top of page

ރާއްޖޭގެ ފަޅުތަކުން މަސްމަރުވުން.

  • Writer: ilyashusein
    ilyashusein
  • Oct 13, 2009
  • 5 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޖެނުއަރީ ގައި)

ތިމާވެއްޓަކީ، ނާޒުކު އެއްޗެކެވެ. ދިވެހިރާއްޖެއަށް ތިމާވެށީގެ މައްސަލަތައް މަތިވުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ، މުޅިދުނިޔެއަށް ތިމާވެށީގެ ނާޒުކުކަމާއި ވެށީގެ މައްސަލަތައް ސަމާލުކަމަށް ގެންނެވި އެދުރުމީހާ ކަމުގައި މަޝްހޫރުވުމުގެ ބޭނުމުގައި މަސައްކަތްތަކެއް ފެށިގެންދިޔައެވެ. ކޮންމެވެސް މިންވަރަކަށް އާއިލީ ތިމާގެކަމެއްހުރި، ދިވެހި އަންހެނަކައި އިނދެގެންއުޅޭ ބިދޭސީއެއް އެކުލަވާލި ދިރާސާމަސައްކަތެއް ރައީސްމައުމޫނަށް މާކަމުގޮސް ގެންނެވެ. މިބިދޭސީއަކީ، ތަބާޝީރުކާކާގެ ނަމުން މަޝްހޫރު ދިވެހިތާރީޚު ލިޔުންތެރިޔާ، އަލްމަރްޙޫމް އަބްދުލްހަކީމް ހުސައިންމަނިކުގެ އަންހެންބޭފުޅަކާ ކާވެނިބައްލަވައި ގެންއުޅުއްވި ސްވިސް މީހެކެވެ. އެ ދިރާސާރިޕޯޓުގެ އަލީގައި އެތައް މަސައްކަތްތަކެއް ދުނިޔޭގެ ފެންވަރުގައި ފެއްޓެވުމާ ގުޅިގެންނެވެ. މިކަމުގެ ހަދިޔާއެއްގެ ގޮތުގައި މިއަންހެންބޭފުޅާގެ އާއިލާއަށް އޭނާގެބައްޕަގެ ނަމުގައި އދ.ދަނގެތީ ކައިރީގައި އޮންނަ ވަރަށްރީތި ބޮޑުފަޅުރަށެއް، “ތިމާވެއްޓާ، ތިމާގެރަހްމަތްތެރި ރިސޯޓެއް” ހެދުމަށް، ވެދުމެއްގެގޮތުގައި ދެވުނެވެ. ހަދިޔާކުރެވުނެވެ. އެއަށްފަހު، ދިމާވި މައްސަލަތަކެއް ދިމާވެގެން އެރަށް، އެގޮތަށް، ތިމާވެއްޓާ ރަހްމަތްތެރިކޮށް، ތަރައްގީނުކުރެވި އޮވެ، ގިނަދުވަސްތަކެއް ހޭދަވެގެން ދިޔައެވެ. މިދެންނެވި ބިދޭސީއަށް އެރަށް ތަރައްގީ ކުރުމަށް ފަންޑު ނުހޯދުނީއެވެ. މިހާރުއެރަށް، އާދައިގެ ރިސޯޓެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދަނީ ތްރީއޭ ކުންފުނިން ނެވެ. ކޮންމެއަކަސް މިބިދޭސީމީހާގެ އެހީތެރިކަމުގައި ރައީސްމައުމޫނަށް ތިމާވެށީގެ ތެރެއަށް އުދުއްސައި ގަނެވުނެވެ. ދުނިޔޭގެ ފެންވަރުގައި ވަރަށްގިނަ މަސައްކަތްތަކެއް ފަށައިގަނެ ވުނެވެ. ތިމާވެށީގެ ނާޒުކުކަމާއި އެކަމުގެ ބިރުވެރިކަން ދުނިޔޭގެ ކަންކޮޅުތަކުގެ ސަމާލު ކަމަށް ގެނެވުނެވެ. ރާއްޖެއަށް މިކަމުން ހުރިނުރައްކަލުގެ ވާހަކަތައް ދުނިޔެއިން ފަސޭހަކަމާއެކު ގަބޫލުކޮށް ފިއެވެ. ތިމާވެށީގެ ގޮތުންނާއި ޖޯގުރަފީގޮތުން ރާއްޖެބިނާވެފައި އޮތްގޮތުންނެވެ. ރައީސް މައުމޫނަކީ، ތިމާވެށީގެ ބާނީއެއް ކަމުގައި މުޅިދުނިޔެއަށް އަޑުއަރައިގެން ހިނގައްޖެއެވެ. ފުދޭވަރަކަށް މަޝްހޫރު ވެއްޖެއެވެ. ވިދާލައިފިއެވެ. ތިމާވެށީގެ ބައްޕަ އަކަށް ވެއްޖެއެވެ. ރާއްޖެ ތިމާވެށީގެ ތެރެއަށް ވަދެއްޖެއެވެ. ތިމާވެށީގެ ދުވަސް ރާއްޖޭގައި ފާހަގަކުރެ ވިއްޖެއެވެ. ތިމާވެއްޓާބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެ ވިއްޖެއެވެ. ތިމާވެއްޓާބެހޭ ގައުމީ މަޖިލީހެއް އުފެދިއްޖެއެވެ. އެމަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ވެސް ހަމަޖެހުނެވެ. މިނިސްޓްރީ އޮފް އެޓޮލްސްގެ ފަރާތުންނެވެ. ދެންފަހެ، މިގޮތުން ރާއްޖޭގެ ކަނޑުތަކުގައި، 5 ޖޫން 1995މ، ވީތިމާވެށީގެދުވަހު، “ޕްރޮޓެކްޓަޑް މެރީން އޭރިޔާސް” ގެ ނަމުގައި ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ފަނަރަ ސަރަހައްދެއް، މައިގަނޑު ރިސޯޓުތައް ހިމެނޭ ހިސާބުތަކުގައި އިއުލާނު ކުރެވުނެވެ. އަދިއޭގެފަހުން، 1999މ، ގައި ފަތުރުވެރިކަމުގެ އިތުރު ނުވަ ސަރަހައްދެއްގައި ހިމާޔަތް ކުރެވިފައިވާ “ޕްރޮޓެކްޓަޑް މެރީން އޭރިޔާސް” ގައިމުކޮށް އިއުލާނު ކުރެވުނެވެ. އަދި މިސަރަހައްދުތައް ރީތިކޮށް ހިމާޔަތްކުރެވެން ފަށައިފިއެވެ. އޭގެ އެންމެހެޔޮ ގޮތުގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ހުރިހާކަމެއް ހަމަޖެހިފައި އޮންނަހެން ވަކިބަޔަކަށް ފައިދާ ގަނޑެއް ލިބޭހެންނެވެ.

އާދެ! ކޮންމެއަކަސް މިސަރަހައްދުތައް ވެގެންދިޔައީ، ދުނިޔޭގައި ޑުރަގްވިޔަފާރި ހިންގާރަސް ރަސްކަލުންގެ އަމާޒަކަށެވެ. ޑުރަގްލޯޑުންނާއި ޑުރަގްރަސްކަލުންގެ ޗޭނަކީ، ހުރިހާގައުމަކާވެސް ސިއްރުދުނިޔެއެއްގައި ގުޅިލާމެހިފައިވާ ވަރަށްވަރުގަދަ، ހަކަތައިން ގަތާލެވިފައިވާ ޗޭނެކެވެ. މިބޮޅުތަކަށް ވެފައިވަނީ ގައުމުތަކުގެ ޖައްބާރު ވެރީންނާއި ބޮޑެތި ފާސިދު ޖެނެރަލުންނެވެ. ފަހެ މިއީ، ކަނޑާލަން ނުވަތަ ނައްތާލަން އުދަގު ބޮޅުފައްޗެކެވެ. މުޅިދުނިޔޭގެ ފެންވަރުގައި ހިންގާބާރުގަދަ، ކަޅުވިޔަފާރިއެކެވެ. އެޗޭނުންބޮޅަކާ ހަމައަށް އެއްވެސް ގައުމަކުން ވާސިލެއް ނުވެވޭނެއެވެ. ނުވެސްވާނެއެވެ. ހިފާހައްޔަރުކޮށް ތަހުގީގު ހިންގައި ހުކުމްކުރެވެނީ، ތިންވަނަ ހަތަރުވަނަ ސިލްސިލާއިން ނެވެ. ފަތިންނެވެ. އެދަރަޖައިން ނޫން ހިސާބަކުން މީހަކު އަތުލައެއް ނުގަނެވޭނެއެވެ. ފަހެ، ދަންނާށެވެ! ކުއްލިއަކަށް ރާއްޖެސިއްސުވާލީ، އަލިފުއަތޮޅުގައި އޮތް، ހިމާޔަތްކުރެވިފައިވާ ސަރަހައްދަކުން ޓަނުޓަނުން ގުނާލެވޭ އަދަދަކަށް، މަސްތުވާތަކެތި ހަޒާނާކޮށްފައި ވަނިކޮށް ފެނިގެންނެވެ. ނުރައްކާތެރި ބާވަތެއްގެ މަސްތުވާތަކެތީގެ، މިފުނިވަރަށް ވެގެންދިޔަގޮތް އެންމެފުރިހަމަކޮށް ރައްޔިތުންނަށް އެނގިފައެއް ނެތެވެ. އަދިއަދާޖެހެންދެން ވެސް ސާފެއްނުވެއެވެ. އެ މައުލޫމާތުތައް ފުރިހަމައަށް، ލިބިފައެއް ނުވެއެވެ. ބޮޑުސިއްރެއްގެ ގޮތުގައި ނިމިގެން ދިޔައީއެވެ. އޭގެ ތެރެއިން ނައްތާލެވުނީ ކިހާވަރެއްކަން ވެސް ނޭނގެއެވެ. މާލެތެރެއިން މެމަރުކާގެ ޑްރަގްފެނިފައި ވާކަމުގެ ވާހަކަތައް އިވެއެވެ. ކޮންމެއަކަސް މިކަން، ވަކި ހިސާބަކުން ފަސްއަޅާ ފޮރުވާލެވިއްޖެ އެވެ. އެކިދުވަސްތަކުގެ މަތިން އަންދާ ނިންމާލައިފި ކަމަށް ނޫސްތަކުގައި ލިޔެވުނެވެ. މި ތަހުގީގުގެ އަޑުފަށްގަނޑު ވަރަށްބާރަށް ދުނިޔެއަށް ފެތުރިގެން ދިޔައެވެ. އެމެރިކާގެ އެފްބީއައި ޓީމަކަށް ދައުވަތުދީގެން ތަހުގީގުގައި ބައިވެރިކުރުމަށް ގެނެވުނެވެ.

އާދެ! ކޮންމެއަކަސް ރާއްޖެއިން މިފަޅާއެރި ޑުރަގްހަޒާނާއަށް ފަހު، އެމެރިކާގެ ޖާސޫސީ އިދާރާގެ ސެޓްލައިޓުތަކުން ރާއްޖޭގައި ހުރި، ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަކަށް ސައުވީސް ގަޑިއިރު އަޅުވައިގެން، ބަލަހައްޓަމުން ގެންދާކަމަށް ވެއެވެ. އަފްޣާނިސްތާނުގެ އަފިހުން ދަނޑުތަކުން ބޭރުކުރެވޭ ހުރިހާ ޝިޕްމެންޓުތަކެއް، އެދުވަސްވަރު ހަޒާނާ ކުރެވެމުން ދިޔައީ، ދިވެހިކަނޑުތަކުގައި ހަމާޔަތް ކުރެވިފައިހުރި ސަރަހައްދު ތަކުގައެވެ. ވަރަށް ރީއްޗަށް ހިމާޔަތްކޮށް ބެލެހެއްޓޭ ހިމާޔަތްކުރެވިފައިވާ ހަޒާނާތަކެއްގަ އެވެ. ބޭނުންވާ އިރަކު، ބޮޑެތިޔޮޓުތަކުގައި އައިސް ހަޒާތަކަށް ވަދެވޭގޮތަށެވެ. އެދޮރުއޮތީ ހުޅުވާ ލެވިފައެވެ. މިފަދަޔޮޓުތައް ބަނދެވިފައި ހުންނަނީ، އެތެރޭގައި ބާރަށްދުއްވާ ކުދިލޯންޗު ފަހަރާއި ސްޕީޑުގައި ވަރަށްބާރަށް ދުއްވޭ ކުދިކުދިހޯވަރ ކްރާފްޓްތަކާއި މިނޫންވެސް ސްޓްރެޓެޖިކް ކަންތައްތަކާއި އާލާތްތައް ހުޝިޔާރު ކަމަށްގެނެވޭ ގޮތަށް ވަރަށް މޮޅަށެވެ. މިކަންތައްތައް ރޭވިފައި ހުންނަނީ ޔޮޓުގެ ބޭރުންބަލާއިރު ފެންނަގޮތަކަށް ނޫނެވެ. ފެންނާނީ ހަމަ އާދައިގެ ޔޮޓެއް ސިފައިގަ އެވެ. ރޭވިފައި ހުންނަނީ، ކޮންމެވެސް ބިތަކުންދޮރެއް ހުޅުވާލައިގެން މިތަކެތީގެ ބޭނުންހިފޭގޮތަށެވެ. އަދި ޓްނޭންކޮށްފައިވާ ކުޅަދާނަ ބޯއްޖަށް ފީނާފީނުންތެރިން ތިބެއެވެ. އެއިން ޔޮޓަކުން ކުނިއުކާލުމަށް ގެންދާ، ޔޮޓުދޯންޏަށް ކާރިކުރެވެނީ ވެސް އެތައްގޮތަކަށް ބަލާހެދުމަށް ފަހު، ކުރާ އިޝާރަތަކަށެވެ. ކުޑަވަގުތުކޮޅަކަށެވެ. އުކާލަން ޖެހޭ ކުނިކޮޅު އަރުވައިގެން އެދޯނޮނައްޓާލަން ވީއެވެ. ފަހެ، ހަޒާނާކުރެވިފައި ހުންނަ ޑުރަގްތައް، އެހަޒާތަކުން ނަގައިގެން ބޭރުކުރަމުން ގެންދާ ޔޮޓުތަކަށް މިހާރު އެމަސައްކަތް ހިންގޭގޮތް ނުވެގެން އުޅެނީ، އެމެރިކާގެ ޖާސޫސީ ސެޓްލައިޓުތަކުން ކުޅެމުން ގެންދާރޯލައި ހެދިއެވެ. މީގެކުރިން އެސަރަހައްދު ތަކަކީ، ރަޝިޔާއަށް ނިސްބަތްވާ ބޮޑެތި ބޮޑެތިމުޑުދާރު ވިޔަފާރީގެ ފަސާދަވެފައިވާ ރަސްރަސްކަލުންގެ ޔޮޓުފަހަރުތައް، އަރާމުކޮށްލުމުގެ ދަތުރުތަކުގައި، ޒުވާންބައިވަރު އަންހެން ކުދިންނާއެކު، ހިތްހަމަޖައްސާލުމުގެ ރޭތައް ހޭދަކުރެވެމުންދާ ސަރަހައްދު ތަކެވެ. ނާޗަރަނގީގެ އަމާން މަންޒިލްތަކެވެ. ހިމާޔަތް ކުރެވިފައިވާ މިފަދަ ހަޒާނާތަކުގައި ގިނަދުވަސް ވެފައިހުރި، ޑުރަގްތައް ބޭރުނުކުރެވި ފުނިޖެހިފައި ހުރުމުގެ ހަގީގަތަކަށްވަނީ، އެސަރަހައްދުގައި ދިރިއުޅޭ ރީތިރޮނޑު ދަރިކޮޅުގެ މަސްތަކުގެ ކާނާގެބޭނުމުގައި އެޕެކެޓްތަކުގައި ކޮށާކޮށައި ފޫދިއުމެވެ. މުޅި އެހިސާބަށް އޭގެވިހަ އަސަރު ފެތުރުމެވެ. ވިހަވުމެވެ. ޓޮކްސިކްވުމެވެ. ދެންޖެހޭނީ، ޑިޓޮކްސް ސެންޓަރުތަކެއް އުފައްދާށެވެ. ކަނޑުތެރެއިން ބޮޑުހިބަރެއް މަރުވެފައި އޮއްވާ ފެނުނު ކުޅުދުއްފުށީ ބަޔަކު، އެހިބަރުނަގައި ބަނޑުފަޅައިގެން ބެލިއިރު ބަނޑުގައި ގޮހޮރުތެރޭގައި އޮތީރޮނޑެކެވެ. މިހާތަނަށް ބެލުނުބެލުންތަކަށް ބަލާއިރު އިނގޭއެއްޗަކީ، ރާއްޖެއިން މަރުވާމަސްތަކަކީ، ކަނޑުގައި އުފެދޭ އޮއިވަރުން، ނުވަތަ އެހެން ގުދުރަތީ ސަބަބުތަކާހެދި އުފެދޭ ކުނިބުންޔާ އެކުވެގެން އުފެދޭ ވިހައަކުން މަސްތަކަށްވާ ކަމެއްނޫންކަމަށެވެ. އެކިއެކި ލެބޯޓަރީޓެސްޓުތަކުގެ ނަތީޖާއިން ދަށްކާކަމަށް މައުލޫމާތު ލިބެނީ، މޫދުލޮނުގައި އުފެދޭ ޓޮކްސިކް އަލްގީ ނުވަތަ ކާނާގައި ވިހައިގެ ބާވަތްހިމެނިފައި ނުވާކަމަށެވެ. މަސްތުވާ ބާވަތްތަކަކީ، ކާނާއެއްނޫނެވެ. ބުއްދިއެއްނެތް މަސްމަހާ މެއްސަކީވެސް އެސޮރުމެންގެ ކަނާނޫންއެއްޗެއް ކާއިދިރުވާލާނެ މަޚްލޫގެއްނޫނެވެ. އެހެނަސް ޑުރަގައި ކާރިވުމުން ނުވަތަތުނބުން ކޮށާހެދުމުން، އެސޮރުމެންގެ ޅަޅަސިކުނޑިޔަށް އަސަރު ކޮށްފާނެ ކަމަށް ބެލެވެއެވެ. ވިހަވެދާނެ ކަމަށް ބެލެވެއެވެ. ފަހެ މިއީ، ސައިންޓިފިކް ރިސާޗުތަކެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ މަޒްމޫނެއް ނޫނެވެ. ހިނގާދިޔަ އަދި ހިނގަމުންދާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑު އަމިއްލައަށް ހަދާފައިވާ ބުއްދީގެ ދިރާސާއެކެވެ. ކުޅުދުއްފުށީ މަސްވެރިންކަހަލަ ތަޖުރިބާކާރު މަސްވެރިންގެ ތަޖުރިބާތަކަށް ބެލިފައިވާނެއެވެ. ދިވެހި ކަނޑުތަކުން މަސްތައް މަރުވުމުގެ ހަގީގަތަކީ، ޑުރަގުގެ ހަޒާނާތައް ކަމުގައިވުމަކީ ދުރުކަމެއްނޫނެވެ. މިއީ އިތުރަށް ސައިންޓިފިކް ދިރާސާތައްކޮށް ބަލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.

ޑުރަގްވިޔަފާރި ދުނިޔެއިން ނައްތާ ނުލެވިގެން މިއުޅެނީ، ސަރުކާރުތަކާ، ގުޅިފައިވާ މަތީ ދަރަޖައިގެ އިސްފަރާތްތަކަކުން، އެވިޔަފާރީގެ އަޑީގައި ތިބެގެން އެކަން ހިންގާތީކަން ކަށަވަރެވެ. ދާދިފަހުން މިރާއްޖެއިންވެސް ކަސްޓަމުގެ މަތީ އޮފިސަރުންތަކަކާއި، ސިފައިންނާއި ފުލުހުންގެ މަތީ އޮފިސަރުން ތަކެއްގެ ވާހަކަތައް ނޫސްތަކުގައި އާންމުވެގެން ހިގައްޖެއެވެ. މަދުބަޔަކު ބަންދު ކުރެވުނެވެ. ތަހުގީގު ނިމިގެންދާނެ ގޮތެއްނޭގެއެވެ. ހަމަގައިމުވެސް މަތީފަޑިއާ ހަމައަކަށް އެތަހުގީގެއް ނުދާނެއެވެ. ޖެހޭނީ ހުއްޓާލާށެވެ. އެއްގޮތަކަށްވެސް އެވާނުވާއެއް ރައްޔިތުންނަކަށް އޮޅުމެއް ނުފިލާނެއެވެ. ވަކިހިސާބަކުން ތަހުގީގު ހުއްޓިދެއެވެ. ޒުވާން ފުރައިގެ ކުދިންވަނީ، ގާނޫނުތައް މުށުތެރެއަށް ލާފައެވެ. އެއީ ޕާޓޭންނެވެ. ޕާޓޭންވަނީ، ކުދިކުދިގޭންގު ތަކަށް ބަދަލު ވެފައެވެ. ބިޔަ ބޮޑެތި ސައިކަލު ތަކާއި ޖަގުއާ މޮޑެލްގެ އަގު ބޮޑު، ރީތި ކާރުތައް އެ ގްރޫޕުތަކުން ގެންގުޅެ އެވެ. ބޭނުންވެއްޖެ ހިނދެއްގައި ތަޅާފޮޅައި ގަނެއެވެ. މަރާލަން ބޭނުންމީހަކު ވަގުތުން މަރާލައެވެ. މިރާއްޖެ އަށް ފުދޭވަރުގެ އެކިޒާތް ޒާތުގެ ހަތިޔާރުތައް ގެންގުޅެއެވެ. ފުލުހުންނާއި ސިފައިންނަށް ޖެހެނީ، އެ ގޭންގު ތަކާއެކު، ވާހަކަދަށްކާ، ޑީލްހަދާށެވެ. ފަހެ މިއީ ގައުމެއްގެ އަމުރު މައުރޫފު ގެއްލުމުގެ އެންމެފަހު ދަރަޖަ އެވެ. އިރާގަށް ބައްލަވާށެވެ. އެމެރިކާ ސިފައިންނަށް ޖެހެނީ، އެރަށުގައި ވަރުގަދަ ވެގަނެގެން އުޅޭ ނުލަފާ ގޭންގުތަކާއެކު، ފައިސާގެ ޑީލްތައް ހަދައިގެން ރުއްސާށެވެ. އަމުރު މައުރޫފު ނުހިންގިގެން ގޮސް، އެނޫން އެހެން ގޮތެއް ނެތުނީމާ ވާނެގޮތްވެ ނިމުނީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

ދެންފަހެ، ދަންނާށެވެ! ހަގީގަތުގައިވެސް ރާއްޖެއިން ޑުރަގް ނައްތާލަން ބޭނުމިއްޔާ ކުރަންވީ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިތަހުގީގުތައްކުރަން ވީއެވެ. ރައްޔިތުންގެ ތެރެއިން ޝައުގު ވެރިކަން ހުންނަފަރާތްތަކަށް، މިތަހުގީގު ތަކުގައި ވާނުވާއެއް ފާޅުގައި ފެންނާނެހެން އަންގަންވީއެވެ. އެ ތަހުގީގުތައް އަޑުއަހާ ބެލުމުގެ ހުއްދަދެވެން ވީއެވެ. 2003 އޯގަސްޓު ބާރަތޭރައިގެ ތަހުގީގުތަކުގައި ބުދުންގެ ގޮތުގައި އޭރު މަޖިލީހުގައި ތިއްބެވި ބަސްވިދާޅުނުވާ އިއްޒަތްތެރި ބޭކަލުން ހިމެނުއްވިއެވެ. މިއީ ވަށްތަރެއްގެ ގަބު ހުޅުވާލުމެކެވެ. މިކަން ރައީސް މައުމޫނު ކުރެއްވީ ބޭރުދުނިޔެއަށް ދެއްކެވުމަށެވެ. އަޅުގަނޑުކަހަލަ ބައެއްމީހުން މިކަމާހެދި، އެފަހަރު ހުކުމެއް ނައިސް ސަލާމަތްވެގެން ދިޔައެވެ. މެންބަރުން އަޑުއަހަން ތިއްބެވީތީ، ފުލުހުންނަށް ދޮގުހެކިންގެ ގޮތުގައި އަޅުގަނޑާ ގުޅިގެންނަގާ ބަޔާނުގައި ސޮއިކުރައްވަން ނުކެރުނީއެވެ. މީގެތެރެއިން މީހަކު ހެއްކެއްގެ ގޮތުގައި ދޮގުހެކިދީ ބަޔާނެއްދިންނަމަ، އަޅުގަނޑަށް ބޮޑު ހުކުމެއް ކުރިފަހަރުގައި ހަދަމުން ގެންދިޔަ ގޮތަށް އިއްވީހެވެ. އަޅުގަނޑަކީ، ރައީސް މައުމޫނުގެ މިސަރުކާރުން ސިޔާސީ ބޭނުންތަކަށް، އަޅުގަނޑު ނުކުރާ އެތައްކަމެއްގެ ތުހުމަތުގައި ބަންދުކޮށް، ކުޑަގޮޅިޔަށް ލާއި އެތައް އަނިޔާތަކެއްކޮށް ހެދުމަށް ފަހު، ދޮގުހެކީގެ މައްޗަށް އެތައް ހުކުމްތަކެއް ބޭއިންސާފުން ކޮށްފައިވާ މީހެކެވެ. ސިފައިންގެ އަނިޔާތަކުން ގުދާރު ހަލާކުވެފައިވާ މީހެކެވެ. މިހާރުވެސް އެކަމުގެ އަސަރު އެބަ ހުއްޓެވެ. ފިނިވީމާ ބޮޑަށް ތަދުވާނެއެވެ. މިކަމަށް ފަރުވާއަށް އެދުމުން މިނިސްޓްރީ އޮފް ޑިފެންސުން ވަނީ އަޅާނުލައް ވާފައެވެ.

ފަހެ، ދަންނާށެވެ! ޑްރަގާބެހޭ ތަހުގީގިތައް ރައްޔިތުންނަށް ފެންނަގޮތަށް އާންމުކޮށް ލައިގެންނޫނީ، ޒުވާނުން ފަނާކޮށް، ހަލާކުކުރުވަނި، މިވަބާއަކީ، ހުއްޓުވޭނެ ކަމެއްނޫނެވެ. އަވަހަށް ރައްޔިތުންގެ މަޖިލީހުން މިކަމާ ހަވާލު ވާންވީއެވެ. މިތަހުގީގުތައް އާންމުކުރަން ވީއެވެ. އަސާސީއާ ޚިލާފަށް ރާއްޖޭގެ ވެރިކަމަށް ހުވާކުރުމެއްނެތި އަރާތިއްބެވި، ޑީއާރުޕީން ހަތަރުމަސް، އަދި އެއަށްވުރެމަދުން ވިޔަސް އަދި ގިނައިން ވިޔަސް މުއްދަތެއް ކަނޑައަޅައި ޑުރަގުގެވަބާ ދިވެހިރާއްޖެއިން ނައްތާލުމަށް ވައުދުވެ ގޮވާހެދި ދާނެއެވެ. އެޕާޓީގެ ޒައީމުގެ ދޫފުޅުން ކިތަންމެވަރަކަށް އިއުލާނު ކުރެއްވިދާނެއެވެ. އެހެނަސް މިހާތަނަށް ފެނުނު އެއްވެސް ނަތީޖާއެއްނެތެވެ. ހައްތާހާދަނީ އެވަބާ އިތުރު ވަމުންނެވެ. އާންމުވަމުންނެވެ. ޒުވާނުން ފަނާވެ ހަލާކު ވަމުންނެވެ. ހަމާކަންބޮޑުކޮށް މަގުތަކުން އަންހެންކުދިންނާއި ފިރިހެންކުދިން، މަސްތީހާލަތުގައި ފެންނަލެއް މަދެއްނޫނެވެ. އިރުގެ އަލީގައި މީހުން މަރާތަން ފެނެއެވެ. ވަޅިހަރާތަން ފެނެއެވެ. ފޭރޭތަން ފެނެއެވެ. އަމިއްލައަށް ދަންޖެހޭތަން ފެނެއެވެ. ފަހެ ދަންނާށެވެ! އަޅުގަނޑު މެންގެ ހާލަތަކީ، މިއެވެ. ފަހެ، ކޮންމެވެސް ބަޔަކުވެސް، މިހާލަތު ދެނެގަންނަން ވެއްޖެއެވެ. ރައްޔިތުންގެ މަންދޫބުން މިކަންތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ހޭއަރުވަން ވެއްޖެއެވެ. މާލޭގެ އިއްޒަތްތެރި ދެމެންބަރުން ކޮބައިތޯއެވެ؟ ތިޔަ ތިއްބެވި، ނިދިންހޭލައްވާއި ހޭއަރަން ވެއްޖެއެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ތަކެއް ކޮށްދޭން ވެއްޖެއެވެ. އޭ! ﷲ އެވެ! ދިވެހިންގެ ތެރެއިން މި ނުރައްކާރެތި ވަބާ، ނެތިކުރައްވާނެ މަގެއް ދަށްކަވާށި އެވެ! އާމީން

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page