ބޮޑުމަޖިލީހުގެ މޭޒުމައްޗަށް އަރަންޖެހުން.
- ilyashusein
- Oct 10, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 9 އޭޕްރީލް 2008މ. ގައި)
އިންތިގާލީ ބާބުގެ ބަހުސަކީ، ރައްޔިތުންގެ ބޮޑުމަޖިލީހުގައި ހިނގާ، އެންމެ މުހިންމު ބަހުސެވެ. ދިވެހި ޖުމްހޫރިއްޔާގެ، އަލަށް އެކުލަވާލެވޭ އަސާސީގައި ރައީސުލް ޖުމްހޫރިއްޔާގެ ބާބަކީ، ގާނޫނުއަސާސީގެ ހުންގާނެވެ. ރައްޔިތުން މަޖިލިސްގެ ބާބަކީ، ސިކުނޑިއެވެ. މިގޮތުން އެކި ބާބަށް ތަޅުމުގައި އަޅުގަނޑު ދީފައި ވާނީ، އެކިނަން ނަމެވެ. އަޅުގަނޑުގެ މިވާހަކައިގައި ބޭނުންކުރަމުން ދާނީ މިގޮތަށެވެ. މިހާރު ތަޅުމުގައި އޮތް އިންތިގާލީބާބަށް، ތަޅުމުގައި އަޅުގަނޑުދިން ނަމަކީ، ގާނޫނު އަސާސީގެ ފާލަމެވެ.
ފަހެ، މިފާލަން ބިނާކުރުމުގެ ބަހުސަކީ، ވަރަށް ހޫނުގަދަ ބަހުސެކެވެ. ސީދާކޮށް، ދިވެހި ރައްޔިތުންގެ ވިންދާއި ލެއާ ގުޅިފައިވާ ކަމެކެވެ. އަދި، ރައީސް މައުމޫނުގެ ވެރިކަން ނިމުމާ، ގުޅިފައިވާ ކަމެކެވެ. އަދި އަސާސީ އުވާލާއި، އާ އަސާސީއެއްގެ ފެށުމާއި އާވެރިކަމުގެ ދައުރު އަލުން ގުނަން ފެށުމާ ވެސް، ގުޅިފައިވާ ކަމެކެވެ. އަދި، އެއްވެސް ކަހަލަ އިންތިޚާބަކާ ނުލާ ޕާޓީއެއްގެ ނަމުގައި ވެރިކަމަށް އަރާތިބި ބަޔަކަށް އަސަރުން ފުރިގެންވާ ހިތްދަތި ކަމެކެވެ.
ފަހެ، ބޮޑު މަޖިލީހުގެ ވޭތިޔަވެ ދިޔަ، 258 ވަނަ ޖަލްސާއިން ފެށިގެން، 260 ވަނަ ޖަލްސާ އާއި، 261، 262، 263 ވަނަޖަލްސާ ވެގެންދިޔައީ ވަރަށް ބޮޑެތި އިބްރަތްތަކެއް ދައްކުވައިދިން ޖަލްސާތަކަ ކަށެވެ. އަދި، 10 އޭޕްރީލް 2008މ، ވާބުރާސްފަތި ދުވަހުގައި އޮންނަ، 265 ވަނަ ޖަލްސާ އާއި 266 ވަނަ ޖަލްސާ ވެގެންދާނީ، ހަމަ އެހާމެ މުހިންމު ޖަލްސާ ތަކެއް ކަމުގައެވެ. ވާނެ ގޮތެއް ބަލަންތިބެމާ ހިންގަވާށެވެ.
ފަހެ، ބޮޑުމަޖިލީހުގެ ތަޅުމަކީ، މިހާރަކަށް އައިސް ވަރަށް މިނިވަން ކަމާއެކު، ހޫނުގަދަ ބަހުސްތަކެއް ކުރެވޭ ތަޅުމެކެވެ. ރޭގަނޑުގެ އަރާމު ނިދި މަހްރޫމްކޮށް، އެންމެންގެ ސަމާލުކަން ދީފައިވަނީ، އެދިމާއަށެވެ. އެޖަލްސާތައް ގައުމީ ޓީވީންނާއި ގައުމީ ރޭޑިޔޯއިން އަޑުއަހާށެވެ.
އާދެ! އެގޮތުގެ މަތީން، މިބަހުސުގައި އިއްޒަތްތެރި ހުރިހާ މެންބަރުންހެން ބައިވެރިވެ ވަޑައި ގެންނެވި އެވެ. ގާތްގަނޑަކަށް 60 ބޭފުލުން، ކޮންމެ ބޭފުޅަކު، 10 މިނެޓު އިރު ޚިޔާލުފާޅު ކުރެއްވި އެވެ. އިޚްލާސްތެރި ކަމުން ފުރިގެންވާ، އަދި ގައުމީ މަސްލަހަތާ ގުޅޭވާހަކަތައް ހާމަވެގެން ދިޔައެވެ. ވަރަށް އިޚްލާސްތެރި ކަމާއި ހެޔޮނިޔަތާ އެކުގައެވެ.
އަޅުގަނޑަށް ފުރުސަތު ލިބުނީ، 31 މާޗް 2008މ، ވީބުރާސްފަތި ދުވަހުއޮތް، 260 ވަނަ ޖަލްސާގައެވެ. މި ބަހުސުގައި ރައީސުލް ޖުމްހޫރިއްޔާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަހްމަދު މަހްލޫފު، ބޭނުން ވެލެއްވި ހުރިހާ، ވާހަކައެއް އެއް ވެސް ހުރަހެއް ނެތި ދެއްކެވިއެވެ.
އަދި، ގދ.ގެ އިއްޒަތްރެތި މެންބަރު އޮނަރަބްލް އައްބާސް އިބްރާހީމު ވެސް މައުޟޫއަށް ރުޖޫޢަވެވަޑައި ގަތީ، ރައީސް ގާސިމާ ބެހޭގޮތުން ބޭނުންފުޅު ވެލެއްވި ހުރިހާ އެއްޗެއް ތަފުސީލުކޮށް ވިދާޅުވެފަ އެވެ. މިޖަލްސާތަކުގެ ސީޑީ އާއި ޔައުމިއްޔާތައް ބައްލަށެވެ.
ވަރަށް ގިނަމީހުން ރައްކާކޮށްފައި ހުންނާނެއެވެ. އޭރުން، މިދެންނެވީ ހަގީގަތެއްކަން އެނގިވަޑައި ގަންނަވާނެއެވެ. އެބީދައިން އަޅުގަނޑު ވެސް ވާހަކަފެށީ، ދަންނަވާލަން ޖެހޭ މުހިންމު ވާހަކަ އަކާ އެކުގަ އެވެ. މަޖިލީހުގެ އިދާރާ މެދުވެރި ކުރައްވައި ރައީސް ގާސިމު ނެރުއްވި، ނޫސްބަޔާނެއްގެ ވާހަކަ އިންނެވެ.
އާދެ! ބޮޑު މަޖިލީހުގެ ތަޅުމުގައި ސ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ޝަރީފު، ޑްރާފްޓިން ކޮމެޓީގެ ޕެނަލްގައި ތިއްބަވަނީ، އެކޮމެޓީގެ މުގައްރިރު، އަލްފާޟިލް އިބްރާހީމް އިސްމާޢީލުގެ ގޭދޮށު ކުދިންކޮޅެކޭ ވިދާޅު ވެގެން، މަޖިލިސް އިދާރާއިން ނޫސްބަޔާނެއް ނެރުއްވި އިރު، ކަމުގެ ހަގީގަތް އޮތްގޮތަކީ މިއެވެ.
ޑުރާފްޓިން ކޮމެޓީގައި މަސައްކަތް ކުރުމަށް ގެންގުޅުއްވާ އެކުދިންކޮޅު ހޮއްވަވާފައި ވަނީ، ސަރުކާރުގެ ގަވާއިދުތަކާ، ޚިލާފަށް އެއްވެސް ގޮތަކަށް އާންމު އިއުލާނެއް ކުރެއްވުމެއް ނެތިކަމާއި، އެކުދިންނަށް ދުވާލެއްގެ އިށީނުމަކަށް ނަގުދު، ދިވެހި ފަސްސަތޭކަ ރުފިޔާ ދެއްވާކަމަށް އަޅުގަނޑުގެވާހަކާގައި ބުނީމެވެ.
ފަހެ މިކަމަށް ވުރެ މަޖިލީހުގައި ޑީއާރުޕީއަށް ނިސްބަތްވާ ބޮޑެތި ބޭފުޅުން، ތަޅުމުގައި ވަރަށް ފާޅުކަން ބޮޑުކޮށް ރާވައިގެން ހިންގާ ގަވާއިދާއި ޚިލާފު ކަންތައްތަކާމެދު މަޖިލީހުގެ ރިޔާސަތުން ބަޔާނެއް ނެރެ، ހުއްޓުވިއްޔާ މާފުރިހަމަވެފާއި ރައްޔިތުންނަށް ފައިދާ މާބޮޑުވާނެ ކަމެއް ކަމަށް އަލުގަނޑުގެ ވާހަކާގައި ދެންނެވުމުން، ހަގީގަތާޚިލާފު ވާހަކަދައްކަނީ ކަމަށް ވިދާޅުވެ، އަޅުގަނޑަށް އިންޒާރުދީ، އެވާހަކައިގެ ޢުޤޫބާތެއްގެ ގޮތުން މިބަހުސުގައި އިތުރަށް ވާހަކަ ދެއްކުމަށް، ފުރުސަތު ނޭރުވޭނެ ކަމަށް ރިޔާސަތުން ރައީސް ގާސިމު އަމުރު ނެރުއްވީ އެވެ.
މިކަމާ ގުޅިގެން އަޅުގަނޑުގެ ޒަމީރުގެ ހައްގުގެ ދިފާޢުގައި އަލުގަނޑަށް ޖެހުނީ، އިހްތިޖާޖު ކުރުމުގެ ގޮތުން ތިންމިނެޓަށް މޭޒު މައްޗަށް އަރާށެވެ.
އަދި އެއަށް ފަހު، ރިޔާސަތުން މިޖަލްސާ ކުރިޔަށް ގެންދަވަނީ، އިންސާފުވެރި ކޮށް ނޫން ކަމާއި ގަވާއިދާ ޚިލާފަށް ކަމުގައި މޭޒުމަތީގައި ކޮޅަށް ހުރެގެން އަޅުގަނޑަށް ޖެހުނީ ގަދައަޑުން، އަޑު ހަރުކޮށް ތަކުރާރުކޮށް ދަންނަވާށެވެ.
އެދުވަހުގެ މިމަންޒަރުގެ ވީޑިޔޯ ހަވީރު އޮންލައިން ވީޑިޔޯ ސޮފްހާގައި، އަޕްލޯޑުކޮށްފައި އެބަހުއްޓެވެ. އަދި އެމަންޒަރުގެ ބޮޑުބައެއް އަޑުކަނޑާ ލުމަށް ފަހު އެރޭ ގައުމީޓީވީން ދެއްކިއެވެ. ބައްލަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެމަންޒަރު ބައްލަވާ ލެއްވޭނެއެވެ. ގޫގުލްކޮށްލައްވާށެވެ.
ފަހެ، އަޅުގަނޑުގެ މި އިހްތިޖާޖު ނިންމާލާއި މޭޒުމަތިން ފޭބީ، އިންތިގާލީ ބަހުސުގައި ވާހަކަ ދެއްކުމުގެ ފުރުސަތު، އަނބުރާ އަޅުގަނޑަށް ރިޔާސަތުން، ދެއްވުމުން ނެވެ. އަޅުގަނޑު ބޭނުން ވާހަކައެއް ދެއްކުމަށް ރިއާސަތުން އެދުވަހު ހުއްދަ ދެއްވުމުންނެވެ.
ހަގީގަތުގައި ވެސް މި އިހްތިޖާޖު ވެގެންދިޔައީ، ރައީސް ގާސިމުގެ ހިތްޕުޅަށް ފިނިކަމެއް ވެރިކޮށްދެއްވި، އިލްހާމަކަށެވެ. އެކި މީހުންގެ ހިތަށް އިޚްލާސް ތެރިކަން ވައްދަވާނީ، އެކިގޮތަށެވެ. އެއީ، ﷲ ގެ އިލާހީ ކުޅަދުންވަންތަ ވެރިކަމުގެ އަލާމާތެވެ.
ފަހެ، އޭގެފަހުން 262، 263 އަދި 264 ވަނަ ޖަލްސާ ވެގެން ދިޔައީ، ވަރަށް އިޚްލާސްތެރި ކަމާ އެކު، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ބޮޑުމަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހިންގަވަމުން ގެންދެވި ޖަލްސާތަކަ ކަށެވެ. ފަހެ، ރައީސް ގާސިމަށް، ﷲހެޔޮމަގު ދަށްކަވާށިއެވެ! އާމީން!
އެއްގޮތަކަށް ވެސް ޑީއާރުޕީން، ތަޅުމުގައި ރާވާރޭވުމަށް ބައްލަވާ ލެއްވުމެއް، އަޅާލެއްވުމެއް މިދެތިން ޖަލްސާގައި އެއްގޮތަކަށް ވެސް ނެތީއެވެ. ފަހެ އެއްވެސް ޕާޓީއެއްގެ ކުލައެއް ނެތި، ސީދާ ގައުމީ މަސްލަހަތާ އެއްގޮތަށެވެ. ބޮޑު މަޖިލީހުގެ ރައީސެއްގެ ވިސްނުންފުޅުގައި ހުންނަންވީ، ހަރުދަނާ ކަމައި އިޚްލާސްތެރިކަން މި ދެތިން ހަތަރު ޖަލްސާއިން ފެނި، ހާމަވެގެން ހިނގައްޖެ އެވެ.
ދިވެހި ރައްޔިތުންގެ ޝުކުރާއި ހެޔޮއެދުންތައް ބޮޑު މަޖިލީހުގެ އިސް ގޮނޑީގެ ވެރިޔާ ރައީސް ގާސިމަށް، ހައްގު ވެއްޖެއެވެ. އެ ގޮތުގައި ދެމި ހުންނެވުމަށް، ﷲ ރަހްމަތް ލައްވާއި މަދަދު ދެއްވާށިއެވެ! އާމީން! މިއީ ތެދެއްކަން އެޖަލްސާތައް ބައްލަވާ ލެއްވުމުން މިހާރުވެސް އެނގޭނެއެވެ.
ފަހެ، ދަންނާށެވެ! ފަހަކަށް އައިސް ތަޅުމުން ފެންނަމުން ދިޔައީ، ވަރަށް ހަޔާތްކުޑަކޮށް ލާފައި ޑީއާރުޕީއަށް ނިސްބަތްވާ ޓީމު، ކުޅެމުން ގެންދިޔަތަނެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އިބްރާހީމް ޝާފިޢު (ކުވާ) އާއި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރު އަލްފާޟިލް މުހަންމަދު ސަލީމް (ހޯރަފުށި) އާއި ރައީސުލް ޖުމްހޫރިއްޔާގެ މިނިސްޓަރު، އަދި މ.އަތޮޅު މެންބަރު އޮނަރަބްލް އަނީސާ އަހްމަދާއި ސ.އަތޮޅު މެންބަރު އަލްފާޟިލް އިބްރާނީމް ޝަރީފް (މަވޯޓާ) އާއި ސ.އަތޮޅު މެންބަރު އަލްފާޟިލް އިބްރާހީމް ތޯހިރާއި ވ.އަތޮޅު މެންބަރު އައްޝައިޚް މޫސާނިޒާރު މެންނެވެ.
އާދެ! އެހެނަސް މިކަމަށް ހުއްޓުން އައިސް މިފާޑަށް ކުޅޭނެ ބޭފުޅުން ނެތުމުން ފަހުން ދުވަހު، ނިޒާމުގެ ނުކުތާ ނަންގަވާއިގެން ވާހަކަ ދެއްކެވީ، މުޅިއަސާސީގެ ބަހުސުގައި އެއްވެސް ހިއްސާއެއް ނުކުރައްވާ، އަނގަ ބައްދައި ގެން ހައްޕު ވިދާޅުވެގެން ތިއްބެވި ދެބޭފުޅުން ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރު އޮނަރަބްލް ހަމްދޫން ހަމީދާއި އެޓޮލްސް މިނިސްޓަރު، އަދި ބ.އަތޮޅު މެންބަރު އޮނަރަބްލް އަހްމަދު ތަސްމީނު ޢަލީ އެވެ.
އާދެ! އެހާ ހަޔާތްކުޑަކޮށް ސަރުކާރަށް ތާއީދުކޮށް އެފަދަ ކަންތައް މީގެކުރިން ތަޅުމުގައި ހިންގުނީ، ރިޔާސަތުން އަޅާނުލައްވައި، ޗާންސް ދެއްވީމަ އެވެ. އެހެނަސް ހަމްދޫނާއި ތަސްމީނަށް ރިޔާސަތުން ފުރިހަމަ ޖަވާބު ދެއްވިއެވެ. ގާސިމު އެމީހުންގެ ވާހަކަތައް ހުއްޓުވިއެވެ.
ފަހެ، ﷲގެ އިރާދަފުޅުން މިހާރުވަނީ، ކުރީގެ ގޮތް ބަދަލުވެ، ހައްގަށް ނަސްރު ދެއްވާފަ އެވެ. ފުރިހަމަ ގޮތުގައި ހައްގަށް ނަސްރު ދެއްވުމަކީ، މިއެވެ. ހައްގާއި ތެދާއެއްގޮތަށް ވިސްނުންތައް ދީލައިލެވިގެން ދިއުމެވެ. ދުވަސް ކޮޅަކަށް ނަމަވެސް މިކަން މިގޮތަށް ހިނގާތީ، އުފާކޮށް ﷲ އަށް ޝުކުރު ދަންނަވަމެވެ.
ބޮޑު މަޖިލީހުގެ ތަޅުމުގައި މިހާރު، ޑީއާރުޕީން ރާވާއެއް ވެސް ރޭވުމެއް، ކަމިޔާބު ވާތަނެއް ނުފެނެއެވެ. ގާސިމު ކެރިގެން ހަގީގަތައި އެއްކޮޅަށް ހިފާލެއްވީ އެވެ. ރައީސް މައުމޫނަށް ބިރުގަތުން ދުރުވަނީއެވެ.
ފަހެ، އެގޮތް މިގޮތަށް ކަންކަން ބަދަލުވެ ފުށޫއަރާގޮތް ދިމާވުމަކީ، ނާކާމިޔާބު ކަން ކަށަވަރެވެ. ރައީސް މައުމޫނުގެ ސަރުކާރު ދިފާއު ކުރަންތިބި ޒުވާން ވަޒީރުންތައް އަނގަބައްދައިގެން މަޑުން ތިބެންފަށައިފިއެވެ.
ފަހެ، އަސާސީ ލަސްކުރުމަކީ، ކާމިޔާބު ކަމުގައި ދުށުމަކީ، އެންމެ ގޯސް، ސުންޕާ ކަންތަކެވެ. އެއްވެސް މެމްބަރަކު ލަސްކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އަވަސް އަރުވާނުލާއި ފުރިހަމަ ކުރާށެވެ. ރައީސް މައުމޫނު ބޭނުންވަނީ އަވަސް ކުރާށެވެ.
ފަހެ މިވާގޮތުން ބާ އަސާސީގެ ދަށުން، ރިޔާސީ އިންތިޚާބު ބޭއްވިޔަސް އޮތީ، ހަލާކާއި ނާކާމިޔާބެވެ. އާ އަސާސީގެ ދަށުން ބޭއްވިޔަސް އޮތީ، ހަލާކާއި ނާކަމިޔާބެވެ. ގައުމުގައި ވައްކަމާއި މާރާމާރީ އިތުރުކޮށް، ހަމަނުޖެހުން އުފައްދާއި ގަތުލް އާންމު އާންމުކުރަށްވާއި، އަސާސީގެ 144ގެ ދަށުން ސްޓޭޓް އޮފް އިމަޖެންސީ ހިންގެވިޔަސް އޮތީ، ހަލާކާއި ނާކާމިޔާބީއެވެ.
ރައީސް ގާސިމުގެ ކޮނޑުފުޅަށް އަރުއްވާ، އިންނަވައިގެން ރައީސް މައުމޫނު ވެރިކަމަށް ކުރިމަތި ލެއްވިޔަސް އޮތީ، ހަލާކާއި ނާކާމިޔާބީކަން މިހާރު ކަށަވަރެވެ. އަދި، ރައީސް ގާސިމަށް ސިޔާސީގޮތުން ހުރިހާމަގެއް ފަހިކޮށް ދެއްވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައި ނުގަންނަވާ ގޮތަށް، ބޭރުގައުމެއްގެ ސިޔާސީހިމާޔަތަށް ފުރާވަޑައި ގެންނެވިޔަސް އޮތީ، ހަލާކާއި ނާކާމިޔާބީއެވެ.
އަދި، އެކި އެކިޖާދޫތައް އީޖާދުކޮށް ދައްކައިގެން، އިންތިގާލީ މަރުހަލާ ދެ އަހަރު ދުވަހަށް، ލަސް ކުރައްވައި، 2010މ، ވަނަ އަހަރަށް ވެރިކަން ދަންމާ ލުމަށް ފަހު، ރިޔާސީ އިންތިޚާބެއް ބާއްވަވައިގެން އިތުރު ދެދައުރު ނަންގަވައިގެން، 2020 ހަމަ ކުރެއްވިޔަސް އެއީ، ހަމަ ހަލަކާއި ނާކާމިޔާބެވެ. އަދި އެއީ ނާދިރުކަމެކެވެ.
ދެވަނަ ދޭއްޗެއް ނޫނެވެ. މިވެރިކަމުގައި ގައުމަށް ހުރީ ހަލާކާއި ބަރުބާދީއެވެ. ރައީސް މައުމޫނުގެ، 2020ގެ ތަސައްވުރު ކާމިޔާބު ކުރެއްވޭނެ ކަމުގައި ދެކޭނެ ދިވެހި ރައްޔިތެއް އޭރަކު، ދިވެހި ފަސްގަނޑުގައި ނުތިބޭނެ ކަން ކަށަވަރެވެ.
އާދެ! ރައީސް މައުމޫނުގެ އަމާޒުފަތް ގަނޑަކީ، 2020ގެ އާއުސްމިންތަކާއި ހުވަފެނީ ތަސައްވުރަށް ވާސިލުވުން ކަމުގައި އަޅުގަނޑު ވާނީ، ތަޅުމުގައި މީގެ މާކުރިން ތަކުރާރުކޮށް ގިނަފަހަރުމަތިން ދަންނަވާފަ އެވެ. އުމުރަށް ވެރިކަމުގައި ހުންނަން ބޭނުންވާ ކަމުގައި ދަންނަވާފައެވެ. ފަހެ ވާއެއްޗެއް ބަލަން އަޅުގަނޑުމެން ތިބޭނޫއެވެ!
ފަހެ ދަންނާށެވެ! ރައީސް މައުމޫނުގެ ޓާގެޓަކީ، 2020 ކަމުގައި ވިޔަސް ދިވެހި ރައްޔިތުން ބޭނުންވަނީ، އިންތިގާލީ މަރުހަލާއެކެވެ. އިންތިގާލި ފައްތަރެކެވެ. ބޮޑެތި ބަދަލުތަކެވެ. އިންގިލާބެކެވެ. އިންތިގާލީ ގޮތުން އޮންނަ ވަގުތީ، މުޅިން ވަކި ސަރުކާރެކެވެ.
ފުރަތަމަ ކޮޅުގައި އަޅުގަނޑުގެ ވިސްނުން ހުރީ، ކޮންމެހެން އިންތިގާލީ މަރުހަލާއެއް ވަކި ސަރުކާރެއްގެ ގޮތުގައި ބޭނުން ނުވާގޮތަށެވެ. އަޅުގަނޑުގެ ބައެއް ލިޔުންތަކުންނާއި އިންޓަރވިއޫ ތަކުން އެކަން އެނގޭނެއެވެ. ފާހަގަވާނެ އެވެ.
އެހެނަސް މިހާރު އެމްޑީޕީންނާއި ޑީއާރުޕީންނާއި ހުރިހާ އެހެންޕާޓީ ތަކުން ވަނީ، އިންތިގާލީ މަރުހަލާ އަކަށް ތާއިދުކޮށް، ބޮޑު ބަދަލަކަށް ރުހި، ގަބޫލުވެފައެވެ. ކޮންމެ ގޮތެއް ހަދާފަ ވެސް އަސާސީ ކުރުގަޅުވާލައި ނިންމާލާށެވެ. ހޮން ގާސިމަށް ރައީސް މައުމޫނު ދެއްވާ އިރުޝާދަކީ އެއީއެވެ. އަދި އިނގިރޭސި ވިލާތުން މީގެ ތެރެއަށް، ދާޚީލީސިޔާސަތުގެ ތެރެއަށް ވަދެ ސަރުކާރު ތެރޭގައި ތިބި، ނިއޫމޯލްޑިވްސް ގުރޫޕަށް، އަދި އެމްޑީޕީގެ ބޮޑުންނަށް ލަފާދެނީ މިބީދައަށެވެ. ސިއްރު ބައްދަލުވުން ތަކެއް ވެސް އޭރު ވަނީ ލަންކާގައި މިވެރިންގެ މެދުގައި ހިންގާފައެވެ.
އިންތިގާލީ ބާބުން މިހާރުވަނީ، އެއްމާއްދާ ފާސްވެފައެވެ. ފަހެ، ދެން ޖެހޭނީ، އިންތިގާލީ މަރުހަލާއެއް ގެންނާށެވެ. އިންތިގާލި ވަގުތީ ސަރުކާރެއެް ގެންނާށެވެ. އުފައްދާށެވެ. ސަރުކާރަށް ޖެހޭނީ، ރައްޔިތުންގެ މަޖިލީހުން ނެގޭ އިންތިގާލީ، އަދި އިންގިލާބީ ކޮމެޓީއަކާ، ހަވާލުވާށެވެ. ނުވަތަ ދެމަޖިލިސް އެއްކޮށް ބޮޑުމަޖިލީހުން ނެގޭ ކޮމެޓީއަކާ ހަވާލުވާށެވެ.
ފަހެ، ދަންނާށެވެ! ހަމަކަށަވަރުން ވެރިކަމަށް ޖެހޭނީ، އިންތިގާލީ ފާލަމެއް ބިނާކުރާށެވެ. އެއީ ވަގުތީގޮތުން ވެރިކަންކުރާ ކޮމެޓީއެކެވެ. ނޫނީ ވެރިކަން ބަދަލުވެގެންދާނެ ގޮތެއް، ނުވަތަ ފާލަމެއް ތަފުސީލުކޮށް އަސާސީން ކަނޑައަޅާށެވެ.
ފަހެ އެފަދަ ފާލަމެއް މަތީން އެންމެ ޠޯހިރުކަމަށް ދައުވާ ކުރައްވާ، ރައީސް މައުމޫނު، އަދި ދިވެހީންނައި އަތާއަތް ޖައްސައި އެންމެ ގިނަސަލާން، ކުރައްވާ ފައިވާ އަތްތިލަކަމަށް ބުނާ، އެއަތްތިލަ ހިއްލާލައިގެން ހުންނަވާއި، އެފާލަމުން ފަސޭހައިން ގިރާކުރެއްވިޔަ ދީގެން ނުވާނެއެވެ.
މިފާލަމަކީ ޚުދުމުޚްތާރު ރައީސްމައުމޫނު އަނެއްކާވެސް ވެރިކަމަށް އެރުއްވުމަށް ގިރާކުރާނެ ފާލަމަކަށް ހެދިޔަދީގެން ނުވާނެއެވެ. ޖެހޭނީ ހިނގަމުންދާ މިދައުރު ހަމަވުމުން ދުރަށް ޖެހޭށެވެ. އަސާސީން ކަޑައަޅާ ގޮތަކަށެވެ. ވެރިކަމުން ފައިބާށެވެ. ނޫނީ ރައްޔިތުން މަޖިލީހާ ވެރިކަން ހަވާލު ކުރާށެވެ. ނުވަތަ ނެގޭ ކޮމެޓީއަކާ ވަގުތީ ވެރިކަން ހަވާލު ކުރާށެވެ. މިފަހަރު ޖެހޭނީ އަވަހަށް ވެރިކަން ދޫކޮށް ލައްވާށެވެ.
އެއަށްފަހު، ޑީއާރުޕީގެ ޒަޢާމަތާ ހަވާލުވެލައްވާށެވެ. އަދި، ޕާޓީގެ ޒަޢީމެއްގެ ގޮތުގައި ހުންނަވައިގެން، އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެބުނާ ސާފު، ޠޯހިރު އަތްތިލަ ހިއްލާލައްވައިގެން ހުންނަވައި، އިންތިގާލީ ފާލަމަށް އަރުއްވާށެވެ. އޭރުން، އެފާލަން ގިރާކުރެއްވުން ހުއްދަވާނެ އެވެ. އެނޫންގޮތަކަށް އިންތިގާލީ މަރްހަލާގެ ފަހުން ވެރިކަމަށް އާދެވިގެން ނުވާނެއެވެ.
ފަހެ، ސިޔާސީޕާޓީ ތަކުގެ އެހެން ޒަޢީމުންނެކޭ އެއްގޮތަށް އިންތިގާލީ ފާލަން ގިރާކުރައްވަން އުޅުއްވާށެވެ. ވަހުޝީ ރޭވުންތައް ހުއްޓާލައްވާށެވެ. ހެޔޮ މަގަށް ސިޔާސީ މަސައްކަތްތައް ބިނާ ކުރައްވާށެވެ. ފަހެ އެނޫން ގޮތަކަށް ދެ ދައުރު ފުރިހަމަ ކުރެއްވުމަކީ، 2020ގެ ތަސައްވުރު ހާސިލު ކުރެއްވުމެއް ނޫނެވެ.
ދިވެހި ރައްޔިތުންނަށާއި ބޮޑު މަޖިލީހަށް ގޮން ޖެއްސެވުމަށް ނޫޅުއްވާށެވެ. ތިޔަ އުޅުއްވަނީ ދިވެހީންގެ ލެޔާ ކުޅެލެއްވުމަށެވެ. އެއީ ދިވެހިރައްޔިތުން މިހާރު ގަބޫލުކުރާނެ ކަމެއްނޫނެވެ.
ފަހެ، އެކަހަލަ ކަމެއްކުރުއްވަން ނޫޅުއްވާށެވެ. ފަހަރުގައި އެއީ އެކުގައި ވެރިކަން ނެތިދިއުމަށް ވެސް ވެދާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ، އޭ! ﷲ އެވެ! ބޮޑު މަޖިލީހުގެ ރައީސް ގާސިމު އިބްރާހީމަށް ދިވެހި ރާއްޖޭގެ އާ އަސާސީ އެކުލަވާ ލެއްވުމުގައި، ހިތްވަރާއި މަދަދާއި ސާބިތު ކަމާއި އިޚްލާސްތެރި ކަން މިންވަރުކޮށް ދެއްވާށިއެވެ! އާމީން!


Comments