ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 8
- ilyashusein
- Oct 30, 2009
- 5 min read
އިންތިޚާބު އަވަސްކުރުމަކުން އިންސާފެއްނެތް. އިންސާފުއޮތީ ކުރީގެ ރައީސްމައުމޫނު ރައްޔިތުންނަށްކުރި އަނިޔާތައް ތަހުގީގުކޮށް ބެލާއި އިންސާފުކުރުމުން.
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2009 ޖެނުއަރީ ގައި)
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ސަރުކާރުގެ އިދާރާތަކާއި ވަޒީފާތަކަށް ސިޔާސީގޮތުން ގެންނަބަދަލުތައް ފާހަގަ ކުރައްވާފައި ވެއެވެ. މިގޮތުން ވޭތުވެދިޔަ ތިންއަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތިބަދަލުތައް ސިޔާސީގޮތުން ގެނެސްފައި އެބަހުއްޓެވެ. މީހުންގެ ގާބިލިއްޔަތަށް ބަލާލުމެއްނެތި ބޮޑެތިމަގާމުތައްދީ އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް އަލުން ބަލުން ވުޖޫދަށް ގެނެސް، އުފައްދަވާފައި އެބަހުއްޓެވެ. އެއިދާރާތަކަކީ، ރައްޔިތުންނަށް އެއްވެސް ފައިދާތަކެއްކުރާ ތަންތަނެއްނޫނެވެ. މިއީ އަދި އަލަށްހެދުނު ގާނޫނުއަސާސީގެ ދަށުން ގެނެވުނު ބަދަލުތައް ނުހިމަނާ ޚުދުރައީސް މައުމޫނު ކުރައްވާފައިހުރި ކަންތަކެވެ. މިނިސްޓަރުންނާއި އިސް މަވައްޒަފުން ވަރަށްއަވަސް އަވަހަށް ބަދަލު ކުރެއްވުމާ ގުޅިގެން މުޅިންއާ މުއައްސަސާތައް ވުޖޫދަށްގެނެސް އުފައްދަވާފައި އެބަހުއްޓެވެ.މީގެތެރޭގައި ކޮމިއުނިޓީ އޯގަނައިޒޭޝަން ކައުންސިލާއި ޕަބްލިކް އެންޓަރ ޕްރައިސަސް ކޮމިޝަނާއި ތައުލީމާބެހޭ ގައުމީމަޖިލިސްފަދަ އިދާރާތައް ޚާއްސަކޮށް ފާހަގަ ކުރެވެއެވެ. ފަހެ، މިއިންކޮންމެ އިދާރާއަކީ، ބަލަދު އަރައިގެންއުޅޭ އުމުރުން ދުވަސްވީ މިނސްޓަރުންނާއި ސިޔާސީގޮތުން ބަލަދު އަރައިގެންއުޅޭ އިސްމުވައްޒަފުން ތަކެއް ބަލަހައްޓަން އުފައްދަވާފައިހުރި ބޭކާރު އިދާރާތަކެކެވެ. ރައްޔިތުންނަށް އެއްވެސް މަންފާއެއް، ފައިދާއެއް ނުކުރާ ބޭކާރުގޮތުގައި ބަލަދު އަރާފައިތިބި ބަޔަކަށް ފައިސާ ޚަރަދުކުރުމަށް ހިންގާތަންތަނެވެ. ސަރުކާރުގެ މުއައްސަސާ ތަކެވެ. އިދާރާތަކެވެ. ބައިތުލްމާލުން އިސްރާފުކުރުމަށް ކުރާބޮޑު ޚަރަދެކެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި ވަރަށްގިނަ އަދަދަކަށް މަތީފެންވަރުގެ މަގާމުތަކާއި ވަޒީފާތައް ރައީސް މައުމޫނު އެދުވަސްވަރު އުފައްދަވާފައި އެބަހުއްޓެވެ. މީގެތެރޭގައި ސީނިއާރ މިނިސްޓަރުންނާއި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި އެގްޒެކެޓިވް ލެވެލްގެ ވަރަށްގިނަ މަތީމަގާމުތައް ހިމެނެއެވެ. ވިސްނާލަން ޖެހެނީ، މިމަގާމުތައް އަވަސް އަރުވާލައްވާފައި އުފެއްދެވި ސަބަބަށެވެ. މިކަންފެއްޓެވީ ބޮޑުރޭވުމެއްގެ ދަށުންނެވެ. މަރުވެބޭކާރުވެފައިވާ ރުއްބުޑުތަކަކަށް ދައުލަތުގެ ފައިސާތަކެއް ދިނުމުގެ ބޭނުމުގައެވެ. އެހެނަސް، މިހުރިހާކަމަކުން ﷲ ނާކާމިޔާބު ކުރެއްވީ، ލަދުވެތިކަމާ އެކުގައެވެ. ފަހެ، ދަންނާށެވެ! މިމަގާމުތައް އުފައްދަވާފައިވަނީ، އެއިދާރާ ތަކުގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ގިނަވެގެން ނުދެވިގެންކަން އެއްގޮތަކަށް ވެސް އިނގޭކަށް ނެތެވެ. އެއްވެސްކަހަލަ ދިރާސާއެއް ހަދާފައެއް ނެތެވެ. އަދި ރައްޔިތުންނާ ގުޅިގެން ނަގަންޖެހޭ ޒިންމާތަކެއް ހުރެގެންކަމެއް އެއްގޮތަކަށްވެސް އިނގޭކަށްނެތެވެ. ބަލާލެވިފައެއް ނެތެވެ. ރައްޔިތުންނަށް ޚިދުމަތްތަކެއް އެއްވެސް މިންވަރަކަށް ނުދެވި، އެއްވެސްކަހަލަ ޒިންމާތަކެއްނެތް މަތީމަގާމުތަކެއްގައި ބައިތިއްބައިގެން ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކުރުން ނޫންކަމެއް މިތަންތާކުން ނުހިނގައެވެ. މިގޮތުން 2008 އޮގަސްޓްގެ ނިޔަލަށް ފަސް ސީނިޔަރ މިނިސްޓަރުންނާއި ތޭވީސް މިނިސްޓަރުންނާއި ނުވަ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ފެންވަރުގެ އެންބެސެޑަރުންނާއި އެހެން ބައިވަރު އެފެންވަރުގެ ބޭފުޅުން ބައިތިއްބާފައި ތިއްބެވެ. އަދިވެސް މިއަދާހަމައަށް ވެސް އެފެންވަރުގެ ބޭފުޅުންތައް ކަމެއްނެތިފައި ސަރުކާރުގެ އޮނިގަނޑު ތެރޭގައި އެބަތިއްބެވެ. ދޫކޮށް ލެވޭކަށްވެސް ނެތެވެ. މިހާރު ވެފައިވަނީ އިޖްތިމާއީ ބޮޑުމައްސަލަ އަކަށެވެ. ފޫނުބެއްދޭ ވަރުގެ ކަމަކަށެވެ. ދުނިޔޭގެ މާލީއިދާރާތަކުން އެކަމާ ހެސްކިޔާފައި ފާޑު ކިޔާހަދަނީ އިންތިހާއަށެވެ. ފަހެ، މިއެންމެންނަކީ، ޑީއާރުޕީއަށް ނިސްބަތްވާ އަދި ރައީސްމައުމޫނު ސަރުކާރު ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ބަލަހައްޓާ މީހުންނެވެ. މީގެތެރޭގައި ގިނައީ މަރުވެފައިވާ ބޮޑެތި ރުއްބުޑުތަކެވެ. މަރުވެފައިވާ ލަކުޑިގަނޑުތަކެވެ. ފީވެފަނިއަޅާއި ނެތިދާން ވެފައިހުރި ތަކެއްޗެވެ. ދައުލަތަށާއި ރައްޔިތުންނަށް މިމީހުންގެ ކިބައިންކުރާ އެއްވެސް ފައިދާއެއް ނެތެވެ. ވިއްޔާ ވަމުންދަނީ އިތުރުޚަރަދެވެ. އިތުރު ގެއްލުމެވެ. އެދުވަސްވަރު މިފަދަ މަރުވެފައިވާ ލަކުޑިގަނޑުތަކަށް ބޮޑެތި މަގާމުތަކާއި މުސާރަތައް ރައީސްމައުމޫނު ހަމަޖައްސަވަމުން ގެންދެވީ، ދެއަހަރުގެ އިންތިގާލީ މަރުހަލާ އަކަށް ދިވެހިގައުމު ދަންމާލުމުގެ ފާލަމެއް ބިނާކުރުމުގެ ބޭނުންފުޅުގައެވެ. އެމަގްސަދުގައެވެ. އެހެނަސް އެދުވަސްވަރު އެމްޑީޕީއާއެކު، ޑޮކްޓަރވަހީދު އިސްކޮށް ހުންނަވައިގެން އުފެއްދި، ގައުމީ އިއްތިހާދުގުޅި، އެމްޑީޕީ އިއްތިހާދެއް ވުޖޫދަށް ގެނައުމުން ރިޔާސީއިންތިޚާބު ލަސްކޮށް ލައްވާފައި ދެއަހަރަށް ދަންމާލައްވަން ރޭއްވެވި، ރޭވުންތައް ވަގުތުން ހުއްޓާލެއްވީ، ރިޔާސީ އިންތިޚާބު އަވަސްކޮށްލުމުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ބޮޑުކަމުގައި ދެކިވަޑައި ގެންނެވެ. ފެންނަމުންދިޔަ ޚިޔާލީފޮލައެއްގެ ދަހިވެތިކަމުގައެވެ. އެހެނަސް ﷲ ދެއްކެވީ، ނިކަމެތިކަމާއި ނާކާމިޔާބެވެ. ފަހެ، މިކަން ވެގެންދިޔައީ ރައީސް މައުމޫނުގެ ބާރުގަދަ ވެރިކަމުގެ ނިމުމަށެވެ. ތިރީސް އަހަރުގެ އިސްތިބްދާދީ އަނިޔާވެރި ވެރިކަމެއް ކުރެއްވިމީހަކަށް، މަތިހަށި ނަންގަވައިގެން ސިޔާސީ ކަންކަމުގައި އަމަލީގޮތުން އެއުޅުއްވެނީ، މިހާރުގެ ސަރުކާރުން ރައީސް ނަޝީދު އެފުރުސަތު މިނިވަންކަމާއެކު، އަދި އެމަނުކުފާނަށް ދެއްވާފައި އޮތުމުންނެވެ. މިއީ ރައީސް ނަޝީދު ވަރަށް ގޯސްކޮށް ކުރައްވާކަމެކެވެ. ފަހެ ރައީސް މައުމޫނަށް މިހާރު އެއުޅުއްވާގޮތަށް ސިޔާސީ އެއްވުން ތަކުގައި މިނިވަންކަމާއެކު، ސިޔާސީގޮތުން މީހުންމަގުފުރެދި މަގުގެއްލޭގޮތަށް މޮޅެތި ތަގުރީރުތައް ދެއްވާއި ރައްޔިތުންގެ ތެރޭގައި އުޅުއްވެންވާނީ، ރައްޔިތުންގެ ކުރިމަތީގައި އިންސާފަށް ހުށަހެޅުމަށް ފަހުގައެވެ. އާންމު ތަހުގީގަކަށް ފަހުއެވެ. އަދުލްވެރި އިންސާފުވެރި ތަހުގީގެއް ރައްޔިތުންގެ ކުރިމަތީގައި ހިންގުމަށް ފަހުގައެވެ. މިހާރުން މިހާރަށް، ރައީސް މައުމޫނު ދޫނިދޫގައި ބަންދުގައި ބަހައްޓައިގެން އެނާގެ އަނިޔާވެރި ސަރުކާރުން ހިންގާފައިވާ ޣައިރުގާނޫނީ ކަންތައްތަކުގެ އާންމު ތަހުގީގެއް ފެއްޓެވުމަށް ގޮވާލަމެވެ. އަޖައިބު ވެއްޖައީމެވެ! ނުކެރިގެން މިއުޅެނީ ކާކުދެކެ ބިރުންތޯއެވެ! ހޯމް މިނިސްޓަރުކަން ނިކަން ކެރޭމީހަކާ ހަވާލު ކުރައްވަ ބައްލަވާށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް އަދުލްގެ ކުޅިމަޖާ އޭރުންފެނިގެން ދާނެކަން ކަށަވަރެވެ. ﷲގެ ބިމުގައި އެންމެއިސްކަމެއް ދޭންޖެހޭނީ އަދުލް އިންސާފަށެވެ.
ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ޚާއްސަ މަޖިލިސް، ރިޔާސީ ގަނޑުވަރުގެރޭވުން ތަކުގެދަށުން ދިގުދަންމައި އަދި އެވަރުން ނުވެގެން އިންތިގާލީ މަރުހަލާއެއް ދެއަހަރު ދުވަހަށް ގެންނަންނިންމާއި ރާއްވަވަމުން ގެންދެވީ، އެމަޖިލިސް ދަންމައިގެން ވީހާގިނަދުވަހަށް އަމިއްލަވެރިކަން ދިގުދަންމާލުމުގެ ނުލަފާރޭވުމުގެ ނިޔަތުގައެވެ. ބޮޑެތިމާސިންގާ މަގާމުތައް ވަކިބަޔަކަށް ހިލޭބަހާލާއި ތައްޔާރުވީ ހަމަސީދާ މިކަމަށެވެ. އިންތިގާލީ ދެއަހަރަށެވެ. ފައިވިއްދާފައި ވެރިކަމުގައި ހުރުމަށެވެ. އަމިއްލަޚުދު މުޚްތާރު ވެރިކަން ދެންމުމަށެވެ. 2010 ވަނައަހަރާ ހަމައަށް އަމިއްލަ ޝަޚްޞީބާރު ބާރުދަންމާލުމުގެ ބޭނުމުގައެވެ. އަދި މިދެއަހަރަށްފަހު، ވެރިކަމުގެ އިތުރު ދެދައުރު ޑީއާރުޕީއަށް ހިބަކޮށްދީގެން ވިހިވިއްސަށް އަމިއްލަފުޅު ތަރިކައެއް ގޮތުގައި އެންދެރިބާރާއި ކާމިނީބާރުގެ ވެރިކަން ދަންމާލުމަށެވެ. އެހެނަސް ﷲގެ އިރާދަފުޅާއި ރަހުމަތުން، ދަންމާލައްވަން ގަސްދުކުރެއްވި، ދެއަހަރުގެ ފުރުސަތާއި އަދި އިތުރުތިން އަހަރު، މިދެއްވީ މިހާރުގެ ރައީސް ނަޝީދަށެވެ. ފަހެ، މިކަންކަމުން ހާސިލުވާ ފިލާވަޅަކީ، ފަހެ ﷲ އިރާދަކުރެއްވި ކޮންމެކަމަކީ ވާނެކަމެއްކަމެވެ. މިހާރުމިދަނީ އެތަން ފެންނަމުންނެވެ. އިންސާފުވެރި ފްރީއެންޑްފެއާ އިލެކްޝަނެއް ބޭއްވުމުގެ ބޭނުމުގައި ގާނޫނުތައް ފުރިހަމަކުރުމަށް މަޖިލިސް ދެންމެންއޮތް ވަރަކަށް ދެންމުމީ ގޯހެއްނޫނެވެ. އިންތިގާލީ މަރުހަލާގައި އެއީ ކުރެއްވިދާނެ ކަމެކެވެ. އަވަސް އަރުވާލުމަކީ، އަބަދުވެސް ނަތީޖާގެއްލޭ ކަމެކެވެ. އެހެންވުމުން އަޅުގަނޑު މިއަދުވެސް މިގޮވާލަނީ އަވަސް އަރުވާލައްވައިގެން އިންތިޚާބުތައް ނުބޭއްވުމަށެވެ. ފުރިހަމަ އިންސާފުވެރި އިންތިޚާބަކަށް ބޭނުންވާ އުންސުރުތައް ފުރިހަމަވުމުން ނޫންގޮތަކަށް އިންތިޚާބަށް ތެޅިގެންފިއްޔާ ވާނީ ރައީސް މައުމޫނަށް ވީގޮތެވެ. ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ޚާއްސަ މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފަހަރަށް ފެންފުޅިއެއް އަތުހުރި ބާރުމިނަށް ހޫރާލަންޖެހުނީ ވެސް ބޭކާރުގޮތުގައި ޖަލްސާތައް ދިގުދަންމާއި ބޭއިންސާފުން ޑީއާރުޕީއަށް ޗާންސްތައް ދޭންފެށުމުންނެވެ. އަރައިގެންހުރި ބޫޓުން މޭޒުމަތީގައިތަޅާއި އަރައިގެން ހުރިބޫޓުބޭލުމަށްފަހު، މޭޒުމަތީގައި ބަހައްޓާފައި ތަޅުމުން ނުކުންނަން ޖެހުނީވެސް އެފަދަ ރޭވުންތަކާ ދެކޮޅުހެދުމުގެ ގޮތުންނެވެ. ޕްރޮޓެސްޓް ކުރުމަށެވެ. ޑީއާރުޕީއަށް ގާނޫނާއި ގަވާއިދާޚިލާފަށް ދެމުންގެންދިޔަ ފުރުސަތުތަކާ ދެކޮޅުހަދާ، އިހްތިޖާޖުކުރުމުގެ ގޮތުންނެވެ. އަދި އެވަރުން ނުވެގެން މޭޒުމައްޗަށް އަރާހުރެ ގަދައަޑުން އިހުތިޖާޖުކޮށް މޭޒުމަތީގައި ދެފައިންތަޅައި ގަންނަން ޖެހުނީވެސް ޚާއްސަ މަޖިލިސް ލަސްކޮށް އަމިއްލަ އެދުންތަކާ ދިމާއަށް ލަވަމުން، ފިރުކަމުން ގެންދާތަން އަޅުގަނޑަށް ފެނި، ހިތުގެއަޑިން އެކަން، ގަބޫލުކުރެވުނުލެއް ބޮޑުކަމުންނެވެ. މިއީ ދިވެހި ބަރުލަމާނީ ހަޔާތުގައި ފާހަގަކޮއްލަންޖެހޭ ތާރީޚީ ހާދިސާތަކެކެވެ. ރައްޔިތުންގެބާރު ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ކުރެވުނު މަތިވެރި މަސައްކަތެކެވެ. ޖިހާދެކެވެ. އިސްލާހަށް ކޮށުނުމަގެކެވެ. މިހުރިހާކަމެއްގެ ނަތީޖާ ބޭކާރުގޮތުގައި ފަނުފުލުން ދޫކޮށްލެވިގެން ނުވާނެއެވެ. އޮޔާލައިގެން ނުވާނެއެވެ. ވައިގެތެރެއަށް ފެތުރިގެންގޮސް ފޮހެވިގެންދާން ދޫކޮށްލެވިގެން ނުވާނެއެވެ. އިންސާފަށް ހުށަހެޅެން ޖެހޭނެއެވެ. އިންސާފުގެ ކޮށިގަނޑަށް އަނިޔާވެރިން ހާޒިރުކުރެވެން ޖެހޭނެއެވެ. ފަހެ، މިއަދުމިވަނީ އިންސާފުގެ ދޮރާށި ހުޅުވިފައެވެ. މުސްތަގިއްލު ކުރެވިފައެވެ. އެދޮރާށި ބަންދުވާގޮތައް އެއްވެސްކަމެއް ދިޔަދީގެން ނުވާނެއެވެ. ކުރީގެ އަނިޔާވެރި ސަރުކާރު ހިންގަންތިބި ބޮޑުން، ވީހާއަވަހަށް ހިފާހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސް އެކަހެރިކޮށް ބަންދުކުރުމަށްފަހު، އާންމުންނަށް ފެންނަގޮތަށް ތަހުގީގެއްފަށަން ވީވަގުތަކީ މިއެވެ. އަތުންދޫވެގެން ބީވެގެން ދިޔަނުދެއްވާށެވެ. މިކުރަނީ އާދޭހެވެ. ރައްޔިތުންނަށް ހައްގުގޮތްތައް ފަހިކޮށްދެއްވާށެވެ. އަޅުގަނޑުމެން ކަހަލަތަޖުރިބާހުރި، ކެރޭސިޔާސީ މީހުންގެ ބޭނުންހިއްޕަވާށެވެ. މިފަދަ ގޮވާލުންތައް ބޭކާރުކޮށް ނުލައްވާށެވެ. ފަހެ، އެމީހުން ވެރިކަމުގައި ތިބެގެން މީހުންހިފާ ހައްޔަރުކޮށް ދޫނިދޫގައި އަނިޔާކުރީ، އެއްވެސްކަހަލަ އަސްލެއްނެތި ވަރަށް އަނިޔާވެރިކޮށެވެ. ހަމައެކަނި އެމީހުންގެ ވަކިގަނޑު ސަރުކާރުގައި ހިއްޕާލައި ވަރުގަދަ ކުރުމަށެވެ.
އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ވާރޭފެން ނެގޭނީ ވާރޭވެހޭ ވަގުތުގައެވެ. އިންސާފުވެރިކޮށް އިންތިޚާބުތައް ގެންދިއުމަށް ހަދަންޖެހޭ ހުރިހާ ގާނޫނުތަކެއް ރީތިކޮށް ހަމަޖެހިގެން ތިއްބަވައިގެން ކުރިޔަށް ގެންދަވާށެވެ. އަވަސްއަރުވާ ނުލައްވާށެވެ! ގާނޫނުތައް ފުރިހަމަނުކޮށް މުއައްސަސާތައް މުސްތަގިއްލުނުކޮށް، އިންސާފުވެރިގޮތަށް ކުރެވޭނެކަމެއް ނޯންނާނެއެވެ. ޖެހޭނީޖެހި ވަޅުގައެވެ. މަޖިލިސް ދެންމެތް އޮތްވަރަކަށް ދެމިގެން ދިޔައަސް އެއީމާބޮޑު މައްސަލައެއް ނޫނެވެ. ކުރިންކުރަންވީ ކުރިޔަށް ހަރުދަނާވާން ޖެހޭކަންތަކެވެ. އަސްލެއްނެތި ކަންކުރީމާވާނީ، ގާނޫނެއްނެތި ސިޔާސީޕާޓީތައް ވުޖޫދަށް ގެނައިމާވީގޮތެވެ. އަދިވެސް މިއުޅެނީ އެކަމުން އަރައިނުގަނެ ގެންނެވެ. ސަލާމަތް ނުވެވިގެންނެވެ. ފަހެ، ފުރަތަމަ ފުރިހަމަވާންޖެހޭ ގާނޫނުތައް ހަރުދަނާ ގޮތުގައި ފުރިހަމަނުކޮށް، އަވަސް އަރުވާލާފައި އިންތިޚާބު ބޭއްވުމަކުން ހައްލެއް ނުވާނެއެވެ. އޭރުންކުރެވޭނީ ކަމަކަށް ކަމެކެވެ. މިހާރުގިނަ ކަންތައް ކުރެވިފައިހުރީ އެގޮތަށެވެ. މިހާރުން މިހާރަށް މަޖިލީހުން އެންމެއަވަހަށް އަޅުއްވަންޖެހޭ އެންމެމުހިންމު ފިޔަވަޅަކީ، ތިރީސް އަހަރު ވަންދެން ރައްޔިތުންނަށް އަނިޔާކުރި މީހުންގެ ތަހުގީގު ހިންގުމެވެ. ގާނޫނު އަސާސީ ފުރިހަމަގޮތުގައި ދެމެހެއްޓޭނީ އޭރުންނެވެ. ހަމަޖެހޭ އިންސާފަކާ ހަމައަށް ދަތުރުކުރެވޭނީ އޭރުންނެވެ. ރައްޔިތުންގެބާރު ރައްޔިތުންނަށް މިލްކުކޮށްދެވޭނީ އޭރުންނެވެ. ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާތައް ހޯދައިދެވޭނީ އޭރުންނެވެ. ދިވެހި ރައްޔިތުންގެ ބޭންކުހުސްކޮށްލާއި ބަނގުރޫޓުކޮށްލި މީހުންހޯދޭނީ އޭރުންނެވެ. ދިވެހިގައުމު ދަރުވާލި މީހުންހޯދޭނީ އޭރުންނެވެ. ރައްޔިތުން ދަތިހާލުގައި ވިސްސިވިހާލިކޮށް ބައިބައަށް ބައިތިއްބައިގެން ބަނޑަށްޖެއްސި އަނިޔާވެރި މީހުންހޯދޭނީ އޭރުންނެވެ. އޭ! ރައީސް ނަޝީދެވެ! މިއަޑުތައް އައްސަވާށެވެ! ރައްޔިތުންނަށް ފައިދާހުރި ދާއިމީކަންތަކެއް އަވަހަށް ކޮށްދެއްވާށެވެ. އަވަހަށް އާންމު އިންތިޚަބުތައް ބާއްވާއިގެން ކުރެވޭނެވަކި މުހިންމުކަމެއް އަޅުގަނޑަކަށް ނުފެނެއެވެ. ޕާޓީނިޒާމެއްނެތި ޑީއާރުޕީގެ ޒައީމަކަށް ރައީސް މައުމޫނު ހުންނަވައިގެން ސަރުކާރުގެ މުވައްޒަފުން ލައްވާ ހިންގަވާފައިވާ ބޮޑެތި ޖަރީމާތައް ބަލަންވީއެވެ. އަވަސްކުރައްވާށެވެ. ސިޔާސީ ކުލަވަރު ޖައްސައިގެން ހިންގާފައިހުރި ބޮޑެތިޚަރަދުތައް އަނބުރާ ލިބިގަންނަން ވީއެވެ. ޕާޓީނިޒާމުގެ ވެރިކަމަކާނުލާ ޑީއާރުޕީގެ ނަމުގައި ސިޔާސީކުލަ ޖައްސަވައިގެން ސަރުކާރަށް ގެންނަވާފައިވާ ބަދަލުތަކާއި އަދި ނުހައްގުގޮތުގައި ހޭދަކުރައްވާފައިވާ ދައުލަތުގެ ބޮޑެތިޚަރަދުތައް ރައްޔިތުންނަށް އަނބުރާ ލިބެންޖެހޭނެއެވެ. އަދި ދައުލަތުގެ އާންމުދަނީއާއި ތަކެތިނަހަމަ ގޮތުގައި ބޭނުންކުރައްވާފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ވަރަށްބޮޑެތި ލޮޅުން އަރާފައިވާކަމަށް، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ހިމަނުއްވާފައިވެއެވެ. ފަހެ، ރިޔާސީ ކެންޕޭނާދިމާކޮށް އަތޮޅުވެރިންތަކާއި ނައިބުންތަކާއި އަތޮޅުވެރިންގެ އެހީތެރިންގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވާފައި އެބަހުއްޓެވެ. ވަރަށް ފާޅުގައެވެ. ރައްޔިތުންނަށް މަލާމަތްކޮށް، ގޮންޖެއްސެވުމުގެ ބޭނުމުގައެވެ. 2008 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ހުރިހާ އަތޮޅެއްގެ އަތޮޅުވެރިންނަށް ވެސް، ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ. މުސާރަވެސް ބޮޑުކޮށް ދެއްވާފައިވެއެވެ. ފަހެ، އޭގެސަބަބުން އިންތިޚާބުގެ ލިސްޓުތަކަށް ގިނަގުނައޮޅުންތައް އަރައިގެން ގޮސްފައި އެބަބހުއްޓެވެ. އަތޮޅުތަކުން ބައެއްފަހަރު ދެއްވި މައުލޫމާތުތައްހުރީ، އިލެކްޝަންސް ކޮމިޝަނުން ގެންގުޅުއްވި ލިސްޓާމުޅިން ޚިލާފަށެވެ. މައުލޫމާތުތައް އެއްގޮތަކަށްވެސް ދިމައެއްނުވެއެވެ. ފަހެ، މިފަދަ ކުއްލިބަދަލު ތަކުގެބޭނުމަކީ، ގާނޫނު އަސާސީއާޚިލާފަށް ދިވެހި ދައުލަތުގެ މައްޗަށް ގަދަކަމުން ވެރިކޮށްގެން އުޅުއްވި ޑީއާރުޕީ ޕްރޮމޯޓުކުރުމާއި ޑީއާރުޕީ ވެރިކަމަށް ގެނައުމަށް ކެންޕޭން ހިންގުމެވެ. ދިވެހިފުލުހުންނާއި ސިފައިން އައިޑީކާޑު ހައްދާ އޮފީހަށް ދަންވަރު ވައްދައިގެން ހިންގި ޖަރީމާތައް ކޮބައިތޯއެވެ؟ ހަދާންނެތުނީތޯއެވެ! ފަހެ މިފަދަކަންތައްތައް ގަސްދުގައި ރާވައިގެން ސަރުކާރުގެ އޮނިގަނޑު ތެރޭގައި ހިންގުމަކީ، ނުފޫޒުގެބޭނުން އެންމެ ނަހަމަގޮތުގައި ހިންގުންކަމުގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ވެއެވެ. އޭ! ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސެވެ! ރައްޔިތުންގެ މަޖިލީހުން މިއަދުން މިއަދަށް މިފަދަކަންތައް ހިންގާފައިވާ މީހުންނާމެދު، ފިޔަވަޅު އަޅުއްވަން ވާނެއެވެ. މާލިއްޔަތު ކޮމެޓީން މިފަދަކަންތައްތައް ބަލަންފައްޓާށެވެ. އަޅުގަނޑު ހަރުއަޑުން ހަދާންކޮށްދެމެވެ.
ފަހެ، ދަންނާށެވެ! ސަރުކާރުގެ މުއައްސަސާ ތަކާއި ވަޒީފާތަކާއި މަގާމުތައް އުފައްދަވާއި ސަރުކާރުގެ މުޅިއޮނިގަނޑު ބައްޓަން ކުރައްވަން ޖެހޭނީ ރާއްޖޭގައި ދިރިއުޅެމުން މިގެންދާ ތިންލައްކައެއްހާ މީހުންގެ އާބާދީގެ އެންމެހާ ކަންތައްތައް އެންމެހެޔޮ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާގޮތްތަކަށް ވަރަށް ރަނގަޅަށް ބައްލަވައިގެންނެވެ. ދިރާސާކުރައްވައި ގެންނެވެ. ޑިއާރުޕީގެ ނަމުގައި ގަދަކަމުން ބާރުގައި ހުންނެވިއިރު ރައީސް މައުމޫނު ކަންތައް ކުރެއްވީ މިހެންތޯއެވެ! ނޫނެކެވެ. އެއްގޮތަކަށް ވެސް މިގޮތަކަށްނޫނެވެ. ގާނޫނު އަސާސީއަށް ބަލާލުމެއްނެތި، އަސާސީއާ މުޅިންޚިލާފަށެވެ. އައިއެމްއެފުން ރާއްޖޭގެ އިގްތިސާދާބެހޭ ގޮތުންވޭތިވެދިޔަ ތިންއަހަރަށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައި ވެސް ދިވެހިރާއްޖޭގެ ސަރުކާރުގެ މުވައްޒަފުންގެ އަދަދުމަދުކޮށްގެން މުވައްޒަފުންގެ ކަންތައްތައް ރަނގަޅަށް ބައްޓަންކުރުމަށް ހުށަހަޅާފައި ވެއެވެ. އެހެންކަމުން ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި މަގާމުތަކާއި ވަޒީފާތަކާއި މަސައްކަތްތައް ބައްޓަން ކުރަންވާނީ، އިގްތިސާދީ ފުދުންތެރިކަމާއި މުޒައްޒަފުންގެ އުފެއްދުންތެރިކަމުގެ މައްޗަށް ބިނާކޮށެވެ. އަދި ދައުލަތުގެ ބަޖެޓުން ތަރައްގީއާއި ކުރިއެރުމަށް ކުރަންޖެހޭ ހޭދަތައް ކުރަންޖެހޭނީ، ބުރަބޮޑުނުވާ ފަދަގޮތެއްގެ މަތިންނެވެ. އަދި މިކަމުގައި ސިޔާސީއެއްވެސް މަގުސަދެއް ހާސިލުކޮށްގެން ނުވާނެއެވެ. ސިޔާސީއެއްވެސް ކުލައެއް ޖައްސައިގެން ނުވާނެއެވެ. ފަހެ، ރައީސް މައުމޫނު އޭނާގެ ސަރުކާރުގައި ކަންތައް ކުރެއްވީ، މިމަގާމުޅިން ޚިލާފަށެވެ. ގާނޫނީގޮތުން ޕާޓީނިޒާމެއްނެތި ރައްޔިތުންނަށް އަނިޔާވެރިކޮށެވެ. ރައްޔިތުން އިންސާފަށް އެދިގޮވަނީ އެހެންވެގެންނެވެ. މިސަބަބުތަކާ ހެދިއެވެ. ފަހެ، ރައްޔިތުންގެ މަޖިލީހުން މިފަދަކަންތަކާމެދު ގަވާއިދުން ފިޔަވަޅު އަޅުއްވައި ދެއްވުންއެދި ހަރުއަޑުން ގޮވާލަމެވެ. އޭ! ޑީއާރުޕީގެ އަހުލުވެރިންނޭވެ! ރައީސްނަޝީދުގެ ސަރުކާރަކީ، ދުރުރާސްތާގެ ވިސްނުން ގެންގުޅޭ ހަރުދަނާ ސިޔާސަތެއްގެ އަހުލުވެރި ސަރުކާރެކެވެ. ދުރުރާސްތާއަށް ރޭވެމުންދާ ކަންތަކުގެ ނަތީޖާފެންނާނީ ދުވަސްކޮޅަކުންނެވެ. މިއީ ފަސްއަހަރު ދުވަހަށް ރައްޔިތުން އިންތިޚާބު ކުރިސަރުކާރެކެވެ. މޮޔަނުވާށެވެ. ވައްޓައެއް ނުލެވޭނެއެވެ. އެކަމާ ވިސްނުމަކީ، ބޭކާރުކަމެއްކަން ހަދާންކުރާށެވެ. އޭ! ﷲ އެވެ! މިގައުމު އިންސާފުގެ މަގަށް ވީހާއަވަހަށް ރުޖޫއަކުރައްވާށިއެވެ! އާމީން!


Comments