top of page

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 7

  • Writer: ilyashusein
    ilyashusein
  • Oct 30, 2009
  • 5 min read

ރާއްޖއަށްެ އެތެރެކުރި “ހިލްއެންޑް ނޯލްޓަންގެ” ގުންޑާއިންނާބެހޭ ތަހުގީގު ކުރަންޖެހޭނެއެވެ!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2009 ޖެނުއަރީގައި)

ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ރައީސް މައުމޫނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ޚަރަދުތައް ވެސް ވަރަށް ތަފްސީލުކޮށް ބެލެހެއްޓެން ޖެހޭނެއެވެ. މިފަދަ ދަތުރުތަކުގެ އެންމެހާ ބައިވެރިންގެ އެއާޓިކެޓާއި ހުންނެވުމާއި ފަރިއްކޮޅާއި ދަތުރުގެ ހުރިހާޚަރަދެއް ކުރައްވާފައިވަނީ ރައީސް އޮފީހުންނެވެ. މިގޮތުން ދަތުރުތަކުގެ ބައިވެރިންގެ ތިއްބެވުމަށާއި ފަރިއްކުޅުއް ވުމަށާއި އަދި ދަތުރުގެ އެހެނިހެން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ، ނަގުދުފައިސާއިން ގަނޑުކޮށް ބޭރުފައިސާގެ ގޮތުގައި ޑޮލަރުން ނަގަނީ، އެމްއެމްއޭ އިންނެވެ. ދައުލަތުގެ ބޭންކުންނެވެ. މިފައިސާއާ ހަވާލުވަނީ، ފޮރިން އެފެއާޒުން ދަތުރުގައި ބައިވެރިވާ ޗީފްޕްރޮޓޮކޯލެވެ. މީގެން އެންމެ ދަތުރުފުޅަކަށް ވަރަށްގިނަ އަދަދަކަށް ނަގުދުފައިސާ ޑޮލަރުން ނަންގަވައިގެން ކޭޝްފައިސާގެ ގޮތުގައިޚަރަދު ކުރައްވަމުން ގެންދަނީ އެއްވެސް ބަލާލުމެއް ނެތިއެވެ. ހިތަށްއެރިގޮތަކަށެވެ. އެއްވެސް ތަފްސީލު ހިސާބެއް ބެއްލެވުމެއް ނެތިއެވެ. އެއީ ކޭޝްގޮތުގައިނަގާ ފައިސާއެކެވެ. ފަހެ އެހިސާބުން ހިސާބެއް ކިތާބެއްނެތި، އެނިމުނީއެވެ. ދަތުރުގައި އިސްކޮށް ވަޑައިގަންނަވާ ރަސްގެފާނުގެ ދީލަތިކަމުން ދެއްވާއެއްޗެއްގެ ގޮތުގައި ހަމަޖެހެއެވެ. އަދި ފަހުން ވެގެންދަނީ، ރަސްގެފާނު ހަދިޔާއެއްގެ ގޮތުގައި ދެއްވާބޮޑު އިނާޔަތަކަށެވެ. މިގޮތަށް މިނެގޭ ފައިސާއަކީ، ރައްޔިތުންގެ އެއްޗެއްކަމެއް ހަމައެކަކުވެސް ހަދާނެއް ނުހުރެއެވެ. ޗީފް ފްރޮޓޮކޯލް ބޭނުންވާ ގޮތަކަށް ޚަރަދުކޮށް ނިންމާލަނީއެވެ. އަދި ޚަރަދުކުރާ ބޮޑެތި ކަންތަކުގެ ބިލްތަކެއް ނުހުރެއެވެ. ފަހެ ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުތަކުގައި މިގޮތަށް ގިނައަދަދެއްގެ ނަގުދުފައިސާ ގެންދިއުމަކީ، އެއްގޮތަކަށްވެސް ހުއްދަކުރާ ކަމެއްނޫނެވެ. މިޒަމާނުގައި ރައީސް އޮފީހަށް ބިލްތައް ކުރާގޮތަށް މާރީތިކޮށް، ޒަމާނީކޮށް މިކަންތައް ރޭވެން އޮވެއެވެ. ހިނގާބޮޑެތި ޚަރަދުތަކުގެ ބިލްތައް ރައީސް އޮފީހަށް ގެންނަވައި ބެހެއްޓުމަކީ، އެކައުންޓިން އާއި އެކައުންޓަބިލިޓީ އާއި އޮޑިޓްގެ ހަމަތަކުން މަޖުބޫރުކުރާ ކަމެކެވެ. އެހެނަސް ރައީސް މައުމޫނު މިކަމެއް ކުރައްވާފައެއް ނެތެވެ. އެފަދަ ރީތިއުސޫލެއް ގައިމުކުރައްވާ ފައެއްނެތެވެ. ޗީފް ޕްރޮޓޮކޯލަށް މޭޒުދަށުން ފައިސާދެމުމުގެ ފުރުސަތު އޮންނަނީ ވަރަށް ފުރިހަމަކޮށް ދެއްވާފައެވެ. އެފަދަ ޗީފުންގެ ގެތައްދަނީ،  ބުރިބުރިއަށް ހިއްލެމުންނެވެ. އަމިއްލަ ވިޔަފާރިފުޅާ ކުރަމުންނެވެ. އެންމެހެއްވާ ކަމަކީ، ހަތަރުފަސް ޑީޕީއެލް (ރަތް) ޕާސްޕޯޓް ގެންގުޅުމެވެ. ހަމަގައިމުވެސް މިހާރަކު ހައިސިއްޔަތެއްނެތް ބޭފުޅަކަށް ރަތްޕާސްޕޯޓެއްގައި ދަތުރެއް ނުކުރެވޭނެއެވެ. ފަހެ، މިގޮތްދޫކޮށް، ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި ޑެބިޓްކާޑާއި ކްރެޑިޓްކާޑުބޭނުން ކުރައްވައި ދަތުރުނިންމާ ލެއްވުމަށްފަހު، ކާޑުގެ ޚަރަދުތައް ރަނގަޅަށް ހިސާބުކޮށް ބެލެހެއްޓި ދާނެއެވެ. ޗީފް ޕްރޮޓޮކޯލް ކުރައްވާ ޚަރަދުތަކުގެ ބިލްތައް، ތަފްސީލު ލިޔުންތަކާއެކު ހިސާބުތައް ދިމާކުރުމަށްފަހު، ބަލާބަޔަކަށް ފެންނަން ހުންނާނެހެން ބަހައްޓަން ޖެހޭނެއެވެ. މިގޮތުން ހިސާބުތައް ދިމާނުވެއްޖެނަމަ، އޮޑިޓްކޮށް ބަލާނެ ފަރާތެއްވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެއެވެ.

ފަހެ، ދަންނާށެވެ! ދިވެހި ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ރާއްޖެއިން ބޭރަށް ދޫކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ އެއްކަމަކީ، އިގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ކަމުގައިވާ “ހިލްއެންޑް ނޯލްޓަން” ކުންފުންޏަށް “ގުޑްގަވަރނަންސް ރިފޯމް އެންޑް މޮޑަނައިޒޭޝަން ޕްރޮޖެކްޓް” ގެ ނަމުގައި ޚަރަދުކޮށްފައިވާ ފައިސާއެވެ. އިނގިރޭސި ވިލާތުގެ މިކުންފުންޏަށް 2004 ން 2007 ވަނަ އަހަރުގެ ނިޔަލަށް 22.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މިކަހަލަ ކަމަކަށް މިއީކުޑަ އަދަދެއް ނޫނެވެ. ވަރަށްބޮޑު އަދަދެކެވެ. ފަހެ، މިއީ ނިއޫމޯލްޑިވްސް ތިންބޭން (ހަސަން، ޝަހީދު، ޖަމީލް) އަޑީގައި ތިއްބަވައިގެން ރައީސް މައުމޫނު ސަރުކާރުގެ މޫނުމަތި ރީތިކޮށްދީ ރައްޔިތުންގެ އިސްލާހީ ހަރަކާތް ކޮރުކޮށްލާއި އިނދަ ޖައްސާލުމަށް ނުސީދާކޮށް ރައްޔިތުންގެ ބައިތުލްމާލުން ކުރެއްވި ތާކުންތާކު ނުޖެހޭ ބޭކާރު ޚަރަދެކެވެ. މިހާރު ޑޮކްޓަރ ޝަހީދު މިކަމުން ރެކިގަންނަންވެގެން ވަރަށް މަސައްކަތް ކުރައްވާތަން ދަނީ، ފެންނަމުންނެވެ. ފަހެ، ނިއޫ މޯލްޑިވްސްއާ ސުވާލު ކުރެވެންޖެހޭ ބައެއްކަންތައް ފެންނަން އެބަހުއްޓެވެ. އިސާހިތަކު ނިއޫމޯލްޑިވްސް ވަޅުޖަހައި ގެއްލިދާނެއެވެ. ރައްޔިތުން ހުރިހާކަމެއް ހަދާންނެތި ދާންވީއެވެ. ދެންއޮންނާނީ “ގައުމީޕާޓީ” ކިޔާ ސިޔާސީޕާޓީ އެކެވެ. ކަންމިހެން އޮތަސް ނިއޫމޯލްޑިވްސްގެ އަޑިނޭނގޭގޮތަށް ފޮހެވި، ގޮސްގެން ނުވާނެއެވެ. ނިއޫމޯލްޑިވްސް ވެރިކަމުގައި އިސްވެ ތިބެގެން ހިންގިފަސާދަތައް ހަދާންނެތި ކޮށްލައިގެން ނުވާނެއެވެ. މިހާތަނަށް ވެސް ގޮތްނޭނގޭގޮތަށް މަރާލެވިފައިވާ، އައްޑުއަތޮޅުގެ ދަރިއެއްކަމުގައިވާ އަލްމަރުހޫމް ހުސައިން ސަލާހުގެ މަރުގެ މައްސަލައިގެ ތަފްސީލު އެފަރާތްތަކުން އެބަދެއްވަން ޖެހެއެވެ. ޚާއްސަކޮށް ޑޮކްޓަރ ޝަހީދުގެ ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. އައްޑުއަތޮޅުގެ ރައްޔިތުން މިކަންދަންނަން ވާނެއެވެ. މމކަންރަނގަޅަށް ތަހުގީގު ނުކުރެވެނީސް އައްޑުއިތޮޅަށް ޝަހީދު އެރިޔަ ދެއްވައިގެން ނުވާނެއެވެ. އެކަން ފޮރުވަންކުރި މަސައްކަތް ރައްޔިތުންނަށް ހާމަވާން އެބަޖެހެއެވެ. ރައީސް މައުމޫނާއި ޑީއާރުޕީއާ ގުޅިގެން  ހިންގަވާފައިވާ ކަންތައްތަކާ އެބަސުވާލު ކުރެވެން ޖެހެއެވެ. ރައްޔިތުންނަށް މިކަންކަން ސާފުވާން އެބަޖެހެއެވެ. އެމްޑިޕީއަށް ފޯމުފުރާލިޔަސް އެފެންވަރުގެ ގައުމީކަންތައް މަޢާފުވެގެން ނުވާނެއެވެ.

އަދި، ހިލްއެންޑް ނޯލްޓަން ކުންފުނީގެ ރަތްލާޖެހި ގުންޑާއިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިނގާ ދަތުރުފަތުރުގެ ޓިކެޓާއި ހުރުމާއި އެހެނިހެން ޚަރަދުތަކަށް 1.8 މިލިޔަން ރުފިޔާ ބައިތުލްމާލުން އަމިއްލަ ފައިދާއަށް އިސްރާފުކޮށް ފައިވެއެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްބުނާގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޖުމްލަ 24.1 މިލިޔަންރުފިޔާ ގުންޑާއިންގެ މިކުންފުންޏަށް ޚަރަދުކޮށްފައި ވެއެވެ. އޭރުގެ ފޮރިން މިނިސްޓަރ އަދި މިހާރުގެ ވެސް ފޮރިން މިނިސްޓަރ ޑޮކްޓަރ އަހްމަދު ޝަހީދު މިކަންތައް އަޅުވަނީ، ރައީސް މައުމޫނުގެ ދަނބިދަރިފުޅު މިސްޓަރ ޝުއައިބުޝަހްގެ ބޮލުގައެވެ. އެހެނަސް ފޮރިން މިނިސްޓަރގެ އަތެއްނެތި މިފަދަބޮޑު ރޭވުންގަނޑެއް ނުރޭވޭނެއެވެ. ޑޮކްޓަރ ޝަހީދު ގުންޑާއިންގެ މިގްރޫޕް ގޮވައިގެން މާލެތެރޭގައި އުޅުއްވިކަމުގެ ހެކިތައް ދިވެހި ރައްޔިތުންގެ އަތުގައި ފެންނަން އެބަހުއްޓެވެ. ފޮޓޯތައް އެހެރީއެވެ. ދިވެހިންގެ ތެރެއިން އެންމެ ކުޑަކުއްޖާވެސް މިކަންތައް ދަންނާނެއެވެ. ފަހެ މިކަމަކީ ރައްޔިތުންގެ މަޖިލީހުން ވަރަށް ތަފްސީލުކޮށް އަޑިއިނގޭގޮތަށް ބަލަންޖެހޭ މައްސަލައެކެވެ. ގުންޑާއިންގެ މިޖަމާއަތާއެކު ކޮށްފައިވާ އެއްވެސް އެގްރީމަންޓެއް ރައީސް އޮފިހުން ފެންނަންނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއެވެ. މިލިޔުންތައް ވަނީ ރައީސް އޮފީހުން ބޭރުގައެވެ. ފޮރުވާފައެވެ. ނުވަތަ އަންދާލާފައެވެ. ދައުލަތުގެ ބަޖެޓުން ހޭދަކުރެވުނު މިބޮޑުހޭދައިން ރައްޔިތުންނަށް އެއްވެސް މަންފާއަކާއި ލާބައެއް ލިބުނުތޯ، ރައްޔިތުންގެ މަޖިލީހުން އެބަބަލަން ޖެހެއެވެ. އެފްޕީއައިޑީގެ މަޝްހޫރުބޮޑު ޚިޔާނާތުގެ މައްސަލައާއި ތިނެއް ނޮވެމްބަރ އަށްޑިހައަށެއްގެ ހަމަލާގެ މައްސަލައަކީ، އެއްވަރުގެ ބޮޑެތި މައްސަލަތަކެވެ. މިހުރީ، ރައްޔިތުންގެ މަޖިލީހުން ވަރަށް ތަފްސީލުކޮށް ބަލަންޖެހޭ ކަންކަމެވެ. ތާއަބަދަށް ތާރީޚައްޓަކާ ފޮރުވިގެންދާން ދޫކޮށްލެވޭނެ ކަންތަކެއްނޫނެވެ. ދާދިފަހުން ރައީސް އޮފީހުން ތިނެއް ނޮވެންބަރ އަށްޑިހައަށެއްގެ ހަމަލާ އަލުން ތަހުގީގުކޮށް ބަލަންޖެހޭނެ ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދިނެވެ. އެހެނަސް މިހާރުވަނީ އެވާހަކައަސް ފަސްއަޅާފައެވެ. މިކަހަލަ އަޑުތައް، ކުރިއެކޭއެއްގޮތަށް އެނެރެމުން ގެންދަނީ، އެހެން ސިޔާސީއަޑުތައް އޮއްބާލާށެވެ. ހަގީގަތުގައި އެފަދަކަމެއް ކުރާކަށެއްނޫނެވެ. ބަލާކަށެއް ނޫނެވެ. އެދުވަސްވަރު ޚާރުޖީ ސިޔާސަތު ހިންގަވަން ހުންނެވީ، މިހާރުގެ ރައީސްނަޝީދުގެ އެންމެ އަރިސްބޭފުޅާއެވެ. ސްޕެޝަލް އެންވޯއި އިބްރާހީމް ހުސައިން ޒަކީއެވެ. ޒަކީ ހުންނަވަނިކޮށް ތިނެއް ނޮވެންބަރގެ ތަހުގީގެއް ނުހިންގޭނެއެވެ. މާރިޔާ ހުންނަވަނިކޮށް އެފްޕީއައިޑީގެ ތަހުގީގެއް ނުހިންގޭނެއެވެ. މިފަދަ ތަހުގީގުތައް ހިންގޭނީފަސްބައި ސާފުމީހުން އިސްކުރީމައެވެ. ފަހެ ދަންނާށެވެ! އެމްޑިޕީގެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ފަސްބައިސާފު މީހަކު، އެމްޑީޕީގެ ވެރިކަމަށް ކުރިމަތިލީމާ ފެއިލްކޮށްލަން އުޅުނީ ކިހިނެއްތޯއެވެ؟ ނުކުތީ އެންމެން އެކުގައެވެ. ކުރިމަތިލުމަށް އިބުރާއަށް ދެންނެވީ، ސީދާއެގެއަށް، މއ.ބޯގަންވިލާ އަށް ވަޑައިގެން ޚުދު އަންނިއެވެ. އިބުރާގެ އަނގައިން މިވާހަކަ ފަހުން ކިޔައިދެއްވިއެވެ. ފަހެ، ތިނެއް ނޮވެންބަރ 1988 ގެ ވާހަކަ، 1990 ވަނަ އަހަރު އަޅުގަނޑު ރާއްޖޭގައި ފުރަތަފަހަރަށް ސިޔާސީ މަޖައްލާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ނެރެވެންފެށި، “މަންތިރި” މަޖައްލާގައި ލިޔެގެން އެމަޖައްލާ ހިފާއްޓާއި އަޅުގަނޑު ޖަލަށް ލެވުނެވެ. މިމަޖައްލާ ހިފޭއްޓުމުގެ އަޑީގައި ހުންނެވި އެކަކީ، ޒަކީއެވެ. ވީގޮތަކީ، މިމަޖައްލާ ހިފައިގެން ލަންކާއިން މާލެއައި އާދަން ރަޝީދާއިޒަކީ، އައީ  އެއްފުލައިޓުން ކަމަށްވާތީ، ފުލައިޓްތެރެއިން ދިމާވެގެން ޒަކީއަށް މަންތިރީގެ ކޮޕީއެއް ބަލާލައްވަން ދައްކާލުމުން، ފުލައިޓުން ފައިބާވަޑައިގެންނެވި ގޮތަށް އާދަންޒާހިރަށް، މިވާހަކަރިޕޯޓް ކުރެއްވުމުން، އާދަން ރަޝީދު އެއަރޕޯޓުން ގެންދިޔައީ ދޫނިދޫޖަލަށެވެ. މަންތިރި މަޖައްލާތައް އެހިސާބުން ޣައިބުވީއެވެ. ޑިފެންސް މިނިސްޓްރީން އެމަޖައްލާތައް އަންދާލީއެވެ. ލިބުނީ ވަރަށްމަދު ކޮޕީއެކެވެ. މިކަމުގެ ބަންދުގައި އަޅުގަނޑުމެންނަށް، ބޮޑެތި އަނިޔާތައް ކުރިއެވެ. އަނދަގޮނޑިއާއި ޗޭނުގެ އަހުވާ ދެއްކިއެވެ. އެއްހުޅުބިޑި އެޅުވިއެވެ.

ފަހެ، ދަންނާށެވެ! ތިނެއް ނޮވެންބަރ ހަމަލާގައި މަރާލެވުނު ތަމަޅަޓައިގަރުންގެ ބޮޑެއް ކަމުގައިވާ މިސްޓަރ ވަސަންތީ މަރާލެވުނުގޮތް ތަހުގީގު ކުރެވެން ޖެހޭނެކަމަށް ރައީސް އޮފީހުގެ ވާހަކަދެއްކުން ތެރިޔާ، އެމައުލޫމާތު ދެއްވުމުގެ ތެރޭގައި ހާމަކުރައްވާފައި ވެއެވެ. މިވާހަކަތައް ދެއްކެވިއިރު މާލޭގެ މަގުތަކުގައި އެދުވަހު ދިވެހިންގެ ތާޒާލޭ، ބެހިގެންގޮސް ޝަހީދުވީމީހުން މަރުވެފައިވަނީ، ކިހިނެއްތޯ ބެއްލެވުން މާއައުލާކަން ބޮޑުކަމުގައި އަޅުގަނޑު ދެކެމެވެ. ޝަހީދުވެގެންދިޔަ ދިވެހިންގެ މުގައްދަސް ހަށިތަކަށް އޮއްސެމުން، ބުރުއްސެމުންދިޔަ ވަޒަންތައް ދަތުރުކުރަމުން އައިސްފާހުރި ދިމާތަކާއި ޒާވިޔާތައް ބަލާތަހުގީގު ކުރުންމާ ރަނގަޅެވެ. މާރީތިވާނެއެވެ. ހަމަގައިމުވެސް ދިވެހިންނަށް މާފައިދާ ކުރާނެއެވެ. އަދި އޭރުން އިންޑިޔާ ސަރުކާރުން ކަންބޮޑުވާނެ ޖާގަޔެއް ނޯންނާނެއެވެ. ތަމަޅަޓައިގަރުންގެ ބޮޑެއްކަމުގައިވާ، ވަސަންތީގެމަރު ތަހުގީގުކުރުމުން އިންޑިޔާ ސަރުކާރު ބޭޒާރުވާގޮތް ވެސް ވެދާނެއެވެ. އަދި ރަޖީވްގާންދީގެ މަރާހިސާބަށް ތަހުގީގުގެ ކޮޅުތައް ދަންމަން ޖެހުމަކީ ވެސް ފަހަރުގައި ވެދާނެކަމެކެވެ. ފަހެ، މިހަމަލާގެ ފުރިހަމަ ހެކިތައް ފާކިސްތާނު ސަރުކާރު އަތުގައި ފޮރުވާފައި އެބަހުއްޓެވެ. މިތަހުގީގު ތަފްސީލުކޮށް ހިންގިއްޖެނަމަ، ކޮންމެވެސް ހިސާބަކުން އިންޑިޔާގެ ޖާސޫސީ އިދާރާއާ ގުޅޭނެއެވެ. އިންޑިޔާގެ ޑިފެންސް ދަށުގައި އޮންނަ “ރޯވް” އާ ސީދާކޮށް ގުޅޭނެއެވެ. ދެންފަހެ ސުވާލަކީ، މިތަހުގީގު ފުޅާދާއިރާއެއްގައި ހިންގާ ސަރުކާރަކާމެދު އިންޑިޔާގެ މައިސަރުކާރުން އަޅާނެ ފިޔަވަޅަކީ ކޮބައިކަން ނޭގޭކަމެވެ. އެސަރުކާރެއް ދެމިއޮތަދޭނެ ބާވައޭވެސް ހިތަށް އަރައެވެ! ފަހެ، ތިނެއް ނޮވެންބަރު އަލްފާޟިލް އަބްދުﷲ ލުތުފީ މިނިވަންވެގެން ދެއްވަންހުރި ބަޔާންތައް އަދިހުރީ، އޭނާގެ ބޮލުގެ ހަރުކަށި، ދަގަނޑުފަދަ ނާށިގަނޑުތެރޭގައި ޚަޒާނާކުރެވި ފޮރުވިފައެވެ. އެއީ ލާޖެހިފައިހުރި، ކޮންމެހެންވެސް ހުޅުވާލަންޖެހޭ ކަޅުފޮއްޓެކެވެ.

ފަހެ، ދަންނާށެވެ! އަދިމީގެ އިތުރަށް ރައީސް މައުމޫނު 2007 ޖުލައިގައި އިނގިރޭސި ވިލާތަށް ކުއްލިދަތުރެއް ކުރެއްވިއެވެ. މިދަތުރުގައި ދިވެހިދަރިޔަކު ކުކުޅުބިހަކުން އެމަނިކުފާނަށް އާދަޔާޚިލާފު މަރުހަބާ އެއް ދެންނެވިއެވެ. ފަހެ، ފުރަމާނަ މިދަތުރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި “ޕްރޮޖެކްޓް ޑްރުއިޑް” ގެ ނަމުގައި ކުރިން ދެންނެވި ގުންޑާއިންގެ ޖަމާއަތް “ހިލްއެންޑް ނޯލްޓަން” އަށް ވަރަށް ބޮޑުޚަރަދެއް ދައުލަތުގެ ބައިތުލްމާލުން ކޮށްފައިވެއެވެ. މިޕްރޮޖެކްޓް އެކުލަވާލާއި ރޭވުމުގެ މަސައްކަތަށް 1.3 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައި ވެއެވެ. މިފައިސާހޭދަ ކުރުމަށްވެވުނު އެއްބަސްވުން، ރައީސް އޮފީހުން ފެންނާކަށް ނެތެވެ. މިކަންވެސް ކުރުވީ ހަމަޑޮކްޓަރ ޝަހީދެވެ. އެނާއަށް ހުރިހާ ތަފްސީލެއް އެނގިވަޑައި ގަންނަވާނެކަން ކަށަވަރެވެ. ފަހެ، މާސިންގާ މިހޭދައިން ދިވެހި ރައްޔިތުންނަށް ލިބުނީކޮން ފައިދާއެއްތޯ ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ބަލަންޖެހޭނެއެވެ. މުޑުދާރު މިރޭވުން ތަކުގައި ހަރަކާތްތެރިވި ފަރާތްތައް ޒިންމާވާން ޖެހޭނެއެވެ. ޝަރީއަތަށް ހާޒިރުކުރެވެން ޖެހޭނެއެވެ. ފަހެ، ރާއްޖޭގައި ހަރަކާތްތެރިވި “ހިލްއެންޑް ނޯލްޓަން” އާއި އިރާގުގައި ހަރަކާތްތެރިވި “ބްލެކްވޯޓަރ” ފަދަ ގުންޑާޖަމާއަތް ތަކަކީ، ރީތިހެދުމެއްގައި ގައުމުތަކަށް އެތެރެވެތިބެ އެބިމެއްގައި ގުންޑާގަރުދީއާއި ފަސާދަފަތުރާއި ރައްޔިތުން ފިތުނަކުރާ ކުލީސިފައިންނެވެ. އަދި ސަރުކާރުގެ މޫނުމަތީގައި ފުށްޖަހައިދީ ނަލަކޮށް ދިނުމަށް ގަދަބާރުން މަސައްކަތް ކުރަމުންދާ ހަތިޔާރުއެޅި ވަރުގަދަ ފޯސްތަކެކެވެ. އަޑިނޭނގޭ، ގޮތްނޭނގޭ ޔަހޫދީޖަމާއަތް ތަކެކެވެ. އިރާގުގައި ހުރިހާ ނުބައެއްހެއްދީ ބްލެކްވޯޓަރ ގުންޑާއިން ލައްވައެވެ. އެމެރިކާ ސިފައިން ތިބީއަޑީގައި ފޮރުވިގެން ރީތިކޮށް އޮމާންކޮށެވެ. ރާއްޖޭގައި ވެސް ހުރިހާ ނުބައެއް ހެއްދުވީ ޑޮކްޓަރ ޝަހީދު އިސްކޮށް ހުންނަވައިގެން ރާއްޖެގެނެވުނު ހިލްއެންޑް ނޯލްޓަންގެ ގުންޑާއިން ލައްވައެވެ. މިއީ އަޅުގަނޑުމެން ހަމަލޮލުންދުށް މަންޒަރެކެވެ. މިފަދަ ގުންޑާއިން ގޮވައިގެން ސިފައިންގެ މަރުކަޒު ވަށައިގެން ހިންގެވިތަނާއި މާލޭގެ އެތަންމިތަނުގައި ހިނގާބިނގާވި ތަންވަނީ، ދިވެހި ރައްޔިތުން ދެކިއަތުން ހިފާފައެވެ. ރެކެވޭނެ އެއްވެސްގޮތެއް ނޯންނާނެއެވެ. މިއަދު މިފަދަބޭފުޅުން ދައްކަވާ ވާހަކަތައް ގަބޫލުކުރަން ދަތިވަނީ، މާޒީގައި މިފަދަ ތަންތަންފެނިފައި ހުރީމައެވެ. މިހާރުވެސް ގުންޑައިންގެ މިޖަމާއަތަށް ނިސްބަތްވާ މީހަކު ޖެނީވާގައި ހުންނަ ދިވެހި މިޝަނުގައި ބަހައްޓާފައި އެބަހުއްޓެވެ. ޚަރަދުކުރަނީ ފޮރިންމިނިސްޓްރީގެ ބަޖެޓުންނެވެ. ރައްޔިތުންގެ ފައިސާއިންނެވެ. އޭނާގެ ބޭނުން ހިއްޕަވަނީ، ޝަހީދެވެ. ފަހެ، ވަގުތުން ވަގުތައް ދިވެހި ދައުލަތުން މިކަމަށް ޚަރަދުކުރެވުނު ހުރިހާފައިސާއެއްގެ ތަފުސީލުތައް ހޯއްދަވާއި އެކަމަށް ހެދުނު އެގްރީމަންޓުތައް ހުރިތަނަކުން ހޯއްދަވައި ރައީސް އޮފީހަށް ޖަމާކުރަން ވެއްޖެއެވެ. އަދި އެތަފްސީލުތައް ވަރަށްފުރިހަމަކޮށް ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހާމަކޮށްދޭން ވެއްޖެއެވެ. އަދި އާންމުކޮށް ރައްޔިތުންގެ ހާޒިރުގައި މިކަމަށް ޖަވާބުދާރީ ވާންޖެހޭ މީހުންނާ ސުވާލުކޮށް ހަދަން ވެއްޖެއެވެ. އެއްގޮތަކަށް ވެސް ލަސްކުރެވޭކަށް ނެތެވެ. އޭ! މާލޭގެ ލޮބުވެތި ރައްޔިތުންނޭވެ! އިރާދަކުރެއްވިއްޔާ އަޅުގަނޑު މާލޭގެ ގޮޑިއެއްކަމުގައިވާ މާފަންނު އެކެއް، މިގޮނޑިޔަށް ކުރިމަތި ލާނަމެވެ. މަޖިލީހަށް ހޮވައިދެއްވާށެވެ. މިއަޑުތަކަކީ އެތަޅުމުގައި އަޅުގަނޑު އުފުލާއިދޭނެ އަޑުތަކެއްކަން ޔަގީންކުރައްވާށެވެ. މިއީ ރައްޔިތުންގެ ފަރާތުން އުފުލައިދޭނެ އާދޭސްތަކެއްކަން ކަށަވަރު ކުރައްވާށެވެ.  އޭ! އަޅަމެންގެ ދީލަތިވަންތަ ﷲއެވެ! އަޅަމެންނަށް އަދުލްއިންސާފު ގެނެސްދެއްވާއި އަމާންކަމާއި ފާގަތިކަން ދަމަހައްޓަވައި ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page