top of page

ރައީސް މައުމޫނު މިހައްދަވަނީ ކިހިނެތްތޯއެވެ!

  • Writer: ilyashusein
    ilyashusein
  • Oct 15, 2009
  • 3 min read

އިލްޔާސް ހުސައިން އިބްރާހީމް. (2008 ފެބްރުއަރީ ގައި.)

ދުވަހުންދުވަހަށް ދިވެހި ސިޔާސީޖައްވަށް އަންނަމުންދާ ބަދަލާމެދު، ވިސްނާފިކުރުކުރުމަކީ، ކޮންމެ ދިވެހި ސިޔާސީ މުފައްކިރަކަށް ވާޖިބެކެވެ. ގައުމަށް ހެޔޮއެދޭނަމަ، ކުރަންޖެހޭނެ ކަމެކެވެ. ތިންވަނަ ދުނިޔޭގެ، އެތެރެވަރީގެ ގައުމުތަކުގައި މާދަމާވާނެ ގޮތެއް، ލަފާކޮށް ނިންމާކަށް އެކަކަށްވެސް ނޭގޭނެއެވެ. އެއީ ނުވާނެކަމެކެވެ. ރައީސް މައުމޫނު، ދިވެހި ރައްޔިތުންގެ ހަޒާނާއިން، ރައްޔިތުންގެ ހުއްދައެއްނެތި، އެތައް މިލިޔަން ރުފިޔާއެއް އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ހިލްއެންޑް ނޯލްޓަނަށް ވަނީ، ހަރަދުކޮށްފައެވެ. ހަމަވީކަމެއް ހަރާމުން ހަރާމެވެ. މާދަމާ ކުރުމަށްޓަކައި ހޯއްދެވި އެއްވެސް ކަމެއް ދިމައެއް ނުވިއެވެ. ދެކޮޅެއް ނުޖެހެއެވެ. ދިޔައީ ފުއްވަޅުން ނެވެ. ފަނުފުލުންނެވެ. ފައިދާނެގީ އެކަމާ އުޅުނު ނިއުމޯލްޑިވްސްއޭ ކިއުނު ބައިގަނޑެކެވެ. އިސްކޮށް ހުންނެވީ ޑޮކްޓަރ އަހްމަދު ޝާހީދާއި ޑޮކްޓަރ ހަސަން ސައީދެވެ. ރައީސް މައުމޫނަށް ލިބެނީލަނޑެވެ. އެންމެންވެސް ދެނީ، ކެއްސެވެ.

އާދެ! ދިވެހި ޖައްވު ތެރޭގައި ދައުރުވަމުންދާ ކޮންމެ ސައުވީސްގަޑި އިރަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ތަފާތު ބޮޑެތި ބަދަލުތައް އަންނަމުންދާ މިނެޓުތަކެކެވެ. ހިނދުކޮޅުތަކެކެވެ. ހުދުމުހްތާރު، ބަގުޑި ބެއްދުމެއް ގައި ދެމިހުންނަ ވެރިޔަކީ، އޭނާގެ ފުރިހަމަ ބާރާއެކު އެކަމުގައި ވަޖިދުވާނެ މީހެކެވެ. މަސްތުގައި ހުންނާނެމީހެކެވެ. އަދި އެންމެފަހު، ނޭވާޔާހަމައަށް ވެރިކަމުގައި ދެމިހުރުމަށް ހުރިހާ މަސައްކަތެއް ކުރާނެ މީހެކެވެ. މިއީ ޝައްކެތް އޮތްކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ހުރިހާ އަމަލުތަކަކުން ވެސް މިކަން ސާބިތުވެ، ފެންނަމުން ދެއެވެ. އަރަބި ދުނިޔެއިން ރައީސް ޔާސިރު އަރަފާތަށް ބައްލަވާށެވެ. އިސްލާމީ ގައުމުތަކުން، މުޅި އުމުރަށް ނުދެންމުނަސް، ސުހާޓޯއާއި މަހާތީރުމެން ކުރެއްވި ހިތްވަރަށް ބައްލަވާށެވެ. އަދި ޕަރުވޭޒު މުޝައްރަފުމެން ކުރައްވަމުން އެގެންދަވާ ވަރުގަދަ ހިތްވަރަށް ބައްލަވާށެވެ. ހޫގޯޗާވޭޒާއި ފެޑަރަލް ކާސްޓްރޯގެ ބަގުޑިބެއްދުމުގެ މަސައްކަތަށް ބައްލަވާށެވެ. ދިރިދިރި ފެންނަން، މިހުރި ފިލާވަޅުތަކަކީ، އެތެރެވަރީގެ މިކުޑަރާއްޖެ އިންވެސް ފެންނަމުންދާ މަންޒަރުތަކެވެ. ދިރާސާ ހައްދަވާށެވެ.

އާދެ! ދިވެހިރައްޔިތުން ތިބީ، ރައީސް މައުމޫނުގެ ވެރިކަމާ، ނުރުހިފައެވެ. ހިތުތެރެއިން ނަފުރަތު ކުރާލެއް ކުޑައެއް ނޫނެވެ. ވަރަށް ބޮޑެވެ. އެހެނަސް އެކަން އަމަލުން ފާޅުކުރުމުގެ ހިތްވަރެއް އަދިއެއް ނެތެވެ. މާއްދީގޮތުން ލިބެމުންދާ ފައިދާތަކެއްގެ ސަބަބުން ދެއަތަށް ކިރިލަކިރިލާ ތިބެން ޖެހެނީއެވެ. ދިރިހުރުމަށް، އާންމުދަނީ ލިބޭނެއެހެންގޮތްތަކެއް ފެނިފައި ނެތުމުން މަޖުބޫރުވާ ބަޔަކުވެސް ތިބެއެވެ. ރައްޔިތުންނަށް، މިވީ ތިރީސް އަހަރު ދުވަހު ދަސްކޮށްދީ، ކަށީގައި އަށަގަންނުވާފައި ވަނީ، ގަނޑުވަރަށާއި ބޮޑުންގެ ފެންޑާތަކަށް ސަލާންޖަހަން ދުވާށެވެ. މިއީ މިސުރުން ދަސްކޮށް ފައިވާ ދަރުސެކެވެ. އަޒުހަރުން ލިބިގަތް ފިލާވަޅެކެވެ. ފަހެ، މިއީދުރާލައިގެން ވަރަށް ކުރީއްސުރެ ވިސްނައިގެން ހޭއަރާތިބެގެން ވެރިކަމުގެ ފަރާތުން ރާވައިގެން ކޮށްފައިވާ ނުލަފާ ކަމެކެވެ. ޑޮކްޓަރ ޒާހިރު ހުސައިނާއި، އަލްއުސްތާޒު ފަތުހުﷲ ޖަމީލުގެ އެހީތެރިކަމުގައި، ކޮށްފައިވާ ރޭވުންތެރި ޖަރީމާ އެކެވެ. ތިންލައްކައިގެ ރައްޔިތަކަށް ދައްކާފައިވާ އަހުވައެކެވެ. އަނިޔާއެކެވެ. ފަހެ، މިއީ ބޮޑު ފާފައެކެވެ. ކޮންމެވެސް ދުވަހަކުން އުގޫބާތް ހައްގުވާނެއެވެ. މުޅިގައުމުގެ އިގްތިސާދު، ހާއްސަކޮށް ރައީސް މައުމޫނު ދެއްވާފައިވާ ނަމުންނަމަ، ރަންބިސް އަޅާ ކުކުޅުގެ ފައިދާތައް އޭނާ ދޫކޮށްލައްވާފައި ވަނީ، މަދުވިޔަފާރިވެރިން ތަކެއްގެ އަތްދަށަށެވެ. ރަންބިހުން ބައެއް އަޅާގޮތަށެވެ. އާދެ! ރަންބިސްއަޅާ ކުކުޅު ރާއްޖެއިން ފެނުނީ، 1972މ، ގައެވެ. ކުރީގެ ރައީސްނާސިރު ގެންގުޅުއްވި އެންދެރިމާގޭ މާދޮންކުއްޖެއްގެ ސަބަބުން، ރައީސް މައުމޫނަށް ރާއްޖޭގެ ވެރިކަން ފަސޭވަގޮތަކަށް ވާރުތަވުމާ ގުޅިގެން، ރާއްޖޭގެ ވިޔަފާރި ވެރިން، ފަސާދަކޮށް އެވެރިން ރުއްސުވުމަށް، އަމަލީގޮތުން ކަންތައް ތަކެއް ފެއްޓެވިއެވެ. ދިވެހި ރައްޔިތުންގެ ރަންބިސްއަޅާ ކުކުޅު، ކަމުގައިވާ ފަތުރުވެރިކަމުން، ރައްޔިތުންނަށް އޮޅުވާލައިގެން އަމިއްލަފުޅަށް ބޮޑެތިފައިދާތައް އަބަދަށް ނެންގެވޭ ގޮތަށް، ގާނޫނާއި ގަވާއިދުތަކަށް ބަދަލުތައް ގެނެސް، އިންވެސްޓުކުރާ މީހުންނަށް، ރައްޔިތުންގެ ހައްގު މުދާތައް ދިގުމުއްދަތަށް ހަދިޔާކޮށް، ބަހާލަދިނީއެވެ. އަދިވެސް ގަސްދުކުރައްވާފައި ވަނީ، 35 އަހަރަށްވުރެ ދިގުމުއްދަތަށް، އާދެ! 99 އަހަރަށް ރައްޔިތުންގެ ހައްގުމުދާތައް އެމީސްމީހުންނަށް ދާއިމަށް ފައިދާވާގޮތަށް މިލްކުކޮށްދޭށެވެ. މިފަހަރު މިދައްކަނީ، ދުނިޔޭގެ ބެސްޓްޕުރެކްޓިސް ގެ ވާހަކައެވެ. އެނަމުގައި ފަތުރުވެރިކަމުގެ ގާނޫނަށް، މިގެންނަވާ އިސްލާހުތަކަކީ، ރައްޔިތުންގެ ވަކިބަޔަކަށް ރިޒޯޓުތައް ތާއަބަދަށް މިލްކުކޮށް ދިނުމަށް ކުރެވޭ މަސައްކަތެކެވެ. ރަންބިހުން ހިއްސާއެޅޭ ގޮތަށެވެ.

އާދެ! ވިޔަފާރިވެރިންގެ މުގުލުގައި ހުންނެވި، ފަގީރުންގެބަފާ ކަމަށް ދައުވާކުރައްވާ، މުއްސަނދި ވިޔަފާރި ވެރިޔާގެ ޚިޔާލަކީ، ކުރިމަގުގައި، ރައީސް މައުމޫނު ހިމާޔަތްކޮށް ދިނުމަށް ފަހު، ވެރިކަން އޭނާގެ އަތްމައްޗަށް ފުރޮޅާލުމެވެ. އަދި، މިހެން ނުވެއްޖެނަމަ، ރައީސް މައުމޫނުގެ ދުވަސް ދުއްވާލާފައި ނަމަވެސް ދިވެހި ދައުލަތަށް ވެރިވެގަތުމެވެ. މިއީ އޭނާ އަމިއްލަ ހުވަފެނެކެވެ. އޭނާ އިސްކޮށް ހުރެގެން، އޭނާގެ ރޭވުމުގެ ދަށުން، ވިޔަފާރިވެރިންގެ އެކި އެކިކަހަލަ ރޭވުންތައް ކުރިޔަށް ދާކަން ކަށަވަރެވެ. ސިޔާސީޕާޓީ ތަކަށް ވަރުގަދަކޮށް އެބަނުފޫޒު ހިންގައެވެ. އެމްޑީޕީއަށް ވަނީ ވައިރަސް ވައްދާފައެވެ. އަންނިގެ ސަޕޯޓަރުން ފިޔަވާ ދެންތިބީ ހުސް އޭނާގެ މީހުންނެވެ. އައިޑީޕީވަނީ ކޮންޓުރޯލް ކޮށްފައެވެ. އަދާލަތަށް ނުފޫޒު ހިންގަވައެވެ. އަދި އިތުރުޕާޓީއެއް އަމިއްލައަށް، އުފެއްދުމުގެ ބިރު އިރުއިރުކޮޅާހެން އެބަ ދައްކައެވެ. އޭޑީކޭ ނާޝިދު ބޮސްލައްވައި، ބޮޑެތި ފަންސާސް މީހުންގެ ފޯމް ވަނީ ފުރުވާފަ އެވެ. އެހެނަސް މުޅިން ވެސް މިއީ މާއްދީ އެހީތަކަކަށް ފެންބޮވާފައިތިބި، އެއްވެސް އިޚްލާސްތެރި ކަމެއް އެތެރެއިން ފެންނަންނެތް މީހުންތަކެކެވެ. ދެރަކަމަކީ، މިކަން ބަފަޔަށް ދަނެނުގަނެ ވޭތީއެވެ. ފަހެ، ދަންނާށެވެ! މުދަލުގެ އަގުމަތި ކުރުމަކީ ވެސް އެފަދަ ވިޔަފާރި ވެރިންގެ ރޭވުމެއްގެ ދަށުން ކުރެވޭ ކަމެކެވެ. މިއީ، ވިސްނާން ވެއްޖެ ކަމެކެވެ. ސަރުކާރު ނިކަމެތިކޮށް ރައްޔިތުން އިނދަޖައްސައި އެމީހުންގެ ރޯލް އިސް ކުރަނީއެވެ. މަގްސަދަކީ، ކޮންމެގޮތެއް ހަދާފައިނަމަވެސް ވެރިކަން ދަމައިގަތުމެވެ. މިލްކު ކޮށްލުމެވެ. ބޮޑު މަހުޖަނެއްގެ މިރޭވުން ގަނޑަކީ، ރައީސް މައުމޫނު ވަރަށް ރަނގަޅަށް ދިރާސާކޮށް، ދުވަހުން ދުވަހަށް މުރާޖައާކުރަން ހުރި، ވަރަށް ސީރިއަސް ކަމެކެވެ. މިއީ ރައީސް މައުމޫނު ވިސްނަވަން ޖެހޭފަޅިއެކެވެ.

އާދެ! ދެންއޮތީ ރައްޔިތުން ވިސްނަން ޖެހޭފަޅިއެވެ. ރައީސް މައުމޫނު ރައްޔިތުންގެ ޚާއްސަ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ އޭނާގެ ގޮނޑިތަކަށް ގެންނަވާ ބަދަލުތަކަކީ، ސިޔާސި މުފައްކިރުން ވިސްނަންޖެހޭ ވަރަށް މުހިންމު ކަންތަކެވެ. މިއިން ކޮންމެ ފިޔަވަޅެއްގެ ހަފަރާތް ރަނގަޅަށް ބަލަންޖެހޭނެ އެވެ. އަދި ފެންނަމުންމިދާ ނަތީޖާއަކީ، އުމުރަށް ވެރިކަމުގައި ބަގުޑިބެއްދުމުގެ އަލާމާތްތަކެވެ. އެންމެ ފަހު ނޭވާއަށް ދާންދެނެވެ. ސިޔާސީ ގޮތުން ތަސައްރަފު ފުދޭ، ހަރު، ރަނގަޅު މީހުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ގޮނޑިތަކެއް، މިހާރަކު ނުދެއެވެ. ބޭނުންފުޅިއްޔާ ކަމުދާ ރަނގަޅު މީހުންވާނެކަން ހަމަ ކަށަވަރެވެ. އެހެނަސް ދައުލަތުގެ މުސްތަގުބަލަށް މާބޮޑު އަޅާލުމެއް ނުބަހައްޓައި، ބުނިހާގޮތެއްހަދާނެ ޒުވާނުން، އޭނާގެ ގޮނޑިތަކަށް ގެންނަނީ، މިފަދަ އަމިއްލަފުޅު ބޭނުމުގަ އެވެ. އެންމެފަހުން ޚާއްސަ މަޖިލީހުގެ އޭނާގެ ގޮނޑި ބަރިޔަށް މިގެންނެވި، ބަދަލަށް ބައްލަވާށެވެ. ފަހެ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސިއާ ޚިލާފަށް އެއްވެސް އިންތިޚާބަކާ ނުލައި ވެރިކަމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ، ސިޔާސީޕާޓީ ކަމުގައިވާ ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ނާއިބުރައީސް އަލްފާޟިލް އަހްމަދު މަޚްލޫފު، 27 އަހަރަކީ، މިކަމުގެ ފުރިހަމަ މިސާލެކެވެ. ސަރުކާރު ހިންގުމުގައި، 30 އަހަރުގެ ތަޖުރިބާކާރަކު، ވެރިޔަކު ގާނޫނުހަދާ މަޖިލީހަށް އެންމެ 27 އަހަރުގެ ޅަދުޅައިގެ، ޒުވާންކުއްޖަކު ހަމަޖައްސާނި ކޮންމެވެސް އަމިއްލަ އެދުމެއްގައިކަން ކަށަވަރެވެ.

އާދެ! މަހުލޫފަކީ، އެނާޔަށް މިމަގާމު ދިނުމުގެ ތިންދުވަސް ކުރިން ކަލާފާނު ސްކޫލުގައި އޮތް، (އިންތިހާބަކާނުލައި ގަދަކަމުން ރާއްޖޭގެ ވެރިކަމަށް ފާވެގެންއުޅޭ) ޑީއާރުޕީގެ 27 ވަނަ އާންމު ޖަލްސާގައި، މިއަހަރު ޖެނުއަރީ މަހު، 8 ވަނަ ދުވަހު، ހއ.ހޯރަފުށީގައި ރައީސް މައުމޫނު ޝަހީދުކޮށްލުމަށް ދެވުނު ހަމަލާއަކީ، އިދިކޮޅު ޕާޓީއެމްޑީޕީން އިސްވެ ރާވައިގެން ދިން ހަމަލާއެއްކަމުގައި ބުނެ، އިއުލާނުކުރި ޒުވާނާއެވެ. އެހިނދު، ކުރިމަތީގައި އަތްތިލަބަޑި ޖަހަން ތިއްބެވީ، ރައީސް މައުމޫނާއި އޭނާގެ ޕާޓީ، ޑީއާރުޕީގެ އިސް މެންބަރުން ނެވެ. ޒުވާން ޖަޒްބާތީ ޚިޔާލުތަކެއްގެ، ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ހަގު ކުދިން ގާނޫނުހަދާ މަޖިލީހަށް ވެއްދުމަކީ، ފަހުޒަމާނުގެ އަލާމާތްތަކުގެ ތެރެއިން ފާޅުކަން ބޮޑުއަލާމަތަކަށް ނޫނީ، ނުވެއެވެ. މިއީ، ގާނޫނުހަދާ މަޖިލީހުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އެޅުއްވި ވަރުގަދަ، ފިޔަވަޅެއްކަން ޔަގީނެވެ. މިފަދަ އަމަލުތަކުން ފާޅުވެ އިނގޭއެއްޗަކީ، އަދިވެސް އާރާއި ބާރުއޮތީ ރައީސް މައުމޫނު އަތްޕުޅުގައި ކަމެވެ. ޖެހިލުމެއް ނެތި، ހިތްޕުޅަށް އަރާގޮތަށް އެބާރުގެ ބޭނުން ހިއްޕަވަމުން ގެންދަވާ ކަމެވެ. އިދިކޮޅު ޕާޓީ އެމްޑީޕީގެ ގޮނޑީގެ އިސް ވެރިޔާވަނީ، އޭނާގެ މުށުތެރޭގައި ކަމެވެ. ސިޔާސީ ޗަރުކޭސް ކުޅުވަން އަދި، ދޫކޮށްފައި ބަހައްޓަނީ ކަމެވެ. ބޭނުން ވެއްޖެނަމަ، މުގާބޭ ޒިންބާބުވޭގެ ރައްޔިތުންނަށް ހަދާހެން ހަދާލުމުގެ ނިޔަތް، ރައީސް މައުމޫނުގެ ހިތުގައި އޮންނާނެ އެވެ. ﷲ، އަޅަމެންނަށް މިނޫން ދުވަހެއް އަވަހަށް ދައްކަވާށި އެވެ! ރައީސް މައުމޫނުގެ ރޭވުންތަކުގެ މިސްރާބު އަނެއްކޮޅަށް ޖައްސަވާންދޭވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page