ހޭއަރުވާނުލަނީސް ހޭއަރާށެވެ.
- ilyashusein
- Oct 22, 2009
- 5 min read
=އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ: 2006މ، ގައި=
އޭ! އަހަރެމެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ކައުބަތުއްﷲ ގެފުޅު ކުރިމަތީގައި ތަކުރާރުކޮށް، އެތައް ފަހަރަކު ކޮޅަށް ހުރެ، އަހަރެން މިހުރީ ކަލާއަށްޓަކައި ގުރުބާން ވުމަށް ހިތުގެ އަޑިން ހުވާ ކޮށްގެންނެވެ. ކަލާގެ ފުރިހަމަ ކަމާއި އިންސާފަކީ، ދިވެހި އުއްމަތުގެ ކާމިޔާބުކަން ޔަގީނެވެ. ޝައްކެތް ނެތެވެ! އެންމެހައި މީސްތަކުން އެއްވެ، ރޫޙާނީ ގޮތުން ގަބޫލުކުރާ ދީނަކާއި ވަކި ގޮތް ތަކެއްގެ މަތިން ހިންގާނެ ވެރިކަމެއް ރާވައި، އެއާގުޅޭ އެހެނިހެން ކަންތައްތައް ކަމުގައިވާ، ބަހާއި ވައްޓަފާޅިއާއި އާދަ ކާދަ ތަކެއް އުފައްދައި، އަމިއްލަ ވެރިކަމެއް ގާއިމުކޮށްގެން އުޅޭތާ އެތަކެއް ސަތޭކަ އަހަރުތަކެއް ވެއްޖެ ކަމުގައި ދަޢުވާކޮށް، އެދަޢުވާ ކަލާ ވަނީ، ވަރަށް ފުރިހަމަ ކަމާއެކު ސާބިތު ކޮށްދީފައެވެ. އަދި މުޅި ދުނިޔެ ވަނީ އެކަން ގަބޫލު ކޮށްފައެވެ. ދެބަސް ނުވެވޭނެ ހެތްކަކީ، ދުނިޔޭގެ ގައުމުތަކުގެ ޖަމާޢަތްތަކުގައި ކަލާވަނީ، ހިމަނާފައެވެ. ހަމަހަމަ މެންބަރަކަށް ހަދާފައެވެ. މިއީ ދުނިޔޭގައި ލިބޭނެ އެންމެ މަތީ ޝަރަފެވެ. ސިޔާދަތެއް ހައްގު ވެގެންވާ ގައުމަކަށް ކަލާވެ، ތަސައްރަފު ފުދުނީއެވެ.
ފަހެ، ދަންނާށެވެ! މިކަން މިހެން އޮތްއިރު، ކަލާގެ ވަށައިގެން މިދުނިޔޭގައި ހިނގާ ކަންތައް ތަކާމެދު ވިސްނާއި ފިކުރު ހިންގަން ހެއްޔެވެ؟ އެންމެ އަޑީގައި ފޮރުވިފައިވާ އެއްކަމެއް،….. ބޮޑު ކަމަކަށް ވާންވީ ސަބަބާއި ހަމައަށް ވާސިލުވެވޭތޯ މަސައްކަތް ކުރަމު ހެއްޔެވެ؟ ޝައްކެތް ވަސްވާހެއް ވެސް ނެތެވެ! މިއީ ޖަވާބު ދިނުމަށް ވުރެން ކުރަން މާފަސޭހަ ސުވާލެކެވެ. ނަމަވެސް މިދުނިޔޭގެ ސުންނަތް ކަމުގައިވާ ބަދަލުވުމާއި ތަފާތު ވުމާއި ފުރޮޅުމުގެ ޢިބްރަތް ތަކުން ފިލާވަޅު ލިބިގަންނަން ނޭގިއްޖެނަމަ ކުރިއެރުމޭ މިކިޔާ މުބާރާތުގައި ކަލާއަށް ޖެހޭނީ، ފަސްޖެހި ދެރަވާށެވެ. ގިސްލަގިސްލާ، ހިތާމަ ކުރާށެވެ. އެހެން ބައިބައި މީހުން ހޯދާ ރީތިނަމާއި ކާމިޔާބުތައް ދަހިވެތިވެތި ކަމާއި ބޭނުންވުމާއެކު، ހަމަ ބަލަބަލާ ހުންނާށެވެ. ހިތް ކިޔަކިޔާ ހުންނާށެވެ. ޙަޤީީޤީީ ކުރިއެރުމުގެ ބަދަލުގައި ފޮނިފޮނި ހުވަފެންތަކެއް ސިކުނޑީގެ ތެރެއިން ދައުރު ކޮށްކޮށް ބާއްވާށެވެ. ނުވަތަ ފަށުވި ބަސްތަކަކުން ތިމާއަށް މިވެނި އެވެނި ކަންތައްތައް ވެވިދާނެ ކަމުގެ ސަޅިބަސްތައް ބުނެ އެކަމުން ބޮޑާވެގަންނާށެވެ. ފަޚްރުވެރި ވެގަންނާށެވެ.
މިހުރިހާ ކަމެއް މިހެންވަމުން ދާއިރު، ދުނިޔެއޭ މިކިޔުނު ވަށް ބޯޅައިގެ ވަށައިގެން، ދިރިއުޅޭ އެތައް ބިލިއަން އިންސާނުންނެއް އެމީހުންގެ ދިރިއުޅުންތަކަށް ބަދަލު ގެނެސް ކުރިން އުޅެމުން އައި ގޮތްތައް ދޫކޮށް، އާގޮތްތަކާއި މަގުތަކެއް ހިފަމުންދާކަން ކަލާ ގަބޫލު ކުރަމު ހެއްޔެވެ؟ ނުވަތަ މިފަދަ ބަދަލުތަކެއް ކަލާގެ ލޮލުގެ ކުރިމަތީގައި އަށަގަނެ، އަންނަމުންދާ ކަން ނުދެކެމު ހެއްޔެވެ؟
އިންސާނުން މިދުނިޔޭގައި ލެއްވީއްސުރެ މިހާތަނަށް އަދި ކުރި އެންމެ ބޮޑު “އަޖުމަބެލުން” މުޅިން ނާކާމިޔާބުވެ، ފުށުންޖެހިއްޖެއެވެ. އެތައް މިލިއަން މީހުން ގެ ލޭ އެކަމެއް ކާމިޔާބު ކުރުމަށްޓަކައި އޮހޮރާލެވުނު، މީސްތަކުންގެ އަގު ބޮޑު ފުރާނަތައް މިއަދު އެނބުރި އެ “އަންނަނީ” އެމީހުންނަށް ދެވުނު ބޮޑު އަނިޔާތައް ދައްކަމުން ހާމަކުރަމުން، މިހާރު ދުނިޔޭގައި ތިބި އެމީހުންގެ އަޚުންނާއި އުޚްތުންނަށް ގޮވަމުން ނަސޭޙަތް ދެމުންނެވެ. އެކަކު އަނެކަކަށް ހަނދާންކޮށް ދެމުންނެވެ. ނުކުމެ އަތުގުޅާލައި މަދަދުވެރި ވަަމުންނެވެ. އާދެ! ކޮމިއުނިޒަމްގެ ނަމުން ނަން ދެވިގެން، ކާރލް މާކްސްގެ ޚިޔާލީ ދުނިޔެއަށް އުފަންވެ، ލެނިން އާއި ސްޓާލިން، މާއްދިއްޔަތުގެ އޮޅުވާލުމުގެ ތެރެއިން، އިންސާނުންގެ ލެއިން އެއަށް ރޯކަން ގެނެސްދިން ކޮމިއުނިޒަމް ދުނިއެއަށް ދިން ބޮޑެތި ގެއްލުންތައް އަގުކޮށް ވަޒަންކުރާނީ، ކިހިނަކުން ކަން ބުނެދޭން އެގޭނެ މީހަކު އެބަހުރިތޯއެވެ؟ މިގެއްލުންތައް، މިނާނީ ކޮން މިންގަނޑަކުން ކަން ހޯދޭނެ ގޮތެއް އެބައޮތްތޯ އެވެ؟ ނެތްކަން ކަށަވަރެވެ. ގެއްލުމުގެ ކޮޅެއް ވެސް ނެތެވެ. ހަލާކާއި ދަމާރައެވެ. އަނިޔާތަކާއި ފުރާނަތައް ނެތި ދިއުމެވެ. މަރެވެ. ނެތުމެވެ.
އޭ! އަހަރެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ކަލާ ހިމެނިގެންވާ ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން ކަލާ ވިސްނާ ފިކުރު ކުރާށެވެ! ދެނެގަންނާށެވެ. ރީތިނަން ހޯދާށެވެ. ކާމިޔާބު ހޯދާށެވެ. މިހާރު މިވަނީ ކަލާއަށް ކެހިތައް ފެނި ގަބޫލު ކުރެވިފައެވެ. ވިސްނާފައި ކުރާ ކޮންމެ ކަމަކުން ޖެހެނީ އިނދައެވެ. ދިމާކޮށް ހަޖޫ ކިޔުމަށް އިތުރު މަގެއް ފަހިވެއެވެ. ކޮމިއުނިޒަމްގެ ނުރައްކަލަކަށްވީ، އެރޭވުމުގައި ގެންގުޅުނު ޚުދުމުޚްތާރު ބާރެވެ. “އެކަކަށް އެކަނި” ރަނގަޅު ގޮތް ފެނުމެވެ. ހުރިހާވެސް އެއްޗަކީ އޭނާއަށް ވުމެވެ. ރައްޔިތުންގެ ރުހުމުގައި، ނުވަތަ ނުރުހުމުގައި ވިޔަސް، ބޯލަނބަން ޖެހުމެވެ. ވެރިއަކަށް ހުރި މީހަކަށް ކިޔަމަންވުން ނޫން ގޮތެއް ނުދެއްކުމެވެ. ހުރިހާ ރަނގަޅެއް ތިމާއަށް ފެންނަކަމަށް ދެކި، ދެންތިބީންނަކީ، އެއްވެސް އެއްޗެއް އެނގޭ، އަދި ވިސްނޭ ބަޔަކު ކަމުގައި ނުވުމެވެ. ރައްޔިތުންނޭ މިކިޔާ ބައެއްގެ ރަނގަޅާއި ކުރި އެރުމަކީ، އަދި ހަރުދަނާ ވުމަކީ، ރައްޔިތުންވެސް ބައިވެރިވެގެން ކުރެވޭނެ ކަމެއް ކަމުގައި އިސްކޮށް ތިބި ބޮޑުން ނުދުށުމެވެ. އެމީހުން ހަނދާން ނެތުނީ ރައްޔިތުންނެވެ. އެމީހުން ދުށީ އެމީހުންނަކީ ވަކި މީސްތަކެއްގެ މައްޗަށް އެކުލެވުނު ޖަމާޢަތެއް ކަމެވެ. އެމީހުން ހަނދާން ހުރީ އެމީހުންގެ ބާރުުތަކެވެ. “ކޮށްދޭން” ހިތަށް އަރާ މޮޅުކަންތަކެވެ. އެމީހުން އަތުގައި ބާރު އޮތުމުން، އަމިއްލައަށް އުޅެވެން އޮތް މޮޅު ގޮތެވެ. ލިބޭ ބާރާއި އިޚްތިޔާރު ތަކެވެ. އަމިއްލަ ވިޔަފާރި ފުޅާ ކުރުމާއި ބިންތައް އަމިއްލަ ކޮށްގަތުމެވެ. އެހެން ކަމުން ވާނެ އެތި ވީއެވެ. ކޮމިއުނިޒަމް ބަންޑުން ޖެހުނީއެވެ. އެއީ ހުސްއެއްޗަކަށް ވީއެވެ. ހަމައެކަނި ތޮށިގަނޑަށް ވީއެވެ. އޭގެ ބާރު ވެރިކަމުގެ ދަށުވެގެން ތިބި މީސްތަކުން، ހަށިފޮޅާލީއެވެ. ތޮށިގަނޑު އެއްލާލުމަށްފަހު، ބޭރަށް ނުކުތީއެވެ. މިނިވަންވީ އެވެ. ނަތީޖާއަކަށްވީ އެކުވެރި ވުމާއި ސޮލިޑެޓަރީގެ ނަމުގައި ޕޯލަންޑުގައި އުފެދުނު، ޖަމާޢަތް، މީސްތަކުންގެ ޙައްގުތަކާއިގެން ތެދުވެ، ކާމިޔާބު ކުރުމެވެ. ރައްޔިތުންގެ ބާރު ފެނިގެން ދިއުމެވެ. ދެޖަރުމަނު ވަކިކުރަން ލެވިފައި ހުރި ވަރުގަދަ ފާރު ވައްޓާލާ ޖަރުމަނު އެންމެން، މިނިވަންކަން ހޯދައިގަތީއެވެ. އަޅުވެތި ކަމުގެ ރަމްޒަކަށްވީ މިފާރުގެ އެތިކޮޅުކޮޅު މިއަދުވަނީ އެއަޅުވެތިކަމާ މެދު ނަފްރަތު ކުރާ މީސްމީހުން، ހަނދާނެއްގެ ގޮތުގައި ރައްކާކޮށް ފޮރުވާފައެވެ. އާސާރީ އެއްޗެއްގެ ގޮތުގައެވެ. ހަނދާނަށްޓަކައެވެ.
ދެން އައި ދުވަހަކީ، ހަމަ ގައިމުވެސް ކަލާވެސް، އެރޫޅުމެއް ވަރަށް ޝައުގުވެރިކަމާއެކު، ބެލި ރޫޅުމެކެވެ. ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު “ރައްޔިތުނގެ ސަރުކާރު” ކުނޑި ކުނޑި ވުމަށް ފަހު، ބައިގެން ދިޔަ ދުވަހެވެ. މުޅި ދުނިޔެ ސާރިދޯޅެއްގެ ސިފައިގައި ދުށް، ސޯވިއެޓް ޔޫނިއަން ރޫޅި ފުނޑުފުނޑުވީ ދުވަހެވެ. އެއީ ކޮންފަދަ ސޯވިއެޓް ޔޫނިއަނެއް ތޯއެވެ؟ ހަތިޔާރާއި ސިއްރު ފުލުހުން ވެގެން ގަދަފަދައަށް ބަނދެ އެކަތި ގަނޑަކަށް ހަދައިގެން އުޅުނު ޔޫނިއަނެކެވެ. ބޯލްޓިކް ކަނޑުން ޕެސިފިކް ކަނޑަށް، ހިމާލިޔާގެ އުތުރުން އުރުތު ޕޯލަށް ފެތުރިފައި އޮތް، ޔުނިއަން އެކޭ ބުނެވިދާނެއެވެ. ކުއްލިއަކަށް ރޫޅި ފުނޑުފުނޑުވީ އެވެ. އެކަތި ގަނޑެއްގެ ގޮތުގައި ހިފަހައްޓާނެ ބާރެއް، އިއްޔެއް، ކަބީލާއެއް، ތަޅުއިއްޔެއް، މަރަލެއް ނެތުނީއެވެ. ސަބަބަކީތޯއެވެ؟ އަޅުވެތިކަމަށް ވުރެ މިނިވަން ކަން މޮޅުވެފައި ފައިދާ ހުރިކަން މީސްތަކުން ނަށް ވިސްނުނީ އެވެ. އެކަން ދަނެގަނެ ހިތުގެ އަޑިން ގަބޫލުކުރެވުނީ އެވެ. މިނިވަން ކަމަށް އިސްކަން ދެވުނީއެވެ.
ސޯވިއެޓް ޔޫނިއަން ރޫޅުމާއެކު، މުޅި އިރުމަތީ ޔޫރަޕް ވެސް ރޫޅުނީއެވެ. އެކިއެކި އންގިލާބުތައް ދުނިޔެ ތަޖުރިބާ ކޮށް ދައްކައިފިއެވެ. ތަފާތު މާމެލާމެލީގެ ރީތި ނަމުގައެވެ. ފިނިފެން މަލާއި އެހެނިހެން މާތަކެވެ. މީރުވަސްދިވާ އިންގިލާބުތައް އައީއެވެ. ދުނިޔެ އެފުށް މިފުށަށް ޖެހެނީ އެވެ. އެކި އެކި ހުވަފެން ދެއްކި ޒަޢީމުންގެ ނަންނަމުން ނަންދީފައި ހުރި ނަންތައް، އެބައެއްގެ ގަދީމީ އަބްޠާލުންގެ ނަންނަމަށް ރުޖޫޢަކުރަނީ އެވެ. ކޮމިއުނިޒަމާއި ސޮވިއެޓް ޔުނިއަންގެ ވާހަކަ ކަލާއަށް މިކިޔައިދިނީ، ކަލާގެ ވިސްނުމަށް އެވައްތަރުތައް ދޫކޮށްލާށެވެ. ފިރުޢައުނު ގެންގުޅުނުު ވައްތަރާއި އަރަބީންގެ ބޮޑުންތައް ގެންގުޅުުނު ވައްތަރުތަކާއި މިހާރުގެ ހުރިހާ ޒަމްތަކެއްވެސް ހަނދާނަށް ގެންނާށެވެ. ގައްޒާފީގެ ވައްތަރާއި ސައްދާމުގެ ވައްތަރު ތަކެވެ. ހަދާނަށް ގެންނާށެވެ.
އޭ! އަހަރެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ދުނިޔޭގައި ކިތަންމެ ކުޑަނަމަވެސް ގައުމެއްގެ ގޮތުގައި އޮވެ މިފަދަ ބޮޑެތި ބަދަލުތައް އައިސް އެބޮޑު ސޯވިއެޓް ޔޫނިއަނަށާއި އެގައުމާއެކު ބައިވެރި ކޮށްގެން ގެންގުޅުނު އެހެނިހެން ކޮމިއުނިސްޓް ގައުމުތައް އެފުށް މިފުުށަށް ޖެހި މިއައި ބޮޑު ބަދަލުގެ މައްޗަށް ކަލާ ވިސްނިންތޯއެވެ؟ މިއައި ހެލުން ގަނޑު އައިސް އެބޮޑު ކޮމިއުނިސްޓް “ހަވޭލި” ފުނޑު ފުނޑު ވެގެން ފައިބަން ޖެހުނު ސަބަބާއި މެދު ކުޑަކޮށް ވެސް ޚިޔާލުކޮށްލާ ކަލާ ވެސް އެއިން ޢިބްރަތްތަކެއް ލިބިގަނެ މިހާރު ތިޔައޮތް، ގޮތް ދޫނުކުރުމާއި އަޅާނުލުމުގެ އަރާމެއް ރާހަތެއް ނެތް މަސްތުވުމުގެ ނިދިން ހޭލަން ވެއްޖެކަމުގައި ދެކި، ހަރުދަނާ ފިޔަވަޅު ތަކެއް، ވީހާ އަވަހަށް، ކުރިމަގަށްޓަކައި އަޅަންވެއްޖެ ނުންތޯއެވެ؟ ތިޔަ މަސްތީގައި ކަލާ ހަލާކުވެ ގޮސްގެން ނުވާނެއެވެ. ވިސްނާ ފިކުރު ކުރާށެވެ. މިނިވަންކަމަށް ރުޖޫއަވާސެވެ. އެނބުރޭށެވެ.
ޝައްކެތް ނެތެވެ. މިނިވަން ކަމަކީ ހަމަ އެއްވެސް އިންސާނަކު ކިބައިން ނިގުޅައި ނުގަނެވޭނެ އެއްޗެކެވެ. މިނިވަންކަމޭ މިދެންނެވީ އޭގެ ހުރިހާ ސިފައެއްގަ އެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވެސް މެއެވެ. މިއީ މިކަން އޮންނަންވީ ގޮތެވެ. އޮންނާވެސް ގޮތެވެ. އަދި މިއީ މިކަން މިހެން ނުވެ އޮތްނަމަ އަވަހަށް އެގޮތަކަށް ބަދަލުވެސް ކުރަންވީ ގޮތެވެ. އެހެނީ، މިނިވަންކަން ނެތް ނަމަ ދެން ވާނެގޮތުގެ ހުރިހާކަމެއް، ކުރީގެ ޚުދުމުޚްތާރު ސަރުކާރުތައް ރޫޅުމުން އަޅުގަނދުމެންނަށް ފެނިއްޖެއެވެ. ތަޖުރިބާ ކުރެވިއްޖެއެވެ. ކޮންފަދަ ސޯވިއެޓް ޔުނިއަނެއްތޯއެވެ؟ ދުނިޔޭގައި އޮތް އެންމެ ކެރޭ އެންމެ ބައިބޯ ލަޝްކަރުތައް އޮތް، އެންމެ ވަރުގަދަ ހަތިޔާރު ހުރި، ޖައްވީ ރޮނގުން އެންމެ ކުރީގައި އޮތް ގައުމެވެ. ނަމަވެސް ވީ ކިހިނެތް ކަމެއް އަދި ކަލާ ހަނދާނެއް ނުނެތޭނެ އެވެ. މިހުރިހާ ސިފައިންނާއި ހަތިޔާރުތައްވީ ހަމަ ހުސްތަކެއްޗަށެވެ. ކޮންފަދަ ލަޝްކަރަކާއި ހަތިޔާރު ތޯއެވެ؟ ހިދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހަލާކުކޮށްލާ “އާވިކޮޅަކަށް” ހަދާލުމުގެ ބާރެވެ. ހަމައެފަދަ ގަދަފަ އެމެރިކާއާ ދިމާކޮށްލާ ނައްތާލުމުގެ ބާރެވެ. ނަމަވެސް މިހުރިހާ ބާރަށްވުރެ ވަރުގަދަވީ މީސްތަކުންގެ “ޚިޔާލުތަކުގެ ބާރު” ދޮގެއްތޯއެވެ؟ މޮޅު ފިކުރެވެ. މޮޅު ވިސްމުމެވެ. މޮޅު ޚިޔާލާތެވެ. އެންމެން އެއްކޮށްލާ ހިފަހައްޓާލާފަދަ ޚިޔާލުތަކުގެ ބާރެވެ. ސިފައިންނަށް ނުހިފެހެއްޓުނީ މިދެންނެވި، ފެންނަން ނެތް، ނަމަވެސް ގަދަފަދަ ބާރެވެ. އެއީ ރުޙާނީ ބާރެވެ. އެބާރުގައި ޖެހުމުން ނިއުކްލިއަރ ހަތިޔާރުވެސް ހަސްފަސްނެތި، ހުވާސްވެސްނެތި އިންދިރާސްވީ އެވެ. ހަލާކުވީއެވެ. ވިދާ ބަބުޅާ މެޑެލިތަކުން ޖަރީވެފައިވާ ޔުނިފޯމްތަކުގެ ބާރުވެރިން ވެސް ފިނިކޮށްލީއެވެ. ކިޔަމަންވީ އެވެ. މިއީ ފަހެ ފިލާވަޅެއް ނޫންބާވައެވެ! ފިލާވަޅަކަށް މިހަނދާންތައް ނުވާނަމަ، ދެން ފިލާވަޅަކީ ކޮބާބާވައެވެ! އަމިއްލައަށް މަރުވުން ތޯއެވެ؟
އޭ! އަހަރެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ހޭއަރާށެވެ! އިންސާނާ ދުނިޔެއަށް އުފަންވީ މިނިވަނެއްގެ ގޮތުގައެވެ. ސާފުތާހިރު ފިޠުރަތުގެ މައްޗަށެވެ. އިންސާނުން ޚަލްޤް ކުރެއްވުމުގެ މަގްސަދަކީ މީއެވެ. އެންމެ މާތް މަޚްލޫގަށް އިންސާނާ ވަނީ މިކަމާހެދިއެވެ. ނަމަވެސް ހުރިހާ ތަނެއްގައި ވެސް އިންސާނާ ވަނީ ކަސްތޮޅު އެޅިފައި ކަމުގައި އަޅުގަނޑުމެން ދުށް ދުވަސް މިހާރު މާޒީވަނީއެވެ. މިހާރުގެ އެންމެ ގަދަ ބާރުކަމަށް ދަޢުވާކުރާ އެމެރިކާވެސް ވަނީ ބޮޑު ސިއްސުމަކުން ސިއްސުވާލާފައެވެ. މިހަގީގަތް ވީހާއަވަހަކަށް ކަލާ ގަބޫލު ކުރަންވީ ނޫންތޯއެވެ. ކަސްތޮޅުތަކަކީ ނެތެންވާނެ އެއްޗެއް ކަމަށާއި ހަމަ ގައިމުވެސް ނެތޭނެ އެއްޗެއްކަން ކަލާ ދެނެގަނެ މިކަން އޭގެ އެންމެ ހަރުކަށި ގޮތުގައި ކުރިމަތި ނުވަނީސް އަމާން އޮމާން، ލޭ އޮހޮރުމެއް ނެތް ގޮތުގައި ކުރިމަތިކޮށް ނިންމަމާތޯއެވެ؟ ފަހެ، އެއްޗަކުން ޖަހާ، ހޭއަރުވާލުމުގެ ކުރިން ހޭއަރާށޭ، ދެންނެވުމުގެ އިޚްލާޞްތެރި ކަން، ކަލާއަށް ނުހަނު ލޯތްބާއެކު މިދަންނަވާލެވުނު މިންވަރުން ފުދެން ޖެހޭނެއެވެ. ކަލާއަށް ހެޔޮ ވިސްނުމާއި ބުއްދި ދެއްވާށިއެވެ! އާމީން!


Comments