top of page

ރައީސް ޖަމާލް އަބްދުއް ނާސިރުގެ ދީނީ އިންގިލާބާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދީނީ އިންގިލާބު.

  • Writer: ilyashusein
    ilyashusein
  • Jan 2, 2010
  • 10 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ގައި)

ޒަމާންވީ މުސްތަބިއްދު ރަސްކަމަކަށް ސިއްކަޖަހައި ނިމުންގެނެވުނު ދުވަހެކެވެ. 1952 ވަނަ އަހަރުގެ 23 ވީ، ބުދަދުވަހުގެ ތާޒާއަލިކަމާ އެކު، އެދުވަހު ހެދުނު 7.30 ގައި މިސްރުގެ ގޭގެއަށާއި މުޅިދުނިޔެއަށް އަޑުއިވޭ ގޮތަށް، މިސްރުގެ ޓީވީސްޓޭޝަނާއި ގައުމީ ރޭޑިޔޯ މަރުކަޒު ސިފައިންގެ ގްރޫޕަކުން ހިފުމަށްފަހު، އިއުލާނު ކުރެވިގެން ދިޔައަޑަކީ، މިސްރަށް މިލިޓަރީ އިންގިލާބެއް ގެނެވުނު އަޑެވެ. މިކަން އިއުލާނުކޮށްދެއްވީ، އޭރުގެ މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ސިފައިން ތެރޭގައި އިސްކޮށް ހުންނެވި، މުހަންމަދު އަންވަރުއް ސާދާތުގެ މިލިޓަރީ އަޑުފުޅުންނެވެ. ފަހެ، ރަސްކަމަކުން ޖުމްހޫ ރިއްޔަތަކަށް މިސްރުގެ ވެރިކަން ބަދަލު ކޮށްލީ ޒުވާން މިލިޓަރީ އޮފިސަރުން ކޮޅެއް ހިމެނޭ ވަރުގަދަ ގައުމީ ރޫޙެއްގެ މަތީގައި ދެމިގެންދިޔަ ހަރަކާތަކުން ނެވެ. މިހަރަކާތުގެ ނަމަކީ، “ފްރީއޮފިސާސް މޫވްމަންޓް” އެވެ. ފަހުން މިސްރުގައި ވެރިކަން ކުރެއްވި އަންވަރުއް ސާދާތަކީ، ފްރީ އޮފިސަރުންގެ މިހަރަކާތުގައި ބައިވެރިވި ގައުމީރޫޙުން ފުރިފައިވާ އޮފިސަރެކެވެ. މިޒާތުގެ ކަންކަމުގައި އަބަދުވެސް ނަގާކިޔުމުގައި އިސްކޮށް ތިބޭނީ ގައުމީ ބަތޮލުންނެވެ. ސިފައިންގެ ފްރީ އޮފިސަރުންގެ މިހަރަކާތުގައި ނަގާކިއުމުގެ އެންމެ އިސްލީީޑަރަކީ، މުހަންމަދު ޖަމާލް އަބްދުއްނާސިރެވެ. އެހެނަސް ހިމޭން މިއިންގިލާބުގެ ވެރިއެއްގެ ގޮތުގައި އިއުލާނު ކުރެވުނީ، ސިފައިންގެ އެންމެމަތީ ފެންވަރުގެ ޖެނެރަލެއް ކަމުގައިވާ، މުހަންމަދު ނަޖީބުގެ ނަންފުޅެވެ.

ފަހެ، ދަންނާށެވެ! މިދެންނެވި ބުދަދުވަހުގެ ހެދުނުގެ ހިތްގައިމު އަލިކަމާއެކު، 7.30 ން ފެށިގެން، މިސްރުގައި އޮތް ވަރުގަދަ ރަސްކަން ބަދަލުކޮށް، ވަގުތީގޮތުން ކިންގްފާރޫގުގެ ތުއްޕުޅު ދަރިކަލުން އަހްމަދު ފުއާދަށް ދޭން ނިންމުމާއެކު، މިސްރު ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށް، އެޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާއަކަށް ހަަމަޖެހިގެން ދިޔައީ، ޖެނެރަލް މުހަންމަދު ނަޖީބުގެ ނަންފުޅެވެ. މިހުރިހާ ހަރަކާތެއްގެ ފަހަތުގައި އިސް މޭސްތިރިއަކަށް ހުންނެވީ ޖަމާލް އަބްދުއް ނާސިރެވެ. ފަހެ، 25 ޖުލައިވީ، ހުކުރު ދުވަހު މުޅި އެލެކްޒަންޑްރިޔާ އެކުގައި ސިފައިން ހިފައިފިއެވެ. އެއްވެސް ކަހަލަ ލޭއޮހެރުމެއް ނެތިއެވެ. ހަމަހިމޭންކަމާ އެކުގައެވެ. މުންތާޒާ ގަނޑުވަރު ހިފުމަށް ފަހު، ކިންގްފާރޫގް އައްސޭރިފަށުގެ ގަނޑުވަރެއް ކަމުގައިވާ ރައުސުއްތީން ގަނޑުވަރަށް ބަދަލުކޮށް ނިމިއްޖެއެވެ. ހަމަ އެވަގުތު ކިންގްފާރޫޤުގެ ރަސްމީ ޔޮޓުކޮޅުގެ ކެޕްޓަނަށް އެއްވެސް ދިމާއަކަށް ނުފުރުމަށް ސިފައިން އެންގެވިއެވެ. ފްރީއޮފިސަރުންގެ ބައްދަލު ވުމެއްގައި މަޝްވަރާ ކުރެވުމަށްފަހު، ބުރަވެވުނީ، ޖަމާލް އަބްދުއްނާސިރާއި ނަޖީބާއި ދެބޭފުޅުން ބުރަވެވަޑައި ގެންނެވި ގޮތްކަމުގައިވާ ކިންގްފާރޫގުގެ ރަސްމީ ޔޮޓްކޮޅު ކަމުގައިވާ އަލްމަޙްރޫސާ ގައި އިޓަލީ ވިލާތަށް، ސިފައިންގެ ބެލުމުގެ ދަށުގައި ކިންގްފާރޫގު ފުރުވާލުމަށެވެ. މީގެތެރެއިން ބައެއް ޕްރީއޮފިސަރުންގެ ޚިޔާލު، ކިންގް ހިފޭއްޓުމަށް ފަހު، އަދުލް އިންސާފަށް ހުށަހަޅާއި ޝަރީޢަތްކުރާ ގޮތަށް ވެސް ހުއްޓެވެ. އެހެނަސް ޖަމާލް އަބްދުއް ނާސިރަށް އެގޮތް ކަމުނުދިޔައީ އެވެ. ވަރަށް އަވަހަށް، 26 ޖުލައިވީ، ހޮނިހިރު ދުވަހު ހަވީރު، 6.00 ގައި ކިންގްފާރޫގް ފުރުވާލެއް ވީއެވެ. ކިންގްފާރޫގަށް ފަހު، ކިންގް ފާރޫގުގެ ތުއްޕުޅު ދަރިކަލުން، އަހްމަދު ފުއާދު (ދޭއް) 1952 ޖުލައި 26 ވަނަ ދުވަހުން ފެށިގެން، 1953 ޖޫން 18 ވަނަ ދުވަހާ ހަމައަށް މިސްރުގެ ރަސްކަމުގެ ތަޚްތުގައި ޝަރަފުވެރިކަމާ އެކު ވަޑުވާފައިގެން ގެންގުޅުނެވެ. ރަސްމީކޮށް މިސްރުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާއަށް ޖެނެރަލް ނަޖީބު ވެވަޑައިގަތީ، 1953 ޖޫން 18 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ކިންގްފާރޫގެ ތުއްޕުޅު ދަރިކަލުން ރަސްކަމުގައި ބަރާބަރު، 327 ދުވަސް ވަންދެން، ގެންގުޅުއް ވުމަށް ފަހުގައެވެ. ފަހެ، މިދަރި ކަލުންނަށް ކިންގް ފާރޫގް ނަންދެއްވާފައި ވަނީ، އަމިއްލަފުޅު ލޮބުވެތި ބައްޕާފުޅުގެ ނަންފުޅުންނެވެ. ކިންގް ފާރޫގުގެ ބައްޕާފުޅަކީ، 1917 އިން ފެށިގެން 1936 ވަނަ އަހަރާ ހަމައަށް މިސްރުގެ ރަސްކަމުގައި ހުންނެވި ކިންގްއަހްމަދު ފުއާދު (އެކެއް) އެވެ. އަހްމަދު ފުއާދު (ދޭއް) އެއީ ކާފާފުޅު ދަރިކަލުން ކިންގް ފާރޫގުގެ މިތުއްޕުޅު ދަރިކަލެވެ. ކިންގްފާރޫގު މިސްރުގެ ރަސްކަމުގައި ހުންނެވީ، 1936 ވަނައަހަރުން ފެށިގެން ފްރީއޮފިސާސް ހަރަކާތުގެ އިންގިލާބު ގެނެސް އިޓަލީއަށް ފުރުވާލެވުނު، 1952 ޖުލައި 26 ވަނަ ދުވަހާ ހަމައަށެވެ. ފަހެ، މިއީ ތުއްޕުޅު ދަރިކަލުން އަހްމަދު ފުއާދު (އެކެއް) މިސްރުގެ ރަސްކަމަށް ނަމެއްގައި ކުރު މުއްދަތަކަށް ވެޑުވުނު ދުވަހެވެ.

އާދެ! ފަހުން ފްރީއޮފިސާސް މޫވްމަންޓް ގެ ނަން “އެޖިޕްޝަން ރިވޮލިއުޝަނަރީ ކޮމާންޑް ކައުންސިލް” (އާރުސީސީ) ގެ ނަމަށް ބަދަލުކޮށް ޗެއާޕާސަން ކަން ނަޖީބަށް ދެއްވައި ނައިބްޗެއާ ޕާޗަންކަން، ޖަމާލް އަބްދުއް ނާސިރު އަމިއްލަފުޅަށް ނަންގަވާއި އެގޮތަށް ހަމަޖެއްސެވިއެވެ. މިދެބޭފުޅުންގެ މެދުގައި ވާދަވެރިކަން އުފެދި، ނަޖީބަށް ވެރިކަމުގައި ހުންނެވުނީ، 1954 ނޮވެންބަރ 14 ވަނަ ދުވަހާ ހަމައަށެވެ. ދެން މެދުތެރެއަށް އިންތިގާލީ މަރުހަލާއެއް ގެންނެވުމަށް ފަހު، ވަގުތީގޮތުން މިސްރުގެ ފުރަތަމަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާ ކަމާ، ޖަމާލް އަބްދުއް ނާސިރު ހަވާލުވެ ވަޑައިގެންނެވީ، 1954 ވަނަ އަހަރުގައެވެ. ރަސްމީކޮށް ރައީސްކަމުގެ ހުވާކުރެއްވީ، 1956 ޖޫން 23 ވަނަ ދުވަހުއެވެ. އަދި 1954 ނޮވެންބަރު 14 ވަނަ ދުވަހު ޖެނެރަލް ނަޖީބު ރައީސް ކަމުން ވަކިކޮށް، ގޭގައި ބަންދުކުރެއްވުމަށް ފަހު، އާރުސީސީގެ އެންމެ އިސްވެރިއަކަށް ޚުދު އެމަނިކުފާނު ވެވަޑައިގަތީއެވެ. ފަހެ، މިހާ ހިސާބުންފެށިގެން މިސްރުގެ އެންމެމަތީ ވެރިޔަކީ، ޖަމާލް އަބްދުއް ނާސިރެވެ. ޖެނެރަލް ނަޖީބަށް ޖެހިވަޑައިގަތީ، 1970 ވަނަ އަހަރުގެ އޮކްޓޯބަރ 15 ވަނަ ދުވަހު މުހަންމަދު އަންވަރުއް ސާދާތު މިސްރުގެ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސުލް ޖުމްހޫރިއްޔާ ކަމާހަވާލުވެ ވަޑައިގެން މިނިވަން ކުރައްވަންދެން، ގޭގެބަންދުގައި ހުންނަވާށެވެ. އެއީ ގާތްގަނޑަކަށް، 18 ވަރަކަށް އަހަރު ދުވަހެވެ. ސާދާތަކީ، ކުރިން ދެންނެވިހެން ފްރީ އޮފިސާސް ހަރަކާތުގައި ވަރަށްއިސް ރޯލެއް، ޖަމާލު އަބްދުއް ނާސިރާ އެކު، ކުޅުއްވި ގައުމީ ބަތޮލެކެވެ. ގައުމީ ލޭންމުޅި ހަށިގަނޑު ފުރިފައިވާ މިސްރުގެ ލޮބުވެތި ދަރިއެކެވެ.

ފަހެ، ދަންނާށެވެ! މިސްރުގެ އެންމެ ފަހު، ރަސްގެފާނު ކިންގްފާރޫގުގެ ވެރިކަން ލޭއޮހެރުމެއް ނެތި، މިލިޓަރީ އޮފިސަރުން ތަކެއްގެ ހަމަހިމޭން އިންގިލާބަކުން ވައްޓަލެވުނު އިބްރަތްތެރި ހާދިސާއަކީ، ތާރީޚީގޮތުން އަޅުގަނޑުމެން، ދިވެހިންނާ ވަރަށް ގުޅުންހުރި، ސިޔާސީގޮތުންނާއި ފިކުރީގޮތުން ލާމެހިފައިވާ ހާދިސާއެކެވެ. އެދުވަސްވަރު އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމް ކިޔަވާކުއްޖެއްގެ ގޮތުގައި ހުންނެވީ މިސްރުގައެވެ. ފަހެ، އެމަނިކުފާނު އެންމެގާތުން ވެރިކަމެއްގެ ނިމުމާއި ވެރިކަމެއްގެ ފެށުމުގެ ސިޔާސީ ފިކުރާއި ތަޖްރިބާ ހޯއްދަވާއި ލިބިގަތީ، 1952 ޖުލައި 23 ގައި، މިސްރަށް ގެނެވުނު ހިމޭން އިންގިލާބުގެ މޭސްތިރިޔާ ޖަމާލް އަބްދުއްނާސިރު އަރިހުންނެވެ. ފާރޫގުރަދުންގެ ދެބަފައިކަލުންގެ ޒަމާންވީ ބިޔަރަސްކަން ވައްޓާލުމަށް ފަހު، ޖަމާލު އަބްދުއް ނާސިރު އަޑީގައި ހުންނަވައިގެން، ކުރިޔަށް ނެރުއްވައި ރައްޔިތުންނަށް ދެއްކެވީ، ޖެނެރަލް މުހަންމަދު ނަޖީބެވެ. މިކަން މިގޮތަށް ކުރެއްވީ މާދަށުރޭންކެއްގެ މީހަކު ރައްޔިތުންނަށް ދައްކައިފިއްޔާ ގަބޫލުނުކޮށް ފާނެތީ، އެވިސްނުންފުޅު ގައެވެ. ޚުދު ޖަމާލު އަބްދުއް ނާސިރު އަމިއްލަ ފުޅަށް، ވެރިކަމާ ހަވާލުވެލެއްވީ، ދުވަސްކޮޅެއް ފަހުންނެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑުގެ މިމަޒްމޫނުގެ ހަގީގީބޭނުމަކީ، 1952 ގައި މިސްރުގައި ހިންގުނު ހިމޭން އިންގިލާބާއި، 1978 ގައި ރާއްޖޭގައި ފުރޮޅިގެންދިޔަ ވެރިކަމާ، މިދެފުރޮޅުމުގައި ދީނީގޮތުންނާއި ސިޔާސީ ގޮތުން އެކުލެވިފައިހުރި އެއްގޮތްވުން ތައްގުޅުވާލަ ދިނުމެވެ. ޖަމާލް އަބްދުއް ނާސިރުމެން މިސްރުގެ ވެރިކަމަށް އެރުއްވުމަށް ފަހު، ކިންގްފާރޫގާ ދެކޮޅަށް އެރަސްކަން ބަދުނާމު ކުރުމަށް، ކަންތައްތަކެއް ހިންގެވިއެވެ. ވެރިކަމަށް ވަޑައިގަތުމަށް މަދަދުދީ، އެހީތެރިވެދިން ދީނީލީޑަރުންތައް ދަންޖައްސާއި މަރާލެއްވިއެވެ. ރާއްޖޭގައި ވެސް މިކަންތައްގަނޑު ހިނގާދިޔައީ ދާދިއެއް ގޮތަށެވެ. ވިސްނާލައްވާށެވެ. އެނގިވަޑައި ގަންނަވާނެއެވެ. ފަހެ، ކިންގްފާރޫގާ ދެކޮޅަށް ކުރެވުނު ޕްރޮޕެގެންޑާގައި އެންމެ އަސަރުހުރި އެއްވާހަކައަކީ، މިސްރުގެ މަޝްހޫރު އަދީބު، އަދި މަޝްހޫރު ލިޔުންތެރިޔާ، މަހްމޫދު އަލްޢައްޤާދު (1889 ،–1964) މިސްރުގެ ޕާލަމެންޓުގައި އަހްމަދުފުއާދު (އެކެއް) ރަސްގެފާނާ، އިދިކޮޅަށް ދެއްކެވި ވާހަކަފުޅަކާ ހުރެ، މަހްމޫދު އަލްޢައްޤާދު ޖަލުގައި ބަންދުކުރެވުނު ވާހަކައެވެ. އަނިޔާތަކެއް ދެވުނުވާހަކައެވެ. އެދުވަސްވަރަކީ މިސްރުގައި އަލަށް ބަރްލަމާނީ ކަންތައްގަނޑު ފެށި، ހިނގައިގަތް ދުވަސްވަރެވެ. ޖަމާލް އަބްދުއް ނާސިރުމެން މިސްރުގެ “ކަޅުދުވަސް ތައް” ގޮތުގައި، އެސިފަކުރައްވާ ވަރާ ގާތަށްވެސް އެފަދަ ކަންތައް އެދުވަސްވަރުގައި ހިނގާފައެއް ނެތެވެ. އެހެނަސް މިކަންވެފައިވާ ގޮތަކީ، ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ކިންގްފުއާދުގެ ބޮޑުވަޒީރު، އިސްމާޢީލް ސިދްގީ ފޮނުއްވައި އަލްޢައްޤާދާ ދެކެވުނު ވާހަކަ ތަކަކަށް ފަހު، އޭނާ ޖަލުން މިނިވަން ކުރެވުނެވެ. ބޮޑުވަޒީރު އިސްމާޢީލް ސިދްގީއަކީ، އެދުވަސްވަރު ބޭރުދުނިޔެއަށް ވަރަށް މަޝްހޫރު ސިޔާސީ މުފައްކިރެކެވެ. އޭރު މިސްރުގައި އަރާހުންނެވި ފުންނާބުއުސް މިސްރުގެ ސިޔާސަތު މޮޅަށް ދެނެވަޑައި ގެންހުންނެވި، ސިޔާސީ ބޭފުޅެކެވެ. އަދީބުންނާއި އިލްމީ ބޭފުޅުންނަށް ލޯތްބާއި ގަދަރު ކުރައްވާ ބޭފުޅެކެވެ.

ފަހެ، މިކަމާ ގުޅިގެން އަލްޢައްޤާދުގެ އެކުވެރިންނާއި މިސްރުގެ ނޫސްވެރިން ސުވާލުތައް ކުރެއްވިއެވެ. ރަސްގެފާނު ބޮޑުވަޒީރު ފޮނުއްވައިގެން، މަނިކުފާނާ ވާހަކަތަކެއް ދެއްކިވާހަކަ އެހީމެވެ. އަދި އޭގެ ފަހުން މިނިވަންވީ ނޫންތޯއެވެ. މިކަމާ އަޅުގަނޑުމެން މިތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. ފަހެ، އެއީ ކިހިނަކުން ހިނގިކަމެއް ތޯއެވެ؟ އަލްޢައްޤާދު ވިދާޅުވިއެވެ. ހަގީގަތުގައި ކަންވީގޮތަކީ، އަހްމަދު ފުއާދު (އެކެއް) މަހާރަދުންގެ ވެރިކަމުގައި އަދީބުންނާއި ލިޔުންތެރިންނާއި މިނިވަން ދުލުގެ އަހުލުވެރިން ހައްޔަރުކޮށް އެބައިމީހުންގެ ދުލާއި ގަލަމުގައި އޮބިއެޅިވާހަކަ މިސްރުގެ ތާރީޚުގައި އެއްވެސް މުއައްރިޚަކު ލިޔުމަކީ، ފުއާދު ރަސްގެފާނު އެއްގޮތަކަށް ވެސް އެދިވަޑައި ގަންނަވާ ކަމަކަށް ނުވީއެވެ. އެހެން ކަމުން ހެޔޮހިތުން، އަޅުގަނޑު މިނިވަންކޮށް ދެއްވީއެވެ. ފަހެ، ހަގީގަތަކީ މިއީ ކަމަށް ވިޔަސް މިސްރުގެ އިންގިލާބީ ލީޑަރުން، ޢަމުދުން އިސްކޮށް ހުންނެވި މުސްތަބިއްދު ޖަމާލް އަބްދުއްނާސިރު ސިފަކުރައްވަނީ، އެއީ މިސްރުގެ ތާރީޚުގެ “ކަޅުދުވަސްތައް” ކަމުގައެވެ. ރަސްކަމުގެ ދުވަސްވަރަކީ ތާރީޚީގޮތުން ކަޅުސޮފްޙާތަކެއް ކަމަށެވެ. ކިންގް އަހްމަދު ފުއާދާއި ކިންގް ފާރޫގައި ދެބަފައިންގެ ދުވަސްވަރަށް ދީފައިވާ ނަމަކީ، އެއީއެވެ. ފަހެ، 1952 ވަނަ އަހަރުގެ ހިމޭން އިންގިލާބަށް ފަހު، ފެށުނީ މިސްރުގެ ތާރީޚުގެ ރަންޒަމާން ކަމަށް ސިފަކުރެއެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑުމެންގެ ރައީސް މައުމޫނަކީ ވެސް ސިޔާސީ ކުށުގައި ޖަލަށް މީހުންލާއި ބަންދުކޮށް ހުކުމްކުރުމަށް ފަހު، އެމީހުންނާ ބައްދަލުކޮށް، ވާހަކަދައްކަވާ ހައްދަވާ ވެރިއެކެވެ. 1990 ވަނަ އަހަރުގައި ރާއްޖޭގައި ހިންގާދިޔަ އިސްލާހީ ހަރަކާތުގައި ބޮޑުޑިމޮކްރްސީ އަށް ގޮވާލުމުގެ ހަރަކާތުގައި ބައިވެރި މީހުންގެ ތެރެއިން ބަންދުކުރެވުނު، އިއްޒަތްތެރި މެންބަރުންނާއި ސިޔާސީ ކުށުގައި ބަންދުކުރެވުނު އެހެނިހެން މީސްމީހުންނާއި ބައްދަލު ކުރެއްވިއެވެ. އަދި މިބައްދަލު ކުރެއްވުން ތަކުގެ ފައިދާ ކޮންމެވެސް ވަރަކަށް ސިޔާސީ ގޮތުން ހޯއްދެވިއެވެ. ސިޔާސީ ގިނަބައެއްގެ ސިކުނޑި ދޮވެލާއި ކޮންޓްރޯލްގައި ހިފާއްޓާލެއް ވުމުގައި ކާމިޔާބު ހޯއްދެވިއެވެ. ފަހެ، މިއީ މިސްރުން ހޯއްދެވި، ސިޔާސީ ފިލާވަޅުތަކާއި ތަޖްރިބާގެ ދަށުން ލިބިގަތް ކުރިއެރުއް ވުމެކެވެ. އާދެ! 1990 ވަނަ އަހަރުގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލާއި ހިންގުނު އިސްލާހީ ހަރަކާތުގެ އިސް ބައިވެރިއެއްގޮތުން ޖަލުގެ ކުޑަގޮޅީގައި ބަރާބަރު ތިންއަހަރު ބެހެއްޓުމަށް ފަހު، އަޅުގަނޑު ދޫކޮށްލުމަށް ޓަކައި އަންގާވެސް ނުލާ ގެންގޮސް ވެއްދީ ޑިފެންސް މިނިސްޓްރީގެ މަތީބުރީގައި ހުންނަ ރައީސް މައުމޫނުގެ ކޮމާންޑް ރޫމަށެވެ. މިދުވަސް ވަރު އަޅުގަނޑުމެން ކަހަލަ ގިނަމީހުން ބަންދުކޮށް ސުންނާފަތިކޮށްލީ އެއްވެސް ހެއްކެއް ގަރީނާއެއް އޮވެގެނެއް ނޫނެވެ. ގައުމީރޭޑިޔޯ އިންނާއި ޓީވީން ކިޔާހެދީ ސިފައިން އަމިއްލައަށް އުފެއްދި ބަޔާންތަކެވެ. އާދެ! 20 މިނެޓްގެ ދިގު މިބައްދަލުވުމުގައި އަޅުގަނޑު ވިވާހަކަ ރައީސް މައުމޫނަށް ދެންނެވީމެވެ. ދިގުވާހަކަ ތަކެއް ދެކެވުމަށް ފަހު، އަޅުގަނޑު ދޫކޮށް ލައްވާއި އަނެއްދުވަހު މިނިސްޓްރީ އޮފް އެޓޮލްސް އަށް، ދައުލަތުގެ ވަޒީއަށް ނުކުތުމަށް ވިދާޅުވިއެވެ. މިބައްދަލުވުން ހިނގީ ސީދާ އަޅުގަނޑާއި ދައުލަތުގެ އެންމެމަތީވެރިޔާ އަދި ދިވެހި ދައުލުތުގެ ސިފައިންގެ އެންމެމަތީ ވެރިޔާގެ ހައިސއްޔަތުން އެމަނިކުފާނުގެ ރަސްމީ އިއްޒަތުގައި ރަސްމީ ހައިބަތާ އެކުގައެވެ. އަޅުގަނޑު އެމަނިކުފާނުގެ ކޮމާންޑްރޫމަށް ގެންގޮސް، ސިފައިން ވެއްދީ ވަރަށް ގަދަޔަށް މުޅިހަށިގަނޑު ޗެކްކޮށް އަނގަތެރެ ވެސް ހުޅުވައިގެން ފޭކޮށް ބަލާހެދުމަށް ފަހުގައެވެ. ފުރަތަމެސް އަޅުގަނޑު ފެނުމުން އިންނެވި މޭޒުކޮޅުގެ ގޮނޑިން ތެދުވެވަޑައިގެން އަރަބި ބަހުން އަޅުގަނޑަށް މަރްހަބާ ވިދާޅުވިއެވެ. އޭރު އަޅުގަނޑު ހުރީ ރާއްޖޭގެ ބޮޑުސިޔާސީ ކުއްވެރިއެއް ހުންނަހެން އެސިފައިގަ އެވެ. އަދި އެދަރަޖައި ގައެވެ. މުންޑުގަނޑަކާއި ވަރަށް އާދައިގެ ގަމީހެއްގައެވެ. މިދަރުބާރުން ނުކުމެގެން އަޅުގަނޑު ދިޔައީ ސީދާގެއަށެވެ. ޖަވާހިރުވާދީ އަށެވެ. އަނެއްދުވަހު ނުކުންނަން ޖެހުނީ ދައުލަތުގެ މަތީވަޒީފާ އަކަށެވެ. އެހެނަސް އަދި އަދާ ހަމައަށް ވެސް އަޅުގަނޑު މިހުންނަނީ، އަޅުގަނޑުގެ އުސްތާޒުން އަޅުގަނޑަށް ކިޔަވައިދިން ގޮތުގައި ގައުމަށް ތެދުވެރިކަން މަތީގައެވެ. މާއްދިއްޔަތަށް ނުހެއްލި ހުރިހާކަމެއްގައި ވެސް ގައުމަށް އިސްކަންދީގެން ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު، ދެމިހުރުން މަތީގައެވެ. ހައްގުބަސް ބުނުންމަތީގައެވެ. އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު މިގޮތުގެ މަތީގައި ދެމިހުރުމުގެ ހެޔޮތައުފީގު ލެއްވުންއެދި، ﷲ އަށް ކޮންމެ ދުވަހަކު ފަސްފަހަރު ދުޢާދަންނަ ވަމެވެ. ފަހެ މިއަޅާ، މިގޮތުގައި ދަމަ ހައްޓަވާށިއެވެ. އާމީން!

އާދެ! ޖަމާލު އަބްދުއް ނާސިރު ސިފަކުރައްވާ، މިސްރުގެ މިނިވަން ފެހިރަންޒަމާ ނުގައި މިސްރުގެ އަދީބުންނާއި ކިޔުންތެރިންނާއި ނޫސް ވެރިންނާއި މިނިވަން ދުލުގެ އަހުލުވެރިންނާ މެދު ޢަމަލު ކުރެވުނީ، ކިހިނެއްތޯއެވެ؟ މިސްރުގެ ނަންހުރި، އަދި ކިއެއްތޯއެވެ؟ މުޅި މުސްލިމް ދުނިޔޭގައި ވިހިވަނަ ގަރުނުގައި ނަންއަރާ ހުންނެވި، އިސްލާމީ މުފައްކިރު ސައްޔިދު ޤުޠުބު (ޝަހީދު) އާމެދު، ޖަމާލު އަބްދުއް ނާސިރު ކަންކުރެއްވީ ކިހިނެއް ތޯއެވެ؟ ރައީސް ޖަމާލު އަބްދުއް ނާސިރަށް މިސްރުގެ ހިމޭން އިންގިލާބު ފަހިކޮށްދިން، އިޚްވާނުލް މުސްލިމީން ޕާޓީގެ ބޮޑެތިހުރިހާ ދަންނަބޭކަލުން ނާއެކު، ސައްޔިދު ޤުޠުބުވެސް، ދަންޖައްސާ މަރާލީއެވެ. އެޝަހީދަށް ﷲ ރަހްމަތް ލައްވާށިއެވެ! އާމީން! ރައީސް ޖަމާލް އަބްދުއް ނާސިރު، މިއެންމެން މަރާލީ ކީއްވެތޯއެވެ؟ މިކަމަށް ވިސްނާލެއްވުން ހުއްޓެވެ! ހަމަ އެކަނި ސަބަކީ، އިސްލާމީ ފިކުރު ގެންގުޅުމެވެ. މިހާރު މުޅިދުނިޔެއަށް ނަންވިދާ މަޝްހޫރުވެފައިވާ އޭނާގެފޮތް، “މަޢާލިމް ފިއްޠަރީޤި” (މަގުގެ ފާހަގަތައް، ނުވަތަ މައިލްސްޓޯން) ލިޔުއްވީތީއެވެ. އަދި މިފިކުރު މިސްރަށާއި މުޅި އިސްލާމީ އުންމަތަށް ފެތުރި، ފުޅާވެގެން ދަންޏާ ވެރިކަމުގައި ތިބުން އުނދަގޫވާނެ ކަމަށް ވިސްނަވާފައެވެ.

އާދެ! މުޅިދުނިޔެއަށް މަޝްހޫރުކޮށް ފައިވާ، މިސްރުގެ، މި “ރަންޒަމާނުގައި” މެދުވެރިވި މިހާދިސާއަކީ، އުސޫލީގޮތުން މުސްލިމް މުޖްތަމަޢުގައި ވަރަށް ފުޅާކޮށް ބަހުސް ކުރެވިފައިވާ، އިޝޫއެކެވެ. އަދި ނުހަނުފާޅު ގޮތެއްގައި ވަރަށް ސަރީހަކޮށް މުޅީ ދުނިޔެއަށް ހުޅުވާލެވިގެން އެންމެންނަށް އެނގޭގޮތަށް ލިޔެވިފައިވާ، މައުޟޫތަކެކެވެ. އަދި ބަހުސް ކުރެއްވުމުގެ ތެރޭގައި އެއްވެސް މަތިފަޑީގެ ސިޔާސީ ވެރިޔަކާ ބެހިފައި ނުވާފޮތެއް ލިޔުނުކަމަށް ޓަކައި ފޮތުގެ މުސައްނިފް ދަންޖެއްސީއެވެ. އެތައްބަޔަކާ އެކުމަރާލީއެވެ. މިއީ އެފަޚުރުވެރި ދައުވާކުރާ ރަންޒަމާނުގެ ރަންދުވަސް ވަރެވެ. ރަންޒަމާނުގައި ވެރިކަން ސާބިތުކޮށް ވަރުގަދަ ކުރުމަށް ހިންގެވި ޖަރީމާތަކެވެ. ރާއްޖޭގައި ރައީސް މައުމޫނުގެ ވެރިކަން ވަރުގަދަކޮށް ސާބިތުކުރުމަށް ރައީސް ނާސިރުގެ ވާހަކަތައް ނަގައިގެން ގެންގުޅު ގޮތަށެވެ. ދީނީ އިލްމުވެރިންގެ ކަންތައްގަނޑު ނަގައިގެން ގެންގުޅުއްވި ހެންނެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑުމެންގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު، އަޒުހަރުގެ ދީނީ ޢިލްމުވެރިއެއްގެ ރަންފަގުޑީގައި ހުންނަވައި ދީނީ މުދައްރިސަކުން ވެރިކަމުގެ ގޮނޑިއަށް އަރާވަޑައިގަތީ، ރާއްޖޭގައި ތިއްބެވި ދީނީޢިލްމު ވެރިންގެ ފުރިހަމަ ލޯތްބާއި މަދަދު އިންތިހާއަށް ލިބިވަޑައި ގެންނެވެ. މިސްރުގައި ޖަމާލު އަބްދުއް ނާސިރަށް އެތާއީދު ލިބިވަޑައިގެން ފަދައިންނެވެ. ފަހެ، ދިވެހިދަރިން ރައިސް މައުމޫނު ވެރިކަމުގެ ގޮނޑީގައި އުފުލާލާއި ބޭންދީ، ދީނީޢިލްމު ވެރީންނަށް ކުރީސަރުކާރުން ރައީސް ނާސިރު ކުރެއްވި، އިހާނެތި ކަންތައްތަކުން އުފެދުނު ހަމްދަރުދީގައެވެ. މިސްރުގެ ހިމޭން އިންގިލާބު ވެސް ކާމިޔާބުކުރުމަށް މެދުވެރިވީ އެކަރައިގެ މުސްލިމް އިޚްވާނުންނެވެ. ރާއްޖޭގެ ގާނޫނާއި ހަމަތަކާ ދެކޮޅަށް ލީބިޔާއިން ސިއްރުން އެތެރެކުރި ވަޒަނާއި ފިސްތޯލަ އުފުލި ގުރޫޕުގައި ވެސްދީނީ ބެއިފުޅުން ހިމެނުނެވެ. ބަނގުރާ ހަރާމްވީ ފަދައިން ރާއުފުލުމާއި ރަލުގެ ޚިދުމަތް ދިނުމަކީ، ހަރާމްކަމެއް ކަމަށް ގޮވާލެވުނު ނަޢަރާގެ ބާރުގަދަ ކަމުންނެވެ. އެދުވަސްވަރު ކިޔުނު ދީނީއަންބާތަކުގެ ވަރުގަދަ ކަމުންނެވެ. މާތްކަލާނގެ ބާއްވާލެއްވި ހުކުމްފުޅަށް ހުކުމް ނުކުރާމީހަކީ، ގަތުލުވާޖިބު ވެއްޖެ މީހެއްކަމުގައި ލިޔުއްވިލެއް ގަދަކަމުންނެވެ. ވެރިކަމުގެ ސަންދާނަށް އަމާޒުކޮށް ދީންގަނެ ވިއްކާ ހެދިކަން މިއަދުވަނީ، ހާމަހެކިތަކާއެކު ފެންނާށެވެ. “އާބާރު” އަދި “އަމާޒު” ފަދަ މަޖައްލާތަކަށް ރައީސް މައުމޫނު ލިޔުއްވި ލިޔުންތަކުންނެވެ. އަލްމަރްޙޫމް ސިއްކަގޭ ހުސައިން މަނިކުފާނުގެ ހިތުގެ ފުރަތަމަ އެޓޭކުންނާއި ދެވަނައެޓޭކުން އެތައް ސިޔާސީ ފިލާވަޅުތަކެއް ރައްޔިތުންނަށް ދަސްވެފައި އެބަހުއްޓެވެ. އެމަރްހޫމް ހަލާކުވެ ދުނިޔެދޫކުރެއްވީ އެކަމާހެދިއެވެ. އެހިތާމާގައެވެ. ފަހެ، އެމަރްހޫމަށް، ﷲ ސުވަރުގޭގެ ދާއިމީ ރަހްމަތް ލައްވާށިއެވެ! އާމީން! އާދެ، ސިއްކަގޭ ކުދިންނަށް ބޮޑުބަނޑޮސް ބިޑަކާނުލާ ހަދިޔާ ކުރަންޖެހުނު ސަބަބާއި މިހެންގޮސް އެތައްކަންތައް ސިޔާސީ ކަންތަކެއް އެބަހުއްޓެވެ. ފަހެ، ރާއްޖޭގެ ތާރީޚުދުށް އިސްލާމީ އިންގިލާބުގައި މަދަދުގާރުންނަށް ތިއްބެވި ޢިލްމުވެރިންގެ ނަންތައް ލިސްޓެއްގެ ސިފައިގާ ގްރޫޕްކޮށް ނުދެންނެ ވިޔަސް މިމަޒްމޫނު ވިދާޅުވާ ހުރިހާބޭފުޅުންނަށް ވެސް މިހާރު އެކަން އެނގިވަޑައި ގަންނަވާނެއެވެ.

އާދެ! މިއިންގިލާބަށް ފަހު، ރައީސް އޮފީހުގެ އޮނިގަނޑު ތައްޔާރުވެ ފަށައިގަނެ ވުނުގޮތަށް ބަލާލުމުންވެސް މިދަންނަވާ އިލްމުވެރިންގެ ދައުރުފެނިގެން ދިޔައެވެ. ޝައިޚް އާދަމްނަސީމާއި ޝައިޚް ހުސައިން ޔޫސުފް މެން ފަދަ ބޭފުޅުން އޭގެތެރޭގައި ތިއްބެވިއެވެ. އެހެނަސް މިސްރުގައި ވެގެންދިޔަގޮތަށް ރާއްޖޭގައި ވެސް އެފަދަ އެތަކެއް އިލްމު ވެރިންނަށް ޖަލުގެ އަނދިރިކަން ބޮޑު، ކުޑަގޮޅީގެ ވިހަގަދަ އަޒާބުތައް ޒަހަރެއްގެ ގޮތުގައި ރަހަދެއްކުނެވެ. ފާޅުގައި ޝަހީދުންގެ ލިސްޓެއް ލިސްޓްކުރެވިފައި ނެތަސް މިއަޒާބުތައް ބޮލުއަޅާ، ހަލާކުވެގެން ދިޔަ ދީނީއިލްމު ވެރިންނާއި ސިޔާސީ މުފައްކިރުން މަދެއްނޫނެވެ. ރާއްޖޭގައި އެދުރުވި، އިލްމުވެރިންނާއި ދީންވެރިންނާއި ޞޫފިޔާނާ ޚިޔާލުތަކުގެ ދަރިންނެވެ. ރާއްޖޭން ބޭރުން އެދުރުވި ދީނީތައުލީމުގެ ދަރިވަރުންނެވެ. މިސްރުންނާއި ސަޢޫދީޢަރަބިޔާ އިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބައެއް އިލްމުވެރިންނެވެ. ޔަމަނާއި އިންޑިޔާއާއި އަދި ޕާކިސްތާނުން އެދުރުވި ބައެއްދީނީ ބޭފުޅުންނެވެ. މީގެތެރެއިން ރައީސް މައުމޫނާއެކު، އަޒުހަރުގައި ކިޔަވަން އުޅުއްވި ކުރިނބީ އަލްއުސްތާޒު އަހްމަދު އާދަމް ފާހަގަކޮށް ލަމެވެ. އަދި ސިޔާސީ މުފައްކިރެއް ކަމުގައިވާ އަލްފާޟިލް އަބްދުލް އަޒީޒު މުހަންމަދު (މަޝްހޫރު މީދޫ އަޒީ) ހަނދާނަށް ގެންނަމެވެ. މިމަޒްމޫނު ލިޔަން އިނދެފައި އަހްމަދު އާދަމް ދިރިއުޅުއްވާގެ (މއ.އުންދުލުސް) އަށް ގޮސް، އޭނާގެ ހާލު އަޅުގަނޑު ބެލީމެވެ. އަޅުގަނޑަށް އޭނާ ފެނިފައި ރޮވުނެވެ. އެތައް އަސަރެއް ކުރިއެވެ. ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި، އެމަނިކުފާނަށް އެނގޭހާވެސް އެއްޗަކީ، މީހަކު ބައްދަލުވާން އަތުވެއްޖެކަމެވެ. ދެންލޮލުން ފެންއައިސްފައި އިނގިލި ތައް ތަޅުވާ ހައްދަވާ ލެއްވުނެވެ. އިންނެވީ ގޮނޑިއެއްގައި ބައިންދާފައެވެ. ފަހުގެ އަނބިކަމަނާ ކާރީގައި ހުންނެވިއެވެ. ފަހެ، އަހްމަދު އާދަމް ކުޑަގޮޅީގައި ވަނިކޮށް ހަތަރު ބެޓެރީގެ ޓޯޗަކުން މަޝްހޫރު ބިލާލޭ “އަނދިރިގުޅަ” އަހްމަދު އާދަމް ގައިގާތަޅާ ދުންކާލި އެރުވިވާހަކަ އަކީ، ރާއްޖޭގެ އެތައްބަޔަކު އަހާފައިވާ އަޑެކެވެ. އަހްމަދު އާދަމަކީ، މިހާރު ނުކުޅެދޭ މީހެކެވެ. ބަޑި ބުރާސްފަތީގެ ކަންތަކުގައި ވެސް ހަމައެކަނި ދުލުން ބުނެލި އެއްޗަކާހެދި، އަހްމަދު އާދަމަށް ސިފައިން ކޮށްފައި ނުކުރަނީ ކޮން ގޯނާއެއް ތޯއެވެ؟ ބޮޑެތި އަނިޔާތައް ކުރިއެވެ. މިބަލީގައި މިހާރުއިންނެވީ މަރުގެ ތުންފަތްމަތީގައެވެ. ދެން ދަންނަވަން އޮތީމީދޫ އަޒީގެ ވާހަކައެވެ. ޔޫއެސްއޭގެ ސްޓޭޓް ޑިޕާޓްމަންޓްގައި ޕާކިސްތާނުގެ ސިޔާސީ މުފައްކިރު، ޒުލްފިގާރު އަލީބުއްޓޫއަށް ހެންރީ ކިސިންޖަރު ދެއްވިފަދަ އިންޒާރުތައް، އޭރުގެ ބާރުގަދަ ސިފައިންގެ ވެރިޔާގެ ނައިބު، މިނިސްޓަރ އިލްޔާސް އިބްރާހީމް އެކަނިވެސް ދީފައިވާ ކަމަށްވެއެވެ. އަދި ރައީސް މައުމޫނުގެ އަސްކަރީ ކޯޓަށް، ބަލިވެ ހޮޑުލާލައި އޮއްވާ ސިފައިން އައިސް ގަދަކަމުން ނަގައިގަނެގެން ގެންގޮސް ވަރަށް ބޭއިންސާފުކޮށް ހުކުމް އިއްވާފައި ވެއެވެ. އެތައް ފަހަރަކު ޖަލަށް ގެންގޮސް ކުޑަގޮޅިޔަށްލާއި އަޒާބު ދައްކާފައި ވެއެވެ. މޮޔަކޮށްލުމުގެ ބޭނުމުގައި ފާޑުފާޑުގެ ބޭސްކާންދޭކަމަށް ވެސް ވެއެވެ. މީދޫއަޒީ ވަނީ، މިއަނިޔާތަކުގައި “ޝަހީދު” ވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކޮށްފައެވެ. ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަހްމަތް ލައްވާށިއެވެ! އާމީން!

އާދެ! މިސްރުކަރައިގެ ރަސްކަމުގެ ކަޅު ދައުރަކީ، ހުރިހާގޮތަކުން ވެސް މިސްރުގެ ރައްޔިތުންގެ މެދުގައި ޢަދުލާއި އިންސާފުވެރި ކަމެއްނެތް، އަނިޔާވެރި ދުވަސްވަރެއް ކަމަށް ދެކެވޭ ހުރިހާ ވާހަކަތަކެއް ކުރުކޮށް އެއްބަހުން ބަޔާންކުރުމަށް ޓަކައި ޖުމްހޫރީ ދައުރުގައި ރަސްކަމުގެ އެދުވަސްވަރަށް “ކަޅުދައުރު” ގެނަން ދީފައިވެއެވެ. ދެން ޖުމްހޫރީދައުރުގައި އަދުލު އިންސާފު މަގަށް އަޅުވައި ސީދާކުރެވުނު ކަމަށާއި އެމީހެއްގެ ހައްގުއެމީހަކަށް ލިބިދެވުނު ކަމުގައި މުލައްމާކުރާ ހުރިހާ ބަސްތަކެއް ދާދިކުރުކޮށް އެއްބަހުން ގެނެސް ދިނުމަށްޓަކައި “އިޖްތިމާޢީ މުސާވާތުގެ ރަންޒަމާން” (ޝޯސަލް ޖަސްޓިސްގެ ރަންދައުރު) މިނަންތައް ޖުމްހޫރީ ދައުރަށް ދެވިފައި ވެއެވެ. އެހެންކަމުން  ދެޒަމާނެއްގައި ހިނގި އެއްބާވަތެއްގެ ދެހާދިސާގެ ތަފާތު، ޕްރޮޕެގެންޑާ ކުރެވޭގޮތާއި ހަގީގަތާ ދެމެދުހުރި ބޮޑުތަފާތު، ކިޔުންތެރިންގެ ވިސްނުންފުޅަށް ކިރާލެއްވުމަށް، އަޅުގަނޑު ދޫކޮށް ލާނަމަވެ. އަދި މިކަންތަކާ ރާއްޖޭގައި ހިނގާމިދާ ސިޔާސީ ކުޅިގަނޑު، ސިކުނޑީގެ ރަންތަރާދަށް ލައްވައި މީޒާންކޮށް ކިރާލެއްވުމަށް ދަންނަވަމެވެ. ކުރީގައި ވެރިކަން ކުރެއްވި، ރައީސް ނާސިރު އޮރިޔާންކޮށް ބަދުނާމު ކުރިވަރާއި އިލްމުވެރިންނަށް ދެއްކި އަހުވާތައް އަމިއްލަފުޅަށް މީޒާންކޮށް ލައްވާއި ކިރާލެއްވުމަށް މިފުރުސަތުގައި ދަންނަވަމެވެ.

އޭ! ލޮބުވެތި ރައްޔިތުންނެވެ! މިދެންނެވި ފޮތް، “މައިލް ސްޓޯން” ގެ ފުރަތަމަޗާޕު މިސްރާއި އިސްލާމީ ދުނިޔެއަށް ނިކުތީ ރައީސް ޖަމާލު އަބްދުއް ނާސިރު ސަރުކާރުގެ ރަސްމީ ހުއްދައާއެކު ގައެވެ. ފަހެ، މިސްރުގެ މިމިސާލުން ފިލާވަޅު ދަސްކުރައްވައި ގެން، ރައީސް މައުމޫނު ކުރެއްވީ ކިތައްކަންތައް ތޯއެވެ؟ ޝައިޚް ޝުޢައިބު އަބްދުއް ރަހްމާނު ލިޔުއްވި ފޮތްތައް ކޮބައިތޯއެވެ؟ ފާސްކޮށެއް ނުދެއްވިއެވެ. ޝައިޚް އާދަމް ނަސީމު ލިޔުއްވި ފޮތްތައް ކޮބައިތޯއެވެ؟ ފާސްކޮށް ނުދެއްވިތާ ޤުރުއާން މަޖީދުގެ އާޔަތްތައް މަތީގައި ރަތްދެލިން ނުބައި ފާހަގަ ކުރަހާފައި ބޭރުކޮށްލި ފޮތްތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. ހިންނަވަރު ބޮޑުޖަނާބު ޝައިޚް މުހަންމަދު އިބްރާހީމް (މއ.ބާބުލްޢަވާލީ) ލިޔުއްވި ފަތްފުށްތަކާއި އެޝައިޚަށް ދެއްކި އަނިޔާގެ އަހުވަތައް ކޮބައިތޯއެވެ؟ ޖަލުގެ ކުޑަގޮޅީގައި ދެއްކިވޭންދެނިވި އަނިޔާތައް މިހާރުވެސް ބޮޑުޖަނާބު ގެންދަވަނީ، ހަށިކޮޅުން ނާއި ޖިސްމާނީ ގޮތުން ތަޙައްމަލު ކުރައްވަމުން ނެވެ. އެއަނިޔާތައް ވަނީ މަރުގެ ބައްޔަށް ވެފައެވެ. އެމްޑީޕީގެ ޗެއާޕާސަން އަންނި ލިޔުއްވި “ދަނޑިކޮށި” ފޮތަށް، ރައީސް މައުމޫނު ހެއްދެވިގޮތް ބައްލަވާށެވެ. ފާސްކޮށް ބާޒާރަށް ނެރުނީމާ ހުރިހާފޮތްތައް ސިފައިން ފޮނުވައިގެން ފޭރިގަނެ ހުއްދަވެސް ބާތިލުކުރީއެވެ. އަލްފާޟިލް އަބްދުލް ހަކީމް ހުސައިން މަނިކު، (މަޝްހޫރު ތަބާޝީރުކާކާ) އޭނާގެ ހަޔާތުގެ ފަހުކޮޅުގައި ލިޔުއްވި، “އިއްޔެ” މިފޮތް ކޮބައިތޯއެވެ؟ މާރިޔާގެ މިހާރުގެ ފިރިކަލުން އާމިރު، ސިފައިންގެ ޚިދުމަތުގައި އުޅުއްވަމުން، ލުއިހަތިޔާރާބެހޭ ގޮތުން ލިޔުއްވި ލުއިފޮތުގެ ވާހަކަ މާގިނަ ބޭފުޅުން އަޑުއައްސަވާފައި ނެތުމީ އެކަށީގެންވާ ކަމެކެވެ. ކުރީގެ ޕްލޭނިންގ މިނިސްޓަރު އިބްރާހީމް ހުސައިން ޒަކީ، ކޮޅުބުންމާލެ ވަޑައިގަތް ޕްލައިޓަކުން ގެނެވުނު “މަންތިރި” މަޖައްލާއާ ބެހޭގޮތުން ރައީސް މައުމޫނަށް ރިޕޯޓްކުރީ، އެޕްލައިޓްގައި އިންނެވި ކާކުތޯއެވެ؟ “މަންތިރި” މާލެ ގެނައިމީހާ އެހިނދުން އެހިންދަށް ދޫނިދޫ ކުޑަގޮޅިއަށް ލައްވާ، އެމަޖައްލާތަކަށް ހެދީ ކިހިނެއްތޯއެވެ؟ މަންތިރި އަކީ، މިރާއްޖޭގައި ސިޔާސީ މަޖައްލާއެއްގެ ނަމުގައި އެންމެ ފުރަތަމަ ފަހަރަށް ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން، އަޅުގަނޑު ނެރުނު ސިޔާސީ މަޖައްލާއެކެވެ. މާލޭގެ އެއްވެސް ޗާޕްޚާނާއަކުން ޗާޕްކޮށް ނުދީގެން، ލަންކާގައި ޗާޕްކޮށްގެން، މާލެ ގެނައި އެމަޖައްލާގެ އެޑިޓަރު ކަމުގައިވާ ގަލޮޅު ތަލްވާރުގޭ އާދަމް ރަޝީދު އެވެ.

އާދެ! މައިލްސްޓޯން ގެ އިތުރުން ސައްޔިދު ގުޠުބު ލިޔުއްވި މަޝްހޫރު އެއްފޮތަކީ، “އައްތަސްވީރުލް ފަންނީ ފިލްޤުރްއާނި”  (ގުރުއާނުގައި ހިމެނޭފަންނީ ތަސްވީރު) އެވެ. މިފޮތް އެނާ ހަދިޔާކުރެއްވީ އޭނާގެ ލޮބުވެތި މަންމަ އަށެވެ. ފޮތުގެ އިސްބަހުގައި ޤުޠުބު ލިޔުއްވާފައި ވެއެވެ.

“މަންމަގެ އަތްމަތީގައި އަޅުގަނޑު ބޮޑުވި ހިނދު، ރަށުގެ ފަށާތައުލީމުގެ އެދުރުގެއަކަށް ފޮނުއްވީމު އެވެ. މަންމަގެ އެންމެ މަތިވެރި އެދުމަކީ، ﷲ އަޅުގަނޑުގެ ހިތް، ހުޅުވާލަ ދެއްވުމެވެ. އަދި އަޅުގަނޑުގެ ހިތުގައި ގުރްއާން ބިންވަޅު ކަނޑާ ނެގުމެވެ. ގުރްއާން ކިޔެވުމުގައިވާ ރީތިރާގުގެ ފޮނިކަން ގަދަކީރިތި ވަންތަ ﷲ އަޅުގަނޑަށް ދެއްވުމެވެ. ކޮންމެއަކަސް އަޅުގަނޑު ގުރްއާން ހިތުދަސްކޮށް މަންމަގެ ހިތްޕުޅުގެ މުރާދުގެ އެއްބައި ފުރިހަމަ ކުރީމެވެ.

އޭ! ލޮބުވެތި މަންމާއެވެ! މަންމަގެ ކުޑަކުޑަ، ލޮލުގެ ނޫރު، މަންމަގެ ޒުވާންދަރިފުޅަށް މިއަދު މަންމަ ހޯދައިދެއްވި ތައުލީމާއި ތަރުބިއްޔަތުގެ ދިގު މަސައްކަތުގެ މޭވާ މަންމަގެ ކުރިފުޅު މައްޗަށް މިހުށަހަޅާ ލަނީއެވެ. ތަރުތީލުގައި، ރީތިކޮށް ކިޔެވުމުގެ އުނިކަން އަޅުގަނޑުގެ ކިބައިގައި ވިޔަސް، ތައުވީލުގައި، ދޭހަކޮށް ދިނުމާއި އޮޅުން ފިލުވައި ދިނުމުގައި އެކުލެވިފައިވާ ރީތިކަމާއި ފޮނިމީރުކަން މަންމައަށް ގަބޫލު ކުރެއްވޭނެއެވެ.”

އާދެ! މީގެ އިތުރަށް ވެސް ވަރަށް އަގުހުރި އެތަކެއް ފޮތްތައް، އައްޝަހީދު ސައްޔިދުޤުޠުބު އެކުލަވާ ލެއްވިއެވެ. އޭގެތެރޭގައި “މުޝާހިދުލް ޤިޔާމާ ފިލްޤުރުއާނި” (ގުރްއާނުގައިވާ ގިޔާމަތުގެ މަންޒަރުތައް) އާއި “އަމްރީކާ އައްލަތީ ރައައިތު” (އަޅުގަނޑު ދުށް އެމެރިކާ) އާއި “ފީޡިލާލިލް ޤުރުއާނި” (ގުރްއާނުގެ ހިޔަލުގައި) އަދި “އަލްޢަދާލަތުލް އިޖްތިމާޢިއްޔާ ފިލް އިސްލާމި” (އިސްލާމް ދީނުގައި އިޖްތިމާޢީ އަދާލަތު) ހިމެނެއެވެ. މިވާހަކަ ތައް މިގެނެސްދިނީ، މިމަޒްމޫނު ވިދާޅުވާ ބޭފުޅުންގެ މައުލޫމާތު މުއްސަނދި ކުރުމަށެވެ. ރާއްޖޭގައި މިވައްތަރުގެ އިލްމީފޮތްތައް މިހާތަނަށް ލިޔެވިފައި ނެތީ، އިލްމު ވެރިންނަށް ކުރެވުނު ގޯނާއާއި އަނިޔާތަކުގެ ސަބަބުންނެވެ. ނިސްބަތުން އެއީ މަދުބަޔަކަށް ވާހާލުއެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑު މިދެންނެވީ، މިސްރުގެ ތާރީޚުގެ ކަޅުޒަމާނާއި ރަންޒަމާނުގައި އިލްމުވެރި ހައްގުބަސް ބުނާ މީސްމީހުންނާ މެދު، ކަންކޮށްފައިވާ ގޮތުގެ ދާދިކުޑަ މިސާލެކެވެ. އައްޝަހީދު ސައްޔިދު ޤުޠުބުގެ، މަސައްކަތްޕުޅު ތަކުތެރެއިން، ކަނޑުތައް ފުރޭވަރުގެ ޚިދުމަތްތަކުގެ ހަމައެކަނި ކޯވަރެކެވެ. ވަރަށް މަދު މިންވަރެކެވެ. ރާއްޖޭގެ ތާރީޚުގެ ކަޅުޒަމާނާއި ރަންޒަމާނުގެ ވާހަކަތަކަކީ، ވަރަށްދިގު ވާހަކައެކެވެ. އަޅުގަނޑު މިގެނެސްދިނީ، އޭގެތެރެއިން ވަރަށް މަދު މިންވަރެކެވެ. ހަމައެކަނި ނަޒަރު ހިންގާ ލުމަށްޓަކައި ފުދޭވަރަށެވެ. ޚާއްސަކޮށް ކިޔަވާ ކުދިންނަށް އަޅާލަދިން ހަމައެކަނި ސުރުޚީ ތަކެއްގެ ގޮތުގައެވެ. މިދެ ދީނީ އިންގިލާބުގެ އެންމެފުނަށް ފީނުމަކީ، އެކުދިންގެ ނޮލެޖް މުއްސަނދި ކުރުމަށް ކުރަންޖެހޭނެ ކަމެކެވެ.

އާދެ! އިސްލާމީ ކުޅަދާނަ މުފައްކިރުންގެ ޖައްލާދު ކަމުގައިވާ ރައީސް ޖަމާލު އަބްދުއް ނާސިރަކީ، އަޅުގަނޑުމެންނަށް މިއަދުފާވެފައިވާ، ބަޑިޖަހާ މީހުންމަރަމުން ގެންދާ، ރައީސް މައުމޫނުގެ ހީރޯ ނަންބަރުވަން އެވެ. އެމަނިކުފާނުގެ އަޚް (ކޮއްކޯފުޅު) އަލްއުސްތާޒު އަބްދު ﷲ ހަމީދަކީ، މާކުރީއްސުރެ، ޖަމާލު އަބްދުއް ނާސިރުގެ ލޯބީގައި ޣަރަޤުވާ އިންސާނެކެވެ. މިއަދުވެސް އެންމެގިނައިން ވިދާޅުވާނީ މިސްރުގެ މަޖައްލާތަކެވެ. ރައީސް ޖަމާލު އަބްދުއް ނާސިރުގެ ލޯބީގައި ހަމީދު، މިހާތަނަށް ހުސްކޮށްލެއްވީ، އަގުހުރި ކިތައްގަލަމުގެ ދެލިތޯއެވެ؟ އަނިޔާވެރި ކަމާއި ފަސާދައިން ކަޅިވެފައިވާ މީހުންމެނުވީ، ޖަމާލު އަބްދުއް ނާސިރުގެ މޮޅުވާހަކައެއް ނުދައްކާނެއެވެ. މިފަދަ މީހުންނަކީ، ﷲ ގެ ރުބޫބިއްޔަތަށް ވާދަކިޔާ މީހުންނެވެ. މިފަދަ މީސްމީހުންގެ ދީނަކީ، އަދި ކަލަކީ “ގައުމިއްޔަތު” ގެ ނަންދެވޭ މާއްދީ އެއްޗެކެވެ. ރޫޙާނިއްޔަތުގެ ކަންފުޅެއްވެސް ހިތަކު ނުވާނެއެވެ. އެފަދަމީހުން ހިތުއަޑިން ގަބޫލުކުރާ އަގީދާ އޮންނަނީ، މުނިމުންޏަށް އެމީހެއްގެ ވެރިކަމާއި ބާރު ދެމެހެއްޓުމުގެ މައްޗަށެވެ. ﷲ ގެ ކަށަކުޅަދުން ވަންތަކަން އެއްގޮތަކަށް ވެސް ހަނދާނެއް ނުކުރާނެއެވެ. ބާރުތަކުން ބީވެ، ފުރާނަ ނެތިގެންދާނީ މާއްދިއްޔަތަށް ޣަރަޤުވެ ގެނބިގެންނެވެ. އޭ! ހެއްދެވި، ﷲ އެވެ! އަޅަމެންނަށް ތެދުމަގު ދައްކަވާށިއެވެ! އެފަދަ ޖައްބާރުންގެ ކިބައިން ދިންނަވާއި މުއްތި ކުރައްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page