top of page

ބޮޑު މަޖިލީހުގެ ހަލަބޮލި ޖަލްސާތައް މަގުގެއްލިފައި.

  • Writer: ilyashusein
    ilyashusein
  • Oct 23, 2009
  • 9 min read

=އިލްޔާސް ހުސައިން އިބްރާހިމް=

(މިއީ އަޅުގަނޑު ބޮޑުމަޖިލީހުގެ 116 ވަނަ ޖަލަސާ ނިންމާފާއައިސް ކުރެވުނު އިހްސާސް ތަކުގެ މައްޗަށް ލިޔެފައިވާ މަޒުމޫނެކެވެ.)

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 1 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 114 ވަނަ ޖަލްސާ އާއި 8 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 115 ވަނަ ޖަލްސާއާއި 9 އޮކްޓޯބަރ 2006މ، (ހޯމަދުވަހު) އޮތް 116 ވަނަ ޖަލްސާއައި މިތިން ޖަލްސާއަކީ، އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަކުރެވޭ ވަރަށްމުހިންމު، ސިޔާސީ ބައްދަލުވުން ތަކެކެވެ. އަދި ދިވެހި ތާރީޚަށްޓަކައި އެޖަލްސާތަކާބެހޭ ތެދު ހަގީގަތް ހާމަކޮށް ލިޔެ، އަންނަން އޮތް ޖީލުތަކަށް ތާރީޚީ ފަތްފުށް ތަކުގައި ރައްކާކޮށް ތާއަބަދަށް، ފޮރުވާފައި ބަހައްޓަން ޖެހޭފަދަ، ތާރީޚީ ހާދިސާތަކެއް އެބައްދަލުވުން ތަކުގައި ހިނގާ ގޮސްފައި ވެއެވެ. އެޖަލްސާތައް ވަނީ، ދާންޖެހޭ ހަގިގީމަގުން ކައްސާލާފައެވެ. އަދި ދާންޖެހޭ ސީދާމަގު ވަނީ، ރިޔާސަތުން އޮޅުވާލާފައެވެ. މިކަން ވަރަށް ކާރި މުސްތަގްބަލެއްގައި ފަހުން ފެނި، ސާބިތު ވާނެއެވެ.

ފަހެ، ދަންނާށެވެ! ބޮޑު މަޖިލީހުގެތެރޭގައި، ހަގީގަތް ހޯދިފައި ނެތް ނުރައްކާތެރި ރޯގާއެއްގެ ޖަރާސީމު އަށަގަތީ، ވަށް ބޯޅައެއް ގޮތުގައި ސިފަކުރެވޭ ކުނބުރެއްފަދަ މިދުނިޔެ، ގްލޯބަލައިޒް ވެގެން ގޮސް އިންސާނުންގެ މުށުތެރެއަށް ލެވޭވަރަށް ކުޑަކޮށްލެވި، ހުޅުވާލެވިގެން މިދާ ހަލުއި ތަރައްގީއަށް ބަލާލުމެއް، ވިސްނާލުމެއް ނެތި، ރަސްރަސްކަލުންގެ ދިވެހި ގަދީމީ ކަޓު އާދަކާދައިގެ ދަށުން، ބޮޑު މަޖިލީހާ ކުޅެލުމަށް ވެރިކަން ކުރާ ފަރާތުން ނިންމެވުމަށް ފަހު، އެމަގްސަދުތައް ހަސިލުކުރުމަށް ގަދަބާރާއެކު، މަސައްކަތް ފެއްޓެވި ހިސާބުންނެވެ. ބޮޑު މަޖިލީހުގެ ހަގީގީބާރު ކަމުގައިވާ ރައްޔިތުންގެ ސިޔާސީބާރު ކަނޑުވާލައި ސަރުކާރުގެ ނުފޫޒާއި ބާރު، ދެމަޖިލީހުގެ މައްޗަށްވެސް ގަދަފަދަ ކޮށްގަތް ހިސާބުން، މިވަބާގެ ބަލިގަނޑު ހިލިއްޖެއެވެ. އަސާސީން ރައްޔިތުންނަށް ލިބިދޭ ސިޔާސީބާރު ނެތިކޮށްލައިފިއެވެ. ސަރުކާރުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި، ރައީސް މައުމޫނުގެ ޝަޚުޞީބާރުތައް ދަމަހައްޓައި ދިނުމަށް ހަމްދަރުދީ ވުމުގެ ގޮތުން، މިކުޅިގަނޑު ރާވައި ކުޅެދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި، ރައީސް މައުމޫނުގެ ކޮއްކޯފުޅު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ގޮތް ނޭގޭ ރޯގާއެއްގެ މިޖަރާސީމު ބޮޑު މަޖިލީހުގެ ތެރެއަށް ދޫކުރެއްވީ އޭނާއެވެ. އަބްދުﷲ ހަމީދެވެ. ވިހަ ގަދަ މިޖަރާސީމު ފެތުރި ފުޅާވެގެން ގޮސް މިހާރު މިވަނީ ގޮތްނޭގޭ ނުރައްކާތެރި ރޯގާއެއްގެ ވަބާއެއްގޮތުގައި، ތިލަވެ ބޭރުފުށަށް ފެންނަން ފަށާފައެވެ. ގާނޫނުއަސާސީ އަމިއްލަ ފުޅަށް މާނަ ކުރައްވައިގެން އެއަސާސީއާ ޚިލާފަށް، ބޮޑު މަޖިލީހަށް ރައީސަކު އިންތިޚާބުކުރަން ގަދައަޅާ އުޅުއްވިއެވެ. ވަރަށް ހިތްވަރާއި އަމިއްލަ ހައިބަތާ އެކުގައި ބާރު ދެއްކެވިއެވެ. މިކަންކުރެއްވީ، އަމިއްލަވަންތަ ޝާހީ ގޮތެއްގައެވެ. އެހެންމީހުންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތަކަށް ބަލާލުމެއް ނެތިއެވެ. ފަރުވާލެއް ނެތިއެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑާއި އަދި އަޅުގަނޑުގެ ދެއެކުވެރިން ކަމުގައިވާ ތ.އަތޮޅު މެންބަރު ޑރ. ހުސައިން ރަޝީދު ހަސަނާއި މ.އަތޮޅު  މެންބަރު އަލްފާޟިލް އަޙްމަދު ޝަފީގާއެކު ތިންމީހުން ގުޅިގެން، އެއްވެސް އިތުރު އެހެން ފަރާތެއްގެ މަޝްވަރާ ހޯދުމަކާ ނުލައި، އެމަނިކުފާނު، (އަބްދުﷲ ހަމީދު) ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އަސާސީއާ ޚިލާފަށް، ޚުދުމުޚްތާރު ކޮށް، ބޮޑުމަޖިލީހުގެ ކަންތައް ގެންދެވީމާ، އަޅުގަނޑުމެން އެމައްސަލަ، އަޅުގަނޑުމެންގެ ކުޅަދާނަ، ރިފޯމަށް ލޯބިކުރައްވާ ލޯޔަރު (ހުސްނުއް ސުއޫދު) އާ ވާހަކަ ދެއްކުމަށްފަހު، ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓަށް، ކަމާބެހޭ ލިޔުން ތަކާއެކު ސީރިޔަސް މައްސަލައެއްގެ ގޮތުގައި ރަސްމީކޮށް ފައިލް ކުރީއެވެ. ދަށުކޯޓުން ދިރާސާ ކުރުމަށްފަހު، ޖަވާބު ލިއުމަކުން ދެއްވީ، ބަލައިދެވެން ނެތްކަމަށެވެ. ދެން ދަށުކޯޓުން ބަލައި ނުދިން މައްސަލަ، ދިވެހި ރާއްޖޭގެ ހައިކޯޓަށް އަނެއްދުވަހު ވެއްދުމުން، އެކަމަށް އޮންނަ ފީނަންގަވައި ގަޒިއްޔާއެއްގެ ގޮތުގައި އެމައްސަލަ ބަލައިގަނެ ރަސީދެއް ދެއްވިއެވެ. އެހެނަސް އުއްތަމަ ފަނޑިޔާރާއި ރައީސް މައުމޫނާ ގުޅިގެން ހައިކޯޓްތެރޭގައި ރޭވުންތަކެއް ރޭވިއްޖެކަން، ސީދާ ގޮތަކުން އަޅުގަނޑުމެންނަށް ޚަބަރު ލިބުމުން، އެގަޒިއްޔާ ހައިކޯޓުންނެގީއެވެ. ހައިކޯޓަށް މިމައްސަލަ ވެއްދުމާ ގުޅިގެން އޮންރަބަލް ގާސިމް އިބްރާހިމް އަރިހަށް، އަޅުގަނޑާއި ޑރ. ހުސައިން ގެންދަވައި، ޑރ. މުނައްވަރާއި އަލްފާޟިލް އިބްރާހިމް ހުސައިން ޒަކީގެ ހާޒިރުގައި ފަށްފަށުން ދެއްވައި ކޯފާވިއެވެ. އެބޭފުޅުންނާ މަޝްވަރާނުކޮށް މިފަދަ ބޮޑުކަމެއް ކޮށްގެންނެވެ. އަޅުގަނޑުމެން މިކަމާ އިތުރު އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރީ މިފަދަ ސީރިއަސް ކަމެއް، އިތުރު މަޝްވަރާއެއް ކޮށްގެން ނުކުރެވޭނެކަން އިނގޭތީއެވެ. ހަގީގަތުގައި މިކަމަކީ، އިސްލާހީ ހަރަކާތުން ރައީސްމައުމޫނުގެ ބޯމައްޗަށް ވައްޓާލި އެންމެ ބުރަދަންހުރި ބޮމެވެ. ވެގެންދިޔައީ ސީދާއެޓަމް ބޮމަކަށެވެ. ނަސީބަކުން އެއްވެސް ރާޑަރަކަށް ވައްޓަލުމުގެ ކުރިން އަރާގޮތްވެސް ނުވީއެވެ. އަޅުގަނޑުމެންގެ ނަސީބުންނެވެ. މިބޮން ވަށްޓާލި ހިސާބުން އެންމެމަތިން، ރޫޅެންށާއި ނުވަތަށް ނިއުޅެން ވަނީ، ފަށާފައެވެ. އެމެރިކާނުން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި ވިހަގަދަ ބޮން، ފަދައިންނެވެ. ފަހެ، ދަންނާށެވެ! މިކަންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ހަމީދު ވަކިކުރެއްވީއެވެ. އަޅުގަނޑުމެން ތިންމީހުންނާއި މިހަރަކާތުގައި އުޅުނު އެންމެންތިބީ، ކުޑަގޮޅީގެ އަނދިރީގައި ބަންދުކޮށް ފައެވެ. ދޫނިދޫޖަލުގެ ތޭރިތަކުގެ ބިއްދަށުގައެވެ. އަޅުގަނޑުމެންނަށް ހިތްވަރު ދިންފަރާތްތަކަކީ، ދުނިޔޭގެބާރު ކަމުގައިވާ އެމެރިކާ ސަފީރާއި އީޔޫ އިން ފޮނުއްވި ޓީމުންނެވެ. ކުޑަގޮޅީގައި ތިއްބާ ޖަލަށް ޒިޔާރަތްކޮށް ވަކިން އެކަހެރިކޮށް، ބައްދަލުކޮށް އިތުރުހިތްވަރެއް އެރުވީ އެފަރާތްތަކުންނެވެ. ޚާއްސަކޮށް އަޅުގަނޑަށް އެންމެހިތްވަރު ދެއްވީ އެމެރިކާ ސަފީރު، ޖަލުގައި އަޅުގަނޑާ ބައްދަލު ކުރައްވާފައެވެ. ޖަލުގައި ތިއްބެވި ހުރިހާ އިއްޒަތްތެރި މެންބަރުއްނާވެސް ވަކިވަކިން މިބޭފުޅުން ބައްދަލު ކުރެއްވިއެވެ. ސިފައިންގެ އިސް އޮފިސަރު، އަބްދުﷲ ރިޔާޒާ މުޅިންވަކިން އެކަހަރިކޮށް، އަޅުގަނޑާ ވާހަކަދަށްކަމުން ގެންދެވި ވަގުތުކޮޅުގައި އަސަރާއެކު އަޅުގަނޑު ފެންކަޅިވުމުން، ވަރަށް ސާބަސްދެއްވާއި ހިތްވަރު ދެއްވިއެވެ. ތިޔަމަސައްކަތަކީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވޭ ހިތްވަރާއި މަސައްކަތް ކަމުގައި ވިދާޅުވެދެއްވި އެވެ. ރާއްޖޭގައި މިކަން މިކުރެވެނީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައެވެ. އެހެން ގައުމުތަކުގައި މާގިނދުވަސް ނެގިއެވެ. މީހުންނަށް މާބޮޑެތި އަނިޔާލިބިފައި ވެއެވެ. އުންމީދު އާކުރާށެވެ. ޚާއްސަ މަޖިލީހުގެ ޖަލްސާތައް ފެށޭނީ ބަންދުގައި ތިބިމީހުންނާ އެކުގައި ކަމަށް ވިދާޅުވިއެވެ. ފަހެ، ދަންނާށެވެ! މިވަގުތުކޮޅަކީ، އަޅުގަނޑަށް ވަރަށް ހިތްވަރުލިބި ވަރަށް އުފާވި ހިނދުލޮޅެކެވެ. އެދުވަހަކީ އަޅުގަނޑުގެ ހަޔާތުގައި ވެސް ވަރަށް އުފާވިދުވަހެކެވެ. މިނިވަންވި ދުވަހަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އެދިވަޑައިގެން ވިޒިޓިން ކާޑުވެސް އަޅުގަނޑަށް ދެއްވިއެވެ.

ފަހެ، ދަންނާށެވެ! ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދަކީ، އޭރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ މިނިސްޓަރުކަމަށް ވެފައި އަޅުގަނޑަކީ، އެމިނިސްޓްރީގައި އޭނާގެލަފާގެ ދަށުން ރައްޔިތުންނަށް، ޚިދުމަތް ކުރަމުންދާ މީހަކަށް ވާތީ، ޒަތިގޮތުން ބަދަލުހިއްޕެވުމުގެ ގޮތުން އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިން، އެއްވެސް ކަހަލަ ނަސޭޙަތެއް އިންޒާރެއް ދިނުމެއްނެތި، އެއްބަފާ ބޭބެއަރިހަށް ރައީސްމައުމޫނަށް، ސިޓީއަކުން ދަންނަވައިގެން ސާބިތުނުކުރެވޭ ކަމެއްގައި ޖަލުގައި ބަހައްޓައިގެން ތިންމަސްދުވަހުގެ ނޯޓިހެއްގެ އަމުރު ނެރުއްވައިގެން، އަޅުގަނޑު ސަރުކާރުން ވަކިކޮށް ކަނޑާލެއްވީއެވެ. ނޯޓިހުގެ މުއްދަތުގައި އަޅުގަނޑު ހުންނަންޖެހުނީ ދޫނިދޫ ކުޑަގޮޅީ ގައެވެ. ޖަލުގައެވެ. އެޓޯލްސްގެ އޮނިގަނޑުގައި އަޅުގަނޑުގެ މަގާމު އޮތްގޮތަށް އޮއްވައި އެމަގާމު، އޮނިގަނޑުން އުވާލެއްވުމެއް ނެތި، އަޅުގަނޑަށް ޙަވާލުކުރާނެ މަސައްކަތެއް އެޓޮލްގެ އޮނިގަނޑުގައި ހަމަޖެހިފައި ނެތްކަމަށް ވިދާޅުވެ، އަޅުގަނޑަށް ނޯޓިސް ދެއްވައި ކަނޑާލެއްވީ ވަރަށް ޒާތިގޮތުންނެވެ. އިންސާފެއް ނެތިއެވެ. އަނިޔާވެރިކޮށެވެ. ފަހެ، ހަގީގަތް މޮޅަށް ދެނެވޮޑިގެންވާނީ، ސީދާ ﷲ އެވެ. މިކަމަށް ސަޒާދެއްވާނީ ﷲއެވެ. މިހާރުވެސް އަޅުގަނޑު ކަނޑާލި މައްސަލަ ޕަބްލިކް ކޮންޕްލެއިންސް ބިއުރޯއިން ބައްލަވަމުން އެބަ ގެންދަވައެވެ. ރައީސްއޮފީހަށް ލިޔުމުން އެއޮފީހުން، ޖަވާބެއް ނުދެއްވައިގެން ނުނިންމިފައިވާ ކަމަށް އެތަނުން ޚަބަރުލިބެއެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ވެއްދުމުން، ބައްލަވަމުން ގެންދަވާކަމަށް އޭރުވިދާޅުވެފައި މިހާރު އެކަންވަނީ، ނަންރީތި ކަމަކަށް ބަދަލުވެ ވަޅުޖަހާފައެވެ. ވީނުވީއެއް ނޭގުނެވެ.

އާދެ! ރައްޔިތުންގެ މަޖިލީހުގެ އާރައީސް އޮނަރަބަލް އަހްމަދު ޒާހިރުވެސް، ބޮޑު މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމުގެ ކަންތައް ގެންދެވީ، ހަމީދު އަޅުއްވާފައި ހުރި، ކަތިފިޔަވަޅު ތަކުގެ މަތިންނެވެ. ވެރިކަމުގެ ފަރާތުން ނެރެދެއްކި ބޭފުޅަކީ، ތަޅާފޮޅުމަށް ކުޅަދާނަ ވަރުގަދަ ގެރިއެއްގޮތުގައި ފެނިގެންދިޔަ (ބޮޑުމަޖިލީހުގެ ކުރީގެރައީސް) އޮނަރަބަލް އައްބާސް އިބްރާހީމެވެ. އައްބާސް ހޮވީ، އަސަސީގެ 133 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ރައީސްކަމަށް އޭނާ، ހޮވޭނެހާ ހުރިހާ ގޮތްތަކަކަށް މަގުފަހިކޮށް ދެއްވައިގެންނެވެ. އައްބާސް އިންތިޚާބު ވުމާއެކު ބޮޑުމަޖިލީހުގެ ހުރިހާ ކަމެއް ބޮއްސުންލައި ޝައްކުތައް އުފެދި، ފިލުވާނުލެވޭ ވަރުގެ ވިހަގަދަ ރޯގާއަކަށް މުޅި އެތަޅުން ބަދަލުވެގެން ހިނގައްޖެއެވެ. ބޮޑުމަޖިލީސް ހިންގާނެ ގަވާޢިދެއް ހެދުނީ ދޮޅު އަހަރުންނެވެ. ގަވާޢިދު އެކުލަވާލުމުގެ ތެރޭގައި ވެސް އައްބާސްގެ ނުފޫޒާއި ބާރު އަމަލީގޮތުން ފަތުރާއި ހިންގެވިއެވެ. ރައީސް މައުމޫނު އެދިވަޑައިގަންނަވާހާ ގޮތަކަށް ކަންތައް ގެންގޮސްދެވޭތޯ ކުރެވެން ހުރިހުރިހާ ކަމެއްކުރެއްވިއެވެ. ގަވާޢިދުގެ 41 ވަނަ މާއްދާގެ (ހ) ގައި އެބުނާ “މައްސަލަ ހުށަހެޅުމާއި އެއާމެދު ޢަމަލުކުރާނެ ގޮތް” އާދެ! އެމާއްދާއިން ބުނެދެނީ، މަޖިލީހަށް ފުރަތަމަ ހުށަހަޅަންވާނީ ގާނޫނު އަސާސީގައި ހިމެނެންވާނެ، އަސާސީ ސިފަތަކާއި، އަސާސީ އުސޫލުތަކާމެދު ބަހުސްކުރުމުގެ މައްސަލަކަމަށެވެ.

އާދެ! އަސާސީގައި ހިމަނަންޖެހޭ ސިފަތަކާއި އުސޫލުތަކާމެދު ބަހުސް ކުރެވިގެން ދިޔައިރު، ނުރަސްމީ ގޮތުން ރޭގަނޑުގެ ވަގުތުގައި ހިނގަމުންދިޔަ ބައްދަލުވުންތަކުގައި އައްބާސް އަމިއްލަފުޅަށް، ޢިބާރާތް ކުރައްވައި، އެއިބާރާތްތައް އަޅުގަނޑުމެންނަށް، ދެއްވައި އަނެއްދުވަހު ޖަލްސާއަށް ހުށަހަޅައި ދިނުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވައި ހެއްދެވިއެވެ. ގަވާޢިދުގެ ތެރެއަށް މާއްދާއެއްގެ ގޮތުގައި އަސާސީ ސިފަތަކާއި އުސޫލުތައް ވެއްދުމަށް ބާރުއެޅުވުމުގެ އެންމެ ބޮޑު މަގްޞަދަކީ އަސާސީ އިސްލާހުކުރުން ލަސްކުރާނެ މޮޅު ގޮތެއް އީޖާދު ކުރުމެވެ. ގަވައިދާ ހަމައިންވެސް ލަސްކުރުމަށްޓަކައި ހުޅުވެންހުރި ދޮރުތަކެއް ހުޅުވިގެންދާނެ ގޮތަށް ބޭއްވުމަށެވެ. އެހާ ކުރިޔާލައި ޚިޔާލު ކުރައްވާފައި އެވަނީ، އަސާސީ ސިފަތަކާއި އަސާސީ އުސޫލުތަކުގެ ބަހަނާގައި ބަހުސްތައް ދިގުދަންމާލާނެ ރޭވުމަކަށެވެ. ފަހެ، ގަވާޢިދުގެ ތެރެއިން ވެސް މިކަމަށް މަގެއް ކޮށައި އަލި ކުރެއްވީ އެވެ. އާދެ! އައްބާހަކީ، މަކަރާއި ހީލަތްތެރިބުއްދީގެ ޢިލްމު ވެރިއެކެވެ. ތަންގޮރު ރަނގަޅަށް ދަންނަ ސަރުދާރެކެވެ. 2008މ، ގެ ކުރިން އަސާސީ ނިމުނަ ނުދިނުމަށް، ދިގު ބަހުސްތަކުގެ މަރުހަލާތައް އެޖެންޑާކުރުމަށް މަގުފަހި ކުރައްވައި ދުރާލާއެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ. އެހާ ކުރިޔާލާ އައްބާސް ގެންދެވީ، މަކަރުވެރި ރޭވުންތައް ރާއްވަވަމުންނެވެ. މާޒީގައި ކަންކުރައްވަމުން ގެންދެވި ގޮތަށެވެ. ކޮންމެމީހެއްގެ ކަށީގައި ވެސް، ހިފާފައި ހުރި ކަމެއްވިއްޔާ ހަރުލާ ހުންނާނެތާއެވެ. ފިލުވައެއް ނުލެވޭނެއެވެ. އާދެ! އިދާރީ ކޮމިޓީގެ އެއްވެސް މަޝްވަރާއެއް ނެތި ފުރަތަމަ ކޮޅުގައި، އެތައް ކަމެއް އަމިއްލަފުޅަށް ކުރެއްވިއެވެ. އިދާރީ ކޮމިޓީން އެރުވި ލަފަޔާ ދިމާ އިދިކޮޅަށްވެސް އެތައް ކަންތައްތަކެއް ކުރައްވާފައި އެބަހުއްޓެވެ. އަދި ތާރީޚަށްޓަކައި ފޮރުވިގެންދާ މަޖިލީހުގެ ޔައުމިއްޔާތައް ވެސް ހުންނަނީ ކުދިކުދި ބަދަލުތައް ގެނެސް، ވާހަކައިގެ އަސްލު މިސްރާބު އޮޅުވާލާފައެވެ. ޚާއްސަކޮށް އަޅުގަނޑު ދައްކާވާހަކަތަކުގެ ޔައުމިއްޔާހުންނަނީ ވަރަށް ބޮޑަށް އޮޅުވާލާފައެވ މިކަން ހިންގަނީ، އަމީނުލްޢާންމު ލައްވައެވެ. މިއީ އައްބާސްގެ ރޭވުމެކެވެ. ތަޅުމުގައި އަޅުގަނޑު ގޮވާހާއެއްޗެހި ޔައުމިއްޔާތަކުން ސާފުކޮށް ނޭންގުމަށެވެ.

އާދެ! އަސާސީގައި ހިމެނޭ ސިފަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރާނެ ނިޒާމެއް ފާސްކުރުމަށް ކުރެވުނު ބަހުސްގެ ކަންތައްތައް ވެސް ގެންދެވީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ. މިބަހުސްގައި ރ.އަތޮޅު މެންބަރު އިބްރާހިމް ޝަހީދުޒަކީ ހުށަހެޅުއްވި ހުށަހެޅުއްވުމަކީ، ކުރީ މަރުހަލާއެއްގައި ހުށަހަޅުއްވައި ވޯޓަށް ނާއްސަވައި ނިމި ގޮސްފައިވާ ކަމެކެވެ. ދެންޖެހޭނީ ދެވަނަ މަރުހަލާގައި އަލުންފަށާށެވެ. އާބަހުސަކަށް، އަލުން އެޖެންޑާ ކުރައްވާށެވެ. އެހެނަސް މިބަހުސްގެ ދެވަނަ މަރުހަލާގައި ހުށަހެޅުއްވުމެއް ހުށަހެޅުއްވުމުގެ ބަދަލުގައި ޝަހީދުޒަކީގެ ވާހަކަފުޅުގައި، ވިދާޅުވެފައި ވަނީ، “ޕަބްލިކް ރެފަރެންޑަމަށް ގެންގޮސްގެން ކަމަށް އަޅުގަނޑަށް ފެނޭ” މިގޮތަށެވެ. މިއިބާރާތެވެ. މިއީ ހުށަހެޅުއްވުމެއް ކަމަށް ބެލެވޭ ޢިބާރާތެއް ނޫނެވެ. 2006މ، ވަނަ އަހަރުޖޫންމަހު 18 ވަނަ ދުވަހުގައި އޮތް، 93 ވަނަ ޖަލްސާގެ ޔައުމިއްޔާގެ 34 ވަނަ ޞަފްޙާ، އަދި 907 ވަނަ ފޮޅުވަތް ބައްލަވާލައްވާށެވެ. މިޖަލްސާގެ ބަހުސްގެ ވާގުތު ނިންމާލެއްވި އިރުވެސް އޮތީ މިގޮތަށެވެ. ޝަހީދުގެ ޢިބާރާތަކަށް ބަދަލެއް ނުގެންނަވައެވެ. އަދި ރިޔާސަތުން ވެސް އެއިބާރާތަށް ބަދަލެއް ނުގެންނަވައެވެ. އަދި ރިޔާސަތުން އެއިބާރާތް ރަނގަޅެއް ވެސް ނުކުރައްވައެވެ. އެހެނަސް ކުރީ މަރުހަލާގައި ޝަހީދު ހުށަހެޅުއްވި ހުށަހެޅުއްވުން ރިޔާސަތުން ލިޔެ ތައްޔާރުކޮށް ޝަހީދު އަރިއަހަށް ފޮނުވައިގެން ސޮއި ކުރުވުމަށް ފަހު ވޯޓަށް އެއްސެވީއެވެ. ފަހެ، މިއީ ސާފުހުދު ކުލައިގެ ވަރަށްބޮޑު އޮޅުވާލެއް ވުމެކެވެ. ގަސްދުގައި ރިޔާސަތުން ރާވައިގެން ހިންގާފައިވާ ޢަމަލެކެވެ. ބޮޑު ޖަރީމާއެކެވެ. މިއަމަލުގެ ފަހަތުގައި ސިޔާސީ މަގުޞަދެއް ފޮރުވިފައި ވާކަމަށް އެދުވަހުގެ ޖަލްސާގައި އަޅުގަނޑު ވާނީ، ގަދައަޑުން ނުރުހުމާއެކު ދަންނަވާފައެވެ. އެއްފަހަރަކުނޫނެވެ. ތަކުރާރުކޮށް އެތައް ފަހަރަކުއެވެ. ފަހެ، އެކަން އެގޮތަށް ކުރެއްވީ، އޮނަރަބަލް އިލްޔާސް އިބްރާހިމާއި އޮނަރަބަލް ގާސިމް އިބްރާހިމް ލައްވާ އާންމު ވޯޓަށް ތާޢީދު ކުރުވައި މިކަން ފާސްކުރުމަށް ވޯޓުދެއްވުމުގެ ފުރުޞަތު އެބޭފުޅުންނަށް ފަހިކޮށް ދެއްވާއި އެބޭފުޅުންނަކީ، ރައްޔިތުންގެ މީހުން ކަމުގައި ރައްޔިތުންނަށް ދެއްކުމަށްޓަކައި ކަން ކަށަވަރެވެ. ރައްޔިތުންނަށް ހެއްކާއި ހުއްޖަތާއެކު، އެމީހުން ތިއްބެވިގޮތް، ހާމަކޮށް ދިނުމަށެވެ. މަޖިލީހުގައި ރައްޔިތުންގެ ކޮޅަށްޖެހިލާއި ވޯޓުލާ މަންޒަރު ފާޅުކޮށް ދައްކާލުމަށެވެ. މިފުރުސަތުގެ ބޭނުން ހިއްޕަވަމުން ޔާމީނުވެސް ވޯޓުދެއްވީ އެގޮތަށެވެ. އަދި ޑީއާރުޕީގެ ވިންދާޚިލާފަށް އެޕާޓީގެ އެއްމުއައްސިސު ކަމުގައި ރަސްމީކޮށް، ނޯޓުކުރެވިފައިވާ، ހޯރަފުށީ ސަލީމުވެސް ވޯޓުދެއްވީ އެގޮތަށެވެ. މިއީ އައްބާސް ރާވައިދެއްވި ސިޔާސީ ކުޅިގަނޑެކެވެ. އެބޭފުޅުންގެ ނަޒަރުގައި މިކަހަލަ ވަރުގަދަ ބަހުސެއްގައި މިގޮތަށް ވޯޓުދެއްވުމަކީ، ރައްޔިތުންކޮޅަށް ތިއްބެވިކަން ހާމަކޮށްދިނުމެވެ. އަޅުގަނޑު މިކަން މިގޮތަށް މަޖިލީހުގައި ވާނީ އެތައްފަހަރަކު އަޑުގަދަކޮށް ބުނެފައެވެ. ތަކުރާރުކޮށް ގޮވާފައެވެ. އެހެނަސް އެއްވެސް ކަމެއް ނުވިއެވެ.

އާދެ! ޝަހީދުޒަކީގެ މިހުށަހެޅުން ފާސްކުރެވުނީ ވަރަށް އުނދަގުލުންނެވެ. ފުރަތަމަ ވޯޓަށް އެއްސެވީވެސް، ޖަލްސާ ހިނދުކޮޅަކަށް މެދުކަނޑާލައްވާފައި އިދާރީކޮމެޓީއައި މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ، ގަވައިދުގެ ދެވަނަ މާއްދާގެ ނޫނުގެ ދަށުންކަމަށް ވިދާޅުވަމުންނެވެ. އެވަގުތު ޖަލްސާގައި އިންނެވި އިދާރީކޮމެޓީގެ މެމްބަރެއްކަމުގައިވާ ލ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނައީމު ނިޒާމުގެ ނުކުތާއެއްގެ ދަށުން އޭނާއެތާގައި (މަޖިލީހުގެ އިމާރާތު ތެރޭގައި) ހާޒިރުވެ ހުންނަވަނިކޮށް، އޭނާއައިނުލާ އިދާރީކޮމެޓީއައި ކޯރަމްނެތި، މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެ ގަވައިދާޚިލާފަށް ވޯޓަށް އައްސަވައިގެން ނުވާނެކަމަށް ވިދާޅުވެ، އެމައްސަލަ ނެންގެވިއެވެ. މިއީވޯޓަށް އެއްސެވުމަށް ފެށުމުގެ ކުރިންނެގުނު ނިޒާމީ ނުކުތާއެކެވެ. އެހެނަސް ވާހަކަ ދެއްކުމަށް ފުރުސަތު ނުދެއްވައި، މިވޯޓުގެ ކަންތައް ކުރިޔަށް ގެންދެވީއެވެ. އަޅުގަނޑުވެސް މައްސަލަ ޖެއްސީމެވެ. އެހެނަސް އަސާސީ ލަސްކުރުމުގެ ސިއްރު، އަމާޒަކަށް ކުރިމަތީގައި ބާއްވައިގެން ކުރިޔަށް ގެންދެވީއެވެ. މިކަން ކުރެވުނީ، ގަވާޢިދުގައި އޮންނަ ތިން ގޮތަށް ވޯޓަށް އައްސަވައިގެންނެވެ. އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް މެދުވެރިކޮށް ނެގި ވޯޓުން، ފާސްނުވީ 51 ވޯޓް ލިބުމުންނެވެ. ދެން އަތް ހިއްލައިގެން ނެގި ވޯޓުން ފާސްނުވީ 54 ވޯޓުލިބުމުންނެވެ. އަދި ތިންވަނަ ގޮތް ކަމުގައިވާ ރޯލްކޯލަށް ގެންގޮސްގެން ނެގި ވޯޓުން ފާސްވީ ހަމަކިރިޔާއެވެ. ބަރާބަރު 58 ވޯޓުލިބިގެންނެވެ. މިއީކަމެއް ފާސްވުމަށް ބޭނުންވާ އެންމެދަށު މިންވަރެވެ. އެމްޑީޕީގެ ނަމަށް ނިސްބަތްވެ ބޮޑުމަޖިލީހުގައި ތިބެ މިކަމަށް ވޯޓު ނުދިން މީހުންގެ ތެރޭގައި އަޅުގަނޑާއި މާރިޔާއަހްމަދު ދީދީ ހިމެނުނީ، މިކަމަކީ 2008މ، އަށް އަސާސިނިންމުން ލަސްކުރުމަށް ރާވައިގެން ހިންގާކަމަކަށް ވާތީއެވެ. މިކަމުގައި މާރިޔާގެ ވިސްނުން ހުރީ، އަޅުގަނޑާ އެއްގޮތަށެވެ. މިބަހަނާ ކުރިމަތިކޮށް މިވޯޓުގައި އެމްޑިޕީއަށް ނިސްބަތްވާ މީހުންގެތެރެއިން ބައިވެރިނުވީ ހަމައެކަނި އަޅުގަނޑުމެން ދެމީހުންނެވެ. ފަހެ، ވޯޓުލެވުނު މިގޮތްތަކަކީ، ވޯޓުގައި މައްސަލަ ޖެހުމުން ވޯޓުނެގުމަށް، ގަވާއިދު ބުނާގޮތްތަކެކެވެ. ރޯލްކޯލް ވޯޓްގައި ގަދައަޑުން ބައެއް ބޭފުޅުން، ރައްޔިތުންގެ މީހުންނަށް ވެގަތުމުގެ މަގްޞަދުގައި، “އާދެ، ވޯޓުދެން” މިގޮތަށް ހަރުއަޑުން ދެންނެވި މަންޒަރު ފެނިގެން ދިޔައެވެ. މިނިސްޓަރ އިލްޔާސްއާއި މިނިސްޓަރ ގާސިމް މިގޮތުން، ފާހަގަ ކުރެވުނެވެ. އަދިވެސް ބައެއް އިއްޒަތްތެރިންގެ ވޯޓު މިގޮތަށް، ރައްޔިތުންނަށް ދެއްކުމުގެ ގޮތުން ދެއްވިތަން ފެނިގެން ދިޔައެވެ. މިމީހުންގެ ތެރޭގައި ޔާމީނާއި ސަލީމު ހިމެނެއެވެ.

ފަހެ، ދަންނާށެވެ! އަސާސީ ލަސްކުރުމުގެ މަގްސަދުގައި ޗާލާކީކޮށް، ބޭނުންހިފަމުން މިގެންދާ އަމަލުތަކުގައި ފޮރިވިފައިހުރި ހެކިތަކާއި ހީލަތްތެރިކަން ވަރަށް އަވަހަށް ބޭޒާރުވެ، ފެންމަތިވެގެން ދާނެކަން ކަށަވަރެވެ. ލަސްތަކެއް ނުވާނެއެވެ. މިކަމުގެ ހަގީގަތްތައް ބޭޒާރުވެ، ފަޅާއަރާނެއެވެ.

އާދެ! ޚާއްޞަ މަޖިލީހަކީ، ފަހުބަސް ބުނުމުގެ ހައްގު ލިބިފައި އޮންނަ މުއައްސަސާއެއް ކަމަށްވާތީ، މިހިސާބުން އާންމު ވޯޓުގެ ކަންތައް ކުރިއަށް ގެންދަން މަޖުބޫރުވީއެވެ. އެހެނަސް ޝަހީދު ޒަކީގެ މިހުށަހެޅުއްވުން އޮންނަ ގޮތުން މިއީ، ގާނޫނީގޮތުން ކުރެވޭނެ ކަމަކަށް ނުވެއެވެ. މިކަންވެގެން ދާނީ، ރައްޔިތުންނަށް އޮޅުވާލާ ބޮޑުއޮޅުވާލުން ގަނޑަކަށެވެ. ވެރިކަމުގެ ފަރާތަށް ފުންނޭވާއެއްލާއި ހިންދަމާ ލުމަށްދެވޭ، ރަނުގެ ފުރުސަތަކަށެވެ. އަދި މިކަމުން ނާޖާއިޒު ފައިދާނަގާނީ ވެރިކަންކުރާ ފަރާތުންނެވެ. ދެންފަހެ، މިޕްރޮޕެގެންޑާގެ ފަހަތުގައި ފޮރުވިފައި އޮތީ، މުޅި އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ލަސްކުރުން ކަން އަޅުގަނޑަށް، ސާބިތުވެއްޖެއެވެ. ނައިބު ރައީސް އޮނަރަބަލް ޝާހީން ހަމީދުގެ ބެއްލެވުމުގެދަށުން، އިދާރީ ކޮމިޓީގެ ލަފާގެމަތިން އާންމު ވޯޓާބެހޭ އިދާރީ މަސައްކަތްތަކެއް ކުރެވިފައި ވަނިކޮށް، ރައީސް އައްބާސްގެ ޕްރޮޕެގެންޑާ ވިސްނެވުމުގެ ދަށުން، މިކަންތައް އަލުން އެޖެންޑާކޮށް، ކުރިން ކުރެވިފައިވާ ހުރިހާ މަސައްކަތެއް ކުރެވިފައިވަނީ، ގާނޫނީ ހައިސިއްޔަތެއް ނެތް ކޮމިޓީ ތަކަކުން ކަމަށް ފާސްކޮށް ނިންމަވައިފިއެވެ. މިއީވެސް އަރަތެކެވެ. އައްބާސް ކުޅުއްވާ ކުޅިވަރެކެވެ. މިފާސްކުރުމާއެކު ކުރިން މަސައްކަތް ކުރި ކޮމިޓީތައް އުވިއްޖެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތަށް ވޯޓުގެ ކަންތައްތައް ކުރިޔަށް ގެންދިއުން ހުއްޓުނީއެވެ. ދެން އަނެއްކާވެސް އެޖެންޑާ ކުރެވި ހުށަހެޅުނީ، އާންމު ވޯޓުގެ ކަންތައް އަލުން ކުރިއަށް ގެންދާނެ ގޮތެއް، ހަމަޖެއްސެވުމުގެ ބަހުސެވެ. އަނެއްކާވެސް ނުވަތަށް ނިއުޅާލައި ދަންމާލީއެވެ. ކިހާރީތި ތޯއެވެ! މިއީވެސް ފާޑެއްގެ ކަމެކެވެ. ރާވާއިގެން ކުޅޭކުޅި ގަނޑެކެވެ. ރައްޔިތުންނާ ދެކޮޅަސް ހިންގާ ޖަރީމާއެކެވެ. ފަހެ ކުރާނީކީއްތޯއެވެ! މިވާހަކަތައް ދައްކަން ހުރީ، އަޅުގަނޑު އެކަންޏެވެ.

ފަހެ، ދަންނާށެވެ! މިބަހުސް ވެގެން ދިޔައީ ވަރަށް ފޯރިގަދަ ބޮޑު އަރާރުމަކަށެވެ. ޖަދަލުކުރު މަކަށެވެ. އާދެ! 114 ވަނަ ޖަލްސާގައި ދެ ހުށަހެޅުމެއް ހުށަހެޅި ހޫނު ބަހުސްތަކަކަށް ފަހު، ފާސްވީ، ރައީސުލް ޖުމުހޫރިއްޔާގެ މެންބަރު އާޒިމާ ޝުކޫރު ހުށަހަޅުއްވި، 11 މެންބަރުންގެ ކޮމިޓީއަކުން އާންމު ވޯޓުގެ މަސައްކަތް ބަލަހައްޓައި ކުރާގޮތަށްއޮތް ހުށަހެޅުމެވެ. މާލޭގެ މެންބަރު އިބްރާހިމް އިސްމާޢީލު ހުށަހެޅުއްވި ގޮތް ފާހެއް ނުވިއެވެ. ލިބުނީ އެންމެ 28 ވޯޓެވެ. 114 ވަނަ ޖަލްސާއަށް މެންބަރުން ހާޒިރުވެވަޑައިގަތީ އާދައާ ޚިލާފަށް ބައިގަނޑު ބައިގަނޑަށެވެ. އުދުހިފައި އައިދޫނި އައިނެއް އައިސް ތިރިކޮށްލި ހެންނެވެ. އިސާހިތަކު 96 މެންބަރުން ހަމަވެގެން، އިބްރާހިމް އިސްމާޢީލްގެ ހުށަހެޅުއްވުމަށް ތާޢީދުކުރެއްވި މެންބަރުން ގޯތިތެރޭގައި ހުރިކުޑަ ދޮށުގައި، ޖަލްސާއިން ބޭރުގައި ތިއްބަވަނިކޮށް ޖަލްސާ ފެށިއްޖެއެވެ. ކުރިޔަށް ދާންފަށައި ފިއެވެ. އާޒިމާގެ ހުށަހެޅުން ފާސްވީ 66 ވޯޓް ލިބިގެންނެވެ. 11 މީހުންގެ ކޮމިޓީއެއް އެކުލަވާލައި އެކޮމެޓީއަށް އެމަސައްކަތްކުރާނެ ބާރުތަކެއް ދޭންވީއެވެ. އާންމު ވޯޓުގެ ކަންތައްތައް އެމީހުންގެ ބެލުމުގެދަށުން، ކުރިއަށް ގެންދަންވީއެވެ. އާންމުވޯޓުގެ ކަންތައްތައް ކުރިއަށް ގެނދާނެ ގޮތުގެ ލިއުމެއް، އާދެ! އެވޯޓާބެހޭ ގަވާޢިދެއް ލިޔެ ތައްޔާރުކޮށް މުޅި މަޖިލީހުން ފާސްކުރަން ވީއެވެ. ރިޔާސީއާއި ބަރުލަމާނީ، މިދެނިޒާމުގައި ހިމެނޭރަނގަޅު ސިފަތަކާއި ނުރަނގަޅު ސިފަތައް ބަޔާންކުރާ ކަރުދާހެއް ތައްޔާރުކޮށް ރައްޔިތުންނަށް، މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވީއެވެ. ސަރުކާރުން ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާގޮތް، ބޮޑު މަޖިލީހުން ބަލާ މޮނިޓަރ ކުރަންވީއެވެ. ވޯޓުގެ ކަންތައް ނިމުމުން، 14 ދުވަހުގެ ތެރޭގައި އެކަން ހިނގާ ދިޔަގޮތުގެ ރިޕޯޓެއް ބޮޑުމަޖިލީހަށް ހުށަހަޅަންވީއެވެ. މިއީ ޑީއާރުޕީގެ “ދަގަނޑު އަންހެނާ” އާޒިމާޝަކޫރު އިސްވެ ހުންނަވައިގެން ރޭއްވެވި ގޮތެވެ.

އާދެ! މިވޯޓުގެ ހުރިހާކަމަކާ ބޮޑު މަޖިލީހުން، ހަވާލުވާންވީއެވެ. ކޮންމެއަކަސް، މިއީ އެމެންބަރުގެ ޚިޔާލީ ފޮލާއެވެ. އެހެނަސް މިއޮއްތީ ފާސްވެފައެވެ. ޑީއާރުޕީން ބޭނުންވި ގޮތެވެ. މިކަންތަކަކީ ބޮޑު މަޖިލީހުން، ކުރަން ފަސޭހަ ކަންތައް ތަކެއް ނޫނެވެ. ވެރިކަމުގެ ފަރާތުން އިންސާފު ވެރިކޮށް، ކުރިޔަނުދޭނެތީ އެވެ. ވޯޓާ ބެހޭ ގަވާޢިދެއް ހަދާ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރެވޭނީ ކޮން ދުވަހަކުން ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އަސާސީ ހަދަން އެއްވެތިބި މީހުން ގާނޫނާއި ގަވާޢިދު ތައްވެސް ހަދާ ފާސްކުރަން ޖެހުނީއެވެ. ފެންނަ ނުފެންނަ އާންމުވޯޓުތައް ވެސް ނަގައި ހިންގަން ޖެހުނީއެވެ. އަވަހަށް އެމަސައްކަތް ފަށަންވީއެވެ. މުޅި ގައުމާވެސް ހަވާލުވާންވީނޫންތޯ އެވެ! މިއީއަސާސީ ލަސްކުރުމަށް ރޭވުމެއްގެ ދަށުން ކަނޑައެޅިގެން ދިޔަ، ކަމާނުބެހޭ އިތުރު ފިޔަވަޅެކެވެ. ކުއްލިއަކަށް ރާވާލެވުނު ނުސީދާ ކަންތައްގަނޑެކެވެ. މިކަމުން، ރައްޔިތުންނަށް ފައިދާއެއްކުރާނީ މިކަންހެޔޮގޮތުގައި ބޮޑުމަޖިލީހުން އިސްވެކުރާގޮތަށް ހުރިހާބާރަކާއެކު މިނިވަންކަމާއެކު، ކުރުމަށް ދޫކޮށްލެވިގެންނެވެ. މިހާރުމިނިންމުނީ ބޮޑުމަޖިލީހުން މޮނިޓަރ ކޮށްބެލެ ހެއްޓުމާއެކު، ސަރުކާރާހަވާލު ކޮށްގެން އެއްބަސް ވުމެއްގެ ދަށުން ކުރުވާގޮތަށެވެ. ބޮޑުމަޖިލީހުން ހަވާލު ކުރީމާ ސަރުކާރުގެ ކަމާބެހޭ ފަރާތުން އެބުނާކަމެއް ކޮށްދޭ ގޮތަށެވެ. މިއެއްބަސް ވުމައި ސަރުކާރުން ޚިލާފުވިޔަސް ބޮޑުމަޖިލީހުން ކުރެވޭނެ ކަމެއްނެތެވެ. އެޅޭނެ ފިޔަވަޅެއް ނެތެވެ. މިއީ 114 ވަނަ ޖަލްސާގައި ބޮޑުމަޖިލީހުން 11 މީހުންގެ ކޮމެޓީއަށް ބާރުތައް ދިންގޮތެވެ. 4 ނުކުތާގެ ޒިންމާތައް ހަވާލުކުރިގޮތެވެ. ސުވާލަކީ އިންސާފުވެރި ގޮތަކަށް މިމަސައްކަތް ކުރާނެގޮތެކެވެ. މިކަންވެގެންދާނީ ކިހިނެތްބާވައޭ އަޅުގަނޑުހިތަށް އަރައެވެ. ބަލަންތިބެމާ ހިންގަވާށެވެ. ވާއެއްޗެއް އެނގިދާނެތާއެވެ. ކަށަވަރެވެ. ގަދަވެގެންދާނީ ރަޔާސީ ނިޒާމަށެވެ.

އާދެ! 114 ވަނަ ބައްދަލުވުމުގައި މިނިންމުނު ކަންތައްތަކަކީ، ކުރެވޭނެ ކަމެއް ނޫންކަމާއި މިކަން މިގޮތަށް ކުރެވެންޏާ، ބޮޑު މަޖިލީހުން ކުރަން މާރަނގަޅު ކަމެއްގެ ގޮތުގައި، އަޅުގަނޑު އެޖަލްސާއަށް ގޮތެއް ހުށަހެޅީމެވެ. އެއީ 93 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އާންމު ވޯޓް ނެގުމުގެ ކަންތައް ގެންދާނެ ގޮތަކީ، “އާގާނޫނުއަސާސީ ހެދި އަމަލުކުރަން ފަށަންދެން، ޚާއްޞަ މަޖިލީހުން 7 މެންބަރުންގެ ކޮމިޓީއެއް ހޮވައިގެން ނަގައި އެކޮމެޓީއަށް ބޮޑުމަޖިލީހުން ދޭ ބާރުތަކެއްގެދަށުން، އެކޮމިޓީއާ ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ހަވާލުކުރުމަށްފަހު، މިހާރުމިއޮތް ގާނޫނު އަސާސީ އުވާލުމެވެ.” އަޅުގަނޑުގެ ނަޒަރުގައި މިއީ ދާދި އެއްގޮތް ދެގޮތެވެ. މިއީ އަޅުގަނޑުގެ ޚިޔާލީ ފޮލައެވެ. އެއީ “ދަގަނޑު އަންހެނާ” އާޒިމާގެ ޚިޔާލީ ފޮލައެވެ. އެހެނަސް އަޅުގަނޑަށް، މެންބަރުންގެ ތާއީދެއް ނުލިބުނެވެ. އަޅުގަނޑުގެ މިޚިޔާލު ވަޅުޖެހީއެވެ. ފާހެއް ނުވިއެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. މިއީ ދިވެހި ތާރީޚަށްޓަކައި އަޅުގަނޑު ގޮވާލި ގޮވާލުމަކަށް ނުވެ ނުދާނެއެވެ. ދެންފަހެ، އެއަށްފަހު 115 ވަނަ ޖަލްސާ ދިޔައީ ހޫނުގަދަ ޖަދަލުކުރުން ތަކުގައި 11 މީހުންގެ ކޮމިޓީއެއް ހޮވުމުގެ ފޯރީގައެވެ. ނަންހުށަހަޅާއި ނަންއަނބުރާ ގެންދިއުމުގެ ކުޅިގަނޑެއްގެ ތެރޭގައެވެ. ފަހެ، މިހޫނުގަނޑު އިންތިހާއަށް ދިޔައީ 116 ވަނަ ޖަލްސާގެތެރޭގައެވެ. އަދިވެސް އޮތީ މިބަހުސް ކުރިއަށެވެ. 11 މީހުންގެ ކޮމެޓީ ނެގޭނީ، ކިތައްޖަލްސާ ކޮށްގެންކަމެއް ނޭގެއެވެ. ހަމަ ގައިމުވެސް ހަތަރު ފަސްޖަލްސާއެއް 11 މީހުން ހޮވުމުގައި ދާނެކަމަށް ލަފާކުރެވެއެވެ.

އާދެ! 116 ވަނަޖަލްސާއަކީ، ބޮޑު މަޖިލީހުގެ ތާރީޚުގައި ހިނގާދިޔަ އާދައާ ޚިލާފު ބައްދަލުވުމެކެވެ. ބޮޑުމަޖިލީހުގެ ތާރީޚުގައި ފަލައަކުރުން ފަވާލެވެންޖެހޭނެ ޖަލްސާއެއްގެ ގޮތުގައެވެ. އިއްޒަތްތެރި، ތިން މެންބަރަކު ޖަލްސާއިން ނުކުތުމަށް އައްބާސް، އިންޒާރުދެއްވާއި އަމުރުނެރުއްވި އެވެ. މިއަމުރަށް ކިޔަމަންތެރިވެ ނުލެއްވި ދެމެންބަރުން، މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީސްކުރާ ގޭގެ ސެކިއުރިޓީ ބަލަހައްޓާ ނަމުގައި ތިބޭ ސިފައިންނަށް އަމީނުލްއާންމު މެދުވެރިކޮށް، އެންގުނެވެ. މިއީ ސިފައިންގޭން މުސާރައާއި ކޮއްތު، ދެމުން ގެންދާ، އުފުލައިގެން މީހުންނެރުމަށް ތަމްރީނުދެވިފައި ތިބޭބައެކެވެ. އެހެނަސް ސިފައިންނަށް ޖެހުނީ އެތަޅުމުން ފެއަށް ދުރަށް ޖެހޭށެވެ. ވަދެ، ގަޔަށް އަތްލައި ބިޑިއަޅުވާ އުފުލާލައިގެން އެދެމެންބަރުން، ނެރޭކަށް ނުކެރުނެވެ. ހިނގާދިޔަ ހޫނު ބަހުސް ތެރޭގައި އަޅުގަނޑުގެ ގޮވާލުމެއް ހަރުއަޑުން ގޮވާލީމެވެ. “ޕިޔޮންގ ޔެންގ އިން ނޯތް ކޮރެއާގައި، ރޭ (116 ވަނަ ޖަލްސާ އޮތް ދުވަހުގެ) ފަތިހު ވަގުތެއްގައި އަލަށް، ނިއުކްލިއަރ ބޮމުގެ ޓެސްޓެއް ތަޖުރިބާކޮށް ގޮއްވާލައިފިއެވެ. އަޅުގަނޑުމެން މިތިބީ މާ ފަހަތުގައި ނިދާފައެވެ. ހޭއެރުމެއް ނެތިއެވެ. ދުވަސްވީ ވެރިކަމެއް ދެމެހެއްޓުމުގައި އަވަދިނެތިފައެވެ. އެންމެން ތިލަފުއްޓަށް އެއްވެ އިންގިލާބީ ޙަރަކާތެއް ގޮއްވާލައި ތަޖުރިބާ ކުރަން ވެއްޖެއެވެ. އެހަރަކާތަށް އަޅުގަނޑުމެން ދޭންވީނަމަކީ، އިންގިލާބީ ހަރަކާތެވެ. އެހަރަކާތް، ލީޑުކޮށްދޭނެ މީހަކުނެތިއްޔާ އަޅުގަނޑު މިހުރީ ކުރިމަތިލާން ތައްޔާރަށެވެ. ކެރިގެން ކުރިމަތިލާށެވެ. ސީދާއިންގިލާބީ ހަރަކާތަށް ގޮސްގެންނޫނިއްޔާ، އަޅުގަނޑުމެންގެ ގާނޫނު އަސާސީ 2008 ގެ ކުރިން އިސްލާހު ކުރެވޭނެ މަގެއް ފެންނާކަށް ނެތެވެ.” އަދިވެސް ތަކުރާރުކޮށްވެސް އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ ފަރާތުން އިންގިލާބީ ޙަރަކާތެއް އުފައްދައި، ޙަރަކާތްތެރި ވެގެންނޫނީ 2008 ގެ ކުރިން އަސާސީ އިސްލާޙެއް ނުކުރެވޭނެ ކަމަށެވެ. ޔަގީނެވެ. ކަށަވަރެވެ. ދެބަސްވާނެ މީހަކު ދެކޮޅު ހެއްދެވިޔަސް، މިއީ މިކަން އޮތް ގޮތެވެ. އަދި ބަދަލުވާތަނެއް ނުފެނެއެވެ. މިއީ ތާރީޚަށްޓަކައި ދަންނަވާލެވުނު އަޅުގަނޑުގެ އަމިއްލަ އިހްސާސްތަކެއް ކަމުގައި ގަބޫލުކުރެއްވުން އެދެމެވެ. ބޮޑުމަޖިލީހުގެ ހަގީގީ މަގުވަނީ ގެއްލިފައެވެ. ރައްޔިތުންގެ ސިޔާސިބާރު ކަމުގައިވާ ސީދާމަގު ވަނީ، އަނބުރާ ހޯދަންޖެހިފައެވެ. ބޮޑުމަޖިލީހުގެ ރައީސްކަމުން އައްބާސް ބޭރުކުރަން ވެފައެވެ. މިކަން ކުރުމަށް ނުވަދިހަތިންވަނަ ޖަލްސާގެ ތެރޭގައި އަޅުގަނޑު ހިތުގެ އަޑިން މިހުރީ ނިޔަތް ގަނެގެންނެވެ. ފަހެ، މިކަހަލަ ކަމެއްކޮށްގެން ނޫނީ، ސާފުމަގެއް ނުހޯދޭނެއެވެ. ކޮންމެއަކަސް އަދިއެއް އެމަގެއް ނުފެނެއެވެ. އަޅުގަނޑުގެ ލޮބުވެތި ކިޔުންތެރީންނެވެ! މިއިހްސާސްތައް ގެނެސްދިނުމުގެ ބޭނުމަކީ، ކިޔަވާ އުމުރުގެ ތާޒާ ސިކުނޑިތަކެއްގެ އަހުލުވެރި، ޒުވާނުންގެ ސަމާލުކަމަށް، މަގުގެއްލިފައިވާ ބޮޑުމަޖިލީސް ގެނައުމެވެ. ކުރިޔަށް އޮތްތަނުގައި ވާނެ، އަދި ނުވާނެ ގޮތްތައް ވިސްނައި ދިރާސާކުރައްވާށެވެ. ﷲ އަޅަމެންނަށް ފުރިހަމަ ބުއްދިދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page