top of page

ރައްޔިތުންގެ ގޭގެ ޢިއްޒަތާއި ކަރާމާތް ދަމަހައްޓާނީ ރައްޔިތުންނެވެ.

  • Writer: ilyashusein
    ilyashusein
  • Oct 24, 2009
  • 4 min read

=އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ: 2006މ، ގައި.=

ކޮންމެ ގައުމެއްގައި ވެސް، ކޮންމެ މުޖުތަމަޢެއްގައި ވެސް، ހުރިހާ އެއްޗަކީ، ރައްޔިތުންނެވެ. ރައްޔިތުންނާ ނުލައެއް ޢިއްޒަތާއި ކަރާމާތަށް އެއްވެސް ޖާގައެއް ނުވާނެއެވެ. ކިތަންމެ ބޮޑުު ބިނާއެއް ބިދޭސީބައަކު ލައްވާ ހަދާފައި ބެހެއްޓިޔަސް، ރައްޔިތުންނާއި ނުލައި ހޯދައި ލިބިގަނެވޭނެ ޢިއްޒަތެއް، މާތްކަމެއް އަދި ކަރާމަތެއް ނުވެ އެވެ. ޢިއްޒަތާއި މާތްކަމާއި ކަރާމާތް ހައްގުވެވޮޑިގެން ވަނީ، ﷲ އަށެވެ. ފަހެ، ހުރިހާ ޢިއްޒަތެއް، އަދި މާތްކަމާއި ކަރާމާތެއް ލިބިވޮޑިގެން ވަނީ، ﷲ އަށާއި އެކަލާގެ ރަސޫލާއަށެވެ. އެއަށްފަހު، މުއުމިނުންނަށެވެ. ނަމަވެސް މުނާފިގުންނަކަށް ނޭގޭނެއެވެ. އެމީހުން ތިބޭނީ ވެރިކަމުގެ ބާރާއި މަޖަލުގައި ޣަރަގުވެފައެވެ. ހަވާނަފްސަށް އާވާރާވެފައެވެ. ހެޔޮ މަގު ގެއްލި މަގުފުރެދިފައެވެ. ކީރިތި މޫރިތި ޢިއްޒަތްތެރިކަން އެދޭ މީހާ ދަންނާށެވެ. ފަހެ އެންމެހާ ކަރާމާތާއި ކީރިތިވަންތަކަމާއި ޢިއްޒަތްތެރިކަން މިލްކް ވެވޮޑިގެންވަނީ ﷲ އަށެވެ. ރީތި ރަނގަޅު ބަސްތައް އަރައިގެން ދަނީ ﷲ ގެ ހަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލުތައް ﷲ އުފުއްލަވައެވެ. އަދި ނުބައި ނުލަފާ މަކަރުތައް ރާވައި މަކަރުވެރިވާ މީހުން، ދަންނާށެވެ! އެބައި މީހުންނަށް ގަދަވެގެންވާ ޢަޒާބު ހުއްްޓެވެ. އަދި އެބައި މީހުންގެ މަކަރުތައް ފެއިލްވެ ހަލާކުވެ، ގެއްލި، ފުނޑުފުނޑު ވެގެން ހިނގައިދާނެއެވެ. ގަދަފަދަ ވެގެންވާ ގަނޑުވަރު ތަކުގައި އަމިއްލަ އެދުމާއި ކުޅިވަރުގައި ނޭގި ތިއްބައެވެ. ހަމަ ކަށަވަރުން ﷲގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑީ ތިޔަބައި މީހުންގެ ތެރެއިން ތަޤުވާ ވެރިންނެވެ. ކިތަންމެ ވަރަކަށް ޢިއްޒަތާއި ކަރާމަތް ލިބިގަތުމަށް 29 އަރިސް ބޭކަލުން ލައްވާ ގަދައަޅާ ރައްޔިތުންގެ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ރިޕޯޓްތައް ހުށަހަޅާ މަސައްކަތް ކުރެއްވިޔަސް އެއީ ހަވަޔަށް، ފަޒާއަށް، ޖައްވަށް، ވަޔަށް އަރައިގެންދާ، ވަހެއް ކުލައެއް ނެތް ދުމަކަށް ނޫނީ ނުވާނެއެވެ. ކީރިތި މޫރިތި ޢިއްޒަތާއި މާތްކަމާއި ކަރާމާތް ލިބެނީ ރައްޔިތުންގެ ކިބައިންނެވެ. މުއުމިނުންނަށެވެ. ހެޔޮ ގޮތުގައި ތިބޭ މީހުންނަށެވެ. އަދި ހެޔޮގޮތް ދަމަހައްޓާއި ދިރުވާ މީހުންނަށެވެ. ހައްގުތަކަށް ހުރުމަތްތެރި ވެގެންނެވެ. ހައްގުތައް ހަމައަށް ދެވިގެންނެވެ. އިޖްތިމަޢީ ޢަދާލަތު ގާއިމުކޮށް ދީގެންނެވެ. ރައްޔިތުންގެ ހައްގުތައް ދަމަހައްޓައި ނުދެވޭ، މުޖުތަމަޢެއްގައި އޮންނާނީ ކޮން ޢިއްޒަތެއްތޯއެވެ؟ ކޮން މާތްކަމެއްތޯއެވެ؟ ކޮން ކަރާމަތެއްތޯއެވެ؟ އަސާސީއާއި ގަވާޢިދުގައި ލިޔެފައި އޮތްތާކު ލިޔެފައި އޮވެދާނެއެވެ. ވާނެ ކަމެއް ނެތެވެ. އިހްތިރާމެއް ނުކުރާނެއެވެ. އެހެންވެ އިހްތިރާމެއް ނުވެސް ލިބޭނެއެވެ. ވަލިއްޔުލް އަމްރާއި ރަސްގެފާނާއި ރައީސުލް ޖުމުހޫރިއްޔާ އަށް، ކިޔަމަންތެރިކަން އަދާ ކުރުން ވާޖިބުވަނީ ވެސް، ޝަރީޢަތާއި ހެޔޮމަގަށް ހައްގުގޮތުގައި އަމުރު ކުރާހާ ހިނދެއްގައެވެ. ކުރާ ކޮންމެ އަމުރަކަށް ކިޔަމަން ވުން ވާޖިބެއް ނޫނެވެ. ކަނޑައެޅިގެން ދީނުގެ އަސްލަކާއި ޚިލާފު ވެއްޖެނަމަ، ވެރިމީހާއާ ދެކޮޅަށް އެންމެހާ ރައްޔިތުން ނުކުމެ، ބަޣާވާތް ކުރުން ހުއްދައެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި ގަދަބާރުން، ޢިއްޒަތާއި މާތްކަމާއި ކަރާމާތް، ގަދަކަމުން ހޯދައި ލިބިގަންނަން ކުރެވޭ ހުރިހާ މަސައްކަތެއް ދާނީ ބޭކާރުވެ ހުލިވެގެންނެވެ. އަބަދަކު މަޖިލީހުގައި 29 ބޭކަލުންނެއް ނުތިބޭނެއެވެ. ބޮޑުމަޖިލީސް ނިމުމާއެކު އެބާރު ގެއްލޭނެއެވެ. ފަހެ، ދަންނާށެވެ! އަލިފާން ދަނޑި އެޅީމާ ހުޅުކޮޅަށް ވާހެންނެވެ. ރީތި ގޮތުގައި ރަނގަޅަށް ބުނެވޭ ބަސްތައް ދާނީ ﷲގެ ހަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލުތައް އެއްވެސް ހުރަހެއް ނެތި އުފުއްލަވާނީ އެކަލާނގެ ހަޟްރަތަށެވެ. ބަރަކާތާއި ޢިއްޒަތާއި އެކުގައެވެ. ތާއަބަދަށް ދެމިގެންދާ ހާލުގައެވެ. ސުވަރުގެ ތަކަށެވެ.

އަމިއްލަ އެދުމާއި އަމިއްލަ ބާރު ހޯދުމަށް ގަދައަޅައި ހައްގު ނޫން ގޮތުގައި ރާވާއި އޮޅުވާލައިގެން ކުރެވޭ ހުރިހާ މަސައްކަތެއް ރޫޅި އިނދަޖެހޭލެއް އަވަސްވާނެއެވެ. ބިދޭސީންގެ އުނގަށް ތިރިވާންޖެހޭލެއް އަވަސްވާނެއެވެ. އެންމެހާ ރައްޔިތުންގެ މަލާމާތާއި ލަޢުުނަތާއި ފުރައްސާރަ ތަކަކީވެސް ފޮރުވިފައިވާ ގަދަ ބާރެއް ލިބިގެންދާނެ އެއްޗެކެވެ. އަމަލީސިފަ ދައްކަވާނެ އެއްޗަކަށް ވާނެއެވެ. އެބާރު ރޫހާނީ ބާރަށްވެ، އިސާހިތަކުން އެކިގޮތްގޮތުން އޭގެ އަސަރުތައް، ވަށައިގެން އެކި ފަރާތް ތަކުން ފައުޅުވެ ފެންނަން ފަށާނެއެވެ. ވިސްނޭނީ އެދުވަހަކުންނެވެ. އޭރުތިބޭނީ، ލަޢުނަތްލެއްވި ފިރުޢައުނަށް ވީހެން ޣަރަޤުވުމުގެ ތުންފަތް މަތީގައެވެ. ސަލާމަތްވާން ޖެހިލާނެ ދިމާއެއް ނުވާނެއެވެ. އަނިޔާ ލިބޭ މީހުންގެ ދުޢާތަކަކީ، އެއްވެސް ހުރަހެއް ނެތި އިޖާބައަށް ހުށަހެޅޭ އިޚްލާޞްތެރި ދެންނެވުން ތަކެކެވެ. އަނިޔާވެރި ވެވި، އަނިޔާ ލިބިގެންވާ މީހާގެ މައްޗަށް މެނުވީ، ބުނާ ބުނުމުންނާއި ގޮވާ ގޮވުންތަކުންނާއި، ލިޔާލިޔުންތަކުގައި، ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިގެންނުވެއެވެ. ސާފު އަނިޔާ ލިބޭ މީހާގެ އަނިޔަތަކުގެ ވާހަކަ ފާޅުކޮށް ގޮވާ، ﷲ އަށް ދަންނަވާ ހެދުމަކީ ﷲ ރުހިވޮޑިގެންވާ ކަމެކެވެ. ﷲ އީ އައްސަވާ ވޮޑިގެންވާ އަދި ހައްގު ގޮތް ދެނެވޮޑިގެންވާ އެއްކައުވަންތަ ކަލާނގެއެވެ. އަނިޔާވެރިވެވޭ މީހުންގެ ދުޢާތައް އިޖާބަ ކުރައްވާ ކަލާނގެއެވެ.

ރައްޖޭގެ ރައްޔިތުންގެ ގެއަކީ، ރައްޔިތުންގެ މަޖިލީސް ކުރާގެއެވެ. ރައްޔިތުންގެ ބޮޑުމަޖިލީސް ކަމުގައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީސް ކުރާ ގެއަކީވެސް އެއީ އެވެ. އެއީ ރައްޔިތުންގެ ފުރަތަމަ މަރުކާއެވެ. ވިންދެވެ. ދިރުމެވެ. ފުރާނައެވެ. ރައްޔިތުންގެ ފަރާތުން ހުރިހާ ޢިއްޒަތަކާއި މާތްކަން ދެވިގެންވާ މިގޭގެ ހުރުމަތްތެރިކަން ކަނޑާފައިވަނީ ރައީސް މައުމޫނުގެ ސަރުކާރުންނެވެ. މަޖިލީހުގެ ރައީސް މައުމޫނަށް ބޯލަނބާއި ކިޔަމަން ގަނެގެންނެވެ. އެގޭގެ ހުރިހާ ޢިއްޒަތަކާއި ކަރާމަތެއް ކަމުގައިވާ ރައްޔިތުންގެ ބާރު، އެގެއިން ވަނީ ގަދަކަމުން ކަނޑުވާލާފައެވެ. ސަރުކާރުގެ ބާރާއި ނުފޫޒު އޭގޭގެ މައްޗަށް ވެރިކުރުވީ މިސަރުކާރުންނެވެ. އާދެ! އެޠާހިރު ބިނާގެ ޢިއްޒަތާއި ކަރާމާތުގެ މައްޗަށް ބާރުފޯރުވައި ގަދަފަދަ ވެގަތީ މިސަރުކާރުންނެވެ. ރައީސް މައުމޫނާއި ދެމަޖިލީހުގެ ދެރައީސުން ވެގެންނެވެ. ހަގީގަތުގައި އެބިނާއަކީ ސަރުކާރަށް ވުރެ މަތީގައި ހުންނަ، އިއްޒަތާއި ކަރާމާތާއި މާތްކަން ރައްޔިތުންނަށް، އިންތިހާއަށް ދަމަހައްޓައި ދޭންޖެހޭ، ދިވެހި ރައްޔިތުންގެ ބާރު ފެށިގެން އަންނަ ތަނެވެ. ސަރުކާރު ހިންގާ ފަރާތަށާއި މުޅި ސަރުކާރަށް އަމުރުތައް ނެރެ ތަންފީޒުކުރުމަށް އަންގާއި އަމުރުނެރޭ ފަރާތެވެ. ސަރުކާރު ހިންގާ، ނުހިންގާ ގޮތް ބަލަހައްޓާ މަރުކަޒެވެ. ދަރުބާރެވެ. ސަރުކާރުން އެމަރުކަޒަށް ބާރުހިންގައި އަމުރުކޮށް ހެދުމަކ،ީ އެމަރުކަޒުގެ ބާރު ކަނޑުވާލުމެވެ. ޢިއްޒަތާއި ކަރާމަތް ނަގާލާއި ވެއްޔާއި މޮޑެލުމެވެ. ރައީސް މައުމޫނު ސަރުކާރުން ކުރި އެންމެ ނުބައި ކަމަކީ ދިވެހިންގެ ލެއާއި ގުޅިފައިވާ އެފަދަ މުހިއްމު ބިނާއެއް، ޕާކިސްތާނު ސަރުކާރު ލައްވާ އެވެރިން ބޭނުންވާހާ ގޮތަކަށް އެއިމާރާތުގެ މަސައްކަތް ކުރުވިކަމެވެ. އެއިމާރާތުގެ މައި ތަޅުމުގައި ދެކެވޭ ހުރިހާ ވާހަކަތަކެއް އިސްލާމް އާބާދުގައި ތިބޭ ބަޔަކު އަޑުނާހާނެ ކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ގަބޫލުކުރިޔަސް، އަވަށްޓެރި އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްގެ އެކްސްޓާނަލް އެފެއާޒްގެ ރިސާޗް އެންޑް އެނަލައިސިސް ވިންގް (ރޯވ RAW ) އިން ގަަބޫލެއް ނުކުރެއެވެ. މިއީ ރައްޔިތުންގެ ބިނާގެ ފުރަތަމަ ޙުރުމަތް ކެނޑުމެވެ. ދިވެހި ސަރުކާރުން ވެސް އެބިނާއަށް ވަނީ، ސިފައިން ވައްދާ ޖާސޫސު ކުރުމުގެ ހުރިހާ އާލާތެއް ވަރަށް މޮޅަށް ގާއިމުކޮށްފައެވެ. އެކިދިމާދިމާގައި ހަރުކޮށްފައެވެ. މިއީ ދެވަނައަށް އެބިނާގެ ހުރުމަތް ކެނޑުމެވެ. މިހެން ގޮސް އެތައް ގޮތަކަށް އެބިނާގެ ހުރުމަތް ވަނީ ރައީސް މައުމޫނުގެ ސަރުކާރުން ކަނޑާފައެވެ. މިފަދަ ކަންކަމަށް ޚަރަދު ކުރާނެ ފައިސާ ހުންނައިރު، އެބިނާގެ ނިތްްކުރިމަތިންނާއި ވަށައިގެން ތާރު ފައިބާފަ ހުންނަ ތަންތަން ހުންނަނީ މަރާމާތު ނުކުރެވި ހާމައަށް ފެންނާށެވެ. ޗެމްބަރު ތެރޭގައި ހުންނަ ގޮނޑިތައް ތިރިކޮށްލާ އުފުއްލައިލާ ނުހެދެއެވެ. ގިނައީ ދަގަނޑު ގަނޑުހެން ހުންނަ ގޮނޑިއެވެ. ތަޅުމުގައި އަޅާފައި އޮންނަ ދޫލަގަނޑު ސާފުކޮށް ނުލާތާ، މިފަހަރުގެ ޚާއްޞަ މަޖިލީހަށްވީހާ ދުވަސް ވެދާނެއެވެ. މުޅިތަން ކަތުރުފަނީގެ ލަކުޑި ގަނޑަކަށް ވެއްޖެއެވެ. ރައްޔިތުންގެ ގޭގައި ކަތުރުފަނި އަޅައިފިއެވެ. މަޖިލީހުގެ ރައީސްގެ ސަމާލުކަންހުރީ، މެންބަރުންގެ ސިޔާސީކުލަވަރާ ދިމާއަށެވެ. އެތަން ބަލަހައްޓާއި މުސްތަގިއްލުކޮށް ރައްޔިތުން ހިމާޔަތްކޮށް ދިނުމުގެ ޚިޔާލެއް ފިކުރެއް ނެތެވެ. އޭ! މަޖިލީހުގެ ރައީސް ސީނާޒާހިރެވެ! މިވާހަކަތައް މަނިކުފާނުގެ ސަމާލުކަމަށް ގެންނަމެވެ!

އާދެ! ޚާއްޞަ މަޖިލީސް އެކުލަވާލުމުގައި ވެސް އެބިނާގެ ހުރުމަތް ކަނޑާފައި ވެއެވެ. އެމަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިންތިޚާބު ކުރިގޮތުން އެމަޖިލީހާއި އެބިނާގެ ހުރުމަތް ވަނީ ގެއްލުވާލާފައެވެ. ލިޔާން ތިބޭ ފަތްމިނީންނާއި ސެކިއުރިޓީންނަށް ތިބޭ އިރުވާ ހުދުތަކުގެ ލޯބީގެ އިހުސާސްތައް އެތާތެރޭގައި އުތުރި އަރާތަން ފެނެއެވެ. އައިޝާ މަލާގެ ފަރި ހަރަކާތްތަކުން ފެތުރޭ ޖާޒިބީ މީރުވަހުން، ތާޒާވެ ފުފުނު މާބުރެއް ވެސް އުޅުއްވިކަމަށް ވެއެވެ. ފަހެ، މިއީ އޭރުގެ އަމީންޢާއްމުގެ ސަމާލުކަމަށް ދަންނަވާ ވާހަކަ އެކެވެ. މިފަދަ އެތައް ޢަމަލުތަކަކަށް ފަހު ޢިއްޒަތާއި ކަރާމާތާއި ހުރުމަތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މިހާތަނަށް ރައްޔިތުންނާއި ރައްޔިތުންގެ ގޭގެ ހުރުމަތް ކަނޑާފައި ވަނީ ސަރުކާރުންނެވެ. ރައްޔިތުންނެއް ނޫނެވެ. ރައްޔިތުން މުޒާހަރާ ކުރުމަކުން އެގޭގެ ޙުރުމަތެއް ނުގެއްލޭނެއެވެ. ފަހެ، ރައްޔިތުންނަށް ރައްޔިތުންގެ ހައްގުތައް ހޯދުމަށް ރައްޔިތުންގެ މަންދޫބުންނަށް ޕްރެޝަރު ކުރީމާ އެގޭގެ ތަޅުމުގައި ދޮންބޮޑު ވާނެއެވެ. އެއީ އެއްގޮތަކަށް ވެސް އެތާނގެ، އެތަޅުމުގެ ހުރުމަތް ކެނޑުމެއް ނޫނެވެ. އެއީ ހައްގު ހޯދުމަށް އުފުލޭ އަޑުތަކެވެ. އެބިނާއަކީ ރައްޔިތުންގެ ޚާލިސް މަންދޫބުން ތިއްބަވާ ތަނެއްގެ ގޮތުގައި ހެދުމަށް، ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. އަސާސީގައި ހިމެނޭ އެފަދަ މާއްދާތައް އިސްލާހުކޮށް ރައްޔިތުންނަށް، ރައްޔިތުންގެ އިއްޒަތާއި މާތްކަމާއި ކަރާމާތް އަނބުރާ ގެނެސް ދިނުމަށްވެސް ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. މިފަދަ ހުރަސްތަކުން ޠާހިރުކޮށް އިސްލާޙީ ފިޔަވަޅުތަކެއް ވީހާ އަވަހަށް އަޅައިގެން ނޫނީ ރައްޔިތުން އެދި އަޑު އުފުލަމުން ގެންދާ ފަދަ އަސާސީ އެއް ނުލިޔެވޭނެކަން ކަށަވަރެވެ. ގިނަގުނަ ހުރަސް ތަކެއް ސަރުކާރުން ފާޅުގައި އަޅަމުން ދާދަނޑިވަޅެއްގައި ރައްޔިތުންގެ ގޭގެ އިއްޒަތާއި ކަރާމާރުގެ ވާހަކަ ދައުލަތުގެ ޓީވީ އާއި ރޭޑިއޯ އިން، އޮޅުވާލައިގެން ރައްޔިތުންނަށް ހާމަކުރަން ސަރުކާރު ލަދުވެތި ވާންޖެހޭނެއެވެ. އެބިނާ ތެރޭގައި އެބިނާގެ ހަގީގީ މަގްޞަދު، ޤުރްއާން މަޖީދުގެ އާޔަތްތަކުން ހާމަކުރެވިފައިވާ ހާލު، އެބިނާގެ ޢިއްޒަތާއި ކަރާމާތް އަނބުރާ ރައްޔިތުންނަށް ރައްދުކޮށް ދެވޭނީ، ސަރުކާރުގެ ބާރުކަމުގައިވާ 29 ބޭކަލުންނާއި ރައީސުލް ޖުމުހޫރިއްޔާ ފޮނުއްވާފައި ހުންނަވާ ރައްޔިތުންގެ މަޖިލީހު ރައީސް، އެތަޅުމުން ދުރުކޮށް، ބޭރުކުރެވިގެން ކަން ޔަގީނެވެ. މިއަވަސް ބަދަލު ވީހާ އަވަސް ގޮތަކަށް އަސާސީ އަށް ގެނެވިގެން ނޫނީ، ރައްޔިތުން އެދޭ ހައްލެއް ނުގެނެވޭނެއެވެ. މިގޮވާލެވުނީ ރައްޔިތުންގެ ގެއާއި ރައްޔިތުންގެ ބޮޑުމަޖިލީސް ރިފޯމް ކުުރުމަށެވެ. އަލުންދޮވެ އެތަން ތާހިރުކުރާށެވެ. މިވާހަކަތައް ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑުވާނީ، އެތައްފަހަރަކު ތަކުރާރުކޮށް ފައެވެ. ހުރިހާ މުއައްސަސާއަކީވެސް މިފަދަ ބަދަލާއި އިސްލާހު ގެންނަންޖެހޭނެ ތަންތަނެވެ. ހަލުއިކަމާއެކު ކުރި އަރަމުންދާ ތަރައްގީގައި ހިފަހަައްޓާލެވޭނީ އެއިރުންނެވެ. ފަރަންޖީންނަށް އަޅުގަނޑުމެންގެ ޢިއްޒަތާއި ކަރާމަތާއި މަޖުުދު ހޯދައި ދެވިދާނެ ކަމުގައި ދެކޭނީ، ޢަގީދާ ބަލިކަށި ވީމައެވެ. އީމާންކަން ކުޑަވީމައެވެ.އެއީ ފަރަންޖީންނެވެ. އަބަދުވެސް ބަލާނީ، އަޅުގަނޑުމެންގެ އަމިއްލަގޮތާއި ފޮތް ނެތިކޮށްލާށެވެ. ހުރިހާކަމެއް ރާވާނީ ވެސް އެގޮތަށެވެ. އޭ! ﷲ އެވެ! ދިވެހި ދަރިންނަށް ސާބިތުކަން ދެއްވާށިއެވެ! ހަގީގަތް ދެނެގަތުމުގެ ބުއްދި ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page