top of page

2008 ގެ ރިޔާސީ އިންތިޚާބަށް ޚިޔާލީ ނަޒަރެއް.

  • Writer: ilyashusein
    ilyashusein
  • Oct 24, 2009
  • 5 min read

އިލްޔާސް ހުސައިން އިބްރާހީމް. ލިޔުނީ: ނޮވެންބަރ 2006މ، ގައި.

އާދެ! 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 އަށް، މިހާރު މިހިނގަމުންދާ ވެރިކަމުގެ ދައުރު ހަމަވާނެއެވެ. އޭގެ ކުރިން ރައްޔިތުންގެ ޚާއްޞަމަޖިލީހުން، އަސާސީއަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެވިއްޖެނަމަ ޖެހޭނީ، މިހާރުވެސް އަމަލު ކުރަމުންގެންދާ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލް ޖުމުހޫރިއްޔާއަކު، އާދައުރަކަށް އަލުން އިންތިޚާބުކުރާށެވެ. ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔަކީ އެއިންތިޚާބުގައި އިންތިޚާބު ކުރާމީހާއެވެ. ފަހެ، އިންތިޚާބު ކުރެވޭ މީހެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތަކަކީ، މުސްލިމެއް ކަމުގައި ވުމާއި ސުންނަތް ޖަމާޢަތުގެ ހަތަރުމަތިފުށް ދިވެހި، ދިވެހި ރައްޔިތެއްކަމުގައި ވުމާއި އުމުރުން 35 އަހަރު ވެފައިވާ ފިރިހެނަކު ކަމުގައިވުމާއި ބުއްދިހަމައަށް ހުރި މީހެއްކަމުގައި ވުމާއި ރައީސުލް ޖުމުހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ލަޔާގަތު ހުރި މީހަކު ކަމުގައި ވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ޚިޔާނާތެއްގައި ބެދި އަބުރު ގެއްލިފައިވާ މީހަކުކަމުގައި ނުވުމާއި ބޭރު ގައުމެއްގެ ރައްޔިތެއްކަމުގައި ނުވުމާއި ބިދޭސީއަކާއި އިނދެގެން ހުރިމީހަކު ކަމުގައި ނުވުމެވެ. ރައީސުލް ޖުމުހޫރިއްޔާ އިންތިޚާބުކުރާނީ ރައްޔިތުންގެ އާންމު ސިއްރު ވޯޓަކުންނެވެ. އަސާސީ ބުނާގޮތުން މިކަންތައް ހިނގާ ގޮތަކީ، މިކަމަށް ގާނޫނެއްހަދާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަސާސީގެ 80 ވަނަ މާއްދާގައިވާ ގޮތަށް ރައީސުލް ޖުމުހޫރިއްޔާ ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިގެން ނެވެ. މިގޮތުގެމަތިން 1997 ވަނަ އަހަރު ޑިސެމްބަރު މަހު 24 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 1997 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާއިން ފާސްކުރެއްވި ރިޔާސީ އިންތިޚާބުގެބިލް ވަނީ، 1998 ވަނަ އަހަރުގެ ޖަނަވަރީމަހު 1 ވީ، ބުރާސްފަތިދުވަހު ތަސްދީގުކުރެއްވުމުން ގާނޫނަކަށް ވެފައެވެ. އެގާނޫނުގެ ނަމަކީ ރިޔާސީ އިންތިޚާބުގެ ގާނޫނެވެ. ނަންބަރަކީ 98/1 އެވެ. މިގާނޫނުގެ ދެވަނަ މާއްދާ ބުނާގޮތުން ރިޔާސީ އިންތިޚާބާބެހޭ އެންމެހައި ކަންތައްތައް ހިންގާނީ، ގާނޫނު އަސާސީއާއި މިގާނޫނާއި މިގާނޫނުގެ ދަށުންހަދާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހުރިހާކަމެއް ހިންގައި ބަލަހައްޓާނީ ކޮމިޝަނަރ އޮފް އިލެކްޝަންސް އެވެ. މިހާރު އޮންނަ ގޮތުންވެސް ކޮމިޝަނަރގެ އޮފީހަކީ ވަރަށް މުސްތަގިއްލު ފަރާތެކެވެ.

ރިޔާސީ ދައުރު ހަމަވަން އޮންނަ އެންމެ ފަހު 60 ދުވަސް ފެށުމާއެކު، ނުވަތަ ރައީސުލް ޖުމޫހޫރިއްޔާގެ މަގާމުގެ އުމުރު ހަމަވުމުގެ ކުރިން އެމަގާމު ހުސްވުމައި ވިދިގެން ކުރިމަތި ލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް އިޢުލާން ކުރާނީ، ކޮމިޝަނަރ އޮފް އިލެކްޝަންސުންނެވެ. 7 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. ކުރިމަތިލުމަށް އެދޭ މީހުން ކޮމިޝަނަރ ގެ ކުރިމައްޗަށް ހާޒިރުވެ ކުރިމަތިލުމާބެހޭ ލިޔުންތައް ހުށަހަޅަން ޖެހެއެވެ. އެމީހަކަށް ހާޒިރުވެވެން ނެތްކަމަށް ކޮމިޝަނަރަށް ގަބޫލުކުރެވޭފަދަ އުޒުރެއް އޮތްނަމަ އެއުޒުރު ސިޓީއަކުން ނުވަތަ މެސެޖަކުން ބަޔާންކޮށްދީ އެމީހާގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް ލިޔުންތައް ހުށަހެޅުމުންވެސް ކުރިމަތިލީކަމަށް ވާނެއެވެ. ރިޔާސީ އިންތިޚާބުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމުގައި ކޮމިޝަނަށް ލަފާދިނުމަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އައްޔަން ކުރާނީ އެޓާރނީޖެނެރަލްގެ ލަފަޔާއެކު ކޮމިޝަނަރެވެ. ކުރިމަތިލުމަށް ދެވޭ މުއްދަތު ހަމަވުމާއެކު، ކުރިމަތިލާފައިވާ މީހުން ހުށަހަޅާފައިވާ ލިޔުންތައް އިންތިޚާބާބެހޭ ކޮމިޓީއަށް ހުށަހަޅައި ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ އެމީހުންގެ ނަންތައް މަޖިލީހަށް އިއްވަންވާނެއެވެ. އަދި މިޖަލްސާއަށް އިއްވާކަންތައްތަކުގެ ތެރެއިން ރައީސުލް ޖުމުހޫރިއްޔާ އަކަށް ހުންނަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓަށް ހުށަހަޅާނެ މީހަކު މަޖިލީހުން ހޮވުމަށްޓަކައި އެޖަލްސާގައި ސިއްރު ވޯޓެއް ނަގަންވާނެއެވެ. މިޖަލްސާގައި ކޮންމެ މެންބަރަކުވެސް ވޯޓުދޭނީ އެމެންބަރަކަށް ފެންނަ އެކަކަށެވެ. ހޮވޭނީމަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު މީހެކެވެ. ސިފަތައް ފުރިހަމަވާ އެންމެ މީހަކު ކުރިމަތިލާފައިވާ ކަމުގައިވިޔަސް ވޯޓުނަގަންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތަކީ 26 ވޯޓެވެ. މިގޮތަށް ނަގާ ވޯޓުގައި އެއްވެސް މީހަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެންމެ މަތީ ދެއަދަދަކަށް ވޯޓު ލިބުނު މީހުންގެ ތެރެއިން އެކަކަށް މަޖިލީހުގެ އައުލަބިއްޔަތު ލިބެންދެން ޖަލްސާ ނުނިންމާ ވޯޓު ނަގަމުން ގެންދާނީއެވެ. މިގޮތަށް ވޯޓުނަގާއިރު ކޮންމެ ފަހަރަކުވެސް ވޯޓުނަގާނީ އޭގެ ކުރީފަހަރު އެންމެގިނަ ދެއަދަދަކަށް ވޯޓު ލިބުނު މީހުންގެ މެދުގައެވެ. ކުރިމަތިލީ، އެންމެ މީހަކަށްވެފައި ނަގާ ވޯޓުގައި އެމީހަކަށް ވޯޓު ނުލިބިއްޖެނަމަ ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާނީއެވެ. މިއީ ރައީސުލް ޖުމުހޫރިއްޔާއަކު އިންތިޚާބުކުރުމަށް އޮންނަ ގޮތެވެ. އަސާސީއަށް އިސްލާޙެއް ނުގެނެވޭހާ ހިނދަކު އަދި އޮންނަނީ މިގޮތަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް މައިގަނޑު ގޮތެއްގައި މިވަގުތު ބެހިފައި އޮތީ ތިން ފޭލިގެއަށެވެ. އެއީ ރައީސް މައުމޫނުގެ ބަޔަކާއި މިނިސްޓަރ ޔާމީނުގެ ބަޔަކާއި މިނިސްޓަރ ގާސިމުގެ ބައެކެވެ. ގާސިމުގެ ބަޔަކީ އެންދެރިމާގޭ ފަޅިއެވެ. މިފަޅީގެ ލީޑު މިހާރު އޮތީ ގާސިމުއަތުގައެވެ. މިނިސްޓަރ އިލްޔާސް ހުންނެވީ ގާސިމުގެ ފަހަތުގައެވެ. ސަރުކާރުން އުފަންކުރި މަގު ޗާޓުގައި ޑްރާފްޓް ގާނޫނު އަސާސީއެއް ފާސްކުރުމަށް ދީފައިއޮތީ، 31 މެއި 2007 ކަމަށެވެ. އަދި އަލަށް ފާސްވާ ގާނޫނު އަސާސީ ތަސްދީގުކުރެއްވުން ކަނޑައެޅިފައި އޮތީ، 30 ޖޫން 2007 ކަމުގައި އޭގައި ވިދާޅުވެފައިވެއެވެ. އެހެނަސް މިހާރު ކަންތައް ދާގޮތަށް ދާނަމަ 2008 ގެ ކުރިން އަސާސީ އިސްލާހުކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވެސް ކުރިއަށް އޮތް ދޮޅުއަހަރު ދުވަހުގެ ތެރޭގައި އަސާސީ އިސްލާޙުކޮށް ނިންމައެއް ނުލެވޭނެއެވެ. ދެން ޖެހޭނީ މިހާރު ޢަމަލުކުރަމުން މިގެންދާ އަސާސީގެ ދަށުން ރިޔާސީ އިންތިޚާބުގެ ކަންތައް ކުރިއެކޭވެސް އެއްގޮތަށް ގެންދާށެވެ. އަޅުގަނޑުގެ ޚިޔާލީ ވިސްނުމުގައި މިފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ ދިމާވެދާނެ ގޮތްތަކެއް ތަސައްވަރުކޮށް އެބަ ކުރަހާލެވެއެވެ.

ފުރަތަމަ ގޮތް: ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ތަސްމީން، ޔާމީން، ގާސިމް އަދި މިނިވަން ކެންޑިޑޭޓުން ތިބުމެވެ. މިފަދަ ހާލަތެއްގައި އެކަކަށްވެސް 26 ވޯޓު ލިބުމަކީ ނާދިރުކަމެކެވެ. މިފަދަ ދަނޑިވަޅެއް އަޔަދިނުމުގެ ބަދަލުގައި ޔާމީނަށް އޮތް އެންމެ މޮޅުގޮތަކީ އަމިއްލައަށް ކުރިމަތި ނުލައްވައި މިނިވަން ކެންޑިޑޭޓަކާއި ގުޅިވަޑައިގެންނެވުމެވެ.

ދެވަނަ ގޮތް: މައުމޫން، ގާސިމް އަދި މިނިވަން ކެންޑިޑޭޓުން ތިއްބެވުމެވެ. މިފަދަ ހާލަތެއްގައި މައުމޫނަށް 26 ވޯޓު ކާމިޔާބު ކުރެވިދާނެއެވެ. އެއީ ޔާމީނު ފޭލިގެއިން ކުޅޭ ގޮތަކުންނެވެ. މިގޮތުގައި ޗާންސް އޮތީ ޔާމީނު ބޭނުންވެލައްވާ ބަޔަކަށް އަޣުލަބިއްޔަތު ހޯދައި ދެއްވުމަށެވެ. ސުވާލަކީ މައުމޫނާއި ދެކޮޅަށް ގާސިމާއި ޔާމީނަށް ކުޅެން ކެރޭނެބާވައެވެ!! އަޅުގަނޑު ބުރަވާނީ ނުކެރޭނެކަމަށެވެ. އާދެ! ގާސިމަށް މައުމޫނާ ވާދަކުރަން ނުކެރިއްޖެނަމަ މިގޮތް ވެގެންދާނީ ތިންވަނަ ގޮތާއި އެއްގޮތް ގޮތަކަށެވެ.

ތިންވަނަ ގޮތް: މައުމޫނު އަދި މިނިވަން ކެންޑިޑޭޓުން ތިބުމެވެ. މިފަދަ ހާލަތެއްގައި ފަސޭހަކަމާއެކު މައުމޫނަށް 26 ވޯޓު ލިބޭނެއެވެ.

ކޮންމެއަކަސް އަސާސީ އަށް އިސްލާޙެއް ނައިސް 2008 ގެ ރިޔާސީ އިންތިޚާބު އަތުވެއްޖެނަމަ، ސިޔާސީ ރާޒުވާ ކުޅިގަނޑު ގޮތްގޮތަށް ރާވާލައި ކާމިޔާބު ހޯދުމުގެ ޗާންސް އެންމެ ބޮޑީ ޔާމީނު ޖެހިވަޑައިގަންނަވާ ފަޅިއަކަށެވެ. މިއީ މިވަގުތު މަޖިލީސް އޮތް ގޮތުން ޔާމީނަށް ދެވޭ އިސްކަމެކެވެ. ގާސިމްގެ އަމާޒަކީ ރައްޔިތުން ކަމުގައިވާއިރު، ޔާމީނު ސަމާލުކަން ދެއްވަނީ މަޖިލީހުގެ މެންބަރުން ނަށެވެ. އެމްޑީޕީގެ ޗެއަރ ޕާސަން މުޙަންމަދު ނަޝީދު (އަންނި) ގައުމީ މަޖިލީހުގެ އަދި ގައުމީ ހިންގާ ކޮމިޓީގެ މަޝްވަރާ ކުރެއްވުމެއް ނެތި، ކުއްލި ގޮތަކަށް ޔާމީނާއި އެޕޮއިންޓްމެންޓެއް ހައްދަވައި އޭނާގެ ރަސްމީ މޭޒުދޮށަށް ހާޒިރުވާން މަޖުބޫރު ކުރުވީ މިބާރެވެ. ދެވަނަ އެހެންކަމެއް ނޫނެވެ. އާދެ! ޔާމީން ވަޑައިގެން، ޔާގޫތުގެއަށް ވެންނެވީކީ ނޫނެވެ. އަންނި ދިރިއުޅުއްވާ ތަނެއްގެ ދޮރާށީގައި ޓަކިޖެއްސެވީއެއް ނޫނެވެ. އަންނި އެތައް ފަހަރަކު ގުޅައިގެން ހަމަޖެއްސެވި އެޕޮއިންޓްމެންޓަށް ޔާމީނު އޯކޭ ދެއްވީއެވެ. އެމްޑީޕީން ހުށަހެޅި ހުށަހެޅުއްވުންތަކަށް ޔާމީން ވިދާޅުވީ، ރައީސް މައުމޫނާ ވާހަކަ ދެކެވުން މޮޅުވާނެކަމަށެވެ. މޮޅުއިތުރު ވެފާއި މާރަނގަޅުވާނެ ކަމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ކުއްލި ލޮޅުމެއް އެރުމުގެ އަސްލަކަށް ވެގެންދިޔައީ މިބައްދަލު ކުރެއްވުންކަން ކަށަވަރެވެ. ފަހަކަށް އައިސް ޔާމީނުގެ ކުޅުއްވުންތައް ދެރައެކޭ ނުދެންނެވޭނެއެވެ. އީދު ސަލާމް ކުރުމުގެ ދަރުބާރުން، އަޅުގަނޑަށް ޓީވީން ފެނުނު ހަނި މަންޒަރުތަކުން ޔާމީނު ހޯދާހޯދާވެސް ނުފެނުނެވެ. އެދަރުބާރަށް ވަޑައި ނުގަންނަވަނީނަމަ، އެއީ ސިޔާސީ ކަމެކެވެ. ސިޔާސިބޮޑާ ހޭކުމެކެވެ. މަތިހަށީގައި ގާސިމު އެދަރުބާރަށް ވަޑައިގެންނެވިއެވެ. ފަހެ، ދަންނާށެވެ! ދެންއޮތީ، ގާސިމު ލައްވައި އަވަސް އަރުވާލާފައި ރެއާއި ދުވާލު މަސައްކަތްކޮށްގެން އަސާސީ ނިންމާލުމަށް ފަހު، އިންތިގާލީ މަރުހަލާއަކަށް ވެސް ނުގޮސް އަވަހަސް އަރުވާލާފައި ކުރު މުއްދަތުގައި ރިޔާސީ އިންތިޚާބު ބޭއްވުމެވެ. ރައީސް މައުމޫނުގެ ހިތްޕުޅުބަދަލުވެ އިންތިގާލީ މަރުހަލާއަށް ގައުމު، ނުގެންގޮސް ސީދާ އިންތިޚާބަކަށް ވީހާއަވަހަށް ވަޑައިގެންފިނަމަ ގެއްލުން ދައްކާނެކަން ކަށަވަރެވެ. ޚުދުމުޚްތާރު ވެރިކަން ނިމުމަކީ ވެސް ވަރަށްގާތް ކަމެކެވެ. މިއީ އަޅުގަނޑަށް ފެންނަ ގޮތެވެ. އެހެނަސް އިންތިޚާބަކަށް ވަޑައިނުގަނެ ދެއަހަރަށް، އަސާސީހެދުމުގެ ބަހަނާގައި އިންތިޚާބު ދަންމާލުން ވެގެންދާނީ، ހަމަގައިމުވެސް އަދި އިތުރު ދެއަހަރު ވެރިކަމުގައި ހުންނެވުމަށް ލިބިގެންދާނެ މަގަކަށެވެ. ފަހެ، މިކަންކަން ބިނާވެގެންދާނީ، ރައީސް މައުމޫނު ނިންމަވާ ނިންމެވުމެއްގެ މަތީންނެވެ. ހިތްޕުޅަށް އަރާވަޑައި ގަންނަވާ، ގޮތެއްގެ މަތީންނެވެ. ފަހެ ގާސިމު ލައްވައި، ގާނޫނުއަސާސީ އަވަސް އަރުވާލާ ނިންމާލައި އިންތިޚާބު ބާއްވާފިއްޔާ މަރުވީއެވެ. ހިތާމަކުރަން ޖެހުނީއެވެ. އަސާސީ ހަމަޖެހޭ ތަޅުމެއްގައި ތިބެގެން ނިންމާލައްވާއި އިންތިގާލީ މަރުހަލާގެ ދެއަހަރަށް ދަންމާލައްވައިފިއްޔާ ހަމަގައިމު ވެސް އަދި ދެއަހަރު ވެރިކަމުގައި ރައީސް މައުމޫނަށް ހުންނެވޭނެކަން ޔަގީނެވެ. މިގޮތުގައި ރައްޔިތުންނަށް ވާނެ ބޮޑުފައިދާއެއް އޮންނާނެއެވެ. ހަމަޖެހިގެން އަސާސީ ފުރިހަމަ ކުރުމަށް ޖާގަލިބޭނެއެވެ. އަދި، ތަންކޮޅެއް ހަމަޖެހިލައިގެން އަސާސީހެދި، އަސާސީއަށާއި އިންތިގާލީ މަރުހަލާއަށް ބޭނުންވާ ގިނަ ގާނޫނުތައް ހެދުމަށް ވަގުތުލިބި، ހަމަޖެހިލައިގެން ރަޔާސީ އިންތިޚާބަކަށް ދެވޭނެއެވެ. މިއީ އެންމެ ވިސްނުންތެރި ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅުގޮތަކީ، މިއެވެ. މިވާހަކަތައް ތަޅުމުގައި އަޅުގަނޑު ވާނީ ދައްކާފައެވެ. އެތައްފަހަރަކު ތަކުރާރުކޮށް ގޮވާފައެވެ.

މިމަޒުމޫނާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ފޭލިގެތަކަށް، އަޅުގަނޑުގެ ޚިޔާލީ ވިސްނުމުގައި މިހާރުން މިހާރަށް ބެހިގެންވާ ގޮތުގެ ޖަދުވަލެއް ކުރަހާލާނަމެވެ. އެޖަދުވަލުގައި އެމްޑީޕީއަށް ފާހަގަ ކޮށްފައިވާ ގިނަ މެންބަރުންނަކީ، ގާސިމު ފަޅީގެ މެންބަރުންނެވެ. އަދިމައުމޫނުގެ ގިނަމެންބަރުންނަކީ، ޔާމީނުފަޅީގެ މެންބަރުންނެވެ. އާދެ! ނިންމާލަމުން މިޚިޔާލީ ވިސްނުމުގައި އަޅުގަނޑަށް ކުރަހާލެވުނު، ގައުމަށް އެންމެ ފައިދާހުރި ގޮތެއް ކަމުގައި ސިފަކުރެވުނީ، ޔާމީނާއި ގާސިމުގެ މިދެކޭމްޕުންވެސް އެބަޔަކަށް ގަބޫލުކުރެވޭ މިނިވަން ކެންޑިޑޭޓެއް ޚިޔާރުކޮށް ތާޢީދުކުރެއްވުމަށެވެ. އެއްގޮތަކަށް ވެސް ރައީސް މައުމޫނަށް ބުރަވެވަޑައި ނުގަނެ، އެމަނިކުފާނަށް އެރުވެންހުރި ހުރިހާ، އިއްޒަތަކާއި ޝަރަފެއް މުޖްތަމަޢުތެރެއިން ދެއްވުމެވެ. ވެރިކަމުގައި ތިރީސް އަހަރު ފުރިހަމަ ކުރައްވާ އިއްޒަތްތެރި ބޭފުޅަކަށް ވާތީ، ރައްޔިތުންނަށް ރައްޔިތުން އެދޭގޮތަށް ބަދަލެއް ގެނެސް ދެއްވުމަކީ، ވަރަށް އެދެވޭ ކަމެކެވެ. ރައްޔިތުންގެ ރުހުން ލިބޭނެ ކަމެކެވެ. ފަހެ، ކިންގަކަށް ވުމަށް ވުރެން، ކިންގް މޭކަރަކަށް ވުން އެތައް ހާސް ދަރަޖައެއް ބުއްދިވެރިއެވެ. އޭ! ގާސިމެވެ! ވިސްނަވާށެވެ! އޭ! ޔާމީނެވެ! ވިސްނަވާށެވެ! ދިވެހި ގައުމަކީ، އެންމެހާ ދިވެހީންގެ އެއްޗެކެވެ. މިލްކެކެވެ. އަޅުގަނޑުގެ ދުޢާއަކީ، ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާއި ރައްޔިތުންނަށް އިޚްލާސްތެރި ކަމާއެކު، ޚިދުމަތް ކުރުމުގެ ކުޅަދާނަކަން މިންވަރުކޮށް ދެއްވުމެވެ! އާމީން!

ނޯޓް: އަޅުގަނޑުގެ ޚިޔާލުގައި މިވަގުތު ރައްޔިތުންގެ މަޖިލިސް ސިޔާސީގޮތުން، ސިޔާސީ ފޭލިގެތަކަށް ބެހިފައިވާ ގޮތަކީ މިއެވެ. މިއީ މިވަގުތު ގޮނޑިތައް ބެހިފައިހިރި ގޮތެވެ.

ރޖ: އަބްދުއްރަޝީދު ހުސައިން (މައުމޫން)

ޒާހިޔާ ޒަރީރު (މައުމޫނު)

އިބްރާހީމް ސަލީމް (މައުމޫނު)

އަހްމަދު ޝަރީފް (މައުމޫނު)

އައިޝަތު ޢާޒިމާޝުކޫރު (މައުމޫނު)

ހުސައިން ޙިލްމީ (މައުމޫނު)

ދިޔާނާ ސައީދު (މައުމޫނު)

މަޒީނޡ ޖަމީލު (މައުމޫނު)

މާލެ: އިބްރާހީމް އިސްމާޢީލް (އެމްޑީޕީ)

މުހަންމަދު ޝިހާބު (އެމްޑީޕީ)

ހއ: އިބްރާހީމް މަނިކު ސަމަރޭ (ގާސިމު)

ޖައުފަރު ޢީސާއާދަމް (ޔާމީން)

ހދ: އަހްމަދު އަބްދުﷲ (މައުމޫނު)

އަބްދުއް ޝުކޫރު (ޔާމީން)

ށ:  މުހަންމަދު ހުސައިން (މައުމޫނު)

އިބްރާހީމް ވަހީދު (ޔާމީން)

ނ:  އަބްދުﷲ ޔާމީން (ޔާމީން)

އަލީ މުހަންމަދު (ޔާމީން)

ރ:  އަލީވަހީދު އަބްދުއް ރައްޒާގު (ޔާމީން)

އިބްރާހީމް ޝަހީދުޒަކީ (ގާސިމް)

ބ:  އަހްމަދު ތަސްމީންއަލީ (މައުމޫނު)

އަބްދިއްރަޝީދު އަބްދުއްރަހްމާން (ޔާމީން)

ޅ:  އަހްމަދު މުހަންމަދު (ޔާމީން)

އިބްރާހީމް މުހަންމަދު ޞާލިހް (އެމްޑީޕީ)

ކ:  އިސްމާޢީލް އަބްދުލް ހަމީދު (ގާސިމް)

މާރިޔާ އަހްމަދުދީދީ (އެމްޑީޕީ)

އއ: އަހްމަދު ޒުބޭރު (ޔާމީން)

ހުސައިން މުހަންމަދު (ޔާމީން)

އދ: އަބްދުލް މުހްސިން އަބްދުﷲ (ގާސިމް)

އަބްދުއްރަޝީދު އަލީ (ގާސިމް)

ވ:  އިސްމާޢީލް ޝިހާބު (އެމްޑީޕީ)

އަބްދުﷲ ޝާހިދު (ގާސިމް)

މ:  އަހްމަދު ނާޒިމް (ޔާމީން)

އަނީސާ އަހްމަދި (މައުމޫނު)

ފ:  އަހްމަދު ހަމްޒާ (މިނިވަން)

އަބްދުލް ޣަފޫރު އިބްރާހީމް (ޔާމީން)

ދ:  އަހްމަދު ޝިޔާމް މުހަންމަދު (ޔާމީން)

އަހްމަދު ނާޝިދު އޭޑީކޭ (ގާސިމް)

ތ:  ހަސަން ޢަފީފު ޖީސަސް (އެމްޑީޕީ)

މުހަންމަދު ޝަރީފް ސެންކޯ (ގާސިމް)

ލ:  އިލްޔާސް އިބްރާހީމް (ގާސިމް)

މޫސާ މަނިކު ރީކޯ (އެމްޑީޕީ)

ގއ: އަބްދުﷲ ޖާބިރު (ޔާމީން)

މުހަންމަދު ސަލީމް ސަލީމްބެ (ގާސިމް)

ގދ: ޒާހިރު އާދަމް (ޔާމީން)

އައްބާސް އިބްރާހީމް (ގާސިމް)

ޏ:  މުހަންމަދު އިބްރާހީމް ދީދީ (އެމްޑީޕީ)

އަބްދުﷲ މަސީހް މުހަންމަދު (މައުމޫނު)

ސ:  މުހަންމަދު އަސްލަމް (އެމްޑީޕީ)

އިބްރާހީމް ޝަރީފް (ގާސިމް)

އާދެ! މަޖިލީހުގެ 50 ގޮނޑީގެ ތެރެއިން 13 ގޮނޑި މައުމޫނަށެވެ. 15 ގޮނޑި ޔާމީނަށެވެ. 12 ގޮނޑި ގާސިމަށެވެ. 9 ގޮނޑި އެމްޑީޕީއަށެވެ. 1 ގޮނޑި މިނިވަންކޮށެވެ.

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page