ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 2
- ilyashusein
- Oct 30, 2009
- 4 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ނޮވެމްބަރ ގައި.)
ފަހެ، ދަންނާށެވެ! މިދުވަސްވަރު މިފަދަމުހިންމު ރިޕޯޓަކަށް އަލިއަޅުވާލުމަކީ، ވަރަށްބޭނުންތެރި ޒަރޫރީކަމެކެވެ. މިރިޕޯޓަކީ “ޓައިމްބޮމެއް” ކަމުގައި ރައީސް މައުމޫނުވަނީ ވިދާޅުވެފައެވެ. އެއީ އެފަދަބޮމަކަށް ވަނީނަމަ އެބޮންވަނީ އެމަނިކުފާނުގެ ކުރިމަތީގައި ގޮވާފައެވެ. ރިޔާސީ ގަނޑުވަރު ތީމުގެއާއި އާރަށްވަނީ، ސުމެއްގެ ދަރަޖައިގެ ހުސްބިމަކަށް ބަދަލުވެފައެވެ. މަނިކުފާނުގެ ހުވަފެނުންވެސް ގެއްލިފައެވެ. ފަހެ، މިރިޕޯޓު ނުކުތްދުވަހުން ފެށިގެން، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމް މ.ރަންދޯދި، ގެ މަގާމުން ވަކިކުރުމައްޓަކައި ފިނޑި މަސައްކަތްތަކެއް ސިޔާސީދެޕާޓީ ކަމުގައިވާ ޑީއާރުޕީއާއިޕީއޭ ގުޅިގެން ވަނީކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ މައްޗަށް މަގާމާއެކަށީގެން ނުވާގޮތަށް އަމަލު ކުރައްވާފައި ވާތީއޭބުނެ ތާކުންތާކު ނުޖެހޭ ދޮގު ތުހުމަތުތަކެއް ބޮލުގައިވަނީ އަޅުވާފައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީން ހުށަހެޅީ އެދެޕާޓީއަށް ނިސްބަތްވާ 19 މެންބަރުން ސޮއިކޮށް، ގާނޫނުއަސާސީގެ 218 ވަނަމާއްދާގެ ދަށުންކަމަށް ހާމަކޮށް ބަޔާން ކުރަމުންނެވެ. ފަހެ، މިއީ ވަރަށް ހެއްވާކަމެކެވެ. މުޑުދާރު އަމަލެކެވެ. ރައީސްކަމުން ވަކިކުރުމުންވެސް ދައުލަތުގެ ނިޝާންޖަހައިގެން ބަޔާންތައް ނެރުން ކަހަލަ ހެއްވާކަމެކެވެ. އަދި ސިޔާސީ ކުލަޖެހިފައިވާ ޒާތީކަމެކެވެ. ރިޕޯޓް އެކުލަވާލައްވާނެ މިންވަރަކާއި ރިޕޯޓުގެ ރަހައާއިވަސް މީރުކުރައްވާނެ މިންވަރެއް އެނގިވަޑައި ގަންނަވާނީ ސީދާ، އޮޑިޓަރ ޖެނެރަލަށެވެ. ދެވަނަ އެހެން ފަރާތަކަށް ނޫނެވެ. ރައީސް މައުމޫނަކަށް ނޫނެވެ. ސިޔާސީ ކަންތައްތަކެއްގެ ރޫހަށް ތަބާވާގޮވާލުމެއް ކަމަށްބުނެ، އެއްވެސްބަޔަކަށް ނުވަތަ އެއްވެސް ސިޔާސީޕާޓީ އަކަށް ވިޔަސް، އެރިޕޯޓާދެކޮޅަށް އެއްވެސް ކަހަލަ އަޑުތަކެއް އުފުލިގެން ނުވާނެއެވެ. ސިޔާސީ ގޮވާލުމެއްގެ ގޮތުގައި އަމިއްލަފައިދާއަށް އެރިޕޯޓަކީ، އޮއްޓަރު ހުރިރިޕޯޓެއް ނޫނޭބުނެ އޮޑިޓަރ ޖެނެރަލް ބަދުނާމުކުރުމުގެ ހައްގެއް، އެއްވެސް ސިޔާސީޕާޓީއަކަށް ނޯންނާނެއެވެ. އަދި އެއްވެސް ފަރުދަކަށްވެސް ނޯންނާނެއެވެ. އެއީ ވަރަށް މުސްތަގިއްލު މުއައްސަސާއެކެވެ. އަމިއްލަ މިނިވަންކަން ލިބިގެންވާ އިދާރާއެކެވެ. “މިވެނިކަމެއް މިހެންވެފައިވާނަމަ، މިވެނިގޮތަކަށް އަމަލުކުރަންޖެހޭނޭ” ބުނުމުގެހައްގު އޮޑިޓަރ ޖެނެރަލަށް ލިބިގެންވާނެއެވެ. އޮޑިޓަރ ޖެނެރަލަށް ފެނިވަޑައި ގަންނަވާ މިންވަރަށް އެރިޕޯޓުލިޔެ ހާމަކޮއްފައި އެވަނީ، އޭނާބެއްލެވި ބެއްލެވުމުން އެކަށީގެންވާ ދަލީލާއި ހެކިތައް ލިބިފައި ހުރުމުންނެވެ. އަތުގައި އޮއްޓަރު ހުރެގެންނެވެ. ދަލީލާއި ހެކިތައް ހުރެގެންނެވެ. މިފަދަރިޕޯޓެއް ހައްދަވައި އެރިޕޯޓުގެ ރަހައާއިވަސް މީރުކުރައްވާނީ، އެހިންދަކަށް އޮޑިޓަރ ޖެނެރަލަށް ފެނިވަޑައި ގަންނަވާ މިންވަރަކަށެވެ. ހުރިހާ ވާހަކަތަކެއް ހެއްކާއި ދަލީލާއެކު ރިޕޯޓުގައި ލިޔުއްވާކަށް ނުޖެހެއެވެ. އެފަދަގާނޫނީ ހައިސިއްޔަތަކުން ބާރުލިބިގެން ކުރައްވާ ކަންކަމާގުޅިގެން އެއްވެސް ސިޔާސީ ޕާޓީއަކަށް ފާޑުކިޔުމުގެ ހައްގުލިބިގެނެއް ނުވާނެއެވެ. އެއްވެސް އިންތިޚާބަކާނުލާ ރާއްޖޭގެވެރިކަމަށް ގަދަބާރުން ވެރިވެގަނެގެން އުޅުނު، ޑީއާރުޕީއަށް ވިޔަސް އެކަން އޮންނާނީ އެހެންނެވެ. އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅުގެ ޕީޕަލްއެލަޔަންސަށް ވިޔަސް ވަރިހަމައެވެ. އެކަންއޮންނަން ވާނީ، ހަމައެހެންނެވެ. ފަހެ، އޮޑިޓަރ ޖެނެރަލަށް ލިބިގެންވާ ފުރިހަމަ އިޚްތިޔާރުގެ ދަށުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ މިފަދަ ރިޕޯޓަކާގުޅިގެން ގާނޫނުއަސާސީއާ ހަވާލާދީ، އެނާ މަގާމުން ވަކިކުރުމަށް ސިޔާސީ ހަރަކާތެއް ވަކިވައްތަރެއްގެ ދެޕާޓީއަކުން ހިންގާއި މަސައްކަތް ކުރުމަކީ، އެއްވެސްކަހަލަ އޮއްޓަރެއްހުރި ކަމެއްނޫނެވެ. އާރުލާކަމެއް ނޫނެވެ. ޒާތީހަސަދަ ފިލުވުމެކެވެ. ފިތުނަފަސާދަ އުފެއްދުމެވެ. ކަނޑައެޅިގެން ސިޔާސީ ރޫހެއްގައި ހިންގޭ ވަރަށްޒާތި ކަމެއްކަން ކަށަވަރެވެ. ސިޔާސީޕާޓީތަކުގެ ރޫހަކަށް ވާންވާނީ، މިފަދަރިޕޯޓުތައް މިނިވަން އިދާރާތަކުން ނެރުމުން، އިތުރަށް ތަހުގީގުކޮށްބަލާއި ސަރުކާރުހިންގުން ވަރުގަދަކުރުމަށް ބާރުއެޅުމެވެ. އަދި އެރިޕޯޓުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމެވެ. އެހެނަސް ރައީސް މައުމޫނު ހެއްދެވީ އެހެނެއްނޫނެވެ. ކުޅުއްވީ އަމިއްލަ ޒާތީ ކުޅިގަނޑެކެވެ.
ފަހެ ދަންނާށެވެ! މިރިޕޯޓަކީ، އޮޑިޓަރ ޖެނެރަލް ކޮންމެހެން ކުރައްވަންޖެހޭ ޒިންމާއެއް އަދާކޮށް އެމަސްއޫލިއްޔަތު އުފުއްލެވުމުގެ ގޮތުން ރައްޔިޔުންނަށް ހާމަކޮއްދެއްވި ވަރަށްމުހިންމު ރަސްމީ ލިޔުމެކެވެ. ދައުލަތުގެ މިލްކެކެވެ. ފަހެ، އެރިޕޯޓަށް އެއްވެސްގޮތެއް ހަމައެކަކަށް ވެސް ހެދިގެން ނުވާނެއެވެ. ދެންފަހެ، މިސިލްސިލާގެ ފުރަތަމަބައި އަޅުގަނޑުވާނީ، ނިއޫދިވެހި އޮބަޒާވަރާއި ސަންދާނުގައި މިހާރު، ޝާއިއުކޮށްފައެވެ. ރައްޔިތުންނަށް ވިސްނައިދީ ހޭއެރުވުމުގައި އެދެފަރާތުން ކުރައްވާ ބުރަމަސައްކަތަށް މިހިނދު ފަށްފަށުން ޝުކުރުވެރިވަމެވެ. ބޮޑުޝުކުރިއްޔާއެއް އަރިސްކުރަމެވެ. އާދެ! ރައީސް މައުމޫނު ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ނަންގަވައިގެން ބެއްސެވި ލޯނުތައް ރައްޔިތުންގެ ތެރެއިންލިބުނު ބައެއްބޭފުޅުން ފައިސާ ނުދައްކާ ތިއްބެވީ، ރައީސްމައުމޫނު ހެޔޮފުޅުކަމުން އިނާޔަތެއްގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާފައިސާގެ ލޯނުތަކެއް ކަމުގައި ދެކޭތީއެވެ. އަދި ހިތުގެއަޑިން އެގޮތަށް ގަބޫލުކުރެވިފައި ވާތިއެވެ. ފަހެ، އާދޭސް ދެންނެވުމުން ލޯނުފައިސާ ލިބުނުބޭފުޅުންގެ ވިސްނުމާއި ފިކުރަކީ މިއެވެ. އަދި އެބޭފުޅުން ދެކެނީ، އެލޯނުތަކަކީ، ރައީސް މައުމޫނު އެބޭފުޅުންނަށް ހަދިޔާކުރެއްވި ފައިސާގެ ބޮޑުއެހީއެއް ކަމަށެވެ. އެއްގޮތަކަށްވެސް އެއީ، ބައިތުލްމާލަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމުގައި ނުދެކެއެވެ. އެއީ ދައްކަންޖެހޭ އެއްޗެއްކަމުގައި އެއްގޮތަކައްވެސް ހިތައްއަރާފައެއް ނެތެވެ. ހަގީގަތަކީވެސް މިއީއެވެ. ފަހެ މިފައިސާ ދެއްވަނީ، ރައްޔިތުން ލައްވާއާދޭސް ކުރުވުމަށްފަހު، ހަމްދަރުދީ އާއި ކުލުނު ލިބިގަތުމަށް ރައީސް މައުމޫނު ކޮށްދެއްވި މާސިންގާ ބޮޑުކަމެއްގެ ގޮތުގައެވެ. އޭގެ ބަދަލެއްގެ ގޮތުގައެވެ. މިކަންތަކާހެދި ހުރިހާގެއްލުމަކާއި ދެރައެއް ލިބެންޖެހުނީ، ފައިސާ ބޭނުންކުރި މީހުންނަށެވެ. ގާނޫނުތައް ބުނާގޮތުން މިގޮތަށް ބެނުންކުރެވޭ ދައުލަތުގެ ފައިސާއަކީ، އަނބުރާ ބައިތުލްމާލަށް ލިބެންޖެހޭނެ ރައްޔިތުންގެ އެއްޗެކެވެ. ރައްޔިތުންގެ ހައްގެކެވެ. ޝަރީއަތް މެދުވެރިކޮށް ކޮންމެވެސް ގޮތަކުން މިފައިސާތައް ދައުލަތަށް ލިބެންޖެހޭނެއެވެ. ބައިތުލްމާލަށް ވަންނަން ޖެހޭނެއެވެ. ފަހެ، މިފައިސާ ދައުލަތަށް އަނބުރާނަގާނީ، ފައިސާބޭނުންކުރި ފަރާތުންތޯ ނުވަތަ ފައިސާ ބެއްސެވި ފަރާތުންތޯ ނިންމާނީ، ޝަރުއީކޯޓުން އިއްވާ ހުކުމަކުންނެވެ. ރައްޔިތުންނަށް އިންސާފު ގެނެސްދޭނީ، ދައުލަތުގެ އަދާލަތީ އިޚްތިޔާރު ލިބިގެންވާ، ފަރާތްކަމުގައިވާ އަދުލް އިންސާފުގެ ބާރުންނެވެ. ރައީސް އޮފީހަކުން ނޫނެވެ. ޑީއާރުޕީއަކުން ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޑީއާރުޕީއަށް ނިސްބަތްވާ، 19 މެންބަރުންނެއް ނޫނެވެ. މިހާރު އޭގެތެރެއިން އަށްމެންބަރުން ވަނީ ބޭރުކޮށްފައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ މިފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް ވީހާއަވަހަށް ފަށަންވެއްޖެއެވެ. ރައީސް ނަޝީގެވެ! ރައްޔިތުންނަށް މިކަންކޮށް ދެއްވާށެވެ. ކުރީގެ ޚީޔާނާތުގެ ކަންތައް ބައްލަވައި ދެއްވާށެވެ.
ފަހެ ދަންނާށެވެ! އަޅުގަނޑަށް އެނގިގެން ހަމަގައިމުވެސް މިކަން މިގޮތަށް ހިނގާފައި އެބަހުއްޓެވެ. މިކަހަލަ ލޯނެއްނެގި މީހަކަށް އަންނަކޮންމެ ސިޓީއެއްގެކޮޕީ އަޅުގަނޑަށް ފެނެއެވެ. ރައީސް މައުމޫނު ހެޔޮފުޅުކަމުން ދެއްވާފައިވާ ހަދިޔާގެ ފައިސާކޮޅަކަށްވާތީ، އެމައްސަލަ ވަނީ ޝަރުއީކޯޓުން ވެސް ކުރިޔަށް ނުގެންދެވިފައެވެ. ގިނަފަރާތްތަކުން މިލޯނުތައް ބަރާބަރަށް އަދާ ކުރައްވަމުން ނުގެންދަވަނީ، ހަމައެކަނި މިސަބަބާ ހުރެއެވެ. ފަހެ، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފިހުން މިހާރު ބަލަހައްޓަވަމުން ގެންދަވާ ލޯނުތަކަށް ބަލާއިރު 2008 އޮގަސްޓް 31 ގެ ނިޔަލަށް ނުދައްކާހުރި ލޯނުތަކުގެ ތިންބައިކުޅަ އެއްބައިލޯނުތަކަށް ވޭތިވެދިޔަ 12 މަސްދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް ދައްކާފައި ނެތްކަމަށް، ފާހަގަ ކުރައްވާފައި ވެއެވެ. މިއީ ދެރަކަމެކެވެ. ހިތާމަހުރި ކަމެކެވެ. ރައްޔިތުން ވިސްނަންވީ މުހިންމު ކަމެކެވެ. ޝަރުއީކޯތުތަކަށް ވަންނަންޖެހޭ ކަމެކެވެ. މިހާރު ރައީސް އޮފީހުގައި ފައިސާގެ ކަންތައް ބަލަހައްޓަން ހުންނެވީ އެމްޑީޕީގެ އަދި ސަންދާނު މަޖައްލާގެ ބޭފުޅެއްކަމުގައިވާ އަލްފާޟިލް އަހްމަދު މައުސޫމެވެ. އެމަނިކުފާނަށް މިކަންތައް ހަދުމަކޮށް އަރުވަމެވެ. މިފަދަ ކަންތައް ޝަރުއީކޯޓުތަކުން ނުބެލޭނަމަ ކޯޓުތައް ކުރިމަތީގައި މުޒާހަރާކުރެވެން ޖެހޭނެއެވެ. ކުރީސަރުކާރުން މީހުންމެރި މައްސަލަތައް މިހާރުއެއުޅެނީ ކޯޓަށް ނުވެއްދިގެންނެވެ. ބަލައިނުގަނެ ގެންނެވެ. ފަހެ، މިއީއެއަޑުތައް އުފުލުމުގެ ވަގުތެވެ. އެމައްސަލަތައް ބެލެން ޖެހޭނެއެވެ. ރައްޔިތުން މަޑުން ނުތިއްބަވާށެވެ. އާބަޔަކު ސަރުކާރުގެ އޮފީސްތަކަށް ވައްދާފައި ދޫކޮށްލުމަކުން ނުފުދޭނެއެވެ. އެމީހުން ކުރާކަންތަކަށް ފާރަލާންވާނެއެވެ. މަގަށް އެޅުވުމަށް ކުރެވެންހުރި ކަންތައް ކުރަން ޖެހޭނެއެވެ. އެމީހުން އިސްވެރިންގެ ގޮތުގައި އޮފީސްތަކުގައި، ބޮޑެތިގޮނޑީގައި ތިބެގެން ކުރަނީ ކީއްތޯބަލަން ޖެހޭނެއެވެ. ފަހެ، ރައީސްމައުމޫނު އެމްއެމްއޭއިން ރައްޔިތުންގެ ހުއްދަނެތި ނެންގެވި ފައިސާއަކީ، ފިނޭންސުން ދޫކުރައްވާފައިވާ ލޯނުތަކެއްގެގޮތަށް ނަންބަދަލު ކުރައްވައި، އެމިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ހިނދު، އެލޯނުތަކަށްވެސް ބަރާބަރަށް ފައިސާއެއް ނުލިބެއެވެ. މީހުން ފައިސާއެއް ނުދައްކައެވެ. ފިނޭންސުން މިފައިސާތައް ޝަރީއަތް މެދުވެރިކޮށް ހޯއްދެވުމުގެ ހުއްދައަށްއެދި ރައީސް މައުމޫނަށް ލިޔުންވުމުން ވަނީ، ރައީސްއޮފީހުން އޭރު އެއްވެސްޖަވާބެއް ނުދެއްވާފައެވެ. ރައީސްމައުމޫނު އަމިއްލަފުޅަށް ދޫކުރައްވާފައިވާ ފައިސާއެއް ހޯދުމަށް ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުން ޝަރީއަތަށް ދާނީ ކިހިނެތްތޯއެވެ. އަދި އެޝަރީއަތްތައް ހިންގުމުގެ ހުއްދަ ރައީސް މައުމޫނު ދެއްވާނެތޯއެވެ. ނުދެއްވާނެއެވެ. ހަމަކަށަވަރެވެ. އެކަމަށް ޖެހިލުންވާނެއެވެ. ވެދާނެ ގޮތަކާހެދި ބިރުގަންނާނެއެވެ. މިހާރަކީ އެއްވެސްއެއްޗެއް ފޮރުވޭކަށް ނޯންނާނެ ދުވަސްވަރެވެ. މިއަދު މިތިބީ އެހެންރާއްޖެ އެއްގައެވެ. ވަތަންއެދޭ ގޮތުގައެވެ. އެފަދަކަންކަން މިހާރުއްސުރެ ބަލަންފަށަންވީއެވެ. އާމިނިސްޓަރުންތައް ކުރެއްވި ހުވަޔާއެއްގޮތަށް ވާޖިބުއަދާ ކުރައްވާތަން ރައްޔިތުންނަށް ދައްކާލަން ވެއްޖެއެވެ. އޭ! އާމިނިސްޓަރުންނޭވޭ! ރައްޔިތުންގެ ކަންކަމުގައި ފަހަށްނުޖެހޭށެވެ. ފަހެ، މިކަމުގައިއޮތް ހަމައެކަނި ހައްލަކީ، ސަރުކާރުގެ އެކިމިނިސްޓްރީތައް މެދުވެރިކޮށް ރައީސްމައުމޫނުގެ ނަމުގައި އެކިމީސްމީހުންނަށް ދެއްވާފައިހުރި ލޯނުތައް ފިނޭންސްފަދަ އެއް މުއައްސަސާ އެއްގެ ދަށަށްގެނެސް ބަދަލުކުރުމަށްފަހު، ޝަރީއަތް މެދުވެރިކޮށް ބަރާބަރަށް ފައިސާހޯއްދަވައި އެދަރަނިތައް ޚަލާސްކޮށް ނިންމުމެވެ. ކެރެންވީއެވެ. ފަހެ، މިގޮތަށް މިކަންކުރަން ރައްޔިތުންގެ މަޖިލީހަށް ކެރެންވީއެވެ. ފުރިހަމައަށް މުސްތަގިއްލު ވާންވީއެވެ. ޕްރޮސިކިއުޓަރ ޖެނެރަލަށް ކެރެންވީއެވެ. ބޮޑަށް މުސްތަގިއްލު ވާންވީއެވެ. ފިސާރިއަކަށް ކެރެންވީއެވެ. ކޮންޖެހިލުމެއް ވާކަށްތޯއެވެ. އެއީ ރައީސްމައުމޫނުގެ އަމިއްލަފުޅު ފައިސާ އެއްނޫނެވެ. މީސްމީހުން ގާތުގައި ހެޔޮމީސް ވުމައްޓަކައި ބޭނުން ކުރައްވަންހުރި ފައިސާއެއް ނޫނެވެ. ފަހެ، ރައީސްއޮފީހުން ހުއްދަނުދެއްވައިގެން ޝަރީއަތަށް ހުށަހަޅައިގެން އެލޯނުތަކުގެ ފައިސާ ހޯއްދެވެން ނެތްނަމަ، މިލޯނުތައް ރަނގަޅު ބޭންކަކަށް ވިއްކާލައިގެން އެބޭންކެއް މެދުވެރިކޮށް ބައިތުލް މާލަށް އެފައިސާތައް އަނބުރާހޯދުމަކީ، ކޮންމެހެން ކުރަންޖެހޭނެ މުހިންމު ކަމެކެވެ. އަޅަންޖެހޭނެ ފިޔަވަޅެކެވެ. ކަންކަމާ ހަވާލުވެގެން ތިއްބެވި ވެރިން މަޑުން ތިޔަތިއްބަވަނީ ކީއްވެގެންތޯއެވެ! ނުވަތަ ލޯނުފައިސާ އަނބުރާހޯދުމުގެ މަސައްކަތްކުރާ ފަރާތަކާ ހަވާލުކޮށްގެން މިފައިސާތައް އަނބުރާ ހޯދަން ވެއްޖެއެވެ. މަޑުން ނުތިއްބަވާށެވެ! ތިޔައީ ޒިންމާދާރު ވެރިންނެވެ. މިއަދު މިކަން ނުކުރެވިއްޖެނަމަ، އަތުންދޫވެގެން ދިޔައީއެވެ. ބުޅާތައް ތިބޭނީ ގޯނިންބޭރުގައެވެ. ބޭނުންގޮތަކަށް އުޅެން ދޫކޮށްލެވިފައެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހުށަހަޅާ އިސްލާހީ ފިޔަވަޅުތަކުގެ ގޮތުގައި މިވާހަކަތައް ހާމަކޮށް ދެއްވާފައި އެބަހުއްޓެވެ. އަލަށް ހުވާކުރެއްވި، މާލީވަޒީރު އޮނަރަބްލް އަލީހާޝިމަށް ކެރެންވީއެވެ. މަޑުން ނުހުންނަވާށެވެ! ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް މުހަންމަދު ޝިހާބަށް ފިޔަވަޅު އަޅުއްވަން ކެރެންވީއެވެ. މަޑުން ނުހުންނަވާށެވެ! ފަހެ، ރައްޔިޔުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިކަންތަކަށް ސަމާލުކަން ދިނުންވަރަށް މުހިންމެވެ. އެއްގޮތަކަށް ވެސް ފަހަތައް ޖެހިގެން ނުވާނެއެވެ. މިއީ ރައްޔިތުންގެ ހައްގު ފައިސާއެވެ. ރައްޔިތުންގެ އަމިއްލަ ފައިސާއެވެ. އަނބުރާ ބައިތުލްމާލަށް ލިބެންޖެހޭ ފައިސާއެވެ. މިފައިސާހޯދާނެ ކޮންމެވެސްގޮތެއް އޮންނަން ޖެހޭނެއެވެ. ހައްލެއް ހޯދަންޖެހޭނެއެވެ. ފަހެ، މިއީ ކޮންމެހެންވެސް އަނބުރާ ހޯދަންޖެހޭނެ ފައިސާއެކެވެ. އެއްގޮތަކަށް ވެސް މައާފުކުރެވިގެން ނުވާނެފައިސާ އެކެވެ. އޭ! ﷲ އެވެ! އަޅަމެން އެންމެންނަށް ފައިދާ ހުރިގޮތްތައް މެދުވެރި ކުރައްވާށިއެވެ! އާމީން!


Comments