top of page

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 4

  • Writer: ilyashusein
    ilyashusein
  • Oct 30, 2009
  • 4 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ނޮވެމްބަރ ގައި.)

އޭ! ލޮބުވެތި ރައްޔިތުންނެވެ! ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ބަހަކީ ފަހުބަހެވެ. މިއީ މުޅިދުނިޔޭގައި އަމަލުކުރާ އެންމެރީތި އަދި އެންމެ މޮޅުގޮތެވެ. ބެސްޓްޕްރެކްޓިސެވެ. އެބަހުގެ މައްޗަށް ބަހެއްބުނެވޭނެ މީހަކުދެނެއް ނުހުންނާނެއެވެ. ރައީސް މައުމޫނަށް ވިޔަސް ވަރިހަމައެވެ. އަދި މިހާރުގެ ރައީސްނަޝީދު ވިޔަސް ވަރިހަމައެވެ. ފަހެ، ގަދަކަމުން އެއްވެސް ކަހަލަ އިންތިޚާބަކާނުލައި ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޑީއާރުޕީއަށް ވިޔަސް ވަރިހަމައެވެ. ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އައިޝަތު އާޒިމާޝަކޫރަށް ވިޔަސް ވަރިހަމައެވެ. އަދި ޕީޕަލްސް އެލަޔަންސްގެ ލީޑަރ އޮނަރަބްލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވިޔަސް ވަރިހަމައެވެ. ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލް އެއަދާ ކުރައްވަނީ، އޭނާގެ ވެރިފަރާތް ކަމުގައިވާ ދިވެހި ރައްޔިތުން އޭނާއާ ހާވާލުކުރި ވަރަށް ޒިންމާދާރު މާތްވެގެންވާ މަސައްކަތެކެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނަށް ތާއީދުކުރާ ބައިގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ނުވެސް އޮންނާނެއެވެ.

އާދެ! ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަމުގައި ހުރެވޭނެ މުއްދަތު ފާޅުކޮށް އެނގިގެންހޮވޭ ރައީސުންނަކީ، އެއްގޮތަކަށް ވެސް ހިލޭއެހީގެ ގޮތުގައި ބައިތުލްމާލުން ފައިސާ ދޫކުރެވޭނެ، އަދި ދޫކުރަންޖެހޭނެ ޝަޚުޞެއްނޫނެވެ. ދުނިޔެ ގަބޫލުކުރާ މިކަހަލަ ރީތިހަމަތަކާ ޚިލާފަށް ގަނޑުކޮށް ފައިސާގެ އެހީތައް ހިތުހުރިގޮތަށް ބަހާވެރިންނަކީ، އެމީހުންގެ ބާރާއިނުފޫޒު ފެތުރުމަށް ނާޖާއިޒުކަންތައް ރާވައިގެންހިންގާ އަނިޔާ ވެރިންނެވެ. ޒާލިމުންނެވެ. ގައުމުގައި ފިތުނަ އުފައްދާ މީހުންނެވެ. ފަހެ، މިއީ ސާފުފަސާދައެވެ. ޑިމޮކްރެޓިކް ވެރިކަމެއްގައި އެލަވަންސް ދެއްވުމާއި އެހެނިހެން ފައިސާގެ އެހީތައް ފޯރުކޮށްދޭނީ އެކަމަށް ހެދިފައިހުންނަ ޚާއްސަ އިދާރާތަކާއި މުއައްސަސާތަކުން އެތަންތާގެ ބަޖެޓަށް އެފަދަ ކަންކަމަށް ޚާއްސަކުރެވިފައި ހުންނަ ފައިސާއިންނެވެ. މިނޫންގޮތަކަށް ރައީސުލް ޖުމްހޫރިއްޔާއޭ ކިޔާފައި، އެލަވަންސާއި އެހެނިހެން ފައިސާގެ އެހީތައްދިނުމަށް ހެދިފައިހުންނަ އުސޫލުތަކާ ޚިލާފަށް ނަހަމަގޮތުގައި ދޫކޮށްފައިހުރި ފައިސާތަކަކީ، އަނބުރާ އަތުލެވެން ޖެހޭނެ ރައްޔިތުންގެ މިލްކު ފައިސާއެވެ. ރައީސް އޮފީހުން ބޮޑެތި ޕްރޮޖެކްޓްތައް އިއުލާނުކޮށް ބީލަމަށްލާ ހަދައިގެން ނުވާނެއެވެ. އެކަން ކުރަންވާނީ، ދައުލަތުގައި އެކަމަށް ޚާއްސަ ކުރެވިފައިހުންނަ މުއައްސަސާ ތަކުންނެވެ.

ފަހެ، ދަންނާށެވެ! 2004 ން 2007 ވަނަ އަހަރުގެ ނިޔަލަށް ރައީސް މައުމޫނު، ހިލޭއެހީ ދެއްވާފައިވަނީ ދައުލަތުގައި މިކަމަށް ގެންގުޅުއްވި އުސޫލުތަކާ މުޅިން ޚިލާފަށެވެ. ނަހަމަގޮތުގައެވެ. ބޭއިންސާފަށެވެ. ހަމައެކަނި މިދެންނެވި ތިންއަހަރު ދުވަހު، 15.6 މިލިޔަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ބެއްސެވުމަށް ޚަރަދު ކުރައްވާފައި ވެއެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި މިވަނީ ހަމައެކަނި މިދެންނެވުނު ދުވަސްކޮޅުގެ ވާހަކައެވެ. އެންމެތިންއަހަރު ދުވަހުގެ ވާހަކައެވެ. އޭގެކުރީގެ ވާހަކަތައް އަދިއޮތްގޮތަށް އޮތީއެވެ. އެބައިތައް ދުވަހަކުވެސް ބެލޭނެހެނެއް ހިޔެއްނުވެއެވެ. ފަހެ، ރައީސް މައުމޫނު ހިލޭއެހީ ދެއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ޖަމްއިއްޔާތަކަށާއި މަތީތައުލީމު ހާސިލްކުރުމަށާއި އޮޑިދޯނިފަހަރާއި ގެދޮރުމަރާމާތު ކުރުމަށާއި ވިޔަފާރިއަށާއި ނޫސްވެރިކަމަށް ދެއްވާ ހިލޭއެހީއާއި ޚާއްސައެހީތައް އެރިޕޯޓުގައި ފާހަގަކުރައްވާފައި ވެއެވެ. މިރޮނގުން ގަނޑުކޮށް ފައިސާދެއްވުމުގައި އެއްހާސް ރުފިޔާއާއި އެއްމިލިޔަން ރުފިޔާއައި ދެމެދުގެ ބޮޑެތި އަދަދުތަކަށް ހިލޭއެހީގެ ގޮތުގައި، ރައްޔިތުންގެ ފައިސާ އަމިއްލަ ފަރާތްތަކަށާއި ކުލަބު ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށް ބައްސަވާފައި ވެއެވެ. މިދެންނެވި އެއްމިލިޔަން ރުފިޔާ ދެއްވާފައިވަނީ، 2003 ވަނައަހަރު އަމިއްލަ ޖަމްއިއްޔާ އަކަށެވެ. 2003 ވަނަ އަހަރަކީ، ރިޔާސީވޯޓުގެ އަހަރެއްކަން މިތަނުގައި ފާހަގަކޮށްލަން ޖެހެއެވެ.

ފަހެ، ދަންނާށެވެ! އެއްވެސް ހާލެއްގައި މިއީ ބައިތުލްމާލުން ރައްޔިތުންގެ ފައިސާ ބަހާހުސް ކުރެވޭނެ ގޮތެއްނޫނެވެ. ވެރިމީހާއަށް ބައިތުލްމާލު ތެރެއަށް އަތްބޭނިގެން ނުވާނެއެވެ. މިފަދަހިލޭ އެހީތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެއްވަމުން ގެންދިއުން މިހިނދުން މިހިނދަށް ޖެހޭނީހުއްޓާ ލައްވާށެވެ. އިތުރަށް މިކަހަލަކަމެއް ކުރެވިގެން ނުވާނެއެވެ. ފަހެ، މިއިސްލާހަކީ، މިއަދުންފެށިގެން ތަންފީޒުވާންޖެހޭ ކަމެއްގެގޮތުގައި ބަލައިގަތުމަށް ދަންނަވަމެވެ. ދައުލަތުގައި މިފަދަކަންކަމަށް އުފެދިފައި ހުންނަ މުއައްސަސާތަކުން އެތަންތާގެ ބަޖެޓުގައި ހިމަނުއްވައިގެން މިފަދަފައިސާ ދެއްވާގޮތަށް ބަދަލުކޮށް އެތަންތަނުން މުސްތަގުބަލުގައި މިމަސައްކަތް ކުރައްވާގޮތަށް ހަމަޖެއްސުމަށް މާލިއްޔަތު ކޮމެޓީއާދިމާއަށް އިނގިލިދިއްކޮށް، އިޝާރާތްކޮށް ދަންނަވަމެވެ. ވަގުތުން މިފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ. ފަސްނުޖެހޭށެވެ. ލަސްނުކުރާށެވެ. އަޅުގަނޑު މެންނަށް މިފަދަ ކަންތައްތައް ހަދާންކޮށް ދެވޭނެއެވެ. ތަންފީޒު ކުރެއްވުންއޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅު މަތީގައެވެ. މިފުރުސަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮނަރަބްލް އަހްމަދުމުއިޒުގެ އަޑެއްބަޑެއް ނީވޭތީ ހިތާމަކުރަން ޖެހެއެވެ. ފަހެ އޭނާގެ ދައުރަކީ، ފެންނަންޖެހޭ މުހިންމު ދައުރެކެވެ.

ފަހެ، ދަންނާށެވެ! މިރޮނގުން އެންމެގޯސްކޮށް ދެއްވާފައިވާ އެއްއެހީއަކީ، އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލާ ފާތިމަތުޝީރީނަށް ގޭގެކުލި ދެއްކުމަށް ރައީސްމައުމޫނު ދެއްވާފައިވާ، 711،000 (ހަތްލައްކަ އެގާރަހާސް) ރުފިޔާއެވެ. މިފައިސާއަކީ، ޝީރީނުގެ ގެކޮޅު އިމާރާތްކުރުމުގެ މަސައްކަތް ނިމެންދެން ދިރިއުޅުއްވާނެ ތަނެއް ކުއްޔަށް ހިފުމުގެ އެހީއެއްގެ ގޮތުގައި، 2001 އޮކްޓޯބަރ 1 ން 2007 ޑިސެންބަރ 31 ގެ ނިޔަލަށް މަހަކު ނުވަހާސް ރުފިޔާގެ ރޭޓުން، އަދި 2007 ޖެނުއަރީ 1 ން 2007 ޑިސެންބަރ 31 ގެ ނިޔަލަށް ކޮންމެމަހަކު ބާރަހާސް ރުފިޔާގެ ރޭޓުން ދެއްވާފައިވާ ފައިސާއެވެ. ފަހެ، މިފައިސާއަކީ، 2007 ޑިސެންބަރ 31 ގެ ނިޔަލަށް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ ތެރޭގައި، މާލޭގައި ގޯތިގެދޮރުނެތް ބޭފުޅުންނަށް ރެންޓް އެލަވަންސް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެއްވަމުން ގެންދަވާފައި ވާތީ، އެއުސޫލައި މުޅިންޚިލާފަށް ރައީސް މައުމޫނު އަމިއްލަފުޅަށް، ޝީރީނުގެ ފިރިކަލުން އޮނަރަބްލް މުހަންމަދު ހުސައިންގެ އަމިއްލަ ބިލްޑިންގެއް މާލޭގައި ހުއްޓައި ނުސީދާކޮށް ދެއްވާފައިވާ ފައިސާއެކެވެ. މިއީ ރައީސް މައުމޫނަށް ހުއްދަލިބިގެންވާ ކަމެއްނޫނެވެ. ދެވޭނެ ފައިސާއެއް ނޫނެވެ. ފަހެ، ޝީރީނަށް ދެއްވަމުން މިގެންދެވި ނަގުދުފައިސާ ދެއްވުން ހުއްޓާލެއްވީ، މިނިސްޓަރުން ނަށާއި ސްޓޭޓް މިނިސްޓަރުންނަށް، 2008 ޖެނުއަރީ 1 ން ފެށިގެން މަހަކު ފަނަރަހާސް (15000) ރުފިޔާގެ އެލަވަންސެއް ހަމަޖައްސައި ދެއްވަން ފައްޓަވާފައެވެ. މިއެލަވަންސް މިގޮތަށް ދޫކުރެއްވިއިރު ޝީރީނާއި މުހަންމަދު ހުސައިން، މިދެމަފިރިންގެ ގެދޮރު މާލޭގައި އެބަހުއްޓެވެ. މިއީ އެންމެން ދަންނަކަމެކެވެ. ފަހެ، މިއެލަވަންސް ރައީސް މައުމޫނު ދެއްވާފައިވަނީ، ޝީރީނުގެ ގެކޮޅު ހެދެންދެން ދިރިއުޅުއްވުމަށް ތަނެއް ކުއްޔަށް ހިފުމަށް އެހީތެރިވެ ދެއްވުމުގެ ގޮތުންކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ހައަހަރަށްވުރެ ދިގުމުއްދަތަށް މިފައިސާ މިނަމުގައި ރައީސް މައުމޫނު ދެއްވަމުން ގެންދެވުން، އެއީ މާލޭގައި އަމިއްލަގެދޮރުނެތް މިނިސްޓަރުންނަށް ރެންޓްއެލަވަންސް ދެއްވަމުން ގެންދެވި އުސޫލަށްފެތޭ އުސޫލެއް ކަމުގައި އޮޑިޓަރ ޖެނެރަލް ގަބޫލެއް ނުކުރައްވައެވެ. އަދި އަޅުގަނޑުމެން ރައްޔިތުންވެސް ގަބޫލެއް ނުކުރަމެވެ. މިފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުމަކީ، މިހާރުގެ ރައީސް ނަޝީދުގެ ސަރުކާރުން އަވަހަށް ކުރަންޖެހޭނެ ކަމެކެވެ. ލަސްވާތީ ހިތާމަކުރަން ޖެހެއެވެ. ރައީސް މައުމޫނަށް މަޖިލީހުގެ ރުހުމެއްނެތި ރައީސް އޮފީހުން މިހާރު ދެއްވަމުން ގެންދަވާ ނުސީދާ އެހީތައް ވަގުތުން ހުއްޓާލައްވަން ޖެހޭނެއެވެ. އަޑުއިވޭ ގޮތުގައި ސިންގަޕޫރުގައި ހުންނަވައިގެން މިހާރުވެސް ބިލްތައް ފޮނުއްވަނީ، ރައީސް ނަޝީދުގެ އާސަރުކާރަށެވެ. އެންމެފަހުގެ ޚަބަރަކީ، އަލްފާޟިލް އާދަމްނައީމާއި ކައްކާނެ މީހަކާއި މޭޒުމައްޗަށް ވަތްކުރާނެ މީހެއް ފޮނުވައި ދެއްވުންއެދި މިހާރުވަނީ، ރައީސް ނަޝީދު އަރިހުން އެދިވަޑައި ގެންފައެވެ. މިފަދަ ކަންތައް މަޖިލީހުގެ ރުހުމެއްނެތި މިހާރުގެ ރައީސް ނަޝީދު ކޮށްދެއްވައިގެން ނުވާނެއެވެ. އެއީ ކޮރަޕްޝަންނޫން ދެވަނަ ދޭއްޗަކަށް ނުވާނެއެވެ. މިފަދަ ކަންތައް ނުކުރެއްވުމަށް އާސަރުކާރަށް ގޮވާލަމެވެ. ރައީސް ނަޝީދަށް ވެސް މިޒާތުގެ ކަމެއް ކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.

ފަހެ، އެކިފަރާތްތަކަށް ބަހާފައިވާ ފައިސާތައް މާލިއްޔަތު ކޮމެޓީން ޚާއްސަ މައްސަލައެއްގެ ގޮތުގައި ބައްލަވައި އަނބުރާ ދައުލަތުގެ ބައިތުލްމާލަށް ހޯއްދަވައި ދެއްވުންއެދެމެވެ. މިއީ ލިބެންޖެހޭނެ ފައިސާއެކެވެ. ރައްޔިތުންގެ އެއްޗެކެވެ. ވީހާއަވަހަށް ރީތިގޮތުގައި މިފައިސާ ނަންނަގަވައި ދެއްވުން އެދެމެވެ. އަދި އެފައިސާ ޖަމާކުރެވިއްޖެ ކަމުގެލިޔުމެއް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި ދެއްވާށެވެ. މިއީލަސްކުރެވެން އޮތްކަމެއްނޫނެވެ. އަޅުގަނޑުމެން މިފަދައަޑުތައް އުފުލާނަމެވެ. ރައްޔިތުންނަށް ހުށަހަޅާނަމެވެ. ހަނދާންކޮށް ދޭނަމެވެ. ރައްޔިތުންގެ އެދުމަށް، މިހާރު މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި މެންބަރުން މިކަންތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުއްވުމުގައި ފަހަތަށް ޖެހޭނަމަ، 2009 ފެބްރުއަރީގައި ފަށަންޖެހޭ އާރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މެންފަދަ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަންކެރޭ މީހުންނަށް، މަޖިލީހުގެ މެމްބަރުކަން ދެއްވުމަށް ތައްޔާރަށް ތިއްބަވާށެވެ. ދިވެހި ދައުލަތުން މިފަދަ ފަސާދަތައް ޖެހޭނީ ފޮހެލާށެވެ. ނައްތާލާށެވެ. އިސްލާހުކުރާށެވެ. ހެޔޮމަގަށް އަޅުވާށެވެ.

ފަހެ، ދަންނާށެވެ! ލޮބުވެތި ރައްޔިތުންނެވެ! ދިވެހިރާއްޖޭގައި ރައީސްމައުމޫނުގެ ބާރާއިނުފޫޒު އަދިވެސް ދެމެހެއްޓުމަށްޓަކައި ޕްރޮޕެގެންޑާ ހިންގައިދޭބައެއް ދުވަހުނޫސްތަކަށް ނަގުދުފައިސާއިން ދެއްވަމުން ގެންދަވާ ހިލޭއެހީ ހަމަމިއަދުން މިއަދަށް ހުއްޓާލަން ޖެހެއެވެ. ހަވީރުނޫހަށް ފަސްހާސްރުފިޔާ މަހަކު، އާފަތިސްނޫހަށް މަހަކު ފަސްހާސް ރުފިޔާ، އަދި މިއަދުނޫހަށް މަހަކު، ފަނަރަހާސް ރުފިޔާ ދެއްވަމުން ގެންދަވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައި އެބައޮތެވެ. އާދެ! އޮޑިޓަރ ޖެނެރަލް ވިދާޅުވާގޮތުގައި މިރިޕޯޓުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަތްޕުޅަށް ފުރިހަމަ ހެކިތަކާއެކު ފޮނުއްވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވޭނެއެވެ. ވީއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ގެނެސް އަވަސްގޮތެއްގައި މިކަންތައް ނިންމިދާނެއެވެ. ފަހެ، ނުސީދާކޮށް ގަނޑުކޮށްދެވޭ ހިލޭއެހީއެއް ގޮތުގައި ބައިތުލް މާލުން ރައްޔިތުންގެ ފައިސާ މިގޮތަށް ފާޅުކަންބޮޑު ގޮތަކަށް ހިލޭބަހާ ހައްދަވައިގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަން ކުރިއެރުމުމަށް ދެއްވާ އެއްޗެއްނަމަ، އެކަން ކުރައްވަންވާނީ، ބަޖެޓުގައި ހިމަނުއްވައިގެން އެކަމާގުޅޭ ޚާއްސަ އިދާރާއިން ހުރިހާނޫސްތަކަކަށް އެއްވަރަށް ހަމަހަމަވާ ގޮތަށެވެ. އިންސާފަށެވެ. ސިޔާސީޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރައްވާފަދަ އުސޫލަކަށެވެ. އެނޫންގޮތަކަށް މިކަންކޮށްގެން ނުވާނެއެވެ. ފަހެ، މިކަމަކީ، މިއަދުން މިއަދަށް ހުއްޓާލަން ޖެހޭކަމެކެވެ. މާލިއްޔަތު ކޮމެޓީން ވަރަށްއަވަހަށް އަމުރެއް ނެރެދެއްވަން ވީއެވެ. އަދި މިމައްސަލަތައް ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭނެއެވެ. ޝަރީއަތަށް ގެންދަން ޖެހޭނަމަ، އެކަންވެސް ކުރަންޖެހޭނެއެވެ. ރައީސް ނަޝީދުގެ ޚާއްސަ އަމުރަކުން، މިކަމަށް ގޮވާލައްވަން ވެއްޖެއެވެ. ލަސްނުކުރައްވާށެވެ. އަދި މިކަމަށް ޚާއްސަ ކޮމެޓީއެއް ނަންގަވަން ވެއްޖެއެވެ. ހެޔޮނުވާނެއެވެ! މިކަންތައް ކޮށްދެއްވާށެވެ. އަވަސް ކުރައްވާށެވެ. މިއީ ރައްޔިތުންގެ އަޑެވެ. ވިންދެވެ. އިހްސާސެވެ. އިޖާބަ ދެއްވާށެވެ. ދިވެހި ދައުލަތުގައި އިންސާފު ގައިމުކުރުމުގެ ވަގުތު ޖެހިއްޖެއެވެ. އިސްލާހުކުރުމަކީ، ﷲގެ ބިމުގައި ﷲގެ ހުކުމްހިންގާއި އަދުލް އިންސާފު ގައިމުކުރުމެވެ. އަޅަމެންނަށް އިސްލާހުގެ ހެޔޮމަގު ހައްގުގޮތުގައި ދައްކަވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page