top of page

ބޮޑުމަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން

  • Writer: ilyashusein
    ilyashusein
  • Oct 7, 2009
  • 17 min read

އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007 ސެޕްޓެމްބަރުގައި.)

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްލާހުކުރުމަށް، އެކުލަވާލެއްވި ބޮޑުމަޖިލީހުގެ މިހާރުގެ ރައީސް ކަމުގައިވާ، ރައީސް ޤާސިމަށް މިލްކު ވެގެންވާ ހައިސިއްޔަތުތައް ވަރަށްގިނައެވެ. ޑީއާރުޕީގެ ނާއިބުޒަޢީމުގެ ހައިސިއްޔަތާއި މާލީވަޒީރުގެ ހައިސިއްޔަތެއް އޮވެއެވެ. އަދިވެސް އިތުރު ހައިސިއްޔަތުތައް ހުރެއެވެ. މިއިން ކޮންމެ ހައިސިއްޔަތަކީ، ވަކިމޫނެކެވެ. އަދި މިހައިސިއްޔަތު ތަކާއެކު، ވަރަށްރީތި ދެމޫނެއް ގެންގުޅުއްވައެވެ. މިމަޒުމޫނު ލިޔުމުގެ އެންމެބޮޑު ބޭނުމަކީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އިސްވެރިން ސަމާލުކަމަށް ގެނެސް ހުޝިޔާރު ކުރުވުމެވެ. އަދި އެބޭފުޅުންގެ ސަމާލުކަމަށް މިނުކުތާތައް ގެނެސްދިނުމެވެ. އާދެ! ބޮޑުމަޖިލީހުގެ ތަޅުމުގައި ތިޔަބޭފުޅުން، ކުރައްވަމުން ތިޔަގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅަށް ސާބަހާއި އައްސަރިބަހައި މަރުހަބާ، އަރިސް ކުރަމުން، އިހްތިރާމާއެކު ދަންނަވާލަމެވެ. 1990 ވަނަ އަހަރު ސަލްޓަންޕާކް ތެރޭގައި ގޮއްވާލެވުނު ކަޓޫރަބޮމާއި، އެއަހަރު މާލޭގައި ބޭއްވުނު ފުރަތަމަ ސާކްސަމިޓް ނިމިގެން، އިއްޒަތްތެރި މެހްމާނުން ފުރާވަޑައި ގަންނަވަން ފެށުމުން ހެންވޭރު ހިއްކިތަނުގައި އެހެލާފައިއޮތް ސަރުކާރުގެ މިލްކެއް ކަމުގައިވާ، އަދި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކޮއިމަލާ ލޯންޗް ތޮށިގަނޑުގެ ދަށުގައި ގޮއްވާލެވުނު ކަޓޫރަބޮމާއި، 2003 ސެޕްޓެންބަރ 19-20 ގައި ފެނިގެންދިޔަ ސިޔާސީ ހޭލުންތެރިކަމާއި 2004 އޯގަސްޓް 12-13 ގެހޭލުންތެރި ކަމަކީ، 1989މ، ވަނައަހަރު ޖުމްހޫރީދުވަހު ރައީސްމައުމޫނު ގޮވާލެއްވި، ތޮށިގަނޑު ފަޅާލާފައި ހަމަވައިގެ ތެރެއަށް ނުކުތުމަށް އެޅުނު ހޭލުންތެރި ފިޔަވަޅުތަކެވެ. ބަޔަކުކުރި ހިއްވަރުތަކެއްގެ ނަތީޖާއެވެ. ހަމަކަށަވަރުން ވެސް، އެއީ އިސްލާހީހަރަކާތް ހަމަވައިގެ ތެރެއަށް ނޭވާލުމަށް ލިބިގެންދިޔަ ކާނާއެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ފަރާތުންހިންގާ ލާއިންސާނީ އަނިޔާވެރިކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްދެވުނު ސިޔާސީ ޢިބްރަތްތަކުން ފުރިގެންވާ ހާދިސާތަކެވެ. ބައިނަލް އަގްވާމީ މުޖްތަމައިން ތާއީދާއި ރުހުންލިބުނެވެ. ރާއްޖޭގެ ރައްޔިތުންގެ ފަރާތުން، އިޙްތިރާމާއެކު ބަލައިގަތް މަދަނީ ބަސްނޭހުމުގެ އިސްލާހީ ހަރަކާތް ތަކަކަށް ވެގެންދިޔައެވެ. ބޭރުދުނިޔެއިން އެއްބާރުލުން ދެއްވުމާއި އެހީތެރިކަން އޮހިގެން ދިޔައެވެ.ދިވެހި ރައްޔިތުންގެ ހިތުތެރޭގައި އެބުރެމުންދިޔަ އުދާސްގަނޑައި ހެދި، ތޮށިގަނޑު ފަޅައިގެން ދިޔައީއެވެ. ރައްޔިތުން ބަސްނޭހުމަށް ދާންޖެހެނީ، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ވާތީއެވެ. ރައްޔިތުންގެ ހައްގުތައް ނުލިބެންޏާ މަގުތަކަށް ނުކުމެ ހަމަހިމޭން މުޒާހަރާތައް ކުރާނެއެވެ. ރައީސް މައުމޫނަށް ހިފާއްޓާނުލެވޭހާ ހުނަރުވެރިކޮށެވެ.

އާދެ! ބިމުއަޑީގައި ކުރަމުން ގެންދިޔަ މަސައްކަތްތައް ފުރިހަމަވުމާއެކު، ފަސްގަނޑު ފަޅާލާފައި އެހަރަކާތުގެ އޮށުންފެޅި ތާޒާ ކުރިއަށް ހޫނުއަތްވާއިފިނި، ތާޒާވައިގެ ހަކަތަލިބި ޖައްވު ތެރެއަށް ނޭވާލައި ވަރުގަދަ ވާންފެށީ، ބަރާބަރަށް ކާނާ ލިބެމުންނެވެ. ބިމުއަޑިންނާއި ޖައްވާއި ފަޒާގެ ތެރެއިންނެވެ. ހުޅަގާއި އިތުމަތިންނެވެ. ރާއްޖޭގެ ތާރީޚުގައި އުފެދުނު ފުރަތަމަ ފަލްސަފާވެރިޔާ، ދުނިޔެ ގަބޫލުކުރާ ފެންވަރުގައި، އެމެރިކާގެ އެންމެ މަޝްހޫރު ސްޓެންފަޑް ޔުނިވަރސިޓީން އެއްޕީއެޗްޑީ އާއި ދެމާސްޓަރ ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު، ވަޑައިގެންފިއެވެ. އިސްލާހަށް ފެންބޮވައި ގެންފައިތިބި ރާއްޖޭގެ ޒުވާނުންތަކެއްގެ އެދުމުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަށް ކުރިމަތިލައްވައި ބޮޑުކާމިޔާބެއް، އެތަޢުލީމީ ޒުވާންލީޑަރު ވަރަށް ފަސޭހަކަމާއެކު ހޯއްދެވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައާއި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިސްލާހީ ހަރަކާތްތަކެއް ވުޖޫދަށް ގެނެސް ދެއްވީ ވަރަށް ކެރިހުންނަވައި ގެންނެވެ. އެއްވެސް ޖެހިލުމެއް ބިރެއްނެތިއެވެ. ދިވެހި ރާއްޖެއަށް މުޅިން އާވައްތަރެއްގެ ކެންޕޭނަކާއި މުޅިން އާވައްތަރެއްގެ އިސްލާހުތަކަކާއި މުޅިން އާވައްތަރެއްގެ ބިލްތަކެއް ދިވެހި މުޖްތަމަޢަށް، މަޖިލިސް މެދުވެރިކޮށް އުފަންކުރުވާއި ތަޢާރުފްކޮށް ދެއްވިއެވެ. ރައްޔިތުން އެމަސައްކަތް ބަލައިގަތީ ހިތުން ރުހުމުންނެވެ. މިފަދަ ހޭލުންތެރި ކަމަކައިގެން ރާއްޖޭގެ އިސްލާހީ ހަރަކާތް، ދުނިޔޭގެ ހަލަބޮލި ސިޔާސީޖައްވު ތެރެއަށް ފުރިހަމަކޮށް، ނޭވާލާންފެށީ އެދުވަސް ވަރުގައެވެ.

އާދެ! ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އޭނާގެ ބައިވެރިންގެ އެހީތެރިކަމާ އެކުގައިކަން ކަށަވަރެވެ. ބިމުއަޑިން ފަޅައިގެން ނުކުތް، އިސްލާހީ ހަރަކާތުގެ މޫރިތިގަހަށް ކާނާއާއި ހަކަތަ ލިބެންފެށީއ އިންތިހާއަށެެވެ. ރައްޔިތުންގެ ރުހުމާއެކުގައެވެ. ހެދިބޮޑުވާންފެށީ ހުރިހާކާނާއެއް ލިބިގެން ފެހިކަން މަތީގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި ސިޔާސީ ޖައްވަށް ހުރިހާގޮތަކުން ފަހިވާގޮތަށެވެ. ﷲގެ އިރާދަފުޅުން ދެންދާނީ ހެދި ބޮޑުވެ ބިޔަވަމުންނެވެ. ވަރުގަދަ ވަމުންނެވެ. މިގަސް ކަނޑާ، ވަށްޓާލެވޭނެ ގޮތް، އިރާދަކުރެއްވިއްޔާ މެދުވެރިއެއް ނުވާނެއެވެ. އަބަދުވެސް ގައުމުދެކެ ލޯބިވާ، ގައުމަށްޓަކާ، ގުރުބާންވެ ޖިހާދުކުރާނެ ދިވެހި ދަރީން ތިބޭނެކަން ކަށަވަރެވެ.

ދެންފަހެ، ދަންނާށެވެ! ދޭތެރެދޭތެރެއިން ގައުމުގެ ކަންތައްތައް މުރާޖައާކޮށް އިސްލާހު ކުރުމަށް ހަގީގީ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ނުގެންދިއުމުގެ ސަބަބުން ތޮށިގަނޑު ފަޅައިގެން ގޮސް އެއުދާސް ގަނޑު ބޭރުވެގެން ދިޔައީ ނުގުޑާވަރުގެ ބިޔަ ހަރަކާތެއްގެ ގޮތުގައެވެ. ބިންގަނޑު ފަޅާލާފައި ނުކުތް ނާޒުކު، ތާޒާކުރިއެއް، ބިޔަގަހަކަށް ބަދަލުވެ، ބޮޑުހަރަކާތަކަށް ވުމުގެ އުންމީދާއި މަގްސަދު ގައެވެ. ރާއްޖޭގެ ފަސްގަނޑުން އުފެދުނު އާރުލާ، ބިޔަގަހަކަށް ވުމުގެ ބޭނުމުގައެވެ. ދުވަހަކުވެސް ދިވެހިތާރީޚުން ފޮހެނުލެވޭނެ އިސްލާހީ ހަރަކާތަކަށް ހެދުމުގެ ބޭނުމުގައެވެ. އާދެ! ދެނެގަންނަން ޖެހޭ ހަގީގަތަކީ، ރާއްޖޭގައި މިހާރުފެންނަން މިއޮތް، ރިފޯމްހަރަކާތް (އިސްލާހީ ހަރަކާތް) އެންމެފުރަތަމަ ފެށުނީ، ރައީސްމައުމޫނު ވެރިކަމަށް ވަޑައިގެން އޭރުއޮތް ގާނޫނު އަސާސީ ހުއްޓުމަކަށް ގެނެސް، އެގާނޫނު އަސާސީ އިސްލާހު ކުރުމަށް ޚާއްސަ މަޖިލީހެއް އެކުލަވާ ލެއްވި ހިސާބުންނެވެ. ފަހެ، ރައީސް މައުމޫނުގެ ފުރަތަމަ ދައުރަކީ، އޭނާގެ ރަންދުވަސް ވަރެވެ. ދެވަނަ ދައުރަކީ، އޭނާގެ ރަންޒަމާން ގެއްލުނު ހިސާބެވެ. ފަހެ، މިދެންނެވި އިސްލާހީ ހަރަކާތް، 1980މ، ގެ އަހަރުތަކުގެ ތެރޭގައި ރީތިކޮށް ވުޖޫދަށް އަތުވެއްޖެއެވެ. ރާއްޖޭގެ ޖައްވާއި ވައިގެތެރެއަށް އުފަން ވެއްޖެއެވެ. ރާއްޖޭގެ ވެށީގައި އަށަގެންފިއެވެ. ތިންވަނަ ދައުރުކަމުގައިވާ، 1988މ، އިން 1993މ، އަށް، މިހަރަކާތް ބާރުސްޕީޑެއްގައި ކުރިޔަށް ގެންގޮސް، ބައިނަލް އަގްވާމީ މުޖްތަމަޢާ ހަމައަށް ފުރިހަމަގޮތުގައި ވާސިލްވެ، ފާޅުގައި ތާއީދާއި އެހީތެރިކަން އެފަރާތްތަކުން ދޭންފަށައިފިއެވެ. 1980 ވަނަ އަހަރު، ބޮޑުމަޖިލީހުގެ ތެރެއިންފެށުނު ހަރަކާތްތަކަކީ އޭގެފެށުމެވެ. އަދި، 1990 ވަނަ އަހަރުގެ އިސްލާހީ ހަރަކާތްތަކަކީ އެކަމުގެ ލާމަސީލު ހަރަކާތެކެވެ. މިހަރަކާތް ތަކަކީ، އިސްލާހީ ހަރަކާތުގެ އެދުރުންނާއި އެދުރުންގެ ގާތުން، ދަރިވަރުވި ކިޔަވާކުދިންގެ ބައިވެރިވުމާ އެކުގައި ހިންގުނު ވަރުގަދަ ސިޔާސީ، އަދި އިސްލާހީ ހަރަކާތެކެވެ. ސިޔާސީ އެދުރުންނަކީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އެނާއާއެކު ބޮޑުމަޖިލީހުގައި ހީވާގިކަމާއެކު މަސައްކަތް ކުރެއްވި އެފެންވަރުގެ އެހެން، އިސްލާހީ ބޭފުޅުންނެވެ. އޭރުގެ ޚާއްސަ މަޖިލީހުގައި ރިފޯމަށް މަސައްކަތްހިންގި ކެރޭސިޔާސީ ބޭފުޅުންނެވެ. ސިޔާސީ އެދުރުންގެ ދަރިވަރުންނަކީ، އެމްޑީޕީގެ އިސްގޮނޑީގެ ވެރިޔާ އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އާއި އެފެންވަރުގެ އަޅުގަނޑުމެން ކަހަލަ އިސްލާހީ ހަރަކާތުގައި ބިރެއްނެތި މިއަދާހަމައަށް ވެސް، ސާބިތުކަމާއކު އިސްކޮށް އުޅެމުން މިގެންދާ މީހުންނެވެ. ފަހެ، އެހަރަކާތް ނިމުމަކަށް ނައިސް، އެކިރޯޅިރޯޅިއަށް ހޭރިޔާކުރަމުން ކުރިޔަށް ދަތުރުކުރަމުން މިއަދުވެސް މިދަނީ ކުރިޔަށެވެ. އާދެ! ރައީސް މައުމޫނުގެ ވެރިކަމުގެ ހަވަނަދައުރު ނިމި، ހަތްވަނަ ދައުރަށް ފެށުމަށް، ދަތުރު ބަންނަމުން ދާއިރުގައި އެހަރަކާތަށް، އެއްވެސް ފަނޑުކަމެއް ނާދެއެވެ. ފޯރިޔާއެކު ދިރެމުން، ފުޅާވަމުން ކުރިޔަށް ދަނީއެވެ. ދިވެހީންގެ އުންމީދުތަކާ އެކުގައެވެ. ފަހެ، 2003 ސެޕްޓެންބަރ 19-20 އައުމާ ގުޅިގެން، އެމަހު، 21 ވަނަ ދުވަހުއޮތް، ވަޒީރުންގެ މަޝްވަރާ މަޖިލީހުގެ ކުއްލި މަޝްވަރާއަށް ފަހު، އެންމެ ފުރަތަމަ އެހަރަކާތާ، ގުޅިގެން ބިޑިއެޅުވި ސިޔާސީ ލީޑަރަކީ، ރިފޯމުގެ ހަރަކާތުގައި އަޑުއުފުލަމުން ގެންދާ މިމަޒުމޫނުގެ ލިޔުންތެރިޔާ ކަމުގައިވާ މިނިކަމެތި، އަޅުގަނޑެވެ. ޖަވާހިރުވާދީ އިލްޔާސެވެ. އެކަންހިންގީ، އޭރުގެ އިންފޯރމޭޝަން މިނިސްޓަރ އޮނަރަބްލް ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އިސްނެންގެވި، ސިއްރު ސައްލާއެއްގެ ދަށުންނެވެ.

އާދެ! “މަޝްހޫރު ކަޅުހުކުރު” (2004 އޯގަސްޓް 12-13) އަކީ، މިދެންނެވި ރިފޯމްގަހުގެ އެންމެވަރުގަދަ މައި ގޮތްޕެވެ. މަޝްހޫރު ކަޅުހުކުރުން ލިބިގެންދިޔަ، އިތުރުކުރިއެރުމާއި ތާޒާވުންތަކާއެކު އިސްލާހީ ހަރަކާތް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވެގެން ދިޔައެވެ. މިހަރަކާތުގެ އަސަރުތަކުގެ ސަބަބުން، ދިވެހި އުދަރެހުން ހިއްލާލި ސިޔާސީ ވިލާގަނޑުގެ އަނދިރި ރޯޅިތަކުން، އުފެދުނު ވަރުގަދަ ގުގުރިއާއި ވިދުވަރުގެ ސިޔާސީބާރަކީ، ރައީސްމައުމޫނު އިތުރަށް ހީކަރުވައިގަނެ، މުޅިހަށިކޮޅުން ހީބިހި ނަގައިގަނެ، ސިޔާސީގޮތުން ބަލިމީހަކަށް ބަދަލުކޮށްލި، ބިރުވެރި ސިޔާސީ އޮއިވަރެކެވެ. ފަހެ، މިއޮއިވަރަކީ ރާއްޖޭގެ އިސްލާހީ ހަރަކާތެވެ. މިހާހިސާބުން ސިޔާސީގޮތުން “ބަލިމީހާ” އަށް ރައީސް މައުމޫނު ވެއްޖެއެވެ. އަދި، ވެރިކަމުގައި ވަރުގަދަ ކިއްލާގައި ރެނދުއަޅާ، ބަލިކަށިވާން ފަށައިފިއެވެ. މަޑު މަޑުން ރޫޅެންފަށައި ފިއެވެ. އަރިސް ކުރެއްވި، ޒުވާން ވަޒީރުންތައް އަޑިނޭނގޭ އާރާއްޖެއަކާ ދިމާއަށް ޔަހޫދީންގެ މަދަދާއި އެހީގައި ހުޅުވިފައިވާ މުޖްތަމަޢު ތެރެއަށް ދިރިއްޖެއެވެ. ރައީސް މައުމޫނުގެ މުށުތެރެއިން ނުކުމެ، ދުނިޔޭގެ އޯޕަން ސޮސައިޓީތަކާ ގުޅިލާމެހިއްޖެއެވެ. ސިއްރިއްޔާތުގައި ޔަހޫދީންގެ އެހީތެރިކަން ހޯދައިފިއެވެ. އާދެ! ކުރިން އޮތްޝާނާއި ޝައުކަތު މަޑުމަޑުން ގެއްލެން ފަށައިފިއެވެ. ބާރުތައް ރައީސް މައުމޫނު އަތްޕުޅުން ބީވެއްޖެއެވެ. ޚާރިޖީކަންތަކާއި ބަންޑާރަ ނައިބުގެ ޒިންމާތައް ޒުވާން ވަޒީރުންގެ ކޮންޓްރޯލްދަށަށް ކެހިގެން ހިނގައްޖެއެވެ. ޒުވާން ވަޒީރުންގެ ހިތްތަކުގައި އިސްލާހީ ހަރަކާތަށް ހަމްދަރުދީ އެފެދޭން ފަށައިފިއެވެ.

ފަހެ، ދަންނާށެވެ! “ސަމަރޭ” ލައްވާ “ޤާސިމަ” ށް ގުޅައިގެން، މައްޗަންގޯޅި ބޯގަންވިލާ ތެރޭގައި ބޮޑުމަޖިލީހުގެ ރައީސް ހޮވުމާ ގުޅޭގޮތުންނާއި މިނިވަން ހަރަކާތުގެ ބައިވެރިންގެ ތެރެއިން، ސަރުކާރުން ހަމައެއް ލަމައެއްނެތި ބަންދުކުރަމުން ގެންދާ މީހުންނާބެހޭ ގޮތުން، މަޝްވަރާކުރުމުގެ ބައްދަލު ވުމެއްގައި މައްޗަންގޯޅި ބޯގަންވިލާގައި ތިއްބައި އެމަޖިލީހުގެ އެތައް މެމްބަރުންނެއް ގަދަކަމުން ޖުމްހޫރީ މައިދާނަށް ނެރުއްވިއެވެ. ސަމަރޭ، ގާސިމް އަރިހުން އެދިލައްވަނީ، ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ތިޔައިއްޒަތް ތެރީން، ޖުމްހޫރީ މައިދާނަށް ވީހާއަވަހަށް، ވަޑައިގެން އެތަނުގައި އެއްވެފައިތިބި ރައްޔިތުންނަށް އެކަންނުކުރުމަށް ނަސޭހަތްތެރި ވެދިނުމަށެވެ. ބޯގަންވިލާއިން ނުކުތް މެމްބަރުންތެރޭގައި އަޅުގަނޑުވެސް ޖުމްހޫރީ މައިދާނަށް ހާޒިރުވީމެވެ. ސަމަރޭގެ މިފޯނުކޯލް، ގާސިމު ރިސީވް ކުރެއްވިއިރު، އޭނާގެ ކައިރީގައި އަޅުގަނޑު ވެސް އިނީމެވެ. އަދި އެއްވެފައިތިބި ރައްޔިތުންނަށް ތަސައްލީދީ، ގެއަށް ފޮނުވާލުމަށް ނަސޭހަތްތެރި ވުމަށް، “އިލްޔާސް އިބްރާހީމް” ވެސް ޖުމްހޫރީ މައިދާނަށް ފޮނުއްވީ، ސީދާ ރައީސް މައުމޫނެވެ. އިލްޔާސާއި ގާސިމުގެ ނަސޭހަތްތަކަށް ރައްޔިތުން ޖަބާބުދިނީ އެމީހުން، އަރައިގެންތިބި ފައިވާން ތަކުންނެވެ. އެދެމީހުންނާ ދިމާއަށް ފައިވާންތައް އުކާހެދީއެވެ. ދެން ފަހެ، މިދެބޭފުޅުންގެ ބަސްއަހާނެ ރައްޔިތަކު ހަވަރުތެރެއަކުން ނުވިއެވެ. އެހާ ހިސާބުން އެބޭފުޅުން، ފަހަތަށްޖެހި ގެއްލުނީއެވެ. ދެން، އިސްލާހީ ހަރަކާތް ލީޑްކުރީ، ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ފަރާތުން އެދުރުވެފައި ތިއްބެވި، ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށް ދަސްކުރަމުން ގެންދާ ކިޔަވާކުދީންނެވެ. ރާއްޖޭގެ ސިޔާސީ ޠާލިބާނުންނެވެ. ހަވަރުކުރިމަތީގައި އިލްޔާސާއި ގާސިމް ފެއިލްވީއެވެ. މިދެބޭފުޅުންނަށް ޢާއިލީގޮތުން ހަމްދަރުދީއެއް އެދުވަސްވަރު ގެންގުޅުއްވި، އިބުރާ އެރޭގެމެންދަމާ ޖެހެންދެން ހިފާއްޓަވާ ލެއްވުމަށް ފަހު، ކާމިޔާބު ނުވަނީސް ލޮލުފިޔައެއް ނުޖައްސަވާނެ ކަމަށް ވަޢުދުބަސްފުޅު ހަރުއަޑުން ވިދާޅުވެފައި ގެއަށް ވަޑައިގަތީ، ވަރުބަލި ވެގެންއެވެ. ހިތްވަރުތަކެއް ކުރައްވާފައެވެ. ކުރީސަރުކާރު ތެރެއިން ކޮރަޕްޓްވެފައި ތިއްބެވި ދެބޮޑުން ކަމުގައިވާ، ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއަކީ އަރިމަތިގައި އުޅުއްވި ބޭފުޅުންނެވެ. ގާސިމާއި އިލްޔާސަށް ރުހުންދީފައިވާ މީހުންގެ ގޮތުގައެވެ. ހަގީގަތުގައި މިދެބޭފުޅުންނަކީ އެރޭ، ކުޅިބެއްލެވި ބޭފުޅުންނެވެ. ރައީސް މައުމޫނު، އިލްޔާސާއި ސަމަރޭމެން ލައްވާ މިކަން ކުރެއްވީ، ސިފައިންގެތެރޭގެ ހުރިހާކަމެއް އެމަޖެންސީކޮށް، “ފަތުހުﷲ އާއި ހަމީދާއި ޔާމީން” މެންނައި ހަވާލުކުރައްވާ ފައެވެ. ހައްޔަރުކުރި ބައެއްމީހުންނާ ދިމާއަށް، “ފަތުޙުﷲ” އެއްޗެތި ވިދާޅުވެ ކޯފާވެހެއްދެވި ކަމަށް ވެއެވެ. ބަންދުކުރި އަސީރުންތައް ގެނެސް ސިފައިންގެ މަރުކަޒު ތެރެއިން ފެނުމުން، ކޯފާވެރިކަމާއެކު ބާރުބާރަށް ކުޅުޖަހާ ހެއްދެވިކަމަށް ވެއެވެ. އެއްވެފައި ތިބިމީހުންގެ ތެރެއަށް، ގޭންގްތަކާއި އިދިކޮޅަށް ހަރަކާތްތެރި ވާނެމީހުން، ޖުމްހޫރީ މައިދާނަށް، ޔާމީން ގެންދެވީ އެއްކުރައް ވަމުންނެވެ. އެތަނަށް ފޮނުއްވާއި ޖަމާކުރައް ވަމުންނެވެ. އަދި އިސްލާހީ ހަރަކާތާ ދެކޮޅަށް ކުރަންވީ ކަންތަކުގެ އިރުޝާދު ދެންވަމުން ގެންދެވީ ސީދާޔާމީނެވެ. ޖެއްސުން ކުރުމަށް ކުރަންވީ ކަންތައްކުގެ އޯޑަރުނެރެ ދެއްނީ އެބޭފުޅާއެވެ. އެމީހުންނަށް މެގަފޯންތައް ދިނީ ސިފައިންނެވެ. ފަހެ، ގަނޑުވަރުންރޭވި، މިރޭވުންގަނޑު ފުރޮޅިގެންދިޔައީ، އަނެއްދުވަސް ކަމުގައިވި ހުކުރުދުވަހު، ޤާސިމާއެކު ޑޮކްޓަރ މުނައްވަރާއި ޒަކީއާއި އެތައްބައިވަރު އިއްޒަތްތެރި މެމްބަރުންނެއް ޖަލުގެ ކުޑަގޮޅިއަށް އެތެރެކޮށްލައި ބަންދުކޮށް ލުމަށެވެ. އަދި “ޔާމީނު” މެންލައްވާ، ބަންދުކުރެވުނު މީހުންނަށް ބޭނުންގޮތެއް ހަދާލެއްވުމުގެ ސީދާބާރު އެރުވުނެވެ. މިހުރިހާ ކުޅިގަނޑެއް ކުޅުއްވީ، ގަނޑުވަރު ތެރެއިން ސީދާ ރައީސްމައުމޫނެވެ. ހުކުރު ދުވަހަށް އިރުއެރުމުގެ ކުރިން، ބަންދުކުރަންވީ މީހުންގެ ނަންތަކުގެ ލިސްޓްއޮތީ ލިޔެތައްޔާރުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. އަޅަންޖެހޭ ފިޔަވަޅުތައް ހުރީތަރުތީބުން ލިޔެނޯޓުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. ހުއްދަދެވޭ މީހުންނަށްނޫނީ ނުފުރޭގޮތަށް އޮތީ، ހަމަޖައްސާފައެވެ. ކާފިއޫ ހިންގަވައި އެތައްބައިވަރު، އަސާސީޙައްޤު ތަކެއް ނިގުޅައި ގަތުމަށްފަހު، ތަހުގީގުތައް ހިންގަމުން ގެންދިޔައީ، ސަތޭކަ ފުލުހުންނާއި ސަތޭކަ ސިފައިންގެ ބޭކަލުންގެ ވަކިޖަމާޢަތެއް ގޮތުގައި އުފެއްދި ކުއްލިބާރަކާ އެކުގައެވެ. އޮނަރަބްލް އަބްދުﷲ ހަމީދުގެ ދަރިކަލެއް ކަމުގައިވާ އަލްއުސްތާޒު “މައުމޫނުހަމީދަ” ށް، ކުއްލިބާރުތަކެއް ދެއްވައި، އެޔުނިޓުގެ ލީޑަރުކަމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ދެއްވިއެވެ. މިއީ ސިފައިންގެ މަރުކަޒުން ބޭރުގައި ގައިމުކުރެވުނު ވަކިމަރުކަޒެކެވެ. ވަރަށްމިނިވަން ކަމަކާއެކު ބޮޑުބާރެއްދީގެން ކުރިޔަށް ގެންދިޔަ ތަނެކެެވެ. މިމަރުކަޒަށް އޯޑަރުތައް ލިބެނީ “ހަމީދު” އާއި “ޔާމީނު” އާއި “ފަތުހުﷲ” އާއި “މައުމޫނު” ގެ މަޝްވަރާގެ މަތިންނެވެ. ގަނޑުވަރު ތެރެއިންނެވެ. ހިތުހުރި ގޮތަކަށް ރޭވުންތައް ރާވަމުން ގެންދިޔަ، މިސިއްރު ކޮމެޓީގެ ރޭވުންގަނޑަށް ބަދަލެއް އައިސް ބުރެކިޖެހުނީ، 2004 ޑިސެންބަރުގެ ބިރުވެރި ސުނާމީ ކާރިޘާއަށް ފަހުގައެވެ. ފަހެ ދަންނާށެވެ! ނިމިގެން ދިޔަ، ސިޔާސީ، މިކަންތައް ގަނޑު ވެގެންދިޔައީ، އަނެއްކާވެސް “ހަމީދު” ގެ ފޭލިގެއާއި “އިލްޔާސް” ގެ ފޭލިގޭގެ ހަސަދަވެރިކަމުގެ އަލިފާންގަނޑަށް، ދަރުއެޅުއްވުމަށް ރާވާލައްވައިގެން، ކުޅެލެއްވި ސިޔާސީ ހިކްމަތުން ފުރިގެންވާ ކަމަކަށެވެ. ހުންގާނުގައި މިފަހަރު ތިއްބެވީ އަޒުހަރުޓީމެވެ. ފަހެ، މިއުކުޅަކީ ރިފޯމުގެ ވަރުގަދަގަސް ބަލިކަށިކޮށް ނިކަމެތި ކުރުމުގެ މަގްސަދުގައި ގޮފިތައް ކޮށާލެއް ވުމަށް، ކުޅުއްވި ސިޔާސީ ކުޅިއެކެވެ. އިލްޔާސާއި ސަމަރޭއާއި ގާސިމަކީ އެއްފޭލިގެއެއްގެ ބޭފުޅުންނެވެ. އާދެ! މިކުޅިއަކީ، ސިއްރިއްޔާތުގައި އަޒުހަރުޓީމު ކަމުގައިވާ، “ފަތުހުﷲ” އާއި “ޒާހިރުހުސައިން” އާއި “މައުމޫން” އާ، ގުޅިގެން އީޖާދު ކުރެއްވި މޮޅު، ސިޔާސީ ކުޅިއެއް ކަމުގައި އަޅުގަނޑަށް ވަރަށްބޮޑަށް ގަބޫލު ކުރެވެއެވެ. ރައީސް މައުމޫނަކީ، މިފަދަ ސިޔާސީ ކުޅިތައް ރާޒުވާ ގޮނޑީގައި ރާވާލައްވައިގެން ކުޅުއްވުމުގައި ވަރަށް އަރާހުންނެވި ހުނަރުވެރި ޢިލްމު ވެރިއެކެވެ. ފިރުއައުނުންގެ މިސުރުން ދަރިވަރުވެ ވަޑަގެންފައިވާ ސިޔާސީ ލީޑަރެކެވެ. ސިޔާސީ އުކުޅުތައް ކުޅުއްވާ މާހިރެކެވެ.

އާދެ! ދިވެހިޤައުމުގެ ސިޔާދަތު ރަމްޒުކޮށް ދެމުންގެންދާ ކޯއްޓޭގައިހުރި ބޮޑުދިދައިގެ ބުޑުން މިކަންތައް، ސިކުނޑިއާއި ހިތާއި ލޮލާއި އަތުން ހިފައި އަދި، ޖިސްމާއި ރޫހުން ތަޖުރިބާކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަކީ، ބޯގަންވިލާގެ ބައްދަލުވުމުން ޖުމްހޫރީ މައިދާނަށް ދިޔަގޮތަށް، އަނެއްދުވަހު، އިސްލާމީ މަރްކަޒުގައި ކުރެވުނު ހުކުރު ނަމާދަށް ތަބާވެ، އެބިމުގައި ހުކުރު ކޮށްގެން ގެއަށް ދިޔަމީހެކެވެ. ފެހެ، ރަލާއި ޑުރަގުދީފައިތިބި ބަދުމާޝް، ތަގުންގެފޯހެއް މޮޔަވެފައިތިބި ގެރިތަކެއްހެން، ހުކުރުވިލޭރޭ މެންދަމުން އަލިވުމަށްފަހު، ދަންވަރު ވަގުތެއްގައި އައިސް ދިދަދަނޑީގެ ބުޑަށް އަރައިގަތީ ވަރަށް ވަހުޝީ ހާލަތުގައި މަސްތުވެ ތިބެއެވެ. އެވަގުތަކީ، ދުވަހަކުވެސް މިހާތަނަށް ނުލިބޭ ހިތްވަރެއް އަޅުގަނޑަށް، ވެރިވެފައިހުރި ވަގުތެކެވެ. ހުރެވުނީ އެތައްދަރަޖަ އަކަށް ހަކަތަ އިތުރުވެފައެވެ. އަޅުގަނޑަށް އެވަގުތު ހުރެވުނުތަނުން އަޅުގަނޑުގެ ޒިންމާއަކަށް ވެފައިއޮތީ ދިދައިގެވާގަނޑު، ބަދުމާޝް ތަގުންގެފޯހުން، ކަނޑާލިޔަނުދީ ދިވެހިދިދަ ދިފާއުކޮށް ހިމާޔަތްކޮށް ދިނުމެވެ. އެމީހުން ކުދިފިޔޮހި ތަކާއި ކަޓަރު ގެންގުޅުތަން އަޅުގަނޑުގެ ދެލޮލުން ދުށީމެވެ. އެމީހުން މަސައްކަތްކުރީ، ދިދައިގެވާގަނޑު ކަނޑާލައި ދިދަވައްޓާލުމަށް ފަހު، އެބަދުނާމު އަޅުގަނޑުމެން އެތަނަށް އެއްވެފައި ތިބި، ރިފޯމިސްޓުންގެ ބޮލުގައި އެޅުވުމަށެވެ. އަޅުގަނޑައި ޖެހިގެންހުރީ ވަރުގަދަ ހިތްވަރެއްދެއްކެވި، މުޖާހިދެއްކަމުގައިވާ، ދާދަރާނަސީމެވެ. މިއީ “ހަމީދު” އާއި “ޔާމީނު” މެން ފަދަ، ބޮޑުން އަޑީގައި ތިއްބަގެން ހިންގުވި ނުބައިނުލަފާ، މުޑުދާރު ރޭވުމެކެވެ. ސިފައިންގެ ވަށައިގެން މަގުމަތީ ފާރުގެ މަތީގައި ހަދާފައިހުރި ވޮޗްޕޯސްޓު ތަކުން މެގަޕޯނުތައް ބާލައިގެން ސިފައިންގެ ބައެއްގެ އެހީލިބިގެން އެތަނަށް އެއްވިބަޔަކު، ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތް ތެރިވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ. މިބައިގަނޑު ލީޑުކޮށްދިނީ ޑޮކްޓަރ ފާތިން ހަމީދާއި ކެލާ ނިޒާމާއި ޢިމާދު ސާލިޙާއި މިފަދަ ޑީއާރުޕީއަށް ނިސްބަތްވާ ބޮޑެތި ބޭފުޅުންނެވެ. އަދި އެތަނަށް އެއްކުރި ޕާޓޭންނެވެ. ސިފައިންނަށް ހަމަލާދިނުމުގައި އުޅުނީވެސް މިބައި ގަނޑުގައި ހިމެނޭ ޕާޓޭގުރޫޕެވެ. ސިފައިންގެ މީހެއްގެ ބަނޑަށް ވަޅިއެއް ހަރާލީވެސް މީގެތެރެއިން މީހެކެވެ. އޮފީސް ޢިމާރާތް ރޯކޮށްލުމަށް އަލިފާން ބޭނުންކުރީ ވެސް އެމީހުންނެވެ. އަދި ހަމައެދުވަހު ޖަލުގެ ދޮރުތައް، ކޮމާންޑަރ އިންޗީފް އާދަން ޒާހިރު ލައްވާ ހުޅުވާލެއްވިއެވެ. ނުލަފާ ފުރާވަރުގެ ޕާޓޭންގެ ގިނަކުދިންތަކެއް ޖަލުން ދޫކޮށްލިއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދޯންޏެއްގައި މާލެ އަންނަން ދަތުރުމަތީގައި ތިއްބާ، ސިފައިންނާ ކުރިމަތިވެ ކުރިމަތިލުން ތަކެއް ހިނގިއެވެ. މިއީ ދޫކޮށްލި ކުދިންގެ ތެރެއިން މަދުބައެކެވެ. އަދި މާލޭ ޖަލުތަކުން ނުކުތް ކުދިން މިއެއްވުމުގެ ތެރޭގައި ތަގުންގެ ފޯހާއެކުގައި ކުއްލި ހަރަކާތުގައި އުޅުނެވެ. ތަންތަނުގައި އަލިފާން ރޯކުރަންށާއި ސިފައިންނަށް ހަމަލާދޭން އުޅުނު ބަޔަކުވެސް އޭގެތެރޭގައި އުޅުނެވެ. ހަމަގައިމުވެސް މިއެންމެންނަކީ އަބުރާ ޖަލުތަކަށް ގެންގޮސް ބަންދުކުރެވޭނެ މީހުންނެއް ނޫނެވެ.

އާދެ! ކޯއްޓޭގެ ބޮޑުދިދަ ކަނޑާވައްޓާލުމާއި އެވަގުތު ހިންގި އެހެނިހެން ނުލަފާ ހަރަކާތްތައް، ކާމިޔާބުނުވީ އެމީހުންގެ ނިޔަތާއި މަގްސަދު ރަނގަޅު ނުވީމާކަން ކަށަވަރެވެ. ފަހެ، ދެބައިމީހުންގެ ދެމެދު ހިނގި، ހަމގުރާމައިގެ މިހިނދުކޮޅުގައި އަޅުގަނޑުގެ ހިތަށް، ތަޞައްވަރު ވަމުންދިޔައީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ލިބުނު ރޫހާނީބާރާއި ކާމިޔާބު ތަކަށެވެ. އަދި ހަނގުރާމައިގެ މިހިނދުކޮޅަށްފަހު މާގިނައިރެއްނުވެ އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުގެ ޤުނޫތުގައި ޝައިޚުފަރީދު ވިދާޅުވެދެއްވި ދުޢާއިން އެތައް، އެތައް އިހުސާސް ތަކެއް އިތުރުވެގެން ދިޔައެވެ. ﷲ މިގައުމަށް ބަދަލެއް ގެނެސް ދެއްވުމުގެ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޖައްބާރު ވެރިންނަށް ޢިބްރަތެއްގެ ގޮތުން ފިލާވަޅެއް ލިބެންވީ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޝައިޚް ފަރީދުގެ ޖާމިޢު ދިއާގައި މިހުރިހާ ދިމާއަކަށް އަސަރާއެކު އަލިއަޅުވާ ލެއްވިއެވެ! ނަމާދުގައި ބައިވެރިވި ރައްޔިތުން އެއްއަޑުން އާމީން ހަރުއަޑުން ކިޔަމުން ގެންދިޔައެވެ. ރާއްޖޭގައި އެފަދަދުޢާއެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ﷲގެ މިސްކިތަށް ކަރުނައެޅި އެތައް އިޚްލާސް ތެރިންނެއް ތިއްބެވެ. ރައީސް މައުމޫނުގެ ވަފާތެރި މިނިސްޓަރެއް ކަމުގައިވާ، އޮނަރަބްލް އުމަރުޒާހިރު ފަހަތު ސަފެއްގައި އެދުޢާގެ އަސަރުން، މަޑުމޯޅިވެ، ކީރިތި ކުރައްވަން ހުންނަވަނިކޮށް ފެނުނެވެ. ޝައިޚު ފަރީދު ޢަރަބިބަހުން ވިދާޅުވިބައިތަކުގެ މާނަ އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. މިއީ އިސްލާމީ މަރުކަޒުގައި ރައްޔިތުންގެ ބޮޑު ޖަމާޢަތަކާއެކު، ކުރެވުނު ތާރީޚީ ފަތިސް ނަމާދެއް ކަމުގައި އަޅުގަނޑު ފާހަނގަ ކުރާނަމެވެ. 2004 ޑިސެންބަރ 25 ގެ ކްރިސްމަސްރޭގެ މަޖާތަކުގެ ތެރެއިން ފާޅުވިއިރުގެ އަލިކަމާހެން ހަގީގީ ސުނާމީއެއް، ރާއްޖެއަށް އަރައި އަނެއްކާވެސް ރައީސް މައުމޫނުގެ ހިތްޕުޅު ބިރުގަންނަވާލެއްވީ، ﷲގެ ކުޅަދުންވަންތަ ކަމުންކަން ކަށަވަރެވެ. ބަންދުގައި ތިއްބެވި ގާސިމުމެންފަދަ މީހުންގެ ހައްގުގައި ރައީސް މައުމޫނުގެ އަނިޔާއިން، މިންޖުކޮށް ދެއްވުން އެދި، 99 ޚަތިމު ކުރުމުގެ ކިޔެވެއްޔަކާއި އެތައް އެތަކެއް ވިރުދުތަކާއި ކީރިތިގުރުއާނުން ކިޔެވެލިތަކެއް، މިއަނިޔާތަކާ ގުޅިގެން ކިޔަވާހަދާއި، ﷲއަށް ދެންނެވުނުކަން، އދ.އަތޮޅުގެ ބައެއް ރައްޓެހިންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ލިބިފައިވެއެވެ. ހަމަގައިމުވެސް ޝައިޚް ފަރީދުގެ ދުޢާއާއި މިދެންނެވި ކިޔެވުންތަކަކީ އެއްވެސް ހުރަހެއްނެތި، ﷲއަށް ރައްދުވާނެ އަޅުކަމެއްކަން ކަށަވަރެވެ! އެދުޢާތަކުގައި ރޫޙާނީބާރުތަކެއް ހިމެނޭނެކަން ކަށަވަރެވެ! ﷲއީ އަނިޔާ ލިބެމުންދާ މީހުންގެ ދުޢަތައް އައްސަވާއި އިޖާބަކުރައްވާ ކަލާނގެއެވެ.

އާދެ! ޖުމްހޫރީ މައިދާނުގައި ސާބިތުކަމާ އެކު، އެތާއެވަގުތު ތިއްބެވި ކުޅަދާނަ މުޖާހިދުންގެ ބާރާއި ހިތްވަރުން ބަދުމާޝް ތަގުންގެ ވަހުޝީ ރޭވުންތަކާއި މުޑުދާރު މަގްސަދު، ފެއިލް ވެގެން ދިއުމުން، އެވެރިން ދުވެފިލީ އެތައް އަނިޔާތަކެއް ލިބިގެންނެވެ. ލަދުވެތި ހާލުގައެވެ. އަޅުގަނޑާއި ދާދަރާ ނަސީމާއި އެހެންމުޖާހިދުން އެހިނދު ޖިހާދުކުރަމުން ގެންދިޔައީ އެމުޖްރިމުންނަށް ކިތަންމެ އަނިޔާއެއް ވިޔަސް އެންމެރަނގަޅު ކަމަށެވެ. އަދި ދިދައިގެ ވާގަނޑާ ހަމައަށް އެވަޙުޝީ މީހުންގެ އަތްތައް އަޔަނުދޭށެވެ. އާދެ! މިމަޒުމޫނަކީ، މިވާހަކަތައް މާ ތަފްސިލުކޮށް ލިޔުމުގެ ވަގުތެއްނޫނެވެ.

ދެންފަހެ ދަންނާށެވެ! ދިވެހިރާއްޖޭގެ ރިފޯމްހަރަކާތުގެ ބަރަކާތްތެރި ގަސް، ބިންގަނޑު ފަޅާލައި ބޭރަށްނުކުމެ ބިޔަވެ، ވަރުގަދަވެ، އާރުލާން ފެށުމުން، ވެރިކަމުގެ ފަރާތުން އޭގެ މުގާބިލްގައި ފެއްޓީ އިސްލާހީ އެޖެންޑާއެއްގެ ދަށުން ރީތިނަލަނަލަ ޕްރޮގްރާމެއް އެކުލަވާލާއި ހިންގާށެވެ. ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ހިންގާ އިޞްލާޙީ ޕްރޮގްރާމުގެ މަގުޗާޓު- 2006 ގެ ނަމުގައި، އިސްލާޙީ އެޖެންޑާއެއް ބޭރުބައެއްގެ ވިސްނުމާއި އެހީގައި އެކުލަވާލެއްވުމަށް ފަހު، ނެރުއްވިއެވެ. އެއީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހެޑްއޮފީސް ހުންނަ މަޝްހޫރު ހިލްއެންޑު ނޯލްޓަން ލިމިޓެޑެވެ. މިކުންފުނިންވަނީ، 2005މ، ވަނަ އަހަރު ޑޮކްޓަރ ޝަހީދު މެދުވެރިއަކަށް ވެގެން “ގަވަރމެންޓް އޮފް މޯލްޑިވްސް – ޕްރޮޖެކްޓް ޑްރުއިޑް” ނަމުގައި ރައީސް އޮފީހުން ރިސާޗެއް ހައްދުވައި އޭގެ ބަދަލެއްގެ ގޮތުގައި ރައްޔިތުންގެ ޚަޒާނާއިން އެތައްހާސް ޕައުންޑުތަކެއް ޚަރަދުކޮށް ފައެވެ. މިއީ ރިފޯމްހަރަކާތުގެ މުގާބިލްގައި ދިރާސާތަކެއް ހެއްދެވުމަށްފަހު، އެޅުއްވި ކަސިޔާރު ފިޔަވަޅެކެވެ. މިކަމުގައި އިސްކޮށް އުޅުއްވީ، ފޮރިން މިނިސްޓަރ ޑޮކްޓަރ އަހްމަދު ޝަހީދާއި ބަންގާޅު ދަނބިދަރިކަލުން ޝާހު އެވެ. ޝަހީދުގެ ދަށުން މަސައްކަތް ކުރެއްވި އަނެއް ބޭފުޅަކީ، ބަންޑާރަ ނައިބު ޑޮކްޓަރ ހަސަން ސައީދެވެ. ފަހެ، ދަންނާށެވެ! މިރޭވުނު ރޭވުންގަނޑުގެ ބިއްދަށުގައި، ފަރުދާގެ އަނެއް ފަރާތުގައި ފޮރުވިފައިވާ ބޭނުންފުޅަކީ، މިކަމުގެ މަސްއޫލިއްޔަތާއި ޒިންމާނެގުމަށް ހަވާލުވެގެންތިބި ޒުވާން ވަޒީރުންނެވެ. ރައީސް މައުމޫނުގެ ނިވަލުގައި ތިއްބަވައިގެން، އޯޕަންސޮސައިޓީއާއި ނިއުމޯލްޑިވްސް ވުޖޫދަށްގެނުވި ވަޒީރުންތަކެވެ. އާރާއްޖެއެކޭ ގޮވިޓީމެވެ. މިޓީމުގެ މުގުލުގައިތިބި ޔަހޫދީންގެ ބޭނުމަކަށްވަނީ، “ގަހުގެ އަހުލުވެރިން ލައްވައި ގަސްކަނޑާ ވައްޓާލުމެވެ.” އާދެ! ވެރިކަމުގައި ތިއްބެވި ޒުވާންވަޒީރުންގެ ފަރާތުންރޭވި، މިރޭވުމަކީ، ވަރަށް މަކަރުވެރި ޔަހޫދީ ވަންތަ ރޭވުމެކެވެ. މިވެރިންގެ ހިތްތަކުގައި ވަނީ، އިސްލާހީ ހަރަކާތަށް ހަމްދަރުދީ އުފެދިފައެވެ. ޔަހޫދީބޮޑުން މީގެމާކުރިން، ތުރުކީގައިއޮތް އިސްލާމީ ޚިލާފަތު ވައްޓާލުމަށް ރޭވީވެސް މިކަހަލަ ނުލަފާ، ދައްޖާލު ރޭވުން ގަނޑެކެވެ. ހެޔޮނިޔަތުގައި ރަނގަޅު މަގްސަދުގައި ކުރެއްވި ކަމެއްނަމަ، މިހާރު ފެންނަމުން މިދާމުޑުދާރު ކަންތައްތަކެއް އެޓީމުން ނުކުރެއްވީހެވެ. ފަހެ، މިޗާޓުގެ ޖާދޫގައި، ރަނގަޅަށް އަޅުގަނޑުމެން ވަނީ، ޖެހިފައެވެ. ތާށިވެފައެވެ.

އާދެ! 2004މ، ގައި ގާނޫނު އަސާސީގެ، 94 ވަނަ މާއްދާގެދަށުން، ރައްޔިތުންގެ ބޮޑުމަޖިލިސް އުފެއްދެވީއްސުރެ ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މިދައްކަނީ އެވާހަކަތަކެވެ. އެތައްފަހަރަކު ނިޒާމީނުކުތާ ނަގައިގެން އަޑުގަދަ ކޮށްފައި ވާނެއެވެ. އެހެނަސް އަޑުއަހާނެ މީހަކު ނެތުމުން ރުޅިގަދަވެއެވެ. އިސްތަށިތައް ކޮޅަށް ޖެހެއެވެ. ހޫނުގަދަ ވެއެވެ. އެތަޅުމުގައި ރައީސް މައުމޫނުގެ މަގުޗާޓަށް އަޅުގަނޑު ދީފައިވާ ނަމަކީ، “އޮޅުވާލުމުގެ މަކަރުވެރި ޖާދުވީ މަގުޗާޓު” މިހެންނެވެ. އެއީ ހަމަ ރަނގަޅަށް ވެސް ޖާދުވީ މަގުޗާޓަކަށް ވެއްޖެއެވެ. ޔަހޫދީން މުސްލިމުންނަށް އޮޅުވާލަން ރާވަމުން ދިޔަކަހަލަ ރީތިނަލަނަލަ ފޭރާމެއްގައި ޖަރީކޮށްގެން ނެރުއްވި މަކަރުވެރި ރޭވުމެއް ކަމުގައި ވެއްޖެއެވެ. މިޖާދުވީޗާޓުގެ މޮޅުކަމުން ބޮޑުމަޖިލީހުގެ މެމްބަރުން އާވާރާކޮށްލައި އާޝޯޚު ކޮށްލާ ދަނޑިވަޅު އާދެއެވެ. ރިފޯމް ގަހުގެ ފަތްކޮޅު އަމިއްލައަތުން ނޮޅާލާއި ބަލިކަށި ކޮއްލާހެދިއެވެ. ތަޅުމުގައި ތިބޭ މަދުބައެއްގެ ހިތްވަރުން އަލުން އެގަސް ހެދިގަންނަނީއެވެ. އިތުރު ކުރިތައް ފަޅައިގަނެ، ގޮފިތަކާއި ފަތްތައްލައި އިތުރަށް ހެދިގަންނަނީއެވެ. މިކަން ތަކުރާރު ވަމުން ދެއެވެ. ފަހެ، މިކަމުގެ ދަލީލަކަށް، ބޮޑުމަޖިލީހުގެ، 93 ވަނަ ޖަލްސާގައި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނަގަންނިންމި ފެންނަ ނުފެންނަ އާންމު ސިއްރުވޯޓު ނެގުމަށް ފާސްކުރިގޮތް ފާހަގަ ކޮއްލަމެވެ. އެޖަލްސާ ތަކުގައި އާދޭހާއެކު، އެވާހަކަތައް އަޅުގަނޑު ގަދައަޑުން ގޮވީމެވެ. ތަކުރާރުކޮށް ހަދާންކޮށް ދިނީމެވެ. ނިޒާމާބެހޭ ނުކުތާ ނެގީމެވެ. ބައެއްފަހަރު ރުޅިގަދަވެގެން ޖަލްސާދޫކޮށް ބޭރަށް ނުކުތީމެވެ. ރުޅުމަޑުވުމުން އަނެއްކާ ވަންނަނީއެވެ. މިކަން އޭރުގެ ރައީސް ޢައްބާސްގެ ހަނދުމަފުޅުގައި ވަރަށް ރަނގަޅަށް ހުންނާނެކަން ކަށަވަރެވެ. މިއަދު މިއޮތީ، އެތަންރީތިކޮށް، ﷲގެ އިރާދަފުޅުން ދައްކަވާފައެވެ. އަދި އަޅުގަނޑުމެންގެ ހަމަލޮލަށް ހެއްކާއެކު ފެނިފައެވެ. ތަޖުރިބާ ކުރެވިފައެވެ. އެންމެފަހުން ނިމުނީ މިވޯޓަކީ، ބޮޑުމަޖިލީހުގެ ޤަވާޢިދުގެ ދެވަނަ މާއްދާގެ “ނ” ގެ ދަށުން ބޮޑުމަޖިލީހަށް ލިބިގެންވާ އިޚްތިޔާރެއްގެ ދަށުން ކުރާ ކަމެއްގެގޮތުގައި، ކުރިޔަށް ގެންގޮސް ނިންމާލުމަށެވެ. ވަރަށްހޫނު ދިގުބަހުސަކަށް ފަހު، މިހަމައެޅީ ގަދަ ކަމުންނެވެ. ރައީސް އައްބާހުގެ މަސައްކަތްޕުޅުން ނުސީދާކޮށެވެ. ކަނޑައެޅިގެން ގަވައިދާ ޚިލާފަށެވެ. ދެންޖެހުނީ، މިހަމައިގެ މަތިން ނިޒާމީވޯޓު ކުރިޔަށް ގެންދާށެވެ. ކައްޗަށް އެޅުނު ނުބައި ބިންގަލެއްގެ މަތީގައެވެ.

އާދެ! ބޮޑުމަޖިލީހަށް ލިބިގެންވާ ފުރިހަމަ ގާނޫނީބާރާއި އިޚްތިޔާރުގެ ދަށުން، މިކަންތައް ކުރިޔަށް ގެންދަންވީއެވެ. މިވީގޮތުން ބޮޑު މަޖިލީހަށް ނުކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ދައުލަތުގެ އެންމެމަތީ ބާރަށް ބޮޑުމަޖިލިސް އޮޓަމެޓިކުން ވީއެވެ. ބޮޑުމަޖިލީހުގެ ވޯޓަކުން ފާސްވެއްޖެނަމަ، ރައީސް މައުމޫނު ދުރުކޮށް ދެމަސް ދުވަހުގެ ތެރޭގައި އާންމުވޯޓަކުން އާރައީސެއް ހޮވަންވީއެވެ. މިބާރު ބޮޑުމަޖިލީހަށް ލިބުނީއެވެ. ގާނޫނު އަސާސީގެ ދަށުން އަސާސީބާރަކަށް ފައްތައިގެން މިކަންކަމަކީ، ކުރެވޭނެ ކަންތަކެއް ނޫނެވެ. މިއީ ނުބައި ގާނޫނީ ބިނާއެކެވެ. ފަހެ، މިވީގޮތުން ބޮޑުމަޖިލީހަކީ، އަލުން ބަލުން މުޅިން އާގާނޫނު އަސާސީއެއް އުފެއްދި ދާނެބަޔަކަށް ވީހިނދު، އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީ، ވަކިޝަރުޠު ތަކެއްގެ ދަށުން އުވާލާފައި، ބޮޑުމަޖިލީހުން ނަގާކޮމެޓީއެއްގެ ދަށުން ބާއްވާ އިންސާފުވެރި އިންތިޚާބެއް ބޭއްވެންދެން އެކޮމެޓީން ރާއްޖޭގެ ވެރިކަން ކުރާގޮތަށް ވެސް ނިންމިދާނެ ބައެކެވެ. ހަމަ އެހެންމެ ވަކިދުވަހަކާ ހަމައިން، މިހާރުއޮތް ގާނޫނުއަސާސީ އުވާލެވިދާނެ ކަމަށް ވެސް ބުނެވިދާނެ ބާރުއޮތް ބައެކެވެ. ފަހެ، ބޮޑުމަޖިލީހުގެ ފަރާތުން ފެންނަ ނުފެންނަ ވޯޓެއް ނިޒާމީ ވޯޓުގައި ނެގޭނީ މިގޮތުގެ މަތިންނެވެ. މިބިންގަލުގެ މަތިންނެވެ. ފަހެ، މިއަސާސުގެ މައްޗަށް ބިނާކޮށެވެ. ނިޒާމީވޯޓު މިބިނާގެ މައްޗަށް ނެގެންޏާ މިކަންކަމަކީ، ބޮޑުމަޖިލީހުގެ އިޚްތިޔާރާއި ބާރުގެދަށުން ކުރެވިދާނެ ކަންތަކެވެ. މިއީ މިބަހުސްގައި އަލުގަނޑު ވަކާލާތު ކުރިގޮތެވެ. އަދި މިވާހަކަ މަޖިލީހުގެ ރައީސްޤާސިމު ލައްވާ އެތައްފަހަރަކު ތަޅުމުގައި އަޅުގަނޑު ސުވާލުކޮށްގެން، ތަކުރާރު ކުރުވާފައި ވާނެއެވެ. އެކި ޖަލްސާތަކުގައި މިއަޑު އުފުލަމުން ގެންދިޔަ ވަރުގަދަ އަޑުތަކުގެ ބޭނުން، މިއަދު މިފެންނަނީއެވެ. ހަގީގަތަކަށް ވަނީއެވެ. ފަހެ، ދަންނާށެވެ! މިކަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ކުރާކަމެއް ނޫންކަމައި މިކަމަކީ، ބޮޑު މަޖިލީހަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ދަށުން އެމަޖިލީހުން އަމިއްލައަށް ކުރާކަމެއް ކަމަށް، އެތައްފަހަރަކު ރައީސްގާސިމް ވެސްވަނީ، ވިދާޅުވެ ކަނޑަ އަޅުއްވާފައެވެ. ރޫލިންއެއް ދެއްވާފައެވެ. ވީމާ، މުޅި މިމަސައްކަތް ވެގެން މިދިޔައީ، ގާނޫނު އަސާސީ ލަސް ކުރުމަށް ގަނޑުވަރުން ކުޅުނު ޙީލަތްތެރި ކުޅިވަރެއްގެ ގޮތުގައެވެ. އައްބާސް އީޖާދު ކުރެއްވި ސިޔާސީ ކުޅިވަރެއް، ގާސިމު ލައްވާ ފުރިހަމަ ކުރެއްވީއެވެ!

ވީމާ އިދިކޮޅުޕާޓީތަކުގެ ޕާލަމެންޓަރީ މެމްބަރުންނަށް ދަންނަވަންޖެހެނީ، ރައީސްމައުމޫނު ރައްޔިތުންގެ ދެމަޖިލީހުގެ ރައީސުންލައްވާ ކުޅުވަމުން ގެންދަވާ ޗަރުކޭސް ކުޅުމުގެ ތަމްސީލުތަކުގެ ހަގީގަތް ރަނގަޅަށް ދެނެގަތުމަށެވެ. ވަމުންދާގޮތް، ރަނގަޅަށް ދިރާސާ ކުރުމަށެވެ. ދެމަޖިލީހުގެ ދެރައީސުންގެ ފޮނިބަސްތަކަށާއި ބޭރުފުށުން ދައްކާދަޅައަށް ނުބެލުމަށެވެ. އެފަދަ ދަޅަތަކަށް ނުހެއްލި، ކަނޑައެޅިގެން ފާޅުގައި އިންކާރުކޮށް ދެކޮޅުވެރިކަން ފާޅުކުރުމަށެވެ. އެކަކަށްދީފައި އޮންނަނީ، ޕެރަޑައިސް އައިލެންޑެވެ. އާދެ! ލަންކަންފިނޮޅެވެ. އަނެއް ރައީސަށް ދީފައިވަނީ، އެތައްބައިވަރު ރަށްތަކަކާއި ބިންތަކެކެވެ. އަދި، އެތައް ހައިސިއްޔަތު ތަކެއްގެ މޫނުތަކަކާއި ނުފޫޒާއިބާރެވެ. ރައްޔިތުންގެ ދެމަޖިލީހުގެ ސިކުނޑިވަނީ ރައީސް މައުމޫނު ގަނެލާފައެވެ. ވެރިކަމުގެ ފަރާތުން ފުލްކޮންޓުރޯލް ކޮށްފައެވެ. ދެރައީސުންވެސް މަސައްކަތް ކުރައްވަނީ، ފިސްތޯލައެއް ދިރޭވަޒަނާއެކު އުނަގަނޑުގައި ބަނދެގެން ހުންނަވައިގެން، ރައީސް މައުމޫނު އުފެއްދެވި ޣައިރުގާނޫނީ ސަރުކާރު ދެމެހެއްޓުމަށް ޓަކާ، ބާރާއި ނުފޫޒުގެ މަގު ފަހިކޮށް ދިނުމަށެވެ. އިންތިޚާބަކާ ނުލާ ވެރިކަމަށް ގަދަބާރުން އަރާއޮތް ޑީއާރުޕީ ހިމާޔަތްކޮށް ދިނުމަށެވެ. އާދެ! ބޮޑުމަޖިލީހުގައި ކުރިމަތިވެގެން މިއުޅޭ ވެރިކަންކުރާނެ ނިޒާމެއް ހޯދުމަށް ބޭއްވި، ނިޒާމީވޯޓުގެ ކަންތައް ކުރިޔަށް ގެންދިއުމަށް، ބޮޑުމަޖިލީހުގެ، 118 ވަނަ ޖަލްސާގައި ނިޒާމީވޯޓުގެ މަސްއޫލިއްޔަތު ތަކެއް ޒިންމާ ކުރެވުމާއެކު، 11 މެމްބަރުން އިންތިޚާބުކޮށް ހޮވުނެވެ. އަދި 114 ވަނަ ޖަލްސާގައި ފާސްކޮށް، 11 މެމްބަރުންނައި ހަވާލުކުރި، ހަތަރު ނުކުތާގެމައްޗަށް ހިމެނޭޒިންމާ ތަކުތެރޭގައި ތިންވަނައަށްއޮތީ، ސަރުކާރުން ވޯޓުނެގުމުގެ ކަންތައް ކުރިޔައްގެންދާ ގޮތްބަލައި މޮނިޓަރ ކުރުމުގެ ޒިންމާއެވެ. ސަރުކާރުން ކުރާކަމެއް ބޮޑުމަޖިލީހުން ބަލާ މޮނިޓަރ ކުރުމަށެވެ. ފަހެ، ދަންނާށެވެ! މުޅި މިކަމަށް ކުރެފި އަރުވައި ވައިރަސް ވެއްދީ، މިބާގަނޑު ތެރެއިން ލާފަނެވެ. މިއީ ޑީއާރުޕީން ތަޅުމަށް ވެއްދި ޖަރާސީމުން ފުރިގެންވާ، ފޫގޮސް ފައިވާ ބާގަނޑެކެވެ. މިހެން މިދެންނެވީ، 11 މީހުންގެ ކޮމެޓީއަށް މިމަސްއޫލިއްޔަތު ނުއުފުލޭނެތީއެވެ. ބޮޑުމަޖިލީހުން ކުރެވޭނެ ކަމަކަށް ނުވާނެތީއެވެ. ދެންފަހެ، މިމަސައްކަތް އެކޮމެޓީން ކުރަންވާގޮތަށް ނުކޮށް އިހުމާލުވުމާ ގުޅިގެން، އެމައްސަލަ ފުރަތަމަ ފަހަރު، 27 މެމްބަރުން ސޮއިކޮށް، އަދި ފަހުންފަހަރު، 25 މެމްބަރުން ސޮއިކޮށް ބޮޑުމަޖިލީހަށް، ރައީސްގާސިމު އަރިހަށް ހުށަހެޅުމުން އެއްވެސް ކަމެއްކުރެއްވި ތޯއެވެ؟ ނުކުރައްވައެވެ. މަކަރާ ހީލަތުން މުޅިމައްސަލަ އޮއްބާލެއްވީ ރައްޔިތުންނަށް އެތައްމޫނެއް ދައްކަވަމުންނެވެ. ވޯޓުލުމުގައި ދިމާވެފައިހުރި ޤަވާޢިދާޚިލާފު ވުމުގެ ބޮޑެތި މައްސަލަތައް ބަލައި، ރައްޔިތުން ގަބޫލުކުރާ ފުރިހަމަ ނަތީޖާއަކަށް ހަދައި ދިނުމަށް އެދުމުން، އެމައްސަލަ ދިގުދަންމާ ލައްވައި ވަޅުޖައްސާލެއްވީ، ދާއިމީނަތީޖާ އިއުލާނު ކުރެއްވުމަށް ވަގުތުދެއްވުމުގެ ނުބައި ހީލަތްތެރި މަޤްޞަދުގައެވެ.

އާދެ! ފުރަތަމަ ތަޅުމަށް ހުށަހެޅުނީ، 27 މެންބަރުން ސޮއިކޮށް ހުށަހެޅުއްވި، މިދެންނެވި މައްސަލައެވެ. މިމައްސަލައާ، ގުޅޭގޮތުން މަޝްވަރާކޮށް ލެއްވުމަށޭ ވިދާޅުވެ، އެސްއެމްއެސް ތަކެއް، މަޖިލީހުގެ އިދާރާއިން ފޮނުއްވައިގެން، 23 އޯގަސްޓް 2007މ، ވީބުރާސްފަތި ދުވަހުމެންދުރު ފަހު، ތިންގަޑި ސުން މިނެޓަށް، މަޖިލީހުގެ އިދާރާއަށް، އެމައްސަލަ ހުށަހެޅުއްވި، 27 މެމްބަރުން ގެންދަވައި ގާސިމު އެކުރެއްވީ ކޮން ބޭކާރު މަސައްކަތެއް ތޯއެވެ؟!! އެދުވަހު، މެންދުރުފަހު ތިނަކުންފެށިގެން ރޭގަނޑު ނުވައެއް ޖަހަންދެން އެމަނިކުފާނު (ރައީސްގާސިމު) އުޅުއްވީ މިކަމެއްގެ ތެރޭގައެވެ. ފަހެއްޖެހީއްސުރެ އުޅުއްވީ ދަރުބާރުގޭގައި، 11 މީހުންގެ ކޮމެޓިއާ އެކުގައެވެ. މައްސަލަ ފިނިކުރުމުގެ ބުރަ މަސައްކަތުގައެވެ. މެންބަރުންގެ ވިސްނުން އެހެންގޮތަކަށް އަނބުރާލުމުގެ ބޭނުމުގައެވެ. ގަނޑުވަރުން ދެއްވި ލަފާފުޅުގެ ދަށުންނެވެ. ނިންމާލައްވަމުން ވިދާޅުވީ މިވޯޓުގައި އޮޅުވާލުމާއި މަކަރުހެދި މައްސަލަ މަދަނީކޯޓަށް ތިޔަބޭފުޅުން ވަށްދަވާށެވެ. އަދި އެޖެންޑާކޮށް ދެވޭނީ، 11 މެމްބަރުންގެ ކޮމެޓީން ވޯޓުގެ ޝަކުވާތައް ބެލުމުގައި އިހުމާލުވެފައިވާތީ، އެކޮމެޓީގެ އިތުބާރުނެތް ކަމުގެ މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ތަޅުމަށް ވަށްދައިދިނުމަށް ހުށަހެޅުމުން ކަމަށެވެ. މިއީ މުޅިމައްސަލަ ފިނިކޮށްލެއްވުމަށް ރައީސްގާސިމު ކުޅުއްވި ހީލަތްތެރި ރޯލެކެވެ. އޭރުދާއިމީ ނަތީޖާއޮތީ، ވަގުތީނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ މުގައްރިރު ސޮއިކޮށް ހަދާނިންމާފައެވެ. 11 މެމްބަރުންގެ ކޮމެޓީގެ މުގައްރިރު މޫސާނިޒާރު ވަނީ، ހުރިހާ ނަތީޖާޝީޓެއްގައި ސޮއިކުރައްވައި ނިންމަވާފައެވެ. މިހުރިހާ ކަމެއްގެ ތެރޭގައި އުޅުއްވިއިރު، ރައީސް ގާސިމުގެ ފަހަތުން އަޅުގަނޑު އުޅުނީމެވެ. ވަޑައިގެންނެވި ހުރިހާތާކަށް އަޅުގަނޑު ދިޔައިމެވެ. މަޖިލީހުގެ ކޮންފަރެންސް ރޫމުގައި އޮތް، މިކަމާބެހޭ މަޝްވަރާ ކުރުމުގެ ތެރޭގައި ރައީސްގާސިމަށް، އަޅުގަނޑު ވަރަށް ސަރީހަބަހުން ދެންނެވީމެވެ. ރައްޔިތުންގެ ފަރާތުން އިއްޒަތްތެރި މެމްބަރުންތަކެއް ނިޒާމީވޯޓުގެ ސައްހަކަމާބެހޭ ގޮތުން މައްސަލަތަކެއް ހުށަހެޅީމާ، ނުރަސްމީކޮށް މަޝްވަރާ ކުރައްވާކަށް ނުޖެހެއެވެ. ނުރަސްމީކޮށް ވާހަކަ ދައްކައިގެން އެމީހުންގެބޮލަށް އެރޭކަށް ނުޖެހެއެވެ. ވަސްވާސްތައް ލައިދޭކަސް ނުޖެހެއެވެ. މަނިކުފާނަށް ޖެހިވަޑައި ގަންނަވާނީ، ވަގުތުން އެމައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނަވާށެވެ. ބަހުސަށް މަގުފަހިކޮށް ދެއްވާށެވެ. ވަގުތުން އެޖެންޑާކޮށް ދެއްވަންވީއެވެ. އެނޫންގޮތެއް ނޯންނާނެއެވެ. އަދި އިއްޒަތްތެރި މެންބަރުން މައްސަލަ ޖެއްސި ހިސާބުން، ދާއިމީނަތީޖާ އިއުލާނު ކުރެއްވުން ހުއްޓުވައި ދޭންޖެހޭނެއެވެ. އެއަމުރު ނެރުއްވަން މަނިކުފާނަށް މަޖްބޫރުވާނެއެވެ. ހުށަހެޅުނު ގިނަމައްސަލަ ތަކަށް ތަޅުމުން އިންސާފުވެރި ގޮތެއް ނިންމަވައި ފާސްކޮށް، ނިމެންދެން ނަތީޖާ އިއުލާނު ކުރުން މިވަގުތަށް ހުއްޓުވައި ދެއްވަންވީއެވެ. އަވަހަށް އެފިޔަވަޅު އަޅުއްވައި ދެއްވާށެވެ. ގާނޫނުއަސާސީގެ، 99 ވަނަ މާއްދާއިންނާއި ބޮޑުމަޖިލީހުގެ ގަވައިދުގެ ދަށުން މިކަމުގެ ޒިންމާއުފުއްލަވަން ޖެހޭނީ، ސީދާ ރައީސްގާސިމު ކަމުގައި އާދޭހާއެކު، އަޅުގަނޑު ދެންނެވީމެވެ. އަޑު އުފުލީމެވެ. އެހެނަސް އަޅާނުލައްވައި ދޫކޮށްލެއްވީ ދެމޫނު ދައްކަވަމުންނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އާންމުސިއްރު ވޯޓާގުޅޭހުރިހާ މަސައްކަތަކީ، ބޮޑުމަޖިލީހުގެ ދެވަނަމާއްދާގެ ނޫނުގެދަށުން ބާރުލިބިގެން ހިންގާކަމެއް ކަމަށް ތަޅުމުގައި ތަކުރާރުކޮށް އިއުލާނުކުރެއްވީ ޚުދު ރައީސް ގާސިމެވެ. މިކަމުގައި އެނާ މުޅިންވެސް ދެއްކެވީ ދެމޫނެވެ. ފަހެ، ދާއިމީނަތީޖާ ހިފާއްޓައިދިނުން ނޫންގޮތެއް، ގަބޫލުނުކުރެވޭނެ ވާހަކަ އަޅުގަނޑު ދެންނެވީ އެހެންވެއެވެ. ފަހެ، މިކަމުގައި އިހުމާލުވެ ވަޑައިގަތީ، ބޮޑުމަޖިލީހުގެ ރައީސްކަމުގައި ދަންނަވަން ޖެހުނީ، ކޮމިޝަނަރ އޮފް އިލެކްޝަންސް ކދ. އަހްމަދުމަނިކު މިކަންއިއުލާނު ކުރެއްވީ، އެއްބަސްވުމެއްގެ ދަށުން ބޮޑުމަޖިލީހުން އޭނާއާހަވާލު ކުރެއްވި މަސައްކަތަކަށް ވާތީއެވެ. އޭނާގެ އަމިއްލަ ޒިންމާއަކަށް ވެގެނެއްނޫނެވެ. ގާނޫނީގޮތުން އޭނާ ކުރައްވަން ޖެހިވަޑައި ގަންނަވާކަމަކަށް ވާތީއެއް ނޫނެވެ. އާދެ! ކދ. ކުރެއްވިހާ ކަމެއް ކުރެއްވީ، 11 މެމްބަރުންގެ ކޮމެޓިގެ ލަފާގެ މަތިން ކަމަށްވާތީއެވެ. އަދި، 11 މެމްބަރުންގެ ކޮމެޓިގެ މުގައްރިރު ނަތީޖާޝީޓުތަކުގައި ސޮއިއެޅުއްވީ، ރަސްމީގޮތުން ރައީސް ގާސިމުގެ އެދިވަޑައިގަތުމުން ނޫންކަމުގައި ވިޔަސް، 11 މެމްބަރުންގެ ކޮމެޓީގައި އެވަގުތު، ޚުދު ގާސިމް ހާޒިރުވެ އިންނަވައި ގެންނެވެ. 23 އޯގަސްޓް 2007މ، ވީބުރާސްފަތި ދުވަހު އިރުއޮއްސުނު ވަގުތު، ދަރުބާރުގޭގައި އެކަމަށް މަރުކަޒުކޮށް، ތައްޔާރުކޮށް ފައިހުރި ކޮޓަރީގައި ހިންގިރަސްމީ ޖަލްސާއެއްގައެވެ. އެބައްދަލު ވުމުގައި މުގައްރިރަށް ވެސް، އަދި އޭނާ (ގާސިމަށް) އަށްވެސް، މިކަންތައް ގެންދެވޭނީ، ގަވައިދާއެއްގޮތަށް ކަމަށް ވަރަށް ބާރުލައްވާފައި ވިދާޅުވި އަޑު، އަޅުގަނޑު އެހީމެވެ. ހަމަކަށަވަރުން މިއީ ފަހުން ދިމާވެދާނެ ކަމަކުން، ސަލާމަތް ވުމަށްޓަކައި ޔައުމިއްޔާކޮށް ލައްވަންވެގެން ގާސިމް ވިދާޅުވި ބަހެއްކަން ކަށަވަރެވެ. ފަހެ، ދަންނާށެވެ! ދާއިމީ ނަތީޖާ އިއުލާނު ކުރެއްވުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި މިގޮތަށް، 11 މެމްބަރުނެގެ ކޮމެޓީއަށް، އަދި ޚާއްސަކޮށް މުގައްރިރަށް ރުހުން ދެއްވީ މިގޮތަށެވެ. މިބީދައިންނެވެ. އަޅުގަނޑު މިކިޔާ ރޭވުންތަކަކީ މިއެވެ. ކިހާ ރީތިވެފައި އޮމާން ތޯއެވެ. މިގޮތަށް ހެއްދެވުމުގެ ބޭނުންފުޅަކީ، 11 މެމްބަރުންގެ ކޮމެޓީގެ މުޤައްރިރުގެ ބޮލުގައި ހުރިހާކަމެއް އަޅުއްވާފައި އެނާ ކަތިލާެއްވުުމަށް ފަހު، ގާސިމުގެ އަމިއްލަ ނަފްސުތޯހިރުކޮށް، ރީތިކުރެއްވުމުގެ ބޭނުމުގައެވެ. މިހާރުމިވީގޮތުން، ހުރިހާގޯހެއް ހެއްދެވީ މުގައްރިރު މޫސާނިޒާރެވެ. އެންމެން ހުރިހާއެއްޗެއްކީ މޫސާނިޒާރާ ދިމާއަށެވެ. ރައީސް ގާސިމަކަށް ނޫނެވެ. މޮޅެއްނޫންތޯއެވެ.

ފަހެ، 2 ސެޕްޓެމްބަރ 2007މ، ވީއާދީއްތަ ދުވަހުއޮތް، 170 ވަނަ ޖަލްސާގައި ފާޅުގޮތެއްގައި ރިޔާސަތުން ފެންނަމުން ދިޔައީ މިމަންޒަރުތަކެވެ. ހުރިހާގޯހެއް ހެއްދެވި ކަމުގެ ކުށްވެރިޔަކީ، 11 މެންބަރުންގެ ކޮމެޓީގެ މުގައްރިރު ކަމަށް ހައްދަވައި އޭނާ ބޮލަށް ހުރިހާކަމެއް ޖައްސަވައި އެނާ ކިތިލާލެއްވީ ވަރަށް ރީތިކޮށެވެ. މިކަހަލަ ބޮޑެތި ކަންތަކާ ގުޅުވާއިގެން ކޮންމެވެސް ދަށުގެ މީހަކު ގުރުބާން ކޮށްލުމަކީ، އަބަދުވެސް ސަރުކާރުގެ މަތީފެންވަރުގެ ވެރިން ކުރައްވާ ނާޖާއިޒު ކަމެކެވެ. އަބަދުވެސް ކުށްވެރިވެ، ތާށިވެ، ހަލާކުވެ، ކަތިލެވި، ޒިންމާއުފުލަން ޖެހޭނީ ދަށުދަރަޖައިގެ ނިކަމެތީންނެވެ. އަބަދުވެސް މިކަހަލަ ބޮޑުކަމަކާ ގުޅިގެން ކަތިލާނެ، ގުރުބާނީއެއް ހޯދާނެއެވެ. ކަތިލާފަ އެއްލާލާނެ ކަންބަޅިއެއް ހޯދާނެއެވެ. މިވާހަކަ އަޅުގަނޑު ވާނީ، ބޮޑުމަޖިލީހުގެ ތަޅުމުގައި ހަރުއަޑުން ގޮވާފައެވެ. ފަހެ، ދަންނާށެވެ! އަދި ފަހުގެ ޖަލްސާއެއްގައި އެދުވަހުގެ ޔައުމިއްޔާ ވިދާޅުވެ، މުޤައްރިރު އަމިއްލައަށް ގޯސްހެއްދެވީ ކަމަށް ގާސިމު، ވިދާޅުވާނެކަން އަޅުގަނޑަށް ކަށަވަރެވެ. ކިހާރީތި ކުޅިވަރެއްތޯއެވެ! ހުރިހާގޯހެއް ރާވައިގެން ހަދާމީހާ މިވަނީ ސާފުހުދު މަލްމަލް ފޮތިކޮޅަކަށް ވެފައެވެ. މައުސޫމު މީހަކަށް ވެފައެވެ. ހާދަހާ ހެއްވާ ކުޅިވަރެކެވެ! އެދުވަހު، އިދިކޮޅު މެންބަރުން ހަމަހިމޭނުން ތިއްބެވީ، ރައީސް ގާސިމުގެ ބަސް އައްސަވައިގެން މަދަނީކޯޓުން މިކަންތައްބަލައި ދޭނެކަމަށް ހީކޮށް ރުހިގެންނެވެ. މާލޭ މެންބަރ މުހަންމަދު ޝިހާބާއި އިބުރާ އިންނެވީ ވަރަށްގަޔާވެފައެވެ. ގާސިމަށް ރުހިގެންނެވެ. އެއްޗެއް ބުނަންކެރެނީ އަޅުގަނޑަށް އެކަންޏެވެ.

ރައްޔިތުންނޭވެ! ދަންނާށެވެ! ނިޒާމީވޮވޯޓުގެ މިކަންތައް ދުވަހަކުވެސް ނުބެލޭނެކަން ޔަގީނެވެ. ރައީސް ގާސިމުގެ ބަހަށް ހެއްލިގެން ފަހަރުގައި ކޯޓަށް ވެއްދުނަސް ވާނެކަމެއް ނޯންނާނެއެވެ. ޖެހޭނީ ޖެހުނުތަނުގައެވެ. ކިހާ ހެއްވާތޯ އެވެ! ދެންހަމަ އެދުވަހު، އަވަސް އަވަހަށް، 24 މެމްބަރަކު ސޮއި ކުރެއްވުމަށް ފަހު، ރައީސް ގާސިމު ވިދާޅުވިގޮތަށް، 27 އޯގަސްޓް 2007މ، ވަނަދުވަހު، މައްސަލައިގެ ޞީޣާބަދަލު ކޮށް، 11 މެމްބަރުންނާއި މުގައްރިރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީއެވެ. ވީކަމެއް ނެތެވެ. މިމައްސަލަ މަޖިލީހުގެ އިދާރާއަށް ވެއްދުނެވެ. ކިހާރީތިވެފައި އޮމާންތޯއެވެ! މިއޮތްގެން ދަނީ، ހަމަކުރިއަށެވެ. ސަރުކާރުން ބޭނުންވާ ގޮތަށެވެ. ސާބަހެވެ! ރައީސް ގާސިމު ކާމިޔާބު ހޯއްދަވައިފިއެވެ. އިދިކޮޅު ލީޑަރުންނަށް ހަދަންވީގޮތް ބުނެދެއްވައި ރައީސުލް ޖުމްހޫރިއްޔާ އަރިހުގައި ތިމާގެ މަތިވެރިކަމާއި އިދިކޮޅު ހަރަކާތް ކޮންޓުރޯލް ކުރެވޭކަމުގެ ޝަރަފު ލިބިގަންނަނީ މިގޮތަށެވެ. މުޅިންވެސް ކަންތައް މިދަނީ ވެރިކަމުގެ ފަރާތަށް ފަހިވާ ގޮތަށެވެ. އިދިކޮޅު މެމްބަރުން ލީޑުކޮށްދެއްވަނީ ވެސް ކެބިނެޓުގެ ވަޒީރުންނެވެ. ހާދަހާވާރީއްޗެވެ. މޮޅުސިޔާސަތެކެވެ. މިވާހަކަ ބޮޑުމަޖިލީހުގެ ތަޅުމުގައި، 29 އޯގަސްޓް 2007މ، ވަނަދުވަހު އޮތް، 169 ވަނަ ޖަލްސާގައި ހަރު އަޑުން ދެންނެވުމުން، އަޅުގަނޑުގެ މައިކު ކަނޑާލައްވައި އިށީނުމަށް މަޖުބޫރު ކުރެއްވީ، ވަރަށް ހަޑިކޮށެވެ. މުޑުދާރު ކޮށެވެ. އަޅުގަނޑުގެ ކަރުގައި ނުސީދާކޮށް ރިޔާސަތުން ހިއްޕެވީއެވެ. މިކަން ކުރެއްވީ، ރިޔާސަތުން މަޖިލީހުގެ ގަވާއިދަށް އެއްވެސް ހުރުމަތް ތެރިކަމެއް ނުބަހައްޓަވާ ހާލެއްގައެވެ. ފަހެ، ދަންނާށެވެ! އެންމެބޮޑު މައްސަލައަކީ، ރިފޯމް ހަރަކާތުގައި އިސްކޮށް ތިއްބެވިބައެއް ބޭފުޅުންނަކީ، ރައީސް ގާސިމުގެ ދެފުށްދެގޮތް ވާހަކަތަކަށް ފަސޭހައިން ހެއްލި ވަޑައިގަންނަވާ ބޭފުޅުންނަށް ވެފައި، އޭނާ އެދައްކަވާ ރީތިމޫނަށް ހަމްދަރުދީވުންދެވޭ މީހުންނަށް ވާތީއެވެ. ފަހެ، މިއީ އިދިކޮޅުޕާޓީން، އެމްޑީޕީން ހައްލުކޮށް، ރަނގަޅުކުރަން ޖެހޭ ކަމެއްކަމުގައި ފާހަގަކުރަމެވެ. ފަސްބައި ހުތުރު ގާސިމާއި ޒަކީއާއި މުނައްވަރަށް ނުވިކުމަށް އެމްޑީޕީއަށް ހަރުއަޑުން ގޮވާލަމެވެ. ފަހެ އެމީހުންނަކީ، އެމްޑީޕީގެ ކުރިމަގުގެ ހަލާކެވެ. މުޅި އެމްޑީޕީގެ ހަލާކެވެ. އަދި މިގައުމުގެ އިސްލާހަށް ހުރިހަލާކެއްކަން ކަށަވަރެވެ.

އާދެ! ދެން މިހާރުއޮތް އެންމެމޮޅުގޮތަކީ، މިވޯޓުގެނަތީޖާ ފުރިހަމަކޮށް ސައްހަ ކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ހޯދައި ބޮޑުމަޖިލީހުން އެފިޔަވަޅުތައް އަވަހަށް އެޅުމެވެ. މިކަން ކުރެވޭނީ ތަޅުމުންނެވެ. މިއީ އެއްގޮތަކަށްވެސް އެ ވޯޓުބާތިލްކުރުމެއް ނޫނެވެ. ނަތީޖާ އިތުރަށް ފުރިހަމަކުރުމަށް އެޅޭ، ވަރަށްމާތް ފިޔަވަޅެކެވެ. ރައްޔިތުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް މާތްމަގްސަދެއްގައި ކުރާކަމެކެވެ. އިދާރީ ކޮމެޓީން ބައްލަވާގޮތަށް ފާސްވިޔަސް މައްސަލައެއް ނެތެވެ. މަކަންތައް ބައްލަވާނެ އިތުރު ކޮމެޓީއެއް ތަޅުމުން ނެންގެވިޔަސް އެންމެރަނގަޅު ވާނެއެވެ. އާންމުރައްޔިތުންގެ ފަރާތުންނާއި މެމްބަރުންގެ ފަރާތުން ހުށަހެޅުނު މައްސަލަތައް ހުށަހެޅިފައި ވަނިކޮށް، ދާއިމީނަތީޖާ އިއުލާނު ކުރެވުނީ، ކޮންފަރާތެއްގެ އިހުމާލުންތޯ ބަލަންޖެހޭނެއެވެ. ފައިނަލް ޝީޓުގައި ސޮއިކުރެއްވީ ކާކުތޯ، ކީއްވެގެންތޯ، ކޮންއިރެއްގައިތޯ، ކޮންތަނެއްގައިތޯ ބަލަންޖެހޭނެއެވެ. މެމްބަރުން ހަށަހެޅުއްވި ޝަކުވާތަކަށް އިހްތިރާމް ކުރެއްވުމެއްނެތި، ޝަކުވާތައް ތަޅުމަށް އެޖެންޑާ ކުރެއްވުމުގެ ކުރިން، ނަތީޖާއިއުލާނު ކުރުމުގެ ހުއްދަދެއްވި ފަރާތެއް ހޯދައި ބަލަންޖެހޭނެއެވެ. އަދި 11 މެމްބަރުންގެ ކޮމެޓީގެ މުގައްރިރު، ރައީސް ގާސިމުގެ އަމުރާއި ރުހުމާދެކޮޅަށް، ނަތީޖާޝީޓުތަކުގައި ސޮއި ކުރެއްވީތޯ ވެސްބަލަން ޖެހޭނެއެވެ. މިހުރީ ރައްޔިތުންނަށް ވަރަށް ސައްހަކޮށް އެގެންބޭނުންވާ މައުލޫމާތުތަކެވެ. އަދި އެވޯޓުގައި މައްސަލަ ހުރިކަމަށް ހުށަހެޅިފައި ހުރިދާއިރާތަކުގެ ފޮށިތައް ލިސްޓުތަކާއެކު، އަލުން ޗެކުކޮށް، ވޯޓުލާންޖެހޭ ދާއިރާއެއް އޮތްނަމަ، އެކަންކުރެވޭނެ ގޮތް ހަމަޖައްސައިދީ ހުރިހާކަމެއް ބަލަންޖެހޭނެއެވެ. ސާފު، ފުރިހަމަ ނަތީޖާއެއް ހޯދުމުގެ ބޭނުމުގައެވެ. ރައްޔިތުނެގެ ހައްގުގައި، ފްރީއެންޑްފެއާ އިލެކްޝަނަކަށް ހެދުމުގެ ބޭނުމުގައެވެ. ލިސްޓުތަކާއި ވޯޓައި އަޅާކިޔާލުމުން ހުރިހާކަމެއް ބަލައިލެވުނީއެވެ. ރައްޔިތުންނާއި މެމްބަރުން ހުށަހެޅުއްވި، މިމައްސަލަތަކަށް ޖަވާބުދާރީވުމަކީ، ކޮންމެހެންވެސް ބޮޑުމަޖިލީހުން އުފުލަންޖެހޭ ޒިންމާދާރު މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވުމަކީ، މިފެންވަރަށް ބޮޑުމަޖިލީހުން މިކަންތަށް ތަހުގީގުކޮށް ބެލުމެވެ. ކޮމެޓީއެއް ނަގައިގެން ތަހުގީގުކުރުމެވެ. އެހެނަސް ކުރާނީކީއްތޯއެވެ؟ މިހާރު މިވަނީ ނަތީޖާ އިއުލާނު ކުރުން، ރައީސް ގާސިމު ހިފާއްޓައި ނުދެއްވުމުން ވަގުތު ފާއިތުވެފައެވެ. މުއަލާތް ކެނޑިފައެވެ. ކަތިލެވޭ ގުރުބާނީއަކަށް މޫސާނިޒާރު ދެއްކުމަށް ފަހު، އަމިއްލަފުޅަށް ބޯދަމައި ގެންފައެވެ. އަޅުގަނޑުމެން މިހާރު ތަޅުމުގައި މިކުރާ ބަހުސްވެގެންދާނީ، ބޭކާރު ބަހުސަކަށެވެ. ކުރާނެ ފައިދާއެއް ނެތެވެ. ވަގުތު ބޭކާރުކުރުން ނޫންކަމެއް ނުވާނެއެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑު ގަބޫލުކުރާގޮތަކީ، އިލެކްޝަންސް ކޮމިޝަނަރ ކދ.އަހްމަދުމަނިކު، ދާއިމީނަތީޖާ އިއުލާނު ކުރެއްވީ، ބޮޑުމަޖިލީހުގެ ފަރާތުން، ރުހުން ލިބިގެންކަމަށެވެ. މުގައްރިރު ސޮއި ކުރެއްވީ ރައީސް ގާސިމަށް އެނގިގެން ފުރިހަމަ ރުހުމާ އެކުގައި ކަމަށެވެ. އަޅުގަނޑުގެ ނިޔާއަކީ، މިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައި ގަންނަވާނީ، ރައީސްގާސިމު ކަމަށެވެ. ހަމަގައިމުވެސް ނަތީޖާއިއުލާނު ނުކޮށް، ހިފާއްޓައި ދިނުމުގެބާރު އެނާއަށް އޮންނާނެއެވެ. އެހެނަސް އެކަން ނުކުރައްވައި ދާއިމީނަތީޖާ އިއުލާނު ކުރެއްވުމުގެ ފުރުސަތު، މައްސަލަތަކެއް ހުށަހެޅިފައި އޮއްވާ އޭނާދެއްވީ، ނާޖާއިޒު ކޮށެވެ. ނުހައްގުންނެވެ. ރައީސް މައުމޫނަށް ތާއީދުކޮށް ސަޕޯޓުދިނުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިކަމުގައި އިހުމާލުވާ ފަރާތެއް ހޯދައި ރައްޔިތުންނަށް އަންގައިދިނުމަކީ، ބޮޑުމަޖިލީހުގެ ވާޖިބެކެވެ. މައްސަލަ އެއޮތީ މިހާރު އެޖެންޑާކުރެވި ތަޅުމަށް ވަދެފައެވެ. ޖަލްސާތައް މިދަނީ ކުރިޔަށެވެ. ކަންއޮތްގޮތަކީ، މިއެވެ. ވަރަށް ސާފެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ!!! ރައީސްގާސިމު ވިދާޅުވަނީ، މަދަނީކޯޓުން ބެލުމަށެވެ. ތިމަންނާކުރާނެ ކަމެއްނެތް ކަމަށެވެ. ގިނަ އިދިކޮޅު ލީޑަރުން ރައީސް ގާސިމުގެ މިބަސް މާއްދީގޮތުން ގަބޫލުކުރެއްވިއެވެ. އޭނާގެ ފަރާތުން މާއްދީއެހީތައް ލިބިގަނެއެވެ. އެހީތައް ހޯދައެވެ. މެލޭޝިޔާއަށް ކިޔަވަންދެއެވެ. ކިހާދެރަތޯއެވެ!!! ހުރިހާކަމެއް ވެސް ނިމިގެން މިދަނީ ރައީސް މައުމޫނު ބޭނުންފުޅު ވެލައްވާ ގޮތަށެވެ. ރައްޔިތުންގެ އެދުމުގައި ވަރަށް ފާޅުގޮތަކަށް، ކޮޅުފައިން ޖައްސަވަމުންނެވެ.

އޭ! މަގޭ ލޮބުވެތި ރައްޔިތުންނޭވެ! ދެކެދެނެތިބެ ދަންނާށެވެ! ބޮޑުމަޖިލީހުގެ ރައީސްގާސިމު، ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ފަދައިން ފެންނަނުފެންނަ އާންމު ނިޒާމީވޯޓަކީ، ބޮޑުމަޖިލީހުންހެދި ގަވައިދެއްގެ ދަށުން، އިލެކްޝަންސް ކޮމިޝަނަރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކޮމިޝަނަރ ކދ.އައި، ހަވާލުކުރެވުނު ޒިންމާދާރު މަސްއޫލިއްޔަތެކެވެ. ގާނޫނުއަސާސީގެ ދަށުން، ކޮމިޝަނަރ ކދ. އަދާކުރައްވަންޖެހޭ ވާޖިބެއް ނޫނެވެ. ޒިންމާއެއް ނޫނެވެ. ބޮޑުމަޖިލީހުގެ ފަރާތުން، 11 މެމްބަރުން ލަފާއަރުވާގޮތަކަށް، އަދި 11 މެމްބަރުން މޮނިޓަރ ކުރަމުން ކުރިޔަށް ގެންދާގޮތަށް އެއްބަސްވުމެއްގެ ދަށުން ކދ.އައި ހަވާލުކުރެވުނު ވަގުތީމަސައްކަތެކެވެ. ބޮޑުމަޖިލީހުން މިކަންކުރުމަށްހެދި ގަވާއިދަކީ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ގާނޫނެއް، ގަވާއިދެއްނޫނެވެ. އެހެނެއްކަމަކު، މިގަވާއިދުގެ، 24 ވަނަ މާއްދާގައި، 30 ދުވަހުގެތެރޭގައި ޝަކުވާތަކާއި މައްސަލަތައް މަދަނީކޯޓަށް ހަށަހަޅަންވާނޭ އޮތަސް، ޝަރުޢީކޯޓުތަކަށް ބޮޑުމަޖިލީހުގެ ގަވާޢިދުގެ ދަށުންހަދާ، ރައީސުލް ޖުމްހޫރިއްޔާ ސޮއިނުކުރައްވާ ޤާނޫނަކަށް އަދި ޢަމުދުން ގަވާއިދަކަށް ޢަމަލުކޮށް، ޙުކުމްކޮށް، ނިޔާކަނޑައެޅުމުގެ ޢަދާލަތީ އިޚްތިޔާރެއް ނޯންނާނެއެވެ. ޢަދާލަތު ގައިމުކޮށްދިނުމުގެ އިޚްތިޔާރުތަކަކީ، ވަކިހަމަތަކެއްގެ ދަށުން ކޯޓުތަކަށް ލިބިދޭ ޝަރުޢީ އަދި ޤާނޫނީބާރެކެވެ. ކޯޓުން މިމައްސަލަ ބަލައިގަންނާނީ، ބޮޑުމަޖިލީހުން ފޮނުވަންޖެހޭ ގޮތަށް ފޮނުވުމުންނޭ ބުނުމުގެ އިޚްތިޔާރު ކޯޓަށް އޮންނާނެއެވެ. މިއީ އަޅުގަނޑުގެ ރައުޔުބުރަވާ ގޮތެވެ. ތަޅުމުގައި އަޅުގަނޑު ވަކާލާތު ކޮށްފައި ވާނީ މިގޮތަށެވެ. ބޮޑުމަޖިލީހުގެ ރައީސް ގާސިމާއި އޭނާއަށް ހަމްދަރުދީވާ މަޖިލީހުގެ މެމްބަރުން ކިތަންމެވަރަކަށް ކޯޓަށް ގެންގޮސްގެން ނިންމާނީއޭ، ވިދާޅުވިޔަސް އެކަމެއް ނުހިނގާނެއެވެ. ނިޒާމީވޯޓަށް ބޮޑުމަޖިލީހުންހެދި ގަވާއިދުގައި އެހެންލިޔެފައި އޮތަސް، އެކަމެއް ޝަރުޢީކޯޓުތަކުން ބަލައެއް ނުގަންނާނެއެވެ. ފަހެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވާ ޤާނޫނަކަށް އަދި ބޮޑުމަޖިލީހުން އެކުލަވާލާ ޤަވާޢިދަކަށް، ޝަރުޢީނިޒާމުގައި ނިޔާކަނޑައަޅާއި ޙުކުމްކަނޑަ އެޅުމުގެ ޢަދާލަތީ އިޚްތިޔާރެއް އެއްވެސް ޝަރުޢީކޯޓަކަށް ނޯންނާނެއެވެ. އަދި އަމިއްލައަށް އެފަދަ އިޚްތިޔާރެއް ލިބިއެއްވެސް ނުގަނެވޭނެއެވެ. މިޤަވާޢިދަކީ، ބޮޑުމަޖިލީހުން ހަދާފައިވާ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވަން ފޮނުއްވާފައި ނުވާ ޤަވާޢިދަކަށްވާތި، މިޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ޢަދާލަތީއިޚްތިޔާރު އޮންނާނީ (އަދިމިއޮތްގޮތުން) ހަމައެކަނި ބޮޑުމަޖިލީހަށެވެ. ސަރުކާރުގެ އެހެން އިދާރާތަކަށް އަމަލުކުރެވޭނީ ގާނޫނު އަސާސީގެ ދަށުންނެވެ. އެހެނަސް ބޮޑުމަޖިލީހުން ނިންމާގޮތެއްގެ މަތީންވޯޓުލާން ޖެހިއްޖެ ސަރަޙައްދެއްގައި އަލުންވޯޓުލައި ދެންވެސްހުރި މައްސަލަތައް ބޮޑުމަޖިލީހުން މިހާރުމިގެންދާ ގޮތަށް ގެންގޮސް ނިންމާނީއެވެ. ފަހެ، ރައްޔިތުންނަށް އިންސާފު ގެނެސްދެވޭނީ މިގޮތަށް މިކަން ކުރެވިގެންނެވެ. ފަހެ، ބޭނުންވާހާގޮތެއް ހަދާކަށް، މިއީ ރައީސްގާސިމު ލައްވާކުޅުވާ މަޖާކުޅިވަރެއް ނޫނެވެ. ފަހެ، މިއަދު މިފެންނަނީ، އަޅުގަނޑު ތަޅުމުގައި އުފުލިއަޑުތަކުގެ ޙަޤީޤަތް ހާމަވާތަނެވެ. “ކައްޗަށް އަޅާބިންގާ ކެއްޗާހަމައަށް ދިޔަޔަސް އޮންނާނީ ކައްޗަށެވެ”. ފަހެ، ބައްލަވަން ތިއްބަވާށެވެ. މަޅީގައި މިޖެހުނީ އަޅުގަނޑުމެން އަމިއްލައަށެވެ. ރައްޔިތުންގެ ބާރުފެށޭ ހިސާބުން ރައްޔިތުންގެ ބާރަކީ، ސިޔާސީ ބާރުކަމުގައި ހެދޭތޯބަލަންވީއެވެ. ކޮންމެބޭފުޅަކު ވެސް އަމިއްލައަށް އަމިއްލަބާރު ލިބިގަންނަން ވީއެވެ. ފަހަށް ނުޖެހެންވީއެވެ. މީހެއްގެ ފައިސާވެރި ޖާދޫތަކުގައި ތާށިނުވާންވީއެވެ. ރައީސްމައުމޫނު ދެމަޖިލީހުގެ ރައީސުންލައްވާ ކުޅުވާ ކުޅިވަރުތައް ކުޅުވިޔަ ނުދޭންވީއެވެ. ބޮޑުމަޖިލީހުގައި ކުޅިވަރު، މިކުޅުވަނީ ރައީސްގާސިމު ލައްވައެވެ. އޭނާއަކީ، ރައްޔިތުންގެ އުންމީދާއި ވިންދު ކަމުގައި ދަށްކައި ގެންނެވެ. ފަހެ، މިއީ ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެކެވެ. ސީރިއަސް މައްސަލައެކެވެ. ރައީސް ގާސިމުގެ ދެމޫނުދެއްކުމުގެ ހުނަރުމޮޅުކަމުން މިހާރުމިވަނީ، ކަމުގެހޫނުކަމާއި މުޢާލާތްކެނޑި ފިނިވެފައެވެ. ފިޔަވަޅު އަޅަންޖެހޭ މުހިންމު ހިނދުކޮޅު ފަހަނައަޅާ ގޮސްފައެވެ. ރަސްމީނަތީޖާވަނީ، ވަޒީރުންގެ މަޖިލީހުގެ ސިއްރު މަޝްވަރާއަށް ފަހު، ރައީސް ގާސިމުލައްވައި އަޑިއަޑިން، އިއުލާނު ކުރުވާ ނިންމާލައްވާ ފައެވެ. ވަރަށް ރޭވުންތެރި ކަމާއެކު ތަމްސީލު ކުޅެމުން ގެންދިޔައީ މިކަންތައް އޮއްބާފޮރުވާށެވެ. އަދި 27 މެމްބަރަކު ސޮއިކޮށް ހަށަހެޅުއްވި ޝަކުވާތަކުގެ މައްސަލަ، ނުރަސްމީ މަޝްވަރާއެއް ބާއްވަވާއި ބޭރުކޮށް ލެއްވުމަށްފަހު، މައްސަލައިގެ ޞީޣާބަދަލުކޮށްލައި އަލުން، 24 މެމްބަރުންގެ ސޮޔާއެކު، ހުށަހަޅުވައިގެން ތަޅުމަށް ގެނުވައި، 169 ވަނަ ޖަލްސާގައި އެޖެންޑާ ކުރެއްވީ، ހުރިހާކަމެއްގެ މުޢާލާތްކެނޑި ވަޤުތުފާއިތުވީ ފަހުންނެވެ. ކިހާ ރީތިތޯއެވެ! މިއީ ރައީސް ގާސިމު ގެންގުޅުއްވާ ދެމޫނުގައި ހުރިރީތިކަމާއި ފަރިކަމެވެ. 170 ވަނަ ޖަލްސާއިން ފެނިގެން އެދިޔައީ، އެނާ ބޭނުންވާގޮތަށް ނިންމާލައްވާނެ ކަމުގެ އަލިގަދަ ހެކިތަކެވެ. ދުރާލާރާވައިގެން މަޖިލިސްކުރާ ގޭގައިތިބޭ ސިފައިންލައްވާ އިއްޒަތްތެރި މެމްބަރެއްގެ ގައިގާ ބެއްދުވިއެވެ. އަތްލުމަށް އަމުރުކޮށް މެންބަރެއްގެ ގަޔަށް އެރުވީއެވެ. އަދި ބޮޑުމަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ ގޮތުގައި އިންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބޮޑުމަޖިލީހުގެ މެމްބަރެއްގެ ގަޔަށްއަތްޕުޅު ލައްވައި މަޖިލީހުގެ ތަޅުމުން އޭނާނެރެލުމަށް ކޮއްޕަވާތަން ފެނިގެންދިޔައެވެ. މިމަންޒަރުބަލަން ވަރަށް ގާތުގައި އަޅުގަނޑު ހުރީމެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި މިތަޅުމަކީ އެމަނިކުފާނުގެ ބާރުހިންގޭނެ ތަނެއްކަމުގައި އޮތީބާވައޭ އަޅުގަނޑުގެ ހިތަށްއެރިއެވެ. ހާދަހާރީތި މަންޒަރެކެވެ. ދެރައީސުންވެގެން ރައީސްމައުމޫނުގެ ވެރިކަން ދަމަހައްޓައި ދިނުމަށް، ޖާނާއި އަމިއްލަފުޅު ބާރުބޭނުން ކުރައްވައިގެން ކުރައްވާ ބުރަމަސައްކަތް މިފެންނަ މަންޒަރުތަކުން ދަނެގަނެ އިބްރަތް ހާސިލު ކުރައްވާށެވެ. ރައްޔިތުންނޭވެ! މިބަގުޑިބެއްދުމުގައި އަދިވެސް އިތުރު އެތައްކަންތައް ތަކެއް އިއާދަވެ ފެނިގެން ދާނެއެވެ. މިހުރިހާ ކަމަކީ، ދެރައީސުން ލައްވާ ވަރަށް ރަނގަޅަށް ރާވައިގެން ގަނޑުވަރު ތެރެއިން ކުރުވަމުން ގެންދާ މޮޅެތި، ސިޔާސީ ކުޅިވަރިތަކެވެ. މީގެ ހައްލަކަށް އޮތީ ހަމައެކަނި އެންމެ ހައްލެއް ކަމުގައިވާ ރައްޔިތުން ހޭލުންތެރި ވުމެވެ. ވެރިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގުމެވެ.

އޭ! ރިފޯމަށް އެދި ގޮވާލަގޯވާލާ ތިއްބެވި މަގޭ އިޚްލާޞްތެރި، ލޮބުވެތި ރައްޔިތުންނޭވެ! އަދި، އަމަލީ މައިދާނުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުންނޭވެ! އިދިކޮޅުޕާޓީގެ މެންބަރުންނެވެ! އެމްޑީޕީގެ އަޚުންނޭވެ! އައްސަވާށެވެ! ޖުމްހޫރީ ވެރިކަމެއްގައި ސިޔާސީބާރު އުފެދިގެން އަންނާނީ ރައްޔިތުންގެ ކިބައިންނެވެ. ރިޔާސީ ނިޒާމަކަސް ބަރުލަމާނީ ނިޒާމަކަސް މިކަންއޮތީ، މިގޮތަށެވެ. ފަހެ، ގާނޫނީހަމަތަކުގެ މަތިން ސިޔާސީބާރު ހޯދުމަށް މަސައްކަތްކުރާ ބަޔަކީ، ރާއްޖޭގެ ސިޔާސީޕާޓީ ތަކެވެ. މިއަދު އެބާރު ތަމްސީލު ކޮށްދޭން ތިޔަ ތިއްބެވީ، ތިޔަޢިއްޒަތްތެރި މެމްބަރުންނެވެ. ޤައުމީމަޞްލަޙަތާއި އިޚްލާޞްތެރިކަން އިސްކުރައްވާށެވެ. ގައުމުދެކެ ލޯބިވާށެވެ. ފާޓީގެ ކުލައަށްވުރެ ގައުމީދިދައިގެ ފެއްސާއި ރަތާއި ހުދުކުލަ އިސްކުރައްވާށެވެ. ރައީސްމައުމޫނުގެ ޒަޢާމަތަކީ، ސިޔާސީގޮތުން މިދުވަސްވަރުގެ “ބަލިމީހާ” ކަމުގައި އަޅުގަނޑު ކަނޑައަޅަމެވެ. އިއުލާނު ކުރަމެވެ. ވަރަށްފަހާ ޖެހެންދެން އޮތް، ޢުޘްމާނީ ވެރިކަމުގެ އިސްލާމީ ޚިލާފަތުގެ އެންމެފަހު ޚަލީފާއަށް ރައްދުކޮށް އިސްލާމީ ޚިލަފަތާ ދެކޮޅުމީހުހުން، “ބަލިމީހާ” ގެލަޤަބު އެރުވިއެވެ. ބޮޑުމަޖިލީހުގެ ރައީސް ގާސިމަކީ، ރައީސްމައުމޫނަށް އިޚްލާޞްތެރި ވުމަށާއި ހަވާލުކުރައްވާ ވާޖިބުތައް އަދާކުރުންމަތީ ދެމިހުރުމަށް، ﷲ ގަންދީ ހުވާކޮށްގެން ހުންނެވި، ވަޒީރެކެވެ. ރައީސް މައުމޫނަށް ވަކިމޫނެއް އަދި ރައްޔިތުންނަށް އެހެން މޫނެއް ދައްކަމުން ގެންދަވާ މީހެކެވެ. ފަހުބަހަކަށް ދަންނަވަންއޮތީ، ރައްޔިތުންނަށް އިޚްލާޞްތެރި ވެގެންނޫނީ ރައްޔިތުންގެ ސިޔާސީބާރެއް އަނބުރާ ނުހޯދޭނެ ވާހަކައެވެ. މިހާދިގުކޮށް މިވާހަކަތައް ލިޔަންޖެހުނީ، ކިޔަވާކުދިންނަށް ކަންކަމުގެ ޙަޤީޤަތް އޮޅުންފިލާފައި އޮތުމުގެ މުހިންމު ބޭނުމުގައެވެ. އަދި މިވާހަކަތައް، ތާރީޚަށްޓަކައި ދެމިގެންދިއުމަށެވެ. އޭ! ﷲ އެވެ! އަޅަމެން މުސްލިހުންނަށް ނަސްރު ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page