top of page

ނުފޯދޭ ރުކަކުން އެތްހޯދުމާއި ނުވިހާކުއްޖެއްގެ ފޫޅުހޯދުން. ރައީސް މައުމޫނު އުފެއްދެވި ތިން ބަޣާވާތް.

  • Writer: ilyashusein
    ilyashusein
  • Jan 16, 2010
  • 7 min read

އިލްޔާސް ހުސައިން އިބްރާހީމް.

އޭ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! މިމަޒްމޫނުގައި އަލިއަޅުވާލަން އަޅުގަނޑު މިއުޅެނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނާލަންޖެހޭ ވަރަށްމުހިންމު ދިމާއަކަށެވެ. ފަހެ، ނުފޯދޭރުކަކުން އެތްހޯދުމާއި ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަކީ، އެންމެގިނައިން އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަން ސާބިތުކޮށް މުޅިއުމުރަށް ދެންމުމަށްޓަކައި ކުރާބުރަ މަސައްކަތެކެވެ. ހަމަ އެފަދައިން މިމަސައްކަތަށް ނުވިހާކުއްޖެއްގެ ފޫޅުހޯދުމޭ ވެސް ބުނެވިދާނެއެވެ.

މިދެކަންތައް މަޖާޒީގޮތުން، މައުނަވީ މާނައެއް ނެތި އަޅުގަނޑު މިދޭހަކުރަނީ، އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަން މުޅިއުމުރަށް ދެންމުމަށްޓަކައި، ކުރާބުރަ މަސައްކަތަށެވެ. ހަގީގަތެއްނެތް ގޮތުގައި އެކިމީސްމީހުނެގެ ބޮލުގައި އަޅުވާ، ބޮޑުބަދުނާމުތަކަށެވެ. ރައްޔިތުންނަށް އޮޅުވާލާ ބޮޑެތި އޮޅުވާލުން ތަކަށެވެ.

ޚުދުމުޚްތާރު ވެރިޔާގެ އަރިހުގައި ތިއްބަވާ ބޮޑުންގެ ތެރޭގައި އަބަދުވެސް މިމަސައްކަތް ރާވާއި ހިންގައިދޭނެ ވަރަށް އިތުބާރުކުރެވޭ ޖަމާޢަތެއް ހަރަކާތްތެރި ވާނެއެވެ. އޭގެތެރޭގައި ކެބިނެޓް މިނިސްޓަރުންގެ އިތުރަށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ތިބޭނެއެވެ. އަދި އާންމު ރައްޔިތުން ތެރެއިން ފައިސާދީގެން ކުލީ ބަޔަކު ގެންގުޅޭނެއެވެ.

ވެރިމީހާއާއި ބޮޑުންގެ އެޖަމާޢަތާ ސީދާކޮށް، އެއްވެސް މެދުވެރިއަކާނުލާ އަބަދުވެސް ގުޅޭނެއެވެ. ދައުލަތުން ޚަރަދުކުރެވޭ ގޮތަށް ހުޅުވާލެވިފައި އޮންނަބަޖެޓެއް އޮންނާނެއެވެ. އެމީހުންގެ މަސައްކަތަކީ، ހަގީގަތެއްނެތް ބޮޑެތި ބަޣާވާތްތައް އީޖާދުކޮށް ވެރިކަން ސާބިތުކޮށް، ދެމެ ހެއްޓުމަށް ކަންކަން ރާވައިދިނުމެވެ. މިވައްތަރަށްދާ ތިން، “ބަޣާވާތެއް” ރައީސް މައުމޫނު ވެރިކަމުގެ ތެރޭގައި އީޖާދުކޮށް އުފެއްދެވިއެވެ.

އާދެ! 2004 އޯގަސްޓް 12،13 ގެ ހާދިސާއިން ފެށިގެން ވަކިހިސާބަކާ ހަމައަށް ދާންދެން، ދިވެހި ރާއްޖޭގައި މިގޮތުގެމަތިން އެތާއިފޫޅު ހޯދުމަށް މަސައްކަތްކުރީ، މުޅިންވެސް ވެރިކަމާދެކޮޅަށް ހިންގޭބަޣާވާތުގެ ނަމުގައެވެ. އެހެނަސް އޮބިނޯވެގެން މިހާރު މިނަން ވަނީ، "ޓެރަރިޒަމް" އަށް ބަދަލުކޮށްފައެވެ. ދުނިޔެއަށް އަންނަ ކުރިއެރުމާއި ތަހުޒީބާ ގުޅިގެން ނެވެ.

ފަހެ، ކޮންމެ ރިއާސީ އިންތިޚާބީ މޫސުމަކާ ދިމާކޮށް، ވުޖޫދުގައިނެތް އެތްތަކެއް ހޯދުމަށްކުރާ މަސައްކަތަށް، ދައުލަތާ އިދިކޮޅު ބަޣާވާތެއްގެ ނަމުން ނަންދެއެވެ. ނުވަތަވުޖޫދަށް ނާންނަ، ގަރުނބަނުގަންނަ ކުއްޖެއްގެ ފޫޅުހޯދުމަށް ކުރާ މަސައްކަތް ސިފަކުރެވެނީ، ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގައިގެން ގެންނަން އުޅޭ ބަޣާވާތެއްގެ ގޮތުގައެވެ.

ފަހެ، އެއީ އަސާސީގެ ދަށުންކުރެވޭ އެންމެބޮޑު ކުށަށް ހަދައެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލާބޮޑު ސިޔާސީ އޮޅުވާލުން ގަނޑެކެވެ. ވެރިކަމުގެ ބާރުގައި ވެރިމީހާ، އުމުރަށްދެމި ހުރުމުގެ ނިޔަތުގައި ރާވައިގެން ހިންގާ ބޮޑު މުއާމަރާއެކެވެ. ފިނިހަނގުރާމައިގެ ދުވަސްވަރު ތިންވަނަ ދުނިޔޭގައި ވަރަށް ކާމިޔާބުކަމާ އެކު، އެކި ގައުމުތަކުގެ ވެރިން ވެރިކަމުގައި ދިގުމުއްދަތަށް ދެމިތިބުމަށް ގެންގުޅުނު ސިޔާސީ އުކުޅެކެވެ. ރާއްޖޭގައި ވެސް ވެރިކަން ދެންމުމަށް ކުޅޭ އެންމެ އަސާސީ ސިޔާސީ ކުޅިއަކީ މިއީ އެވެ. ކޮންމެ ވެސް ގޮތަކުން ދޭތެރެއެއް ހާވާލާފައި މީގެ އެތެއް ނުވަތަ ފޫޅެއް ހޯދާނެއެވެ.

ފަހެ، މިމުއާމަރާތަކަކީ، އަސްލެއްގެ މައްޗަށް ބިނާވެފައި އޮންނަކަމެއް ނޫނެވެ. ހަގީގަތެއް އެކުލެވޭ ކޯރަމެއް ނޫނެވެ. މުޅިން ވެސް އޮޅުވާލުމެވެ. މާބޮޑުކޮށްގެން ޚުދުމުޚްތާރު ކަމާއެކު ރާވައިގެން ހިންގާކަމެކެވެ. ބިންގަލެއްނެތި އީޖާދުކޮށް އުފައްދާބޮޑު ކަންތައްގަނޑެކެވެ. ޚާލިސް ޕްރޮޕެގެންޑާއެވެ. ހަގީގަތަކީ، ނުފޯދޭ ރުކަކުން އެތެއް ނުފެނުމެވެ. ވުޖޫދަށް ނާންނަ ކުއްޖެއްގެ ފޫޅު ނުފެނުމެވެ. ރައްޔިތުންގެ ތެރެއިން މައުސޫމު އެތައްބަޔަކަށް އަނިޔާކޮށް، ސުންނާފަތިކޮށް ލުމެވެ. ދުވަސް ދުއްވާލަނީއެވެ. މައުޖޫދުނުވާ އެއްޗެއްގެ އަސްލު ނުފެންނާނެ ފަދައިންނެވެ.

އާދެ! 1980 ގެ އަހަރުތަކަށް ނަޒަރުކޮށް ބަލާލަމާތޯއެވެ؟ ރައީސް މައުމޫނު ވަގަށް ހަތިޔާރު އެތެރެކޮށް އަންބޮނޑިއަށް އެއިން ފިސްތޯލައެއް ވަޒަނާއެކު، ޖައްސަވައިގެން ހުންނަވައި ވެރިކަމުގެ ހުވާކޮށް، ވެރިކަމާ ހަވާލުވެ ލެއްވުމަށް ފަހު، ހިންދަމާލެއްވުމަށް ޓަކައި މިމޭރުމުން ހޯއްދެވި، ވެލާނާގޭ އަލްއަމީރު އިބްރާހީމް ނާސިރާއި އަލްފާޟިލް ކެރަފާ އަހްމަދު ނަސީމުގެ “ބަޣާވާތް” އަށް ބައްލަވާ ލައްވާށެވެ. ރައީސް މައުމޫނު ވެރިކަމަށް އެރުއްވީވެސް މިވިސްނުންފުޅު، ހިތުތެރޭގައި ބާއްވައިގެންނެވެ. ގިނަ ދުވަސްތަކަކަށް ވެރިކަން ދެންމުމުގެ ރޭވުމަކާ އެކުގައެވެ. މިކަންތައްގަނޑުގެ އަޑީގައި ފޮރުވިފައި ހުންނެވީ، އެންދެރިމާގޭ އަލްފާޟިލް އައްބާސް އިބްރާހީމެވެ.

ފަހެ، ރައީސް ނާސިރަށް ވިސްނިވަޑައި ގެންނެވި އެއްޗެއް ވިސްނި ވަޑައިގެން، ބޮޑުޑިމޮކްރަސީ އެއްގެ ހަމަތަކާއި އުސޫލު ތަކުގެމަތިން ވެރިކަމުން ދުރުވެވަޑައިގަތީ، އަމިއްލަފުޅަށެވެ. މާބޮޑު މަޖުބޫރުކަމެއް ނެތިއެވެ. އެއްވެސް ފަރާތެއްގެ ޕުރެޝަރަކުން ނޫނެވެ. އަމިއްލަ ފުޅަށެވެ. އެގޮތް ބޭނުންވެލައްވައި ގެންނެވެ. ދެން އެއަށްފަހު، ރައީސް މައުމޫނު ވެރިކަމާ ހަވާލުވެޑައި ގަތުމުން، ވެރިކަމާ ދެކޮޅަށް ކަމެއް ރޭއްވެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރައީސް ނާސިރާ ދެކޮޅަށް ސިޔާސީ ކަންތައްގަނޑެއް އީޖާދުކޮށް ރާވައިގެން ހިންގެވުމުގެ ބޭނުމަކީ، ކޮބައިތޯއެވެ؟

ފަހެ، ވިސްނާލައްވަން ޖެހޭނުކުތާއަކީ، މިއެވެ. ރައީސް ނާސިރުގެ އިސްތަށިފުޅުގައި އެތަކެއް ބޮޑެތިތުހުމަތުތައް އަޅުވައި އެފަދަ ބޮޑު ސިޔާސީ ކަންތައްގަނޑެއް ހިންގައިގެން ވެސް ނުފޯދޭރުކެއްގެ އެތެއްނުހޯދުނެވެ. ނުވިހާކުއްޖެއްގެ ފޫޅެއް ނުހޯދުނެވެ. ހަގީގަތްވާނީ ހަމަހަގީގަތަށެވެ. ކޮންމެވެސް ވަރަކަށް ރައީސް މައުމޫނަށް ސިޔާސީ ކާމިޔާބުތަކެއް ކުރެވުނެވެ. އިތުރުދައުރެއް ނެގުމުގެ ބާރަކަށް ހެއްދެވިއެވެ.

ފަހެ، ސަރުކާރުން އެވަގުތައް ހޯދި ހަމްދަރުދީއަކާއި ކާމިޔާބީއެއް ހޯދީ، ރައީސް ނާސިރުގެ އަގުވައްޓާލާއި ވެއްޔައި މޮޑެލައި ގެންނެވެ. ރައީސް ނާސިރުގެ މިލްކިއްޔާތު ސަރުކާރަށް ނަގައި ގެންނެވެ. އަދި ރައްޔިތުން ތެރެއިން އިއްޒަތްތެރި ބަޔަކަށް ނާއިސްސާފުން އިންސާނިއްޔަތައި ޚިލާފު އަނިޔާތަކެއް ދީގެންނެވެ. ދަންނާށެވެ! އޭރުވެސް އެކަމުގެ ހަގީގަތް ދެނެތިބި މީހުން މިވާއެއްޗެއް ދެނެ ތިއްބެވެ. ރައީސް ނާސިރު ނަންފުޅުގައި މާލެފޮނުވައިގެން އުޅުނު، ތަހުނިޔާކާޑުތައް ތައްޔާރުކޮށް ޕޯސްޓްކުރި މީހުންވެސް ތިއްބެވެ.

އާދެ! ސުމުއްވުލް އަމީރު އިބްރާހީމް ނާސިރަކީ، ދިވެހިރާއްޖެއަށް ހަގީގީ މިނިވަންކަން ހޯއްދަވައި ދެއްވި، މިލޮބުވެތި ދިވެހިގައުމު އިނގިރޭސި އިސްތިޢުމާރުގެ ދަށުން މިނިވަންކުރެއްވި ދިވެހި ގައުމުގެ ރޫހާނީބައްޕައެވެ. އަޅުގަނޑު މެންގެ ގައުމުގައި ދެވޭ އެންމެމަތީ އިއްޒަތް ކަމުގައިވާ، ނިޝާންޣާޒީގެ އިއްޒަތާއި ރަންނަބަނޑޭރި ކިލެގެފާނު ކަމުގެ ކޮލީގެމަތިވެރި ޝަރަފް، ހަދިޔާކުރެވުނު ޒައީމެއްގެ އަގުވައްޓަލުމުގެ ހިތިނަތީޖާ މިއަދުތިޔަ ދެކެނީއެވެ. ވެރިކަމުގައިހުރެ ހުރިހާ ރީތި ނަމަކާއި އިއްޒަތަކުން ތިޔަހުރެ މަހްރޫމު ވަނީއެވެ.

ފަހެ، މަހްރޫމުވެ ނިމުނީއެވެ. ނުގޮވާކަ ހުތުރު އެއްޗެއް ނެތެވެ. ރަސްމީ ޖަލްސާތަކުގައި ގޮޅާބޮލަށް ރަކިސްބޮޑަށް ގޮވައިފިއެވެ. އެހެނަސް ރައީސް ނާސިރުގެ ނަންފުޅު ދިވެހި ތާރީޚުގައި ލިޔެވިފައި އޮންނާނީ، އަބަދުގެ އަބަދަށް ރަތުރަނުގެ އަކުރު ތަކުންނެވެ. އެއީ ދިވެހި ގައުމީ އަބްތޯލުންގެ ރަންސަންދާނުގެ ހައްގުވެރިޔާގެ ގޮތުގައެވެ.

އާދެ! މިއީ ވެރިކަމުގައި ތިބިބަޔަކު އުފެއްދި ވުޖޫދުވުމެއްނެތް ނުލަފާ ހުތުރު ބަޣާވާތެކެވެ. ބަޔަކު އިސްކޮށްތިބެގެން ވެރިކަން ހަރުދަނާ ކުރުމަށް އުފައްދާއި ރާވާލިރޭވުން ގަނޑެކެވެ. އަލްފާޟިލް މައިޒާން އަލިބެއާއި އަލްފާޟިލް ކެރެފާ ނަސީމާއި އަލްފާޟިލް އަބުދުލްޙަންނާނަށާ މިފަދަ އެހެން ބޭފުޅުންނަށް ދެއްކިނުހައްގު އަނިޔާތައް މިއަދު ކޮބައިތޯއެވެ؟ ހަނދާންހުރި ބަޔަކު ހަނދާން ހުންނާނެއެވެ!

ފަހެ، މިކަން އުފެއްދި މީހުންނަށް މިކަމުގެ ހަގީގަތް ރަނގަޅަށް އެނގޭނެއެވެ. ހަގީގަތް އޮޅުންފިލާނެ ދުވަހެއް އަންނާނެކަން ޔަގީނެވެ. އިންޝާއަﷲ! ދުނިޔޭގައި ތިބިބަޔަކަށް، ﷲ އެކަން ދައްކަވާނެއެވެ. ފަހެ، އަނިޔާލިބޭ މީހުންގެ ދުޢާތަކާއި ފަރިޔާދު ތަކަކީ، އެއްވެސް ހުރަހެއްނެތި، ﷲ އައްސަވާނެ އަޑުތަކެވެ.

ފަހެ، އަނިޔާއެއް ލިބިއްޖެމީހާ، އަނިޔާގެ ވާހަކައިން، ޝަކުވާ ކުރަންވީ ފަރާތްފަރާތުގައި ޝަކުވާކޮށް އަޑު އުފުލާއުޅުމަކީ، ރަނގަޅުކަމެކެވެ. ހުއްދަކަމެކެވެ. ރުހިވޮޑިގެންވާ އަމަލެކެވެ. އަނިޔާއެއް ލިބިގެންވާމީހާ މެނުވީ، ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ! އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެންވެއެވެ. (ގުރުއާން)

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! 1990 ވަނަ އަހަރު ތެރޭގައިވެސް މިފަދަ ވުޖޫދެއްނެތް އަސްލެއް ނުވާ، “ބަޣާވާތެއް” އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް އޭރުގެ ސަރުކާރުން ކޮށްފައިވެއެވެ. އިސްލާމީ މަރުކަޒުގައި މުސާޢިދު އަމީނުލް މަކްތަބާގެ މަގާމުގައި ދައުލަތުގެ ޚިދުމަތުގައި އަޅުގަނޑު ހުއްޓައި، އެންމެފުރަތަމަ ސިފައިން އައިސްނެގީ ރޭގަނޑެއްގެ ވަގުތުގައި އަޅުގަނޑެވެ. އެއީ ފެށުމެވެ.

އެއްވެސް ސުވާލެއްނެތި، ސީދާގެންގޮސް ވެއްދީ ދޫނިދޫޖަލުގެ ކުޑަގޮޅިއަށެވެ. މިބުރުގައި އެތައްސަތޭކަ މީހުންނެއް ޖަލަށް ގެންދިޔައެވެ. ޖަލުގައި ބަންދުކުރިބައެއް މީހުންގެ ދޮގުބަޔާންތަކެއް ފުލުހުން އަމިއްލައަށް އުފައްދައިގެން ގައުމީ ޓީވީންނާއި ގައުމީރޭޑިޔޯއިން ފޮނުވައި ހެދިއެވެ. އޭރު މާލޭގެ އިއްޒަތްތެރި މެންބަރަކަށް މާލޭގެ އިސްގޮނޑީގައި އިންނެވި، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކުގެ އިސްތަށިފުޅުގައި ދައުލަތާ އިދިކޮޅު “ބަޣާވާތެއް” ސަރުކާރުން އީޖާދުކޮށް އެޅުވުމުގެ ބޭނުމުގައެވެ.

އެހެން ނަމަވެސް، ﷲ ގެ ރަހްމަތުން އެފަހަރުވެސް، ސަރުކާރުން ހޯދަންއުޅުނު އެތާއިފޫޅު ހޯދިފައެއް ނުވެއެވެ. ކުރިހުރިހާ މަސައްކަތެއް ދިޔައީ ފަނުފުލުންނެވެ. ފުއްވަޅުންނެވެ. އެހެން ނަމަވެސް އެތައް އާއިލާތަކަކަށް ބޮޑެތި އަނިޔާތައް ލިބިގެން ދިޔައެވެ. ޖަލުން ދޫކޮށްލި އިރު އޭގެތެރެއިން ބައެއްމީހުން ތިބީ، ސިކުނޑިގޮވާއި ދުނިޔެއިން މޮޔަވެފައެވެ. އަނެއްބައެއްގެ އަނބިދަރިން ތިބީ، ވިއްސިވިހާލި ވެފައެވެ. ރައީސް މައުމޫނުގެ މިއަނިޔާވެރި ސަރުކާރުގެ ކިބައިން އޭގެބަދަލު ކޮންމެވެސް ދުވަހަކުން ރައްޔިތުން ލިބިގަންނާނެކަން ކަށަވަރެވެ.

ފަހެ، މިމަޒްމޫނުގެ ލިޔުން ތެރިޔާ، ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމަށާއި އެހެން ސިޔާސީ ބައެއް ލީޑަރުންނަށް، ސަރުކާރުން ދެއްކި ނުހައްގު އަނިޔާތައް ކޮބައިތޯއެވެ! އެކަން ފާހަގަ ކުރަނީ ކާކުތޯއެވެ؟ ފަހެ، މިބުރުގައި ވެސް ބައެއްފޯސްތައް "ބިންބިފޯސް" އުފައްދައިގެން ސިފައިންގެ ވެރިއެއްގެ ބެއްލެވުމުގެ ދަށުން މާލޭގެ މަގުތަކަށް ނެރެގެން ސިޔާސީ ކަންތައްގަނޑެއް ރާވައިގެން ހިންގިއެވެ. އޭގެ ނާޖާއިޒު ފައިދާތަކެއް ސަރުކާރުން ނެގިއެވެ.

އެހެނަސް މިފަހަރު، މަގުމައްޗަށް ގިނަކޮށް މީހުންލައްވާ ފޮށުވުމަށް ސަރުކާރުން ކުރިމަސައްކަތް ދިޔައީ ސުމަކަށެވެ. ކުރީފަހަރު ވީހެނެއް ނުވިއެވެ. އެއްގޮތަކަށް ވެސް ވައިގައި ހިފާގޮތެއް ނުވިއެވެ. އަޅުގަނޑުމެން ގިނަބައެއްގެ ކުރިމަތީގައި ވެގެން ދިޔައީ ގައުމީބަތޮލުން ނަށެވެ. ގައުމަށް މިނިވަންކަން ގެނެސްދިނުމަށް މަސައްކަތްކުރި ސިޔާސީ ލީޑަރުންނަށެވެ. މުޖާހިދުންގެ ދަރަޖަ ލިބުނެވެ. އަދި ބޭރު ދުނިޔެއިން ބަލައިގަތެވެ.

އިނގިރޭސި ވިލާތުގައި އޮންނަ އެމްނެސްޓީ އިންޓަރ ނޭޝަނަލުން އަޅުގަނޑުމެންނާ ބެހޭ ވަރުގަދަ ރިޕޯޓެއް ދުނިޔެއަށް ނެރެހާމަކޮށް ދިނެވެ. ޖަލުގައިކުރި އަނިޔާތަކުގެ ވާހަކަ އެރިޕޯޓުގައި ތަފުސީލުކޮށް ގެނެސްފައި ހުއްޓެވެ. އިންސާނީ ޒަމީރުގެ ކުށްވެރިންގެ ގޮތުގައި ފާހަގަކޮށް، އެލަގަބު އަޅުގަނޑުމެންނަށް އެރުވުނެވެ. އަމިއްލަ ޒަމީރަށް ފެންނަ ހައްގު ބަސްބުނެ، ޑިމޮކްރެސީއާއި އިންސާނިއްޔަތުގެ މިނިވަންކަމަށް މަސައްކަތް ކޮއްގެން ޖަލުގައި ބަންދުކުރެވުނު މީހުންގޮތުގައި ދުނިޔޭގެ ބޮޑެތިގައުމު ތަކުން، ގަބޫލުކުރިއެވެ.

އާދެ، އެމެރިކާއާއި އިނގިރޭސި ވިލާތާއި ޔޫރަޕިޔަން ޔުނިޔަނާއި ކޮމަން ވެލްތުގައުމުތައް މީގެތެރޭގައި ހިމެނެއެވެ. ކުރީފަހަރާ ތަފާތުކޮށް، މިއީ ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެކެވެ. 1990 ވަނަ އަހަރުގެ ސިޔާސީ ކަންތައްގަނޑަކީ، ރާއްޖޭގައި ބޮޑުޑިމޮކްރަސީ އެއް ގެނައުމަށް ހިންގުނު ހަރަކާތެއް ކަމުގައި ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަތެވެ.

މިރޯލު ދިވެހި ރާއްޖެއަށްޓަކައި ކުޅެދެއްވީތީ، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިސްނާނީ ހައްގުތަކާބެހޭ، ބައިނަލް އަގްވާމީ ޖަމުއިއްޔާތަކަށް ނިހާޔަތަށް ޝުކުރު ދަންނަވަން ޖެހެއެވެ. އިނގިރޭސި ޕެން އިންޓަރނޭޝަނަލުން އެއަހަރު ހޮވި، ހޮނަރަރީ މެންބަރުންގެ ތެރޭގައި އަޅުގަނޑާއި ކެނެރީގޭ މަހަންމަދު ނަޝީދު “އަންނި” ހިމެނިގެން ދިޔައެވެ. މިހާރުވެސް ޝަރަފުވެރި ކަމުގެ، އެކާޑު އަޅުގަނޑު އަތުގައި ފޮރުވާފައި އެބައޮތެވެ.

އޭ!  ލޮބުވެތި ރައްޔިތުންނޭވެ! ދެންއޮތީ، ވަރަށްފަހުން، ސަރުކާރުން އުފެއްދި، 2004 ވަނައަހަރުގެ އޯގަސްޓް 12، 13 ގެ “ބަޣާވާތައް” ބަލައިލުމެވެ! އާދެ، އެއީ ތޯއެވެ؟ ފަހެ، މިއީވެސް ސަރުކާރުން ކުރިން ރާވައިގެން އުފައްދަން މަސައްކަތް ކުރި، އަދި ވަރަށް ޗާލާކީ ގޮތަކަށް ރާވާލި ރޭވުމެކެވެ. މިދެންނެވި އޯގަސްޓްމަހު، 9،10،11 މިތިންދުވަހުގެ ތެރޭގައި މާލޭގެ ދެތަނެއްގައި ވަރަށް ސީރިއަސް ސިޔާސީ ދެބައްދަލުވުމެއް އަޅުގަނޑުމެން ބޭއްވީމެވެ.

ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އަޅުގަނޑުމެން، ރިފޯމިސްޓުންގެ އިސްފަރާތްތަކާ އެކުގައެވެ. ސަރުކާރުން ބައިވެރިވަމުން ގެންދެވީ، މިނިސްޓަރުން ކަމުގައިވާ، ޑޮކްޓަރ މަހްމޫދު ޝައުގީއާއި އަލްފާޟިލް ހަމްދޫން ހަމީދުމެން ފަދަ ޒުވާން ބޭފުޅުން ކޮޅެކެވެ.

އަޅުގަނޑުމެންގެ ފަޅިން، ބައްދަލުވުން ތަކުގައި އިސްކޮށް ބައިވެރިވަމުން ގެންދެވީ، ރައްޔިތުންގެ ބޮޑުމަޖިލީހުގެ މާލޭގެ މެންބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލާއި އދ.އަތޮޅުގެ މެންބަރު އަލްފާޟިލް ގާސިމް އިބްރާހިމް މެންފަދަ ބޭފުޅުން ކޮޅެކެވެ.

އާދެ، މީގެ ބައްދަލު ވުމެއް ނިންމާލާފައި އައިސް މއ.ބޯގަންވިލާގައި މިކަމާގުޅިގެން މަޝްވަރާ ކުރުމުގެ ކުޑަ ބައްދަލު ވުމެއްގައި ތިއްބާ، ސަރުކާރުގެ ބޮޑުންގެ ތެރެއިން ބޮޑެއް ފޯނު ކުރައްވައިގެން، މިބައްދަލު ވުމުގައި ތިއްބެވި އިއްޒަތްތެރި ހުރިހާ މެންބަރުން ޖުމްހޫރީ މައިދާނަށް ގެންދެވުނެވެ. މިކޯލެއްއައީ ގާސިމަށެވެ.

ފަހެ، ބޮޑުންނާއި ބޮޑުންގެ ބޮޑުންނާ ދެމެދު ގުޅުންތަކެއް ފޯނުން ހިނގައިފިއެވެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، އަޅުގަނޑު މެންތެރޭގައި ތިއްބަވާބައެއް ބޮޑުންނާއި ސަރުކާރުގެ ބޮޑުންނާ ދެމެދު ސިޔާސީ ސިއްރު ގުޅުންތަކެއް އޮންނަ ކަމަށެވެ. ސަރުކާރުގެ ބޮޑެއްކަމުގައިވާ މިނިސްޓަރ އިލްޔާސް އިބްރާހީމް ވެސް އަދި ގާސިމް އިބްރާހީމް ވެސް މައްޗަންގޯޅި ބޯގަންވިލާއަށް ސިއްރު ޒިޔާރަތްތައް ކުރައްވާ މަންޒަރު ފެނިފައި އެބަހުއްޓެވެ.

ހަމަމިދުވަސްވަރު ސަރުކާރުގެ ބޮޑުންގެތެރެއިން ބޮޑެއް ކަމުގައިވާ، އޯލްޑުމޯލްޑިވްސްގެ ތެރެއިން ބޮޑެއްގެ ބެލުމުގެ ދަށުން، މާލޭގެ ދެކުނުފަރާތު އަތިރިފަޅީގައި ހުންނަ “އަތޮޅުވެހި” ކިޔާ މިނިސްޓަރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ކޮއްޓެއް ތެރޭގައި ސަރުކާރުގެ މަވައްޒަފުން ލައްވާ ރެއާދުވާލު، ކެއުމާއި ސައިދީގެން ހޭލާ ބައިތިއްބައި ގެން މަސައްކަތް ކުރުވާއި ހުދުޓީޝާޓް ތަކެއްގައި ރަތްކުލައިން ދެރޮންގު ދޭތެރޭގައި “ބަޣާވާތާދެކޮޅަށް” މިގޮތަށް ޖައްސުވާއި ތައްޔާރު ކުރެވުނެވެ.

އަދި ސަރުކާރު ތެރޭގައި ތިއްބެވި ޝައިޚް އުސްމާނު އަބްދުﷲ މެންފަދަ ބައެއްދީނީ އިލްމިވެރިން ލައްވާ ގައުމީޓީވީއާއި ރޭޑިޔޯއިން އެއީ ބަޔަކުމީހުން ފައްކާކޮށް، ރީތިކޮށް ހިންގި ބަޣާވާތެއްކަން ރައްޔިތުންނަށް ސިފަކޮށްދީ ހާމަކުރުވިއެވެ. އެކަމާހެދި ބަންދުގައި ތިބިމީހުންގެ ބައެއް އާއިލާތަކުން، ނަފުސާނީގޮތުން ބިރުގަނެ އެކިޒާތުގެ ނަފުސާނީ ބަލިތައް ޖެހުނެވެ. މިއީ ވެސް ސަރުކާރުން އުސްމާނު މެންފަދަ ޝައިޚުން ލައްވާ ކުރުވި ޒާލިމާނާ، އަނިޔާވެރި އަމަލެކެވެ.

ފަހެ، ދަންނާށެވެ! އަސްލާއި ހަގީގަތަށް ބަލާލުމެއްނެތި، އިއްޒަތްތެރި މެންބަރުންތަކެއް ގެންގޮސް ޖަލުގެކުޑަ ގޮޅިއަށްލައި ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބީއެވެ. އެކިގޮތްގޮތަށް ވަރަށް ގިނަ އަނިޔާކުރީއެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ، ދުވަސްދުއްވާލީއެވެ. ގާސިމު ލައްވާ މިކުޅިވަރު ކުޅުވާފައި ގާސިމާއެކު އެތައް ބަޔަކު ބަންދުކޮށް ޖަލަށްލުމަށް ފަހު، ސަރުކާރުގެ ބޮޑެއް ކަމުގައިވާ މިނިސްޓަރ ފަތުހުއްﷲ ޖަމީލާއި އެފަދަ ބޮޑުންތަކެއް ގޮވައިގެން ސިފައިންގެ މައިމަރުކަޒަށް ވަންނަވައި އެތާތެރޭގައި ޖަލްސާކޮށް ރޭއްވެވި ސިޔާސީ ރޭވުންތައް ފެއިލްވެ، އަނެއްއަތަށް މުޅީ ކުޅިގަނޑު ޖެހިގެންދިޔަ ގޮތާމެދު، މިއަދު ވިސްނަވާ ލައްވާށެވެ!

ބައެއް އިއްޒަތްތެރި މެންބަރުން ކަޅުފޮތިން ކަނުބަނދެ، ފަހަތަށް ބިޑިއަޅުވާއި ތަޅާދުންކާލި ބުރުވާލީ، ހަޑިހުތުރު އައުގުރާނަ ސިފައިން ގޮވަމުންނެވެ. ދުނިޔޭގެ ބޮޑެތިބާރު ތަކުގެ ސަފީރުން އަރިހުގައި ދޮގުވާހަކަތައް ފަތުރާފައި ވެއެވެ. ބަންދުކުރި އިއްޒަތްތެރި މެންބަރުންނާ، އެސަފީރުން ދޫނިދޫޖަލުގައި އެއްވެސް ހުރަހަކާނުލާ ބައްދަލުކުރަން މިކަމާހެދި އެބޭފުޅުންނަށް މަޖުބޫރު ވިއެވެ.

ފަހެ، މިއީ މީހަކުހިތަށް ވެސް ނާރާކަހަލަ ގޮތަކަށް ހިނގާދިޔަ ކަމެކެވެ. ﷲގެ ކުޅަދުންވަންތަކަން މާމަތިވެރިއެވެ!!

ފަހެ ދަންނައެވެ!  ސަރުކާރުން، މިހުރިހާ މަސައްކަތްތައް ރާވައިގެން ހިންގީ އެތާއިފޫޅު ހޯދުމަށް ހުރިހާކަމެއް، މަގުފަހި ކުރުމުގެ މަގުސަދުގަ އެވެ. މިވީ، 28 އަހަރު ތެރޭގައި ދޭތެރެދޭތެރެއިން ގެންދިޔައީ މިގަނޑު ގަނަމުންނެވެ. ވެރިކަން ދެންމުމަށް އެތާއިފޫޅު ހޯދަމުންނެވެ.

ކެރަފާ ނަސީމު ބޮލުގައި “ބަޣާވާތެއް” އެޅުވުމަށް މަސައްކަތް ކުރިއެވެ. ޑޮކްޓަރ ވަހީދު ބޮލުގައި “ބަޣާވާތެއް” އެޅުވުމަށް މަސައްކަތް ކުރިއެވެ. ބުރުމާ ގާސިމު ބޮލުގައި “ބަޣާވާތެއް” އެޅުވުމަށް މަސައްކަތް ކުރިއެވެ. އާދަކާދައިގެ ދަށުން، ރޭވިފައިއޮތް ގޮތަށް ކާމިޔާބު ކުރެވޭތޯ ކުރަންހުރިހުރިހާ މަސައްކަތެއް ސަރުކާރުން ކުރިއެވެ. އެހެނަސް ނިމުން އަންނާނެއެވެ!

ދައުލަތާ އިދިކޮޅަށް، “ބަޣާވާތް” ކުރި ކަމަށްހަދައި އެބުނާ ބޮޑެތިޚިޔާނަތް ތެރިންގެ މުދާތައް ސަރުކާރަށް ނެގުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރިއެވެ. އެހެނަސް، ﷲގެ ގުދުރަތުން އެކަންވިޔަ ނުދެއްވީ، ރ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ޝަހީދުޒަކީގެ ހިތަށްވެއްދެވި، ރޫހާނީއަސަރު ތަކެއްގެ ސަބަބުންނެވެ. އޭނާއަށް މަޑުންނީން ނެވިގެން މަޖިލިސް ތަޅުމުގައި ދެއްކެވުނު ވާހަކަފުޅުތަކެއްގެ ސަބަބުންނެވެ. “ކަޅުބުރާސްފަތި”  "ކަޅުހުކުރު" ތަކުގެއަނިޔާތައް ލިބުނު މީހުންނަށް ދައުލަތުން އެޅުއްވި ފިޔަވަޅުތައް ޝަހީދުޒަކީއަށް ހަމަލޮލުން ފެނިވަޑައިގެންފައި ހުރުމުން ދިމާވިގޮތެކެވެ. އެވާހަކަތައް ތަޅުމަށް އަސަރާއެކު އޮއްސާލެއްވީއެވެ.

ފަހެ، ދަންނާށެވެ! އެންމެބޮޑީ ﷲ އެވެ! ﷲ ގެ ކުޅަދުންވަންތަ ކަން ވަރަށް ބޮޑެވެ! ރ.އަތޮޅުގެ އިއްޒަތްތެރި އަނެއްމެންބަރ އަލީވަހީދު އަބްދުއް ރައްޒާގަށް، ޖަލްސާގެ އިންޓަވަލްގެ ވަގުތުކޮޅުގައި ވެރިންގެ ތެރެއިން ބޮޑަކު، ފާޑެއްގެ ވެކުސިނެއް ދެއްވީއެވެ.

އެވެކުސިނަކީ، އޯގަސްޓް 12،13 ގެ ހާދިސާ އޯޕަންފޯރަމެއްގައި، ރައްޔިތުންނާއި އާއިލާތަކުގެ މެންބަރުންގެ ހާޒިރުގައި ތަހުގީގުކޮށް ދޭނެކަމުގެ ޔަގިންކަމެވެ. މިވެކުސިން ވަގުތުންވަގުތަށް އެހިނދު ނުދެވުނުނަމަ، އެދުވަހު އޮނަރަބްލް އަލީވަހީދު އަބްދުއްރައްޒާގުގެ އަޑު ތަޅުމުގައި ވަރަށް ގަދަވެގެން ދިޔައިސް ކަމަށް އެމަނިކުފާނު މިހާރުއެބަ ވިދާޅުވެ ދެއްވައެވެ. އަޅުގަނޑަށް އެވާހަކަތައް އޭނާގެ ދުލުން ކިޔައިދެއްވިއެވެ.

ޖަލްސާގެ ފަހުބައިގައި އަލީވަހީދު މަޑުން ބޭންދުމަށް، ދެވުނު ވެކުސިނެއް ކަމަށް ގަބޫލުކުރެ ވެއެވެ. ފަހެ، ޝަހީދު ޒަކީ އާހެދި، އެޖަލްސާގެ މަގުސަދު ކާމިޔާބުނުވެ ފެއިލްވީއެވެ. ސުމަކަސް ދިޔައީއެވެ. އަދި ދަންނައެވެ. މެމްބަރު އަލީ ވަހީދު އަބްދުއްރައްޒާގަށް ސަރުކާރުން އެވެކުސިން ނުދިން ނަމަ، މާފޯރިގަދަ ވީހެވެ.

ފަހެ، ދަންނާށެވެ! ކޮންމެއަކަސް އިލާހީތަދުބީރުގެ ރޭވުންތެރިކަން މޮޅުކަމުން، މި “ބަޣާވާތް” ވެސް ދިޔައީ ވެރިންރޭވި ގޮތަށް ކާމިޔަބު ނުކުރެވިއެވެ. ފަނުފުލުންނެވެ. މާލަސްތަކެއްނުވެ ރައީސް މައުމޫނަށް، ﷲ ހަދިޔާއަކަށް ދެއްކެވީ، ސުނާމީ އެއްގެ ބިރުވެރި، ބޮޑު ނުކައްކާތެރި ހާދިސާއެވެ. ވެގެން ދިޔައީ ކުއްލި ސިހުމަކަށެވެ.

އާދެ! ދައުލަތާ އިދިކޮޅު، “ބަޣާވާތުގެ” ލީޑަރަށް ގެންގުޅުއްވި ފަރާޔަށް، މޯލްޑިވްސް މަނިޓަރި އޮތޯރިޓީގެ ގަވަރުނަރު ކަމާއި މިނިސްޓަރ އޮފް ފައިނޭންސްކަން ދެއްވުމަށް ރައީސް މައުމޫނަށް ފަހުން، މަޖްބޫރުވިއެވެ. މިއީ ވެރިކަމުގެ ބާރު ދެމެހެއްޓުމަށް ވެރިންކުޅޭ ހުތުރު ސިޔާސީކުޅިތަކެވެ. ފުންކޮށް މިފަދަ ހާދިސާތަކަށް ވިސްނާލުމުން، ﷲ ގެ ކުޅަދުން ވަންތަކަމުގެ މަތިވެރި ކަމާއިބޮޑުކަން ހަދާންކުރުން ހުއްޓެވެ!

ފަހެ، ފެންނަން މިހުރީ، އިބުރަތުން ފުރިގެންވާ ދިރިދިރިހުރި ސިޔާސީ ހާދިސާތަކެވެ. ސައްލާކޮށް ވަކިމަގުސަދެއް ހާސިލުކުރުމަށް ރާވައިގެން އުފެއްދި އަސްލެއްނެތް “ބަޣާވާތް” ތަކަށް ވެގެންދިޔަ ގޮތެވެ. އަދި ފުށުންފުށަށް ޖަހާނުލެވި ރޫޅިގެން ދިޔަގޮތެވެ. މިދަފަ ސިޔާސީ ކުޅިތަކުން ލިބޭ ކާމިޔާބުތަކަށް ވުރެ ނިމުންހުތުރު ވެދެއެވެ.

މުޑުދާރު މިކަންތައްތަކުގެ ތެރޭގައި ރޭވިފައި ހުރި ރޭވުންތަކުގެ މިންވަރަކީ، ހުރަވީބިލްޑިންގު ރޯކޮށްލަން އުޅުނީ، ކޮންރޭވުމެއްގެ ދަށުން ކާކުއިސްކޮށް ހުރެގެންތޯ ސުވާލު ކުރެވެއެވެ؟ ގާމާދޫ ޖަލުގެ ދޮރުތައް ހުޅުވާލާފައި ކުށްވެރިންތައް ދޫކޮށްލީ ކާކުގެ އޯޑަރަށް ތޯ ސުވާލު ކުރެވެއެވެ؟  އެކަން ފޫބެއްދުމަށް އޭގެތެރެއިން އެއްބަޔަކު ދަތުރުކުރި ދޯންޏަށް މާލެއައުމުގެ މަގުމަތީގައި ވަނިކޮށް ކަނޑުމަތިން ހަމަލާދެވުނީ ކޮންރޭވުމެއްގެ ދަށުންތޯ ސުވާލު ކުރެވެއެވެ؟ އެދުވަހު ޖަލުން ދޫކޮށްލި މީހުންތަކުގެ ނޮހޮރުއްޕާނުން އަދިވެސް ދިވެހި މުޖްތަމައު މިއެޅެމުން ގެންދަނީ ސަލާމަތް ނުވެވިގެންނެވެ! މިސުވާލުތަކަށް ޖަވާބުދޭނެ އެކަކު ވެސް ނެތެވެ! ހެއްވައެވެ!

ފަހެ، މިކަންކަން ބެލެންޖެހޭނެއެވެ. މާލޭގެ މަގުތަކުގައި އަލިފާންބޯޅަ އުއްކުވީ، ކޮންރޭވުމެއްގެ  ދަށުން ކާކުއިސްކޮށް އަޑީގައި ހުރެގެންތޯއެވެ؟ މިކަންތައް ވެސް ބަލަންޖެހޭނެއެވެ! އެކިއެކިނަން ނަމުގައި ހަރަކާތް ތެރިވާމުންގެންދާ ތަގުންގެ ފޯސްތަކާއި "ބިންބިފޯސް" ހަރަކާތްތެރި މަނުންމިދަނީ، ކޮންރޭވުމެއްގެ ދަށުންކާކު ބުނެގެން ކާކުގެ އަމުރަށް ތޯއެވެ؟ މިކަންތައް ވެސް ބަލަންޖެހޭނެއެވެ!

ފަހެ، މިއީ ހަމަ، ހަގީގަތުގައިވެސް ސަރުކާރާ ދެކޮޅަށް ހިންގުނު، “ބަޣާވާތް” ތޯއެވެ؟ ނުވަތަ ޓެރަރިޒަމް ތޯއެވެ؟ ނުވަތަ ރައީސް މައުމޫނު އަމިއްލަފުޅަށް ވެރިކަމުގެ ބާރާއި ދުވަސްތައް ގިނަކުރުމަށް އުފެއްދެވި ސިޔާސީ ކުޅިމަޖާތައް ތޯއެވެ؟  މިކަންތައް ވެސް ބަލަންޖެހޭނެއެވެ! ރަނގަޅު ވެރިކަމެއް އައިސް ފަސާދައިގެ މިކަންކަން ތަފުސީލުކޮށް ނުބަލައިފި ނަމަ މިގައުމުގެ ކުރިމަގެއް އުޖާލާކޮށް ފެންނާކަށް ނެތެވެ. ކުރިމަގު ނުވެސް ހޯދޭނެއެވެ. އަނެއްކާ ވެސް ފަސާދައިގެ މައްޗަށް ފަސާދަ ގިނަކުރާނީއެވެ.

އަޅުގަނޑު ރައްޔިތުންނާ މިކުރި، ސުވާލުތަކުގެ ޖަވާބު، ލޮބުވެތި ރައްޔިތުން އަމިއްލަފުޅަށް ހޯއްދަވާށެވެ. ފަހެ، ވާނުވާ ރަނގަޅަށް ފުންކޮށް ދަނެތިބުމަކީ، މުއުމިނުންގެ އިސް ސިފައެކެވެ. މުއުމިނުންނަށް ނަސްރާއި ކާމިޔާބު ދެއްވުމަކީ، ﷲ ގެ ހައްގެއްކަން ޔަގީނެވެ. އޭ! ﷲ އެވެ! އަޅަމެން ދިވެހިންނަށް ތެދުމަގުގައި ދެމިތިބުމަށް، ﷲ ގެ އޯގާތެރިކަން ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page