ރައްޔިތުންގެ މަޖްލީސްގައި އަންހެނުންނަށް ޚާއްޞަ ކުރެވޭ ގޮނޑި ބެހެއްޓުން.
- ilyashusein
- Oct 23, 2009
- 6 min read
އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ: 2006މ، ގައި
ރައްޔިތުންގެ ބޮޑު މަޖިލީހުގައި، ގާނޫނުތައް ހަދާ ފަރަތް ކަމުގައިވާ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތުގެ ބަހުސް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ބޮޑު މަޖިލީހުގެ ރިޔާސަތުން ގެންގުޅުއްވާ ދިގުދެންމުމުގެ ޕޮލިސީގެ ދަށުން، ގޮތެއް ނުނިމި ދިގުލަނީ އެވެ. އެޅޭނެ ފިޔަވަޅެއް ނެތެވެ. އެޖެންޑާ ކުރެވޭ ކޮންމެ ބަހުސެއްގެ ހާލަކީވެސް މިއެވެ. އެންމެ ފަހުން މި މައުޟޫއަށް ހޫނު ގަދަ ބަހުސެއް ކުރެވުނީ، ބޮޑު މަޖިލީހުގެ 6 ނޮވެމްބަރ 2006 ދުވަހު އޮތް 120 ވަނަ ޖަލްސާގައެވެ. އަދިވެސް މިމައުޟޫ ނިންމާލެވޭނެ ދުވަހެއް ނޭގެއެވެ.
އާދެ، މިމައުޟޫގައި އެންމެ އުސް އަލިކަމެއްގެ ގޮތުގައި އުޅެނީ، އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވޭ ގޮނޑިތަކެއް ކަނޑައެޅޭ ކޯޓާއެއްގެ ގޮތުގައި ހަމަޖައްސާފައި ބެހެއްޓުމުގެ ޚިޔާލެވެ. އަސާސީގައި މިގޮތަށް ލިޔުމަށެވެ. މިވިސްނުން އުފަންވެގެން މިއުޅެނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ނެރެގެން އުޅޭ ބޮޑު ބަހަނާ އެއްގެ ދަށުންނެވެ. ދިވެހިންގެ ތެރޭގައި އެއްވެސް އިރެއްގައި އަންހެނަކަށް ވާތީވެއޭ ކިޔާފައި އެއްވެސް ކަހަލަ ހައްގެއް ލިބުމުގައި ތަފާތު ކުރެވިފައެއް ނުވެއެވެ. މި ވިސްނުމަކީ ވަރަށް ގަދީމީ ވިސްނުމެކެވެ. މިހާރަކަށް އައިސް އުފަންވެގެން އުޅޭ ޚިޔާލެއް ނޫނެވެ. އިންސާނާ އެންމެ ފުރަތަމަ ނަޢުއެއްގެ ސިފާގައި ދެމިގެންދާ ގޮތަށް، ދުނިޔެއަށް ފޮނުއްވި ހިސާބުން މި ވިސްނުން ވަނީ އުފަންވެފައެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމަށް ގަބޫލު ކުރެވޭ ގޮތުގައި މި ވިސްނުން މިގޮތަށް ނުކުންނަން ޖެހުނީ އިންސާނާގެ ނައުޢު ދެމެހެއްޓުމަށްޓަކައި އަންހެން މާއްދާއާއި ފިރިހެން މާއްދާ އުފެއްދެވި އިރު އަންހެނާ އުފައްދަވާފައި ވަނީ ފިރިހެނާއަށް ނިސްބަތްކޮށް ބޮޑު ގުޅުމެއް ވާގޮތުގައެވެ. ފިރިހެނާގެ އުފެދުމާއި އަންހެނާގެ ހަށިގަނޑާއި އަރިކަށީގެ ކައްޓާ ގުޅިގެންނެވެ. އިންސާނުން ނަށް މިހަގީގަތް އުގަންނާ ދެއްވާފައި ވަނީ، ފުރަތަމަ ފިރިހެނާ ކަމުގައިވާ އެންމެހާ އާދަމުގެ ދަރިންގެ ބައްޕަ، އާދަމު އުފެއްދެވުމަށް ފަހު، ފުރަތަމަ އަންހެނާ ކަމުގައިވާ ހައްވާ އުފެއްދެވި ގޮތް، ބަޔާން ކޮށްދެއްވަމުން ނެވެ. ފިރިހެނެއްގެ އަރިކަށީގެ ކަށިކޮޅަކުން ފުރަތަމަ އަންހެނާ އުފައްދަވާފައިވާ ކަމަށް ދަލާލަތު ކުރާ އެތައް ބައިވަރު ޠަބީޢީ ހެކިތަކެއް ވާކަން ކަށަވަރެވެ. ސީދާ ނައްޞުވެސް ވާރިދު ވެފައި އެބަހުއްޓެވެ. ދެޖިންސުގެ މެދުގައި ލޯތްބާއި ކުލުނާއި އެދުންވެރިކަމާއި ޖާޒިބިއްޔަތާއި ލައްޒަތު ލައްވާފައި ވެއެވެ. ދެޖިންސު މެދުގައި މިއޮންނަލޯބްބާއި ޖަޒްބާތު އުފެދި، އެލޯބި ދެމިއޮތުމުގެ ޢިއްލަތަކީ މިއެވެ. މިއީ އިންސާނީ ނައުޢު އުފެއްދެވި ﷲ ގެ ކުޅަދުންވަންތަ ކަމެވެ. ޙިކްމަތްވަންތަ ކަމެވެ. މި ދެޖިންސުގެ މާއްދާ ގުޅިގެން ނޫނީ، އިތުރު އިންސާނެއް ދުނިޔެއަށް އައުމުގެ މަގު ފަހިވެގެން ނުދާނެއެވެ. ފަހެ، ދަންނާށެވެ! ﷲގެ ކުޅަދުން ވަންތަކަމުގެ ކުޅަދާނަ ކަމުން، ޚަލްގު ކުރައްވައި އުފެއްދެވި އިންސާނީ ނައުޢު، އާމެދު އިންސާނުން ވިސްނާން ފަށައިފިއެވެ. ޚާއްޞަކޮށް އަންހެނާގެ އުފެދުމާ މެދުގައެވެ. ގިނަގުނަ ގޮތްތަކަކަށް ވާހަކަތައް ދެކެވި ޚިޔާލުތައް ކުރެވެން ފަށައިފިއެވެ. ޔޫރަޕުގެ އެންމެ ގަދީމީ ޒަމާނުގައި އަންހެނާއަށް އެއްވެސް ހައިސިއްޔަތެއް ދެވިފައި ނުވެއެވެ. އަންހެނާއަށް ދުނިޔޭގައި ދިރި ދެމި ހުރުމަށް އެއްވެސް ގަދަރެއް، އިއްޒަތެއް ދެވިފައި ނުވެއެވެ. އަންހެން ދަރިފުޅެއް ލިބިއްޖެނަމަ ދިރިހުއްޓާ ވަޅުލާ ހަދައެވެ. އެންމެ ގަދީމީ ޢިލްމުވެރިންނާއި އެޒަމާނުގެ ގަދީމީ ފަލްސަފާވެރިން ޒަމާންތަކެއް ވަންދެން ސިކުނޑި ގާނާފައި ވަނީ އަންހެނާގެ އުފެދުމާއި އެޚަލްގުގައި ހިމެނިގެންވާ ޣަރީޒާތަކާ މެދުގައެވެ. ލޫޅާފަތި، ނާޒުކު، ޖާޒިބީ ހަށިގަނޑަކީ، އަނެއްކާ ރޫޙެއްވާ އެއްޗެއްތޯއާ މެދުގައެވެ. ފޮރުވިފައިވާ ރޫޙެއް ވާނަމަ އަންހެނާ ގައިގާވާ ރޫހަކީ އިންސާނީ ރޫހެއްތޯއާ މެދުގައެވެ. ނުވަތަ އެއީ ހައިވާނީ ރޫޙެއްތޯއާ މެދުގައެވެ. އިންސާނީ ރޫޙެއް ކަމަށް ވާނަމަ ފިރިހެނާ އާއި އެކުގައި ދިރިއުޅެ ދެމި ހުރުމުގެ މަގާމަކީ ކޮބާތޯއާ މެދުގައެވެ. އަދި އުފެދުމުގައި އަންހެނާއަކީ ފިރިހެނާގެ ދަށުގައި ޚިދުމަތް ދޭންޖެހޭ ނިކަމެތި އަޅެއްތޯއާ މެދުގައެވެ. ނުވަތަ އަންހެނާގެ ހައިސިއްޔަތާއި މަގާމަކީ، މިއަށްވުރެ މާމަތީ ދަރަޖައިގެ އެއްޗެއްތޯއާ މެދުގައެވެ. މިހުރީ ހައްތަހާވެސް ގަދީމީ ޒަމާނުގައި އަންހެނާއާ މެދު ވިސްނާއި ފިކުރު ކުރެވިފައި ހުރި މަގުތަކެވެ. އިންސާނީ ނައުޢު ފެށުނު ހިސާބުން މިއަދާހަމައަށް ވެސް މިބަހުސް އެކި ޒާތްޒާތުގައި އެކި ފެންވަރުގައި އެކި ގޮތްގޮތަށް މެދުކެނޑުމެއް ނެތި ދެމެމުން އައިސްފައި ވެއެވެ. ސަމާވީ ދީންތަކުގެ ތެރޭގައާއި ރޫޙާނިއްޔަތު ގަބޫލުނުކުރާ މުޖުތަމަޢު ތަކުގެ ތެރޭގައެވެ. އިސްތިޢުމާރާއި އެކިއެކި އުންޞުރީ ތަފާތުތަކުން މިނިވަން ކޮށްދިނުމަށް ޔޫރަޕްގައި އުތުރި އެރި އަންހެނުން މިނިވަން ކުރުމުގެ ހަރަކާތުގެ (EMANCIPATION MOVEMENT) މައްޗަށް ނަޒަރު ހިންގާލުމަކީ ބޭނުންތެރި ކަމެކެވެ. މިޒަމާނުގައި އައު ޔޫރަޕުގައި ހިނގަމުން މިދާ ޙައްގުން ކައްސާލާފައިވާ ޚިޔާލުތައް އުފެދި ތަރޯތާޒާ ވެފައި މިވަނީ، ގަދީމީ ޔޫރަޕުގައި އުފެދުނު މިހަރަކާތުގެ ތަރިކައެއްގެ ގޮތުގައެވެ. މިއީ ދަރިފަސްކޮޅަށް ދެމެމުން އަންނަ ބަހުސެކެވެ. އަދި އަދާއި ޖެހެންދެން ވެސް މިއޮތީ ހަމަ އެބަހުސެވެ. ޔޫރަޕު ދުށް މުއްސަނދި ސިނާޢަތުގެ ދައުރުގައި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމުގެ އަޅުވެތިކަމުގައި ޝިކާރައަކަށް ވެގެން ދިޔައީ އަންހެނުންނެވެ. ސަރުކާރުން ބިންތައް ދީގެން ޒިރާޢީ އަޅުވެތިކަމުގެ (SERFDOM) ދަށުގައި އަންހެނުން ބަނދެވިގެން ދިޔައީ އުފެއްދުންތެރި ކަމުގެ މެޝިންތަކެއްގެ ގޮތުގައެވެ. ރެއާއި ދުވާލު ހިނގަމުން ދިޔަ މެޝިންތަކެއްގެ ގޮތުގައި ދެމިތިބެން ޖެހުމުން ދިރިއުޅުމުގެ ވަޒީފާ ވެފައި ވަނީ ހަމައެކަނި، ކެއުމާއި ނިދުމާއި ދަރިން އުފަން ކުރުމާއި ރެއާއި ދުވާލު ގިއްކިޔާފައި ބުރަ މަސައްކަތް ކުރުން ކަމުގައި ވެއްޖެއެވެ. 24 ގަޑިއިރު ހިނގަމުންދާ މެޝިނަކަށް ވެއްޖެއެވެ. އާދެ! އަންހެނުން ޒިރާޢަތުގެ އަޅުވެތިކަމުގެ ތެރެއަށް ގެނބިފައި ވަނިކޮށް ޔޫރަޕުގައި އުފެދި ޙަރަކާތްތެރިވި ސިނާޢަތީ އިންގިލާބު ކުރިއެރުމުން ހުރިހާ މުސީބާތަކާއި އުނދަގޫތަކެއް ކޮނޑު އަޅާ އުފުލަން ޖެހުނީ އަންހެނުން ނަށެވެ. ޚާންދާނީ ދިރިއުޅުން ބަރުބާދު ވެގެން ހިނގައްޖެއެވެ. އާޢިލާތައް ރޫޅި ވިއްސިވިހާލިވާން ފަށައިފިއެވެ. ހުރިހާ އަނިޔާއެއް ރައްދުވީ، ސީދާ އަންހެނުން ނަށެވެ. މިއިންގިލާބުން އަންހެނުންނަށް ލިބުނު ހަމައެކަނި އެއްޗަކީ ފިރިހެނުންނާ ހަމަހަމަ ވުމަށް ޙައްގުތަކެއް ލިބެން ޖެހޭކަން ކަށަވަރު ވުމެވެ. އުނިވެފައިވާ ޙައްގުތައް ލިބިގަތުމަށް އަންހެންވެރިން ފަށައިގަތް ހަނގުރާމަ އެކި ގޮތްގޮތުން އަދިވެސް މިދަނީ ކުރިއަށެވެ. މިޙައްގުތައް ފުރިހަމަ ވުމަކީ އަންހެނުންނަށް އެންމެ މަތީބަސްބުނެ އަމުރުތައް ނެރުމުގެ ރިޔާސީގޮނޑި ހާސިލުވުމުގެ ހައްގު އޮތުމެވެ. އެންމެއިސް ރޫޙާނީ އިމާމަކަށް ވުމުގެ ހައްގު އޮތުމެވެ. ޝަރީޢަތް ތަންފީޒުކުރާ ޙާކިމާއަށް ވުމުގެ ހައްގު އޮތުމެވެ. އެންމެ މަތީ ފަނޑިޔާރަށް ވުމުގެ ޙައްގު އޮތުމެވެ. ފިރިހެނުންނަށް ހުވާލައި ދިނުމުގެ ޙައްގު އޮތުމެވެ. ފިރިހެނުންގެ އެންމެކުރީގައި ހުރެގެން އަޅުކަންކޮށްދީ ހެދުމެވެ. ފިރިހެނަކާ އެއްވަރަށް މުދާ ވާރުތަ ކުރުމުގެ ހައްގު އޮތުމެވެ. ހަތަރު ފިރިހެނުންނާއި އެކު އެކުގައި ކާވެނި ކުރުމަށް އެދި އެހައްގު ބޭނުންވާ ބަޔަކުވެސް ފަހަރުގައި ތިބެދާނެއެވެ. އާދެ! މުޢާމަލާތުގެ ހުރިހާ ކަމެއްގައި ދެޖިންސް ހަމަހަމަ ކޮށް ހުރިހާ ފުރުޞަތެއް އޮތުމެވެ. ފަހެ، މިދަޢުވާ މިގޮތަށް އޮތަސް މިއީ މުސްތަހީލު ކަމެކެވެ. ކުރެވޭނެ ކަމެއްނޫނެވެ. ފިޠުރަތުގެ ހަމަތަކާ ޚިލާފު ކަމެކެވެ. އަންހެނާއަށް ބަޔަކު ކިތަންމެ މަޖްބޫކުރިޔަސް މިކަން މިހެންބަލައި ގަތުމުގެ ތަބީޢަތެއް އަންހެނާގެ ނާޒުކު ހަށިގަނޑުގައި ލައްވާފައެއް ނުވެއެވެ. އެހެންވެ މިކަން ބަލައިގަނެ އުފުލާނެ ހިތްވަރު ސިކުނޑިއާއި ހިތުގައި، އުފެދުމުގައި ވެސް ލައްވާފައި ނެތީއެވެ. އެހަށިގަނޑެއް ގައި ނެތްކަމެއް ފަހެ، ގަދަކަމުން ކުރުވާނީ ކިހިނެތްތޯއެވެ! އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް މުގުރާލައި މިހައްގުތައް ގަދަކަމުން ލިބިގަތަސް ކާމިޔާބު ވުމެއް ނެތްކަން ކަށަވަރެވެ. ދީނީ ގޮތުންނާއި ފިޠުރަތީ ގޮތުން ހަމަޖެހިފައި ހުރި ހަމަތަކާއި އަސްލުތައް ރޫޅާލުމަކީ، އިންސާނީ މުޖުތަމަޢު ފަސާދަ ކުރުން ނޫން ދެވަނަ ކަމެއް ނޫނެވެ. މިއީ ހުޅަނގުން ރާވައިގެން މާތް ވެގެންވާ އިސްލާމް ދީނުގެ ހަމަތައް ރޫޅާލުމަށް ހިންގާ ޙަރަކާތެއްކަން ދެނެގަތުން މުހިންމެވެ. އެންމެފުރަތަކަ ކަމަކީ، ފިތުރަތު ދެނެގަތު މެވެ. އިސްލާމް ދީނަށް އީމާން ވުމެވެ. ޣައިބަށް އީމާންވުމެވެ. އާދެ! ރައްޔިތުންގެ މަޖިލީހުގައި ވަކި ޢަދަދަކަށް އަންހެނުންނަށް ގޮނޑި ޚާއްޞަކޮށްގެން ކޯޓާއެއް ހަމަޖެއްސުމަކީ، މީގެތެރެއަށް، މިވިސްނުމުގެ ތެރެއަށް ވަދެގެން ދާނެ ކަމެއްކަން ޔަގީނެވެ. ކޮންމެހެން ރައްޔިތުންގެ މަޖިލީހުގައި ދެޖިންސު ހަމަހަމައަށް ނުވަތަ ވަކި ޢަދަދަކަށް އަންހެނުން ނުތިއްބަސް އަންހެނުންނާއި ފިރިހެނުންނަކީ، ފާފަކުރުމާއި ސަވާބު ލިބިގަތުމުގައި ހަމަހަމަވެގެންވާ ބައެކެވެ. އެއް ހަމައަކަށް އިޚްތިޔާރު މިލްކު ވެގެންވާ ބައެކެވެ. އެއްފުނަލެއްގެ ދަތްތައްހެން ހަމަހަމަވެގެންވާ ބައެކެވެ. އަޅުކަން ކުރުމާއި ވިޔަފާރި ކުރުމާއި ކަންކަމުގައި ވާދަ ކުރުމުގައި ހަމަހަމަ އެވެ. އެއްވެސް ފަރަގެއް ތަފާތުކަމެއް ނެތެވެ. މިއީ އިސްލާމް ދީން އަންހެނުންނަށް ގެނެސް ދެއްވި މިނިވަންކަމެވެ. މުޅި އިންސާނިއްޔަތަށް ދެއްވި ރަހްމަތެވެ. ހުޅަނގުގެ އަޅުވެތިކަމުން މިންޖުކޮށް ނެރެދީ، މިނިވަން ޖައްވަކަށް އަންހެނުން ގެނެސްދިނީ އިސްލާމް ދީނެވެ. ދެން ފަހެ، މަދުވެގެން އުނިވެގެން މިއުޅެނީ ކޮން މަގާމަކާއި ކޮން ހައިސިއްޔަތެއް ތޯއެވެ؟ ފިރިހެނުންނާއި އެކު ހުރިހާ ކަމެއްގައިވެސް ވާދަ ކުރަންވީއެވެ. ދުނިޔެއާއި ސުވަރުގެ ކާމިޔާބު ކުރުމުގައި ތަފާތެއް ނެތެވެ. ފަރަގެއް ނެތެވެ. އެއްވެސް ހުރަހެއް ނެތެވެ. ދެ ޖިންސުވެސް އެއް ރޭހެއްގައި ތިބެ ދެދުނިޔެ ކާމިޔާބު ކުރެވޭތޯ ބަލަންވީއެވެ. ނުވާނެ ކަންތަކާއި މެދު ބަހުސްކޮށް ބޭނުންތެރި ވަގުތާއި އުފަން ދަރިން ނަގާނުލަމާތޯ އެވެ. މިސާލަކަށް ގަރުބަ ގަތުން، ދެޖިންސަށް ހަމަހަމައަށް ބަހާލާނީ ކިހިނެތްތޯއެވެ؟ އެއީ ވާނެ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ހަމަހަމަކޮށް ބަހާ ނުލެވޭނެ ކަންތައް ހުންނާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. ދެޖިންސުން ހަމަހަމައަށް މަޝްވަރާ ހޯދުމުގެ ވާހަކައަކީ އެއްވެސް އަސްލެއް ހަމައެއް ނެތް ކަމެކެވެ. އަމިއްލައަކަށް އުފައްދައިގެން އުޅޭ ބޯދާ ޖާހިލިއްޔަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހައިޟުވުމާއި ބަލިވެ އިނުމާއި ވިހެއުމާއި ނިފާސްކަން ހަމަހަމަކޮށް ދެޖިންސަށް ބަހާލެވިދާނެތޯ އެވެ؟ މިހުރީ ކުރެވޭނެ ކަންތަކެއް ނޫނެވެ. މިޒާތުގެ ހަމަހަމަ ކަމަށް ހުޅަނގުން ގޮވާލުމުގެ އަސްލަކީ އިސްލާމްދީން ފުނޑުފުނޑު ކޮށްލާ އެކިއްލާގައި ރެނދު އަޅުވާލުމެވެ. ފިކުރީ ގޮތުން އިސްލާމުންގެ ސިކުނޑިތަކާ ކުޅެލާއި އެމީހުންގެ އަސްލު މަގްޞަދާއި މަގާމުން އެއް ފަރާތް ކޮށްލުމެވެ. މިއީ ރޭވުމެއްގެ ދަށުން ކުރާކަމެކެވެ. ހަތަރު އަނބިން ގެންގުޅުމަކީ ޢާއިލާ ހިފާޒަތްތެރިކަމާ އެކު ނުބެލެހެއްޓޭނެ ކަމެއްކަމަށް ބުނެ ކުރާ ތުހުމަތަކީ އަސްލެއް ނެތް ސުމެއްގެ ވާހަކައެކެވެ. ހައިޟުވުމާއި ބަލިވެ އިނުމާއި ވިހެއުމާއި ނިފާސްކަމަކީ އަންހެނާގެ ޠަބީޢަތަށް ފުން އަސަރު ކުރާނެ ކަންތަކެވެ. އެދުވަސްވަރު ހަށިގަނޑާއި ސިކުނޑިއަށް ތަފާތު އިހުސާސްތަކެއް ކުރާނެ ކަންތަކެވެ. ހަމަ މަސްހަރުގެ ކަންތަކަކީ ވެސް މިކަހަލަކަމެކެވެ. ފިރިހެނާގެ ކުލުނާއި އަޅާލުމާއި އޯގާތެރިކަމުގެ ހޫނުކަން ވަރަށް ގާތުން ލިބިގެންނޫނީ ހިތްހަމަ ނުޖެހޭނެ ދުވަސްވަރެކެވެ. އަންހެނުންނަށް ހުކުރު ކުރުން ވާޖިބެއް ނޫނެވެ. ޖިހާދު ކުރުން ފަރުޟެއް ނޫނެވެ. އެހެނަސް މުޖާހިދުންނަށް ޚިދުމަތް ކޮށް ދެވިދާނެއެވެ. ކަށުނަމާދަށް ހާޟިރުވުން ވަނީ އަންހެނުންނަށް ހުއްޓުވާފައެވެ. މިސްކިތަށް ހާޟިރުވެ ޖަމާޢަތުގައި ނަމާދުކުރުން ލާޒިމެއް ނޫނެވެ. ތިމާގެ މީހަކާއެކުގައި ނޫނީ ހިލޭ އަންހެނާ ދަތުރު ކުރުން ހުއްދައެއް ނޫނެވެ. ރަނގަޅަށް ވިސްނީމާ މިއީ ގޯހެއްކަން ކޮންމެމީހަކަށް ވެސް ގަބޫލު ކުރެވޭނެއެވެ. ފަހެ، ކޮންމެ ހިނދެއްގައިވެސް އަންހެނާ އައުރައަކަށް ބަދަލު ވެދާނެއެވެ. ކައިރީގައި ހުންނަ މީހާއަށް އައުރައަކަށް ވާއިރު ދެން ހުންނަ މީހާއަށް އަދި އައުރައަކަށް ނުވެ ހިނގައިދާނެއެވެ. ހަމަ މިގޮތަށް އަންހެނާއަށް ފިރިހެނާވެސް އައުރައަކަށް ވެދާނެ ދަނޑިވަޅު އަތުވެދާނެއެވެ. ވިސްނާލެއްވީމާ އެނގޭނެއެވެ. މިއީ ދެޖިންސަށް އޮތްކަމެކެވެ. ފިރިހެނުންނަށް އަޅު އަންހެނާ ވަކިހާލަތެއްގައި ހުއްދައެވެ. އެހެނަސް އަންހެނުންނަށް އަޅު ފިރިހެނާ ހުއްދައެއް ނޫނެވެ. އާދެ، މިތަފާތުތަކަކީ އިސްލާމް ދީން ގެނެސްދެއްވާފައިވާ ފިޠުތަރުގެ އިލާހީ ހަމަތަކެވެ. އަސްލުތަކެވެ. ބަހުސްކޮށް ދެކޮޅު ހެދުމުގެ ބަދަލުގައި ހިތުގެ އަޑިން ގަބޫލުކޮށް ތަބާވާން ޖެހޭ ފިލާވަޅުތަކެވެ. ދަރުސް ތަކެވެ. ދިރިއުޅުމަށް އޮތް މަންހަޖެކެވެ. ދެދުނިޔޭގެ ކާމިޔާބަށް އޮތް ތެދުމަގެވެ. އަންހެނާގެ އެންމެ އިސް ވާޖިބަކީ އަދި ޒިންމާ އަކީ ފުރިހަމަ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމެވެ. ދަރިން ގާތުގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. ނުވަމަހާއި ދިހަދުވަހު މަންމަގެ ބަނޑުގައި އޮންނަން ޖެހެނީ، ސަބަބުތަކެއް ވާތީއެވެ. ޖަނަވާރުންގެ ޙަޔާތަށް ބަލާލުމުން ވެސް އެނގޭ އެއްޗަކީ ބަނޑުއަޅާ ވިހެއުމަށް ފަހު ދަރިން ބަނޑު ދަށުލައިގެންނާއި އަނގައިގެތެރޭގައި ދުވަސްގަނޑަކު ގެންގުޅެނީ ބޭނުން ތަކެއް ލައްވާފައި އޮތީމާ ކަމަށެވެ. މިއީ މަންމަގެ ލޯތްބާއި ކުލުނު ދަރިފުޅަށް ދިނުމަށެވެ. މަންމަގެ ހޫނުކަމާއި އަޑަކީ ވެސް ޅަދަރިފުޅަށް ވަރަށް ބޭނުން ތެރި އިހުސާސްތަކެއް ކަން ކަށަވަރެވެ. ދަރިފުޅަށް މައިމީހާގެ ކިރު ދިނުމާއި މައިމީހާއާ ގުޅުން ހުރި، މިފަދަ ތަރުބިއްޔަތެއް ނުދެވިއްޖެނަމަ އަޅާލާން ޖެހޭވަރަށް އަޅާ ނުލެވެނީއެވެ. ޒިންމާދާރު ނުވެވެނީ އެވެ. ޒިންމާދާރު މަންމައިންގެ ރީތި މިސާލުތައް ދިވެހި މުޖުތަމަޢުން ފެންނަން އެބަހުއްޓެވެ. ރައްޔިތުންގެ މަޖިލީސް ފަދަ ތަންތަނަށް ވަނުމަށް ހުރިހާ ދޮރެއް ހުޅުވިފައި އޮވެ، އެފަދަ ސިޔާސީ މަސައްކަތަކާ ނޫޅެ، ގޭގައި އިންނަވައިގެން ޒިންމާދާރު ގޮތެއްގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ލާމަސީލު މިސާލަކީ، އެމަޖިލީހުގައި މިހާރު އެކަމަނާގެ ތިން ބޭފުޅުން ތިއްބެވުމެވެ. އަންހެނާގެ އެންމެ އިސް ޒިންމާ ކަމުގައިވާ ދަރިން ތަރުބިއްޔަތު ކުރުން ދޫކޮށް ސަރުކާރުގެ މަތީ ވަޒީފާތައް އަދާ ކުރުމުގައި އަވަދި ނެތި އުޅުއްވާ އަންހެނާގެ މިސާލަކީ، މަޖިލީހުގެ ގޮނޑީގައި އެކަމަނާ އިންނަވާއިރު ދަރިފުޅު އާވާރާ ވެގެން އުޅޭ ތަގުންގެ ޖަމާޢަތްތަކާ އެކު މަގުމަތީގައި ސިގިރެޓް ޖަހާފައި އުޅުމެވެ. ނުވަތަ ބިދޭސީއެއްގެ އުނގުގައި މަންމަގެ ހޫނުކަމަށް އެދި ރޮއިރޮއިއޮތުމެވެ. މިމިސާލާ ވިއްދައިގެން އަޅުގަނޑު، ޚާއްސަމަޖިލީހުގެ އިއްޒަތްރެތި ދެއަންހެން ބޭފުޅުންނަށް ނަޒަރުކޮށްލާ ނަމެވެ. ފަހެ ޑޮކްޓަރ ފާތިން ހަމީދާއި އެކަމަނާގެ ލޮބުވެތި އެއްބަނޑު އެއްބަބާ ދެބޭބޭން ކަމުގައިވާ ހަމްދޫން ހަމީދާއި ޝާހީން ހަމީދަށް ބައްލަވާށެވެ. ދެން އިއްޒަތްތެރި ދިޔާނާ ސަޢީދަށް ބައްލަވާށެވެ. އޭރުން ވަރަށް ރަނގަޅަށް މިދެންނެވި މިސާލު ފަހުމްވެ ވަޑައިގަންނަވާ ނެއެވެ. މިއީ އެބަހުސް ތެރޭގައި ތަޅުމުގައި އަޅުގަނޑު ދެއްކިވާހަކަ އެކެވެ. ފަހެ، ދަންނާށެވެ! ކިޔުންތެރިންނަށް ހުށަހަޅާލަން އޮތް ސުވާލަކީ ހަމަ އެންމެ ސުވާލެކެވެ. އަންހެނުންނާއި ފިރިހެނުން ކޮންމެ ކަމެއްގައި ހަމަހަމައަށް ބައިތިއްބަން ޖެހޭ ސަބަބަކީ ކޮބައި ތޯއެވެ؟ މިކަން ކުރުމުން ލިބެނީ ކޮން ފައިދާއެއް ތޯއެވެ؟ އަމިއްލަ ގޮތާއި ފޮތާއި އަގީދާއާއި ފިޠުރަތު، އޮޔާލަނީ ހަމަ އެކަނި ހުޅަނގު ރުއްސުވުމަށްތޯއެވެ؟ ނުވަތަ މަތީ ފަޑީގައި އަބަދާއި އަބަދަށް ދެމި ތިބުމަށް ހޯއްދަވާ ގެރެންޓީއަކަށް ތޯއެވެ؟ ނުވަތަ މަޖިލީހުގެ ސަފުތައް ނާޒުކު ލޫޅާފަތި މާތަކަކުން ޒީނަތްތެރި ލޮށްލުމަށް ތޯއެވެ؟ ސަފުސަފަށް، ބަރިބަރިއަށް މަޖިލީހުގައި އަންހެނުން ބޭތިއްބުމުން ގައުމަށް ލިބެނީ ފަހެ ކޯޗެއްތޯއެވެ؟ އާދެ! އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމުގެ މަސައްކަތަކީ ވަރަށް ފޯރިޔާއެކު ހުޅަނގުގެ ބެލުމުގެ ދަށުން ބޮޑު ރޭވުމެއްގެ މަތިން ވަރަށް ހޫނު ކޮށް ކުރެވެމުންދާ ކަމެކެވެ. އެއްބަޔަކު މިކަން ކުރަނީ ގަސްދުގައި ނުލަފާ ކަމުންނެވެ. އިސްލާމުންގެ އަގީދާއާއި ރޫހާނިއްޔަތު ފިކުރީ ގޮތުން ރޫޅާލުމަށެވެ. ފަހަތުގަ ފޮރުވިފައިވާ މަޤްޞަދަކީ، އިސްލާމް ދީނާއި އިސްލާމުން ދުރުކުރުމެވެ. ނަފްރަތު ކަން އުފެއްދުމެވެ. އަނެއްބަޔަކީ ޖާހިލު ކަމާއި ވިސްނުމުގެ ކުޅަދާނަކަން ނެތުމުގެ ސަބަބުން އިސްލާމް ދީނަކީ އަންހެނުންނާއި ދުޝްމަނު ދީނެއް ކަމުގައި ޤަބޫލު ކުރާ މީހުންނެވެ. މިވިސްނުމަކީ ވަރަށް ދަށު ދަރަޖައިގެ އެއްވެސް ކަހަލަ ލޮޖިކެއް، މަންތިގެއްނެތް ހުސް ވާހަކަ ތަކެވެ. ވަރަށް ނިކަންމާ، އަގެއްނެތް އަދި ފެންވަރެއްނެތް ބަހުސެކެވެ. ވާހަކަ ތަކެކެވެ. އެމަޅީގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށް ރަނގަޅު ތައުލީމީ މީހުން ވެސް ވަނީ ޖެހިފައެވެ. މި ވިސްނުމުގައި ހައި ވާނުންނާ އެއްވެސް ފަރަގެއް ނެތެވެ. ލަދުވެތި ކަމާއެކު ދަންނަވަން ޖެހޭ ހަޤީޤަތަކީ، ހުޅަގުގެ އަވާގައި ޖެހިގެން މިއުޅޭ ވިސްނުމަކީ، ހައްޤު ގޮތުގައި އެ ވިސްނުމުގެ އަހުލުވެރިންނަށް އިސްލާމީ ހަމަތަށް އޮޅުން ފިލާފައި ނެތުމެވެ. ނުވަތަ މިމީހުން ގަސްތުގައި އެހެން މީހުންނަށް އޮޅުވާލުމަށްޓަކައި ހައްޤު ގޮތް ބާތިލް ގޮތާ، އެއްކޮއްލަނީ އެވެ. ނުވަތަ އަމިއްލަ މަޤްސަދު ތަކެއް ހާސިލްކޮށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ގަދަ އަޅާ މަސއްކަތް ކުރަނީ އެވެ. ނަތީޖާއަކަށް ވަނީ ދުވަހުން ދުވަހަށް އަންހެނުން ދަށަށް ދިއުމެވެ. އަންހެން ދަރިން ހަލާކުވެ އެކިއެކި ވަބާތަކުގެ ތެރެއަށްފެތި، ގެއްލިގެން ދިއުމެވެ. އާދެ! ދަންނާށެވެ! ރައްޔިތުންގެ މަޖިލިސް އެކުލަވާލަން ޖެހޭނީ ހަމައެކަނި އިންތިހާބު ކުރެވޭ ބައެއްގެ މައްޗަށެވެ. އޭ! ﷲ އެވެ! އަޅަމެން އެންމެނަށް ހެޔޮ ވިސްނުން ދެށްވާށިއެވެ! އިސްލާމްދީން މަތިވެރި ކުރައްވާށިއެވެ! ދިވެހި އަންހެން ދަރީންގެ އިއްޒަތާއި ކަރާމަތް، މަތިވެރިކުރައް ވާށިއެވެ! އާމީން!


Comments