ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 5
- ilyashusein
- Oct 30, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޑިސެންބަރ ގައި.)
އޭ! ދިވެހި ރައްޔިތުންނޭވެ! ދަންނާށެވެ! އެކައުންޓިން އާއި އެކައުންޓަބިލިޓީ، އަދި ބަޖެޓްއުސޫލުތައް ތަންދެނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުން ހަމައެކަނި ކުރައްވަންޖެހޭނީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ބޭނުންވާ ޚަރަދުތައް އެކަނިކަމަށެވެ. ދައުލަތުގެ އެހެން މުއައްސަސާ ތަކުން ކުރަންޖެހޭ ފައިސާއާބެހޭ ކަންތައް އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެކަމެވެ. މިނޫންގޮތަކަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާނަމަ، އެޚަރަދު ކުރެވޭފަރާތަކުން އެފައިސާ އަނބުރާހޯދަން ޖެހޭނެއެވެ. ދައުލަތަށް ލިބިގަންނަން ޖެހޭނެއެވެ. އެފައިސާ ޚަރަދުކުރާ ފަރާތުން އެފައިސާ އަނބުރާ އަތުލައި ބައިތުލްމާލަށް ޖަމާކުރެވެން ޖެހޭނެއެވެ. އަދި ދަންނާށެވެ! އެއްގޮތަކަށްވެސް ނަގުދު ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑެތި ޚަރަދުތައް ހިންގިގެން ނުވާނެއެވެ. ނަގުދު ފައިސާއިން ބޮޑެތި ޚަރަދުތައް ކުރެއްވުމަކީ، ފައިސާގެއްލި ހިސާބުތައް ބެލެހެއްޓުން ވަރަށް އުނދަގު ކަމަކަށް ވާނެކަމެކެވެ. ރައީސް މައުމޫނަށްވެސް އަދި ރައީސް ނަޝީދަށްވެސް އަދި ސަރުކާރުގެ އެއްވެސް އެހެން، ޒިންމާދާރު މީހަކަށްވިޔަސް ނަގުދު ފައިސާއިން މިގޮތަށް ގަނޑުކޮށް ޚަރަދެއް ނުކުރެވޭނެއެވެ. އެއީބޮޑުގޯހެކެވެ. އޮޅުވާލުމަށް ކުރާކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަމާލުކަމަށް މިކަންތައް ގެނެސްދެމެވެ. މިއީއަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަދާ ކުރައްވާށެވެ. ޗުއްޓީ އަވަހަށް ނިންމަވާށެވެ. ކުރަން ބައިވަރު ކަންތައް ކުރިމަތީގައި އެބަހުއްޓެވެ. މިކަންތައް ވީހާއަވަހަށް އެޖެންޑަކޮށް ބައްލަވައި ދެއްވާށެވެ. ފަހެ، މިއީ ރައްޔިތުންގެ ވިންދާގުޅިފައިވާ އަސަރުހުރި ކަމެކެވެ. ރައްޔިތުންނަށް ކުރީސަރުކާރުން ވެފައިވާ އަނިޔާތަކާއި އިހުމާލުތައް ހޯދައި ބެލެން ޖެހޭނެއެވެ.
ފަހެ، ދަންނާށެވެ! ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުންނާއި ފަންޑު އެކައުންޓުން 2002 ވަނައަހަރުން 2005 ވަނައަހަރުގެ ނިޔަލަށް، އެކިފަހަރުމަތިން 7.2 މިލިޔަންރުފިޔާ ނަގުދުފައިސާގެ ގޮތުގައި އަމަންއަމާންކަން ބަލަހައްޓަވާ މުއައްސަސާއެއްގެ އިސްދެބޭފުޅަކާ ހަވާލުކުރައްވާ ފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ވަރަށް ސަރީހަކޮށް އެނގެއެވެ. މީގެތެރެއިން 6.3 މިލިޔަންރުފިޔާ ހަވާލުކުރައްވާ ފައިވަނީ، “ސަރުކާރުގެ ޚާއްސަ ބޭނުންފުޅު ތަކަށް” ކަމަށް ބުނެފައިވެއެވެ. އަދި ބާކީ، 893،075 (އައްލައްކަ ނުވަދިހަތިންހާސް ހަތްދިހަފަސް) ރުފިޔާ ހަވާލުކުރައްވާ ފައިވަނީ، “ސްރީލަންކާގައި ސްޓޫޑެންޓް އެސޯސިއޭޝަނެއް ގައިމުކޮށް ހިންގުމައްޓަކާ” ކަމަށް ލިޔެކިޔުން ތަކުގައި ބުނެފައިވެއެވެ. މިއީ ވަރަށް ބޮޑުގޯހެކެވެ. އޮޅުވާލުމެކެވެ. ސަރުކާރުގެ ޚާއްސަ ބޭނުންފުޅަކަށޭ ކިޔައިގެން ގޮތްނޭނގޭ ގޮތަށް އެއްވެސް ފައިސާއެއް ޚަރަދުކުރެވިގެން ނުވާނެއެވެ. ދައުލަތުގެ ފައިސާ، ނަގުދުން ގަނޑުކޮށް ދެމީހަކާ ނުވަތަ އެހެންގޮތަކަށް ވެސް ހަވާލުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެއެވެ. ފަހެ، މިއީ ކޮށްގެންވާނެ ކަމެއްނޫނެވެ. މިކަންކުރެވޭނެ އެއްވެސް އުސޫލެއް، ހަމައެއް ސަރުކާރުގެ އޮނިގަނޑުގައި ނެތެވެ. ފަހެ، ދައުލަތުގެ އަމާންކަން ބެލެހެއްޓުމުގެ ނަމުގައި ދެމީހަކަށް ނަގުދުފައިސާއިން ގަނޑުކޮށް ފައިސާހަވާލު ކުރާކަށް އެއްގޮތަކަށް ވެސް ނުޖެހެއެވެ. ލަންކާގައި ކިޔަވާކުދިންގެ ޖަމާއަތެއް އުފައްދަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އުޅޭކަށް ނުޖެހެއެވެ. މިހާރުން މިހާރަށް ރައީސް އޮފީހަށް އެންޓި ކޮރަޕްޝަން ބޯޑުންވަދެ މިކަންތައް ބަލަންފަށަން ވެއްޖެއެވެ. ރައީސް މައުމޫނު އޮޑިޓުގެ އުސޫލުތަކާ ޚިލާފަށް، ގެންނަވާފައިވާ ޝާހީޔޮޓުކޮޅު އާރަށުން މާލެގެނެސް ރައީސް އޮފީސް ކުރިމަތީ ފަޅުތެރެއަށް ވެއްދުމަށްފަހު، ރައްޔިތުންނަށް ދައްކާލުމަށް ހުޅުވާލަން ވެއްޖެއެވެ. އަދި ތީމުގެ ވެސް ދެތިން ދުވަހެއްވަންދެން ރައްޔިތުންނަށް ދައްކާލުމަށް ހުޅުވާލަން ވެއްޖެއެވެ.
ފަހެ، މިދެންނެވިގޮތަށް، ރައީސް އޮފީހުން، ފައިސާޚަރަދު ކުރާކަށް ނުޖެހެއެވެ. އެއީރައީސް މައުމޫނު ފައިސާ ދެއްވައިގެން ކުރައްވަން ޖެހޭފަދަކަމެއް ނޫނެވެ. ހަމަކަށަވަރުކޮށް، ގަދަބާރުލާފައި ބުނަމެވެ! މިއީގާނޫނުތަކުން ބޭރުގައި ރައީސް މައުމޫނު ކުރައްވާފައިވާ އަމަލެކެވެ. ބޮޑުޖަރީމާއެކެވެ. މިކަމަކީ، ރައީސްނަޝީދުގެ ސަރުކާރުން އަވަހަށް ބަލަންޖެހޭނެ ކަމެކެވެ. އިންސާފު ގެނެސް ދެއްވާށެވެ! 7.2 މިލިޔަން ރުފިޔާ ހަވާލުކުރެވުނީ، އަމަންއަމާންކަން ބަލަހައްޓަވާ ކިހާވަރެއްގެ ކޮންބަޔަކާކަން މަޖިލީހުން އޮޅުންފިލުވައި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެއެވެ. ފަހެ، ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް މިދެމީހުންނަކީ، ކޮބައިކަމާއި ލަންކާގައި އުފެއްދި ކިޔަވާކުދިންގެ ޖަމްއިއްޔާއަށް ވީގޮތަކާއި މިކަމާގުޅޭ ލިޔުންތައް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެއެވެ. އެގޮތްމިގޮތަށް ރީތިރޭވުންތައް ރާވާއި މިފަދަ ފަސާދައާއި ކޮރަޕްޝަންތައް އޮމާންކޮށް ދޮވެލާއި ސާފުކުރިޔަދީގެން ނުވާނެއެވެ. މިކަންތައް ބަލަންޖެހޭނެއެވެ. އެންޓިކޮރަޕްޝަން ބޭފުޅުން ކޮބައިތޯއެވެ؟ މިކަންތައް އެއްގޮތަކަށް ވެސް ދޫކޮއްލައިގެން ނުވާނެއެވެ. ބެލެވޭގޮތުގައި މިހުންނަނީ ރަށުތެރޭގައި ފަސާދަ އުފައްދަންއުޅޭ، އެކިއެކިފޯސް ތަކަށް ނާޖާއިޒުގޮތުގައި ހޭދަކުރާ ފައިސާއަށް ވުމަކީ، ވަރަށްކާރި ކަމެކެވެ. އޯޕަންބަޖެޓުގައި ފަސާދަކުރުމަށް އުޅުނު އެކިފޯސް ތަކުގެ ގުންޑާއިން މިހާރު އެވާހަކަތައް ތަފްސީލުކޮށް ކިޔައިދެމުން އެބަގެންދެއެވެ. ފަހެ، މިކުޅިވަރު ފެށިފައިވަނީ، 1989 ހާ ހިސާބުގައެވެ. ފުރަތަމަ ފާޅުވިފޯހަކީ އެންދެރި ކޭންޕުންހިންގި ބިންބިފޯހެވެ. މިފޯސް ހިންގަމުން ގެންދިޔައީ، ސީދާގޮތުގައި ގަނޑުވަރާ ގުޅިގެންނެވެ. އެންދެރި ކޭންޕު، އަޑީގައި ފޮރުވިފައި އޮވެގެންނެވެ. މިފޯހުގައި އޮޕަރޭޝަން ލީޑަރެއްގެ ގޮތުގައި މައިދާނުގައި އިސްކޮށްހުރީ، “ވާދޫޑީޑީ” އޭކިޔާބޭފުޅެކެވެ. ވާދޫޑީޑީ އަކީ، ވެރީންނާއި ބިންބިފޯހާ ދެމެދުގައި ހުންނަ ލީޑަރެވެ. ސީދާ ރައީސް މައުމޫނުގެ އޯޑަރަށް ހަރަކާތްތެރިވާ މީހެކެވެ. ސީދާ ގުޅުން، އާދަންޒާހިރާ އެކުގައި ވެސް އޮވެއެވެ. ޔާމީނާވެސް ގުޅޭމީހެކެވެ. ރަށުތެރެއަށް ޑްރަގް ނެރެދޭ މީހެކެވެ. ޑޮކްޓަރ ވަހީދު މެންނަށް މަރުގެ އިންޒާރުސިޓީ ބަހާހެދީ މީނާއިސްކޮށް ހުރެގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ޑޮކްޓަރ ވަހީދުގެ ސެކެޓަރީއަކަށް އޭރުއުޅުނު، ހުދާ ކިޔާކުއްޖާއާ ހިތާވެ، އޭނާއަށް އެތައްބައިވަރު ފައިސާތަކެއް ދީގެން އެމިނިސްޓްރީ ތެރޭގައިވެސް އެތައްކަންތައް ތަކެއް ހިންގިއެވެ. ޑޮކްޓަރ ވަހީދު ބޮލުގައި ބޮޑުތުހުމަތެއް އެޅުވުމަށް ޖަލަށް ފޮނުވީވެސް މީނާއެވެ. މިވާހަކަތައް ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑުވާނީ ދައްކާފައެވެ. މީނާއަށް ރައީސް މައުމޫނުގެ އޯޑަރަށް އެމްއެމްއޭއިން އެތާގައި އޭރުއިންނަވާ، ޚަދީޖާއާބައްދަލުކޮށް ލުމުން އެކިގޮތްގޮތަށް، ފައިސާ ލިބޭކަމަށް ބުނެވެއެވެ. ޑީޑީއަށް އޮންނަނީ އޯޕަން ބަޖެޓެކެވެ. ސީދާ ރައީސް މައުމޫނުގެ ބަސްފުޅު ހުރިހާ ވަގުތެއްގައި ވެސް އޭނާގެ ކަންފަތަށް އަންނަމީހެކެވެ. ކުރީގެ އޮޑިޓަރ ޖެނެރަލް ކުޑަދަހަރާގޭ އަލްމަރުހޫމް އަބްދުއްރަޝީދު މޮޔަވެގެންދާން ޖެހުނު ކަންތައްގަނޑު އޭރުގެ ސަރުކާރުން ހިންގުވީ މީނާ ލައްވައެވެ. މަރުހޫމް އަބްދުއްރަޝީދު ގެންގުޅުއްވި އެފްޕީއައިޑީގެ ލިޔުންތައް ހިމެނޭ ޚާއްސަ އޮޑިޓްފައިލެއް، ދަންވަރު އޮޑިޓްއޮފީސް ހުޅުވައިގެން ބޭރުކުރީ، މިދެންނެވި ވާދޫޑީޑީގެ ބެލުމުގެ ދަށުންނެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދުވަސްވަރު އުޅުނު “ހުދާ” ކިޔާއަންހެން ކުއްޖަކާ ގުޅައިގެން އެމިނިސްޓްރީ ތެރޭގައި ޖާސޫސުކޮށް އިންޒާރުގެ އެކިއެކި ލިޔުންތައް، މިހާރުގެ ނައިބުރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކުގެ މޭޒުމަތީގައި އޭރު، ބަހައްޓާހެދީ ވެސް މިދަންނަވާ ޑީޑީގެ ރޭވުމުންނެވެ. މިކަހަލައެތައް ނުބައިކަންތަކެއް މާލެތެރޭގައި މީނާއިސްކޮށް ހުރެގެން ބިންބިފޯހުން ކޮއްފައިވެއެވެ. މީހުންނަށް މަރުގެ އިންޒާރުދީފައި ވެއެވެ. މިހުރީ ސާފުފަސާދައެވެ. އަޅުގަނޑު މީނާގެ މައްސަލައެއް އެދުވަސްވަރު ތެތްއަތާއެކު ހިފުނުފަހަރެއްގައި މިނިސްޓްރީ އޮފް ޑިފެންސަށް ހުށައެޅީމެވެ. ހަމަވީ އެއްވެސްކަމެއް ނެތެވެ. އަލްފާޟިލް އަންބަރީ އަބްދުއްސައްތާރާއި އަލްފާޟިލް އިސްތަފާ އިބްރާހީމް މަނިކު އެވާހަކަ އައްސަވާފައި ފާޑަކަށް ހީލެއްވުން ނޫންކަމެއް ނުވިއެވެ.
ފަހެ ދަންނާށެވެ! މިއޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ހިމަނުއްވާފައިވަނީ، ވަރަށްމަދު މިންވަރެކެވެ. މިގޮތަށް ދައުލަތުގެ ފައިސާ އެގޮތްމިގޮތަށް ބައްސަވާފައި ހުރިވަރު އިނގޭނީ ރަނގަޅަށް ބެލުމުންނެވެ. އަދިވެސް ރައީސް މައުމޫނު އެގެންދަވަނީ، ދައުލަތުގެ ފައިސާ އަމިއްލަފުޅު ކަންކަމާއި އަމިއްލަޕާޓީގެ ކަންކަމުގައި ބޭނުންކުރައްވަ މުންނެވެ. މިހާރު ހުންނެވީ ދައުލަތުގެ ޚަރަދުގައި ވަޑައިގެން ސިންގަޕޫރުގައެވެ. މަހަކަށްފަހު މާލެވަޑައު ގަންނަވާނެއެވެ. ރައީސް އޮފީހުގެ އޮނިގަނޑާ ވަރަށް ހިމަރޮނގަކުން ގުޅުވާފައިވާ ފާޑެއްގެ ނުސީދާ އޮނިގަނޑެއްގެ ދަށުން ޚަރަދު ކުރެވޭގޮތަށެވެ. ފަހެ، ނުސީދާ މިގުޅުން ހަމަވަގުތުން ކަނޑާލުމަށް ރައީސް އޮފީހަށް އަޅުގަނޑު ގޮވާލަމެވެ. ރައީސް ނަޝީދަށް މިއަޑު އިއްވަމެވެ. އެއްވެސް ޚަރަދެއް ކުރީގެ ރައީސް މައުމޫނަށް ކުރެވެންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަލިބިގެންނެވެ.
ފަހެ، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި 2007 އާއި 2008 ގައި ރައީސް މައުމޫނު އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ތެރެއިން ހަދަތުރެއްގެ ތަފްސީލަށް ބައްލަވާލައް ވާފައިވެއެވެ. އެދަތުރު ތަކަކީ، ހދ، ގދ، ސ، ލ، ބ އަދި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުތަކެވެ. މިދަތުރުތަކުގައި ހިންގާފައިވާ މައިގަނޑު ޚަރަދުތައްކަމުގައި އެރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ މިގޮތަށެވެ. (1) ވައިގެމަގުން ނުވަތަ ކަނޑުގެމަގުން ކުރެއްވި ދަތުރުތަކުގެ ޚަރަދު. (2) ބޮޑީގާޑާއި ކޯސްޓްގާޑުން ދެމުންގެންދިޔަ ސަލާމަތީ ޚިދުމަތްތަކުގެ ޚަރަދު. (3) ވަޑައިގަންނަވާ ރަށްރަށުގައި ބޭނުންކުރައްވާ ކާރުކޮޅާއި ޓްރާންސްޕޯޓު ޚަރަދު. (4) ހުންނެވުމާއި ފަރިއްކޮޅުގެ ޚަރަދު. (5) އަރިހުގައި ގެންދަވާ ބޭފުޅުންނަށް ހިނގާޚަރަދު. (6) އެހެނިހެން ޚަރަދުތަކެވެ. ފަހެ، މިއޮޑިޓުގައި ބަލައިލެވުނު ރަސްމީ ކަންތައްތަކުގެ އިތުރުން ކޮންމެ އަތޮޅެއްގައިވެސް ދިވެހި ރައްޔިތުންގެޕާޓީ (ޑީއާރުޕީ) ގެ ހަރަކާތްތައް ހިންގަވައި އެކަމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި ވާކަން ފާހަގަ ކުރެވިފައި ވެއެވެ. މީގެތެރޭގައި ޑީއާރުޕީގެއޮފީސް ހުޅުވައި ދެއްވުމާއި ޕާޓީގެއާންމު ބައްދަލުވުންތައް ރާވައި އޭގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި ޑީއާރުޕީގެ މެންބަރުންނައި ބައްދަލުކުރެއްވުން ހިމެނެއެވެ. މިގޮތުން މިހުރިހާ އަތޮޅުތަކެއްގައި ވެސް ޑީއާރުޕީގެ ހަރަކާތްތަކަށް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މިއީ އެއްގޮތަކަށްވެސް ޑީއާރުޕީގެ ޒައީމެއްގެ ގޮތުގައި ވެރިކަމާ ހަވާލުވުމުގެ ކުރިންކުރެއްވޭނެ ކަމެއްނޫނެވެ. އެއްވެސް އިންތިޚާބަކާނުލާ ޑީއާރުޕީން ރާއްޖޭގެ ވެރިކަމާ އެއްދުވަހުވެސް ހަވާލެއްނުވެ ވޭނެއެވެ. ޑީއާރުޕީ ވެރިކަންކުރާޕާޓީ ކަމުގައި ހަމަޖެއްސީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށެވެ. ފުރަތަމަ މިކަން އިއުލާނު ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އޮނަރަބްލް އިސްމާއީލް ޝަފީއުއެވެ. މިއީ އޭނާކުރައްވާފައިވާ ބޮޑުކުށެކެވެ. މިކަން މިގޮތަށް ކުރައްވައިގެން އެއުޅުއްވީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބައެއްގެ ރުހުމާއި ވިސްނުމާ މުޅިންޚިލާފަށެވެ. ޑީއާރުޕީއޭކިޔާ ސިޔާސީޕާޓިން އަދި ރާއްޖޭގެ ވެރިކަމާ ހަވާލެއްނުވެއެވެ. އެއްވެސް އިންތިޚާބަކާ ނުލައި ރާއްޖޭގެ ވެރިކަމުގެ ބާރުތައް ޑީއާރުޕީގެ ނަމުގައި ބޭނުންކުރުމަކީ، ގާނޫނު އަސާސީއާއި ގާނޫނުތަކާ މުޅިންޚިލާފަށް ރައީސް މައުމޫނު ކުރެއްވި ބޮޑުކުށެކެވެ. ޖަރީމާއެކެވެ. އެކަމުގެދައުވާ ރައީސް މައުމޫނާ ކުރެވެން ޖެހޭނެއެވެ. ޑީއާރުޕީގެ ނަމުގައި އަތޮޅުތަކުގެ ތެރޭގައި ކުރެއްވިހުރިހާ ކަމަކަށްވާ ފައިސާ ޑީއާރުޕީގެ ފަރާތުން ދައުލަތުގެ ބައިތުލްމާލަށް ނެގެންޖެހޭނެއެވެ. ލިބެންޖެހޭނެއެވެ. އަދި ދައުލަތުގެ ސިޔާސީ މަގާމުތައް ވީހާއަވަހަށް އެމްޑީޕީ އިއްތިހާދުގެ މަގާމުތަކަކަށް ބަދަލުކުރެވެން ޖެހޭނެއެވެ. ސިވިލް ސާވިސް ކޮމިޝަނުން ހުރަސް އަޅާނަމަ ސަރުކާރުން އެފަދަ މަގާމުތައް އުވާލައްވައި ސަރުކާރަށް މިވަގުތައް ބޭނުންވާ ވަޒީފާތަކުގެ މަގާމުތައް އުފެއްދި ދާނެއެވެ. އޭރުން އެކޮމިޝަނަށް ހެދޭނެ ގޮތެއް، ދެއްކޭނެ ގަދައެއް ނޯންނާނެއެވެ. ޖެހޭނީ އާމަގާމުތަކަށް މީހުންދޭށެވެ. ދައުލަތުގެ މަގާމުތައް ކަނޑައަޅާނީ އެއިރެއްގެ ސަރުކާރުންނެވެ. ފަހެ، ސަރުކާރު ހިންގުމަށް ސަރުކާރުން އުފައްދަވާ ކޮންމެ މަގާމެއް ސިވިލް ސާވިސުން ބަލައިގަންނަން ޖެހޭނެއެވެ. މުވައްޒަފުން ހަމަޖައްސަވައި ދެއްވަން ޖެހޭނެއެވެ. މިހާރުގެ ސަރުކާރުން މިފަދަކަންތައް ކުރުން ލަސްވެގެންދާތީ ހިތާމަކުރަމެވެ. އަނިޔާ ލިބިފައި އޮންނަ މިނިކާވަގަށް ފަރުވާކުރަން ނުހަދާށެވެ. އެނބުރި ދަތްއަޅާފާނެއެވެ.
ފަހެ ދަންނާށެވެ! އެކައުންޓިންއާއި އެކައުންޓަބިލިޓީގެ އަސްލުއުސޫލަށް ބަލާއިރު މިގޮތަށް އަތޮޅުތަކަށް ރަސްމީގޮތުން ކުރައްވާ ދަތުރުތަކުގައި ޑީއާރުޕީގެ ހަރަކާތްތަކަށް އެކަށީގެންވާ ވަރުގެބޮޑު ސަމާލުކަމެއް ދެއްވާފައިވާތީ، ރަސްމީދަތުރުފުޅު ތަކަށް ހިނގާފައިވާ ޖުމްލަޚަރަދުގެ ބައިކުޅަބައެއް ޑީއާރުޕީގެ ހަރަކާތްތަކަށް އެކަމެއްގެ ނިސްބަތުން ކަނޑައަޅުއްވައި މިފައިސާ ޑީއާރުޕީގެ ފަރާތުން ދައުލަތުގެ ޚާޒާނާއަށް ދައްކަން ޖެހޭނެއެވެ. އަތުލެވެން ޖެހޭނެއެވެ. މިއީ ކުރެވެންޖެހޭނެ އިންސާފެކެވެ. ރައީސްމައުމޫނުގެ ރަސްމީ ދަތުރުފުޅުތަކަށް ހިނގިޖުމްލަ ޚަރަދުތައް ހިސާބު ކުރައްވައި ކަނޑައެޅުއް ވުމުގައި ގެންގުޅެން ޖެހޭނެ މިންގަނޑާއި އުސޫލުތަކަކީ، ރައީސް މައުމޫނަށް ދައުލަތުން އަރުވާ ސަލާމަތީ ޚިދުމަތްތަކުގެ އަގު އުނިކުރެއްވުމަށް ފަހު، ދެންހިނގާފައިވާ ހުރިހާ ޚަރަދުތަކުގެ ޖުމްލަ ހޯއްދެވުމަށްފަހު، އެޖުމްލަ ޚަރަދުގެ ބައިކުޅަބައެއް ޑީއާރުޕީގެ ހަރަކާތްތަކަށް އެކަށައަޅުއްވައި، އެފައިސާ ޑީއާރުޕީން ދައުލަތަށް އަނބުރާ ދައްކަން ޖެހުމެވެ. ނެންގެވުމެވެ. މިކަން އޮންނަންވާނީ މިހެންނެވެ. މިއީ މައާފު ކުރެވޭނެ އެއްޗެއްނޫނެވެ. ސަލާމަތީ ޚިދުމަތްތަކަކީ، ބޮޑީގާޑުންގެ ޚަރަދާއި ކޯސްޓްގާޑުގެ ސަލާމަތީ ޚިދުމަތްތަކެވެ. މީގެއިތުރުން ހިނގާފައިހުރި ޚަރަދުތަކުގެ ބައިކުޅަބައެއް ޑީއާރުޕީން އަތުލެއްވުމަކީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި މިހާރުގެ ސަރުކާރުގެ ޒިންމާއެކެވެ. މިފައިސާ ހޯއްދެވުމަށްފަހު، ބައިތުލްމާލަށް ޖަމާނުކުރެ ވިއްޖެނަމަވާނީ، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ރައީސް މައުމޫނު ބޭނުންކުރެއްވި ކަމަށެވެ. އެއީ ބޮޑުވެގެންވާ ޖުރުމެކެވެ. ކުށެކެވެ. ސުލާޝިރާޒު “އަންނާރު ދިޔަ” ފަދަވާހަކަތައް ހަދަހަދައިގެން ގައުމީޓވީތަކުގައި ދެއްކިޔަ ނުދެއްވާށެވެ! އޭ! ﷲ އެވެ! ރައީސް މައުމޫނުގެ ސަރުކާރުން ނަހަމަގޮތުގައި އެކިފަރާތް ތަކަށް، ބައްސަވާފައިވާ ރައްޔިތުންގެ ހައްގު ފައިސާތައް އަނބުރާ ބައިތުލްމާލަށް ލިބޭނެގޮތް މެދުވެރިކޮށް ދެއްވާށިއެވެ! މިހާރުގެ ސަރުކާރަށް އެކަން ހިންގުމުގެ ހިތްވަރާއިވާގި ދެއްވާށިއެވެ! އާމީން!


Comments