top of page

ރައްޔިތުންގެ ބޮޑުމަޖިލީހުގައި ޝަރުޢީ ނިޒާމާއިބެހޭ ބަހުސް.

  • Writer: ilyashusein
    ilyashusein
  • Oct 17, 2009
  • 7 min read

=އިލްޔާސް ޙުސައިން އިބްރާހީމް. ލިޔުނީ: 2006މ.ގައި=

ސައްތައިން ސައްތަ އިސްލާމީ އުއްމަތެއް އެކުލެވޭ ދައުލަތެއް ކަމުގައިވާ “އައްދައުލަތުލް މަޙަަލްދީބިއްޔާ” ގެ ޤާނޫނުއަސާސީގައި “ޢަދުލު އިންސާފުގެ ބާބު” ލިޔުމަށް ކުރެވޭ ބަހުސް ބޮޑުމަޖިލީހުގެ ތަޅުމަށް، އެޖެންޑާ ކޮށްފައި ވަނީ “ޝަރުޢީ ނިޒާމާއިބެހޭ ބަހުސް ކުރުން” މިގޮތަށެވެ. ދިވެހި ދައުލަތަކީ، ސައްތައިން ސައްތަ އިސްލާމީ އުއްމަތެއްގެ ދައުލަތަކަށްވެފައި، އިސްލާމަކު ނޫންމީހަކު، ދިވެހި ދައުލަތުގެ އަމުރުވެރިކަމާއި ސިޔާދަތުގެ ދަށަށް ގާނޫނީ ގޮތުން ނުގެނެވޭކަމަށް ވާނަމަ، ފަހެ، ދިވެހި ދައުލަތަކީ، އިސްލާމީ ދިވެހި ދައުލަތެކެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ޤާނޫނުއަސާސީގައި މިގޮތަށް ނުލިޔަންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނަސް، ހުޅަނގުގެ ހަންފެތުރުމުގެ ޖާދޫގައި މަދުބަޔަކުޖެހި އާޝޯޚްވެ، ޣަރަގުވެފައި ތިބިލެއް ފުންކަމުން، އަދި ގަންނަ ބިރެއްގެ ބޮޑުކަމާ ހެދި ނުކެރެނީއެވެ. ދިވެހިން ހުޅަނގުގެ ފިކުރީ ހަނގުރާމައިގެ ވިހަ ދަލުގައި ޖެހި، ތާށިވެފައި ތިބި މިންވަރު ވަޒަންކޮށްލެވެނީ، މިފަދަ މުހިންމު ކަންތަކާ ކުރިމަތިލާން ޖެހުނީމައެވެ. ކޮންމެ އިސްލާމަކީ ދިވެއްސެއް ނޫނެވެ. އެހެނަސް ދިވެހި ޖުމުހޫރިއްޔާގެ އަލަށް ހެދޭ، ޤާނޫނުއަސާސީ ވެގެންދާން ޖެހޭނީ، ކޮންމެ ދިވެއްސަކީ، އިސްލާމަކަށް ވުން މަޖްބޫރު ކުރާ އަސާސީ އަކަށެވެ. މިއީ އަޅުގަނޑުމެން އެތަޅުމުގައި ތިބިއްޔާ ކުރާނެ ކަމެކެވެ. ހުޅަގުން ބޭނުންވާ ކުލައެއް އަޅުގަނޑުމެންގެ އަސާސީގައި ނުޖެއްސޭނެ އެވެ. ގިނަ ދިވެހީން ތިބީ، އިސްލާމީ އަގީދާ، އަސާސީން ހަމާޔަތް ކޮށްދޭ ގޮތަށް، އަސާސީގައި ލިޔެދިނުމަށް އެދި އެދިއެވެ. ގޮވާލަ، ގޮވާލައެވެ. މިފަދަ ދީނަށް ލޯބިކުރާ އުއްމަތަކަށް ދިވެހިންވީ ހިނދު، އަޅުގަނޑުމެންގެ ޝަރީޢަތްވަނީ ފުރިހަމަ ކުރެއްވުމަށްފަހު، ޝަރުޢުކުރައްވާ ނިމިފައެވެ. އިތުރަށް ބަހުސްކޮށް ގެން އެއަށް އުނި އިތުރު ގެނެސް ގޮތްގޮތް ހަދާކަށް ނުޖެހެއެވެ. ބަދަލު ގެންނާކަށް ނުޖެހެއެވެ. އެވަރުން ނުފުދިގެން އިސްލާމީ ޝަރީއަތް އެއްލާލާއި މުޅިން އެހެން ގާނޫނުތަކެއް ހަދާކަށް ނުޖެހެއެވެ. އަދި ދުނިޔޭގައި އުފެދުނު އެންމެ ފުރަތަމަ އިސްލާމީ ޚިލާފަތުގައި، އިދާރީގޮތުން ރާވާއި ކަންތައްތައް ތަންޒީމުކޮށް، ތަންފީޒު ކުރަންވީގޮތް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞ) މެދުވެރިކުރައްވާ މިއުއްމަތަށް ވަނީ ދަސްކޮށް ދެއްވާފައެވެ. އިސްލާމީ ޝަރީޢަތް އަލުން ބަލުން ޝަރުޢުކުރެވޭނެ، ހަަމަ ހިލާ އެއްވެސް މަގެއް ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ، ގާނޫނުތައް ޝަރުޢުކުރާ ތާކަށް ނުހެދޭނެ އެވެ. އެތަނުން ޖެހޭނީ، ﷲ ޝަރުކުރެއްވި ޝަރީއަތާ އެއްގޮތްވާ ގޮތަށް ގައުމުގައި އަމުރު މައުރޫފު ހިންގުމަށް ބޭނުންވާ ގާނޫނުތައް އެކުލަވާލާ ތަންފީޒުކުރޭތޯ ބަލާ ޒިންމާދާރު ތަނަކަށް ވާށެވެ. އިސްލާމީ ޝަރީޢަތް ދުރަށް އެއްލާލާފައި ރައްޔިތުންގެ މަޖިލީހަކީ، ޝަރީޢަތައި ނުލާ ވަކިން ގާނޫނުތައް، ޝަރުޢު ކުރާ މުއައްސަސާ އަކަށް ނުހެދޭނެއެވެ. އިސްލާމީ ދައުލަތެއްގައި މިއީ ކުރެވޭނެ ކަމެއްނޫނެވެ. މިކަމާ އަޅުގަނޑުގެ ފުރާނަދަންދެން ޖަދަލުކޮށް ހަނގުރާމް ކުރާނަމެވެ. ފަހެ އެކަމަކީ، ހުޅަގުގެ ވިސްނުމެކެވެ. އިސްލާމުންގެ އަގީދާ ބަލިކޮށްލައި ނެތިކޮށްލުމަށް ފަތުރަމުން ގެންދާ ވިހައެކެވެ. ޝަރުޢީ ނިޒާމޭ ކިޔައިގެން އެނަމުގައި މިވިހަ ފެތުރުމަށް، ކިތަންމެވަރަކަށް އުޅުނަސް، އެއީ ވާނެކަމެއް ނޫނެވެ. ދިވެހިން ތިބީ ހޭލާއެވެ.

ފަހެ، ދަންނާށެވެ! އަމިއްލައަށް އުފައްދާ ވަޟުޢީ (އަމިއްލައަށް ހަދާ) ގާނޫނުތަކަކީ، ކަނޑައެޅިގެން ހުރި ފަސާދަކަން ވަނީ ސާބިތުވެފައެވެ. މިރާއްޖެ އަށް އެކަނި ބަލާލިޔަސް ހެތްކަކަށް ފުދޭނެ އެވެ. ވަރަށް ސާފުކޮށް، މިކަން މިގޮތަށް ހެއްކާއެކު، ސާބިތުވެފައި އޮތް އިރު، އަޅުގަނޑުމެން ދުވަސްތައް މިނަގާލަނީ ޝަރުޢީނިޒާމާ ބެހޭ ބަހުސްކުރާށެވެ. ބޭރު ފުށަށް ފެންނަނީ، މިދެކެވެނީ، އިސްލާމީ ޝަރީޢަތުގެ ވާހަކަ ގޮތަށެވެ. އެހެނަސް، ލިޔެގެން ގެންނަ އެޖެންޑާތަކުގެ ބިތްްދޮށުގައި ފޮރުވިފައި އޮތީ، ފަހެ ކޮންފަދަ ސިއްރު އެޖެންޑާއެއް ބާވައެވެ؟ ހަމަގައިމުވެސް ކުޅަދުންވަންތަ ﷲ ތަޢާލާއަށް ފޮރުވޭނެ އެއްވެސް އެއްޗެއް އީޖާދުކުރެވޭނެ ހަމަ އެކަކުވެސް މިދުނިޔެ މައްޗަކު ނުވެއެވެ. ﷲ ތަޢާލާއީ، މަކަރުވެރިންގެ މަކަރަށްވުރެ ބޮޑަށް މަކަރު ދެނެވޮޑިގެންވާ ކަލާނގެއެވެ. ފަހެ، މަޑުމޮޅިވެ އެންމެ ބޮޑަށް ބިރުވެތި ވާންވީ ދުވަސްވަރަކީ، އިންސާނާގެ އަރުޒަލް އުމުރުގައިކަން(އުމުރުގެ ފަހުދުވަސްތައް) ހަނދާންކޮށްދެމެވެ.

މިހިސާބުން ބޮޑުމަޖިލީހުގެ ތަޅުމުގައި މިބަހުސް ތެރޭގައި އަޅުގަނޑު ދެއްކި ބައެއް ވާހަކަތައް ނޯޓްކޮށްލާނަމެވެ. “އާދެ! ޤާނޫނުއަސާސީގައި ޢަދުލު އިންސާފާ ބެހޭ ބާބު އިންސާފުވެރި ގޮތަކަށް ލިޔެވޭނެ ކަމާމެދު މިހާރު އަޅުގަނޑަށް ޝައްކާއި ވަސްވާސް އުފެދިއްޖެ! ވަކިފަރާތެއްގެ ނުފޫޒެއް ނެތި އަސާސީ އެކުލަވާލަން ތިއްބެވި “ޢިއްޒަތްތެރި މެންބަރުންގެ ޢިއްޒަތްތެރި ރައީސް” އަލްފާޟިލް އައްބާސް އިބްރާހިމްގެ ޢަދުލުވެރިކަން މިދަނީ ފެންނަމުން ތަޖުރިބާ ކުރެވެމުން. މިފަދަ ރައީސެއް އިސްކޮށް އިންނަވައިގެން ފުރިހަމަ ޢަދުލުވެރި އިންސާފުވެރި އަސާސީއެއް އެކުލަވައެއް ނުލެވޭނެކަން ޔަގީން. ޝަރުޢީ ނިޒާމާބެހޭގޮތުން މުސްްތަގިއްލު ބާބެއް ނުލިޔެވޭނެކަން ކަށަވަރު. އަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުން ރުހޭގޮތަށް ކުރަންޏާ، މިހާތަނަށް މިފެނުނު މަންޒަރުތަކާއި ސާބިތު ހެކިތަކަށް ބިނާކޮށް ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޚާއްޞަމަޖިލީހުގެ ރައީސް އައްބާސް އިބްރާހިމް އެމަގާމުން ބޭރުކުރަންވީ. ދުރުކުރަންވީ. އަދި އެއަށްފަހު ރައީސުލް ޖުމުހޫރިއްޔާގެ އަމިއްލަ އިޚްތިޔާރުން ހޮވާ އައްޔަންކޮށް މަޖިލީހަށް ވައްދާފައިވާ ބާރާއި (ދެމަޖިލީހުގައި ގެންގުޅުއްވާ، 16 ބޭކަލުން) ވަޒީރުންގެ ގޮތުގައި މަޖިލީހުގައި އޮންނަ ބާރު (މުޅިކެބިނެޓް) މަޖިލީހުގެ ތަޅުމުން ބޭރުކުރަންވީ. މިއީ ވަރަށް މުހިއްމު ފިޔަވަޅެއް. ފުރަތަމަ މިބަހުސްކޮށް ރައީސުލް ޖުމުހޫރިއްޔާގެ ބޮޑުބާރުގެ ގޮތުގައި މަޖިލީހުގައި ހިމެނޭ، މިދެންނެވި، 29 މެންބަރުންގެ ވަރުގަދަ ފައުޖު ބޭރުކޮށްލެވިގެން ނޫނީ، ޝަރުޢީ ނިޒާމު ހިންގާނެ ފުރިހަމަ އޮނިގަނޑެއް އެކަށައަޅާ ނުލިޔެވޭނެކަން އަޅުގަނޑަށް ޔަގީން. ޢަދުލު އިންސާފު ބޭނުމިއްޔާ ފުރަތަމަ ކަންތައް ފުރަތަމަ ފިޔަވަޅެއްގެގޮތުގައި ކޮށް ނިންމަންވީ ވަގުތަކީ މިއީކަން އަޅުގަނޑަށް ޔަގީން. ވަގުތު ބޭކާރު ކުރާނެ ކަމެއްނެތް. ގައުމީ އެއްބައިވަންތަ ސަރުކާރެކޭ ކިޔައި ޚިޔާލީ ފޮލާ ކައްކައިގެން ކައިގެން މަޖާކޮށް ހެދުމަށް ފަހު، އިސްލާޙު ބޭނުމެއް ނުވޭ! އިސްލާޙު ބޭނުންވަނީ މިހާރުން މިހާރަށް ވީހާއަވަހަށް ގެންނަން!!!

އަޅުގަނޑުމެން ޝަރުޢީ ނިޒާމާ ބެހޭ ވާހަކަ، އަސާސީގައި ލިޔުމަށް ބަހުސް ކުރިއިރު ޚާއްސަމަޖިލީހުގެ ރައީސް އައްބާސްގެ ހާލުފުޅަކީ، ކޮބައިތޯ ބަލާލަން އެބަޖެހޭ. އަމިއްލަ ދަރިފުޅު ޓެރަރިޒަމްގެ ޢަމަލެއްގައި ތުހުމަތުކުރެވި ބެދުނީމާ، ރައީސުލް ޖުމުހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުންނާ ގުޅައިގެން، އެސޮރު ބަންދުގާ ހުއްޓާނެރެ، އިނގިރޭސިވިލާތަށް ފުރުވާލެއްވުނީ، ކީއްވެތޯ؟ މިފަދަ އިންސާފުވެރި މުސްތަގިއްލު މަޖިލީހެއްގެ ރައީސެއްގެ ހައިބަތާއި ޤަދަރު މިލްކު ކޮށްގެން އިންނަވަން ލަދެއް ނުގަނޭތޯ؟ ހަމަ އެމައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންނަށް ދޮގު ބަޔާންތަކެއް އީޖާދުކޮށް، ސިފައިން ލައްވާ ސޮއިކުރުވާ ހަދައިގެން މިހާރުވަނީ ޝަރުޢީ ޙުކުމް އިއްވާފައި. ޚުދު އަޅުގަނޑުވެސް އެތުހުމަތުގައި 45 ދުވަހު ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުންނޭ ބުނެ އޭނާގެ ގަދަވެގެންވާ އަޒާބުގައި ހައްޔަރުކޮށްފައި ބެހެއްޓި. ޝަހީދު ހަސަންއީވާން ނަސީމުގެ މަރާ ގުޅިގެން އެނާ މަރާލެވުނު ދުވަހު މާލެތެރޭގައި ހިނގި، ކަންތައްތަކުގެ މޭސްތިރިއާގެ ލަގަބު އަޅުގަނޑަށްދީ، އެތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުވަންވެގެން ކަންތައް ކުރި ގޮތަކީ، ކޮބައިތޯ؟ ދަންނަވަންތޯ؟ އެހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އާދެ! 2003 ސެޕްޓެމްބަރު 20 ވަނަ ދުވަހު، ރައީސް އޮފީހަށް ހުރިހާ ވަޒީރުން އެއްކުރެއްވުމަށް ފަހު، މަޝްވަރާކޮށް ނިންމެވީ، މިކަންތައްގަނޑު ބޮލުގައި އަޅުވަން އެންމެ ރަނގަޅުވާނީ އަޅުގަނޑު، ޖަވާހިރުވާދީ އިލްޔާސް ކަމަށް. އާދެ! މިތާ މިތަޅުމުގައި މިހާރުވެސް، މިއިންނެވި ނ.އަތޮޅު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި ވަޒީރު ސާހިބު، (ޔާމީން) މީހެއްގެ ގާތުގައި ވިދާޅުވި އެދުވަހު، ހިނގާ ދިޔަ ހުރިހާ ކަމެއް ހިންގީ ޖަވާހިރުވާދީ އިލްޔާސޭ. އޭނާ އެދުވަހު މަގުމައްޗަށް ނުކުތްޓީމު، ލީޑްކޮށްދޭން އުޅުނީ، ދަބަސް ގަނޑެއް ކޮނޑުގައި އަޅުވައިގެންނޭ. އަދި ކުރަންވީ މުހިންމު ކަންތައްތަކުގެ ލިސްޓެއް އެދަބަހުގައި ފޮރުވައިގެން ގެންގުޅުނޭ، (ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި ވަޒީރުންގެ ޖަލްސާގައި އެދުވަހު، މިވާހަކަ ދަށްކަވާ، އެއީ އަޅުގަނޑު އިސްކޮށް ހުރެގެން ހިންގި ކަމެއް ކަމަށް ހެއްކާއެކު ދަށްކުވައި ދެއްވީ، އޮނަރަބްލް ސަމަރު ބްލޫ އިބްރާހީމް މަނިކެވެ.) އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖެތެރެއާ ބެހޭ ވަޒީރު، އެދުވަހުގެ ވަޒީރުންގެ މަޝްވަރާ ބައްދަލުވުން ނިންމަވާފައި ވަޑައިގެން އެޓޯލްސް މިނިސްޓްރީގެ ކުރިމަތީއޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައި ގެންނެވި އިރު، އޮފީހުގެ ރަސްމީ ގަޑި ކަމުގައިވާ، 2.30 ވެ ނިމުމާ ގުޅިގެން އަޅުގަނޑުހުރީ އެދިމާލުން ބޭރަށް ނުކުމެ ގެއަށް ދާން ތައްޔާރުވެގެން. ދުރުން މިނިސްޓަރަށް އަޅުގަނޑު ފެނުމާއެކު، އަޅުގަނޑަށް ޢިޝާރާތް ކުރައްވާ ކާރުގައި ދުއްވަން އިން ޑްރައިވަރަށް ދަންނަވަނީ؛ އިއްޔެ މާލެތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ އަޑީގައި ބޮޑުމީހަކަށް އިސްކޮށް ހުރީ، އެހެރަ އިލްޔާސޭ. (މިޚަބަރު އަޅުގަނޑަށް ގެނެސްދިނީ، ކާރުކޮޅުތެރޭގައި އިންނެވި، އަޅުގަނޑުގެ ޝަޚުޞިއްޔަތު ހުންނަގޮތުން އަޅުގަނޑަށް ހަމްދަރުދީވި މީހެކެވެ.) އޭރު، އެހިނދު އަޅުގަނޑު ހިފާހައްޔަރު ކުރުމަށް ހޯދަން އައިސް ތިބި ސިފައިންގެ މީހުން ކުރިމަތީގައި ތިބެގެން އެޓޯލްސްގެ މުއައްޒަފެއްގެ ކައިރީގައި އިލްޔާސް ކޮބާތޯ؟ އަހާ ސުވާލުކުރާތަން އަޅުގަނޑަށް ފެނޭ. އެތަނުން ކުއްޖަކު އަޅުގަނޑު ދެއްކުމުން އިލްޔާސްކަން ޔަގީންކޮށްލަން އަހާލި އެއްޗެއް އަހާލުމަށްފަހު އިތުރު އެހެންވާހަކައެއް ނުދައްކާ އަޅުގަނޑު ގެންގޮސް ވެއްދީ ޖަލަށް. ކުޑަގޮޅިއަށް. ދެން ފެށުނީ ރައިސް މައުމޫނުގެ އަނިޔާވެރި އަޒާބުތައް. އާދެ! މިއީ ވަޒީރުން ކުރެއްވި މަޝްވަރާގެ ނަތީޖާ. އަވަހެއްނޫންތޯ އަމަލީ ސިފަ ގެނެވެން ފެށިލެއް!!! އަދި، އޭރަކު މިނިސްޓަރ ހަމީދަށް ގެއަށް ވަޑައެއް ނުގެނެވޭނެ ކަން ކަށަވަރެވެ. އެދުވަހުގެ ހަރަކާތް ތަކުގައި އަޅުގަނޑު އުޅުނު ކަމަށް ސިފަކޮށް، ސޫރަ ކޮށްގެން އެއުޅުނީ އެހެންމީހެއްގެ ފޮޓޯއާއި ވީޑިޔޯ، އަޅުގަނޑުގެ ސިފާގައި ފެނިގެން. ސިފަކުރެވިގެން. ސޫރަކުރެވިގެން. މިކަންތައް މިގޮތަށް ކުރީ، ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުން. މިފަދަ ނިޒާމެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، ހަމަ ޔަގީނުންވެސް އިޚްލާސްތެރި ކަމާއެކު، އިސްލާހުކުރުމުގެ ނިޔަތުގައި. އެހެނަސް ކަން އޮތްގޮތް ކުރިމަތީގައި މިއޮތީ ރީތިކޮށް ފެންނަން. ޝަހީދު ހަސަންއީވާން ނަސީމް މަރުވި ދުވަހު، އޭނާގެ މޫނު ފުރަތަމައަށް ކަޝްފުކޮށް، ދުށުމަށް ފަހު، ސަހަރާ މިސްކިތުގައި މެންދުރު ނަމާދު ޖަމާއަތުގައި ކޮށްގެން އަޅުގަނޑު ދިޔައީ ހުޅުމާލޭފެރީ ޓާމިނަލަށް. ދެން، އަޅުގަނޑު އުޅުނީ ހުޅުމާލޭގައި. މާލެ އާދެވުނީ ރޭގަނޑު އަށްގަޑިބައިވެ ބޮޑުވިފަހުން. އޭރު އަތިރިމަތީގެ ހުރިހާ ހިސާބެއްގައި ތިބީ، މުޅިމާލެ ކޮންޓްރޯލް ކޮށްގެން ތިބި ސިފައިން، ބަރިބަރިއަށް ސަފުހަދައިގެން. ކަރަންޓު މުގުރާއި ތައްޔާރީ ހާލަތުގެ އޭތިމީތި ހިފައިގެން. ޓޭންކު ވަށްތަރުގެ ބަޑިހަރުކޮށް ފައިހުރި (އާމަޑް) ވެހިކަލެއްގައި ސިފައިންގެ ސަރަހައްދަށާއި ކޯސްޓްގާރޑް ބިލްޑިންގް ކާރިޔަށް ނުދިއުމަށް އަޑުގަދަކޮށް ގޮވަމުން ގެންދިޔަ. އަޅުގަނޑު ފައިމަގުގައި ބީޗުމަގުން، ހިނގާފަ ގޮސް ގެއަށް ވަނީ. ދެން ނުކުތީ އަނެއްދުވަހު ހެދުނު އޮފީހަށް، އެޓޮލްސަށް ދިއުމަށް. އެޓޮލްސުން ގެންދެވުނީ ސީދާޖަލަށް. އާދެ! އަޅުގަނޑު މިދަންނަވާލީ މިހާރުގެ ސަރުކާރުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ކަންތައް ކުރާގޮތުގެ ބޮޑު ވެގެންވާ ރީތި މިސާލެއް. ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގައި ހުރި މޮޅުކަން. އަސާސީގައި ލިޔެވިފައި ހުރި ރީތި ޢިބާރާތްތަކާއި ލިޔުންތައް ހަމަ ހުރިގޮތަށް ފަނޑުވުމެއް ނެތި އެބަހުރި. މުޅި ޝަރުޢީ ނިޒާމުގައި އޮތީ ސިޔާސީ ކުލަވަރު ޖެހިފަ. ވަށްތަރެއްގެ އަމިއްލަ ސަގާފަތެއްގެ ސިފަޖެހިފަ. ވާކަމެއް ހަމަ ހަރާމުން ހަރާމް. ހައްގު ލިބިދީ، ހޯދައިދެވޭ އެކަކުވެސް ނެތް. ހުރިހާ ބޮޑުން އެއްވެފައި، ރައީސް އޮފީހުން އެނެރޭ ބާރުތައް މާވަރުގަދަ. އާދެ! ކިތަންމެ މޮޅަށް އަސާސީގައި އަދުލު އިންސާފުގެ ބާބު ލިޔުނަސް ރައީސް މައުމޫނުގެ އަމިއްލަ ސަގާފަތަކަށް ހަދާފައިވާ، ބަގުޑިބެއްދުމުގެ މިސިސްޓަމުގައި ވާނެކަމެއް ނޯންނާނެ. ހުރިހާކަމެއް ހިންގަމުން ގެންދާނީ ރައީސް އޮފީހުން. ގަނޑުވަރުން. ތަހުގީގަކަށް ވިޔަސް، ހުކުމަކަށް، ވިޔަސް ރައީސް މައުމޫނު އަންގަވާ ގޮތަށް، ވަރަށް އޮމާން ކަމާއެކު ކުރިއަށް ދާތަން ފެންނަމުންދޭ. މިސް ޖެނިފާ ލަތީފްގެ މައްޗަށް އެހެރީ ހުކުމް އިއްވާފަ. މިހާރު ހުކުމް ތަންފީޒުކުރަމުން އެގެންދަނީ. ސިޔާސީ ބޭނުމެއް އެހިފަނީ. އެހެނަސް މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސްގެ ދަރިފުޅު އެހެރީ އިގިރޭސިވިލާތުގަ، މިނިވަނެއްގެ ގޮތުގައި އަރާމް ކުރަން. މަސްތުގައި މިނިވަން ކަމަށް ދޫކޮށް ލެވިފަ. އަމިއްލަ އެދުމުގެ ބޭނުމެއް އެހިފަނީ. ޢަދުލު އިންސާފު އޮތީ އޮތްތާގައި ބަނޑޭރި ގަނޑުތެރޭގައި. އެއްޗެއް ބުނަން ކެރެނީ ކާކަށްތޯ! އަޅުގަނޑުމެން މިތިބީ އެވަރުގެ ރައީސެއް ކުރިމަތީ ބައިންދައިގެން، އަޅުވެތިވެފަ. އާދެ! އަޅުގަނޑާ ދެކޮޅަށް ހެކިބަސް ދެފަހަރަކު ލިޔެ ތައްޔާރުކުރި. މައްޗަންގޯޅި ނައިބުގެއަށް ނިސްބަތްވާ ހަލީމެކޭ ކިޔުނު އޮފިސަރަކު، މިކަންތައްގަނޑު ހިންގީ ނުލާހިކު ހީލަތްތެރި ކަމާއެކު. މަކަރާއެކު. އެހެނަސް ތައްޔާރު ކުރެވުނު ބަޔާން ތަކުގައި ސޮއިކުރަން ކެރޭވަރުގެ ސިފައިންގެ މީހަކުވެސް އަދި ޕާޓޭންގެ ގޮލައަކުވެސް ނުވި. ޖެނީގެ މައްޗަށް ހެކިބަސް އުފެއްދި ގޮތަށް މިމީހުންނަށް އަޅުގަނޑުގެ މައްޗަށް މިފަދަ ދޮގުބަޔާން ތަކެއް، ﷲ ގެ އިރާދަފުޅުން ނުހޯދުނު. އީޖާދެއްވެސް ނުކުރެވުނު. ޖެހުނީ 45 ދުވަހު އަނިޔާ ކުރުމަށްފަހު، ދޫކޮށްލަން. އެހެންވެ މިހިރީ މިނިވަންކޮށް. ހަރަކާތްތެރިވާ ކަށިނެތް ދުލެއް، ﷲ ތަޢާލާ ދެއްވާފައިވާތީ މިގެންދަނީ ހައްގު ބަސް ބުނަމުން. މިތަޅުމުގައި ސިންގާއެއްހެން ބާރުގަދަކޮށް މިހުރީ. މިއީ އަަނިޔާވެރިންގެ މައްޗަށް ﷲ ތަޢާލާގެ ކުޅަދުން ވަންތަކަން ހާމަވެފައިވާ މިންވަރު. ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭހުށި. އަލް ޙަމްދު ލިއްލާހި ރައްބިލް ޢާލަމީން!!! ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީނިޒާމުގެ ވާހަކަ ދައްކާއިރު މިއީ ކޮންމެހެންވެސް ބަލާލަންޖެހޭ މުހިއްމު ބާބެއް. ރައީސް މައުމޫނުގެ، މިކަޅު ދޮރާށިން ޢިބްރަތް ނުހޯދާ މިގައުމުގައި ޢަދުލު އިންސާފު ހޯދޭކަށް ނޯންނާނެ. އާދެ! މިދެންނެވި ތަހުގީގުގެ އެންމެ ހެއްވާކަމަކީ، ރައީސް މައުމޫނުގެ ބޮލުން މިކަންތައް ނައްޓާލުމުގެ ބޭނުމުގައި މުޅި ގައުމަށް އިއުލާނެއް ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މި ތަހުގީގުގައި ގާވެފައި ތިބޭ ބޮޑެތި ބުދުކޮއްކޮއިންގެ ގޮތުގައި، ރައީސް މައުމޫނުގެ އަމިއްލަ ސަލާމަތުގެ ބޭނުމަށް ބޭތިއްބެވިކަން. މިއީ ވަރަށް މޮޅަށް ހިންގި ހެއްވާ ތަހުގީގެއް. އަޅުގަނޑާ ކުރިމަތިވި މޫނުތަކުގެ ތެރޭގައި މުޅި މަޖިލީހުގެ ތާރީޚުގައި ވެސް ރައްޔިތުންގެ ޙައްގުގައި ބަހެއް ބުނެފައި ނެތް އަލްފާޟިލް ކެލާ ނިޒާމަކާއި ގދ.ގެ އިއްޒަތްތެރި ސިދްގީ އަކާއި ގއ.ގެ އިއްޒަތްތެރި ރާމިޒެއް ހިމެނޭ. އަދި ނ.އަތޮޅުގެ ޢިއްޒަތްތެރިމެންބަރު ޢަލީ މުޙައްމަދުވެސް އެތަހުގީގުގައި ބުދެއްހެން ގެންގުޅުއްވި. އަދި، އަލަށް ފެއްޓެވި ކަމެއްގެ ގޮތުގައި، އޭޖީ އޮފީހުގެ ބޮޑު ގްރޫޕެއް ވެސް ތަހުގީގުގައި ގެންގުޅުއްވި. ދައުވާކުރަން ތިބޭބަޔަކު ތަހުގީގު އަޑުއަހާ ލަފާދޭން އައިސް ތިބޭތަން މިފެންނަނީ އަލަށް. މިއެންމެން އުޅުނަސް، ތަހުގީގުގެ ހުރިހާ ކަމެއް ކުރީ ފުލުހުންނާއި ސިފައިން. ޢިއްޒަތްތެރި މެންބަރުން ގެންގުޅުނީ ބައިނަލް އަގްވާމީ މުޖުތަމަޢުއަށް ދަޅަދައްކާ އަނދުން އަޅުވަން. އެޖީ އޮފީހު ޓީމުގެންގުޅުނީ، ދައުވާ ކުރަން ފަސޭހަވާ ގޮތަށް ބަޔާންތަށް ކޮށާމަށާ ކިއްސަރު ކުރަން. އާދެ! މިއީ އަސާސީގެ ދަށުން މިގައުމުގައި ޝަރުޢީ ނިޒާމް ތަންފީޒުކުރާ ގޮތުގެ ކުޑަމިންވަރެއް. ހަގީގަތުގައި މިއީ ޝަރުޢީ ނިޒާމަށް ކުރަފި އަރުވަން ކެއްކި ބޮޑު ހަކުރު ގަނޑެއް. އިރާދަ ކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ދާނީ ފަޟީހަތް ވަމުން. ރައްޔިތުންނަށް ހަގީގަތްތައް ފަޅާއަރަމުން. ފޮރުވައިގެން ގެންގުޅުނު ސިއްރުތައް ބޭޒާރުވަމުން ބަލިކަށި ވަމުން. ރޫޅެމުން. ޟަޢީފު ވަމުން. އެއިގެ ހެއްކެއް ދަންނަވާލާނަން. ދަޢުވަތު ދީގެން އެމެރިކާއިން ގެންނެވި މާމޮޅު ޕްރޮފެސަރެއް ކަމުގައިވާ މރ.ޕޯލް ރޮބިންސަން އެކުލަވާލި ރިޕޯޓްގައި އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގައި ހިނގަމުންދާ ޝަރުޢީ ނިޒާމުވަނީ ދިވެހިންނަށް، ޢަދުލު އިންސާފުގެނެސް ދިނުމަށް ނުކުޅެދިފައޭ. އާދެ! މިހެން މިވާންޖެހުނީ ރައީސް މައުމޫނަކީ ހުރިހާ ބާރަކަށް ވުރެ އެންމެ މަތީ ބާރުކަމަށް އަމިއްލައަށް ދެކި، ކުޑަ ރަސްކަލާގެއަކަށް ހެދިގެން، އެގޮތަށް އެކަންތައް ކުރައްވަމުން ގެންދަވާތީ. ރައްޔިތުންވެސް އެގޮތް ރުހިގެން ކުޅިބަލަން ތިބޭތީ. އަތްތިލަ ބަޑިޖަހާއި ނަށާތީ. ރައްޔިތުން މަޖިލީހުން ވެސް އެކަން ގަބޫލުކޮށް އަމިއްލައަށް ކޮނޑުއަޅައި އެބުރަ އުފުއްލަވައިގެން ހަމަހިމޭންކޮށް މަޑުމަޑުން ތިއްބަވާތީ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މިހާރު އޮންނަ ގޮތުން ރައީސް މައުމޫނު އައްޔަން ކުރައްވާ އޭނާގެ މީހަކަށް ވާތީ. ކަން މިހެން އޮތަސް، ރައްޔިތުންގެ ދެމަޖިލީހުގެ ދެރައީސުން ވެސް، އުފުއްލަވަންޖެހޭ ޒިއްމާ ތަކެއް ވެސް މިކަންކަމުގައި ވާނެ. ހަމަގައިމުވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން ރައީސް މައުމޫނުގެ އެހީއެއް ނުވާނެ. ނުލިބޭނެ.” އަލިފްހާ.

ދެންފަހެ، ދަންނާށެވެ! އަޅުގަނޑު މެންނަކީ ސައްތައިން ސައްތަ އިސްލާމުންނަށް ވާތީ އަޅުގަނޑު ގޮވާލަނީ ދިވެހިންގެ ދައުލަތަކީ، އިސްލާމީ ދިވެހި ދައުލަތެއްގެ ގޮތުގައި ޤާނޫނު އަސާސީގައި މިފަހަރު ލިޔަން ޖެހޭނެކަމަށެވެ. އަދި އިސްލާމީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ވެސް ލިޔަންޖެހޭނެ ކަމަށެވެ. އަދި އިސްލާމީ ދިވެހި ދައުލަތުގެ ޝަރުޢީ ނިޒާމަކީ، އިސްލާމީ ޝަރީޢަތް ކަމުގައި ލިޔެ އެކަމަށް ވަކި މުސްތަގިއްލު ބާބެއް ޤާނޫނު އަސާސީގައި ލިޔަން ޖެހޭނެ ކަމަށެވެ. މިރޫޙުގައި ޚާއްޞަ މަޖިލީހުގައި ޅ.މެންބަރު އަލްއުސްތާޒު ޙުސައިން އިބްރާހީމް، ޝަރުޢީ ހައްދުތައް ޤާއިމް ކުރަން ޖެހޭނެކަން ބަޔާންކުރާ ވަކި މާއްދާއެއް މިބާބުގައި ބާއްވަން ފެންނަކަމަށް ހުޅަހެޅުމުން އެކަމާ ކަނޑައެޅިގެން ދެކޮޅަށް ވަރަށް ފާޅުގައި މަލާމާތް ކުރުމުގެ ބޭނުމުގައި، ފަސް މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. މިމާއްދާއާ ދެކޮޅަށް އެބޭފުޅުން ވޯޓްދެއްވިގޮތުގެ ތަފްސީލް މަޖިލީހުގެ ޢަރުޝީފު ގައި ތާއަބަދަށް ދިވެހި ޖީލުތަކަށް ފެންނަން އޮންނާނެއެވެ. އެބޭފުޅުންނަކީ، ށ.އަތޮޅު މެމްބަރު އަލްފާޟިލް މޫސާރަމީޒާއި ގދ.މެމްބަރު އަލްފާޟިލް އަބްދުﷲ ލަޠީފާއި ސ.މެމްބަރު އަލްފާޟިލް އިބްރާހީމް ޠޯހިރާއި ސ.މެމްބަރު އަލްއުސްތާޒު ހުސްނުއްސިއޫދައި، އަދި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު މުހަންމަދު ސަލީމެވެ. ފަހެ މިއަމަލަކީ، ކަނޑައެޅިގެން އިސްލާމީ ޝަރީޢަތާ ދެކޮޅަށް ހިންގިޖާހިލު، މުޑުދާރު ކަމެކެވެ. ދީނަށް ކުރެއްވި ފުރައްސާރަ އެކެވެ. މިހުށަހެޅުމަށް ނެގުނު ވޯޓުގެ ނަތީޖާ އާމެދު މެންބަރުންގެ މެދުގައި ވަނީ، އަރާރުން އުފެދި އެކަން ކުރިއަށް ގެންދާނެ ގޮތަކާމެދު އަދިވެސް ގޮތެއް ނުނިންމިއެވެ. މިބަހުސް ކުރެވުނު ދެދުވަހުވެސް ޖަލްސާ ހުއްޓާލަން ޖެހުނީ ވަރަށް ވަރުގަދަ ކުރިމަތިލުން ތަކަކަށް ފަހު ޖަލްސާގެ ކޯރަމް ގެއްލިގެން ނެވެ. ރިޔާސަތުން އަޅުގަނޑުގެ ވާހަކަތައް ހުއްޓުވައި މެދުކަނޑާލާ ހެއްދެވިއެވެ. ޔައުމިއްޔާ އިންވެސްހުރީ އުނިކޮށް ހަދާފައެވެ. އެވާހަކަތައް މިމަޒްމޫނުގައި މިލިޔުނީ، ދިވެހި ތާރީޚަށް ޓަކައެވެ. ކިޔަވާ ކުދިންގެ މައުލޫމާތަށެވެ. އަޅުގަނޑުމެން ދީނަށްޓަކާ، ކިތަންމެ ހިތްވަރެއްކޮށް ގަދައަޅާ މަސައްކަތް ކުރިޔަސް، ކަންތައްތައް ގިނަފަހަރަށް ނިމިގެން ދަނީ، މެޖޯރިޓީ އޮންނަ ޑީއާރުޕީގެ ބޭފުޅުން ވޯޓު ދެއްވާ ގޮތަށެވެ. އޭ! ﷲ އެވެ! ﷲ، އަޅަމެންނަށް ހެޔޮމަގު ދަށްކަވާއި އެމަގުން ހިނގުމުގެ ތައުފީގު ދެއްވާށިއެވެ! އެތަޅުމުގައި އަޅުގަނޑުމެންގެ ހިތްވަރާއި އަޒުމް ވަރުގަދަ ކުރައްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page