވާފައިވާ އާޔަތަކީ ގުރްއާނުގެ އާލިޢިމްރާން ސޫރަތުގެ، 13 ވަނައާޔަތެވެ!


قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَ‌ٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ


އަހުރެންގެ މާނައަކީ،


"އޭ! ޔަހޫދީންނެވެ! ބަދުރުހަނގުރާމައިގެ ދުވަހު މައިދާނުގައި ބައްދަލުކޮށް ހަނގުރާމަ ކުރި ދެޖަމާޢަތުގައި، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް، ޢިބުރަތެއްވެއެވެ. އެއްޖަމާޢަތަކީ، ﷲގެ މަގުގައި ހަނގުރާމަކުރާ މުއުމިން ޖަމާޢަތެވެ. އެބައިމީހުން ހަނގުރާމަ ކުރީ، ﷲ ގެ ކަލިމަ މަތިވެރި ކުރުމަށެވެ. އަނެއްޖަމާޢަތަކީ ކާފިރުޖަމާޢަތެކެވެ. އެބައިމީހުން ހަނގުރާމަ ކުރީ ޝައިޠާނާގެ މަގުގައެވެ. މުއުމިނުންނަށް ކާފިރުން ފެނުނީ އެބައިމީހުންނަށް ވުރެ ދެގުނަ އިތުރަށެވެ. ހަމަ ލޮލަށް ޙަޤީޤަތަށެވެ. ޚިޔާލާއި ވަހުމުގައެއް ނޫނެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ ފަރާތަކަށް އެކަލާނގެ ނަޞްރާއި ތާއީދުދެއްވައެވެ. އެކަލާނގެ ވަނީ، މުސްލިމުންގެ މާ މަދު ބަޔަކަށް، އެބައިމީހުންނަށް ވުރެ މާ ގިނަ މުޝްރިކުންގެ މައްޗަށް ނަޞްރުދެއްވާފައެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއްވާކަން ޔަޤީނެވެ."


ފަހެ ނޫސްވެރިންނާއި އެހެންފަރާތްތަކުން ނަގާ ސިޔާސީ މާނާ އަކީ، އީރާނުން ސަޢުދީޢަރަބިޔާއަށް ހަނދާންކޮށްދީ، މިބުނެދިން ވާހަކައިން ސައުދީންނަށް ވެގެންދާނީ، އެމީހުންގެ ބައިނަލްއަޤްވާމީ މަސަލަހަތު އިސްކުރާ ޕޮލިސީ ވިސްނުމަށް ދެވުނު ރައްދެއްގެ ގޮތުގައި، އީރާނުން ސަޢުދީޢަރަބިޔާގެ މޫނުތަމީގައި ބާރުމިނުގައި އަޅާވިހެލި އެތިފަހަރަކަށެވެ. މިއީ އަސަރުންފުރިފައިވާ މެސެޖެކެވެ.


ޤުރްއާނަކީ ޢަރަބިންގެ ބަހަށް ވެފާއި ޕާކިސްތާނަށާއި އެހެން ވަފުދުތަކަށް ތިލާވަތުކުރެވުނު އާޔަތްތައް ސަޢުދީވަފުދުން ވެސް އަޑުއަހާފައި ވާތީއާ އެކު، މި އިވުން ވެގެންދިޔައީ ފުންކޮށް އަސަރުކުރުވި ތިލާވަތަކަށެވެ. އަދި ފުންމާނަތަކެއް ސަޢުދީންނަށް ނަގައިގަނެވޭނެ ތިލާވަތަކަށެވެ.


ޙަޤީޤަތުގައި ޕާކިސްތާނަކީ ސަޢުދީން ވަފުދެއް އީރާނަށް ފޮނުއްވުމަށް ބާރުއަޅާއި މަސައްކަތް ކުރި ފަރާތްވެސް މެއެވެ. ވީމާ ބަދުރުހަނގުރާމަ އާ ގުޅިގެން ބާއްވާ ލެއްވުނު މިއާޔަތުގެ މާނަ، އެމީހުންނަކީ ޢަރަބީންނަށްވާތީ ވަރަށް ފުރިހަމައަށް ވިސްނައިގަތެވެ. ޙައްޤާއއި ބާޠިލާ މެދު ކުރެވުނު، އީރާނާއި ޞަހްޔޫނީޔަހޫދީންނާ ދެމެދު މިކުރެވޭ ހަނގުރާމާގައި ސަޢުދީންނަށް ތިބެވުނު މަޤާމާއި ތިބެވުނުގޮތަކީ ކޮބައިކަން ވަރަށް ސާފުކޮށް އެމީހުންނަށް ފުންކޮށް އިހުސާސް ކުރެވޭނެ ކަމެކެވެ. ޝައްކެތް ނެތި ހިތި އަސަރުތަކެއް ކުރާނެއެވެ.


މިހާރުގެ ޒަމާނީ ޑިޕްލޮމެސީ އަކީ، އަކުރާއި ފިއްޔަށް ވެސް ނަޒަރުކޮށް ވިސްނަންޖެހޭ ޙައްސާސީ އެއްޗެކެވެ. އަޚްލާޤާއި ސުލޫކީ މިންގަނޑުތަކެއް ވެސް އަމިއްލައަށް ފަރުމާކޮށް ހަދާފައި ހުރެއެވެ. މިނަޒަރުން ބަލާ އިރު، އީރާނުން މިކުރި ކަމަކީ ބޭނުންތެރި ކަމެއް ނޫންކަމަށް ދެކޭމީހުން ވަރަށް ގިނައެވެ.


ސަޢޫދީވަފުދު
ސަޢޫދީވަފުދު

ފަހެ، މިދުވަސްވަރަކީ، އީރާނުން ސަޢުދިޢަރަބިޔާއަށް ފުރިހަމަ އިޙްތިރާމް ދޭންޖެހޭ ދަނޑިވަޅެއް ކަމުގައި ގިނަފަރާތްތަކުން ދެކެއެވެ. އަމިއްލަ ވަޒަނަށް މެހްމާނެއް ގޮތުގައި ސަޢުދީން ހާޒިރުވުމުން އަދަބު އިޙްތިރާމްގެ ރީތިސިފަތައް އިސްކުރަން ޖެހޭ ވަގުތެވެ. ޣައިރުމުނާސިބު ވައްބަހެއް އެއްލައިގެން ނުވާނެ ވަގުތެވެ. މުނާސަބަތާ ގުޅިގެން ދެވުނު މެސެޖު ރަނގަޅެއް ނޫނެވެ! ރީއްޗެއް ނޫނެވެ! މިއީ ގިނަނޫސްވެރިން އެއްބަސްވާ ގޮތެވެ. ޕާކިސްތާނަށް ފިނިފެނުގެ މެސެޖެކެވެ! ސަޢުދީޢަރަބިޔާއަށް ހޫނުފެނުގެ މެސެޖެކެވެ!


ތުރުކީ:


ތުރުކީ ވަފުދު ސަންދޯއް ފޮށިކޮޅުތަކާ ކައިރި ވި ވަގުތު އަޑު އިވެމުންދިޔައީ އަލްނިސާ ސޫރަތުގެ، 95 ވަނަ އާޔަތެވެ!


لَّا يَسْتَوِى ٱلْقَـٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَـٰعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ عَلَى ٱلْقَـٰعِدِينَ أَجْرًا عَظِيمًا ﴿٩٥﴾


އަހުރެންގެ މާނައަކީ،


"މޫމިނުންގެ ތެރެއިން ޖިހާދު ނުކުރެވޭ ފަދަ ޢުޒުރުތަކުގެ ވެރިން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން، ﷲގެ މަގުގައި އެމީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދު ކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެތެވެ. އެމީހުންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދު ކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން، ﷲ މާތްކުރައްވާފައި ވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް، ﷲ ވަޢުދުވެވޮޑިގެންފައި ވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ޖިހާދު ކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް، ﷲ މާތްކުރެއްވިއެވެ."


ނޫސްވެރިންނާއި އެހެން ލިޔުންތެރިން ނަގާ ސިޔާސީމާނަ އަކީ، އީރާނުން، ﷲ ގެ މަގުގައި ޖިހާދުކޮށް ހަނގުރާމަ ކުރަމުންދާ އިރު ތުރުކީން ފަސްޖެހި ތިޔަތިބީ އެއްވެސް ސަބަބެއް ނެތި މަޑުން އިށީނދެއެވެ. މުދަލާއި ފައިސާއިންނާއި އަމިއްލަނަފްސުން ޖިހާދުކުރާމީހުން ﷲ މާތްކުރައްވާއި ދަރަޖައުފުއްލަވަތެވެ. އަދި ގޭގައި އަތްއުރާލައިގެން އިށީނދެތިބޭ މީހުންނަށް ވުރެ ޖިހާދުކުރާމީހުންގެ މާތްކަން މަތިވެރިވެ ދަރުމަތަށް އިތުރެވެ. މިއާޔަތުން ތުރުކީ ވަފުދަށް ވެގެން ދިޔައީ އެގައުމުން އީރާނާ މެދު ގެންގުޅު ބަސްތަކުން ތާއީދު ކުރުމުގެ ޕޮލިސީއަށް ޖެހި ބޮޑުގޮންޖެހުމަކަށެވެ.


ސަޢުދީންނަށް ވީ ގޮތަށް ތުރުކީންނަށް ވެސް މިއާޔަތުން އަސަރުކޮށް ރުޅިގަދަވި ކަމަށްވެއެވެ. ހަގީގަތަކީ ވެސް ހަނގުރާމައިގެ ހުރިހާކަމެއް ތުރުކީ ކުރިމަތީގައި ހިންގައި ދާއިރު ތުރުކީން ހަމަ އިށީދެގެން ގޭގައި މަޑުން ތިބި ބައެކެވެ. އެއްވެސް ގޮތަކުން އެހީއެއް މަދަދެއް ވީބަޔަކަށް ނުވެއެވެ. ނުވިތާކަށް ތުރުކީއަކީ އިސްރާއީލުގެ ވިޔަފާރި ބައިވެރިޔާއެވެ. ހުރިހާތެލެއް އިސްރާއީލަށް އެތެރެ ވަނީ ތުރުކީންލާފައެވެ. އީރާނުން ތުރުކީއަށް ޤުރްއާން މެދުވެރިކޮށް މިދެއްވީ ވަރަށް މަތިވެހި ޚާއްސަ މެސެޖެކެވެ.


އެމެރިކާ އާއި ޔޫއޭއީ މި ދެގައުމުން މި ރަސްމިއްޔާތަށް ވަފުދެއް ނުފޮނުއްވައެވެ. އިންޓާރނެޓުގައި ޔޫއޭއީ ވަފުދަށް އިއްވުނު އާޔަތް ކަމުގައި ދައުރުވާ، އާޔަތަކީ، 2024 މ. ގައި އީރާނުގެ ރައީސް، ޝަހީދު އިބްރާހީމް ރައީސީގެ ޖަނާގައި ޔޫއޭއީ ވަފުދަށް ތިލާވަތު ކުރެވުނު އާޔަތެވެ. ޔޫއޭއީ އަކީ އެމެރިކާއިން އީރާނަށް ނިއުކްލިޔާރބޮން އެޅުމަށް އެދޭ ފަރާތެކެވެ. އަދި އިބްރާހީމްއެކޯޑުގެ ބައިވެރިއެކެވެ. އިސްރާއީލީ ދައުލަތް ޤަބޫލުކުރާ ބައެކެވެ.


ދެވަނަ ބާވަތް:


ދެވަނައަށް ސީދާ ތާއީދުކޮށް ޙިމާޔަތް ދިން ގައުމުތަކަށް ބަލައިލަމާ ހިންގަވާށެވެ. މިއީ އީރާނަށް ތާއީދުދީ ޙިމާޔަތްކޮށް ސިޔާސީގޮތުންނާއި މަޢީޝީގޮތުން އެހީތެރިވާ ގައުމުތަކެވެ. ފުރަތަމަ ޕާކިސްތާނެވެ.


ޕާކިސްތާން:


ޕާކިސްތާނުގެ ވަފުދަށް ތިލާވަތުކުރެވުނީ، ސޫރަތުލް އިސްރާގެ، 80 ވަނަ އާޔަތެވެ.


وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًا نَّصِيرًا


އަހުރެންގެ މާނައަކީ،


"އަދި މުޙައްމަދުގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ﷲގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ޢިއްޒަތާ އެކު ވައްދަވާނދޭވެ! އަދި ﷲގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ޢިއްޒަތާ އެކު ނެރުއްވާނދޭވެ! އަދި، ނަޞްރު ދެނިވި ސުލްޠާނެއް، ވަރުގަދަބާރެއް، ﷲގެ ޙަޟްރަތުން މިއަޅާއަށް ލައްވާނދޭވެ!"


މިއީ ޙަޤީޤަތުގައި ކީރިތިރަސޫލާއަށް އުގަންނައިދެއްވި ދުޢާ އެކެވެ. މުޝްރިކުން ނިންމީ ކީރިތިރަސޫލާ އާ ދެކޮޅަށް މަކަރުވެރި ރޭވުން ރާވާއި އެކަލޭގެފާނު ޤަތުލުކުރާށެވެ. ނުވަތަ ރަށުން ބޭރުކުރާށެވެ. ނުވަތަހައްޔަރު ކުރާށެވެ. އެހިނދު، ﷲ އެކަލޭގެފާނަށް މަދީނާއަށް ހިޖްރަކުރެއްވުމަށް އަމުރު ކުރެއްވިއެވެ. މިއީ ކީރިތި ރަސޫލާއަށް، ﷲ ގެ ޙަޟްރަތުން ދެއްވުނު ވަރަށް ބޮޑު އަދި އެހާމެ މަތިވެރި ހިތްވަރެކެވެ.


ޕާކިސްތާން ވަފުދު
ޕާކިސްތާން ވަފުދު

ސިޔާސީމާނައެއް ކަމުގައި ނޫސްވެރިންނާއި އެހެންމީހުން ދެކެނީ، އީރާނުން ޕާކިސްތާނަށް ހަދިޔާކޮށް މިއެރުވީ ވަރަށް މަތިވެރި ދަރަޖައެއްގެ އިއްޒަތެއް ކަމުގައެވެ. އީރާރުން ޕާކިސްތާނު ބަލައިގަތީ ވަރަށް ފަޚުރުވެރިކަމާ އެކުގައިކަމެވެ. އާދެ! މިފަދަ ހައްސާސީ ވަގުތެއްގައި އެކުވެރި ޕާކިސްތާނުން އީރާނަށް އެރުވީ ވަރަށް ގަދަފަދަ ނަސްރުދެނެވި ސުލްތާނީބާރެއްގެ ގޮތުގައި ކަމަށެވެ. ޕާކިސްތާނަކީ އީރާނުގެ އިއްޒަތާއި ކަރާމަތާއި ގަދަރު ދަމަހައްޓައި ދިން ގަދަފަދަ ފަރާތެއް ގޮތުގައެވެ. ސުލްޠާނެއްގެ ގޮތުގައެވެ.


ޤުރްއާނުގައި ސުލްޠާން މިބަސް ގެނެވިފައި ވާނީ ވަރަށް ބާރުގަދަ ފޯހެއް ގޮތުގައެވެ. މިފަދަ ސުލްޠާނީބާރެއް އިންސީންނާއި ޖިންނީންނަށް ލިބިއްޖެ ނަމަ އެހެން ދުނިޔެތަކަށް ދަތުރު ކުރުމަކީ ވެސް ކުޅަދާނަވެގެންވާ ކަމެކެވެ. ވީމާ މިއަދު ޕާކިސްތާނަކީ އިސްލާމީ އުއްމަތުގެ އެނެމްބާރުގަދަ ފަރާތަށް ވެފާ، އަދި އީރާނަށް މަދަދުދޭ ފަރާތްކަމުގައި ރަސްމީކޮށް ބަލައިގަތީއެވެ.


ޗައިނާ:


ދެން ޗައިނާގެ ވަފުދަށް އިންވުނީ، އާލުއިމްރާން ސޫރަތުގެ 126 އާޔަތެވެ.


وَمَا جَعَلَهُ ٱللَّـهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّـهِ ٱلْعَزِيزِ ٱلْحَكِيمِ ﴿١٢٦﴾


އަހުރެންގެ މާނައަކީ،


"އަދި، ތިޔަބައިމީހުންނަށް ނަޞްރު ލިބޭނެކަމުގެ އުފާވެރި ޚަބަރެއް ކަމުގައްޔާއި، އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، ﷲ އެކަންތަކެއް ނުލައްވަތެވެ. ޢަޒީޒު ވަންތަ، ޙަކީމް ވަންތަ، ﷲގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ."


މިއާޔަތުގެ ތަފްސީރަކީ، މަލާއިކަތުން ފޮނުއްވައި ރޫޙާނީބާރަކުން ނަސްރުދެއްވުން އެއީ ތިޔަބައިމީހުންނަށް ދެއްވި އުފާވެރިކަމުގެ ޚަބަރެއް ކަމުގައި މެނުވީ ނުވެއެވެ. ތިޔަބައިމީހުން އީމާންކަން މަތީ އިތުރަށް ސާބިތުވުމަށް ޓަކައެވެ. ތިޔަބައިމީހުންގެ ދުޝްމަނުން ދެކެ ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ނަސްރު ލިބެނީ ލަޝްކަރުގެ އަދަދު ގިނަވެ، ހަތިޔާރު ގިނަވުމުން ކަމަށް ތިޔަބައިމީހުން ހީ ނުކުރާށެވެ. ނަސްރަކީ ހަމައެކަނި، ﷲގެ ޙަޟްރަތުން ލިބޭ އެއްޗެކެވެ. މަލާއިކަތުން ނުވަތަ އެހެން ބައެއްގެ ފަރާތަކުން ނޫނެވެ.


ސިޔާސީ މާނަ އާއި ތަޖްޒިޔާއަކީ، ޗައިނާއިން އީރާނަށް ކޮށްދިން ހުރިހާ ކަމަކީ އުފާވެރިޚަބަރެކެވެ. ޗައިނާގެ ސެޓްލައިޓް ނެވިގޭޝަން ސިސްޓަމް، "ބައިދޫ" ންނާއި އެހެނިހެން ގޮތްގޮތުން އީރާނަށް ގެނެސްދިނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ސިޔާސީގޮތުންނާއި އިގްތިސާދީގޮތުންނާއި އަސްކަރީގޮތުންނާއި ލިބިފައިވާ ވީޓޯ ކުރުމުގެ ހައްގު ބޭނުންހިފައިގެންނާއި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިންނާއި އިސްތިރާތީޖީ ގުޅުމުގެ ތެރެއިން ޗައިނާއިން އީރާނަށް ވަމުންދާ އެހީތަކަކީ އީރާނުގެ ހިތްތަކުގެ ހިތްހަމަޖެހުންކަމާއި މިކަންކަމުން ނޭނގިތިއްބާ ލިބުނު ޣައިބީމަދަދެއް ކަމުގައި ދެކޭކަމަށް އިރާނުން ހާމަކޮށް ބުނުދިނީއެވެ. މިއީ ގަދަފަދަ މަދަދާއި އެހީއެވެ. ހަމަކަށަވަރުން އެފަދަ އެހީތަކަކީ ޢަޒީޒުވަންތަ ޙިކްމަތްވަންތަ، ﷲގެ ފަރާތުން އަންނާނެ އެއްޗެކެވެ!


ބައެއް ލިޔުންތެރިން މާނަ ކުރިގޮތުގައި މިއާޔަތް ކިޔާއި ޗައިނާއަށް އެރުވި ގަދަރަކީ، މިކަމުން އެހެންފަރާތްތަކަށް، ބައެއްގައުމުތައް އީރާނުން ދަށްކޮށް ދަށުދަރަޖައަކަށް ވައްޓާލުމުގެ އަމަލެކެވެ. އެހެނަސް އަހުރެން ދެކެނި އީރާނުން ޤުރްއާން ބޭނުންކޮށްގެން މިދެމުން ދިޔަ ޑިޕްލޮމެޓިކް މެސެޖްތަކަކީ މިކަންކުރިފަރާތުގެ މޮޅުކަމެވެ. ޙިކްމަތުޢަމަލީގެ މަތިވެރިކަމަށެވެ. ޤުރްއާންފޮތަކީ ޑިޕްލޮމެސީ ދެމެހެއްޓުމާއި ދުނިޔެވީ ހުރިހާކަމެއްގައި ވެސް ބޭނުން ކުރެވިދާނެ ޙިކްމަތުން ފުރިގެންވާ ކީރިތިމޫރިތި އިލާހީފޮތެއް ކަމަށެވެ. އެއީ ޤުރްއާންމަޖީދެވެ. ޗައިނާއަށް މިއީ އީރާނުން ދިން އުފާވެރިޚަބަރެކެވެ. ބުޝްރާއެކެވެ. ޗައިނާއިން ތިޔަ ކޮށްދިން ކަންތަކުން ހިތްހަމަޖެހުން ލިބިގެން ހިނގައްޖެއެވެ!


ރަޝިޔާ:


ރަޝިޔާވަފުދަށް ތިލާވަތު ކުރެވުނީ ޤަޞަޞް ސޫރަތުގެ، 83 ވަނަ އާޔަތެވެ.


تِلْكَ ٱلدَّارُ ٱلْءَاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ ﴿٨٣﴾


އަހުރެންގެ މާނައަކީ،


"އެއީ އާޚިރަތުގެ (ނިޢުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަން ﷲ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަޤްވާވެރިންނަށެވެ."


ޚުލާޞާތަފްސީރަކީ، ތިޔަބައިމީހުން އެތަނެއްގެ ވާހަކަ އަޑުއެހި، އަދި ތިޔަބައިމީހުންނާ ހަމައަށް އެތަނެއްގެ ސިފަތައް ވާރިދުވި ސުވަރުގެ އަކީ ދާއިމީ ނިޢުމަތުގެ ގޮވައްޗެވެ. އުފާވެރިތަނެވެ. އާދެ! އެތަނުގައި ޙަޔާތުގެ އުފާވެރިކަން ގެއްލޭ ފަދަ ކިލަނބުކަމެއް ނުވާނެއެވެ. އެސުވަރުގެ ތިމަން ﷲ ލައްވާ ހުށީ ދުނިޔޭގައި ބޮޑާވެގަތުމެއް، ހައްދުފަހަނައަޅައި ދިއުމެއް، އަނިޔާވެރިވުމެއް، ޙަސަދަވެރިވުމެއް، އަދި އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމެއް ނެތް ތަޤްވާވެރި މުއުމިނުންނަށެވެ. އަދި ހެޔޮ ނިމުން ވަނީ، ﷲ ގެ ޢަޒާބަށް ބިރުވެތިވެ، އެކަލާނގެ ރުއްސެވުމަށް އެދޭ މީހުންނަށެވެ.


ސިޔާސީމާނަ އަކީ، ރަޝިޔާ އަކީ ސުލްޙައަށް ލޯބިކުރާ ސުލްހަވެރިކަން އޮތުމަށް ގަދަޔަށް އެދޭ ބައެކެވެ. އީރާނަކީ، އީރާނުގެ ދީނީ އިންޤިލާބު، 1979 އަށް ފަހު، އެޤައުމުގައި ތިބި ހުރިހާ އެމެރިކާމީހުންނާއި އެމެރިކާ އާ ކުޑަވެސް ގުޅުމެއް އޮތް އީރާރުގެ އެންމެނަށް ދާންދެން ގައުމުން ބޭރުކޮށްލުމަށް ފަހު، ރަޝިޔާ އާ އެކު ގާތް އެކުވެރި ވަރަށް ގާތްރަޙްމަތްތެރި ގުޅުމެއް ބޭއްވި ގައުމެވެ. އެވަގުތުން ފެށިގެން ވަރަށް ސުލްހަވެރި ގުޅުމެއް ރަޝިޔާ އާ އެކު އޮތެވެ. އެފަދަ ގުޅުމަކަށް އެދޭ ބަޔަކަށް ނިމުން އަންނާނީ އަބަދުވެސް ރުހުމުގެ ތެރޭންނެވެ. އަބަދުވެސް އީރާނާ ރަޝިޔާ އަކީ އެކުވެރީންނެވެ. ހަގީގަތަކީ ބޭރުފުށަށް ފެންނާން ހުރި ގުޅުންތަކަށް ވުރެ ބޮޑު އެހީއެއް ރަޝިޔާއިން އީރާނަށް ފާޅުގައި އައުން ރަނގަޅެވެ.


ޤަޠަރު:


ޤަޠަރު ވަފުދަށް އިއްވީ، އަލްފަތަޙް ސޫރަތުގެ 2 ވަނަ އަދި 3 ވަނަ އާޔަތެވެ.


لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَ‌ٰطًا مُّسْتَقِيمًا ﴿٢﴾ وَيَنصُرَكَ ٱللَّـهُ نَصْرًا عَزِيزًا ﴿٣﴾


އަހުރެންގެ މާނައަކީ،


"އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައި ދެއްވުމަށްޓަކައެވެ. އަދި، ﷲގެ ނިޢުމަތްކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށް ދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށް ޓަކައެވެ." (2)


"އަދި ގަދަފަދަވެގެންވާ ނަޞްރަކުން ކަލޭގެފާނަށް ނަޞްރު ދެއްވުމަށްޓަކައެވެ." (3)


ނޫސްވެރިންނާއި އެހެނިހެން މީހުންގެ ސިޔާސީމާނަ އަކީ، ޤަޠަރުން ވަނީ އަހުރެމެން އީރާން އެކަނިވެރިކަމަށް ދޫކޮށްލާފައެވެ. އެހެނަސް އަހުރެމެންގެ އެކަނިވެރިކަމާ އެކުވެސް އަހުރެމެން، އީރާނުން މިތިބީ އަމިއްލަ ފައިމައްޗަށް ތެދުވެއެވެ. ވަރުގަދަކޮށެވެ. ފަހެ، ޤަޠަރު ކުރީކޮޅުގައި އީރާނާ ދުރުގައި ތިބެފައި ފަހުން ޤަޠަރުން އީރާނާ ގާތްވެ ކުރީގެ ކުށްތަކަށް މާފު ހޯދާއި އީރާނުގެ ރުހުން ފަހުން ފުރިހަމައަށް ދެމެހެއްޓީ ކަމަށެވެ. އަދި ކުރީގައި ކުރެވުނު ކުށްތަކުގެ ބަދަލުގައި ޝުކުރުވެރިކަން ލިބިގަތް ކަމަށެވެ! ހަގީގަތުގައި ޤަޠަރަކީ އީރާނާ އެކު ޤުދުރަތީގޭސް ހިއްސާކުރާ ގާތްފަރާތެކެވެ!


ތިންވަނަ ބާވަތް:


ތިންވަނައަށް އޮތީ ބައިވެރިންގެ ގޮތުގަޔާއި ޕްރޮކްސީން ގޮތުގައި ތިބިޖަމާޢަތްތަކެވެ.


ޙަމާސް:


އިއްތިހާދީ ހަމާސް ގުރޫޕުގެ ވަފުދު ސަލާމާއި ދުއާއަށް ހާޒިރުވި ވަގުތު އިއްވަމުންގެންދިޔައީ އަޙްޒާބު ސޫރަތުގެ، 23 ވަނަ އާޔަތެވެ.


مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَـٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا ﴿٢٣﴾


އަހުރެންގެ މާނައަކީ،


"ﷲ އަށް އެމީހުން ޢަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނިނުންގެ ތެރެއިންވެއެވެ. ފަހެ، އެމީހުންގެ ތެރެއިން ޝަހީދުވެ މަރުވެގެން ދިޔަ ބަޔަކު ވެއެވެ. އަދި، ޝަހީދު ވުމަށް އިންތިޒާރު ކުރާ ބަޔަކުވެސް އެމީހުންގެ ތެރެއިން ވެއެވެ. އަދި އެމީހުން، އެ އަހުދަކަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެތެވެ."


އިއްތިހާދީ ހަމާސް ޖަމާއަތަށް އީރާނުން މިދިން ސިޔާސީ މެސެޖަކީ، އެމީހުންގެ ހިތްވަރާއި އީރާނަށް ދެމުންދާ ބިޔަ ޤުރުބާނީއާ ސާބިތުކަމާއި ނަސްރަށްޓަކާ އަދި ތޫފާނުލްއަޤްޞާ "ސްޓޯމް އަލްއަގްސާ"ގެ ފަހަށް މިހާތަނަށް އަމިއްވަ ވައުދުގެ މަތީގައި ދެމިތިބުމުގެ އިއުތިރާފާއި ޝުކުރުގެ މެސެޖެވެ! މިއީ އިރާނުން ހަމާސްޖަމާއަތަށް ދެވުނު މީރުވަސްތަކުގެ ގުލްޒާރުގެ މާފައްޗެއްގެ ވެދުން ކުރުމެވެ!


ޙިޒްބުﷲ:


ދެން އައީ ހިޒްބުﷲ ޖަމާއަތުގެ ވަފުދެވެ. އެވަފުދަށް އައިއާރުޖީސީ އިން އިއްވި އާޔަތަކީ އާލުޢިމްރާންސޫރަތުގެ، 139 އަދި 140 ނަމަ އާޔަތެވެ.


وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ﴿١٣٩﴾ إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴿١٤٠﴾


އަހުރެންގެ މާނައަކީ،


"ތިޔަބައިމީހުން ފިނޑިވެ ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އެއީ ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ." (139)


"އުޙުދު ހަނގުރާމައިގެ ދުވަހު ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، ކާފަރުންގެ މީސްތަކުންނަށް ވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، ބަދުރުހަނގުރާމައިގެ ދުވަހުގައި ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، އެއީ އީމާންވެއްޖެ މީސްތަކުން، ﷲ ދެނެވޮޑިގެންވެ، އެކަން ހާމަ ކުރެއްވުމަށް ޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ޝަހީދުން ކަމުގައި ލެއްވުމަށްޓަކައެވެ. އަނިޔާވެރިންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (140)


މިކަމުގެ ސިޔާސީތަޖްޒިޔާ ގިނަނޫސްވެރިން ކުރަނީ މިހަނގުރާމާގައި ލެބްނާންގެ އާންމު ފޯސަސްއަށް ވުރެ ވަރުގަދަކޮށް ތިބެ، ހިޒްބުﷲ އިން ވަމުންގެންދިޔަ ޝަހީދުވުމުގެ ގިނަގުނަ ގުރުބާނީތަކާ އެކު ވެސް އީރާނާ އެކު ސާބުތުވެ ތިބުމަކީ، އާޚިރުގައި ކާމިބު ލިބިގެން ދާނީ ހިޒްބުﷲއަށް ވުން ކަމުގައެވެ.


ޙޫޘީ / އަންޞާރުﷲ:


އިއްތިޙާދީ ޔަމަނުގެ " ޙޫޘީ/ އަންޞާރުﷲ" ވަފުދު އެތަނަށް ވަދެގެން އައި ވަގުތު ކިޔެވުނީ ފުރްޤާންސޫރަތުގެ، 75 އަދި 76 ވަނަ އާޔަތެވެ.


أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا ﴿٧٥﴾ خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴿٧٦﴾


އަހުރެންގެ މާނައަކީ،


"އެމީހުން ކެތްތެރިވީކަމަށް ޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެމީހުންނަށް ޖަޒާއެއްގެ ގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެމީހުންނާ ބައްދަލުވާނީ، ތަޙިއްޔަތާއި، ސަލާމުންނެވެ." (75)


"އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ!" (76)


ސިޔާސީމާނައީ، ކެތްތެރިކަމާއި ތެދުގޮތުގައި ދެމިތިބިމުގެ އާޔަތްތައް ޙޫޘީވަފުދަށް ތިލާވަތު ކުރެވުމަކީ، ހުޅަގުގެ ކުރިމަތީގައި ޔަމަނުގެ ޙޫޘީން ބޯނުލަނބައި އީރާނާ އެކު އެކުވެރިކަމުގެ ހަމަހަމަގުޅުމުގައި އެއްކޮށް ތިބުމުގެ މަތިވެރި ރީތި ސިފަތައް ލިބިގެންވާ މީހުންނީ އަބަދަށް ދެމިތިބުމުގެ ސިފަތަކާއި މަތިވެރިދަރަޖަ ލިބޭނޭ މީހުންކަމުގައި ބުނެދިނުމެވެ. ޔަމަނު ޙޫޘީން އެ ތަޙައްމަލް ކުވާ ކެތްތެރިކަމަށްޓަކައި އެބައިމީހުންނަށް ތަހުނިޔާތަކާ އެކު ޢިއްޒަތުގެ ސަލާމް ކުރަމެވެ. އުފާވެރިކަމުގައި އެންމެ މަތީ ދަރަޖާގައި އެބައިމީހުން އަބަދަށް ތިބޭނެ ވާހަކައެވެ. އަދި ތިޔަދޭ ހަމްދަރުދީއާއި ކެތްތެރިކަމަށް ބޮޑެތި ކާމިޔާބުތައް ޔަމަނަށް ލިބޭނެއެވެ!


ލެބަނާން:


އާދެ! ދެން އައީ ލެބްނާން ސަރުކާރުގެ ރަސްމީވަފުދެވެ. އެވަފުދަށް ތިލާވަތުކުރެވުނު އާޔަތަކީ، ސޫރަތުއްނިސާގެ، 66 ވަނަ އިއްވުނެވެ.


وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَـٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا ﴿٦٦﴾


އަހުރެންގެ މާނައަކީ،


"އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ޤަތުލުކުރާށޭ، ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެމީހުންގެ މައްޗަށް، ﷲ ފަރުޟުކުރެއްވި ނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ. އަދި، އެމީހުންނަށް އެކަމާމެދު ވަޢުޡާއި ނަސޭހަތް އިއްވަވާ ކަންތައް އެމީހުން ކުޅަނަމަ، އެމީހުންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ޘާބިތުވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ."


އީރާނުން ސިޔާސީ ގޮތުން މިބުނެދެނީ މަސްލަހަތު އިސްކުރާ މުނާފިގާނާގޮތްތައް ދޫކޮށް ފާޅުގައި އީރާނާ އެކު ދުޝްމަނުންާ ކުރިމަތިލާ ނަމަ މާ ފައިދާ ބޮޑުވެ ހެޔޮކަން މަތިވެރިވާނެ ކަމަށެވެ. ލެބްނާނަށް ގަދަފަދަކަން އޮތީހެވެ. ނޫސްވެރިންގެ ބަހަކީ މިކަމުން ލެބްނާނުގެ ރަސްމީ ސަރުކާރަށް އަސަރުތަކެއް ކުރުވުން ނޫންކަމެއް މިކަމުގައި އެކުލެވިގެން ނުވާ ކަމަށެވެ.


ޢިރާޤު:


އިރާޤުން އައި ވަފުދަށް އިއްވުނީ ބަޤަރާސޫރަތުގެ، 154 އާޔަތެވެ.


وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَ‌ٰتٌۢ ۚ بَلْ أَحْيَآءٌ وَلَـٰكِن لَّا تَشْعُرُونَ ﴿١٥٤﴾


އަހުރެންގެ މާނައަކީ،


"އަދި ﷲގެ މަގުގައި ޖިހާދުކުރަނިކޮށް ޝަހީދުވާ މީހުންނާ މެދު އެއީ މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެމީހުންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަށް އެކަން ޝިޢޫރު ނުވަނީނީއެވެ. ނޭނގެނީއެވެ."


އިރާޤުގެ އާންމު މޮބިލައިޒޭޝަން ފޯސަސް އަށް އީރާނުން ސިޔާސީގޮތުގައި މިބުނެދެނީ އެމީހުންގެ ޝަހީދުންގެ ގުރުބާނީތަކުގެ އަގުވަޒަންކޮށް ގަބޫލުކުރާ ވާހަކައެވެ. އަދި އަގުވަޒަންކޮށް ބަލައިގަންނަ ކަމުގެ ވާހަކައެވެ. އަދި ހިތްވަރުގަދަ ތިޔަމިޝަން ދިރުވާއި ދެންމުމަށް، އީރާނުން އިއުލާނު ކުރުމާ އެކު ބާރުއަޅާ ވާހަކައެވެ! ސިޔާސީ ތަޖްޒިޔާކާރު، ނޫސްވެރިން ދެކެނީ މިއީ އެންމެން އެކުވެރި ކުރުވާންވީ ވަގުތު އެކިފަރާތްތައް މިގޮތަށް ތަފާތު ކުރުމުން އުދާސްތަކެއް އުފެދުން ނޫންކަމެއް ނުވާނެ ކަމަށެވެ.


ހަތަރުވަނަ ބާވަތް:


އާދެ! ވަފުދުތަކުތެރެއިން އެންމެ ފަހު، އަދި ހަތަރުވަނަ ބާވަތުގެ ޤައުމުތަކަކީ ވަކިއަތަކަށް މާބޮޑަށް ނުޖެހި މެދުމިންވަރެއްގައި އީރާނާ ގުޅުން ބާއްވާ އިންޑިއާ، އަފްޣާނިސްތާން ފަދަ ގައުމުތަކެވެ.


އިންޑިއާ:


އިންޑިއާ އަށް އިއްވި އާޔަތަކީ، އާލުޢިމްރާނު ސޫރަތުގެ، 173 ވަނަ އާޔަތެވެ.


ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَـٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ


އަހުރެންގެ މާނައަކީ،


"މުޝްރިކުންނަށް ވާގިވެރިވާ މުނާފިޤުން މުސްލިމުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމުގެ ގޮތުން ބުންޏެވެ. ޤުރައިޝުން ތިޔަބައިމީހުންނާ ކުރިމަތިލުމަށް ލަޝްކަރުތައް ޖަމާކޮށްފިއެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ބިރުވެތިވާށެވެ. އަދި ހަނގުރާމައަށް ނުނިކުންނާށެވެ. މިބިރުގެންނެވުމުން އެބައިމީހުންގެ އީމާންކަން އިތުރުވެ، ﷲ ގެ ނަޞްރުގެ މައްޗަށް އެބައިމީހުންގެ ހިތުގައި އޮތް އިތުބާރު ބޮޑުވުން ނޫން އެހެން ކަމެއް ނުވެއެވެ. އަދި އެބައިމީހުން ބުންޏެވެ. އަހުރެމެންނަށް، ﷲ ފުދިވޮޑިގެންވެއެވެ. ﷲ އީ އެކަލާނގެއަށް ވަކީލު ކުރާ ފަރާތްތަކަށް އެންމެ ރަނގަޅު ޙިމާޔަތެވެ. އަދިއެންމެ ރަނގަޅަށް ނަޞްރު ދެއްވާ، ﷲ އެވެ."


މުފައްސިރުންގެ ލަފްޒީމާނަ އަކީ މިއެވެ.


"އެއީ، އެމީހުންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން ލަޝްކަރު އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެމީހުންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެމީހުންނަށް އީމާންކަން އިތުރުކުރިއެވެ. އަދި، އެމީހުން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"


ސިޔާސީ މާނަ އަކީ، އީރާނުން ބުނާފަދައެވެ. އިންޑިއާއިން އީރާނަށް ބިރުދެއްކިއެވެ. އެމެރިކާ އަކީ ބޮޑުބިޔަ ވަރުގަދަ ބާރުވެރި ފައުޖެކެވެ. އެހެނަސް އެބިރުދެއްކުމުން އަހުރެމެން އީރާނުގެ އީމާންތެރިކަން ވަރުގަދަވެ އިތުރުކުރުވީއެވެ. ފަހެ، އެމެރިކާއަކީ ބާރުގަދަ ބައެއް ކަމުގައި ދެކި އިންޑިޔާއިން ގޮސް އެމެރިކާގެ އުނގަށް ސަވާރުވެ އިށީނދެ ތިއްބަސް ތިމަންމެން، އީރާނުން އެކަމާ ބިރެއްނުގަނެއެވެ. ޖެހިލުމެއް ނުވެއެވެ.


އިންޑިިއާ ވަފުދު
އިންޑިިއާ ވަފުދު

ހަމަ ކަށަވަރުން، އިންޑިއާގެ ތިޔަ ބުނުމުން އަހުރެމެންގެ އީމާންކަން ބާރުގަދަވެ އިތުރުކުރުވީއެވެ. ސާބިތިވީއެވެ. އަހުރެމެން، އީރާނަށް ﷲ އެކަނި ފުދެއެވެ! އަދި ﷲ އީ އެންމެމޮޅަށް ކަންކަން ކުރައްވާއި މެދުވެރިކުރައްވާައި ވަކީލުކުރުމަށް އެންމެ މަތިވެރިފަރާތެވެ! ވާހް! އީރާނުން ހިންދުތުވާ ކާފިރުވި ފަރާތްތަކަށް މިދިނީ ކިހާރީތި މޮޅު ޖަވާބެއްހެއްޔެވެ!

އަފްޣާނިސްތާން:


ދެން އަފްޣާނިސްތާނަށާއި ޠާލިބާނުވަފުދަށް އިއްވުނީ، އަލްފަތްޙު ސޫރަތުގެ، 1 ވަނަ އަދި 2 ވަނަ އާޔަތެވެ.


إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَ‌ٰطًا مُّسْتَقِيمًا ﴿٢﴾


އަހުރެންގެ މާނައަކީ،


"ފާޅުވެ ބަޔާން ވެގެންވާ ފަތަޙަ އަކުން، ހަމަކަށަވަރުން، ﷲ، ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ. (1)


"އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެ ފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައި ދެއްވުމަށް ޓަކައެވެ. އަދި، ﷲގެ ނިޢުމަތް ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށް ދެއްވުމަށް ޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގު ދެއްކެވުމަށް ޓަކައެވެ." (2)


ނޫސްވެރިންނާއި އެހެންފަރާތްތަކުން ނަގާ ސިޔާސީ މާނައަކީ، އަފްޣާނިސްތާނުން މާބޮޑެތިކަންތަކެއް އީރާނަށް ކޮށްދީފައި ނެތެސް ހިތްވަރުދީ މަރްޙަބާ އީރާނުން ކިޔާކަން ހާމަކޮށް ބުނެދިނެވެ. އަފްޣަނިސްތާނުގެ ކުރިޔާއި ފަހަތުގެ ހުރިހާކުށްތަކެއް ފޮހެވި މާފުވެގެންވާ ފަތަޙައެއް ދެއްވުމަށް އެދުނެވެ. އަދި ތެދުމަގުގައި ދެމިތިބުމަށް އެދި ދުޢާދިނެވެ. މިތާގައި އީރާނުން މިފާހަގަ ކުރާ ފަތަހަ އަކީ އެމެރިކާ އަތުން ތާލިބާނުން ހޯދި ބޮޑުފަތަހައެވެ. ކާމިޔާބެވެ. އެމެރިކާ ބަލިކުރިކުރުމެވެ.


އެހެނަސް އެއަށް ފަހުން އިންޑިޔާ އާއެކު ގުޅުން އުފައްދާއި ހިންދުތުވާ ކާފިރުންނާ އެކު ސުލްހަ ހެދި ހެދުމަކީ އީރާނުގެ ޕޮލިސީ އާ ޚިލާފު ޢަމަލެކެވެ. ފަހެ، އީރާރުން މިދެއްކީ އެކްސިލެންޓް ޑިޕްލޮމެސީއެކެވެ! ކީރިތިޤުރްއާނުގެ މަތިވެރިކަމެވެ!


އާދެ! މި ގެނެސްދެވުނީ ބޭރުން ޒިޔާރަތްކުރި ވަދުތަކަށް މަރްހަބާ ކިޔުމަށް ތިލާވަތުކޮށް އިއްވުނު އާޔަތްތަކެވެ. އަދި އޭގެ ފުރިހަމަ މާނަ އާއި ސިޔާސީމާނައެވެ. މީގެ އިތުރުން އީރާނުގެ އެތެރޭގެ ބައެއް ވަފުދުތަކަށް ވެސް މިފަދައިން އެކިއެކި އާޔަތްތައް އިއްވުނެވެ. އީރާނުގެ ފައުންޑަރު، އަދި ބާނީ އެންމެ މަތީ ރޫހާނީލީޑަރު، އިމާމު އާޔަތުﷲ ޚުމައިނީގެ ކާފަދަރިކަލުން ހަސަން ޚުމައިނީ، حسن خمينی އަކީ އީރާނަށް އާ އިސްލާހުތަކެއް އައުމަށް ގޮވާލަމުންދާ ކޭމްޕުގެ ބޭފުޅެކެވެ. އޭބޭފުޅާއަށް އިއްވުނީ، ތުރުކީއަށް އިއްވުނު އާޔަތެވެ. ޖިހާދު ކުރާމީހުންގެ ދަރަޖަތައް ގޭގައި އިށީދެ ތިބޭ މީހުންނަށް ވުރެ މާ މަތިވެރިވާހަކައެވެ!


ޙަސަން ޚުމައިނީ
ޙަސަން ޚުމައިނީ

އާދެ! ހަސަން ޚުމައިނީ މިއަށް ފަހު ވަރަށް އަވަހަށް އެރަސްމިއްޔާތުން ނުކުމެވަޑައިގެންވި ކަމަށް ޚަބަރު ދީފައި ނޫސްތަކުގައި ލިޔެފައި ހުއްޓެވެ. ވީމާ އީރާނުގެ އައި އާރު ޖީ ސީގެ ފަރާނުން ވަކިއާޔަތްތަކެއް ވަކިވަފުދުތަކަށް އިއްވުމަށް ނިންމި ނިންމުމަކީ ރަނގަޅުމަގުން ކުރެވުނު ކަމެއްގެ ގޮތުގައި ގިނަބަޔަކު ނުދެކެއެވެ. އެންމެން އެކުވެ، މުސްލިމް އުންމަތް އެކުވެ ތައުޒިޔާ ކިޔާއި ހިތާމަފާޅު ކުރަންވީ ވަގުތު އެކި މާނަ ދޭހަވާ ގޮތަށް އެކި އާޔަތްތައް އީރާނުން ގަސްދުގައި ކިޔުމަކީ، އީރާނުން ކުރި ނޭއްގާނީ ސުލްހައާ ދުރު އަމަލެއް ކަމުގައި ގިނަ ފަރާތްތަކުން ޚާއްސަކޮށް ގިނަ ނޫސްވެރިން ދެކި ވަރަށް ފާޑު ކިއެވެ.


އިރާނު ތެރޭގައި ތިބި އިސްލާހަށް އިސްކަން ދޭ ހުޅަގުގެ އޭޖެންޓު ފަރާތްތަކުން މިކަން ދުށީ ވަރަށް ނޭދެވޭ ކަމެއްގެ ގޮތުގައެވެ. އަޚްލާގާއި ސުލޫކީ މިންގަޑުން ވެސް ނޭދެވޭ އަމަލެއް ގޮތުގައެވެ. މިހުރިހާ ގޮތަކަށް އަޑުތައް ދުނިޔެއަށް ނެރުނީ އެކި ވައްތަރުގެ އެކި ފަރާތްތަކަށް ތާއީދާއި ރުހުންދޭ ނޫސްވެރިފަރާތް ތަކުންނެވެ. ނޫސްވެރިން މިކަން ވަނީ ބޮޑުތޫފާނަކަށް ހަދާފައެވެ. ޢަރަބި ނޫސްތައް ވެސް ވަނީ މިވާހަކަތަކުން ފުރާލާފައެވެ. ފަލަސުރުޚީތައް އަލާފައެވެ.


އީރާނުގެ ރަސްމީ ބައެއް ނޫސްތަކުން ވަނީ މިއީ ގަސްތުގައި ހޮވާލެވިގެން ކިޔެވުނު އާޔަތްތަކެއް ބުނެ އިއުތިރާފުވެ ލިޔެފައެވެ. ތާއީދުކޮށް ތަރްޙީބު ދީފައެވެ. އަދި އީރާން ސަރުކާރަށް ތާއީދު ދޭ އެހެން ބައެއް ނޫސްތަކުން މިއީ ތައުރީފު ކުރި ކަމެކެވެ. ޑިޕްލޮމެޓިކް، ސަފާރަތީގޮތުން އީރާނުން މިކުރީ އާދަޔާ ޚިލާފު މޮޅު ރީތި އާދައެއްކަމަށް ވެސް ބުނެއެވެ. މިއީ އީރާނުގެ އިލްމީ މޮޅުކަން ކަމުގައި ފާހަގަކޮށް ދިފާޢުގައި ލިޔެފައެވެ.


އަހުރެންގެ ނަޒަރުގައި އީރާނަކީ ބޭރުފުށައި އެތެރެފުށް އެއްގޮތަށް ތެދުވެރިކަމާ އެކު އަބަދުވެސް ސިޔާސަތު ގެންގުޅޭ ބަޔަކަށް ވާތީ މިގޮތަށް އެކިވަފުދުތަކަށް ހޮވާލައިގެން ވަކިވަކި އާޔަތްތައް ތިލާވަތުކޮށް އިއްވުަމީ އީރާނުގެ އަމިއްލަވަންތަ ގޮތުގައި ސާބިތުވެ އޮތުމެވެ. އެތެރެއާއި ބޭރުފުށް އެއްގޮތްކަމެވެ. ނިޔަތް އިޚްލާޞްތެރި ވުމެވެ. ހައްގުބަސް އިއްވަން ވާނީ ހައްގުގޮތުގައި ކަން އާންމުކޮށް ދުނިޔެއަށް ހާމަކުރުމެވެ. އަދި ހެޔޮ ގޮތުގައި އިޚްލާސްތެރިކަމާ އެކު އޮޅުވާލުމެއް ނެތި އަޚްލާޤީ، އަދި ސިޔާސީ މެސެޖުތަކެއް ހުނަރުވެރިކޮށް ދިނުމެވެ!


އެހެނަސް ގިނަފަރާތްތަކުން މިއީ ސަފާރަތީ ގުޅުމުގެ ގޮތުން އީރާނުން ކުރި ނުބައި ގޯސްކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށް ބަލާފައެވެ. ލިޔެހަދާފައެވެ. މެހުމާނުންނަށް އަޚްލާގީ ގޮތުން ކޮށްގެން ނުވާނެ ކަމެއް ގޮތުގައި ފާހަގަކޮށް ނިންމުންތައް ނިންމާފައެވެ. އިސްލާމްދީނު މަތިވެރިކުރުމުގެ ހައްގުމަގުގައި އަބަދުވެސް އީރާން ލެއްވުން އެދި ދުޢާ ކުރަމެވެ. އާމީން!



 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page