ބޮޑުމަޖިލީހުގެ ރާޒުވާ ކުޅިގަނޑު ހަލަބޮލި މަރުހަލާއެއްގެތެރޭގައި.
- ilyashusein
- Oct 25, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހިމް. ލިޔުނީ: 2007މ، ފެބްރުއަރީ ގައި.
އާދެ! މިދުވަސްވަރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ، ބޮޑުމަޖިލީހުގެ ތެރޭގައި ކުޅެމުން ގެންދާ ސިޔާސީ ކުޅިގަނޑާ ދިމާލަށެވެ. ފަހެ، މިއީ ސިޔާސީ ރާޒުވާ ކުޅިގަނޑެކެވެ. މިކަން ގަސްދުގައި އެހެންކުރަމުން ގެންދަނީ، 2008 ގައި އޮންނަ ރިޔާސީ އިންތިޚާބުގެކުރިން ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތަކެއް އަވަސް އަވަހަށް ގެނެސް އަސާސީ، ނިންމާލުމުގެ ވަރުގަދަ ދަޅައިގެ ދަށުންނެވެ. އެއްގޮތަކަށް ވެސް ހަމަޖެހިލައިގެން ތިބެ، ރައްޔިތުންނަށް އަބަދަށް ފައިދާކުރާނެ އަސާސީއެއް ލިޔެދިނުމުގެ ވިސްނުމެއް ނެތެވެ. ނުގެންގުޅެއެވެ. އަވަސް އަރުވާލާފައި އުޅެނީ، ކޮންމެވެސް އަމިއްލަ މަގްސަދެއް ހާސިލުކުރާށެވެ. އެހެނަސް 1998 ޖެނުއަރީ މަހު 1 ގައި ޢަމަލުކުރަން ފަށާފައިވާ، މިހާރު އަމަލު ކުރަމުންގެންދާ އަސާސީގައި އެކިކަންތައްތައް ބަނދެވިފައި ހުރިގޮތުން ޚިޔާލު ތަފާތުވުމަށް ދޮރުތައް ހުޅުވިފައި ހުރިލެއް ވަރަށް ބޮޑެވެ. ދުނިޔެތަރައްގީވެ ހުޅުވިފައިވާ ތަހުޒީބީ ދުވަސްވަރެއްގައި 113 މެންބަރުން ހިމެނޭ ވަކިހުދޫދެއް ހަމަޖެހިފައި ނެތް މާސިންގާބޮޑު މަޖިލީހެއްތެރޭގައި ޚުދުމުޚްތާރު ގޮތްތަކެއް، އެމަޖިލީހުގެ ރިޔާސަތުން އެއްގޮތަކަށް ވެސް ގެންގުޅެގެނެއް ނުވާނެއެވެ. ހަގީގަތުގައި އެއީކުރެވިގެން ވާނެކަމެއްނޫނެވެ. އަދި ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. ޖެހޭނީ ޒަމާނީ ތަހުޒީބާ އެއްގޮތަށް މެންބަރުންގެ ފުރިހަމަ މަޝްވަރާގެ މަތިން ސީދާ ތެދުމަގުން ދަތުރު ކުރާށެވެ. ކިތަންމެ ހަލަބޮލި ވިޔަސް ސީދާ ތެދުމަގަކަށްވާނީ މިގޮތެވެ. މިނޫންގޮތަކަށް ރިޔާސަތުން ގެންގޮސްގެން ނުވާނެއެވެ. އެހެނަސް ހިތާމަ ހުއްޓެވެ! މޮޑުމަޖިލީހުގެ ރިޔާސަތުން ގޮތްގޮތަށް ބައެއް މެންބަރުންގެ ސިކުނޑިތަކާ ކުޅެވޭތޯ ބަލަމުން ގެންދަނީއެވެ. މެންބަރުނެގެ ސިކުނޑިތައް ގަނެލެވޭތޯ ބައްލަވަނީއެވެ. ފައިސާއާއި ޝަރަފުވެރި މަގާމުތަކުގެ ދަޅަ ދެއްކަމުން ދަނީއެވެ. މެންބަރުން ގަނެލެވޭތޯ ބަލަނީއެވެ. ފަހެ، ދަންނާށެވެ! ހުރިހާ ސިކުނޑިތަކަކާ ނުކުޅެވޭނެއެވެ. ގަނެއެއް ނުލެވޭނެއެވެ. އެއީ ޔަގީންކަމެކެވެ. ގައުމުގެ ކުރިމަގަށް ހެޔޮއެދޭ މެންބަރުން ތިބޭނެއެވެ. ހަމަގައިމުވެސް އަޅުގަނޑެއް ނުގަނެވޭނެ އެވެ. ފައިސާއަށް ހައްލައެއް ނުލެވޭނެއެވެ.
އާދެ! ބޮޑު މަޖިލީހުގެ ސިޔާސީރާޒުވާ ކުޅިގަނޑު މިހާރު މިވަނީ މިހިސާބަށް ގެންގޮސްފައެވެ. ސިދާ ރިޔާސީގަނޑުވަރު ތެރެއިން ރިޔާސަތަށް ފޯރުވަމުން ގެންދިޔަ އިރުޝާދުތަކުގެ މަތީންނެވެ. ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުގެ ޅިޔަނު އަލްފާޟިލް އައްބާސް އިބްރާހީމް ރިޔާސަތުގައި ވޮޑުވާއިގެންނެވެ. ފަހެ، މިކަން ކުރުމުގައި ދެންޖެހޭނީ، ކުއްލިއަކަށް އަންނަ އޮއިވަރެއްގެ ކަރަންޓުގައި ކަންތައްތައް ނިންމާލާކަހަލަ ހުޝިޔާރު އުކުޅުތަކެއްގެ ބޭނުންހިފާށެވެ. މުޅި މަންޒަރާއި މަލަމަތި ބަދަލުކޮށް ލާށެވެ. ގަސްދުގައި ސިޔާސީ އުކުޅުތަކެއްގެ ބޭނުންހިފާށެވެ. 22 ޖެނުއަރީ 2006މ. ވަނަދުވަހު އޮތް ބޮޑުމަޖިލީހުގެ، 136 ވަނަ ޖަލްސާއިން ތަމްސީލު ވެގެންދިޔައީ މިވައްތަރުގެ މެކޭނިޒަމެކެވެ. މިވައްތަރުގެ ކުޅިވަރެކެވެ. ރީތިކޮށް އެކިކުޅިތައް ހަރަކާތްތެރިވެ، މަސައްކަތް ކުރިޔަށް ގެންދިޔަތަން ފެނުނެވެ. ރާވައިގެން ކުޅުނު ސިޔާސީކުޅި ގަނޑެކެވެ. ދުވަހުގެ ޔައުމިއްޔާ ހޯއްދަވައިގެން ބައްލަވާށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ، މުޅި އުދަރެހަށް ވިސްނާލާނެ ފުރުސަތެއް އެއްވެސް މެންބަރަކަށް ނުދިނެވެ. އަނގަބަންދުކޮށް ކަރުގައިހިފާ ކުރުގަޅުވާލީއެވެ. އެހެންވުމުން، ކޮންމެހެން ޚިޔާލު ބަހައްޓަންޖެހޭ މުހިންމު ކަންތައްތަކާ ދިމާއަށް އޮތީ، އެކަކަށްވެސް ދުރުމި އަޅާނުލެވިފައެވެ. ވަގުތީ ފޯރި ގަޑެއްގެ ތެރޭގައި ހުރިހައި މުހިންމު ކަމެއް ނިމި، ހިނގައްޖެއެވެ. ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. ސަތާރަ އަހަރު ދުވަހުގެ ދިގުވިސްނުމާއި ބޯގޭނުމާއެކު އުފެއްދި ނުބަޔަށްވުރެ ބޮޑުނުބައެއް ހަދާނިންމާލީއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިކަމުން އެންމެފުރިހަމަ ފައިދާ ލިބިގެންދާނީ ވެރިކަމުގެ ފަރާތަށެވެ. ރައީސް މައުމޫނުގެ އައުވާނުންނަށެވެ. އަދި ނެގެން ހުރި ހުރިހާ ފައިދާއެއް ނަގާނީވެސް ވެރިކަމުގެ ފަރާތުންނެވެ. ރައްޔިތުންނަށް އޮތީ ދަތިތަކާއި ހިތި ރަހަތަކާ ކުރިމަތިލުމެވެ. ހިތިތަޖުރިބާތައް ކުރުމެވެ. ޙަޤީގަތް އޮންނާނީ ރައްޔިތުންނަށް އޮޅިފައެވެ. ގެއްލިފައެވެ. ވަޅުޖަހާފައެވެ. ވާނުވާއެއް ރެއަކާލާނީ މާފަހުންނެވެ. އަސާސީ އަވަސްކުރުމުގެ ނަމުގައި ބަހަނާތަކެއް ނެރެގެން، ހަގީގީ ހުރިހާ މަސައްކަތެއް މިވަނީ ފޮރުވާލާފައެވެ. މަސްރަހުން އެއްކިބާ ކޮށްފައެވެ. އެއްގޮތަކަށްވެސް ތިލަވިޔަކަ ނުދެއެވެ.
އާދެ! ސިޔާސީރާޒުވާ ކުޅިގަނޑު ނިމުމަކަށް ނަޔަސް، މިހާރު މިއޮތީ ރައީސް މައުމޫނުގެ އެންމެ މަތީ މަގްސަދު ހާސިލް ވެފައެވެ. މިހާރު މިވަނީ އެކުޅި ޖަހާ ނިންމާފައެވެ. މިހިނދަށް ހިންދަމާލާނެ ފިނިކާމިޔާބެއް ހޯދާފައެވެ. ފަހެ، އެޖެއްސެވީ އެންމެ މުހިންމު ކުޅިއެވެ. 2008 ގެ ރިޔާސީ އިންތިޚާބުގެ ކުރިން އަސާސީ އިސްލާޙުކޮށް ނުނިމޭނެކަމުގެ ޔަގީންކަން ކަށަވަރުކޮށް ސިއްކަ ޖެއްސެވީއެވެ. މިއީ މިހާރުގެ ވިސްނުމެވެ. މިވިސްނުމަށް ރައީސް މައުމޫނު ބަދަލެއް ގެންނަވާނީ، ސިޔާސީ މަސްރަހަށް އަންނަ ވަރަށްބޮޑު ބަދަލަކުންނެވެ. އެހެންނޫނީ އަޅުގަނޑަށް ލަފާކުރެވެނީ، މިގޮތަށް ބާއްވައިގެން އިންތިގާލީ މަރުހަލާއަކަށް ގެންގޮސްގެން ދެއަހަރު އިތުރަށް ނަންގަވާނީ ކަމަށެވެ.
ފަހެ، ދަންނާށެވެ! މިހިސާބުން ސިޔާސީ ކުޅިގަނޑު ދެބައިވީއެވެ. މެދަށް ހުއްޓީއެވެ. އިޙްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ މުހިންމު އެންމެން ހުވަދުޖެހީ، ސިންގަޕޫރު ފަސްގަނޑުގައެވެ. ރައީސް މައުމޫނާއި ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމާއި ކޮލި އަލިމަނިކު މިހުވަނދުލުމުގައި އަމަލީގޮތުން ބައިވެރިންގެ ގޮތުގައި ތިއްބެވިއެވެ. ފަހެ، ސިޔާސީ ކުޅިގަނޑުގެ ދެން އޮތް މަރުހަލާގެ މަގްސަދަކަށްވާނީ، ބޮޑުމަޖިލީހުގެ މެންބަރުންގެ ޚިޔާލުތައް ފާޅުކޮށް ހަލަބޮލިވުމަށް، ޖާގަނުދީ ހިފޭއްޓުމެއްގެ ދަށުން ހަމަހިމޭންކޮށް ޖަލްސާތައް ގެންދެވޭނެ ވެއްޓެއްގައި ބޮޑުމަޖިލީހުގެ މަސައްކަތްފިއްތާ އޮބެހެއްޓުމެވެ. އޮބިއެޅުމެއްގެ ތެރޭގައި މެންބަރުން ބައިތިއްބައިގެން ކުރިޔަށް ގެންގޮސް ވެރިކަމުން ބޭނުންވާގޮތަށް އަސާސީ ނިންމާލުމެވެ. މިއަމާޒަށް ވާސިލުވުމަށް ރާޒުވާ ކުޅިގަނޑުގެ މިސްރާބު ބަދަލުކޮށްލާނެއެވެ. ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތިބޭނީ ތައްޔާރަށެވެ. އައްބާސް ރައީސްކަމުން ބޭރުކޮށް އެމީހުންގެ އެހެން ގޮނޑި ކޮއްކޮއަކަށް ބޮޑުމަޖިލީހުގެ ރައީސްކަން ދިނުމަށް ވެސްތިބޭނީ ތައްޔާރަށެވެ. މިއެންމެންގެ ސައްލާއިން ބޮޑު ބަދަލެއް އަންނާނެކަން ކަށަވަރެވެ. މިރޭވުންގަނޑު ސައްތައިން ސައްތައަށް، ކާމިޔާބު ވުމާމެދު އަޅުގަނޑު ޝައްކުކުރަމެވެ. މިވެރިންގެ މަގްސަދަކަށް ވާނީ، ބައިނަލް އަގުވާމީ މުޖުތަމަޢަށް ޖާދުވީ މަގުޗާޓާއެއްގެ ގޮތަށް ގައުމު އިސްލާޙުކުރުމުގެ މަސައްކަތް ބާރުސްޕީޑްގައި ބޮޑު މަޖިލީސް މެދުވެރިކޮށް ވަރަށް އޮމާން ކަމާއެކު، ހިނގަމުންދާކަން ފާޅުގައި ހާމަކޮށް ދެއްކުމެވެ. އެފަރާތްތަކަށް އެކަން ކަށަވަރުކޮށްދީ ޔަގީންކޮށްދިނުމެވެ. މިއަޅުވާ އަނދުނުން ޒީނަތްތެރިވެ ސަރުކާރު ހިންދަމާލުމަށް ބޭނުންކުރާ އާވައްތަރެއްގެ ހަތިޔާރެއްގެ ގޮތުގައި <އަވަސް ކުރުމުގެ ބަހަނާ> މަޖިލީހަށް ދައްކައިގެން އެތަޅުންމަތި ހަމަހިމޭން ކޮށްލެވިއްޖެނަމަ، ރައްޔިތުން ނެރެ ދައްކަން މިއުޅޭ އެކާވީސްވަނަ ޤަރުނުގެ ގާނޫނު އަސާސީ ވެގެންދާނީ، ސަތާރަ އަހަރު ދުވަހުން އެކުލަވާލި ބޮޑުގާނޫނު އަސާސީއަށްވުރެ މާދޯދިޔާ އެއްޗަކަށެވެ. އެއްބާބު އަނެއްބާބާ ގުޅުންކުޑަ އެއްޗަކަށެވެ. ދެކޮޅު ނުބެދޭ އުނިކަންތަކެއް އެކުލެވޭ އެއްޗަކަށެވެ. އަދި ބެލެވިގެންދާނީ، އެއީ ރައްޔިތުންނަށް 21 ވަނަ ޤަރުނުގައި އޮޅުވާލެވޭ އެންމެ ބޮޑު އެއްއޮޅުވާލުމަށެވެ. <އަވަސް ކުރުމުގެ ބަހަނާ> ގެ ދަށުން މަސައްކަތްތައް ހިންގި ގޮތުން 136 ވަނަ ޖަލްސާގެ ތެރެއިންނާއި ކޮރިޑޯތަކުގެ ތެރެއިންނާއި މަޖިލީހުގެ ގޯތިތެރޭގައި ހުންނަކުޑަތައް ދޮށުން ފެނިފައިވަނީ، ވެރިކަން ކުރާ ޑީއާރުޕީގެ އިސްމެންބަރުންނާއި އިދިކޮޅު އިސްފަރާތްތައް ގޮތުގައި އެމްޑީޕީން އިސްކޮށް ފެންނަ މެންބަރުން، ގާނޫނު އަސާސީ އަވަސް ކުރުމުގެ މަގްސަދުގައި 93 ވަނަ ޖަލްސާއިން ރޯލް ކޯލަށް ގެންގޮސްގެން ތިން ވައްތަރަށް ވޯޓުލައްވައިގެން ރިޔާސަތުގެ ކުޅަދާނަ އުކުޅުތަކާއި ހިތްވަރާއެކު ގަދަކަމުން ފާސްކުރުވާފައިވާ، ރައްޔިތުންގެ ޢާންމުޚިޔާލު ހޯދުމުގެ ރިޔާސީ ބަރުލަމާނީގެ ވޯޓުކަމުގައިވާ “ނިޒާމީވޯޓް” ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތެއް ކަނޑައަޅާ ނިންމުމަށް ނެގުނު 11 މެންބަރުންގެ ކޮމެޓީއަށް، 114 ވަނަ ޖަލްސާގައި ފާސްކޮށް، ހަވާލުކުރެވުނު 4 ޕޮއިންޓުގެ ޒިންމާތައް ތައްޔާރު ކުރިލިޔުން، އެބޭފުޅުން ޑީއާރުޕީން ތައްޔާރުކޮށްފައިވާ ގޮތަށް ފާސްކޮށް ވީހާ އަވަހަށް ނިންމާލުމަށްޓަކައި ވަކަރަށް ޖަހައި، މާމުގުރުން ތަޅާ ހިމުން ކުރަމުންގެންދާ މަންޒަރެވެ. މިއީ އެވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތެވެ. މިމަންޒަރުތައް ފެންނަމުން ދިޔަގޮތުން އަޅުގަނޑު އިންނަން ޖެހުނީ އަޖައިބުވެ އަންތަރީހުގައެވެ. ނިޒާމާބެހޭ ނުކުތާގެ އަޑުއުފުލައިގެން، އަޅުގަނޑަށް ކުރެވުނުހާ މަސައްކަތެއް، ގޮނޑީގައި މަޑުންނުއިދެ ވަރަށް ފާޅުގައި ކުރީމެވެ. އަޑުއުފުލީމެވެ. ރިޔާސަތުގައި އިންނެވި އައްބާހަށް ޖަލްސާތައް ކުރިޔަށް ގެންދަން އުދަގުވާވަރަށް މަސައްކަތްކުރީމެވެ. އެހެނަސް ހިތާމަކުރަންޖެހެނީ، އިދިކޮޅު ލީޑަރުން، އިއްޔެ އަމިއްލަ ސިކުނޑިއާއި ދުލުން ބޭރުކުރި ބަސްތައް މިހާރުވަނީ، ހަނދާނުން ކެހިގެން ގޮސްފައި ކަމަށްވާތީއެވެ. އަޅެފަހެ މިއީ އަޖައިބެއް ފަދަ ސިޔާސީ ރާޒުވާކުޅި ގަނޑެއްތާއެވެ!! 11 މެންބަރުންގެ ކޮމެޓީގެ ޒިންމާތައް ފަރުމާކޮށް ހަތަރު ޕޮއިންޓުގެ މައްޗަށް ހުށަހެޅުއްވީ މަޖިލީހުގައި އަޅުގަނޑު “ދަގަނޑުއަންހެނާ” ގެ ނަމުންނަންދީފައިވާ، އަލްފާޟިލާ އައިޝަތު އާޒިމާޝުކޫރެވެ. ތާއީދު ކުރެއްވީ ފެލިދެއަތޮޅު މެންބަރު އަލްފާޟިލް މޫސާނިޒާރެވެ. 11 މެންބަރުންގެ ކޮމެޓި ހޮވުނީ، 2006 އޯގަސްޓް 30 ވަނަދުވަހުއޮތް 118 ވަނަޖަލްސާގައެވެ. މިކޮމެޓިގެ މަގައްރިރަކީ، މޫސާނިޒާރެވެ. 114 ވަނަޖަލްސާއޮތީ، 2006 އޯގަސްޓް 1 ވީއާދީއްތަ ދުވަހުގައެވެ. 93 ވަނަޖަލްސާއޮތީ، 2006 ޖޫން 18 ވަނަދުވަހުގައެވެ.
އާދެ! މިމަރުހަލާ ވެފައި މިއޮތީ <އަވަސް ކުރުމުގެ ބަހަނާ> ގެ ދަށުން މުޅި އަސާސީ ނިންމުމަށްޓަކައި ރައްޔިތުންގެ ޢާންމު ޚިޔާލު ހޯދުމަށް މިތައްޔާރުވާ، ނިޒާމީވޯޓު ނެގުމަކީ މުޅި އިސްލާޙީ އެޖެންޑާގެ އެންމެ ފަހު ނުކުތާކަމަށެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިވޯޓަކީ ބަރުލަމާނީ ހަކަތަ، ރައްޔިތުންގެ ޙަކަތައެއް ގޮތުގައި ދައްކާލައި އުތުރި އަރައިގަނެ، ސަރުކާރުގެ ނިމުން ދައްކާލުން ކަމަށެވެ. އިދިކޮޅު އެމްޑީޕީން ދެކުނީ މިގޮތަށެވެ. އަނެއް ބަޔަކު ދެކެނީ މިވޯޓަކީ، ރާޒުވާކުޅިގަނޑު ބަހާލެވިފައިވާ މަރުހަލާތައް ހަމަހިމޭންކޮށް ކަޑައްތުކޮށްލުމަށް ލިބޭ ވަރަށްމޮޅު ރަންފުރުޞަތެއް ކަމަށެވެ. މިއީ ޑީއާރުޕީން ދުށްގޮތެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ހުރީ، ރާޒުވާ ގަނޑުގެ މޭސްތިރިއާ ރައީސް މައުމޫނަށް މިހާރު މިއޮތް މަރުހަލާގައި، ކޮންމެ ނިޒާމެއް ރައްޔިތުން ނިންމިއަސް އޯކޭވާނެ ގޮތަށް ކުރި ލިބިފައިވާ ކަމަށެވެ. އަދި އެންމެހެއްވާ ކަމަކީ މިއެވެ. މިކަމާހެދި އަސްލު ކަންތައް ވަނީ ވަޅުޖައްސާލާފައެވެ. އިދިކޮޅު ޖަމާއަތުގެ އަމާޒުނަގާލާފައެވެ. ގެއްލުވާލާފައެވެ. <އަވަސް ކުރުމުގެ ބަހަނާ> ގައި ތެޅިގެންފައި ކުރާ ކޮންމެ ކަމަކުން ލިބޭ ނަތީޖާއަކީ، ޙާޤީޤީ މަސައްކަތް އިތުރަށް ބަނދެވި ފަސްޖެހި ލަސްވުމެވެ. އެކިއެކި ހުރަސްތައް އިތުރަށް ކުރިމަތިވުމެވެ. މިހުރިހާ ކަމެއްގެ ފައިދާއެއް އެކުގައި ޣަނީމާކޮށް އެއްކުރާ ފަރާތަކީ ވެރިކަންކުރާ ފަރާތެވެ. ރައްޔިތުންނަށް ހައްތަހާ އަރަނީ އޮޅުމެވެ. ލިބެނީ އަނދިރިކަމެވެ. ބޭރުފުށަށް ދައްކަނީ 21 ވަނަ ގަރުނުގެ ޒަމާނީތަހުޒީބުގެ ވާހަކަތަކެވެ. އާދެ! ބޮޑު މަޖިލީހުގެ ބަހުސް ތަކުގައި އަވަސް ކުރުމުގެ ހަތިޔާރުގެ ދަށުން އެއްވެސް މިންވަރެއްގެ އޮޅުވާލުމެއް ރައްޔިތުންނަށް އޮޅުވާލެވިގެނެއް ނުވާނެއެވެ. އެއީ ބޮޑު މަޖިލީހުގެ ހުވަޔާ މުޅިން ޚިލާފުކަމެކެވެ. ފާފައެކެވެ. ޚިޔާނާތްތެރި ވުމެކެވެ. <އަވަސް ކުރުމުގެ ބަހަނާ> މިހަތިޔާރަކީ، ރައްޔިތުންގެ ފާގަތި މުސްތަގުބަލަށްހުރި، އަނދިރި ކުރުމަކަށް ވިޔަދީގެން ނުވާނެއެވެ. މިހާރު މިއޮތީ މިވަގުތަށް އެއްވަނަ ނަންބަރުގައި އޮތް މަގުޞަދު ޙާޞިލުކޮށް ނިންމާފައެވެ. ދެން އިތުރަށް މިހަތިޔާރުގެ ނަމުގައި، ބޮޑު މަޖިލީސް ޖަންގަލީކޮށްލައި ވަލަށް ވައްދައި މަގުނަގާލައިގެން ނުވާނެއެވެ. ރައްޔިތުންނަށް އިޚްލާޞްތެރިވުމަކީ، ހީބހި ނަގައިގަންނަހެން ވަގުތީ ފޯރިއަކަށް ވެއްޖެނަމަ، މުޅިއަމާޒު ގެއްލުނީއެވެ. ފަހެ، އަމާޒަށް ވާސިލު ވުމަކީ، އަޑިއިނގޭ ގޮތަށް ބޮޑުމަޖިލީހުގެ މަސައްކަތް ފުޅާކޮށް، ރައްޔިތުންނަށް ސާފުކޮށް އޮޅުންފިލުވައި އަންގައިދިނުމެވެ. އަމިއްލަ ނުފޫޒެއް، އަމިއްލަ އެދުމެއް، ބޭނުމެއް ވަކި އެޖެންޑާއެއް ފޮރުވިފައި ނުބޭއްވޭ ވަރަށް ބަހުސް ފުޅާކުރުމެވެ. ކިތަންމެ ލަސްވިޔަސް ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދެވޭނީ، އިޚްލާސްތެރިކަމާ އެކު ރައްޔިތުން ބޭނުންވެގެން އުޅޭވައްތަރުގެ އަސާސީއެއް ނެރެ ދެއްކިގެންނެވެ. ފުރިހަމަގޮތުގައި ޚިޔާލުފާޅު ކުރެވި ބަހުސް ކުރެވިގެންނެވެ. ލަސްވުމުން ކުރާނީ ފައިދާއެވެ. ގެއްލުމެއް ނޫނެެވެ. ފުޅާދާއިރާއެއްގައި ބަހުސް ކުރެވުނު ވަރަކަށް ވާނީ ރަނގަޅެވެ. އެއްވެސް ކަމެއްގައި އަވަސް އަރުވާލުމަކީ، ކުރިމަރާލުމެވެ. ކުރުގަޅުވާލުމެވެ. މިހެން ނުވެއްޖެނަމަ، ޖެހޭނީ ޖެހުނު ވަޅުގަނޑުގައެވެ. އަވަސް އަރުވާލައިގެން ކުރާކަމަކުން، ހަގީގީއަމާޒަށް ވާސިލެއް ނުވާނެއެވެ. ކުރެވޭނީ ކަމަކަށް ކަމެކެވެ. ރައްޔިތުން ތިބޭނީ ޖަންގަލީ ތެރޭގައެވެ. ވަލުތެރޭގައި މަގުއޮޅިފައެވެ. ވާވަދެފައެވެ. ހޮވާ ކާންޖެހޭނީ އަމިއްލަ އަމިއްލައަށެވެ. ވަށައިގެން ވާނީ ވަހުމްތަކާއި އޮޅުންތަކެވެ. ފަހެ، ދަންނާށެވެ! ބިމުން ޖައްވަށް، ފޮނުވާލާ މިސައިލަކުން ޖައްވުގައި އޮންނަ މަޞްނޫޢީ ސްޓޭޝަންތައް ގޮއްވާލުމުގެ ކުޅަދާނަކަން މިދުނިޔޭގައި އިންސާނުން ތަހުޒީބުވެ ލިބިގެންފިއެވެ. ތަޖުރިބާ ކޮށްފިއެވެ. މިއަމާޒަށް ވާސިލް ވެވޭނީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ވަރުގަދަ ޢަގީދާ ހުރިހާ ބާރަކަށްވުރެ އިސްކޮށްގެންނެވެ. ވެރިން ކުރިމަތީގައި ވެސް ޙައްގުބަސް އެއްވެސް ބިރެއްނެތި ބުނެގެންނެވެ. ފަހަތަށް ނުޖެހި، ކުރިޔަށް ޖެހިގެންނެވެ. ވަރުގަދަޔަށް ބަހުސްކޮށް، ފުރިހަމަގޮތުގައި މަޝްވަރާ ކުރެވިގެންނެވެ. ޚިޔާލުފާޅު ކުރެވިގެންނެވެ. ބޮޑެތި މަޖިލިސްތަކުން ޚުދުމުޚްތާރުކަން ނައްތާލެވިގެންނެވެ.
އާދެ! ބޮޑުމަޖިލީހުގެ 93 ވަނަ ޖަލްސާ އިންނާއި 114 ވަނަ ޖަލްސާއިން ފާސްކޮށްގެން މިއުޅެނީ، އެއްވެސް އަސްލެއްނެތް ތާކުންތާކު ނުޖެހޭކަމެކެވެ. ސަރުކާރުންނާއި ސަރުކާރު ހިންގާ ބައެއްގެ ގޮތުގައި ދަޢުވާކުރާ ޑީއާރުޕީން އުފެއްދި ޖާދުވީ، ސިޔާސީ ކުޅިވަރެއްކަން ސާބިތުވާ ހެކިތައް ބައިވަރު ފެންނަން އެބަހުއްޓެވެ. ރިޔާސަތުގައި އިންނެވި ރައީސް މައުމޫނުގެ ޅިޔަނު އައްބާސް އަމިއްލަފުޅަށް އުފެއްދެވި ސިޔާސީ ކުޅިގަނޑެކެވެ. ގާނޫނު އަސާސީ ލަސްކުރުމަށް ކުޅުއްވި ރާޒުވާ ކުޅިގަނޑެކެވެ. ފަހެ، މިދެފާސްކުރުން ހޯއްދަވައިގެން ބައްލަވާލެއްވުން އިންތިހާ ދަރަޖައަށް މުހިންމެވެ. ކޮންމެ ރައްޔިތަކީ އަމިއްލަ ސިކުނޑީގެ ވިސްނުން ހިފާބޭނުންކުރަން ޖެހޭނެ މީހެކެވެ. އެންމެންގެ ކާމިޔާބާއި އަމާޒަށްޓަކައެވެ. މުޅިގައުމުގެ ކާމިޔާބަށް ޓަކައެވެ. މިވޯޓަކީ، އަސާސީގެ 42 އަދި 132 ވަނަ މާއްދާގެ ދަށުން އެއްގޮތަކަށް ވެސް ނެގޭ ވޯޓެއް ނޫނެވެ. ރައީސް މައުމޫނަށް އަސާސީން ލިބިދީފައިވާ ބާރުތަކާއި ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި މިވޯޓު ނެގުމެއް ނޯވެއެވެ. ކޮމިޝަނަރ އޮފް އިލެކްޝަންގެ ވާޖިބު ތަކުގެ ތެރޭގައިވެސް މިވޯޓު ނެގުމެއް ލާޒިމުވެފައި ނޯވެއެވެ. ބޮޑު މަޖިލީހަކީ، އެންމެ ފަހުބަސް ބުނުމުގެ ޙައްގު އޮންނަ މިވަގުތު ދައުލަތުގެ އެންމެމަތީ މުއައްސަސާ އަކަށްވާތީ މިފަދަ ވޯޓެއް އިންތިޒާމު ކޮށްގެން ނެގުމުގެ ފުރުސަތު ހުޅުވިފައި އޮތީއެވެ. އެކަންވެސް ވާންއޮތީ، އަވަސް އަރުވާލާފައި ފާޑެއްގެ ގަވާއިދެއް މަޖިލީހުން ހަދައިގެންނެވެ. ފަހެ، ދަންނާށޭވެ! އާދަ ކާދައިގެ ގޮތުން ވެރިކަމުގެ ފަރާތުން، ޕްރެކްޓިސް ކުރަމުން ގެންދިޔަ ކަންތައްތަކަކީ މިޒަމާނުގެ ތަހުޒީބުގެ ދަށުން ކުރެވިދާނެ ކަންތައްތަކެއް ނޫނެވެ. ގަދަބާރުން އަޣުލަބިއްޔަތު ހޯދައިގެންކުރާ ކަންތައްތަކަކީ ވެސް އަޑިއެނގެން ޖެހޭނެ ކަންތައްތަކެވެ. އެއީ ރައްޔިތުންނަށް ލިބިގެންވާ އެންމެ މާތް އަދި ކަރާމާތްތެރި ޙައްޤެކެވެ. އެހައްގު ހަމަހިލާ އެކަކަށްވެސް ނިގުޅައެއް ނުގަނެވޭނެއެވެ. ވައިރަސް ވަންނަ ހިސާބާއި ވިހަވެ ބަލިޖެހިފައިވާ މިންވަރު ކަނޑައެޅިގެން ރައްޔިތުންނަށް އެނގިފައި އޮންނަން ޖެހޭނެއެވެ.
މުއުމިނުންނަށް ނަސްރު ދެއްވުމަކ،ީ ﷲއަށް ޙައްޤު ކަމެކެވެ. ފުރިހަމަ މުއުމިނަކަށް ވުމުގެ ތައުފީޤު، އަޅަމެންގެ ތެރެއިން އިސްކޮށް ތިއްބެވި އެންމެހައި އިއްޒަތްތެރި މެންބަރުންނަށް ފޯރުކޮށް، މިންވަރުކޮށް ދެއްވާށިއެވެ! އާމީން!


Comments