ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓް ރިޕޯޓަށް ބަލާލުމެއް – 6
- ilyashusein
- Oct 30, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޑިސެންބަރ ގައި.)
ފަހެ ދަންނާށެވެ! 2008 އޮގަސްޓް މަހުގެނިޔަލަށް ރައީސް މައުމޫނު ދިހައަތޮޅަށް ޑީއާރުޕީގެ ފަރާތުން ކެންޕޭން ކުރެއްވުމަށް ދަތުރު ކުރައްވާފައިވާ ކަމަށް އޮޑިޓަރޖެނެރަލް ފާހަގަ ކުރައްވާފައި ވެއެވެ. މައްސަލައަކީ، މިދަތުރުތަކަށް ރައީސް އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާފައި ވާކަމުގެ ލިޔުމެއް ފެންނަން ނެތުމެވެ. އެހެނަސް ދައުލަތުގެ އެހެން މުއައްސަސާ ތަކުން މިދަތުރުތަކަށް ޚަރަދު ހިނގާފައި ވެއެވެ. މިއިން އެއްވެސް ހިސާބެއް ރައީސް އޮފީހުގައި ބެހެއްޓިފައެއް ނުހުރެއެވެ. އެކައުންޓިންއާއި އެކައުންޓަބިލިޓީ އުސޫލަށް ބަލާއިރު މިކަންކުރަން ޖެހޭނެ ގޮތަކީ، ރައީސުލް ޖުމްހޫރިއްޔާއަށް އެހެން އިދާރާތަކުން އަރުވާ ޚިދުމަތްތަކުގެ ޚަރަދުގެ ތަފްސީލް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށްފޮނުވި، އެއޮފީހުގައި އެއްކުރެވިފައި ހުރުމެވެ. ރައީސް މައުމޫނު ރިޔާސީ ކެންޕޭނުގައި އުޅުއްވިއިރު ސަލާމަތީގޮތުން އަރުވަންޖެހޭ ހުރިހާ ޚިދުމަތެއް ދައުލަތުގެ ޚަރަދުގައި ދެވެންޖެހޭނެއެވެ. އެހެނަސް ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ކެންޕޭނުގައި ހިލޭބޭނުން ކުރެވޭގޮތެއް އެއްވެސް ގައުމެއްގައި ހުއްދަކޮށްފައެއް ނޯވެއެވެ. ނަމަވެސް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކީ، މިފަދަ އެހީތައް ދައުލަތުންނޫން އެހެން ފަރާތަކުން ލިބެންނެތިއްޖެ ހިނދެއްގައި އެތަކެއްޗާއި ވަސީލަތްތައް އޭގެހަމައަގު ދައްކައިގެން ބޭނުން ކުރެއްވުމެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ވާތީ، އެޚިދުމަތް އެރުވުމެވެ. އެހެންވުމުން މިހާތަނަށް ރައީސް މައުމޫނު ކެންޕޭން ކުރައްވަން ބޭނުން ކުރެއްވި ދައުލަތުގެ ތަކެއްޗާއި ވަސީލަތްތަކަށް ފުރިހަމައަގު ދެއްވަން ޖެހޭނެއެވެ. ޑީއާރުޕީން، މިފައިސާ ދައުލަތުގެ ބައިތުލްމާލަށް ލިބެންޖެހޭނެއެވެ. ރައްޔިތުން މަޖިލިސްގެ މާލިއްޔަތު ކޮމެޓީން، މިމައްސަލަ ވަރަށް ހޫނުކޮށް ނަންގަވައި މިފައިސާ ރައްޔިތުންގެ ޚަޒާނާއަށް އަނބުރާ ހޯދައިދޭން ޖެހޭނެއެވެ. މިއުސޫލުން ކެންޕޭން ދަތުރުތަކުގައި ދައުލަތުގެ ލޯންޗުތައް ބޭނުންކުރައްވާފައި ވާނަމަ، އެއަށް ފައިސާ ދައްކަވަން ޖެހޭނެއެވެ. އަދި ސިފައިންގެ އުފުލީގައި އުފުލިކާރުކޮޅު އެކިރަށްރަށަށް ގެންދެވުމުގެ ޚަރަދުތައްވެސް އޭގެހަމަ އަގުގައި ދައުލަތަށް ދައްކަންޖެހިވަޑައި ގަންނަވާނެއެވެ. ޚާއްސަ މަޖިލީހުގެ ތަޅުމުގައި މިވާހަކަތައް އަޅުގަނޑުގޮވީ ރައްޔިތުންގެ ހައްގެއް އެވާހަކަ ތަކުގައި ވަރަށްބޮޑުކޮށް އޮވެގެންނެވެ. ޑީއާރުޕީ ދިވެހިދައުލަތުގެ މައްޗަށް ގަދަބާރުން ވެރިވެގަނެގެން އުޅުނު އުޅުން އަދިވެސް އަޅުގަނޑު ކުއްވެރި ކުރަމެވެ. އެމައްސަލަ ބާރާބަރަށް ބެލެންޖެހޭނެއެވެ. ޑީއާރުޕީން މިގޮތަށް ހޭދަކުރިފައިސާ އަނބުރާ ދައުލަތަށް ލިބެންޖެހޭނެއެވެ. ފަހެ މިގޮތުން މިކަންކަމަށް ހޭދަވާތެލުގެ ޚަރަދުއެކަނި ދެއްވުމަކުން ނުފުދޭނެއެވެ. މިއީކުޅޭކުޅޭ ކަމެއްނޫނެވެ. ދައުލަތުގެ ފައިސާއިން އަކުންބަކުން ކުޅުމެއް ނޫނެވެ. މިދެކެވެނީ ރައްޔިތުންގެ ޚަޒާނާގައި ހުރިފައިސާގެ ވާހަކައެވެ.
ފަހެ، ރައީސް މައުމޫނުގެ ކާރުކޮޅު ސިފައިންގެ އުފުލީގައި އެއްރަށުން އަނެއްރަށަށް ގެންދިއުމަކީ، ސަލާމަތީ ޚިދުމަތެއް ކަމުގައި ބެލެވިގެން ނުވާނެއެވެ. އަދި އެއްވެސްމީހަކު އެގޮތަށް ދެކިގެންވެސް ނުވާނެއެވެ. ވަޑައިގަންނަވާ ކޮންމެރަށަކުން ކާރެއްލިބެން ނެތިއްޖެ ހިނދެއްގައި ދައުލަތުގެ ކާރެއް ރަސްމީކާރެއްގެ ގޮތުގައި ފުރިހަމައަގު ދައްކާގޮތަށް ބޭނުންކުރެއްވި ދާނެއެވެ. އެކަމުގެ ހަމައަގު ދައުލަތަށް ދައްކަން ޖެހޭނެއެވެ. އެނޫން ގޮތަކަށް ދައުލަތުގެ އެއްޗެއް ބޭނުން ކުރެވިގެން ނުވާނެއެވެ. ފަހެ، ޚައްސަ މަޖިލީހުގެ ތަޅުމުގައި ކޮންމެ ދުވަހަކު ވާހަކަދައްކަން ފެށުމުގެ ކުރިން، އަޅުގަނޑު ދެއްކި ވާހަކަތަކަކީ މިއެވެ. އަދިވެސް އިޖާބަދޭނެ ފަރާތެއް ނެތެވެ. އަޑުއަހާނެ މީހަކުނެތެވެ. އަޖައިބުވެ އަންތަރީސް ވަމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ކޮބައިތޯއެވެ؟ ނިކަން ކަމެއްކޮށްބަލާށެވެ! ޑީއާރުޕީއަށް ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުންކުރެވިގެން ނުވާނެއެވެ. ރައިސް މައުމޫނަށް ޑީއާރުޕީގެ ކެންޕޭން ދަތުރުގައި ހިލޭލިބިވަޑައި ގަންނަވަންޖެހޭނީ، ސެކިއުރިޓީ ޚިދުމަތްކަމުގައި ބެލެވޭ ބޮޑީގާޑުންގެ ޚަރަދުތަކުގައި ކޯސްޓްގާޑުގެ އުޅަދުފަހަރުން ކަނޑުމަތީގައި ދެވޭ ހިމާޔަތެވެ. މިކަން އެކަންޏެވެ. އެހެން ހުރިހާ ޚިދުމަތަކަށާއި ވަސީލަތްތަކުން ފައިސާ ލިބެން ޖެހޭނެއެވެ. ރައީސް މައުމޫނު ކެންޕޭން ދަތުރުތަކުގައި ދައުލަތުގެ އެކިއެކި މުއައްސަސާ ތަކުން ހިންގާފައިވާ ޚަރަދުތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އެއްކުރެވި ބެލެހެއްޓިފައެއް ނުހުރެއެވެ. އެކަންކުރަނީ ގަސްދުގައި އެހިސާބުތައް އޮޅުވާލުމަށެވެ. ބަޔަކަށް ނާޖާއިޒު ފައިދާ ދިނުމަށެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ބަޖެޓުންނާއި މިނިސްޓްރީ އޮފް އެޓޮލްސްގެ ބަޖެޓުންނާއި ނުވިތާކަށް އަތޮޅުތަކުގެ ރައްޔިތުންގެ އެކައުންޓުތަކުން އެކިނަންނަމުގައި މިކަމަށް ޚަރަދުކުރެއެވެ. ވާހް! ހިތާމަ ހުއްޓެވެ! މިއީވަރަށް ރަނގަޅަށް އަތޮޅުތަކުގެ އެކައުންޓުތަކުން ބަލަންޖެހިފައިވާ ހަގީގަތެކެވެ. ރައްޔިތުންގެ އެކަނުންޓް ބޮޑެތިކޮށްހުރި ބައެއް އަތޮޅުތަކަށް ބައެއް އަރިސް އަތޮޅުވެރިން ފޮނުއްވާފައި ވެސް އެބަހުއްޓެވެ. ރައްޔިތުންގެ އެފައިސާކޮޅުގެ ދަހިވެތި ކަމުގައެވެ. އަދި ރައީސް މައުމޫނުގެ އަރިހުގައި ވަޑައިގަންނަވާ ސީނިއާ މިނިސްޓަރުންނާއި އަތޮޅުވެރިންނާއި އަތޮޅު ވެރިންގެ ބަދަލުންނާއި ނައިބުންނާއި އިސްއެހީތެރިން އަތޮޅުތަކަށް ޑީއާރުޕީ ކެންޕޭނުގައި ވަޑައިގަންނަވައި ކުރައްވާ ޚަރަދުތަކާއި ދަތުރުކުރައްވާ ލޯންޗުތަކަށް ހަމައަގުން އަގުކުރެއްވުމަށް ފަހު، ދައުލަތަށް އެފައިސާތައް ލިބެން ޖެހޭނެއެވެ. މިކަން މާލިއްޔަތު ކޮމެޓިން ވީހާއަވަހަށް ކުރަންޖެހޭނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިކަންތައް ބެލެން ޖެހޭނެއެވެ. އަދުލް އިންސާފު ގައިމުކުރެވެން ޖެހޭނެއެވެ.
ފަހެ، ދަންނާށެވެ! ގައުމުތަކުގައި ގިނަދުވަހު ވެރިކަން ކޮށްފައިވާ ރައީސުންނަކީ، އިއްޒަތާއި ގަދަރު އަރުވަންޖެހޭ ބައެއްކަން ޝައްކެތްނެތެވެ. އެހެނަސް އެކަން ކުރެވެން ޖެހޭނީ، އަދުލް އިންސާފުގެ ތެރެއިންނެވެ. ރައްޔިތުންނަށް އަނިޔާވެރިވެފައި ވާނަމަ އެކަން ތަހުގީގުކޮށް ބެލެވެން ޖެހޭނެއެވެ. އޭގެ އުގޫބާތް ލިބެން ޖެހޭނެއެވެ. ތިރީސް ސާޅީސް އަހަރުގެ ޖައްބާރު، އަނިޔާވެރި ވެރިކަމެއް ނިންމާލުމަށްފަހު، އިންސާފު ނުލިބޭގޮތަށް އިއްޒަތާއި ގަދަރު ހަމަ އެކަކަށްވެސް ދެވިގެން ނުވާނެއެވެ. “ކުރީގެ ރައީސްގެ އޮފީސް” މިނަމުގައި އޮފީހެއް ދައުލަތުގެ ފައިސާއިން ހެދެންޖެހޭނީ އާގާނޫނު އަސާސީގެ ދަށުން ވެރިކަން ކޮށްފައިދާ މީހާއަށެވެ. ތިރީސް އަހަރުގެ އަނިޔާވެރި ވެރިކަމެއް ނިންމާފައިދާ މީހާއާދޭތެރޭގައި އަދުލް އިންސާފު ކުރެވެން ޖެހޭނެއެވެ. އެއަށްފަހު އޭނަ ބަރީއަ ވެއްޖެނަމަ އަރުވަންއޮތް އިއްޒަތެއް އެރުވިދާނެއެވެ. ރައީސް މައުމޫނަކީ، ވަރަށް ގިނަބަޔަކަށް އަނިޔާކޮށްފައިވާ މީހެކެވެ. މުޖުރިމެކެވެ. އެތައްކަމެއްގެ ތުހުމަތު ބޮލުގައި އެޅިފައިވާ އިންސާނެކެވެ. އިންސާފު ކުރެވެން ޖެހޭފަރުދެކެވެ. އަދި އެންމެފަހު ވަގުތުގައި ވެރިކަން ބީވެގެންދާން ފެށުމުން ކަޅުތުއްކަލާ ކޮށްޓަށް ވަޑައިގެން ސިފައިން އަރިހުން އޭނާގެ ޖައްބާރު ވެރިކަން އިތުރަށް ދަމަހައްޓައި ދިނުމަށް އެދިވަޑައި ގެންނެވިކަމަށް ތުހުމަތު ކުރެވިފައިވާ ލީޑަރެކެވެ. ވެރިކަމުގެބާރު ނުހައްގު ގޮތުގައި ބޭނުންކުރައްވާފައި ވެއެވެ. އެތައްބަޔަކަށް އަނިޔާކޮށްފައި ވެއެވެ. ސިފައިންގެ ވެރިޔަކަށް ހުންނަވައިގެން އެތައްބަޔަކު މެރުމާ ހަމަޔަށް އަމުރުކުރައްވާފައި ވާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ. ދައުލަތުގެ ފައިސާ ނުހައްގުން ބޭނުން ކުރައްވާފައި ވާކަމަށްވެއެވެ. ރައްޔިތުންގެ ހައްގު މުދާ އެކިފަރާތްތަކަށް އަމިއްލަފުޅު ފައިދާއަށް ބައްސަވާފައި ވެއެވެ. ޑިފެންސް މިނިސްޓްރީގެ ބަޖެޓުން އެތައްފައިސާއެއް އެކިއެކި މީސްމީހުންނަށް ބަހާފައި ވެއެވެ. އެމިނިސްޓްރީގެ މިހާރުގެ މިނިސްޓަރ އޮނަރަބްލް އަމީން ފައިސަލަށް މިކަންތައް ރައްޔިތުންނަށް ހާމަކޮށްދެވެން ޖެހޭނެއެވެ. ދައުލަތުގެ ފައިސާގައި ޖެހިފައިވާ އެމީހުންތައް ހިފާހައްޔަރު ކުރެވެން ޖެހޭނެއެވެ. ފަހެ، މިހުރީ ހައްތާވެސް އިންސާފުކުރެވެން ޖެހޭނެ މުހިންމު ކަންތަކެވެ. މިފަދަ ހުރިހާކަންތަކެއް ސާފުކޮށް ބެލެންދެން އެފަދައަނިޔާވެރި ވެރިން ތިބެންޖެހޭނީ، ބަންދުގައެވެ. ގައުމުން ބޭރަށް ފުރައިގެން ދެވިގެން ނުވާނެއެވެ. ފަހެ، ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ. ރައީސް މައުމޫނު ދޫނިދޫގައި ބެހެއްޓުމަށްފަހު، ރައްޔިތުންއެދޭ މިފަދަ ތަހުގީގުތައް ވަގުތުން ފައްޓަވާށެވެ. ބައްލަވައި ދެއްވާށެވެ. ލަސްނުކުރައްވާށެވެ. ލާމުއަތޮޅު މެންބަރ އަލްފާޟިލް ރީކޯމޫސާމަނިކު ކޮބައިތޯއެވެ؟ ތާއަތޮޅު މެންބަރ އަލްފާޟިލް ހަސަން އަފީފު ކޮބައިތޯއެވެ؟ އެމްޑީޕީގެ ޗެއާމަން އަލްއުސްދާޒާ މާރިޔާއަހްމަދު ދީދީގެ ހިތްވަރު ކޮބައިތޯއެވެ؟ އެމެރިކާގެ ދައިތާފުޅު ކޮންޑޮލީޒާ ރައީސްދެއްވި ހިތްވަރުގަދަ ކަމުގެ ހަދާން ނެތުނީތޯއެވެ! މިގައުމުގެ އިސްލާހަށް މަސައްކަތްކުރެއްވި އެހެނިހެން އިއްޒަތްތެރި މެންބަރުންތައް ކޮބައިތޯއެވެ؟ އެމްޑީޕީގެ ގައުމީ މަޖިލިސް ކޮބައިތޯއެވެ؟ ފަހެ، ބަންގާޅު ކަރާގައި އިއާދަވަމުން އަންނަހެން، ކަރަޕްޝަނުން ފުރިގެންވާ ބޮޑެތި ޒައީމުންނަށް މިފަދަ ކުދިގައުމުތަކުގައި ދެވަނަ ފަހަރަށް ބާރުހިންގިޔަ ނުދެއްވާށެވެ! ސިޔާސީ ނުފޫޒުގައި ދެމިތިއްބެވިޔަ ނުދެއްވާށެވެ. އެއީ ގައުމުގެ ހަލާކެވެ. އެފަދަ ޖައްބާރު ލީޑަރުންގެ ފަހަތުގައި ވެރިވެގެން އަބަދުވެސް ތިބެނީ ބޮޑެތި، މާސިންގާ މަހުޖަނުންނެވެ. ރައްޔިތުންގެ ފައިސާއިން މުއްސަނދި ވެފައިތިބޭ ހަނގުރާމަވެރި ރަސްކަލުންނެވެ. ނުބައިނުލަފާ ފޯސްތަކަށް ޚަރަދުކުރާ މީހުންނެވެ. އަދި ދަންނާށެވެ! އަމިއްލައަށް ވާވަރުނުވުމުން “ހިލްއެންޑް ނޯލްޓަން” ކަހަލަ ޖަމާއަތްތަކާވެސް ހަވާލުކުރާނެއެވެ. އިރާގުގައި މިހާރުވެސް “ބްލެކްވޯޓަރ” ކިޔާ، މިޒާތުގެ ބަޔަކު ގެންގުޅެއެވެ. މިހާރުވެސް ދައުލަތުގެ ޚަރަދުގައި ޖެނީވާގައި މީގެ މީހަކު މިހާރުގެ ފޮރިން މިނިސްޓަރ އޮނަރަބްލް އަހްމަދު ޝަހީދު ބަހައްޓަވާފައި އެބަހުއްޓެވެ. ހިލްއެންޑް ނޯލްޓަނާ ގުޅުން ހުރި އެމީހާ “މާރކު” ހަމަމިހާރުން ފެށިގެން ވަކިކުރެވެން ޖެހޭނެއެވެ. މިދަންނަވާ “މާރކް” އަކީ ޑޮކްޓަރ ޝަހީދަށް ތަގްރީރުތައް ލިޔެދެއްވާ މީހާއެވެ. އެހެންވެ އޭނާއަށް އަދިވެސް ބޮޑެތިޚަރަދުތައް ދީގެން ޖެނީވާގައި ބަހައްޓާފައި ހުރީއެވެ. މީނާބޭރުކޮށް ޖެނީވާގައި އޭނާގެ ބަދަލުގައި ދިވެއްސަކު ބެހެއްޓުމަށް ގޮވާލަމެވެ. މިކަން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނަމެވެ. ފަހެ، ދިވެހި ދައުލަތުން އެކަހަލަ، ހަމައެކަކަށް ވެސް ޚަރަދުކުރެވިގެން ނުވާނެއެވެ. އެއީބޮޑު ގޯހެކެވެ. ފަހެ، އެމީހުންނީ ނުބައި ހުރިހާކަމެއްގެ ބާރުވެރިންނެވެ. އެކިފޯސްތައް ކޮންޓްރޯލްކުރާ ރަސްކަލުންނެވެ. އެފަދަ ބަޔަކު ރާއްޖެފަދަ ކުޑަގައުމެއްގެ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކޮށްފިނަމަ ދެންވާނެ ގޮތެއްވިސްނުން އޮތީ، އަޅުގަނޑުމެން ރައްޔިތުންގެ ކޮނޑުގައެވެ. ވިސްނަންވީ ވަގުތު އަތުވެއްޖެއެވެ. ސިކުނޑީގެ ބޭނުންކުރަން ވެއްޖެއެވެ. ބަންގާޅުފަދަ މީސްގިނަ ގައުމެއްގައި ޕާލަމެންޓްރީ ނިޒާމެއްގެ ތެރޭގައި ވެރިކަން ހިނގަމުންދާގޮތް ކުރިމަތީގައި ފެންނަން އެއޮތީއެވެ. އެހެންވެ ރާއްޖެފަދަ މީސްކޮޅުމަދު ކުޑަގައުމެއްގައި ޕާލަމެންޓްރީ ނިޒާމެއްފެށި ބޮޑެތި ވިޔަފާރިވެރިންގެ ދަށަށް ރައްޔިތުންގެ މަޖިލިސް ވެއްޓިއްޖެނަމަ، ދެންވާނީ ކިހިނެތްތޯއެވެ؟ ފެޑަރަލްނިޒާމެއް ބައްޓަން ވެއްޖެނަމަ ދެންވާނީ ކިހިނެތްތޯއެވެ؟ އޭ! އިއްޒަތްތެރި މެންބަރުންނޭވެ! ރައްޔިތުންގެ ލޮބުވެތި މަންދޫބުންނޭވެ! ކުރީކޮޅުގައި ވިސްނަވާށެވެ! ފިޔަވަޅު އަޅުއްވާށެވެ! މަޑުން ނިދާފައި ނުތިބޭށެވެ! އެކަމުގެ ވަގުތަކީ މިއެވެ. ގައުމަށް އިންސާފު ގެނެސްދެއްވާށެވެ. ހަމަޖެހުން ގައިމުކޮށް ދެއްވާށެވެ. މި ކުޑަކުޑަގައުމު ބަންގާޅުފަދަ ގައުމަކަށް ވިޔަދެއްވައިގެން ނުވާނެއެވެ. ދެއަހަރު ވެރިކަން ސިފައިންގެ ބެލުމުގެ ދަށުގައި އޮތުމަށްފަހު، އަނެއްކާވެސް ކުރިން އޮތް، ފަސްބައި މުޑުދާރު ވެފައިތިބި ސިޔާސީ މީހުންގެ އަތްމައްޗަށް ބާރުތައް ފިރުކިގެން ދިއުމަކީ، ރައްޔިތުންގެ ވެރިކަމޭ ބުނެވޭކަށް ނޯންނާނެއެވެ. ފަހެ، އަދިވެސް ވިސްނަވާށެވެ! ރިޔާސީ ނިޒާމެއްގެ ފުރިހަމަކަން ގައުމުގެ ހުރިހާ ފެންވަރަކުން ފެނިގެންދާން ޖެހޭނެއެވެ. އެންމެ ބޮޑުޒިންމާއޮތީ މިހާރުގެ ވެރިކަމުގެ ބޮލުގައެވެ. އޭ! ލޮބުވެތި ރައީސް ނަޝީދެވެ! ނުބައިން ނުބަޔަށް ދިވެހިގައުމު ނުދަނީސް އަވަހަށް ކުރީގެ ވެރިކަމުގެ ކަންތައް އިންސާފަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވާށެވެ. އެހެންނޫނީ، ވަށާޖެހެމުންދާނީ ހަމައެކައްޗެއްކަން ހަދާންކުރައްވާށެވެ.
އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! ރިޔާސީ އިންތިޚާބުނިމި، މިހާރު މިވަނީ އާވެރިކަމަކާ ގައުމު ހިންގުން ހަވާލުވެފައެވެ. އޮޑިޓަރ ޖެނެރަލަށް އޮތީ، ފަސާދައިގެ މިކަންތައްތައް އިތުރަށް މުރާޖައާކޮށް، އިތުރުތަފްސީލު ތަކާއެކު ބެއްލެވުމަށްފަހު، ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ދެވެންހުރި ހުރިހާތަފްސީލް ތަކެއް ހާމަކުރެއްވުމެވެ. މިކަންކުރަން ޖެހޭނެއެވެ. އެއްގޮތަކަށް ވެސް މިކަންތައް ފޮރުވައިގެން ނުވާނެއެވެ. އާދެ! އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތުގެ މައްސަލައަށް ހެދިގޮތަށް މިކަންތައް ނިންމާލައިގެން ނުވާނެއެވެ. އަލުންރޯވެ ހެދިގަންނަން ގަސްގަނޑު ބަހައްޓާފައި ފަތްކޮޅު ތަޅާލައި ނިންމާލިހެން މިފަހަރުގެ، މިކަންތަކަށް ހަދައިގެން ނުވާނެއެވެ. ލިޔެކިޔުމެއް ފެންނަން ނެތިއްޔާ ނެތްކަން ހާމަވާން ޖެހޭނެއެވެ. އެކަމުގެ އިހްމާލު ބަޔަކުނަގަން ޖެހޭނެއެވެ. މާފަންނުގައިހުރި ކުލީބައިތެރޭގައި އަދައިގެންދިޔަ ދައުލަތުގެ މުހިންމު ލިޔުންތައްހެން މިފަދަ ލިޔުންތައް ގެއްލި ތާރީޚުން ފޮހެވިގެން ނުވާނެއެވެ. ފަހެ، ދަންނާށެވެ! މީގެހައްލަކީ، ހަމަމިއަދުން ފެށިގެންވެސް ރައީސް މައުމޫނުގެ ދަތުރުތަކަށް ރައީސްއޮފީސް މެދުވެރިކޮށް ދައުލަތުގެ ޚަޒާނާއިން ކުރާޚަރަދުތައް ހުއްޓާލުމެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި އެކިދަތުރުތަކަށް ދައުލަތުގެ އެކިއެކި އިދާރާތަކުން ކުރެއްވި ހުރިހާ ޚަރަދެއްގެ ފުރިހަމަ ތަފްސީލުތައް ރައީސް އޮފީހަށް އެއްކޮށް ޖަމާކޮށްފައި ބެހެއްޓުމެވެ. އަދި މިހާރުގެ ރައީސަށް ވެސް ދައުލަތުގެ އެހެން އިދާރާއަކުން އެއްޗެއް ޚަރަދުކުރެވޭނަމަ ރައީސް އޮފީހުގައި އެހިސާބުތައް އެއްކޮށްފައި ބެހެއްޓެން ޖެހޭނެއެވެ. މިނޫން ގޮތަކަށް އެއްވެސް ރައީސަކަށް ދައުލަތުގެ ފައިސާ ޚަރަދުކުރެވޭނެ އުސޫލެއް އިދާރީ އޮނިގަނޑު ތެރޭގައި ރޭވިފައި އޮވެގެން ނުވާނެއެވެ. ފަހެ، މިފަދަ ނިޒާމެއް މިއަދުން ފެށިގެން ހިންގެން ވާނެއެވެ. ގައިމު ކުރެވެން ޖެހޭނެއެވެ. އެހެންނޫނީ ކޮރަޕްޝަނަށް މަގުފަހިވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަމުރު ނެރެވެން ޖެހޭނެއެވެ. ތަންފީޒުކޮށް ބެލެހެއްޓެން ޖެހޭނެއެވެ. އަދި މިހާތަނަށް މިގޮތަށް ކުރައްވާފައިހުރި ހުރިހާ ޚަރަދެއް ރައީސް އޮފީހަށް އެއްކުރައްވަން ޖެހޭނެއެވެ. ތަފްސީލު ހޯދެންޖެހޭނެއެވެ. ރައީސް މައުމޫނު ކުޅަމިފަދަ ޚަރަދުތައް ބަލާނެ ކޮމެޓީއެއް ރައްޔިތުންގެ މަޖިލީހުން ވީހާއަވަހަށް ނަގަން ޖެހޭނެއެވެ. އަޅުގަނޑު ހަރުއަޑުން އެކަމަށް ގޮވާލަމެވެ. ރައީސް މައުމޫނު ކުރެއްވި މިފަދަ ދަތުރުތަކުގައި އަތޮޅުތެރޭގަޔާއި މަރިޔާދު ގެތަކުގައި ހިންގުނު ނާޗަރަނގީ ކުޅިވަރުތަކުގެ ޚަރަދުތައްވެސް ހިސާބުކޮށް ބެލެވެން ޖެހޭނެއެވެ. އަތޮޅު ރައްޔިތުންނަށް އޮޅުވާލައިގެން އަތޮޅު އެކައުންޓުތަކުން ވެސް ބައެއް އަތޮޅުވެރިން މެދުވެރިވެ މިކަހަލަ ޚަރަދުތައްވަނީ ކުރައްވާފައެވެ. ރައީސް މައުމޫނަށް ރީތިކޮށް މޮޅުކޮށް އިސްތިގުބާލު ކުރެއްވުމުގެ ނަމުގައެވެ. ފަހެ، މިހިރަ މިހިރަކަންތައް ބަލާއި ރައްޔިތުންނަށް ސާފުކޮށް ބަޔާންކޮށް ދޭންޖެހޭނެއެވެ. އޭ! ﷲ އެވެ! މިގައުމަށް އަދުލް ވެރިކަން ގެނެސްދެއްވާށިއެވެ! އާމީން!


Comments