top of page

ހިމޭން އިންގިލާބަށް މަރުހަބާ!

  • Writer: ilyashusein
    ilyashusein
  • Oct 2, 2009
  • 3 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ނޮވެމްބަރ 02 ގައި.)

ދިވެހިރާއްޖެއަށް މިގެނެވުނު ހިމޭން އިންގިލާބަށް މަރުހަބާއެވެ! ﷲ އަށް ހަމްދާއި ޝުކުރުހުއްޓެވެ! ފަހެ ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! ދިވެހިރާއްޖޭގެ ދިގުތާރީޚުގައި އެއްޕާޓީއަށްވުރެ ގިނަސިޔާސީ ޕާޓީތަކެއް ބައިވެރިވެ ގިނަކެނޑިޑޭޓުން ތަކެއް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމާ ވާދަކުރެއްވި އެންމެމިނިވަން އިންތިޚާބު ނިމިގެން ދިޔައީ، ދުވަހަކުވެސް ދިވެހިތާރީޚުގައި ހަނދާންނުނެތޭނެ އިންތިޚާބެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި ލިޔެވިގެންނެވެ. ހަމަގައިމުވެސް ދިވެހި މުއައްރިޚުން ރާއްޖޭގެ މިތާރީޚީ އިންގިލާބު ސިފަކުރާނީ، ރާއްޖެއަށް ވޯޓުފޮށިތައް މެދުވެރިކޮށް ގެނެވުނު ވަރަށްތާރީޚީ “ހިމޭން އިންގިލާބެއް” ގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގައި އެކިގައުމުތަކުގައި ލޭއޮހެރުމެއްނެތި މިފަދަ އިންގިލާބުތައް ވަނީ، މާޒީގައި ވަރަށް ކާމިޔާބުކަމާއެކު ގެނެސްފައެވެ. އެކިކުލައިގެ އެކިމީރުވަސްދުވާ މާމެލާމެލީގެ ރީތިނަންނަމުގައި ވަނީ، ކަމިޔާބު އިންގިލާބުތައް ގެނެސްފައެވެ. ހަމަގައިމުވެސް ދިވެހި ރާއްޖޭގައި މިގެނެވުނު ކާމިޔާބު އިންގިލާބު މުގެނެވުނީ، “ބަދަލު” ގެ ނަމުގައެވެ. ބަދަލެއްގެ ރޫހުގައެވެ.ނުތާހިރު ޚުދުމުޚުތާރު ސަރުކާރަކުން ތާހިރު ޑިމޮކްރަސީއަކަށް ފުރޮޅާލުމުގެ ނަމުގައެވެ. ބުއްދިވެރިކަމާއި ހަމަހިމޭން ކަންމަތީގައި އެއްސަރުކާރުން އަނެއްސަރުކާރަށް ބަދަލުކޮށް ލުމުގެ ބޭނުމުގައެވެ. ފަހެ، އެކިގޮތްގޮތަށް އެކިސިފަ ސިފައިގާ ބޭނުމްކުރެވުނީ، ބަދަލަށް ގޮވާލެވޭ ބަސްތަކެވެ. “އަނެއްދިވެހި ރާއްޖެ” އަދި “ވަތަންއެދޭގޮތަށް” މިފަދަ ދިވެހިންގެ ވިންދާކުޅެލާ ޝިއާރުތަކެވެ. އަތްފައިގައި ހީބިހި ނަގައިގަންނަ މިފަދަ އަޑުތަކާއި މަންޒަރުތަކެވެ. ފަހެ، މި “ހިމޭންއިންގިލާބު” ގެނެސް ކާމިޔާބު ކުރުމަށް ބޭނުންކުރެވުނު އެންމެ ސްޓްރެޓެޖިކް ހަތިޔާރަކީ، މިއެވެ. ބަދަކުގެ ފިކުރެވެ. މިނޫން ފިކުރެއް ބިނާކުރެވިފައެއް ނެތެވެ. އިލްމީނަޒަރަކުން ބަލާއިރު ދިވެހި ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ވެރިކަމާދެކޮޅަށް އުފެދުނު އެންމެބޮޑުޕާޓީ އިންތިޚާބުގެ ކުރިންނާއި އިންތިޚާބުތެރޭގައި ބޭނުންކުރި ސިޔާސީ އުކުޅުތަކަކީ، ދުނިޔޭގައި ހަތިޔާރާނުލައި ފުރިހަމަ ތާހިރު ޑިމޮކްރަސީއެއް ގެނައުމަށް ކުރެވުނު ހަނގުރާމަތަކުގައި ބޭނުންކޮށްފައިވާ ހަރުދަނާ އުކުޅުތަކާއި ހުނަރުތަކެވެ. ފަހެ ދިވެހި ރާއްޖޭގެ “ހިމޭންއިންގިލާބު” ކާމިޔާބުކޮށްދިން އުކުޅުތަކާއި ހުނަރުތަކުގެ މޭސްތިރިއަކީ، މިހާރުގެ މުންތަޚަބު ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް މުހަންމަދު ނަޝީދު (އަންނި) އެވެ. ފަހެ، ﷲއީ އެކަލާނގެ މަގުގައި ހެޔޮނިޔަތުގައި އިސްލާހަށް ގޮވާލާއަޅުންގެ ހިތްތަކަށް މޮޅެތިގޮތްތައް ވައްދަވާއި ތަދުބީރުކޮށް ދެއްވާ ރަސްކަލާނގެކަން ކަށަވަރެވެ! ފަހެ، މިހިމޭން އިންގިލާބު ކާމިޔާބު ކުރެއްވުމަށް އަންނި ގެންގުޅުއްވި ކާމިޔާބު އުކުޅުތަކާއި ހުނަރުތަކަށް ސާބަސް ދަންނަވަމެވެ. ހިތުގެއަޑިން ޝުކުރާއި މަރުހަބާ މިދަންނަވަނީ، ޖަލުގަޔާއި ޖަލުންބޭރުގައި އެމަނިކުފާނަށް ހިތްވަރުދިނުމާއި މަދަދުވެރިވުމުގައި އަބަދުވެސް އެކުގައި އުޅުނު އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. ބިރުވެރިކަމާއި އުފަލުގައެވެ. އަނިޔާއާއި ސަލާމަތުގައެވެ. ނާމާންކަމާއި އަމާންކަމުގައެވެ. އަނދިރީގަޔާއި އަލީގައެވެ. ފަހެ، ދަންނާށެވެ! މުޅިދުނިޔެއަށް މަޝްހޫރު މަންޑޭލާއާއި ގާންދީޖީއަށް ވެސް އެންމެބޮޑަށް ގައުމީ ޖިހާދުގައި ހިއްވަރުލިބުނީ، އެފަދަ ވަގުތުތަކުގައި ހިތްވަރާއި މަދަދުދިން އެކުވެރިންގެ ކިބައިންލިބުނު ސާބިތުކަމުންނެވެ. ފަހެ، އަޅުގަނޑު ދެކޭގޮތުގައި މުންތަޚަބް ރައީސުލް ޖުމްހޫރިއްޔާ އަންނިއަކީ، މުޅިދުނިޔެ ގަބޫލުކޮށްފައިވާ، މަންޑޭލާއާއި ގާންދީޖީފަދަ ޝަޚްޞިއްޔަތެކެވެ. އަންނިއަކީ، ރާއްޖޭގެ މަންޑޭލާއެވެ. އަންނިއަކީ، ރާއްޖޭގެ ގާންދީއެވެ. އުމުރުން ފަސްދޮޅަސް އަހަރުގެ ކުރިން އަޅުގަނޑު ދެކޭގޮތުގައި ދުނިޔޭގެ ނޯބަލްޕީސް ޕްރައިޒް، ތާހިރު ވެއްޓެއް ބިނާކޮށް، ތާހިރު ޑިމޮކްރަސީއަށް ގަދައަޅައި މަސައްކަތްކޮށް ދިނުމުގެގޮތުން، އެމަނިކުފާނު ހާސިލްކުރައްވާ ނެއެވެ. ﷲގެ އިރާދަފުޅުންނެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމަނިކުފާނު އެމަގުކޮށްޓަވާނީ، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ރަސްމީހުވާ ކުރެއްވުމުގެ ފަހުގައެވެ. ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ. އެހެނަސް މިކަންވާނީ ވެރިކަމުގެ ދަހިވެތިކަމަށް ނުގޮސް ރާއްޖެއަށް މިރީތިނަން ހޯދައިދިނުމަށް ވަގުތުހުސް ކޮށްގެންނެވެ. ވިސްނުން ބޭނުން ބޭނުން ކުރައްވައި ގެންނެވެ. ރައްޔިތުން ވޯޓްދެއްވީ ނައިބާއެކުގައި ކަމަށްވާތީ، ނައިބާއެކު ވެރިކަމުގެ ބާރު ހިއްސާކުރެއްވުމަކީ، މިކަމަށް އޮތްއެންމެ އަލިމަގުކަން ހަދާންކޮށް ދެމެވެ. އަބަދުވެސް މިކަމަށް ވިސްނެވުމަކީ، ގައުމުގެ ކުރިމަގަށް އަލިކަން ގެނެސްދިނުމެވެ.

އާދެ! ދިވެހި މަޝްހޫރު ލިޔުންތެރިއަކު ރާއްޖެއަށް ގެނެވުނު، މިހަމަހިމޭން އިންގިލާބަށް ދީފައިވާނަމަކީ، “ރީދޫއިންގިލާބު” ނުވަތަ “ޔެލޯރެވޮލިއުޝަން” އެވެ. އަޅުގަނޑު އެލިޔުންތެރިޔާގެ މިވިސްނުމާ މުޅިންދެކޮޅެވެ. ފަހެ، އަންނިގެ ތާހިރު މިއިންގިލާބު ކާމިޔާބު ކުރުމުގެ ސިއްރަކީ، ރީދޫކުލައެއް ނޫނެވެ. އަދި އަމުދުން އެމްޑީޕީގެ ކުލައަކީ، ރީދޫއެއްވެސް ނޫނެވެ. ރަންރީދޫއެވެ. އަދި މިސްކިތު މަލެއްވެސް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއިންގިލާބު ކާމިޔާބުކުރުމުގެ އެންމެބޮޑު ސިއްރަކީ، ކެއްތެރިކަމާއި ހަމަހިމޭންކަމެވެ. އަންނިގެ މޭސްތިރިކަމުގައި މިގެނެވުނު އިންގިލާބަށް ދިވެހިން ކިޔުންއެންމެ ހައްގީ، އަދި މިއިންގިލާބުގެ ފޮރުވިފައިވާ ސިއްރަކީވެސް، ހަމަހިމޭންކަމެވެ. ކެއްތެރިކަމެވެ. މިއީ “ހިމޭން އިންގިލާބެ” ކެވެ. ފަހެ، ހައްގު އަތުވެއްޖެއެވެ. ނަސްރު ލިބިއްޖެއެވެ. ބާތިލުނެތި، ފޮހެވި، ފަނޑުވެގެން ހިނގައިދާނެއެވެ. އެއްވެސް ޝައްކެއްނެތެވެ! އެކާވީސްވަނަ ގަރުނުގައި ދިވެހިރާއްޖެއަށް ދިވެހިން މިގެނެސްދިން ބަދަލަކީ، “ހިމޭން އިންގިލާބެ” ކެވެ. ދުނިޔޭގެ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ތަޖުރިބާތަކެއް އެކުލެވިގެންވާ ވަރުގަދަ ފިލާވަޅެކެވެ. މިމުހިންމު ބަދަލު ހަރުދަނާ ގޮތެއްގައި ދަމަހައްޓާއި ވަރުގަދަކުރުމަކީ، ރައްޔިތުން ވޯޓުދެއްވައިގެން މުންތަޚަބުވެ ވަޑައިގެންނެވި ދެބޭފުޅުންގެ މައްޗަށް އެއްވަރަށް ބެހިފައިވާ ޒިންމާއެކެވެ. ގާނޫނީ ބާރެކެވެ. ގިނަފައިސާ ޚަރަދުކުރި މީހާއަށް ވަޒީރުކަން ވިއްކާއުސޫލަށް އެއްވެސް ކަމެއް ހިނގައިގެން ނުވާނެއެވެ. ވުޒާރާއެއް ވިއްކާލެވިގެން ނުވާނެއެވެ. އަދި ހަމައެހެންމެ، އެއްނުފޫޒެއްގެ ދަށަށް ދެވުޒާރާއެއް ގޮސްގެން ނުވާނެއެވެ. މިއިންކަމެއް ހިނގުމަކީ ހަލާކުގެ ދޮރާށި ހުޅުވުމެވެ. ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ސަރުކާރުގެ ވަރަށް ކުރީކޮޅު ބިންގާއެޅުނު އިސްލާހީ ހަރަކާތަށް، ނިމުން ގެނެސްދިން “ހިމޭން އިންގިލާބު” ކާމިޔާބު ކުރުމާހަމައަށް މިކުރެވުނު އިސްލާހީ ހުރިހާ މަސައްކަތަކީ، ކުރިޔަށްއޮތް ޖީލުތަކަށް މަތިވެރިވެގެންވާ ދަރުސެކެވެ. ފިލާވަޅުތަކެކެވެ. އިލްމީ އިދާރާތަކުގައި ޓެކްސްޓް ފޮތްތައްލިޔެވި، ދިވެހި ރާއްޖޭގެ “ހިމޭން އިންގިލާބު” ދަރިވަރުންގެ ދަރުސްތަކެއް ސިފައިގާ ކިޔަވައި ދެވޭނެކަން ކަށަވަރެވެ. ރާއްޖެއަށް މިގެނެވުނު އިސްލާހުގެ މައްޗަށް ފޮތްތައް ލިޔެވޭނެކަމާމެދު ޝައްކެއްނެތެވެ. މިއީ ފިލްމުތައް ހެދިގެންދާނެ އިންގިލާބެއްކަން ޔަގީނެވެ. މީމާ އެންމެ ފުރިހަމަގޮތުގައި މިއިންގިލާބު ދެމެހެއްޓުމީ، މުންތަޚަބް ރައީސް ނަޝީދުގެ އެންމެއިސް ވާޖިބަށް ހައްދަވަން ޖެހޭނެއެވެ. ވެރިކަމުގެ ވަސްވާހުގައިޖެހި، މިކަން ހަދާންނެތިއްޖެ ނަމަ، ހިތާމާއިގެ ކޮޅެއްނެތެވެ.

އޭ! ﷲއެވެ! ހިމޭން އިންގިލާބުގެ މޭސްތިރިޔާ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް މުހަންމަދު ނަޝީދަށް ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި ތާހިރު ޑިމޮކްރަސީއަށް ޚިދުމަތްކުރުމުގެ އެންމެމަތީ ހަރުފަތަށް މިދުނިޔެ މަތީގައި ވާސިލު ވުމުގެ ހިތްވަރާއި ވާގިވެރިކަމާއި ވިސްނުން ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page