ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 1
- ilyashusein
- Oct 30, 2009
- 3 min read
އިލްޔާސްހުސައިންއިބްރާހީމް. (ލިޔުނީ 2008 ނޮވެމްބަރގައި)
ދިވެހިރާއްޖެއަށް ގެނެވެމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން މުސްތަގިއްލު ކުރެވުނު އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، ވަރަށް ފުރިހަމަކޮށް މުސްތަގިއްލު ކުރެވިފައިވާ އޮފީހެއްކަން، އެއިދާރާއިން ސާބިތުކޮށް ދީފިއެވެ. ރައްޔިތުންނަށް އެކަންސާބިތު ކޮށްދިނީ، އެއޮފީހުގެ ނަންބަރު: އޭއާރު-5-2008 (2008 އޮކްޓޯބަރ 6) ރިޕޯޓުންނެވެ. އާދެ! މިރިޕޯޓަކީ، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމުވަރަށް އިޚްލާސް ތެރިކަމާއެކު ރައްޔިތުންގެ މަޖިލީހުން އޭނައާ، ހަވާލުކުރެއްވި ވަޒީފާ ވަރަށް ޒިންމަދާރު ގޮތެއްގައި އަދާކުރައްވާކަމުގެ އަލިގަދަ ހެއްކެކެވެ. ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އެންމެފުރިހަމަ ގޮތުގައި އަދާކުރައްވާ ކަމުގެސާފު ދަލީލެކެވެ. ފަހެ، މިރިޕޯޓަކީ، ރައްޔިތުންގެ ޝުކުރު ހައްގުވެގެންވާ ވަރަށްފުރިހަމަ ރިޕޯޓެކެވެ. ދެން ބާކީއޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަދާކުރަންޖެހޭ ވާޖިބު އަދާ ކުރެއްވުމެވެ. ވީހާއަވަހަށް އެފިޔަވަޅުތައް ގާނޫނުތަކުގެދަށުން އެޅުއްވުމަށް ގޮވާލަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް މުހަންމަދު ޝިހާބަށް ފަށްފަށުން އެކަން ހަދުމަކޮށް އަރުވަމެވެ. އަވަސް ހަރަކާތަށް ވަޑައިގަތުމަށް ދަންނަވަމެވެ. މިފަދަ ރިޕޯޓުތަކަށް ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވަން ޖެހޭނެއެވެ. އޭ! ޝިހާބެވެ! މަޑުން ނުހުންނާށެވެ.
އާދެ! އޮޑިޓަރ ޖެނެރަލްގެ މިރިޕޯޓަކީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2007 ވަނައަހަރުގެ އަހަރީ އޮޑިޓް ރިޕޯޓެވެ. އެއީ އޮޑިޓްއޮފީހުގެ ރަސްމީ ލިޔުމެކެވެ. މިރިޕޯޓާ ބެހޭގޮތުން އަޅުގަނޑުގެ ޚިޔާލު އެކިބައިބަޔަށް ބަހާލައިގެން ގެނެސްދޭނަމެވެ. ރައީސް މައުމޫނުވަނީ މިރިޕޯޓަކީ، އޭނާގެ ރިޔާސީކެމްޕޭނަށް ބަޔަކުމީހުން އަޑީގައިތިބެގެން ވައްޓާލި “ޓައިމްބޮމެއް” ކަމުގައި ވިދާޅުވެ، ސިފަ ކުރައްވާފައެވެ. ހަގީގަތަށް ނަޒަރުކޮށް ބަލާއިރު ރައީސް މައުމޫނުގެ މިސިފަ ކުރެއްވުމަކީ، ސަރުކާރާމުޅިންވަކި މުސްތަގިއްލު މުއައްސަސާއަކުން އަދާކުރަންޖެހޭ ވާޖިބުއަދާ ކުރެއްވުމާ ގުޅިގެން ގަސްދުގައި އެމަސައްކަތައް، ފާޑުވިދާޅުވެ ސިޔާސީ ކުލަވަރު ޖެއްސެވުމެވެ. ރައްޔިތުންގެ ކުރިމަތީގައި އޮޑިޓަރ ޖެނެރަލް ބަދުނާމު ކުރައްވާއި ފުރައްސާރަ ކުރެއްވުމެވެ. އަދި ރައްޔިތުންނަށް ރައީސް މައުމޫނުގެ ހުރުމަތްތެރި ވެގެންވާ ސާފުހަށިކޮޅަށް އަމާޒުކޮށް، ޒާތީގޮތުން މުޑުދާރު ކުރުމަށް އެމުއައްސަސާއިން އޮޑިޓަރ ޖެނެރަލް ކުރެއްވި ކަމެއްކަން ހާމަކޮށް ދެއްވުމެވެ. ފަހެ މިއީ ވަކިބޭނުމެއްގައި ވަކި މަގްސަދެއްގައި ކުރެއްވި ކަމެކެވެ. ވަގުތުން ދައުލަތުގެ އޭރުގެ ބަންޑާރަ ނައިބު އަލްއުސްތަޒާ އައިޝަތު އާޒިމާޝުކޫރު އޭގެތެރެއަށް ވެއްދެވީވެސް އެބޭނުމުގައެވެ.
ފަހެ ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! އޮޑިޓަރ ޖެނެރަލްގެ ނިޔަތާއި މަގްސަދަކީ، ރައީސް މައުމޫނު އެސިފަކުރެއްވި ގޮތެއްނޫނެވެ. އެއްގޮތަކަށްވެސް އެއިކީ އޮޑިޓަރ ޖެނެރަލްގެ ވިސްނުންފުޅެއް ނޫންކަން ކަށަވަރެވެ. ޔަގީނެވެ. ފަހެ މިއީ ރައީސް މައުމޫނު، އޮޑިޓަރ ޖެނެރަލްގެ އިސްތަށިފުޅުގައި، ބޭޒާރު ކުރެއްވުމުގެ ގޮތުން އެޅުއްވި އެއްވެސް އަސްލެއްނެތް ބޮޑުތުހުމަތެކެވެ. ރައްޔިތުން އެކަން ދަންނަންވާނެއެވެ. ރައީސް މައުމޫނުގެ މިސިފަކުރެއްވުމަށް ކެރިގެން ނޫނެކޭ ވިދާޅުވާށެވެ. އިބްރާހީމްނައީމަށް ޝުކުރާއި މަރުހަބާ ވިދާޅުވާށެވެ. ފިނިފެން މަލުން މުބާރަކްބާދީ ވިދާޅުވާށެވެ. އަޅުގަނޑު ގަސްދުކުރަނީ، މިރިޕޯޓުގައިހުރި މުހިންމުބައިތަކަށް އެކިފަހަރުމަތިން އަލިއަޅުވާލާށެވެ. އެގޮތުގެ މަތިން މިފަހަރު މިޚިޔާރުކުރަނީ، ރައީސް މައުމޫނު ދޫކުރައް ވާފައިހުރި ލޯނުތަކުގެ މައްޗަށް އަލިއަޅުވާލާށެވެ. އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށް މިފަދަ ހަގީގަތްތައް އޮޅުންފިލުވައިދީ، ސާފުކޮށްދިނުމަކީ ނޫސްވެރިންނާއި ލިޔުންތެރިންގެ މަސްއޫލިއްޔަތެކެވެ. ޒިންމާއެކެވެ. އެހެނަސް ނޫސްވެރިކަމުގެ ތެރެއިންނާއި ލިޔުން ތެރިކަމުގެ ތެރެއިން، އެކަން ފެންނަލެއް މަދުކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ފަހެ، ދަންނާށެވެ! މިރިޕޯޓަކީ، އޮޑިޓްގާނޫނު 2007/4 ގެދަށުން އޮޑިޓަރ ޖެނެރަލް އަދާކުރެއްވި ވަރަށް ބޭނުންތެރި ވާޖިބެކެވެ. ބޭނުމަކީ ރައީސް އޮފިހުން ރައިސް މައުމޫނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ވީހާއަވަހަށް އެއިސްލާހީ ފިޔަވަޅުތައް އަޅުއްވާއި ނިންމުމެވެ. އެހެނަސް ދައުރުނިމިގެން ދިޔައީއެވެ. އެކަމާގުޅިގެން އެއްވެސް ކަމެއްނުކުރައް ވައެވެ. ފަހެ މިރިޕޯޓުގެ ބޭނުމަކީ، ރައީސް މައުމޫނު ބޭކާރުގޮތުގައި ދޫކޮށްފައިހުރި ރައްޔިތުންގެ ފައިސާހޯއްދަވައި ދައުލަތުގެ ބައިތުލްމާލަށް، އަނބުރާ ޖަމާކުރުމަށް ބާރުއެޅުމެވެ. އަދި ރައީސް އޮފީހުގެ މިފަދަ އިހުމާލުތައް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަމާލުކަމަށް ގެނައުމެވެ. ރިޕޯޓުގައި އެޅުމަށް އަންގާފައިހުރި އިސްލާހީ ފިޔަވަޅުތައް އަޅާއި ބޭކާރު ގޮތުގައި އަމިއްލަ ސިޔާސީ ބޭނުމަށްޓަކައި އެކިމީސް މީހުންނަށް ލޯނުގެ ގޮތުގައި ބައްސަވާފައިހުރި ރައްޔިތުންގެ ފައިސާތައް އަނބުރައި ހޯދައިދެއްވުމަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. އޮޑިޓަރ ޖެނެރަލްގެ ވާޖިބުއެވަނީ އަދާކުރައްވާފައެވެ. ރައީސް މައުމޫނު އަމިއްލަފުޅަށް އޭނާގެ އޮފީހުގެ ނަމުގައި ލޯނުދޫކުރައްވާއި ފައިސާގެ އެހީދެއްވުމަށް ނިންމެވި ނިންމެވުމަކީ، ގާނޫނު އަސާސީއާއި ގާނޫނުތަކާ މުޅިންޚިލާފަށް ކުރައްވާފައިވާ އަމަލެކެވެ. ފަހެ، ފުރަތަމަކަމަކީ، މިލޯނުތައް ދޫކުރެއްވުމަށް އެމްއެމްއޭއިން ފައިސާ ނެންގެވީ ރައްޔިތުންގެ ހުއްދައެއް ނެތިއެވެ. ރައްޔިތުންގެ މަޖިލީހަށް އެއްވެސްކަހަލަ އެނގުމަކާ ނުލައެވެ. އެއީބޮޑުގޯހެކެވެ. އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. އެއީކުށެކެވެ. ރައީސް ނަޝީދުގެ އެންމެއިސް މަސައްކަތް ޕުޅަކަށް ވާންވާނ،ީ ރައީސް އޮފީހުން ކޮށްފައިހުރި މިފަދަމުޑުދާރު ކަންތައްތައް އޮޅުންފިލުވައި ބެލުމެވެ. ވަރަށް ފުރިހަމައަށް އެނގެން ޖެހޭނެއެވެ. ރަނގަޅަށް ބެލެވި ރެކޯޑުކުރެވިފައި ހުންނަންޖެހޭނެއެވެ.
ފަހެ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާފައިވާ ލޯނުތަކުން 2008 އޯގަސްޓް 31 ވަނަދުވަހުގެ ނިޔަލަށް ނުދައްކާބާކީހުރި ލޯނުތަކަކީ، 1985 ވަނައަހަރުން ފެށިގެން އެމްއެމްއޭއިން ފައިސާ ނަންގަވައިގެން ޑިފެންސަށް ދޫކުރެވުނު ލޯނުތަކުގެ ތެރެއިން ރައީސް މައުމޫނުގެ އެންގެވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް 1993 ވަނައަހަރުގައި ބަދަލުކުރެވުނު ލޯނުތަކާ، އަދި 1993 ވަނައަހަރުގެ ފަހުން އެމްއެމްއޭއިން ފައިސާ ހޯއްދަވައިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާފައިވާ ލޯނުތަކެވެ. އަދި މީގެތެރެއިން 2000 ވަނައަހަރާއި 2005 ވަނައަހަރާއި ދެމެދު ފިނޭންސަށް ބަދަލުކުރެވުނު ލޯނުތައް އުނިކުރުމުން ބާކީހުރި ލޯނުތަކެވެ. ސިއްރުގޮތެއްގައި ފިނޭންސަށް ބަދަލުކުރެވުނު ލޯނުތަކަކީ، މަތިމަތިން ޝަރީއަތަށް ހުށަހެޅޭގޮތަށް އެގްރީމެންޓުތައް ލިޔެވިފައި ހުރިލޯނުތަކެވެ. ބައެއްމީހުންގެ މައްސަލަތައް ޝަރީއަތުގައި ތާށިވެފައި އެބަހުއްޓެވެ. ވާގޮތަކީ، ރައީސް މައުމޫނު އެމީސްމީހުންނަށް ވާހަކަފުޅުތަކުން ވައުދުވެ ވަޑައިގެންފައިވާ ގޮތުން އެފައިސާ ޝަރީއަތުން ނަގައިދެވެން ނެތީއެވެ. އަނބުރާ ދައްކަންޖެހޭ އެއްޗެއްގެގޮތުގައި ސާބިތުކުރެވެން ނެތީއެވެ. ބައެއް ޝަރީއަތްތައް ވަނީހުއްޓިފައެވެ. ފަހެ، މިގޮތުން ރައީސް މައުމޫނު ދޫކުރައްވަން ފެއްޓެވި ލޯނުތައްވަނީ، 2005 ވަނައަހަރުން ފެށިގެން ހުއްޓާލައްވާފައެވެ. މިގޮތަށް ރައީސް މައުމޫނު ލޯނުދޫކުރެއްވުން ހުއްޓާލެއްވުމަށް ފަހު، އަނެއްކާވެސް ދެންހެއްދެވި ގޮތަކީ، ބޮޑުއޮޅުވާ ލެއްވުމެއް އޮޅުވާލެއްވީއެވެ. މިލޯނުތަކަށް ރައީސް މައުމޫނުގެ އޮފީހުން، އެމްއެމްއޭއަށް ދައްކަންޖެހޭ ފައިސާ، ފިނޭންސްގައި އޮންނަޚާއްސަ ބަޖެޓަކުންނަގައި 2005 ޑިސެންބަރ 27 ވަނަދުވަހު، އެމްއެމްއޭއަށް ދެއްކެވީއެވެ. ފަހެ އެހިސާބުން މިލޯނުތަކަކީ، މިނިސްޓްރީ އޮފް ފިނޭންސުން ފައިސާ ހޯއްދަވައިގެން ރައީސް މައުމޫނުގެ އޮފީހުން ދޫކުރައްވާފައިވާ ލޯނުތަކެއްގެ ގޮތަށް ބަދަލު ކުރެވުނީއެވެ. ރީތިކޮށްލެވުނީއެވެ. އޮޅުވާލެވުނީއެވެ. އެމްއެމްއޭއިން ރައްޔިތުންގެ ހުއްދައެއްނެތި ނެންގެވި ފައިސާ ފިނޭންސުން ނެންގެވި އެއްޗެއްގެގޮތަށް ނުސީދާކޮށް ބަދަލުކޮށް ލެއްވީއެވެ. މިކަން ކުރެއްވި އިރު ފައިނޭންސް މިނިސްޓަރަކަށް ހުންނެވި ގާސިމް އިބްރާހީމް މިކަމަށް މަސްެޫލްވާން ޖެހޭނެއެވެ. ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. ޝައްކެއްނެތެވެ! މިއީ ސީދާކޮށް ރައްޔިތުންނަށް އޮޅުވާ ލެއްވުމެކެވެ. ގާނޫނުތަކުގެ ކުރިމަތީގައި ރީތިވެލައްވާއި ސަލާމަތްވުމަށް ކުރެއްވިނުބައި އަމަލެކެވެ. އެޅުއްވިނުބައި ފިޔަވަޅެކެވެ. ރައްޔިތުންނަށް އޮޅުވާލެއްވުމަށް ނޫނީ، މިކަހަލަ ކަންތައް ކުރައްވާކަށް ނުޖެހެއެވެ. އެކަންކުރެއްވި ގޮތައްބޭއްވީމާ ނިމުނީނޫން ތޯއެވެ! ކޮންމެހެން އޮޅުވާލެއްވުމުގެ ގޮތުން ބަދަލުތަކެއް ގާސިމުލައްވާ ގެންނަން ޖެހުނީ، ކީއްވެތޯއެވެ! ގާސިމު ލައްވާ ބައެއްމީހުންގެ ބޮޑެތި ލޯނުތައް ނޫސްވެރިންނަށް ބޭޒާރުކޮށް ލެއްވީވެސް މިރޭވުންގަނޑު ފޮރުވާއި ބޭރަށް މިއަޑުނެރެލުމަށެވެ. އޭރުން ރައްޔިތުންނަށް ފެންނަން އޮންނާނީ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި މީހުންނެވެ. ރައްޔިތުންގެ ކުރިމަތީގައި ގޯސްވާނީ އެމީހުންނެވެ. ދައުލަތުގެ ފައިސާ ބޭނުންހާކަމެއް ކުރަން އެމީހުންނަށް ދިންމީހާގެ އަޑުތައް އޮންނާނީ، ހިފޭއްޓި، ފުރޮވިފައެވެ. ގާސިމުގެ ސޮއި ދިވެހިނޫޓުގައި ޖައްސުވައި އޭނާ އުފާކޮށް، ހެއްވާލައްވާފައި މިކަހަލަ އެތައްކަމެއް އެވީކުޑަ ވަގުތުކޮޅުގައި ގާސިމު ލައްވާ ކޮއްލުވީއެވެ.
ފަހެ، ދަންނާށެވެ! ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޖުމްލަ 464 ލޯނުދޫކުރައް ވާފައިވެއެވެ. އެއީ، 211.5 މިލިއަން ރުފިޔާއެވެ. މިއީ ރައީސް މައުމޫނުގެ ވެރިކަމުގެ ބާރާއިނުފޫޒު ފެތުރުގެ ބޭނުމުގައި ބެއްސެވި ފައިސާގެ ކުޑަމިންވަރެކެވެ. މިލޯނުތަކުގެ ތެރެއިން ރައީސް މައުމޫނުގެ އޮފީހުން މިހާރު ބަލަހައްޓަވަމުން ގެންދަވާލޯނުތަކަށް، 2008 އޯގަސްޓް 31 ވަނަދުވަހާ ހަމައަށް ނުލިބިހުރި ފައިސާގެ އަދަދަކީ، 47.7 މިލިޔަން ރުފިޔާއެވެ. އެއީ 104 ލޯނުންނެވެ. “އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުން” އުފެދުމާގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އޮނަރަބްލް ގާސިމްއިބްރާހީމް ދެއްވި ބަސްދީގަތުމުގައި ދައުލަތުގެ ރިޒާވްގައި ހުރިފައިސާއާބެހޭ ގޮތުން ވަރަށްކަށަވަރު ކުރައްވާއި ތަކުރާރު ކުރައްވަމުން ވިދާޅުވި ބަސްފުޅަކީ ހުރިހާ ރައްޔިތުންވެސް ވިސްނަވަނެޖެހޭހެ ވާހަކައެކެވެ. މިކަންކަމަކީ ރައީސް ނަޝީދު ހޭލުންތެރި ވާންޖެހޭ ވަރަށް މުހިންމުބައެކެވެ. ދައުލަތުގެ ރިޒާވުގައި ހުރިފައިސާއިން ބަރާބަރު އެއްމަސްދުވަހު ދިވެހިރައްޔިތުންނަށް ކާންބޯން ނުދެވޭނެކަމަށް ވެއެވެ. 2008 އޮކްޓޯބަރ 28 ވީ އަންގާރަދުވަހު އޮތްވޯޓުން ރައްޔިތުންވަނީ، ރާއްޖެއަށް އިސްލާހު ގެނެސްދީފައެވެ. ފަހެ، ދެންއޮތީ ރައީސް ނަޝީދަށް މިކަން ހަރުދަނާކޮށް ދެމެހެއްޓުމެވެ. ދިވެހީންނަށް ހެޔޮގޮތްތައް މެދުވެރި ކުރައްވާށިއެވެ! ރައީސް ނަޝީދަށް ހެޔޮވިސްނުން ދެއްވާށިއެވެ! އާމީން!


Comments