top of page

ބޭހާއި ނުކުޅޭތި ބަޑި ނޭގިހުއްޓާ އަނދައިދާނެ ގޭމަކޮޔާ ފިހިދާނެ.

  • Writer: ilyashusein
    ilyashusein
  • Oct 11, 2009
  • 7 min read

=އިލްޔާސް ހުސައިން އިބްރާހިމް. (ލިޔުނީ، 2006 ޖޫން)=

1932 މ، ވަނަ އަހަރު، ޑިސެމްބަރ 22 ވަނަދުވަހު ދިވެހިރާއްޖޭގައި އަލަށް އިޢްލާން ކުރެވުނު ޤާނޫނުއަސާސީ ނިމޭތާގައި އަޅާނޭ ޢިބާރާތަކާ މެދު، ކުރެވުނު ބަހުސް ހަނދުމަފުޅުހުރީ ބޮޑު މަޖިލީސްގެ ކިތައް މެމްބަރުން ބާވައޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އާދޭހެވެ! އެކިބޭފުޅުންނަށް ފެނިވަޑައި ގަންނަވާ އެކި ޢިބާރާތްތައް މޭޒުމައްޗަށް ހުށަހެޅެމުން ދެއެވެ. އަލްފާޟިލް ޙުސައިން ޙިލްމީދީދީގެ ދައުރު އަތުވެއްޖެއެވެ. (އަލްފާޟިލް ޙުސައިން ޙިލްމީދީދީ އަކީ އަޅުގަނޑު މެންގެ ރާއްޖެއަށް މިހާރު މަޝްހޫރު އަލްފާޟިލް ޢާރިފްޙިލްމީގެ ލޮބުވެތި ކާފާފުޅެވެ. އިނގިރޭސި ތަޢުލީމުގެ އަރާހުންނެވި ބޮޑު ޢިލްމުވެރި އެކެވެ.) އޭނާއަށް ފެނިވޑައިގަތީ ރައިވަރަކުން ނިންމާލު މަށެވެ.

ބައެއް މެންބަރުން ދިޔައީ “އައްޑިހައަށް އަރައިގެންނޭ” ދެންނެވުމުން އެއީ މެންބަރުންނަށް ރައްދުކުރެވުނު އިހާނެތި ބަހެއްކަމުގައި ހިމެނޭނެބާއެވެ؟ ޙުސައިން ޙިލްމީދީދީ ހުށަހެޅުއްވި ރައިވަރަކީ: “ބޭހާއި ނުކުޅޭތި ބަޑި ނޭގި ހުއްޓާ އަނދަދާާނެ ގޭމަކޮޔާ ފިހިދާނެ” މިރައިވަރެވެ. ވަރުގަދަ ބަހުސަކަށްފަހު ނިމުނީ، “قَالَ اللَّه تَعَالىَ: وَأَمْرهمْ شُوْرَى بَيْنَهُمْ” (صَدَقَ الله ُالْعَظِيْمُ) މިހެން ލިޔުމަށެވެ. އާދެ! އެއީ މީގެ 74 އަހަރު ކުރިއެވެ. ނަމަވެސް ތާރީޚީ ގޮތުންބަލާއިރު އެއީ މިރާއްޖޭގެ އިހަކަށްދުވަހެވެ. އެދުވަސްވަރު މަންޒަރުތައް ލޮލުންދުށް މީހުން މިއަދުވެސް ރާއްޖޭގައި އެބައުޅެ އެވެ. ކަންވީ ކިހިނަކުންތޯއެވެ؟ ޙުސައިން ޙިލްމީދީދީގެ ވިސްނުންފުޅަށް އައްސަރިބަހާއި ސާބަ ހެވެ. ކަންވީ، ހަމަަ އެދީދީ ވިދާޅުވިގޮތަށެވެ. ޤާނޫނުއަސާސީ ފާސްވުމާ އެކު، ހަމަގިނަދުވަސް ތަކެއް ނުވެ، ޤާނޫނައި ކުޅެންފެށިއްޖެއެވެ. އާދެ! އެކަންވީހަމަ ބަޑިބޭހާ ކުޅުންފަދަ ކަމަކަ ށެވެ. އާދެ! ކުރިން ލިބިވަޑައިގެންފައި އޮތްބާރުފުޅުތައް އުނިވެއްޖެކަމަށް އޭރުގެ ކީރިތ މަހާރަދުން (އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން އިސްކަންދަރު، (ސީއެމްޖީ) އިބްނު ސުލްޠާނު އިބްރާހިމް ނޫރައްދީން އިސްކަންދަރު ކީރިތި މަހާރަދުން) އެމަހާ ރަދުންގެ ޢިލްމުވެރި، ހަމައެކަނި ހުންނެވި ފިރިހެން ދަރިކަލުން، ޕްރިންސް ޙަސަން ޢިއްޒުއްދީނާއި ދެބަފާކަލުންނަށް ލިބިވަޑައިގަތް އުދާސްތަކުގެ ސަބަބުން ޤާނޫނުއަސާސީ އުވާލެވި އެޤާނޫނުއަސާސީއަށް ބަޔަކުމީހުން ފައިންއަރާ ކުޅުޖަހާ އުވާލުމުގެ ދުވަސްއައީ މާކަގިނަދުވަސްތަކެއް ނުވެއެވެ. އާދެ! ތާރީޚުގެ މިއަނދިރި ޞަފްޙާތައް ތިޔަބޭފުޅުން ދެކެވަޑައިގަންނަވަން ބޭނުންފުޅުނަމަ މިރާއްޖެއިން ލިބެންއެބަހުއްޓެވެ. އަމީންދީދީ ލިޔުއްވި ދިވެހި ތާރީޚު ފޮތްތަކުން މިވާހަކަތައް ފެންނާނެއެވެ. ހޯއްދަވައިގެން ވިދާޅުވާށެވެ. މިދެންނެވި ޤާނޫނުއަސާސީ އިޢުލާން ކުރެވުނު ދަރުބާރުގައި ކީރިތި މަހާރަދުންގެ ބަޔާން އިއްވުމަށްފަހު، އޭގެ ޖަވާބުގައި އޭރުގެ ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމްއެފެއަރޒް) އޮނަރަބްލް އަޙުމަދު ކާމިލްދީދީ ރައްޔިތުންގެ ފަރާތުން ދެންނެވުނު ޖަވާބުގައި ވިދާޅުވިއެވެ. “އެދުވަހަކީ މާތްރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެން މިދިވެހިންގެއާއި، މިރާއްޖޭގެ ތާރީޚު ގައި ތަދުވީނު (ލިޔާނެ) ކުރާނެ މީހަކު ތެދުވެރިކަމުގައި ވީނަމަ، ނުލާހިކު ސާފު ރަންއަކުރުން ލިޔެވިގެންދާނޭ ދުވަހެކެވެ. އެކަމަކު އެއަށްވުރެންވެސް ކުލަރީތިވެގެންވާ، ފަލަ އަކުރުން ލިޔެވިގެން ވާނީ، އަޅުގަނޑުމެން މިދިވެހިރާއްޖޭގެ މައްޗަށް އެންމެފުރަތަމައިން ޢަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެގެންވާ ފުރިހަމަ ދުސްތޫރީ ޤާނޫނެއް ހިންގެވި، މާތްކަމާއި ޢިއްޒަތް އުފުލިގެންވާ މާތްރަސްގެފާނުގެ ބަރަކާތްތެރި ނަންފުޅެވެ. ރަސްގެފާނަކީ މާތްވެގެންވާ ތިޔަ އިންނެވި މަނިއްޕުޅެވެ.” އާދެ! މިތާރީޚީ ޙާދިސާތައް ކިޔާލުމުން ލިބިގެންދާ މުހިންމު ފިލާވަޅަކީ މުއައްރިޚުން އެވިދާޅުވާގޮތަށް “ތާރީޚަކީ އޭގެޒާތުގައި އިޢާދަވާއެއްޗެއް” ކަމެވެ. ހިޖުރީ ސަނަތުން ހާހާއި ހަތަރު ސަތޭކަ އަށާރަވަނަ އަހަރުގެ ރަޖަބުމަހުގެ ހަތާވީސްވީ، މީލާދީ ސަނަތުން ހާހާއި ނުވަސަތޭކަ ސަތާނަވައި ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތާވީސްވީ (27.11.1997) ބުރާސްފަތިދުވަހު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދަރުބާރު ކުރެވި، ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޛު އައްޝައިޚް އަލްހާފިޒު މުޙަންމަދު ރަޝީދު އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްއުސްތާޛު އަބްދުﷲ ޙަމީދުގެ ހާޒިރުގައި، އަދި މިދަރުބާރަށް ހާޒިރުވެތިބި އެންމެތަކުންގެ ކުރިމަތީގައި ﷲގެ އިސްމުފުޅުގެ ބަރަކާތުން މިހާރު މިޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަޞްދީގުކޮށްދެއްވި ޖަލްސާގައި، އަބްދުﷲ ޙަމީދުގެ ވާހަކަފުޅު، އެމަނިކުފާނުގެ ލޮބުވެތި ބޭބޭފުޅު ރައީސް މައުމޫނު ކަނާތްފަރާތުގައި ބައިންދަވައިގެން އިންނަވައި އެމަނިކުފާނަށް، އިޝާރާތް ކުރައްވާ ދެއްކެވީ ވެސް ހަމަ މިމޭރުމުންނެވެ. މުޚާޠަބުކުރެއްވީ މިފަދަ ބަސްފުޅުތަކުންނެވެ. އަކުރުން އަކުރަށް ކޮޕީ ކުރައްވައިގެން ކަހަލަ ގޮތަކަށެވެ. ޖުމްހޫރިއްޔަތެއް ގައި މިފަދަ މުނާސަބަތު ތަކަކީ، ވެރިމީހާއަށް ތަހުނިޔާ ކިޔާއި އޭނާ އުފުލަންވީ މަގާމެއް ނޫނެވެ. މަޖިލީހުގެ ރައީސްގެ ބަސްފުޅަކަށް ވާންޖެހޭނީ ހަމަ އެކަނި، އަސާސީން ބުނުމަށް ހުއްދަކުރާ މިންވަރު އެކަންޏެވެ. އެހެނަސް އަބްދުﷲ ހަމީދުގެ ސަނާކިޔުން ގެންދެވީ، އަހްމަދު ކާމިލްދީދީ ގެންދެވި ބަހުރުވައިންނެވެ. ކޮޕީކުރައްވައި ގެންނެވެ. ފަހެ، މިއީ ވައިއެޅުވުމުގެ އިންތިހާއެވެ. މިޒަމާނަށް ފެތޭކަމެއް ނޫނެވެ. އާދެ! ކުރިން މިދެންނެވި ތާރީޚީ ހާދިސާއަށް އެގާރަމަސްފުރުނު އިރު ( ދަންނަވަންތޯ، އެތާރީޚީ ޙާދިސާއަށް އަދި އެއްއަހަރުވެސް ނުވެއެވެ.) ކީރިތި މަހާރަދުންގެ މޭޒުކޮޅު މަތީގައިއޮތްް މި އަގުބޮޑު ޤާނޫނުއަސާސީ އޮންނަން ޖެހުނީ، ގުޅަކުޅޭ ފަސްގަނޑުގައި ބިންމަތި ވެފައެވެ. އިހާނެތި ކަމާ އެކު، ވީދާކުދި ކުދިކޮށް ލެވިފައެވެ. ރައްޔިތުންގެ ތެރެއިން ބަޔަކުމީހުން މިޤާނޫނުއަސާސީ ފައިދަށުލާ ފުނޑާ، ކުޅުޖަހަމުން ދިޔައެވެ. އާދެ! ދެންއައީ މިހުރިހާ ކަމެއްގައި ނިމުމުގެ ސިއްކަ ޖެހުނު ތާރީޚީ ދުވަހެވެ. މިދެންނެވި ޤާނޫނު އަސާސީ ވީދާލި ހާދިސާއަށް، އެންމެ އަހަރެއްވެސް ނުފުރި އުޅެނިކޮށް މިދެންނެވި ޤާނޫނު އަސާސީ ތަޞްދީގު ކުރެއްވި ކީރިތިމަހާ ރަދުންނާއި އެމަހާރަދުންގެ ދަރިކަލުން ކުށްވެރިވެ، މުލީއާގޭގައި ބަންދުކުރުމުގެ ހިތާމަވެރި ހާދިސާއާ ކުރިމަތިލާންޖެހި ވަޑައިގަތެވެ. އެއްރެއެއްގެ ފުރަމެންދަމު އެވެ. އާދެ! އޭރުގެ ބަހުރުވައިން ނަމަ، ދަންބެރު ޖެހިއިރު ރަދުންގެ ތެއްތިރީސް އަހަރުގެ ދިގުރަސްކަމު ގައި ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ. ޝަމްސުއްދީން ރަދުންގެ ދިގުރަސްކަން ނުހަނުހިތި، ހިތާމަވެރި ގޮތެއްގައި ނިމިގެން ދިޔައީއެވެ. އާދެ! ދަންނާށެވެ! ގާނޫނު އަސާސީ އެއް ނެތްއިރުއޮތް އާދަކާދައިގެ ވަށްޓަފާޅި ގޮތްގަނޑު ނެތިކޮށްލީ، އަސާސީއެއްގެ ދަށުން ބާރުލިބިގަތުމުގެ ބޭނުމުގައެވެ. އެހެނަސް އަސާސީއަށް ބެލުމެއްނެތި ބާރު ބޭނުންކުރެއް ވުމުގެ ނަތީޖާއަކީ މިއެވެ. ހަމަމިހާރު ވެސް ކުރެވެމުން އެދަނީ އެއްކަމެ ކެވެ. އަސާސީ އަށް ވުރެ، ރައީސް މައުމޫނުގެ ބާރުމާގަދައީ އެވެ. އަދި ޑީއާރުޕީގެ ޒަޢީމުގެ ބާރު އެއަށްވުރެ ގަދައެވެ. އެއްވެސް ކަހަލަ އިންތިޚާބަކާނުލާ، ދިވެހި ސަރުކާރު ހިންގަނީ އެޕާޓީންކަމުގައި ޑިފެންސް މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢު ވަނީ، ވަރަށް ފާޅުގައި އެޕާޓީގެ ބޮޑުޖަލްސާއެއްގެ ރިޔާސަތުގައި އިންނަވައި ގެން، އިޢުލާން ކުރައްވާފައެވެ. އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! ހަގީގަތުގައި، އަސާސީއާ ކުޅުމަކީ މިއެވެ. 5 ޖޫން 2006މ، ދުވަހުގެރޭ “10 ން 10 އަށް” މި ޕްރޮގްރާމުގައި އޭޖީސާހިބު، ޑރ. ހަސަންސައީދު ވެސް ވަނީ، މިވާހަކަ ފަށްފަށް ކުރައްވާ ފައެވެ. ގަދަބާރުލުމާއެކު، ތަކުރާރުކޮށް އިއުލާނުކޮށް ހަދާފައެވެ. މިއީ އޭނާ އެފަދަ މަގާމެއްގައި ހުންނަވައިގެން ކުރެއްވި ޖަރީމާއެކެވެ. ދުވަހަކު ވެސް ރައްޔިތުން އެކަމަށް މާފުދީގެން ނުވާވަރުގެ ކަމެކެވެ. މިކަން އިޢުލާނު ކުރެއްވީ، ދިވެހި ގައުމީ ޓީވީގައެވެ. ކަނޑައެޅިގެން މިކަމަކީ، އަސާސީއާ ޚިލާފު އަމަލެކެވެ. އާދެ! ޝަމްސުއްދީނު ރަދުންގެ ދިގު ރަސްކަން ނިމިދިޔައީ ކީއްވެތޯއެވެ. ޙުސައިން ޙިލްމީ ވިދާޅުވިފަދައިން ޤާނޫނު އަސާސީއާއި “ކުޅުއްވި” ކަމުގެ ހިތިނަތީޖާ ގައެވެ. ދަންނަވަންތޯއެވެ! ފެހެ، މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. ވެރިމީހާ އާއި ރައްޔިތުންނަށް އޮތް ޢިބްރަތެ ކެވެ. ފަހެ، ފިލާވަޅު ލިބިގަންނާށެވެ! އެއްގޮތަކަށް ވެސް ޤާނޫނު އަސާސީ އާއި ކުޅުއްވަން ނޫޅުއް ވާށެވެ. ދެފޮޅުވަތް ދޭތެރެއިން ނުބައިމާނަ ނުނަންގަވާށެވެ. އަމިއްލަފުޅަށް ތައުވީލު ނުކުރައްވާށެވެ. އޮޅުވާ ނުލައްވާށެވެ. ދައުލަތުގެ ބަންޑާރަނައިބު ޑޮކްޓަރ ހަސަން ސަޢީދު ލައްވާ ގޯސްނުހައްދަވާށެވެ. މާލަސްތަކެއް ނުވެ އޭގެ ހިތިނަތީޖާ ފެނުމަކީ ކާރިކަމެކެވެ. ކުރީގެ ބަންޑާރަނައިބެއް ކަމުގައިވާ، ޑރ.މުނައްވަރު ލައްވާ ލިޔުމުން ހޯއްދެވި ލަފަޔަކީ، އަސާސީގެ 150 ވަނަމާއްދާގައި އެބުނާ، ޤާނޫނު އަސާސީ ގައި ބަޔާންވެގެންވާ ކަންތައްތަކުގެ ތެރެއިން، އިތުރު އިންތިޒާމު ތަކެއް ހަމަޖައްސައިގެން މެނުވީ، ހިންގަންފަށަން ދަތިވާކަންތައް ހިންގަން ފެށުމުން، މިޤާނޫނު އަސާސީ އަށް ޢަމަލުކުރާދުވަހުން ފެށިގެން ދެއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އެގާނޫނުތައް ފަސްކުރުމުގެ ބާރު ރައީސުލް ޖުމުހޫރިއްޔާއަށް، ދެވިފައި ވަނިކޮށް އެގޮތުގެމަތިން ހަދަންޖެހޭ އެތައް އެތައް ޤަވާޢިދުތަކެއް ސަރުކާރު ހިންގުމުގައި ދެއަހަރު ފަހަނަޅާ ދިޔައިރު ވެސް ނުހައްދަވައި މިއަދާހަމައަށް ވެސް އެހުންނެވީ މުޅިން ގޯހުންނެވެ. ޑޮކްޓަރ މުނައްވަރު މިކަން ނުކުރެއްވިޔަސް އެންމެރަނގަޅުކަމުގެ ލަފާ ދެއްވުމަކީ، އެކުށުން ބަރީއަވާނެ ކަމެއްނޫނެވެ. އަސާސީއަށް ބޭނުންވާ އެގާނޫނުތައް ނުހައްދަވާއި ހުންނެވުމަކީ ރައީސް މައުމޫނާއި މުނައްވަރު ކުށްވެރިވާނެ އަމަލެކެވެ. އެދެބޭފުޅުން ވެސް އެކަމުގެ ފުރިހަމަ ޒިންމާއުފުލަން ވާނެއެވެ. އާދެ! މިއީ، ޑރ.މުނައްވަރު ގެ ލަފާގެމަތިން އަސާސީއާ، އިދިކޮޅަށް އެޅުއްވި ފިޔަވަޅެކެވެ. ފަހެ، މުނައްވަރު އަރިހުން ނުހޯއްދެވުނު ލަފާތައް މިހާރުގެ ޒުވާން ބަންޑާރަނައިބު ޑރ.ހަސަން ސަޢީދު ލައްވާ އެބަހޯއްދަވައެވެ. އާދެ! އަސާސީއާ ގަސްތުގައި ތިޔަ ކުޅުއްވަނީއެވެ. ފަހެ، ދަންނާށެވެ! މިއީ އަސާސީ އެކިގޮތަގޮތަށް އޮޅުވާލާއި ތައުވީލުކުރަން އޮތް މަގެއްނޫންކަން ދަންނާށެވެ! އޭ! ރައީސް މައުމޫނެވެ! ހަގީގަތުގައި ތިޔަ ކުޅުއްވަނީ، ގާނޫނު އަސާސީއާ އެވެ. އޭގެ ހިތި، ނަތީޖާ ލަސްތަކެއް ނުވެ، ފެންނާނެ އެވެ. އެދުވަހަކުން ރަދުންގެ ދެބަފައިކަލުން ކުރެއްވި ހިތާމަ މަނިކުފާނާއި މަނިކުފާނުގެ އާއިލާއިން ކުރައްވަން ޖެހޭނެއެވެ. ﷲގެ އިރާދަފުޅުން މިދުވަކީ ފެންނާނެ ދުވަހެކެވެ. ފަހެ، ދައްކަވާނެ ދުވަހެކެވެ. އާދެ! ދިވެހި ރާއްޖޭގެ ތާރީޚުގައި، ދުވަހަކުވެސް، ދިވެހި ރައްޔިތުން ނުހަނު ލޯތްބާއި ކަމޭހިތުން އެރުވި، ތެއްތިރީސް އަހަރުގެ ދިގު ރަސްކަމެއްކުރެއްވި އައްޞުލްޠާނު މުޙަންމަދު ޝަމްސުއްދީނު (މަޝްހޫރު މުލީގޭ މަނިއްޕުޅު) ގެ ދިގު ރަސްކަން ނިމިގެންދިޔައީ ޤާނޫނު އަސާސީއާއި ޚިލާފުވެ ވަޑައިގަތުމާއި ޝަރީޢަތާއި ބެހިވަޑައިގަތުމުގެ ސަބަބުންނެވެ. ދެބަފައިކަލުން އަވަހާރަވަންދެން ތިއްބެވީ މިކަމުގެ ހިތާމާގައެވެ. އަވަހަށް މިކަމުނެ ރައީސް މައުމޫނު ފިލާވަޅު ލިގަންނާށެވެ! ރީތިކޮށް ރައްޔިތުންގެ ވެރިކަން ރައްޔިތުންނާ ހަވާލުކުރައްވާށެވެ! އެހެންނޫނީ ޖެހިވަޑައި ގަންނަވާނީ އެއްދަތުރެކެވެ. އަމިއްލަ އެދުމާއެއްގޮތަށް އަސާސީއާ ކުޅޭވެރިންނަށް ހަލާކުހުއްޓެވެ! ރައްޔިތުންގެ ލައުނަތް އޮންނާނެއެވެ! ﷲގެ ކޯފާވެސް އޮންނާނެއެވެ! އާދެ! މިހިސާބުން އަޅުގަނޑުމެން މިއަދު ޤާނޫނު އަސާސީ ހަދަން، މިކުރާ މަސައްކަތާ، މިދެންނެވި ޙާދިސާއައި ވަރަށްބޮޑު ގުޅުމެއްވާތީ އެގޮތުން އެއްޗެއް ލިޔެލާ ނަމެވެ. ރައީސް މައުމޫނު ވެރިކަމާ، ހަވާލުވެ ވަޑައިގަތުމަށް ފަހު، އަސާސީ އިޞްލާޙު ކުރައްވަން 1980މ، ވަނައަހަރު ޚާއްޞަމަޖިލީހެއް އެއްކުރައްވައި އެމަޖިލީހާއި ޤާނޫނުއަސާސީ އިސްލާޙުކުރުމުގެ މަސައްކަތް މަތިކުރުވިއެވެ. ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، އެންމެފުރަތަމަ ކުރެއްވި ކަމަކީ، މިއެވެ. މިއުފެއްދެވި ބޮޑު މަޖިލީހުގައި، ފަޟީލަތުލް އުސްތާޛު އައްޝައިޚް އާދަމް ނަސީމް ހުންނެވީ ރައީސް މައުމޫނުގެ މެންބަރަކެށެވެ. ފަޟީލަތުލް އުސްތާޛު އައްޝައިޚް ޙުސައިން ޔޫސުފު ހުންނެވީ ރައްޔިތުންގެ ފަރާތުން އިންތިޚާބުވެ ވަޑައިގެންނެވެ. މިދެ ޝެއިޚުން ރައީސް އޮފީހުގައި ރައީސް އަރިއަހުގައި މަސައްކަތް ކުރައްވަމުން ގެންދެވުމާއެކު، ޚާއްޞަމަޖިލީހުގެ މަސައްކަތް ދިގުލައިގެންދާތީ އެއްދުވަހަކު ދަންނަވާލުމުން ރައީސްމައުމޫނު މިދެބޭފުޅުންނަށް ދެއްވ،ީ ވަރަށް އިޚްލާޞްތެރިކަމުން ފުރިގެންވާ ހިތުގެ އަޑިން ނިކުތް ވަރަށްތެދު ޖަވާބެކެވެ. ރައީސް މައުމޫނު ވިދާޅުވިކަމަށް އާދަމް ނަސީމް ރިވާ ކުރައްވަނީ “ތިމަންނައާ އެއްޚިޔާލުގެ މީހުން ޚާއްޞަމަޖިލީހަށް ގިނަކުރެވެންދެން ލަސްކުރަނީ” ކަމަށެވެ. މިއީ ރައީސް މައުމޫނުގެ ހިތުގެ ނުކުތް ބަހެކެވެ. ގަސްދުގައި އާންމު އިންތިޚާބު އޮޅުވާލައްވަން ވެގެން އެނިޔަތުގައި ކުރައްވާ ކަމެކެވެ. ފަހެ، ދަންނާށެވެ! ކަން ކުރެއްވީ ވެސް ހަމަ އެހެންނެވެ. ޚާއްސަ މަޖިލިސް މެދު ކަނޑާލައްވައި ބޭއްވުމަށްފަހު، އަނެތް ފަސްއަހަރު ދުވަހަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކޮށް، ބޭނުންވާ ބަޔަކު ގަދަކަމުން މަޖިލީހަށް ވެއްދުމަށް ފަހު، ޖަލްސާތައް ފެއްޓެވީ އެވެ. މިއީ، ރައީސް މައުމޫނުގެ އިޚްލާޞްތެރި ކަމުގެ އިންތިހާ އެވެ! މިފަދަ އިޚްލާސް ތެރިކަމަކީ، ރައްޔިތުންގެ މަސްތައްރޮލާ، ފަރިއްކުޅުއް ވުމެވެ. އަންބޮނޑީގައި ފިސްތޯލައެއް ބަނދެ ބާރުކޮށް އައްސައިގެން ހުންނަވާ ވެރިކަމުގެ ހުވާ ކުރެއްވި ވާހަކަވެސް ރައްޔިތުންނަށް ވިދާޅުވެދެއްވީ، މިފަދަ އިޚްލާޞްތެރިކަމާ، އެކުގައެވެ. އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! މިހުންނަނީ ސިޔާސީ ލީޑަރުން ލީޑަރަކަށް ވެހުންނަވައިގެން، އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި، އިޢުތިރާފު ވާވަރުގެ ކަންކަމެއް ނޫނެވެ. “ސިޔާސީ ގިއްޗެއް” އެޅުމޭ ކިޔަނ، މިކަހަލަ ކަންތަކަށެވެ. މިއީ ރައީސް މައުމޫނު އެޅުއްވި ސިޔާސީ ގިއްޗެކެވެ. އެކަމުގެ ގާނޫނީ އަދަބު ކޮންމެވެސް ދުވަހަކުން ލިބެން ޖެހޭނެއެވެ. ފަހެ، ދުނިޔެވީ ސިޔާސަތުގެ މައްޗަށް އަމިއްލަފުޅު، އިޚްލާޞް ތެރިވުން އިސްކުރެއްވީ ރައްޔިތުންނާ، ބޮޑަށް ގާތްވެގަތުމުގެ މަގްޞަދު ގައެވެ. ތެދު ހެއްދެވީމާ ރުހުންބޮޑުވާނެ ކަމުގެ އުފަލުގައެވެ. އަދި އެކަމުން، އަނެކުން ނައްތާލާއި ދަށުލުމުގެ ބޭނުމުގައެވެ. ފަހެ، ރައީސް މައުމޫނުގެ މިފަދަ ބޭކާރު ޢަމަލުފުޅު ތަކަކީ، އަސާސީއާއި އަސާސީގެ ރޫޙާ، ޚިލާފަށް ކުރައްވާފައިހުރި އަނިޔާވެރި ކަންތައްތަކެވެ. ސީދާކޮށް ރައްޔިތުންނަށް ވެވަޑައިގެންފާހުރި އަނިޔާތަކެވެ. އާދެ! ދިވެހި ދައުލަތުގެ ޤާނޫނުއަސާސީގެ ޙަޔާތް ފެށުުމުގައި މިހިނގާދިޔަ ކަންތައްތަކުގެ އެންމެ އެތެރޭގައި އުޅުއްވި އެއްބޭފުޅެއްކަމުގައިވާ، އަލްމަރުޙޫމު މީރުބަހުރުގޭ މުޙަންމަދު އިސްމާޢީލްދީދީގެ ލިއުއްވުމުން ތަންކޮޅެއް ނަކަލްކޮށް ލަމާތޯއެވެ. (އޭރު އެބޭފުޅާހުންނެވީ މޮޓަރުބޯޓުގެ ގަޑުބަޑުގައި ވަޑައިގެން ސިލޯނުގެ ކޮޅުނބުގައެވެ.) “އެއްދުވަހަކު ގޭގައިއުޅޭ ކުއްޖަކު، އައިސް ގޮވާލީމާ ތެދުވެގެން ފެންޑާއަށް ނިކުތްއިރު، އިސްކޮޅުން ވަރަށްބޮޑު ބަރުގަރުންގެ ދެމީހުން ކާރެއްގައި އައިސް ފެންޑާގައި އެބަތިއްބެވެ. އަހަރެން ނިކުތުމާއެކު ބުނީ ތިމަންނާމެންނަކީ “ޓައިމްސްއޮފްސިލޯން” ގެ ރިޕޯޓަރުން ނެވެ. މރ.ކާމިލްޑީޑީ އަކީ ކަލޭހޭ، ދެން ނޫނެކޭ ބުނެފައި އޭނާ އޮތީނިދާފައޭ ބުނީމާ، އެދެމީހުން ބުނީ، ވަރަށްބޮޑުކަމެއް ޖެހިގެންނޭ، އޯގާވެރިކަން ބަހައްޓާފައި އޭނާއަށް ގޮވާލަދޭނު ހެއްޔެވެ. އާއެކޭ ބުނެފައިގޮސް ކާމިލަށް ދެންނެވީމާ، ފެންޑާއަށް ނުކުމެވަޑައި ގަތުމުން އެދެމީހުން ދެއްކީ، މުޙަންމަދު ފަރީދު ސޮއިކުރައްވާފައި އޮތް ސިޓީއެކެވެ. އޭގައި ލިޔެފައިވަނީ ދިވެހިރާއްޖޭގެ ރަދުން މުޙަންމަދު ޝަމްސުއްދީނު ޤާނޫނުއަސާސީ އާ، ޚިލާފުވެވަޑައި ގަނެގެން ޝަރީޢަތާ ބެހިވަޑައި ގަތުމުގެ ސަބަބުން، ރަސްކަމުގެ ތަޚުތުން ދުރުކުޅަ ވާހަކަ އެވެ.” އަދި ވެސް ކޯޓު ކުރަމެވެ. “އެރިޕޯޓަރުންގެ ސުވާލަކީ މިކަމާމެދު އިތުރު މަޢުލޫމާތެއް އަހަރެމެން ނަށް އެގިފައިވޭތޯ އެވެ؟ ކާމިލް ވިދާޅުވީ ތިޔަލިއުމުގެ އިތުރަށް އަހަރެމެން ނަށް އެގިފައިވާ އެހެން އެއްޗެއް ނެތެވެ. އެއަށް ފަހު، ކާމިލް ވިދާޅުވީ، ދިވެހި ރާއްޖޭގެ ސަފީރާ ބައްދަލުވީމުހޭ؟ އެބައިމީހުން ދެންނެވީ އަހަރެމެންނަށް މިސިޓީލިބުނީ އޭނާގެ ކިބައިން ނެވެ. ދެންކާމިލް ވިދާޅުވީ ތިޔަހެން ވިއްޔާ ކިންސީރޯޑަށް ގޮސް ކިލެގެފާނާއި ބައްދަލުވަނިކޮށް، ހުރިހާކަމެއް ފިލައިދާނެއެވެ. ދެން އެދެމީހުން ބުނީ ފުރަތަމައިން ދިޔައީ އެތަނަށެވެ. އޭނާ އިއްޔެ މެޑްރާސްއަށް ހިނގައްޖެއެވެ.” އަދި ވެސް ކޯޓުކުރަމެވެ. “ދެން ކުއްލިޔަކާ އަހަރެމެންނަށް މިއެނގުނު ބޮޑުއިންގިލާބުގެ ޚަބަރާމެދު، ހައިރާންވެފައި ތިއްބާ އިރުއޮއްސުނު އިރު، މާލޭގެ ސިޓީތައްލިބި، ޚަބަރު އޮޅުން ފިލައްޖެ އެވެ. ކޮންމެއަކަސް މާލެއައި މިހާދުރު މިނިވަން ޖައްވެއްގައި ތިބޭއިރު ފެންނަމުން މިދަނީ، ވަރަށްވެސް ބޮޑު އަޖާއިބު ތަކެކެވެ. މިދިޔައަހަރު ރަޖަބުމަހު ވިހިދުވަހު، ޤާނޫނުއަސާސީ ވީދާލާފައި އެއްވެސް އިންސާފަކާ ހަމައެއްނެތި ހަޅޭފަޅޭ ލައި ރަށުގެ މާތްމީހުންގެ ގެދޮރަށްވަދެ، ތަޅާސުންނާފަތި ކޮށް، އަނެއްބައި މީހުން ރަށުންފައްސައި ނަގާލާފައި ރަދުންގެ ފަހަތްޕުޅުން ދިޔަ ރައްޔިތުން، މިއަދު ހަމައެރަދުން އެއްލާލާފައި، ޤާނޫނު އަސާސީ އަށް މިއެބުރުނީ ކީއްވެގެންބާވައެވެ. މިއީ ކޮންމެއަކަސް ފަސޭހައިން ފިލާންނެތް އަރަތެކެވެ.” އހ. އާދެ! މަތީގައިދެންނެވުނު ބޭފުޅުންގެ ތެރެއިން މުޙަންމަދުފަރީދަކީ، އެއިރުގެ ވަޒީރުލް އަޢުޒަމެވެ. (ޕްރައިމް މިނިސްޓަރއެވެ.) ކާމިލްދީދީއަކީ، ޤާނޫނު އަސާސީ ވީދާލިދުވަހު ވަޒީފާ ވަކިކުރެ ވުނު، އެއިރުގެ ވަޒީރުލް ދާޚިލިއްޔާ (ހޯމްމިނިސްޓަރ) އެވެ. މުޙަންމަދު އިސްމާޢިލްދީދީ އަކީ، ޤާނޫނުވީދާލިދުވަހު، މާލޭން ބޭރުކުރެވުނު އޭރުގެ ސަރުކާރުގެ ބޮޑެކެވެ. ކިލެގެފާނަކީ، ޤާނޫނު އަސާސީ އެކަށައެޅުއްވި މަޖިލީސްގެ ރައީސް، އޭރުގެ ބޮޑުވަޒީރު، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނެވެ. ފަހެ، މަތީގައި އެބުނާ ސަފީރަކީ އޭރުގެ ސިލޯނުގައި ހުންނަވާ ދިވެހިދައުލަތުގެ ސަފީރު، (އެމްބެސެޑަރ) އަލްޙާއްޖު އަލްމަރުޙޫމު ކަކައިގޭ ހުސައިން ޙިލްމީދީދީ އެވެ. މިދީދީއަކީ، މިމަޒުމޫނުގެ ސުރުޚީގައި ދެންނެވުނު، ރައިވަރުގެ ތިންބަހުން ޤާނޫނު އަސާސީ ނިންމާލަން ޤާނޫނުހަދާ މަޖިލިސްގައި ވަކާލާތުކުރެއްވި ޙުސައިން ހިލްމީދީދީ އެވެ. ދެން! ނިކަންވިސްނާ ވަޑައިގެން ބައްލަވާށެވެ! އޭނާއެވިދާޅުވި ވިދާޅުވުން ސީދާވިލެއް ފުރިހަމަ ކަމާއެވެ! ﷲގެ ކުޅަދުން ވަންތަ ކަމާއެވެ! އޭނާކުރެއްވި ޖަދަލަށް އޭރު ބަރާބަރު ދެއަހަރުވެސް ނުފުރެއެވެ. ކަންތައްނިމި ދިޔަގޮތަށް ބައްލަ ވާށެވެ! ދެންފަހެ، ރައީސްމައުމޫނުގެ ޖާދޫއެއްފަދަ “މަގުޗާޓު” ފަރުމާކުރައްވާފައި މިއޮތީވެސް ދެއަހަރު ދުވަހަށެވެ. ވާނެ ގޮތެއް، ނިކަން ބަލަމާހިންގަވާ ށެވެ. ރައީސް މައުމޫނުގެ ކަންތައްނިމި، ދާނެ ގޮތެއް އެނގިދާނެ ތާއެވެ. ނިކަން ބައްލަވަން ތިއްބަވާށެވެ! ﷲ އީ، އެއްވެސް ހުރަހެއް ނެތި، އަނިޔާލިބޭ މީހުންގެ ބަސްތައް އައްސަވާ ވޮޑިގެންވާ، ރަސްކަލާނގެ އެވެ! އާމީން!

ނޯޓު: އަޅުގަނޑުމެން، މިއާ ކަފުސާސް (މިލޭނިއަމް) ގެ އާކޮޅުމަތީގައި، ސަތާރަ އަހަރުން ނިންމާލެވުނު މަޝްހޫރު، “ނަމޫނާ ޤާނޫނުއަސާސީ” މިހާރު ކަމުދާއެއްޗަކަށް ނުވެގެން އާޤާނޫނު އަސާސީ އެއް އުފައްދަން އުޅޭދުވަސް ވަރެއްގައި ރާދަވަޅީގެ ފިލާވަޅުތައް ހަނދާނަށް ގެނައުމަކީ، ނުހަނު ބޭނުންތެރި ކަމެކެވެ. ޚާއްސަ ކޮށް ކިޔަވާކުދިން، މިމަޒުމޫނުގެ ރިފަރެންސްގެ ގޮތުގައި އަޅުގަނޑު މުޠާލިއާ ކޮށް، ބޭނުންކޮށްފައިވާ މިދެފޮތް ކިޔުމަށްފަހު، ދިރާސާކުރުން ރަނގަޅު ވާނެއެވެ. ކިޔަވާ ކުދިންނަކީ، ދިވެހި ތާރީޚާ، ކާރި ރަހްމަތްތެރި ބަޔަކަށް ވާންޖެހޭނެ އެވެ. އަޅުގަނޑުގެ މަޒްމޫނުތައް މިހާތަފްސީލުކޮށް ލިޔުމުގެ ބޭނުމަކީވެސް ތިޔަކުދިންނަށް އަޅުގަނޑަށް އެނގޭތެދު، މައުލޫމާތު ގެނެސްދިނުމެވެ. ތިޔަކުދީންގެ ޚިޔާލު ހިންގަންވީ ޤާނޫނު އަސާސީގެ، މުޅި ޙަޔާތަށެވެ. ހަމައެކަނި ރައީސްމައުމޫނުގެ ބަޔަކަށް ނޫނެވެ. ފަހެ، ކުޅިވަރާއި ފުޓްބޯޅައަށް ސަމާލުކަން ދޭވަރަށް، ދިވެހި ތާރީޚު ވެސް އެނގެން ވާނެއެވެ. ރިފަރެންސް : 1 – އަލްއަމީރު މުޙަންމަދު އަމީނު ލިޔުއްވި” ޤާނޫނޫއަސާސީގެ ޙަޔާތް” 2 – އފ. މުޙަންމަދު އިސްމާޢީލުދީދީ ލިޔުއްވި ” މޮޓަރުބޯޓުގެ ގަޑުބަޑު” (ނޮވެލްޓީ ބުކް ޝޮޕްގައި މިދެފޮތް ވިއްކަން އެބަހުއްޓެވެ. ހޯއްދަވައިގެން ކިޔުއްވާށެވެ.)

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page