top of page

ރައްޔިތުންގެ ވެރިކަމަކީ ފުރިހަމައަށް ޒިންމާދާރު ވުމެވެ.

  • Writer: ilyashusein
    ilyashusein
  • Oct 24, 2009
  • 7 min read

=އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ: 2007މ، ގައި=

އޭ! އިސްލާމުންނޭވެ! ދަންނާށެވެ! ރައްޔިތުންގެ ސަރުކާރެއް އޮތުމުގެ ބޭނުމަކީ، މުޖުތަމަޢުގެ ހަމަހަމަ ކަމާއެކު އެންމެންގެ ހައްގުތައް ފުރިހަމަ ވެގެންދާނެ ސަލާމާތްތެރި ރީތި ދިރިއުޅުމެއް އެންމެހާ ރައްޔިތުންނަށް ލިބިފައި އޮތުމެވެ. ވަރަށް ޒިންމާދާރު ތެދުވެރި ބަޔަކު އިސްކޮށް ބައިތިއްބައިގެން މިފަދަ ދިރިއުޅުމެއް މުޅި ހަޔާތުގައި ހޭދަ ކުރުމެވެ. އުފާވެރި ޒިންދަގީއެއް މުޅިޢުމުރުގައި ހޭދަކުރުމެވެ. އެއަށްފަހު، ދުނިޔެއާއި އާޚިރަތް، އަބަދާއި އަބަދަށް ކާމިޔާބު ކުރުމެވެ. ރައްޔިތުންގެ ޒިންމާދާރު ވެރިކަމެއްގައި މުސްތަގިއްލުކޮށް ހުންނަ އިދާރާތައް މާގިނަ ކުރުމަކީ، ޒިންމާދާރު ކުރުވުމެއް ނޫނެވެ. އެއީ ބާރުތައް ކުދިކުދިކޮށް ލުމެވެ. ބައިބަޔަށް ބަހާލުމެވެ. ދުސްތޫރާއި ޝަރީޢަތް ހިންގުން ބައިބަޔަށް ބަހާލާއިގެން ވަކިވަކިން ތަންފީޒުކުރުމަކީ ޙަޤީޤަތުގައި ދަތިތަކެއް ހުންނާނެކަމެކެވެ. ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި އެންމެންހާ ރައްޔިތުންގެ ހައްގުތައް ދިފާޢު ކުރުމުގައި އޮޅުންތަކެއް ހިނގާނެ ކަމެކެވެ. ހަގީގަތަކީ، ކޮރަޕްޝަން ހިންގުމަށް އިތުރު ދޮރުތަކެއް ހުޅުވުމެވެ. ފުރިހަމަކޮށް އެއް ޒަޢާމަތެއްގެ ބާރުދައުލަތުން ފެނިގެން ނުދިއުމެވެ. އާދެ! އިންސާނުންގެ ސިކުނޑިތަކަށް ފެނުނުހާ މޮޅު ގޮތްގޮތަށް އެކިއެކި ނަންނަމުގައި ރައްޔިތުންގެ ސަރުކާރުތައް ބިނާކޮށް މާޒީގައިވަނީ، ތަޖުރިބާ ކޮށްފައެވެ. އެކަޑަމީ އިދާރާތަކުގައި ޢިލްމީ ފެންވަރެއްގައި އެކިއެކި ނިޒާމުތައް ދިރާސާކޮށް ބޮޑެތިފޮތްތައް ލިޔެ، ކިޔަވައި ދެމުން އެބަ ގެންދެއެވެ. އެކިއެކި ތަޢުލީމީ މަންހަޖު ތަކުގައި ހިމަނައިފިއެވެ. އެހެނަސް ރައްޔިތުންގެ ދިރި ތިބުމާއި މަރުވުމުގެ މަގުޞަދުތައް ވަނީ އެންމެ އެދެވޭ، އޭގެފުރިހަމަ ހައްގު ގޮތުގައި ހާސިލު ކުރެވޭނެ މަގެއް ނުހޯދިފައެވެ. ސަބަބަކަށް ވަނީ، ސަމާވީ ދީންތައް ބޮލާލައިޖަހާ އެއްލާލުމެވެ. ބަދަލުތަކެއް ގެނެސް ތަހުރީފުކޮށް އޮޅުވާލާފައި ވުމެވެ. އިސްލާމީ ޝަރީޢަތް ވަނީ، ގަސްދުގައި ބަޔަކު އިސްވެ ތިބެގެން، ނެތިކޮށްލާފައެވެ. އޮޅުވާލާފައެވެ. ދުވަސްވީ ކަޓުއެއްޗަކަށް ވެގެން، ތަހުޒިބުކޮށް ފައެވެ. ޒަމާނީކޮށްފައެވެ. ލިބަރަލް ކޮށްފައެވެ. ލާދީނީކޮށް، ޢިލްމާނީކޮށް ފައެވެ. އިންސާނީ ހައްގުތަކާ ތަޢާރަޟު ވާތީ ޔޯލައެވެ. އިންސާނާގެ ނުވަތަ މީހާގެ ޒަމީރަށް ފެންނަގޮތަކީ، އެމީހާގެ ހައްގަކަށްވަނީ، ބަދަލުވެފައެވެ. ހައްގަކީ، ކޮބައިކަން ނިންމާއި ބުނެދެނީ، އެމީހާގެ ޒަމީރެވެ. ފަހެ މިއީ މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ނިހާޔަތެވެ. ހަނުހުރުމަކީ، އެންމެބާރުގަދަ އިންސާނީ ވަންތަ ހައްގަށް ވެއްޖެއެވެ. އިސްލާމީ ޝަރީޢަތުގައި އޮންނަ ގިޞާޞް ވެފައި ވަނީ، އިންސާނިއްޔަތަށް ހުރި ގަތުލްއާންމަކަށް ހަދާފައެވެ. އޭގައި އެހެންމީނަށް ދިރުމެއްވާކަން ވަނީ، ގަސްދުގައި އޮޅުވާލާފައެވެ. ނަމާދު ކުރުން، ޒަކާތް ދިނުން، ހައްޖުވުން ފަދަ އަޅުކަންތައް ވަނީ، އެމީހެއްގެ ޒާތީ އަމިއްލަ ޝަޚްޞީކަންކަމަށް ހަދާއި ބަދަލު ކޮށްލާފައެވެ. ހަމައެކަނި މިސްކިތްތަކާ ހަމައަށް ހިސާރުކޮށް ފައެވެ. މިސްކިތުން ބޭރަށް ނެރުމަކީ، ދުނިޔޭގެ ތަމައްދުނާއި ތަހުޒީބާ ދެކޮޅަށް ހިންގާ ޓެރަރިޒަމަށް ބަދަލުކޮށްފައެވެ. ހައްދުފަހަނަ އަޅާދިއުމަށް ވެފައެވެ. އެމީހުންނީ، އެކްސްޓްރީ މިސްޓުންނަށް ހަދާފައެވެ. ވައްހާބީންނާއި ސަލަފީންނާއި ސޫފީންނާއި ސުންނީންނާއި ޝީޢީއިންނާއި މިހެންގޮސް އެތައްބަޔަކަށް ބެހިބެހީނުން މިހާރަކު އިސްލާމުންނެއް ނެތެވެ. ހަގީގަތުގައި އިސްލާމް ދީނަށް އުޅޭބައެއް ނެތެވެ. މިކަމަކާހުރެ އިސްލާމީ ޒަޢާމަތެއް ނުދެއްކެއެވެ. އިސްލާމީ ޝަޚްޞިއްޔަތެއް ނުފެނެއެވެ. އިސްލާމީ ވަހުދަތުވަނީ ގެއްލިފައެވެ. ހުރިހާބާރެއްވަނީ ބަހާލެވިފައެވެ. ﷲގެ ފޮތް، ޤުރްއާން ކިޔެވުމަށް ވުރެ ޚިޔާލީ، ފުލޯކު ވާހަކަ ފޮތެއް ކިޔާލުމަކީ، ސިކުނޑި ތަނަވަސްކޮށްދީ، ސިކުނޑި ހުޅުވާލުން ކަމުގައި ބަލައިގެންފިއެވެ. ޙަރާމް ކުރެއްވިހާ ކަންތައް ހަލާލު ކޮށްފިއެވެ. އެއްޖިންސުން ލޯބީގެ ގުޅުން ހިންގުމަކީ، އެމީހެއްގެ ޒަމީރާ ގުޅިފައިވާ ބޮޑުހައްގަކަށް ވެއްޖެއެވެ. އޮރިޔާން ވުމަކީ ވެސް ހައްގަކަށް ބަދަލުވެއްޖެއެވެ. ޙަލާލު ކުރެއްވިހާ ކަންތައް ޙަރާމް ކޮށްފިއެވެ. ޙަރާމް ކުރެއްވިހާ ކަންތައް ޙަލާލުކޮށް ފިއެވެ. ފިރިހެނުން އަންހެނުންނަށް ވެއްޖެއެވެ. އަންހެނުން ފިރިހެނުންނަށް ވެއްޖެއެވެ. ޖިންސު އޮޅުވާލައި ފިއެވެ. ބަދަލުކޮށް ފިއެވެ. އާދެ! އިސްލާމްދީނު ގައިހުރި އިންސާނީ ހައްގުތަކާއި އިސްލާމީ ޑިމޮކްރަސީގެ ރީތިހަމަތައް މުގުރާލުމަށްޓަކާ ހުޅަގުންވަނީ، އިންސާނީ ހައްގުތަކުގެ ނަމުގައި މާމޮޅު އެއްޗަކަށް ހަދައި ލިބަރަލް ޑިމޮކްރަސީއެއް އުފައްދާފައެވެ. އޭގެމައްޗަށް ފޮތްތައްލިޔެ ފަރުމާކޮށްފައެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި މުސްލިމުދުނިޔެއަށް ތަޢާރަފްކޮށް ކިޔަވައިދޭން ފަށާފައެވެ. އިސްލާމީ ދައުލަތްތަކުގެ މަންހަޖުތަކަށް ލާފައެވެ. ފަހެ، ދަންނާށެވެ! މިހާރަކަށް އައިސް ރަސޫލާގެ ސުންނަތަކީ، މިޒަމާނުގައި އެއްގޮތަކަށްވެސް ނެތް އެއްޗެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފެންނަން އޮތްހާ ވެސް އެއްޗަކީ، ﷲގެ ފޮތްކަމުގައިވާ ގުރުއާނެވެ. ރަސޫލާގެ ބަސްފުޅުތަކަކީ، ތަހުރީފުކޮށް ބަދަލުގެނެސްފައިވާ ހަދީސްތަކެއް ކަމުގައި ބަލަން ފަށައިފިއެވެ. ހަދީސްފޮތްތައް ލިޔެފައިވަނ، މާފަހުންއައި ބައެއްކަމުގައި ބުނެ ފަތުރަމުން ގެންދެއެވެ. އަޅެފަހެމިއީ އިސްލާމީ ތަހުޒީބުތޯއެވެ! އަޅެފަހެމިއީ، ރޫޙާނިއްޔަތު ތޯއެވެ؟ ނުވަތަ އެހެންއެއްޗެއް ތޯއެވެ! އާތިޔަރީއެއް ތޯއެވެ! ނުވަތަ އަމިއްލައަށް އިސްލާމީ ތަމައްދުނުނާއި ޙަޟާރަތުން ފަހަތަށްޖެހި، ލިބިގަންނަ އަސްލެއްނެތް ހުސް ނަޒަރިއްޔާއެއް ތޯއެވެ؟

އޭ! މުސްލިމުންނޭވެ! ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޙައްގުތައް، ރައްޔިތުންގެ ސަރުކާރަކުން ދިފާޢުކޮށްދީ ހިމާޔަތް ކުރާނީ މިގޮތަށް ތޯއެވެ؟ ބާވާލެއްވި އެއްވެސް ދީނަކަށް އަޅާލުމެއް ނެތިތޯއެވެ؟ އިސްލާމީ ޝަރީޢަތަށް ބަލާލުމެއްނެތި ތޯއެވެ؟ އިންސާނުން އުފެއްދެވި ﷲއަށް، އެއްވެސް ކަހަލަ އިސްކަމެއް ނުދެއެވެ. މަތިވެރިކަމެއް ނުދެއެވެ. އެއީ ﷲ އަކްބަރުކަން ވަނީ، ހަދާންނެތިކޮށް ލާފައެވެ. ފަހެ އެންމެ މަތިވެރިވެގެންވަނީ ﷲ އެވެ. އެންމެބޮޑީ ﷲ އެވެ. އަޅުގަނޑުމެން ދިވެހިންނަކީ، ސައްތައިން ސައްތަ އިސްލާމުންނެވެ. ހުރިހާކަމެއްގައި ﷲ އަށް، ރުޖޫޢަވާ މީހުންނެވެ. އެހެން މީހުންނާ ވަރަށް ތަފާތުވާން ޖެހޭނެއެވެ. މިއަދުވެސް އަޅުގަނޑުމެންނަކީ، ދީނަށް ލޯބިކުރާ ދިމާވާ ކޮންމެ ކަމެއްގައި ﷲ އަށް ކުރިމަތިލާއި ދުޢާކޮށް ހަދަމުންދާ ބައެކެވެ. އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށް ތަބާވެގެން މިތިބި އިސްލާމް ދީން އޮތީ، އެދީން ބާވަލެއްވި ގޮތަށެވެ. އެއްވެސް ކަހަލަ ވަހުމެއް އޮޅުވާލުމެއް ނެތެއެވެ. ޚާލިޞްކަން މަތީގައެވެ. ސާފުކޮށެވެ. ބަދަލުވުމެއް ނެތެވެ. ވީހިނދު ހުރިހާ މަލާމާތެއް މިރައްދު ވަނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށެވެ. މިވާގޮތަކީ، އަމިއްލަ ވަންތަދީން އަމިއްލައަށް ނަގާލަނީއެވެ. ހުޅަނގުން ދައްކާ ކޮސްމެޓިކް ޖަރީތަކަށް ހެއްލެނީ، އަޅުގަނޑުމެން އަމިއްލައަށެވެ. ފަހެ، ދަންނާށެވެ! އިސްލާމްދީނުގައި ހިފައިގެން ތިބެ، ނިއުކްލިއަރ ބޮމް އުފެއްދިދާނެއެވެ. ޕާކިސްތާނުން އުފައްދައި ފިއެވެ. އީރާނުން އަދި ތަޖްރިބާކޮށް އިއުލާނު ނުކުރިޔަސް އެމީހުން އަތުގައިވެސް އެބަހުއްޓެވެ. އަދި އަންހެނުން މާސް ތަރިއަށް ވެސް ފޮނުވިދާނެ އެވެ. އެއްވެސް ހުރަހެއް ނެތެވެ. އުނގެނެންވީއެވެ. ދަސްކުރަންވީއެވެ. ދޮރުއޮތީ ހުޅުވިފައެވެ. އަޅުގަނޑުމެންނަށް ޙާޞިލް ކުރެވިފައިވަނީ ޢިލްމުގެ ވަރަށް މަދު މިންވަރެކެވެ. ކުޑައެތިކޮޅެކެވެ. އަމިއްލައަށް އަމިއްލަނަފްސާ ސުވާލުކޮށް ލައްވާށެވެ! އަޅެފަހެ މިއީ ދޮގު ވާހަކައެއް ތޯއެވެ؟ ޖަވާބު އަމިއްލަފުޅަށް ވިސްނާލެއްވުމަށް ފަހު، ދެއްވަބައްލަވާށެވެ. ހަމަކަށަވަރުން، އިސްލާމްދީނަށް ރުޖޫޢަ ނުވާންވީ ކީއްވެތޯއެވެ؟ ރައްޔިތުންގެ ވެރިކަމެއް ހަރުދަނާކޮށް، ދުސްތޫރެއް އެކުލަވާލުމަށް ވިސްނަމުންދާ ދުވަސް ވަރެއްގައި އެމީހަކަށްވީ ވަރަކުން ދިރާސާ ކުރަންވީ އިސްލާމްދީނުގެ އަލީގައި ވެރިކަމާއި ސިޔާސަތާއި އަދުލު އިންސާފާއި ނިޔާ ކަނޑައެޅުން، ރައްޔިތުންގެ ޒިންމާދާރު ވެރިކަމެއްގައި އޮންނަންވީ ގޮތް ދެނެގަތުމަށެވެ. ޒިންމާދާރު، ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރެވޭނެ ގޮތަކީ، ކޮބާތޯ ވިސްނާ ބެލުމަށެވެ. އިސްލާމީ މިންގަނޑަކުން ދުސްތޫރެއް ލިބި ގަނެވޭތޯ ބަލަން ކޮންމެހެންވެސް ވެއްޖެއެވެ. ފުރިހަމަކޮށް ޒިންމާދާރު ކުރެވޭ ޙާކިމަކު ނުވަތަ ރައީސަކު، އިސްކޮށް ބަހައްޓައިގެން ރައްޔިތުންގެ ހައްގުތައް، އެކެއްގެ ފުރިހަމަ ޒަޢާމަތުގެ ދަށުން ހައްގުގޮތުގައި ދަމަހައްޓައި ދެވިދާނެކަން ޔަގީނެވެ. އެކަމަކު އެއިރުން އޮންނާނީ ހުޅަގުން މިގޮވާލާ ލިބަރަލް ޑިމޮކްރަސީއެއް ނޫނެވެ. އޭރުން ޖެހޭނީ ހުޅަނގުން އުފަންކުރި ޑިމޮކްރަސީ، އިސްލާމީ ޑިމޮކްރަސީ އަކަށް ބަދަލުކުރާށެވެ. އިސްލާމީ ކުލަޖައްސާށެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ކުރެވިދާނެ ކަމެކެވެ. އިސްލާމީ ޑިމޮކްރަސީއެއް ބިނާ ކުރެވިދާނެއެވެ. ހުޅަނގުން އުނގެނިގެން ތިއްބެވި ދަރިވަރުންނަށް މިއީ ގަބޫކުރަން އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. އެހެނަސް ދަންނާށެވެ! މަޝްވަރާގެ އަސާސްތަކާއި ހަމަތަކަކީ އިސްލާމީ ޑިމޮކްރަސީ އެވެ. ހުޅަގުން އުފަންކޮށް ދެއްކި ޑިމޮކްރަސީގައި ބަގުޑިބައްދައިގެން ތިބުން ލާޒިމެއްނޫނެވެ. އެއީ އިސްލާމްދީނާއި އިސްލާމީ ޝަރީޢަތް އުގެނުމަށް ފަހު، އިސްލާމް ދީނާ ދެކޮޅަށް ބަޔަކު އުފެއްދި ތިޔަރީއެކެވެ. ނަޒަރިއްޔާއެކެވެ. އަޅުގަނޑުމެން އިސްލާމުންނަށް އަޅުގަނޑުމެންގެ ދުސްތޫރާއެއްގޮތަށް އަޅުގަނޑުމެންގެ ޑިކޮމްރަސީ ބިނާކޮށް، ބައްޓަން ކުރެވިދާނެއެވެ. އޭރުން އިސްލާމީ ޑިމޮކްރަސީ އުފަން ކުރެވުނީއެވެ. އަދި އިސްލާމްދީނުގައި އޮތްރީތި ޑިމޮކްރަސީ މީސްތަކުންނަށް ދަސްކޮށް ދެވުނީއެވެ. އޭރުން އިސްލާމިކް ޑިމޮކްރެޓިކް ރިޕަބްލިކެއް އުފެއްދުނީއެވެ. ގައިމުކުރެ ވުނީއެވެ.

އާދެ! އިސްލާމް ދީނުގައި އެންމެ މުސްތަގިއްލުކޮށް އޮންނަނީ ޢަދުލު އިންސާފުގެ ބާރެވެ. އެއީ މުޅިން ވަކިކޮށް އޮންނަ މުސްތަގިއްލު ބާރެކެވެ. އެއީ އިސްލާމީ ޝަރީޢަތެވެ. އެއަކަށް، އެކަމަކަށް ބަދަލެއް ނުގެނެވޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ ގާނޫނުތައްހަދާ މަޖިލީހާ ދެކޮޅަށްވެސް މިބާރުން އަމުރު ނެރެ ނިޔާ ކަނޑައެޅިދާނެއެވެ. ހަމައިން ނެއްޓޭ ކޮންމެ ދިމާލަކަށް މިބާރުން ވަދެ، އިންސާފު ގެނެސް ދިނުމަށް މިބާރު އޮންނާނީ ތައްޔާރަށެވެ. ފަރުދީ ފެންވަރުންނާއި ޖަމާޢީ ފެންވަރުގަޔާއި އިދާރީ މުއައްސަސާތަކުގެ ފެންވަރުގައާއި ދައުލަތުގެ ފެންވަރުގައެވެ. ފަހެ، އެންމެން ރުހި ހިތުގެއަޑިން ގަބޫލުވެ، ބައިޢަތު ހިފާ މީހަކާ، ދައުލަތުގެ ވެރިކަން ޙަވާލު ކުރެވިދާނެއެވެ. ގިނަމީހުންގެ ރުހުމާއެކު، ވަރަށް ފުރިހަމައަށް ޒިންމާދާރު ކުރުވާފައެވެ. މިކަން ބަލަހައްޓާނީ ޢަދުލު އިންސާފުގެ ދާއިރާ ފުރިހަމަ މިނިވަންކަމާއެކު މުސްތަގިއްލު ބާރުވެރި އިދާރާއެއްގެ ގޮތުގައި ބާއްވައިގެންނެވެ. މިއީ ދައުލަތުގެ އެންމެ ވަރުގަދަ އަދި އެންމެމަތީ ބާރެވެ. އަދި ދައުލަތުގައި ޒަޢާމަތާއި ސިޔާދަތު ދަމަހައްޓައިދޭ ބާރެވެ. އުއްމަތުގައި ހަމަހަމަކޮށް ދުސްތޫރު ދަމަހައްޓައިދޭނެ ފަރާތެކެވެ. ޝަރީޢަތް ތަންފީޒުކޮށް ނިޔާކަނޑައަޅާ ފަރާތެވެ. މި ބާރުގެ ދަށުން ވެރިމީހާގެ މައްޗަށްވެސް ނިޔާކަނޑަ އެޅޭނެއެވެ. ހުކުމްކުރެވޭނެއެވެ. ރައްޔިތުންގެ ބާރެއްގެ ގޮތުގައި އޮންނަ، ރައްޔިތުންގެ މަޖިލީގެ މައްޗަށާއި އެމަޖިލީހުގެ މެންބަރުން އިންސާފުން ނެއްޓޭ ހިނދު، ނިޔާއެއް ނެރެއިއްވުމުގެ އަދާލަތީ އިޚްތިޔާރު އަދުލް އިންސާފުގެ ބާރަށް އޮންނާނެއެވެ. ރައްޔިތުންގެ ސަރުކާރެއް ޒިންމާދާރު ކުރުވަން އެންމެ ފަސޭހަ ގޮތަކީ މިއެވެ. އެންމެ ފަސޭހަ ނިޒާމަކީ ވެސް މިއެވެ. ހަމައެކަނި މިބާރުތައް ވަކިކޮށް އޮވެފައި މުސްތަގިއްލު މަގާމުތަކާއި މުސްތަގިއްލު އިދާރާތައް ވީހާވެސް މަދުކުރުން ބޭނުންތެރިއެވެ. ދުސްތޫރުގެ ދަށުން ބާރުތައް ބަހާލައި ވިއްސިވިހާލި ކޮށްލުމަކީ، ހަރުދަނާ ކުރުމެއް ނޫނެވެ. ޒިންމާދާރު ކުރުވުމެއް ވެސް ނޫނެވެ. މުސްތަގިއްލު އިދާރާތައް ގިނަ ކުރި ވަރަކަށް ޚުދުމުޚުތާރު ވެރިންތަކެއް އިތުރަށް އުފައްދައި ބާރުވެރި ކުރެވެވެނީއެވެ. މިއިން ކޮންމެ މުސްތަގިއްލު ފަރާތަކީވެސް އެ މުއައްސަސާއެއްގައި ނުވަތަ އެމަގާމެއްގައި ވަރަށް އަމިއްލަ ބާރުވެރި ވަރުގަދަ ވެރިއެކެވެ. ހުރިހާ ކަމެއް ހިންގަން ފަށާނީ އަމިއްލައަށެވެ. މުސްތަގިއްލު ކޮށެވެ. ނުފޫޒާއި ބާރުގެ ދަށުންނެވެ. ނޭގި ތިބެ ކުދިކުދި އިތުރު ވެރިކަންތަކެއް، ސޮސައިޓީގައި އުފެއްދުނީއެވެ. އޭރުން އިންސާފުގެ ބާރުވެސް އޮންނާނީ ބޭކާރުވެ ބާރު ކެނޑިފައެވެ. ރާއްޖެ ކަހަލަ ކުޑަތަނެއްގައި ފެނިގެންދާނީ ހަމަ މިހާރުވެސް މި ފެންނަ ކަހަލަ ދޯދިޔާ މަންޒަރުތަކެވެ. ވެރިމީހާގެ ވެރިކަމުގެ ދައުރު ލިމިޓް ކުރެވުނީއޭ ކިޔާފައި ދެންހުރި ގިނަ ކަންތައްތައް ހުންނާނީ ހަމަ ހުރި ގޮތަށެވެ. ކުރިން ވެސް އޮތް ގޮތަށެވެ. ބާރުވެރި މީހާގެ ދަށަށް އެހެން މީހުން އަޅުވެތި ކުރާނެއެވެ. މަދުމީހުން ތަކެއް ޒިންމާދާރު ކުރެވިގެން ނޫނީ ރައްޔިތުންގެ ސަރުކާރެއް ޙައްގު ގޮތުގައި ގާއިމެއް ނުކުރެވޭނެއެވެ. އިސްލާމީ ޝަރީޢަތެއް ތަންފީޒެއް ނުކުރެވޭނެއެވެ.

އާދެ! ސޮސައިޓީގެ ހަމަޖެހުމާއި އިޖުތިމާޢީ އަދާލަތަކީ ޚާއްޞަ ގޮތެއްގައި ގިނަ ބަހުސް ތަކެއް ކުރެވޭ މައުޟޫއެކެވެ. ކިޔަވާ ކުދިންގެ މެދުގައިވެސް ވަރަށް ފޯރިއާއެކު މިމައުޟޫއަށް ބަހުސް ކުރެވެއެވެ. އަޅުގަނޑު އިސްލާމީ މަރުކަޒުގައި އުޅުނު ދުވަސްވަރު ކިޔަވާކުދިން އެންމެ ގިނައިން ސުވާލުކޮށް ހަދަނީ، މިރޮނގުންނެވެ. މައުހަދު ކުދިންނާއި އަލް އަރަބިއްޔާ ކުދިން މިފަދަ ސުވާލުތައް ކުރާލެއް ވަރަށް ގިނައެވެ. އެކުދިން ފިލާވަޅު ދަސްކުރަން އަންނަނީ، އިސްލާމީ މަރްކަޒަށް އަޅުގަނޑު ކާރިއަށެވެ. އެސް.އީ.ސީގެ ދަރިވަރުންވެސް މި ސުވާލުތަކަށް ޝައުގުވެރިވެއެވެ. މިފަދަ ސުވާލުތަކަށް ސަރުކާރުގެ އިސްމަގާމު ތަކުގައި ތިއްބަވާ ޒިންމާދާރު ނޫން ބޭފުޅުން ދެއްވާ ޖަވާބަކީ، އަޅުގަނޑުމެންގެ ދުސްތޫރު ނުވަތަ ގާނޫނު އަސާސީގައި އޮންނަނީ ހުރިހާ ދިވެހިންނަކީ، ހަމަހަމަ ބައެއް ކަމަށެވެ. އެހެން ވުމުން އިޖުތިމާޢީ އަދާލަތު ނެތިފައެއް ނޯންނާނެކަމާއި ހުރިހާ މަގާމުތަކަކީ ވެސް ޒިންމާދާރު މަގާމުތަކެއް ކަމުގައި ބުނެއެވެ. މިއީ އެކުދިންނަށް ގަބޫލު ކުރެވޭ ވާހަކައަކަށް ނުވެއެވެ. މިއީ އާންމުކޮށް ގައުމީ ޓީވީން ނާއި ރެޑިއޯއިން އިވޭ އަޑުތަކެވެ. ރަމަޟާން މަހު މިއަޑުތައް އިވޭލެއް ގިނައެވެ. ރައީސް މައުމޫނުގެ އިހުޔާ ކުރުމުގެ ޕްރޮގްރާމް ތަކުންނެވެ. ލައްބައެވެ. އާދޭހެވެ. ތެދުފުޅެކެވެ. އެހެނަސް އެކުދިންގެ ހިތްތަކަށް ތަސައްލީ ނުލިބިގެން މިސުވާލުތައް ކޮށްހަދަނީ ޙައްގުގޮތް ދެނެގަތުމުގެ ބޭނުމުގައެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ. ހިތާމަ ކުރަން ޖެހެނީ އެވާހަކަ ތަކަކީ، ރޭވިގެން ހިންގާ ޕްރޮޕެގެންޑާއަކަށް ވާތީއެވެ. ގަސްތުގައި އުފައްދާ މުއާމަރާތަކަކަށް ވާތީއެވެ. މިއީ އިންތިހާއާށް ހިތާމަ ހުރި ކަމެކެވެ. ޙަގީގަތަކީ މިހާރު ފެންނަމުންމިދާ އެކި އެކި ނިޒާމުތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި މުސްތަބިއްދުންގެ ފަލްސަފާއަކީ، އިޖްތިމާޢީ އަދާލަތުގެ ބަދަލުގައި އިޖްތިމާޢީ ޒުލްމަށް ވެފައިވާތީއެވެ. ފިރުޢައުނާއި ނަމްރޫދާއި ޗަންގޭޒުޚާނުމެން ފަދަ މުސްތަބިއްދުންގެ ވެރިކަމުގައި ވެސް ދެކިފައި ނުވާފަދަ ޒަމާނީ ގޮތުން ކުރިއަރާފައިވާ އަނިޔާވެރިކަން މިހާރުގެ ތަރައްގީވެފައިވާ ސޮސައިޓީތައް ކަމަށް ދަޢުވާ ކުރަމުން ގެންދާ ސޮސައިޓީތަކުން ފެންނަމުން އެބަދެއެވެ. ދިވެހިރާއްޖެއަށް ނަޒަކޮށްލައްވާށެވެ. އަނިޔާވެރި ވުމަށްފަހު އެއަނިޔާތައް ފޮރުވަން ރާވާ ރޭވުން ތަކެވެ. ޖަލުތަކުގެ ތެރެއިންނާއި އިދާރީ އޮފީސްތަކުގެ ތެރެއިން ލިބެމުންދާ ނަފްސާނީ އަނިޔާތަކެވެ. ތަކުރާރު ކުރުމަކަށް ވެދާނެތީ ތަފްސީލުކޮށް ލިޔާކަށް ނެތީމެވެ. ތިޔަ ބޭފުޅުންގެ ވިސްނުމަށް ދޫކޮށްލާނަމެވެ. އެންމެ މީހެއްގެ ނުވަތަ މަދު މީސްކޮޅެއްގެ އިށީނުމަކުން ތަހުރީރު ކުރެވޭ އިޖްތިމާޢީ ފަލްސަފާއަކީ އިޖްތިމާޢީ އަދާލަތުކަމަށް ގަބޫލު ކުރާނެ ބުއްދިވެރިއެއް ނުވަތަ ވިސްނުންތެރިއެއް ހުންނާނެތޯއެވެ؟ ހަގީގަތަކީ ނުހުރުމެވެ. ހުއްޓަސް އެއީ ނަކަލީ ދެއްކުމެކެވެ. މިވައްތަރުގެ ވަޟުޢީ ފަލްސަފާތަކުގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަމުންދާނީ ރައްޔިތުންގެ މުދަލާއި ބިން ފަދަ ތަންތަން ގަނެލާ ބާރުގެ ދަށަށް ނަގަމުންދާ ތަނެވެ. ސަރުކާރުތައް ދަމަހައްޓައިދޭން ތިބޭ މަހުޖަނުންގެ ބާރުގެ ދަށަށް ދާތަނެވެ. ނުވަތަ އަމިއްލަ މިލްކިއްޔާތަށް ހަދަމުން ގެންދާތަނެވެ. ސަރުކާރުން ކުންފުންޏެއް ހެދިޔަސް ބޮޑު ފައިދާ ލިބެން ޖެހޭނީ އެފަދަ މަހުޖަނުންނަށެވެ. ބޮޑެތި ފެކްޓްރީ ތަކާއި ކުންފުނި ތަކާއި ކެފެޓީރިއާ ތަކާއި މިފަދަ ތަންތަން ވަކި ބައެއްގެ މިލްކިއްޔާތަށާއި ފައިދާއަށް ހަދަމުން ގެންދާ ހިތްދަތި މަންޒަރު ތަކެވެ. މި މަގު ހުޅުވިފައި އޮތުމުން ބޮޑެތި ހުރިހާ މަހުޖަނުން ތިބޭނީ މުސްތަބިއްދު ސަރުކާރުތައް ދަމަހައްޓައިދޭށެވެ. މިއީ މިކަން ވާނެ ގޮތެވެ. މަސްތުވާތަކެތި އާންމު ކޮށްފިއެވެ. މުޅި ގައުމުގެ މުސްތަގުބަލް ބަނަވެއްޖެއެވެ. ބަރުބާދު ވަމުންދާ ޢާއިލާތައް ބައިވަރެވެ. ބައެއް ޒުވާނުން ގާނޫނުތައް އަތަށް ލައިފިއެވެ. ގާނޫނު ތަންފީޒު ކުރުން ނެތިއްޖެއެވެ. ކުދިކުދި ގޭންގު ޖަމާޢަތްތައް ހެދެން ފަށައިފިއެވެ. ކަޓަރާއި ހަންޖަރާއި ވަޅިފަދަ ތަކެތި އަމިއްލަ ދިފާޢުގެ ނަމުގައި ގެންގުޅެން ފަށައިފިއެވެ. ހަތިޔާރުގެ ވަގު ވިޔަފާރި ފަޅާއަރާނީ މާދަމާ ކަންނޭގެއެވެ. މުޅި ގައުމު ވަނީ ޝިކާޔަތުންނާއި ފަރިޔާދުތަކުން ގުގުމާފައިވާ ޖަލަކަށް ބަދަލުވެފައެވެ. ޢަދުލު އިންސާފުގެ ހުރިހާ ދޮރުތަކެއް ވަނީ، ރައްޔިތުންނަށްޓަކައި ބަންދުވެފައެވެ. ކޮންމެވެސް ހިސާބަކުން ބޮޑު ތަޅުއެޅުވިފައެވެ. އިސްލާހީ އެޖެންޑާތައް ނެރެ މަގުޗާޓުތައް ފަރުމާކޮށް ނެރެ ބައިނަލް އަގުވާމީ މުޖުތަމަޢަށް ޗާލުޖަރީ އެއްގެ ގޮތުގައި ޒީނަތްތެރިކޮށް ދައްކަމުންދާ އިރުވެސް ރައްޔިތުންގެ ޙައްޤަށް މަސައްކަތް ކުރާނެ އެއްވެސް ކަހަލަ ތަންޒީމެއް، ޖަމާޢަތެއް، ޖަމްޢިއްޔާއެއް ނުވަތަ މިފަދަ ތަޅުމެއް (PLATFORM) އެތަނެއްގައި ރައްޔިތުންގެ އަމިއްލަ ޚިޔާލު ފާޅުކޮށްލާނެ އޮވެގެނެއް ނުވެއެވެ. ފުލުހުންނާއި ސިފައިން މިފަދަ ކަންތައް ހުއްޓުވައެވެ. ރައްޔިތުންގެ އަމިއްލަ ގެތަކާއި ތަޅުންތައް ބޭނުން ކުރެވެނީ، ސަރުކާރުގެ ސިޔާސީ މަގުޞަދުތައް ހާސިލު ކުރު މަށެވެ. ރައްޔިތުންގެ ދެގޭގެ ރިޔާސަތަށްވެސް ވަނީ މިބަލި ޖެހިފައެވެ. ފުލުސް އޮފީހށް ދަމާފައި ގެންގޮސް ބިރު ދެއްކުމަކީ އަދިވެސް ކުރާކަމެކެވެ. ޢާންމު ރައްޔިތުންގެ މިފަދަ ޚިޔާލުތަކަށާއި ލިޔުން ތަކަށް އެޅޭ ވަރުގަދަ ހުރަހެކެވެ. ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ސަރުކާރުން އެދިލައްވާ ގޮތް ނޫން ގޮތަކަށް ނިންމަން  ޖެހިއްޖެ ނަމަ ދިގުދަންމާލާއި ލަސް ކޮށްލައިގެން ކޮންމެވެސް ސިޔާސީ ދޮރެއް ހޯދައެވެ. އެއްވެސް މަހުކަމާއެއްގެ ދޮރުގައި ޢަދުލު އިންސާފެއް ނެތެވެ. ހުންނަނީ ސިޔާސީ ލޭބަލް އެޅުވިފައެވެ. ސަރުކާރުގެ އިދާރާތައް ވަނީ ބާރު ނެތިފައެވެ. އެއް ފަޅި ވާގިނެތިފައެވެ. ޕެރެލައިޒް ވެފައެވެ. ޖާސޫސީ ޕްރޮގްރާމުތައް ގިނަ ކަމުން ދޭދޭ މީހުންގެ މެދުގައި އޮންނަންވީ ލޯތްބާއި އުޚްވަތްތެރިކަން ވަނީ، ހަސަދަވެރިކަމަށް ބަދަލުވެފައެވެ. ތިމާގެއަޚާގެ މަސްކޮޅު ރޮލާ ކާލަން ޖެހޭ ހިސާބަށް ގޮސްފައެވެ. ލޮބުވެތި ހަށިގަނޑަށް ޖާނީ ޙަމަލައެއް އަތުވެދާނެ ކަމުގެ ބިރު އުފެދިފައެވެ. ފާޑުފާޑުގެ އިންޒާރުތައް އާންމުވެފައެވެ. ތަރައްގީ ވެފައިވާ މީޑިއާގެ ޒަރީޢާއިންނެވެ. އެކި ނަންނަމުގައި ނެރޭ ހައްދުފަހަނަ އަލާފައިވާ ސައޓްތަކާއި ލިޔުންތައް ގިނައެވެ. ސަރުކާރުން ބާރުލިބެމުންދާ އެކިއެކި ފޯސްތަކުން ތައްޔާރުކުރާ ލިޔުންތަކެވެ. ސައިޓްތަކެވެ. ފެކްޓް މޯލްޑިވްސް އާއި ފަސްކާފު ޑޮޓްކޮމެވެ. އާދެ! ފަސް ކާފުގެ އަހުލުވެރިން، ވެރިންގެ ފަރާތުން ހޯދާ ރުހުމުގެ ބަދަލުގައި އެވެރިންގެ ލޮބުވެތި ދަރިން ވަނީ އެފަސާދައިގެ ޝިކާރައަކަށް ވެފައެވެ. ޒުވާން “ޒިޔާއައްބާސް” އަށް ބައްލަވާށެވެ. އާދެ! ފަސާދައިގެ މައްޗަށް ފަސާދަ އިސްކުރެވެން ފަށައިފިއެވެ. މާފަހުން އުފައްދާ ކޮޅަށްޖެހި ޕާޓީއަކުން ސަރުކާރު ހައިޖެކް ކޮށްފިއެވެ. ދެމަޖިލީހާއި ބޮޑެތި އޮފީސްތައް ވަނީ އެތަންތާގެ ވެރިން މެދުވެރިކޮށް ހައިޖެކްކޮށްފައެވެ. ޑީއާރުޕީގެ މީހަކަށް ނޫނީ ސަރުކާރުން އެއްވެސް ކަމެއް ނުކުރެވެއެވެ. ކުރިއެރުން ލިބެނީ އެޕާޓީއާ ހެދި އުޅޭ މީހުންނަށެވެ. ވަޒީފާލިބެނީ އެމީހުންނަށެވެ. ބޭނުމެއް ނުހިފޭ ބޮޑު ރުއްބުޑަކަށް ވިޔަސް އަދި ދިރުމެއް ނެތް ފީލަކުޑި ގަނޑަކަށް ވިޔަސް އެންމެ ރަނގަޅެވެ. ވަޒީފާދޭންވީއެވެ. ހަމައެންމެ ރަނގަޅެވެ. އެންމެ ފަހުން އެޓޯލްސް މިނިސްޓްރީ ތެރެއިން ޑިރެކްޓަރުންގެ މަގާމަށް ލިބިގެން ދިޔަ ކުރިއެރުމަކީވެސް މީގެ ރީތި މިސާލެކެވެ. މިނިސްޓަރ ވަހީދުއްދީން ވެސް އެކުރައްވަނީ ކީއްތޯއެވެ؟ ހޭޖެހޭ ރަނގަޅުމީހަކު، މޮޔަފުޅުވީބާވައެވެ؟ ތިޔަމަސައްކަތައްވުރެ ރީތިކޮށް މަޑުން ބަނޑޮހުގައި ހުންނެވުން މާބުއްދިވެރި ވާނެކަމުގައި އަޅުގަނޑު ދަންނަވަމެވެ. އަވަހަށް ރައީސް މައުމޫނު ކާރިން ދުރުވެވަޑައި ގަންނަވާށެވެ.

އާދެ! އިޖުތިމާޢީ ހަމަހަމަ ކަމާއި އިންސާފަކީ މިއީތޯއެވެ؟ ރައްޔިތުންގެ ސަރުކާރެއްގެ ފޮންޏާއި ލައްޒަތަކީ މިއީތޯއެވެ؟ ޒިންމާދާރު ވުމަކީ މިއީތޯއެވެ؟ ޒިންމާދާރު ކުރުވުމަކީ މިއީތޯއެވެ؟ ނޫނެކެވެ. ހަމަގައިމުވެސް މިއީ އިސްލާމުންގެ މުޖުތަމަޢެއްގައި މޫލައި ގަދަފަދަ ވިޔަދީގެންވާނެ ހަމަތަކެއް ނޫނެވެ. ފަހެ، ކިޔަވާ ކުދިން މިވާހަކަތަކަށް ވިސްނާއި ފިކުރު ކުރާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. މިގައުމުގެ މުސްތަގުބަލަކީ، ތިޔަ ލޮބުވެތި ކިޔަވާ ކުދިންނެވެ. ﷲ އަޅުގަނޑުމެންގެ ބޮޑުންނަށް ހެޔޮ ވިސްނުން ދެއްވާއި ތެދުމަގު ދައްކަވާއި ޒިންމާދާރު ކުރައްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page