ރައީސް މައުމޫނު ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ވެރިކަންކުރާ ޕާޓީއެއްގެ ގޮތުގައި ގެންގުޅުއްވާ ޑީއާރުޕީގެ މާމުއި ހަނދުގެ ދޯދިތައް!
- ilyashusein
- Nov 29, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: މައި 2006 ގައި)
ނޯޓް: މިމަޒްމޫނަކީ، ސިޔާސީ ފިކުރުހުންނަ ޒުވާން ކިޔަވާކުދިން ތަކުރާރުކޮށް ކިޔާއި ރައްޖޭގެ ސިޔާސީ މަސްރަހު އެދުވަސްވަރު އޮތްގޮތް ދެނެގަނެ ދިރާސާކޮށް ލުމަށް ވަރަށް ރަނގަޅު ފިލާވަޅު ތަކެކެވެ.
އާދެ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! އަދި ލޮބުވެތި ޒުވާން ކިޔަވާ ކުދިންނޭވެ! ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިންނާވަޑައި ގަންނަވާށެވެ! ގައުމާމެދު ސިޔާސީފިކުރު ކުރުމަކީ، މުހިންމު ކަމެކެވެ. ވަރަށް ބޭނުންތެރި ކަމެކެވެ. ފަހެ، ދަންނާށެވެ! ދިވެހި ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީ ކުރެވުނު ސިޔާސީޕާޓީ ކަމުގައިވާ، “ދިވެހި ރައްޔިތުންގެ ޕާޓީ” (ޑީއާރުޕީ) ގެ ފުރަތަމަ ގައުމީ ޖަލްސާ، ކޮންގްރެސް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި އެނައުސްމަންޓަކާ އެކު، ވަރުގަދަ އަތްތިލަ ބަނޑިއަކުން ވެޑުވީ، ދައުލަތުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢުއެވެ. ޑީއާރުޕީގެ ވަގުތީ ރައީސެއްގެ ހައިސިއްޔަތު ކޮންމެވެސް ގޮތަކަށް އެމަނިކުފާނަށް އެރުވިގެން ދިޔައީއެވެ. މިއީ އެއްވެސް ޝައްކެއް ވަސްވާހެއް ނެތްގޮތުގައި ރައީސް މައުމޫނު ނިންމެވި ނިންމެވުމެއްކަން ކަށަވަރެވެ. މިރަސްމިއްޔާތުގައި މިކަން ހަމަޖެހިގެން ދިޔައީ، ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް ޝަފީއުގެ ނަންފުޅު އިއްވެވުމުން، އިންތިޚާބުވެ ނިމިއްޖެކަން މެންބަރުންގެ ހޫނުގަދަ އަތްތިލަބަޑީގެ އަޑުފަށްގަނޑު މުޅިހޯލުތެރެއަށް ގުގުމާލުމާ އެކުގައެވެ.
އާދެ! މިއީ އެންމެޖާހިލީ ޒަމާނުގައި ކަންކުރިގޮތަށް ވުރެވެސް މާމޮޅަށް، ފަހުޒަމާނަށް އައިސް ބާއްވާ އިންތިޚާބު ތަކުގައި ވޯޓުލުމަށް ބޭނުންކުރާ މާކުޅަދާން ގޮތެކެވެ. ރައްޔިތުންގެ ޟަމީރަށް ހަޔާތްކުޑަގޮތަކަށް ގޮންޖަހާ ލުމެކެވެ. ރައްޔިތުންގެ ރުހުން ލިބިއްޖެކަމުގެ ސިއްކަ ޖެހުމަށް މާފަސޭހަ ގޮތެކެވެ. ރައީސް މައުމޫނު ހަމަޖެއްސެވީމާ އެގޮތަކަށް އެކަން ހަމަޖެހިގެންދާ އުސޫލެވެ. ކުރާށޭ އަމުރު ކުރެއްވީމާ ކޮށްނިންމާ ލައްވަނީއެވެ. މިއީ ރައީސް މައުމޫނުޕާޓީގެ “ރީތި ޑޮމިކްރަސީގެ ނަމޫނާ” މިސާލެކެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ޕާޓީކަމުގައިވާ އެމްޑީޕީގެ ފުރަތަމަ ގައުމީ މަޖިލިސް، ކޮންގްރެސް ފެށުމާއެކު، ހުރިހާ މެންބަރުން ސިހިގެންދިޔައީ މެންބަރަކު އިށީދެގެން އިންނެވި ގޮނޑިމައްޗަށް ކޮށްޅަށް އަރާވަޑައިގެން ހުންނަވާ، އަތްއުފުއްލަވާ ހަރުއަޑުން، އޭނާގަބޫލުކުރާ ހައްގުބަހެއްގެ އަޑު، އުފުލާލެއްވި، ޒަމާނީ ލިބަރަލް ޑިމޮކްރަސީގެ ލާމަސީލު މިސާލެވެ. މިރާއްޖެއަށް މިހުންނަނީ އާކަންތަކެވެ. އެހެނަސް މިއީ ޔޫއެންފަދަ ތަންތާގެ ބޮޑެތި ޖަލްސާތަކުގައި ދައުލަތްތަކުގެ ވެރިން އެމީހުންގެ ރައްޔިތުންގެ ހައްގުގައި ދަށްކާފައިހުރި މިސާލުތަކާއި މަންޒަރުތަކެވެ. އާދެ! މިފެނިގެންދިޔަ ތަފާތު ދެވަށްތަރުގެ ފެށުމަށް ވިސްނާލައްވާށެވެ. ވެރިކަންކުރާޕާޓީ ކަމުގައި އަމިއްލައަށް ހެދިގެން އުޅޭޕާޓީން ފެނިގެން ދިޔައީ އަތްތިލަބަޑީގެ އަޑުފަށްގަނޑުން ކަންތައް ނިންމާތަނެވެ. އަދިކޮޅު ސިޔާސީޕާޓީން ފެނިގެން ދިޔައީ ހައްގުހޯދުމަށް އަޑުއުފުލާއި އިހްތިޖާޖު ކުރުމުގެ މަންޒަރުތަކެވެ. ތަފާތުހުރިވަރު ފެނިގެން މިދަނީއެވެ. ވިސްނާވަޑައި ގަންނަވާށެވެ. ތަހުޒީބުވެފައިވާ މުޖްތަމަޢެއްގައި މިނިވަން ޑިމޮކްރަސީއަކީ، ޒަމާނީތަހުޒީބެވެ. އިންސާނީހައްގުގެ ދިފާޢުގައި އަޑުއުފުލުމަށް ކުރާހިންމަތާއި މަސައްކަތެވެ. ގާނޫއަސާސީގެ މާއްދާތައް ސަސްޕެންޑްކޮށް، ގައިދުކޮށް ހިފެހެއްޓުމެއް ނެތެވެ. ވެރިންނަށް އެފަދަ ޗާންސެއް ނުދެއެވެ. ފެނިގެންދަނީ، ހުޅުވާލެވިފައިވާ މިނިވަންކަން ލިބިގަތުމުގެ މަސައްކަތްތައް ގަދައަޅާކުރަމުން ދާތަނެވެ. ދުނިޔެއާއި ދައުލަތްތައް ރިފޯމްކޮށް އިސްލާހު ކުރުމަކީމިއެވެ.
ފަހެ، ދަންނާށެވެ! ގައުމު ދިފާޢުކުރުމާއި ގައުމުގެ ސަލާމަތާބެހޭ ކަންކަމުގެ މަސްއޫލިއްޔަތާއި ޒިންމާބޮލުގައި އަޅުއްވައި ﷲ ގަންދެއްވައި ހުވާކުރައްވައިގެން ހުންނެވި މިނިސްޓަރ އިސްމާޢީލް ޝަފީޢުއަށް، ރައީސް މައުމޫނު ވެރިކަމުގައި ހުންނަވައިގެން ގާނޫނާއިގަވާއިދާ ޚިލާފަށް ވެރިކަމަށް ގެނެސްފައިވާ އޭނާގެޕާޓީ ކަމުގައިވާ ޑީއާރުޕީގެ ވަގުތީ ރައީސްކަން ދެއްވިދެއްވުމަކީ، ސިޔާސީ މުދައްބިރުންނަށް ހަދިޔާކުރެއްވި، ރައީސް މައުމޫނުގެ ތާރީޚާގުޅިފައިވާ ކަޅުބައިން މުހިންމު ބާބެކެވެ. މިކަމުން މިރަމްޒުކޮށްދެނީ ވެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ސިފައިންގެ ބޭނުންހިއްޕަވާނެ ކަމުގެ އަލާމަތްތަކެވެ. ފަހެ މިއީ، ސިޔާސީ މުދައްބިރުންނާއި މުފައްކިރުން އެތައްއެތައް ފިލާވަޅުތަކެއް ހޯދާއި ލިބިގަންނަން ޖެހޭފަދަ ނުލަފާ ކަންކަމެކެވެ. އަދި ގިނަގުނަ ސުވާލުމާކްތަކެއް އަމާޒުކުރެވުނު ކަމެކެވެ. ވެރިން ބޭނުންހާ ގޮތަކަށް ގައުމުގެ ސިފައިންގެ ބޭނުންހިއްޕަވައި ގެންނުވާނެއެވެ. އެފައުޖުތަކަކީ، ވަކިހުވައެއް ކޮށްގެން ވަކިހަމަތަކެއްގެ މަތީގައި ގައިމުވެ ތިބެންޖެހޭނެ ބައެކެވެ. ގައުމަށްޓަކާ ފުރާނަދިނުމަށް ތައްޔާރަށް ތިބެންޖެހޭނެ ބައެކެވެ. އަޅުގަނޑުމެން މިގައުމުގެ އިސްލާޙީ ހަރަކާތުގެ ލީޑަރުން، އެހިނދުން ފެށިގެން ޢަޒުމްކަނޑައެޅީ، ރައީސް މައުމޫނުގެ މިނުބައި ވިސްނުންފުޅު ފުނޑާލާއި މުގުރާލާށެވެ. ސިފައިންގެ ބޭނުން މިފަދަ ކަންކަމުގައި ބޭނުންކުރެއްވިޔަ ނުދިނުމުގެ މާތް މަގްސަދުގައެވެ. މިކަންކަން ސިފައިންގެ ފައުޖުތަކަށް ވިސްނައިދޭށެވެ. ދިވެހި ގައުމުގެ ލޮބުވެތި ސިފައިންވެސް ދުރާލާމިފަދަ ކަންތަކަށް ވިސްނެވުން، ބެހެއްޓެވުމަށް މިދަނޑިވަޅުގައި އަޅުގަނޑު ގޮވާލަމެވެ.
އާދެ! ބޮޑުއަޖައިބަކީ، ހިނގަމުންދާ ގާނޫނީސަރުކާރުގެ، ގައުމީސަލާމަތާ ބެހޭބާރުގެ މިނިސްޓަރު ކަމުގެހުވާ ކުރައްވައިގެން ހުންނަވައި ރައީސް މައުމޫނު ގާނޫނާއިގަވާއިދާ ޚިލާފަށް، ވެރިކަންކުރާޕާޓީ ކަމަށް ހަދައިގެންއުޅޭ ޑީއާރުޕީގެ ވަގުތީރައީސް ކަމަށްވެޑުވި، އެޕާޓީގެ ރިޔާސަތާހަވާލު ވެލެއްވިކަމެވެ. އާދެ! ދިވެހިދައުލަތުގެ ދިފާޢީ ވަޒީރުގެ ލަދުފުޅު ކޮބައިތޯއެވެ؟ ފަހެ، އެންމެހުތުރީ، އެގޮނޑީގައި އިންނަވައިގެން ޑީއާރުޕީއަކީ، ވެރިކަންކުރާ ޕާޓީއޭ އަމިއްލަފުޅު ދުލުން، އަނގަފުޅު ހުޅުއްވަވާފައި ވިދާޅުވީމައެވެ. ފަހެމިއީ ވަރަށް ބޭހޫދާ ކަމެކެވެ. ސިލީކަމެކެވެ. އެމަނިކުފާނުގެ މުޅިޢާއިލާއަށް ވެސް ކުރެއްވި ހަޔާތްކުޑަ މަލާމާތެކެވެ. ލަދުވެތި އަމަލެކެވެ. ޝަފީޢުފަދަ ބޭފުޅަކު ކުރައްވައިގެންވާނެ ކަމެއްނޫނެވެ. ހަގީގަތުގައި މިއީ އަމިއްލަފުޅަށް، އެމަނިކުފާނުގެ އަމިއްލަފުޅު ޟަމީރު، ރައީސް މައުމޫނަށް ނުއަގުގައި ވިއްކާލެއްވުމެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. މިކަމުގެ ނަތީޖާ ޝަފީޢުއަށް ދުނިޔެމަތީގެ ހަޔާތުގައި ލަސްތަކެއްނުވެ، ﷲ ދައްކަވާނެއެވެ. ފަހެ، ރާއްޖޭގެ ޑިފެންސް މިނިސްޓަރަށް ހުތުރު ހުއްޓެވެ.
ފަހެ، ދަންނާށެވެ! ރައީސް މައުމޫނުގެ ވިސްނުންފުޅުގައި މިނިސްޓަރ ޝަފީޢުގެ އަގުއުފުލިގެން ދާންޖެހުނު ސަބަބުތަކެއް ފޮރުވިފައި ވާކަން ކަށަވަރެވެ. ފަހެ، މިކަންކަށަވަރު ކޮށްދޭ އެއްކަމަކީ، މިނިސްޓަރ ޝަފީޢުއަށް، ރައީސް މައުމޫނު ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ދެއްވިދެއްވުމެވެ. މިއީ ވަރަށް ވިސްނަވާފައި އެޅުއްވި ފިޔަވަޅެކެވެ. އާރާއްޖެއާއި ބާރާއްޖެއަށް ނިސްބަތްވާ ޒުވާންވަޒީރުންނާއި މުސްކުޅި ވަޒީރުންތައް އެކަމަށް އެދިއެދި ފެންބޮވައިގެންފައި ތިއްބަވަނިކޮށެވެ. އާދެ! ރައީސް މައުމޫނުގެ މިހޮއްވެވުމަކީ، މިވަގުތު އެމަނިކުފާނަށް އެންމެފައިދާ ބޮޑުގޮތެވެ. އަޅުގަނޑުގެ ވިސްނުންހުރީ ވެސް، މިވަގުތަށްއޮތް އެންމެމޮޅު ފިޔަވަޅު އަޅުއްވައިގެން، ރައީސް މައުމޫނު އެކުރައްވަނީ، ވަރަށްމޮޅު ތަޖުރިބާއެއް ކަމަށެވެ. ފަހެ ރައީސް މައުމޫނަށް ވެގެން ވިސްނާލާއިރު، މިނޫންގޮތެއް ކުރިމަތީގައި ފެންނާކަށް ނެތެވެ. މިއަޅުއްވާ ފިޔަވަޅުތަކަށް އަޅުގަނޑުމެން، އިސްލާހީ ލީޑަރުން މިތިބީ، ވަރަށްހޭއަރާ ތައްޔާރުވެ ބަލާށެވެ. މިނާކުޑޭގެ ދަރިކަލުން، މިނިސްޓަރ އަހްމަދު ތަސްމީނު އަލީއަށްވުރެ އެއްދަރަޖަ މަތިން، އޯކިޑްމާގޭ އަހްމަދުޒަކީގެ ދަރިކަލުން، މިނިސްޓަރ އިސްމާޢީލް ޝަފީޢުއަށް މާކްސްލިބުނެވެ. މިނިސްޓަރ ޝަފީޢުގެ ބައްޕާފުޅު އަލްމަރްހޫމް އަހްމަދު ޒަކީއަކީ، އުންމީދުތަކަކުން ފުރިގެންވާ ހަޔާތެއްހޭދަ ކުރެއްވި، ރައްޔިތުންގެ ތާއީދު އިންތިހާއަށް ލިބުނު ކުޅަދާނަ ހުނަރުވެރި ލީޑަރެކެވެ. އެހެނަސް ލީޑަރޝިޕްގެ، ކެރިވަޑައި ގަތުމުގެސިފަ އަށަގެންފައި ނެތުމުން ކާމިޔާބުނުވެ، ފެއިލްވެ ހުންނަވައިގެން މުޅިއުމުރުފުޅު ހޭދަކޮށްލެއްވި ބޭފުޅެކެވެ. މިނިސްޓަރ ޝަފީޢުގެ މަޑުމައިތިރި ހަށިކޮޅުގައިވެސް، މިސިފަ އެންމެ ފުރިހަމައަށް އަށަގެންފައި ހުންނާނެކަން ރައީސް މައުމޫނު ރަނގަޅަށް ދެނެގަނެ، ގަބޫލުކުރައްވަނީއެވެ. ފަހެ، ރައީސް މައުމޫނު، މިނިސްޓަރ ޝަފީޢުއަށް ފުރިހަމަ އިތުބާރު ކުރެއްވީ އެހެންވެގެންނެވެ. މިނިސްޓަރ އިލްޔާސް އިބްރާހީމާއި މިނިސްޓަރ ގާސިމް އިބްރާހީމަށް އަދި މިނިސްޓަރ ޔާމީނަށް ވެސް އަދި އެދަރަޖައިގެ އިތުބާރެއް ނުދެއްވައެވެ. ޢަމުދުން އާދިވެހި ރާއްޖޭގެ ބޭފުޅުންކޮޅަށް ވެސް އެފަދަ އިތުބާރެއް ނުދެއްވޭނެއެވެ.
އާދެ! ޑީއާރުޕީގެ ގައުމީ ޖަލްސާ، ފުރަތަމަ ކޮންގްރެސް ކުރިޔަށް ގެންގޮސް ދެއްވުމުގައި މިނިސްޓަރ ޝަފީޢުވަނީ، ރައީސް މައުމޫނުގެ މިއިތުބާރުފުޅަށް، އިތުރު ހިތްވަރާއި ފަންވަރު އިތުރުކޮށް ދެއްވާފައެވެ. ޕާޓީގެ އަސާސީ ގަވާއިދަށް އިތުރު ކުރުމަށް ހުށަހެޅުނު މާއްދާއެއްގެ ބަހުސް އެންމެބޮޑަށް ހޫނުވެގެން ދިޔައީ، ރިޔާސަތުން މިނިސްޓަރ ޝަފީޢު، އެއިސްލާހަށް ވޯޓަށް ނާއްސަވާގޮތަށް ނިންމެވުމުންނެވެ. ފަހެ، މިއީ ވަރަށް ރީތިކޮށް ޒީނަތްތެރި ކޮށްފައިވާ ފޭރާމެއްގައި އިންނަވައިގެން ދަށްކުވައިދެއްވި އާވަށްތަރެއްގެ މައުމޫނިޒަމާ ގުޅިފައިވާ ބަގުޑިބެއްދުމުގެ ޑިމޮކްރަސީ އެކެވެ. ރައީސް މައުމޫނުގެ ފުރިހަމަ އިތުބާރުއޮތް ހަމައެކަނި ފަރާތަކީ، މިނިސްޓަރ ޝަފީޢުއެވެ. ނިއުމޯލްޑިވްސް އެއް، އޯލްޑްމޯލްޑިވްސް އެއް ކިޔާނެކަމެއް ނެތެވެ. މިނާކުޑޭގެ ތަސްއެއް، އެހެން މޫސައެއްގެ ކުއްޓިއެއް ކިޔާނެކަމެއް ނެތެވެ. އަމިއްލަ ޢާއިލާގެ ހަމީދުންތަކެއް، ގައްޔޫމުންތަކެއް ކިޔާނެކަމެއް ނެތެވެ. ބަލާނެ ކަމެއްނެތެވެ. މިނިސްޓަރ ޝަފީޢުއަށް ކުރައްވާ އިތުބާރު ބޮޑުވުމުގެ އަސްލަކީ، މިނިސްޓަރ ޝަފީޢުގެ ތަބީޢަތުގައި ވިރާސީގޮތުން އަށަގެންފައިވާ ނުކެރުމުގެ ސަބަބުން ފަހަތަށް ޖެހުމުގެ ފިނޑިކަމެވެ. އަމިއްލަ ޚީޔާލުފުޅު ކަންކަމުގައި ފާޅުނުކުރެއް ވުމެވެ. ޔޭސްމަނަކަށް ވުމެވެ. ވިދާޅުވާހާ ގޮތަކަށް ދައުލަތުގެ ދިފާޢީބަޖެޓް ރައީސް މައުމޫނުގެ ދިފާޢުގައި ހުސްކޮށް ލައްވާކަމެވެ. ސިޔާސީ ލީޑަރުންނަށް ފާރަލުމަށް ބޭކާރުގޮތުގައި ފައިސާބަހާފައި ވާތީއެވެ.
ފަހެ، ދަންނާށެވެ! ޑީއާރުޕީގެ ފުރަތަމަ ގައުމީ ޖަލްސާއިން، މިދައްކުވައިދިން އިންތިޚާބަކީ، ޢިބުރަތުން ފުރިގެންވާ އިންތިޚާބެކެވެ. ދޯދިތަކަކުން ޖަރީވެފައިވާ ޑީއާރުޕީގެ މާމުއިހަނދުގެ ކުލަވަރެވެ. ދޯދިތަކެވެ. ސިޔާސީ މުފައްކިރުންނަށް ވިސްނަންހުރި ބައިވަރު ކަންތައް ދޫކޮށްފައި ނިމިގެންދިޔަ އެއްވުމެކެވެ. ދުވަސްވީވީހެން އާފިލާވަޅުތައް ކަޝްފުވަމުން ދާނެއެވެ. އިސްލާހީ ހަރަކާތުގެ ލީޑަރުންތިބީ، ހޭލައެވެ. ދިރާސާތައް ކުރާށެވެ. އަޅުގަނޑުމެން އެންމެ އިސްކަމެއް މިދެނީ، ދައުލަތުގެ ގައުމީ ސަލާމަތުގައި ތިއްބެވި ސިފައިންނާ، މިބައިގަނޑުގެ ރޭވުންތަކާ އެކައްޗަކަށް ވިޔަނުދޭށެވެ. ޚާއްސަކޮށް ޑިފެންސް މިނިސްޓަރު ޝަފީޢުއާއި އޮފިސަރުންގެ ތެރެއިން އިސް ދެތިންބޭފުޅަކު އެގްރޫޕް ތެރެއަށް ވައްދައިގެން އުޅޭތީ، އަޅުގަނޑުމެން މިތިބެނީ ވަރަށް ސަމާލުވެއެވެ. ސިޔާސީކަން ކަމުގައި ސިފައިން ބައިވެރި ނުވުމަށް އެމީހުންގެ ތެރެއަށް މިވާހަކަތައް މިގެންދަނީ ވަރަށްއާންމު ކުރަމުންނެވެ. މިކަމާގުޅޭ ލިޔުންތައް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ނޭނގޭގޮތަށް ތަންތާގައި ބަހައްޓާ ހަދާނެއެވެ. ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ހުންނަ ފާޚާނާތަކުގެ އެތެރޭގައި ލިިޔެވެމުން ދާނެއެވެ.
އާދެ! މިނިސްޓަރ ތަސްމީނު، 536 ވޯޓު ހޯއްދަވައިގެން، މިނިސްޓަރ ގާސިމަށްވުރެ، 39 ވޯޓުގެ ކުރިއެރުމެއް ހޯއްދެވި ހޯއްދެވުމަށް ބަލާލަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދ.އަތޮޅު މެންބަރ އަހްމަދު ޝިޔާމް މުހަންމަދާއި ދައުލަތުގެ އެޓާނީޖެނެރަލް ޑޮކްޓަރ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ގއ.އަތޮޅު މެންބަރ އަބްދުﷲ ޖާބިރު، މިނިސްޓަރ އިލްޔާސް އިބްރާހީމަށްވުރެ ކުރިހޯއްދެވި ހޯއްދެވުމަކީ، ދިރާސާގައި ބާއްވަން ޖެހޭކަމެކެވެ. ފަހެ، 1989 ވަނަ އަހަރުގައި ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކާއެކު މާލޭގެ ގޮނޑިޔަށް ވާދަކުރައް ވައިގެން އިސްގޮނޑި ނުލިބި، ބަލިވެވަޑައި ގެންނެވި ފަހަރަށްވުރެ މާބޮޑަށް މިފަހަރު، މިނިސްޓަރ އިލްޔާސް އިބްރާހީމް ދެރަވާން ޖެހޭނެކަން ކަށަވަރެވެ. މިކަމަކީ، ރައީސް މައުމޫނުވެސް ހަމަހޭގައި ހުންނަވައިގެން ވިސްނަވާން ޖެހޭނެ ކަމެއްކަމުގައި ފާހަގަކޮށްލަމެވެ. އަދި ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ މ.އަތޮޅު މެންބަރު އަނީސާ އަހްމަދަށް ޑިއާރުޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސްކަން، މިނިސްޓަރ ޔާމީނުގެ ނުރުހުމާއެކު، އެރުއްވި އެރުއްވުމަށް ފިކުރު ކޮށްލަން ޖެހެއެވެ. ފަހެ، މިހުރިހާ ކަންތަކަކީ، އިބުރަތުން ފުރިގެންވާ ސިޔާސީ ހާދިސާތަކެވެ. ދިވެހި ތާރީޚުގައި ލިޔެވެންހުރި ފިލާވަޅުތަކެއްގެ ސަފްޙާތަކެވެ. މިނިސްޓަރ ޔާމީނުގެ ވިސްނުންފުޅުގެ މިސްރާބު ބަދަލުކޮށްލަން މިޖެހުނީ، އޭނާއަށްވުރެ އިސްކަމެއް އަނީސާ އަހްމަދަށް އެރުވުމުންނެވެ. އަޅުގަނޑުގެ ނިންމުމަކީ، ކުރިމަގުގައި މިނިސްޓަރ ޔާމީނު މަޑުން ނުހުންނަވާނެ ކަމެވެ. އާދެ! ދެން ޔާމީނު ފެނިގެންދާނީ ސިޔާސީ މަސްރަހުގައި ވަކިބާރެއްގެ ގޮތުގައިކަމަށް ފެނެއެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުން ގަބޫލުކުރަނީ، އަނީސާއަށްވުރެ މާމޮޅަށް މާސިޔާސީކޮށް ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕް، ޔާމީނަށް ލީޑްކޮށްދެވޭނެ ކަމަށެވެ.
ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ސަރުކާރުގެ ނިމުން ނުވަތަ ވެއްޓުން އަންނާނީވެސް، މިފަދަ އިބުރަތުން ފުރިގެންވާ ސިޔާސީ ހާދިސާތަކެއް ދިވެހި ތާރީޚުތެރެއަށް ދޫކޮށްފައެވެ. ރައީސް މައުމޫނު މިހާރު، އެއުޅުއްވަނީ އިތުބާރު ކުރައްވާފައި އިތުބާރު ނުކުރައްވާނީ، ކާކަށްކަން ނިންމަވަން ނޭނގިގެންނެވެ. މިއީ ވަރަށްގިނަ ސިޔާސީ ލީޑަރުންނަށް ނޭންގި ހުއްޓާޖެހޭ، ވަރަށް ސީރިޔަސް ބައްޔެކެވެ. އަމިއްލަފުޅު ޢާއިލާއަށް އިތުބާރު ނުކުރެއްވުނީމާ ދެންޖެހޭނީ މިމަޅީގައެވެ. މިދަންތޫރައިގައެވެ. މުޅިއުމުރަށް ވެރިކަން ދަންމަންއުޅޭ ގިނަ ލީޑަރުންނަށް އެމީހުންގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސްވަރުގައި މިކަހަލަ މުސީބާތްތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ފަހެ، މީގައިއޮތް އެންމެމޮޅު އަދި ބުއްދިވެރި ގޮތަކީ، ސިޔާސީފޯރީގައި ތިއްބެވިބޭފުޅުން އެމަގުފުރެދުމުގައި ޣަރަގުވާ ވަރަކަށް ޣަރަގުވާން ދޫކޮށްލާފައި ބޭތިއްބުމެވެ. ފަހަތުން ފަހާދުވުމަށްވުރެ މިފަދަމަސްތީގައި ޣަރަގުވާން ދޫކޮށްލުމަކީ، ބޮޑަށް ކުދިކުދިވުމަށް އެޅޭފިޔަވަޅަކަށް ވާނެއެވެ. ފަހަރުގައި ފައިސާއިންކުޅޭ ދައުރުބޮޑުވެފައި މުހިންމު ވެދާނެއެވެ. އެހެނަސް ފައިސާއަކީ، ހުރިހާއެއްޗެއް ނޫންކަމާއި ވަގުތީއެއްޗެއްކަން ސިޔާސީ މައިދާނުގައި މިހާރު، ތަޖުރިބާކުރެވި ސާބިތުވެފައި ވާލެއް މަދެއްނޫނެވެ. ފަހެ، ފައިސާއަކީ ﷲގެ މިލްކެކެވެ. ވަކިމީހެއްގެ އަމިއްލަ މިލްކެއްނޫނެވެ. އެއީ އަންނަގޮތަށް ފައިބައިގެން ވެސް ދާނެއެއްޗެކެވެ. ބަހާހާ ފައިސާއެއްގެ ބޭނުން ހިފަންވާނެއެވެ. އެންމެ ސަޅިގޮތަކީ، ހަދިޔާއަކަށް ދިއްކޮށްލާ ފައިސާއެއްވިއްޔާ ހިފުމެވެ. އެހެނަސް ވޯޓުދިނުމުގެ ގަދަރުވެރި ހައްގުދޫކޮށްލައި އެހައްގު ވިއްކާލައިގެން ނުވާނެއެވެ. ފުރިހަމަ މިނިވަން ކަމާއެކު، ދިވެހީންނަށް ގާނޫނު އަސާސީން ލިބިދޭ ހައްގުގެބޭނުން ފުރިހަމަ މިނިވަން ކަމާއެކު ހިފާލުމަށްލިބޭ ހަމައެކަނި، ކުޑަކުޑަހިނދުކޮޅަކީ ވޯޓުކަރުދާސް ކޮޅުގައި ހިތްހަމަ ޖެހިލައިގެން ހުރެ، ފާހަގަޖަހާލަން ލިބޭ، މަދު ވަގުތުކޮޅުކަން ހަދާންބެހެއްޓެ ވުމަކީ، އަމިއްލަ ހައްގު ވިއްކާ ނުލައްވައި ތިމާއަށް ފެންނަ އެންމެހައްގު ގޮތުގައި ވޯޓުދެއްވުމެވެ. ފަހެ، ތެދުވެރިވުމަކީ މިއެވެ. މިގޮތްޚިޔާރު ކުރެވިއްޖެނަމަ، ކުރިޔަށްއޮތް ތަނުގައި ރައްޔިތުންނަށް ނަސްރުލިބި، ކާމިޔާބުވާނެކަން ކަށަވަރެވެ. އޭ! ﷲ އެވެ! ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ކާމިޔާބު ދެއްވާށިއެވެ! އާމީން!


Comments