ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓް ރިޕޯޓަށް ބަލާލުމެއް – 3
- ilyashusein
- Oct 30, 2009
- 4 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ނޮވެމްބަރ ގައި.)
އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ކުރިން ދެންނެވި ގޮތްތަކުގެ އިތުރަށް ސީދާ، ރައީސްމައުމޫނު، ރައީސްއޮފީހުގެ ބަޖެޓުންވެސް ލޯނުދޫކުރައްވާފައި އެބަހުއްޓެވެ. އެންމެ ހިތާމަވެރި ކަމަކީ، މިފަދަލޯނުތައް ރައްޔިތުންގެ ފައިސާއިން، ނަގުދުފައިސާގެ ގޮތުގައި ބައްސަވާއި ދޫކުރެއްވިއިރު، އެއްވެސް ފައިދާއެއްނުލައި އެއްވެސްކަހަލަ އިންޓަރެސްޓެއްނެތި ދޫކުރައްވާފައި ވާތީއެވެ. ހިލޭ ބައްސަވާފައި ވާތީއެވެ. ރައްޔިތުންގެ ފައިސާއިން މުއާމަލާތެއް ކުރެވެންޖެހޭނީ ވިޔަފާރި އުސޫލުންނެވެ. ފައިދާއެއް ވާގޮތަށެވެ. އަދި މިފަދަ ވިޔަފާރިއެއް ކުރެވެންޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރިގޮތަށެވެ. އެނޫން ގޮތަކަށް ހަމައެކަކަށްވެސް ރައްޔިތުންގެ ފައިސާގައި އަތްލެވިގެން ނުވާނެއެވެ. 2003 ން 2006 ވަނައަހަރުގެ ނިޔަލަށް ރައީސް މައުމޫނުގެ އޮފީހަށް ދޫކުރައްވާފައިވާ ބަޖެޓުން އެއޮފީހުގެ ބައެއް މުވައްޒަފުންނަށާއި ރައީސް މައުމޫނުގެ ސަރުކާރުގައި ހިމެނުނުބައެއް އިސް މަވައްޒަފުންގެ ތެރެއިން ހަތްމީހަކަށް 2.1 މިލިޔަން ރުފިޔާގެ ނަގުދުފައިސާ ދޫކުރައްވާފައި އެބަހުއްޓެވެ. ފަހެ، މިހަތް ލޯނުގެ ތެރެއިން ހަލޯނަކީ، އެއްވެސް ފައިދާއެއް ނުނަގާގޮތަށް، އިންޓަރެސްޓް ފްރީކޮށް، ހަތަރުއަހަރާއި ހައަހަރާދެމެދުގެ މުއްދަތަކަށް ދޫކޮއްފައިހުރި ލޯނުތަކެވެ. މިއީ މަތީތައުލީމު ހާސިލުކުރުމަށް ދެވިފައިހުރި ލޯނުތަކެވެ. މީގެތެރެއިން އެއްލޯނަކީ، ފަނަރައަހަރުގެ މުއްދަތަށް ގެދޮރު އިމާރާތްކުރުމަށް އެންމެ ހަޕަސަންޓް އިންޓަރެސްޓާއެކު ދޫކުރައްވާފައިވާ ލޯނެކެވެ. 2003 ން 2008 ށް ފެށުނު ރިޔާސީ ދައުރަކީ، ތަރައްގީއާއި އިމްރާނީގޮތުން ބިނާކުރުމުގެ ފަސްއަހަރު ކަމަށް އެދުވަސްވަރު ރައީސް މައުމޫނު ވަރަށް ގަދައަޑުން ވިދާޅުވެފައި ވެއެވެ. އެފަހަރު ރިޔާސީ ކެމްޕޭންކުރެއްވީ އެޝިއާރުގެ ދަށުންނެވެ. ފަހެ، މިފެންނަނީ އެވިދާޅުވި ތަރައްގީއާއި ބިނާކުރުމުގެ ބިއްދަށުގައި ފޮރުވިފައި ހުރިބޮޑެތި ސިއްރު ތަކެވެ. އެވިދާޅުވި ތަރައްގީއާއި އިމްރާނީގޮތުން ބިނާކުރުމުގެ ގަދަފަސްއަހަރު ތެރެއިންލާފައި އެދުވަސްވަރު ފެނިގެންދިޔައީ، ސަރުކާރުގެ އެންމެމަތީ ފަންތީގެ ބޮޑުންގެ ގެތައް އެތައްބުރި ބުރިއަށް ހިއްލިގެން ދިޔަތަނެވެ. އަރައިގެން ދިޔަތަނެވެ. އާދެ! އެފަސްއަހަރުގައި އިމްރާނީ ތަރައްގީ ބިނާކުރެއްވި ގޮތް މިހާރުވެސް މާލޭގެ މަގުތަކުގައި ހިނގާލުމުން ފެންނަން އެހެރީއެވެ. އޭރާއި މިހާރުވެސް ރައީސް މައުމޫނަށް ވާގިވެރިވެދީ، އަދި ވާގިވެރިވަމުން ގެންދާ ބޮޑުންގެ އުސްއިމާރާތްތައް ނަގާކޮޅަށްޖެހީ ސަރުކާރުން ލިބޭއާމްދަނީންތޯ ބަލަން ޖެހެއެވެ. ނުވަތަ އެހެންގޮތަކަށް ހޯދާފައިވާ ފައިސާ އަކުންތޯ ވެސް ބަލަންޖެހެއެވެ. ފަހެ، މިއީ ރައްޔިތުން ވިސްނާއި ފިކުރުކުރަންހުރި ބޮޑެތި މުހިންމު ކަންކަމެވެ. އެއްގޮތަކަށް ވެސް ދޫކޮށްލެވިގެންވާނެ ކަންކަމެއްނޫނެވެ.
ފަހެ، ދަންނާށެވެ! 2007 ޑިސެންބަރ 31 ގެނިޔަލަށް ރައީސްމައުމޫގެ އޮފިހުން ދޫކުރެއްވި، މިދެންނެވި ލޯނުތަކުގެ ބާކީއަކީ، 1،660،869 (އެއްމިލިއަން ހަލައްކަފަސްދޮޅަސް ހާސް އައްސަތޭކަ ފަސްދޮޅަސް ނުވަސަތޭކަ) ރުފިޔާއެވެ. ފަހެ، މިލޯނުތަކުގެ ތެރޭގައި އެއްވެސް ގޮތަކަށް ފައިސާ ދައްކަމުން ނުގެންދާ ލޯނުއެބަހުއްޓެވެ. އެފަދަ މީހުންނާމެދު އެގްރީމެންޓްގައި ވާގޮތަށް ފައިސާހޯދުމަށް އެޅުއްވޭނެ އެއްވެސް ފިޔަވަޅެއް ރައީސް މައުމޫނަށް ފެނިފައެއް ނެތެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކުރައްވަން ކެރިވަޑައި ނުގެންނެވީ، އެމީހުން ގާތުގައި ވިދާޅުވެވިފައި ހުރިހެޔޮބަސް ތަކުންނެވެ. އެހެންވުމާއެކު، ވެރިކަމުން ވަކިވާދުވަހަކު އެހެންބައެއް މިފައިސާ ހޯދުމުގެ މަސައްކަތުގައި އުޅުމަށް ދޫކޮށް ލައްވައިގެން ހުންނެވީ ހަމަ ގަސްދުގައެވެ. އެއީ ހައްޓަށް އެންމެފަސޭހަ ގޮތެވެ. އަދި މަރުވުމާ ހަމައަށް މިގޮތަށް ދެންމިއްޖެނަމަ އެއީ އެންމެލުއި ގޮތެވެ. މިހާރުގެ ސަރުކާރުން ރައީސް ނަޝީދު މިކަންކަން ނުބައްލަވައިފި ނަމަ، ރައީސް މައުމޫނުގެ މަގްސަދު ހާސިލުކުރެއް ވުނީއެވެ. ރައީސް މައުމޫނަށް މިދުނިޔެމަތީގައި އެންމެހެޔޮ ކަންތައް ކޮށްދެވުނީއެވެ. މިހާރުވެސް ރައީސް މައުމޫނު އެހުންނެވީ ގަވާއިދާޚިލާފަށް “ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް” ނަމުގައި ރައީސް އޮފީހުގެ އޮނިގަނޑު ތެރެއިން އޮފީހެއް އަމިއްލަފުޅަށް ހައްދަވައި، ރައީސް އޮފީހުގެ ބަޖެޓުން އެއޮފީހަށް ޚަރަދުކުރައްވާ ގޮތަށް މިހާރު ދިރިއުޅުއްވާ ގެކަމުގައިވާ މާފަންނު އަލިވާގޭގައި ނާޖާއިޒުކޮށް އޮފީހެއް ހައްދަވައި ގެންނެވެ. މިއޮފީހަށް މަދަދުދެއްވަނީ، މިހާރުގެ ރައީސްނަޝީދެވެ. ހީވަނީ ކޮޅުބުނގައި އިނގިރޭސިންނާއެކު ވެވިފައިވާ ވަޢުދެއް ފުއްދަވަނީ ހެންނެވެ. މިފަދަ ގޮތަކަށް ވަކިއޮފީހެއް، ކުރީގެ ރައީސަކަށް ހިންގެންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގެންނެވެ. އެކަމަށް ގާނޫނެއް ފާސްކުރުމަށް ފަހުގައެވެ. އެނޫންގޮތަކަށް މިފަދަ އޮފީހެއް ހިންގިޔަ ދެއްވުމަކީ، ރައީސްނަޝީދު ކުރައްވައިގެން ވާނެ ކަމެއްނޫނެވެ. އެފަދަ އޮފީހެއް ރައީސް އޮފީހުންބޭރުގައި ހިނގަމުންދާނަމަ، ހަމަ ވަގުތުން އުވާލައްވަން ޖެހޭނެއެވެ. ދައުލަތުގެ ބަޖެޓުން އެކަމަށް އެއްގޮތަކަށް ވެސް ޚަރަދުކުރައްވައިގެން ނުވާނެއެވެ. ފަހެ، ކުރީގެރައީސްގެ ނަމުގައި އޮފީހެއް ހިންގުމާއި އިންތިޚާބަކާނުލާ ދަގަކަމުން ވެރިކަންހިންގި ޑީއާރުޕީ ސަރުކާރަށް ނިސްބަތްވާ ހުރިހާސިޔާސީ ބޭފުޅުންނަށް ވެސް ޖެހޭނީ، ވަޒީފާއިން ވަކިކުރެއްވިކަމުގެ ޗިޓުފޮނުއްވާށެވެ. އެހެންނޫނީ ސިޔާސީގޮތުން ކޮޅު ބަދަލު ކުރައްވާށެވެ. ނުވަތަ ސިވިލް ސަރވިސްއަށް ބަދަލުވާށެވެ. މިކަންކަމަށް ފަސްޖެހެންވީ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. މިހުރީ ކޮންމެހެން ވެސް ކުރައްވަން ޖެހޭނެ ކަންތަކެވެ.
ފަހެ، ދަންނާށެވެ! އޮޑިޓް ރިޕޯޓުތަކުން މިފެންނަނީ، ވަރަށްމަދު މިންވަރެކެވެ. ގިނަކަންތައް ހުންނާނީ އޮމާންކޮއްފައެވެ. ފޮރުވާއި ރީތިކޮއްފައެވެ. މިއީ މިކަންކަން ރަނގަޅު ކުރުމަށާއި އެއޮފީސްތައް ހަރުދަނާކުރުމަށް މިނިވަން އިދާރާއަކުން އަދާކުރާ ވަރުގަދަ ޒިންމާއެކެވެ. އަންގާ އެންގުމެކެވެ. ވަކިބަޔަކު ހާލާކުކޮއްލާއި ނެތިކޮއްލުމަށް ކުރާޒާތީކަމެއް ނޫނެވެ. ހަމައެކަކު ވެސް މިގޮތަށް މިކަން ދެކިގެން ނުވާނެއެވެ. އަދި މިއީ ވަކިބަޔަކު ރީތިކޮށް، ސާފުކޮށް އޮމާންކުރުމަށް ކުރާކަމެއްވެސް ނޫނެވެ. ރާއްޖޭގައި މީގެކުރިން މިކަހަލަ ކަންތައްތައް ކޮއްފައި ހުރިގޮތްތައް މިހާރުހަދާން ނައްތާލަން ވެއްޖެއެވެ. މިހާރު ރާއްޖެ މިދަތުރުކުރަނީ، އެކާވީސްވަނަ ގަރުނުގެ އަޑިއެނގޭ ތަރައްގީގެ ތެރެއަށެވެ. ބަދަލުތައް އަންނާނެއެވެ. ބަދަލުތައް ފެންނާނެއެވެ. ތިބިގޮތަށް ބޯދާކަންމަތީގައި ތިބެވޭކަށް ނޯންނާނެއެވެ.
ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ހިމަނާފައި އެހެރީ ދެންހަމަ ހާމަނުކޮށް ނުވާނެ މިންވަރަށް ވަރަށްމަދު ކަންތަކެއްކަން ކަށަވަރެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ފުނިފުންޏަށް ފައިލްތަކުގައި ހެކިތަކާއި ދަލީލުތައް ފޮރުވިފައި ހުންނާނެ މިންވަރު މިރިޕޯޓުތަކުން ވަޒަންކޮއްލެވެއެވެ. އަދި ދަންނާށެވެ! އޮޑިޓަށް ނުފެންނާނެގޮތަށް އެތައްކަމެއް އޮމާންކޮށް ރީތިކޮއްފައިވެސް ހުންނާނެއެވެ. އޮޑިޓަރުންނަށް އޮފީސްތަކުން އަތުލައިގަނެވެނީ ވަރަށްނަހަމަކޮށް ހިންގާފައި ހުންނަބޮޑެތި ކަންތަކެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވާ ގޮތުގައި މިއީ ރިސްކްބޭސްޑް އޮޑިޓެކެވެ. މުހިންމު ކަންތައްތައް ބެލުމުގެ އޮޑިޓެކެވެ. ކޫސަނިކަންކަން ބެލުމުގެ އޮޑިޓެއްނޫނެވެ. މިޒަމާނުގައި ގިނަކަންތައް ފެންނަން ހުންނާނީ ވަރަށް އޮމާންކޮށް ރީތިކޮށް ނިންމާފައި ހުއްޓައެވެ. ފަހެ، ސަރުކާރުގެ އޮފީސްތަކަކީ، ލޯނުދޫކޮށް ރައްޔިތުންގެ ފައިސާތައް އަމިއްލަ ސިޔާސީ ބޭނުންތަކުގައި ސަރުކާރުގެ އިސްވެރިންނަށް ފެންނަގޮތަކަށް ބަހާއި ލޯނުދޫކުރުމަށް ހުރިތަންތަނެއް ނޫނެވެ. މީގެހަމައެކަނި ހައްލަކީ، ސަރުކާރުގެ އޮފީސްތަކުން ފައިސާބެހުމާއި ލޯނުދޫކުރުން، ވަގުތުން ވަގުތަށް ހަމަމިހާރު ހުއްޓާލުމެވެ. ރައްޔިތުންނަށް ލޯނުދޫކުރާނީ އެކަމަށް ޚާއްސަކުރެވިފައި ހުންނަ މުއައްސަސާ ތަކުންނެވެ. ގައުމީ ބޭންކުތައް މެދުވެރިކޮށެވެ. އަދި މިދެންނެވި ލޯނުތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ފައިސާ ދައްކަމުން ނުގެންދާ ލޯނުތައް އަނބުރާ ހޯދުމަކީ، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ގޮތެއްނިންމާއި ވަރަށްއަވަހަށް ފިޔަވަޅު އަލުއްވަންޖެހޭ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރެއް މިކަމުގައި އެބައޮތެވެ. މާލިއްޔަތު ކޮމެޓީގެ ބޮޑުޒިންމާއެއް އެބައޮތެވެ. މިފުރުސަތުގައި އެކަން އަޅުގަނޑު ހާމަކޮށްލަން ބޭނުމެވެ. ރައްޔިތުންގެ އިސްލާހީ ހަރަކާތުގެ އެދުމަކީ، އަވަހަށް މިފަދަ އިސްލާހުތައް އައުމެވެ. ރައްޔިތުންނަށް ވީހާއަވަހަށް އިންސާފު ލިބުމެވެ.
އޮޑިޓަރ ޖެނެރަލްގެ ޒިންމާ އަދާކުރެއްވުމައި އެއްގޮތަށް އޮޑިޓްއޮފީސް ބެލެހެއްޓުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. މާފަންނު މަޖީދީމަގުގައި ކުރިންހުރި ކުލީބައި ކިޔާތަނަކަށް ސަރުކާރުގެ ލިޔެކިޔުންތައް ވެއްދިތާ މާގިނަދުވަހެއް ނުވަނީސް އެތަން އަދާހުލިވެގެން ދިޔަމަންޒަރު ވަރަށް ގިނަބަޔަކު ދެކޭނެއެވެ. އަދި ހަދާން ހުންނާނެއެވެ. މުލިއާގޭންނާއި ތީމުގޭންނާއި ރައީސް އޮފީހުންނާއި އާރަށުން ބައެއް ލިޔުންތައް ނައްތާލެވުނު ވާހަކައެއްވެސް ވަރަށް ފަހުން އިވިގެންގޮސްފައި ވެއެވެ. އެފްޕީއައިޑީގެ ރިޕޯޓުތައްވަނީ އެކިމީސްމީހުންގެ އަތްދަށުވެފައެވެ. ގެއްލިފައެވެ. ވަގަށްނަގާފައެވެ. އަމިއްލަ ތަރިކައަކަށް ހަދާފައެވެ. ސިއްރު ސިއްރުން، މިހާރު ނިޔާވެފައި ވާމީހަކު އެރިޕޯޓުގެ އަސްލުކޮޕީއެއް އަޅުގަނޑު އާދޭސްކޮށް ގަތުމުން، އަޅުގަނޑު ބަލާލަން ދައްކާލިއެވެ. ފަހެ، ރާއްޖޭގެ ކާރިމާޒީއަށް ބަލައިލިޔަސް ފެނިފައި އޮތީއަނދިރި ނާމާންކަމެކެވެ. ރާއްޖޭގެ ތާރީޚުގައި ފައިސާއާގުޅިގެން ހިންގިއެންމެބޮޑު ފަސާދައަކީ އެފްޕީއައިޑީގެ ފައިސާގެ ފަސާދައެވެ. މަޝްހޫރު މިފަސާދާގައި ހައްޔަތުކުރެވުނު މީހުންޖަލުގައި ތިބެގެން ސިއްރުން ސައްލާކުރި އަޑުތައް ރެކޯޑުކުރެވިފައިވާ ޓޭޕުރޯލެއްގެ މައްސަލައިގައި އަޅުގަނޑަށް ވަނީ އެތައް އަނިޔާއެއް ދޫނިދޫޖަލަށް ގެންގޮސް ކޮށްފައެވެ. އޭރުގެ އެސްޓީއޯގެ ވެރިޔާ އޮނަރަބްލް އިލްޔާސް އިބްރާހީމާއެކު އެމައްސަލާއިގައި ބަންދުކުރެ އަލްފާޟިލް އަބްދުއް ސައްތާރު (ސަޓޯ) ޖަލުގެ ގޮޅީގައި ހުންނަވައިގެން ދެއްކެވި ވާހަކަތައް މިހާރުވެސް އިވެން އެހުރީއެވެ. އަޅުގަނޑުއަތުން ފުލުހުން އަތުލިރޯލް އޮތްތާކު އޮންނާނެއެވެ. ބައެއް ދިވެހިން އަތުގައި މިހާރުވެސް އެބަހުއްޓެވެ.
ފަހެ، އެރިޕޯޓާ ގުޅިގެން ކުރީގެއޮޑިޓަރ ޖެނެރަލެއް ކަމުގައިވާ ކުޑަދަހަރާގޭ އަލްމަރްހޫމް އަބްދުއްރަޝީދު މޮޔަވެ، އަވަހާރަވެ ދިޔައީ ވަރަށް ނިކަމެތި ހާލުގައި އުޅުއްވުމަށް ފަހުގައެވެ. ފަތިސްވަގުތު ތަކުގައި ދެކުލައިގެ ދެއިސްޓާކީނަށް އަރުއްވައިގެން ފިހިގަނޑެއް ހިއްޕަވައިގެން ގޭދޮށުމަގުމަތި ކުނިކަހަން ހުންނަވައިގެން ދައްކަވާ ވާހަކަތައް އަޅުގަނޑު އަޑުއެހީމެވެ. ބޮޑަށް އަޅުގަނޑާ އެދުވަސްވަރު ދައްކަވަނީ، ގުރުއާނުން އާޔަތްވިދާޅުވެފައި ރައީސްމައުމޫނުގެ އަނިޔާވެރި ވާހަކަތަކެވެ. އާދެ! އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބިންބިފޯހުގެ ލީޑަރެއް، އެއޮފީހުގެ އަންހެންކުއްޖެއް މެދުވެރިކޮށްގެން ރޭގަނޑެއްގައި ވަގަށްވަދެ، އަބްދުއްރަޝީދުގެ ކޮޓަރިކޮޅުގައި ހުންނަމޭޒުގެ ވަތްގަނޑު ހުޅުވައިގެން އެފްޕީއައިޑީއާގުޅޭ އެމަނިކުފާނު ގެންގުޅުއްވި ވަރަށް ޚާއްސަފައިލެއް ވަގަށްނަގާފައި ވެއެވެ. އެފައިލު ގެންގޮސް ވެދުމަށް އެރުވީ އެމަސައްކަތް ކޮށްދިނުމަށް ބިންބިފޯހުގެ ލީޑަރާހަވާލު ކުރެއްވި ވެރިޔާގެ އަތްޕުޅަށް ކަމަށްވެއެވެ. ފަހެ، ބިންބިފޯހުގެ މިމީހަކީ، އޭރުސީދާ ރައީސް މައުމޫނައި ވާހަކަދެއްކޭ ފެންވަރުގައި އަބަދުވެސް ހުންނަ މީހެކެވެ. އަދި މީނާއަކީ، ކެމެރާއެއްގެ ތުހުމަތުގައި ބަންދުކުރެވުނު މީހެއްކަމަށް ހަދާފައި، 1990 ވަނައަހަރު މާލެތެރޭގައި ބިންބިފޯހުން ހިންގިއަލިފާނުގެ ހާދިސާތަކުގައި ބަންދުކުރެވުނު ކުދިންގެ ތެރެއަށް ޖަލަށް، ވަރަށް މުހިންމު މަސައްކަތެއް ހަވާލުކޮއްފައި ފުނުވިމީހާއެވެ. އޭނާ އެކުދިންނާއެކު ޖަލުގައި ހުރެގެންކުރި މަސައްކަތަކީ، ޑިމްސް ބިލްޑިންގައި ތަންތަނުގައި އަލިފާންރޯކުރި ކުދިންނަށް މާލެތެރޭގައި އަލިފާންރޯކުރަންވީ ތަންތަންބުނެދީ، ރާވައިދިނީ، މިހާރު ދިވެހި ދައުލަތުގެނައިބު ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނެވި ޑޮކްޓަރ މުހަންމަދުވަހީދު ހަސަންމަނިކު ކަމަށް ތަހުގީގުގައި ބުނެދިނުމަށެވެ. އެހެނަސް އެކުދިންނަށް ތަހުގީގުގައި އެހާބޮޑު ދޮގެއްހަދަން ނުކެރިގެން އެކަން އެގޮތަށް ނުކުރެވުނީއެވެ. ފަހެ، އެހިސާބުން އެޕްލޭން ފެއިލްވީއެވެ. ޖަލުގައި ބަހައްޓަ ބަހައްޓާފައި އޭނާ، މާލެގެނެސް ދޫކޮށްލީއެވެ. މިއީ އޭރުގެ (ޕޮލިސް ކޮމިޝަނަރަރ) އާދަމްޒާހިރު ރާވައިގެން ކުރެއްވި ކަމެކެވެ.
އާދެ! މިހާރުގެ އޮޑިޓަރ ޖެނެރަލް، 2008 އޮކްޓޯބަރ 23 ވީބުރާސްފަތި ދުވަހު، އެދެއްވި ބަސްދީގަތުމުން އޮނަރަބްލް އިބްރާހީމް ނައީމަކީ، ފަޚުރުވެރި ދިވެހިދަރިއެއްކަން ރައްޔިތުންނަށް ހާމަކޮށްދީފިއެވެ. ސާބިތު ވެއްޖެއެވެ. އަޅުގަނޑުމެން ދިވެހިން ހިތުގެއަޑިން އެކަން ގަބޫލުކުރަން ޖެހޭނެއެވެ. ޝުކުރު ވެރިވާން ޖެހޭނެއެވެ. ހަމަގައިމުވެސް އަޅުގަނޑު އެކަން ގަބޫލުކުރަމެވެ. ޝުކުރު ވެރިވަމެވެ. ނައީމަށް އައްސަރިބަހާއި ސާބަހެވެ. އޭ! ﷲ އެވެ! ދިވެހިންގެ ތެރޭގައި ނައީމްފަދަ އަޒުމްވަރުގަދަ ކެރޭދިވެހިދަރީން އިތުރަށް ލައްވާށިއެވެ! އާމީން!


Comments