top of page

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (3 ވަނަ ބައި)

Writer: ilyashusein
ilyashusein
7 days ago
32 min read

*ޖަލުގައި، 3 ވަނަ ދުވަސް:

*މަޖްލިސް ޖަލްސާއަށް ހާޒިރުވުމަށް ގެންގޮސްދިނުމަށް އެދުން:

*ސަރުކާރުން ފޮނުއްވި ރަސްމީޓީމެއް ގޮޅިއަށް ވަޑައިގަތުން:

*ވެރިމީހާގެ ރަސްމީވަފުދަށް ފަހު ރައީސް އޮފީހުން ނެރުއްވި ބަޔާން:

*ހިއުމަންރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ބޭފުޅުން ޖަލަށް ޒިޔާރަތްކުރުން:

*އީޔޫވަފުދުގެ ޓީމައި ބައްދަލުކުރުން:

*ސިފައިންނާއި ފުލުހުން ވަކިދެއިދާރާއަށް ވަކިކުރެއްވުން:

*ލަންކާގައި ހުންނަވާ އެމެރިކާގެ ސަފިރުގެ ނާއިބައި ކުޑަގޮޅީގައި ބައްދަލުކުރުން:


ޖަލުގައި، 3 ވަނަ ދުވަސް:


15 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 3 ވަނަ ދުވަހެވެ. މިއަދު އެއްވެސް ޚަބަރެއް ނެތުމުން، ލޭޑީއާ ބައްދަލުވާން އެދުނީއެވެ. ވަރަށް ފަސޭހައިން ލޭޑީ ގޮޅީގެ ދޮރުމައްޗަށް ދުރުވެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އަޅުގަނޑު ހީކުރީ، ޖަލުއޮފީހަށް އަޅުގަނޑު ނެރޭނީ ކަމަށެވެ. ފަހަރުގައި މީނާއަށް، ގައިދީން ގޮޅިން ނެރުމާއި މިފަދަ ބައެއް ކަންތައް، އަމިއްލައަކަށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ނޯންނަކީ ކަމަށް ވެދާނެއެވެ. ލޭޑީ ދުރުވެ ސަލާން ގޮވާލެއްވުމުން އަޅުގަނޑު ދެންނެވީމެވެ.


މަޖްލިސް ޖަލްސާއަށް ހާޒިރުވުމަށް ގެންގޮސްދިނުމަށް އެދުން:


ލޭޑީއެވެ! މާދަމާއަކީ މަޖިލިސް އޮންނަދުވަހެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. އަޅުގަނޑު މިހުރީ ޝަރުޢީ ބަންދެއްގައި ނޫނެވެ. ތިޔަބޭފުޅުންގެ ބަންދެއްގައެވެ. ރައްޔިތުންގެ ކަންކަމަށް އިސްކޮށްފައި އަޅުގަނޑު މިހުރީ އެކަންތައް ދުވަހުން ދުވަހަށް ކުރުމަށް، ﷲ ގަންދީހުވާކޮށް ގެންނެވެ. ހަމަމިތާ ތަޅުލެވިގެން ޖަލްސާތައް ރަސްމީކޮށް ހިންގަމުންދާއިރު އޮންނަންވީ ތޯއެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. މިއީ ތިޔަބޭފުޅުން ވިސްނާލައްވަން ޖެހޭނެ ގާނޫނީ މައްސަލައެކެވެ. ޖަލްސާއަށް ހާޒިރުކޮށް ދޭށެވެ.


އަޅުގަނޑަށް ދެވޭހިސާބެއްގައި ހުރިއްޔާ ޖަލްސާއަށް ހާޒިރުވުމަށް ގާނޫނުތައް ލާޒިމް ކުރެއެވެ. ތަންދީ ގޮވާލައެވެ. ތިޔަބޭފުޅުންގެ އިސްފަރާތްތަކަށް ވީހާއަވަހަށް މިވާހަކަ އަޅުގަނޑުގެ ފަރާތުން ގެންގޮސް ދެއްވާށެވެ. މަޑުން ހުންނަވައިފިނަމަ ތިޔަބޭފުޅާއާ ވެސް ގާނޫގެ ދަށުން ސުވާލުކުރެވޭ މަރްޙަލާ އަކަށް ހިނގައިދާނެއެވެ. ރައްޔިތުން ޚާއްސަ މަޖިލީހަކީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާއެވެ.


އެއީ ގާނޫނު އަސާސީ ލިޔުމަށް ރައްޔިތުން އިންތިޚާބުކޮށް ގާނޫނީ އިމްތިޔާޒުތަކެއް ދީފައިވާ ބާރެވެ. ޝަރީޢަތް މެދުވެރިކޮށް އަޅުގަނޑަށް ހުކުމެއް ނެތްހިނދެއްގައި ޖަލްސާތަކަށް ހާޒިރުވެވެން ޖެހޭނެއެވެ. ލޭޑީއަށް މިކަންތައް އަޅުގަނޑު ކިޔައިދޭން ޖެހޭތީ ދެރަވަމެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ! މިއަދު މިއޮތީ އެޙާލަތަށް އައިސްފައެވެ. އަޅުގަނޑު މަޖިލީހުގެ ރަސްމީ ޖަލްސާތަކަށް ހާޒިރުކޮށް ދިނުމަކީ މިއަދު، ސިފައިންނަށް އޮތްވާޖިބެކެވެ. މިކަމަކީ އާދައިގެ ކަމަކަށް ނުހައްދަވާށެވެ. މިހުންނަނީ ދުސްތޫރީ، ގާނޫނީކަންތަކެވެ. އަވަހަށް އިސްފަރާތްތަކާ ހަމައަށް މިވާހަކަތައް ގެންގޮސް ދެއްވާށެވެ.


މަޖިލީހުގެ އެތައްބަޔަކު ކުޑަގޮޅިއަށްލައި ތަޅުލާފައި ޖަލްސާތައް ކުރިޔަށް ގެންދިއުމަކީ ބައިނަލް އަޤްވާމީ މުޖްތަމަޢު ރުހޭނެކަމެއް ނޫނެވެ. ރައްޔިތުންގެ ބާރުފެށިގެން އަންނާނީ ރައްޔިތުންނާ ހަމައިންނެވެ. ސިފައިނާ ހަމައިންނެއް ނޫނެވެ. މިއަދު އެބާރުވެރިންގެ ގޮތުގައި ރައްޔިތުންގެ ޞައްޙަވޯޓުން ހަމަޖައްސާފައި މިތިބީ އަޅުގަނޑު މެންނެވެ. ރައްޔިތުންގެ މަންދޫބުންނެވެ. މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނެވެ.


އދ.އަތޮޅު ރައްޔިތުންގެ ބަހެއްނެތި މަޖިލީހުގެ ޖަލްސާތައް ހިންގުމަކީ، ސަރުކާރުން ކުރާޖަރީމާއަކަށް ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. މިވާހަކަތައް އަހާފައި ލޭޑީ، ވަރަށް ހަމްދަރުދީ ފާޅުކުރެއްވިއެވެ. ކަންބޮޑު ވެއްޖެއެވެ. ރުޅިވެރިކަމުގެ އެއްވެސް ކުލަވަރެއް މޫނުމަތީގައި ފެންނާކަށް ނެތެވެ. މީނާ އަޅުގަނޑައި ވަރަށް ގަޔާވެއްޖެއެވެ.


ހަމަ މިހާރު ތިކަމާމިއުޅެނީއޭ މާލެއާ، ހެޑްއޮފީހާ ގުޅައިގެން ތިޔަކަންތައް ބަލާފައި ޖަވާބެއް، އިލްޔާސަށް ގެނެސްދޭނަމޭ ބުނުމުން، އަޅުގަނޑު އަތްދިއްކޮށް ލުމުން މީނާ، އަޅުގަނޑާއި ވަރަށްބާރަށް ސަލާންކޮށްފައި އަތްދެތިންފަހަރަކު ތަޅުވާލާފައި ހިނގައްޖެއެވެ. މިސަލާމުގައި ހިނިތުންވުމެއް ހިނގިއެވެ. މީނާގެ ހަމްދަރުދީ އަޅުގަނޑަށް އޮތްކަން އަޅުގަނޑަށް ކަށަވަރުވިއެވެ. އަޅުގަނޑު ދުށީ މިއީ ރަނގަޅު ޢަލާމަތެއް ކަމަށެވެ. ނަވާޒުސޯ ވެސް އޯކޭއެވެ. މީނާވެސްމެއެވެ! ދެން، މީނާއަށް ހެޔޮވިސްނުން ދެއްވާތޯ އެހިނދު އަޅުގަނޑު ދުޢާކުރީމެވެ. މިއަދު ދެން އިތުރުކަމެއް ނެތެވެ.


ދެން، ލޭޑީ އަޅުގަނޑު ކައިރިއަށް ވަޑައިގަތީ ރޭގަނޑު އެގާރަގަޑިބައި އެހާކަންހާއިރު އަޅުގަނޑު ނިދާފައި އޮއްވައެވެ. ލޭޑީ، ސަލާން ގޮވާލެއްވުމުން ޓަސްލާފައި ފުންމައިގެން އަޅުގަނޑު ތެދުވެއްޖައިމެވެ. އަދި އާދޭހޭ ދަންނަވައިފީމެވެ. މިކަމާ ވެސް މީނާހުންނެވީ ވަރަށް އުފާވެފައެވެ. ހިނިއައިސްފައެވެ. ވަޑައިގެން ހުންނެވީ، ރަސްމީލިޔުމެއް ހިއްޕަވައިގެންނެވެ. އެލިޔުން އަޅުގަނޑު އަތަށް ދިއްކޮށް ލެއްވުމުން އަޅުގަނޑު ބަލައިލިއިރު އޮންނަނީ މިފަދައިންނެވެ.


"16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާ، މާދަމާ ނޯންނާނެ ކަމަށާއި ދެން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ."


މިކަން އަޅުގަނޑަށް އެނގިއްޖެ ކަމަށް އެލިޔުމުގައި ސޮއިކުރާ ގޮތަށެވެ. ދެން ލޭޑީ ގަލަމެއް ދިއްކޮށް ލެއްވުމުން އެލިޔުމުގައި އަޅުގަނޑު ބޮޑުސޮޔެއް ކޮށްލުމުން ލޭޑީ ހީލައްވާފައި މިނިމުނީ ނޫންތޯއޭ ވިދާޅުވެފައި ހިންގައްޖެއެވެ. ނިދަންއަރާ އޮށޯވެއޮވެގެން އޮތްއިރު އަޅުގަނޑުގެ ހިތަށް މިކަމާގުޅިގެން ބައިވަރު ޚިޔާލުތައް ކުރެވުނެވެ. ހިތަށް އެރިއެވެ. މަޑުން ނުހުރެ މިވާހަކަތައް ދެއްކުމުން މިއޮއްތީ މިކަން ރަނގަޅަށް ހިނގާފަތާއެވެ!


އަޅުގަނޑުމެން ޖަލްސާއަށް ހާޒިރު ކުރުމުގެ ބަދަލުގައި ޖަލްސާތައް ވަގުތީގޮތުން ކެންސަލް ކޮށްލީއެވެ. އަޅުގަނޑަށް ލިބުނު ފިލާވަޅަކީ ކެރިގެން ބުނަންޖެހޭ އެއްޗެހި ބުނެހެދުމަކީ ކާމިޔާބު ވުމަށް އޮތް ސީދާމަގު ކަމުގައެވެ. ކަންކަމަށް ކެރިގެން ހެޔޮނިޔަތުގައި ކުރިމަތި ލުމަކީ ކާމިޔާބު ވުމުގެ އަސްލު ކަމުގައެވެ. ޙައްޤަށް ނަޞްރު ދެއްވާނީ ވެސް ތެދުވެރިކާމާއެކު ކުރިމަތިލާން ކެރުމުން ކަމުގައެވެ. ޙައްޤުބަސް ބުނުމުން މަޝްވަރާއަށް ދޮރުހުޅުވޭނެ ކަމުގައެވެ.


އަދި "އޯގަސްޓް 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ހަމަނުޖެހުން ހިންގި މައްސަލައިގާ، 185 މީހަކު ހައްޔަރުކޮށް ފައިވާކަމަށް" ފުލުސް އޮފީހުން މިއަދު ހާމަކުރިއެވެ.


އަދި މޯބައިލްފޯނުން އެސްއެމްއެސް ފޮނުވުމުގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި އޮތުމަށްފަހު އަލުން އެޚިދުމަތް މިއަދު ދޭންފެށިއެވެ. މިކަމާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަން  އޮތޯރިޓީ އޮފް މޯލްޑިވްސް އިން ނެރުއްވި ޚާއްސަ ދެންނެވުމުގައި އޮތީ، "ރާއްޖޭގެ އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ރައްކާތެރި ކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ދަށުން އިންޓަނެޓާއި އެސްއެމްއެސް ވަގުތީގޮތުން މެދުކަނޑައިލި ނަމަވެސް، މިއަދު އެޚިދްމަތް އަލުން ގުޅައިދީފައިވާ" ކަމަށެވެ.


16 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 4 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. މެޑިކަލް ކަންތަކާ ހަވާލުވެގެން ހުންނަވާ އޮފިސަރު މިއަދު މިގޮޅިއަށް ޒިޔާރަތް ކުރިއެވެ. އަޅުގަނޑުގެ ބުލަޑް ޕްރެޝަރ ބަލާއިޗެކްކޮށް ޕަލްސްހުރިވަރު ވެސް ޗެކު ކުރެއްވިއެވެ. ބީޕީހުރީ،  90/140 ގައެވެ. ޕަލްސްހުރީ މިނެޓަކު،, 65 ގައެވެ. ގަވާއިދުން ބޭސްކަންތޯ އައްސަވާފައި މީނާ ހިނގައްޖެއެވެ.


ސަރުކާރުން ފޮނުއްވި ރަސްމީޓީމެއް ގޮޅިއަށް ވަޑައިގަތުން:


17 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 5 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑު މެންނަށް ބޮޑުދުވަހެކެވެ. ދުވަހަކީ އުޑުމަތިސާފު ވައިރޯޅި ދަށްކޮށްހުރި ހޫނުގަދަ ދުވަހެކެވެ. އިރުމެދުޖެހި އަވި އެންމެ ބާރުވިވަގުތު ޖަލުތެރެއަށް، މާލޭން ވަޑައިގެންނެވި ބޮޑުންގެ ޓީމެއް ވެންނެވިއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ހޯމް އެފެއާޒް އެންޑު އެންވަޔަރަންމަންޓް މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢު އާއި ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މިނިސްޓަރ އޮނަރަބްލް ޢަބްދު ﷲ ކަމާލުއްދީނެވެ.


މިބޭފުޅުން ޖަލުތެރޭގައި ހިންގަވަމުން، ފަހަރަކު ގޮޅިއަކަށް ބޯދެއްވަމުން، އަތްޕުޅު ހޫރުއްވަވަމުން ވަޑައިގަންނަވާ ތަންފެނެއެވެ. އިއްޒަތްތެރި މެމްބަރުން ހައްޔަރުކޮށްފައި ތިއްބެވި ބައެއް ގޮޅިތަކަށް މިބޭފުޅުން ވަންނަވަމުން ވަޑައިގެންނެވިއެވެ.


އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާއަރާހަމަވެ ވަޑައިގެންނެވުމުން، ޖަނަވާރު ބަގީޗާއެއްގެ ކޮށިތަކާއި ގޮޅިތަކުގައި ހައްޔަރު ކޮށްފައިތިބޭ ރާމާމަކުނު ފަދަ ޖަނަވާރުތަކަށް ބައްލަވާލައްވާއި އަތްޕުޅުން އިޝާރާތްކޮށް ލައްވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރިވަޑައި ގަންނަވައިގެން ނުވާނޭ، އަވަހަށް މިގޮޅިއަށް ވަންނަވާށޭ ދެންނެވުމުން، އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު އަޅުގަނޑު ހައްޔަރު ކޮށްފައިހުރި ގޮޅިއަށް މިބޭފުޅުން ވަންނަވައި ފިއެވެ.


ޢަބްދު ﷲ އިންނެވީ އަޅުގަނޑު އިށީނުމަށް ދީފައިހުރި ޕްލާސްޓިކް ގޮނޑީގައެވެ. ޝަފީޢު އިށީންނެވީ އަޅުގަނޑު ނިދުމަށްހުރި އެނދުގައެވެ. އަޅުގަނޑުވެސް އިށީނީ އެނދުގައެވެ. މިބޭފުން ވިދާޅުވީ، ރައީސް މައުމޫނު ވިދާޅުވެގެން ތިޔަބޭފުޅުންގެ ހާލުބަލާލުމަށާއި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުންގެ ހާލުއަހުވާލު އޮޅުން ފިލުވާލުމަށް އެމަނިކުފާނު ފޮނުއްވީމާ ވަޑައިގެންނެވީ ކަމަށެވެ. ވާހަކަދެއްކުމަށް އަޅުގަނޑަށް ފުރުސަތު ލިބުމުން ވަރަށްބޮޑަށް މައްސަލަ ޖެއްސީމެވެ. އިހްތިޖާޖާއި ނުރުހުން ފާޅުކުރީމެވެ.


ގޭގައި އިންދައި ނެރެގެން ގެނެސް ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ރަނގަޅަށް ތަޅާލާއި އަނިޔާކުރުމަށް ފަހު، ދެންކޮން ހާލެއްބައްލަވާ ކަށްތޯއޭ ތިޔަވަޑައިގަތީ ދެންނެވީމެވެ. ކުޑަގޮޅިއަށްލާ ހައްޔަރުކޮށްފައި ޙާލުބައްލަވާށޭ ކިޔާފައި ބަޔަކު ފޮނުވާކަށް ނުޖެހެއެވެ! މިއީ އިންސާނުންނަށް އަނިޔާކޮށް އިންސާނީ ކަރާމާތް ނަގާލުމަށް ތައްޔާރުކޮށްފައިވާ ބަގީޗާއެކެވެ!


އިންސާނުންނަށް ގަސްދުގައި މިހާލުޖައްސާފައި މިއަނިޔާވެރި ދަރުބާރަށް އެމަންޒަރު ދުށުމަށް، ވަޑައިގަންނަވާކަށް ނުޖެހޭނެއެވެ. ތިޔައީ މުޅިންވެސް ކޮސްމެޓިކް ކުލަވެރެވެ. ދަޅަދެއްކުމެވެ. ތިއްތިދެއްކުމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ކުޅުއްވާ ތަމްސީލެކެވެ. ތިޔައީ އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫނެވެ.


ދެން، ޢަބްދު ﷲ ވިދާޅުވީ، ތިމަންނާ މިފޮނުއްވީ ތިޔަބޭފުޅުންނާ އޮންނަ ގާތްކަމުންނެވެ. އިލްޔާސް އަލަށް ފެންނަން ފެށީއްސުރެ ވެސް ކިހާގާތްކަމެއް އޮވޭ ނޫންތޯއެވެ. މިއަޑުއަހާކަށް އަޅުގަނޑު ނުހަދަމެވެ. އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދިޔައީއެވެ. ބުނަންބޭނުން ވެފައިހުރި ހުރިހާ ވާހަކަތައް އެބޭފުޅުންގެ ކުރިމައްޗަށް އޮއްސާލެވޭތޯ ބެލީއެވެ. ހުރެވުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ރުޅިގަދަވެފައެވެ. ބޮޑުންހެދިވަޑައިގެން ރަސްމީހެދުންކޮޅުގައި ޓައިއަޅުއްވައިގެން، އަޅުގަނޑުމެން މިހާލުގައި ތިއްބާ އަޅުގަނޑުމެންގެ ކުރިމަތިން ޖަމާޢަތް ހައްދަވައިގެން ވަށައިގެން ހިންގަވާއި އަޗާތެޅުއްވުމުގެ ބުރުޖައްސަވަނީއޭ، އަޅުގަނޑު ދެންނެވީމެވެ.


އޭ! ޢަބްދު ﷲ އެވެ! އޭ! ޝަފީޢުއެވެ! މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެކެވެ! ރަނގަޅަށްއަޑު އައްސަވާށެވެ! ދަންނަވަން ވަރަށްގިނަ ވާހަކަތައް އެބަހުއްޓެވެ! މިވާހަކަތައް އެއްކޮށް އައްސަވާލެއްވުން އެދެމެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް، ތިޔަބޭފުޅުން އާދޭހޭ ނުދަންނަވާށެވެ. ޔެސްމަނުންނަށް ނުވާށެވެ. މަންމަނުންނަށް ހެދިގެން ނުތިއްބަވާށެވެ. އަމިއްލަ ޚިޔާލާއި މަޝްވަރާ ރައީސަށް އަރުވާށެވެ.


ރައީސް މީހާއަރިހުގައި ވަޒީރުން އައްޔަން ކޮށްފައި ތިއްބަވަނީ ރައީސް މީހާއަށް ތެދުމަގު ދެއްކުމަށް އެހީތެރި ވުމަށެވެ. ތިޔަބޭފުޅުން ތިޔަތިއްބެވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ދިވެހިގައުމަށް އިޚްލާސްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އިސްލާމް ދީނަށް ޙުރުމަތް ތެރިކޮށް ހިތުމަށާއި ދިވެހިގައުމާއި ދިވެހި ރައްޔިތުންނަށް ވަޒީރެއްގެ ވާޖިބުތަކައި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރުންމަތީ ދެމިހުރުމަށް އިޚްލާޞްތެރި ކަމާއެކު، ﷲ ގަންދެއްވައި ހުވާކުރައްވައި ގެންނެވެ.


ދިވެހިންގެ މިގައުމު އިސްލާޙުގެ މަގަށް ގެންގޮސް ދެއްވާށެވެ. ނާއިންސާފު ވިޔަނުދޭށެވެ. ދިވެހި ގައުމުކުދިކުދިވެ ހަލާކުވިޔަ ނުދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާފު އިސްކުރައްވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަ ގޮތެއްގައި ގެންގުޅުއްވާށެވެ. އިންސާނީ ކަރާމާތްތެރި ކަމަށް އޯގާތެރިވެ ހަމްދަރުދީ ބަހައްޓަވާށެވެ. ގައުމުގެ ކުރިމަގަށް ވިސްނަންތިބި ސިޔާސީބައެއްގެ ކުރިމަގު މަރާނުލައްވާށެވެ. އެމީހުންގެ މަޝްވަރާ ހޯއްދަވާށެވެ!


ފަހެ، ދަންނާށެވެ! އަޅުގަނޑުމެން މިގޮތަށް ކެތްތެރި ކަމާއެކުތިބެ، ޒިންދަގީދޫކޮށް މަރުވެ ހިނގައިދާނަމެވެ. މިފެންނަނީ ފަހުތިބީންނަށް ޢިބްރަތްލިބި ގަންނަންހުރި ފިލާވަޅުތަކެވެ. ވިސްނާވަޑައި ގަންނަވާށެވެ. ގައުމެއްގެ ދުސްތޫރާއި ގާނޫނުތައް އެކުލަވާލުމަށް، ރައްޔިތުން ހޮއްވަވާފައި ތިބިބަޔަކަށް މިފަދަ އަނިޔާތަށް ތިޔަދެއްވަނީ ކޮންހަމައަކުން ތޯއެވެ؟


ކުރިޔަށް އޮތްތާގައި ވެރިކަމުގައި ދެމިތިބުމަށް ހުރަހަކަށް ވެދާނެހެން ހީވާތީ، ރާވާލައްވައިގެން އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ފޯނު ކުރައްވައިގެން ނެރެ ދައުލަތާ ދެކޮޅަށް ބަޣާވާތެއް ހިންގި ބާޣީންތަކަށް ހައްދަވައި މިހާރު މިތިބީ ޖަލުގެކުޑަ ގޮޅީގައި ހައްޔަރުކޮށް ފައެވެ. ތިޔަދެބޭފުޅުން ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. މިއީ ހަމަ ރަނގަޅުގޮތް ތޯއެވެ؟


ކުރަމުން މިގެންދާ ތަހުގީގުތަކަކީ، އަޅުގަނޑުމެން، މިގޮތަށް އެކަހަރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވާއި އަނިޔާކޮށް ބިރުދައްކާ ނުހައްދަވައި ވެސް ކުރެއްވޭނެ ކަމެކެވެ. ކަންތައް ތިޔަކުރައްވާ ގޮތް އެއްގޮތަކަށް ވެސް ވަޒަންކުރާކަށް ނޭނގެއެވެ. ބިރުދައްކައިގެން ހުރިހާ ކަމެއް ހައްލުކުރެވިދާނެ ހަމައެއް އުސޫލެއް ނޯވެއެވެ.


މިވާގޮތުން ސިއްރު ސިޔާސީ މަގްސަދުތަކެއް މިކަމުގެ ފަހަތުގައި ފޮރުވިފައި އޮންނަހެން ހީވާ ކަހަލައެވެ. ތިޔަކުރައްވާ ކަންތައް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ތަބީއަތާއި ފިތުރަތާ ވެސް މުޅިން ޚިލާފެވެ. އަނޑިއެނގި ފަޅާއަރާ ދުވަހަކުން ބޭރުދުނިޔެއިން ތިޔަކުރައްވާ ކަންތައް ގަބޫލެއް ނުކުރާނެއެވެ. ޚުދު ރައްޔިތުން ވެސް އަރުވާނީ ލައުނަތެވެ. ބޭޒާރުވާނީ ތިޔަބޭފުޅުންނެވެ.


މިހާރުވެސް އަޅުގަނޑުމެން ކުރަމުން މިގެންދާ ގައުމީޖިހާދު ގަބޫލުކުރާ މީހުން އެތެރޭގަޔާއި ބޭރުގައި ބަލަންށާއި އަޑުއަހަން އެބަތިއްބެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޚިޔާލުތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ހެދުމުގައި ވިސްނުނުގޮތާ ގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީ ރުޅިވެރި ކަމެއްގެ ތެރެއަށް ރީތިކޮށް ފައްތާއި ގަންބާލާފައެވެ. އަޅުގަނޑުމެން އެދުނީ ހާމަވޯޓަކަށް ނުގޮސް ސިއްރުވޯޓަކަށް ދާށެވެ!


މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިން ވަކިކުރެއްވީ، މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެމަސައްކަތެއް އިދާރީއޮނިގަނޑުގައި ނެތިގެންނޭ ވިދާޅުވެ ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވައި ގެންނެވެ. ސެކްޝަން އުވާލާއި އޮނިގަނޑު ބަދަލުކޮށް އެމަސައްކަތް އެހެން އިދާރީބަޔަކަށް ބަދަލުކުރީ ނިކަމެތި އަހުރެން ކަނޑާލާށެވެ. އެ މަގްސަދުގައި ގަސްދުގައި ކުރެއްވިކަމެއްގެ ގޮތުގައެވެ.


ފަހެ، މިއީ އިންސާފުތޯއެވެ. ޢަދާލަތަކީ މިއީތޯއެވެ. އިންސާފު ނެތްތާގައި އިޖްތިމާއީއަދާލަތުވެސް ނަގާލީއެވެ. މިއީ ކޮންކަހަލަ ހަމައެއްތޯއެވެ؟ އެމަސައްކަތް އެވުޒާރާތެރޭގައި ކޮންމެސިފައަކަށް އޮތަސް އެއީ ކަނޑާލެވޭނެ އުޒުރެއްނޫނެވެ. އޮޅުވާލުމެކެވެ. ރަނގަޅަށް މިނިސްޓަރު ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ސަރުކާރުގައި ކުރަމުންގެންދިޔަ މަސައްކަތްތަކަށް ބައްލަވާށެވެ. ޝަފީޢު އަރިހުގައި އަތޮޅުތަކު ތެރެއަށް ރަސްމީދަތުރުތައް ކުރެވިފައި ހުންނާނެއެވެ.


ހޯމް މިނިސްޓްރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ އަހަރެއްގެ މިނިވަން ދުވަހާދިމާކޮށް، އުފައްދާ ޓާސްކްފޯސް ތެރެއިންް ޝަފީޢުއަށް ރަނގަޅަށް އަމަލުން ފެނިވަޑައި ގަންނަވާނެއެވެ. އެޓޮލްސް މިނިސްޓަރ ޢަބްދު ﷲ ޙަމީދު، އަޅުގަނޑު ކަނޑާލުމަށް އެކުރެއްވި ނާތަހުޒީބު އަމަލުތަކަކީ، ގާނޫނާއި ގަވާއިދުން ކުރެއްވިކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ކަނޑާލަންވެގެން ކުޅުނު ނަބައިގޯސްކުޅިއެކެވެ. އަޅުގަނޑު މިހުންނަނީ އެމައްސަލަ ހުށަހަޅާނެ ރަސްމީފަރާތެއް ނުފެނިފައެވެ.


ހަމަކަށަވަރުން ވެސް އަޅުގަނޑާއި ދެ އެކުވެރިއެއް ވެގެން ޝަރުޢީކޯޓަށް ވެއްދީ، ގާނޫނު އަސާސީގެ މާއްދާއެއް ވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އާދެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވަގުތީރައިސްގެ މައްސަލައެވެ. ހ.މީނާޒު ޢަބްދު ﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ. ޢަބްދު ﷲ ޙަމީދަށް ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުގެ އިޙްތިރާމް ބަރާބަރަށް އަބަދުވެސް އޮންނާނެއެވެ. އެއީ ބައިވަރު ފިލާވަޅުތަކެއް އަޅުގަނޑަށް ދެއްވި ބޭފުޅެކެވެ. އަހިރުގައި ރަސްމީދަތުރު ތަކުގައި ގެންގުޅުއްވިއެވެ.


ނިކަންވިދާޅުވެ ބައްލަވާށެވެ! ވެރިކަމުގެ ކަންތައް މިދަނީ ހަމަ، 9 ޖޫން 2004 ގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި އިސްލާޙުތަކާ އެއްގޮތަށްތޯއެވެ؟ ނޫނީ އެމަގުޗާޓު ސިއްރުރޭވުންތަކެއްގެ ޗާޓަކަށް ބަދަލުވީތޯއެވެ؟ ފަހެ، މިރާއްޖޭގެ އިސްލާޙީ ހަރަކާތް ކޮސްމެޓިކް ކުލަވަރަކަށް ނުހައްދަވާށެވެ. ޒީނަތްތެރިކޮށް ދައްކާލާ ޖަރީކުރުމުގެ ދައްކާލުމަކަށް ނުހައްދަވާށެވެ.


އަޑިނޭންގޭ ތަމްސީލުތައް ކުޅުއްވަން ނުހައްދަވާށެވެ. ހަގީގަތް ހާމަކޮށް ދެއްވާށެވެ. ރަނގަޅު ހަރުދަނާ ރިފޯމަކަށް ވަޑައިގަން ނަވާށެވެ. އެޚިޔާލު ރައީސަށް އަރުއްވާށެވެ. މިގައުމަށް ސިޔާސީގޮތުން އިސްލާޙު ގެނެވޭނީ އޭރުންނެވެ. އަދި އެންމެހާ ކަންތައް އިސްލާޙުވާނީ ވެސް އޭރުންނެވެ.


ރައީސް މައުމޫނަކީ އިލާހުވަންތަ ކަލާނގެކަމަށް ނުބައްލަވާށެވެ. އެފެންވަރަށް ނުގެންދަވާށެވެ. މާތްއަޚްލާޤަކީ އެދަރަޖައަށް އިންސާނުން އުފުލާލުމެއް ނޫނެވެ. ފަހެ، ރައީސް މައުމޫނަކީ ރައްޔިތުންގެ ޚާދިމްމީހާއެވެ. މާތްއަޚްލާޤަކީ އިންސާނީ ވަންތަކަން ދެމެހެއްޓުމެވެ. ވެރިމީހާއަށް އިޚްލާސްތެރިވެ މަޝްވަރާ އެރުވުމެވެ. ހެޔޮމަގަށް ގައިޑުކޮށްދެއްވުމެވެ. އަދި މާތްއަޚްލާޤަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. އިންސާނީ ހިތްތައް ފަތަޙަކޮށްދޭ ހަތިޔާރެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު އިންސާނީވަންތަ ނަޒަރަކުން ބައްލަވާށެވެ. ހިތްތިރި ކުރައްވާށެވެ.


އަޅުގަނޑު މެންނަކީ ދިވެހިދައުލާތާ ދެކޮޅަށްނުކުތް ބާޣީންނަށް ނުހައްދަވާށެވެ. އަޅުގަނޑު މެންނަކީ ކެރިގެންނުކުތް މިގައުމުގެ ކެރޭ ސިޔާސީ ލީޑަރުންނެވެ. މަތީމަގާމުތަކުގެ ހުންގާނުހިފަން ތިބި މީހުންނެވެ. މިދައްކަނީ ލޮބުވެތި ގައުމުގެ ވާހަކައެވެ. ފެންފޮދެއްނުދީ އަނިޔާވެރިކޮށް ކަތިލައިލަން ނުހައްދަވާށެވެ. ޖައްބާރު ނުވާށެވެ!


މިގޮޅިތަކުތެރޭގައި ހޫނުމިން ހުރިމިންވަރު، މިހާރު ތިޔަބޭފުޅުންނަށް އިހްސާސް ކުރެއްވޭނެއެވެ. އަމިއްލަފުޅަށް ތަޖްރިބާ ކުރެއްވޭނެއެވެ. ތަންކޮޅެއް ގިނައިރު ވާހަކައިގާ މިނަގަނީ އެހެންވެއެވެ. މިހޫނުކަން އިހްސާސް ކުރެއްވުމަށެވެ. ތަޖްރިބާކޮށްލުމަށެވެ. ހައެއްކަ މިނެޓުތެރޭގައި ތިޔަބޭފުޅުން ތިޔަތިއްބެވީ ހަށިގަނޑުން ނުކުތްދަލުން ތެމިފޯވެގެންނެވެ.


މިފަދަ ހޫނުގައި އިންސާނުން ދުވާލުދާ ހަތަރުދަމު ބައިތިއްބުމަކީ އަލިފާނުން އަނިޔާދެއްކުން މަކުގައި ދެންނެވީމެވެ. ހޫނުގަދަކަމުގެ ވާހަކަތައް ދެންނެވުމުން މިބޭފުޅުން ފަންކާއެއްގެ ކަންތައް ހަމަޖައްސައި ދެއްވާނެވާހަކަ ހަމަ އެވަގުތު ވިދާޅުވިއެވެ. އަދި މިއަދު ތިކަމާ އުޅެދޭނަމޭ ވިދާޅުވިއެވެ.


ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މިހުރީ، ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން، 100% އަނިޔާ އާއި ޓޯޗާގައެވެ. ބިރުވެރި ހާލަތެއްގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާތައް އިންތިހާއަށް ބޮޑުވެފައި ވޭންދެނިވިއެވެ. މިކަންތަކުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ އަޅުގަނޑުގެ ލޮބުވެތި މަންމައާއި ބައްޕަތޯއެވެ؟ އަންހެނުންނާ ތުއްތުދެ ދަރިންތޯއެވެ؟ ނޫނީ މިތާ ފެންނާން މިތިބި ސިފައިންތޯއެވެ؟ ނުވަތަ މިތިބި ގާޑުންތޯއެވެ؟ އަސަރުން ފުރިގެންވާ މިވާހަކަތައް އަޅުގަނޑުގެ ފަރާތުން ރައީސް މައުމޫނު އަރިހަށާއި ކެބިނެޓަށް އިއްވައި ދެއްވާށެވެ. މިދަންނަވަނީ، އާދޭހާ އެކު ރޮއިފައެވެ.


އަދި ރައްޔިތުންގެ ދެމަޖިލީހަށް މިވާހަކަތައް އިއްވައި ދެއްވުމަކީ ތިޔަދެބޭފުޅުންގެ ބޮލުގައި އަޅުގަނޑު އަޅުވާ ބޮޑުޒިންމާއެކެވެ. އަދި މިއީ އަޅުގަނޑުގެ އާދޭހާއި އިލްތިމާސެވެ. ދެންއޮތީ ތިޔަދެބޭފުޅުން މާލެ ވަޑައިގެން ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް މުޅިދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ދައްކަވާނެ ވާހަކަފުޅު ތަކުގައި ހުންނާނެ އޮއްޓަރަކަށާއި ބުރަދަނަކަށް ބަލައިލުމެވެ. އެކަންތައް ތިޔައިއްޒަތްތެރިން އިންސާފުގެ ތިލަފަތުން ވަޒަން ކުރެއްވުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އެދުމެވެ. މިހާހިސާބުން އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު، މިބޭފުޅުން ގޮޅިން ނުކުންނެވީއެވެ.


އާދެ! އޭކޭ އަކީ، ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓު ބޭފުޅެކެވެ. މިއީ އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރާ ގޮތެވެ. މިދެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ކުޑަގޮޅީގައި ހައްޔަރު ކުރެވިފައި ތިއްބެވި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެނބުރޭފަންކާ ލިބުމެވެ. އެހެންގައިދީން މިކަމުން މަޙްރޫމް ކުރިއެވެ.


މިއަދުގެ ހޫނުގަދަކަމުން މިބޭފުޅުން ތިއްބެވީ، ކުޑަރުމާލުން އަބަދާއަބަދުހެން މޫނުން ދާފޮދު ފޮއްސަވާށެވެ. ނަސީބަކުން ދިމާވީ ވެސް ހޫނުގަދަ ދުވަހަކަށެވެ. ފަންކާގެ ވާހަކަދައްކަން ހަނދާންވީ އެބޭފުޅުން ކިބައިން މިމަންޒަރު ފެނިފައެވެ. އާދެ، ފަންކާއެއްގެ ރަހްމަތާއި ޚިދުމަތް މި ލިބުނީ، މިއަދަކީ ހޫނުދުވަހަކަށް ވިތީއެވެ. ވިއްސާރަ ދުވަހެއްނަމަ، މިކަމެއް ނުވީސްކަން ކަށަވަރެވެ.


ވެރިމީހާގެ ރަސްމީވަފުދަށް ފަހު ރައީސް އޮފީހުން ނެރުއްވި ބަޔާން:


ފަހުން ނޫސްތަކުން އެނގުނު ގޮތުގައި ރައީސް އޮފީހުން މިބޭފުޅުންގެ ޖަލުބަލައިލުމުގެ ދަތުރާގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވަނީ މިފަދައިންނެވެ:-


"އިސްމާޢީލް ޝަފީޢު އާއި ޢަބްދު ﷲ ކަމާލުއްދީން ޚާއްސަމަޖިލީހުގެ، 7 މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުކޮޅު ބެއްލެވިކަމަށް ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި އެބޭފުޅުންނަށް ލިބިވަޑައި ގަންނަވާ ޚިދުމަތްތައް ވެސްހުރީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަމަށާއި އެއްވެސް ކަހަލަ އަނިޔާއެއް އެބޭފުޅުންނަށް ލިބިވަޑައި ނުގަންނަވާ ކަމަށް އެބޭފުޅުންގެ ވާހަކަފުޅުން އެނގިވަޑައި ގަންނަވާކަމުގައި ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ހެޔޮހާލު ކޮޅުގައި ކަމަށާއި އެބޭފުޅުންނާ ދޭތެރޭގައި ސިފައިންނާއި ފުލުހުންގެ ބޭކަލުންވެސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވިއެވެ."


އަޅުގަނޑުގެ ވާހަކަތަކުން ކަނޑައެޅިގެން މިދެވަޒީރު ބޭފުޅުން މިހެއްދެވީ ދޮގުކަން ސާބިތު ކުރެވޭނެއެވެ. މިއީ ސަރުކާރުން ކުޅުވި ސިޔާސީ ޑްރާމާއެކެވެ. ސިޔާސީ ތަމްސީލެއްގެ މަންޒަރެކެވެ. ޚާއްސަކޮށް ބޭރުދުނިޔެއަށް ދެއްކުމަށް ކުޅެވުނު ޝޯއެކެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެކެވެ. އަދި ބައިނަލްއަގްވާމީ ދުނިޔެއަށް ދައްކާލި ރީތިދަޅައެކެވެ.


18 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 6 ވަނަ ދުވަހެވެ. މިއަދަކީ އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. މެޑިކް ކަންތަކާ ހުންނަވާ އޮފިސަރު ވަޑައިގެން، އަޅުގަނޑުގެ ބީޕީ އާއި ޕަލްސް ބެއްޔެވެ. ބީޕީހުރީ، 80/140 ގައެވެ. ޕަލްސް، 63 ގައެވެ. މިއަދު ޚަބަރު ލިބުނު ގޮތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުގެ ޗެއާމަނުންގެ ގޮތުގައާއި ބޯޑު މެމްބަރުންގެ ގޮތުގައި ވަޒީރުން ނުތިއްބަވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ.


އަދި އެފަދަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެއްވިއެވެ. މިއަދު މިގެނެވުނީ އަޅުގަނޑުމެން އެދެމުންދިޔަ ބަދަލެކެވެ. އަދި ކެބިނެޓަށް ވެސް މިފަދަ ބަދަލު ގެންނެވުމަކީ، އަޅުގަނޑު މެންގެ ގޮވާލުމެކެވެ. ވަޒީރުން ވަކިކުރެއްވުމަށް ފުހު، މިކުންފުނިތަކާ ހަވާލުކުރެއްވީ، މަތީފެންވަރަށް އެފަންތިތަކުން ކިޔަވާވިދާޅު ވެގެން ތިއްބެވި ޒުވާނުންނާއެވެ. އޭގެތެރޭގައި، 5 ޕީއެޗްޑީން ހިމެނެއެވެ.


19 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 7 ވަނަ ދުވަހެވެ. މިއަދު ހެދުނު ސަޔަށްފަހު، ކުއްލިއަކަށް އެލެކްޓްރީޝަނެއް އައިސް ގޮޅީގެބޭރުގައި އިންބޮކީގެ ކަރަންޓް ޕޮއިންޓުން، ކަރަންޓް ޕޮއިންޓެއްނަގައި ގޮޅީތެރެއަށް ވެއްދުމަށް ފަހު، ކޭޑީކޭ ކުންފުނީގެ މުޅިންއާ ސްޓޭންޑް އެނބުރޭ ފަންކާއެއް ގެނެސް ގުޅައިދިނެވެ. ގޮޅިއަށް ފަންކާ ލިބުނީއެވެ. ޝަފީއު އާއި އަބްދު ﷲ ގެ އެހީފުޅުންނެވެ.


މިޚިދުމަތް ލިބުނީ، 2 ނަމްބަރުގައި އޮންނެވި އިބުރާއަށާއި، 9 ނަމްބަރުގައި އޮންނެވި ޑޮކްޓަރ ޙުސައިނަށާއި، 29 ނަމްބަރުގައި އޮންނެވި، ޢަލީފާއިޒަށާއި، 17 ނަމްބަރުގައި ހުރި، އަޅުގަނޑަށެވެ. މިކަންތައް ހަމަޖެހިގެން ދިޔައީ އަޅުގަނޑުގެ އަނގަބޮޑު ކަމުންނާއި މިކަންތައްކޮށް ދެއްވިބޭފުޅުން ޖަލަށް ވަޑައިގެންނެވި ދުވަހަކީ އިންތިހާއަށް ހޫނުދުވަހަކަށް ވީތީއެވެ. މިޚިދުމަތްލިބުނު އެންމެންނަކީ ވެސް ބޮޑުމަޖިލީހުގެ މެމްބަރުންނެވެ. ވިއްސާރަ ދުވަސްދުވަހު ފަންކާގެ ބޭނުމެއް ނުވެއެވެ. ޖައްސާކަށް ނުޖެހެއެވެ.


މިއަދު ހަވީރު ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. ތިއްބެވީ، ސްޓާފް ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕަރަލް ޢަބްދު ﷲ ނަވާޒު، ސނ: 1130 އާއި ކޯޕަރަލް ޢަބްދުﷲ ޝަޠީޙް، ސނ: 1319 މިތިން އޮފިސަރުންނެވެ. މިޓީމުގެ އިތުރުން ދެޕުރައިވެޓް އޮފިސަރުން ކަމުގައިވާ، މުޙައްމަދު ނިޒާމް، ސނ: 1559 އާއި އިބްރާހީމް މުޙައްމަދު، ސނ: 1592 އިންނެވިއެވެ. މިއީ ކާތިބުންނާއި އެހީތެރިންނެވެ.


އައްސަވާ ލެއްވީ އެންމެ ވާހަކައެކެވެ. ހާލު ކިހިނެތް ހެއްޔެވެ؟ އޭގެ އިތުރަށް ލޯޔަރެއްގެ ކަންތައް އަދި ހަމައެއްނުޖެހެއޭ ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ކުރީރޭ އަޅުގަނޑުގެ އިދާރީބައި ވާނީ ނިންމާފައެވެ. ލޯޔަރް މުޢިޒު މިހާރުވީ ކަމާގުޅޭ ރަސްމީ އިޖުރާއާތުތައް ފުރިހަމަ ކުރައްވާފައެވެ. ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގެ އުންމީދު ކުރަމެވެ. އަޅުގަނޑަށް އެއްވެސް އެއްޗެއްގައި ސޮއިކޮށް އިތުރު ވާހަކައެއް ދެން ދެއްކޭނީ، ލޯޔަރު މުޢިޒުގެ ހާޒިރުގައެވެ. ދެން މިހާހިސާބުން ނިންމާލައްވާފައި ގޮޅިއަށްލާ ތަޅުލީއެވެ.


ޚަބަރު ލިބުނު ގޮތުގައި މިއަދު، ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 17 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ. އެއީ ކޮންބައެއްކަމެއް ސާފެއްނުވިއެވެ.

20 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަ ކަމެއް ނުހިނގައެވެ. ހުސްކޮށް އާދައިގެ މަތިން ދިޔަދުވަހެކެވެ. ގޮޅީގައި ހަމަ ހުރީއެވެ.


21 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 9 ވަނަ ދުވަހެވެ. ރޭގެވަގުތެއްގައި ފެންނަ ހުވަފެނަކީ ދަތުރުހަދައިގެން ތަނަކަށް ފުރަންވެގެން އުޅެއުޅެވެސް ފުރޭގޮތް ނުވެގެންއުޅޭ މަންޒަރެވެ. މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ އަދި މިކަމުގައި ދުވަސްގަނޑަކު ހައްޔަރުގައި ހުންނަން ޖެހޭނެކަމެވެ. އަދި ދަނީ ތަހުގީގުގެ ކަންތައް ބޮޑުވެ އިތުރުވަމުން ކަމަށެވެ.


މިއަދުގެ ޚަބަރުތަކަކީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 20 މީހަކު ދޫކޮށްލި ކަމެވެ. ހައްޔަރުކުރި، 185 މީހުންގެ ތެރެއިން އެހާތަނަށް، 62 މީހަކު ދޫކޮށް ލައިފިކަމަށާއި އޭގެތެރޭގައި، 18 އަހަރުނުފުރޭ، 19 ކުއްޖަކު ހިމެނޭ ކަމަށްވެސް ފުލުންގެ އޮފީހުން ހާމަކުރިއެވެ. އަދި ހައްޔަރުކޮށްފައި ތިބިމީހުންނަށް އަނިޔާކުރާކަމަށް ދެކެވޭވާހަކަ އަކީ ކަނޑައެޅިގެން ދޮގެއްކަމަށް މިއަދު ފުލުސް އޮފީހުން ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މޭޖާ މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.


22 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 10 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ "ފެކްޓު ފައިންޑިންގ މިޝަން" ރާއްޖެ ވަޑައިގަތެވެ.


ހިއުމަންރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ބޭފުޅުން ޖަލަށް ޒިޔާރަތްކުރުން:


23 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 11 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ބޮޑުދުވަހެކެވެ. މިއަދުގެ މެންދުރު ވަގުތެއްގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ގެ ވަފުދެއް ޖަލުތެރެއަށް ޒިޔާރަތް ކުރެއްވިއެވެ. ރައީސް މައުމޫނު މި ކޮމިޝަން އުފެއްދެވީ، 10 ޑިސެންބަރ 2003 ވީހޯމަ ދުވަހުއެވެ. ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމްގެ ޤަރާރަކުންނެވެ.


އެކޮމިޝަނުގެ، 9 ބޭފުޅުންގެ ތެރެއިން މިއަދު ޖަލަށް ވަޑައިގަތީ، 4 ބޭޅުންނެވެ. ދެއަންހެން ބޭފުޅުންނާއި ދެފިރިހެން ބޭފުޅުންނެވެ. އެއީ އެކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙްމަދު މުޖްތަބާ އާއި އައްނަބީލް މުޙައްމަދު ވަހީދުއްދީން އާއި އަލްފާޟިލާ ޢައިޝަތު ޢަލީ ނާޒު، ހ.ސީސައިޑް އާއި ޑޮކްޓަރ ފާތިމަތު ޝަފްޤާ، މ.ނިޔަދުރުމާގެއެވެ. ޝަފްޤާއަކީ މެޑިކަލް ޑޮކްޓަރެކެވެ.


މި، 4 ބޭފުޅުން ޖަލަށް ވަޑައިގެން ގޮޅިތައް ކުރިމަތިން ހިންގަވައި ހެއްދެވިއެވެ. އަދި ބައެއް ކުށްވެރިންނާއި ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް މުޖްތަބާއެވެ. މިބޭފުޅުން ޖަލުތެރެއަށް ވެންނެވީއްސުރެ ހުރިހާ ހަރަކާތެއް ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގައިދީންނާ ބައްދަކުކޮށް ދައްކަވަމުން ގެންދެވި ވާހަކަތަކާ އެކުގައެވެ.


އަޅުގަނޑު ހައްޔަރުކޮށް ފައިހުރިި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން އެބޭފުޅުންނަށް އަޅުގަނޑު ދަންނަވައި ފީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތްކޮށް ޖަނަވާރުތަކަށް ވޭވްކޮށް، އިޝާރާތްކޮށް ލައްވާހެން، ހަމައެކަނި އިޝާރާތަކުން ސަލާމްކޮށް ލައްވާފައި ވަޑައިގަންނަވައި ގެންނުވާނެއެވެ. މިއީ ކުޑަގޮޅި ތަކެއްގައި ބަންދުކޮށް ފައިތިބި ރާމާމަކުނު ފަދަ ޖަނަވާރުތަކެއް ނޫނެވެ.


ބުއްދި އާއި ވިސްނުން ލައްވާފައިވާ އެންމެމާތް މަޚްލޫޤުން ކަމުގައިވާ އިންސާނުންނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައިވާ އިއްޒަތްތެރި މެމްބަރުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. މިއީ ހުވާއެއްގެ މަތީގައި ތިބިބައެކެވެ.


ދެން، ގޮޅީގެދޮރު ސިފައިން ހުޅުވުމުން ވަހީދުއްދީން ގޮޅިތެރެއަށް ވެންނެވިއެވެ. މުޖްތަބާ އާއި ދެއަންހެން ބޭފުޅުން ތިއްބެވީ ގޮޅީގެ ދޮރުމަތީގައި އޮޅިގަނޑަށްއޮތް ތަޅުންކޮޅު މަތީގައި ދޮރުން ބޭރުގައެވެ. އެންމެންވެސް ތިއްބެވީ ކޮޅަށެވެ. އަޅުގަނޑު ވާހަކަފެށީއްސުރެ ނިންމާލަންދެން ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގޮޅިންބޭރުގައި ތިބެގެން ތޭރިހުންނަ ކުޑަދޮރުގެ ތޭރިތަކުން މޫވީކުރަމުން ގެންދާތަން އަޅުގަނޑަށް ރީތިކޮށް ފެނެއެވެ.


މިކަން މިކުރަނީ ރައީސް މައުމޫނު އުފައްދަވާފައިވާ ކޮމެޓީގެ މެމްބަރުން ކަމުގައިވާ، ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސަން ސަޢީދަށް ދެއްކުމަށް ކަމަށްލަފާ ކުރެވެއެވެ. ނުނީ ސިފައިންގެ ބާނުމަށް ކަމަށް ވެދާނެއެވެ. އަޅުގަނޑު، ޢަބްދު ﷲ ކަމާލުއްދީނަށާއި އިސްމާޢީލް ޝަފީޢުއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން ފަދައިން މިބޭފުޅުންނަށް ވެސް އަކުރުން އަކުރަށް ކިޔައިދިނީމެވެ. ޑީން އާއި މުޖްޠަބާ މިވާހަކަތައް ވަރަށް ރަނގަޅަށް އަޑުއެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ.


"13 ވީހުކުރު ދުވަހު، އަޅުގަނޑުގެ ޙުރުމަތްތެރި ވެގެންވާ އަމިއްލަގޭގައި އަންހެނުންނާއި ތުއްތުދެދަރިން ކައިރީގައި ޓީވީބަލަން އިންދާ ނެރެގެން ސިފައިންގެ މައިމަރުކަޒަށް ގެނެސް ކަނުބަނދެފައި ހަތަރެއްފައިގައި ބިޑިއަޅުވާފައި ތަޅާއި ކުރިމަތިންނާއި ފަހަތުން ކޮށްޕާއިގަޅުވާއި ވިކާހަދާއި ރަނގަޅަށް އަނިޔާކުރުމަށް ފަހު، ދެން އަނދުން އަޅުވާއި ފުށްޖައްސުވާއި ބޭސްކޮށްދީ ފިރުމާ ހެއްދެވިއަސް އަޅުގަނޑު މެންގެހާލު ރަނގަޅެއް ނުވާނޭ ދެންނެވީމެވެ.


މިގޮތަށް މިޙާލުގައި ޖެއްސުމަށް ފަހު، ކޮންމެބޭފުޅަކު ވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ މަލާމާތް ކުރައްވަން ތޯއެވެ؟ ޖެއްސުން ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަ ކަމަށްޓަކައި ޝުކުރު ކުރައްވާށެވެ! އަޅުގަނޑު މިހުންނަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ޓޯޗާގައި ކަމަށް ދެންނެވީމެވެ. ބޮޑެތިއަނިޔާތައް ލިބުނެވެ. އިހައްދުވަހު މިގޮޅިއަށް ރައީސް މައުމޫނުގެ ދެވަޒީރަކު ވަޑައިގެން ވެސް ތިޔަވާހަކަތައް ތިޔަބީދައިން މަލާމާތުގެރާގަށް ދެއްކެވިއެވެ.


ފަހެ، އައްސަވާށެވެ! ދަންނަވަން ތޯއެވެ! ތިޔަގޮތަށް މަލާމާތްކޮށް ޖެއްސުން ނުކުރައްވާށެވެ! މިއީ މަހާއި ކައްޓާއި ލެއިން ހަދައްވަފާފައިވާ އިންސާނުންނެވެ. ބުއްދިނެތް ޖަނަވާރުތަކެއް ނޫނެވެ. ތިޔައީ ހަމަ، ކޮސްމެޓިކް ދަޅަތަކެވެ. ބޭރުދުނިޔެއަށް ދެއްކުމަށް އަޅުވާ އަނދުނެކެވެ. ހަގީގަތުގައި ވެސް ރިފޯމް ގެންނަވަނީކީ ނޫނެވެ. އިސްލާޙޭ، ރިފޯމޭ ކިޔުއްވައިގެން ރާއްޖޭގެ ކުރިމަގަށް ސިޔާސީގޮތުން ނުކުންނަން ތިބި ސިޔާސީލީޑަރުން ތަކަށް ހޭއަރުވާ ލައްވަނީއެވެ. ތިޔައީ ރާއްވަވައިގެން ކުރައްވާ ޒާތީ ކަމެކެވެ. ހަސަދައެވެ. ރައީސް މައުމޫނު އަންގަވާ ގޮތަކަށް ތިޔަބޭފުޅުން ދައްކަވާ ރީތިދަޅައެކެވެ.


އަޅުގަނޑު މިހާރުވެސް މިހުރީ ބޮޑުވެގެންވާ އަނިޔާގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާބޮޑެވެ. ނިކަން ބައްލަވާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގައި ވިސްނުން ތަފާތުވެ، ޚިޔާލުތަފާތު ވުމާގުޅިގެން ހިނގި ދެބަސްވުމެއްގައި އަޅުގަނޑު މިހުރީ ކުޑަގޮޅިއަށްލާއި އެންމެބޮޑު އަސާސީޙައްޤުން މުޅިން މަޙްރޫމް ކޮށްލާފައެވެ. އަޅުގަނޑަށް އާމްދަނީ ލިބެމުންދިޔަ ސަރުކާރުގެ ވަޒީފާއިން އެއްވެސް ޙައްޤަކާ ނުލައި ވަކިކޮށް މިހުރީ ނިކަމެތިކޮށް ލާފައެވެ. ކުޑަދެދަރިންނާއި އަނބިމީހާ ވީނުވީތަނެއް، ތިބީކޮށް ޙާލެއްގައި ކަމެއްނޭނގެއެވެ.


އެމީހުންނަށް ކާންބޯން ދިނުމަށްވަނީ ހުރަސް އަޅާފައެވެ. އެމީހުންގެ ހައްގުތައް ކޮބައިތޯއެވެ؟ އިންސާނިއްޔަތަކީ މިއީތޯއެވެ؟ މިނިސްޓްރީ އޮފް އެޓޮލްސް އިން، ރައީސް އޮފީހަށް ލިޔެގެން އެއޮފީހުންވަނީ، މިމަހު އަށްވަނަ ދުވަހު އަޅުގަނޑަށް ނޯޓިސް ދެއްވައިގެން، ވަރަށްރީތިކޮށް ވަޒީފާއިން ވަކިކޮށްލާފައެވެ. އެއްވެސް އަސާސެއްގެ މައްޗަކަށް ނޫނެވެ. ވަޒީފާއިން ވަކިކުރިކަމުގެ ޗިޓްފޮނުވީ ޖަލަށެވެ.


ފަހެ، މިއީ އިންސާނިއްޔަތު ތޯއެވެ؟ އަދި ޢަދުލް އިންޞާފު ތޯއެވެ؟ ތިޔަބޭފުޅުން ބުނެދެއްވަ ބައްލަވާށެވެ! އިޖްތިމާޢީ ޢަދާލަތަކީ މިއީތޯއެވެ؟ ރިފޯމްކޮށް އިސްލާޙު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލެއްވުން ތޯއެވެ؟ މިނިސްޓަރަކު ޒާތީގޮތުން ކޯފާވެގެން ރައީސް މައުމޫނު އަރިހަށް ލިޔުއްވުމުން ނިކަމެތި އިންސާނުންނަށް ހައްދަވަމުން މިގެންދަނީ، ކިހިނެއްކަން ތިޔަ ކޮމިޝަނުން ވިދާޅުވެދެއްވަ ބައްލަވާށެވެ! ނޫނީމިއީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތްތޯއެވެ؟ ނިކަން މުޖްތަބާ އާއި ޑީން ވިދާޅުވެދެއްވަ ބައްލަވާށެވެ! އިންސާނީ ޙައްޤުތަކަކީ މިއީތޯއެވެ؟


އަޅުގަނޑު ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ޒާތީޙަސަދައަކާ ގުޅިގެން، ސަރުކާރުގެ ވަޒީފައިން ވަކިކޮށް އެއްލާލި މައްސަލަ ތިޔަކޮމިޝަނުން ރަސްމީ ސިފައެއްގައި ބައްލަވައި ދެއްވަން ޖެހޭނެއެވެ. ޖަލުގެ ކުޑަގޮޅީގައި އިނދެގެން ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ބަލައިނުދެވެންޏާ ތިޔަކޮމިޝަނަކީ ރައީސް މައުމޫނު ރައިޓްސް ކޮމިޝަނެވެ.


ވެރިމީހާ ޙިމާޔަތްކޮށްދީ އޭނާގެ ޙައްޤުތައް ދިފާޢުކޮށް ދަމަހައްޓައިދޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެތި ކިޔަކިޔާހުއްޓާ ޑީން ގޮޅިން ނުކުންނެވުމުން، ސަލާން ގޮވާލައްވާފައި މިބޭފުޅުން ދެންހުރިގޮޅިއާ ދިމާއަށް ވަޑައި ގަތީއެވެ. ތިޔަވާހަކަތައް ނޯޓްކޮށްފީމޭ މުޖްތަބާ ވިދާޅުވިއަޑު އިވުނެވެ. ދެން މިބޭފުޅުންނަށް އަޑުއިވޭވަރަށް މިމައްސަލަ ބަލައިދެއްވާށޭ ދަންނަވާއި ބޮޑުޝުކުރިއްޔާއެއް އަރުވަމޭ ދެންނެވީމެވެ."


މިހާހިސާބުން މިބޭފުޅުންގެ މިއަދުގެ ޒިޔާތަރް ނިމުނީއެވެ. ސިފައިން ދަގަނޑުބޫޓުން ތެޅުމުގެ ސަބަބުން ކަނާތުފައިގައި ފަސޭހަނުވެއިން ފާރުކޮޅު މިބޭފުޅުންނަށް ދައްކާކަށް ހަނދާނެއް ނުވިއެވެ. ކޮނޑުން މަށައިގެން ދިޔަތަން އިނީރަނގަޅުވެ، ކުރަމަގާލި ލާފައެވެ. ކަކުލުގެ ފާރުކޮޅު ދޮސްގަންނަގޮތް ވުމުން ރަނގަޅުނުވެ ލަސްވަނީއެވެ. ހަކުރުކަންތަކާ ހެދިއެވެ. މިކަމާ ދެރަވީމެވެ. ދެން މެންދުރު ކާލައިގެން އޮށޯވެއޮއްވާ ޖަލުއޮފީހުން އޮފިސަރަކު އައިސް، ބޭރަށް ނުކުމެވޭގޮތަށް ރީތިކޮށް ހެދުންއަޅައިގެން ތިނެއްޖަހާ އިރަށް ތައްޔާރުވެގެން ހުރުމަށް އެންގިއެވެ.


އީޔޫވަފުދުގެ ޓީމައި ބައްދަލުކުރުން:


ކީއްކުރަންތޯ ސުވާލުކުރުމުން ދޮގުހަދަންނޫޅެ، އޭނާބުނެދިނީ، އިއްޔެ ރާއްޖެއަށް އައި އީޔޫގެ ޓީމަކުން ތިބޭފުޅުންނާ ބައްދަލުކުރަނީއެވެ. މިޚަބަރު ލިބުމުން ވަރަށް އުފާވިއެވެ. މިއީ އޮފިސަރުގެ ރަނގަޅުކަމުން ދެއްވި ޚަބަރެކެވެ. ދައްކާނެ ވާހަކަތައް ހިތުތެރޭގައި ރާވާއިގެން ގެންގުޅެން ފަށައިފީމެވެ. އަދި ތިނެއްގެ އިންތިޒާރުގައި ގަޑިބަލަބަލާ ހުރިހުރުމުގައި މެެމްބަރުން ގޮޅިތަކުންނެރެ އަދި ވައްދާތަން ކޮންމެވެސް ވަރަކަށް ފެނެއެވެ. އަޅުގަނޑަށް ހަމަޖެހިފައި އޮތީތިނެއް ޖަހާއިރަށެވެ.


ބަރާބަރު ތިނެއްޖެހިތަނާ އަޅުގަނޑުބަލާ އަތުވެއްޖެއެވެ. އަޅުގަނޑު ގެންދިޔައީ ދޫނިދޫޖަލުގެ އުނދޯލިގެއަށެވެ. އެތާގައި ތައްޔާރު ކޮށްފައިވަނީ ބޮޑުބައްދަލު ވުމެކެވެ. އީޔޫގެ ފަރާތުން ފޮނުއްވި ޙަޤީޤަތްހޯދާއި ދިރާސާކޮށްބަލާ ޓީމެކެވެ. އަޅުގަނޑު އުނދޯލިގެއަށް ގެނައިއިރު މިބޭފުޅުން ތިއްބެވީ ތައްޔާރަށެވެ. އަޅުގަނޑަށް ހުރިގޮނޑި ހުސްކޮށް ހުއްޓެވެ. އީޔޫން ވަޑައިގެން ތިއްބެވީ ދެއަންހެނުންނާއި ތިން ފިރިހެނުންނެވެ. 5 ބޭކަލުންގެ މަތީފެންވަރުގެ ބޮޑުޓީމެކެވެ.


އިސްވެރިއަކަށް އިންނެވީ ފިރިހެން ބޭފުޅެކެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދު ﷲ ރިޔާޒެވެ. ލޭޑީ އިބްރާހީމް މަނިކު ތަންކޮޅެއް ދުރުގައި ބައްލަވަން ހުންނެވީއެވެ. ފޮރިން މިނިސްޓްރީން އިންނެވީ އެމިނިސްޓްރީގެ ސީނިއަރ ބޭފުޅެއް ކަމުގައިވާ، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާއެވެ. ދެން އަޅުގަނޑެވެ.


އަޅުގަނޑަށްހުރި ގޮނޑީގައި އިށީނުމުގެ ކުރިން އީޔޫން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނާ ސަލާމްކޮށް ހެދުމަށް ފަހު، އަޅުގަނޑަށް ހަމަޖެހިފައިހުރި ގޮނޑީގައި އިށީނދެފައި، އަޅުގަނޑު ދެންނެވީ މިބައްދަލު މުވުމުގައި އަޅުގަނޑު ބޭނުންވަނީ، ފޮރިން މިނިސްޓްރީން ވަޑައިގެން އިންނެވި ޢަބްދުލްޙަމީދު ޒަކަރިއްޔާ، އަޅުގަނޑު ދިވެހިބަހުން ދަންކަމުން ގެންދާ ވާހަކަތައް އީޔޫގެ ވަފުދަށް ތަރުޖަމާ ކޮށްދޭގޮތަށް ހަމަޖެއްސުމަށެވެ. އަޅުގަނޑު ބޭނުންވަނީ އަމިއްލަ މާދަރީބަހުން ވާހަކަދައްކާށެވެ.


މިގޮތަށް އެންމެން ގަބޫލްވެ ހަމަޖެހުމުން އަޅުގަނޑު ފެއްޓީ ދިވެހިބަހުންނެވެ. ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ފުރިހަމައަށް އަޅުގަނޑު ހިތްހަޖެހޭގޮތަށް ތަރުޖަމާކޮށް ދެއްވަމުން ގެންދެވިއެވެ. އެއްވެސް އުނިއިތުރެއް ނުގެންގުޅުއްވާކަން އަޅުގަނޑު ގަބޫލުކުރީމެވެ. އެއީ މަޖީދިއްޔާ ސްކޫލް ގުރޭޑު 5 ގެ ފެންވަރުން އަޅުގަނޑަށް އިނގިރޭސި ބަހުރުވަ އެނގޭތީއެވެ. އޭނާ މިކަންކޮށް ދެއްވިލެއް ރަނގަޅުކަމުން މިފުރުސަތުގައި އެބޭފުޅާއަށް ޝުކުރުވެރިވަމެވެ. އަޅުގަނޑު ދެންނެވި ވާހަކަތަކަކީ މިއެވެ.


"ތަޢާރުފް ވުމުގެ ގޮތުން ދަންނަވަމެވެ. އަޅުގަނޑަކީ އދ.އަތޮޅުގެ ރައްޔިތުން، ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ހޮވާފައިވާ އެއަތޮޅު ރައްޔިތުންގެ އިއްޒަތްތެރި މެމްބަރެވެ. އެއަތޮޅުގައި މީހުން ދިރިއުޅޭ، 10 ރަށްއޮތްއިރު ކޮންމެރަށަކުން ވަރަށްމަތީ އަޣްލަބިއްޔަތެއް ލިބުނުމީހެކެވެ. ބައެއްރަށްރަށުން ވޯޓުލެއްވި އެންމެންގެ ވޯޓުލިބިގެން ހޮވިފައިވާ އެދާއިރާގެ ރައްޔިތުން ލޯބިވާ، އަދި އެމީހުންގެ ޙައްޤުތަކަށް މަޤްބޫލް ގޮތެއްގައި މަސައްކަތްކުރާ ސިޔާސީ ލީޑަރެކެވެ. އަޅުގަނޑަކީ އެދާއިރާގެ ހުރިހާގެއަކަށް ތަކުރާރުކޮށް ވަންނަ މީހެކެވެ. އެންމެން ދަންނާނެއެވެ. ރައްޓެހިވާނެއެވެ.


ދަންނަވަންތޯއެވެ! މިމަހު، 13 ވީހުކުރު ދުވަހު، އިރުއޮއްސި ހަތެއްޖެހި ފަހުން، ގާނޫނުއަސާސީން ޙުރުމަތްތެރިކަން ލިބިފައިވާ އަޅުގަނޑުގެ އަމިއްލަގޭގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން، ބީބީސީގެ ސައުތްއޭޝިޔާ ޕުރޮގުރާމްގައި ކަޅުހުކުރާ ގުޅިގެން ގެނެސްދިން ވާހަކަތައް ބަލަން އިންދައި، ސިފައިންގެ، 5 ބޭކަލުން ޖީޕެއްގައި އައިސް އަޅުގަނޑުގެ ގެއަށް ވަދެ، ގެއިންނެރެގެން ސިފައިންގެ މައިމަރުކަޒަށް ގެންގޮސް ވެއްދީ ވަރަށް އަނިޔާވެރި ގޮތަކަށެވެ.


ސިފައިންގެ ޖީޕުން ބޭލުމަށްފަހު، ކަޅުފޮތި ގަނޑަކުން ވަރަށް ބާރުކޮށްވާންވާ ގޮތަށް ކަނުބަނދެފައި ދެއަތް ފުރަގަހަށްލާއި ބިޑިއެޅުވުމަށް ފަހު، ދެފައި ކަށިމަތީގައާއި މޭމަތީގައި ފުރަގަހުންނާއި ކުރިމަތިން، ރަނގަޅަށް ތަޅާއިވިކާއި ކޮށްޕާއި ގަޅުވާލާ ހަދަމުން ގެންގޮސް ސިފައިންގެ ހެޑްކުއޯޓަޒަށް ވައްދައި އެތާތެރޭގައި ވެސް މިފަދަ އަނިޔާތައް ކުރިއެވެ. ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން އައުގުރާނަތައް ގޮވާހެދިއެވެ. މިނިސްޓަރުންގެ އިސްތިޢުފާއަށް ބަރާށް ގޮވާށޭ ބުނާ ކޮންމެފަހަރަކު ބުރަކަށީގައި އެތިފަހަރެއް އަޅުވާލައެވެ.


އަޅުގަނޑުގެ ކަނާއަތު ފައިގައާއި ކޮނޑުގައި މިހާރުވެސް ފެންނަން މިހިރީ އެދުވަހުގެ އަނިޔާތަކުގެ އަސަރުތަކެވެ. ތިޔަބޭފުޅުން ރީތިކޮށް ބައްލަވާށެވެ. ފައިގެފާރުކޮޅު މީނދީދޮސް ގަނެގެން ނުބައިވެފައެވެ. ނުހިކިއެވެ. ފާރުވެފައެވެ. ރަނގަޅަށް ބައްލަވާށޭ ދަންނަވާއި އެބޭފުޅުންނަށް ދެއްކީމެވެ. މިޙާލަތުގައި ހުއްޓައި އަތުގައި ފީބާއަކުން ކުލަކޭއްތިއެވެ. ކަނުމޮހާލުމުން އަޅުގަނޑު އަތުގައި ލިޔެފައި ހުއްޓާފެނުނީ، 140 މިއަކުރުތަކެވެ.


އޭގެމާނައަކީ އަޅުގަނޑަކީ ސަތޭކަސާޅީސް ވަނައަށް ބަންދުކުރެވުނު މީހާއެވެ. އަދި އަތުގައި އެޅުވި ބިޑިބާރުކަމުން ދޫކޮށްދޭށޭ ބުނެ ތަކުރާރުކޮށް އާދޭސް ކުރަން ޖެހުނެވެ. ކަނުބަނދެފައި ހުރުމުން އެއްވެސްތަނެއް ނުފެނެއެވެ. މިކަމުން ސަލާމަތްވީ އަޅުގަނޑު ދަންނަ ސީނިއަރ އޮފިސަރެއްގެއަޑު އަޅުގަނޑަށް އިވުމުން އޭނާއަށް ގޮވާއެތައް ފަހަރަކު އާދޭސްކޮށް މަޖިލީހުގެ މެމްބަރުންނަށް އަނިޔާ ނުކުރުމަށް އެދުމުންނެވެ.


އެރޭހަތަރުދަމު ސިފައިންގެ މައިމަރުކަޒުގައި ގެންގުޅުމަށް ފަހު، ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށް ގެނެސްވެއްދީ ހޮނިހިރު ދުވަހަށް އިރުއަރަން އުޅެނިކޮށެވެ. ދޫނިދޫއަށް ގެނައިފަހުން ޖިސްމާނީ ގޮތުން އަނިޔާއެއް ނުކުރެއެވެ. ތަޅާހަދާފައެއް ނެތެވެ. އޭގެފަހުން މިއަދާ ހަމައަށް އަދި، ކަނުބަނދެ ބިޑިއަޅުވާއި ބޭރުފުށުން އަނިޔާއެއް ކޮށްފައެއް ނެތެވެ. މިހާރުކުރަމުން މިގެންދަނީ، ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން ކުރަމުންގެންދާ އަސަރުން ފުރިގެންވާ، ފިނިއަނިޔާތަކެވެ. ފިނިއަނިޔާތަކުގެ އަސަރު މާގަދައެވެ. ދިގުމުއްދަތަށް އެއަސަރުތައް އެތެރެހަށީގައި ހުންނާނެއެވެ.


މި އަނިޔާތައް މުޅި އުމުރަށް ހަށިގަނޑުގައި އަށަގެންފައި ހުންނާނެއެވެ. މިއަދު މިތަނަށް ތިޔަބޭފުޅުންނާ ހަމައަށް ނެރެންދެން މިހުންނަނީ ސަތޭކަޕަސެންޓް ޓޯޗާއާއި ބިރުވެރި އަނިޔާތަކުގައެވެ. އަޅުގަނޑަކީ، 1984 ވަނަ އަހަރު ގްރެޖުއޭޓް ވެގެން ރާއްޖެއައިގޮތަށް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާ މީހުންނާއެކު ވަރަށް އިސްކޮށް ހަރަކާތްތެރިވެ، ޢަމަލީގޮތުން އިދާރީމަސައްކަތްތައް ކުރަމުން ގެންދާ ސިޔާސީ ލީޑަރެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލްގެ، 1990 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ރިޕޯޓުތަކުން އެނގިލައްވާނެއެވެ.


އަދި އަޅުގަނޑަކީ ޕެންއިންޓަނެޝަނަލް ލަންޑަންގެ ހޮނަރަރީ މެންބަރެކެވެ. ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އަޅުގަނޑުގެ ޚިދުމަތްތައް ބިނާވެފައި އޮންނަނީ ސަރުކާރަށް ޚިދުމަތް ކުރުމާއެކުގައި ސިޔާސީގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މައްޗަށެވެ. މިބުރުގައި ދޫނިދޫޖަލަށް ގެނެވުނުއިރު އަޅުގަނޑުއިނީ، އަމިއްލަ ގޭގައެވެ. އޭރު ބީބީސީން ފޮނުވަމުން ގެންދިޔަ ރާއްޖޭގެ އިސްލާޙީ ހަރަކާތުގެ އިސްލީޑަރެއް ކަމުގައިވާ މުހައްމަދު ނަޝީދުގެ ޚާއްސަ އިންޓަރވިއޫއެއް ޓީވީން ބަލާށެވެ.


އަޅުގަނޑު އެއިންޓަރވިއޫ ނިމެންދެން ގޭގައި މަޑުކޮށްލަން އެދުމުން އެފުރުސަތުނުދީ ސިފައިންގެ މަރުކަޒަށް ގެނެވުނީއެވެ. އަޅުގަނޑު މެންނަކީ ސިޔާސީ ޖަމާޢަތެއް ސިފައިގައި ގިނަބަޔަކު ގުޅިގެން ދިވެހި ގައުމުގެ ކުރިމަގު، ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ގެންދާބައެކެވެ. ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެންނަން މަސައްކަތްކުރާ ބައެކެވެ. އަޅުގަނޑު މެންނާ ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވަނީ އެހެންވެގެންނެވެ.


މިއީ ސިޔާސީ ކަންކަމުގައި އަޅުގަނޑު ޖަލަށްލާފައިވާ، 5 ވަނަ ވަހަރެވެ. މިހާރުވެސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ބަންދުކޮށް ފައެވެ. ވާހަކަދެއްކުުމާއި އަނގައިން ބުނުންމުޅިން މަނަލެވެ. ފޯރިއަށްތިބޭ ގާޑުންނާ އަނގައިން ބުނެފިއްޔާ އިތުރު އަދަބުތައް ލިބެއެވެ. އަބަދުވެސް ގޮޅީގައި އޮންނަންޖެހެނީ ބިރުވެރި ޙާލަތުގައެވެ. ބޮޑުބިރެއްގެ ތެރޭގައެވެ. ހިތްހަމަޖެހުމެއް އަމާންކަމެއް ނެތެވެ. އަބަދުވެސް އޮންނަންޖެހެނީ، ދެންވެދާނެ ގޮތަކާމެދު ވިސްނާލަ ވިސްނާލާއި ހާސްކަމުގެ އުދާސްގަނޑެއްގެ ތެރެއަށް ޣަރަޤުވެއެވެ.


އަޅުގަނޑު މެންކަހަލަ ސިޔާސީ މީހުން ގެންގުޅެނީ އެންމެ ބޮޑެތިކުށުގެ މުޖްރިމުން ގެންގުޅޭގޮތަށް ބޮޑެތި ކުށްތަކުގެ އެފަދަ މުޖްރިމުންނާ އެކުގައެވެ. ގޮޅީގައި ވަރަށް އެކަނިވެރިވެފާއި ބިރުވެރިއެވެ. އެއްވެސް އެއްޗެއް ނޯޓުކޮށްލާ ހެދޭކަށް ނޯވެއެވެ. ފަންސޫރެއް ގަލަމެއް، ފޮތެއް ކަރުދާސްކޮޅެއް ނުދެއެވެ.


ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ވާހަކަފޮތެއް އެއްޗެއް ނުދެއެވެ. އަޅުގަނޑުގެ އެންމެ އަސާސީ ޙައްޤުކަމުގައިވާ ތުއްތުތުއްތު ދެކުދިންގެ ޙާލުބަލާލަން ފޯނުކޯލެއް ދިނުމަށް އެދުމުން އެވަރުވެސް ނުކޮށްދިނެވެ. އެދެކުދިންނާއި އަނބިމީހާއަށް ވާނުވާގޮތެއް އަޅުގަނޑަކަށް ނާންގައެވެ. 4 އަހަރު ކުއްޖަކާއި، 2 އަހަރުގެ ތުއްތުކުއްޖަކު އަޅުގަނޑުގެ ހުރެއެވެ.


ޓޭން އާއި ރޭމް
ޓޭން އާއި ރޭމް

އެދިފައި ބުނެބުނެވެސް އެކުދިންގެ މަންމައާ ގުޅާލައި ފޯނުން ވާހަކަދައްކާ ލުމުގެ ފުރުސަތެއް ނުދިނެވެ. މިވާހަކަތައް އަޑުއައްސަވާފައި މިބޭފުޅުންގެ ތެރޭގައި އިންނެވި އެއްއަންހެނަކު އަޅުގަނޑައި ވަރަށް އަސަރާއެކު ސުވާލު ކުރެއްވިއެވެ. ޢާއިލާއާ އެއްގޮތަކަށް ވެސް ބައްދަލުނުވަނީ ތޯއެވެ؟ ފޯނުކޯލެއް ނުދީގެން އުޅޭއިރު، އެކުދިންނާ ބައްދަލުކޮށް ދޭނެތޯއޭ އަޅުގަނޑު ޖަވާބުގައި ދެންނެވީމެވެ.


ޢަބްދު ﷲ ރިޔާޒު އާއި ލޭޑީއާ ދިމާއަށް އަޅުގަނޑުގެ އަތުން އިޝާރާތްކޮށް މިތިއްބެވި ބޭފުޅުން ހައްދަވަނީ މުޅިންވެސް ދޮގޭ ދެންނެވީމެވެ. އުޅެނީ ސިޔާސީމީހުން ކަތިލާއި ދުވަސްދުއްވާ ލާށެވެ. ސިޔާސީ ލީޑަރުން ނެތިކޮށްލާށެވެ. ސިޔާސީޕާޓީއަށް ޖާގަނުދޭށެވެ. އިދިކޮޅު ޚިޔާލުނައްތާލާށެވެ.


މިހާރު ބުނެފައިއޮތީ މާދަމާގެ ވަގުތެއްގައި އަންހެނުންނާ ބައްދަލުކޮށްދޭނެ ވާހަކައެވެ. އަޅުގަނޑުހިތުން މިވަރުވެސް މިވީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެވަޑަައިގަތް ފަހުންނެވެ. މިއަދު ހެދުނު ވަރަށް ކުއްލިގޮތަކަށް، ރާއްޖޭގެ ހިއުމަން ރައިޓުސް ކޮމިޝަނުގެ މީހުންވެސް ބައްދަލުވާން މިތަނަށް، ޖަލަށް އައެވެ. އެއީ ތިޔަބޭފުޅުންނަށް ދައްކާ ދަޅައަކަށެވެ. މާދަމާ ވުމުން ވާގޮތެއް އެނގިދާނެތާއެވެ. އާއިލާ މިހަކު ފެންނާނެ ކަމާމެދު ބައިވަރު ސުވާލުތައް އެބަހުއްޓެވެ.


އާދެ، އީޔޫގެ ތިހާމަތީ ދަރަޖައިގެ ވަފުދަކައި ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްފައި އިންދާ އަޅުގަނޑާ ބައްދަލުވީތީ ވަރަށް އުފާކުރަމެވެ. ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ސަރުކާރުތަކަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. ތިޔަބޭފުޅުންގެ ޕާލަމެންޓަށް އަޅުގަނޑުގެ އަޑުތައް މިނާމާން އަނދިރިކަމުގެ ޖަލުގެ ކުޑަގޮޅިއަކުން ގެންގޮސް ދެއްވުން އެދެމެވެ. އަޅުގަނޑަށް އީޔޫގެ ތިހާމަތީ ފެންވަރުގެ ވަފުދަކާ ބައްދަކު ކުރަންޖެހޭކަން ތަންކޮޅެއް ކުރިން އެންގިނަމަ، އަޅުގަނޑުގެ ޑުރެސް ރަނގަޅުކޮށް ލުމަށް ގެއިން ގަމީހަކާއި އެއްޗެހި ގެނައުމަށް އެދުނީމުހެވެ. އެހެނަސް އެކަހަލަ ކަންތައް އޮންނަނީ މިޖަލުގައި ސިއްރުކޮށް ފައެވެ.


މިތާތިބޭއިރު ދުނިޔޭގައި ވާނުވާ އެންގުމަކީ މަނާކަމެކެވެ. އަޅުގަނޑަށް ލައިގެން މިހުރެވުނު ހެދުމާ ހެދި މަޢާފަށް އެދެމެވެ. ވަރަށްއާދައިގެ ޓީޝާރޓު ގަނޑެއްގައި އިނދެވުނީތީ މަޢާފު ކުރައްވާށެވެ. މިޖަލުގައި ޚާއްސަޖަލުހެދުމެއް ނުގެންގުޅެއެވެ. ހެދުންތަކެތި ބުނެގެން ގެންނަން ޖެހެނީ ގެއިންނެވެ. ވަފުދުގައި އިސްކޮށް އިންނެވި ބޭފުޅާ އެއީ އެއްވެސް މައްސަލައެއް ނޫނޭ ވިދާޅުވެފައި އެއްސެވީ ކަސްރަތު ކުރެވޭތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ކަސްރަތުކުރާކަށް ނުނެރެއެވެ.


ގޮޅީތެރޭގައި ކަސްރަތުކުރާނެ ޖާގައެއް ނޯވެއެވެ. އެންމެ އަސާސީ ޙައްޤުކަމުގައިވާ އަޅުކަންކޮށް، ނަމާދުކޮށްލެވޭނެ ޖާގަވެސް ގޮޅިތެރޭގައި ނޯވެއެވެ. ތިޔަބޭފުޅުން ގޮޅިތަކަށް ވަޑައިގެން ބެއްލެވުން އެދެމެވެ. މިއަދު ހެދުނު މިޖަލުގެ ގޮޅިތަކަށް، ރާއްޖޭގައި އަލަށް އުފެއްދެވި، މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ބައްލަވާލައްވަން ވަޑައިގަތެވެ. އަޅުގަނޑަށް ހީވަނީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެ ވަޑައިގަތުމުން، އަވަސް އަރުވާލައްވާފައި ތިޔަބޭފުޅުންގެ ކުރިން މިތަނަށް އެކޮމިޝަނުން ޒިޔާރަތް ކުރެއްވީހެނެވެ. އެބޭފުޅުންނަށް ޖަލުގެ ގޮޅިތަކަށް ވެންނެވުނެވެ. ސިފައިންގެ ހުއްދައޮތެވެ.


އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން، މިއަނިޔާވެރި ގޮޅިތަކަށް ވެންނެވުން ބުއްދިވެރިވެފައި މާބޮޑަށް ރަނގަޅުވާނެއެވެ. އަޅުގަނޑުމެން ހައްޔަރުކޮށްފައި ތިބޭގޮޅިތަކަށް ތިޔަބޭފުޅުން ވަންނަވަން އެދޭށެވެ. އޭރުން ސިފައިންނަށް ޖެހޭނީ އެހުއްދަ ދެއްވާށެވެ. ހުޅުވިފައި ހުންނަ ކުޑަކުޑަތަންކޮޅެއް މީހަކަށް ވަދެވޭވަރަށް ގޮޅިތެރޭގައި ހަދާފައި ހުރެއެވެ. އެއިފާޚާނާ ކުރުމަށް ހުންނަތަނެވެ. ދޮރުފަތް ނުހުންނާތީ އެތަނުން، ގޮޅިތެރެއަށް ނުބައިވަސްގަނޑު އަރައެވެ. ކިތަންމެވަރަކަށް ސާފުކުރިއަސް ފެންއިސްކުރުގައި ތަޣައްޔަރުވެފައި ހުންނަ ލޮނުފެން ހުންނާތީ ނުބައިވަސްގަނޑު އަބަދުވެސް ދުވާފައި ހުރެއެވެ. ސާފުކޮށް ނޭވާލާން ހުރަސްއެޅެއެވެ.


ކަސްރަތުކޮށް ނަމާދުކޮށް ހަދަންބޭނުމިއްޔާ އެކަންކުރަން ޖެހޭނީ، ނިދަންއޮންނަ ގޮދަޑިމަތީގައި ކޮޅަށް ހުރެގެންނެވެ. ގޮޅީގައި ވައިދައުރުވާލެއް ވަރަށްދަށެވެ. ބައެއްފަހަރު ނޭވާހާސްވާގޮތް ވެއެވެ. ފެންވަރަން ހުންނަނީ ހިލައިގެ ދުވަސްވަރު ފެންވަރާ އުޅުޅުނު ގޮތަށެވެ. ބާލިދީގަނޑަކުން ފެންނަގައިގެން ކުޑަޖަގަކުން ބޮލަށް ފެންއަޅާ ގޮތަށެވެ. ފެންވަރަން ޖެހެނީ ނުބައިވަސްދުވާ ފެނުންނެވެ. ގަޟާޙާއްޖާކުރަން ހުސް އުސްތައްޓެއް ބަހައްޓާފައި ހުރެއެވެ. ޖެހެނީ ބާލިދީން ފެންއަޅާށެވެ. ނުބައިވަސް ދުވައެވެ.


ދުވާލަކަށްދެނީ، 15 ލިޓަރުހަމެއްގެ ރީތިފެނެވެ. ފެންވަރާ ހުރިހާކަމެއް ކުރަންޖެހެނީ އެފެންފޮދުންނެވެ. ފެންވަރާ ނިމޭއިރަށް އެފެންފޮދު ހުސްވާނެއެވެ. ދެން ޖެހޭނީ ނުބައިވަސްދުވާ ލޮނުފެން ބޭނުންކުރާށެވެ. މިއީ އަނިޔާވެރި ތަނެކެވެ. މިރާއްޖޭގައި ގާނޫނުއަސާސީ ހަދާ މަޖިލީހުގެ މެމްބަރުން ތިބެންޖެހޭ ޙާލަކީ މިއެވެ. 24 ގަޑިއިރު ގޮޅިހުންނަނީ ތަޅުލާފައެވެ. ބިރުވެރި ނާމާން ތަނެކެވެ. ބޭރުން ވައިކޮޅެއް ނުޖެހެއެވެ. މިހާދަށް ފެންވަރުގައި ޓުރީޓްކުރަމުން މިގެންދަނީ މިގައުމުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށެވެ.


ދަންނަވަންތޯއެވެ! އަޅުގަނޑު މިވަނީ، އަޅުގަނޑަށް ލިބެންޖެހޭ އިންސާނީވަންތަ ހުރިހާޙައްޤަކުން މަޙްރޫމްކޮށް ކަޅުއަނދިރީގައި އެކަހަރިކޮށް ލާފައެވެ. ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިވާ މަޖިލީހުގެ މަސައްކަތްތައް ދާނުދާގޮތެއް ނޭނގެއެވެ. މަޖިލީހާބެހޭ އެއްވެސް ޚަބަރެއް ނުދެއެވެ. މަޖިލީހުންނެރޭ އިއުލާނުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެއިން އެއްވެސް ކަމެއްގެ އެއްވެސް މަޢުލޫމާތެއް ފޯރުކޮށެއް ނުދެއެވެ. އަޅުގަނޑު މިހުރީ، ﷲ ގަންދީ އެމަސައްކަތް އިޚްލާޞްތެރި ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ހުވާކޮށް ގެންނެވެ.


މިއީ ކޮންކަހަލަ ޑިމޮކްރަސީއެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިވައްތަރަށް ކިޔާނެނަމެއް އީޔޫ އިން ތިޔަބޭފުޅުން ވިދާލުވެ ދެއްވަ ބައްލަވާށެވެ! މިއީ ސިޔާސީ ލީޑަރުންނަށް، ވަރަށް އަނިޔާވެރި ސަރުކާރެކެވެ. ޖަލްސާތަކަށް ހާޒިރެއް ނުކޮށްދެއެވެ. މިހުރިހާކަމެއް މިކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ޚިލާފަށެވެ. ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުންނަށް ލިބިދޭންޖެހޭ އެއްވެސް ޙައްޤެއް ނުލިބެއެވެ.


މަޖިލީހުގައި ވާނުވާއެއް، ޖަލްސާއޮންނަ ދުވަހެއް ނާންގައެވެ. މިކަމާކޮށް ދެވެންހުރި ހުރިހާ މަސައްކަތެއް ވީހާއަވަހަށް ތިޔަބޭފުޅުން ކޮށްދެއްވުން ވަރަށް އިޚްލާސްތެރި ކަމާއެކު އާދޭސްކޮށް އެދެމެވެ. ހުރިހާ ޙައްޤުތަކެއްވަނީ ރައީސް މީހާގެ މުށުތެރެއަށް ލާފައެވެ. އަސާސީ ޙައްްޤުތައްހުރީ ހިފާއްޓަވާފައެވެ. މާލެއާއި މާލެކައިރި ހިސާބުތަކުގައި ވަނީ ކާފިއޫހިންގަވާފައެވެ. 18 އަހަރުންދަށުގެ ކުޑަކުދިން ޖަލަށް ގެނެސް އަނިޔާކޮށްފައި އެބަހުއްޓެވެ. ކަޅުހުކުރު ދުވަހު މަންމަ އާއި މާމަގާތަށް ގެއަށްދިޔަ ކުދިންވެސް މަގުމަތިން ފަހަތުންދުވެ އަތުލައިގަނެގެން ޖަލަށް ގެނެސް ހައްޔަރުކޮށްފައި އެބަތިއްބެވެ. ފަހަތުން ދުވެއަތުލައިގަތް ކުޑަކުދިންވެސް ބަންދުކޮށްފައި އެބަތިއްބެވެ.


މިފަދަ ތަސައްރަފު ނުފުދޭ ކުޑަކުދިންނަށް ވެސް އަނިޔާކޮށްފައި ވެއެވެ. ބައެއް އަންހެން ކުދިންނަށް ޖިސްމާނީ ގޮތުން ހާނީއްކަކޮށް، ފުރައްސާރަކޮށްފައި އެބަހުއްޓެވެ. މިޢަމަލުތައް ހިންގީ ސިފައިންނެވެ. ފިރިހެނުންގެ ކުރިމަތީ ފަރާތުގައި ހިފާފައި މިނިސްޓަރ ޢަބްދު ﷲ ޙަމީދުގެ އިސްތިޢުފާއޭބުނެ މަލާމާތް ކޮށްފައި އެބަހުއްޓެވެ. ހީސްލާހަދަން ޖެހެނީ މިމީހުންގެ ކުރިމަތީގައި ހުޅުވިފައި ހުންނަފާޚާނާ އަކަށެވެ.


އެވަގުތު ބަންދުކުރިއިރު މިކަހަލަ ނުލަފާކަންތައް ހެސްކިޔާފައި ކުރިއެވެ. މިޢަމަލު ހިންގުނު އެއްބޭފުޅަކީ، ހދ.އަތޮޅުން މަޖިލީހަށް ކުރިމަތިލެއްވި ކެނޑިޑޭޓް ފުރަހަނި ޝުޢައިބު ޢަލީ އަށެވެ. ސިފައިންގެ އަޚްލާޤީ މިންގަނޑަކީ މިއީއެވެ. މިއީ ތަހުޒީބު ޒަމާނެއްގައި ސިފައިން ކޮށްގެންވާނެ އަމަލުތަކެއް ނޫނެވެ.


ކަނުބަނދެގެން ކަނޑުހުރަސްކޮށް މާލޭން ބޭރުގެ އެހެން ޖަލުތަކަށް ގެންދިއުމުގެ މަގުމަތީގައި، ކަނޑުމަތިން ބައެއް އަންހެން ގައިދީންނާބެހި ޖިންސީހާއްނީއްކަ ކޮށްފައި އެބަހުއްޓެވެ. އެކުދީންނާއި ބައްދަލުކޮށް މިސުވާލުތައް ކުރައްވާށެވެ. ކިޔައިދޭނެއެވެ. ގިނަ އަންހެން ކުދިން ގެންދިޔައީ އެހެން ޖަލަކަށެވެ. ތިޔަބޭފުޅުން އެޖަލު ހޯއްދަވާށެވެ.


އަޅުގަނޑާއެކު ބަންދުކުރެވުނު އަންހެން ބޭފުޅުން ކައިރިން ތިޔަބޭފުޅުން މިވާހަކަތަކުގެ ތަފްސީލު އެއްސެވުން އެދެމެވެ. އެކުދިން މިޖަލުތަކުގައި ވާނެއެވެ. ސަރުކާރު ޓީވީން ރައްޔިތުންނަށް ޚަބަރުދެމުން ގެންދަނީ އަޅުގަނޑު މެންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ކޮށްގެން އުޅޭ ބާޣީންތަކެއްގެ ގޮތަށެވެ. ދީނީޢިލްމުވެރިން ޓީވީއަށް އަރުވައިގެން އެފަދަ ފަތުވާތައްނެރެ އަޅުގަނޑު މެންގެ މައިންބަފައިންނާއި ޢާއިލާތައް އިންތިހާއަށް ބިރުގަންނަވާ ހަދަމުން އެބަގެންދެއެވެ. ދަންޖައްސަން ޖެހޭ ކަމުގެ ފަތްވާތައް އާންމުކޮށް ނެރެއެވެ.


ދީނީޝައިޚުން ލައްވާ ބާޣީންނަކީ މަރަންޖެހޭ ބައެއްކަމުގައި ވާހަކަތައް ފަތުރާފައި އެބަހުއްޓެވެ. ބާޣިންގެ މުދާތައް ސަރުކާރަށް ކޮންފިސްކޭޓް ކުރެވޭނެ ވާހަކަ އާންމުކޮށްފައި އެބަހުއްޓެވެ. މިއީ އަޅުގަނޑު މެންގެ ޢާއިލާތައް ބިރުގަންނަވާއި ނަފްސާނީބަލި ޖެއްސުމަށް ސަރުކާރުން ރާވައިގެން ހިންގާ ޕްރޮޕެގެންޑާ ކަންތަކެވެ. ނަފްސާނީ ގޮތުން ބިރުދެއްކުމަށް ކުރާނުލަފާ ކަންތަކެވެ.


މީގެ ކުރިން، 1990 ވަނަ އަހަރު ކަންތައްކޮށް ފައިހުރީ މިފަހަރަށްވުރެ މާގޯސްކޮށެވެ. މާއަނިޔާވެރި ކޮށެވެ. އެފަހަރުގެ ރިޕޯޓްތައް އެމްނެސްޓީ އިންޓަރނޭޝަނަލަށް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅީގައި ތިބެގެން ސިއްރުން ހުށަހެޅީމެވެ. އެދުވަސްވަރަކީ ބޭރުބަޔަކަށް ކުށްވެރިންނާ ހަމައަށް ވާސިލްވެވޭ ދުވަސްވަރެއް ނޫނެވެ. މާއަނދިރިކަން ބޮޑުދުވަސް ވަރެކެވެ.


އެވާހަކަތައް ވަރަށް ތަފްސީލާއެކު އެބޭފުޅުންގެ ރިޕޯޓުތަކުގައި ގެނެސްދީފައި އެބަހުއްޓެވެ. އެދުވަސްވަރު ޖަލުގައިކުރި އަނިޔާތަކުގެ ވާހަކަތައް ތަފްސީލުކޮށް ލިޔެފައި އެބަހުއްޓެވެ. އެފަހަރު ސިފައިން ކަންތައްކުރީ ވަރަށް އަނިޔާވެރި ކޮށެވެ. އިންސާނީހައްގުތަކަށް ބެލުމެއް ރިއާޔަތް ކުރުމެއް ނެތިއެވެ.


ކުޑަގޮޅީގައި ބައިތިއްބައިގެން ޝަރުޢީކޯޓަށް ދުއުވާތައް ވައްދާއި ރޭގަނޑު ގެންގޮސްގެން، ހުކުމްތައް އިއްވާލީ ކުޑަގޮޅިގައި ހުކުމް ތަންފީޒުކުރަން ޖެހޭ ގޮތަށެވެ. ލޯޔަރުން ހޯދުމުގެ ފުރުސަތެއް ނުދެއެވެ. ދަންވަރު ގޮޅިންނެރެ ބޮޑެތިއަނިޔާތައް ކުރުމާއި ދަންވަރު ޝަރުޢީކޯޓަށް ހާޒިރުކޮށް ހެދިއެވެ. ކުޑަގޮޅިގައި އަނިޔާއާއެކު، 18 މަސްދުވަހު ބޭތިއްބިއެވެ. އަނެއް، 18 މަސްދުވަހު ދޫނިދޫނޫން އެހެންޖަލެއްގެ ކުޑަކޮޓަރިއެއްގައި ބެހެއްޓިއެވެ. 45 ދުވަހު އެއްހުޅު ބިޑީގައި ބޭއްވިއެވެ. އަނދަގޮނޑިއަށް ލިއެވެ. އަނދަގޮނޑިޖަހާއި ޗޭނުޖަހާނެ ކަމުގެ ބިރު ތަހުގީގުގައި ތަކުރާރުކޮށް ދެއްކިއެވެ. ނަސީބަކުން އަޅުގަނޑުމެންގެ އީމާންތެރިކަން ގަދަކަމުން ބުއްދިގޯސްނުވެ ސަލާމަތުން ތިބީއެވެ.


އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން އެތައްބަޔަކު ބޯގޯސްވެ، ހަމަބުއްދި ގެއްލުނެވެ. އަޅުގަނޑު މަސްއޫލުވެރި ކަމުގައި ނެރެންފެށި ސިޔާސީ މަޖައްލާއެއް ކަމުގައިވާ "މަންތިރި" މަޖައްލާގެ، އެޑިޓަރ އަޙްމަދު ވަހީދު ޢަލީ ކިޔާބޭފުޅަކު އެހުންނެވީ އަދިވެސް އެކަމުގެ ބަލީގައެވެ. މީނާ ނޫނަސް އެބުރުގައި ސިކުޑިގޯސްވެ ބޯސަކަރާތްވި މީހުން ބައިވަރު މިހާރުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. ކާދޫ އިބުރޭއަކީ ވެސް މިކަމުގެރީތި މިސާލެކެވެ. މިފަހަރު އެހެންވިޔަ ނުދެއްވުންއޮތީ ތިޔަބޭފުޅުންގެ އަތްޕުޅު މަތީގައެވެ. މިކަމާ ވަރަށް ބޮޑަށް އުޅެދެއްވާށެވެ. ތިޔަ ގައުމުތަކަށް އެކަން ކުރެއްވޭނެއެވެ.


އެކަންއޮތީ، އީޔޫ އިން ކުރައްވާނެ މަސައްކަތުގެ ނަތީޖާގެ މައްޗަށް ބިނާވެފައެވެ. އަޅުގަނޑުމެން ސަލާމަތުން އެނބުރި މުޖަތަމަޢަށް ނުކުމެ ރާއްޖޭގެ އިސްލާޙަށް މަސައްކަތް ފެށުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން ކުރައްވާނެ އަގުހުރި މަސައްކަތެއްގެ ފަހަތުގައެވެ. މިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކެރިގެން ނުކުމެ މައިދާނުގައި ތިބިމީހުން މިނިވަންވުމަކީ ދިވެހިރާއްޖޭގެ ކުރިއެރުމެވެ.


މިރާއްޖެ ބޭރުދުނިޔެއަށް ހުޅުވިގެން ދިއުމެވެ. މިރާއްޖެއަށް ދުނިޔޭގެ ފައިސާވެރިން އައިސް އިންވެސްޓްކޮށްހެދުމެވެ. އަޅުގަނޑަކީ ކިޔަވާ ނިމުނީއްސުރެ ރާއްޖޭގެ އިސްލާޙަށް މަސައްކަތްކުރާ މީހެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލް އަށާއި އިންގްލިޝް ޕެންއަށް ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަޅުގަނޑަކީ ޕެންޖަމާޢަތުގެ އޮނަރަރީ މެންބަރެކެވެ. 1994 ވަނަ އަހަރު ރާއްޖޭގައި ސިޔާސީޕާޓީއެއް އުފެއްދޭތޯ މަސައްކަކުރި ތިންމީހުންގެ ތެރެއިން އެކަކެވެ.


އެދުވަސްވަރަކީ މިހާރު ބޭނުންކުރަމުން މިގެންދާ ޤާނޫނުއަސާސީ އިސްލާހު ކުރަމުން ގެންދިޔަ ދުވަސްވަރެވެ. މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނު އަރިހަށް އަޅުގަނޑު ގެންދިޔައީމެވެ. އެހެނަސް ރައީސް މައުމޫނު ވިދާޅުވީ އަދި ރާއްޖޭގައި ސިޔާސީޕާޓީއެއް ނުހިންގޭނެ ކަމަށެވެ.


އަދި އޭގެފަހުން، 2001 ވަނަ އަހަރު، 42 މީހަކު ސޮއިކޮށް ސިޔާސީޕާޓީއެއް އެމްޑީޕީ ނަމުގައި ރަޖިސްޓްރީ ކުރުމަށް އިސްކޮށް އުޅުނު ތިންމީހުންގެ ތެރެއިން އެކަކީ ވެސް އަޅުގަނޑެވެ. މިކަމުގައި އަޅުގަނޑުމެން ޖިހާދު މިކުރަނީ ޤާނޫނު އަސާސީން އެޙައްޤު ލިބިދީފައި ވާތީއެވެ.


އެހެނަސް އަދިވެސް ދިވެހި ފަސްގަނޑުގައި މިވަނީ، އެކަން ނުކުރެވިފައެވެ. އީޔޫގެ އެހީތެރިކަން ބޭނުންވަނީ އެހެންވެގެންނެވެ. މަލްޓިޕާޓީ ސިޔާސަތާއި ޕާޓީސިސްޓަމް ސިޔާސަތު މިގައުމުގެ ގާނޫނީ އޮނިގަނޑު ރެތެއަށް ވައްދާއި ދިރުވަން އެބަޖެހެއެވެ. ތިޔަބޭފުޅުން މިކަން ހަގީގަތަކަށް ވުމަށް އެހީތެރިވެ، ބާރުއަޅައި ދެއްވާށެވެ.


އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ ވެސް އެކަންކުރުމުގެ ބޭނުމުގައެވެ. އެނިޔަތުގައެވެ. "އައި އޭމް އަ ރިފޯމަރ" އާއި "އައި ވިލް ޑައި ފޯ ޑިމޮކްރަސީ" އާއި "ލޯންގު ލިވް ޑިމޮކްރަސީ" އާއި އަހަންނަކީ ސިޔާސީ މީހެއް... ޅެންވެރިއެއް ނޫން" މިހިރީ އަޅުގަނޑުގެ ކެމްޕޭނުގައި ކާމިޔާބު ހޯދުމަށް އަޅުގަނޑު ޒުވާންކުދިންނަށް ހިތްވަރުދިނުމަށް އަޑުއުފުލާއި ބޭނުންކުރި ސްލޯގަން ތަކާއި މޮޓޯތަކެވެ.


ކެމްޕޭންޕޯސްތަރެއް
ކެމްޕޭންޕޯސްތަރެއް

ޒުވާނުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބުނެވެ. އދ.އަތޮޅުގެ ޒުވާނުންގެ ތަރުހީބު ފުރިހަމައަށް ލިބުނެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު ނުދަންނަ ދާއިރާއަކުން ކުރިމަތިލައި މިފަދަ ކެންޕޭނެއްކޮށް ބޮޑުކާމިޔާބެއް ހޯދުނެވެ. ގިނަޒުވާނުން މިފަދަމަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށްލަން ބޭނުންވެއެވެ. އެމީހުންގެ ސިކުނޑިތައް މިހަރަކާތަށް ބޮޑަށް ރުހި މަރްޙަބާ ކިޔައެވެ. ވެރިކަމަކީ ދައުރުވާ އެއްޗަކަށް ހަދަން ބޭނުންވެއެވެ.


ވިމާ މިނުކުތާތަކަށް ތިޔަބޭފުޅުންގެ ވިސްނުމަށް ބިނާކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ރިޕޯޓުތަކުގައި ހިމަނުއްވާށެވެ. ދަންނަވަން ތޯއެވެ! އަޅުގަނޑުގެ ހަމައެކަނި ކުށަކީ، ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލާއި އަޑުއުފުލިކަމެވެ. މިއީ އެކަމާހެދި އުފުލަން ޖެހޭއަނިޔާތަކެވެ. ދަންނާށެވެ! މިއީ ސިޔާސީ ލީޑަރުންތަކެއް ނެތިކޮށްލުމަށް ހިންގާ ލާއިންސާނީ ކަންތައްގަނޑެކެވެ. ގައުމުގެ ކުރިމަގު އެހެންބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ ރާވައިގެން ހިންގާ ޖަރީމާއެކެވެ. ޖަލުގެ އަނިޔާތަކެވެ. މުޅިމިކަމަށް ހައްލެއް ގެނެސް ދެއްވުން އޮތީ ތިޔަބޭފޫލުންގެ ކުރިފުޅުމަތީގައެވެ. އީޔޫ ޕާލަމެންޓުގެ މޭޒުމަތީގައެވެ. މަގު މިއޮތީ މިހާރު ހުޅުވިފައެވެ.


ކެމްޕޭންޕޯސްޓަރެއް
ކެމްޕޭންޕޯސްޓަރެއް

އީޔޫ އިން އެމަސައްކަތް ވީހާއަވަހަށް ފައްޓަވައި ދެއްވާށެވެ. ރާއްޖޭގެ އެތައް ޢާއިލާތަަކެއް މިކަމާހެދި ހަލާކުވެގެން މިދަނީއެވެ. މިކަމާ ފަރުވާތެރި ކަމާއެކު އީޔޫ އިން ވިސްނެވުމަށް އާދޭހާއެކު އެދެމެވެ. މިވާހަކަތައް ތިޔަބޭފުޅުންގެ ޕާލަމެންޓަށް ގެންދަވާއި އެޖެންޑާކޮށް ދެއްވާށެވެ. ގަރާރުތައް ފާސްކުރައްވާށެވެ. އަޅުގަނޑުގެ ތަރުޖަމާނު ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ރަނގަޅެވެ. އެކުރައްވާ ތަރުޖަމާ ވެސް ރަނގަޅެވެ. އެބޭފުޅާއަށް ހިތުގެއަޑިން ޝުކުރުވެރިވަމެވެ. މިހެން މި ދެންނެވީ އިނގިރޭސި ކުރައްވަމުން އެގެންދަވާ ވާހަކަތައް ރަނގަޅަށް އަޅުގަނޑަށް ފަހުންވާތީއެވެ.


މިވާހަކަތައް މިހާހިސާބަށް ކިޔައި ދިނުމަށް ފަހު، ތިހާމަތީފެންވަރުގެ ވަފުދެއް އީޔޫއިން ފޮނުއްވައިގެން އަޅުގަނޑުމެންނާ ޖަލުގައި ބައްދަލުކޮށް ހެއްދެވުމަށް ފަހު، އެނބުރި ވަޑައިގެން ތިޔަބޭފުޅުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ދެންނެވުމުން އިސްކޮށް އިންނެވި ބޭފުޅާ ވިދާޅުވިއެވެ. ތިޔައީ ވަރަށް ރަނގަޅު ސުވާލެކެވެ. ދެން އެއަށްފަހު، ވިދާޅުވެ ދެއްވިއެވެ!


އެހެން ގައުމުތަކުންވެސް ދަނީ، މިކަމާ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އީޔޫ އިންވެސް ގެންދަނީ އެހެން ގައުމުތަކާ ގުޅިގެން ޙިކްމަތްތެރި ކަމާއެކު މަސައްކަތް ކުރަމުންނެވެ. ވީހާއަވަހަށް ރާއްޖޭގައި ހިންގާފައިއޮތް ސްޓޭޓް އޮފް އިމަރޖެންޖެންސީގެ ޙާލަތު ނެގުމަށް އެޅެންހުރި ހުރިހާފިޔަޅެއް އަޅަމުން ގެންދާނަމެވެ.


އަސާސީން ހިފޭއްޓިފައިހުރި ޤާނޫނުތައް ދޫކޮށްލުމަށް ބާރުއަޅާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެ ދެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް މެމްބަރުންނާއެކު އަނބުރާކުރިޔަށް ގެންދެވޭގޮތް ހެދޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އީޔޫ އިންނާއި އެމެރިކާ އާއި އިނގިރޭސި ވިލާތުން ކުރަމުން މިގެންދާ މަސައްކަތުގެ އަސަރުތައް ވަރަށް އަވަހަށް ތިޔަބޭފުޅުންނަށް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ދެއްވިއެވެ.


މިއަޑު އިވިފައި އަޅުގަނޑު އުފަލުންގޮސް ދެލޮލުން ކަރުނަ ފޮހެންޖެހުނެވެ. ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ދެންނެވީމެވެ. ކޮންމެހެންވެސް ތިޔައީ ވީހާއަވަހަށް ކޮށްދޭންޖެހޭ ކަމެކޭ ދެންނެވީމެވެ. ހުރިހާ އަސާސީޙައްޤު ތަކެއް ހުރީ ރައީސް މީހާގެ މުށުތެރޭގައެވެ. އަޅުގަނޑު މެންނަށް ލޯޔަރުންވެސް ހަމަޖެއްސޭކަށް ނެތެވެ. ރައްޔިތުންނަށް ގާނޫނުއަސާސީ ފުރިހަމަކޮށް ލިބޭނެގޮތް، ވީހާއަވަހަށް ހައްދަވައި ދެއްވުމަކީ އަޅުގަނޑުމެންގެ އެންމެބޮޑު އެދުމެވެ.


މިއީރާއްޖޭގެ އިސްލާޙީ ހަރަކާތުގެ ހުރިހާ ބައިވެރިންގެ ގޮވާލުމެވެ. އަދިވެސް އަޅުގަނޑު ދެންނެވީމެވެ. މިއަދަކީ ޖަލުގެ ކުޑަގޮޅީގައި މިވީދުވަސް ތަކުގައި އަޅުގަނޑު އެންމެއުފާ ކުރިދުވަހެވެ. އަޅުގަނޑު މެންގެ އިޙްސާސްތައް ދެނެގަތުމަށް އީޔޫ އިން ތިޔަފެންވަރުގެ ފަވުދެއް ފޮނުއްވީމައެވެ. އަދި ތިޔަދެއްކެވި އޯގާތެރި ވާހަކަފުޅު ތަކުންނެވެ.


މާދަމާ އަޅުގަނޑުގެ އަންހެނުންނާ، ﷲގެ އިރާދަފުޅާ ލައިގެން ބައްދަލުވާނެއެވެ. އެހެނަސް އެއަށްވުރެވެސް ބޮޑަށް މިއަދު އަޅުގަނޑު އުފާވެއްޖެއެވެ. ސަބަބަކީ ތިޔަހާ ދުރުން އީޔޫގެ މަތީފެންވަރުގެ ހަޤީޤަތްހޯދާއި ދެނެގަތުމުގެ ދިރާސާކުރުމަށް ވަފުދެއްގައި ތިޔަފެންވަރުގެ ބޭފުޅުންކޮޅެއް، ޖަލުގެ ކުޑަގޮޅިއަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށް ޙާލުއަޙްވާލު ބެއްލެވީތީއެވެ.


އަޅުގަނޑުގެ އުދާސްތައް އަޑުއައްސަވާއި ހިތަށް ފިނިކަމެއް ގެނެސް ދެއްވީތިއެވެ. އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަޔް ކޮށްލެއްވުމުގެ ދައުވަތު އަރުވަމެވެ. ދޫނިދޫޖަލުން ފުރުއްވުމުގެ ކުރިން އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރައްވާނެ ކަމުގެ އުންމީދު ކުރަމެވެ. އަދި ވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. ދެން ވާހަކަނުދައްކަވާ އިންނެވި އަންހެން ބޭފުޅާ އެއްސެވީ ޖަލަށްގެނައީ ކޮންތާކުން ކިހިނެއް ހެއްޔެވެ. ޙާދިޘާހިނގި މައިދާނުން ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ގޮސްއުޅުނީ ސަރުކާރުން މަތީފެންވަރުގެ ބޭފުޅަކު ގުޅާފައި އެމައިދާނަށް ވަޑައިގަތުމަށް އެދިވަޑަައި ގަތުމުންނެވެ.


ބުރާސްފަތި ދުވަހުގެރެއާއި ހުކުރު ދުވަހުގެ ހެދުނުން ބައެއްގައި އަޅުގަނޑުމެން އެމައިދާނުގައި އުޅުނީމެވެ. އަޅުގަނޑު ހައްޔަރުކޮށްގެން ގެނެސް ޖަލަށްލާއި ކުޑަގޮޅީގައި ބަންދުކުރީ، އަޅުގަނޑުގެ ކުޑަދެކުދިންނާއެކު އަމިއްލަގޭގައި ޓިވީބަލަން އިންދައެވެ. ސިފައިންގެ ގުރޫޕެއް ގެއަށްގޮސް ހައްޔަރުކޮށްގެން ގެނެސް ކަނުބަނދެފައި ރަނގަޅަށް ތަޅާލީއެވެ. އެރޭގެނައި ގޮތަށް އަދިވެސް މިއިންނަނީ ކުޑަގޮޅީގައެވެ. ގޮޅިން އަޅުގަނޑު، މިނެރުނީ ތިޔަބޭފުޅުން ގޮޅިއާހިސާބަށް ނުގެންދަން ވެގެންނެވެ. އެހެންނޫންނަމަ ގޮޅިން އަދިވެސް ނުނެރުނީހެވެ.


ދެން އޭނާ އޯކޭއޭ ދެންނެވިއެވެ. މީނާ އިންނެވީ އަޅުގަނޑު ދެއްކި ވާހަކަތަކުން ވަރަށް އަސަރުކޮށްފައެވެ. އަދިވެސް އެދުވަހުން ފެށިގެން އަޅުގަނޑު މިއުޅެނީ ސިފައިންގެ އަނިޔާގައި ކަމަށް ދެންނެވީމެވެ. މިތާ މިތިބޭ ސިފައިންގެ ކުލުނެއް ހަމްދަރުދީއެއް ނުހުރެއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ސިކުނޑިތައް ހަލާކުކޮށްލާށެވެ. މޮޔަކޮށްލާށެވެ. ޖަލުންނުކުމެ ސިޔާސީ ކަމެއްގައި ނޫޅެވޭނަރު ކޮށްލާށެވެ.

ތަޙުޤީޤު ކުރުމުގެ ގޮތުން، އަދި އެއްވެސް ސުވާލެއް ކުރާކަށް ނުފަށައެވެ. ގާނޫނީ ވަކީލެއްގެ ކަންތައް ވެސް ހަމަޖައްސައެއް ނުދެއެވެ. ހީވަނީ ކާފިއޫ ހިންގާފައި އޮތުމުން އެޙައްޤުތައް ނުދެނީހެންނެވެ. އަޅުގަނޑު ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިއެއް ނުވަމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑު ދިޔައީ ރައީސް މައުމޫނު ވިދާޅުވެގެން ނޭބުނުއްވައި އިންފޯރމޭޝަން މިނިސްޓަރު ގުޅާފައި ހޮން ގާސިމް އިބްރާހިމް އަރިހުގައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ހުރިހާ މެމްބަރުން ވީހާއަވަހަށް ވަޑައިގަތުމަށް އެދިވަޑައި ގަތުމުންނެވެ.


އަޅުގަނޑުމެން ހުރިހާ މެމްބަރުން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރުން އެދުނު އެދުމެއްގެ މަތިންނެވެ. މިހާހިސާބަށް އަޅުގަނޑުގެ ވާހަކަތައް ދިއުމުން، ޢަބްދު ﷲ ރިޔާޒު ސޮރީއޭ ވިދާޅުވެ ވާހަކަތައް މެދުކަނޑާ ލެއްވީއެވެ. މިހާރު އިލްޔާސް ތިޔަދައްކަވަނީ ތަޙުޤިޤާގުޅޭ ވާހަކަތަކެވެ. ތަޙުޤީޤާބެހޭ އެއްވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެއީމަނާ ކަމެކެވެ. ދެން އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ ވާހަކަތައް ހުއްޓާލާށެވެ. އީޔޫ ވަފުދުގެ ބޭފުޅުން މިކަމާ ވަރަށް ދެރަވިއެވެ. އެއްގޮތަކުން މިވީ ވެސް ރަނގަޅެކެވެ. އެބޭފުޅުންނަށް ސިފައިންގެ ވައްތަރު ދަނެގަންނަން ފަސޭހައަކަށް ވީއެވެ.


އެހެނަސް މިވާހަކަތައް ނުދެއްކެންޏާ ދެންދައްކާނެ އިތުރުވާހަކައެއް ނެތޭދަންނަވައި އަޅުގަނޑު ހުރިހާބޭފުޅުންނާއި ސަލާމްޤަލާން ކުރުމަށްފަހު ނިންމާލީއެވެ. އެއަންހެން ބޭފުޅާއަރިހުގައި މިނިވަން ވުމުން ބައްދަލުވާން ބޭނުމޭ ދެންނެވުމުން އޭނާގެ ވިޒިޓިންކާޑުދޭން އުޅުމުން އެކަންވެސް، އަބްދު ﷲ ރިޔާޒު މަނާކުރެއްވިއެވެ. ދެފަރާތުން ޝުކުރުތައް ބަދަލު ކުރުމަށް ފަހު ވަކިވީއެވެ. ދެން އަޅުގަނޑު ގެނެސްވެއްދީ ގޮޅިއަށެވެ."


މިއީ ވަރަށް ފުރިހަމަ ބައްދަލުވުމެކެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުވާނެއެވެ. މިބޭފުޅުން ހުރިހާވާހަކަތަކެއް ނޯޓުކުރެއްވިއެވެ. އަންހެން ދެބޭފުޅުންނާއި އިސްކޮށް އިންނެވި ބޭފުޅާ ސުވާލުކޮށް ހައްދަވާއި ވަރަށް ފުރިހަމައަށް މިވާހަކަތަކުގައި ބައިވެރިވެ ލެއްވިއެވެ. މިބައްދަލުވުމުގެ ވިސްނުމާއި ފިކުރުތަކުގައި ރޭގަނޑުގެ ނިދިއެއްކޮށް ދުއްވާލަން ޖެހުނެވެ. އެއްގޮތަކަށް ވެސް ނިދިނައިސް ވަރަށްގިނައިރު އެފިކުރުތަކުގައި ގެނބިގެން ހޭލާއޮންނަން ޖެހުނެވެ. ކުރިޔަށް އޮތް މުސްތަގުބަލުގެ އުފާތަކުން ފުރުނު ރެއެކެވެ. އަލްޙަމްދުލިއްލާހި!


އެކަމާ ގުޅޭ އީޔޫގެ ތިން ރިޕޯޓެއް މިތިން ލިންކުން ފެންނާނެއެވެ. މިއީ އީޔޫ އާއި އެމްނެސްޓީގެ ރިޕޯޓުތަކެވެ. ކިޔާލައްވާށެވެ! މިއީ މަންޒަރު ލޮލުން ދުށްގޮތަށް މީހުން ކިޔައިދިނުމުން ދިވެހިއޮބްޒާވަރުގައި ލިޔުނުތޮވެ. ކިޔާލައްވާށެވެ!


އަދި، ހައްޔަރުކޮށް ފައިތިބީ، 82 މީހުންކަމަށް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 196 މީހުންކަމަށާއި މައްސަލަ މުޅިން ނުނިމޭކަމަށް އަންގައި ދޫކޮށްލީ ޖުމްލަ، 114 މީހުން ކަމަށް ވެސް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރެއްވިއެވެ.


އަދި 2003 އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ތިބިމީހުންނާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސްގެ ފަރާތުން ބައްދަލު ކުރައްވައި އެމީހުން ހައްޔަރު ކޮށްފައިތިބި ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. މިކަންތައްތަކަކީ އީޔޫ ވަފުދުގެ ބޭފުޅުންނަށް ދެއްކުމަށް ޑޮކްޓަރ ޝަހީދާއި ޑޮކްޓަރ ޝައުޤީމެން އަޑީގައި ތިއްބަވައިގެން ހިންގެވި ޖަރީކުރުމާއި އަނދުން އެޅުވުމުގެ ކަންތަކެވެ.


14 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 12 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރަށް، އަންހެނުން ކަމުގައިވާ ރުކްސާނާ، ރުކުއާ ޖަލުން ބައްދަލުވި ދުވަހެވެ. ފުދޭވަރަކަށް ގިނައިރުވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ދިނެވެ. އަޅުގަނޑުގެ ދެކުދިން ކަމުގައިވާ ޓޭން އާއި ރޭމް، މުޅިން ރަނގަޅުކަމަށް ބުންޏެވެ. ގޭތެރޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. މަންމަމެންގެ ޙާލުވެސް ރަނގަޅެވެ. ރުކު ގޮވައިގެން ވިޒްކޯ ދޯނީގައި އައިސްހުރީ ކޮއްކޮ އިބުރޭ (އިބުރާހީމް ރަޝީދު ހުސައިން) އެވެ. ބައްދަލުވުން އޮތީ، ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ.


މިބައްދަލުވުން ނިމިގެން ދެމީހުންވަކިވި ވަގުތަކީ ވަރަށް އަސަރުކުރި ހިނދުކޮޅެކެވެ. ދެމީހުންނަށް ވެސް ރޮވުނެވެ. ކުރާނެ ކަމެއް ނެތެވެ. ޖެހުނީ ބައްދާ ސަލާމަކުން ވަކިވާށެވެ. ދޯންޏަށް ގޮސްއަރަންދެން އަޅުގަނޑު ބަލަންހުރީމެވެ. އަޅުގަނޑު ހުއްޓުނީމާ ލޭޑީ، އެކަމާއަޅާ ނުލެއްވީއެވެ. މިފަހަރު، ލޭޑީ އަޅުގަނޑާ ދޭތެރޭގައި ކަންތައް ބަހައްޓަވަނީ ވަރަށް ރަނގަޅެވެ. އިންސާނީވަންތަކަމާ އެކުގައެވެ. އިބުރޭ ދޯނީގައި ހުއްޓާ، އަޅުގަނޑަށް ފެނިގެން އިބުރޭއަށް ވޭވްކޮށް ލެވުނެވެ. އެމީހުން ވެސް ވޭވުކޮށް ހެދިއެވެ.


އޭއައި އިފެއްދުމެއް (އަސްލެއްނޫން)
އޭއައި އިފެއްދުމެއް (އަސްލެއްނޫން)

25 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 13 ވަނަ ދުވަހެވެ. މިއަދު ޖަލުތެރެއާ ގުޅިގެން ޚާއްސަކަމެއް ނެތެވެ. އެހެނަސް "އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ހިންގި ކަންތައްތަކާ ގުޅިގެން، ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ކަމުގެ ޙަޤީޤަތާޚިލާފަށް ދޮގުމަޢުލޫމާތު ފަތުރަމުން ގެންދާތީ، ކަމުގެ ޙަޤީޤަތް ހާމަކޮށް ދެއްވުމަށް ޓަކައި" ރައީސުލް ޖުމްހޫރިއްޔާ، 8 ޤައުމަކަށް ޚާއްސަ މަންދޫބުން ފޮނުއްވި ޚަބަރު މިއަދު ލިބުނެވެ.


މިގޮތުން، ސްރީލަންކާ، އިންޑިއާ، އަދި ޕާކިސްތާނަށް ފޮނުއްވީ، ހެލްތް މިނިސްޓަރ އަޙްމަދު ޢަބްދު ﷲ އެވެ. އިނގިރޭސިވިލާތް، އިޓަލީ، އަދި ޖަރުމަނަށް ފޮނުއްވީ، ޓުއަރިޒަމް މިނިސްޓަރ ޙަސަން ޞާބިރެވެ. ސިންގަޕޫރަށާއި މެލޭޝިޔާއަށް ފޮނުއްވީ ޖެންޑަރ، ފެމެލީ ޑިވެލޮޕްމަންޓް އެންޑު ސޯޝަލް ސެކިއުރިޓީ މިނިސްޓަރ އަނީސާ އަޙްމަދެވެ. މިބޭފުޅުންގެ އަތްޕުޅުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިޤައުމުތަކުގެ ވެރިންނަށް ރައްދު ކުރެއްވުމަށް، ސިޓީފުޅު ތަކެއް ފޮނުއްވިއެވެ. މިއީ މުޅިން ވެސް ސަރުކާރުގެ ޕްރޮޕެގެންޑާ މަސައްކަތް ތަކެވެ.


26 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 14 ވަނަ ދުވަހެވެ. މިއަދު އެއްވެސް ކަމެއް ނުހިނގައެވެ. ގޮޅީގައި ހަމަހުރީއެވެ.


27 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 15 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ.


28 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 16 ވަނަ ދުވަހެވެ. ޖަލުތެރޭގައި އެއްވެސް ކަމެއް ނުހިންގައެވެ. އެހެނަސް މިއަދު، "ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެކަންކަން ރޭވިކަމަށް ތުހުމަތު ކުރެވޭ" މީހުންގެ މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާގޮތް ބެލެހެއްޓެވުމަށް ތަޙްޤީޤާބެހޭ ކޮމެޓީއެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ޚަބަރު ލިބުނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލަވައިލެއްވި މިކޮމެޓީގައި ހިމެނިވަޑައިގަތީ، ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު އާއި އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އާއި ބަންޑާރަނާއިބު ޑޮކްޓަރ ޙަސަން ސަޢީދެވެ.


މިއީވެސް ބޭރުދުނިޔެއަށާއި ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދެއްކެވުމުގެ ގޮތުން އެޅުއްވި އަނދުނެކެވެ. މިހުރިހާ ފިޔަވަޅު ތަކެއް ސަރުކާރުން އަޅުއްވަމުން ގެންދެވިއިރު ވެސް ބައިނަލް އަޤްވާމީ މުޖްތަމަޢުން ޤަބޫލުކުރަމުން ގެންދިޔައީ އިސްލާޙީ ޙަތަކާތުގެ ބައިވެރިން ހިތުގެ އަޑިން ފާޅުކުރަމުން ގެންދިޔަ އަސަރުގަދަ ޝުޢޫރުތަކާއި ވާހަކަތަކެވެ. އަދި ރާއްޖެއިން ބޭރުގައި އިނގިރޭސި ވިލާތާއި ސްރީލަންކާ އާއި އެމެރިކާ އާއި ސްވިޓްޒަލޭންޑް ގައި ގައިމުވެ ތިއްބެވި އިސްލާޙީ ޙަރަކާތުގެ ބައިވެރިންގެ ވާހަކަތައް ގެންދެވީ ބައިނަލް އަޤްވާމީ މުޖްތަމަޢުން ކަނުލައި އައްސަވަމުންނެވެ.


އީޔޫ އިންނާއި ކޮމަން ވެލްތުންނާއި ޔޫއެން އިން ގެންދެވީ، ރާއްޖެއާ ގުޅިގެން ސިޔާސީ ޙަޤީޤަތްތައް ހޯއްދަވާއި ދިރާސާތައް ކުރައްވަމުންނެވެ. ޙަސަން ޞާބިރަށާއި ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސަން ސަޢީދަށް ޖެހިވަޑައިގަތީ މެދުމިންވަރު ޚިޔާރުކޮށް ބައިނަލް އަޤްވާމީ މުޖްތަމަޢު ކުރިމަތީގައި ތެދުމަގުން ވާހަކަތައް ދައްކަވާށެވެ. އަދި ފަހުގެ މަރުޙަލާއެއްގައި ޑޮކްޓަރ އަހްމަދު ޝާހީދު ވެސް މިމަގުން ހިންގަވާން މަޖްބޫރުވީއެވެ. އަދި އަޑިއަޑިން އެފަރާތްތަކާ ގުޅުންބަދަހި ކުރެއްވީއެވެ.


މިހިސާބުން ރައީސްމައުމޫނު ސަރުކާރުގެ ޕްރޮޕެގެންޑާތައް ދިޔައި ދަށްވަމުން، ފަނޑު ވަމުންނެވެ. މީގެ ތެރެއިން ޒުވާން ވަޒީރުބޭފުޅުން ގެންދެވީ ރައީސް މައުމޫނަށް އޮޅުވާ ލައްވަމުންނެވެ. ބައެއްކަންކަން ސިއްރުކުރައްވަމުންނެވެ. އަދި އިދިކޮޅު ލީޑަރުންނަށް ހަމްދަދަރުދީ ވަމުންނެވެ. ހަސަންސައީދާއި ޑޮކުޓަރު ޝަހީދުމެން ފަދަ ޒުވާން ވަޒީރުންނަށް މިބަދަލު އަންނަން ފެށީ، ބޭރުގެ އެމްބަސީތަކުގެ އެމްބެސަޑަރުންގެ ވާހަކަތަކާއި މަސައްކަތްތަކުގެ ނުފޫޒު ކުރިލެއް ބޮޑުކަމުންނެވެ.


29 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު، "އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ، ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ" އިތުރު، 4 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ. މިޚަބަރުތައް ދެނީ ފުލުހުންނެވެ.


3 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަ ދުވަހެވެ. މިއަދާއި މިދިޔަ، 4 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އާދައިގެ މަތިން ގޮޅީގައި ހުރީއެވެ. ނަމާދުކުރުމާއި ގުރުއާން ކިޔެވުން ބަރާބަރަށް ކުރިޔަށް ގެންދަމެވެ. ހަވީރުސަޔަށް ފަހު ގޮޅީތެރޭގައި ކުރެވޭ ކަސްރަތުޔައް ކުރިޔަށް ގަވާއިދުން ގެންދަމެވެ. ކޮންމެދުވަހަކު ވެސް ކަސްރަތަށް ވަގުތު ހުސްކުރަމެވެ.


ސިފައިންނާއި ފުލުހުން ވަކިދެއިދާރާއަށް ވަކިކުރެއްވުން:


ޚަބަރުތައް ލިބުނުގޮތުގައި، 1 ސެޕްޓެމްބަރު 2004 ވީބުދަ ދުވަހު، ސިފައިންނާއި ފުލުހުން ވަކިކުރައްވައި، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ފުލުހުންގެ މަދަނީ އިދާރާ ޤާއިމުކުރެއްވިއެވެ. "މޯލްޑިވްސް ޕޮލިސް ސާވިސް" ގެނަމުގައި މަސައްކަތްފެށީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގު ގައެވެ. ފެންނަމުން މިދަނީ، ކުރިން ނުފެންނަފާޑުގެ ބައެއް އިސްލާހު ތަކެވެ. މިއިސްލާހު ތަކުގެ ފަޚުރު ޖަލުގައި ތިބެގެން އަޅުގަނޑުމެން ގެންދިޔައީ ހިތުގެއަޑިން ލިބިގަންނަމުންނެވެ. އުފާފާޅުކުރަމުންނެވެ.


ދެޔުނީފޯމް އާއި ދެބާރުގެ ޕަޕެޓުވެރިންނާއި ބޮސް ރައީސްމައުމޫނު
ދެޔުނީފޯމް އާއި ދެބާރުގެ ޕަޕެޓުވެރިންނާއި ބޮސް ރައީސްމައުމޫނު

4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރުގެ އެހީތެރިއަކަށް ހުންނަވާ އޮފިސަރު ޝާހިދު (މެޑިކު ޝާޑް) ދުރުވެ، ޑޮކްޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. މިޑޮކްޓަރަކީ އޯޑިއޯންގައި އިންނަވާ ޑިފެންސް މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ޑޮކްޓަރެވެ. އަޅުގަނޑުގެ ލޭގެޓެސްޓެއް ކުޑަކުޑަ ގުލޫކޯ މީޓަރަކުން ހެއްދެވިއެވެ. ރެންޑަމްކޮށް ޝުގަރހުރީ، 172 ގައެވެ. މިއީ ވަރަށް ރަނގަޅު މިންގަނޑެކެވެ. މިކަމާ ހިތްހަމަ ޖެހުނެވެ. ޑޮކުޓަރު ހިތްވަރު ދެއްވިއެވެ. މިއީ ހައްޖުމޫސުމުގައި ފެނިފައި ވާތީ މިހާރު ވަރަށް ރައްޓެހި ޑޮކުޓަރެކެވެ.


ދުވަސްތަކެއް ކޮށްފައި މެންދުރެއްހާއިރު، މިއަދު ތަޙްޤީޤަށް ނެރުނެވެ. މިއީ މިބުރުގައި ތަޙްޤީޤަށްނެރޭ ތިންވަނަ ފަހަރެވެ. މިއީ ލޮޔަރެއްނެތި ވާހަކަދައްކާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ވެސް އަޅުގަނޑަށް ދެއްކީ، ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާނު ކުރެއްވި ޤަރާރުގެ ފޮޓޯކޮޕީއެވެ. އެލިޔުން ކިޔާލިއިރުއޮތީ، އަސާސީ ޙައްޤުތަކާއި ވާޖިބުތަކުގެ މުހިންމު ޤާނޫނުތައް ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވާއި ހިފާއްޓަވާފައެވެ.


ދެން އަޅުގަނޑަށް ޖެހުނީ ރަފްބަޔާނެއް ދޭށެވެ. ތަޙްޤީޤަށް ލޮޔަރަކާ ނުލައި އެއްބާރުލުން ދޭށެވެ. މިވީގޮތުން މިދުވަސްކޮޅު މިވަނީ ލޮޔަރެއްގެ ހައްގު ގެއްލިފައިކަން އެނގުނެވެ. އެހެންވުމާއެކު ބަޔާންދޭން ޖެހުނީއެވެ. މިބަޔާންލިޔުނީ ނަވާޒެވެ. ޢަލީ އަޙްމަދު ބައްލަވަން އިންނެވީއެވެ.


މިއަދުގެ ވާހަކަތަކުގައި ބޮޑަށް ގެންދެވީ، ލޮނުޒިޔާރަތް ކޮޅުގެ އެއްވުންތަކުގެ ވާހަކަތަކާއި ޖަމާލުއްދީން ސްކޫލްގައި ޑިމޮކްރަސީ ކޭކުފެޅި ބައްދަލުވުމުގެ ވާހަކަތަކެވެ. ތަހުގީގު މިފެށީ ވަރަށް ކުރިންނެވެ. ޖުމްހޫރީ މައިދާނުގެބައި އެހެން ދުވަހަކަށް ލަސްކޮށްލާފައި ބޭއްވީއެވެ. ނަވާޒު ރަފުކޮށް ލިޔުއްވި ބަޔާނުގައި ސޮއިކޮށް ލުމުން ތަޙުޤީޤުގެ ކަންތައް މިއަދަށް ނިންމާ ލެއްވީއެވެ.


ދެން ގެނެސްލީ ހަމަހުރި ގޮޅިއަށެވެ. މިއަދު ޢަޞުރު ނަމާދަށް ފަހު، ގޮޅީގައި އިންދާ ފެންނަނީ، ބޭފުޅުންކޮޅެއް ޖަލުތެރޭގައި އުޅުއްވަނިކޮށެވެ. އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން، އެބޭފުޅުންގެ ތެރޭގައި އިސްކޮށް ފެންނަން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅުގެ މެމްބަރު ޙަސަން ޢަފީފަށް ގޮވާލާފައި މިގޮޅިއަށް ވެންނެވުމަށް އަޅުގަނޑު ދެންނެވީމެވެ.


މިކޮމެޓީއަކީ ޖަސްޓިސް މިނިސްޓްރީގައި މަޖިލީހުގެ ދެމެމްބަރުން ހިމެނޭގޮތަށް އުފައްދަވާފައި އޮންނަ، ޖަލުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބައްލަވާ ކޮމެޓީއެވެ. މިބޭފުޅުންގެ ތެރޭގައި ޢަފީފުގެ އިތުރުން ތިއްބެވީ، ޤާޟީ އާދަމް ސަޢީދާއި އިސްޤާޟީ ޙުސައިން ރަޝީދު (ތުޅާދޫ) އާއި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު އައިންދީއެވެ.


ޖަނަވާރުން ބަންދުކޮށްފައި ތިބޭ ޒުލަކަށް ޒިޔާރަތް ކުރައްވާހެން، ދުރުދުރުން ބައްލަވާ ލައްވާފައި ތިޔަހެން ވަޑައި ގަންނަވައިގެން ނުވާނޭ ދެންނެވުމުން މިބޭފުން އަޅުގަނޑުގެ ގޮޅިއަށް ވަންނަވައި ފިއެވެ. މިބޭފުޅުންނާއެކު ލޭޑީ ހުންނެވިއެވެ. ގޮޅީގެދޮރު ހުޅުވައިދެއްވީ ލޭޑީއެވެ. މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑު ވަރަށްގިނަ ވާހަކަ ދެއްކީމެވެ. މުޅި ސްޓޯރީ އެއްކޮށް ކިޔައި ދިނީމެވެ. އަލިފުންޔާއަށެވެ.


ކަނުބަނދެފައި ތަޅާލި ވާހަކައާއި އަދިވެސް މުޅިން ނުހިކޭ ފާރުކޮޅެއް ކަނައަތު ފައިގައި ހުރިވާހަކަ ދަންނަވާފައި އެތަން ދެއްކީމެވެ. އޭރުހުރީ ކުރަމަގާލި ލާފައެވެ. އެކުގައި މުޅިންރަނގަޅު ނުވެއެވެ. ކޮނޑުގައި އިންލަކުނުވެސް ދެއްކީމެވެ. އަދި ވެސް މިއިންނަނީ ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން އުދާސްތަކެއްގެ ގަދައަނިޔާގައި ކަމަށް ދެންނެވީމެވެ. އަދި ވެސް ފަންސޫރެއް، ޤަލަމެއް، ކަރުދާސް ކޮޅެއް، ނޫހެއް، ފޮތެއް، އަދި ރޭޑިޔޯއެއްފަދަ އެއްޗެއް ނުދޭކަމަށް ދެންނެވީމެވެ.


ތިޔަބޭފުޅުން މިތަނަށް ވަޑައިގެންނެވިއޭ ކިޔާފަ އިތުރުކަމެއް ވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ. މިތަނަށް އައިސް ޒިޔާރަތްކުރާ ވަފުދުތައް، މިހާރު ތަޙުޤީޤަށް ނެރޭވަރަށް ވުރެގިނަ ވެއްޖެއެވެ. މިހާތަނަށް ތަޙުޤީޤަށް ނެރެފައިވަނީ އެންމެ، 3 ފަހަރެވެ. އެއަށްވުރެ އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތައް ގިނައެވެ. ރައީސް މައުމޫނު ފޮނުއްވައިގެން ދެމިނިސްޓަރަކު ވެސް ވަޑައިގަތެވެ.


އެބޭފުޅުން މާލެވަޑައިގެން ހެއްދެވީ ރޯމަރުދޮގެވެ. އެނބުރޭ ފަންކާއެއް ލިބުނީ އެބޭފުޅުން ވަޑައިގެންނެވި ދުވަހަކީ ހޫނުގަދަ ދުވަހަކަށް ވާތީއެވެ. ﷲ އިރާދަ ކުރައްވައިގެން އެކަންތައް ފުރިހަމަވިއެވެ. އެނޫންކަމެއް އަދި މިހާތަނަށް ވެފައެއް ނެތެވެ. އަނެއްކާ ތިޔަބޭފުޅުން، މާލެ ވަޑައިގެން ދޮގުހައްދަވައި ރައްޔިތުންނަށް ޖަލުގެ ޙާލަތު އޮޅުވާލައްވައި ގެންނުވާނެއެވެ.


އީޔޫގެ މަތީފެންވަރުގެ ވަފުދެއް ވެސް، އަޅުގަނޑު މެންނާ ބައްދަލު ކޮށްފިއެވެ. އީޔޫން ރަނގަޅު ކަންތަކެއް ކޮށްދޭނެކަން ކަށަވަރެވެ. ތިޔަބޭފުޅުން ނަކީ ވެސް ސަރުކާރުގެ ރަސްމީ ވަފުދެކެވެ. މުޖްތަބާ އާއި ވަޙީދުއްދީނު މެންގެ ހިޔުމަން ރައިޓްސް ގްރޫޕުވެސް މިތަނަށް ވަޑައި ގެންފިއެވެ. ވީއެއްވެސް ކަމެއްނެތެވެ. ހުސް އޮފުދާރު، ކޮސްމެޓިކް ދަޅަދެއްކުމެވެ.


އަޅުގަނޑުމެން މިތިބެނީ އަނިޔާގައެވެ. ނަފުސާނީ ގޮތުންނާއި ފިކުރީގޮތުން ރަހީނުކޮށް ފައެވެ. ހުރިހާ ޙައްޤުތަކެއް ވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހައްދަވަނީ ހައްދަވާނެ ގޮތެކެވެ. މިވާހަކަތައް ދެންނެވުމުން ޖީސަސް ޢަފީފު ވިދާލުވެއްޖެއެވެ.


ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ފާޚާނާ ހުރީ ހުންނަންވާ ސާފުތާހިރުކޮށް ތޯއާއި ބޭސްފަރުވާގެ ކަންތައް ހަމަޖެހިފައި ހުރީ ރަނގަޅަށް ތޯއެވެ. ތިމަންނާމެން ބެލުންއޮތީ އެކަންތައް އެކަންޏެވެ. އަދި އިތުރަށް ވިދާޅުވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ ޖަލުތަކުގެ ޙާލަތުބެލުމަށް އުފައްދަވާފައި ރިޔާސީ ކޮމެޓީއެކެވެ. ޖީސަސް ޢަފީފު މިމޭރުމުން ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑު ނުރުހުމުގެ ގޮތުން ދެންނެވީމެވެ.


ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައް ލިބެމުން ދަނިކޮށް ތިޔަކަންތައް ތިޔަބޭފުޅުން ރަނގަޅުކޮށް ދެއްވާނެގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއްގޮތަކަށް ވެސް ނުވިސްނެއެވެ. މިއަނިޔާތަށް ލިބެމުންދާހާ ހިނދަކު، ރަނގަޅަށް ކައިބޮއި ރަނގަޅަށް ނިދާއި ރަނގަޅަށް ފާޚާނާކޮށް ހެދޭނެތޯއެވެ؟ ނުހެދޭނެކަން ޔަޤީނެވެ. ފުރަތަމަ އިސްކުރަން ޖެހޭކަންތައް ފުރަތަމައިނުން އިސްކުރައްވާށެވެ. މިވަފުދާ ދިމާވުމުން އަޅުގަނޑަށް ހުރެވުނީ ރުޅިގަދަ ވެފައެވެ.


އެހެންވީ ޖީސަސް ޢަފީފާއި މުޙައްމަދު ޝިހާބު މެންނަކީވެސް އަޅުގަނޑުމެންނެކޭ އެއްމިންވަރަކަށް މިކަމުގައި ބައިވެރިވެ އުޅުއްވި މީހުންނެވެ. އަޅުގަނޑުމެން ކުޑަގޮޅިއަށް ލާފައި މިބޭފުޅުން މިއަންނަނީ ރައީސް މައުމޫނުގެ ފަރާތުން ޖަލުގެ ޙާލަތާއި ކަންތައް ބަލާށެވެ. މިއީ ވަރަށް ހެއްވާ އިންސާފެކެވެ. ކުޑަގުޅަބޮޑުގުޅަ ވައްތަރު އިންސާފެވެ.  ގާތްދަންނަ މީހާއަށް ބޮޑެތިގުޅައެވެ. އެހެންމީހުންނަށް ކުދިގުޅައެވެ. ތިޔަދައްކަވާ ވާހަކަތަކެއް އަޅުގަނޑު އަޑުއަހާކަށް ނެތީމޭ ދެންނެވީމެވެ.


ތިޔަބޭފުޅުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ ދެންނެވީމެވެ. އެންމެ ކުޑަމިނުން ޙަޤީޤަތް ހާމަކޮށް ރަނގަޅު ރިޕޯޓެއް ތައްޔާރުކޮށް ލައްވަން ވެސް ނުކެރޭނެއެވެ. ސަރުކާރު ދެކެ އިންތިހާއަށް ބިރުގަންނާނެއެވެ. ތިޔަބޭފުޅުންނަކީ، ރައީސް މައުމޫނު ބޭނުންކުރައްވާ ކޮސްމެޓިކް ސާމާނުތަކަކެވެ. ތިޔައީ ބޭރުދުނިޔެއަށް ދެއްކުމަށާއި ޚަބަރުހެއްދެވުމަށް ފޮނުއްވާ ބަޔެކެވެ.


ބޭނުންފުޅުވާ ގޮތަކަށް ބޭނުންފުޅުވާ ކުލައެއް ތިޔަބޭފުޅުން ލައްވާ އެކިމަންޒަރުތަކުގައި ޖެއްސޭނެއެވެ. ބޭރުދުނިޔެއަށް މިކަންތައްގަނޑުގެ މޫނުމަތި ރީތިކޮށް ފުށްޖައްސާފައި ދެއްކުމަށް ކުރާމަސައްކަތު ތެރެއިން، ތިޔަބޭފުޅުންނަކީ ވެސް ބޭނުންކުރައްވާ ފިހިތަކެއް ފަދަ ބައެކެވެ. ތިޔައި ރިފޯމޭކިޔައިގެން ދައްކާހުސް ވާހަކަތަކެވެ. ތިޔަބޭފުޅުންނަށް ވާނެކަމެއް، ކުރެވޭނެކަމެއް ނޯންނާނެއެވެ.


މިހުންނެވި ޝައިޚް ޙުސައިން ރަޝީދަށް ރަނގަޅަށް، ﷲ ގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްފުޅުތައް އެނގިވަޑައި ގަންނަވާ އިރުވެސް އެއުޅުއްވަނީ ޔެސްމަނަކަށް ވެގެންނެވެ. ތިޔަބޭފުޅުންނަކީ ޔެސްމަނުންނެވެ. އާދެމަސާހިބުގެ އަޅުންނެވެ. ވިދާޅުވާގޮތަށް ކަންކުރަން މުސާރަދެއްވާފައި ތިބޭބައެކެވެ. އަމިއްލަ ޚިޔާލެއް އަރުވާކަށް ނުކެރެއެވެ. މަޝްވަރާއެއް އަރުވާކަށް ނުކެރޭނެއެވެ. އަބަދުވެސް ތިޔަތިއްބަވަނީ، އާދެ! އާދެ! ކިޔުއްވަ ކިޔުއްވައި ގުދަށެވެ.


މިޖަލު އިސްލާހު ކުރެއްވުމަށް ވުރެން ކުރިން، ރާއްޖޭގެ ޢަދާލަތާއި ޖަސްޓިސް ދާއިރާ އިސްލާހު ކުރެވޭތޯ ބެއްލެވިއްޔާ މާއިންސާފު ވެރިވާނޭ ކިޔާއި ހަޅޭލަވަލަވާ ހުއްޓާ މިބޭފުޅުން ގޮޅިން ނުކުންނަވައި ހިންގަވައި ގެންފިއެވެ. އަވަހަށް އެހެން ގައިދީއަކު މަގުފުރައްދަން ވަޑައިގަންނަވާށޭ ކިޔާފައި ޖީސަސް ޢަފީފު އާ ސަލާމްކޮށްލައި ވާހަކަތައް ނިންމާލީއެވެ. ދެން މިބޭފުޅުން ދެންހުރި ގޮޅިއާ ދިމާއަށް ވަޑައިގެންފިއެވެ.


5 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 24 ވަނަ ދުވަހެވެ. މިއަދަކީ ޚާއްސަކަމެއް ނެތް ދުވަހެކެވެ.


6 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 25 ވަނަ ދުވަހެވެ. މާދަމާ ޑޮކުޓަރަށް ދައްކާލަން ބޭނުންވާނެ ވާހަކަ މިއަދު ޖަލުއޮފީހަށް އަންގާލީމެވެ. އޯކޭދެއްވިއެވެ.


7 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 26 ވަނަ ދުވަހެވެ. މިއަދު ޑޮކުޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. އޭނާ ބައްލަވާތަން ހަދާފައި ހުރިތަނަކީ، ފޭލިގެއެއްގައި އިންނަވައިގެން ބައްލަވާގޮތަށެވެ. އިތުރަށް ޑައިބެޓިކް ބޭސް ލިޔެދެއްވިއެވެ. އަދި މަލްޓިވިޓަމިންގެ ކެޕްސޫލެއް ލިޔެދެއްވިއެވެ. ޑޮކުޓަރު ވަރަށް ރަނގަޅެވެ. ފެންނަކޮންމެ ދުވަހަކު ހެއްވާލައެވެ. ގިނަވާހަކަ ދައްކާލާއި ހީލާހެދެއެވެ. އެއީ ވެސް މިހެން ހުންނައިރު ލިބޭ އުފަލެކެވެ.


8 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 27 ވަނަ ދުވަހެވެ. މިއަދަކީ ހަތަރުވަނަ ފަޖަރަށް ތަޙުޤީޤަށް ނެރުނު ދުވަހެވެ. މިއަދު ކުރަމުން ގެންދިޔަ ސުވާލުތަކަކީ ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތަކުގެ ސުވާލުތަކެވެ. އެތަނަށް ދާންޖެހުނު ގޮތާއި ގޮސްކުރި ކަންތަކުގެ ސުވާލުތައް ތަކުރާރުކޮށް ކުރިއެވެ. މިކަންތަކުގައި އަޅުގަނޑުދެއްކި ވާހަކަތަކުގެ ރަފުބަޔާނެއް ނަވާޒު ނެންގެވިއެވެ. ތަޙްޤީޤުގައި ދެން ތިއްބެވީ ޢަލީ އަޙްމަދާއި ޝާޠިޙެވެ.


މިބަޔާނުގައި ލިޔެފައިވަނީ އިބުރާމެން ގެއިން ހުރިހާ މެމްބަރުން ނުކުންނެވީ، ސަމަރޭ، ގާސިމަށް ފޯނުކުރައްވާފައި ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ޚާއްސަ މަޖިލީހުގެ ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގެން، އެތަނުގައި އެއްވެފައި ތިބިމީހުން މައިތިރިކޮށް ގެއަށް ފޮނުވާލުމަށޭ ވިދާޅުވުމުން ކަމަށެވެ.


މިކޯލަށް ފަހު، އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ، ޖުމްހޫރީ މައިދާނަށް ދާންހިނގާށޭ ޤާސިމް ވިދާޅުވެ އެންގެވުމުންނެވެ. މިވާހަކަ ތަކާއެކު ރަފުބަޔާނުގައި ސޮއިކޮށް ލުމުން މިއަދަށް ތަޙުޤީޤު ނިންމާލައްވައި އަޅުގަނޑު ގެނެސް ގޮޅިއަށްލީއެވެ.


9 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް ޖަލުގައި ހުންނަތާ، 28 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.


14 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު ޚާއްސަ ކަމެއް ހިނގާފައެއް ނެތެވެ. ދުވަސްތައް އެއްކަމެއްގައި ހޭދަކޮށް ތަކުރާރު ކުރީއެވެ. މިއަދު ޑޮކްޓަރ އަޙްމަދު މުޙައްމަދު ކައިރިއަށް ބޭރަށް ނެރުނެވެ. ބްލަޑުޝުގަރ އަށް ޓެސްޓްކޮށް ބެލިއިރުހުރީ، 145 އެވެ. މިކަމާ ޑޮކްޓަރ ވެސް އުފާކުރެއްވިއެވެ. އަދި އަޅުގަނޑު ވެސް ވަރަށް އުފާވިއެވެ. މިވަރުގައި އަބަދުވެސް ހިފާއްޓާލެވޭތޯ މަސައްކަތް ކުރުމަށް އަޅުގަނޑަށް ޑޮކްޓަރު ނަޞޭޙަތްތެރި ވިއެވެ.


އަޅުގަނޑަކީ ވަރަށް ހަމަޖެހިގެން އުފަލުގައި ބަންދުގައި ހުންނަ މީހަކަށް ވާތީ ނަފުސާނީގޮތުން މާބޮޑުއަސަރުތަކެއް ހަށިގަނޑަކަށް ނުކުރެއެވެ. އަބަދުވެސް މުސްތަގުބަލުގެ އުޖާލާކަމަށް ވިސްނާތީ ހުންނަނީ ފޯރީގައެވެ. ދެރައެއްނުވެއެވެ. ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ޑޮކްޓަރ އިންނެވީ އަޅުގަނޑާ ވަރަށްގަޔާ ވެފައެވެ. ވާހަކަ ދައްކާލައްވަން ބޭނުން ވެފައެވެ.


ސިޔާސީ ވާހަކަތައް އަޅުގަނޑާ ހިއްސާކޮށް ލައްވާހިތް ޕުޅުންކަން މޫނުމަތިން އެނގެއެވެ. ދެފަހަރަކު ކިހިނެތްތޯއޭ އައްސަވާ ލައްވާފައި، ޒާހިޔާޒަރީރު ވަޒީރަކަށް ވެގެން އުޅުއްވާތަން، ޓީވީން ފެނުނު ވާހަކަ ވިދާޅު ވެއްޖެއެވެ. އަދި އޭނާގެ ފިރިމީހާ މިހާރުހުންނެވީ ވަރަށް ހިއްކާލާފައޭ ޑޮކްޓަރ ވިދާޅުވުމުން މިވާހަކަ އަޅުގަނޑަށް ވަރަށް ރަނގަޅަށް ނަގައިގަނެ ވިއްޖެއެވެ. އޭނާއަށް ފަރުވާދީ ބަލަނީ ތިމަންނާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޑޮކުޓަރުންނަށް ސިޔާސީޚަބަރެއް ދެވޭނީ އެގޮތަށްކަން ވިސްނުނެވެ. އިލްޔާސް ވެސް ތިޔަދަނީ ރަނގަޅު ޑައިޓަކަށޭ، ދެން ތިޔަށްވުރެ ފަލަވިޔަ ނުދެއްޗޭ ވިދާޅުވިއެވެ.


ސަރުކާރަށް ބޮޑެތިބަދަލުތައް އަންނަކަމާއި އަޅުގަނޑަށް ހިތްވަރުލިބޭކަހަލަ ބަސްތައް ވިދާޅުވެ ދެއްވިއެވެ. ރަނގަޅުވާނެކަމަށް އަޅުގަނޑަށް ވިސްނޭވަރު ކޮށްދެއްވިއެވެ. ރައީސް މައުމޫނު އެޅުއްވި އިސްލާހީ ފިޔަވަޅު ތަކުގެ ޚަބަރު އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނީ މިގޮތަށެވެ. ޑޮކްޓަރ އަޙްމަދު މުޙައްމަދަކީ، ރައީސް މައުމޫނު އަރިހުގައި ރާއްޖެތެރެއަށް އަޅުގަނޑު ރަސްމީކޮށް ރައީސްއަރިހުގައި ދަތުރުކޮށް އުޅުނުއިރު ވަރަށްގާތް ރައްޓެހި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ޚާއްސަ ޑޮކްޓަރަކަށް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިބޭފުޅާއެވެ.


އަނެއްހެން ވެސް އަޅުގަނޑު މެންނަކީ ބޭނުން ވާހަކައެއް ދައްކާލެވޭވަރުގެ ގާތްމީހުންނެވެ. މައްކާމަދީނާއިން ހައްޖުމޫސުމުގައި ވަރަށް ގިނަފަހަރު ބައްދަލުވެފައިވާ ބޭފުޅެކެވެ. ކުޑައިރުކޮޅަކު މިފަދަވާހަކަ ތަކުގައި މަޖާކޮށް ލުމަށް އަރިހުގައި ބޭންދުމަށް ފަހު، ނިންމާލެއްވީ ދެންއާދެވޭނެ ހެނެއް ހިޔެއްނުވޭ ވިދާޅުވެފައެވެ. ދެން މެޑިކްއަކަށް އުޅުއްވާ އޮފިސަރު، ޝާޑު އަޅުގަނޑު ގެންދިޔައީ ގޮޅިއަށެވެ.


15 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މަހަކަށް ވުރެންގިނަ ދުވަސްވީއެވެ. ތަޙުޤީޤުގެ ކަންތައް މާބާރަށް ކުރިޔަކަށް ނުދެއެވެ. އަޅުގަނޑުގެ ލޮޔަރަކަށް ހަމަޖެއްސި އަޙްމަދު މުޢިޒްއާ އަދިވެސް ބައްދަލެއް ނުވެއެވެ. ހީވަނީ އަދިވެސް ކާފިއޫ ހިންގާފައި އޮތީމާ އެޙައްޤުތަކުން މަޙުރޫމްވެފައި އޮތީހެންނެވެ.


އީޔޫ އިން އަޅުގަނޑު ގާތުގައި މިކަން ވީހާ އަވަހަށް އުވާލަދެވޭތޯ ސަރުކާރަށް ބާރުއަޅުއްވައި ޕްރެޝަރު ކުރައްވާނެ ވާހަކައޮތީ ވިދާޅުވެފައެވެ. މިފަދަ ކަންތައް ހަމަނުޖެހި ލަސްވުމުގެ މާނައަކީ، ސަރުކާރުން ފިޔަވަޅެއް މިއަޅުއްވަނީ، ކޮންމެކަމެއް ވެސް މަޖްބޫރު ވުމުންކަމެވެ.


16 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. މިއަދަކީ ޖަލުތެރޭގައި އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. އެހެނަސް މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެޕާލަމަންޓުން ރާއްޖެއާ ދެކޮޅަށް ޤަރާރެއް ފާސްކުރިޚަބަރު ލިބުނެވެ. އެޤަރާރުގައި ވަނީ، ކުއްލިނުރައްކަލުގެ ޙާލަތު (ކާފިއޫ) ވަގުތުން ނިމުމަކަށް ގެނެސް ރައްޔިތުންގެ އަސާސީ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އިޞްލާޙުތަކަށް ގޮވައިލައިގެން ހައްޔަރުކުރި މީހުން، ދޫކޮށް ލުމަށެވެ.


10 މާއްދާއެއްގެ މައްޗަށް އެކުލެވުނު މިޤަރާރުގެ، 5 ވަނަ މާއްދާގައި އޮތީ، "ޔޫރަޕިއަން ކޮމިޝަނަށާއި މެމްބަރު ޤައުމުތަކަށް ގޮވާލަނީ، އިންސާނިއްޔަތަށް ޓަކާ، ކޮންމެހެން ބޭނުންވާ އެހީ ފިޔަވާ ހުރިހާ އެހީއެއް ރާއްޖެއަށް ދިނުން ވަގުތުން ހުއްޓާލުމަށާއި ދިވެހި ސަރުކާރުގެ މެމްބަރުންނާއި އެހެން ރަސްމީ ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކަށް ދަތުރުފަތުރު ކުރުން ބަންދުކުރުމަށެވެ."


9 ވަނަ މާއްދާގައި ވަނީ، "ދިވެހި ސަރުކާރުގައި އެދެނީ ޑިމޮކްރަސީއަށް ތާއީދުކޮށް އިޞްލާޙީ ބަދަލުތަކަށް ގޮވާލާ ފަރާތްތަކައި ބައްދަލު ކުރުމުގެހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ވަފުދުތަކަށް ދިނުމަށެވެ."


10 ވަނަ މާއްދާގައި ބުނަނީ، "ޔޫރަޕިއަން ޔޫނިއަންގެ ރައީސަށް އިރުޝާދުދެނީ، މިޤަރާރު ޔޫރަޕިއަން ކޮމިޝަނަށާއި ކައުންސިލަށާއި އދ.ގެ ސެކްރެޓަރީ ޖެނެރަލަށާއި ކޮމަންވެލްތަށާއި އެމެރިކާ ސަރުކާރަށާއި ދުނިޔޭގެ ޓުއަރިޒަމް މައިމަރުކަޒަށާއި ޓުއަރިޒަމާބެހޭ ހުރިހާ ޖަމާޢަތްތަކަށާއި ވައިގެ ދަތުރުފަތުރާބެހޭ ބައިނަލް އަޤްވާމީ ޖަމުޢިއްޔާ (އަޔާޓާ / އޭޓީއޯއެލް) އަށާއި ލައިސަންސް ދެވިފައިވާ ހުރިހާ ޓުއައޮޕަރޭޓަރުން ނަށާއި އެއަރލައިން ތަކަށާއި އިންޑިޔާ ސަރުކާރަށާ، އަދި ސާކުޤައުމުތަކުގެ ސަރުކާރުތަކަށް އެންގުމަށެވެ."


އީޔޫ ޕާލަމަންޓުން މިޤަރާރު ފާސްކުރީ، 177 މެމްބަރުންގެ ތެރެއިން، 170 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއްވެސް މެމްބަރަކު ޤަރާރަށް ދެކޮޅު ނުހައްދަވާއިރު، 7 މެމްބަރުން ވޯޓު ދެއްވީ ވަކިގޮތަކަށް ތާއީދު ނުކުރައްވައެވެ. މިނިސްޓަރ ޙަސަން ޞާބިރު، ހެސްކިޔާފަ ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ މިއެވެ. ސަރުކާރަށް ލިބިގެން ދިޔައީ ސުމަކުން ސުމެކެވެ.


މިފުރުސަތުގައި އިސްލާހީ ހަރަކާތުގެ ބައިވެރިން ބޭރުގައި ތިއްބަވައިގެން ކުރެއްވި އަގުހުރި މަސައްކަތްތައް ޖަލުގައި ހުރެގެން ހަނދާންކޮށް ހިތުގެއަޑިން އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ހީވާގި ކެރޭ ލަންގާގައި ހުންނެވި ގޯގޯއާއި އިނގިރޭސިވިލާތުގައި ތިއްބެވި އަންނިއަށާއި އޭނާގެ ޓީމަށާއި ސުވިޓްޒަލޭންޑުގައި ހުންނެވި ސަންދާނު އިބްރާހީމް ލުތްފީއަށާއި އެމެރިކާގައި ހުންނެވި ޑޮކްޓަރ ވަހީދަށް ފަށްފަށުން ޝުކުރުވެރި ވީމެވެ. ޖަލުގައި ތިބެގެން ތިޔަބޭފުޅުންގެ އަގުހުރި ކަސައްކަތްތައް ހަދާންކޮށް ހިތުގެ އަޑިން ހެޔޮދުޢާތައް ރައްދުކުރަމެވެ. ﷲ އަޅަމެންނަށް ނަޞްރު ދެއްވާށިއެވެ! އާމީން!


17 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހަކަށް ވާތީ ގޮޅީގައި ތިބީއެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.


18 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގާ ދުވަހެކެވެ. ބަރާބަރަށް ކަސްރަތުކުރަމެވެ.


19 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަދަލު ގެންނެވި ޚަބަރު މިއަދު ލިބުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، އަބްދު ﷲ ޙަމީދު ވަކިކުރައްވައި އެމަޤާމަށް ސީނާ އަޙްމަދު ޒާހިރު ހަމަޖެއްސެވިއެވެ. މިއީ އެންމެބޮޑަށް އަޅުގަނޑުމެން ގޮވަމުން ގެންދިޔަ އެއްކަން ތަކެވެ. ނަސްރުގެ ގަޑިޖެހުނީއެވެ. ޙަމީދުގެ ޢަމަލުފުޅުތައް މަޖިލިސް ތަޅުމުގައި ބަހައްޓަވާ ގޮތުން އެމަޤާމުގައި ހުންނެވުމަކީ، އިސްލާހީ ހަރަކާތުގެ ބައިވެރިން ރުހޭކަމެއް ނޫނެވެ.


އާދެ، ޙަސަން ޞާބިރާއި އަންބަރީ އަބްދުއްސައްތާރު ސަފީރުންގެ ގޮތުގައި ބޭރުޤައުމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަމަޖެއްސެވިއެވެ. އަދި ސަމަރުބްލޫ އިބްރާހީމް ޙުސައިން މަނިކު ޔޫތު މިނިސްޓްރީއަށް ހަމަޖެއްސެވިއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އަނީސާ އަޙްމަދާ ހަވާލު ކުރެއްވިއެވެ.  މިބަދަލު ތަކަކީ، ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދައްކާލެއްވުމުގެ ގޮތުން ގެންނަވަން ޖެހުނު ބޮޑުބަދަލެކެވެ.


މިއީ އަޅުގަނޑުމެން އަޑުއުފުލަމުން ގެންދިޔަކަމެއް ހަގީގަތަކަށް ވެގެންދިޔަ ދުވަހެވެ. ރައްޔިތުން މަޖިލީހުގެ ރައީސަށް ބަދަލު އައިދުވަހެވެ. ހަމީދަށްވުރެ ސީނާޒާހިރު ކުޑަތަންކޮޅެއް ރަނގަޅު ވާނެތީއެވެ. އެހެނަސް މިއީ ވެސް ބަންޑާރަވެގެން އުޅުއްވަނިކޮށް ރިޒޯޓެއްދީގެން ރައީސްމައުނޫނު އަނގަބަންދުކޮށްފައި ހުންނެވި އޭނާގެ އަޅެކެވެ.


ލަންކާގައި ހުންނަވާ އެމެރިކާގެ ސަފިރުގެ ނާއިބައި ކުޑަގޮޅީގައި ބައްދަލުކުރުން:


20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. މިއަދުހެދުނު ސަޔަށް ފަހު، ޖަލުއޮފީހުން އޮފިސަރަކު އައިސް ބޭރުމީހަކާ ބައްދަލުވުމަށް ބޭރަށް ނުކުމެވޭގޮތަށް ތައްޔާރު ވެލައިގެން ހުރުމަށް އެންގިއެވެ. ކާކާތޯ އަހާލުމުން ނޭނގޭ ބުނުއްވިއެވެ. އަތުގައިއޮތް ޖިންސާއި ޖަލުންދިން ޓީޝާޓް ލައިގެން ތައްޔާރަށް ހުއްޓާބަލާ އަތުވެއްޖެއެވެ.


ނެރެގެން ގެންދިޔައީ ދޫނިދޫ އަތިރިމައްޗަށް ވާގޮތަށް ޖެޓީ ސަރަހައްދުގައި ހުންނަ އުނދޯލި ގެއަށެވެ. އެތަނުން ފެނުނު ބިދޭސީބޭފުޅާއާ ސަލާމްކޮށް ތަޢާރުފް ވެލުމުން، އޮޅުންފިލީ އޭނާއަކީ ކޮޅުބުގައި ހުންނަ އެމެރިކާ އެމްބަސީގައި ހުންނަވާ އިއްޒަތްތެރި އެމްބެސެޑަރުގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގައިވާ މިސްޓަރ ޖޭމްސް، James F. Entwistle ކަމަށެވެ.


މިސްޓަރ ޖޭމްސް ޑެޕިއުޓީ އެމްބެސެޑަރ ސްރީލަންކާ 2004 ން 2006 އަށް
މިސްޓަރ ޖޭމްސް ޑެޕިއުޓީ އެމްބެސެޑަރ ސްރީލަންކާ 2004 ން 2006 އަށް

މިއަޑުއިވުމާއެކު ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ވަދެގެން ދިޔައެވެ. ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. އިތުރުހިނިތުން ވުމެއްމޫނު މައްޗަށް ވެރިވެގެން ދިޔައެވެ. ހިތްވަރާއި ޢަޒުމު އާލާވިއެވެ. ވަރުގަދަވިއެވެ. ކުޑަގޮޅީގައި ބަންދުގައިހުރި މީހަކާ، އެމެރިކާ ސަފީރުގެ ނައިބު ޖަލަށް ކުޑަގޮޅިއަށް ވަޑައިގެން ބައްދަލު ކުރައްވަނީއެވެ. އުފާވެރި ހިނދުކޮޅެކެވެ.


އަރިހުގައި އިންނެވީ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ، ޢަބްދު ﷲ ރިޔާޒެވެ. ޖޭމްސް ވަޑައިގަތީ ގިނިކަންޏާއެވެ. އިތުރު ސެކްރެޓަރިއެއް ފަދަ އެހެން މީހަކު އަރިހުގައި ނެތެވެ. މިބައްދަލުމުން ކުރިޔަށް ދިޔައީ، ޖޭމްސް އާއި އަޅުގަނޑާއި ޢަބްދު ﷲ ރިޔާޒުއާ ތިންމީހުން އެކަނި ތިބެގެންނެވެ.


މިފަހަރު، ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން އަޅުގަނޑު ގަސްދުކުރީ ތަރްޖަމާނަކައި ނުލައި ސީދާ އަޅުގަނޑު ވާހަކަ ދައްކާށެވެ. ޢަބްދު ﷲ ރިޔާޒު ޖެހިގެންހުރި ގޮނޑީގައި އަޑުއިވޭ ހިސާބުގައި އިންނެވިއެވެ. ތަޢާރުފުގެ ވާހަކަކޮޅަށް ފަހު، ޖޭމްސް ވިދާޅުވީ، މާލޭގައި ބޭއްވި އެމެރިކަން ފެއަރ އަކަށް ވަޑައިގެންފައި ތިޔަ އިއްޒަތް ތެރިންނައި ބައްދަލުވުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވީމާ ވަޑައިގަތީ ކަމަށެވެ. ދެން ހޫނުކޮށް މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑާ ދޭރެގައި ސިފައިން ކަންތައްކުރިގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދިނުމުން، ސުވާލު ކުރެއްވިއެވެ.


ޖަލަށް ގެނެވުނީ ކޮންތަނެއްގައި ހުއްޓާހެއްޔެވެ؟ ޖުމްހޫރި މައިދާނުން ހައްޔަރު ކޮށްގެންހެއްޔެވެ؟ އަޅުގަނޑު ނޫނެކޭ ދަންނަވާފައި، ގޭގައި ތުއްތުކުދިންނާއި އަނބިމީހާ ގާތުގައި ޓީވީބަލަން އިންދައި ގެއަށް ސިފައިން ގޮސް ގެނައިކަމާއި އިތުރުވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ.


ގިނަބަޔަކަށް ސިފައިން އަނިޔާކުރިތަން ފެނުނުކަމަށާއި އަޅުގަނޑަށް ކުރިއަނިޔާތަކުގެ ތަފުސީލު ކިޔައިދިނުމަށް ފަހު، ފައިގައާއި ކޮނޑުގައި ހުރިލަކުނު ދައްކާފައި ހުރިހާވާހަކަތަކެއް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ. ބައެއް އިއްޒަތްތެރި މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ފެންވަރުގެ ސިޔާސީ ބޭފުން ކަނުބަނދެ އަނިޔާކުރި ވާހަކަތައް ކިޔައިދިނީމެވެ.


ބައެއް އަންހެނުންނަށާއި ބައެއް ފިރިހެނުންނަށް ޖިންސީގޮތުން ގޯނާކުރިކަމަށާއި އެކަންތައް އަޅުގަނޑަށް އެނގިފައި ވާގޮތަށް އެއްވެސް ހުރަހަކާނުލާ، މީހުންގެ ނަންތަކާއި ހެދިގޮތްތަކާއެކު ކިޔައިދިނީމެވެ. ގޮޅިތަކުގެ ޙާލަތުހުރިގޮތް ކިޔައިދީފައި އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެންނެވީމެވެ. އަޅުގަނޑު އަދާކުރަމުން ގެންދިޔަ ވަޒީފާއިން، ވަކިކޮށްލީ ޖަލުގައި ބަހައްޓައިގެން ކަމާއި އެކަންކުރީ އިންސާނިއްޔަތާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކަމަށް ދެންނެވީމެވެ.


އަދި ދިވެހިރާއްޖޭގައި އަލަށް އުފެއްދި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ޖަލަށް ޒިޔާރަތްކުރި ދުވަހު މިކަމުގެ ޝަކުވާއާއި އަނިޔާކުރިކަމުގެ ޝަކުވާ ރަސްމީކޮށް އެބޭފުޅުންނަށް ހުށަހެޅީމެވެ. އެހެނަސް މިއަދާހަމައަށް އެއްގޮތަކަށް ވެސް އަޅައެއް ނުލައްވައެވެ. މިކަމަށް އެޅުއްވެން އޮތްފިޔަވަޅެއް އެމްބަސީގެ ފަރާތުން ސަފީރަށް ދަންނަވައިގެން އެޅުއްވުމަށް މިދަންނަވަނީ، ރާއްޖޭގައި މިކަމަށް ތިއްބެވި ބޭފުޅުންގެ އެއްވެސް ކަހަލަ ޚަބަރެއް ނުވާތީއެވެ. އަދި ހައްޔަރުގައި މިތިބެނީ ވަރަށް އަނިޔާގައި ކަމަށް ދެންނެވީމެެވެ. އަޅުގަނޑަކީ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވެފައި ޖަލްސާތަކުގެ އެއްވެސް ޚަބަރެއްނުދޭ ކަމަށް ދެންނެވުމުން، ފުރަތަމަ ދުވަހު މަޖިލީހުގައި ވީގޮތް އެއްސެވިއެވެ.


އެދުވަހުގެ ޖަލްސާގައި ހިނގިކަންތަކާއި ވޯޓުގެ މައްސަލަ ހިނގާދިޔަގޮތާއި އަޅުގަނޑާއި އިތުރު ދެމެމްބަރަކު ވެގެން އެ މައްސަލަ ޝަރުޢީކޯޓަށް، ދިވެހިރާއްޖޭގެ ޖިނާއީކޯޓަށް ވެއްދުމުން، ބަލައިނުދިން ވާހަކަވެސް ކިޔައިދިނީމެވެ.


ޖިނާއީކޯޓަށް ވެއްދި މައްސަލަ ސޮފްހާ 01
ޖިނާއީކޯޓަށް ވެއްދި މައްސަލަ ސޮފްހާ 01

ޖިނާއީކޯޓަށް ވެއްދި މައްސަލަ ސޮފްހާ 02
ޖިނާއީކޯޓަށް ވެއްދި މައްސަލަ ސޮފްހާ 02

ޖިނާއީކޯޓުން ދެއްވި ޖަވާބު
ޖިނާއީކޯޓުން ދެއްވި ޖަވާބު

ޖިނާއީކޯޓުން ބޭރުކޮށްލުމުން އެމައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރީމެވެ. އެހެނަސް ކުރިޔަށް ގެންގޮސްނުދީ އެކޯޓުން ވެސް ބަލައިނުގަނެ ބޭރުކޮސްލީއެވެ. އެހާ ވެސް ދިވެހިސަރުކާރުގެ ބާރު ޖުޑީޝަރީބާރުގެ މައްޗަށް އޮންނަނީ ގަދަކޮށެވެ.


ހައިކޯޓަށް އިސްތިއުނާފުކުރި ފޯމް ސޮފްހާ 01
ހައިކޯޓަށް އިސްތިއުނާފުކުރި ފޯމް ސޮފްހާ 01
ހައިކޯޓަށް އިސްތިއުނާފުކުރި ފޯމް ސޮފްހާ02
ހައިކޯޓަށް އިސްތިއުނާފުކުރި ފޯމް ސޮފްހާ02
4 ވަނަ ނަމްބަރާ ގުޅޭ އިތުރުތަފްސީލްތައް
4 ވަނަ ނަމްބަރާ ގުޅޭ އިތުރުތަފްސީލްތައް

އަޅުގނޑު ޖަލަށްލުމަށް ފަހު، ސަރުކާރުގެ ވަޒީފާއިން ކަނޑާލީ މިކަމުގެ ޒާތީ ޙަސަދައިންނޭ ދެންނެވީމެވެ. މިވާހަކަތަކަށް ފަހު، ކިޔަވައި ނިމިގެން ރާއްޖެއަށް، އަޅުގަނޑު އައިގޮތަށް މިއަދާހަމައަށް މިގެންދަނީ، ރާއްޖޭގައި ހަމަހަމަކަން ގެނައުމުގެ ރިފޯމަށް މަސައްކަތް ކުރަމުންކަމަށް ދެންނެވީމެވެ.


އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރުފްކޮށް މަލްޓިޕާޓީ ސިޔާސަތު ގެނެވޭތޯ ވަރަށް ގިނަމަސައްކަތް މިހާތަނަށް ކުރެވިއްޖެކަމާއި ސިޔާސީޕާޓީއެއް އުފެއްދުމަށް، 1994 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ހުށަހަޅައިގެން އުޅެއުޅެވެސް ރަސްމީ ސިފައެއްގައި އެހުއްދަ ނުދެއްވީމާ، އަޅުގަނޑު މެންނަށް ޖެހުނީ ރާއްޖޭން ބޭރުގައި ޕާޓީއެއް އިއުލާނުކޮށް އެމަސައްކަތް ފަށާށެވެ.


އަދިވެސް މިރާއްޖޭގައި ސިޔާސީޕާޓީ ހިންގުންވަނީ ސަރުކާރުން މަނާކޮށްފައެވެ. ދަންވަންތޯއެވެ. އެހެނަސް ގާނޫނު އަސާސީން، ޕާޓީ އާއި ޖަމްއިއްޔާތައް އުފެއްދުން މިހާރުވެސް ހުއްދަކުރެއެވެ. މިވާހަކަތައް ކިޔައިދިނުމުން އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. ތިޔަ މަސައްކަތަކީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެދެއްވިއެވެ.


މިހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް އިއްޒަތްތެރި އެމްބެސެޑަރަށް ކިޔައިދެއްވާނަމޭ ވިދާޅުވިއެވެ. ދެން އިތުރަށް ތިމަންނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރެއް ވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ އޮތީ އެންމެއެދުމެކެވެ.


އެ އެދުމަކީ، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތް މިނިވަންކަމާއެކު ރާއްޖޭގެ ފަސްގަނޑުގައި ކުރެވޭނެގޮތް ހަޖައްސައި ދެއްވާއި މިރާއްޖެއަށް ފުރިހަމަ މިނިވަންކަމާއި ލިބަރަލް ޑިމޮކްރަސީ ގެނެވޭނެ ގޮތަށް، މަލްޓިޕާޓީ ސިޔާސަތު ހިންގައި ފުރިހަމަ ކުރުމަށް ސަރުކާރުން އަޅަމުންގެންދާ ހުރަސްތައް ނެތިކޮށްލާއި އަޅުގަނޑު މެންގެ ރިފޯމް ހަރަކާތް ރާއްޖޭގައި ހިންގޭނެ މަގުފަހިކޮށް ދެއްވުމުން ހުރިހާކަމެއް ފުރިހަމަވީއޭ ދެންނެވީމެވެ. އެމިނިވަންކަން ލިބުމުން، ރައްޔިތުންގެ ބިރުފިލާއި އެމީހުންގެ މުސްތަޤްބަލު އެމީހުން އަމިއްލައަށް ހަމައަކަށް އަޅުވާނެކަން ޔަޤީން ކުރެވޭ ކަމުގައި ދެންނެވީމެވެ.


އެމެރިކާ، ކެލިފޯނިޔާގައި ހުންނަ ސްޓަންފަރޑް ޔުނިވަރސިޓީން ޑޮކްޓަރޭޓް، ނަންގަވައިގެން ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ކަމުގައިވާ، ޑޮކްޓަރ މުހަންމަދު ވަހީދަ ހަސަން މަނިކަށް ސަރުކާރުން ހައްދަވާލިގޮތް ކިޔައިދިނީމެވެ. ސިޔާސީ ގޮތުން ޖެއްސި ދުއްތުރާތައް ކިޔައި ދިނީމެވެ. ބިންބިފޯސް ނެރެގެން އޭރު މަޖިސްލިސް ތެރޭގައި އޮތް ރިފޯމް ޙަރަކާތް މަރާލުމަށް، ސަރުކާރުން ގަސްދުގައި ސްޓޭޓުން ފަންޑުކޮށް ކުރި މަސައްކަތްތައް ކިޔައިދިނީމެވެ.


އެބުރުގައި އެދުވަސްވަރު، 1990 ވަނަ އަހަރު ތެރޭގައި އަޅުގަނޑު މެންނަށް ހެސްކިޔާފަ އަނިޔާކުރިކަން އެމްނެސްޓީއަށް އެނގޭނެކަމަށް ދެންނެވީމެވެ. އެއީ އެންމެ ފުރަތަމައިން ދިވެހިންނައި ބެހޭގޮތުން އެމްނެސްޓީން ނެރުނު ފުރަތަމަ ރިޕޯޓެވެ. އެކަމާ ގުޅިގެން އެމްނެސްޓީން ފުރިހަމަ ރިޕޯޓެއް ނެރުނެވެ. އަޅުގަނޑު މެން ޖަލުގައި ތިބެގެންނާއި އެކިގޮތްގޮތުން އެޚަބަރުތައް ބޭރުކުރީއެވެ.


އަދި ވީހާއަވަހަށް އަޅުގަނޑުމެން މިނިވަންވެ ރިފޯމުގެ މަސައްކަތް މެދުނުކެނޑި އަނބުރާ ފެށޭނެގޮތް ހައްދަވައި ދެއްވާށޭ ދެންނެވީމެވެ. ރާއްޖޭގައި ހިންގާފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އަޅުގަނޑު މެންނަށް މިއަދާހަމައަށް މިތިބީ ލޮޔަރެއްގެ ޚިދުމަތް ނުދީއެވެ.


މިހެން ބައިތިއްބާފައި ރޭގަނޑެއްގައި ކޯޓަށް ގެންގޮސް ހުކުމް އިއްވުމަކީ އެކަށީގެންވާ ކަމެކެވެ. 1990 ވަނަ އަހަރު އެކަން ކުރީ އެގޮތަށެވެ. ސަރުކާރުގެ ބޭނުމަކަށް ވާނީ، ކުރީފަހަރު ހެދިގޮތަށް ކުޑަގޮޅިން ނެރެގެން ކޯޓަށް ގެންގޮސް އަނބުރާ ޖަލަށް ދިގުހުކުމެއް އިއްވާލުމެވެ. އަޅުގަނޑު ކިޔައިދިން، މިހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލުކޮށް މިސްޓަރ ޖޭމްސް، ނޯޓުކުރެއްވިއެވެ.


އަދި ތިޔަކަންތައް ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަފީރަށް ދަންނަވައިގެން ކޮށްދޭނެކަމަށް މިސްޓަރ ޖޭމްސް ވިދާޅުވިއެވެ. ދެން އަޅުގަނޑު އިތުރަށް ދެންނެވީމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ އަހަރީރިޕޯޓު އަޅުގަނޑު ދުށިން ކަމަށާއި ރާއްޖޭގެ ރިފޯމް މަސައްކަތަށް އެމެރިކާއިން ދެމުންގެންދަވާ ސަމާލުކަމަށް ޓަކައި ހިތުގެއަޑިން ޝުކުރު ދަންނަވަން ޖެހޭކަމަށާއި އެމެރިކާއަށައި ތިޔަބޭފުޅުންނަށް ޝާބަސް ދަންވަމޭ ދެންނެވީމެވެ. ދެން މިހާހިސާބުން ޖޭމްގެ ޖީބުން އޭނާގެ ވިޒިޓިންކާޑު ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަންވީމާ އޭނާއާ ބައްދަލުވުމަށް އެދިވަޑައިގަތެވެ.


މިހުރިކާ ކަމެއް ހިނގާދިޔައިރު ޢަބްދު ﷲ ރިޔާޒު ވަރަށްމަޑުން އިންނެވިއެވެ. އެއްޗެކޭ ވިދާޅެއް ނުވެއެވެ. އަޅުގަނޑަށް، މިސްޓަރ ޖޭމްސް ދެއްވި ވިޒިޓިންކާޑު ނަސީބަކުން، އަޅުގަނޑު އަތުން އަތުލައްވާކަށް ނޫޅުއްވިއެވެ. މިހާހިސާބުން، އެމެރިކާ ވައްތަރަށް ބައްދާ ސަލާމް އެއްކޮނޑަށްކޮށް ލުމަށްފަހު، މިބައްދަލުވުން ނިންމާލާއި ދެމީހުން ވަކިވީ، ވަރަށް އުފަލާއެކުގައެވެ. ހިނިތުންވުމާ އެކުގައެވެ.


ވަރަށް ހަވީރު ވަގުތެއްގައި މިސްޓަރ ޖޭމްސް، 1 ނަމްބަރު ޖަލުތެރެއަށް ވެންނެވިތަން ފެނުނެވެ. އެހެނަސް މާގިނައިން ގޮޅިތައް ކުރިމަތިން ހިންގަވާކަށް ނުހައްދަވައެވެ. ދުރުން ބައްލަވާ ލައްވާފައި އެނބުރި ވަޑައިގަތީއެވެ. އަޅުގަނޑު އޭނާއަށް ފެންނަވަރެއް ނުވިއެވެ. ހީވަނީ ކުށްވެރިން ކުރިމަތީން ހިނގާހައްދަވަން ބޭނުންވެ ނުލެއްވީހެންނެވެ.


އާދެ! ޖަލުގެ ކަންތައް މިހާހިސާބަށް ދިޔައިރު ކަންތައް ހުރިގޮތަކީ މިއެވެ. ގިރިފުށިން އާގުރޫޕެއް އެއް ނަމްބަރު ޖަލަށް ގެނެވިފައި ވެއެވެ. އެތަން މިތަނުގައި ބަންދުކޮށްގެން، ގެންގުޅުނު މީހުން، ދޫނިދޫއަށް އެއްތަން ކޮށްފިއެވެ. މިކަންހިނގީ މީގެ ދެތިންހަތަރު ދުވަސް ކުރިންކަމަށް ވެއެވެ.


ފުރަހަނި ޝުޢައިބާއި ޢަބްދުލްޖަލީލް، އަބުޖީ އާއި ޢިމްރާން، ބަކުރީ އާއި މަރިޔަމް މަނިކެ އާއި އެލީނާ އަހްމަދު އައްބާސް، ދޮންބި އާއި ދާދަރާ ނަސީމު އާއި ޙުސައިން، ޕޮޓޯގްރާފަރާއި ފައުޒީ އާއި ފުއާދުޒާހިރާއި ނައުޝާދު، ނައުބެ އާއި ޝާޒު ވަލީދު އާއި މި އެންމެން، އެއް ނަމްބަރު ޖަލުގައި ޖަމާވެއްޖެއެވެ. އެއަށްފަހު، ވަރަށް މަޖަލެވެ.


ބާރަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކުމާއި ކަންކަން ރާވައިގެން ކުރުމާއި މިކަހަލަ ބައިވަރު ކަންތައްތައް ފެށިއްޖެއެވެ. ސަންދާނު އަހަންމައިދީ އަކީ ގިނަގޮޅިތަކަށް އަޑުއިވޭވަރަށް ބާރަށް ގިނައިން ވާހަކަދައްކަވާ ބޭފުޅެކެވެ. އަބަދުވެސް އަހަންމައިދީގެ އަޑު ބާރަށް އިވޭނެއެވެ. ޝުޢައިބު (ފުރަހަނި) އަކީ ކޮންމެ ވަޤުތަކު ބަންގިގޮވާ މީހާކަމުގައި ހަމަޖެހިއްޖެއެވެ. ނަމާދުވަގުތުވުމުން ޝުޢައިބު ބަންގިގޮވީމާ އެމީހެއްގެ ގޮޅީގައި އެމީހަކު ނަމާދު ކުރަނީއެވެ.


އަދި މިއާއެކު ދެނަމްބަރު ޖަލަށް، މުޙައްމަދު ފުޅު އާއި އައިސީ އާއި ޅޮހީގޭ މާހިރު އާއި ނަޒާކީ އިބްރާހީމް ޒަކީ އާއި ތްރީއޭ ޢަލީޝިޔާމު އާއި ޒިޔާދު، ޒިޔާއްޓޭ އާއި ޙުސްނުއް ސުޢޫދު، މިއެންމެން ދޫނިދޫއަށް ގެނެސްފިއެވެ. ކުރިން ތިބިތަނެއް ނޭނގެއެވެ. މާފުށީގަ އާއި ގިރިފުށީގައި ވެސް ބަޔަކު ގެންގުޅުނެވެ. އެކެއް އަނެކެއްގެ ޚަބަރުތައް ބަރާބަރަށް ގޮޅިތަކަށް ލިބެމުން ދެއެވެ. މިހާރަކަށްް އައިސް މަނާކަންތަކެއް ނުހުރެއެވެ. ގާޑުން ވެސް މާބޮޑުކޮށް ހަރުކައްޓެއް ނޫނެވެ.


އަދި މިއަދު، އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާ ގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑްވްސް ފަރާތުން ބައްދަލު ކުރައްވައި، އެކޮމިޝަނަށް ފާހަގަކުރެވުނު ނުކުތާތައް ހާމަކުރައްވައި ނޫސްބަޔާނެއް ނެރުނެވެ.


މިބަޔާނުގައި، 10 މާއްދާއެއް ވެއެވެ. ދެވަނަ މާއްދާގައި ބުނެފައިވަނީ، ދޫނިދޫގައި ހައްޔަރުކޮށް ފައިވާ، 59 މީހުންގެ ތެރެއިން، 19 މީހުންނާއި މާފުށީގައި ހައްޔަރުކޮށް ފައިތިބި، 21 މީހުންނާ ބައްދަލުކުރި ކަމަށެވެ. 5 ވަނަ މާއްދާގައި ހިމަނާފައިވަނީ، ގައިދީންނަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލެވެ.


މިމާއްދާގެ، 5.5 ގައި ބައެއް ފިރިހެނުންނަށާއި އަންހެނުންނަށް ޖިންސީ ހާނީއްކަ ކުރައްވާފައިވާ ކަމުގައި އެފަރާތްތަކުން ބަޔާންކުރާކަން ފާހަގަކޮށްފައި ވެއެވެ. އެންމެ ފަހު މާއްދާ، 9 ގައިވަނީ މިފަދައިންނެވެ. ރާއްޖޭގެ މަސްރަހު ކުއްލި ނުރައްކަލުގެ ގާނޫނުގެ ދަށުގައި އޮތުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށްބޮޑަށް ކަންބޮޑުވާކަމެކެވެ. ފަހެ މިއީ ވަރަށް ބޮޑުވަރެކެވެ. އުންމީދު ކުރެވުނު ވަރަށްވުރެ މިބަޔާން ރަނގަޅެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page