top of page

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލެވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (5 ވަނަ ބައި)

Writer: ilyashusein
ilyashusein
6 days ago
31 min read

*ޖަލުގައި ތިބެގެން ރައްޔިތުންމަޖިލީހަށް ކުރިމަތިލުން:

*ކުޑަގޮޅިން ގޭބަންދަށް ގެނައުން:

*ސިފައިންގެއަށް ވަދެ ބައެއްތަކެތިގެންދިއުން:

*ތަޖްރިބާކުރެވުނު ސިޔާސީފިލާވަޅެއް:

*އިބުރާގެ ސިއްރުރޭވުމުން އަޅުގަނޑު މާލޭ ގޮނޑިއަށް ކުރިމަތިލާން ތައްޔާރުކުރި ފޯމުތައް އދ.އަތޮޅަށް އޮޅުވާލައިގެން ބަދަލުކޮށްލުން:

*ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓައި ސަރުކާރުން ކަނޑާލުން:

*އިތުރުމުއްދަތު ޖެހުމަށް ދެވަނަފަހަރަށް ކޯޓަށް ގެންދިއުން:

*ބޮޑުމަޖިލީހުގެ ރައީސްގެ ސިޓީއެއް:

*ދިގު ބަންދުން މިނިވަންވުން:

*މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

*ދަޢުވާގެ ޚުލާޞާ:

*ގިނަބައެއްގެ ކިޔެވެލިތައް:

*ސުނާމީ އެރުން:


ޖަލުގައި ތިބެގެން ރައްޔިތުންމަޖިލީހަށް ކުރިމަތިލުން:


ޖަލުގައި ތިބެގެން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި މީހުންނަކީ އަޅުގަނޑުމެން ދެމީހުންނެވެ. މިއީ ދިވެހި ތާރީޚަށްޓަކައި ފާހަގަކޮށްލަން ޖެހޭ، މުހިންމު ނުކުތާއެކެވެ. ޖަލުގައި ތިބެގެން މިކަމަށް ދިމާކުރުމުން ގިނަމީހުން ފުރަތަމަ ގަތީ ބިރެވެ. ތަޙްޤީޤުޓީމު ވެސްގަތީ ބިރެވެ. އަޅުގަނޑު މެންނަށް ފާޑުވިދާޅުވިއެވެ.


އެހެނަސް އަޅުގަނޑު އެދެމުން ގެންދިޔައީ އަޅުގަނޑުގެ ސިޓީތައް އެޑްރެސް ކުރަމުންގެންދާ ހުރިހާ ފަރާތްތަކަށް، އެ ސިޓީތައް ރައްދުކޮށް ދިނުމަކީ ތަޙްޤީޤު ޓީމުގެ މަސްއޫލިއްޔަތެއް ކަމުގައި ދަންނަވަމުންނެވެ. މިއަރާރުމަށް ފަހު، އަޅުގަނޑުމެންގެ ސިޓީތައް ތަޙްޤީޤުން ބެއްލެވުމަށް ފަހު، ގެންދެވީ އެފަރާތްތަކަށް ރައްދުކޮށް ދެއްވަމުންނެވެ. އެހެންވުމުން އަޅުގަނޑުގެ ވިސްނުމާ އެއްގޮތަށް މިސައްކަތްތައް ކުރިޔަށް ގެންދެވުނީއެވެ.


5 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 85 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް، އަދި އިތުރު ޚަބަރެއްނެތް ދުވަހެކެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.


6 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 86 ވަނަ ދުވަހެވެ. މިއަދު މެންދުރު، 1:30 ގައި ގޮޅިން ނެރުނެވެ. އުނދޯލިގެއަށް ގެންދިޔައިރު ފެންނަންހުރީ ހަންދުއެވެ. ހަންދުއަކީ އަޅުގަނޑުގެ އެއްބަނޑުއެއްބަފާ އަޅުގަނޑަށް ވުރެ ދެވަނައަށް ކުޑަ ކޮއްކޮއެކެވެ. ހަންދު އެދިގެން އަޅުގަނޑާ ބައްދަލުވުމެއް ބާއްވައި ދިނީއެވެ. ގޭގެ ހުރިހާ ޚަބަރުތަކެއް ސާފުކޮށް އޮޅުންފިލިއެވެ.


ކޮއްކޮ އިބުރޭ، އިބްރާހީމް ރަޝީދު ހުސައން ވެސް އަޅުގަނޑާ ބައްދަލުވުމަކަށް އެދި ސިޓިއެއް ލާފައިވާ ވާހަކަ ހަންދު ބުންޏެވެ. މާލޭ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތަކާ އެއްޗެހި އިލެކްޝަންސް އިން ނަގައި ފުލުސް އޮފީހައި ހަވާލުކޮށްހެދީ އިބުރޭކަމުގައި ހަންދު ބުނެދިނެވެ. މަންމަ ޢުމްރާއަކަށް މައްކާއަށް ފުރުއްވި ޚަބަރުދިނެވެ. ދޮންދައްތަ މާލޭގައި ހުންނެވި ޚަބަރު ދިނެވެ. ހުރިހާކަމެއް އެކުގައި ރަނގަޅެވެ.


އަޅުގަނޑުގެ ފޯމުތައް ފުރާފައި ފޮނުވުމުން ހަދަންވީގޮތް ހަންދުއަށް ކިޔައިދިނީމެވެ. އަޅުގަނޑު ހަންދު ކައިރީގައި ބުނެދިނީ، ފޯމުތައް އިބުރޭއަށް ލިބުމުން މއ.ތަބައްގޭ މުހަންމަދު ރިޟްވާން އަތަށް ދީގެން ދެންހުރި ކަންތައްތައް ފުރިހަމަ ކުރުމަށެވެ. އަޅުގަނޑުގެ ކެންޕޭން މެނޭޖަރަކީ އެންމެ ފުރަތަމަ ފަހަރުން ފެށިގެން އަބަދުވެސް މއ.ތަބައްގޭ މުޙައްމަދު ރިޟްވާން، "ރިލޭ" އެވެ.


އަޅުގަނޑުގެ ކުދިންކޮޅާއި އަންހެނުން ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. އަންހެނުން ރުކު ވެސް އުޅެނީ ބައްދަލު ވުމަކަށް އެދި ސިޓީއެއް ލައިގެންކަމަށް ހަންދު ބުންޏެވެ. ހަންދުގެ މިބައްދަލުވުން މިހާހިސާބުން ނިންމާލީ ވަރަށް އުފަލުގައެވެ.


7 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 87 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު، އަންހެނުން ރުކުއާ ބައްދަލުވުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ބުންޏެވެ. ކުޑަދެކުދިން، ޓޭން އާއި ރޭމްގެ ޙާލުވެސް ބަރާބަރެވެ. ލޯޔަރ މުޢިޒު ގުޅުއްވި ވާހަކަ ބުންޏެވެ. ވަރަށް އަވަހަށް ގެއަށް ބަދަލުކޮށްފާނެ ކަމުގައި ލޯޔަރުބުނުއްވި ކަމަށް އަންހެނުން ބުނެދިނެވެ. މަންމަމެން އެންމެންގެ ސަލާމް ބުނެދިނެވެ. ހޯމް މިނިސްޓްރީންނާއި އެޓޮލްސްއިން ލިބެންޖެހޭ ފައިސާއެއް ނެގުމަށް ރުކުސިޓީއެއް ލިޔެގެން ގެނައެވެ.


އެހެނަސް އެސިޓީގައި ސޮއިކުރުން ޖަލުއޮފީހުން މަނާ ކުރިއެވެ. ޖަލުއޮފީހުން ބުނަނީ އެއްވެސް އެއްޗެއްގައި ސޮއިކޮށް ނުހެދޭނެ ކަމަށެވެ. ވަކިން އިލްޔާސް ސިޓީއެއް ލިޔަންބޭނުން ވެއްޖެނަމަ، ގަނޑާއި ގަލަން ގެނެސްދެވިދާނެ ކަމަށެވެ. މިފައިސާއަކީ އަޅުގަނޑުގެ މުސާރަ އާއި ހޯމް މިނިސްޓްރީން ދެއްވާ ފައިސާއެކެވެ. މިކަންވާގޮތް ނުވުމުން، އެފައިސާ ރުކު އައި ޙަވާލުކޮށް ދިނުންއެދި، ފަހުން ސިޓީއެއް ފޮނުވާގޮތަށް ހަމަޖެއްސީއެވެ. އަޅުގަނޑުގެ ސިޓީތައް ލިބުމުން އެކަން ހަމަޖެހޭނެ ކަމަށް ރުކުކައިރީގައި ބުނެ، މިއަދުގެ ބައްދަވުން ނިންމާލީއެވެ.


މަޖިލީހުގެ މުސާރަވެސް ރުކު އަށް ނެގޭގޮތަށް މަޖިލީހަށް ވެސް ސިޓީއެއް ލާނަމޭ ބުނީމެވެ. ރުކު ގޮސް ދޯންޏަށް އަރަންދެން ބަލަންހުރީމެވެ. ރޯދަމަހަށް ވުމުން ރޭގަނޑު ތިބެނީ ކަދުރާއި ފެންބޮއިގެން ނުކައި ބޫކުހަޅުތާލު ގައެވެ. ފުރަހަނި ޝުޢައިބަކީ މާހިތްވަރުގަދަ މީހެކެވެ. ބުނުއްވަމުން ގެންދަވަނީ އެއްވެސް އެއްޗެއް ނުކައި ރޯދައަށް ހުންނަވަނީ ކަމަށެވެ. އެހެންވުމުން ގަޑިއަކުން ގަޑިއަކުން ޝުޢައިބުގެ ޙަލުބަލަނީ އަޅުގަނޑެވެ. ގިނައިން އޮންނަވަނީ އެނދުގައި އޮށޯވެގެންނެވެ. އެގޮޅިއަށް އަޅުގަނޑު ސިއްރުން ވަދެހަދަމެވެ. ފުރަހަނި ޝުއައިބަކީ އާދަޔާޚީލާފު ހިތްވަރެއް ސިޔާސީކަންކަމުގައި ގެންގުޅުއްވާ ބޭފުޅެކެވެ.


އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލު ތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. މިހަތަރު މީހުންގެ ތެރޭގައި ހިމެނޭ، މ.މާނެލް މުޙައްމަދު ޙަސަންދީދީގެ މައްޗަށް ދައުލަތުން ދަޢުވާކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާއެވެ.


ގ.ބެންބޫ އެލީނާ އަޙްމަދު ޢައްބާހާއި، ހ.އަމަން ޢިމްރާން ޒާހިރާއި، ހ.މައިޒާން މުޙައްމަދު ނަވީޒް ސަލީމްގެ މައްޗަށް ދައުލަތުން ކުރެއްވީ، ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން މިކަމުގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލަ ކުޑަކުދިންނާ ބެހޭކޯޓަށް ފޮނުވިއެވެ. އެކުއްޖާގެ މައްޗަށް ދަޢުވާ ކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.


8 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 88 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަށާއި އެޓޮލްސް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް ސިޓީލިޔެފައި ޖަލުއޮފީހައި، ރައްދުކޮށް ދިނުންއެދި ހަވާލުކުރީމެވެ. މިސިޓީތައް ރުކަށް ކޮޕީކޮށްފައި ވާނެއެވެ. އޭރުން އޭނާއަށް އެފައިސާ ނެގުމުގައި ދަތިކަމެއް ދިމައެއް ނުވާނެކަމަށް ހީކޮށެވެ.


އަދި މިއަދު ހަވީރު، ލޯޔަރ މުޢިޒު އަޅުގަނޑައި ބައްދަލުކުރަން ޖަލަށް ވަޑައިގަތެވެ. މުޢިޒު ވަޑައިގަތީ ތަޙުޤީޤުޓީމް އުޅޭގަޑިއާ ދިމާވާގޮތަށެވެ. ތަޙްޤީޤު ޓީމަށްވުރެ ކުރިން ބައްދަލުކުރެއްވީ ލޯޔަރެވެ. މުޢިޒު ވިދާޅުވަނީ މިއަދު ނުވަތަ މާދަމާ ހުރިހާކަމެއްނިމި ގެއަށް ބަދަލުކުރާނެ ކަމަށެވެ.


ދެން އަޅުގަނޑާ ބައްދަލުކުރީ މުޢިޒާއެކު ތަޙްޤީޤުޓީމެވެ. ކުރީދުވަހު ފޯނުކޯލްތަކާ ގުޅިގެން ނަގާފައިވާ ބަޔާން މުޢިޒަށް އަޑުއިވޭވަރަށް ބާރަށް ކިޔާފައި ސޮއިކުރިޔަސް މައްސަލައެއްނެތޭ މުޢިޒު ވިދާޅުވުމުން އަޅުގަނޑު އެބަޔާނުގައި ސޮއިކޮށް، 4 އަސްލުގައި އިނގިލީގެ ނިޝާން ޖަހައި ނިންމާލީމެވެ. ވަރަށްގިނަ ވާހަކަޔައް ދެއްކިއެވެ. ތަޙްޤީޤުޓީމުން ބޭނުންވީ ގިނަވާހަކަ ދައްކާށެވެ. އެމީހުންގެ ވައްތަރާއި ފާޑުގަނޑު ދައްކާލާށެވެ. މުޢިޒު އެއްޗެކޭ ވިދާޅުނުވެ އަޑުއައްސަވަން އިންނެވީއެވެ.


މިކަމަކީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި ހުންނާތީ ކަމެއް ކޮށްލަން ވެގެން ކުރިކަމެއްކަމުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ބަޔާންނިމި މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު އަޅުގަނޑު ޖަލުގައި މިގޮތަށް މިގެންގުޅެނީ، ޢަބްދު ﷲ ޙަމީދުގެ މައްސަލަ ކޯޓަށް ވެއްދީމާ އެކަމުގެ ޙަސަދަ އާއި ބަދަލުހިފުމުގެ ގޮތުންކަމަށް އަޅުގަނޑު ބުނަމުން ގެންދިޔައިމެވެ.


މިވާހަކަތައް ހޫނުކޮށް ދާންފެށުމުން މުޢިޒު އަޅުގަނޑަށް އިޝާރާތް ކުރައްވައި މަޑުޖައްސާ ލުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު މާގިނަ ވާހަކަ ދައްކާކަށް ނުހަދަމެވެ. އަޅުގަނޑު ދެކެމުން ގެންދިޔައީ މިއީ ހަމަ ދައްކާލި ދަޅައެއްގެ ގޮތުގައެވެ. ޖަލުގައި ބައިތިއްބާފައި ތިބޭތީ، ތަޙްޤީޤުކުރާކަން ދައްކާލުމުގެ ގޮތުންކުރާ ކަންތައް ކަމަށެވެ.


އަޅުގަނޑަކީ ވެސް، 6 އަހަރުވަންދެން ތަޙްޤީޤު ސެކްޝަނެއްގެ ހެޑަކަށް އުޅުނު މީހަކަށް ވާތީ މިވެރިންގެ ކަންތައް ކުރިޔަށް މިގެންދާގޮތް ރަނގަޅަށް ވިސްނައި ގަނެވެއެވެ. އަޅުގަނޑަކީ އެޓޮލްސްގައި، 20 އަތޮޅުން އަންނަ ތަޙްޤީޤުތައް ހިންގާއި ބަލަހައްޓާ ސެކްޝަނުގެ އިސްމީހަކަށް ހުރި މީހަކަށް ވާތީ، މިކަހަލަ ކަންތައް ގެންދާގޮތްތައް ވަރަށް ރަނގަޅަށް ތަޖުރިބާއިން އެނގެއެވެ. ބަންޑާރަ ނައިބު ޙަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީމެންގެ ޓީމުން މިތަޙްޤީޤުގެ ކަންތައް ގެންދަވާނެގޮތް ވަޒަންކޮށް ލެވެއެވެ.


އަޅުގަނޑުމެން މިހާރު ޖަލުގައި މިތިބި މީހުންނަކީ، އޮނަރަބަލް ޙަމީދު ގެ މައްސަލަ ޝަރީޢަތަށް ގެންދިޔަ ދިޔަމީހުންނަށް ވާތީ، އަޅުގަނޑު މެންނާ ދޭތެރޭގައި ހަދަނީހަދާނެ ގޮތެކެވެ. އަޅުގަނޑު މެންނާ ދޭތެރޭގައި ބަހައްޓަވަނީ ޒާތީގޮތެކެވެ. އަޅުގަނޑު މެންނަށް އޮންނަނީ ވަކިޤާނޫނަކާއި ވަކިގަވާއިދު ތަކެކެވެ. މިވާގޮތުން ހީވަނީ ޢީދުދުވަހާ ހަމައަށް ދިގުދެމިގެން ދާނެހެންނެވެ.


ލޯޔަރ މުޢިޒު އާއި ތަހްޤީޤުގައި އިންނެވި ޢަލީއަޙްމަދު ބުނުއްވަނީ ވަރަށް އަވަސް ވާނެކަމަށެވެ. މާދަމާވެސް މާލެއަށް ބަދަލު ވެދާނެކަމަށެވެ. މިބޭފުޅުން އަޅުގަނޑަށް ކެތްތެރިވުމަށް ނަޞޭޙަތް ދެއްވިއެވެ. އިތުރުކަމެއްގައި ބައިވެރިނުވެ މަޑުންހުރުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދިއިރު ހަވީރު ވެދާނެއެވެ.


އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމުގައިވާ، "ފްރެންޑްސް އޮފް މޯލްޑިވްސް" އިން އިންތިޒާމްކުރި އެއްވުމެއް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި މިއަދު ބޭއްވިއެވެ. މިއެއްވުމުގައި ގޮވައިލީ، އޯގަސްޓް، 12 - 13 ގެ ޙާދިޘާއާ ގުޅިގެން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި އިންސާނީޙައްޤު ތަކަށް އިޙްތިރާމް ކުރުމަށެވެ.


މިއެއްވުމުގައި ޖަލުގައި ބަންދުގައި ހުންނެވި، ހ.ޅޮހީގޭ މާހިރުގެ ދަރިކަނބަލުން ސާރާ މާހިރު ބައިވެރިވެ ލެއްވިއެވެ. އޭނާއަކީ ދިވެހި ރައްޔިތެއްގެ އިތުރުން ފުރާސްގެ ރައްޔިތެކެވެ.


ސާރާމާހިރު
ސާރާމާހިރު

މިއަދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަށް، އަޅުގަނޑު ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ ސިޓީއެއް ލިޔުނީމެވެ. އެސިޓީގެ އިބާރާތްތަކަކީ މިއެވެ.


ބިސްމިއްލާހިއް ރަޙްމާނިއްރަޙީމް.

ދޫނިދޫ، 1 ނަމްބަރުޖަލު، 26 ނަމްބަރު ގޮޅި

ދޫނިދޫ ޑިޓެންޝަން ސެންޓަރ، ކ.ދޫނިދޫ / މާލެ


ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އޮނަރަބްލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް.


ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.


ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަކީ، ޚާއްސަ އިމްތިޔާޒުތަކެއް، ޤާނޫނު އަސާސީން ލިބިދޭ ޝަޚްޞިއްޔަތެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ، 6 ވަނަ ބާބު ޚާއްސަ ކުރެވިފައިވަނީ، ރައްޔިތުންގެ ޚާޢްސަ މަޖިލީހަށެވެ. އާދެ! އަޅުގަނޑަކީ، އެމަޖިލިސްގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ޝަޚްޞެއްކަން މަނިކުފާނަށް އޮޅިވަޑައިގެން ނުވާނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑުވާނީ، އެބޮޑު މަސްއޫލިއްޔަތެއްގެ ޤާނޫނީހުވާކޮށް، ﷲ އަށް ގަންދީ ކަންތައްތަކެއްގެ މަސްއޫލިއްޔަތާއި ޒިންމާތަކެއް އުފުލުމަށް ކޮނޑުއަޅާފައެވެ.


ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާ މަނިކުފާނު ބައްލަވާލެއްވުމަށް ހަދުމަފުޅަށް އަރުވަމެވެ.


105 (1) "ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާދެމެދު، އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާ ދިނުމުން، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ހިމެނޭ މެމްބަރެއްނަމަ، އެމަޖިލީހެއްގެ މެމްބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެމެމްބަރަކު މަރުވުމުންނެވެ.


(2) ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެމެމްބަރެއްގެ ކިބައިން އެސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ޙުކުމް ކުރުމުންނެވެ."


މިމާއްދާއިން ވަރަށް ޞަރީޙަކޮށް އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވާގޮތާއި ގޮނޑި ފުރާނޭގޮތް، ދޭހަކޮށް ދެއެވެ. މަނިކުފާނަކީ، އެމަޖިލީހުގެ އިއްޒަތްތެރި ރައީސަށްވާތީ މަނިކުފާނުގެ ކޮނޑުފުޅުގައި ކަންތައްތަކެއް މިމާއްދާގެ ދަށުން ޒިންމާކުރުވައެވެ. މަސްއޫލިއްޔަތު ތަކެއް އަޅުވައެވެ. ދިވެހި ދައުލަތުގެ މިހާމަތީ ދަރަޖައިގެ މަޖިލީހެއްގެ އިއްޒަތްތެރި ރައީސަށް މަނިކުފާނު ހޮވިވަޑައި ގެންފައިވާތީ މިފުރުޞަތުގައި ތަހްނިޔާ އާއި މުބާރިކްބާދީ ދަންނަވަނީ ހިތުގެ އެންމެ ފުންމިނުންނެވެ.


ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ޤާނޫނީ ހައިސިއްޔަތުން އެމަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައި ގަތުމުން މަރްޙަބާ ދަންނަވަމެވެ. އިއްޒަތްތެރި ރައީސެވެ! މިހާތަނަށް ހިނގިޖަލްސާތަކުގެ ޔައުމިއްޔާތައް ޖަލަށް ފޮނުވައި ދެއްވުމުން ކިޔާލަންލިބި ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އުފާވިއެވެ. ޔައުމިއްޔާގެ ހާޒިރީބައި ބަލާލުމުން، "ޤާނޫނީ ބަންދެއްގައި ތިއްބެވި މެމްބަރުން" މިހެން ލިޔުންވާފައި އޮއްވާފެނުނެވެ.


އިއްޒަތްތެރި ރައީސެވެ! އަސާސީގެ، 105 ވަނަ މާއްދާ އާއި މުޅިޤާނޫނު އަސާސީގެ ރޫޙަށް ނަޒަރުކޮށް ބަލާލާއިރު، ފުރާނާލެވޭ ޙައްޤަކީ ޤާނޫނީ ބަންދެއް ކީއްކުރައްވަން ތޯއެވެ. ޝަރުޢީ ބަންދެއްގައި ޚާއްސަ މަޖިލީހުގެ މެމްބަރަކު ހުންނެވި ކަމުގައި ވިޔަސް، އެމެމްބަރަކަށް މަޖިލީހަށް ދައުވަތު އަރުވާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިނަމަ، ހުންނެވިތާކުން އެމެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދެއްވުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އެޅިފައި ވަނީ، މަނިކުފާނުގެ ކޮނޑުފުޅުގައެވެ.


އަޅުގަނޑު ފަދައިން މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރުމަށް މަސައްކަތް ކުރެއްވުމަށް ދުރުވެވަޑައިގެންފި ނަމަ، އަޅުގަނޑަށް މާނަ ކުރެވޭ ގޮތުގައި އެބަ ކަންތައްތަކެއް ފެނެއެވެ. ފާހަގަވެއެވެ. އަސާސީގެ، 1 ވަނަ މާއްދާ ބައްލަވާލައްވާށެވެ.


1 "ދިވެހި ރާއްޖެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާ ކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދިމުޤްރާޠީ، ޖުމްހޫރީ، އަދި ޔުނިޓަރީ ދައުލަތެކެވެ. މިދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ........." ނިމެންދެން!


އާދެ! ދިވެހި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެކެވެ. އަޅުގަނޑު ބަންދު ކޮށްފައިހުރީ އެދައުލަތުގެ ބާރުގެ ދަށުގައެވެ. އަޅުގަނޑު ހުރީ ޓެރަރިސްޓް ޖަމާޢަތަކުން ހައިޖެކް ކޮށްފައެއް ނޫނެވެ. ވަކިމުސްތަޤިއްލު ބާރެއްގެ ދަށަކުނޫނެވެ. ނުވަތަ މަނިކުފާނުގެ ޤާނޫނީ ހައިސިއްޔަތުން ބާރުނުހިންގޭ ހިސާބެއްގައެއް ނޫނެވެ. ﷲ ގަންދީ ދައުލަތުން، ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑު ލައްވާ ކުރުވި ހުވަޔަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވުމަކީ މިވަގުތު މަނިކުފާނުގެ އެންމެއިސް ވާޖިބެވެ.


ޤާނޫނީ ބަންދެއްގައޭ ވިދާޅުވެ ދޫކޮށްލައްވާކަށް ޤާނޫނު އަސާސީ ޖާގައެއް ނުދެއެވެ. އަދި މިއަސާސީއާ ޚިލާފަށް އެއްވެސް ބާރަކަށް ޤާނޫނެއް ޤަވާޢިދެއް އެކުލަވައެއް ނުލެވޭނެއެވެ. ޤާނޫނު އަސާސީގެ، 148 ވަނަ މާއްދާގެ (1) އަދި (2) ގައި މިވާހަކަވެއެވެ. ބައްލަވާށެވެ.


148 "(1) ޤާނޫނުހަދާ އެއްވެސް މަޖިލީހަކުން ނުވަތަ ޤާނޫނީބާރު ލިބިފައިވާ އެހެންފަރާތަކުން ވިޔަސް، މިޤާނޫނު އަސާސީއާ، ނުވަތަ މިޤާނޫނު އަސާސީގައި ބަޔާން ވެގެންވާގޮތާ ޚިލާފުވާ ގޮތަކަށް، ޤާނޫނެއް ނެހެދޭނެއެވެ.


(2) ހުށަހެޅިފައިވާ، ނުވަތަ ހެދިފައިވާ އެއްވެސް ޤާނޫނެއްގައި މިޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތާޚިލާފުވާ ގޮތަކަށް ބައެއްވާނަމަ، އެބައެއްވާނީ ބާޠިލު އެއްޗަކަށެވެ."


ވީމާ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޤަވާޢިދު އެކުލަވާލެއްވުމަށް މިހާރުހޮވިފައިވާ ކޮމެޓީގެ ވިސްނުންފުޅަށް މިނުކުތާ ގެނެސް ދެއްވުމަށް، މަނިކުފާނު އަރިހުގައި އިލްތިމާސް ކުރަމެވެ. އަޅުގަނޑު ހައްޔަރުކުރެވުނު ޤާނޫނާއި ޤަވާޢިދު މަނިކުފާނަށާއި މަނިކުފާނުގެ އިދާރީކޮމެޓީގެ މަޢުލޫމާތަށްޓަކާ މިދަންނަވަނީއެވެ.


ޤާނޫނު ނަމްބަރު، 68/4 (ޢައްމުޤާނޫނު ތަކެއް) ގެ، 6 ވަނަ މާއްދާއާއި "ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރުނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު" ގެ ޖަދުވަލު، 1 ގެ، 2 ވަނަ މާއްދާއެވެ.


ރާއްޖޭގައި ތަޙުޤީޤު ނިމުމަށް އޮންނަ އިދާރީ އާދަކާދައިގެ ދަށުން، 6 އޮކްޓޯބަރ 2004 ގައި އަޅުގަނޑުގެ ބަޔާނުގެ، 4 ކޮޕީގައި ސޮއިކޮށްނިމި މިހާރު، އަޅުގަނޑުގެ މައްސަލަވަނީ، ޝަރުޢީކޯޓަށް ހުށަހެޅުއްވިކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ. ޢަމުދުން ތަޙްޤީޤުގެ މިއަމަލު ފުރިހަމަ ވުމަށްފަހު، އަޅުގަނޑު ބަންދުގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ޤާނޫނު އަސާސީގައި ފެންނާކަށް ނެތެވެ.


އަދި ޤާނޫނާއި ޤަވާޢިދުތަކުން ވެސް އެއީ ކުރެވިގެންވާނެ ކަމަކަށް ނުވެއެވެ. ސަބަބަކީ، މަސްއަލަ ކޯޓަށް ހުށަހެޅިފައި ވާތީއެވެ. ޤާނޫނެއްގެ ދަށުން ހައްޔަރުގައި ހުއްޓަސް ޤާނޫނުއަސާސީން އެފަރުދަކަށް ލިބިދޭ އަސާސީ ޙައްޤެއް ހޯއްދަވައި ދެއްވަން ޖެހޭނެއެވެ.


އަޅުގަނޑަކީ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުކުރެވޭނެ މީހެއްނަމަ، ޤާނޫނު އަސާސީގެ، 6 ވަނަ ބާބުގައި ކޮންމެވެސް މާއްދާއެއް މިގޮތަށް ތަޙްރީރު ކުރެވިފައި އޮތީހެވެ.


"ޤާނޫނީ ނުވަތަ ޝަރުޢީ ބަންދެއްގައި ތިބޭމީހުންނަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން މަނާކުރެވިގެންވާ ބައެކެވެ."


އަސާސީގައި މިފަދަ މާނައެއް ދޭހަވާ ޢިބާރާތެއް ނެތުމުން ޖެހޭނީ، 105 ވަނަ މާއްދާގެ ރޫޙަށާއި މާނައަށް ބުރަވާށެވެ. އެހިނދު އަމަލުކުރެވެން ޖެހޭނީ ޤާނޫނު އަސާސީގެ ރޫޙަށާއި މާނައަށެވެ.


ޤަވާޢިދެއް ނުވަތަ ޤާނޫނެއްގެ ބޭރުފުށުގެ މާނައަކަށް ނޫނެވެ. އިލާހީ ޝަރީޢަތްތައް ޝަރުޢު ކުރައްވާފައި ހުރިއިރުވެސް، ޢުޤޫބާތުގައި ހުންނަމީހާއަށް ޢަމަލުކުރުން ޞައްޙަވާ އެތައްއެތައް ކަންތައްތަކާއި ޙައްޤުތަކެއް ހުރެއެވެ. އުޞޫލަކުން، ޝަރުޢީނައްޞެއް ބާޠިލެއް ނުކުރެވޭނެއެވެ. އަބަދުވެސް ނައްޞަށް ޢަމަލުކުރުން އިސްކުރެވެން ޖެހޭނެއެވެ.


އަދި ޚާއްސަ މަޖިލީހުގެ ޤަވާޢިދު ހައްދަވާ ކޮމެޓީގެ މަޢުލޫމާތަށްޓަކާ ވިސްނާލެއްވުމަށް ނުކުތާއެއް ހުށަހަޅާލާ ހިތްވެއެވެ. ޚާއްސަ މަޖިލީހުގެ ހިންގާ ޤަވާޢިދުގައި މަޖިލީހުގެ މެމްބަރަކު ކަމެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭނީ ޚާއްސަ މަޖިލީހުގެ ކޮމެޓީއަކުން އެކަންބަލައި ހައްޔަރު ކުރެވޭވަރުގެ ކަމެއްތޯ ނިންމުމަށް ފަހުގައިކަމަށް، ޚާއްސަ މަޖިލީހުގެ ޤަވާޢިދުގައި ލިޔުމާދޭތެރޭގައި ވިސްނާލެއްވުމަށް ދަންނަވަމެވެ.


އާދެ! އެހެންވުމުން ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް، އަޅުގަނޑު ހާޒިރުކުރައްވަން މަސައްކަތް ކުރެއްވުމާއި ހާޒިރުކުރެއްވުމަކީ، އަދި ޖަލްސާތަކުގެ ދައުވަތު ލިޔުންތައް ފޯރުވާނެގޮތެއް ހަމަޖައްސަވައި ދެއްވާއި އަޅުގަނޑު، ﷲ އަށް ކޮށްފައިވާ ހުވަޔަށް އަމަލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދެއްވުން އޮތީ، ޤާނޫނު އަސާސީން މަނިކުފާނުގެ ކޮނޑުފުޅުގައި ރަނގަޅަށް އެޅިފައެވެ. އެހެންވެ މިނުކުތާތަކަށް ވިސްނާވަޑައި ގަންނަވައި މަޖިލީހުގެ ތަޅުމުގައި އަޅުގަނޑަށް ލިބިދޭންޖެހޭ ޙައްޤުތައް އަޅުގަނޑަށް ވީހާއަވަހަށް ހޯއްދަވައި ދެއްވާށެވެ.


އަދި އަޅުގަނޑު ހޮވާފައިވާ ދާއިރާގެ ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓޭނެގޮތް ހައްދަވައި ދެއްވާށެވެ. އަދި އަޅުގަނޑުގެ މިސިޓީ މިވަގުތު ހޮވިފައިވާ ޚާއްސަ މަޖިލީހުގެ ހިންގާ ގަވާއިދު އެކުލަވާލައްވާ، ކޮމެޓީގެ މެމްބަރުންނަށް އިއްވަވާލަ ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެކެވެ. މަޖިލީހުގެ ތަޅުމަށް ވެސް އެޖެންޑަ ކުރެވިގެން ބައެއްބޭފުޅުންގެ ސިޓީތައް އިއްވިފައިވާ ފަދައިން މިސިޓީވެސް ތަޅުމުގައި އިއްވާލަ ދެއްވުން އެދެމެވެ. މިއީ މުހިންމު މައްސަލައެކެވެ. ތަޅުމުން ގޮތެއް ނިންމުން އައުލާކަން ބޮޑުކަމެކެވެ.


އަދިވެސް އެއްފަހަރު މަނިކުފާނަށް ތިޔަލިބި ވަޑައިގެންނެވި ޝަރަފުވެރި މަޤާމަށްޓަކާ ހިތުގެއަޑިން ތަހްނިޔާ އާއި މުބާރިކްބާދީ އަރިސްކުރަމެވެ. ﷲ ތިޔަ މަޖިލީހުގެ މަސައްކަތްތައް ކާމިޔާބު ކުރައްވާއި ރާއްޖެއަށް ފާގަތި އަދި މިނިވަން ޑިމޮކްރަސީއެއް ދެއްވުމަށް މަގުފަހިކޮށް ދެއްވާށިއެވެ! އާމީން!


އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

8 ނޮވެމްބަރ 2004

ޚާދިމުކުމުލް މުޠީޢު،

ސޮއި

އިލްޔާސް ޙުސައިން އިބްރާހީމް.

ރައްޔިތުންގެ ޚާއްސަ ޖަމިލީހުގެ އިދާރާ، މާލެ ދިވެހިރާއްޖެ.


9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 89 ވަނަ ދުވަހެވެ. މިއަދު ހެދުނުސަޔަށް ފަހު، ޖަލުއޮފިހުން އެންގެވީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފޫލުން ޖަލަށް ވަޑައިގަންނަވާތީ ބައްދަލުވުމަށް ތައްޔާރުވެގެން ހުރުމަށެވެ. އުނދޯލިގެއަށް ނެރުމަށް ބަލާއައީ ހެދުނު، 10:00 ގައެވެ.


އަޅުގަނޑު ނެރުނުއިރު ތިއްބެވީ ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ މެމްބަރުން ކަމުގައިވާ، މަޑުލު މުޙައްމަދު ވަޙިދާއި ނަންރީތި އަޙްމަދު ސަލީމާއި ޢައިޝަތު އަލީ ނާޒެވެ. މިތިން ބޭފުޅުންނާއެކު، އަޅުގަނޑު ވަރަށްގިނަ ވާހަތައް ހިއްސާކުރީމެވެ. ގިނަވާހަކަ ތަކަކީ ތަކުރާރުވި ވާހަކަތަކެވެ. އެހެންނަމަވެސް ހަދާންކޮށް ދިނުމުގެ ގޮތުން ގަސްދުގައި މިވާހަކަތައް ދެއްކީމެވެ.


އިތުރަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، 18 އޮކްޓޯބަރުން ފެށިގެން ނޫސްމަޖައްލާތައް ލިބޭ ކަމަށާއި ތިޔަބޭފުޅުންނާއި ބޭރުގެ ޖަމާޢަތްތަކުން ކޮށްދެއްވި ބުރަމަސައްކަތަށް ޝުކުރުވެރިވުން ޙައްޤުވެއްޖެ ކަމުގައި ދެންނެވީމެވެ. އާންމުކޮށް ނެރުއްވަމުން ތިޔަގެންދަވާ ނޫސްބަޔާންތައް ނޫސްތަކުން ފެނުމުން ވަރަށް އުފާވެއެވެ. 20 ސެޕްޓެމްބަރ 2004 ގައި ނެރުއްވި ނޫސްބަޔާނަކީ ޙަޤީޤަތުން ފުރިފައިވާ ތެދުބަޔާނެކެވެ. އެބަޔާންތަކަށް ވިސްނައި ދިރާސާކޮށްލުމުން ތިޔަކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއަށް މާގިނަދުވަހު ކޮމިޝަނުގެ ރައީސް ކަމުގައި ދެމި ހުރެވިދާނެ ބާވައޭ، އަޅުގަނޑުގެ ހިތަށް އަރައެވެ.


އަޅުގަނޑަށް އެންމެފަހުން ލިބުނު ނޫސްބޮނޑި ލިބިފައިވަނީ، މިދިޔަމަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ގެއިން ޕްރިސަންސާއި ހަވާލުކުރާ ދުވަހު އެފަދަތަކެތި އަޅުގަނޑު މެންނަށް ލިބޭނެގޮތް ހަމަޖެހޭގޮތް ވެއްޖެނަމަ ވަރަށް ތާޒާކޮށް، މުއާލާތްނުކެނޑި ޚަބަރުތައް ލިބެމުން ދާނެއެވެ. އަދިވެސް މިތިބެނީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. އެގޮޅިތައް ތިޔަބޭފުޅުން ގިނަގިނައިން ބައްލަވާ ލައްވަން ވާނެއެވެ.


އަޅުގަނޑުގެ މައްސަލަ ނޮވެމްބަރުމަހު އެއްވަނަ ދުވަހު ކޯޓަށް ފޮނުއްވެވި ޚަބަރު ނޫހުން ލިބިފައި ވެއެވެ. މައްސަލަ ޝަރީޢަތުގައި އޮތްއިރު އަދިވެސް އަޅުގަނޑު ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގެ އަނިޔާގައެވެ. ނަފްސަށާއި ސިކުޑިއަށް އަނިޔާވާ ގޮތަށެވެ. ތަހްޤީޤު ނިމުމަށްފަހު، ޙުކުމަކުން ނޫންގޮތަށް ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ތިބެގެން ނުވާނެއެވެ.


ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން ހިންގެވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާއި ނެންގެވިފަހުން، 21 ދުވަސް ހަމަވާތީ، ކޯޓަށް ގެންގޮސްގެން، 30 ދުވަސް، ގާޒީ އާދަމް ސަޢީދު މޫސާ ލައްވާވަނީ އިތުރުކޮށް ފައެވެ. ގާޒީ، 30 ދުވަސް އިތުރުކޮށް ދެއްވަމުން ވިދާޅުވެފައި ވަނީ، ގޭގައި ބަހައްޓައިގެން އިތުރު ސުވާލު ކުރަންޖެހޭނަމަ ސުވާލު ކުރުމަށެވެ. 30 ދުވަސް އިތުރުކޮށް ދެއްވީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރުމަށެވެ. ޖަލުގައި ބެހެއްޓުމަކަށް ނޫނެވެ. އެހެނަސް ގާޒީލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ، އަދިވެސް ޖަލުގެ ކުޑަގޮޅީގައި އެކަހެރި ބަންދުގައި ބަހައްޓާފައެވެ.


ދަންނަވަން ތޯއެވެ! މިއީ ސާފުއަނިޔާއެވެ! މިއީ ޒާތީރުޅިވެރިކަމާއި ޙަސަދަ ވެރިކަމެކެވެ! ޢަބްދު ﷲ ޙަމީދުގެ މައްސަލައެއް ކޯޓަށް ވެއްދުމުން ވެގެންއުޅޭ ގޮތެކެވެ. އިއްޒަތްތެރި މެމްބަރުންގެ ތެރެއިން ޖަލުގައި ހައްޔަރުވެފައި މިތިބީ އެކަމުގައި އުޅުނު މެމްބަރުން އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވަނީ ގެއަށް ބަދަލުކޮށް ފައެވެ. ނުވަތަ ދޫކޮށް ލާފައެވެ. ޖަލުގައި އެކިމީހުންނަށް ހަދަމުން މިގެންދަނީ އެކިގޮތެވެ. އަންބަރީ އަންހެނުންގެ ކޮއްކޮ ހދ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވަނީ، މާލެ ގެންގޮސް ދޫކޮށްލާފައެވެ.


އެންދެރިމާގެއާ ތިމާގެ ބޭފުޅެއް ކަމުގައިވާ ބ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަލީފާއިޒު ވަނީ، ޖަލްސާތައް އަލުން ފެށުނު ދުވަހަށް، މާލެ ގެންގޮސް ދޫކޮށްލައްވާފައެވެ. އެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވެއެވެ. އެމެރިކާ ސަފީރު އަރިހުގައި ސަރުނާރުން ޔަޤީންކަން ދެއްވައި ވިދާޅުވެފައި ވަނީ، ޖަލްސާތަކަށް ދެވޭގޮތަށް ހުރިހާ މެމްބަރުން ދޫކޮށްލައްވާނެ ކަމަށެވެ. އެހެނަސް އަދިވެސް އަޅުގަނޑު މިހުރީ ޖަލުގައެވެ. މިއީ ކޮންކަހަލަ އިންސާފެއް ތޯއެވެ. ތަޙްޤީޤު ނިމުމަށް ފަހު ގޮޅީގައި ހުކުމްނީއްވާ ބަހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.


ވީމާ މިކަންތައް ކުރިންތިޔަ ކޮމިޝަނަށް ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުމަކީ އަޅުގަނޑު އެދޭކަމެކެވެ. މީގެކުރިން ތިޔަބޭފުޅުންގެ ރައީސް މުޖްތަބާ އަރިހުގައި ޖަލުގައި އަނިޔާކުރި ވާހަކައާއި ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ކަނޑާލިވާހަކަ ވާނީ، ދަންނަވާފައެވެ. މިތިންކަންތައް ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.


އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2004 ގައި މާލޭ ދާއިރާއިން ކުރިމަތިލުމަށް މިހާރުވާނީ ހުރިހާފޯމް ތަކެއް ފުރާފައި ގެއަށް، ޖަވާހިރުވާދީއަށް ރައްދުކޮށް ދެއްވުން އެދި ޕްރިސަންސްއާ ހަވާލުކޮށް ފައެވެ. އަދިވެސް އެލިޔުންތައް ގެއަކަށް ނުލިބެއެވެ. ދުވަސްތައް ބޭކާރުވެގެން ދަނީއެވެ. ހޯމް މިނިސްޓްރީން ވަނީ، އެފޯމްތައް ހިފާއްޓާފައެވެ. މުއްދަތުހަމަ ވުމުގެކުރިން މިކަންތައްކޮށް ނިންމަން ޖެހެއެވެ.


އެހެންވެ މިފޯމުތަކުގެ ކަންތައްްވެސް ބައްލަވައި ދެއްވުން އެދެމެވެ. މިވާހަކަތައް މިބޭފުޅުން ނޯޓުކުރެއްވިއެވެ. އަދި ތިޔަކަންތައް ވީހާއަވަހަށް ބަލައިދޭނެކަމަށް ސަލީމް، ޖަވާބުގައި ވިދާޅުވިއެވެ. ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މެންގެތެރެއިން ގިނަ ގައިދީން ތިބީ، ބޫކުހަޅުތާލުގައެވެ. ރޯދަހިފަނީ ހާރުނުކައެވެ. މިބޫކުހަޅުތާލުގައި، 18 ގައިދީން ބައިވެރިވިއެވެ.


އެއްގޮތަކަށް ވެސް ނުކައި ތިބޭމީހުންގެ ތެރޭގައި ޝުޢައިބާއި ޒިޔާއްޓޭ އާއި އަބުސީ ހިމެނެއެވެ. މިއީ ކަދުރުނުކައި ފެންވެސް ނުބޮއި ތިބޭ މީހުންނެވެ. އަޅުގަނޑު މެންތިބެނީ ރޭގަނޑު ތިން ކަދުރު ކައިގެންނާއި މަދުން ފެން ބޮއިގެން ދުވާލު ރޯދައަށެވެ. މިއީ ފަރުޟު ރޯދަމެހެވެ.


ފުރަހަނި ޝުޢައިބުގެ ޝަރުތަކީ ގެއަށް ބަދަލުކުރަންދެން ހުންނާނީ ނުކައި ހަންގަރސްޓައިކް ގައެވެ. މިކަންތައް ވަނީ، ސުޒޭންފުޅުގެ ފަރާތުން މާލެގޮސް ބޭރުދުނިޔެއަށް އިޢުލާނު ކުރެވިފައެވެ. މިވާހަކަތައް ވެސް، ސަލީމްމެން ނޯޓު ކުރެއްވިއެވެ. ރޭދަންވަރު ހާރުކާގަޑީގައި ބައެއް ގައިދީންގެ ބެލެނިވެރިން ސްޕީޑް ލޯންޗުގައި ދޫނިދޫޖަލަށް ގެނެސް ގައިދީންނަށް އެމީހުންލައްވާ ނަޞޭޙަތް ދިނުމުން ބައެއް ގައިދީން ހާރުކާން ފަށައިފިއެވެ. މީގެތެރޭގައި ބޫކުހަޅުތާލުލީޑަރު ޝާޒުވަލީދާއެކު ގިނަބަޔަކު ހިމެނެއެވެ. އެމީހުން އެދުނު ގިނަކަންތައް ޖަލުއޮފީހުން ފުރިހަމަކޮށްދިނެނެވެ. އެހެނަސް އަދިވެސް ބައެއް ގައިދީން ތިބީ ނުކައެވެ. ބޫކުހަޅުތާލު ގައެވެ.


ހުރިހާ ގައިދީންނާއެކު، ހިއުމަން ރައިޓްސްގެ ބޭފުޅުން ބައްދަލުކުރިއެވެ. އަދި ބައްދަލުވުން ނިމިގެން ޖަލުތެރެއަށް ވަންނަވައި ގޮޅިތައް ކުރިމަތިން މިބޭފުޅުން ހިނގާލައްވައި ބުރެއް ޖެއްސެވިއެވެ. އަޅުގަނޑު ގޮޅިއާއަރާ ހަމަވުމުން ސަލީމަށާއި މަޑުލު ވަހީދަށް ގޮވާފައި، އަޅުގަނޑު ދެންނެވީމެވެ. މާލެ ވަޑައިގެން، އަބްދު ﷲ ކަމާލުއްދީނާއި އިސްމާޢީލް ޝަފީޢު ހެއްދެވިހެން މާދަމާ ގައުމީޓީވީއަށް އަރުއްވައި ޖަލުގައި ކުށްވެރިން ތިބީ ވަރަށް އަރާމާއި ހިތްހަމަޖެހި ގެންނޭ، ކެއުމާއި ނިދުން ހުރީ ގޭގައިތިބުމެކޭ އެއްގޮތަށޭ ނުދަންނަވައްޗޭ ދެންނެވީމެވެ.


ޚަބަރުދާރެވެ! އަޅުގަނޑުމެން މިތިބީ ޓޯޗާ އާއި ގަދަފަދަ އަނިޔާގައެވެ. ޢަބުދު ﷲ ކަމާލުއްދީނުމެން ކުރެއްވިކަހަލަ ކަމެއް ނުކުރައްވައްޗެވެ. އަޅުގަނޑުމެން ނަފްސާނީ ގޮތުން މިތިބެނީ އަނިޔާގައެވެ. ފާޑަކަށް މޮޔަވެފައެވެ. މިވާހަކަތައް ދެއްކިއިރު، ލޭޑީ ހުންހުންނެވީ ހޭންށެވެ.


ކުޑަގޮޅިން ގޭބަންދަށް ގެނައުން:


މިއަދު މެންދުރުފަހު، ޚާއްސަ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ލިޔުނީމެވެ. އަންހެނުންނަށް އަޅުގަނޑުގެ މުސާރަ ދޫކޮށްދިނުން އެދިއެވެ. އަދި ރައީސް މައުމޫނު އަރިހަށް ސިޓީއެއް ލިޔެ ހުރިހާ ސިޓީތައް ޖަލުއޮފީހާ ފޮނުވާލަދިނުން އެދި ހަވާލު ކުރީމެވެ. ޢަޞުރު ނަމާދުކޮށްގެން، ފުރަހަނި ޝުޢައިބާއެކު އަނގަތަޅަން އިންދާ ނަޞީރު ދުރުވެ، އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. ހުރިހާއެއްޗެއް ހިފައިގެން މާލެ ދިއުމަށް ނުކުތުމަށް އެންގިއެވެ. އަވަހަށް ޝުޢައިބު ކައިރީގައި މިވާހަކަ ބުނެފައި ނަޞީރާއެކު ޖަލުތެރެއިން ނުކުތުމަށް ހިނގައިގަތީ ޝުޢައިބާ ސަލާމް ކޮށްފައެވެ. ޝުޢައިބު އަންހެނުންނަށް ދެއްވި މެސެޖްތައް ހިތަށް ނެގީމެވެ.


ދެން އެހެންގޮޅިތަކަށް ހިނގާލާފައި ދަންނަ މީހުންނައި ސަލާމްކޮށްފައި ޖަލުތެރެއިން ނުކުތީ ސައްޕެ ގޮޅިކައިރީގައި މަޑުކޮށްލާފައެވެ. އަޅުގަނޑު އައުމުން ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަންދުކުރި މީހުންގެ ތެރެއިން މާލެނުގެންގޮސް ޖަލުގައި ސައްޕެ އެކަނި ވީއެވެ. ހީވަނީ ވަރަށް އަވަހަށް ސައްޕެ ވެސް މާލެގެންނާނެ ހެންނެވެ. ޒިޔާއްޓޭ މާލެއަށް ވަރަށް ގިނައިން ސަލާމް ފޮނުވިއެވެ. ޖަލުގައި ތިބި އެންމެންގެ ގޮޅިތައް ކައިރިއަށްގޮސް ސަލާމްކޮށް ހިތްވަރު ކުރުމަށް ނަސޭހަތް ދިނީމެވެ. އޭރުގަޑިން ހަވީރު، 4:45 ވަރު ވެދާނެއެވެ.


މިއަދު މާލެ ގެންދިއުމަށް ދެން ނެރުނީ، މައިކޮމްޕެނީ ނަމުގައި ކުންފުންޏެއް ހިންގަވާ ބޭފުޅެއް ކަމުގައިވާ އަޙްމަދު ޢާޠިފު (ޒިޔާއްޓޭގެ ކޮއްކޮއެއް) މ.ސަލްޖަމްގެ އެވެ. އަޅުގަނޑުމެން ދެމީހުން އޮފީސް ކުރިމަތީގައި ގޮނޑިއެއްގައި އިރުކޮޅަކު ބޭތިއްބުމަށް ފަހު، މާލެ ގެނައީ އެކުގަވެ. މީނާއަކީ ޖެނީ ކޮނޑަށް ލައިގެން ކަޅުހުކުރުގައި އުޅުއްވި ބޭފުޅާއެވެ.


މާލޭން ދެމީހުން ވަކިވީ ފޯނުނަމްބަރާއި އެކިމައުލޫމާތު ބަދަލުކޮށްފައެވެ. ހަމަޖެހިފައި އޮތީ، ޝައިޚް ފަރީދު މިރޭ މާފުއްޓަށް ބަދަލުކުރާ ގޮތަށެވެ. ފުރަތަމަ ފަރީދު އަރިހަށް، ޖަލުއޮފީހުން ފޮތެއް ގެނައީ ޖަލަށް އިއްވާފައިވާ ޙުކުމް ކުޑަގޮޅީގައި ހުންނަގޮތަށް ބަދަލުކޮށް ކުޑަގޮޅިގައި ބަހައްޓާގޮތަށް ސޮއިކުރުވާށެވެ.


އެހެނަސް ފަރީދު އެފޮތުގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވައި ވިދާޅުވީ އޭނާއަށް ޙުކުމް އިއްވާފައިވަނީ، ކުޑަގޮޅީގައި އެކަހެރިކޮށް ބެހެއްޓުމަށް ނޫންކަމަށެވެ. މާފުއްޓަށް ގެންދާގޮތަށް ހަމަޖެއްސީ މިވާހަކަތަކަށް ފަހުގައެވެ. އަޅުގަނޑުމެން ދެމީހުން ގޮވައިގެން ދުރުވީ، ލޯންޗެއްގައި ނަޞީރެވެ.


ފުލުސް އޮފީހަށް ވެއްދުމުން އަޅުގަނޑު މެންނާ ހަވާލުވީ، ނަޢިމް (އިނގިރޭސި) އެވެ. ދޫނިދޫން ފުރުމުގެ ކުރިން ނަޞީރު ޖަލު އޮފީހުގެ ދެލިޔުމެއްގައި އަޅުގަނޑުމެން ލައްވާ، ސޮއި ކުރުވިއެވެ. އެއްލިޔުމުގައި ޖަލުން ރަނގަޅަށް ޚިދުމަތްތައް ލިބުނުކަމަށް ސޮއި ކުރުވިއެވެ. އަނެއް ލިޔުމުގައި އޮތީ ގޮޅީގައި ހުރިއިރު އަނިޔާ ނުކުރާކަމަށެވެ.


ނަޢީމްބެ މާލަސްތަކެއް ނުކޮށް ވަރަށް އަވަހަށް އަޅުގަނޑުމެން ގެއަށް ގެންގޮސް ދިނެވެ. ހައެއް ޖެހުމުގެކުރިން ގެއަށް ވަދެވުނެވެ. ނަޢީމް އަޅުގަނޑު ގެއަށްލާފައި ދުރުވީ ހަންދު ލައްވާ ފޮތެއްގައި ސޮއި ކުރުވުމަށް ފަހު، ގޭގައި ފުލުސް އޮފީހުގެ އިޢުލާނެއް ޖަހާފައެވެ. ޓޭން އާއި ރޭމް ދެކުދިން އުރާލެވުމުން ވަރަށް އުފާވިއެވެ. މިދެކުދިން ގޮވައިގެން އިންދާ ރުކު ފޮޓޯއެއް ނެގިއެވެ. އެފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގައި ފެންނަން ހުންނާނެއެވެ.


ގެއަށް، ކޮޓަރިއަށް ވަދެފައި ކުދިންނާ އެކު ނެގިފޕޓޯ ދެކުދިން ގިނަދުވަހަށްފަހު ފެނުމުން ރައްޓެހިވަނީ
ގެއަށް، ކޮޓަރިއަށް ވަދެފައި ކުދިންނާ އެކު ނެގިފޕޓޯ ދެކުދިން ގިނަދުވަހަށްފަހު ފެނުމުން ރައްޓެހިވަނީ

ގެއަށް އާދެވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. 89 ދުވަސް ޖަލުގެ ކުޑަގޮޅިގައި ހޭދަކުރުމަށް ފަހު، ޢާއިލާއައި ބައްދަލުވީއެވެ. ދޫނިދޫއިން އައިސް މާލެއަށް ފޭބިތަނުން އަޅުގަނޑުގެ ފޮޓޯއެއް ސިލްވަރސީން އަލިބެ ނެންގެވިއެވެ. އެފޮޓޯވެސް ފޭސްބުކް އެކަައުންޓުގައި ފެންނަން ހުންނާނެއެވެ. ލައިގެންހުރި ހުދުގަންޖިފަރާހުގައި އަޅުގަނޑު އަމިއްލައަތުން، "އައި އެމް އަ ރީފޯމަރ" މިހެން ޖަހާފައި ވާނެއެވެ. ބައްލަވާ ލައްވާށެވެ!


މިނިވަން ކުރުމަށް ގެނެސް މާލެ ތޮށިގަނޑުމައްޗަށް ފޭބުމުން އަލިބެ ނެގޮ ފޮޓޯ
މިނިވަން ކުރުމަށް ގެނެސް މާލެ ތޮށިގަނޑުމައްޗަށް ފޭބުމުން އަލިބެ ނެގޮ ފޮޓޯ
ގެއަށް ގެނައުމުން ކޮތަރީގައި ރުކުނެތި ފޮޓޯ
ގެއަށް ގެނައުމުން ކޮތަރީގައި ރުކުނެތި ފޮޓޯ
ޓޭން ހަމަމޫނަށް ބަލަނީ
ޓޭން ހަމަމޫނަށް ބަލަނީ

ސިފައިންގެއަށް ވަދެ ބައެއްތަކެތިގެންދިއުން:


10 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 90 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ ގޭގައި ވަރަށް ފޫހިވެއެވެ. ހަވީރު ވަގުތެއްގައި ވޭވީވޯރކް މުޙައްމަދުފުޅު ގެއަށް ބަދަލުކުރި ޚަބަރު ލިބުނެވެ. އަޅުގަނޑު ޖަލުގައި ހުއްޓާގެއަށް ސިފައިންވަދެ ގެންދިޔަ ސާމާނުތައް ހޯދުމަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިތަކެއްޗަކީ އަޅުގަނޑުގެ ސަމްސަން މަރުކާގެ މޯބައިލް ފޯނާއި އޭގެ ޗާޖަރާއި ސިމްކާޑާއި ދެރީމް ކެމްޕޭން ސިޓީ އާއި ސަންގު މަޖައްލާގެ ފަސް އަދަދުގެ އަސްލާއި ސަތާރަ ހުކުރާއި އެއް ރޯޅި މަޖައްލާ އާއި ލިޔެފައިވާ، ގަނޑުތަކަކާއި އަދިވެސް ކޮޓަރިން ގެންދިޔަ ބައެއް ސާމާނެވެ.


ކަނާއަތުގައި އެވަނީ ސިފައިންގެންދިޔަ ފޯނެވެ.
ކަނާއަތުގައި އެވަނީ ސިފައިންގެންދިޔަ ފޯނެވެ.

އަންހެނުންނަށް ލިޔުމެއް ދީފައި މިތަކެތި ފުލުސް އޮފީހަށް ގެންދިޔައީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި އެބޭފުޅުން ގެއަށް އައިސް އަޅުގަނޑުގެ ކޮޓަރި ފާސްކުރުމަށް ފަހުގައެވެ. ފޯނާއި ސިމާއި ޗާޖަރު ގެންދިޔައީ، 21 އޯގަސްޓް 2004 ގައެވެ. ގެއިން އެހެންތަކެތި ގެންދެވީ، 24 ސެޕްޓެމްބަރ 2004 ގައެވެ. މިކަންކުރީ ކޯޕްރަލް ޢަބްދު ﷲ ޝާޠިޙެވެ. މިއީ ވެސް ކުޑަވަރެއްގެ ވަޙުޝީރެއިޑެކެވެ. މަޖައްލާތައް ގެންދިޔައީ ނުލަފާކަމުން ޖެއްސުންކުރުމަށެވެ. އެހެންނޫން އެއްވެސް ބޭނުމެއް ނެތެވެ.


11 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 91 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހެކެވެ. ގޭގައި ހުރީއެވެ. ކޮއްކޮ އިބުރޭ މަޢުލޫމާތު ދިންގޮތުގައި އަޅުގަނޑު މާލޭގެ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތައްވީ، މއ.ތަބައްގޭ ރިޟްވާން އަތުގައެވެ. ރިލޭއައި ގުޅައިގެން ޚަބަރުބެލިއިރު އެފޯމްތައް އަދިވެސް ހުރީ ހުށަނާޅާ ރިލޭ އަތުގައެވެ.


ހުރީ ހުރިހާކަމެއް ނިމި ހުށަހަޅަން ތައްރަށެވެ. އެހެނަސް ބޯގަންވިލާ އިބުރާ އޭނާ އެގެއަށް ރިލޭ ގެންދަވާފައި އެދުނު އެދުމެއްގެ މަތިން އަޅުގަނޑުގެ ނަން މާލެއިން އަނބުރާ އދ.އަތޮޅުގެ ގޮނޑިއަކަށް ބަދަލުކުރުމަށް، ރިލޭ ކައިރީގައި އެދިފައިވާތީ، އަދި އެކަން ނުކުރެވިގެން ފޯމްތައް ހުރިގޮތަށް ރިލޭ ބަހައްޓާފައި ހުރީއެވެ.


އަޅުގަނޑުގެ ކެމްޕޭންމެނޭޖަރު ރިލޭ އަށް މި އޯޑަރު އަންނަނީ އިބުރާގެ ފަރާތުންނެވެ. އިސްލާހީހަރަކާތުގެ ފަރާތުން ކެނެރީގޭގައި ހުޅުވާފައި ހުރި ކެމްޕޭން އޮފީހުގެ ނަމުގައެވެ. މިކަން، އދ.އަތޮޅު ގޮނޑިއަކަށް ބަދަލުކުރެވޭނީ، މިތަކެތި ހުށަހެޅުމުގެ އެންމެފަހު ދުވަހުގެ ކުރިން، އިލްޔާސަށް ގެއަށް އާދެވިއްޖެއްޔާ މިކަން ކުރާނީއޭ ކިޔާފައި ރިލޭއަތުގައި ބުނެގެން މިފޯމްތައް ބަހައްޓާފައި ހުރީއެވެ. އިބުރާގެ އަމިއްލަ ސިއްރު ރޭވުމެއްގެ ދަށުން ހުށަހެޅިޔަ ނުދީ ހިފާއްޓާފައި ހުރީއެވެ.


ރިލޭ އައިސް މިވާހަކަ އަޅުގަނޑަށް ކިޔައިދިނުމުން މިއީ އަނެއްކާ ކިހިނެއްވެގެން އަޅުގަނޑު ކުރަންޖެހޭ ކަމެއްތޯ ވަރަށްބޮޑަށް ސުވާލު އުފެދުނެވެ. އިބުރާ އަރިހުން އަހައި މިކަން ސާފުކުރުމަށް ރިލޭ ކައިރީގައި ބުނީމެވެ. ގޭބަންދުގައި ހުންނާތީ އަދި ގެއަށް މީހުންވަނުން މަނާ ވީމާ އަޅުގަނޑު އަމިއްލައަށް ކުރެވޭ މާގިނަ ކަންތަކެއް ނެތެވެ.


ދެން ރިލޭ އެކަން ސާފުކޮށްފައި ބުނެދިނީ، މިހާރު، ގ.ކެނެރީގައި ގައިމުކޮށް ފައިހުރި އިސްލާހީހަރަކާތުގެ ކެމްޕޭން އޮފީހުން މާލެއަށް އިބުރާ އާއި މުޙައްމަދު ޝިހާބާއި ކުރިމަތީލާ ގޮތަށް މަޝްވަރާކޮސްފައި އެމީހުން ހަމަޖެއްސީއޭ ދެން އިލްޔާސަށް ޖެހޭނީ، އދ.އަތޮޅަށް ކުރިމަތިލާށޭ އިބުރާ އަންގަނީކަމަށް ރިލޭ ކިޔައިދީފިއެވެ.


މިއީ އިބުރާގެ ވަރަށް ނުލަފާ އަޑި ނޭނގޭ ފޮރުވާފައިވާ ރޭވުމެކެވެ. މާލޭން މިގޮނޑިއަށް އަޅުގަނޑު ހޮވޭނެކަން ކަށަވަރުވާތީ އިބުރާ ބޭނުންވަނީ އޭނާ އާއެކު މުހައްމަދު ޝިހާބުގެ ފޯމްތައް ލާތީ އަޅުގަނޑުގެ ނަން މާލެއިން ނަގައި އދ.އޮތޮޅަށް ބަދަލުކުރާށެވެ. މިއީ އަޅުގަނޑައި މަޝްވަރާ ނުކޮށް ކޮށްފައިވާ އޮޅުވާލުންގަނޑެކެވެ.


މިއަޑުތައް އިވުމުން ހިންހަމަނުޖެހިގެން، އަނެއްކާވެސް ރިލޭ، ކަރީގައި އިބުރާ ކައިރިއަށް އިތުރަށް މިވާހަކަތައް ދެއްކުމަށް ފޮނުވީމެވެ. އަދި މާލެއަށް ލުމަށް ކެނެރީގޭ ކެމްޕޭން އޮފީހުން ނުރުހޭކަމަށް ވަންޏާ، އެމީހުންނާ ވާހަކަދައްކައިގެން، ގދ.އަތޮޅަށް އަޅުގަނޑު ކުރިލާގޮތަށް ނިންމާށޭ ރިލޭކައިރީގައި ބުނީމެވެ. އިބުރާ އާ ރިލޭބައްދަލުކޮށް މިވާހަކަ ދެއްކުމުން އިބުރާ ބުނަނީ، ގދ.އަތޮޅަށް އިލްޔާސް ލާނެކަމެއް ނެތެވެ. ރިލޭ ހަދަންވީ ގޮތަކީ، އިލްޔާސްގެ ނަން، އދ.އަތޮޅަށް ބަދަލުކުރުމަށް އަލުން އިލެކްޝަނުން ފޯމެއް ނަގާށެވެ.


ރިލޭ އަޅުގަނޑާ ގުޅާފައި ކެނޑިޑޭޓްކަން ބަދަލުކުރާ ފޯމެއް ނެގުމަށްފަހު ފުރާލައިގެން އައިސް އަޅުގަނޑާ ބައްދަލުކޮށް ސޮއި ކުރުމަށް އެދުނީއެވެ. ކެނެރީކޭމްޕުން ރުހެނީ މިގޮތަށް ހަދާށޭ ބުނެދިނެވެ. އދ.އަތޮޅަށް ބަދަލުކުރާށެވެ. މިކަމާ އަޅުގަނޑު ވަރަށް ނުރުހުނީމެވެ. ރުޅިއައެވެ. ރިލޭ މިކަމުގެ އިދާރީކަންކަން ފުރިހަމަކޮށްގެން އައުމުން، އަނެއްކާ ވެސް ރިލޭ ލައްވާ އިބުރާއައި ގުޅާފައި މިގޮތަށް ބަދަލުގެންނަން ޖެހޭސަބަބަކީ ކޮބައިތޯ ސުވާލުކުރީމެވެ.


އިބުރާ ވިދާޅުވަނީ، އެމްޑީޕީ ކެންޕޭން އޮފީހުން ބޭނުންވެ ނިންމާފައި ވަނީ، އިލްޔާސް އދ.އަތޮޅަށް ކުރިމަލާން ކަމަށް ބާރުއަޅުއްވާ ވިދާޅުވީއެވެ. އެއްގޮތަކަށް ވެސް އެނޫންގޮތެއް މީނާ އެއްބަހެއް ނުވިއެވެ. ދެން އަޅުގަނޑު ބަންދުގައި ގޭގައި ހުރުމުގެ ސަބަބުން އިތުރަށް، އިތުރުފަރާތްތަކާ ވާހަކަދެކެވޭނެ ގޮތެއް ނެތުމާއެކު، ކުރާނެކަމެއް ނެތިގެން މިގޮތަށް ނުރުހުމުގައި ހުރެ ރިލޭ އިދާރީގޮތުން ތައްޔާރުކޮށްގެން ގެނައި ފޯމްގައި ސޮއި ކުރުމުން ރިލޭ ދިޔައީ އެފޯމްތައް ހިފައިގެން ބޯގަންވިލާއަށް އިބުރާ ކައިރިއަށެވެ.


ތަޖްރިބާކުރެވުނު ސިޔާސީފިލާވަޅެއް:


12 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 92 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މެންދުރުފަހު ވަގުތެއްގައި ރިލޭކައިރިން އަހުރެންގެ ފޯމްތައް ކޮބައިތޯ އަހާލުމުންބުނީ، އިބުރާ ބުނެގެން ހުރިހާސާމާނެއް މިހާރުވީ އޭނާއަތަށް ދީފައެވެ. އިލެކްޝަނަށް ވައްދާނީ އެންމެފަހު ދުވަހުކަމަށް ބުނެފައި ފަންޑިތަވެރިކަމުގެ ކުޑަކަމެއް ވެސް މިފޯމްތަކަށް ކޮއްލާނަމޭ ކިޔާފައި އޭނާއަތުގައި މިފޯމްސެޓް ބެހެއްޓީކަމަށް ރިލޭބުންޏެވެ.


މުހައްމަދު ރިލްވާން (ރިލޭ) މއ.ތަބައްގެ ކެމްޕޭން ތަޖްރިބާކާރެއް
މުހައްމަދު ރިލްވާން (ރިލޭ) މއ.ތަބައްގެ ކެމްޕޭން ތަޖްރިބާކާރެއް

މިވަރުންވެސް މިއީ އިބުރާ ހަދައިގެންއުޅޭ ބޮޑު މަކަރެއްކަން ނަގައެއް ނުގަނެވުނެވެ. ބަންދުގައި ހުރުމުން ގިނަމީހުންނާ މަޝްވަރާ ނުކުރެވި ކެމްޕޭން އޮފީސްތެރޭގެ މައުހައުލު ނުފެނި އިތުރު ފަރާތަކާ ވާހަކަނުދެކެވި ހުރެވޭތީ މާބޮޑަށް އިބުރާގެ ހީލަތްތެރިކަން ދަނެއެއް ނުގަނެވުނެވެ. އެއްގޮތަކަށް ވެސް މިއީ މީނާގެ މަކަރުވެރި ޔަހޫދީރޭވުމެއް ކަމުގައި އަޅުގަނޑު ހިތަށް އޭރަކު ނުވަނެވެ. ބުރަވެވިފައި ހުރީ އިސްލާހީހަރަކާތުގެ އޮފީހުން ނިންމެވިކަމެއްގެ ގޮތަށެވެ. މީހަކު އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް މިޒާތުގެ ކަމެއް ކޮށްފާނެ އެކޭ ހިތަކަށް ނުގެނެވޭނެއެވެ! ފަހެ، މިކަން މިހެން މިވީ ގޭބަންދުގައި ހުރުމުން ބޭރުގައި ވާނުވާ ނުބެލުނީމައެވެ.


އަދި ރިލޭއަށް ވެސް، އިބުރާ މިކަން ގެންދެވިލެއް ޗާލާކު ކަމުން ހަދާނުހަދާއެއް ނޭނގުނީއެވެ. އަދި ކުޑަކޮށް ވެސް ރެއަކާނުލިއެވެ. އެހެނަސް، އިލެކްޝަނަށް ފޯމުސެޓް ވެއްދިފަހުން، ފަޅާ އެރިގޮތުގައި މިކަމަކީ، އިބުރާގެ ނުލަފާ ޔަހޫދީކަމުން އޮޅުވާލައިގެން، އަޅުގަނޑުގެ ފޯމްސެޓަށް ގަސްދުގައި ގެނުވި ބަދަލެއްކަން އެނގުނެވެ.


އަޅުގަނޑަށް މިކަންވިސްނި އަމިއްލައަށް އިތުރުބަދަލެއް ގެނެސް، މާލޭގެ ގޮނޑިއަށް އަނެއްކާވެސް ބަދަލުކޮށްފައި އިލެކްޝަނަށް ވައްދަފާނެތީ އޭނާ އެޅުއްވި ޙީލަތްތެރި ފިޔަވަޅެއްކަން އަޅުގަނޑާއި ރިލޭއަށް ވަރަށް ސާފުކޮށް ފަހުން އޮޅުންފިލާއި އެނގުނެވެ. އެހެނަސް އެކަން އެނގުނުއިރު އޮތީ މުއާލާތް ކެނޑިފައެވެ. އިބުރާގެ މިމަޅީގައި ޖެހުމުން ވަރަށް ދެރަވެ ހިތާމަކުރަން ޖެހުނެވެ. ރައްޔިތުންގެ މަޖްލީހަށް ވަނުމަށް ލިބުނު ރަނުގެ ފުރްސަތު މީހެއްގެ އުކުޅުވެރި މަޅިއެއްގައި ޖެހި ގެއްލުނީމައެވެ.


ފަހުން ކަށަވަރު ކުރެވުނު ގޮތުގައި އޭނާއަތުގައި އަޅުގަނޑުގެ ފޯމްތައް ހިފެހެއްޓީ މާލޭގެ ގޮނޑިއަށާއި ގދ.އަތޮޅުގެ ގޮނޑިއަކަށް ކުރިމަތި ލިޔަނުދޭށެވެ. ފޯމުތައް އޭނާ އަތުގައި ހިފޭއްޓީ ކިޔަވާލާއި ސިހުރެއްހަދާލުމުގެ މަކަރުގައި ރިލޭ ތާށިކޮށް ފައެވެ. ކިޔެވެލީގެ ބަހަނާގައި ރިލޭ ޖައްސާފައެވެ. އޭނާގެ ސިއްރުރޭވުމުގެ ދަށުން އޭނާގެ އަންހެނުން ގދ.އަތޮޅަށް ކުރިމަތި ލައްވާފައި، އަދި މާލެ އިން ވެސް އޭނާ ގަސްދުގައި އަޅުގަނޑުގެ ކުރިމަތިލުން ހުއްޓުވާލީއެވެ.


އަދި މާލެ އަށް އޭނާ ނެންގެވީ ބަގީޗާގޭ މުހައްމަދު ޝިހާބް އެވެ. މިއީ އަސްލުގައި އެންދެރިމާގޭ އިލްޔާސް ފަޅިން ޝިހާބު ހޮވުން ރަނގަޅު ވާނެކަމަށް އެދޭތީ އޭނާ ކުރެއްވި ކަމެކެވެ. އެދުވަސްވަރު އިބުރާ އަކީ އެފަޅިއަށް ރުހިގެން ކުޅުއްވާ މީހެކެވެ. އަދި، މާލެއަށް އަޅުގަނޑު ކުރިމަތިލާފައި އޮތީމާ މާލެ އިން ބަދަލުކުރުވީ ވެސް އިބުރާގެ އެރޭވުމުގެ ޔަހޫދީކަމުންކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގުނެވެ. އަދި ސާފުކޮސް ކަށަވަރު ކުރެވުނެވެ.


އެންދެރިކޭމްޕު ފަޅިން އަޅުގަނޑު ރައްޔިތުންގެ މަޖްލީހަށް ވަނުމަށް އަބަދުވެސް ގެންދިޔައީ ހުރަސް އަޅަމުންނެވެ. ވަރަށް ކުރިން ރައީސްމައުމޫ ދުވަސްވަރު ޚާއްސަ މަޖްލީހަށް މާލެ އިން ކުރިމަލިލުމުންވެސް މުގާބިލްގައި އެންދެރިކޭމްޕުން ޔޫސޭއާ ގުޅައިގެން ނެރެ ގޭގެއަށް ހިންގުވައިގެން އަހުރެން ކަޓުވާލިއެވެ. އެދުވަސަރަކީ ކެމްޕޭން ކުރާ ދުވަސްވަރެއް ވެސް ނޫނެވެ.


ހިޔަޅުބުއްދީގެ އިބުރާ ބޭނުންވީ އަޅުގަނޑު މާލޭން ކަޓުވާލާފައި އޭނާއާއެކު، ބަގީޗާގެ މުހައްމަދު ޝިހާބު މާލޭން އަނެއްގޮންޑިއަށް ކުރިމަތިލައްވައިގެން އިސްލާހީހަރަކާތުގެ ނަމުގައި ބޭނުންވީ ހޮވާށެވެ. އިސްލާހީހަރަކާތުގެ އޮފީހަށް ވެސް އޮތީ އޮޅުވާލާފައެވެ. އެ އޮފީހުން ހީކުރީ އަހުރެން ރުހި އަމިއްލައަށް، އދ.އަތޮޅަށް ބަދަލުކުރީ ކަމަށެވެ.


އަންނި ނުވަތަ އެމްޑީޕީން ކުރިކަމެއް ނޫންކަން އަޅުގަނޑު މިނިވަންވުމުން ގޮސްވާހަކަދައްކާލާ ހެދުމުން ފަހުން އެނގިސާފުވިއެވެ. މިރޭވުމެއް ރޭވީ އިބުރާގެ އަމިއްލަ ބުއްދިންނެވެ. ވުޖޫދުވުން އައިސްފައި ވަނީ އެންދެރިމާގޭ ފަޅިންނެވެ. އިލްޔާސް އިބުރާހިމްގެ ސިޔާސީ ފޭލިގެއިންނެވެ. އިބުރާ އަކީ އޭރުވެސް، އަބަދުވެސް އިލްޔާސަށް ކުޅެދޭ މީހެކެވެ.


މިކަން ހިންގީ އަންނި ބުނެގެންނެއް ނޫންކަމަށް، އަންނިގެ ކޮށްކޮ ނާޒިމުގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ. އިބުރާ ބޭނުންވީ، އިބުރާއާއެކު މާލެއަށް މުހަންމަދު ޝިހާބު ނެރޭށެވެ. ރިލޭއަށް ވެސް މީނާގެ މަކަރުވެރިކަން ފާހަގަކުރެވޭގޮތް ކުރިން ނުވީއެވެ.


މީނާ މިކަހަލަ ސިޔާސީ ކަންތައް ރާވާލަނީ އެހާވެސް މޮޅަށް ހިޔަޅުކޮށެވެ. އަޅުގަނޑު ވެސް ގޭބަންދުގައި ހުރުމުން މިވަރަށް މިކަމުގެ ތެރެއަށް މާބޮޑަށް ނުވަދެވި މާލެ އިން، އދ.އަތޮޅަށް ފޯމްތައް ބަދަލުކުރާގޮތަށް ރިލޭ ފޯމުތައް ފުރައިގެން ޖަވާހިރުވާދީއަށް އައިސް ހުރީމާ ސޮއިކޮށް ލެވުނީ އިސްލާހީހަރަކާތުން އެދޭކަމަކަށް ވާތީއެވެ.


އޭރު ޤާސިމް ހުންނެވީ ބަންދުގައިކަމާއި ސިޔާސީ މަސްރަހު އޮތްގޮތުން، ހުރިބިރެއްގެ ސަބަބުން، ޤާސިމް އަޅުގަނޑަށް ސަޕޯޓު ކުރައްވަން ނުކެރޭނެކަން، އޭނާގެ ބޭބެ އަލްއަޚް އިބްރާހީމްގެ ފަރާތުން އަޅުގަނޑުގެ ޓީމަށް އެންގެވިކަން އޭރު އޮތީ އަޅުގަނޑު ޖަލުގައި ހުރުމުން އަޅުގަނޑާ ހަމައަށް ނައިހެވެ.


އެކަންވެސް އޮތީ ސާފުނުވެ އޮޅުމެއްގެ ތެރޭގައެވެ. އެންދެރިމާގޭ ސިޔާސީކޭމްޕަށް އެމްޑީޕީތެރޭގައި ތޮރުފިތިވެގެން ސިޔާސަތު ކުޅެދެނީ، ގާސިމުބޮޑަކަށް ހުރެ، އިބުރާ އާއި މުހައްމަދު ޝިހާބު މެންނެވެ. މިއީ އަބަދުވެސް ސިޔާސީގޮތުން އިލްޔާސްކޭމްޕަށް ކުޅެދޭ ގުރޫޕެވެ!


ފަހެ، މިހުރިހާ ކަމަކާހެދި، އިބުރާގެ ސިޔާސީ ރޭވުންގަނޑު އެފަހަރު ކާމިޔާބުވީއެވެ. އަޅުގަނޑު ކުރިމަތިލުމުގެ މުއްދަތު ހަމަވެ ދިޔައިރު ވެސް ހުންނަން ޖެހުނީ ގޭބަންދުގައެވެ. އެކަމާ ވަރަށް ދެރަވިއެވެ. ހޮން ގާސިމުގެ ބޭބެ އިބުރާހިމް ކުރިން ވެސް އަންގަވާފައި އޮތް ގޮތަށް އެއާއިލާއިން އަޅުގަނޑަށް މިފަހަރު އެއްވެސް ތާއީދެއް ނުދެއްވައެވެ. އެއާއލާއިން ތިއްބެވީ މިފަހަރު ހަނުކޮށެވެ. އެހެންވެ ވީދެރައިން މާފޯރީގައި އެކެމްޕޭނު ނުވެސް ކުރަމެވެ. އަޅުގަނޑަށް ޖެހުނީ، އދ.އަތޮޅުން ނުހޮވި ފެއިލްވާށެވެ.


މިއީ ސީދާ ގަސްދުގައި އިބުރާ އާއި މުހައްމަދު ޝިހާބާއި ދެމީހުން މާލޭގެ ދެގޮނޑިއަށް ހޮވެންވެގެން ސީދާކޮށް އޭނާގެ މަކަރުވެރިކަމުން އަޅުގަނޑަށް ދިންލަނޑެކެވެ. ސިޔާސީލޮޓިއެކެވެ. މިކަމާ އެންމެ އުފާކުރާނީ އިލްޔާސްއިބްރާހީމްގެ ސިޔާސީކޭމްޕުންނެވެ! އެއީ އަބަދުވެސް ދިވެހި ސިޔާސީ މަސްރަހުގެ ވުޖޫދުގައި ދެމިއޮންނަ ކޭމްޕެކެވެ!


މިއީ އަޅުގަނޑަށް އިބުރާ,ގެ ފަރާތުން ދެވުނު، އަބަދުވެސް ހަނދާން ހުންނާނެ ސިޔާސީ ހަމަލާއެކެވެ. ބޮޑު ގޮންޖެހުމެކެވެ! ހަމަޔަޤީނުން ވެސް މާލޭގެ ގޮނޑިއަށް އަޅުގަނޑުގެނަން ކުރިން އޮތްގޮތަށް ދަމަހައްޓައި ބޭއްވުނު ނަމަ، އިބުރާ މާލޭން ހޮވިގެން ދިޔަގޮތަށް، އަޅުގަނޑުވެސް މާލޭން ހޮވުނީހެވެ. ޔަގީނެވެ. ކަށަވަރެވެ. މާލޭރައްޔިތުން އޭރު ތިއްބެވީ އަޅުގަނޑު މެންނާ އެކުގައެވެ. އިސްލާހީހަރަކާތާ އެކުގައެވެ. ވަރަށް ދެރަވިއެވެ. އެހެނަސް ކުރާނެކަމެއް ނެތެވެ. މިއީ ބޮޑު ސިޔާސީފިލާވަޅެކެވެ. ސިޔާސީތަޖްރިބާއެކެވެ. އަދި މިއީ އިބުރާ އަޅުގަނޑަށް އޮޅުވާލައިގެން ސިޔާސީގޮތުން އަޅުގަނޑަށް މެދުވެރިކުރެއްވި ޒާތީހުރަހެކެވެ. ފާޑެއްގެ ސިޔާސީކަތިލުމެކެވެ.


13 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 93 ވަނަ ދުވަހެވެ. މިއަދަކީ ތިރީސްވަނަ ރޯދައެވެ. މާދަމާއަކީ ޢީދުކަން ޔަޤީނެވެ. ހ.ޅޮހީގޭ މާހިރު، މިއަދު ގެއަށް ބަދަލުކުރި ޚަބަރުލިބުނެވެ. ދެން ބާކީ ޖަލުގައި ތިބޭނީ، ފުރަހަނި ޝުޢައިބާއި އައިސީ އާއި ޒިޔާއްޓޭ އާއި އައްޑޫ އިޔާޒާއި ފައުޒީ އާއި ފަލާޙާއި އާސިއްޕެ އާއި ޝާޒުވަލީދާއި ޚާއްސަ މަޖިލީހުގެ މެމްބަރު އަހުމަދު ޝަފީގު ސައްޕެ އެކަންޏެވެ. ޖުމްލަ، 9 ގައިދީނެވެ. މިމީހުންވެސް ވަރަށް އަވަހަށް މާލެ ގެންނާނެ ކަމުގެ ޚަބަރުތައް އިވެއެވެ.


އަދި، އޯގަސްޓް 12 ވަނަ ދުވަހުގެރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކު ހިންގި ޤާނޫނާޚިލާފު އަމަލުތަކުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގައި މިފަހަރު ދަޢުވާކުރެއްވުމަށް ނިންމެވި، 4 ބޭފުޅުންނަކީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު ހ.ރޭޑިއަންޓް އަޙްމަދު ޝަފީޤު ތ.ގާދިއްފުށި (ސައްޕެ) އާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަަރު، މއ.މަނާގެ ޢަލީ ފާއިޒާއި މ.ޔާޤޫތުގެ ޢަލީ ޢަބްދު ﷲ އާއި މއ.ސިލްވަރސީން ނައުޝާދު ވަޙީދެވެ.


14 ނޮމެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 94 ވަނަ ދުވަހެވެ. މިއަދަކީ ފިޠްރުޢީދު ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. އޮތީ ކެއުމާއި ގޭގައި މަޖާނެގުމެވެ. ބައެއް ޚާއްސަ ރައްޓެހި އަންހެންކުދިން ބައްދަލުކުރިއެވެ. ގެއަށް ވަނީ ގަރާޖުތެރެއިން ހުން ދޮރާއްޓަކުންނެވެ.


15 ނޮވެމްބަރ 2004 ވިީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 95 ވަނަ ދުވަހެވެ. މިއަދަކީ އިލެކްޝަނަށް ފޯމްތައް ލާންޖެހޭ އެންމެފަހު ދުވަހަށްވާތީ، ރިލޭއައި ގުޅާފައި އެކަން ހަދާންކޮށް ދިނީމާ އިބުރާ ކައިރިއަށް ގޮސް ފޯމްތައް އަތުލައިގެން ރިލޭ އަޅުގަނޑައި ވާހަކަދެއްކެވިއެވެ. އިބުރާ ރިލޭކައިރީގައި ވިދާޅުވިކަމަށް ރިލޭ ބުނީ، މިހާރު މިއޮއްތީ ކިޔަވާލާހަދާފަ ކަމަށެވެ. ހޮވޭނެއެވެ. އިބުރާގެ މަކަރުވެރި މިއަމަލު ވެގެންދިޔައީ އަޅުގަނޑަށް ބޯންދިން ޒަހަރަކަށެވެ. ގޮނޑިގެއްލި ކެމްޕެއިން ދިޔައީ ސުމަކަށެވެ!


އިބުރާ ރިލޭކައިރީގައި އިރާދަކުރެއްވިއްޔާ އދ.އަތޮޅުން އިލްޔާސް ހޮވޭނެއެވެ. ކެމްޕޭންކުރަން ކެނެރީގައި ހުންނަ އޮފީހުން އެހީތެރިވެދޭނެއޭ ވެސް އިތުރަށް ރިލޭކައިރީގައި އިބުރާ ވިދާޅުވިއެވެ. ދެން ރިލޭ މިއަދު ހެދުނު، 10:30 އާއި 11:00 އާދެމެދު އިބުރާ ބުނެދިން ގަޑިއަށް އިބުރާ ބުނުއްވިގޮތަށް އެފޯމްތަކަށް ފުމެލާ ހަދާފައި އިލެކްޝަނަށް ގޮސް އަޅުގަނޑުގެ ފޯމްތައް އެއޮފީހައި ރަސްމީކޮށް ހަވާލުކޮށް ނިންމާލީއެވެ. މިކަންތައް ނިންމާފައި ރިލޭ ގުޅާފައި މިވާހަކަ އަޅުގަނޑަށް ބުނެދެއްވިއެވެ. އިލެކްޝަނަށް ފޯމްތައްލާފައި، ﷲ އަށް ވަކީލުކޮށް ލައިގެން ގޭގައި ހުރީއެވެ. ކަމެއް ކުރެވޭނީ މިނިވަން ވީމައޭ ހިތަށް އަހުވާލައިގެން ހުރީއެވެ.


އިބުރާގެ ސިއްރުރޭވުމުން އަޅުގަނޑު މާލޭ ގޮނޑިއަށް ކުރިމަތިލާން ތައްޔާރުކުރި ފޯމުތައް އދ.އަތޮޅަށް އޮޅުވާލައިގެން ބަދަލުކޮށްލުން: 


އާދެ! މިކަމުގައި އިބުރާ މިކުޅުއްވީ ޔަހޫދީރޭވުން ގަނޑެއްކަން އެނގުނީ އަޅުގަނޑު މިނިވަންވެ، އަންނިގެ ކޮއްކޮ އަޙްމަދު ނާޒިމާ ވާހަކަ ދައްކާލުމުންނެވެ. އޭރުއޮތީ މުއާލާތް ކެނޑިފައެވެ. ވާނެއެއްޗެއް ވެ ނިމިފައެވެ. އިބުރާގެ ޔަހޫދީ ބުއްދީގެ މަކަރުވެރި ރޭވުމުން އޭރުއޮތީ، އަޅުގަނޑުގެ ޖާގައަށް މުޙައްމަދު ޝުހާބުގެ ނަންވައްދާއި އޭނާއާއެކު މާލެއަށް ކެންޕޭން ކުރަން ފަށާފައެވެ.


އަޅުގަނޑު މިނިވަންވެގެން ނުކުމެ އިބުރާ ކައިރިއަށް ގޮސް މިމައްސަލަ ޖެއްސުމުން އިބުރާ މިކަން އަޅުވަނީ، ކެނެރީގޭގައި ހުޅުވާފައި ހުރި ކެންޕޭނު އޮފީހުގެ ބޮލުގައެވެ. އަދި ލަންޑަނުން އަންނިމެން އަންގައި ގެންނޭވެސް ބުނަމުން ގެންދިޔައެވެ. އެހެނަސް ހަގީގަތަކީ، އިބުރާގެ ނުލަފާ ޔަހޫދީކަމުން އަޅުގަނޑުމާލޭން ބަދަލުކޮށްލައި، އަދި، ގދ.އަތޮޅުންވެސް ލިޔަނުދީ ފޯމްތައް ހިފާއްޓައިގެން އަޅުގަނޑަށް އެދެޗާންސު ނުދީ ބުލޮކުކޮށްގެން ހުރެ، ފޯމުތައްލާ ދުވަހާއި ގަޑިޖެހެންދެން ހިފާއްޓާލީއެވެ.


މިއީ މީނާ އަޅުގަނޑަށް ސިޔާސީ ގޮތުން ލެޑެއް ދިނުމުގެ ގޮތުންކުރި ކަމެއްކަން އަޅުގަނޑާއި ރިލޭއަށް ފަހުން، ކަށަވަރު ކުރެވުނެވެ. އަދި އަންނިފަރާތުން ނާޒިމް ކަށަވަރުކޮށް ދިނެވެ. ކުރިން ބިނެވިފައިވާނެ ފަދައިން މިއީ ސިޔާސީ ގަތުލެކެވެ!! ފޯމްތައް އޭނާ އަތުގައި ހިފޭއްޓީ ފަންޑިތަހެދުމުގެ ބަހަނާ ރިލޭއަށް ދައްކާފައެވެ. ކޮންމެއަކަސް އަޅުގަނޑުގެ ނަންމާލެއަށް އޮތްނަމަ އިބުރާއާއެކު ހޮވޭނީ އަޅުގަނޑެވެ.


އަޅުގަނޑު މިވާހަކަތައް ވާނީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތަޅުމުގައި އިބުރާއާ ދެކޮޅަށް، ހޫނުޒުވާބެއް ކުރެވުނު ދުވަހެއްގައި ހަރުއަޑުން ގޮވާލާފައެވެ. އޭނާ އިސްދަށަށް ޖައްސަވައިގެން މަޑުން އިނއނެވީއެވެ. އަދި މިކަން އަޅުގަނޑު ކުރީ ތަޅުމުގައި މުހަންމަދު ޝިހާބު ވެސް އަޑުއަހަން އިންނަވަނިކޮށެވެ. މިއިން އެއްވެސްކަމެއް މުހައްމަދު ޝިހާބަށް އެނގިއެއް ނުލައްވާކަމަށް ފަހުން ޝިހާބު ވިދާޅުވިއެވެ.


ފަހެ، މިއީ އިބުރާ ރާވައިގެން ހިންގިކަންތައް ގަނޑެކެވެ. މިއީ އެއްވެސް ޝައްކެތްނެތް ގޮތުގައި އެންދެރިމާގޭ ކޭންޕުގެ ސަޔާސަތެކެވެ. އަބަދުވެސް އިބުރާއަކީ ސިޔާސީގޮތުން އަޅުގަނޑާއި ޑޮކްޓަރ ވަހީދާއި ދިމާކުރުވުމަން އެފަޅީން ތައްޔާރުކޮށް ނެރެމުން ގެންދާ ލަގަނެއް ނެތް އަހެކެވެ. އެކިގޮތްގޮތަށް ކަޑަބޮއްޖަހާ އަހެކެވެ. އެއީ އެންދެރިކޭމްޕުން އަންގާއި ކޮންޓުރޯލްކޮށްފައި އޮންނަގޮތެވެ. މާއްދީމަދަދުތައް ލިބެނީ އެކަންކަން އެމަގުން ތަންފީޒުކުރާތީއެވެ.


އެމްޑީޕީގެ ރައީސްކަން ޑޮކްޓަރ ވަހީދަށް ނުދީ ކަޓުވާލުމަށް ވާދަކުރެއްވީ ވެސް މިކަހަލަ މާސިންގާ ރޭވުމެއްގެ ދަށުންނެވެ. އާދެ! އޭނާއަކީ އެންދެރިކޭމްޕުން ހޮވުމަށް ފަހު، ނެރެ އެމްޑީޕީތެރެއަށް ފޮނުވި މީހުންގެ ތެރެއިން ވަރުގަދަ އެކަކެވެ. މިކަމުގެ އަޑީގައި ފޮރުވިގެން ހުންނެވީ، އެންދެރިމާގޭ އިލްޔާސް އިބްރާހީމް އެވެ. މިއީ އެންދެރިކޭމްޕެވެ. މިއީ އެއްވެސް ހާލެއްގައި އިނގިރޭސިވިލާތުން އަންނި ހިންގެވިކަމެއް ނޫނެވެ. މިކަން އަމަލީގޮތުން އެދުވަސްވަރު އެހަރަކާތުތެރޭގައި އަމަލީގޮތުން ތަންފީޒުކޮށް ދިނީ އިބުރާއެވެ.


އާދެ، ފަހުން ކުރެވުނު ދިރާސާތަކުން މިކަން ވަނީ، ކަށަވަރު ކުރެވިފައެވެ. ފަހެ، ދަންނައެވެ!! އަޅުގަނޑުގެ މުޅިސިޔާސީ ހަޔާތުގައި ވެސް އަޅުގަނޑު މިކަމެއް ހަނދާނެއް ނުނެތޭނެއެވެ. މިއީ އިބުރާ ޒާތީގޮތުން ދީފައިވާ ސިޔާސީ ހަމަލާއެކެވެ!! ބޮޑުމަޖްލިސް ތަޅުމުގައި މިވާހަކަތައް ވާނީ އެންމެހާރައްޔިތުންނަށް ލައިވްކޮށް އެތައް މުނާސަބަތެއްގައި ގޮވާނަގާފައެވެ!!


މިއަދު ހަވީރު ވަގުތެއްގައި ޝުޢައިބުގެ ވައިފް ޞޮފީއްޔާއައި ގުޅީމެވެ. ޝުޢައިބުގެ ޚަބަރެއް ވިތޯބަލާށެވެ. ވަރަށް އަވަހަށް ގެއަށް އާދެވިދާނެކަމަށް ޝުޢައިބު ފަރާތުން ޚަބަރުވި ކަމަށް ޞޮފީ ބުންޏެވެ. ތަޙްޤީޤު ވަރަށް އަވަހަށް ނިމޭނެ ވާހަކަވެސް ބުންޏެވެ. ޝުއައިބުގެ ހަބަރުތައް ލިބުމުން އުފާވިއެވެ. ޖަލުގެ ދުވަސްތައް ހަނދާނަށް ގެނެވުނެވެ.


16 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 96 ވަނަ ދުވަހެވެ. މިއަދަކީ ޢީދުޗުއްޓީގެ އެންމެފަހު ދުވަހެވެ. މާދަމާ ރަސްމީކޮށް ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ. އިތުރުކަމެއް ނެތެވެ. ގޭގައި ހުރީއެވެ. ލިޔުމާއި ފޮތްކިޔުން ނޫންކަމެއް ނޯވެއެވެ.


17 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 97 ވަނަ ދުވަހެވެ. މިއަދު ހަވީރު ޝުޢައިބާއި ޒިޔާއްޓޭ މާލެއަށް ގެނެސް ގޭގައި ބަންދުކުރިއެވެ. އަދި ގޭގައި ގެއަށް އެހެންމީހުން ވަނުންމަނާ ކަމުގެ ޢިއުލާނު ހަރުކުރިއެވެ. ރިލޭ ގުޅާފައި ޚަބަރުދޭ ގޮތުގައި ކެނެރީގޭގައި ކެންޕޭނު އޮފީހެއް ހުޅުވައިގެން އަޅުގަނޑުގެ ކެންޕޭނުވެސް އެއޮފީހުން ކުރިއަށް އެބަ ގެންދެއެވެ. ބަރާބަރަށް ރިލޭއާއި އެއޮފީހާ ގުޅުން އޮވެއެވެ. އެމީހުންގެ ލިސްޓުގައި އދ.އަތޮޅުގެ ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑުގެ ނަންއޮންނަ ކަމަށް ރިލޭގެ ފަރާތުން ޚަބަރު ލިބެއެވެ.


18 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 98 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭނަބްދުގައި ހުރީއެވެ.


19 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 99 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.


20 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް ބަންދުގައި ހުންނަތާ، 100 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. މިހެން ހުންނަ އިރު އަބަދުވެސް މިނިވަންކޮށް ދެއްވުމަށް އެދި  ނަމާދަށް ފަހު ދުއާކުރަމެވެ. މިއަދަކީ ސަތޭކަ ވަނަ ދުވަސްވީމާ އެކަން ޚާއްސަކޮށްލެވުނެވެ.


21 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް ބަންދުގައި ހުންނަތާ، 101 ވަނަ ދުވަހެވެ. ގޭގެމައިދޮރުގައި ފުލުސް އޮފީހުން ތަތްކޮށްފަހުރި އިޢުލާނު އަޅުގަނޑު އުޅޭކޮޓަރީގެ ދޮރަށް ބަދަލުކޮށް ދެއްވާތޯ، ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ. އެތައްބައެއްގެ ހައްގުތައް އަޅުގަނޑާ ހެދި މިކަމުން ގެއްލިގެންދާތީ ކުރިކަމެކެވެ.


22 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 102 ވަނަ ދުވަހެވެ. އަޅުގަނޑުގެ ފޯނާއި ގެއިންގެންދިޔަ ތަކެތިހޯދުމަށް ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ. ފޯނުގެ ސިމްކާޑު ތިޔަބޭފުޅުން ގެންގުޅުއްވާ ދުވަހަކު އެސިމަށް މިހާތަނަށް އަރާފައިވާ ފައިސާގެ ބިލް ދައްކައި ދެއްވަން ޖެހޭނެކަމަށް ލިޔުނީމެވެ.


މިއަދު ޖެނީ އާއި އައިންތު ނަޖީބާއި ޑޮކްޓަރ ޙުސައިން ގޭބަންދުން ދޫކޮށްލިއެވެ. އެމީހުން މިނިވަންވީއެވެ. އަދި އައިސީ އާއި ސައްޕެ އާއި ސަންލޭންޑު ނަޒީރާއި އާސިއްޕެ އާއި ފަލާޙާއި މިމީސްހުން ގޭބަންދަށް ބަދަލުކުރިއެވެ. މިކަމާ ގުޅިގެން ބަންދުކުރި އެންމެން ކަހަލަގޮތަކަށް ގެއަށް ބަދަލުވީއެވެ. އަދި ގިނަބަޔަކުވަނީ، ޝަރީޢަތަށް ފޮނުވާގޮތަށް މިނިވަންކޮށް ދޫކޮށްލާފައެވެ.


ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، އޭރު ހައްޔަރުކޮށް ފައި ތިބީ، 24 މީހަކުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއަދު ހާމަކުރިއެވެ. 24 މީހުންގެ ތެރެއިން، 14 މީހަކު ތިބީ ގޭގެބަންދުގައި ކަމަށާއި އަނެއް، 10 މީހުން ތިބީ ޖަލުގައި ކަމަށް ވެސް މިއަދު ފުލުސް އޮފީހުން ހާމަކުރިއެވެ.


23 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 103 ވަނަ ދުވަހެވެ. ކެމްޕޭނުގައި ބޭނުންކުރުމަށް ފާސްކުރަން އިލެކްޝަނަށް ހުށަހެޅި ތަކެތި ފާސްވެގެން މިއަދު ލިބުނެވެ. ބަހަން ތައްޔާރުކުރި ސިޓީވެސް ފާސްވިއެވެ. މިތަކެތި އިލެކްޝަނުން ގެނެސްދިނީ ރިލޭއެވެ. އަދި މިހުރިހާކަމެއް ކޮށްދެނީ ރިލޭއެވެ. ހިލޭސާބަހަށެވެ. އިލެކްޝަނަށް ހުށަހެޅި ހުރިހާއެއްޗެއް ފާސްވިއެވެ. ދެން ކެންޕޭން ކުރަން ފަށަންވީއެވެ. ކެންޕޭނުގެ ކަންތަކާ އުޅުއްވަނީ ވެސް، ތަބައްގޭ ރިލޭ އެވެ. ކެނެރީގޭގައި ހުޅުވާފައިހުރި ކެންޕޭނު އޮފީހާ ގުޅިގެންނެވެ.


24 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 104 ވަނަ ދުވަހެވެ. މިއަދު ޕޮލިސް އޮފީސް މެދުވެރިކޮށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް ސިޓީއެއް ލިޔުނީމެވެ. ޖަލަށް ޔައުމިއްޔާތައް ފޮނުވަން ފެއްޓެވި ދުވަހުގެ ކުރިންހިނގި ޖަލްސާތަކުގެ ޔައުމިއްޔާތައް ހޯދުމަށެވެ. އަދި ޖަލުން ފޮނުވިސިޓީގެ ޖަވާބެއް ނުލިބޭތީ އެވާހަކަވެސް ލިޔުނީމެވެ. އަދި ޖަލްސާތަކަށް އަޅުގަނޑު ހާޒިރުކޮށް ނުދޭތީވެ އެވާހަކަ ވެސް ލިޔުނީމެވެ. އަދި އެކަންތައް ވީހާއަވަކަށް ހަމަޖައްސަވައި ދެއްވައި ރައްތިތުންގެ ޙައްޤުގައި އަޅުގަނޑު ކޮށްގެންހުރި ހުވައަށް އަމަލު ކުރެވޭނެގޮތް ހައްދަވައި ދެއްވުން އެދި ދެންނެވީމެވެ.


ހައްޔަރުކުރި މީހުންގެ ތެރެއިން، 22 މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބަންޑާރަނައިބު އޮފީހަށް ފޮނުއްވައިފި ކަމަށް، މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކުރިއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން، 14 މީހެއްގެ މައްސަލަ މިއަދާހަމައަށް ވަނީ، ޝަރީޢަތް ހިންގެވުމަށްޓަކައި ކޯޓަށް ފޮނުވާފައިމަކަށް ބުނެފައި ވެއެވެ.


25 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 105 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.


26 ނޮވެމްބަރ 2004 ވީހިކުރު ދުވަސް، ބަންދުގައި ހުންނަތާ، 106 ވަނަ ދުވަހެވެ. ޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ.


27 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 107 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. ޚާއްސަކަމެއް ނެތެވެ.


28 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 108 ވަނަ ދުވަހެވެ. އިލެކްޝަންގައި އދ.އަތޮޅުން ކުރިމަތިލި މީހުންގެ ލިސްޓް ތަރުތީބުކުރުން މިއަދު ބޭއްވިއެވެ. އަޅުގަނޑުގެ ފަރާތުން މީހަކު ނުފޮނުވަމެވެ. ފޫހިވެފައި ހުރިވަރުންނެވެ. ތަރުތީބު ހަމަޖެހިގެން ދިޔަގޮތެއް ނޭނގުނެވެ. އެހެނަސް އދ.އަތޮޅުން، 9 ކެނޑިޑޭޓުން ކުރިމަތިލިކަން އެނގުނެވެ.


ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުން ތަކާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކޮށް ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 6 މީހަކު ދޫކޮށްލައިފިކަން ފުލުސް އޮފީހުން މިއަދު ހާމަކުރެއްވިއެވެ. ލުއިތަކެއް ލަސްލަހުން ނަމަވެސް އެބަ ގެންނަވައެވެ.


ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓައި ސަރުކާރުން ކަނޑާލުން:


29 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 109 ވަނަ ދުވަހެވެ. މިއަދު ހިތާމަވެރި ޚަބަރެއް ލިބުނެވެ. އަޅުގަނޑު ސަރުކާރުގެ ވަޒީފާއިން ވަކިކުރައް ވައިފިކަން ފައިނޭސް މިނިސްޓްރީގެ ނަމްބަރު: 32/2004/ ޕީ- 13 (21 ނޮވެމްބަރ 2004) ޗިޓު މިއަދު އަޅުގަނޑަށް ފުލުސް އޮފީހުން ގެނެސް ހަވާލުކުރިއެވެ. ޗިޓުގައިއޮތީ، 8 ނޮވެމްބަރ 2004 ގެތާރީޚެވެ.


މިޗިޓުގައި ލިޔެފައިވަނީ، ވަޒީފާއިން ވަކިކުރެއްވީ ނޯޓިސް ދެވުނު މުއްދަތުގައި އެހެން ވަޒީފާއެއް ހޯދައިފައި ނެތުމުން ކަމަށް ރައީސް އޮފީހުން އެމިނިސްޓަރީއަށް އެންގެވިކަމަށެވެ. އަޅުގަނޑު ހޯމް މިނިސްޓަރީއަށް ލިޔުނު ސިޓީގައި މިކަމަށް އަލިއަޅުވާލައި ލިޔުނީމެވެ. އެހެނަސް ހޯމް މިނިސްޓަރ އުމަރު ޒާހިރު ބިރުފުޅުން މިކަމާ އުޅުއްވާކަށް ނުކެރުނެވެ.


ހޯމް މިނިސްޓްރީން އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައި ދެއްވަން ކެރިވަޑައި ނުގަތީއެވެ. ޖަލުން ދިމާމި ފަހަރެއްގައި މިވާހަކަ އުމަރުޒާހިރު އަރިހުގައި ނަންގަތީމާ ވެސް އަޅާނުލެއްވީ ސަރުކާރު ދެކެގަންނަ ބިރުންކަން އެނގުނެވެ. މިމީހުންނަކީ ރައީސްމައުމޫމުގެ އަޅުންނެވެ. ޕަޕެޓުންނެވެ. އިންތިހާއަށް ބިރުގަނެއެވެ. ކޮންމެއަކަސް، 8 ނޮވެމްބަރުން ފެށިގެން އަޅުގަނޑު ސަރުކާރުގައި ހުރިވަޒީފައިން މިވަކިކޮށްލުމަކީ، އެޓޮލްސް މިނިސްޓަރ އަބްދު ﷲ ޙަމީދު ކޯފާވެގެން ކުރެއްވި ކަމެއްކަން ކަށަވަރެވެ.


އެޓޮލްސް އިން ނޯޓިސް ދެއްވާފައި ބެހެއްޓީ ފައިނޭސް މިނިސްޓްރީގެ ނޯޓިސް ދެވިފައިވާ މީހެއްގެ ގޮތުގައެވެ. ޖަލުގައި ބަހައްޓާފައި ހުރުމުން ނޯޓިސް ދެއްވި، 3 މަސް ދުވަހުގެ ތެރޭގައި ވަޒީފާއެއް އެހެންތާކުން ހޯދާނެ ފުރުސަތެއް ނުލިބުނެވެ. ގަސްތުގައި އެފުރްސަތުން މަހްރޫމްކުރީއެވެ. އަދި ލިބުނަސް އެއީކީ މިސަރުކާރުން ކުރާނެކަމެއް ނޫނެވެ. މިއީ އެންމެ ފަހު ވަގުތު އަޅުގަނޑުގެ ވަޒީފާއާ ދޭތެރޭގައި ރައީސް މައުމޫނު ސަރުކާރުން ކަންތައް ކުރެއްވި ގޮތެވެ.


އަދި މިއަދު އަޅުގަނޑުގެ މޯބައިލް ފޯން ޕޮލިސް އޮފީހުން ގެއަށް ގެނެސްދީ، އަޅުގަނޑާ ވަހާލުކުރިއެވެ. ފޯނުގެންދިޔައިރު ފޯނުގައިއިން ސިމް އަދި ދޫކުރެވެން ނެތްކަމަށް ފޯނުހިފައިގެން އައިމީހާބުންޏެވެ. ފޯނު ނުބާއްވަން އުޅެފައިވެސް ސިމްކާޑައި ނުލައި ފޯނުބޭއްވީ މިނިވަން ވެގެން ދިރާގަށް ދެވޭ އިރަށް ހަމަ އެނަމްބަރުގެ ސިމެއް ލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ. އެކަން ގެރެންޓީއެވެ.


އިތުރުމުއްދަތު ޖެހުމަށް ދެވަނަފަހަރަށް ކޯޓަށް ގެންދިއުން:


ރޭގަނޑު، 8:30 ގައި ފުލުސް އޮފީހުގެ ނަޢީމް، އަދިވެސް އެހެން ފުލުހަކާއެކު އާދައިގެ ހެދުމުގައި ގެއަށް ވަޑައިގެން އަޅުގަނޑަށް އެންގެވީ، މިރޭ، 9:30 އަށް ކޯޓަށް ދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އެހެނަސް ބަލާއައީ، 10:45 ގައެވެ. އައީ ނުދަންނަ ދެކުދިންނެވެ. މިދެކުދިން އައިސް ބުނަނީ ކޯޓަށް ދުރުވަންވީ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އެހެން ހަމަބުނާހާއިރަށް ނުދެވޭނެއެވެ. ތިޔައީ ކޮންބައެއް ކަމެއް އަޅުގަނޑަކަށް ނޭންގެއެވެ.


ދެން މިދެބޭފުޅުން ޕޮލިސްކާޑު ދެއްކުމަށް ފަހު، އިލްޔާސް ތިޔަހުންނެވީ ޕޮލިސް އޮފީހުގެ ބަންދެއްގައެވެ. އަވަހަށް ކޯޓަށް ވަޑައި ގަންނަވަންވީއެވެ. ދެން ވެސް އަޅުގަނޑު ދެންނެވީ، ކޯޓަށް ތިޔަގެންދަވަނީ ކޮންޤާނޫނެއްގެ ދަށުންކަން އެގެން ޖެހޭނެއެވެ. އަދި ކޯޓަށް ދެވޭނީ ލޮޔަރާ އެކީގައެވެ.


ދެން މިދެބޭފުޅުން، ފޯނެއްކޮށް ހަދާފައި ވިދާޅުވަނީ، އިލްޔާސްގެ ލޮޔަރުމުޢިޒު މިހާރު ހުންނެވީ ކޯޓުގައި އިލްޔާސްގެ އިންތިޒާރުގައި ކަމަށެވެ. ދެން އަޅުގަނޑު މަގުމައްޗަށް ނުކުތްއިރު ޖަވާހިރުވާދީ މަގުމަތީ ދޮރުކުރިމަތީގައި ފުލުސް އޮފީހުގެ ކާރެއް އޮތެވެ. އެކާރަށް އަޅުގަނޑު އެރުމުން ގެންގޮސްބޭލީ ޖަސްޓިސް ބިލްޑިންގ ކައިރިއަށެވެ. ކޯޓަށް ވެއްދުމަށް ފަހު، ގޮނޑިއެއްގައި ބޭންދިތާ މާގިނައިރެއް ނުވަނީސް މުޢިޒު ދުރުވެއްޖެއެވެ. ދެން މުޢިޒާއެކު ގާޒީގެ ކޮޓަރިކޮޅަށް އަޅުގަނޑުމެން ވެއްދީއެވެ.


މިއީ ޖިނާއީކޯޓުގެ ޝަރީޢަތް ކުރައްވާ ކޮޓަރިކޮޅެވެ. އޭރު ގަޑިން ރޭގަނޑު، 11:00 ޖަހާފާނެއެވެ. ގާޒީއަކަށް އިންނެވީ، އަބްދުލްބާރީ އޭކިޔާ ބޭފުޅެކެވެ. އިސްކޮށް ކޯޓުތެރޭގައި ޑޮކްޓަރ ޖަމީލް އުޅުއްވާތަން ފެނުނެވެ. އަޅުގަނޑު ފެނިގެން ވަޑައިގެން ހީލާފައި ފާޑަކަށް ސަލާމްކޮށް ލެއްވިއެވެ. އެހާ ތާޒާ ހިނިތުން ވުމެއްނޫނެވެ. އެއްވެސް ވާހަކައެއް ނުދައްކަވައެވެ.


އަޅުގަނޑާއި ލޮޔަރުމުޢިޒުގެ އިތުރުން ގާޒީގެ ކޮޓަރިކޮޅުގައި އިށީދެގެން ތިއްބެވީ، އެޓަރނީއެއް ކަމުގައިވާ ރޭނިސް ސަލީމާއި ފުލުސް އޮފީހުން، ޝާމީ އާއި ޝަމީމެވެ. ދެން އިއްޒަތްތެރި ގާޒީއެވެ. ކޮޅަށް ހުންނެވީ ގާޒީވިދާޅުވާ ކަންތައް ކޮޓަރިކޮޅު ތެރޭގައި ކުރަންހުންނެވި އެކަމަށް ޚާއްސަ ބޭފުޅާއެވެ.


މައްސަލަ ބަލަން ފެއްޓެވުމުގެ ގޮތުން ފުލުހުން ވިދާލުވީ، އަދިވެސް އިލްޔާސަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެކެވެ. ކުރަންހުރި ބައިވަރު ސުވާލުތައް އެބަހުރި ކަމަށެވެ. ތަޙްޤީޤުގައި ގިނައިން ދޮގުހަދާފައިވާކަން ފާހަގަކުރެވޭތީ އިތުރަށް ތަހުގީގު ކުރަން ޖެހެނީކަމަށެވެ. ދޫކޮށްލާފައި މިނިވަންކޮށް ބަހައްޓައިފިއްޔާ އަދިވެސް އިލްޔާސަކީ މިކަހަލަ އެއްވުންތަކުގައި ބައިވެރިވާނެ މީހެކެވެ. ސިޔާސީ ކަންކަމުގައިއުޅޭނެ މީހެކެވެ. މިހާރުވެސް ފުލުހުންނައި ޖަދަލުކޮށް ހަރުކަށި ޖަވާބުދީ ހަދާ މީހެކެވެ.


އިލްޔާސް ދޫކޮށްލެވެން ނެތްކަމަށް މިދަންނަވަނީ އޭނާ ދޫކޮށްލައި ފިއްޔާ އެއްވުންތަކުގައި ބައިވެރިވެ މަސްލަޙަތު ނަގާލަން މަސައްލަތް ކުރާނެކަން ފުލުހަށް އެނގޭތީއެވެ. މިކަންތައް މިހެން ހިނގާނެކަން އަޅުގަނޑު މެންނަށް ޔަގީންވާތީއެވެ. އިއްޒަތްތެރި ގާޒީ އަރިހުން އެދެނީ މިނުކުތާތަކަށް ރިޢާޔަތް ކުރައްވައި އިލްޔާސް ބަންދުގައި ބެހެއްޓުމަށް ތިރީސް ދުވަސް އިތުރުކޮށް ދިނުމަށެވެ. ތަޙްޤީޤު މުޅިން ނިންމާލެވޭނީ، އިތުރު، 30 ދުވަސް ލިބިގެން ކަމަށް ފުލުހުން ގާޒީއަށް ތަކުރާރުކޮށް ދެންނެވިއެވެ.


ދެން ވާހަކަ ދެއްކެވީ އަޅުގަނޑުގެ ލޮޔަރުމުޢިޒެވެ. މުޢިޒު ގާޒީއަށް މުޚާޠަބުކޮށް ވިދާޅުވިއެވެ. އިލްޔާސްގެ ތަޙްޤީޤުވަނީ މުޅިން ނިމިފައެވެ. އެކިއެކި މަރްޙަލާތަކުގައި އިލްޔާސް، 100 ދުވަހަށްވުރެ ބަންދުގައި ގެންގުޅުއްވާފައި ވެއެވެ. އަދި ބަޔާންތައްވަނީ ނަގާނިންމާފައެވެ. ބަންޑާރަ ނައިބުގެ އޮފީހަށް ހުޅަހެށި، އަދި މައްސަލަވަނީ ޝަރުޢީކޯޓުގައެވެ.


މައްސަލަ ކޯޓަށް ވައްދައިފައި ވުނުން ދެން ކުރާނެސުވާލެއް ނޯންނާނެކަމަށް ފެނެއެވެ. ބަންދުކުރެވުނު ތުހުމަތުގެ މައްސަލަ ވަނީ ނިމިފައެވެ. އިތުރަށް ކުރާނެ ސުވާލެއް އޮތްނަމަ ކޯޓަށް އިލްޔާސްގެ މައްސަލަ ނުވެއްދީހެވެ. އެހެންވުމުން އިތުރަށް އިލްޔާސް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.


އިލްޔާސްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ، އޯގަސްޓް 12-13 ގައި ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށެވެ. އަދި އޭނާ ހައްޔަރުގައި ބެހެއްޓިފައި ވަނީވެސް، ހަމައެތުހުމަތު ގައެވެ. އެނޫން ތުހުމަތެއް އޭނާގެމައްޗަށް ކުރެވިފައެއް ނެތެވެ. ދެން ފުލުހުންގެ އަރިހުން، ގާޒީ އެއްސެވީ މިހާރު، އިލްޔާސްގެ މައްޗަށް ތިޔަކުރައްވަނީ ކޮންތުހުމަތެއް ތޯއެވެ؟ އަދި އިތުރު ތުހުމަތެއް ކުރައްވާކަން ވަނީ، އިލްޔާސަށް އެނގިލައްވާފަ ތޯއެވެ؟ ފުލުހުންގެ ތެރެއިން ޝާމީ ވިދާޅުވެއްޖެއެވެ. ނޫނެކެވެ. އެންގިފައެއް ނުވާނެއެވެ.


މިހާރު މިބޭނުންވަނީ އިތުރަށް މިކަހަލަ އެއްވުންތަކުގައި އިލްޔާސް ބައިވެރި ވެދާނެތީއާއި ތަޙްޤީޤުގައި އޭނާގެ ވާހަކަތައް ހުރިގޮތުން އެކަން ކުރާނެކަން ޔަގީންވާތީ އިތުރު، 30 ދުވަސް ބަންދުގައި ބެހެއްޓުމަށެވެ. އޭނާއާ ކުރަންޖެހޭ ސުވާލުތަކެއް ހުރުމުން އިތުރު، 30 ދުވަހު ބަންދުގައި ބަހައްޓައި ދިނުމަށް އެދޭކަމަށެވެ.


ކުރަންޖެހޭ ސުވާލުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި އިލްޔާސް އުޅުނުއިރު އޭނާގެ ހަރަކާތްތައް ހުރިގޮތުން، ވަރަށް ފޯރިދީފައިވާ މީހެއްކަމާއި ހުކުރު ދުވަހު ހުކުރު ކުރަންއުޅުނު އިސްމީހުނެގެ ތެރޭގައި އިލްޔާސް ހިމެނެއެވެ. އެސުވާލުތައް ކުރުމުން އިންކާރުކޮށް ފައިވާތީ އަލުން އެތަޙްޤީޤު ފުރިހަމަކުރަން ބޭނުންވަނީއެވެ.


އަދިވެސް އިތުރު މީހުންގެ ހެކިލިބިއްޖެނަމަ، އިލްޔާސްއާ ގިނަސުވާލުކޮށް ބަޔާން ނަގަންޖެހިދާނެތީ ބަންދުގައި ބަހައްޓައި ދެއްވުންއެދޭ ކަމަށް ތަކުރާރުކޮށް ގާޒީއަށް ދެންނެވިއެވެ. މިހާހިސާބަށް ދިއުމުން އަޅުގަނޑަށް ނުހުރެވިގެން ވާހަކަދައްކަން ފައްޓައިފީއެވެ. މިހާރުވެސް މިހުންނަނީ ގޭގައިކަމަށް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ބޭނުންނަމަ ފުލުހުން އެވިދާޅުވާ ކަހަލަ ކަންތައް ކުރެވޭނެއެވެ.


އެހެނަސް އަޅުގަނޑު މިހުންނަނީ މަޑުންގޭގައެވެ. މުޢިޒުވެސް ޖަވާބު ދެންވަން ފައްޓަވައިފިއެވެ. މުޢިޒު ގާޒީއަށް ވިދާޅުވިއެވެ. މިހާރުވެސް އިލްޔާސް އެހުންނަވަނީ ގޭގައެވެ. ބޭނުންފުޅިއްޔާ ފޯނުވެސް ބޭނުން ކުރެއްވޭ ގޮތަށެވެ. އަދި އެފަދަކަންތަކަށް އަސަރުފޯރުވޭ ގޮތަށެވެ. ގެއަށް ބަދަލުކުރި ތާވެސް، 22 ވަރަކަށް ދުވަސްވެއްޖެއެވެ.


އެކަހަލަކަމެއް އިލްޔާސްގެ ފަރާތުން ފެނިފައެއް ނެތެވެ. އަދި ގާނޫނާއި ގަދާއިދާޚިލާފު އެއްވެސް ގޯސްކަމެއް ގޭގައި ހުންނަވައިގެން ކުރައްވާފައެއް ނެތެވެ. އެހެންވީމާ އިލްޔާސް އިތުރަށް ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ފުލުހުން އެވިދާޅުވާ ފަދަ ކަމެއްގައި ބައިވެރިވެ، ތުހުމަތު ކުރެވިއްޖެ ނަމަ، އަލުން ހައްޔަރު ކުރެވިދާނެއެވެ. ފުލުހުންނާއި ސިފައިންނަށް އެބާރުއަބަދުވެސް އެބައޮތެވެ.


ދެން މިހާހިސާބުން އަޅުގަނޑު ދެންނެވީމެވެ. ކުރީފަހަރު ގާޒީއަކަށް އިންނެވި، އިއްޒަތްތެރި ގާޒީ އާދަމް ސަޢީދު ތިރީސް ދުވަސް އިތުރުކޮށް ދެއްވިރޭ ކޯޓަށް ފުލުހުންގެ ފަރާތުން ވަޑައިގެން އިންނެވި އަބްދު ﷲ ނަވާޒު ވިދާޅުވީ، ތަޙުޤީޤުގައި އިލްޔާސް އެއްބާރުލުން ދެއްވިކަމަށެވެ. އަދި އިތުރަށް ކުރާނެ ސުވާލެއް ނެތްކަމަށެވެ.


އިލްޔާސްގެ ތަޙްޤީޤު ވެސް ވަނީ، ނިމިފައި ކަމަށެވެ. އަދި ތަޙްޤީޤު ޓީމުންވެސް ވާނީ ގެއަށް ބަދަލުކޮށް ދިނުމަށް އެދިފައި ކަމަށް އެރޭ ފުލުހުންގެ ފަރާތުން ނަވާޒު ވިދާޅުވިއެވެ. އެއީމީގެ، 30 ދުވަސް ކުރިއެވެ. މިހާރު ކޯޓަށް ވަދެ މިތިއްބެވި ފުލުހުން މިދައްކަވަނީ ކޮންފަދަ ވާހަކަތަކެއް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. މިބޭފުޅުން ފުލުހުންގެ ފަރާތުން މިރާވަނީ، ޒާތީގޮތުން އަޅުގަނޑަށް އިތުރުބޮނޑިއެއް ދޭންހެން އެބަހީވާ ކަހަލައެވެ. ނަވާޒު މިގޮތަށް ވިދާޅުވެފައި ނެތްތޯ ކޯޓުގެ ރެކޯޑުތަކުން އިއްޒަތްތެރި ގާޒީބައްލަވައި ދެއްވާށެވެ.


އަބްދު ﷲ ނަވާޒަކީ މިބޭފުޅުންނަށް ވުރެމަތީ ފެންވަރެއްގެ އޮފިސަރެކެވެ. އަޅުގަނޑުގެ ފުރިހަމަ ބަޔާން ނެންގެވީ އެއޮފިސަރެވެ. މިކުދިންނެއްނޫނެވެ. ދެން މިހާހިސާބުން ޝަރީޢަތުގެ މަޖިލިސް، ގާޒީ މެދުކަނޑާ ލައްވާފައި ފަސްމިނެޓްތެރޭގައި އަލުން، ޝަރީއަތުގެ މަޖިލިސް ފެށޭނެކަމަށް ވިދާޅުވެ ބޭރަށް ނުކުންނަވައި މަޝްވަރާ ކުރެއްވި ފަރާތްތަކަކައި މަޝްވަރާ ކުރެއްވުމަށް ފަހު، އަލުން ފެއްޓަވައި ވިދާޅުވިއެވެ. ދެންވެސް ދެފަރާތުގެ ދިގު ބަހުސަށްފަހު، ގާޒީ ނިންމެވީ އިތުރަށް، 15 ދުވަސް ގޭބަންދުގައި ބަހައްޓަވާ ގޮތަށެވެ.


އަޅުގަނޑުގެ ކުރިން ކޯޓަށް ވެއްދީ، ގ.މެޑޯ ޝާޒު ވަލީދެވެ. ވަލީދާއި އަދި ޖަލުންގެނައި ހަތަރުމީހުންނަށް ގާޒީ އިތުރުކޮށް ދެއްވީ، 30 ދުވަހެވެ. އިޔާޒާއި އަބުސީއާއި ފުލުހެއްގެ ގަޔަށް ވަޅިހެރި ހުސައިންޕައިޑަރ އާއި ފައުޒީއަށް، 30 ދުވަސް އިތުރުކޮށްގެން ގެންދިޔައީ ޖަލަށެވެ. ދޫނިދޫއަށެވެ. އަޅުގަނޑު ނުކުތުމުން ގާޒީގެ ކޮޓަރިކޮޅަށް ދެން ވެއްދީ ސައްޕެއެވެ. ސައްޕެއަށް އިތުރުކުރެއްވީ ކިހާވަރެއްކަމެއް ނޭނގެއެވެ. ދެން އަޅުގަނޑު ގެނެސް ގެއަށް ލާފައި ފުލުހުން ދިޔައީ، އެކާރުގައި ޤާސިމް ބަލާކަމަށް ކާރުގައި ތިބި ފުލުހުންގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ.


އަދި ކޯޓުތަކުގެ ބިލްޑިންގ މައިދޮރުކައިރިން ޤާސިމްގެ ކޮއްކޮ އަލީ އިބްރާހީމް ފެނުނެވެ. އޭނާ އާއި އެހެން ބައިވަރު މީހުން އެތަނުން އެހާދަންވަރު ފެނުމުން ޤާސިމް ކޯޓަށް ގެންނަނީކަން އެނގުނެވެ. އަޅުގަނޑު މައްސަލާގައި ފުލުހުންގެ ތެރެއިން ގިނައިން ވާހަކަދެއްކީ، ޝަމީމެވެ. މީނާއަކީ ވަރަށް ދޮގުހަދާއި އޮޅުވާލައިގެން ނުބައިކޮށް ވާހަކަދައްކާ މީހެއްކަން ފާހަގަކުރެވުނެވެ. އަޚުލާގު ނުބައި މީހެކެވެ. އަޅުގަނޑާއި މުޢިޒުގެ ވާހަކަތަކުގައި ޝަމީމަށް ވަރަށް އެޓޭކު ދިނީމެވެ. އޭނާ ހުރީ ވާހަކަދެއްކުމުގައި ތުރުތުރު އަޅައަޅައެވެ. ބިރުންކަމެއް ދޮގުހަދަމުން ދާތީކަމެއް އަލަށް ކޯޓުގައި ވާކާލާތު ކުރައްވާތީ ކަމެއް ނޭނގެއެވެ. އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.


30 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 110 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ. ފޮތްކިޔާއި ލިޔެހަދަމެވެ.


1 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 111 ވަނަ ދުވަހެވެ. މިއަދުހެދުނު ރާއްޖޭގެ ގަޑިން، 8:30 ގައ އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަވާ، ދިވެހި އޮބްޒާވަރ ސައިޓް ހިންގަވާ ކުޑަސައްޕެ، ބީބީސީއަށް ޚާއްޞަ އިންޓަރވިއޫއެއް ދެއްވުން އޮތެވެ. އެއިންޓަރވިއޫގައި އަޅުގަނޑު ބަންދުގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ވާހަކަ ވިދާޅުވިއެވެ. ސަރުކާރު ފަރާތުން ބީބީސީއަށް އެރުއްވީ މުނާފިގުކަން ބޮޑު، ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދެވެ. ޖަނާޒާކުޑޭ އެވެ.


އަދި އެވާހަކަތަކުގެ ޖަވާބު ދެއްވަން އެރުއްވީ އަރުވާލެވިގެން އިނގިރޭސި ވިލާތުގައި އޭރު ހުންނެވި ގ.ކެނެރީގޭ މުހައްމަދު ނަޝީދު އަންނިއެވެ. މިމީހުންގެ ތެރެއިން އެންމެރަނގަޅީ އަންނި ދެއްކެވި ވާހަކަތަކެވެ. މިފުރުސަތުގައި އަންނިއަށް ގޭބަންދުގައި ހުރެގެން، މަރްޙަބާއާއި ސަލާމް އަރިސްކުރަމެވެ.


މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2004 ގެކެނޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އިޢުލާނު ކުރެއްވިއެވެ. އަޅުގަނޑަށް ލިބިފައިއޮތީ، އދ.އަތޮޅު ލިސްޓުން، 7 ވަނަ އެވެ. 9 ބޭފުޅުން އެލިސްޓްގައި، އދ.އަތޮޅުން ކުރިމަތި ލައްވާފައި އޮތެވެ. މިއަދު ވެސް ބަންދުގައި ހުރެގެން މާލެއަށްލީ ފޯމުތަކަށް ވީގޮތުން ދެރަވެ ހިތާމަކުރީމެވެ. މިފަހަރު އދ. އަތޮޅުން ނުހޮވޭނެކަން އިހުސާސް ކުރެވޭތީއެވެ.


އަދި މިއަދު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް، 8 ނޮވެމްބަރ ގައި އަޅުގަނޑު ލިޔުނު ސިޓީއަށް، އޭނާ ދެއްވިޖަވާބު ލިބުނެވެ. މިއީ، 3 ސަފްހާގެ ދިގުޖަވާބެކެވެ. ކަމާނުގުޅޭ ގިނަވާހަކަތަކެއް ލިޔުއްވާފައިވާ ސިޓީއެކެވެ. އެސިޓީ ފައްޓަވާފައި ވަނީ، މިފަދައިންނެވެ. އަކުރުން އަކުރަށް މިތާގައި އެސިޓީ ލިޔެލާނަމެވެ.


ބޮޑުމަޖިލީހުގެ ރައީސްގެ ސިޓީއެއް:


"އަރިއަތޮޅު ދެކުނުބުރީ މެމްބަރު އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަށް، ވެދުންސަލާމަށްފަހު، ދަންނަވަމެވެ. 8 ނޮވެމްބަރ 2004 ގައި ފޮނުއްވި ސިޓީގައި ދެތިން ނުކުތާއަކަށް ވާހަކަ ދައްކަވާފައިވާތީ، އެނުކުތާ ތަކަށް އެތަރުތީބުން، އަންނަނިވި ގޮތަށް ޖަވާބު އަރުވަމެވެ.


އެކެއް- މެމްބަރުންގެ އިމްތިޔާޒު:


ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒު ބަޔާންވެގެން ވަނީ، ހަމައެކަނި ޤާނޫނުއަސާސީގެ، 104 ވަނަ މާއްދާގައެވެ. އެމާއްދާގައި ވާގޮތުން، އެއިމްތިޔާޒުގެ ދާއިރާއަކީ، މަޖިލީހުގެ ޤާނޫނީ ޖަލްސާއެއް ނުވަތަ ކޮމެޓީއެއްގެ ޖަލްސާއެއްގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތުގެމަތިން، މެމްބަރުން ފާޅުކުރައްވާ ޚިޔާލުފުޅު ތަކާއި ދައްކަވާ ވާހަކަފުޅު ތަކާއި ވޯޓުދެއްވުމުގައި ޢަމަލު ކުރައްވާ ގޮތެވެ.


އެހެންކަމުން ޚާއްޞަ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައި ގެންވާ އިމްތިޔާޒަކީ މަޖިލީހުން ބޭރުގައި ހިނގާކަމަކާ ގުޅިގެން އުފެދޭ މައްސަލައަކުން، ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމުގެ ދަށުން، މެމްބަރަކު ބަރީއަކުރެވޭނެ އިމްތިޔާޒެއް ކަމަށް ޤާނޫނީގޮތުން ބަލާނެޖާގައެއް އޮތްކަމެއް ކަމުގައެއް ނުވެއެވެ.


ދޭއް- ޖަލްސާތަކަށް ހާޒިރުވުން:


އެއްވަނަ ނުކުތާގައި ދަންނަވާފައިވާ ފަދައިން، އިމްތިޔާޒުގެ ދާއިރާއޮތީ ކަނޑައެޅިފައިވާ ވަކިޙުދޫދެއްގެ ތެރޭގައި ކަމަށްވާތީ، މަޖިލީހުގެ ޖަލްސާތަކަށް ޝަރުޢީ ބަންދުގައި ނުވަތަ ޤާނޫނީ ބަންދުގައި ތިއްބަވާ މެމްބަރުން ހާޒިރުކުރުމުގެ ކަންތައް އޮތްގޮތާމެދު ވިސްނާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.


(ހ) އިމްތިޔާޒުގެ ދާއިރާއަކީ، ކަނޑައެޅިގެން ބަޔާންވެގެންވާ، އަދި ހަނިދާއިރާއެއްކަން.


(ށ) އެހެން ޤައުމުތަކުގައި ޤާނޫނު އަސާސީގެ އިތުރަށް އެހެންބައެއް ޤާނޫނުތަކާއި ޤާނޫނީ އުސޫލުތައް ކަމާގުޅޭގޮތުން ތަޢާރުފްކުރެވި، އެމައްޗަށް ޢަމަލު ކުރެވެމުން ދާއިރު، ރާއްޖޭގައި މެމްބަރުންގެ އިމްތިޔާޒުގެ ވާހަކަ އޮންނަނީ ހަމައެކަނި ޤާނޫނު އަސާސީގައިކަން.


(ނ) މެމްބަރުންގެ އިމްތިޔާޒާގުޅޭ ގޮތުން، ޤާނޫނި އަސާސީގެ، 104 ވަނަ މާއްދާ ފިޔަވައި، ރާއްޖޭގައި އެއްވެސް ޤާނޫނެއް ނުވަތަ އުސޫލެއްވެސް ކަނޑައެޅިފައި ނުވާތީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންހިނގާގޮތަށް ބަލާއިރު، ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަނުން ލަފާލިބިފައި ވާގޮތުގައި،  ކޮމަންވެލްތް ޤައުމުތަކުގެ ޕާލިމަންޓް ތަކުގެ މެމްބަރުންވެސް، ޤާނޫނީ ނުވަތަ ޝަރުޢީ ބަންދުގައި ނުވަތަ ކުށެއް ނުކުރަނީސް ވެސް ސަލާމަތީ ޤާނޫނެއްގެ ދަށުން ބަންދުކުރެވޭ ހިސާބުން ފެށިގެން މެމްބަރުކަމުގެ އިމްތިޔާޒު ނެތިގެންދާ ކަމާއި ޖަލްސާއަށް ހާޒިރުވުމުގެ ފުރުސަތު ލިބިދެވެނީ، ތަޙްޤީޤަށް ހުރަސް ނޭޅޭހިނދެއްގައި، ބަންދުކުރާ ފަރާތުގެ ރުހުން އޮވެގެން ކަމަށްވާކަމާއި، ޕާލަމެންޓުގެ ރައީސަށް ވެސް، ބަންދުގައިހުރި މެމްބަރަކު ހާޒިރުކުރުމަށް އަމުރެއް ކުރެވޭނެ ޖާގައެއް ނޯންނަކަން އެނގޭއިރު، ޚާއްޞަ މަޖިލީހަކީ، ޕާލަމެންޓަކަށް ނުވިނަމަވެސް، އެއްކަހަލަ އިމްތިޔާޒުތަކެއް ލިބިދީފައިވާ ބައަކަށްވާތީ އެއްއުސޫލު މިޙާލަތަށް ވެސް ހިންގިދާނެކަން.


(ރ) ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާގައި ބަޔާންކޮށްދެނީ، މެމްބަރުކަމުގެ މަޤާމު ހުސްވާ ޙަލަތުތަކުގެ ވާހަކަ ކަމަށާއި ޖަލްސާއެއް ކުރެވޭނީ ހުރިހާ މެމްބަރުން ހާޒިރުވެގެން ނުވަތަ ހާޒިރުކޮށްގެން ކަމަށް ބަޔާންކުރާ މާއްދާއަކަށް އެމާއްދާ ނުވާކަމާއި، މެމްބަރަކަށް ހިތުން ރުހުމުން ވެސް، މުޅިމަޖިލީހުގެ ހަޔާތުގައި އެއްވެސް ޖަލްސާއަކަށް ހާޒިރުވެ ވަޑައިނުގެން ވެސް ހުންނެވި ދާނެކަމާއި ހަމައެގޮތަށް އަމިއްލަ އިޚްތިޔާރުން ބޭރުގޮތަކަށް ވެސް ޖަލްސާއަށް ހާޒިރުނުވެވި ހުންނެވި ދާނެކަން.


ދެންނެވިދިޔަ ކަންކަން އެހެންހުރުމުން، ޤާނޫނީ ބަންދެއްގައި ހުންނެވި ހުންނެވުމަކީ، ނުވަތަ ޖަލްސާތަކަށް ވަޑައި ނުގެންނެވޭ ގޮތްވުމަކީ، ޤާނޫނު އަސާސީގެ، 104 ވަނަ މާއްދާއާ ޚިލާފުވާކަމެއް ކަމަކަށް، އަޅުގަނޑަށް ދެންނެވޭނެ ޤާނޫނީ އަސާސެއް ނެތެވެ. އެހެންނަމަ ވެސް، ޖަލްސާތަކަށް ވަޑައިގެންނެވޭނެ ގޮތެއްވޭތޯ، ޤާނޫނީ ހަމަތަކުގެ މަތީން، ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުކޮށް ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.


އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

25 ނޮވެމްބަރ 2004

ޚާދިމުކުމް،

ސޮއި

ޢައްބާސް އިބްރާހީމް.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް.

މިސިޓީގެ ނަމްބަރަކީ: 16/ 2004/ ޕީއެމް/ އެމްކޭ/ 57 އެވެ.

ފޮނުވާފައިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް

މާލެ ދިވެހިރާއްޖެ އިންނެވެ."


މިސިޓީ ލިބުނީ މިއަދު މެންދުރު އެއްގަޑި ފަނަރައިގައެވެ. މިސިޓީގައި ޚާއްޞަ މަޖިލީހުގެ ރައީސް ދައްކަވާފައި މިހިރީ ގިނައިން ބަހަނާ ވާހަކަތަކެކެވެ. ޤާނޫނުތައް ހެދިފައި ނެތިއްޔާ ޤާނޫނު އަސާސީއަށާއި ޤާނޫނު އަސާސީގެ ރޫޙަށް ބައްލަވާފައި މެމްބަރުންނާ ދޭތެރޭގައި އިމްތިޔާޒީ ފިޔަވަޅު ޖަމިލީހުގެ ރައީސަށް އެޅުއްވޭނެއެވެ. މިއީ ވަރަށް ސާފުކޮށް އޮތްކަމެކެވެ.


ކޮމަންވެލްތަށާއި ދުނިޔޭގެ ބަހަނާތަކަށް ވާސިލްވާކަށް ނުޖެހެއެވެ. މަޖިލީހުގެ ކަރާމާތާއި މެމްބަރުންގެ އިމްތިޔާޒު ޙައްޤުގޮތުގައި ޤާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރައީސަށް ދަމަހައްޓައި ދެވޭނެއެވެ. އެހެނަސް އެކަންކުރައްވަން ބޭނުންފުޅު ނުވާތީ، ދިގުބަހަނާތައް ދައްކާއި ބޭކާރުހަމަތައް އެޅުއްވިދާނެއެވެ. މިކަހަލަ ރީތިޖަބާތައް ލިޔުއްވި ދާނެއެވެ.


2 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 112 ވަނަ ދުވަހެވެ. ވަކިޚާއްޞަ ކަމެއް ނެތެވެ.


3 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 113 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.


4 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ 114 ވަނަ ދުވަހެވެ. ކެންޕޭން ސިޓީތައް ޗާޕްކޮށްގެން ލިބުމުން އެސިޓީ ތަކުގައި ސޮއި ކުރުން މިއަދު ކުރިއަށް ގެންދިއައިމެވެ. އެއީ ދެހާސް ސިޓީއެވެ. މިކަމުގައި އެހީތެރިވަނީ ކެމްޕޭން މެނޭޖަރު ރިލޭ އެވެ.


5 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 115 ވަނަ ދުވަހެވެ. މޯބައިލް ފޯނުގެ ސިމްކާޑު ފިޔަވާ ޕޮލިސް އޮފީހަށް ގެއިން ގެންދިޔަ ސަމާނު މިއަދު އަނބުރާގެއަށް ގެނެސްދިނެވެ. ސަންގު މަޖައްލާގެ ދެއަދަދު ގެނެސްދީފައެއް ނެތެވެ. ފުލުސް އޮފީހުން ބޭއްވީއެވެ. މިދެއަދަދުގެ އަސްލުތައް ހޯދަން ފޯކުނުރުމުން ވިދާޅުވީ ތިޔަކަންތައް ބަލާފައި ޖަވާބެއް ދޭނެކަމަށެވެ.


ސަންގުގެ ހުރިހާ ސަންގެއް އަޅުގަނޑު އަތުގައި ބަރާބަރަށް ހުރިހާ އަދަދެއްގެ އަސްލުތައް ހުއްޓެވެ. އަޅުގަނޑު ޖަލުގައި އިންދައި ގެއަށްވަދެ ފާސްކުރި ދުވަހު މިބޭފުޅުން ފުލުސް އޮފީހަށް ގެއިން ވަގަށް ނަގައިގެން ގެންދެވީ ސަންގު މަޖައްލާގެ ހުރިހާ އަސްލު ތަކެވެ. އަޅުގަނޑުގެ ފޮތްއަލަމާރީގައި ހުރިހާއަދަދެއް ހަމައަށް ބަރާބަރަށް ހުއްޓެވެ.


މިއަދު މިގެނެސްދިނީ އޭގެތެރެއިން ބައެއް އަދަދު މަދުންނެވެ. ފަހެ، މިއީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ފުލުހުންގެ އަތުން އަޅުގަނޑަށް ލިބެންޖެހޭނެ ބަދަލެކެވެ. ފައިސާއިން ނަމަވެސް ބަދަލު ދޭންޖެހޭނެއެވެ. އެއީ އަގެއްހުރި މަޖައްލާތަކެކެވެ. ދުވަސްވީވީހެން އޭގެ އަގު މަތިވާނެއެވެ.


6 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 116 ވަނަ ދުވަހެވެ. ގޭގައިހުރީއެވެ.


7 ޑިސެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 117 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ. ގޭގައި ހުރީއެވެ.


8 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 118 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާއަށް އެމަޖިލީހުގެ ގަވައިދުގައި ހިމަނަންފެންނަ މާއްދާތަކަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލުމުން، 5 އިސްލާހެއް އަޅުގަނޑު ހުށަހެޅީމެވެ. މަޖިލީހުގެ ހުރިހާ ލިޔުންތަކެއް މިހާރު ގަވައިދުން ގެއަށް ފޮނުވައިދެއެވެ. އަދި މޯބައިލްފޯނުގެ ސިމްކާޑާބެހޭ ގޮތުން ފުލުސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ.


އަދި އެސިމަށް ދައްކަން ޖެހޭފައިސާ ދިރާގަށް ވީހާއަވަށް ދެއްކެވުމަށް އެސިޓީގައި ލިޔުނީމެވެ. އެސިމާ ގުޅިގެން ދިރާގަށް ހުރިހާޒިންމާއެއް އުފުލަން ޖެހޭނީ ޕޮލިސް އޮފީހުންކަމަށް އަޅުގަނޑު ލިޔުނީމެވެ. އަދި މިއަދަށް ފަހު އެސިމާގުޅިގެން ހިނގާއެއްވެސް ކަމެއްގެ ޒިންމާ އަޅުގަނޑު ނުއުފުލާނެ ކަމަށް ލިޔެފައި ވާނެއެވެ. އަދި އަޅުގަނޑަށް ލިބެންޖެހޭ ސަންގުގެ އަދަދުތައް އަވަހަށް ހަމައަށް ގެއަށް ފޮނުވައި ދެއްވުން އެދިވެސް ދެންނެވީމެވެ.


9 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 119 ވަނަ ދުވަހެވެ. ކަމެއްނެތް ދުވަހެކެވެ.


10 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 120 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. އެއްވެސް ކަމެއް ނެތެވެ.


11 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 121 ވަނަ ދުވަހެވެ. ކެނެރީގޭގައި ހުންނަ ކެންޕޭން އޮފީހުން، ފަތްޙު ﷲ ކިޔާބޭފުޅަކު އަޅުގަނޑަށް ކެންޕޭން ކުރުމަށް އދ.އަތޮޅަށް މިއަދު ފުރުވާލިކަމަށް ކެމްޕޭނު އޮފީހުން އީވާ ގުޅާފައި އެންގިއެވެ. އަޅުގަނޑުހުރީ ބަންދުގައި ކަމުން ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އީވާ އަބުދު ﷲ އަކީ އަބަދުވެސް އަޅުގަނޑަށް ޚާއްސަގޮތެއް ބަހައްޓަވާ ރަނގަޅު ހިތްހެޔޮ ކަމަނާއެކެވެ. އެކަމާ އަބަދުވެސް ޝުކުރުވެރި ވާނަމެވެ.


ހޮން ޤާސިމުގެ ބޭބެ އިބްރާހީމްބެ ވިދާޅުވެފައި ވަނީ ޤާސިމް ބަންދުގައި ހުންނެވީމާ އިލްޔާސް ފަދަ ސިޔާސީ މީހަކަށް އަދި ބަންދުގައިހުރި މީހަކަށް މިފަހަރު ތާއީދުކޮށްފިއްޔާ ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވުމުން މިފަހަރު ތާއީދު ކުރެވެން ނެތްކަންވަނީ އަޅުގަނޑަށް ރަސްމީކޮށް އަންގަވާފައެވެ. މިޚަބަރު ލިބުމާއެކު، މިހާހިސާބުން އަޅުގަނޑު ހޮވުމަކީ ނުވާނެކަމެއްކަން އަޅުގަނޑަށް ވަނީ ކަށަވަރު ވެފައެވެ.


އިބުރާގެ ފަރާތުންވެސް ކެންޕޭން ކޮށްދޭނެ ވާހަކަވަނީ ރިލޭގެ ފަރާތުން އެނގިފައެވެ. މިލަނޑު ދީފައި ކޮންކެމްޕޭނެއްގެ ވާހަކައެއްތޯއެވެ؟ އެހެނަސް އަޅުގަނޑު އިބުރާއަށް އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރަމެވެ. އޭނާއަކީ އަޅުގަނޑު މާލެ އިން ކުރިމަތި ލިޔަނުދީ ހިފަހައްޓާލި ނުބައި ބޭފުޅާއެވެ.


އަދި ގދ.އަތޮޅުން ކުރިމަލި ލާފާނެތި އަޅުގަނޑުގެ ފޯމްސެޓް ފަންޑިތަހަދަންށޭ ކިޔުއްވާފައި ހިފޭއްޓެވި، ޒާތީޙަސަދައިން ފުރިފައިވާ އިންސާނެކެވެ. މިހުރިހާ ނުބައެއް ރާވާއި ހެއްދެވި މީހަކީ ބޯގަންވިލާ އިބުރާއެވެ. ދުވަހަކުވެސް އިބުރާއަކީ، އަޅުގަނޑު އިތުބާރު ކުރާނެ މީހެއްނޫނެވެ. އެހެނަސް އަބަދުވެސް، މިހާރު ވެސް މުސްލިމެއްގެ ހައިސިއްޔަތުން އަޚުވަންތަކަން ގެންގުޅެމެވެ. އަދި އެކަން އަބަދުވެސް ދަމަހައްޓާނަމެވެ.


12 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 122 ވަނަ ދުވަހެވެ. އދ.އަތޮޅުގެ ބައެއް ރައްޓެހިން، ފަތްޙު ﷲ އޭ ކިޔާ މީހަކު އައިސް އިލްޔާސޭ އެބަކިޔަމުން ދާވާހަކަ، މިއަދު ގުޅާފައި ބުނެހެދިއެވެ. އަޅުގަނޑު ދަންނަވަމުން ދިޔައީ މިފަހަރު މިހުރީ ބަންދުގައި ކަމަށާއި ޤާސިމްގެ ސަޕޯޓުވެސް ވަނީ މިހިނގި ސިޔާސީކަންތަކާ ހެދި ގެއްލިފައި ކަމަށާއި، ޤާސިމް ބަންދުގައި ހުންނެވުމުން އަޅުގަނޑު ކަހަލަ ސިޔާސީމީހަކަށް އެޢާއިލާއިން ތާއީދުދީ ސަޕޯޓުކުރަން ނުކެރެނީ ކަމަށް އެމީހުންގާތުގައި ބުނެފައި ފޯނު ބާއްވަނީއެވެ. މިހާރުވެސް އަޅުގަނޑަކީ އދ.އަތޮޅުން ޚާއްޞަ މަޖިލީހުގައި ހުރިމެމްބަރެކެވެ. އެހެންވެ ވަރަށް ގިނަ މީހުންނާ ގުޅުން އޮވެއެވެ. އެހެނަސް ކުރާނެކަމެއް ނެތެވެ.


މިފަހަރު ރައްޔިތުންގެ މަޖިލީހަށް އިބުރާއާހެދި ނުވަދެވޭނެކަން ޔަޤީންވީއެވެ. ގޭގައި ހުރެގެން އެކަމާ ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދަމެވެ. ވަކިކުރާނެ ކަމެއްނެތެވެ. އެހެނަސް އޭނާ (އިބުރާ) އާއި މުޙައްމަދު ޝިހާބު މާލެ އިން ހޮވޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ. މިއީ ސިޔާސީގޮތުން އިބުރާ އަޅުގަނޑަށް ދެއްވި ލޮޓިއެކެވެ. އެއީ އޭނާގެ މަލްޢޫނު އިބްލީސްކަމާއި ނުލަފާކަމެވެ. އަޅުގަނޑު އޭނާއާ ރިލޭ މެދުވެރިކޮށް މިވާހަކަދެއްވުމުން ބުނީ އަންނި އަންގައިގެން، މުޙައްމަދު ޝިހާބަށް އިލްޔާސްގެ ޖާގަބަދަލުކޮށްލަން ޖެހުނީ ކަމަށެވެ.


ޙަޤީޤަތަކީ އޭނާގެ ނުލަފާކަމެވެ. މިކަންރޭވީ އިބުރާ އަމިއްލައަށް ކަން ފަހުން ކަށަވަރު ކުރެވުނެވެ. އަންނިމެންގެ ކަމެއްނޫނެވެ. އިބުރާ ދޮގުހެދީއެވެ. އަޅުގަނޑު އެމަޅީގައި ޖެހި ނަންބަދަލުކުރާ ފޯމްގައި ރިލޭ ގެނެސްދިނުމުން ސޮއިކުރެވުނީ ބަންދުގައި ހުރީމައެވެ. އަދި ވާނުވާ އާއި ހަގީގަތް ނޭނގި ހުރެއެވެ. ހެޔޮއެދޭ މީހަކައި މަޝްވަރާކޮށްލާނެ ފުރުޞަތު ވެސް ނުލިބުނީމައެވެ. އެވަގުތު ރިލޭއަށް ވެސް މިވަނީ ކީއްކަމެއް ރެއަކާ ނުލީއެވެ. އަދި އަޅުގަނޑަށް ވެސް އެހާދުރަށް ވިސްނާނުލެވުނީ އެންމެންނަކީ ޔަހޫދީވިސްނުން ގެންގުޅޭ މީހުންނަށް ނުވާތީއެވެ.


13 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 123 ވަނަ ދުވަހެވެ. މިއަދު ފައިނޭސްގެ ނޯޓިސްދެވޭ މަގާމުގައިހުރި، 3 މަސް ދުވަހުގެ މުސާރަނެގުމަށް ސިޓީއެއްލިޔެ އެމިނިސްޓަރީއަށް ފެކްސް އެއް ކުރީމެވެ. އަދި އެސިޓީގެ އަސްލު މީހެއްގެ އަތަށްދީފައި އެމިނިސްޓްރީއަށް ރައްދުކުރީމެވެ.


މިސިޓީ ފޮނުވާލުމަށް ފަހު، އެމިނިސްޓަރީއާ ފޯނުން ގުޅުމުން ވިދާޅުވީ މުސާރަ ހަވާލުކުރެވޭނީ، 8 އޯގަސްޓުން ފެށިގެން ބަންދުކުރި ދުވަހާ ހަމައަށެވެ. ބަންދުގައި ތިބޭމީހުންނަށް މުސާރަދެވޭގޮތަށް އޮންނަނީ، ޑިފެންސުން އަންގާއެއްޗެއްގެ މައްޗަށެވެ. ދޫކޮށްލެއްވި ކަމުގެ ޗިޓްއައުމުން ބާކީދުވަސް ތަކުގެ މުސާރަ ދޫކުރެވިދާނެ ކަމަށް އޭނާ ބުނުއްވިއެވެ. އަޅުގަނޑު އޭނާއަށް ޖަވާބުދިނީ، މިނިވަން ކުރުމުން އަޅުގަނޑު ތިޔަކަމާ އުޅޭނެ ކަމަށެވެ.


ދިގު ބަންދުން މިނިވަންވުން:


14 ޑިސެމްބަރ 2004 ވީ އަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 124 ވަނަ ދުވަހެވެ. މިއަދު މެންދުރު އެކެއް ޖެހިއިރު ޕޮލިސް އޮފީހުން ބޭފުޅަކު ޖަވާހިރުވާދީއަށް ފޯނުކުރައްވާފައި އަޅުގަނޑަށް އެންގެވީ،  އެއްގަޑިބަޔާއި ދެއަކާދޭތެރޭގައި ޕޮލިސް އޮފީހުން އިލްޔާސް ބަލާއަންނާނެ ކަމަށެވެ. ތައްޔާރު ވެލައިގެން ހުރުމަށެވެ. މިނިވަންވަނީ ކަމުގެ އުފާވެރި ޚަބަރު އައީ ކަމަށް އަޅުގަނޑު ނިންމައި ތިމާގެ އެންމެންނަށް މިކަން އަންގައިފީމެވެ. އެންމެންވެސް ތިބީ، ވަރަށް އުފަލުންނެވެ. ޕޮލިސް ކާރެއް އަޅުގަނޑު ބަލާއައިސް އަޅުގަނޑު ނެރުނީ މެންދުރު، 1:45 ގައެވެ.


މިބޭކަލުން އަޅުގަނޑު ގޮވައިގެން ދަމުން ވަޑައިގަތީ ގޭގައިތަތްކޮށްފައި އިން އިޢުކާނު ނައްޓާލައިގެން ހިއްޕަވައި ގެންނެވެ. މިހާހިސާބުން ދޫކޮށްލަނީކަން މުޅިން ޔަޤީންވެއްޖެއެވެ. ކާރުގައި ތިބީ، ޑްރައިވަރަކަށް އިންނެވި ބޭފުޅާއާއި އެހެން ކުއްޖެކެވެ. ދެބޭކަލުންނެވެ. ދެން ފަހަތު ސީޓުގައި އަޅުގަނޑެވެ. މިދެބޭފުޅުން އަޅުގަނޑާ ވަރަށް ވާހަކަ ދެއްކިއެވެ. މިއަދު ދޫކޮށްލާނެ ކަމަށް ބުނެދިނެވެ. އަޅުގަނޑު ގެންގޮސް ވެއްދީ ޝަހީދުޙުސައިން އާދަމް ބިލްޑިންގަށެވެ. އެބިލްޑިންގުގެ ވާއަތްފަރާތުގައި ތިރީގައި ހުރި ކޮޓަރިއަކަށް ވެއްދިއިރު ހުރީ ސޯފާސެޓެކެވެ.


އެތަނުން ސޯފާސީޓެއްގައި އިށީނުމަށް އަންގާފައި އަޅުގަނޑު ވެއްދި އޮފިސަރު ދޮރުލައްޕާ ލައްވާފައި ހިނަގައްޖެއެވެ. މިއީ ބޮޑެތިބޭފުޅުން ބައިތިއްބާ ސިޓިންރޫމެވެ. އަޅުގަނޑު ވެއްދީ އެކޮޓަރިން އިބްރާހީމް ޙުސައިން ޒަކީ ނެރެގެން ކާރަށް ގެންގޮސް ފައެވެ. މިހަރަކާތުން މިއަދު، ޒަކީ ވެސް ދޫކޮށްލެއްވީކަން އެނގުނެވެ.


ދެން މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑު މައްޗަށް ގެންގޮސް ތަޙްޤީޤު ކޮޓަރިއަކަށް ވައްދައި އެންގުމެއްގައި ސޮއި ކުރުވީއެވެ. މިއެންގުމުގައި އޮތީ މާލޭން ބޭރަށް އެއްވެސް ތާކަށް ދާންވެއްޖެނަމަ ހޯމް މިނިސްޓަރީން ހުއްދައެއް ނަގަންޖެހޭ ގޮތަށެވެ. އަޅުގަނޑު އެލިޔުން ރާެއޖެއިން ބޭރަށް ދާނަމަ، މިގޮތަށް ބަދަލުކުރުމަށް އެދުމުން ބަދަލުކޮށް ދެއްވިއެވެ.


ދެން އަޅުގަނޑު ސޮއިކުރީ ރާއްޖެއިން ބޭރަށް ފުރާނަމަ ހޯމް މިނިސްޓްރީން ހުއްދައެއް ނަގައިގެންނޫނީ ނުފުރާގޮތަށެވެ. މާލެ ތެރޭގައި އެތަންމިތަނަށް އެއްވެ ސަރުކާރާ ދެކޮޅުވާހަކަތައް ދައްކާހަދަންޏާ އަނެއްކާވެސް ބަންދުކުރެވޭނެ ކަމަށް ލިޔެފައި އޮތެވެ. އެލިޔުމުގައި ދޫކޮށްލިކަމަށް ލިޔުނުގަޑިއަކީ، 14:12 އެވެ. ދެން އަޅުގަނޑު އެލިޔުމުގައި ސޮއިކޮށް ނިންމާލީއެވެ.


މިހާހިސާބުން ދެންދުރުވިޔަސް އެންމެރަނގަޅޭ ވިދާލުވެއްޖެއެވެ. ޝުކުރިއްޔާ އޭ ބުނެފައި އަޅުގަނޑު ހިނގައިގަތީ ގެއާދިމާއަށެވެ. އޯކިޑްމަގުން ބަންޑާރަމިސްކިތް ފެނުމުން އެމިސްކިތަށް އަރައި ޝުކުރުގެ ދެރަކުޢަތް ކޮށްގެން، ﷲ އަށް ހެޔޮދުޢާކޮށް ހަދާފައި ގެއަށް އައީއެވެ. މި މިނިވަންވީ، 124 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުއެވެ. އަލްޙަމްދުލިއްލާހި! މިނިވަންވީއެވެ!


މިފަދަ އަނިޔާތަކުގައި ބުއްދިސަލާމަތުން ލެހެއްޓެވީތީ، ﷲ އަށް ފަށްފަށުން ޝުކުރާއި ޙަމްދު ދެންނެވީމެވެ. އަންހެނުންނާއި ކުދިންކައިރީގައި ހަވީރުވަންދެން އުޅެފައި ހަވީރު ނުކުތީ ގ.ކެނެރީގެއަށް، ކެންޕޭނު އޮފީހަށެވެ. މިތާގައި ބޮޑަކަށް އެވަގުތު އިންނެވީ، އީވާ ޢަބްދު ﷲ އެވެ. އީވާކައިރީގައި މާލޭން އދ.އަޮތޮޅަށް ބަދަލުކުރީ ކީއްވެތޯ ސުވާލުކުރުމުން އެއްގޮތަކަށް ވެސްނޭނގޭ ކަމަށް ބުންޏެވެ. އިލްޔާސް ކުރިމަތިލީ، އދ.އަށް ނޫންތޯއޭ އީވާ ބުންޏެވެ. މިހާހިސާބުން މާލޭން އދ.އަތޮޅަށް އަޅުގަނޑުގެ ނަން ބަދަލުކޮށްލީ، އިބުރާ އަމިއްލައަށްކަން ޔަޤީން ވެއްޖެއެވެ. މިސުވާލު ކުރުމުންއީވާމެން އަޖައިބުވިއެވެ.


ފުރަތަމަ ޖަލުގައި ހުރެގެން އަޅުގަނޑު ކުރިމަތިލީ މާލެއަށްކަން، ކެންޕޭން އޮފީހަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތެވެ. އެހެނަސް އިބުރާ ރިލޭ ކައިރީގައި ބުނުއްވީ، ކެންޕޭން އޮފީހުން އިލްޔާސް ގެނަންް އދ.އަތޮޅުން ކުރިމަތިލާގޮތަށް ބަދަލުކުރަން އަންގައިގެން އެކަންކުރީ ކަމަށެވެ. އަޅުގަނޑުގެ ގޮނޑި މާލޭން ގެއްލުވާލީ މިގޮތަށެވެ.


ރައްޔިތުންގެ މަޖިލީހަށް ނުވަދެވުނީ އިބުރާގެ އޮޅުވާލުމުގެ މިއަމަލާ ހެދިއެވެ. އިބުރާއާއުކު އަޅުގަނޑު މާލެ އިން ހޮވެން އޭނާ ބޭނުން ނުވީއެވެ. މިކަމާ ހެދި އަޅުގަނޑު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންވުމުން، އދ.އަތޮޅަށް ގޮސްކެންޕޭން ކުރާހިތްވަނީ ކެނޑިފައެވެ. ޤާސިމް ވެސް ހުންނެވީ، ނެތް މީހެކޭ އެއްވަރުގައެވެ. ބަންދުކުރުމުގެ ބިރުގައެވެ.


މިއީ ސިޔާސީ ގޮތުން އިބުރާ އަޅުގަނޑަށް ދިން އެންމެފުރަތަމަ އެތިފަހަރެވެ. ކެންޕޭން އޮފީހުން ޚަބަރުދިން ގޮތުގައި މިރޭ އެއޮފީހުގައި އުފާފާލުކުރުމުގެ ހަފްލާއެއް އޮވެއެވެ. މިނިވަންވި މީހުންނަށް މަރްހަބާ ކިއުމަށެވެ. ކެންޕޭނު އޮފީހުން އަންނަމުން ދިރާގަށްވަދެ، އަޅުގަނޑުގެ ދާއިމީ ނަންބަރުގައި، 7773308 މިނަންބަރުގެ އާސިމެއް ނަގައިގެން ގެއަށް އައީއެވެ. އާސިމެއް ދޫކުރީ ދައްކަންޖެހޭ ފައިސާ ދިރާގަށް ދެއްކުމުންނެވެ.


އޮތީ މިރޭ އަޅުގަނޑާއި ރިލޭއާ ދެމީހުން، ކެންޕޭނު އޮފީހަށް ދާގޮތަށެވެ. އާސިމެއް ލިބުމުން ފުލުސް އޮފީހުގައި ހިފާއްޓާފައިއޮތް ސިމްހޯދާކަށް އޭގެފަހުން ނޫޅެމެވެ. އާސިމެއް އެނަންބަރުގައި ދިނީ ދައްކަން ޖެހުނު ހުރިހާފައިސާއެއް ދެއްކާޚާލާޞް ކުރުމުންނެވެ. އެއީ އެންމެ، 2500.00 ރުފިޔާއެވެ.


މާބޮޑު އަދަދެއް ނޫނެވެ. އެހެނަސް އެފައިސާ ފުލުހުންގެ އިދާރާއިން ހޯދުމަށް އަޅުގަނޑު މަސައްކަތް ކުރީމެވެ. މިހާހިސާބުން މިނިވަނަކަށް އަނެއްކާވެސް ވީއެވެ. މިބުރުގެ ބަންދުން ސަލާމަތްވީއެވެ. الحمدلله رب العالمين ! آمين !


މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:


ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުލި ދަޢުވާގެ ޚުލާޞާ ބައްލަވާ ލައްވާށެވެ.


ޤަޟިއްޔާ ނަންބަރ: 2004/ ޖޭސީ/ 752

ފޯމް ނަންބަރ:  659/ ޖޭސީ/ 2004/ 1659

ހުށަހެޅުނު ތާރީޚް:   2004 / 10 / 31

މައްސަލާގެ ބާވަތް:  ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުން


ދަޢުވާގެ ޚުލާޞާ:


ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުން، (އިލްޔާސް ޙުސައިން އިބްރާހީމް، މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީގެ ނަމްބަރު: 77/ 2004/ އޭ 28  (09 އޯގަސްޓް 2004) އިޢުލާނުން ޤަނޫނާއި ޤަވާޢިދާޚިލާފު އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއްކަން ޢާއްމުކޮށް އަންގައި އިޢުލާނުކޮށްފައި ވަނިކޮށް، 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެއުޅުނު މީހުންނާ، މީނާ ބައިވެރިވެ އުޅެފައިވާތީއާ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން އެތަނަށް އެއްވެތިބި މީހުން ޞުލްޙަވެރި ކަމާއެކު ދިއުމަށް ތަކުރާރުކޮށް އެންގުމުން ވެސް ނުގޮސް މަޑުކޮށްފައި ވާތީ، ޤާނޫނުލް ޢުޤޫބާތުގެ، 46 ވަނަ މާއްދާއައި ޙަވާލާދީ އެޤާނޫނުގެ، 50 ވަނަ މާއްދާގެ ދަށުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ.)


ނޯޓް: މިއީ ދަޢުވާފޯމްގައިވާ ޚުލާޞާއާ އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.


އާދެ! ދެން މިގެނެސްދެނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ، 77 ނަންބަރު އިޢުލާނު ނެރެފައިވާގޮތަށް އަކުރުން އަކުރަށެވެ.


ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް.  ދައުލަތުގެ ނިޝާން.


މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީ، 

މާލެ،  ދިވެހިރާއްޖެ.

ނަންބަރު: 77/ 2004/ އޭ 28


އިޢުލާން.


މިހާރަކަށް އައިސް މާލޭގެ ސަރަޙައްދެއްގައި ބަޔަކު ކޮންމެ ރެއަކު އެއްވަމުން އެބަދެއެވެ. މިއެއްވުން ތަކުގައި، ޤާނޫނާޚިލާފު ކަންތައްތައް ކުރުމަށް ހިތްވަރުދޭ ލިޔުންތައް ބަހާއި، އެފަދަ ލިޔުންތައް ބަހައްޓައި، އަދި ޢާއްމު މަޞްލަޙަތު ގެއްލޭފަދަ ޙަރަކާތްތައް ހިންގަމުން ގެންދާތީ، މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަމުން ދާކަން މި މިނިސްޓްރީއަށް އެނގިފައި ވެއެވެ.


ވީމާ، މިފަދަ އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއް ކަމުގައި ހަނދާންކޮށް ދިނުމުގެ ގޮތުން މިކަން ޢާއްމުކޮށް އިޢުލާނު ކުރަމެވެ.


މިފަދަ އެއްވުންތަކާއި ޙަރަކާތްތަކަކީ، އެކަމުން މުޅިޤައުމަށް ވަރަށްފުން ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަންތައްތަކަކަށް ވާތީ، މިފަދަ ކަންތައްތައް ފެތުރިގެން ދިޔަނުދިނުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެދި ދަންނަވަމެވެ.


23 ޖުމާދަލްއާޚިރާ 1425ހ. 

9 އޯގަސްޓް 2004މ.  

އޮފިސަރެއްގެ ރަސްމީ ސޮއި،

އަދި ރަސްމީ ތައްގަނޑު.


ނޯޓް: މިއިޢުލާން މިއަދުންފެށިގެން، 3 ދުވަސް ވަންދެން ހަވީރު/ އާފަތިސް/ މިއަދު ނޫހުގައި ޝާއިޢުކޮށް ދެއްވުމަށް.


އާދެ! 15 ޑިސެމްބަރ 2004 ވީބުދަ ދުވަހު ސައިބޮއިލާ ހަދައިގެން ދިޔައީ ލޯޔަރު މުޢިޒު އޮފީހަށެވެ. މިއަދަކީ މިނިވަންވުމަށް ފަހު، އަޅުގަނޑުގެ ޙަޔާތަށް އާދުވަސްތަކެއް ގުނަންފެށުނު ދުވަހެވެ. މިއޮފީހުން ޙުސްނުއް ސުޢޫދައި ބައްދަލުވިއެވެ. ވަރަށް ގިނައިރު މިއޮފީހުގައި ވާހަކަދައްކަން ތިބީމެވެ. ބޮޑަށް އަޅުގަނޑުމެން ޑިސްކަސްކުރީ ސަރުކާރުގެ އެހީތެރިކަން ލިބިގެން ހިންގަމުން ގެންދާ ވެބްސައިޓްތައް ކަމުގައިވާ "ދަމޯލްޑިވިއަން" އާއި "ފެކްޓްމޯލްޑިވްސް" ގައި އަޅުގަނޑުމެންގެ އަބުރާބެހިގެން ލިޔެފައިހުރި ވާހަކަތަކަށް ބިނާކޮށް ޝަރުޢީކޯޓަށް އެއިން މައްސަލައެއް ވެއްދޭނެގޮތެއް ހޯދޭތޯއެވެ. މުޢިޒަށްވުރެ މިކަމުގައި ފޯރިހުންނަނީ ޙުސްނެވެ.


21 ޑިސެމްބަރ 2004 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވެ ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ދެމީހަކަށް ވަޅިން ހަމަލާދިން، މ.ބްރައިޓުފުލާވަރ ޙުސައިން ޔޫސުފް (ސްޕައިޑަރ ހުސައިން) ގެޝަރީޢަތް ޖިނާއީކޯޓުގައި ފެއްޓެވިއެވެ. މީނާއަކީ އިސްލާހީ ޙަރަކާތުގެ ބައިވެރިއެއް ނޫނެވެ. ޖަލުގުރޫޕުގެ ޕާޓޭއެކެވެ. މުޅިޙަޔާތް ދުއްވާލަނީ ގޮޅިތަކުގައެވެ.


އޭނާގެ މައްޗަށް ދައުލަތުން ކުރެއްވީ، މީހަކުމަރާ ލެވިދާނެ ހަތިޔާރަކާއެކު ޣައިރުޤާނޫނީ އެއްވުމަކުން އަމާންނަގާލުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.


އާދެ! ކަޅުހުކުރުގައި ބަންދުކުރި އަޅުގަނޑުމެން ކަހަލަ، އިސްލާހީ ހަރަކާތުގެ ގިނަމީހުން މިނިވަންކޮށް ދޫކޮށްލާފައި ތިއްބަސް ސަރުކާރުން ގެންދަވަނީ، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މިމީހުންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ހިންގިބައެއްގެ ގޮތުގައި ފާހަގަކޮށް ދަޢުވާކުރުމުގެ ކަންތައް ޝަރުޢީކޯޓަށް ހުށަހަޅުއް ވަމުންނެވެ. ސަރުކާރުން ކަޅުހުކުރުގެ ކަންތައް ސިފަކުރަމުން ގެންދަނީ، ދިވެހި ދައުލަތާ ދެކޮޅަށް ވެރިކަން ވައްޓާލުމަށް، ބަޔަކު ގެންނަން އުޅުނު ބަޣާވާތެއްގެ ގޮތުގައެވެ.


އިސްލާހީ ހަރަކާތުގައި ބައިވެރިވި އެންމެންގެ ބޮލުގައި ބަޣާވާތުގެ މިބަދުނާމު އަޅުވާފައި ރާއްޖެއިން އިސްލާހީ ހަރަކާތް ނައްތާލުމަކީ، މިސަރުކާރުގެ އެންމެ ބޮޑު ބޭނުމެވެ. ސަރުކާރު ފަޅިން ޖާސޫސީ އެކި މީސްމީހުން އިސްލާހީ ހަރަކާތުގެ ތެރެއަށް ވައްދައިގެން އަޑިއަޑިން ރާވަމުން ގެންދެވީ މިފަދަ ބަދުނާމެއް އަޅުވާފައި މިކަމުގައި އިސްކޮށްް ހަރަކާތްތެރިވި ލީޑަރުންތައް ނެތިކޮށްލާށެވެ. ނުވަތަ ދިގުޙުކުމް ތަކެއް އިއްވާލާށެވެ. އެހެންކަމުން މިކަމުގެ ހިތާމާގައި އެތައް އާޢިލާތަކެއްގެ ފަރާތުން، އެމީހަކަށް ކުރެވުނުހާކަމެއް، ފަންޑިތަ ވެރިކަމުންނާއި ކިޔެވެލީގެ ޒަރީޢާއިންނާއި އިޚްލާޞްތެރި ދުޢާތަކުން އެންމެން ވެސް ކުރަމުން ގެންދިޔައެވެ.


މިކަމަކީ، ރައީސް މައުމޫނަށްް ބައިޢަތުހިއްޕަވައިގެން ތިއްބެވި، މިނިސްޓަރު ފަތުޙު ﷲ މެން، ޒާހިރު ހުސައިނުމެން ކޭންޕުން، ވަކިބަޔަކަށް އަމާޒުކޮށް ސަރުކާރު ތެރެއިން ރޭވިނުލަފާ ރޭވުމަކަށް ވާތީ، އެންމެން ވެސް، ހުރިހާރައްޔިތުން ވެސް ބޭނުންވީ ކަޅުހުކުރުގައި ބަންދުވި ހުރިހާ ސިޔާސީ މީހުން ވީހާއަވަހަށް ސަލާމަތް ވުމަށެވެ. މިނިވަން ވާށެވެ. ގިނަމީހުންގެ އިޚްލާސްތެރި ދުޢާއަކީ އެއީއެވެ. ޚާއްސަކޮށް ޤާސިމްގެ މައްޗަށް ޙުކުމެއް ނައިސް މިނިވަންވޭތޯ ގިނައަދަދެއްގެ ރައްޔިތުން ތަކެއް އެމީހަކަށް ކުރެވުނު ހުރިހާ ކަމެއް، ރޫހާނީގޮތުންނާއި ޝައިޠާނީބާރުގެ ފަންޑިތަވެރިކަމުގެ ތެރެއިން ކުރަމުން ގެންދިޔައެވެ.


ގިނަބައެއްގެ ކިޔެވެލިތައް:


ހުސްތަންތާނގައި ތިބެ، ކިޔެވެލީގެ އެންމެމަތީ ކިޔެވެލި، 99 ޚަތިމުކުރުން ވެސް ގަވައިދުން ބަޔަކު ކުރިޔަށް ގެންދިޔައެވެ. އަދިވެސް އެމީހަކަށް ހެދުނު ފަންޑިތައެއް މިކަމުން ޙުކުމެއް ނައިސް ސަލާމަތްވޭތޯ ހަދަމުން ގެންދިޔައެވެ. ޖިންނީންނާ ގުޅުންހުންނަ އެކިމީހުން އެފަރާތްތައް މެދުވެރިކޮށް އެކި ޝައިޠާނީ ކަންތައް ކުރަކުން ގެންދިޔައެވެ. ދުންއަޅައި ކަޅުޖަނަވާރެއްގެ ލޭދީ ކިޔެވި މީހުން ވެސް އދ.އަތޮޅު އެކި ހިސާބުގައި ތިއްބެވެ. ވަކިވަކިން މިސްކިތުގައި ތިބެ އިޚްލާސްތެރި ކަމާއެކު ދުޢާދެންނެވި މީހުން ވެސް ތިއްބެވެ. އެތައްމައިންނަކާއި ބަފައިންނެވެ. މިއީ މިކަމަށް ރޫޙާނީ އަސަރުތަކެއް ކުރާނެ ކަމެއްކަން ޔަޤީނެވެ. މީގެ އިތުރަށް އަނިޔާ ލިބުނު އެތައްބައެއްގެ ދުޢާތައް ދިޔައީ ރެއާއި ދުވާލު ކުރެވެމުންނެވެ.


ސުނާމީ އެރުން:


26 ޑިސެމްބަރ 2004 ގެ ނުރައްކާތެރި ސުނާމީޙާދިޘާ ދިވެހިރާއްޖެއަށް ބޮޑުކާރިޘާއެއްގެ ގޮތުގައި ކުރިމަތިވިއެވެ. ބައެއް ރިޒޯޓުތަކުގައި ކުރިސްމަސް ދުވަސް ކަމުގައިވާ، 25 ޑިސެމްބަރުގެ މަސްތީ ލައްޒަތާއި މަޖަލުގައި އަވަދިނެތި ބަޔަކު އުޅެފައި، އަރާމު ނިންޖެއްގައި ނިދިފައި ތިއްބާ އަނެއް ދުވަހުގެ އިރުގެ އަލިކަމާ އެކުހެން ކުރިމަތިލާން ޖެހުނީ ދިވެހިން ދުވަހަކުވެސް ދެކެފައިނުވާ ވަރުގެ ގުދުރަތީ ކާރިޘާއަކާއެވެ.


ސުނާމީ 2004
ސުނާމީ 2004
ސުނާމީ 2004
ސުނާމީ 2004

ޤުދުރަތީ މިކާރިޘާގައި ލިބުނު ގިނަގުނަ ގެއްލުންތަކުގެ ސަބަބުން ދިވެހީންގެ ގިނަބަޔަކަށް ހިތާމަވެރިކަމައި ވަރަށް ގިނަގޮތްގޮތުން ކުރިމަތި ވިއެވެ. މިނުރައްކާތެރި ޙާދިޘާގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހުރިހާދިވެހިން ޤައުމީގޮތުން އިއްތިޙާދުވެގެން ކުރެވުނު މަސައްކަތު ތެރޭގައި، ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުގައި ތިބި މީހުން ދޫކޮށްލައްވައި، އަދި ސަރުކާރުން، ދަޢުވާކުރެއްވުމަށް ކަނޑައެޅުއްވި ފަރާތްތަކާމެދު، ދަޢުވާ ކުރެއްވުން ހުއްޓާލުމުގެ ވިސްނުންފުޅެއް ރައީސް މައުމޫނުގެ ހިތްޕުޅަށް އިލްހާމު ކުރެއްވިއެވެ. މިކަމާ ގުޅިގެން އެމަނިކުފާނު ރަސްމީކޮށް މިކަން އިޢުލާނު ކުރެއްވީ، 1 ޖެނުނއަރީ 2005 ގައެވެ.


އާދެ! 1 ޖެނުއަރީ 2005 ގައި އޯގަސްޓް ބާރަތޭރަ، 2004 (ކަޅުހުކުރު) ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅުއްވާފައިވާ، ދައުލަތާ އިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާތައް އަނބުރާ ގެންނެވުމަށް ރައީސް މައުމޫނު ރަސްމީކޮށް ދައުލަތުގެ ބަންޑާރަ ނައިބަށް އެންގެވިއެވެ. ރައީސް މައުމޫނު މިކަން އިޢުލާނު ކުރެއްވީ، މީލާދީއާއަހަރުގެ މުނާސަބަތުގައި ނެރުއްވި ރަސްމީ ބަޔާނެއްގައެވެ. މިބަޔާނުގައި ވަނީ، މިފަދައިން ވެއެވެ. ~ނުނިމޭ~


 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page