ބޮޑުމަޖިލިސް، އަނެއްކާވެސް ސިޔާސީއަރަތެއްގެ ތެރެއަށް.
- ilyashusein
- Oct 10, 2009
- 4 min read
އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007މ. ގައި)
އާދެ! ރައްޔިތުންގެ ޚާއްޞަ މަޖިލިސް ކަމުގައިވާ، ދިވެހިދައުލަތުގެ ބޮޑުމަޖިލީހުގެ 11 ޖޫން 2007މ. ވީހޯމަދުވަހު އޮތް، 151 ވަނަ ޖަލްސާއަކީ، ބޮޑުމަޖިލިސް އަނެއްކާވެސް ސިޔާސީއަރަތެއްގެ ތެރެއަށް ގަންބާލި، ރާއްޖޭގެ ކުރިމަގަށް ބޮޑު އަނދިރިކަމެއް ގެނެސްދިން ނާމާން ކަމުގެ ޖަލްސާއެކެވެ. ތަޅުމުގެ އޮއިވަރުން ހިއްލާލި ބޮޑުރާޅު، ގަދަ އުދަޔާއެކު ބިންދާލަނީ ކުރިޔަށް ފަހަތަށް ބަލާލުމެއް، ވިސްނާލުމެއް ނެތި، ހިޔަންޏެއް ފަދަ ވަގުތީ އައްސޭރި އަކަށެވެ. އަނދިރި ކަމެއްގެ ތެރޭގައި އޮތް ނުފެންނާނެ އައްސޭރި އަކަށެވެ. ފަހެ، ދިގުޒަމާން ތަކެއްވަންދެން ކުރެވެމުންދިޔަ ހޫނު ބަހުސްތަކުގެ އަމާޒުގެއްލި ގެންދިޔައީ، ވަގުތީ ޚިޔާލީފޮލާ އެއްގެ ޖަޒްބާތީ ހުވަފެނަކަށް ބަދަލު ވެގެންނެވެ. ވެރިކަމުގެ ފަރާތުން ބޭނުންވާނީ، ވެރިކަމުގެ ބާރުގައި ތިބުމަށް އެންމެދުވަހެއް ވިޔަސް، ހެދުނު އެއްޗެއް ހަދައިގެން، އިތުރުކޮށްލާ ށެވެ. ރައްޔިތުންގެ އުދާހަކީ، އެއްޕާޓީއަށް ވުރެގިނަ ޕާޓީންބައިވެރި ވެވޭގޮތަށް ވީހާއަވަހަށް ޢާއްމު އިންތިޚާބެއް ބޭއްވުމަށާއި ކުރިޔަށް އޮތްރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ނަންތަށް ރައްޔިތުންގެ ޢާއްމުވޯޓަކައި ހަމައަށް ގެންދެވޭ ގޮތަށް، އަސާސީ ވީހާއަވަހަށް އިޞްލާޙުކޮށް ނިންމުމެވެ. ފަހެ، ދަންނާށެވެ! މިދެމެދުގައި މިއުފެދޭ އޮއިވަރާއި ހިއްލާލާ، ބޮޑެތި ރާޅުގެ އުދައިގެ ތެރެއަށް ގެނބިގެން ނުގޮސް، ޤައުމު ސަލާމަތްކޮށް ދިނުމަށް ހަރުދަނާ ވިސްނުންތަކެއް އިޚްލާޞްތެރި ކަމާއެކު، ވިސްނައި ފިޔަވަޅު އަޅަންޖެހޭ އެންމެ މުހިންމު ވަގުތަކީ، މިއެވެ. މިއީ، އެއްގޮތަށް ވުރެގިނަ ގޮތްގޮތުން ޚުޠޫރަތްތެރި ދަނޑިވަޅެ ކެވެ. ކެތްތެރިކަމާ އެކު، ޤައުމުގެ ސަލާމަތަށް ދާއިމީފައިދާ ތަކެއް ލިބިދޭގޮތަށް ޢަމަލު ކުރުމަށްއޮތް ވަރަށް ހައްސާސީ ފަށްތަރެކެވެ. ނާޒުކު ދަނޑިވަޅެކެވެ. ބޮޑުސޭޓެއްގެ މުސްތަބިއްދު ގޮތްގަނޑަށް ހިނިތުންވެލައި، މަޖާގަނޑެއްގެ ގޮތުގައި މަޖާކޮށްލައި، ތިންލައްކަ ރައްޔިތުންގެ ވިންދާއި އުދާސްތައް ވަގުތީއުފަލަކަށް ހައްދަވައި މުގުރާލައި ގެންނުވާނެ އެވެ. ދިވެހި ރާއްޖޭގެ ކުރިމަގަށް ވިސްނާއި ފިކުރު ކުރަންވީ އެންމެ މުހިންމު ވަގުތަކީ މިއެވެ. ގެއްލިގެންދާ ކޮންމެ ހިނދު ކޮޅަކީ، އަބުރާ އަތުލެވޭނެ އެއްޗެއް ނޫންކަން ދަތުމަކީ، ހަމަ އެހާމެ މުހިންމުކަމެކެވެ. ފަހެ، ބޮޑު މަޖިލީހުގެ ކުރީފަހަރުގެ އަރަތަކީ، ބޮޑުމަޖިލީހުގެ 93 ވަނަ ޖަލްސާގައި، ކުރިޔަށް ފަހަތަށް ބަލައިލުމެއް ނެތި، ވެރިކަންކުރާނެ ނިޒާމެއް ހޯދުމަށް ރައްޔިތުންގެ އާއްމުޚިޔާލު ހޯދުމުގެ ވޯޓެއްނެގުމަށް ފާސްކުރިކުރުމުގެ މައްސަލައެވެ. ގަނޑުވަރުން މިކަން ހިންގުވީ މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވި އޮނަރަބްލް އައްބާސް އިބަރާހީމް ލައްވައެވެ. މިކަމުގައި އިސްކޮށް ބެހެއްޓީ ރާއަތޮޅުގެ މެންބަރ ޝަހީދު ޒަކީއެވެ. ފަހެ، އެޖަލްސާގައި ފާސްކޮށްނިންމާލި ޢިބާރާތަށް ވިސްނާލައްވާއި ނަޒަރު ކުރެއްވި އެކަކުވެސް ނެތެވެ. އަދިވެސް މިއުޅެނީ، އެމުޞީބާތާގުޅިގެން ބޮޑު މަޖިލީހުގެ ތަޅުމުގައި އުފެދިގެންދިޔަ، ސިޔާސީ އޮއިވަރުގެ އުދައިން ސަލާމަތް ނުވެވިގެން ނެވެ. ޖުމްހޫރީ ވެރިކަމެއްގެ ތެރޭގައިތިބެ، ވެރިކަންކުރާނެ ވައްތަރެއް ހޯދުމަށް މަރުފަލި ޖަހަނީއެވެ. މިފަހަރު ވެސް، މިފާސް ކުރެވުނީ، ހަމައެކަހަލަ ދޯދިޔާ ފާސްކުރު މެކެވެ. މިކަން މިކުރެއްވީ މިހާރުގެ ރައީސް އޮނަރަބްލް ގާސިމް އިބްރާހީމެވެ. ފަހެ، އެޢިބާރާތްތަކުގެ ކުރިޔަށް ފަހަތަށް މެދުތެރެއަށް ބަލާލުމެއްނެތެވެ. އެބުނާ މުއްދަތު ތެރޭގައި ކުރެވިދާނެ ކަމެއްތޯ ބަލާލުމެއް، ފިކުރުކޮށް ލުމެއް ނެތެވެ. ގަނޑުވަރު ތެރެއިން، ޑީއާރުޕީ މެދުވެރިކޮށް، އިޝާރާތް ލިބިވަޑައި ގެންނެވި ގޮތަށް، މަޖިލީހުގެ ތަޅުމަށް ވެއްދުނީ އެވެ. ތިރީސް އެގާރައަށް އަސާސީގެ ހުރިހާކަމެއް ނިންމަން ވީއެވެ. މިކަން ކުރުމަށް އަވަސް ވެގަތީ، ރައީސުލް ޖުމްހޫރިއްޔާގެ އިއްޒަތްތެރި މެންބަރެއް ކަމުގައިވާ އަލްފާޟިލާ ދިޔާނާ ސަޢީދެވެ. މިހުށައެޅުން މި އައީ، ވަރަށް ނުބައި ދަނޑިވަޅެއް ގައެވެ. ތަޅުމުގައި ހިނގަމުންދާ ބަހުސަކީ، ރައީސުލް ޖުމްހޫރިއްޔާ އަރިހަށް، އަލަށް މި ލިޔެވޭ އަސާސީ ތަސްދީގު ކުތުމަށް ފޮނުވާނީ، އެކުގައިތޯ ނަވަތަ އެކިއެކި މާއްދާތައް، ނުވަތަ އެކިއެކި ބާބުތައް، ވަކިވަކިންތޯ ބެލުމަށް ކުރެވޭ މުހިންމު ބަހުސެވެ. މިމުހިންމު ބަހުސްގެ ކުރިމަރާލީ، މިފަދަ ނުކައްރާތެރި ހުށަހެޅުމަކުން ނެވެ. ގިނަބޭފުޅުން މި އިބާރާތަށް ވޯޓު ދެއްވީ، “އިސްލާހު ކުރަމުންގޮސް ނިންމުން” މިގޮތަށް އޮތުމުން، ވަކިވަކިމާއްދާ ތައް ރައީސް އަރިހަށް ފޮނުވައިގެން ތަސްދީގު ކުރަމުން، އަމަލުކުރަމުން ގެންދެވޭނެ ގޮތް ވާނެކަމަށް ޔަގީންކޮށެވެ. އެހެނަސް…….!
އެހެނަސް މިވެގެންދިޔައީ ކިހިނެތްތޯއެވެ! އާދެ! “ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ އެކުގައި އިޞްލާޙުކޮށް، 30 ނޮވެމްބަރު 2007 ވަނަ ދުވަހާހަމައަށް ނިންމު މަށާއި، އެފަދައިން ނިންމުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައްގެނެސް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތުގެ ތާވަލެއް ރާވައި، އެ ތާވަލާ އެއްގޮތްވާގޮތުގެ މަތިންމަޖިލިސް މަސައްކަތްކުރާ ދުވަސްތަކާއި ވަގުތު އިތުރުކޮށް ޤާނުނުއަސާސީ އިޞްލާޙު ކުރަމުންގޮސް ނިންމުން” މިގޮތަށް، ހުށަހެޅުމުން 90 އަށްވުރެގިނަ ބޭފުޅުން ހާޒިރުވެތިއްބެވި ޖަލްސާއިން، 87 ވޯޓުލިބިގެން ފާސްވީ އެވެ. ހިތާމަ ހުއްޓެވެ! ނުފެންނަ ކަމަށް، ވޯޓުދެއްވީ އެންމެ ބޭފުޅެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ! އުފަލުންގޮސް ފޮޅުނުމާތައް ތަޅުމުން ބައިވަރު ފެނިގެން ދިޔައެވެ. އެންމެބޮޑަށް އުފަލުންގޮސް ފޮޅިފައި އިންނެވި ތަންފެނުނީ، ބޮޑުމަޖިލީހުގެ ވެރިޔާ ގާސިމެވެ. އާދެ! ހުރިހާ މެންބަރުންގެ ކޮނޑަށް އަތްވައްޓާލެވޭ، މިޒާޖެއް ގެންގުޅުއްވާ، މަޖިލީހުގެ ގޮނޑިކޮއްކޮ ޞާޙިބުމީހާ އެވެ. ފަހެ، ގަނޑުވަރު ތެރެއިން އީޖާދުކޮށް، ނެރެވުނު މޮޅުކަމެއް ފުރިހަމަ ކުރެވިގެން ދިޔައީއެވެ. ފަހެ، ދަންނާށެވެ! 30 ނޮވެމްބަރު 2007މ. އަށް އަސާސީ ނުނިންމިގެން ހޭވައްލާ ތައްޔާރުގައި 113 މެމްބަރުން ރެއާއި ދުވާލު ހޭނެތި، އަވަސް ހަރަކާތުގައި އުޅުއްވަންވީ އެވެ. ރެއާއިދުވާލު އަވަދި ނެތިއެވެ. އިދާރީ ކޮމެޓީގެ ދަށުން ކުދިކޮމެޓީތައް އެކި ގޮތްގޮތަށް ހަދައި އެކިރޭވުން ތައް ރާވަންވީއެވެ. ޖަލްސާ އަކަށް ފަހު، ޖަލްސާއެއް ބާއްވަންވީ އެވެ. ގަވާއިދަށް ވެސް ނޭދެވޭ އެކިއެކި ބަދަލުތައް ގެންނަންވީ އެވެ. ފަހެ، މިކަންތައް ގަނޑު ހިނގައިގަތުމުން، އިދިކޮޅު ސިޔާސީ މީހުންގެ ހަރުދަނާ ވިސްނުންތައް ކުރުގަޅުވާ ލެވުނީއެވެ. މިނިވަންކޮށް ބަހުސް ހުއްޓުނީއެވެ. މުޅި ތަޅުމުގެ ވިސްނުން އެހެން ދިމާއަކަށް މިސްރާބު ޖެހުނީއެވެ. އާދެ! ވެރިކަމުގެ ފަރާތަށް ހިންދަމާލައި ވަރުގަދަވެލާނެ ރަނުގެ ފުރުޞަތެއް އަނެއްކާވެސް، ހިބައިން، ވެދުން ކުރެވުނީއެވެ. ވަރަށް އޮމާން ކޮށެވެ. ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަންގެ ސަމާލު ކަމާއި ބޮޑެތިދައުލަތް ތަކުގެ އެއްބާރުލުން ރައީސްމައުމޫނަށް، އާދެ! ވެރިކަމުގެ ފަރާތަށް ޚާލިޞްކުރެވުނީ އެވެ. ކުރިޔަށް މިއޮތް 5 މަސްދުވަހުގެ ތެރޭގައި އަސާސީ އިޞްލާޙުކޮށް، ޢިއްޒަތްތެރި 113 މެންބަރުންނަށް ނުނިންމިއްޖެ ނަމަ، ވެރިކަމުގެފަރާތަށް ފައްސިޔައަށް ދަތުރުކޮށްލުމަށް މި ފަހިކޮށް ދެވުނީ، ވަރަށްއަމާން އޮމާން މަޑުމޫސުމެކެވެ. އޮއިވަރާއި ބޮޑެތިރާޅުބާނީގެ އުދަނެތް އޮމާން ކަނޑެކެވެ. ޖެހޭ ތާޒާ، އޮމާން ވައިރޯޅީގައި ފައްސިޔަކޮށް ބާއޮޑިގަނޑު، ނަގަހައްޓާ ދުއްވަންވީ އެވެ. މިއީ، ރައީސް މައުމޫނުގެ ވިސްނުންފުޅު މޮޅުކަމުން ބޮޑުމަޖިލީހުގެ މައްޗަށް ހޯއްދެވި ކާމިޔާބެއްކަން ކަށަވަރެވެ. މިކަހަލަ ބުރެކި ޖެއްސުންތައް ނުޖެހި ދާންވެއްޖެ ނަމަ، އިދިކޮޅު ޚިޔާލުތައް މާވަރުގަދަކޮށް އަސާސީގެ މާއްދާތަކުގެ ތެރެއަށް މާވަރުގަދައަށް ވަދެދާނެތީ އެވެ. އިދިކޮޅު ވިސްނުން ސަރުކާރުގެ ވިސްނުމަށް ވުރެ، ވަރުގަދަކޮށް ފާނެތީއެވެ. ރަނގަޅަށް ވިއްޔާ މިކަމަށް ސައްލާ ހޯދާނީ، ހިލްއެންޑ ނޯލްޓަންގެ މާލިމީކަމުގެ ދަށުން ނެވެ. ފަހެ، ދެކެ ދެނެ ތިބެ ދަންނާށެވެ! މިހެން މިވަނީ، ވެރިކަމުގެ ފަރާތުން ކުޅޭކުޅި މޮޅުވީމަ އެވެ. އިދިކޮޅު ޙަރަކާތަށްވުރެ، ސިޔާސީ ރާޒުވާގޮނޑިއަށް، އެފަރާތުގެ ނަޒަރު ބެހެއްޓޭލެއް ބޮޑުވީމައެވެ. އިދިކޮޅު ޙަރަކާތްބައިބައި ކޮށްލައި، ވަގުތީހުވަފެންތައް ދަށްކައި، ޚިޔާލީފޮލާތައް ކެއްކުމަށް ޗާންސް، މިދެވެނީ ވެރިކަމުގެ ފަރާތުންވިސްނާ ވިސްނުން އެއްދަރަޖަ ކުރީގައި ހުންނާތީއެވެ. މާއަވަހަށް އެމީހުންގެ މަޅީގައި އިދިކޮޅު ލީޑަރުން ޖެހޭތީ އެވެ. ފަހެ، ދަންނާށެވެ! ބޮޑުމަޖިލިސްގެ 151 ވަނަޖަލްސާ އަކީ، މިހާތަނަށް، ރިޔާސަތުން އެންމެ މުސްތަބިއްދު ގޮތަށް ގެންދިޔަޖަލްސާ އެވެ. ރިޔާސަތުގެ ޚުދުމުޚްތާރުގޮތް ގަނޑު، ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފެނިގެން ދިޔައެވެ. އަޅުގަނޑުގެ ނިޒާމާބެހޭ ނުކުތާއަށް ރިޔާސަތުން ފުރައްސާރަ ކުރައްވައި ކުރިމަރާލެއްވީ އެވެ. ކ.އަތޮޅު ޢިއްޒަތްތެރި މެމްބަރު މާރިޔާއަޙްމަދުދީދީ، ނެންގެވި ގޮނޑި ތަރުތީބު ކުރެއްވުމުގެ ޤާނޫނީ މައްސަލަ ވެސް، ބޮލާޖެއްސެވީ ވަރަށް ހަޑިމުޑުދާރު، ހުތުރު ގޮތަކަށެވެ. އަދި އެއްވެސް ބަހުސް ކުރުމެއް ނެތިވޯޓަށް އެހެމުންދިޔަ އަސާސީގެ މާއްދާތަކާ ގުޅިގެން، ނެގުނު މުހިއްމު ނިޒާމާބެހޭ ނުކުތާތައް ވެސް ބޮލާޖެއްސެވީ، ވަރަށް ހުތުރުކޮށެވެ. ނާތަހުޒީބު ގޮތަކަށެވެ. އެއްވެސް އިންޞާފެއް ނެތިއެވެ. ގަވާއިދަށް ބަލާލުމެއް ނެތިއެވެ. ބޮޑުސޭޓަކު އޭނާގެ ވިޔަފާރި ކުންފުނި ހިންގާހެންނެވެ. އަޅުގަނޑު މިވާހަކަތައް ތަޅުމުގައި މިގެންދަނީ ތަކުރާރުކޮށް ގޮވަމުންނެވެ. ރިޔާސަތާ ޖަދަލުކުރަމުން ނެވެ. އެހެނަސް އަޅާލުމެއް، ފަރުވާލެއް ނުބަހައްޓަ އެވެ. މިހުރީ ދިވެހި ރައްޔިތުންގެ ވިސްނުމަށް، އަޅުގަނޑު ދޫކޮށްލަން ބޭނުންވާ ވަރަށް މުހިއްމު އިޙުސާސްތަކެ ކެވެ. ފަހުގެ ޖީލުތަކަށް ބޮޑުމަޖިލީހުގައި ބަޔަކު މިމަސައްކަތް ކުރިކަން އެނގެން ޖެހޭނެއެވެ. ފަހެ، އެއްފަހަރު ނަމަވެސް އަޅުގަނޑު މެންގެ ލެޔާގުޅި ފައިވާ، މި މުހިންމު ކަންތަކާ ވިސްނަވާ ލައްވާނެ ކަމުގެ އުންމީދު، ހިތުގެއަޑިން ކަށަވަރުކުރަ މެވެ. ފަހެ، ދަންނާށެވެ! އަނދިރިކޮށް އޮތްމަގެއްގައި ދުއްވަން އުޅުމުން ގިނަފަހަރުވެފައި އޮތީ، ގެއްލުމެވެ. މަގުކޮށައި އަލިކުރުމަށްފަހު، ދުއްވޭތޯ ބެލީމާ ނޫނީމަގުގައި ނުދުއްވޭނެކަން ހަދުމަފުޅުގައި އަބަދުވެސް، ބަހައްޓަވާށެވެ. 30 ނޮވެމްބަރު 2007މ. އަށް، އަސާސީ އެކުގައި ނިންމާލުމަކީ، ވަރަށް، ވަރަށް، ވަރަށްނާދިރު ކަމެކެވެ. “ވަރަށް” މިބަސް ތަކުރާރުކޮށް މިދެންނެވީ، މުސްތަޙީލުކަމަކާ ވެސް ދުރު ނޫން ކަމަކަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަމަ ގައިމުވެސް އެއީ، ކުރެވޭނެ ކަމެއް ނޫނެވެ. ފަހެ، ހިތާމަހުރީ، ނޭނގިތިބެ އެޅޭމިކަހަލަ ފިޔަވަޅުތަކުން ބަޔަކުނަގާނެ ފައިދާތައް ވަރުގަދަ ކަމުންނެވެ. މިކަހަލަ ރަނުގެފުރުޞަތުތައް ނުދީ އިޞްލާޙީޙަރަކާތް، އެއްޖަޒްބާތެއްގައި އެއްފޯރިއެއްގައި އެއް ފެންވަރެއްގައި ގެންދެވޭނެގޮތެއް ހޯދަން ވެއްޖެއެވެ. އީޖާދުކުރަން ވެއްޖެއެވެ. އެހެންނޫނީ އަވަސް އަރުވާލައިގެން އަވަހަށް ނިންމާ އަސާސީއަށް އަމަލުކުރަން ފެށުމުން ގެއްލުންވާނީ އެންމެހާ ރައްޔިތުންނަށެވެ. ހީނުކުރާހާ އެތައްކަމަކާ ކުރިމަތިލާން ޖެހޭނެއެވެ. މިވާހަކަތައް މިދައްކާއި ލިޔެހަދަނީ، އަނިޔާ ލިބެމުންދާ ދިވެހި ރައްޔިތުން ނަށް ޓަކައެވެ. އެމީހުންގެ ހައްގުގަ އެވެ. މިއަޑުތައް އުފުލުމަށް ފަހު، ދެން އަޅުގަނޑަށް ކުރެވެން އޮތްކަމަކީ، ﷲ އަށް، ދުޢާ ދެންނެވުމެވެ! ރައްޔިތުންގެ ޙައްޤުގާ، ވިސްނައި ވަޑައިގަންނަވާ ދިވެހި ސިޔާސީ މުފައްކިރުންނަށް ﷲ، ހެޔޮރަޙުމަތްލައްވާއި ފުރިހަމަ ބުއްދިދެއްވާށި އެވެ! އާމީން!


Comments