ރައީސްމައުމޫނުގެ ވެއްޓުން.
- ilyashusein
- Nov 2, 2009
- 4 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ނޮވެންބަރ 03 ގައި.)
ޝައްކެއް ވަސްވާހެއްނެތެވެ! ހަމަކަށަވަރުން ހައްގު އަތުވެއްޖެއެވެ. މިއަދަކީ ނަސްރުގެ ދުވަހެވެ. ﷲ ނަސްރާއި ފަތަހަ ދެއްވައި ފިއެވެ. މީސްތަކުން ބައިބަޔަށް އުފާކުރަން ފަށައިފިއެވެ. މިމަހު، (ނޮވެމްބަރ) އެގާރަވަނަ ދުވަހު ބޮޑުއީދު އަންނަނީއެވެ. އުފަލުން ފުރިގެންނެވެ. ނަސްރާއި ކާމިޔާބުން ފުރިގެންނެވެ. ދުވަސްވީ އަނިޔާވެރި ސަރުކާރަކުން، ތާހިރު ޑިމޮކްރަސީއަށް ބަދަލުވަނީއެވެ. އަނެއް ރާއްޖެއަށް ވާސިލުވަނީއެވެ. ވަތަންއެދޭގޮތަށެވެ. ފަހެ، މިހިނދު ހައްދަވައި ބޮޑުކުރެއްވި ﷲ އަށް ހަމްދުސަނާއިން ތަސްބީހަ، ވިދާޅުވުމަށް ދަންނަވަމެވެ. ﷲ އަށް ޝުކުރުވެރި ވުމަށް ހަދާންކޮށް ދެމެވެ. ރާއްޖެއިން ބާތިލު ނައްތާލުމަށް ގޮވާލަމެވެ. ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމަގޮތުގައި ފުއްދައި ދެއްވުމަކީ، ލާޒިމުޝަރުތެކެވެ. ފަހެ، މިލިބުނު އުފާވެރިކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުން، ދިވެހިންނަށް ހައްގުމަގަށް ގޮވާލުމުގައި ދެމިއޮތް، އިސްލާހީ ހަރަކާތް ހަދާނަށް ގެންނަމެވެ. 1980 ވަނައަހަރުން ފެށިގެން މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ހަދާން ކުރަމެވެ. އިސްލާހީ ހަރަކާރުގެ ފަހުބައިގާ މަޝްހޫރު ވެގެންދިޔަ، “ސަންދާނު” މަޖައްލާ ހަދާނަށް ގެންނަމެވެ. އަދި އެމަޖައްލާގެ ފަހަތުގައި ތިއްބެވި ކެރޭ، ހީވާގި ހަތަރު ފަހުލަވާނުންގެ ޖިހާދު ހަދާނަށް ގެންނަމެވެ. ސަންދާނު ޒަކީއާއި ސަންދާނު އިބްރާހީމް ހަރަކާރްތެރި ވަމުން ގެންދެވީ ރާއްޖޭން ބޭރުގައެވެ. މުސްތަގުބަލުގައި އެއީ މިރާއްޖޭގެ ސަފީރުންނެވެ. ޒަކީއަށް މެލޭޝިޔާގެ ސަފީރުކަން ހައްގެވެ. އިބްރާހީމަށް ޖެނީވާގެ ސަފީރުކަން ހައްގުވާނެއެވެ. އަދުގެ މުންތަޚަބު ރައީސް ނަޝީދު މިދެމުޖާހިދުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާން ޖެހޭނެއެވެ. ދެންފަހެ، ރައީސްމައުމޫނުގެ ޝަޚްޞީ ޚުދުމުޚްތާރު ވެރިކަން ރެނދުއަޅުވާލާއި އެވެރިކަމުގެ ސަންދާނަށް (ތަޚުތަށް) ލޮޅުން އަރުވާލި އެންމެ މުހިންމު އެއްވަސީލަތަކީ ސަންދާނު މަޖައްލާއެވެ. ސަންދާނު މަޖައްލާއަކީ، ދުވަސްވީ ވެރިކަމުގެ ސަންދާނުން، ރައީސް މައުމޫނު ވައްޓާލުމުގައި މިއަދާޖެހެންދެން ދެމިއޮތް ވަރުގަދަ ވިޔުގައެކެވެ. ފަހެ، އެމަޖައްލާއަކީ، މިއަދު ފަޚުރުވެރިވުން މަޖުބޫރު މަޖައްލާއެކެވެ. ބިރެއްނެތި ހިންމަތްކުރި ފަޚުރުވެރި ސަންދާނުޓީމަށް ބަދަލުވުމުގެ މިއުފާވެރި އީދުގައި މަރުހަބާ ދަންނަވަމެވެ. އިސްލާހީ ހަރަކާތުގެ ލީޑަރުންނަށާއި ހުރިހާ ބައިވެރިންނަށް ޝުކުރާއި މަރުހަބާ ދަންނަވަމެވެ. ހަމަގައިމު ވެސް ކޮންމެވެސް ދުވަހަކުން އެކަމުގެ ހައްގުއިނާމު ސަންދާނު މަޖައްލާއަށް ލިބޭނެކަން ކަށަވަރެވެ. އަދި ﷲ، މިހަރަކާތުގެ ބައިވެރީންނަށް ސަވާބު ދެއްވާހުއްޓެވެ.
ފަހެ ދަންނާށެވެ! އާގާނޫނު އަސާސީގެދަށުން ފުރަތަމަ ފަހަރަށް ބޭއްވުނު އެއްޕާޓީއަށް ވުރެގިނަ ސިޔާސީޕާޓީތައް ބައިވެރިވި ރިޔާސީ އިންތިޚާބު- 2008 ބޭއްވުނީ، 2008 އޮކްޓޯބަރ 8 ވީބުދަ ދުވަހުއެވެ. މިވޯޓުން ގާނޫނު އަސާސީގައިބުނާ އަޣުލަބިއްޔަތު އެއްވެސް ކެނޑިޑޭޓަކަށް ލިބިވަޑައި ނުގަތުމާ ގުޅިގެން ޖެހުނީ، ވޯޓުލުން ދެވަނަބުރަކަށް ގެންދާށެވެ. ދެންފަހެ. މިއިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުންއޮތީ، 2008 އޮކްޓޯބަރ 28 ވީއަންގާރަ ދުވަހުއެވެ. މިބުރުގެ ވަގުތީނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރެއްވިއިރު ރައީސް މައުމޫނުވަނީ، ބޮޑުތަފާތަކުން ބަލިވެފައެވެ. މިއީ ރައީސްމައުމޫނާއި އޭނާގެސަރުކާރުގެ ވެއްޓުމެވެ. ނިމުމެވެ. މައްޗަންގޯޅި ކިނބިގަސްދޮށުގޭ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމަށް ލިބިވަޑައިގަތީ، 82,121 (45.79 ޕަސަންޓް) ވޯޓެވެ. ގަލޮޅު ކެނެރީގޭ އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އަށް ލިބިވަޑައިގަތީ، 97,222 (54.21 ޕަސަންޓް) ވޯޓެވެ. ގާނޫނީހަމަ ތަކުގެމަތިން މުންތަޚަބު ރައީސުލް ޖުމްހޫރިއްޔާއަކަށް ތިޔަވެވަޑައި ގަތީއެވެ. ފަށްފަށުން މަރުހަބާއެވެ! ހިތުގެއަޑިން މަރުހަބާއެވެ. އެއްވެސް ބަދަލެއްނެތި ރަސްމީނަތީޖާއެއް ގޮތުގައި އިއުލާނު ކުރެއްވީ، ހަމަވަގުތީ ނަތީޖާއެވެ. އަލްހަމްދު ލިއްލާހިއެވެ!
ފަހެ، ދަންނާށެވެ! ބަޔަކު ސިއްސުވާލާއި ރޮއްވާލި މިނަތީޖާ ވެގެންދިޔައީ ތިރީސް އަހަރުވީ ޝަޚުޞީ ހުދުމުޚްތާރު ވެރިކަމުގައި ނިމުމުގެ ސިއްކަޖެހުމަށެވެ. ރައީސް މައުމޫނުގެ އަނިޔާވެރި ވެރިކަމުގެ ނިމުމަށެވެ. އެސަރުކާރުގެ ވެއްޓުމަށެވެ. މިނަތީޖާއަށް ފުންކޮށް ވިސްނާއި ބަލާލުމުން ދޭހަވާދެތިން އެއްޗެއް ދަންނަވާ ލާނަމެވެ. މިނަތީޖާގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތަށް ބަލާއިރު ވޯޓުލެއްވި، 179,343 މީހުންގެ ތެރެއިން، 82,121 މީހުންގެ ތާއީދުލިބުމަކީ، ދިވެހިރައްޔިތުން ރައީސް މައުމޫނު ނަގާއެއްލާ ނުލައްވާކަމުގެ އަލާމަތެކެވެ. ބައެއްގެ ލޯތްބާއިރުހުން އަދިވެސް އޮތްކަމެވެ. މީހުންދިރިއުޅޭ ހުރިހާރަށް ތަކަށްބަލާއިރު ކޮންމެރަށަކުން ވެސް ވަރަށްމަދުރަށެއް ފިޔަވައި އެވްރެޖުކޮށް 45 ޕަސަންޓައިގާތަށް ރައީސް މައުމޫނަށް ވޯޓުލިބިފައި އެބަހުއްޓެވެ. ފަހެ، މިއީ އަދިވެސް ރައީސް މައުމޫނަށް ގިނަބައެއްގެ ރުހުމާއި ލޯބި ހިތުތެރޭގައި އޮތްކަމުގެ ދަލީލެކެވެ. މިދަނޑިވަޅަކީ، ހިތްހެޔޮކޮށް އަތާއަތް ޖޯޑުކޮށްލުމުގެ ފުރުސަތަކަށް ހަދަންޖެހޭނެއެވެ. ރައީސްމައުމޫނައި ހިތްހެޔޮ ކުރުމުގެ ސަލާންގަލާން ކޮށްލުމަކީ، އެންމެރީތި އަދަބުތަކުގެ ތެރެއިން ހިމެނޭ ސުލޫކީ ކަމެއްކަން ކަށަވަރެވެ. ހަމަމިރޮނގުން ނަޒަރުކޮށް ބަލާއިރު، މުންތަޚަބު ރައީސުލް ޖުމްހޫރިއްޔާ އަންނި އަށް، 60 ޕަސަންޓަށްވުރެ މަތިންވޯޓު ނުލިބުމަކީ، ރައްޔިތުން އެންމެ އެކަށީގެންވާ ގޮތުގައި ބަލައިގަންނަ ވަރުގެ ކެނޑިޑޭޓަކު ފެންނަން ނެތްކަން ހާމަކޮށްދޭ، ފާޅުކަންބޮޑު ހެއްކެކެވެ. ފަހެ، މިނަތީޖާއިން އަލިގަދަކޮށް ވިދުވަރެއްހެން ދައްކައިދިނީ، ޝަޚުޞީ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަމަކުން، މިންޖުވުމަށް ރައްޔިތުން ދިން ވޯޓެއްކަމެވެ. ބިނާކުރެވިފައި އޮތްފިކުރެއް ފެންނަންނެތް ކަމެވެ. ތިރީސް އަހަރުވީދިގު ވެރިކަމަކަށް އިތުރުފުރުސަތެއް ނުދިނުމަށް ބޭނުންވެގެން ދިންވޯޓެއް ކަމެވެ. ހަމައެކަނި ބަދަލަކަށް ދިންވޯޓެއް ކަމެވެ. ވަރުގަދަ ފިކުރެއް ބިނާކުރެވިފައި އޮތްނަމަ އަށްޑިހަ ނުވަދިހަ ވަރަކަށް ޕަސަންޓުގެ ވޯޓްލިބުނީހެވެ. އާދެ! މިވޯޓަށްފަހު، ރައީސް މައުމޫނު ދެއްކެވި ކެއްތެރިކަމުގެ ލާމަސީލު މިސާލަކީ، ދުނިޔެއިން ފެނިފައި ނެތްހައި ހިތްވަރުގަދަ މިސާލެކެވެ. ތިރީސްއަހަރުގެ ޝަޚްޞީ ޚުދުމުޚްތާރުބާރެއް، އެބާރުއިތުރަށް ދެމެހެއްޓުމަށް ބަޔަކުތައްޔާރަށް އަރިހުގައި ތިއްބަވަނިކޮށް، އެމަގުން އެއްކިބާވެ އެދެއްކެވި ކެއްތެރިކަމަކީ، ތައުރީފުހައްގު ސިފައެކެވެ. ކެތްގަދަ އަމަލެކެވެ. އެއްސަރުކާރުން އަނެއްސަރުކާރަށް ބަދަލުވާ ފުރުސަތަކީ، ވަރަށްނާޒުކު ދަނޑިވަޅެކެވެ. ރައީސް މައުމޫނަށް ކެތްތެރިކަން އިތުރުވެ ހިތްހަމަޖެހުން އިތުރުވެގެންދިޔަ ސިއްރަކީ، މުންތަޚަބު ރައީސުލް ޖުމްހޫރިއްޔާ އަންނި ގެންގުޅުއްވި ހިކްމަތްތެރި ސިޔާސަތެވެ. ފަހެ، މިނާޒުކު ދަނޑިވަޅުގައި ރައީސްނަޝީދު ގެންގުޅުއްވި ހިތްތިރިކަމާއި ކެއްތެރިކަމަށް ހަމައެކަކުވެސް ނަފުރަތުނުކޮށް ކުރިޔަށްއޮތް ހައެއްކަދުވަސް ކަޑަތުކޮށް ގާނޫނީހުވާ ކުރައްވަންދެން ހަމަހިމޭންކަން ޚިޔާރުކުރުމަކީ، މިއިންގިލާބުގެ ފުރިހަމަކަމާއި އޮމާންކަން ދުނިޔެއަށް ދައްކުވައި ދިނުމެވެ. ދިވެހި ރާއްޖެއަށް މިގެނެވުނު “ހަމަހިމޭން އިންގިލާބު” ގެނެވުނުގޮތް މުސްތަގުބަލުގައި ކިޔަވާކުދިންނަށް ކިޔަވައިދެވޭނެ އެއްޗަކަށް ހެދޭނީ އޭރުންނެވެ. ފަހެ، މިއިންގިލާބަށް އަޅުގަނޑުދޭ ނަމަކީ، “ހިމޭންއިންގިލާބް” އެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. މިއީ ހިމޭން އިންގިލާބެކެވެ. މީގެފަހުން އަޅުގަނޑުގެ ލިޔުންތަކުގައި މުންތަޚަބު ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު “އަންނި” އަށް މުޚާތަބުކޮށް އަޅުގަނޑުލިޔާނީ، ރައީސްނަޝީދުއެވެ.
ފަހެ، ދަންނާށެވެ! މިފިޔަވަޅަކީ، ރައީސް މައުމޫނަށް މަޖުބޫރުވެގެން އެޅުއްވި ފިޔަވަޅެއް ކަމުގައި ވިޔަސް، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެފައިދާއޮތީ މިގޮތުގައިކަން ކަށަވަރެވެ. ޝައްކެއްނެތެވެ. މިރީތި ނިންމެވުމަށްޓަކައި ރައީސް މައުމޫނަށް ސާބަސްދެމެވެ. އިތުރަށް ހިތްވަރު ދެމެވެ. އަދި ރައީސްނަޝީދުގެ ހިކްމަތުއަމަލީއާއި ސިޔާސީފުދުން ތެރިކަމަށް ހިތުގެއަޑިން އަޅުގަނޑު، މަރުހަބާ ދަންނަވަމެވެ. މިދަނޑިވަޅުގައި ފާހަގަކޮށްލަން ޖެހެނީ، 21 ވަނަ ގަރުނުގެ މިރީތިހަމަހިމޭން އިންގިލާބުން، ރައީސް މައުމޫނުގެ ހުރިހާމާޒީއެއް ފޮހެވިގެން ދިޔައީކަމުގައި އެކަކުވެސް ނުބެލުމެވެ. ދައުލަތުގެ މުސްތަގިއްލު ބާރެއް ކަމުގައިވާ އަދުލް އިންސާފުގެ ބާރަށް މީހެއްގެހައްގެއް ނުވަތަ ޖަމާއަތެއްގެ ހައްގެއް ގެއްލިފައި ވާނަމަ، ގާނޫނުތަކުގެ ދަށުން، އެމަގުންހުރި ކަންތައްތައް ހިނގަމުން ދާނެއެވެ. ކަންކަމުގައި އަވަސްވެ ގަތުމަށްވުރެ، މިފުރުސަތުގައި ކެއްތެރިވުން އައުލާކަން ބޮޑެވެ. ފަހެ، އެފަދަ ހައްގުތަކަކީ، ރައީސް ނަޝީދަށް މައާފުކުރެއްވޭނެ ކަންތަކެއްނޫނެވެ. ބެލޭނެކަންތަކެވެ. މިއުފާވެރި ފައްތަރުގައި ދެރައީސުންނަށް އަޅުގަނޑު އިލްތިމާސް ދަންނަވާއި ގޮވާލަމެވެ. ބަންދުގައި ހުންނެވި ސަންދާނު އިބްރާހީމް ލުތުފީ އަށާއި ބަންދުގައި ހުންނެވި ތިނެއް ނޮވެމްބަރު އަބްދުﷲ ލުތުފީ އަށާއި ދެންވެސް ބަންދުގައި ތިއްބެވި ބައެއް ކުށްވެރީންނަށް އެމީހުންގެ އަޚްލާގީ މިންގަޑާއި ސުލޫކަށް ބެއްލެވުމަށް ފަހު، ދީލަތިމައާފެއް ދެއްވުން އެދެމެވެ. މިއީ ތިޔަދެލީޑަރުންގެ މަޝްވަރާގެ މަތިން އަޅުއްވަންޖެހޭ މުހިންމު، އަދި ދީލަތި ފިޔަވަޅެކެވެ. ގާނޫނެއް ނެތްނަމަ ގަރާރަކުން ނަމަވެސް އެކަން ކުރައްވަން ޖެހޭނެއެވެ. އެއީ ކުރީމާ ކޮށްލެވޭ ޒާތުގެ ކަންތަކެވެ.
ފަހެ، ދަންނާށެވެ! މިހިނދު ރައީސްނަޝީދަށް ދަންނަވާލަންއޮތީ، ﷲ ތިޔަދެއްވި މަތިވެރި ނިއުމަތް، ޒިންމާދާރު ހައްގުގޮތުގައި އަދާކޮށް ދިނުމެވެ. ﷲގެ ނިއުމަތްތައް އަންނާނީ އެމީހަކު އެދޭ ވަރަކުންނެވެ. އެކަމަށްއެދި މަސައްކަތްކުރާ ވަރަކަށެވެ. ޝުކުރުވެރިވާ ވަރަކަށެވެ. ރައީސް ނަޝީދަކީ، ރާއްޖޭގެ އިސްލާހީ މަސައްކަތަށް ހައްގުގޮތުގައި ގުރުބާންވި ވަރަށްކެރޭ ދިވެހި ދަރިއެކެވެ. ސިޔާސީ ކަންކަމުގައި ފަހަތަށް ނުޖެހި، އަބަދުވެސް ކުމަތިލައްވާ ލީޑަރެކެވެ. ފަހެ، މިއަދު ތިޔަލިބުނީ، އެކަމުގެ ހައްގުނިއުމަތެވެ. ފޮނިމޭވާއެވެ. ފުރިހަމަ ނަތީޖާއެވެ. އަމަލީ މައިދާނުގައި ހައްގުގޮތުގައި އެޒިންމާ ފުރިހަމަކޮށްދިނުން އޮތީކުރިމަތީގައެވެ. ހައްގާއި ގާނޫނުތައް ކުރިމަތީގައި ބާއްވައިގެން ރައްޔިތުންނަށް ކަމޭހިއްތަވާށެވެ. އޯގާތެރިވާށެވެ. ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައި ދެއްވާށެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާށެވެ. ﷲ އަށް އިޚްލާސްތެރި ވާށެވެ. ރައްޔިތުންނަށް ވަފާތެރި ވާށެވެ. ހަމަހަމަކަން ގެންގުޅުއްވާށެވެ. ދުނިޔެއަށް ތާހިރު ޑިމޮކްރަސީ ފެތުރުމުގައި އެންމެއިސް ސަފަށް ވަޑައިގެންނެވެން ހުރިހުރިހާ ދޮރުތަކެއް މިހާރުތިޔަ ކަޑަތު ކުރެއްވުނީއެވެ. ސިއްކަ ޖެހުނީއެވެ. ދެންއޮތީ އަމިއްލަ ވިސްނެވުމުން ކޮއްލަންޖެހޭ ކުޑަކުޑަ މަސައްކަތެކެވެ. ދުނިޔޭގެ ސުލްހައަށް ގޮވާލައްވާއި އިސްނެންގެވުމެވެ. އެހެން ގައުމުތަކާ އެއްސަފަށް ޖެހިލުމެވެ. ދުނިޔެއަށް ވިދާލުމެވެ. ދުނިޔޭގެ ސަލާމަތާއި ރަށްކާތެރިކަމާއި ސުލްހައަށް މިކުޑަކުޑަރާއްޖޭން ބޮޑުކަމެއްކޮށް ދެއްވުމެވެ. ރާއްޖޭގެވެށި އޮތްގޮތުން އެކަމުގައި އިސްނަގަންޖެހެނީ ރާއްޖެއިންނެވެ. ކުރީގައި ހުންނަންޖެހެނީ، ރާއްޖޭގެ ވެރިމީހާއެވެ. ވީހާއަވަހަށް އެމަސައްކަތަށް ހުސްވެވަޑައި ގެންނެވުން ބުއްދިވެރި ވާނެއެވެ. ނައިބާއެކު ރިޔާސީބާރުތައް ހިއްސާކުރައް ވާށެވެ. ވެރިކަމުގެ ޖާދޫގައިޖެހި، އެމުގައްދަސް މަތިވެރި ފުރުސަތު ބޭކާރުކޮށް ނުލައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮވެއެވެ.
ފަހެ، ދަންނާށެވެ! މިހިނދު ރައީސް މައުމޫނަށް ދަންނަވާލަންއޮތީ، 21 ވަނަ ގަރުނުގައި ދުނިޔޭގެ ސިޔާސީ މައިދާނަށް މިފެނިގެންދިޔަ އޮމާން ހަމަހިމޭން އިންގިލާބަށް ތިޔަގެނެސް ދެއްވި ފުރިހަމަ ކަމަކީ، ދުނިޔޭގެ ފެންވަރުގައި ސިޔާސީ މައިދާނުގަޔާއި އިލްމީއިދާރާ ތަކުގައި ފިލާވަޅެއްގެ ގޮތުގައި ބަލައިގަންނާނެ މަންހަޖަކަށް ހައްދަވައި ދެއްވުމެވެ. ފަހެ، މިކަންއޮތީ ރައީސް މައުމޫނުގެ އަތްޕުޅުގައެވެ. ރީތިކޮށް އެނބުރި އަމިއްލަޕާޓީ ކަމުގައިވާ ޑީއާރުޕީއަށް ވަޑައިގަންނަވާށެވެ. ސަރުކާރުން ވަކިވާންޖެހޭ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންތައް އެއްގަލަށް ގެންނަވައިގެން، ޑީއާރުޕީއަކީ ހަރުދަނާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވަރުގަދަކޮށް ދިވެހި ރައްޔިތުންނަށާއި މުޅިދުނިޔެއަށް މިސާލެއް ދައްކަވާށެވެ. އާދެ މިހާރު އިދިކޮޅުޕާޓީއަކީ، ޑީއާރުޕީއެވެ. ނަމޫނާއަކަށް ވެވަޑައިގަންނަ ވާށެވެ. ނަމަނަމަ ޒާތީއަރާރުން ގަނޑަކަށް ނުހައްދަވައްޗެވެ. އަރިހުގައި ތިއްބެވި، ރިފޯމްމިނިސްޓަރ އޮނަރަބްލް މުހަންމަދު ނަޝީދާއި ބަންޑާރަނައިބު އަލްއުސްތާޒާ އައިޝަތުއާޒިމާ ޝުކޫރާއި ޕްލޭނިންގ މިނިސްޓަރ އޮނަރަބްލް ހަމްދޫންހަމީދާއި އޮނަރަބްލް މައުރޫފު ޖަމީލާއި އޮނަރަބްލް އައިޝަތު މަހަންމަދުދީދީއާއި މިފަދަބޭފުޅުން ވިއްސިވިހާލި ވިޔަނުދެއްވައި ޕާޓީތެރޭގައި އޮބެހެއްޓެން ޖެހެއެވެ. ހަރުދަނާ އިދިކޮޅު ޕާޓީއެއްނެތި ހަރުދަނާ ވެރިކަމެއް ދެމެހެއްޓުމަކީ އުދަގު ކަމެކެވެ. އަމަލީގޮތުން ސިޔާސީކަންކަމުގައި ނޫޅުއްވައި ވަރުގަދަ މުޝީރަކަށް، އަދި މުޅިގައުމުގެ އުސްތާޒަކަށް ވެވަޑައި ގަންނަވާށެވެ. އިދިކޮޅުޕާޓީ ޑީއާރުޕީ ވަރުގަދަކުރެވޭނީ އޭރުންނެވެ. ނިއޫމޯލްޑިވްސް ހަދާނެއެއްޗެއް ކިޔާކަށް އަދިއެއް ނޭގެއެވެ. ކައިރިން ފެންނަނީ، އިތުރަށް ރޫޅިގެން ދިއުމުގެ އަލާމާތްތަކެވެ. ފަހެ، އޯޕަން ސޮސައިޓީ، ސިޔާސީޕާޓީ އަކަށް ބަދަލުވިޔަަސް އެތިންބޭންނަކީ، ރޫޅިވަކިވެގެން ދާނެބައެކެވެ.
ފަހެ، ދަންނާށެވެ! މިހިނދު އަޅުގަނޑުގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަންއޮތީ، ތިޔައިއްޒަތްތެރި ބޭފުޅުން ތިޔަދެއްކެވި، ކެތްތެރިކަމާއި ރީތިހަމަހިމޭން ކަންމަތީގައި ދެމިތިއްބެވުމަށެވެ. ހަމަހިމޭންކޮށް އަދި ތިބޭންވީއެވެ. ރައީސްނަޝީދަށް ހުރިހާ ހާލެއްގައިވެސް ގާނޫނީހަމަތަކުގެ މަތިން އެއްބާރުލުން ދެއްވުމަށެވެ. ހުވާކުރެއްވުމުގެ އީދަށް އުފާފާޅު ކުރެއްވުންތައް ގަސްދުގައި ލަސްކުރައްވާށެވެ. ބުއްދިވެރީ އެގޮތެވެ. މިއީ ސިޔާސީ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ނަސޭހަތެވެ. މިފަދަ ބަދަލެއްގައި ކުދިކުދި ކަންތައްތައް ހުންނާނެކަން އަބަދުވެސް ހަދާންކޮށް ކެއްތެރިވެލައްވާށެވެ. އޭ! ﷲއެވެ! ދިވެހި ރައްޔިތުންނަށް ﷲގެ މިންވަރުފުޅުން ކާމިޔާބުކޮށް ދެއްވި ހެޔޮބަދަލު ދާއިމީކޮށް ގަރާރުކޮށް ދެއްވާއި ހަރުދަނާކޮށް ދެއްވާށިއެވެ! އާމީން!


Comments