top of page

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލެވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (6 ވަނަ، އަދި ފަހު ބައި)

Writer: ilyashusein
ilyashusein
3 days ago
39 min read

Updated: 2 days ago

*ކަޅުހުކުުގެ ހުރިހާ ބައިވެރިންނަށް ރައީސް މައުމޫނު މާފުދެއްވުން:

*މިހާދިސާއައި ގުޅޭ އަޅުގަނޑުގެ ބައެއް ލިޔުންތައް:

*ޑީއޯ ޚާއްޞަ އިންޓަރވިއު، 26 ނޮވެމްބަރ 2004:

*ކުއްލިގޮތަކަށް ޑިފެންސް މިނިސްޓްރީއަށް ހާޒިރުކުރުން:

*އެކެއް- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

*ދޭއް- ދެވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

*ތިނެއް- ތިންވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

*ހަތަރެއް- ހަތަރުވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

*ފަހެއް- ފަސްވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:

*ގޮޅިތައް މަރާމާތުކޮށް ގަދަފިޔާތޮށިކުލަ އެތެރޭގައިލުން:

*ކުޑަގޮޅީގައި ވަގުތު ހޭދަކުރާ ގޮތް:

*ކުޑަގޮޅިއަށް ބޭރުގެވަފުދުތައް ޒިޔާރަތްކުރުން:

*ބިންބިފޯސް:

*ޔާނުފޯސް:

*ބޮޑުމަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން:

*ކަޅުހުކުރުގައި ކޯއްޓޭ ބޮޑުދިދަ ކަނޑާލަން އުޅުން:

*ހަސަނާއި އަންނިއަކީ ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟:


ކަޅުހުކުުގެ ހުރިހާ ބައިވެރިންނަށް ރައީސް މައުމޫނު މާފުދެއްވުން:


"ޤައުމީއެއްބައި ވަންތަކަމަކީ، ޤައުމީ ވަޙްދަތަކީ، ޤައުމީ އެކުވެރިކަމަކީ، މިދަނޑިވަޅުގައި މިލޮބުވެތި ޤައުމުގެ ނިދާއެވެ. މިމަތިވެރި ރޫޙު މުޖްތަމަޢުގައި ދިރުވައި އާލާކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށެވެ. މީގެރަމްޒެއްގެ ގޮތުން، އޯގަސްޓް 12-13 ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ދައުލަތާއިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާ އާއި ޣައިރުޤާނޫނީ އެއްވުމަކާގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާގުޅޭ ގޮތުން މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާތައް ނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފި ވާހަކަ މިފުރުޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވަމެވެ." ~ރައީސްމައުމޫނު~


އާދެ! ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުކުރެވުނު މީހުންގެ ދަޢުވާތައް ސަރުކާރުން ދޫކޮށްލެއްވި ކަމުގެ ރަސްމީ ސިޓީތައް، ބަންޑާރަ ނައިބު އޮފީހުން، 15 މާރޗް 2007 ގައި އެފަރާތްތަކަށް ފޮނުއްވިއެވެ. މިކަންތައް މުޅިން ނިމިއްޖެ ކަމުގައި ހިތުގެއަޑިން، އަޅުގަނޑު ގަބޫލުކުރީ މިސިޓީ އަޅުގަނޑުއަތަށް ލިބުމުންނެވެ. މިސިޓީ މިހާރުވެސް އަޅުގަނޑު އަތުގައި ރައްކާކޮށްފައި އެބައޮތެވެ. އެސިޓީގައިވަނީ މިފަދައިންނެވެ.


އެޓަރނީޖެނެރަލް ހަސަން ސަޢީދުގެ ސިޓީ
އެޓަރނީޖެނެރަލް ހަސަން ސަޢީދުގެ ސިޓީ

ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް.  ދައުލަތުގެ ނިޝާން.

އެޓަރނީ ޖެނެރަލްގެ އޮފީސް. 

މާލެ.  ދިވެހިރާއްޖެ.  

ނަމްބަރު: 23/ 2007/ އެމް އައި އެސް/ އޭ 32


އައްލާޟިލް އިލްޔާސް ޙުސައިން އިބްރާހީމަށް. 


ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.


2004 ވަނަ އަހަރު އޯގަސްޓް މަހުގެ، 12-13 ގެ ޙާދިޘާއާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ދައުލަތާ އިދިކޮޅު ދަޢުވާއާއި، ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާ ގުޅޭގޮތުން، މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، 31 ޑިސެމްބަރ 2004 ވަނަ ދުވަހު ރައިސުލް ޖުމްހޫރިއްޔާ އެންގެވުމާ ގުޅިގެން، އޯގަސްޓްމަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅިގެން މިއޮފީހުގެ ނަމްބަރު، 659/ ޖކ/ 2004/ 1659 (27 އޮކްޓޯބަރ 2004) ދަޢުވާ ހުށަހަޅާފޯމުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޖިނާއީކޯޓަށް ހުށަހަޅާފައިވާ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ، 06 ޖަނަވަރީ 2005 ގައި މިއޮފީހުން އަނބުރާ ގެނެސްފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން އެދަޢުވާ، އިތުރަށް ކުރިއަށް ނުގެންދާނެ ކަމާއި އަދި، 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅޭގޮތުން ދައުލަތާ އިދިކޮޅު ޢަމަލާއި ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.


އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

25 ޞަފަރު 1428ހ.  15 މާރޗް 2007މ.

ޚާދިމުކުމް. 

ސޮއި: 

ޙަސަން ސަޢީދު 

އެޓަރނީ ޖެނެރަލް.


މ.ޖަވާހިރުވާދީ،

މާލެ.  ދިވެހިރާއްޖެ.


މިހާދިސާއައި ގުޅޭ އަޅުގަނޑުގެ ބައެއް ލިޔުންތައް:


އާދެ! ދެން މިގެނެސްދެނީ އެކިފަހަރުމަތީން ކަޅުހުކުރާ ގުޅޭގޮތުން އަޅުގަނޑު ލިޔެފައިހުރި ލިޔުންތަކެވެ. ފުތަރަމަ ގެނެސްދޭނީ ޖަލުގައި ހުރެގެން ތައްޔާރުކޮށް އިނގިރޭސި ވިލާތަށް ފޮނުވި އަޅުގަނޑުގެ އިންޓަރވިއޫއެވެ. މިވާހަކަތައް މިގޮތަށް ކުޑަސައްޕެގެ ދިވެހި އޮބްޒާވަރ ސައިޓުގައާއި އޮސްޓްރޭލިޔާއިން ނެރެމުން ގެންދިޔަ، ދިވެހި ކަލްޗަރ ޑޮޓްކޮމް ސައިޓުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ޝާއިޢުކޮށްފައި ވެއެވެ. އަދި މިއިންޓަރވިއޫގައި ކަޅުހުކުރުގެ ބަންދުގައި ހުރެފައި މާލެއަށް، ގޭބަންދަށް ގެނައިދުވަހު ތޮށިގަނޑުމަތިން ނަގާފައިވާ ފޮޓޯއެއް ޝާއިޢުކޮށްފައި ވެއެވެ.


ކުޑަގޮޅިގައި، 89 ވުވަހަށް ފަހު، ގޭބަންދަށް ބަދަލުކުރަން މާލެ ގެނައި ދުވަހު މާލެ ތޮށިގަނޑު މަތީގައި
ކުޑަގޮޅިގައި، 89 ވުވަހަށް ފަހު، ގޭބަންދަށް ބަދަލުކުރަން މާލެ ގެނައި ދުވަހު މާލެ ތޮށިގަނޑު މަތީގައި

ޑީއޯ ޚާއްޞަ އިންޓަރވިއު، 26 ނޮވެމްބަރ 2004 :


ދިވެހިރާއްޖެއަށް ބޮޑު ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ގެނެސް، ސިޔާސީ ނިޒާމް އިސްލާހުކޮށް ރިފޯމް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ދުނިޔޭގެ އެތަންމިތަނުން ތާއީދުކޮށް ސަޕޯޓުކުރާ ފަރާތްތަކަށް، ދިވެހިރާއްޖޭގެ ރިފޯމިސްޓެއް ކަމުގައިވާ އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް، މ.ޖަވާހިރުވާދީ (ޖަވާހިރުވާދީ އިލްޔާސް) ދެއްވިޚާއްޞަ އިންޓަރވިއު!


މިއިންޓަރވިއު ހޯދިފައި މިވަނީ، ވަރަށް ސިއްރުންނެވެ. އިލްޔާސް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. މިމަސައްކަތްކުރި ފަރާތްވަނީ، ސަލާމަތަށްޓަކައި ސިއްރު ކުރެވިފައެވެ. މިއިންޓަރވިއު އެކުލަވާލުމުގައި އެހީތެރި ވެދީފައިވަނީ، އިލްޔާސާއެކު، އެކިއެކިޓީމުތައް ބައްދަލުކޮށް ދެއްކިވާހަކަތައް ނޯޓުކޮށް ލިޔެހެއްދެވި ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް ފަރާތްތަކެވެ.


އަދި އިލްޔާސް އެކިފަހަރު މަތީން އެކިވަފުދުތަކާ ބައްދަލުކޮށް އިލްޔާސް ދެއްކެވި ވާހަކަތަކުންނާއި ޢާއިލީ ބައްދަލު ވުންތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އަދި އިލްޔާސް ގޭބަންދަށް ބަދަލުކުރުމުން އޭނާނޯޓުކޮށް، ލިޔުއްވައިދެއްވި ލިޔުންތައް ހުރިގޮތަށް ހުށަހަޅާއި ދީފައިވާނެއެވެ.


ސުވާލު: އިލްޔާސްގެ ކުޑަތަޢާރުފެއް ދެއްވަފާނަން ތޯއެވެ؟


ޖަވާބު: 1983 ވަނަ އަހަރު ގްރެޖުއޭޓް ވުމަށްފަހު، 1984 ގެފަހުކޮޅު ރާއްޖެއައިސް މިއަދާ ހަމައަށް ވެސް، ރާއްޖެއަށް ބޮޑު ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް، އެކަމުގެ އެންމެފުރިހަމަ ގޮތުގައި ރާއްޖެއަށް ތަޢާރުފްކޮށް، ރާއްޖޭގެ ސިޔާސީ ނިޒާމަށް، މިރޮންގުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް، ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާރަށަކަށް އެކިފަހަރު މަތީން ކުރެވިފައިވާ ދަތުރުތަކުގައި މަސައްކަތްތަކެއް ކުރެވިފައި ވާނެއެވެ.


މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ރައްޓެހިން ނުތިބޭނެ އެއްވެސްރަށެއް ނޯންނާނެއޭ ދެންނެވި ދާނެއެވެ. ވެރިން ފެންވަރުން ފެށިގެން، އެންމެއާދައިގެ މީހުންނަކީވެސް ވަރަށް އެކުވެރިގާތް، ރައްޓެހީންނެވެ. ސިޔާސީ ވާހަކަތަކުން ފެށިގެން ހުރިހާވާހަކަ ތަކެއް އެއްވެސް ބިރެއް ޖެހިލުމެއްނެތި ދެކެވޭ ފަރާތްތަކެވެ. އެހެންވެ ހުރިހާއެންމެން ވެސް، އިލްޔާސަށް ވަރަށް ލޯބިވާނެއެވެ. ތާއީދުކުރާނެއެވެ. އަދި އެހީތެރިވާނެއެވެ.


ދިވެހިންނަކީ، އިސްލާހީ ވާހަކަތައް އަޑުއެހުމަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ކަށަވަރެވެ. 1984 ވަނަ އަހަރުން ފެށިގެން، އަޅުގަނޑު ޚިދުމަތް ކުރަމުން މިގެންދަނީ ދިވެހިދައުލަތަށެވެ. 8 އޯގަސްޓް 2004 ވަނަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން، އެމިނިސްޓްރީގެ ވަޒީރު، ޢަބްދު ﷲ ޙަމީދު އަޅުގަނޑުދެކެ ކޯފާވެގެން، އެޓޮލްސްގައި އިލްޔާސް ކުރައްވާނެ އެއްވެސް މަސައްކަތެއް، މިނިސްޓްރީގެ އޮނިގަނޑު ރޭވިފައިވާ ގޮތުން މިހާރުނެތީމާ، އޭނާއަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނޯޓިސް ދެއްވުން، އެދި ލިޔުއްވުމުން ރައީސް އޮފީހުންވަނީ، އެޓޮލްސް މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން، އިލްޔާސަށް ނޯޓިސް ދެއްވައި ފައިނޭސް މިނިސްޓްރީގައި ނޯޓިސް ދެވޭ މީހުންނަށް އޮންނަ ޚާއްސަމަޤާމަކަށް ބަދަލުކޮށް ފައެވެ.


އަދި ވަޒީފާއެއް އެހެންތާކުން ހޯދުމަށް ދެވުނުނޯޓިސް ދެވުނު ތިންމަސް ދުވަހުގެ މުއްދަތުގައި ބެހެއްޓީ ޖަލުގައެވެ. ބަންދުގައި ހުއްޓައި ތިންމަސް ހަމަވުމުން ވަޒީފާއިން ވަކިކުރީއެވެ. ދޫކޮށްލީ މިކަން އެކުގައިކޮށް ނިންމާފައެވެ.


އެހެނަސް، މިވީހާތައް ދުވަހު އެޓޮލްސް މިނިސްޓްރީގައި، އިލްޔާސް ކުރާނެ މަސައްކަތް ހުއްޓެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާބޭއްވި ދުވަހު، ޤާނޫނު އަސާސީގެ، 133 ވަނަ މާއްދާގެ މާނަ ވިސްނުމުގައި އޮޅުންއަރައިގެން ކުރެވުނު ހޫނުގަދަ ބަހުސުގައި ޚިޔާލުތަފާތުވި ޚިޔާލުތަފާތު ވުމަކާގުޅިގެން، މިކަންތައް ޒާތީރުޅިވެރި ކަމަކަށާއި ޒާތީޙަސަދައަކަށް ބަދަލުވެ، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިލްޔާސް ވަޒީފާއިން ވަކިކުރެއްވީއެވެ. އެކަން ކުރެއްވީ ކުއްލިއަކަށް މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނެސް އަޅުގަނޑު ހުރި މަގާމު އުނިކޮށްލައި ގެންނެވެ.


ޤާނޫނު އަސާސީގެ މާއްދާތަކެއްގެ މާނަވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން، ޚާއްޞަމަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި، ވަގުތީ ރައީސެއްގެ ގޮތުން އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދު ﷲ ޙަމީދު ޚާއްޞަ މަޖިލީހުގެ ރައީސެއް ހޮވުމުގައި ހާމަވޯޓެއް ނަންގަވަންބުރަވެ އެޅުއްވި ފިޔަވަޅަކީ، ޤާނޫނު އަސާސީއާ ތަޢާރުޞުވާ ކަމެއްކަމަށް އަޅުގަނޑަށް ވިސްނިފައިވާތީ އެމައްސަލައިގެ ޤާނޫނީ ލަފައެއް ހޯދުމަށް ޝަރުޢީކޯޓަށް ވެއްދީ، އަބްދު ﷲ ޙަމީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވާތީ އެހައިސއްތުގައެވެ.


އަލްއުސްތާޒު އަބްދު ﷲ ހަމީދު  1939 - 2015 (ރަހިމަހު ﷲ)
އަލްއުސްތާޒު އަބްދު ﷲ ހަމީދު 1939 - 2015 (ރަހިމަހު ﷲ)

އަދި ރައްޔިތުނެގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖައްސާގައި ވަގުތީގޮތުން އިންނެވި ރައީސަކީ އެމަނިކުފާނަށް ވާތީއެވެ. ހެންވޭރު މީނާޒު އަލްއުސްތާޒު ޢަބްދު ﷲ ޙަމީދާ ދެކޮޅަށް ކުރާދަޢުވާއެއްގެ ގޮތަކުނޫނެވެ. އެހެނަސް ހާމީދު މިކަމާކޯފާ އިސްކުރައްވައި އިލްޔާސް ސަރުކާރުން ކަނޑާލެއްވީ، މިކަމުގައި ޒާތީގޮތުން، ބަދަލުހިއްޕެވުމުގެ ގޮތުންނެވެ.


ގާނޫނު އަސާސީގެ، 133 ވަނަ މާއްދާ ބުނަނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިޚާބު ތަކުގައި ވޯޓުނަގަންވާނީ ސިއްރުން ކަމަށެވެ. އެހެނަސް އެޖަލްސާގައި ޙަމީދު ވޯޓުނަންގަވަން އުޅުއްވީ ހާމަކަންބޮޑުކޮށް އަތްހިއްލައި ގެންނެވެ. އެކަން ކުރައްވަން ބޭނުންފުޅު ވަނީ މެމްބަރުން ބިރުން އަތްނުހިއްލާ ތިއްބަވަން ބިރުގަނެ ސަރުކާރު ބޭނުންވާ ގޮތަށް ހުރިހާ މެމްބަރުން ވެސް އަތްޕުޅު ހިއްލައްވާނެތީއެވެ. މިކަން ދުސްތޫރުގައި ސިއްރުވޯޓެއްގޮތަށް ލިޔެފައި އޮންނަނީ މިފަދަ ސަރުކާރުގެ ނުފޫޒާއި ބިރުތަކުން ރައްކާތެރި ކުރުމަށެވެ. ހޫނު ބަޙުސަކަށް މުޅިޖަލްސާ ދާންޖެހުނީ މިކަމާހެދިއެވެ.


މި ދަނޑިވަޅުގައި އެންމެބޮޑަށް ފާހަގަކުރަން ޖެހެނީ، ހެންވޭރު މީނާޒު އަލްއުސްތާޒު އަބްދު ﷲ ޙަމީދާއި ޖަވާހިރުވާދީ އިލްޔާސާ ދޭތެރޭގައި އެއްވެސް ކަހަލަ ޒާތީމައްސަލައެއް ނެތްކަމެވެ. އިލްޔާސް ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ވަޒީރެވެ. ވެރިޔާއެވެ. އަދި އުސްތާޒެކެވެ. ރުޅިވެރިކަމެއް ޒާތީއެއްވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ.


މިފަދަ ކަމަކާ ގުޅިގެން ޒާތީޙަސަދައެއް އަދި ރުޅިވެރިކަމެއް ބާއްވައިފިނަމަ، އެއީ އެމަނިކުފާނުގެ ނާޤާބިލްކަން ހާމަވެގެން ދިއުންކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އިލްޔާސް ބުނުއްވާ ގޮތުން، އިލްޔާސްގެ ނިޔަތް ސާފެވެ. ހިތްމުޅިން ތާހިރުވެފައި ސާފެވެ. ޙަމީދާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ.


ކުއްލިގޮތަކަށް ޑިފެންސް މިނިސްޓްރީއަށް ހާޒިރުކުރުން:


އާދެ! ވެރިކަމުގެ ރެޖީމުން މިއަދާ ހަމައަށް އިލްޔާސް ފަސްފަހަރު ދޫނިދޫ ޖަލުގައި ކުޑަގޮޅީގައި ހައްޔަރުކޮށްފައި ވެއެވެ. މިފަސްފަހަރުގެ އިތުރުން، 1984 ވަނަ އަހަރު ކިޔަވާނިމިގެން މާލެއައިތަނާހެން، ކުއްލިގޮތަކަށް މިނިސްޓްރީ އޮފް ޑިފެންސަށް ރޭގަނޑެއްގައި ހާޒިރުކޮށް، އަންބަރީ އަބްދުއްސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު އިންނަވައިގެން، އިލްޔާސް ކިޔެވި ދުވަސްވަރު ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ "ޞައުތުލް އިސްލާމް" މަޖައްލާގައި ލިޔުއްވާފައިވާ މަޒްމޫނަކާ ގުޅޭގޮތުން ސުވާލުކުރައްވާއި އިންޒާރު ދެއްވާފައި ވެއެވެ. އިލްޔާސްގެ އެމަޒްމޫނު ތަކުގައި ރާއްޖޭގެ ސިޔާސަތާ ބެހިފައި ހުރިކަމަށް ވިދާލުވެއެވެ. އެފަހަރު ޖަލަށް ނުގެންގޮސް ބިރުދައްކާލާފައި އިންޒާރުކުރުމަށް ފަހު، ދޫކޮށްލީ މީގެފަހުން އެކަހަލަ މަޒްމޫނުތައް ލިޔުންމަނާކޮށް ފައެވެ.


1985 ގައި ޑިފެންސަށް ހާޒިރުކުރުމުން ރައީސަސް ދެންނެވި ސިޓީ ސިފްހާ 01
1985 ގައި ޑިފެންސަށް ހާޒިރުކުރުމުން ރައީސަސް ދެންނެވި ސިޓީ ސިފްހާ 01
ސޮފްހާ 02 (ދެއްވި ޖަބާތުަކާ އެކު)
ސޮފްހާ 02 (ދެއްވި ޖަބާތުަކާ އެކު)

އެކެއް- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:


އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި އެފްޕީއައިޑީގެ އިސްވެރިއަކަށް ހުންނެވި، މާކުން އަބްދުއްސައްތާރާ ދެމެދު، އަބްދުއްސައްތާރު (ސަޓޯ) ދޫނިދޫ ޖަލުގައި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ކުޑަގޮޅީގައި ބަންދުވެފައި ހުންނަވަނިކޮށް، ސިފައިންގެ ބޭކަލަކު މެދުވެރިވެގެން ގޮޅިއަށް ގެނެވުނު ކޯޑްލެސް ފޯނަކުން، މާލޭގައި ހުންނެވި އެންދެރިމާގޭ އިލްޔާސާ ދެކެވިފައިވާ ވާހަކަތައް ރެކޯޑް ކުރެވިފައިވާ ކެސެޓްޓޭޕް ރޯލެއް ގެންގުޅެ، އެރޯލްއަޑުއަހާއި މީހުންނަށްދީ ބަހާއި އަޑުއެހުމުގެ މައްސަލާގައި އިލްޔާސް ފުރަތަމަ ފަހަރު ޖަލަށް ލެވުނީއެވެ. މިކަމުގައި، 45 ދުވަހު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބެހެއްޓުނެވެ.


އަދި އެއަށްފަހު، އެމައްސަލަ ޝަރުޢީކޯޓަށް ގެންގޮސް، 6 މަސްދުވަހުގެ ޙުކުމެއް ޖަލަށް އިއްވިއެވެ. މިޝަރީޢަތް ދިޔައީ ވަރަށް ހެއްވާކޮށެވެ. އަސްލުގައި ކުށްކުރިމީހާ ސަލާމަތުން ބަހައްޓާފައި އަޑުއެހި މީހުންނަށް ހޭއަރުވާލާ އުސޫލުންނެވެ. ޑިފެންސް މިނިސްޓަރަށް ހުންނަވައިގެން ޖަލުގެކުޑަ ގޮޅީގައި ބަންދުގައި ހުރިކުށްވެރި އަކާއެކު އޭނާބަންދު ކުރެވިފައިވާ މައްސަލައާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކޮށް ލުމެއްނެތިއެވެ.


އެރޯލްއަޑުއެހި އެތައްބަޔަކު ގެނެސް ޖަލުގައި ބަންދުކޮށް ޖަލަށްލުމަށް ޙުކުމްކުރީއެވެ. މިފެންނަނީ މިރެޖީމުގެ އިންސާފުހުރި ގޮތެވެ. މިވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައި އިލްޔާސް އަޅުގަދަކޮށް ގޮވާފައި ވާނެއެވެ. އަސްލުގައި މިވީގޮތަކީ ގަސްގަނޑު ބަހައްޓާފައި ގޮފިތައް ކަނޑާލާއި ކުދިކުދިކޮށްލާއި ގަހުގެފަތްކޮޅު ދުއްވާލީއެވެ! ވިއްސިވިހާލިކޮށް ލީއެވެ. މިއީ އިންސާފުކަމަށް ބެލެވޭނެ ތޯއެވެ؟ ނޫނެކެވެ!


ދޭއް- ދެވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:


ދިވެހި ރާއްޖޭގައި މިހާތަނަށް ނެރެވުނު އެންމެ މަޝްހޫރުވި، އަދި އެންމެ މިނިވަން މަޖައްލާ ކަމުގައިވާ ސަންގު، ސަރުކާރުން އޭގެ ވަރަށް ޅައުމުރުގައި ބަންދު ކުރެއްވީމާ، "މަންތިރި" މިނަމުގައި ރާއްޖޭގައި އެންމެފުރަތަމަ ރަޖިސްޓަރީ ކުރެވުނު "ސިޔާސީމަޖައްލާ" ގެ ގޮތުގައި ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން މަންތިރި ނެރެންފެށީ އިލްޔާސެވެ.


މަންތިރި 1990
މަންތިރި 1990

އިންފޮރމޭޝަން މިނިސްޓްރީގައި ޤާނޫނާއި ޤަވާޢިދައި އެއްގޮތް ވާގޮތުގެމަތިން ރަޖިސްޓަރީ ކުރުމަށް ނަގަންޖެހޭ ހުރިހާހުއްދަ ތަކަކާއެކު ލޭއައުޓް ހިފައިގެން މާލޭގައިހުރި ހުރިހާ މަޝްހޫރު ޕްރެސްތަކަށް ހިނގުމުން ވެސް ޗާޕްކޮށްދޭނެ މީހަކު ނުވިއެވެ. ބިރުވެރިކަން ހުރި މިންވަރަކީ މިއީއެވެ.


މިކަން މިހެންވީ ޕްރެސްތަކުން މިރެޖީމުދެކެ ގަންނަބިރުންނެވެ. ޗާޕުޚާނާތަކަށް ދައުލަތުގެ ބިރުބޮޑީއެވެ. ސީޕްރިއާ ޕްރިންޓުގެ ޕަބްލިޝަރު، މުޙައްމަދު ސަޢީދު ވިދާޅުވީ، ރަސްމީހުއްދަތައް ހުރިކަމުގައި ވިޔަސް މަންތިރި ޗާޕްކޮށްދޭން ނުކެރޭނެ ކަމަށެވެ. ނޮވެލްޓީ ޕްރެސްއިން، ޢަލީޙުސައިން ދެގަނޑިއިރު ވަންދެން ދިގުބަހަނާ ވާހަކަތަކާއި ސިޔާސީ އިބްރަތްތެރި ބަހުސަކަށް ފަހު، ވިދާޅުވީ މަންތިރި ޗާޕްކޮށްދެއްވަން ކެރިވަޑައި ގަންނަވާނީ، މަންތިރި މިއޮތްގޮތަށް ޗާޕްކުރުމާމެދު އިޢުތިރާޟެއް ނެތްކަމަށާއި ޗާޕްކޮށްދީގެން އެއްވެސް މައްސަލައެއް ނުޖެހޭނެކަމުގެ ލިޔުމެއް ސަރުކާރުގެ ކަމާބެހޭފަރާތުން ގެނެސް ދިނުމުން ޗާޕްކޮށް ދެވިދާނެ ކަމަށެވެ.


މިފަދަ އިތުރުލިޔުމެއް ދޫކުރާނެ އެއްވެސް އޮފީހެއް އުޅެއުޅެވެސް ނުވިއެވެ. ދެން މަންތިރީގެ ލޭއައުޓް ހިފައިގެން ދާންޖެހުނީ، އަވަށްޓެރި ސްރީލަންކާއަށެވެ. ލަންކާއިން ވަރަށް ފަސޭހައިން ރަސްމީލިޔުންތައް ދައްކާލުމުން ޗާޕްވެއްޖެއެވެ. މަންތިރި ލަންކާއިން ޗާޕްކޮށްގެން ގެނައިތަނުން، ހުޅުލޭ އެއަރޕޯޓުން ހިފަހައްޓައި ހުރިހާ އަދަދުތަކެއް ސަރުކާރުން ކޮންފިސްކޭޓް ކުރީއެވެ. އެއަރޕޯޓަށް މަންތިރީގެ، 1000 (އެއްހާސް) ކޮޕީ އެމަޖައްލާ މާލެ ގެނައި ފަރާތުން ހަވާލުކުރިއެވެ.


އެމަޖައްލާތައް ޗާޕްކޮށްގެން ސްރީލަންކާއިން މާލެއަށް ގެނައީ މަންތިރީގެ އެޑިޓަރ ގ.ތަލްވާރުގޭ އާދަމް ރަޝީދެވެ. މާލެ ގެނައި އެއްހާސް ކޮޕީގެ ތެރެއިން ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ރަސްމީކޮށް އެންގެވީ، 800 ވަރަކަށް ކޮޕީއެވެ. ކަސްޓަމުން ބައެއް އަދަދުތައް ޣައިބުވީއެވެ.


މިކަމާ ގުޅިގެން މަންތިރިތައް މާލެ ގެނައި މަންތިރީގެ އެޑިޓަރ ގ.ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދާއި އިލްޔާސް ޙުސައިން އިބްރާހީމް ދޫނިދޫޖަލަށް ލެވުނީއެވެ. ދެވަނަ ފަހަރަށް އިލްޔާސް ޖަލަށް ލެވުނީ މަންތިރި މަޖައްލާގައި އިލްޔާސް ލިޔެފައިވާ މަޒްމޫނަކާ ގުޅިގެންނެވެ.


އިލްޔާސް ދަންވަރު ގޮޅިން ނެރެގެން ސުވާލުކުރަމުން ގެންދިޔައީ ވ.ޅަހުއްތެވެ. ކުރަމުންގެންދެވި ސުވާލަކީ، މަންތިރީގައި އިލްޔާސް ލިޔުއްވާފައިވާ، "3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާ މިއޮތްގޮތަށް ތާރީޚުގެ ތެރެއަށް ވެދެނިމި ދާނީތޯއެވެ؟" މިސުރުޚީގެ ދަށުގައި އިލްޔާސް ލިޔެފައިވާ އާޓިކަލާ ގުޅިގެން ވ.ޅަހުއްތު ވަރަށް ގިނަސުވާލުތައް އެކިގޮތްގޮތަށް ކުރެއްވިއެވެ.


މިއާޓިކަލްގައި އިލްޔާސް ލިޔުއްވާފައިވަނީ، އެމްވީ ޕްރޮގްރެސްލައިޓް ބައިނަލްއަޤްވާމީ ކަނޑުގައި އިންދައި އިންޑިއާސިފައިންގެ ހަނގުރާމަމަތީ ބޮޑުމަނަވަރެއް ކަމުގައިވާ އައިއެންއެސް ގޯދާވަރީން، ބޮޑުބަޑިޖަހާއި ފައްތާލީ، އަދި ހެލިކޮޕްޓަރުގައި ގޮސް ޕްރޮގުރެސް ލައިޓަށް ކުދިކުދި ބޮންތަކެއް އޮއްސާލައި، އަދި އެބޯޓުފައްތާލީ އިންޑިއާ މަނަވަރަށް، ދިވެހި ސިފައިންގެ އިސްމީހުން ގެންގޮސް މަނަވަރުގައި ބައިތިއްބައިގެން އެމީހުންގެ ހުއްދަ އާއި އަމުރުހޯދައިގެން ކަމަށް، ގޯދާވަރީ މަނަވަރުން އިލްޔާސާ ބައްދަލުކުރި މަނަވަރުގެ ފްލައިޓް އިންޖިނޭރަކު، އިސްލާމީ މަރްކަޒުގެ ލައިބްރަރީގައި އިނދެ، އިލްޔާސް ކައިރީގައި މިވާހަކަ ބުނެފައި ވާކަމަށް މަންތިރީގައި ލިޔެފައިވާތީއެވެ.


މިއީ ސާބިތުނުހިފޭ ދޮގުވާހަކައެއް ކަމަށް ހަދާއި މިމައްސަލާގައި އިލްޔާސްގެ މައްޗަށް އެ ފަހަރު، 6 މަސް ދުވަހުގެ ޙުކުމެއް ޖަލަށްލުމަށް އިއްވިއެވެ.


ތިނެއް- ތިންވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:


ތިންވަނަ ބުރަކަށް ދޫނިދޫޖަލަށް ގެންދިޔައީ، 1990 ވަނަ އަހަރު މާލޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލައި ހިންގި ހަރަކާތްތަކުގައި ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމްގެ ފަރާތުން، އައްބާސް އިބްރާހީމާއި ކާށިދޫ ޙުސައިން ފުޅު (ސިފައިންގެ އިސްވެރިއެއް) އިސްކޮށް ހުންނަވައިގެން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ އުނދަގޫތައް ބައެއްޒުވާން އިސްލާހީ ހަރަކާތްތެރީންނަށް ބޮޑުވެގެން، ސަލްޓަން ޕާކްތެރޭގައި އެއްވެސް މީހަކަށާއި ތަނަކަށް ގެއްލުންނުވާގޮތަށް ހަމައެކަނި، ގަދައަޑުފައްގަނޑެއް ހުރެފައި އަލިފާންކަނިތަކެއް މައްޗަށް އަރައިގެންގޮސް ހުލިވާގޮތަށް އާދައިގެގެއެއް ތެރޭގައި ބަޔަކުއަމިއްލަ އަތުން، އެނބުރޭފަންކާއެއްގެ ޓައިމަރުސުވިޗެއް ލައިގެން ތައްޔާރުކުރި "ކަޓޫރަބޮމެއް" ގޮއްވާލި މައްސަލަ އެނގިހުރެ ނޭންގުމުގެ ތުހުމަތުގައެވެ.


މިކަޓޫރަބޮން، 1990 ވަނަ އަހަރު ފަހުކޮޅު ސަލްޓަންޕާކު ތެރޭގައި ގޮއްވާލިއިރު، އަޅުގަނޑުހުރީ ދޫނިދޫޖަލުގައި މަންތިރީގެ މައްސަލާގައި ކުޑަގޮޅީގައި ހައްޔަރުކޮށް ފައެވެ. އެހެނަސް މިކަމަކީ، އަޅުގަނޑާއި އަންނިއަށް އެނގިގެން ހިންގިކަމެއް ކަމަށް ތުހުމަތު ކޮށްފައި ޖަލުގައި ބޭތިއްބީއެވެ. މިބަންދުގައި ހައްޔަރުކޮށްފައި ހުރީ، 6 ފޫޓު، 3 ފޫޓުގެ ޓިނުގޮޅިއެއް ގައެވެ. މިގޮތަށް ހުރި ހުރުމުގައި އެއްހުޅުބިޑި އަޅުވާއި ކީސްބިޑި އަޅުވާއި ޗޭނުބިޑި އަޅުވާއި މިހެންގޮސް ހުރިހާވައްތަރެއްގެ ބިޑީގެ އަޒާބުތައް ދެއްކިއެވެ.


އަދި އަނދަގޮނޑިއަށްލައި ޗޭނުން ބިރުގެންނެވުމަށް ފަހު، އިތުރު ސުވާލުތައް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ބައެއް މެމްބަރުންނާ ގުޅޭގޮތުން ސުވާލުކުރިއެވެ. ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ގޯގޯލަޠީފައި މިފަދަ އެހެން ސިޔާސީ ލީޑަރުންނާ ގުޅޭގޮތުން އިލްޔާސާ ސުވާލުކުރިއެވެ. ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، ޖަވާހިރުވާދީ ތެރޭގައި ވާހަކަދެކެވުނުތޯ އިލްޔާސާ ތަކުރާރުކޮށް ސުވާލުކުރިއެވެ.


އެންމެގަދަޔަށް ސުވާލުކުރީ، މަޖިލީހުގައި އިތުބާރުނެތް ކަމުގެވޯޓެއް ނެގުމަށް ޖަވާހިރުވާދީ ތެރޭގައި މެމްބަރުން ވާހަކަ ދެއްކެވި ތޯއެވެ؟ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތައް އިލްޔާސަށް އެނގޭނެއެވެ. ބުނެކިޔައި ދިނުމަށް ތަކުރާރުކޮށް އެދެމުން ގެންދިޔައެވެ. އިތުރުއަނިޔާކޮށްފައި ވެސް ކުރަމުންގެންދިޔައީ މިސުވާލުތަކެވެ. މިއަނިޔާގައި ބަރާބަރު، 45 ދުވަހު ތެޅުވުމަށް ފަހު، ކުޑަގޮޅީގައި ގެއަށް ނުގެންގޮސް ބަހައްޓައިގެން، ޝަރުޢީކޯޓަށް މައްސަލަ ފޮނުވައި، 3 އަހަރު ދުވަހުގެ ޙުކުމެއް ޖަލަށް އިއްވީއެވެ.


ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ ކަންތައް އެނގިހުރެ ނާންގައި ސިއްރުކުރިކަމުގެ ކުށުގައި އަލަށް އެކުލަވާލި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. 18 މަސް ދުވަހު، ދޫނިދޫޖަލުގެ ކުޑަގޮޅިގައި އެކަހެރިކޮށް ބެހެއްޓުމަށް ފަހު، ކ.ހިންމަފުށީ، ގާމާދޫޖަލުގައި އަނެއް، 18 މަސްދުވަހު ބެހެއްޓުމަށް ފަހު، މިނިވަންކުރީ ގާތްގަނޑަކަށް ތިންއަހަރު ދުވަސް ކޮށްފައެވެ.


ހަތަރެއް- ހަތަރުވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:


ހަތަރުވަނަ ބުރަށް ދޫނިދޫޖަލަށް ގެންދިޔައީ އީވާން ނަސީމްގެ މަރާއި ޖަލުގައި ބަޑިޖަހާއި ބަޔަކު މެރުމުގެ ޙާދިޘާއާ ގުޅިގެން، 20 ސެޕްޓެމްބަރ 2003 ގައި މާލޭގައި ހިނގި ސިޔާސީ ކަންތައްގަނޑުގެ އިސްވެރިޔަކަށް އިލްޔާސް ލީޑުކޮށްދޭން ހުރުމުގެ ތުހުމަތުކޮށްފައެވެ. އެދުވަހު މާލެތެރޭގައި ހިނގާދިޔަ ހުރިހާކަމެއްގެ މޭސްތިރިއަކީ އިލްޔާސް ކަމަށް ފުލުސް އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.


ޖަލުގައި، 45 ދުވަހު ބެހެއްޓުމަށް ފަހު، ދޫކޮށްލީ ދެން އިތުރަށް ކުރާނެ ސުވާލެއްނެތްކަމާއި، މިހާތަނަށް ކުރަންހުރި ސުވާލުތައް ނިމުނީކަމަށް އަންގާއި ފޮތެއްގައި ސޮއި ކުރުވާފައެވެ. މިއީ އިލްޔާސްގެ މައްޗަށް ސާބިތުހިފޭ އެއްވެސްކަހަލަ ހެއްކެތްނެތި ސަރުކާރުން ރާވައިގެން ކޮށްފައިވާ ބޮޑު މާސިންގާދޮގު ތުހުމަތެކެވެ. މާލޭގައި ހަމަނުޖެހުން ހިނގާދިޔަ ދުވަހު، އެޙާދިޘާތައް ހިނގިއިރު އިލްޔާސް ހުރީ، ހުޅުމާލޭގައެވެ. މިކަން ދަންނާނެ ބައިވަރު ހެކިންވެސް ތިއްބެވިއެވެ.


ފަހެއް- ފަސްވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:


ފަސްވަނަ ފަހަރަށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި، އިލްޔާސް ހައްޔަރު ކުރީ، 12-13 އޯގަސްޓް 2004 ގައި ޖުމްހޫރީ މައިދާނުގައި ރައްޔިތުންގެ ބަޔަކު ހިންގި މަދަނީ ބަސްނޭހުމުގެ ޙާދިޘާއާ ގުޅިގެންނެވެ. މިއީ ރާއްޖެދުށް މަޝްހޫރު، "ކަޅުހުކުރު" ގެޙާދިޘާގެ ކަންތައްގަނޑެވެ. މިއީ ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފޮހެވޭނެ ސިޔާސީ ހަރަކާތެއް ނޫނެވެ. 13 އޯގަސްޓް ވީހުކުރު ދުވަހު، އިލްޔާސްގެ އަމިއްލަގެ ކަމުގައިވާ ޖަވާހިރުވާދީން ނެރެގެން، ގެންދިޔަގޮތަށް ގެންދިޔައީ ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށެވެ.


ޖަލުގެ ކުޑަގޮޅިން ގެއަށް ބަދަލުކުރީ، 9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަހު ހަވީރުވަގުތު ގައެވެ. އެދުވަހަކީ ކުޑަގޮޅީގައި، 89 ވަނަ ދުވަހު ބެހެއްޓުމަށް ފަހު، ގޭބަންދަށް ގެނައިގުވަހެވެ. މަތީގައި އެވަނީ އެދުވަހު މާލެ އަށް ފޭބިތަކުން ސިލްވާރސީން އަލީވަހީދު ނެންގެވި ފޮޓޯއެކެވެ. ގޭގައި ހަމަޖެހިލުމަށް ފަހު، ޖަލުގެ މިޙާދިޘާގެ ނޯޓުތައް ލިޔުނީ ގޭގައި ހުރެގެން، އިނގިރޭސިވިލާތަށް ބޭރުކުރިގޮތަށް އަދިވެސް އިލްޔާސް އެހުންނަނީ، ގޭބަންދުގައެވެ. 1 ނޮވެމްބަރު 2004 ގައި، އިލްޔާސްގެ މައްސަލަ ޝަރުޢީކޯޓަށް ހުޅަހެޅުމަށް ރަސްމީކޮށް އިޢުލާނު ކުރެއްވިއެވެ.


އިލްޔާސް ބަންދުކުރެވުނީ، ޤަނޫނު ނަމްބަރު: 68/4 (ޢާއްމު ޤާނޫނުތަކެއް) ގެ، 6 ވަނަ މާއްދާއާއި "ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރު ނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު" ގެޖަދުވަލު، 1 ގެ 2 ވަނަ މާއްދާގެ ދަށުންނެވެ. އިލްޔާސްގެ ތަޙްޤީޤުނިމި، ރާއްޖޭގެ އިދާރީ އާދަކާދައިގެ މަތިން ބަޔާނުގެ، 4 ކޮޕީގައި ސޮއިީކޮށް ނިމުނީ، 6 އޮކްޓޯބަރ 2004 ވަނަ ދުވަހުއެވެ.


މިހާހިސާބުން މިވަނީ ރަސްމީ ސިފައެއްގައި ތަޙްޤީޤު ނިމިފައެވެ. އެހެނަސް އަދިވެސް ދޫކޮށްނުލައްވައި އިލްޔާސްވަނީ ބަންދުގައި ޤާނޫނާއިޤަވާޢިދާ ޚިލާފަށް ބަހައްޓާފައެވެ. މިއީ މިރެޖީމުގެ އިންސާފުހުރި މިންވަރެވެ. ޚާއްޞަމަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދިނުމުން މަޙްރޫމް ކޮށްފައި ވަނީ ވެސް ޤާނޫނާއި ޤަވަޢިދާ ޚިލާފަށެވެ. މިކަންތަކުގެ ޒިންމާ މިރެޖީމުން ކޮންމެވެސް މީހަކު އުފުލަން ޖެހޭނެކަން ކަށަވަރެވެ.


ސުވާލު: 13 އޯގަސްޓް 2004 ދުވަހު ކަޅުހުކުރުގެ ހަރަކާތުގައި އިލްޔާސް ބަންދުކުރީ، ކީއްވެ، ކިހިނެތް، އަދި ކޮންތާކުން ތޯއެވެ؟


ޖަވާބު: 13 އޯގަސްޓް 2004 ވީހުކުރު ދުވަހުގެރޭ، 7:30 ގައި ބީބީސީއިން އޭޝިޔާޓުޑޭ ބަލަން އިންދާ ސިފައިން އަޅުގަނޑު ބަލާ، ޖަވާހިރުވާދީއަށް އައިސްވަނެވެ. އެވަގުތަކީ، ބީބީސީން އަންނިގެ އިންޓަރވިއު ފެށިވަގުތެވެ. އަންނިގެ ވާހަކަތައް އަހާނުލެވި ދާންޖެހުނީމާ ވަރަށް ދެރަވިއެވެ. އަޅުގަނޑުއިނީ ޤާނޫނު އަސާސީން ހުރުމަތްތެރިކަން ލިބިގެންވާ، އަޅުގަނޑުގެ އަމިއްލަ ގޭގައި އަނބިމީހާއާއި ކުޑަދެ ކުދިންނާއެކު، ޓީވީބަލަން ސިޓިންގ ރޫމްގައެވެ.


ސިފައިންގެ ފަސްބޭކަލުން ދުރުވެގެއަށް ވަދެ، އިލްޔާސް ކޮބާހޭ ސިފައިންގެއަށް ދުރުވަންވީއޭ ބުނުއްވުމުން، އަޅުގަނޑު އަވަހަށް ތައްޔާރު ވެލައިގެން، އަތުގައިއޮތް މޯބައިލްފޯނާއި ފައިސާޖީބުދަބަސް އަންހެނުންއަތަށް ދީފައި ވަރުގަދައަށް ސަލާމްގަލާމް ކުރުމަށް ފަހު، އެމީހުންނާއެކު މަގުމައްޗަށް ނުކުތުމަށް ހިނގައިގަތީއެވެ.


މަގުމައްޗަށް ނުކުތްއިރު ސިފައިންގެ ޖީޕެއް ތައްޔާރަށް ޖަވާހިރުވާދީ ކުރިމަތީގައި ބާއްވާފައި އޮތެވެ. މިޖީޕަށް އަރުއްވާށޭ ބުނުމުން، އަޅުގަނޑު އެއަށް އެރީމެވެ. ދެން ގެންގޮސް ބޭލީ ސިފައިންގެ މައިމަރުކަޒު ކަމުގައިވާ ބަނޑޭރިގޭގެ ކުރިމައްޗަށެވެ. އޭރު މުޅި އެހިސާބުގައި އޮތީ، މުގުރު ހިފައިގެންތިބި ސިފައިންގެ މީހުންނައިގެން ފުރިބާރު ވެފައެވެ. ޖީޕުގެދޮރު ހުޅުވާލައި އަޅުގަނޑު ބޭލުމަށްފަހު، ލޮލުގައިހުރި އައިނުނަގާ ޖީބަށްލާށޭ ބުނެ، ދެމީހުން އަޅުގަނޑުގެ ގައިގައި ހިފާއްޓައި ވަރަށް ބާރަށް ކަޅުފޮތިގަނޑަކުން ކަނުބަނދެފިއެވެ.


ދެން ދެމީހުން ދެފަރާތުން ކޮނޑާއެކު އަތުގައި ހިފައި އަޅުގަނޑުގެ ދެއަތް ފުރަގަހަށް ގެންގޮސް އެއްކޮށް ލުމަށްފަހު، ޕްލާސްޓިކް ސްޓިރިޕް (ކޭބަލް ޓައި) އަކުން ދެއަތްބަނުމަށް އަތުގައި އަޅުވައިފިއެވެ. މިއީ ހަނގުރާމަ މަތީގައި ކުށްވެރިންހިފާ ހައްޔަރު ކުރާއިރު ވަގުތީގޮތުން އަޅުވާ ވައްތަރުގެ އެއްޗެކެވެ.


މިކަހަލަ މަދަނީ ޙާލަތެއްގައި ބޭނުންކުރުމަކީ، ބައިނަލްއަޤްވާމީ ގޮތުންމަނާ ކަމެކެވެ. ދެއަތާއެއްކޮށް އެޅުވުމަށްފަހު، އޭގެކޮޅު ލައްވަން އިންނަތަނަށް ކޮޅުވައްދާފައި އެކޮޅުގައި އޭނާގެއަތުން ހިފައި އަޅުގަނޑުގެ ދެއަތުގެ ބަރުދަނަށް ލުތްކެއްޖަހައި ވަރަށްވާން ކޮށްލިއެވެ. އެކްލިޕް އަތަށްބާރުވެ ވާންވެގެން ދިޔަވަގުތު ވަރަށް ތަދުވިއެވެ.


ހަމައެވަގުތުމެ، އަޅުގަނޑުގެ ކުރިމަތިން، ފޮޓޯއެއްނެގިކަން ފްލޭޝްއަލިން އަޅުގަނޑަށް އެނގުނެވެ. ކަނުބަނުމުގެ ކުރިންއޮތީ އަންހެން ފުލުހަކު ކެމެރާއެއް ހިފައިގެން ކުރިމަތީގައި ހުއްޓާ ފެނިފައެވެ. މިކަން ނިމުމުން ފުރަތަމަވެސް، ދާންވީއޭ ހިނގާށޭ ކިޔާފައި ބުރަކަށީގައި އަޅާކޮށްޕާލިއެވެ. ދެން ހިންގަމުން ގެންދިޔައީ ތަޅަމުންނާއި ވިކަމުންނެވެ. ބުރަކަށީގައި ވަރަށްބާރަށް ވިކާހެދިއެވެ. މޭމަތީގައި ވެސް ބާރަށްވިކާ ހެދިއެވެ. އަދި ކުރިޔަށް ހިންގަމުން ގެންދިޔަވަގުތު ގެންދިޔައީ ދެފައިގައި ދަނގަޑުބޫޓުން ތަޅަމުންނެވެ.


އަދި މަލާމާތުގެ ރާގަށް ހަޑިހުތުރު އެއްޗެހި ގޮވިއެވެ. ސިފައިންގެ ސުލޫކާއި އަޚްލާޤާ ނުގުޅޭ ގޮތަށް އެތައްކަމެއް ކުރިއެވެ. މިހިރަބޮޑު މީހާތިހިރީ ކީއްވެފައިހޭ؟ މަޑުންނުހުރެ ދުއްވައި ގަންނާށޭ، ސިޔާސީ މީހާޔޯލައެވެ. އަބްދު ﷲ ޙަމީދު އިސްތިޢުފާއަށް ގޮވާ، ނުހަދަނީ ކީއްވެހޭ؟ އދ.އަތޮޅުގެ މެމްބަރު މިހިރީ ފުށްގަނޑެއްހެނޭ، އަޅުގަނޑަށް އަޑުއިވޭވަރަށް ގޮވާހެދިއެވެ. އަދި މިޒާތުގެ ޖެއްސުމުގެ ބައިވަރު ބަސްތައް ތަކުރާރުކޮށް އިއްވަމުން ގެންދިޔައެވެ.


މިއީ ތަޅަމުން، ތަޅަމުން ގެންދިޔައިރު އެކުދިން ކިޔަމުން ގެންދިޔަ އަންބާއެކެވެ. ކަނާއަތު ފައިގެ ކަކުލުގައި ހަންމަށައިގެން ގޮސް، މިހާރުވެސް ލަކުނުލާފައި ފާހަގަވާގޮތަށް ފެންނަން އެބަހުއްޓެވެ. އަދި ބަނޑޭރިގޭ އެތެރެވުމުން ދެއަތުގެ ގޮށްމުށުގެ ދަށްފަރާތުން ވަރަށްބާރަށް، ދެއަތުންމީހަކު ބުރަކަށީގައި ހެސްކިޔާފަޖަހައި ގަޅުވާލިއެވެ. އަދި ބާރަށް ހިންގާށޭ ބުނިއަޑު އިވުނެވެ. މިއެތިފަހަރު ނޭނގިހުއްޓާ އެރުމުން، އަޅުގަނޑު ގޮސްޖެހުނީ ފާރެއްގެ ދާރައެއްގައެވެ.


ޖެހުނުތަން ކަނާއަތުކޮނޑު ހުޅުގެތިރިން ބޮޑަށް މަށައިގެން ގޮސްފައިހުއްޓެވެ. އެލަކުނު އަދިވެސް ފެންނަން އެބަހުއްޓެވެ. ބަޑޭރިގޭ ތެރެއިން ގެންދިޔަ ހިސާބަކަށް ގެންދިޔައީ މިގޮތަށް ތަޅާއި ވިކާއި އަނިޔާ ކުރަމުންނެވެ. ބަނޑޭރިގޭ ތެރޭގެ ވަކިހިސާބަކުން އަޅުގަނޑަށް ސިފައިންގެ އޮފިސަރެއް ކމުގައިވާ ތުއްބީގޭ އިބްރާހީމް ދީދީގެ އަޑުއިވުމުން، އޭ! އިބްރާހީމް ދީދީއޭ! ބުނެ އަޅުގަނޑު ގޮވައި، އަޅުގަނޑުގެ އަތުގައި އަޅުވާފައި މީނދަކޭބަލް ކްލިޕް ދޫކޮށްލަދޭށޭ، "މިއީ ބޮޑުކޭބަލް ގަނޑެއްނޫނޭ، މިއީ މަހާއިލެއިން ހެދިފައިވާ މަގޭދެއަތޭ، އިންސާނެއްގެ ދެއަތޭ، މިއީ ކައްޓައި މަހާއި ލެއޭ ބުނެ މިހާރު މިހުރީ ނޫފައިގެންފައޭ، އައްސިވެފައޭ" ބުނީމާ އޭނާ، ދޫކޮއްލަދޭށޭ ބުނުއްވިއަޑު އިވުނެވެ.


އެހެނަސް އަޅުގަނޑު ހިފަހައްޓައިގެން ތިބިބޭކަލުން އެކަމެއް ނުކުރިއެވެ. މިގޮތަށް ތިންފަހަރު ތަކުރާރުކޮށް އިބްރާހީމް ދީދީއާ ދިމާލަށް އެހެންބުނެ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ތިޔަބޭފުޅުން ހަދަނީ މިހިންހޭ ކިޔާފައި ވަރަށް ބާރަށް އިތުރަށް އެއްޗެހިތައް ކިޔަންފެށުމުން، ހަމަމިހާރު ތިޔަކުލިޕް ދޫކޮށްލަދޭށޭ ތިޔައީ މެމްބަރެކޭ އިބްރާހީމް ދީދީ ބުނުއްވިއަޑު އެހީމެވެ.


އަދި ކަނުމޮހެލާއި އަތްމުހެލާއި އޭނާ މައްޗަށް ގެންގޮސް ބައިންދާށޭ އޭނާއަކީ، މަޖިލީހުގެ މެމްބަރެކޭ އިބްރާހީމް ދީދީ ތަކުރާރުކޮށް ބުނުއްވި އަޑުއެހީމެވެ. މިއޮފިސަރަކީ އިބްރާހީމްދީދީކަން އަޅުގަނޑަށް އެނގުނީ އެބޭފުޅާގެ އަޑުންއޭނާކަން އެނގުމުންނެވެ. އެމީހުންނަށް އިލްޔާސަކީ ޚާއްސަ މަޖިލީހުގެ މެމްބަރެއްކަން ކަށަވަރުކޮށް އެނގުނީ މިހާހިސާބުންނެވެ.


މިގޮތަށް ކަނުބަނދެފައި ހުރިހުރުމުގައި އަޅުގަނޑުގެ ކަނާތު މުލައްދަނޑީގައި ދެލިކާއްތާކަން އިހްސާސްކުރެވުނެވެ. ކަނުމޮހެލުމުން އެނގުނީ އޭރުއަތުގައި ބޮޑުއަކުރުން ލިޔުނީ، ހިސާބުއަކުރުގެ، 140 މިއަކުރުތައް ކަމެވެ. ވަރަށް ބޮޑުއަކުރުން ނޫކުލައިގެ ދެލިން، 140 ލިޔެފައި ފެންންހުއްޓެވެ. ފޮހެވުނީ ދެތިންދުވަސްވީ ފަހުންނެވެ. ދެން، އަބްދުއްރަޝީދު އޭކިޔާ އޮފިސަރަކު ބަނޑޭރިގޭ ސިޑިއާ ހަމައިން ދިމާވުމުން އަޅުގަނޑު ގެނައިކުދިން އޭނަޔާ އަޅުގަނޑު ހަވާލުކޮށްފައި ހިނގައްޖެއެވެ.


ދެން މީނާ އަޅުގަނޑު މައްޗަށް ގެންގޮސް އަތްގަނޑުލީ ބޮޑުގޮނޑިއެއްގައި ބޭންދީއެވެ. އޭރު އެތާމަތީގައި ޑޮކްޓަރ މުނައްވަރާއި ޤާސިމާއި އިބްރާހީމް ހުސައިން ޒަކީއާއި އިބުރާ، ބައިތިއްބާފައި ތިއްބެވެ. އަޅުގަނޑުމެން، 5 މީހުން ވަކިވަކިން އެތާތިއްބައި އެތަނަށް، ތ.އަތޮޅު މެމްބަރު ޑޮކްޓަރ ހުސައިން ރަޝީދާއި ބ.އަތޮޅު މެމްބަރު އަލީ ފާއިޒު ގެނައެވެ.


އާދެ! އަޅުގަނޑުގެ ކަނުމުހެލުމުން، ބަނޑޭރިގޭތެރޭގައި ތިބިމީހުންނަށް އަނިޔާކުރަމުން ގެންދިޔަ މަންޒަރު ފެނުނެވެ. ޢިރާޤު/އެމެރިކާ ހަނގުރާމާގައި ބަރިބަރިއަށް ކަނުބަނދެފައި މީހުން ބައިތިއްބާފައި ތިއްބާ، ޓިވީން ފެނުނުހެން، ބަނޑެރިގޭތެރޭގައި ބިންމަތީގައި ބަރިބަރިއަށް ކަނުބަނދެ ދެއަތާއި ދެފައިގައި ޕްލާސްޓިކް ސްޓްރިޕާއި ބިޑިއަޅުވާފައިތިބި ސަތޭކައަށް ވުރެގިނަ މީހުން، އެގޮތްމިގޮތަށް ތިއްބާފެނުނެވެ. އެއްބަޔަކުތިބީ، އެއްލާލައި އުކާލާފައެވެ.


ޖެހުނުގޮތަކަށް ޖެހުނުތަނެއްގައި ޖެހިފައި ގުޅައަކަށް ވެސް ތިއްބެވެ. އަނެއްބަޔަކުތިބީ ބިންމަތީގައި ބައިތިއްބާފައެވެ. ކޮންމެ ދެތިން މީހަކަށް ސިފައިންގެ ގާޑަކު ފެންނަން ހުއްޓެވެ. ރޯއަޑުފައްގަނޑު އިވުނެވެ. ލައިގެންހުރި ހެދުންވީދި ހެދުންލެއިން ތަތްތެޅިފައި ފެންނަން ތިބި މީހުން ތިއްބެވެ. އަދި އަޅުގަނޑުމެން ބަނޑޭރިގޭގެ މަތީގައި ތިބިއިރު، ތިރިންރޮއި ގަންނައަޑުއަޑާއި އަހަރެން ސަލާމަތް ކުރާށޭ ގޮވާ ހަޅޭލަވާއަޑާއި ސިފައިން ހަޅޭލަވާއަޑު އިރުއިރުކޮޅާހެން އިވެމުން ދެއެވެ.


އަޅުގަނޑުމެން، 7 މީހުން ބަލަހައްޓަން މަތީގައިތިބި ގާޑުންތައް ކުޑަދޮރުތަކުން، އެމަންޒަރުބަލައި އަމިއްލައަކަށް އުފާލިބިގަންނަތަން ފެނުނެވެ. ދެން މެންދަމު، 3:30 އެހާކަންހާއިރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ގެންގޮސް، މިބަންދު ކުރެވެނީ، އޯގަސްޓް 12-13 ވަނަ ދުވަހުގެ ޣައިރުޤާނޫނީ އެއްވުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ކަމަށް އެންގިއެވެ. މިއެންގުން އެންގެވީ އަބްދު ﷲ ނަވާޒާއި އަލީ އަޙްމަދު އޭ ކިޔާދެ އޮފިސަރުންނެވެ.


ފަތިސް ނަމާދަށް ބަންގިގޮވިފަހުން ކޯސްޓުގާޑުގެ ގަލްފުކުރާފްޓް ބުރޭންޑްގެ ސްޕީޑު ލޯންޗެއްގައި ގެންދިޔައީ ދޫނިދޫޖަލަށެވެ. ތުނިތުނި މުންޑަކާއި ހުދުޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްއުނގުޅާ ބޭސްފުޅިއަކާއި ސައިބޯންޏެއް ދީފައި އެތަކެތި ލިބުނުކަމަށް ސޮއިކުރުވާފައި އިނގިލީގެ ނިޝާން ނެގުމަށްފަހު، ގެންގޮސް ވެއްދީ، 17 ނަމްބަރު ކުޑަގޮޅިއަށެވެ. އޭރު އަދި އިރުނާރާނެއެވެ.


މިއިދާރީ ކަންތައްގަނޑު ޖަލުގައި ހިންގެވީ، ޖަލު ބެލެހެއްޓުމަށް ޖަލާއި ހަވާލުވެގެން ހުންނަވާ، ލޭޑީ އިބްރާހީމް މަނިކެވެ. މީނާއަކީ ދޫނިދޫ ޖަލުގެ ވެރިޔާއެވެ. އޭރު ދޫނިދޫގައި އެއްފަށުގެ އަބްދު ﷲ އަބްދުއްރަހީމް އޭ ކިޔާ ސިފައިންގެ މީހެއްގެ ހަވާލުގައި ކަތިވަޅިޓްރޭނިންގ ހަދާފައިވާ، 15 ބޭކަލުންގެ ޓާސްކްފޯހެއް ސިފައިންގެ ފުލްކިޓަގައި ހަރަކާތްތެރި ވަމުން ގެންދިޔައެވެ. މިފޯހުގެ މަސައްކަތަކީ، ދޫނިދޫއަށް ގެނެސް ބަންދުކުރެވޭ މީހުން އުފުލުމާއި ގައިދީން މައިތިރި ކުރުމާއި ގައިދީންނަށް އަނިޔާކޮށް ތަޅާލާއި ހޭއެރުވުމެވެ.


ދޫނިދޫއަށް ގެނައިމަގު މަތީގައި ވަރަށްގިނަ ގައިދީންނަށް އަނިޔާކުރި ކަމަށް ކިޔައިދިން ބައިވަރު ގައިދީން ތިއްބެވެ. ގިރިފުށްޓަށް މާލެއިން ގެންދިޔަ މަގުމަތީގައައި، އަދި ގިރިފުށިން ދޫނިދޫއަށް ގެނައި މަގުމަތީގައި ލޯންޗުމަތީގައި އަނިޔާވެރިކަމުގެ ވަރަށް ގިނައަމަލުތައް އެކިއެކި ގައިދީންނަށް ކުރަމުން ގެންދިޔަކަމަށް އެމީހުންގެ ފަރާތުން ކިޔައިދީފައި ވެއެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން ގޯނާކޮށް އަނިޔާކޮށްފައި ވެއެވެ. މިކަންތައްތަކަކީ، އިންސާނީ ހައްގުތަކާބެހޭ އެކިއެކި ޖަމްއިއްޔާގެ ރިޕޯޓުތަކުން އޮޅުންފިލާނެ ތެދުހަގީގަތެކެވެ.


ސުވާލު: އިލްޔާސް މެން، ކިހާދުވަހަކު ކުޑަގޮޅީގައި ތިބެން ޖެހުނުތޯއެވެ؟


ޖަވާބު: 13 ވަނަ ދުވަހުގެރޭ ދޫނިދޫޖަލަށް ގެނައިގޮތަށް، 9 ނޮވެމްބަރ 2004 ދުވަހުގެ ހަވީރު، 5:00 ވަންދެން ބަހައްޓާފައިހުރީ ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބަންދުކޮށްފައެވެ. 17 ނަމްބަރު ގޮޅީގައި އޮވެފައި، 26 ނަމްބަރު ގޮޅިއަށް ބަދަލުކުރީ، 11 ނޮވެމްބަރ 2004 ވީހޯމަ ދުވަހުއެވެ. އޭރު، 17 ނަމްބަރުގައި އޮންނަތާ، 60 ދުވަސް ވެއްޖެއެވެ. މިދުވަހަކީ ޖަލުން އަބްޖީ އާއި ޒުހައިރާ އާއި ދޮންބި (އެލީނާ އައްބާސް) އާއި ނައުބެ އާއި މާނީލަޠީފާއި މަރިޔަމް މަނިކެމެން މާލެ ގެންދިޔަ ދުވަހެވެ.


މިގޮތަށް ގޮޅިތައް ބަދަލުކުރަނީ، އަޅުގަނޑުމެން ވެއްދުމާއެކުހެން ގޮޅިތައް މަރާމާތުކުރަން ފެއްޓުމާ ގުޅިގެންނެވެ. ފަހަރަކު ހައެއްކަގޮޅި މަރާމާތުކުރެއެވެ. ނިމުނީމާ އެބަޔަށް ގައިދީން ލާފައި އަނެއްބައި މަރާމާތުކުރަން ފަށަނީއެވެ. މިގޮތަށް މަސައްކަތްކޮށް ހުރިހާގޮޅިތަކެއް މަރާމާތުކޮށް ނިމެންދެން އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑު، 26 ނަމްބަރު ގޮޅިއަށް ބަދަލު ކުރިއިރުހުރީ އެގޮޅިއަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަރާމާތުކޮށް ނިމިފައެވެ.


މިކުރާ މަރާމާތަކީ، ފާޚާނާގެދޮރު ނެގުމާއި ކޮންކްރީޓުން ކުޑަމޭޒަކާއި އިށީނުމަށްް ކުޑަވަރެއްގެ ތަނބުބުރިއެއް ހެދުމެވެ. އަދި ކޮންކްރީޓުން ކަބަޑެއް ދޮރުފަތް ނުހުންނަގޮތަށް ހެދުމާއި ނިދުމަށްް ގޮދަޑިބާއްވާނެ އަށްޓެއް، ކޮންމެ ގޮޅިއެއްގެ ބިއްދަށު ފަރާތުގައި ބިތާއިންވެގެން ހެދުމެވެ. މިކަންތައްތައް ގޮޅިތެރޭގައި ކޮންކްރީޓުން ކުރުމުން މުޅިގޮޅި ފުރުނީއެވެ. އަށްފޫޓު އަށްފޫޓު ގޮޅީގައި މިހުރިހާކަމެއް ކުރީމާގޮޅީގައި ނަމާދު ކޮށްލަން ކުނާއަޅާލާނެ ޖާގައެއް ނޯވެއެވެ. ކުނާއެއްކޮށް ފަތުރާލާނެ ތަނެއްނޯވެއެވެ.


ކަސްރަތު ކޮށްލާނެ ޖާގައެއް ވެސް ނެތުނީއެވެ. ކުރިންވެސް ވައިދައުރުވަނީ ވަރަށް ކުޑަކޮށެވެ. އަދި ގޮޅިގައި ވައިވައްދަން ހަދާފައިހުންނަ ތޭރިލީ ދެކުޑަގޮޅިވެސް ހުރީ، އަލަށްގެނައި މަރާމާތާ ގުޅިގެން އެސްލޯން ހިމަހޮޅިތަކެއް ޖަހައި، އެހޮޅިތަކުގައި ހުރިލޯވަޅުތަކުން އެވަންނާނެ ވައިކޮޅެއް ވަންނާނެގޮތަށް، ސިމެންތި ޖަހައިގެން އެހޮޅިބުރިތައް އެއާނގަވަޅުގައި ވަޅުލާފައެވެ. ކުރިން ވައިވައްދަންއިން ބާގަނޑު ހިމަލޯވަޅު ތަކަކަށް ބަދަލުވުމުން މިހާރު އެއްގޮތަކަށް ވެސް ވައިދައުރެއް ނުވެއެވެ. އެބާގަނޑުން ކުރިން ފެންނަމުންދިޔަ ގޮތަށް ބޭރުފެނުން ވެސް ހަނިވެގެން ދިޔައީއެވެ.


ބައެއްގޮޅި ތަކުގެ ފާޚާނާގައިހުރި ތޭރިލެއްވި ބާގަނޑުވެސް ހުރީ ވަރަށް ކުޑަކޮށްލާފައެވެ. މިހަދަނީ ހައްތާހާވެސް ގައިދީން ހާސްވެ، ސިއްހީގޮތުން ވޭނާއި އަނިޔާލިބޭހާ ގޮތްތަކެވެ. މިކަމާހެދި ނޭވާލާން އުނދަގޫވެ، އަވަސް އަވަހަށް ނޭވާލާންޖެހި، ނޭވާކުރުވާގޮތް ބައެއް ގައިދީންނަށް ދިމާވިއެވެ. އަދި ގޮޅިތައް މަރާމާތުކުރަމުން ގެންދާތީ އަޑުފައްގަނޑާއި ޕުޓީއަޅާފައި ގޭނުމުން އަރާކުޑިއާއި ހިރަފުހުން ވަރަށް އުނދަގުވެއެވެ. ނޭވާލާ ނިޒާމަށް ބަލިތައް ޖެހުނެވެ. ފުއްޕާމޭ ސަކަރާތްވިއެވެ.


ދޫނިދޫއަށް ވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޝަކީލަށް މިޚަބަރުތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ހެލްތް މިނިސްޓްރީއަށް ޑޮކްޓަރ ޝަކީލްގެ ރިޕޯޓުތައް، ދޫނިދޫޖަލުގެ ގޮޅިތަކާ ގުޅޭގޮތުން ގެންދިއުމަކީ މުހިންމު ކަމެކެވެ. އެއީ ޑޮކްޓަރުންގެ ޒިންމާއެކެވެ. ޑޮކްޓަރ ޝަކީލް މިފަދަ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމުގެ އުންމީދު ކުރަމެވެ. ގޮޅީގައި ދުވަސްގަނޑެއް، މިގޮތަށް ކަޑަތުވީފަހުން އެމްނެސްޓީ އިންޓަރނޭޝަނަލުން ޖަލަށް ޒިޔާރަތް ކުރެއްވި ބޭފުޅުން އަރިހުގައި މިމައްސަލަ ޖެއްސުމުން، ފޮތިން ހަދާފައި ހުރި މާސްކުތަކެއް ގޮޅިތަކަށް ބަހާހެދިއެވެ.


އެމާސްކް އަޅައިގެން ތިބޭއިރުވެސް ކުނޑިއާއި ހިރަފުސް ބުރާލެއް ބޯކަމުން ބޮލާއި އަތްފައިގެ އިސްތަށިތައް ހުންނަނީ އިރުކޮޅެއް ވާއިރަށް ހިރަފުސް ކުނޑިން ހުދުވެފައެވެ. ގޮޅިތައް ބޭރުފަރާތުން ގާނައެވެ. އަދި ރެނދުތަކުގައި ޕުޓީ އެޅުމަށް ފަހު، ދެވަނަފަހަރަށް އަނެއްކާ ގާނައެވެ. މިގޭނުންތައް ގާނަން ގެންގުޅެނީ ގްރޭންޑަރެވެ. ސޭންޑަރ ބޭނުންކުރާ މަންޒަރު އެއްގޮތަކަށް ވެސް ނުފެނެއެވެ. ގާނާކުނޑިތަކާއި ވައިދަމާނެ ސިސްޓަމެއް ނުގެންގުޅެއެވެ. އަދި ދަނގަޑުބުރި ކުރުމާއި ދޮރާއި ތޭރިތަކާއި ވެލްޑިންކުރުމުގެ ދުމާއި އައްޔާއި ކުނޑިން ބޮޑުކޮށް ގައިދީންނަށް އުނދަގުވެއެވެ. މިއަޑުފަށްގަނޑު ރެއާއި ދުވާލު ކަނޑައިގެން ނުދެއެވެ. އިންތިހާއަށް ކުނޑިބުރައެވެ.


ގޮޅިތައް މަރާމާތުކޮށް ގަދަފިޔާތޮށިކުލަ އެތެރޭގައިލުން:


ބައެއްފަހަރު ނޭވާ ބަންދުވެގެން އަނބުރައި ގަތީމައި ބޭރަށް ނެރެފައި އަނެއްކާވެސް ވައްދަނީއެވެ. ޑޮކްޓަރ ޝަކީލު މިކަމަށް އެއްބަސް ވެލައްވާނެކަން ކަށަވަރެވެ. ހުރިހާ ގައިދީންވެސް އުޅުނީ މިކުނިގަނޑު ތެރޭގައާއި ގަދަފަދަ އަޑުފައްގަނޑު ތެރޭގައެވެ. އެންމެ ހެއްވާކަމަކީ، ގޮޅިތަކުގައި ކުލަލީގޮތުންނެވެ. އަދި އެލީކުލައާ ގުޅިގެންނެވެ. ބޭރަށް ރަނގަޅުކުލަލީ ގޮޅިތަކު އެތެރޭގައެވެ. ލޮލަށްފަސޭހަ ވެފައި ހިތްހަމަ ޖެހޭކުލަލީ ބޭރުގައެވެ. ގޮޅިތަކުހެ އެތެރޭގައި ލާފައިހުރީ އެންމެގަދަ ގަދަފިޔާތޮށީގެ މޮޅު ކުލައެވެ. ބޭރުގައި ލާފައިހުރީ މަޑުފެހިކުލަ އަކަށްދާ ރީތިއަލި ކުލައެކެވެ.


ގަދަފިޔާތޮށި ކުލައަކީ، ބައެއްގައުމުތަކުގެ ޖަލުގެ ޚާއްސަގޮޅިތަކުގައި ގައިދީންނަ އަނިޔާވެރި އަޒާބުދައްކާ ގޮޅިތަކުގައި ލާފައިހުންނަ ކުލައެވެ. އެމީހުންނަށް ގަބޫލުކުރެވެނީ މިކުލައަކީ އަބަދުފެންނަން ހުރުމުން ނަފްސާނީގޮތުން އުނދަގޫތަކެއްވެ ހިތްބަލިކޮށްލާނެ ކުލައެއްކަމަށެވެ. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގެ (ޚާއްޞަކޮށް އެމެރިކާ އަދި ސްވިޒަލޭންޑް ފަދަ ގައުމުތަކުގެ) ޖަލުތަކުގެ ވަކި ޚާއްޞަ ގޮޅިތަކުގައި ފިޔާތޮށިކުލަ ލާފައި ހުރެއެވެ.


މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތަކާއި، ނަފްސާނީ ގޮތުން މިކުލައިން ކުރާ އަސަރުތަކަކީ މިއެވެ. މިކުލަލުމުގެ ބޭނުމަކީ މިއީއެވެ. ބޭކާ-މިލާ ޕިންކް، Baker-Miller Pink މިކުލަ އަކީ، 1970 ވަނަ އަހަރުތަކުގައި އެލެގްޒެންޑަރ ޝައުސް ކިޔާ ސައިކޮލޮޖިސްޓަކު ކުރި ދިރާސާތަކަކަށް ފަހު، ވަކި ކަހަލަ ފިޔާތޮށިކުލައަކުން، (Baker-Miller Pink) އިންސާނާގެ ހަށިގަނޑުގެ ހަކަތަ ދަށްކޮށް، ރުޅިވެރިކަމާއި އުދުވާނީ ޢަމަލުތައް މަޑުޖައްސައިދޭކަމަށް ހޯދުނެވެ. މިސަބަބަށްޓަކައި، ޖަލުތަކުގައި ރުޅިގަދަވެ ހަމަނުޖެހުން ހިންގާ ގައިދީން މައިތިރިކުރުމަށް ލާ ގޮޅިތަކުގައި މިކުލަ ބޭނުންކުރަން ފެށިއެވެ.


މިކުލައިން ނަފްސާނީގޮތުން ކުރާއުނދަގޫތަކަކީ މިއެވެ. ވަގުތީ ގޮތުން މައިތިރިކުރުވައެވެ. މިކުލައިގެ ސަބަބުން ފުރަތަމަ، 15 ވަރަކަށް މިނެޓު ތެރޭގައި އިންސާނާގެ ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު މަޑުވެ، ހަށިގަނޑުގެ ބާރު ދެރަވާގޮތްވެއެވެ. މިއީ ރުޅި މަޑުކޮށްދޭ ހިތުގައި ޖައްސާ، ހިތްބަލިކޮށްލާ ކަމެކެވެ.


އަދި ދިގު މުއްދަތަކަށް ހުރުމުން ވާ އުނދަގޫތަކަކީ މިއެވެ. ކުޑަ ގޮޅިއެއްގައި، ހުރިހާ ދިމާލަކުން ގަދަ ފިޔާތޮށިކުލަ ފެންނަން ހުރުމުން، ގިނައިރުވާ ވަރަކަށް ސިކުނޑިއަށް ވަރުބަލިކަން ލިބި، ބޮލުގައި ރިއްސުމާއި، ހާސްވުން، (anxiety) އިތުރުވެއެވެ. އަދި ބައެއް ގައިދީންނަށް މިއީ "ފިރިހެންވަންތަކަން" ކުޑަކޮށްލުމުގެ ގޮތުން ނުވަތަ ދަށްކޮށްލުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިޙްސާސްވެ، ނަފްސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިވެއެވެ.


ވީމާ، ކުރުކޮށް ދަންނަވާނަމަ، ޖަލުތަކުގައި ފިޔާތޮށިކުލަ ލަނީ، ގައިދީންގެ ގަދަފަދަ ރުޅިވެރިކަން މަޑުކޮށް މައިތިރިކުރުމުގެ ނަފްސާނީ އުކުޅެއްގެ ގޮތުގައެވެ. ހިތްވަރުދެރަކޮށްލާއި ހިތްބަލިކޮށްލާއި ކަރުނައެޅުން އަވަސްކުރުވުމަށް ކުރާކަމެކެވެ. މި ފަދަ ކުލައެއް ލާފައިވާ ކުޑަ ތަނެއްގައި ގިނައިރު ހުންނަން ޖެހުމަކީ އިންސާނާގެ ސިކުނޑިއަށް އުނދަގޫވެ، ހާސްކަން ގެނުވާ ކަމެކެވެ!


ދޫނިދޫޖަލުގެ ގުޑަގޮޅިތަކުގެ އެތެރޭގައި ލީކުލަ
ދޫނިދޫޖަލުގެ ގުޑަގޮޅިތަކުގެ އެތެރޭގައި ލީކުލަ

މިއީ ޖަލުގެ ކުދިގޮޅިތަކާއި ބެހޭގޮތުން ކުރެވިފައިވާ ބައެއް ދިރާސާތަކުގައި ލިޔެވިފައިވާ ވާހަކައެކެވެ. ހީވާގޮތުގައި ދޫނިދޫގައި މިކަން މިގޮތަށް ކޮށްފައި މިހިރީ ޖެއްސުމަށް ހެނެވެ. މިއީ ރަނގަޅަށް ވިއްޔާ ވާނީ، އާދަމްޒާހިރު ކިޔާފޮތްތަކުން ލިބިފައިވާ ބުއްދިއަކަށެވެ. އެއް ނަމްބަރު ޖަލުގައި ހުންނަ، 29 ގޮޅި މަރާމާތުކޮށް ނިމުނީ، 20 އޮކްޓޯބަރ ހާތާނގައެވެ.


ދެން، 2 ނަމްބަރުޖަލު ގައިތިބި ކަޅުހުކުރުގެ އެންމެންވެސް އެއްނަމްބަރު ޖަލަށް ގެނެސް އެއްމެން އެއްތަން ކޮށްފިއެވެ. މިމީހުންގެ ތެރޭގައި ތިބީ، ހުސްނުއް ސުޢޫދާއި މ.މެމްބަރު ސައްޕެ އާއި މުހައްމަދު ފުޅާއި އައިސީ އާއި އިޔާޒާއި  ޒިޔާއްޓޭ އާއި ޅޮހީގޭ މާހިރާއި އަބުސީ އާއި އަބުސީކޮއްކޮ އަންމަޑޭ އާއި ފަލާޙު އާއި ޤާރީ ޢަބްދު ﷲ އާއި ލ.އަތޮޅު ޝަކޫރާއި އަދި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެއްވި ކެނޑިޑޭޓެއް ކަމުގައިވާ މއ.ތިނަދޫގޭ ނަޒީރު ޖަމާލެވެ.


އާދެ! 9 ނޮވެމްބަރ 2004 ގައި ގޭގެބަންދަށް ބަދަލުކުރަންދެން އިލްޔާސް ހުންނެވީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. މިގޮޅިތަކުގައި، 24 ގަޑިއިރު ތަޅުލެވިގެން ހުރުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ލިބެމުންދާ އަނިޔާއަކީ ހިތަށާއި ސިކުނޑިއަށް މެދުކެނޑުމެއް ނެތި އަނިޔާވަމުންދާނެ ކަމެކެވެ. މިކަން އިހްސާސް ކޮށްލެވޭނީ މިގޮތަށް ކުޑަގޮޅިއެއްގައި ތަޅުލެވުމުންނެވެ.


އެނޫންގޮތަކަށް މިފަދަވޭނާއި އަސަރެއް ނޭނގޭނެއެވެ. ލިޔެފައިއޮންނަ ޢިބާރާތްތަކެއް ކިޔާލަން ލިބުނަސް އެކަމުގެ އަނިޔާގެ މިންގަނޑާއި މިންވަރު ވަޒަންކޮށް ކިރައެއް ނުލެވޭނެއެވެ. ބައެއް މީހުން ދުވަސްކޮޅަކަށް ފަހު، ސިކުނޑި ގޯސްވެގެން މޮޔަގޮވަން ފަށައެވެ. މިއަނިޔާތަށް ކުރުމުގެ ބޭނުމަކީވެސް ރަނގަޅަށް ހުންނަމީހާ މޮޔަކޮށްލާށެވެ. ނުވަތަ ކުޑަނަމަވެސް އުނިކަމެއް ސިކުނޑިއަށް އަންނަވަރު ކޮށްލާށެވެ. ވީމާ ކުޑަގޮޅިއެއްގައި ބަންދު ވެއްޖެ ނަމަ، ނަފްސާނީބާރު ވަރުގަދަކޮށް ގުރްއާނާ ކައިވުން ވަރަށް ބޭނުންތެރިއެވެ.


ކުޑަގޮޅީގައި ވަގުތު ހޭދަކުރާ ގޮތް:


ސުވާލު: ކުޑަގޮޅީގައި އިލްޔާސް ވަގުތުހޭދަކުރަނީ ކިހިނެތްތޯއެވެ؟


ޖަވާބު: އަޅުގަނޑަކީ ވަރަށް ސްޕިރިޗުއަލް މީހެއް، ތިޔޮލޮޖީން ޑިގްރީއެއް ހެދީމާވެސް ވާނީ އެހެންނެވެ. އަޅުގަނޑަކީ، ތިޔޮލޮޖީ އާއި މަންޠިޤާއި ފަލްސަފާ ކިޔަވާފައިގެން ހުރިމީހެކެވެ. ކިޔެވި ދުވަސްވަރު ކިޔަންބޭނުންކުރަނީ އެމާއްދާތަކުގެ ފޮތްތަކެވެ. އެހެންވެ ކުޑަގޮޅީބަންދުގައި ރޫޙާނީގޮތުން ދުވަހުންދުވަހަށް ދިޔައީ ބާރުގަދަ ވަމުންނެވެ. ނިޔަތް ވަރުގަދަ ވަމުންނެވެ. ހިތްވަރު އާލާވަމުންނެވެ. ހަމައެއްގޮތަކަށް ވެސް ދެރަވެ މާޒީއަށް ވިސްނާއި ފިކުރުބޮޑުވެ ހިތާމަކޮށް ހަދާކަށް ނުޖެހެއެވެ. އާދަމްޒާހިރުގެ ގަދަފިޔާތޮށިކުލަ ވީ ރަހްމަތަކަށެވެ!


18 އޮކްޓޯބަރ ގައި ނޫސް މަޖައްލާތަށް ލިބެންފަށަންދެން އެއްޗެއް ކިޔާލާއި ފިކުރު ދައުރުކުރާނެ އެއްޗަކަށް އޮތީ، ﷲގެ ފޮތްކަމުގައިވާ ޤުރްއާން، އެފޮތްއެކަންޏެވެ. ފަރުޟާއި ސުންނަތް ހުރިހާނަމާދެއް ބަރާބަރަށް ވަގުތުން ވަގުތަށް ކުރުމާއި ޤުރްއާން ކިޔެވުމާއި ދުޢާކުރުން ފިޔަވައި އެހެންކަމެއް ނުކުރެވެއެވެ. އެއްވެސް މީހަކައި އަނގައިންބުނުން މުޅިން މަނަލެވެ. ސަލާން ގޮވާލިޔަސް މޫނުއަނބުރާލަނީއެވެ. ޖަވާބެއް ނުދެއެވެ. ގާޑުންނާވާހަކަ ދެއްކުމަކީ، ޢަމުދުން މަނާކަމެކެވެ. އަބަދުވެސް ވިސްނުމާއި ފިކުރު ގެންގުޅެނީ މުސްތަޤްބަލަށް ކަމުން ހިތްވަރު އާލާވަމުން ދެއެވެ.


18 އޮކްޓޯބަރުން ފެށިގެން، ހަވީރު، މިއަދު، އާފަތިސް، ނިއުސްވީކް، ޓައިމްސް، ހުވާސް، ދަރުމަފަދަ މަޖައްލާތައް ބަރާބަރަށް ލިބެއެވެ. ގެއިން ފޮނުވައިދެއެވެ. މިކަންކޮށްދެއްވާ ލޮބުވެތި މަންމައަށް އަބަދުވެސް ޝުކުރުދަންނަވަމެވެ. އަބަދުވެސް މަންމަގެ ހަނދާން ހުރެއެވެ. ނޫސްތައް ލިބެނީ ހަތްދުވަސް، ދިހަދުވަސް ވެފައި ހުންނަ ނޫހެވެ. މަޖައްލާ ލިބޭ ފަހަރަކު އެހަފްތާއެއްގެ ތަޒާމަޖައްލާ ލިބެއެވެ. ގަލަމެއް، ފަންސޫރެއް، ކަރުދާހެއް، ނޯޓްފޮތެއް، ވާހަކަފޮތެއް، ރޭޑިޔޯއެއް ފޮނުވުމުގެ ހުއްދައެއް ނޯވެއެވެ. މިއީ ޖަލަށް ގެނައުންމަނާ ތަކެއްޗެވެ.


މިހުއްދަ ނުދެނީ ސިކުނޑި ތާޒާކޮށް ދެމިހުއްޓަ ނުދިނުމަށެވެ. އެންމެމަޖާ ކަމަކީ، ދޭތެރެ ދޭތެރެއިން ގޮޅިތައް ރެއިޑްކޮށްލާއިރެވެ. ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ރަސްމީކޮށް ދެރެއިޑް ކުރުންއޮތެވެ. ހަށިގަނޑާއި އަނގަވެސް ބަލާޗެކްކުރިއެވެ. ގަލަމެއްގެ ރިފިލެއް ތުނޑެއް ޗިޕެއް އެއްޗެއް ފެނޭތޯއެވެ. ޑުރަގްހޯދާކަށް ނޫނެވެ. ޖަލުގައި އަޅުގަނޑުމެންނަށް ކިޔަނީ ސިޔާސިޕާޓޭންނެވެ. މި މީހުން ޝައްކުކުރީ ބޭރުގެ އެކިފަރާތްތަކަށް ކުޑަގޮޅީގައި ތިބެގެން ޚަބަރުދީ، އަދި ފޮނުވައިދީ ހެދުމަށް މޯބައިލް ފޯންފަދަ ތަކެތި ފޮރުވައިގެން ގެންގުޅެނީ ކަމަށެވެ.


ބޭރުން އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތަކާ ބައްދަލުކޮށް ވާހަކަދެއްކިއިރު، ސިޔާސީގޮތުން ސަރުކާރަށް ގެންނަބަދަލު ތަކާއި މާލޭގެ ޚަބަރުތައް ހުންނަލެއް އަޕްޑޭޓްކަމުން، މިގޮތަށް ފުލުހުން ޝައްކު ކުރީއެވެ. ފުރަތަމަ ރެއިޑުޖެއްސީ އެމެރިކާ އެމްބެސެޑަރުގެ ޑެޕިއުޓީ މިސްޓަރ ޖޭމްސްއާ ބައްދަކުރި ދުވަހުގެ އަނެއްދުވަހު ހެނދުނުގައެވެ. އަޅުގަނޑު މެންނަށް މާލޭގެ ޚަބަރުތައް އެގޮތްމިގޮތުން ބަރާބަރަށް ހޫނުކޮށް ހުއްޓާ ދަނީ ލިބެމުންނެވެ. ގިނަޚަބަރުތައް ލިބެނީ، ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ ފަރާތުންނެވެ. އަޅުގަނޑުމެން ފޯނުފަދަ އެއްޗިއްސެއް ނުގެންގުޅެމެވެ. އެއީ ދޮގުހީއެކެވެ.


ކުޑަގޮޅިއަށް ބޭރުގެވަފުދުތައް ޒިޔާރަތްކުރުން:


ސުވާލު: ބޭރުގެ ކިތައް ވަފުދާ ބައްދަލުވި ތޯއެވެ؟


ޖަވާބު: މީގެކުރިން ހަތަރުފަހަރު ދޫނިދޫ ކުޑަގޮޅީގައި ހުރިއިރުވެސް ނުވާކަމެއް ތިއީ، އެހެނަސް މިފަހަރު ތަޙްޤީޤުޓީމު ބައްދަލު ކުރިވަރަށް ވުރެގިނައިން ބޭރުގެ އެކިއެކިވަފުދު ތަކުން ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އަޅުގަނޑުމެން "ކަޅުހުކުރު" ގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންނާ ވަކިވަކިން ބައްދަލުކުރިއެވެ. ހާލުއަހުވާލު އޮޅުންފިލުވާއި ފުރިހަމަ އެހީތެރިކަން ފޯރުކޮށް ދިނެވެ. ހިތްވަރު ދެއްވިއެވެ. މިއީ ވަރަށް އުފާވިކަމެކެވެ. ދުނިޔޭގެ އެތަންމިތާގައި އަޅާލާނެ ބަޔަކު ތިބީތީއެވެ.


ޚާއްސަކޮށް ދުނިޔޭގެ ސުޕަރޕަވަރ ކަމުގައިވާ ޔޫއެސްއޭގެ އެމްބެސަޑަރު މިގޮތަށް ކުށްވެރިންނައި ބައްދަލު ކުރެއްވުމަކީ، ކުޑަކަމެއް ނޫނެވެ. ފާހަގަ ކުރަންޖެހޭ ވަރަށް ބޮޑުކަމެކެވެ. ޖަލުގައި ހައްޔަރުގައި ތިބިމީހުންނަށް މަތީފެންވަރުގެ އިއްޒަތެކެވެ. ޑިމޮކުރަސީ އާއި އިންސާނީ ޙައްޤަށް މަސައްކަތް ކުރި ރިފޯމިސްޓުން ތަކެއްކަމަށް ސަރުކާރުން ގަބޫލުނުކުރިއަސް، ދުނިޔެއިން ގަބޫލުކޮށް ބަލައި ގަތްކަމުގެ ހެއްކަކަށް މިކަން ފުދެއެވެ. ހަމަގައިމުވެސް ވެރިކަމުގެ ރެޖީމުން ބޭއިންސާފު ތަކެއް ބައެއްގެ މައްޗަށް ހިންގާފައިވާތީ ނޫންގޮތަކަށް މިފަދަ ވަރުގަދަ ވަފުދުތައް ދޫނިދޫޖަލަށް ކުޑަގޮޅިތަކަށް ޒިޔާރަތެއް ނުކުރެއްވީހެވެ.


ގައިދީންތަކަކާ ބައްދަލުކޮށް ވާހަކައެއް ނުދެއްކީހެވެ. މިއީ އަޅުގަނޑު މެންނަށް އެބޭފުޅުން ދެއްވި، އުފުލިގެންވާ މަތިވެރި ޝަރަފެކެވެ. އަޅުގަނޑުމެން ރާއްޖޭގެ އިސްލާހަށް ކުރިމަސައްކަތް ބަލައިގަތް ކަމުގެ އަލިގަދަ ދަލީލެކެވެ. ފަހެ، ވިސްނާލަން ޖެހޭ، އަސްލުޕޮއިންޓަކީ މިއެވެ. އާދެ! އަޅުގަނޑުމެންގެ އިހްސާސްތަކާ މެދު، ވިސްނާނެ، ފިކުރުކުރާނެ، ބަހުސްކުރާނެ ބަޔަކު ތިބިކަން ކަށަވަރުވުމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމަށް އަޅުގަނޑު މެންފަދަ ގައުމީ ފިކުރެއް ގެންގުޅޭ ސިޔާސީ މީހުންގެ ފަރާތުން ލިބުނު ފަޚުރުވެރި ކަމެކެވެ.


އަދި މިހާރަށް ވުރެވެސް ބޮޑަށް ސިޔާސީ ލީޑަރުންނާ ދޭތެރޭގައި އާންމުންގެ މެދުގައި އޮންނަވިސްނުން މާބޮޑަށް ރަނގަޅުވާން ވެއްޖެކަމުގެ އަލާމާތެކެވެ. ދަނެގަތުން މުހިންމީ، ގައުމުގައި ތިބޭ ސިޔާސީ ލީޑަރުންނަކީ ސަރުކާރާ ދެކޮޅުބައެއް ނޫނެވެ. ސަރުކާރު ހަމަމަގަށް އަޅުވާ ބައެއްކަމެވެ. އަބަދުވެސް އެމީހުންގެ މަޝްވަރާ ލިބިގަންނަން ޖެހޭކަމެވެ.


އެމީހުންނަށް އަނިޔާކޮށް އެމީހުންގެ ވިސްނުމާއި ބުއްދިއަށް ގެންލުންދިނުމަކީ ގައުމަށާއި ދައުލަތަށް ގެއްލުންކޮށް އަނިޔާކުރުމެވެ. ވެރިކަމުގެ ނިޒާމު ރޭވިފައި އޮންނަންޖެހޭނީ ސަރުކާރުން މިފަދަކަމެއް ނުކުރެވޭނެ ގޮތަށެވެ. އިދިކޮޅު ފަރާތްތަކާއި މުސްތަގިއްލު ކޮމިޝަން ތަކާއި މުސްތަގިއްލު މުއައްސަސާ ތަކުން އެފަދަ އިންސާނިއްޔަތާޚިލާފު ކަންތައް ހުއްޓުވަން ޖެހޭނެއެވެ. ތަހުޒީބު ޑިމޮކްރަސީއަކީ އެއީއެވެ. ދީން ދަސްކޮށްދެނީ އެމަގެވެ.


އާދެ! 17 އޯގަސްޓް 2004 ވީއަންގާރަ ދުވަހު ފުރަތަމަ ޓީމު އަޅުގަނޑު މެންނާ ބައްދަލުކުރިއެވެ. މިޓީމުގައި ހިމެނުނީ، މިނިސްޓަރ އިސްމާޢީލް ޝަފީޢު އާއި މިނިސްޓަރ ޢަބްދު ﷲ ކަމާލުއްދީނެވެ. މިއީ ރެޖީމުގެ ފަރާތުން ވަޑައިގެންނެވި ޕްރޮޕަގެންޑާ ޓީމެކެވެ. ރައީސް މައުމޫނު ފީޑުކޮށްފައި ފޮނުއްވީމާ ގައިދީންގެ ޙާލުބައްލަވާލައްވަން ވަޑައި ގެންނެވީކަމަށް ވިދާޅުވިއެވެ. ވަގުތުން އަޅުގަނޑު ދެންނެވީމެވެ. ކަނުބަނދެ، ހަތަރެސްފައިގާ ބިޑިއަޅުވައި ވަރުގަދައަށް ތަޅާލުމަށް ފަހު، ދެން ކޮންޙާލެއް ބައްލަވާކަށް ތޯއެވެ؟ ވަޑައިގަނަވާނެކަމެއް ނެތެވެ! ޙާލުބައްލަވާކަށް އެފަދަ ބަޔަކު ފޮނުއްވާކަށް ވެސް ނުޖެހެއެވެ!


ފުރަތަމަ އަޅުގަނޑަށް މިކުރި އަނިޔާތައްކުރީ ކީއްވެގެންތޯ ބައްލަވައިދޭށެވެ. ޖަލެއްގެ ކުދިގޮޅި ތަކެއްގައި ބަންދުކޮށްފައި ތިބޭ ރާމާމަކުނުތަކެއް ބައްލަވާލައްވައި އަތްޕުޅުން ހަނާއަޅުއްވާ ލައްވާފައި ވަޑައިގަންނަވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރި ވަޑައި ގަންނަވައިގެން ނުވާނެއެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. އިށީދެ ވަޑައިގަންނަވާށެވެ. މިގޮޅިބައްލަވާ ލެއްވޭނީ އޭރުންނެވެ. ގޮޅީގެ ހޫނުގަނޑު ވަޒަންކޮށް ލެއްވޭނީ އޭރުންނެވެ. ދެން ލޭޑީ އިބްރާހީމް މަނިކު އަޅުގަނޑުގެ ގޮޅިހުޅުވައި ދެއްވުމުން ޝަފީޢު އިށީނދެ ވަޑައިގަތީ އަޅުގަނޑު ނިދަންހުރި އެނދުގައެވެ.


ޢަބްދު ﷲ ކަމާލުއްދީން، އިށީނދެ ވަޑައިގަތީ ކައިރީގައި ހުރި ގޮނޑީގައެވެ. މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެއް ކމުގައި ދަންނަވައި ވަރަށްގިނަގުނަ ވާހަކަތައް މިދެބޭފުޅުންނަށް ދެންނެވީމެވެ. ރަނގަޅަށް ދެބޭފުޅުން ވެސް އައްސަވާށެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް އާދޭހޭ ނުދަންނަވާށެވެ. ގައުމު އިސްލާހުގެ މަގަށް ގެންގޮސް ދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަކޮށް ގެންގުޅުއްވާށެވެ. އަޅުގަނޑުމެން މިގޮތަށް ކެތްކޮށް މަރުވެ، ފަނާވެ ހިނގައިދާނަމެވެ.


މިހުރީ ޢިބްރަތް ލިބިގަންނަން ހުރި ފިލާވަޅުތަކެވެ. ކީއްވެތޯއެވެ؟ ގައުމެއްގެ ޤާނޫނުއަސާސީ ހަދަން ރައްޔިތުން ހޮވާފައިތިބި ބަޔަކަށް މިފަދަ އަނިޔާތައް ތިޔަދެއްވަނީއެވެ. ނިކަން ވިސްނާ ވަޑައިގަންނަވާށެވެ. މިކުރާ ތަހުގީގު، އަޅުގަނޑުމެން މިގޮތަށް އެކަހެރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވައި އަނިޔާކޮށް ނުހައްދަވާ ވެސް ކުރެއްވޭނެއެވެ.


އެއްގޮތަކަށް ވެސް ކަންތައް ތިޔަކުރައްވާގޮތް ކަމަކުނުދެއެވެ. ރަނގަޅެއްނޫނެވެ. އަނިޔާވެރިއެވެ. ފުރަތަމަ ޖަލްސާގައި ޚިޔާލު ތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ވިސްނުނު ގޮތާ ގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީ ރުޅިވެރިކަމަކަށް ވައްޓާލުމަށް ފަހު، އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިންވެސް ކަނޑާލާފައެވެ.


މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ، ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވާފައެވެ. މިއީ އިންސާފު ތޯއެވެ؟ ވަރަށް ރަނގަޅަށް ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތްތައް، ރާއްޖެތެރެއަށް ޝަފީޢު އަރިހުގައިވެސް ދަތުރު ކުރެވިފައި ހުންނާނެއެވެ. ހޯމް މިނިސްޓަރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ ޖުލައި، 26 ގެދުވަސް ވަރެއްގައި އޮންނަ މިންވަރު ރަނގަޅަށް ޝަފީޢުއަށް އެނގި ވަޑައި ގަންނަވާނެއެވެ.


އެޓޮލްސް މިނިސްޓަރ އެކުރެއްވި ކަންތަކަކީ، ގާނޫނާއިގަވާޢިދުގެ ދަށުންކުރެއްވި ކަމެއްތޯއެވެ؟ އަޅުގަނޑު ކޯޓަށް ވެއްދީ ގާނޫނު އަސާސީ ވިސްނުމުގައި ޚިޔާލު ތަފާތުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިއާސަތުގައި އިންނެވި ވަގުތީ ރައީސްގެ މައްސަލައެވެ. އެއްގޮތަކަށް ވެސް، ހ.މީނާޒު ޢަބްދު ﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ.


އުސްތާޒު ޢަބްދު ﷲ ޙަމީދަށް އަޅުގަނޑުގެ އިޙްތިރާމް، ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް އަބަދުވެސް އޮންނާނެއެވެ. ނިކަން ވިދާޅުވެ ދެއްވަ ބައްލަވާށެވެ؟ ކަންތައްތައް މިދަނީހަމަ، 9 ޖޫންގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި، އިސްލާހުތަކާ އެއްގޮތަށް ތޯއެވެ؟ ކޮސްމެޓިކްސް އަށް ނުހައްދަވާށެވެ.


ތަމްސީލް ކުޅުއްވަން ނުހައްދަވާށެވެ. ރަނގަޅުގޮތުގައި ރިފޯމަކަށް ވަޑައިގަންނަވާށެވެ. އިސްލާހު ގެނެވޭނީ އޭރުންނެވެ. އިސްލާހުވާނީވެސް އޭރުންނެވެ. ރައީސް މައުމޫނަކީ، ކުޑަ ކަލާނގެކަމަށް ނުބައްލަވާށެވެ. ﷲ ފިޔަފައި ބިރުގަންނަން ޖެހޭ އެހެން ފަރާތެއް ނުވެއެވެ. ވެރިމީހާ އެއީ ރައްޔިތުންގެ ޚާދިމެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު، އިންސާނީ ވަންތަ ނަޒަރަކުން ބައްލަވާށެވެ. ދައުލަތާ ދެކޮޅު ބާޣީންނަށް ނުހައްދަވާށެވެ. ފެންފޮދެއްނުދީ ކަތިލަން ނުހައްދަވާށެވެ. މިގޮޅީގެ ހޫނުގަދަކަމުގެ ވާހަކަ ދެންނެވުމުން، އެނބުރޭ ފަންކާއެއް މެމްބަރުން ތިއްބަވާގޮޅިތަކަށް ލިބޭނެގޮތް ހަމަޖައްސައި ދެވޭތޯ ބައްލަވާނެކަމަށް ވިދާޅުވިއެވެ.


އަދިވެސް އަޅުގަނޑު މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމެވެ. މިކަމުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ ތިޔަބޭފުޅުންނާ އެކު ފެންނަން މިތިއްބެވި ގާޑުންތޯއެވެ؟ މިވާހަކަތައް ރައިސް މައުމޫނަށް، އަދި ކެބިނެޓަށް، މަޖިލިސްތަކަށް އިއްވަވައި ދެއްވުމަކީ، އަޅުގަނޑުގެ އިލްތިމާސެކެވެ.


ދެންއޮތީ މިދެބޭފުޅުން، މާލެ ވަޑައިގެން، ޓީވީއެމް އާއި ދިވެހިރޭޑިއޯ މެދުވެރިކޮށް މުޅިރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުތަކުގެ ބުރަދަނަށް ބަލައިލުމެވެ. އެކަންތައް ތިޔަ އިއްޒަތްތެރި ރައްޔިތުންނަށް އިންސާފުގެ ތިލަފަތުން ވަޒަންކޮށް ލެއްވޭނެއެވެ. އޭކޭއަކީ ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެވެ.


23 އޯގަސްޓް 2004 ވީހޯމަ ދުވަހަކީ ކުޑަގޮޅީގައި އޮންނަތާ، 11 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަންގެ ވަފުދެއް ޖަލުތެރެއަށް ވަޑައިގެން ކުށްވެރިންނާ ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއެވެ. ދެން އެކޮމިޝަނުގެ މެމްބަރު ވަޙީދުއްދީނެވެ. އަދިވެސް އަންހެން ދެބޭފުޅުން ތިއްބެވިއެވެ.


މިބޭފުޅުންގެ ޖަލުތެރޭގެ ހުރިހާހަރަކާތެއް ސިފައިނާއި ފުލުހުން، މޫވީކުރަމުން ގެންދިޔައެވެ. ކުށްވެރީންނާއި ބައްދަލުކޮށް ދެއްކިވާހަކަ ތަކާއެކުގައެވެ. އަޅުގަނޑުގެ ވާހަކަތައް ފެށީއްސެރެ ނިމެންދެން މޫވީކުރިއެވެ. ޑޮކްޓަރ ހަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީއަށް ދައްކާލަން ކުރިކަމެކެވެ!


އަޅުގަނޑުގެ ގޮޅި، 17 ނަމްބަރާ ހަމަވުމުން، ދެންނެވީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތް ކޮށްލައްވާހެން ވޭވްކޮށް ލައްވާފައި ތިޔަހެން އެނބުރި ވަޑައި ނުގަންނަވާށެވެ. މިއީ ބަންދުކޮށްފައި ތިބި ރާމާމަކުނުތަކެއް ނޫނެވެ. ޚާއްސަ މަޖިލީހަށް ރައްޔިތުން ހޮވާފައި ތިއްބެވި އިއްޒަތްތެރީންނެވެ. ވިސްނުމާއި ބުއްދި ލައްވާފައިވާ އިންސާނުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. ދެން ސިފައިން ދޮރުހުޅުވުމުން، މުޖްތަބާ އާއި ޑީން ގޮޅިތެރެއަށް ވެންނެވިއެވެ. އެހެންބޭފުޅުން ތިއްބެވީ، ދޮރުމަތީގައި ކޮޅަށް ބޭރަށްވާގޮތަށެވެ. ތޭރިލީ ކުޑަދޮރުތެރެއިން މޫވީކުރުން ކުރިޔަށްދާ މަންޒަރު ފެނެއެވެ.


އާދެ! 13 އޯގަސްޓްވީ، ކަޅުހުކުރު ދުވަހު ގޭގައި މަޑުންއިންދައި ނެރެގެން ގެންގޮސް، ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ފުށްޖައްސުވާއި ބޭސްކާންދީ، ކޮފީބޯންދީ ފިރުމާހެއްޖަސް، ޙާލުރަނގަޅެއް ނުވާނޭ ދެންނެވީމެވެ. މިގޮތަށް ތިއްބާކޮންމެ ބޭފުޅަކުވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ، މަލާމާތް ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަކަމާ މެދު، ޝުކުރު ކުރައްވާށެވެ! އިހަށްދުވަހަކު ދެވަޒީރަކު މިތަނަށް މިގޮޅިއަށް ވަޑައިގެންވެސް ދެއްކެވީ ތިޔަ ވާހަކައެވެ. ތިޔަގޮތަށް ޖެއްސުންކޮށް މަލާމާތް ނުކުރައްވާށެވެ! މިއީ ހަމަ ކޮސްމެޓިކްސްގެ ދަޅަދެއްކުން ތަކެވެ. ޖަރީކުރުމެވެ. އަސްލުގައި ދައުލަތަށް ރިފޯމް ގެނެސްދެއްވަނީއެއް ނޫނެވެ.


އަޅުގަނޑު އަދިވެސް މިހުރީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑުވެގެންވާ އަނިޔާގައެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގައި ވިސްނޭގޮތާމެދު ޚިޔާލުތަފާތު ވުމާގުޅިގެން، މިހުރީ އަޅުގަނޑުގެ އެންމެބޮޑު ހައްގުންވެސް މަހްރޫމްކޮށް އުނިކޮށް ލައްވާފައެވެ. މިނިސްޓްރީ އޮފް އެޓޮލްސްއިން ރައީސް އޮފީހަށް ލިޔެގެން، އެއޮފީހުން މިމަހު، 8 ވަނަ ދުވަހު، އަޅުގަނޑު މިހުރީ ނޯޓިސްދެއްވައި ވަޒީފާއިން ވެސް، ވަރަށްރީތިކޮށް ވަކިކޮށް ލައްވާފައެވެ.


ހަމަމިއީ އިންސާނިއްޔަތު ތޯއެވެ؟ އިޖްތިމަޢީ ޢަދާލަތު ތޯއެވެ؟ ވިދާޅުވެ ބައްލަވާށެވެ. އިސްލާހު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލުން ތޯއެވެ؟ ނުވަތަ ވަގުތީ ފިލާވަޅަކަށް ޖައްބާރުން ކަންތައްތައް ކުރާހެން ހައްދަވަން ބޭނުންވަނީ ތޯއެވެ؟ ނޫނީ މިއީ ގާނޫނާއި ގަވައިދު ބުނާގޮތްތޯއެވެ؟


ނިކަން މުޖްތަބާއާއި ޑީން ވިދާޅުވެ ދެއްވަބައްލަވާށެވެ! ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ސަރުކާރުން އެޓޮލްސް މިނިސްޓަރުގެ ދެންނެވުމަށް، ނޯޓިސްދެއްވި މައްސަލަ، މުޖްތަބާމެން ތިޔަކޮމިޝަނުން ބައްލަވައި ދެއްވަން ޖެހޭނެއެވެ. ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ނުބެލެވެންޏާ ތިޔަކޮމިޝަނަކީ، ރައީސް މައުމޫނުގެ ރައިޓްސް އާބެހޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެހިކިޔަކިޔާ ހުއްޓާ އެބޭފުޅުން، ގޮޅިން ނުކުމެ ވަޑައިގެން ހިންގަވައި ގެންފިއެވެ. ދެން ސަލާމް ކުރުމަށް ފަހު، ވަރަށްބޮޑު ޝުކުރިއްޔާއެއް ދެންނެވީމެވެ.


23 އޯގަސްޓް 2004 ވީހޯމަ ދުވަސް މިއަދު، އަޅުގަނޑާ ބައްދަލުކުރީ އީޔޫގެ ބޮޑުވަފުދެކެވެ. މިބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނެރުނީ، ދޫނިދޫ އުނދޯލިގެއަށެވެ. މިވަފުދުގައި ހިމެނެނީ، 3 ފިރިހެނުންނާއި، 2 އަންހެނުންނެވެ. މިއީ ވަރަށްމަތީ ފެންވަރުގެ ބޮޑުޓީމެކެވެ. ތަޢާރުފްވެ ސަލާމްގަލާމް ކުރުމަށް ފަހު، މިވަފުދަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑު ބޭނުންވަނީ، ތިޔަބޭފުޅުންގެ އަރިހުގައި ވަޑައިގެން މިއިންނެވި، ފޮރިންގ މިނިސްޓްރީގެ ބޭފުޅާ އަލްފާޟިލް އަބްދުލްޙަމީދު ޒަކަރިއްޔާ އަޅުގަނޑުގެ ވާހަކަތައް ރަސްމީކޮށް ތަރުޖަމާކޮށް ދެއްވާގޮތަށް މިބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވައި ދެއްވުމަށެވެ.


އަބްދުލްޙަމީދުޒަކަރިއްޔާ
އަބްދުލްޙަމީދުޒަކަރިއްޔާ

ދެން ހަމަޖެހިގެން ދިޔައީ އެގޮތަށެވެ. އަޅުގަނޑަކީ، ޚާއްސަ މަޖިލީހުގެ، އދ.އަތޮޅުގެ މެމްބަރުކަމާއި، 10 ރަށުގައި މީހުންދިރިއުޅޭ ބޮޑުއަތޮޅެއް ކަމާއި ވަރަށްމަތީ ޕަސެންޓޭޖަކުން އަޅުގަނޑު ހޮވިފައިވާ ކަމުގައި ދެންނެވީމެވެ. ބައެއްރަށްރަށުން ވޯޓުލީ އެންމެންގެ ވޯޓު އަޅުގަނޑަށް ލިބުނެވެ.


ދެން މިމަހު، 13 ވީހުކުރު ދުވަހު އަޅުގަނޑުގެ އަމިއްލަގޭގައި އިންދާ ސިފައިންގެ ޖީޕެއްގައި، 5 ބޭކަލުން އައިސް އަޅުގަނޑު ނެރެގެން ގެންގޮސް ކަނުބަނދެ، ދެއަތްފުރަގަހަށް ގަދަކަމުންލާ ހަނގުރާމަމަތީގައި ހިފާހައްޔަރުކުރަން ވަގުތީގޮތުން އަޅުވާވައްތަރުގެ ޕްލާސްޓިކް ސްޓްރިޕެއް އަޅުވާއި ބުރަކައްޓާއި މޭމަތީގައި ބާރަށްވިކާ ކުދިގޯނާތައްކޮށް ހަދާއި ހަޑިހުތުރު އެއްޗެހިކިޔައި، އަދި ދަނގަނޑުބޫޓުން ދެފައިގާ ތަޅަމުން ތަޅަމުން ހިންގާހެދިއެވެ.


ހިންގާފައި ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން، ޖެއްސުމުގެ ބަސްތައް އިއްވިއެވެ. ދެން އިރުގަނޑަކަށް ފަހު، އަޅުގަނޑަށް ސިފައިންގެ އޮފިސަރެއްކަން އަޑުން ފާހަގަކުރެވުނީ އިބްރާހީމް ދީދީއެވެ. އޭނާއަށް އާދޭސް ދެންނެވީމާ މުހެލަދިނުމަށް ފަހު، ދެން ގެންދިޔައީ މައްޗަށެވެ.


އިބްރާހީމް ދީދީ
އިބްރާހީމް ދީދީ

އިބްރާހީމް ދީދީ މިތަނުން ފާހަގަ ނުވިނަމަ، އެހެންމީހުންނަށް ހެދިހެން އަޅުގަނޑަށް ވެސް ހަދާލީހެވެ. ދެން މަޖިލީހުގެ މެމްބަރެއްކަން އެނގުނީމާ މައްޗަށް ގެންދިޔައީއެވެ. މީހާ ބަންދަށް ނަގަން އޮފިސަރުން ފޮނުވާ އިރު ނެގެނީ ކާކުކަން ރަނގަޅަށް ބުނެދީފައި ފޮނުވުން ވަރަށް ބޭނުންތެރިއެވެ. ފަތިސްވަންދެން މިތާގާއި ގެންގުޅެފައި، ދެން ގެންގޮސްލީ ދޫނިދޫކުޑަ ގޮޅިއަށެވެ.


ދޫނިދޫ ކުޑަގޮޅީގައި ހައްޔަރުކުރި ގޮތަށް އަދިވެސް މިހުންނަނީ، 24 ގަޑިއިރު ބަންދުކޮށްފައެވެ. މިރަށަށް ބަދަލުކުރިފަހުން ހަށިގަނޑަށް ގެއްލުންވާގޮތަށް ބޭރުފުށުން އަނިޔާކުރުމަށް ތަޅާލާނުހަދައެވެ. ފަހުން ކަނުބަނދެ ގައިގާޖަހާ ހަދާފައެއް އަދިއެއް ނެތެވެ. އެހެނަސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް އަނިޔާގައިކަމަށް ދެންނެވީމެވެ.


އަދި ގަލަން، ފަންސޫރު، ކަރުދާސް، ފޮތް ފަދަ ތަކެތި ނުލިބޭކަމާއި ރޭޑިއޯއެއްވެސް ނުލިބޭކަމުގައި ދެންނެވީމެވެ. ސަރުކާރުން ކުރައްވަމުންދާ އެއްވެސް ކަމެއް، ނާންގަވާކަމަށާއި އެހެނަސް ގާނޫނުއަސާސީގެ ދަށުން އަޅުގަނޑު ކޮށްގެން މިހިރަ ހުވާ ދަމަހައްޓައި ދިނުމަކީ މަޖްބޫރުކަމެކެވެ.


އެހެނަސް ސިފައިން އެހުވަޔަށް ޢަމަލުކުރިއަކަ ނުދެއެވެ. ހުރަސް އަޅަނީއެވެ. ނަފުސާނީ ޖެއްސުން ކުރެއެވެ. ގާނޫނު އަސާސީއާ ޚިލާފަށެވެ. އެ ސުވާލު ކުރުމުން ބުނަނީ، ގާނޫނަކުން ބާރުލިބިގެން މިގޮތަށް މިކަން ކުރަނީ ކަމަށެވެ. އަސާސީއަށް ވުރެ ގާނޫނުގެ ބާރު މާގަދައެވެ. މިހުންނަ ގޮޅީގައި އެއްގޮތަކަށް ވެސް ކަސްރަތު ނުކުރެވެއެވެ. ވައިދައުރުވާލެއް ވަރަށްދަށެވެ. އުނޑުގެނޭކުލަ އާއި ގަސްތަކުގެ ކުލަ ފެހިކުލަ ލޮލަކަށް ނުފެނެއެވެ. ވަށައިގެން އުދާސްތަކެވެ. ބައެއްފަހަރު، އުނދަގޫވެ ނޭވާހާސްވާ ގޮތްވެއެވެ. ގޮޅިތެރޭގައި ވަސްނުބައި ވެއެވެ. ހިލައިގެ ޒަމާނުގައި ނުވަތަ ސްޓޯންއޭޖްގައި މީހުން ފެންވެރިގޮތަށް ފެންވަރާން ޖެހެއެވެ.


އަދި ފާޚާނާކުރަން އުސްތައްޓެއް ބަހައްޓާފައި ގޮޅިތެރޭގައި ކުޑަފާޚާނާއެއް ކަހަލަ ތަންކޮޅެއް ހުރެއެވެ. ފެންއިސްކުރުގައި ހުންނަނީ ފާވަސްދުވާ ލޮނުފެނެވެ. ދުވަނީނުބައި ކުނިވަހެވެ. ރީތިފެނުގެ ދެނީއެންމެ ކުޑަހަމެކެވެ. ބުއިމާއި ހުރިހާކަމެއް ކުރަންޖެހެނީ އެހަމުގެ ފެނުންނެވެ.


މިގައުމުގެ ގާނޫނު އަސާސިހަދާ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ސިޔާސީލީޑަރުން ތިބެންޖެހޭ ގޮތަކީ މިއީ ކަމުގައި ދެންނެވީމެވެ. މިއަށްވުރެ މަރާލުންވެސް މާރަނގަޅު ވާނެކަމުގައި ދެންނެވީމެވެ. ގޮޅީތެރޭގައި ވައިދައުރުވާނެ ގޮތެއް ނުހުރެއެވެ. 24 ގަޑިއިރު ހުންނަނީ ތަޅުލާފައެވެ. ނާމާން ބިރުވެރި ތަނެކެވެ. މީހަކައި އަނގައިން ނުބުނެވެއެވެ.


ފޯރިއަށްތިބޭ ގާޑުންނައި އަނގައިންބުނުން ވެސް މަނަލެވެ. އެކިވަފުދުތަކާ ބައްދަލުކުރުމަށް ބޭރަށް، އަދި ތަޙްޤީޤަށް ނެރޭއިރު ހިނގަންޖެހޭމަގާއި އަޅަންޖެހޭ ފިޔަވަޅު އަޅާނެތަންވެސް ގާޑުންގެ އިޝާރާތުން ދައްކާހަދައެވެ. އެނޫންގޮތެއް ހަދައިފިނަމަ، އަދަބުދެއެވެ. މިހާވެސް ބޮޑުކޮށް އަސާސީހައްގުތައްވަނީ ނިގުޅައިގެންފައެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ފަންސޫރެއް، ނޯޓްފޮތެއް ނުލިބެއެވެ. އާއިލާއާ، އަދި ބައްދަލެއް ނުވެއެވެ. ކުޑަކުޑަދެކުދިން، 2 އަހަރާއި، 4 އަހަރުގެ ތިބެއެވެ. ކުޑަމަންޖެގެ އުފަންދުވަސް އައުމުން ފޯނުކޯލެއް ދިނުމަށް އެދުނީމާވެސް ނުދިނެވެ.


ކުޑަދެދަރިން، ޓޭން އާއި ރޭމް
ކުޑަދެދަރިން، ޓޭން އާއި ރޭމް

މިޒާތުގެ ހިތަށް އަސަރުކުރާ ކަހަލަ ބައިވަރު އަނިޔާތަކެއް ކުރެއެވެ. މިގޮތަށް ޓުރީޓްކުރަމުން މިގެންދަނީ ދިވެހި ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކަށެވެ. އެތައް މެމްބަރުންނެއް ގޮޅިތަކުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ. އެމީހުންނަށް ރައްޔިތުން ވޯޓުދީގެން ހަވާލުކޮށްފައިވާ މަތިވެރިވެގެންވާ ބޮޑުޒިންމާތައް ވަނީ ނިގުޅައި ގެންފައެވެ. ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ވެސް ޚިލާފަށެވެ. ރައްޔިތުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިތިބޭ މިފެންވަރުގެ ސިޔާސީ ލީޑަރުންނަށް ލިބިދޭންޖެހޭ އެއްވެސް ހައްގެއް ނުލިބެއެވެ. ގާނޫނުހަދާ މަޖިލީހުގައި ވާނުވާއެއް ނާންގައެވެ.


މިކަމާ ވީހާއަވަހަށް ތިޔަބޭފުޅުން ގަދައަޅާ މަސައްކަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑުމެންގެ ހައްގުތައް ލިބިދިނުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުން ވަރަށް ބޮޑަށްއެދެމެވެ. ސްޓޭޓް އޮފް އިމަޖެންސީ، ކުއްލި ނިރައްކަލުގެ ހާލަތު އަދިވެސް އޮތީ ހިންގާފައެވެ. ހުރިހާ އަސާސީ ހައްގުތަކަކާއި ވާޖިބުތަކެއް ވަނީ، ވެރިމީހާގެ މުށުތެރެއަށްލާއި ބަންދުކޮށްލާފައެވެ. ވަކީލުންގެ ބޭނުންހިފުންވެސް ވަނީ މީގެތެރެއިން މަނާވެފައެވެ. ކުޑަކުދިންގެ ފަހަތުން ސިފައިން ދުވެހަދައިގެން އަތުލައިގަނެގެން ގެނެސް ޖަލަށްލާއި ކަނުބަނދެ އަނިޔާކޮށް ހަދާފައި އެބަހުއްޓެވެ.


އަންހެން ކުދިންނަށް ޖިންސީގޮތުން ހާނީއްކަކޮށްފައި އެބަހުއްޓެވެ. އަނދިރީގައި އެކުދިންގެ ތުންފަތުގައި ސިފައިންގެ ސިއްރު ގުނަވަންތައް ކާއްތާފައި އެބަހުއްޓެވެ. ފިރިހެން ޒުވާނުންގެ ކުރިމަތި ފަރާތުގައި ހިފާފައި ތަޅުވަމުން، އަބްދު ﷲ ޙަމީދު އިސްތިއުފާއޭ ކިޔާފައި މަލާމާތް ކޮށްފައި އެބަހުއްޓެވެ.


މިކަންކުރީ ހއ.އަތޮޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓަކަށެވެ. މިއަދުގެ ސިފައިންގެ އަޚްލާޤީމިންގަޑަކީ މިއީއެވެ. އަޅުގަނޑުމެން ހައިރާންވީމެވެ.  13 ވަނަ ދުވަހު، މާމަ ގެއަށް ދިޔަ ކުޑަދެކުއްޖަކު މަގުމަތިން އަތުލައިގަނެގެން ތަޅާއިއަނިޔާކޮށް ހަދާއި ގިރިފުއްޓަށް ކަނުބަނދެގެން ގެންގޮސްފައި ވެއެވެ.


ކަނުބަނދެ އަތުގައި ބިޑިއަޅުވައިގެން ކަނޑުދަތުރު ކުރުމަކީ، ބައިނަލް އަގްވާމީ ކަނޑު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން މުޅިންމަނާ ކަމެކެވެ. ކަނުބަނދެގެން ކަނޑުމަތީގައި ގިނައިރު އަންހެންކުދިން ރޭގަނޑު ގެންގުޅުނީ، ޖިންސީގޮތުން އެކުދިންނަށް ހާނީއްކަކުރާށެވެ. މިމީސްމީހުންގެ އާއިލާތަކަށް އަދި ވާނުވާއެއް އެއްގޮތަކަށް ވެސް ނޭނގެއެވެ.


ސަރުކާރުގެ ގައުމީ ޓީވީން އިއުލާނުކޮށް ގޮވަނީ، ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކޮށްގެން އުޅޭބައެއްގެ ގޮތުގައެވެ. ޝައިޚް ޢުޘްމާނުމެން ކަހަލަ ދީނީ ޝައިޚުން ލައްވާ، ބާޣީންނަކީ މަރަންޖެހޭނެ ބައެއްގެ ފަތުވާވެސް ނެރުވާހަދަނީއެވެ. މިކަން މިކުރަނީ ގޭގައި ތިބި އާއިލާތައް ބިރު ގަންނަވާށެވެ.


ޓިވީއަށްއަރާ ތިއްބަވައިގެން ބައެއް ދަންނަބޭކަލުން ނިޔާކަނޑައަޅާއި ޙުކުމްތަކާއި ޢުޤޫބާތްތައް ހުންނާނެ ގޮތްތައް ވެސް ކިޔައިދީ ހަދާފައިވާ ކަމުގެ ޚަބަރުތައް ޖަލަށްް ލިބިފައި އެބަހުއްޓެވެ. މިޝައިޚުންނަކީ ސަރުކާރަށް ބޯލަނބާ ޝައިޚުންނެވެ. ސަރުކާރަށް ބިރުވެތިވާ ދަންނަބޭކަލުންނެވެ. މިނިވަން އިލްމުވެރިންނެއް ނޫނެވެ. މިރެޖީމުން ގެންގުޅޭ ތުނބުޅިލީ އޭޖެންޓުންނެވެ. އިސްލާމްދީން އެމީހުން ބޭނުންވާ ގޮތަށް އަނބުރާލުމަށެވެ. މިކަން މިކުރަނީ އަޅުގަނޑުމެންގެ އާއިލާތައް ނަފްސާނީގޮތުން ބަލިޖައްސާއި ބިރު ގެންނެވުމަށެވެ.


އެހެންވުމާ ހެދި ހިފޭއްޓިފައި ހުރި ހުރިހާ ހައްގުތައް ވީހާއަވަހަށް ރައްޔިތުންނަށް މިނިވަން ކަމާއެކުގައި ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ ތިޔަ ޔުނިއަންގެ މަސައްކަތެއް ކަމުގައި ވީހާއަވަހަށް ހައްދަވާށެވެ. އަޅުގަނޑު މެން މިތިބީ އެ ހައްގުތަކުން މަހުރޫމުވެފައެވެ. މުޅި މިކަމަށް ޖުމްލަގޮތެއްގައި ހައްލެއް ހޯއްދަވައި ދެއްވުމަށް ތިޔަ ޔުނިއަންގެ ފަރާތުން ލަސް ނުކުރައްވައި ކުރައްވަންޖެހޭ މަސައްކަތްތައް ފައްޓަވައި ދެއްވާށެވެ. އެއީ އަހުރެމެން ސިޔާސީ ގައިދީންގެ ވަރަށް ބޮޑުއެދުމެކެވެ. ރާއްޖޭގެ އެތައް އާއިލާތަކެއް ޖަލުގައި ހަލާކުވެ މިދަނީ ތިޔަބޭފުޅުންގެ ލޯމަތީގައެވެ. މިކަމާ ވިސްނަވާށެވެ. އަވަސް ހައްލެއް ގެނެސް ދެއްވާށެވެ.


މީގެކުރިން، 1990 ވަނަ އަހަރު މިރެޖީމުން ކަންތައް ކޮށްފައިހުރީ ވަރަށް ގޯސްކޮށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ވަރަށް ލާއިންސާނީ ކޮށެވެ. ހަމައެއް ލަމައެއް ނެތިއެވެ. ޖަލުގެ ކުޑަގޮޅިއަށް ވެއްދިގޮތަށް ނުނެރެކުޑަ ގޮޅީގައި ބައިތިއްބައިގެން ޙުކުމް އިއްވައި ކޯޓުން ޝަރީޢަތް ނިންމާއި ދެން ވެސް ކުޑަގޮޅިގައި އެތައް ޒަމާނެއް ވަންދެން އަނިޔާގައި ބޭތިއްބީއެވެ. ނަސީބުގަދަ މީހުން ސިކުނޑި ހަލާކުނުވެ ތިބީއެވެ.


އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ސިކުނޑިގޯސްވެ ބޯގޮވި މީހުން މިހާރުވެސް ދުނިޔޭގައި ފެންނަން އެބަތިއްބެވެ. މިފަހަރު އެހެންވިޔަ ނުދެއްވުން އޮތީ ތިޔަޔުނިއަނުން ކުރައްވާ މަސައްކަތުގެ ނަތިޖާގެ މައްޗަށެވެ. އަޅުގަނޑުމެން މިނިވަންވުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން އަތުގައެވެ. ތިހާދުރުން، ތިހާ މަތީ ބާރެއްގެ ޔޫނިއަނަކުން ތިހާ މަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑާ ބައްދަލު ކުރެއްވީތީ އެކަމަކީ، އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކާއި ޝަރަފެއްކަން އަބަދުވެސް ހަނދާން ކުރާނަމެވެ.


މާދަމާ ނުވަތަ އަނެއްދުވަހު، އާއިލާއާ ފުރަތަމަ ފަހަރަށް ބައްދަލުވާނެ ކަމުގެ އުންމީދު ކުރެވެއެވެ. އަންހެނުން ފެންނާނެއެވެ. އެހެނަސް އެބައްދަލު ވުމަށްވުރެ، ތިޔަބޭފުޅުންގެ މިބައްދަލުވުން އަޅުގަނޑަށް މާބޮޑަށް އުފާކުރުވައި ފިއެވެ. އަޅުގަނޑަކީ، ޔުނިވަރސިޓީން ގްރޭޖްއޭޓްވެގެން ދިވެހިރާއްޖެއަށް، 1984 ވަނައަހަރު އައި ގޮތަށް، ރާއްޖޭގައި ސިޔާސީ އިސްލާހުތައް ގެނެސް ރިފޯމަށް ގަދައަޅާ މަސައްކަތްކުރާ މީހެކެވެ. ވަޒީފާއަދާކުރަމުން މިގެންދަނީ ދިވެހިސަރުކާރަށެވެ. 1994 ގައި ފުރަތަމަފަހަރަށް ސިޔާސީޕާޓީއެއް ހެދޭތޯ އަންނި އާއި ކަޅުހުރާގޭ މުޙައްމަދު ލަޠީފާއެކު ގުޅިގެން މަސައްކަތްތަކެއް ކުރިމީހެކެވެ. އެދުވަސް ވަރަކީ، މިހާރު ބޭނުންކުރަމުން މިގެންދާ ގާނޫނު އަސާސީ އިސްލާހުކުރަމުން ގެންދިޔަ ދުވަސްވަރެވެ.


މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނާ ހަމައަށް ރަސްމީކޮށް ސިޓީއަކުން، އަޅުގަނޑު ގެންދިޔުމުން، ދެއްވީ ރަނގަޅުރީތި ޖަވާބެކެވެ. އަދި އޭގެފަހުން، 2001 ވަނަ އަހަރު ވެސް، 42 މީހުންނާ ގުޅިގެން އެމްޑިޕީގެ ނަމުގައި ރާއްޖޭގައި ސިޔާސިޕާޓީއެއް ރަޖިސްޓަރީ ކުރެވޭތޯ މަސައްކަތް ކުރީމެވެ. ގާނޫނު އަސާސީ އެކަމަށް ހުއްދަދޭތީއެވެ. އެހެނަސް ދިވެހި ފަސްގަނޑުގައި އެކަންވަނީ އަދިވެސް ނުކުރެވިފައެވެ. އަޅުގަނޑުމެން ދެކެ، ސަރުކާރުން މިހާ ރުޅި އަންނަނީ ސިޔާސީޕާޓީއެއް ގާނޫނީ ގޮތުން އުފައްދަން މަސައްކަތް ކުރާތީއެވެ.


އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު މިކަމަށް މަސައްކަތް ކުރާނަމެވެ. "އައި އެމްއަ ރިފޯމަރ" އާއި "އައި ވިލް ޑައި ފޯ ޑިމޮކްރަސީ" އާއި "ލޯންގ ލިވް ޑިމޮކްރަސީ" އާއި "އަހަންނަކީ ސިޔާސީ މީހެއް... ޅެންވެރިއެއް ނޫން" މިހިރީ އަޅުގަނޑުގެ ސިޔާސީ ކެންޕޭންތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންކުރި މޮޓޯތަކެވެ. މިޝިއާރުތަކަށް ޒުވާނުންގެ ތަރުހީބު ވަރަށްބޮޑަށް ލިބުނެވެ. އެންމެންވެސް މިފަދަ މަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށް އަބަދުވެސް އެކަކަށް ވެރިކަމުގައި ނުހުރެވޭ ގޮތްވާން ބޭނުން ވެއެވެ. ވެރިކަމަކީ، ދައުރުވާ އެއްޗަކަށް ބަދަލުކުރަން ބޭނުންވެއެވެ.


ވީމާ މިނުކުތާތަކަށް، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޔޫނިއަނުން ވަރަށް އިސް ނަންގަވައިގެން ވިސްނެވުމަށް އަދޭހާއެކު ކުޑަގޮޅީގެ އަނިޔާގައި އޮވެގެން ގޮވާލަމެވެ. ދެން ތިޔަބޭފުޅުންނަށް އީޔޫގެ ފަރާތުން އަޅުގަނޑުމެން ފަދަ، ޖަލުގައި ތިބި ސިޔާސީ މީހުންނަށް ކޮށްދެއްވޭނީ ކޮންކަމެއްތޯ ދަންނަވައި ސުވާލުކުރުމުން، ވަފުދުގެ ބޭފުޅުން ވިދާޅުވެ ދެއްވީ، ތިޔައީ ވަރަށް ރަނގަޅު ސުވާލެއް ކަމަށެވެ.


ދިވެހިރާއްޖޭގައި މިހާރު ހިންގާފައި މިއޮތް އިމަޖެންސީ ހާލަތު، ސްޓޭޓް އޮފް އިމަޖެންސީ، ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ވީހާއަވަހަށް ނެގުމަށާއި ގާނޫނު އަސާސީ އެކުގައި ފުރިހަމަކޮށް ރައްޔިތުންނަށް އަމަލު ކުރުމަށް އަނބުރާ ގެނެސްދިނުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ވަފުދުގެ ބޭފުޅުން، އަޅުގަނޑަށް ޔަގީންކަން ދެއްވަމުން، ވަރަށް ހިތްވަރު ކުރެއްވުމަށް ވިދާޅުވެ ދެއްވިއެވެ.


މިހާހިސާބުން މިބައްދަލުވުން ސަލާމްގަލާމްކޮށް ނިންމަލީއެވެ. މިއީ ވަރަށް ފުރިހަމަ ބައްދަލު ވުމެކެވެ. އަޅުގަނޑު ވަރަށްއުފާވި ބައްދަލު ވުމެކެވެ. ނިމުނީ ގާތްގަނޑަކަށް، ގަޑިއެއްހާ އިރުވެފައެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން މާދިގުދެމިގެން ދިޔައީއެވެ. އެބޭފުޅުން ގިނަވާހަކަތައް  ނޯޓުކުރެއްވިއެވެ. އަބްދުލް ޙަމީދު ޒަކަރިއްޔާގެ ތަރްޖަމާ ކުރެއްވުން ވަރަށް ފުރިހަމައެވެ.


އެއްގޮތަކަށް ވެސް އުނިބައިތަކެއް ނާދެއެވެ. ޖަލުން ނުކުމެ އޭނާއަށް އަޅުގަނޑު ޝުކުރުވެރިވާން ޖެހެއެވެ. ވަފުދުގައި ތިއްބެވި އަންހެން ދެމަންދޫބުން ވަރަށް ޝައުޤުވެރި ކަމާއެކު ސުވާލުކޮށް ވާހަކަތަކުގައި ބައިވެރިވެ ހެއްދެވިއެވެ. ކުޑަދެކުދިންގެ ވާހަކަތަކާއި އާއިލާގެ ވާހަކަތަކުގައި ޚާއްސަކަމެއް ދެއްވިއެވެ. މިބައްދަލުމުވުގެ ވިސްނުމާއި ޚިޔާލުތައް އެނބުރިއެނބުރި ރޭގަނޑުއެއްކޮށް ދިޔައީ ނިދުމެއް ނެތިއެވެ. ފަތިސްނަމާދާ ހަމައަށް ދާންދެން ހޭލާ އޮންނަން ޖެހުނެވެ.


4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ކުޑަގޮޅިގައި އިންނަތާ، 23 ވަނަ ދުވަހު ހަވީރު، ވަގުތެއްގައި ޖަސްޓިސް މިނިސްޓްރީގައި އޮންނަ، އެމިނިސްޓްރީގެ ދެބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ދެބޭފުޅުން ހިމެނޭ ޓީމެއް އަޅުގަނޑާ ބައްދަލުކުރިއެވެ. މިބޭފުޅުން ވަޑައިގަތީ ޖަލުތެރެއަށެވެ. އަޅުގަނޑު ބޭރަށް ނެރުނީކީ ނޫނެވެ. މިޓީމުގައި ތިއްބެވީ، ގާޒީ އާދަމް ސަޢީދު މޫސާ އާއި އިސްގާޒި ޙުސައިން ރަޝީދު ބ.ތުޅާދޫ އާއި ތ.އަތޮޅު މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއާ، މިހަތަރު ބޭފުޅުންނެވެ. ޖުމްލަކޮށް ދެކެވުނީ ހަމަ އެއްވާހަކަ ތަކެކެވެ.


ކަނުބަނދެފައި ހަތަރެސްފައިގާ ބިޑިއަޅުވާއި ރަނގަޅަށް ތަޅާލުމަށް ފަހު، ދެންކޮން ހާލެއްބައްލަވަން ތޯއެވެ؟ އަދިވެސް މިތިބީ ބޮޑެތިއަނިޔާގައޭ ދެންނެވީމެވެ. އަޅުގަނޑު މެންގެ އެތައް ހައްގުތަކެއްވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހަދަނީ ހަދާނެގޮތެކެވެ. ބާރުތައްހުރީ ވެރިމީހާގެ މުށުތެރޭގައެވެ. މިވަފުދުގެ ބޭފުޅުން ވިދާޅުވީ، ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ބޭސް ފަރުވާ ހަމަޖެހިފައި ހުރީ ރަނަގަޅަށްތޯ އެކަންޏެވެ.


އަޅުގަނޑު ދެންނެވީމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މިއަނިޔާތައް ލިބެމުން ދާހާހިނދަކު ރަނގަޅަށް ކައި ރަނގަޅަށް ބޮއި ރަނގަލަށް ނުނިދޭނެއެވެ. ފުރަތަމަ ކަންތައް ފުރަތަމަ އިސްކުރައްވާށެވެ. އެހެންނޫނީ ވާހަކަދައްކައި އަނެއްކާ އިތުރު، އެނަރޖީތަކެއް ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. ތިއީ އާދަކާދައަކަށް ހައްދަވައިގެން ހިންގަވާ ކަމެއްތޯއެވެ؟


އަޅުގަނޑު މެންނަށް ކަމެއްކޮށް ނުދެވެންޏާ އިތުރަށް އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދާކަށް ބޭނުމެއް ނޫނެވެ. ހަށިގަނޑުގެ ހަކަތަ މާބޭނުމެވެ. އެހަކަތަ އިސްރާފުކޮށް ބޭކާރުއަނގަތަޅުވާކަށް ބޭނުމެއް ނުވެއެވެ. މިތަނުން އަވަހަށް ވަޑައިގަންނަވާށެވެ. ފުރަތަމަ ޖަސްޓިސް ސިސްޓަމް ސަރުކާރުގެ ނުފޫޒުތަކުން އެއްފަރާތްކޮށް، އިންސާފުވެރިތާކަށް ހެއްދެވޭތޯ ބައްލަވާށެވެ. ޝުކުރިއްޔާއެވެ!


20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ކުޑަގޮޅީގައި ހުންނަތާ، 39 ވަނަ ދުވަހު، ބޭރުބޭފުޅަކު ވަޑައިގަންނަވައި ގެން ބައްދަލުކުރުމަށް ނެރުނެވެ. ނެރުނީ ދޫނިދޫ އުނދޯލިގެއަށެވެ. މިބޭފުލާއަކީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މިސްޓަރ ޖޭމްސް އެވެ. މީނާ ވަޑައިގަތީ ގިނިކަންޏާއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދު ﷲ ރިޔާޒެވެ.


ސަލާމްކޮށް ތަޢާރުފްވުމަށް ފަހު، ވިދާޅުވީ މާލޭގައި ބޭއްވި އެމެރިކަން ފެއާރ އަކަށް އައިސް ތިޔައިއްޒަތް ތެރިންނާ ބައްދަލުވެލުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވިމާ ވަޑައިގަތީ ކަމަށެވެ. އަޅުގަނޑު ގާތުން، ޖަލަށް ގެނެވުނީ ކޮންތާކުންތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ.


ޖަލަށް ގެނައީ އަމިއްލަ ގޭގައި އިންދާ، 13 ވަނަ ދުވަހުގެ ފަހުގެ ވަގުތެއްގައެވެ. މުޅިސްޓޯރީ އަނިޔާކުރި ވާހަކައާއި އެހެންމީހުންނަށް ސިފައިންކުރި އަނިޔާތަކުގެ ވާހަކައާއި ޖަލުގައި ކަންތައްތައް ހުރިގޮތުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދިނީމެވެ. އާދެ! އީޔޫ ވަފުދަށް ކިޔައިދިން ހުރިހާވާހަކަ ތަކެއް މިސްޓަރ ޖޭމްސް އަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ.


ސަރުކާރުގެ ވަޒީފާއިން ނޯޓިސް ދީފައި ވަކިކޮށްލި ސަބަބާއި އެކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދިނީމެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކަންތައް ވީގޮތް، ޖޭމްސް ތަފްސީލުކޮށް އައްސަވައި އޮޅުން ފިލުއްވިއެވެ. ހުރިހާކަމެއް ހިނގާދިޔަގޮތް އަޅުގަނޑު ކިޔައިދިނީމެވެ.


މިހުރިހާވާހަކަ ތަކެއް އައްސަވާފައި އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. އަދި އިއްޒަތްތެރި އެމްބެސެޑަރަށް މިވާހަކަތައް ތަފްސީލުކޮށް ކިޔައި ދެއްވާނެކަމަށް ވިދާޅުވިއެވެ. ދެން ތިމަންނާ ކޮށްދޭނީ ކޮންކަމެއްތޯ އަޅުގަނޑާ ސުވާލުކޮށް އެއްސެވުމުން، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ ރިފޯމްގެ މަސައްކަތް މިނިވަން ކަމާއެކު، ރާއްޖޭގައި ކުރެވޭނެގޮތް ރާވައިދީ، އަޅުގަނޑުމެން ވީހާއަވަހަށް މިނިވަންކޮށް ދިނުމަށް، އެމެރިކާ ސަރުކާރުން، ދިވެހި ސަރުގައި ދަންނަވައި ދިނުމަށް އެދުނީމެވެ.


މިވާހަކަތައް ނޯޓުކުރައްވައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބޭފުޅާ ދެއްވިއެވެ. މިދިޔަ އަހަރުގެ ސްޓޭޓް ޑިޕާޓްމަންޓުގެ އަހަރީ ރިޕޯޓް އަޅުގަނޑު ދުށިންކަމަށާއި އެމެރިކާ ކުރަމުން ގެންދާ އަގުހުރި މަސައްކަތްތަކަށް ޝާބަހާއި ޝުކުރު ދެންނެވީމެވެ. ވާހަކަތައް މިހާހިސާބަށް ދިއުމުން ޖޭމްސްގެ ޖީބުން އޭނާގެ ވިޒިޓިންކާޑު ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަން ވުމުން އޭނާއާ ބައްދަލު ކުރުމަށް އެދި ވަޑައިގަތެވެ. ނަސީބަކުން، ސިފައިން މިކާޑު އަތުލަން ޚިޔާލެއް ނުކުރިއެވެ. މިބައްދަލުން ނިންމާލީ މިހާ ހިސާބުންނެވެ. މިއަދަކީ ވެސް އަޅުގަނޑު ވަރަށް އުފާވިދުވަހެކެވެ.


22 ސެޕްޓެމްބަރ 2004 ވީބުދަދުވަސް، ކުޑަގޮޅީގައި އިންނަތާ، 41 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޓީމެއް އަޅުގަނޑާ ބައްދަލު ކުރުމަށް ޖަލަށް އައެވެ. މިބައްދަލުވުން އޮތީ ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ. ވަޑައިގެން ތިއްބެވީ، މަޑުލު ވަހީދާއި އަންހެން ބޭފުޅަކާ، އަދި މުޢްތަޞިމް ޢަދްނާނެވެ. މިފަހަރު މުޖްތަބާ ވަޑައެއް ނުގަނެއެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއް ވާހަކަތަކެކެވެ. އަދި ވެސް ވަކިޚާއްސަ ބަދަލެއް ނާންނަކަމަށާއި މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޓޯޗާގައި ކަމަށާއި ނޫސް މަޖައްލާ ފަދަތަކެތި އަދިވެސް ނުލިބޭކަމަށް ދެންނެވީމެވެ.


ކުރީދުވަހު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މިބޭފުޅުން ވިދާޅުވިއެވެ. ކުރީގެ ބައްދަލުވުމަށް މަހެއްވުމާ ގުޅިގެން ހާލުބަލައިލަން އަނެއްކާވެސް ބައްދަލުވެލާއި ވާހަކަ ދައްކާލަން ވަޑައިގަތީ މިކަމުން ވެސް ތިޔަބޭފުޅުން ހިތްހަމަ ޖެހޭނެތީކަމަށް ވިދާޅުވިއެވެ. މިބުރުގައި ވަރަށްގިނަ ގައިދީންނާ ބައްދަލު ކުރިއެވެ. ފަހަރަކު މީހަކު ނެރޭތަން ފެނުނެވެ.


5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހެވެ. ކުޑަގޮޅިގައި އޮންނަތާ، 54 ވަނަ ދުވަހު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި އޮންނަ ޖަލުގެ ހާލަތު ބަލަހައްޓާ ރިޔާސީކޮމެޓީގެ ބޭފުޅުންނައި ބައްދަލުވިއެވެ. އުނދޯލިގެއަށް ނެރުނީ ވަރަށް ހަވީރުވެފައި ހުއްޓައެވެ. ތިއްބެވީ، އާދަމް ސަޢީދު މޫސާ އާއި ގާޒީ ޢަބްދު ﷲ ޢަރީފާއި ތ.މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއެވެ. މިއަދު ވާހަކަދެއްކީ އާދަމް ސަޢީދު މޫސާ އެކަންޏެވެ. އެހެންއެންމެން ތިބީމަޑުންނެވެ. ބަހެއްނުބުނެއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއްވާހަކަ އެކެވެ. ނޯޓުކުރެއްވީ ވެސް އާދަމް ސަޢީދު އެކަންޏެވެ.


އަޅުގަނޑަށް ލިބިފައިހުރި އަނިޔާތަކުގެ ސަބަބުން ވާއަތުފައި ދުޅަވެފައިވާ ވާހަކަ ފައި ދައްކާހަދާފައި ދެންނެވީމެވެ. އޭރުދުޅަކަން ފެންނަން ހުއްޓެވެ. ބުރަކަށީގައި ގޮއްމުށްކަވާފައި ދެއަތުގެ ބަނޑުފުށުން އަޅާވިހެލާފައި ކޮށްޕާލި އެތިފަހަރުގެ ސަބަބުން، އެދިމާލުގައި ރިބްސްތައް އައިސް މައިބަދައިގެ ދެފަރާތުގައި ބައްދަލުވާ ހިސާބުގައި މައިބަދައާއެކު އެދިމާލުގައި ތަދުވަނީ ޑޮކްޓަރ ޝަކީލް ބުނުއްވާ ގޮތުންވިއްޔާ އެދިމާއިން ނާރެއް ފިތޭތީކަމުގައި ދެންނެވީމެވެ. އަދި ފައިދުޅަވެ ފަޔަށް ދުޅަވެތަދުވަނީ މިކަމާހެދިގެން ކަމަށް ޑޮކްޓަރ ޝަކީލް ބުނުއްވައެވެ. މިވާހަތައް ކިޔައިދިނުމުން އަޑުއަހަން ތިއްބެވީއެވެ.


މިކަހަލަ އަނިޔާތައްކޮށް ހޭއަރުވާލުމަށް ފަހު، ހާލު ބައްލަވަންށޭ ކިޔާފައި ވަފުދުތައް ފޮނުވުމުގެ ބޭނުމެއް ނެތެވެ. އަދިވެސް މިހުންނަނީ ކުޑަ ގޮޅީގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތިވޭނާއި އަނިޔާތަކުގައި ކަމަށް ދެންނެވީމެވެ. ކަމެއްކޮށް ދެއްވަންޏާ މިއަނިޔާތަކުން އަވަހަށް ސަލާމަތް ކޮށްދޭށެވެ. ނުވަތަ އެކަމަށް ބާރުއަޅާއި މަސައްކަތް ކޮށްދޭށެވެ. ދެން ގާޒީޢަރީފު ފެނުމުން، ހަދާންވާ ވާހަކައެއް ދަންނަވާ ލާނަމޭ ކިޔާފައި ދެންނެވީމެވެ. ދާދިފަހުން ޖިނާއީކޯޓުގައި ހިންގެވި މައްސަލައެއް އަޑުއެހުމަށް ދެފަހަރަކު އަޅުގަނޑު އެކޯޓަށް ވަނީމެވެ.


އެއިން އެއްދުވަހަކީ، ޖަސްޓިސް ބިލްޑިންގ ދޮށަށް ރައްޔިތުމީހުން އެއްވި ދުވަހެވެ. އެދުވަހު ހިނގަމުންދިޔަ ޝަރީޢަތަކީ ޝައިޚް ފަރީދާއި އޭނާގެ ހައެއްކަ އެކުވެރިންގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާއެއްގެ އަޑުއެހުމެވެ. މިދެދުވަހު އޮތީ، އެކަމެއް ހިނގިއިރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަންހުރި ކުޑަކުއްޖެއްގެ ބަޔާނެއް އިއްވުމާއި އެބަޔާން ނެގި ސިފައިންގެ އޮފިސަރުންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. އަޑުއަހަންވަދެ ތިބި، 12 ވަރަކަށް މީހުންނެވެސް މިގޮތަށް މިވާހަކައަށް އެއްބަސްވެ އިއްތިފާގުވެއެވެ.


އެހާފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް މިހާދިގުލައިގެން ގޮސްފައިވާތީއެވެ. މިހާރު ވަނީ އެކުޑަކުއްޖާ ބޮޑުމީހަކަށް ވެފައެވެ. ކަންހިނގިތާ އެތައް ދުވަހެއް ވެފައެވެ. އަޅުގަނޑަކީ، ތިޔަ އިއްޒަތްތެރި ގާޒީނަމަ، މިހާހިސާބުން ފާޅުވެ އެނގުނު ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް އެކުއްޖާއަތުން ހޯދާފައިއެވާ ބަޔާނަކީ ބާތިލް އިއުތިރާފެއް ކަމުގައި ނިޔާކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށް ލައިފީމުހެވެ. އެކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިގުދެންމީމާ ބަދުނާމުވާނީ ސަރުކާރެވެ. ފަލީހަތްވާނީ ފަނޑިޔާރެވެ. މިވާހަކަތަކަށް ފަހު، މިބައްދަލުމުން ނިންމާލީއެވެ. ގާޒީ ޢަބްދު ﷲ ޢަރީފް ބަސްފުޅެއް ވިދާޅުނުވެ، ވަރަށް ސީރިއަސްކޮށް ފިކުރު ކުރެއްވުމުގައި އަޑުއައްސަވަން އިންނެވީއެވެ.


6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ކުޑަގޮޅިގައި އޮންނަތާ، 55 ވަނަ ދުވަހު، ބޭރަށް ނެރުނީ ކޮޅުބުގައި ހުންނަވާ އެމެރިކާ ސަފީރު ދޫނިދޫއަށްް ވަޑައިގަތުމުން އޭނާއާ ބައްދަލުވުމަށެވެ. އުނދޯލިގޭގައި ހުންނަ ސޯފާސެޓަށެވެ. އިއްޒަތްތެރި ސަފީރާއެކު ވަޑައިގެން އިންނެވީ އޭނާގެ އަންހެން ސެކްރެޓަރީއެވެ. ދެން އިންނެވީ ސިފައިންގެ ފަރާތުން އިންނެވި، އަބްދު ﷲ ރިޔާޒު އެކަންޏެވެ. އެތިން މީހުންނާ އަޅުގަނޑު އެކަންޏެވެ. އަދި ރިޔާޒު އާ ނުލާ ވަކިން އެކަހެރިކޮށް އެމްބެސެޑަރާއެކު ވަގުތުކޮޅެއް ދެއްވާނެކަމަށް ފެށުމުގެ ކުރިން ރިޔާޒު ވިދާޅުވެ ދެއްވިއެވެ.


ތަޢާރުފް ވުމަށްފަހު، ވާހަކަތައް ފަށައިގެން ކުރިޔަށް ގެންދެވުނެވެ. މިސްޓަރ ޖޭމްސް އާއި އީޔޫގެ ވަފުދާއި ވެސް ބައްދަލުވިކަމާއި މިސްޓަރ ޖޭމްސް އަށް ހުރިހާ ވާހަކަތަކެއް ވާނީވަރަށް ތަފްސީލުކޮށް ކިޔައިދީފައި ކަމަށް އަޅުގަނޑު ދެންނެވީމެވެ. ހުރިހާކަމެއް ސާފުކޮށް އެނގޭކަމަށް ސަފީރު ވިދާލުވެ ދެއްވިއެވެ. އަދި އީޔޫ އިން ބައްދަލުކުރި ވަފުދުގައި އިސްކޮށް ހުންނެވި، ބޭފުޅާ ރަނގަޅަށް ދަންނަ ކަމަށާއި އެމީހުންވެސް  އަޅުގަނޑު މެންނަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަފީރު ވިދާޅުވިއެވެ. އެމެރިކާއިން ވެސް މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ކަމުގައި ވިދާޅުވެ ދެއްވިއެވެ.


އަދި ވެސް ނޫސްމަޖައްލާ، ރޭޑިއޯ، އަދި ކިޔާލާނެ ފޮތެއް ނުލިބޭކަމާއި މިތިބެނީ، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމާ، ވަރަށް ހައިރާންވެ، ތިމަންނައަށް ވެސް އިހްސާސް ކުރެވެއޭ، ތިމަންނާއަށް ނިދާލެވެނީ ކޮންމެވެސް އެއްޗެއް ބަލާލާއި ކިޔާލެވުނީމާ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަދިވެސް ލޯޔަރެއްވެސް ހަމަޖައްސައި ނުދޭކަމާއި، 55 ދުވަސްވީއިރު ވެސް ތަހުގީގު ނިންމާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. މިހާތަނަށް ސުވާލުކުރަން، ނެރުނީ އަދި އެންމެ، 3 ފަހަރުއެވެ. އަޅުގަނޑަކީ އެއްވެސް ހާލެއްގައި ކުށެއްކުރި މީހެއްނޫނެވެ.


ސަރުކާރުން ވާހަކަދެއްކެވި، އޭރުގެ އިންފޮމޭޝަން މިނިސްޓަރ އިބްރާހީމް މަނިކު، ގާސިމަށް ފޯނުކުރައްވާފައި ސިފައިންގެ ދޮށަށް ވަރަށްގިނަ މީހުން އުޅެނީ އެއްވެގެންނޭ، އެމީހުންތައް ގެއަށް ފޮނުވާލުމަށް އެހީތެރި ވެދެއްވުމަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވަން އެދިވަޑައި ގަތުމުން، އަޅުގަނޑުމެން އެގާރަ މެމްބަރުން އެވަގުތު، މާލޭގެ މެމްބަރު އިބުރާގެ ގޭގައި ބައްދަލު ވުމެއްގައި ތިއްބާ އަވަހަށް ޖުމްހޫރީ މައިދާނަށް، ވަޑައިގަންނަވާށޭ ވިދާޅުވުމުން އެދިމާއަށް، ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިޔައީއެވެ. މިކަން އަޅުގަނޑު ކުރީ މިނިސްޓަރ އިބްރާހީމް މަނިކު ވިދާޅުވިކަމަށް އަޅުގަނޑުމެން ގާތުގައި ހޮން ގާސިމް ވިދާޅުވީ މައެވެ.


އަޅުގަނޑުމެން ހުރިހާ މެމްބަރުންވެސް އެތަނަށް އެދުވަހުގެރޭ ދިޔައީ މިސަބަބާ ހުރެއެވެ. އަޅުގަނޑު މެންނަކީ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑު މެންގެ ކުށަކަށް ވެގެން މިއުޅެނީ، އަޅުގަނޑު މެންނަކީ ހަމައެކަނި ޑިމޮކްރަސީއަށް މަސައްކަތްކުރާ ހިތްވަރުހުރި ބަޔަކަށް ވާތީކަމުގައި ދެންނެވީމެވެ. ރާއްޖެއަށް ޕާޓީސިސްޓަމް ސިޔާސަތު ގެނައުމަށް އަދި ވެރިމީހާ ދައުރުވާގޮތަށް ހެދުމަށް މަސައްކަތްކުރާތީ ޖަލަށް ލެވުނީކަމުގައި ދެންނެވީމެވެ. ދޮގުބަހަނާއެއްގައި ތުހުމަތު ކޮށްފައެވެ. އަޅުގަނޑު މިހުރީ ރާއްޖޭގައި ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަރުވާންވެސް ތައްޔާރަށޭ ދެންނެވީމާ އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ.


ކުރިޔަށް މިއޮތްދުވަސް ތަކުގައި، މިއަހަރުގެ ފަހުކޮޅުގައި ހަމަގައިމު ވެސް ބާއްވަންޖެހޭ، އާންމު އިންތިޚާބުގައި އެމެރިކާގެ ފަރާތުން އެއިންތިޚާބު މޮނިޓަރކޮށްދޭން ބަޔަކުއައުމަކީ އަޅުގަނޑުމެން އެދޭކަމެކޭ ދެންނެވީމާ، ވިދާޅުވީ ސަރުކާރުން މިއަދު އެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. ރާއްޖެތެރޭގައި އިންސާފުވެރި އިންތިކާބެއް ނުބޭއްވެނީ ވެރިކަމުގެ ސިޔާސީ ނިޒާމުގައި ރޭވިފައި އޮންނަގޮތުން މައްސަލަތަކެއް އުޅޭތީއެވެ. ނުފޫޒު ހިންގާނެ މިނިސްޓަރެއް، އެޓޮލްސް މިނިސްޓަރުގެ ނަމުގައި އެކަމަށް ޚާއްސަކޮށް މަގުފަހި ކޮށްދީ، މަސައްކަތް ކުރަންހުންނާތީ ވާގޮތެއް ކަމުގައި ދެންނެވީމެވެ.


އަދި އަޅުގަނޑަށް މިވަނީ ގާނޫނު އަސާސީން ހުއްދަ ނުދޭއިރުވެސް ގަވައިދެއްގެ ދަށުން، އަޅުގަނޑު ކޮށްގެންހުރި ގާނޫނުހަދާ މަޖިލީހުގެ ހުވަޔަށް އަމަލުކުރިޔަ ނުދީހިފާއްޓާއި ހުރަސް އަޅާފައެވެ. މަޖިލިސްތެރޭގައި ކަންތައްތައް ވާނުވާގޮތެއް މިހާރަކު އެއްވެސް މިންވަރަކަށް ނޭނގެއެވެ. މިކަން މިކުރަނީ ގާނޫނު އަސާސީއާ ޚިލާފަށެވެ.


އަޅުގަނޑު ކޮންމެތާކު ބަހައްޓާފައި ހުއްޓަސް ޖަލްސާތަކަށް ހާޒިރުކުރެވެން ޖެހޭނެއެވެ. ގެންދެވެން ވާނެއެވެ. ދެން ސަފީރު ވިދާޅުވީ، 12 ވަނަ ދުވަހު ޚާއްސަ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށާއި އެދުވަހުގެ ޖަލްސާގައި ހުރިހާ މެމްބަރުން ހަމައަށް ތިއްބަވާނެ ކަމުގެއުންމީދު ކުރައްވާ ކަމަށެވެ.


އަދި މާދަމާ ރައީސް މައުމޫނާ ބައްދަލުކުރުން އޮންނާނެއެވެ. މިވާހަކަތައް ރައީސް މައުމޫނު އަރިހުގައި ދައްކަވާނެ ކަމަށް ވިދާޅުވެ ދެއްވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމާއި މިއަންނަހަފްތާ ހިސާބުގައި އެމީހުން ތިޔަބޭފުޅުންނާ، މާލޭގައި ބައްދަލުވާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވެ ދެއްވިއެވެ. މިވާހަކަތައް ސަފީރު ވިދާޅުވެ ދެއްވީމާ ވަރަށް އުފާވިއެވެ.


އަދިވެސް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑު ގަބޫލުކުރަނީ ދެދުވަހެއްގެ ތެރޭގައި މާލެ ގެންދާނެ ކަމަށެވެ. މިޚަބަރުވީ ވަރަށް ބޮޑަށް އުފާކުރުވި ކަމަކަށެވެ. އެވަގުތު އަޅުގަނޑުގެ ލޮލުން، އުފަލުންގޮސް ކަރުނަ ފާއްދާލިއެވެ. އެމެރިކާގެ އެއްބާރުލުން ލިބިގެންނޫނީ ރާއްޖެކަހަލަ ޒަމާނުއްސުރެ އެކެއްގެ ބާރުން ވެރިކަން ހިންގަމުން އައިސްފައިވާ ރެޖީމަކަށް އިސްލާހީ ފިޔަވަޅުތައް ކުރިޔަށް ނުގެންދެވޭނެ ކަމާއި މިހާރުގެ ރެޖީމުން ބޭނުންވަނީ، ބަހަނާ ދައްކައިގެން ވީހާގިނަ ދުވަހަކު އަދިވެސް އިތުރަށް ވެރިކަމުގައި ދެމިތިބުމަށް ކަމާއި ބައެއް ބަދަލުތައް ޒުވާން ދެތިން ވަޒީރުންނާއެކު ގެންނަވާނެ ވާހަކަ ބާރަށް ދައްކަވަނީއެވެ. އެއްވެސް އިސްލާހެއް، ބަދަލެއް އަދިވެސް ނާދެއެވެ.


ހަމަ އަދިވެސް އޮތީ، ހަމަ ކުރިންވެސް އޮތްގޮތަށެވެ. ހުރިހާކަމެއް ވެސް ލަސްކުރުމުގެ ސިޔާސަތަށް ބައްޓަންކޮށް، ފައްތައިގެން އެކުރައްވާ ކަމަކީ، އަމިއްލަ ވެރިކަން ހަރުދަނާކޮށް ދެންމުމާއި އަމިއްލަ ގޮތްގަނޑު ގަދަކުރުން ކަމުގައި ދެންނެވީމެވެ. 9 ޖޫން ގައި، އިސްލާ މަރުކަޒު ހޯލްގައި ރައީސް މައުމޫނު އެވިދާޅުވި އިސްލާހުތައް އަވަހަށް ގެންނަވަން ބޭނުންފުޅުނަމަ، އެކަން ކުރެއްވިދާނެ އެތައް އެތައްގޮތް ތަކެއް އެބަހުއްޓެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އަދިވެސް ކުރިޔަށް ނުގެންދަވައެވެ. ދައްކަވަނީ ހުސް ވާހަކަތަކެވެ. އަމަލަށްވުރެ ގިނައީ ހުސްވާހަކަ އާއި އޮޅުވާލުމުގެ ސިޔާސަތެވެ.


އެމެރިކާ ސަފީރު މިވާހަކަތައް އައްސަވާފައި، އަޅުގަނޑު މެންގެ މަސައްކަތަށް ވަރަށް ޝުކުރުވެރިވެ ވަޑައިގަންނަވަމުން ހިތްވަރު ދެއްވިއެވެ. އަދި މާލެ ގެންދިއުން ލަހެއްނުވާނެ ކަމުގެ އުންމީދުތައް ދެއްވަމުން، މިބައްދަލުވުން ނިންމާލެއްވީއެވެ. މިއަދަކީވެސް ވަރަށް އުފާވި ދުވަހެކެވެ. ޖަލުގައި އެންމެއުފާވި ދުވަހެވެ. އުފަލުންގޮސް ދެލޮލުން ކަރުނަ ފޭބިއެވެ.


އަޅުގަނޑު ކަހަލަ އާދައިގެ މީހަކު ޖަލުގެ ކުޑަގޮޅީގެ ބަންދުގައި އިންދާ ސުޕަރޕަވަރުގެ ރަސްމީ މަންދޫބަކު ސަފީރުންގެ ފެންވަރުން ބައްދަލުކޮށް، ހިތްވަރު ދެއްވާއި ޑިމޮކްރަސީ ކުރިޔަށް ނެރެ ހިތްވަރާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައި ނަސޭހަތް ދެއްވީމައެވެ. މިރޭވެސް ނިދަންއަރާއޮވެ، އެއްގޮތަކަށްވެސް ނިދޭގޮތެއްނުވެ އުޅެނިކޮށް ފަތިސް ވެއްޖެއެވެ.


12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅީގައި އޮންނަތާ، 61 ވަނަ ދުވަހު ބަލާއައީ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ މިރީޖަނަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްމީހާ، އައްބާސް އައި، އަދި އަންހެނަކާ ދެމީހުންނާ ބައްދަލުވާން އުނދޯލިގެއަށް ނެރޭށެވެ. މިއީ ވަރަށް މިނިވަންކޮށް އެކަހެރިކޮށް، ސިފައިންގެ ބޭކަލަކާނުލާ ހިނގާދިޔަ ދިގު ބައްދަލު ވުމެކެވެ. ތިބީ އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. އުނދޯލިގޭ ސޯފާ ސެޓްގައެވެ. ވަރަށް މިނިވަން ޖައްވެއްގައި ވާހަކަތައް ކުރިޔަށް ގެންދެވުނެވެ. ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް ކިޔައި ދިނީމެވެ.


އަންހެން ބޭފުޅާ، ނޫސް މަޖައްލާ ފަދަ ތަކެތިލިބޭތޯ ސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިއޯފަދަ ތަކެތި ނުލިބޭކަމަށެވެ. ކަސްރަތު ކުރާނެޖާގަ ގޮޅީތެރޭގައި ނޯންނަކަމަށް ދެންނެވީމެވެ. ވަރަށް ރަނގަޅަށް އަޅުގަނޑު ދެއްކި ހުރިހާ ވާހަކަތަކެއް ބަރާބަރަށް ނޯޓުކުރެއްވިއެވެ.


ދިވެހިރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތްކޮށް އުޅޭތީ، 5 ފަހަރު ޖަލުގެ ކުޑަގޮޅީގައި ސިޔާސީއެކި ތުހުމަތުތަކުގައި ބަންދުކުރިކަމާއި މީގެބައެއް ރެކޯޑުތައް އެމްނެސްޓީން ފެންނަން ހުންނާނެކަމާއި ތަހުގީގު މިހާރުވެސް ކުރަމުން ގެންދަނީ ރޭގަނޑު ދަންވަރުކަމަށާއި ޕުލާސްޓިކު އަތްގަނޑުނުލާ ގޮނޑިއެއްގައި ގިނައިރުވަންދެން އެކަހެރިކޮށް އެކަނިވަކިން ބައިންދާކަމަށް ވެސް ދެންނެވީމެވެ.


ދެން އިތުރަށް ކޮންވާހަކައެއްތޯ އޮތީ، ޚާއްސަ ވާހަކައެއް އެބައޮތްތޯ، އައްބާސް ސުވާލު ކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ މިމެސެޖް އެމެރިކާ ސަފީރަށް ދަންނަވައި ދެއްވުން ވަރަށް ބޮޑަށް އަދަބުވެރިކަމާ އެކު އެދެމެވެ. ސަފީރު ވިދާޅުވިގޮތަށް، 12 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޖަލުގައި ބަންދުކޮށްފައި ތިބި ހުރިހާ މެމްބަރުންނެއް ނުގެންދިޔައެވެ.


މިއަދު މިވަގުތު އެޖަލްސާ ރަސްމީކޮށް މަޖިލީހުގެ ގޭގައި ހިނގަމުންދާއިރު އަޅުގަނޑު މިހުރީ، ޖަލުގެ ކުޑަގޮޅީގައި އައްބާސް މެންނާ ވާހަކަ ދައްކާށެވެ. މިއަދުގެ މިޖަލްސާއަށް ދެވޭގޮތަށް، 4 މެމްބަރުން މާލެ ގެންގޮސް ދޫކޮށްލިއެވެ. ބ.އަތޮޅު މެމްބަރު އަލީފާއިޒު ގެންދިޔައީ ރޭދަންވަރުއެވެ.


ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައްތައް ނުދިއުމުން ހިތާމަކޮށް ދެރަވާވާހަކަ ސަފީރަށް، ދަންނަވައި ދިނުމަށް އައްބާސް އަރިހުން އެދުނީމާ އެވާހަކަ ޚާއްސަގޮތަކަށް ނޯޓު ކުރެއްވިއެވެ. ސަރުކާރުން އެމެރިކާ ސަފީރު އަރިހުގައި ދޮގުހެދިކަން ހާމަކޮށް އައްބާސް އަރިހުގައި އަޅުގަނޑު ނަންގަތީމެވެ.


ތިޔަބޭފުޅުން މާލެއަށް ވަޑައިގަތީމާ ވަރަށް ރަނގަޅަށް ހިތާނެއެވެ. ދޫނިދޫއަށް ޖަލުގެ ކުޑަގޮޅިތަކަށް ވެސް ފޮނުއްވާނެއެވެ. ހަމަ އެނބުރިފުރާ ވަޑައިގަތުމުން، ކަންތައް ކުރައްވާނީ އަމިއްލަފުޅަށް އެމީހުންނަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. ދުސްތޫރެއް ގާނޫނުތަކެއް ބައިނަލްއަގުވާމީ ހަމައެއް ނޯންނާނެއެވެ. ކަންތައް ކުރާނީ ވަރަށް އަނިޔާވެރިކޮށެވެ. ސަރުކާރުން ތިޔަބޭފުޅުން ކައިރީގައި ހަދާނީ ހުސް ދޮގެވެ. މިއީ މިރެޖީމުގެ އާދައެވެ. ފާޑެވެ.


9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅިގައި އިންނަތާ، 89 ވަނަ ދުވަހު، އަނެއްކާވެސް ބައްދަލުކުރީ މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުން ވަޑައިގެންނެވި، އަލްއަޚް މަޑުލު ވަހީދާއި އަލްއަޚް ނަންރީތި ސަލީމާއި އަލްއުޚްތު ނާޒް އައި މިތިން ބޭފުޅުންނެވެ. މިބައްދަލުވުން އޮތީދޫނިދޫ އުނދޯލިގޭގައެވެ. ދެކެވެމުން ދިޔައީ ހަމައެއް ވާހަކަތަކެކެވެ.


އިތުރަށް ދެކެވުނީ، 18 އޮކްޓޯބަރުން ފެށިގެން ނޫސް މަޖައްލާތައް ލިބެންފަށައިފި ކަމަށާއި ތިޔަބޭފުޅުންގެ މަސައްކަތަށް ޝުކުރިއްޔާ ދެންނެވުން ހައްގުވެއްޖެއެވެ. ތިޔަނެރުއްވާ ނޫސްބަޔާން ތަކަށް ބަލައި ވިސްނާލުމުން އަނެއްކާ މުޖްތަބާއަށް ތިޔަކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ހުންނެވޭނެބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.


އެންމެފަހުން ލިބުނުނޫސްތައް ލިބިފައިވަނީ، މިދިޔަމަހުގެ، 30 ވަނަ ދުވަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ނޫސްތައް ލިބެނީ ވަރަށް ލަސް ކޮށްފައެވެ. މަޖައްލާތައް ލިބޭފަހަރަކު އެހަފްތާއެއްގެ މަޖައްލާ ލިބެއެވެ. އެހެނަސް އަދިވެސް މިތިބެނީ، ކުޑަގޮޅީގައި ކަމާއި މައްސަލަ ކޯޓަށް ފޮނުއްވައިފިކަން ރަސްމީކޮށް، 1 ނޮވެމްބަރުގައި އިޢުލާނު ކުރެއްވީމާވެސް އަދިވެސް ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގައި ފުރިހަމަ އަނިޔާލިބޭ ގޮތަށެވެ.


ނަފްސަށާއި ހަށިގަނޑަށް ހެސްކިޔާފަ އަނިޔާލިބޭ ގޮތަށެވެ. ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން، ހިންގެވި ކުއްލި އަމުރު ނެރުމުގެ ގަރާރު ނެންގެވިތާ، 21 ދުވަސް ހަމަވާތީ، 30 އޮކްޓޯބަރ ގައި ޖިނާއީކޯޓަށް ގެންގޮސް ގަޒީ އާދަމް ސަޢީދު، 30 ދުވަސް އިތުރުކޮށް ދެއްވީ، ދެން ސުވާލެއް ކުރަން ބޭނުން ވިޔަސް ގޭގައި ބަހައްޓައިގެން ތަހުގީގަށް ބޭނުންވާ ސުވާލު ކުރެވޭގޮތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.


އެހެނަސް ގާޒީ ލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ އަދިވެސް ކުޑަގޮޅީގެ އަނިޔާގައި ބަހައްޓާފައެވެ. މިއީ ސާފު އަނިޔާއެވެ. މިއީ ޒާތީރުޅިވެރިކަން ކަމުގައި ނަންގަތީމެވެ. އެކިމީހުންނަށް ހަދަނީ އެކިގޮތެވެ. އެއްބަޔަކު މިނިވަންކޮށް ދޫކޮށްލައި ފިއެވެ. އަނެއްބަޔަކު އަދިވެސް ކުޑަގޮޅީގައި ބައިތިއްބާފައި ތިބީއެވެ. އަނެއްބަޔަކު ގޭބަންދުގައި ތިބީއެވެ. ކޯޓުގައި މައްސަލަ އޮތް މީހަކު، މިތާޖަލުގެ ކުޑަގޮޅީގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ދެންނެވީމެވެ.


ވީމާ މިކަންތައް، މީގެކުރިން ތިޔަކޮމިޝަނުން އަޅުގަނޑު ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުން އެދެމޭ ދެންނެވީމެވެ. ކުރިންވާނީ މުޖްތަބާ އަރިހުގައި އަނިޔާކުރި ވާހަކައާއި ސަރުކާރުގެ ވަޒީފާއިން އަނިޔާވެރިކޮށް ގަވާއިދާޚިލާފަށް ނޯޓިސް ދެއްވިކަންތައް ބައްލަވައި ދެއްވުންއެދި ދަންނަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2004 ގައި ދާއިރާއަކުން ކުރިމަތިލުމަށް އިލެކްޝަންސް އިން ފޯމްސެޓް ފޮނުއްވީމާ، ސޮއިކޮށް ހަދާފައި މިހާރު ވާނީ ހޯމްއެފެއާޒަށް ރައްދުކޮށް ދިނުން އެދި ގެއަށް އަނބުރާ ފޮނުވާފައެވެ.


އެހެނަސް އަދިވެސް ގެއަށް، އެފޯމްތައް ނުލިބޭތީ މުއްދަތު ހަމަވުމުގެ ކުރިން، އިލެކްޝަނަށް ފޮނުވާލަވޭނެ ގޮތަށް، ވީހާއަވަހަށް ގެއަށް ހަވާލުކޮށް ދެއްވުންއެދި އެކަންތައް ވެފައިވާ ގޮތެއް ބައްލަވައި ދެއްވުން އެދެމެވެ. މިބޭފުޅުން ޖަލުތެރެއަށް ވަޑައިގެން ގޮޅިތައް ބައްލަވާ ލެއްވިއެވެ. ހުރިހާ ގޮޅިއެއްގެ ކުރިމަތިން އެބޭފުޅުން ބުރެއް ޖެއްސެވިއެވެ. ވަހީދާއި ސަލީމާއި ނާޒު، އަރިހުގައި މާދަމާ، ގައުމީ ޓީވީއަށާއި ރޭޑިޔޯއަށް އަރުއްވާފައި، ޢަބްދު ﷲ ކަމާލުއްދީނުމެން ދެއްކެވިކަހަލަ ޙަޤީޤަތް އޮޅޭގޮތަށް އިންޓަރވިއުއެއް ނުދެއްވުމަށް ހަރުއަޑުން ދެންނެވީމެވެ. އަދި ޢަބްދު ﷲ މެން ހެއްދެވި ގޮތް ކިޔައިދިނީމެވެ.


އާދެ! ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ތަޙްޤީޤަށް ނެރުނު ވަރަށްވުރެ ގިނައިން ބޭރުންނާއި ރާއްޖޭގެ ފެންވަރުގައި ވަޑައިގެންނެވި އެކިވަފުދުތަކާ ބައްދަލުވިއެވެ. މިއީ ވަރަށް ހިތްހަމަޖެހި ހިތްވަރުލިބުނު ކަމެކެވެ. ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް މަސައްކަތްކުރާ މީހުންނަށް ހިތްވަރުދޭނެ ބަޔަކު ދުނިޔޭގައި ތިބިކަން ހާމަވެގެންދިޔަ ވަރުގަދަ ހެއްކެކެވެ. އެއެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ވެރިވަމެވެ.


ސުވާލު: ބޫކު ހަޅުތާލެއް ކުޑަގޮޅީގައި ކުރިޚަބަރު ލިބުނެވެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ތެދު ވާހަކައެއް ތޯއެވެ؟


ޖަވާބު: އެވަގުތު ޖަލުގައިތިބި މީހުން، 4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަހު ރޯދަވީއްލުމަށް ގެނައި ކާއެއްޗެހި ނުނަގާ ހަންގަރސްރައިކް އަކަށް ގިނަބަޔަކު ދިޔައެވެ. ބޫކްހަޅުތާލެއް ފެށީއެވެ. މިއީ ގާތްގަނޑަކަށް، 18 މީހުންގެ ހަޅުތާލެކެވެ. އެކިމީހުން ޑިމާންޑުކުރީ އެކިކަންތަކާއެވެ.


އެންމެންވެސް އެދުނު ކަންތައްތައް ފުރިހަމަ ވެގެންދިޔައީ، 6 ދުވަހާއި ހަރޭ ނުކައި ތިބެގެންނެވެ. ފެންބުއިމާއެކު ރޯދަވީއްލަނީ، އެއްކަދުރުން، އަދި ހާރުކަނީ އެއް ކަދުރުންނެވެ. ނޫނީ ބައެއް ހަޅުތާލުވެރިން ތިން ކަދުރުންނެވެ. އަނބިދަރިންނާއި ތިމާގެމީހުން ހަވަނައަށްވީ ދުވަހުގެރޭ ދަންވަރު ހާރުކާގަނޑީގައި ސިފައިންގެ ލޯންޗެއްގައި ދޫނިދޫއަށް ގެނެސް ކެއުމަށް ބާރުއަޅައި ތިމާގެ މީހުންލައްވާ ކެއުމަށް ބާރުއަޅައި ވާހަކަ ދެއްކުވީއެވެ.


މިކަން ހިންގީ ވަރަށް ރާވައިގެންނެވެ. މައިންބަފައިންގެ އެދުމަށް އެރޭން ފެށިގެން، 5 މީހުން ކާންފެށިއެވެ. މިކަންވެގެން ދިޔައީ ވަރަށް ކާމިޔާބުވި ކަމަކަށެވެ. ގޮޅިތަކުގައި ކާބޯތަކެތި ފޮރުވައިގެން ކައިބޮއިހެދި ވާހަކަ އެއީ ބޮޑުރޯމަރު ދޮގެކެވެ. ބޮޑުއޮޅުވާލުން ގަނޑެކެވެ. ކެއީކަދުރެވެ. ބޮއީފެނެވެ. ރޯދަމަހަށް ވާތީ ރޯދަވީއްލާށާއި ރޯދަހިފާށެވެ. ގޮޅިއަށް ގެންނަކާއެއްޗެހި ތެރެއިން ކަދުރާއި ފެންނޫނެ އެއްވެސް އެއްޗެއް އެކަކުވެސް ނުނަގައެވެ. ދެން ސިއްރުން ކާނީ ކިހިނަކުންތޯއެވެ؟


ސުވާލު: ބޭރުގައި ތިއްބެވި ބޭފުޅުން ކުރައްވާ މަސައްކަތުގެ ނަތީޖާ ބަރާބަރަށް ފެންނަހެން ހީފުޅު ވެލައްވާތޯއެވެ؟


ޖަވާބު: އީޔޫއާއި ޔޫއެސްއޭ އާއި ކޮމަންވެލްތާއި އެމްޑީޕީގެ ފަރާތުން ކަޅުހުކުރުގައި ބަންދުކުރި މީހުންނަށް، އަޅާލުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ހިތުގެއެންމެ އަޑިން އަޅުގަނޑުމެން ދަންނަވަމެވެ. އެބޭފުޅުން އެވަރަށް ނޫޅުއްވިނަމަ، މިރެޖީމުން ކަންތައް ކުރެއްވީހީ، 1990 ވަނަ އަހަރު ކަންތައް ކުރެއްވި ގޮތަށެވެ.


ޖަލުގައި ކުޑަގޮޅީގައި ބައިތިއްބައިގެން ނުރަސްމީ ވަގުތުތަކުގައި ކޯޓުހުޅުވައިގެން އިއްވެން އޮތް އެންމެ ބޮޑު ހުކުމްތައް ޖަލަށްލުމަށް އިއްވާފައި ޖަލުގައި ބަންދުކޮށްފައި ބައިތިއްބާ ގޮތަށް، ހުކުމްތައް އިއްވާ ނިންމާލީހެވެ. އެހެނަސް މިފަހަރު މިދަނީ ތަންކޮޅެއް ގާނޫނާއި ގަވައިދާ ކައިރިކޮށް ކަހަލަ ގޮތަކަށް ކަމަށް ބެލެވެއެވެ. އެއީ ބޭރުފަތާތްތަކުގެ ފިއްތުން ބޮޑުކަމުންނެވެ.


އެހެން ނަމަވެސް އަދިވެސް އެހަދަނީ ހައްދަވާނެ ގޮތެކެވެ. ކަންތައްތައް ދިގު ދެންމުމުގެ ބޭނުމަކީ، އަމިއްލަ ގޮތްތައް ހެދުމެވެ. އަދިވެސް، 7 މެމްބަރުންނަށް ގާނޫނު އަސާސީން ލިބިދޭބާރާއި މިނިވަންކަމުން ވަނީ މަޙްރޫމުކޮށް ފައެވެ. ކޮށްގެން ތިބި ހުވަޔަށް ހުރަސް އަޅާފައެވެ. ޖަލްސާތަކަށް ނުދެވޭގޮތަށެވެ. މިކަމުގެ ޒިންމާ އުފުލާނެ މީހަކުނެތެވެ.


މިއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ރަންޑިއަންހެނެއް ބާޒާރަށްނެރެ ވިއްކާލާހެން، ވިއްކާލުން ފަދަ، މުޑުދާރު ގޮތަކަށް ކުރާކަމެކެވެ. ގާނޫނު އަސާސީއަށް ހަދަނީ ހަދާނެގޮތެކެވެ. ހުރުމަތް ވަނީ ކަނޑާލާފައެވެ. ތިޔަފަރާތްތަކަށް ފަށްފަށުން ސާބަސް ދެމެވެ. ތިޔަކުރައްވާ އަގުހުރި މަސައްކަތްތައް ބޭކާރުވެގެން ނުދާނެކަމުގެ ޔަގީންކަން އަރުވަމެވެ. އިތުރަށް ބާރަށް ކުރިޔަށް ގެންދަވާށެވެ.


ކަޅުހުކުރުގެ އެންމެ މީހަކަށް ވެސް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ޝަރުޢީޙުކުމެއް މިރެޖީމުން އިއްވިޔަދީގެން ނުވާނެއެވެ. ބޭރު ގައުމުތަކުގައި މުޒާހަރާތައް އިތުރު ކުރައްވާށެވެ. އަޅުގަނޑުމެން އެންމެން މިނިވަން ކުރައްވާށެވެ. ބޭރު ގައުމުތަކުގެ ޕުރެޝަރު ވަރަށް ބޭނުމެވެ.


ބިންބިފޯސް:


ސުވާލު: 1990 ވަނަ އަހަރުގެ އިސްލާހީ ހަރަކާތްތަކުގެ ވާހަކައެއް ވިދާޅުވެއްޖައިމު، އެދުވަސްވަރު މަޝްހޫރު ވެގެންދިޔަ ބިންބިފޯހަކީ ކޮބައި ތޯއެވެ؟


ޖަވާބު: އެއީ އޭރުގެ ޑިފެންސް މިނިސްޓަރު އެންދެރިމާގޭ އިލްޔާސް އިބްރާހީމް އާއި އައްބާސް އިބްރާހީމް އިސްކޮށް ތިއްބަވައިގެން ގެންގުޅުއްވި ވަރަށް ދަށުދަރަޖައިގެ ތަޢުލީމެއް، ޙިލްމެއްނެތް ޒުވާބުދޭފާޑުގެ މަދުބައެއްގެ މައްޗަށް އެކުލަވާލެވުނު ރަށުތެރޭގައި ދައުލަތުގެ ޚަރަގުގައި ހަރަކާތްތެރި ކުރުވި ބާރެކެވެ. މަދުމީސް ކޮޅެކެވެ. ގިނައީ އެކި ކުށްކުށުގައި ބެދި ހުކުމް އިއްވާއި މިނިވަން ވެފައި ތިބި މީހުންނެވެ. މިފޯހުގެ ބޭނުން އޭރުގެ ސަރުކާރުން ހިއްޕެވީ، ރަށުތެރޭގައި ހަމަނުޖެހުމާއި ފަސާދަ ފަތުރާއި ފަސާދަ ހިންގުމަށެވެ. އަދި، އިދކޮޅު ފަރާތްތަކުން ބޭނުންވާ މީހަކު ސިޔާސީ ކުށެއްގައި ބައްދުމަށް ފަހު ހިފާއި ހައްޔަރު ކުރުވުމަށެވެ.


އޭރު ސިފައިންގެ ތެރޭގައި އިސްކޮށް ހުންނެވި ކާށިދޫ ޙުސައިން އިބްރާހީމް ފުޅަކީ، ސަރުކާރުގެ ފަރާތުން ބިންބިފޯސް އިދާރީގޮތުން ހިންގަވަން އެންމެ އިސްކޮށް ހަވާލުވެގެން ހުންނެވި ދައުލަތުގެ އަސްކަރީ ލީޑަރެވެ. މީނާ އަކީ ރަށުތެރޭގައި އެމީހުން ހަރަކާތްތެރި ކުރުވާ މޭސްތިރިޔާއެވެ. މިފޯހުގެ މީހުންނަށް މުސާރަ އާއި ޚަރަދުތައް ދެވުނީ ސީދާ ޑިފެންސް މިނިސްޓްރީގެ ބަޖެޓުންނެވެ. ރައްޔިތުންގެ ފައިސާއިންނެވެ.


މިފޯސް ވުޖޫދަށް ގެނެވުނީ، އިސްލާހީ ހަރަކާތުގެ އެންމެ ކުރީކޮޅުގައެވެ. އެއީ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކެވެ. އެހަރަކާތް އޭރުގެ ޚާއްސަމަޖިލީހުގެ ތެރޭގައި ޑޮކުޓަރު ވަހީދާއި އޭނާއަށް ތާއީދުކުރި މަދު ބަޔަކު އިސްލާހީމަސައްކަތް ފެށި ހިސާބުން، އެ އިސްލާހީހަރަކާތައި ދެކޮޅަށެވެ.


ފަހެ، ބިންބިފޯހުގެ މަސައްކަތް ހަވާލުކޮށްފައި އެކަންތައް ތަންފީޒުކޮށް ފުރިހަމަ ކުރާގޮތް ބެލުމަން ދުރުގައި ކާށިދޫ ހުސައިން އިބުރާހީމް ފުޅު ހުންނަވާކަން ވަނީ، ފަޅާއަރާއި ފެނިފައެވެ. އެއްރޭ އުނިމާގޭ ފުރާޅުމަތިން ޖަވާހިރުވާދީއަށް ފާރަލުމުގެ އަމަލެއްގެ މަސައްކަތަށް އަރާއުޅުއްވަނިކޮށް ވަނީ ފެނިފައެވެ. އެކަން ޑިފެންސަށް އެންގުމުން އެއްވެސް ކަމެއްނުވިއެވެ. އެމަނިކުފާނު މިހާރު އަވަހާރަ ވެފައި ވާތީ، ﷲ އޭނާގެ ހުރިހާ ފާފަތަކެއް ފުއްސަވާއި ރަހުމަތް ލައްވާށިއެވެ! އާމީން!


ބިންބިފޯހުގެ މައިގަނޑު މަސައްކަތަކަށް ހަދާފައިއޮތީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކަށް ސިޔާސީގޮތުން ނުހޮރުއްޕާންކޮށް ވީހާއަވަހަށް ދިވެހިރާއްޖެއިން ފަހާލުމެވެ. އަދި ވަހީދާއި އޭނާއާ ބައިވެރިވި ރައްޔިތުންމަޖްލިސްގެ އިއްޒަތްތެރި މެމްބަރުންނާއި އެބޭފުޅުންގެ އިސްލާހީ ހަރަކާތްތަކަށް ހުރަސްއެޅުމާއި ޖެއްސުންކުރުމެވެ. އެކިގޮތްގޮތުން ސިޔާސީ ގޯނާކުރުމާއި ސިޔާސީ ދުއްތުރާތައް ކުރުމާއި ލިޔުމުން މަރުގެ އިންޒާރުދީ އެކިކަހަލަ ޖެއްސުމުގެ ލިޔުންތައް ސިއްރުން ފޮނުވާހެދިއެވެ.


ބިންބިފޯހުން ރަށުތެރެ ފަސާދަކުރުމަށް ސިއްރުން ފޮނުވާ ހެދި ލިޔުމެއް
ބިންބިފޯހުން ރަށުތެރެ ފަސާދަކުރުމަށް ސިއްރުން ފޮނުވާ ހެދި ލިޔުމެއް

އަދި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަކީ މިފޯހުގެ މަގްސަދެވެ. އެތަހުގީގު ދުނިޔެއިން ފޮހެލުމެވެ. ރިޔާސީކޮމިޝަނުގެ ރިޕޯޓު ވަގަށްނެގުމެވެ. އަދި އެކިއެކި ހުރަސްތައް އެޅުމެވެ. ބިންބިފޯހުގެ ރޭވުންތަކުގެ ތެރެއިން އިސްވެ ހިންގުނު ގިނަކަންތައް ހިންގިފައި ވަނީ، 1990 ވަނަ އަހަރުގެ ފަހުކޮޅާއި، 1991 ވަނަ އަހަރުގެ ކުރީކޮޅުގައި މާލެތެރޭގައި ހިންގި އަލިފާން ޖެހުމުގެ ކަންތަކާއި ކާރުސައިކަލް ފަދަ ތަކެތިޕާކް ކޮށްފައި ހުއްޓާ އެތަކެއްޗަށް ގެންލުންދީ ހުޅުޖަހާއި އަންދާލުމުގެ ސިޔާސީ ކުޅިވަރެވެ.


އަދި އެއީ މާލެ ތެރޭގައި ފުރަތަފަހަރަށް ހިންގުނު ޓެރަރިޒަމްގެ ނުލަފާ ކުޅިގަނޑެވެ. މާލެ ތެރޭގައި ޖެހި ސިޔާސީހުޅުޖެހުމެވެ. މާޒީގައި ދިވެހިރާއްޖޭގެ ތާރީޚު ދެކެފައިވާ ބޮޑުހުޅުޖެހުމުގެ ރޭވުންގަނޑާއި އެއްގޮތްވާ ކަހަލަ ގޮތަކަށެވެ. ބިންބިފޯހުން ހިންގި ބައެއްކަންތައް ފަޅާ އެރުމުން ޑިފެންސް މިނިސްޓްރީއަށް ހެކިތަކާ އެކު ލިޔުމުން އެންގުމުން އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ.


އާދެ! މާލެތެރޭގައި އަލިފާން ރޯކުރަން އުޅުނު، ކުދިން ކަމުގައިވާ، ނާސިރާއި ވިސާމް ޖަލުގައި ތިބެގެން އަޅުގަނޑަށާއި ބައެއް އެކުވެރިންނަށް ކިޔައިދީފައި ވަނީ، އެމީހުންނާ ބިންބިފޯހުގެ ލީޑަރުންނާ ބައްދަލުކޮށް ކަންތައްތައް ގެންދަންވީގޮތް އިސްވެ ރާވާއި ކިޔައިދޭކަމަށެވެ.


އަދި ދަންނަވަންތޯއެވެ! ބިންބިފޯހުގެ ލީޑަރެއް ކެމެރާއެއްގެ މައްސަލާގައި ބަންދު ކުރާކަމަށް ހަދާފައި ޖަލަށް ފޮނުވައިގެން، ވިސާމާއި ނާސިރު އާދެމީހުން ޖަލުގައި ތިބޭ ގޮޅިއަށްލާއި ބައްދަލުކުރުވައި އެދުވަސްވަރު މާލެ ތެރޭގައި ހިންގުނު ހުރިހާ ކަމެއް ހިންގީ ޑޮކްޓަރ ވަހީދު ބުނުއްވައި ގެން ކަމަށް ތަހުގީގުގައި ބުނެދިނުމަށް އެދުނެވެ.


އަދި އެކަން ކުރަންވީ ގޮތް އެދެކުދިންނަށް އޭނާ ކިޔައިދީ، ރާވައިދިނެވެ. މިދެކުދިން ޑޮކްޓަރ ވަހީދާއި ރައްޓެހިވާން ހެދިގޮތާއި ވަހީދާއި ބައްދަލުކުރާ ތަންތަނާއި ދައްކާވާހަކަ ތަކާއި މިހުރިހާ ރޭވުމެއް ކުރިޔަށް ގެންދަންވީގޮތްތައް ރާވައިދީ ހެދިއެވެ. އެހެނަސް މިއީ ސާފުހުދު ދޮގަކަށް ވާތީ، ނާސިރާއި ވިސާމަށް އެކަންތައް ޑޮކްޓަރ ވަހީދުގެ ބޮލުގައި އެޅޭގޮތަށް ފުލުހުންގެ ތަހުގީގުގައި ވާހަކަދައްކާއި ބަޔާންދޭން ނުކެރި ފަސްޖެހުނީއެވެ.


ކަނޑައެޅިގެން ރޭވިފައިވާ ދޮގަކަށް ވާތީ، މިދެކުދިން މިކަން ނުކުރީއެވެ. އަދި އެވާހަކަތައް ކިޔަދީ ފަޅާއަރުވާލީއެވެ. މިހިރަކަހަލަ އެތައް ހަގީގަތްތަކެއް، ހެއްކާއިގަރީނާ އާއެކު ފަޅާ އަރާފައި ވެއެވެ. އެލިޔާ ބިލްޑިންގު އަންދާލުމާއި ބުރެވިމާގޭ ގަރާޖުގައި އޮތް ސަރުކާރުގެ ދިދަޖެހިކާރު ރޯކޮށްލުން ފަދަ އޭރު މާލެ ތެރޭގައި ހިންގުނު ހުރިހާ އިރްހާބީ ކަމެކެވެ. ޑިމްސްފިހާރަ ރޯކޮށްލުމެވެ. މިހުރިހާކަމެއްގެ ފަހަތުގައި އޮތީ ބިންބިފޯހެވެ. ފަހެ، މިއީ ބިންބިފޯހުގެ ކުރު ޚުލާސާއެކެވެ.


ޔާނުފޯސް:


އާދެ! އޭރު ބިންބިފޯސް ކުޅުނުރޯލް، އިލްޔާސް އިބްރާހީމް ރަށުންބޭރަށް އަރުވާލެއްވުމުން، "ކަޅުހުކުރު" ޙާދިޘާގައި ކުޅުނީ، "ޔާނުފޯސް" އޭކިޔުނު ބާރުވެރި ޕާޓޭންގެ ގްރޫޕެކެވެ. ޔާނުފޯސް އަކީ، ރައީސް މައުމޫނަށް އެންމެވަފާތެރި އެއްބަފާ ލޯބިވާ ކޮއްކޯފުޅު ރައީސްމައުމޫގެ ހިމާޔަތާއި ދިފާއުގައި ސިފައިންގެވެރިޔާ އާދަމްޒާހިރުގެ މަދަދާ އެކު ހިންގުނު މަސައްކަތްތަކުގެ ބައެކެވެ. ހަގީގަތުގައި ރައީސްމައުމޫނުގެ އެންމެފަހުދައުރުގައި ރައީސްމައުމޫނު ދިފާޢުކޮށް ދެއްވުމުގައި އެންމެ އިސްރޯލެއް ކުޅެދެއްވީ ލޯބިވާ ކޮއްކޯފުޅު ޔާމީނެވެ. ކޯއްކޯފުޅު ޔާމީނަކީ އެފަސްއަހަރު ދަމަހައްޓައިދެއްވި ކުޅަދާނަ ސިޔާސީ މުދައްބިރެވެ. މިކަން އަބަދުވެސް ރައީސްމައުމޫނު ހަނދާނުގައި ބަހައްޓަވަން ޖެހޭނެއެވެ. މިހަނދާން ނެތިއްޖެނަމަ އިންސާނިއްޔަތު ނެތީއެވެ!


މިއީ ބިންބިފޯހަށް ފަހު ދިވެހިންތެރޭގައި މަޝްހޫރުވި ދެވަނަ ފޯހެވެ. މިފޯސް ދެހާސްވަނަ އަހަރުތަކުގައި ސިޔާސީ ބޮޑުރޯލެއް އަދާކުރިއެވެ. ރައީސް މައުމޫނާއި އޭނާގެ ސިޔާސަތު ރަށުތެރޭގައި ވަރުގަދަކޮށް ދެމެހެއްޓުމަށެވެ. ރައީސްމައުމޫނުގެ މޫނުމަތި ރީތިކޮށް ދެއްވުމަށެވެ. މިފޯހުގައި އެކިވަރުވަރުގެ ލީޑަރުން ތިއްބެވެ. އަބަދުވެސް ދައުލަތުގެ ފަރާތުން ބޭނުންވާ ފަސާދަފެތުރުމަށް މިފަދަ ބާރެއް ސިފައިންގެ އެހީގައި ގެންގުޅެއެވެ.


މިގުރޫޕުތަކު ތެރޭގައި ހަރަކާތްތެރިވަނީ، ދައުލަތުން އެކި ސިފަސިފައިގައި މުސާރަދެވޭ މީހުންނެވެ. ސަރުކާރުގެ ބޮޑުންނާ ސީދާކޮށް މިފޯހުގައި ހަރަކާތްތެރި ކުރުވާ ގޭންގުތަކާއި ޕާޓޭންނާ ސީދާކޮށް ގުޅެއެވެ. ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވީ މިފޯހުންނެވެ. ދިވެހިދައުލަތުން ޚަރަދުކުރާ މި ފޯސްތަކަކީ، State-sponsored terrorism ގެ ފެށުމެވެ. ބޮޑުދިދަ ކަނޑާވައްޓާލަން މިގުރޫޕުން ހެސްކިޔާފައި މަސައްކަތް ކުރިއެވެ. މިފޯހަށް މެގަފޯނު ދެސެޓް ބާލައިދިނީ ސިފައިންގެ ފާރުމަތިންނެވެ.


މިމީހުންނަށް މަގުފަހިކޮށްދީ ތަންތަނަށް ގެންގޮސް ގެނެސްދީހެދީ، ސީދާ ސިފައިންނެވެ. އެކަމަށް ޚާއްސަވެފައި ތިބި ބައެކެވެ. މިފޯހުން ތިންހަތަރު ފަހަރެއްގެ މަތިން ކަޅުހުކުރުގައި ރައްޔިތުންގެ އެދުންތައް ދައުލަތުގެ ވިދާޅުވުމުގެ މަތިން ހުށަހަޅަމުން ދިޔަވަގުތު އެތަނަށް ގަދަކަމުން ވަދެގެން ސުލްހަވެރިކަން ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިއެވެ. އަދި ސިފައިންނަށް ހަމަލާ ދިނުމާއި ތަންތަން ރޯކުރުމުގައި އިސްކޮށް ތިބީ މިދެންނެވި ފޯހުގެ މީހުންނެވެ.


ހަރަކާތްތެރިވީ މަސްތުވެފައި ތިބި ގޭންގުތަކަށް ނިސްބަތްވާ ޕާޓޭންނެވެ. ދިވެހިރާއްޖޭގައި ދައުލަތުން ހިންގާ ގޭންގުތަކާއި ޕާޓޭން، State-sponsored gangs ތައާރުފްވީ މިހާ ހިސާބުންނެވެ. މިގުރޫޕުތައް ހަރަކާތް ތެރިވުމުގައި، 1990 ވަނަ އަހަރުގެ ބިންބިފޯހެކޭ އެއްވެސް ތަފާތެއް ނެތެވެ.


މިކަންތައް ރާވައި ހިންގީ ހަމަހިމޭންކޮށް ހިނގަމުންދިޔަ ރައްޔިތުންގެ އެދުންތައް ހުށައެޅުމުގެ ސުލްހަވެރި އެއްވުން، މުގުރާލައި ވީހާ އަވަހަށް ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެދަށުން އިއުލާނުކުރަން ބޭނުންވާ، ކުއްލި ނުރައްކަލުގެ އަމުރު ނެރުމުގެ ބާރު ލިބިގަތުމުގެ ދަހިވެތި ކަމުގައެވެ. އަދި އެފުރުސަތު ވީހާއަވަސް ކުރާށެވެ.


އާދެ! ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓް reformist އިންނާ ދޭތެރޭގައި ގާނޫނީ އަދި ޝަރުޢީ ފިޔަވަޅެއް ދައުލަތުން އަޅުއްވަންޏާ އަޅުއްވަން ވާނީ، އެއްއުސޫލަކުން އެއްހަމައެއްގައި ޢަދުލްއިންސާފުގެ ދަށުންނެވެ. ރިފޯމިސްޓުންނަށް ހުކުމެއް އަންނަންޏާ ޔާނުފޯހުގެ ހުރިހާ މީހުންނަށާއި އެތަނަށް ހަޅޭލަވަން އެއްވި ހުރިހާ މީހުންނަށް ވެސް ހުކުމް އަންނަން ޖެހޭނެއެވެ. ފަހެ، މިދެބައި މީހުންވެސް އަމަލުން ކުރީ އެއްކަމެކެވެ. ޖުމްހޫރީ މައިދާނަށް އެއްވީއެވެ. ހަޅޭލަވާ އެކިކަންކަން ކުރީއެވެ.


ކަޅުހުކުރުގައި ރައްޔިތުނެގެ މަޖިލީހުގެ ހއ.މެމްބަރު ކެލާނިޒާމާއި މާލޭ މެމްބަރު އިލްޔާސް އިބްރާހީމާއި ދ.އަތޮޅުގެ މެމްބަރު އިސްމާޢީލް ޒާހިރުއައި، މިފަދަ އެތައްއެތައް ބަޔަކު ހަރަކާތްތެރި ވެފައިވެއެވެ. ޑޮކްޓަރ ފާތިންޙަމީދަކީ ވެސް ކަޅުހުކުރުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި އަންހެން ޒުވާން ކަނބަލެކެވެ. އެކަމަނާ މަތިން ވަރަށް ހަނދާންވެއެވެ. މިއީ އެންމެން ދަންނަ ހަގީގަތެކެވެ. ސާފުކޮށް ފެންނަންހުރި ހެއްކެވެ. ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ތާރީޚު އަބަދުވެސް މިކަމަށް ހެކިދޭނެއެވެ. ހަވަރަކީ އެންމެވަރުގަދަ ބާރެވެ.


އަދިވެސް މީގެ އިތުރުން އެތައްބަޔަކު އެ އެއްވުމުގައި ބައިވެރިވެފައި ވެއެވެ. މިއެންމެންނާ މެދުވެސް ބެލެވެން ޖެހޭނީ އެއްއުސޫލަކުން، އެއްހަމައަކުން ނެވެ. އިންސާފު ވާންޖެހޭނީ އިންސާފަށެވެ. ހަމަ އެކަނި އިސްލާހީމަންހަޖު، Reformism ފުނޑާލެވިގެން ނުވާނެއެވެ! ވަލްޙަމްދު ލިއްލާހި!


ބޮޑުމަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން:


އާދެ! ދެން މިގެނެސްދެނީ، 2007 ސެޕްޓެމްބަރުގައި "ބޮޑު މަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން" މިސުރުޚީގެ ދަށުން އަޅުގަނޑު ލިޔުނު މަޒްމޫނުގައި "ކަޅުހުކުރު" ގެޙާދިޘާއާ ގުޅިގެން ލިޔެވިފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަދާނަށް ގެންނަން ޖެހޭ ވަރަށް މުހިންމު ވާހަކަ ތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް، https://www.jawahiruwadheeilyas.com/ "ޖަވާހިރުވާދީއިލްޔާސް ޑޮޓްކޮމް" ގައި ޝާއިޢުކޮށްފައި ވާނެއެވެ.


"ފަހެ، ދަންނާށެވެ! ބޮޑުމަޖިލީހުގެ ރައީސް ހޮވުމާ ގުޅޭގޮތުންނާއި މިނިވަން ހަރަކާތުގެ ބައިވެރިންގެ ތެރެއިން، ސަރުކާރުން ހަމައެއް ލަމައެއްނެތި ބަންދުކުރަމުން ގެންދާ މީހުންނާބެހޭ ގޮތުން، މަޝްވަރާކުރުމުގެ ބައްދަލު ވުމެއްގައި މައްޗަންގޯޅި ބޯގަންވިލާގައި ތިއްބައި، "ސަމަރޭ" ލައްވާ "ޤާސިމަ" ށް ގުޅައިގެން، އެމަޖިލީހުގެ އެތައް މެމްބަރުންނެއް ގަދަކަމުން ޖުމްހޫރީ މައިދާނަށް ނެރުއްވިއެވެ.


ގާސިމް އަރިހުން ސަމަރޭ އެދިލައްވަނީ، ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ތިޔަ އިއްޒަތް ތެރީން، ޖުމްހޫރީ މައިދާނަށް ވީހާ އަވަހަށް، ވަޑައިގެން އެތަނުގައި އެއްވެފައި ތިބި ރައްޔިތުންނަށް އެކަން ނުކުރުމަށް ނަސޭހަތްތެރި ވެދިނުމަށެވެ. ގެއަށް ދިއުމަށް ބާރުއަޅައި ދިނުމަށެވެ.


ބޯގަންވިލާއިން ނުކުތް މެމްބަރުންތެރޭގައި އަޅުގަނޑު ވެސް ޖުމްހޫރީ މައިދާނަށް ހާޒިރުވީމެވެ. ސަމަރޭގެ މިފޯނުކޯލް، ގާސިމު ރިސީވް ކުރެއްވި އިރު، އޭނާގެ ކައިރީގައި އަޅުގަނޑު ވެސް ޖެހިގެން އިނީމެވެ. އަދި އެއްވެފައި ތިބި ރައްޔިތުންނަށް ތަސައްލީދީ، ގެއަށް ފޮނުވާލުމަށް ނަސޭހަތްތެރި ވުމަށް، "އިލްޔާސް އިބްރާހީމް" ވެސް ޖުމްހޫރީ މައިދާނަށް ފޮނުއްވީ، ސީދާ ރައީސް މައުމޫނެވެ.


އިލްޔާސާއި ގާސިމުގެ ނަސޭހަތްތަކަށް ރައްޔިތުން ޖަވާބު ދިނީ އެމީހުން، އަރައިގެންތިބި ފައިވާން ތަކުންނެވެ. އެ ދެ މީހުންނާ ދިމާއަށް ފައިވާންތައް އުކާހެދީއެވެ. ދެން ފަހެ، މި ދެބޭފުޅުންގެ ބަސްއަހާނެ ރައްޔިތަކު ހަވަރުތެރެއަކުން ނުވިއެވެ. އެއަށްވުރެ ރައްޔިތުން ތިބީ ރުޅިގަދަވެފައެވެ. މާޖަޒުބާތުގައި ޖެހިފައެވެ.


އެހާ ހިސާބުން އެ ދެ ބޭފުޅުން، ފަހަތަށް ޖެހި ގެއްލުނީއެވެ. ދެން، އިސްލާހީ ހަރަކާތް ލީޑްކުރީ، ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ފަރާތުން އެދުރުވެފައި ތިއްބެވި، ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށް ދަސްކުރަމުން ގެންދާ، ސިޔާސީގޮތުން ކިޔަވާކުދީންނެވެ. ދިވެހިރާއްޖޭގެ "ސިޔާސީ ޠާލިބާނުން" ނެވެ. ސިޔާސީދަރިވަރުން ނެވެ. ހަވަރުކުރިމަތީގައި އިލްޔާސާއި ގާސިމް ފެއިލްވީއެވެ.


މި ދެ ބޭފުޅުންނަށް ޢާއިލީގޮތުން ހަމްދަރުދީއެއް އެދުވަސްވަރު ގެންގުޅުއްވި، ބޯގަންވިލާ އިބުރާ އެރޭގެ މެންދަމާ ޖެހެންދެން ހިފާއްޓަވާ ލެއްވުމަށް ފަހު، "ކާމިޔާބު ނުވަނީސް ލޮލުފިޔައެއް ނުޖައްސަވާނެ" ކަމަށް ވަޢުދުބަސްފުޅު ހަރުއަޑުން ތަކުރާރުކޮށް ވިދާޅުވެފައި ގެއަށް ވަޑައިގަތީ، ވަރުބަލި ވެގެންނޭ ވިދާޅުވެފައެވެ. ހިތްވަރުތަކެއް ކުރައްވާފައެވެ. އެހެނަސް އިލްޔާސާއި ގާސިމުހެން މީނާވެސް މައިދާނުން ގެއްލުނީއެވެ.


ކުރީސަރުކާރު ތެރެއިން ކޮރަޕްޓްވެފައި ތިއްބެވި ދެބޮޑުން ކަމުގައިވާ، ޑޮކްޓަރ މުނައްވަރު އާއި އިބްރާހީމް ހުސައިން ޒަކީ އަކީ އަރިމަތީގައި އުޅުއްވި ބޯކިބާކޮޅެއްގެ ދަހިވެތިކަމުގައި އުޅުއްވި ބޭފުޅުންނެވެ. ގާސިމާއި އިލްޔާސަށް ރުހުންދީފައިވާ މީހުންގެ ގޮތުގައެވެ. ހަގީގަތުގައި މި ދެ ބޭފުޅުންނަކީ އިސްލާހީހަރަކާތުން މަންފާއެއް ލިބިގަތުމުގެ ނިޔަތުގައި އެރޭ، ކުޅިބެއްލެވި ބޭފުޅުންނެވެ. ބޯކިބާފޮތީގެ ދަހިވެތިކަމުގައެވެ. ރައީސް މައުމޫނު، އިލްޔާސާއި ސަމަރޭމެން ލައްވާ މިކަން ކުރެއްވީ، ސިފައިންގެތެރޭގެ ހުރިހާކަމަކާއިބާރެއް އެމަޖެންސީކޮށް، "ފަތުހު ﷲ އާއި ހަމީދާއި ޔާމީން" މެންނައި ހަވާލުކުރައްވާ ފައެވެ.


ހައްޔަރުކުރި ބައެއްމީހުންނާ ދިމާއަށް، "ފަތުޙު ﷲ" އެއްޗެތި ވިދާޅުވެ ކޯފާވެހެއްދެވި ކަމަށް ވެއެވެ. ބަންދުކުރި އަސީރުންތައް ގެނެސް ސިފައިންގެ މަރުކަޒު ތެރެއިން ފެނުމުން، ކޯފާއިސް ކުރެއްވުމާއެކު ބާރުބާރަށް ކުޅުޖަހާ ހެއްދެވިކަމަށް ޚަބަރުވިއެވެ. އެއްވެފައި ތިބިމީހުންގެ ތެރެއަށް، ގޭންގުތަކާއި އިދިކޮޅަށް ހަރަކާތްތެރި ވާނެ މީހުން، ޖުމްހޫރީ މައިދާނަށް، އާދަމްޒާހިރު އާއި ޔާމީން ގެންދެވީ، އެއްކުރައް ވަމުންނެވެ. އެތަނަށް ފޮނުއްވާއި ޖަމާކުރައް ވަމުންނެވެ.


އަދި އިސްލާހީ ހަރަކާތާ ދެކޮޅަށް ކުރަންވީ ކަންތަކުގެ އިރުޝާދު ދެންވަމުން ގެންދެވީ ސީދާ އެބޭފުޅުންނެވެ. ޖެއްސުން ކުރުމަށް ކުރަންވީ ކަންތައްކުގެ އޯޑަރުތައް ނެރެދެއްވީ އެބޭފުޅުންނެވެ. ސިފައިންގެމަރުކަޒު ތެރޭންނެވެ. އެމީހުންނަށް މެގަފޯންތައް ދިނީ ސިފައިންނެވެ. ފަހެ، ގަނޑުވަރުންރޭވި، މިރޭވުންގަނޑު ފުރޮޅިގެންދިޔަ ނަތީޖާއައީ، އަނެއްދުވަސް ކަމުގައިވި ހުކުރުދުވަހު، ޤާސިމާއެކު ޑޮކްޓަރ މުނައްވަރާއި ޒަކީ އާއި އެތައްބައިވަރު އިއްޒަތްތެރި މެމްބަރުންނެއް ޖަލުގެ ކުޑަގޮޅިތަކަށް އެތެރެކޮށްލައި ބަންދުކޮށް ލުމެވެ. އަދި "އާދަމްޒާހިރު އާއި ޔާމީނު" މެންލައްވާ، ބަންދުކުރެވުނު މީހުންނަށް ބޭނުންގޮތެއް ހަދާލެއްވުމުގެ ސީދާބާރު އޮތީ ކުރިޔާލައި އަރުވާފައެވެ.


މިހުރިހާ ކުޅިގަނޑެއް ކުޅުއްވީ، ގަނޑުވަރު ތެރެއިން ސީދާ ރައީސްމައުމޫނެވެ. އެމަނިކުފާނުގެ ހިކްމަތުއަމަލީންނެވެ. ހުކުރު ދުވަހަށް އިރުއެރުމުގެ ކުރިން، ބަންދުކުރަންވީ މީހުންގެ ނަންތަކުގެ ލިސްޓުއޮތީ ލިޔެތައްޔާރުކޮށް ސިފައިންގެ ޓާސްކުފޯހައި ހަވާލުކޮށް ފައެވެ. އަޅަންޖެހޭ ފިޔަވަޅުތައް ހުރީ ތަރުތީބުން ލިޔެ ނޯޓުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. ހުއްދަދެވޭ މީހުންނަށް ނޫނީ ނުފުރޭގޮތަށް އޮތީ، ހަމަޖައްސާފައެވެ. ކާފިއޫ ހިންގަވައި އެތައްބައިވަރު، އަސާސީޙައްޤު ތަކެއް ނިގުޅައި ގަތުމަށްފަހު، ތަހުގީގުތައް ހިންގަމުން ގެންދިޔައީ، ސަތޭކަ ފުލުހުންނާއި ސަތޭކަ ސިފައިންގެ ބޭކަލުންގެ، ވަކިޖަމާޢަތެއް ގޮތުގައި އުފެއްދި ކުއްލި އިދާރީބާރެއްގެ ކޮމާންޑައި އެކުގައެވެ.


އޮނަރަބްލް އަބްދު ﷲ ހަމީދުގެ ދަރިކަލެއް ކަމުގައިވާ އަލްއުސްތާޒު "މައުމޫނުހަމީދު" އަށް، ކުއްލިބާރުތަކެއް ދެއްވައި، އެޔުނިޓުގެ ލީޑަރުކަމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ދެއްވިއެވެ. މިއީ ސިފައިންގެ މަރުކަޒުން ބޭރުގައި ގައިމުކުރެވުނު ވަކިމަރުކަޒެކެވެ. ވަރަށް މިނިވަން ކަމަކާއެކު ދައުލަތުން ބޮޑުބާރެއްދީގެން ކުރިޔަށް ގެންދިޔަ ވަކި އިދާރީޔުނިޓެކެވެ.


މިމަރުކަޒަށް އޯޑަރުތައް ލިބެނީ "ހަމީދު" އާއި "ޔާމީނު" އާއި "ފަތުހު ﷲ" އާއި "މައުމޫނު" ގެ މަޝްވަރާގެ މަތިންނެވެ. ސީދާ ގަނޑުވަރު ތެރެއިންނެވެ. ރައީސްމައުމޫނު ސިފައިންގެ މަރުކަޒަށް ގެނެވުނުފަހުން ސީދާސިފައިންގެ މަރުކަޒުންނެވެ. ހިތުހުރި ގޮތަކަށް ރޭވުންތައް ރާވަމުން ގެންދިޔަ، މިސިއްރު ކޮމެޓީގެ ރޭވުންގަނޑަށް ބަދަލެއް އައިސް ބުރެކިޖެހުނީ، 2004 ޑިސެންބަރުގެ ބިރުވެރި ސުނާމީ ކާރިޘާއަށް ފަހުގައެވެ.


ފަހެ ދަންނާށެވެ! ނިމިގެން ދިޔަ، ސިޔާސީ، މިކަންތައް ގަނޑު ވެގެންދިޔައީ، އަނެއްކާވެސް "ހަމީދު" ގެ ފޭލިގެ އާއި "އިލްޔާސް" ގެ ފޭލިގޭގެ ހަސަދަވެރިކަމުގެ އަލިފާންގަނޑަށް، ދަރުއެޅުއްވުމަށް ރާވާލައްވައިގެން، ކުޅެލެއްވި ސިޔާސީ ހިކްމަތުން ފުރިގެންވާ މުއާމަރާ އަކަށެވެ. ސިޔާސީރާޒުވާ ކުޅިގަނޑަކަށެވެ. ހުންގާނުގައި މިފަހަރު ތިއްބެވީ އަޒުހަރުޓީމެވެ. ފަހެ، މިއުކުޅަކީ ރިފޯމުގެ ވަރުގަދަ ގަސް ބަލިކަށިކޮށް ނިކަމެތި ކޮށްލުމުގެ މަގްސަދުގައި ގޮފިތައް ކޮށާލެއް ވުމަށް، ކުޅުއްވި ސިޔާސީ ކުޅިއެކެވެ.


އިލްޔާސާއި ސަމަރޭ އާއި ގާސިމަކީ އެއްފޭލިގެއެއްގެ ބޭފުޅުންނެވެ. އާދެ! މިކުޅިއަކީ، ސިއްރިއްޔާތުގައި އަޒުހަރުޓީމު ކަމުގައިވާ، "ފަތުހު ﷲ" އާއި "ޒާހިރުހުސައިން" އާއި "މައުމޫން" އާ، ގުޅިގެން، އާދަމްޒާހިރާއި ޔާމީނުގެ ތަޖްރިބާގެދަށުން އީޖާދު ކުރެއްވި މޮޅު، ސިޔާސީ ކުޅިއެއް ކަމުގައި ސިޔާސަތު ކިޔަވާޠާލިބުއިލްމެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވަރަށްބޮޑަށް ގަބޫލު ކުރެވެއެވެ.


ރައީސް މައުމޫނަކީ، މިފަދަ ސިޔާސީ ކުޅިތައް ރާޒުވާ ގޮނޑީގައި ރާވާލައްވައިގެން ކުޅުއްވުމުގައި ވަރަށް އަރާހުންނެވި ހުނަރުވެރި ޢިލްމު ވެރިއެކެވެ. ސިޔާސީމުދައްބިރެކެވެ. ފިރުއައުނުންގެ މިސުރުން ދަރިވަރުވެ ވަޑައިގެންފައިވާ ކިޔަވާވިދާޅުވުމަށް މޮޅު ސިޔާސީ ލީޑަރެކެވެ. ޖަމާލް އަބްދުއްނާސިރުގެ ދަރިވަރެކެވެ. ސިޔާސީ އުކުޅުތައް ކުޅުއްވާ މާހިރެކެވެ. ދިގުވެރިކަމެއް ކުރެއްވުނީ އެހެންވެއެވެ!


ކަޅުހުކުރުގައި ކޯއްޓޭ ބޮޑުދިދަ ކަނޑާލަން އުޅުން:


އާދެ! ދިވެހިޤައުމުގެ ސިޔާދަތު ރަމްޒުކޮށް ދެމުންގެންދާ ކޯއްޓޭގައިހުރި ބޮޑުދިދައިގެ ބުޑުން މިކަންތައް، ސިކުނޑި އާއި ހިތާއި ލޮލާއި އަތުން ހިފައި އަދި، ޖިސްމާއި ރޫހުން ތަޖުރިބާކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަކީ، ބޯގަންވިލާގެ ބައްދަލުވުމުން ޖުމްހޫރީ މައިދާނަށް ދިޔަގޮތަށް، އަނެއްދުވަހު، އިސްލާމީ މަރްކަޒުގައި ކުރެވުނު ހުކުރު ނަމާދަށް ތަބާވެ، ޖުމްހޫރީ ބިމުގައި ހުކުރު ކޮށްގެން ގެއަށް ދިޔަމީހެކެވެ.


ފަހެ، ދަންނައެވެ! ރަލާއި ޑުރަގު ދީފައިތިބި ބަދުމާޝް، ތަގުންގެފޯހެއް (ޔާނުފޯސް) މޮޔަވެފައިތިބި ގެރިތަކެއްހެން، ހުކުރުވިލޭރޭ މެންދަމުން އަލިވުމަށް ފަހު، ދަންވަރު ވަގުތެއްގައި އައިސް ގައުމީދިދަދަނޑީގެ ބުޑަށް އަރައިގަތީ ވަރަށް ވަހުޝީ ހާލަތުގައި ހިކިތަކެތިންނާއި ދިޔާތަކެތިން، މަސްތުވެ ތިބެއެވެ. އެވަގުތަކީ، ދުވަހަކުވެސް މިހާތަނަށް ނުލިބޭ ހިތްވަރެއް އަޅުގަނޑަށް، ވެރިވެފައި ހުރި ވަގުތެކެވެ. ހުރެވުނީ އެތައްދަރަޖަ އަކަށް ހަކަތަ އިތުރުވެފައެވެ. އިތުރުބާރުތަކެއް ވެރިވެފައެވެ. އަޅުގަނޑަށް އެވަގުތު ހުރެވުނުތަނުން އަޅުގަނޑުގެ ޒިންމާއަކަށް ވެފައި އޮތީ ދިދައިގެވާގަނޑު، ބަދުމާޝް ތަގުންގެފޯހުން، ކަނޑާލިޔަނުދީ ދިވެހިދިދަ ދިފާއުކޮށް ހިމާޔަތްކޮށް ދިނުމެވެ.


ލޮބުވެތި ގައުމީ ބޮޑުދުދަ
ލޮބުވެތި ގައުމީ ބޮޑުދުދަ

އެމީހުން ކުދިފިޔޮހި ތަކާއި ކަޓަރު ގެންގުޅުތަން އަޅުގަނޑުގެ ދެލޮލުން ދުށީމެވެ. އެމީހުން މަސައްކަތްކުރީ، ދިދައިގެވާގަނޑު ކަނޑާލައި ދިދަވައްޓާލުމަށް ފަހު، އެބަދުނާމު އަޅުގަނޑުމެން އެތަނަށް އެއްވެފައި ތިބި، ރިފޯމިސްޓުންގެ ބޮލުގައި އެޅުވުމަށެވެ. އަޅުގަނޑައި ޖެހިގެންހުރީ ވަރުގަދަ ހިތްވަރެއް ދެއްކެވި، މުޖާހިދެއްކަމުގައިވާ، ދާދަރާނަސީމެވެ. މިއީ "ހަމީދު" އާއި "ޔާމީނު" މެން ފަދަ، ސިޔާސީ ބޮޑުން އަޑީގައި ތިއްބަވައިގެން ހިންގުވި ނުބައިނުލަފާ، މުޑުދާރު ރޭވުމެކެވެ.


ސިފައިންގެ ވަށައިގެން މަގުމަތީ ފާރުގެ މަތީގައި ހަދާފައިހުރި ވޮޗްޕޯސްޓު ތަކުން މެގަޕޯނުތައް ބާލައިގެން ސިފައިންގެ ބައެއްގެ އެހީލިބިގެން އެތަނަށް އެއްވި، ސަރުކާރަށް ތާއީދު ދެމުން ގެންދިޔަ ބަޔަކު، ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތް ތެރިވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ.


މިބައިގަނޑު ލީޑުކޮށްދިނީ ޑޮކްޓަރ ފާތިން ހަމީދާއި ކެލާ ނިޒާމާއި ޢިމާދު ސާލިޙާއި މިފަދަ ޑީއާރުޕީއަށް ނިސްބަތްވާ ސިޔާސީބޮޑުންނެވެ. އަދި އެތަނަށް އެއްކުރި ގޭންގު ކުދިންނާއި ޕާޓޭންނެވެ. ސިފައިންނަށް ހަމަލާދިނުމުގައި އުޅުނީވެސް މިބައި ގަނޑުގައި ހިމެނޭ، އެދުވަހު ޖަލުންދޫކޮށް ލެވުނު، ޕާޓޭގުރޫޕެވެ.


ސިފައިންގެ މީހެއްގެ ބަނޑަށް ވަޅިއެއް ހަރާލީވެސް މީގެތެރެއިން މީހެކެވެ. އޮފީސް ޢިމާރާތް ރޯކޮށްލުމަށް އަލިފާން ބޭނުންކުރީ ވެސް އެމީހުންނެވެ. އަދި ހަމައެދުވަހު ޖަލުގެ ދޮރުތައް، ކޮމާންޑަރ އިންޗީފް އާދަން ޒާހިރު ލައްވާ ހުޅުވާލެއްވިއެވެ. ނުލަފާ ފުރާވަރުގެ ޕާޓޭންގެ ގިނަކުދިންތަކެއް ޖަލުން ދޫކޮށްލިއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދޯންޏެއްގައި މާލެ އައުމުގެ ދަތުރުމަތީގައި ތިއްބާ، ސިފައިންނާ ކުރިމަތިވެ ކުރިމަތިލުން ތަކެއް ހިނގިއެވެ. މިއީ ސިފައިންލައްވާ ކުޅުނު އޮޅުވާލުމުގެ ޝޯއެކެވެ.


މިއީ ދޫކޮށްލި ކުދިންގެ ތެރެއިން މަދުބައެކެވެ. އަދި މާލޭ ޖަލުތަކުން ނުކުތް ކުދިން މިއެއްވުމުގެ ތެރޭގައި ތަގުންގެ ފޯހާއެކުގައި ކުއްލި ހަރަކާތުގައި އުޅުނެވެ. ތަންތަނުގައި އަލިފާން ރޯކުރަންށާއި ސިފައިންނަށް ހަމަލާދޭން އުޅުނު ބަޔަކުވެސް އޭގެތެރޭގައި އުޅުނެވެ. ހަމަގައިމުވެސް މިއެންމެންނަކީ އަނބުރާ ޖަލުތަކަށް ގެންގޮސް ބަންދުކުރެވޭނެ މީހުންނެއް ނޫނެވެ.


އާދެ! ކޯއްޓޭގެ ބޮޑުދިދަ ކަނޑާވައްޓާލުމާއި އެވަގުތު ހިންގި އެހެނިހެން ނުލަފާ ހަރަކާތްތައް، ކާމިޔާބުނުވީ އެމީހުންގެ ނިޔަތާއި މަގްސަދު ރަނގަޅު ނުވީމާކަން ކަށަވަރެވެ. ފަހެ، ދެބައިމީހުންގެ ދެމެދު ހިނގި، ހަމގުރާމައިގެ މިހިނދުކޮޅުގައި އަޅުގަނޑުގެ ހިތަށް، ތަޞައްވަރު ކުރެވެމުންދިޔައީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ލިބުނު ރޫހާނީބާރާއި ކާމިޔާބު ތަކަށެވެ. އަދި ހަނގުރާމައިގެ މިހިނދުކޮޅަށް ފަހު މާގިނައިރެއްނުވެ، އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުގެ ޤުނޫތުގައި ޝައިޚު ފަރީދު ވިދާޅުވެދެއްވި ދުޢާއިން އެތައް، އެތައް އިހުސާސް ތަކެއް އިތުރުވެގެން ދިޔައެވެ. ﷲ މިގައުމަށް ބަދަލެއް ގެނެސް ދެއްވުމުގެ ނިޔާ އަޒުލްގައި ލިޔުއްވި ވަގުތަކީ މިއޭ، ހިތަށްއެރިއެވެ.


ޖައްބާރު ވެރިންނަށް ޢިބްރަތެއްގެ ގޮތުން ފިލާވަޅެއް ލިބެންވީ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޝައިޚް ފަރީދުގެ ޖާމިޢު ދުޢާގައި މިހުރިހާ ދިމާއަކަށް އަސަރާއެކު އަލިއަޅުވާ ލެއްވިއެވެ! ނަމާދުގައި ބައިވެރިވި ރައްޔިތުން އެއްއަޑުން އާމީން ހަރުއަޑުން ކިޔަމުން ގެންދިޔައެވެ. ރާއްޖޭގައި އެފަދަދުޢާއެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ﷲ ގެ ގެފުޅު، މިސްކިތަށް ކަރުނައެޅި އެތައް އިޚްލާސް ތެރިންނެއް ތިއްބެވެ.


ރައީސް މައުމޫނުގެ ވަފާތެރި މިނިސްޓަރެއް ކަމުގައިވާ، އޮނަރަބްލް އުމަރުޒާހިރު ފަހަތު ސަފެއްގައި އެދުޢާގެ އަސަރުން، މަޑުމޯޅިވެ، ކީރިތި ކުރައްވަން ހުންނަވަނިކޮށް ފެނުނެވެ. އާމީންހަރުއަޑުން ކިޔުއްވަމުން ގެންދެވިތަން ދުށީމެވެ. ޝައިޚު ފަރީދު ޢަރަބިބަހުން ވިދާޅުވި ބައިތަކުގެ މާނަ އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ.


މިއީ އިސްލާމީ މަރުކަޒުގައި ރައްޔިތުންގެ ބޮޑު ޖަމާޢަތަކާއެކު، ކުރެވުނު ތާރީޚީ ފަތިސް ނަމާދެއް ކަމުގައި އަޅުގަނޑު ފާހަނގަ ކުރާނަމެވެ. 2004 ޑިސެންބަރ 25 ގެ ކުރިސްމަސްރޭގެ މަޖާތަކުގެ ތެރެއިން ފާޅުވި އިރުގެ އަލިކަމާހެން ހަގީގީ ސުނާމީއެއް، ދިވެހިރާއްޖެއަށް އަރައި އަނެއްކާވެސް ރައީސް މައުމޫނުގެ ހިތްޕުޅު ބިރުގަންނަވާލެއްވީ، ﷲގެ ކުޅަދުންވަންތަ ކަމުންކަން ކަށަވަރެވެ.


ބަންދުގައި ތިއްބެވި ގާސިމުމެން ފަދަ މީހުންގެ ހައްގުގައި ރައީސް މައުމޫނުގެ އަނިޔާއިން، މިންޖުކޮށް ދެއްވުން އެދި، 99 ޚަތިމު ކުރުމުގެ ކިޔެވެއްޔަކާއި އެތައް އެތަކެއް ވިރުދުތަކާއި ކީރިތިގުރުއާނުން ކިޔެވެލިތަކެއް، މިއަނިޔާތަކާ ގުޅިގެން ކިޔަވާހަދާއި، ﷲ އަށް ދެންނެވުނުކަން، އދ.އަތޮޅުގެ ބައެއް ރައްޓެހިންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ލިބިފައިވެއެވެ.


ހަމަގައިމުވެސް ޝައިޚް ފަރީދުގެ ދުޢާ އާއި މިދެންނެވި ކިޔެވުންތަކަކީ އެއްވެސް ހުރަހެއްނެތި، ﷲ އަށް ސީދާކޮށް ރައްދުވާނެ އަޅުކަމެއްކަން ކަށަވަރެވެ! އެދުޢާތަކުގައި ރޫޙާނީބާރުތަކެއް ހިމެނޭނެކަން ކަށަވަރެވެ! ﷲ އީ އަނިޔާ ލިބެމުންދާ މީހުންގެ ދުޢާތައް އައްސަވާއި އިޖާބަކުރައްވާ ކުޅަދުންވަންތަ ކަލާނގެއެވެ.


އާދެ! ޖުމްހޫރީ މައިދާނުގައި ސާބިތުކަމާ އެކު، އެތާ އެވަގުތު ތިއްބެވި ކުޅަދާނަ މުޖާހިދުންގެ ބާރާއި ހިތްވަރުން ބަދުމާޝް ތަގުންގެ ވަހުޝީ ރޭވުންތަކާއި މުޑުދާރު މަގްސަދު، ފެއިލް ވެގެން ދިއުމުން، އެވެރިން ދުވެފިލީ އެތައް އަނިޔާތަކެއް ލިބިގެންނެވެ. ލަދުވެތި ހާލުގައެވެ. އެމަންޒަރު އަހުރެން ވަރަށް ގާތުން ދުށީމެވެ.


އަޅުގަނޑާއި ދާދަރާ ނަސީމާއި އެހެންމުޖާހިދުން އެހިނދު ޖިހާދުކުރަމުން ގެންދިޔައީ އެމުޖްރިމުންނަށް ކިތަންމެ އަނިޔާއެއް ވިޔަސް އެންމެ ރަނގަޅު ކަމަށެވެ. އަދި ދިދައިގެ ވާގަނޑާ ހަމައަށް އެވަޙުޝީ މީހުންގެ އަތްތައް އަޔަނުދޭށެވެ. ﷲ ގެ ވާގިފުޅާއެކު އެކަން ކުރަންއައި މީހުން ބަލިކޮށް ލެވުނެވެ.


ސިޔާސީމުޖާހިދު ދާދަރާނަސީމް
ސިޔާސީމުޖާހިދު ދާދަރާނަސީމް

އާދެ! އެވަގުތު ޕާޓޭތަގުންގެ މިގުރޫޕަށް އެކަން ކުރެވުނަމަ، އޮތީ ހަމަ އެވަގުތު އެމަޖެންސީ އިއުލާނުކޮށް ގާނޫނުއަސާސީ މުށުތެރެއަށް ލުމަށް އަޒުންކަނޑައަލައި ނިންމާފައެވެ. އެހެނަސް އަޅުގަނޑުމެންގެ ހިތްވަރުން ދިދަކަނޑާވައްޓާލުން ކާމިޔާބު ނުކުރެވުނީއެވެ. މިރޭގެ ދަންވަރު މިވަގުތާއި ފަތިސްނަމާދަކީ ރައީސްމައުމޫނުގެ ދިގު، 30 އަހަރުގެ ވެރިކަން ނިންމެވުމުގެ ސިއްކަ ﷲ ޖައްލަޖަލާލާ ޖެއްސެވި ހިނދެވެ. އިތުރުދައުރެއް ނުލިބި އެވެރިކަން ނިމިގެން ދިޔައީ އެގޮތަށެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ!


ހަސަނާއި އަންނިއަކީ ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟:


އާދެ! ދެން މިގެނެސްދެނީ، 2008 މޭ ގައި "ޙަސަނާއި އަންނިއަކީ، ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟" މިސުރުޚީގެ ދަށުން، އަޅުގަނޑު ލިޔުނު މަޒްމޫނުގައި "ކަޅުހުކުރު" ގެޙާދިޘާއާ ގުޅިގެން ލިޔެފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަނދާނަށް ގެންނަންޖެހޭ ވާހަކަތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް "ޖަވާހިރުވާދީއިލްޔާސް ޑޮޓްކޮމް" ގައި ޝާއިޢުކޮށްފައި ވާނެއެވެ.


"ފަހެ، ދަންނާށެވެ! 2004 އޯގަސްޓް 12، 13 "ކަޅުހުކުރު" ގައި ބަންދުކުރެވުނު ރިފޯރމިސްޓުންނަށް ޤާނޫނު އަސާސީން ލިބިދޭ އެންމެ މުގައްދަސް ހައްގުކަމުގައިވާ، ގާނޫނީވަކީލުން ލިބިދިނުމުގެ ހައްގު ނިގުޅައިގަނެ ރައީސް މައުމޫނުގެ މުށުތެރެއަށް އަސާސީގެ އަސާސީ ހައްގުތަކާބެހޭ އެންމެމުހިންމު މާއްދާތައް ލެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ، މިހާރު އެމްޑީޕީގެ މުގައްދަސް ވަތުތަށީގައި ބައިންދަން ގަސްތުކުރާ ޖޯޑެވެ. އޭރުގެ ބަންޑާރަ ހަސަނެވެ.


ފަހެ މިޖޯޑަކީ، އެފަދަސާފު ތާހިރު ވަތުތައްޓަކަށް އެކަށީގެންވާ ޖޯޑެއްނޫނެވެ. ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ގިނަމާއްދާތަކެއް އަސާސީގެ، 144 ގެ ދަށުން ކަމަށް ބުނެ، ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވައި، އެމާއްދާތަކަށް އަމަލު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށް، ބަންދުކުރުވީ ސީދާ ހަސަނެވެ. އޭނާގެލަފައިންނެވެ. ދެވަނަމީހެއް ނޫނެވެ. ހަސަނާއި ޑޮކްޓަރ މަހްމޫދުޝައުގީ އިސްކޮށް ތިއްބަވާ ގޮތަށް އުފެއްދުނު، ވަރަށް ޚާއްސަ ރިޔާސީ ކޮމެޓީ އަކުން، އެކަމުގައި ތާށިކުރި އެންމެންނަށް ދައުލަތުގެ ބާޣީންގެ ނަމުގައި އެތައް އަނިޔާތަކެއް ކުރިއެވެ.


ތަހުގީގުތައް ރާވާއި ބައްޓަންކޮށް ކުރިޔަށް ގެންދިޔައީ އެމީހުންނަށް ފެނުނުހާ މުޑުދާރު ގޮތަކަށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ޢަދުލް އިންސާފެއް ހަމައެއް ލަމައެއް ނެތިއެވެ. ލާއިންސާނީ ކޮށެވެ. ވަޙުޝީކޮށެވެ. އަލްއުސްތާޒު މައުމޫނު ހަމީދު އިސް މުޝީރަކަށް ކޮމާންޑުގައި ބަހައްޓަވައިގެން ނެވެ. ދުއިސައްތަ ވަރަކަށް ސިފައިނާއި ފުލުހުން އޭނާގެ ދަށަށް ދީގެން މުޅިން ވަކިއޮފީހެއް، ސިފައިންގެ މައިމަރުކަޒުން ބޭރުގައި އިދާރީގޮތުން ހަދައިގެންނެވެ.


ހައްޔަރުކުރި މީހުންނަށް، ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ސިފައިންނާއި ފުލުހުން ކުރި ހުތުރު ދުއްތުރާތަކުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ސީދާ ބަންޑާރަ ހަސަނެވެ. އެއީ އެޒިންމާގައި ހުވާކުރައްވައިގެން ހުންނެވި ބަންޑާރަނައިބެވެ. ޖިންސީގޮތުން ފިރިހެނުންނަށް ކުރިއަނިޔާތައް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަލްފާޟިލް ފުރަހަނި ޝުޢައިބުއަލީއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ.


އަންހެނުންނަށް ޖިންސީގޮތުން ކުރި އަނިޔާތައް އެމްޑީޕީގެ މެންބަރު އަލްފާޟިލާ އެލީނާ އަހްމަދު އައްބާސް، ދޮންބިއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. ޖެނީއަށް ވެސް އެނގޭނެއެވެ. މިހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހަސަނު ހުންނެވި އިރު، އެހީތެރިއަކަށް، އަދި އިސް ތަރުޖަމާނަކަށް ހުންނެވީ، އެމްޑީޕީގެ މުގައްދަސް އިސްލާހީ ހަރަކާތް ފުނޑުފުނޑު ކޮށްލާއި ޖަނާޒާއަށް ގޮވާލެއްވި، ޑޮކްޓަރ އަހްމަދު ޝަހީދެވެ. ރައީސް މައުމޫނުގެ ޖައްބާރު ޚާރިޖީވަޒީރެވެ. ރައްޔިތުންނަށް އެތައް އަނިޔާތަކެއް ވެފައިވާ މުޑުދާރު މީހެކެވެ. ރާއްޖެ ސެކިއުލާކޮށް ލާދީނީކުރުމުގެ މުގުލުގައި ހުންނެވި ސަހުޔޫނިޔަހޫދީޚިޔާލުގެ ބޭފުޅެކެވެ.


ފަހެ މިބޭފުޅުން، މިހާރު ލަދެއް ނުގަނޭތޯއެވެ؟ ރައްޔިތުންގެ ހިތްތަކުން މިފަދަ އަނިޔާވެރި، ޖާހިލީ ކަންތައްތަކަކީ، ހަދާންނެތި ކޮށްލާއި ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ. މުޅި އިސްލާހީ ހަރަކާތް ހަލާކުކޮށްލީ މިމީހުންތައް ވަދެގަނެ އިނގިރޭސިން މީގެތެރެއަށް ވައްދާ މުޑުދާރު ކަޅުޑީލްތައް ހަދައިގެންނެވެ. މުޖުރިމުން އަބަދުވެސް ވާނީ މުޖުރިމުން ނަށެވެ. ހަކުރުވާނީ ހަކުރަށެވެ. ލޮނުވާނީ ލޮނަށެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ކެނޑިއްޖެ ބިކުރަކީ އަނބުރާ ގެނެވޭނެ، އަދި އިޢާދަކުރެވޭނެ ދުއްޔެއް ނޫނެވެ!


ފައިސާއާއި ވަގުތު ބޭކާރުކުރެވި ދާނެއެވެ. ރައްޔިތުންގެ ހަގީގީޚިޔާލާތާއި ފިކުރު، ބަދަލެއް ނުކުރެވޭނެއެވެ. ފާޅުވާނެއެވެ. ޝައްކެއް ނެތެވެ! މިކަން ދަންނާނެ ބަޔަކު އަބަދުވެސް ދިވެހި ހަވަރުގައި ތިބޭނެއެވެ."

والله أعلم ! ~ނިމުނީ~


 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page