top of page

ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (1 ވަނަ ބައި)

Writer: ilyashusein
ilyashusein
3 days ago
28 min read

Updated: 12 hours ago

*އިސްލާހީހަރަކާތް:

*މުގައްދިމާ:

*އެމްޑީޕީ ދުނިޔޭގެ ޖައްވަށް ނޭވާލުން:

*ދިވެހިރާއްޖޭގައި އިންޓަރނެޓު މެދުވެރިކޮށް ވޯޓުލެވުނު ފުރަތަމަ ފަހަރު:

*ސަރުކާރުގެ އިސްލާހީ ޕްރޮގްރާމް:

*ރައީސް މައުމޫނުގެ އިސްލާހީ ހަރަކާތް، މަގުޗާޓު އިއުލާނު ކުރެއްވުން:

*އިސްލާހީ ހަރަކާތުން ފެއްޓި މިނިވަންބަހުސްތަކުގެ ފެށުން:

*މިނިވަން ބަހުސްގެ ދެވަނަ ބައްދަލުވުން:

*މިނިވަން ބަހުސްގެ ތިންވަނަ ބައްދަލުވުން:

*މިނިވަން ބަހުސްގެ ހަތަރުވަނަ ބައްދަލުވުން:

*ބޮޑުމަޖިލިސް ހުޅުވުމުގެ ފުރަތަމަ ބައްދަލުވުން:

*މިނިވަން ބަހުސްގެ ހަތްވަނަ ބައްދަލުވުން، އުފަންދުވަހުގެ ޕާޓީއެއްގެ ގޮތުގައި ބޭއްވުން:

*ލޮނުޒިޔާރަތްކޮޅަށް އެއްވާން ފެށުން:

*ބޮޑުމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ފަހު، އަލުން ފެށުން:

*ޙާދިޘާ ހިނގާދިޔަގޮތް:

*އިސްލާހީހަރަކާތުގެ ބައިވެރިން ބަންދުކުރަން ފެށުން:

*އިސްލާހީ ހަރަކާތުގެ އިސްމީހުންނާއި ރައީސްމައުމޫނު ސަރުކާރުން ވާހަކަދައްކަން ފެށުން:

*ހާދިސާއައި ގުޅިގެން މޫސާޖަލީލު ތަހުގީގަށް ދެއްވި ބަޔާން:


އިސްލާހީހަރަކާތް:


ދިވެހިރާއްޖޭގެ ސިޔާސީ، އަދި ޖުމްހޫރީ، ޑިމޮކްރެޓިކް ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކަކަށް މަގުފަހިވީ، ސަރުކާރާ ދެކޮޅަށް ކުރެވުނު ވަރުގަދަ ސިޔާސީ އިސްލާހީ ހަރަކާތަކުންނެވެ. މި ހަރަކާތަކީ މައިގަނޑު ގޮތެއްގައި އޭރު އޮތް ސަރުކާރުން އިސްލާހީ ބަދަލުތައް ގެނައުމަށް ލަސްވުމާއި، ސިޔާސީ މިނިވަންކަން ނެތުމާ ހެދިއެވެ. އަދި ވަކިހަމައެއް ނެތި ހައްޔަރުކުރެވުނު ބައެއް ފަރާތްތަކުގެ މިނިވަންކަމަށް އެދި ގިނަ ރައްޔިތުން ނުކުތް ހަރަކާތެކެވެ.


ފަސްވަނަ ފަހަރުގެ ޖަލުހަދާން ފެށުމަށް، އަޅުގަނޑު ގަސްދުކުރަނީ ދިވެހިރާއްޖޭގެ އިސްލާހީހަރަކާތުގެ ކުޑަމުޤައްދިމާ އަކާ އެކުގައެވެ. މިއީ، 4 ވަނަ ފަހަރާއި، 5 ވަނަ ފަހަރާދެމެދު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ، ފާހަގަ ކުރަން ޖެހޭ ބޮޑެތި ބަދަލުތަކެކެވެ. މިއީ ދިވެހިޖުމްހޫރިއްޔާގެ އިސްލާހީ ހަރަކާތް ފޯރީގައި ފެށުނު ދުވަސްވަރެވެ.


އާދެ! 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާއަށް ފަހު، ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތުގެ ބޮޑުބައި ކުރިޔަށް ގެންދެވުނީ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންގެ ބަޔަކު މަރުކަޒު ކުރެވިގެންނެވެ. އެ މަސައްކަތް ކުރާނެ މަރްކަޒީ އިދާރާތަކެއް ގައިމު ކުރެވިގެންނެވެ. ސްރީލަންކާ އާއި އިނގިރޭސި ވިލާތުގައެވެ.


އަދި އެމެރިކާގަ އާއި ސްވިޓްޒަލޭންޑުގެ ބާސްލޭގައި ވެސް ދިވެހިން ތިބެގެން ބައިވަރު އަމަލީ މަސައްކަތް ކުރެވުނެވެ. އެ މަސައްކަތުން ބޭރުދުނިޔޭގެ ތާއީދާއި އެހީތައް މިހަރަކާތަށް ލިބިގެންދިޔައެވެ. ޚާއްސަކޮށް އިނގިރޭސިންގެ ފުރިހަމަ ޙިމާޔަތް ބޮޑުކޮށް ލިބިފައި އޮވެގެންނެވެ. ސްރީލަންކާއިން ފާހަގަކުރެވޭ އެހީތެރިކަން އޮތެވެ.


މުގައްދިމާ:


އިސްލާހީ ހަރަކާތުގެ މުގައްދިމާގައި އުސްއަލިތަކެއް ގޮތުގައި ފާހަގަކުރެވެނީ، 1994 އޯގަސްޓް 19 ގައި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އާއި، 2001 މާޗް 19 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެނަމުގައި ރަސްމީފޯމްތައް ފުރިހަމަކޮށް ބޭނުންވާ ހުރިހާ ލިޔުންތަކާ އެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ދިވެހިރާއްޖޭގައި ސިޔާސީޕާޓީއެއް ރަޖިސްޓްރީކޮށް ދިނުމަށް އެދި ހުށަހެޅުމެވެ. އެހެނަސް މިދެފަހަރު ވެސްވަނީ ނާކާމިޔާބައި ކުރިމަތިލާން ޖެހިފައެވެ. މަލްޓިޕާޓީ ސިޔާސަތުގައި، ދިވެހި ސަރުކާރުން ނޫނެކޭ ބުނެ ޖެހީ ކޮޅުފައިންނެވެ.


ޕީޑީޕީ އެފެއްދުމަށް ސަރުކާރަށް ހުށައެޅި ފޯމް
ޕީޑީޕީ އެފެއްދުމަށް ސަރުކާރަށް ހުށައެޅި ފޯމް
ރައީސަށް ސިޓީއެއް ލިޔުމުން ދެއްވި ޖަވާބު
ރައީސަށް ސިޓީއެއް ލިޔުމުން ދެއްވި ޖަވާބު
ޕީޑީޕީގެ ރަސްމީލިޔިންތައް ހުށައެޅުމުން ހޯމްމިނިސްޓްރީން ދިން ލިޔުން
ޕީޑީޕީގެ ރަސްމީލިޔިންތައް ހުށައެޅުމުން ހޯމްމިނިސްޓްރީން ދިން ލިޔުން

ޕީޑީޕީ އަކީ ކެނެރީގޭ މުހަންމަދު ނަޝީދު، އަންނި އާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި އިލްޔާސް ހުސްއިން އިބްރާހީމް، އަޅުގަނޑައި، 3 މީހުންވެގެން ސައްލާކޮށްފައި، ދިވެހިގާނޫނުތައް ތަންދޭ އެންމެފުޅާ ދާއިރާއެއްގައި ދިވެހިވެރިކަމުގެ ޒަމާނީހުނަރުތަކާއި ވައްޓަފާޅި ކުރިއެރުވުމުގެ ގޮތުން ވެރިކަމުގެ ކަންކަމާ، ބިނާކުރަނިވި ގޮތުގައި ބެހި ފާޑުކިޔާހެދުން، މި މަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެކެވެ. ޕީޑީޕީ ރަޖިސްޓްރީކޮށް ދެއްވުން އެދި ވަކިސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ލިޔުނީމެވެ.


ޕީޑީޕީ އުފެއްދުމަށް ރައީސަށް ލިޔުނުސިޓީ ސޮފްޙާ1
ޕީޑީޕީ އުފެއްދުމަށް ރައީސަށް ލިޔުނުސިޓީ ސޮފްޙާ1

ސޮފްޙާ2
ސޮފްޙާ2
ސޮފްޙާ3
ސޮފްޙާ3

މި ސިޓީގެ ޖަވާބު މަތީގައި އެވަނީއެވެ. އެންމެ ކުރިން މި ޕާޓީއަށް އަޅުގަނޑުމެން ކިޔަންއުޅުނު ނަމަކީ، "މީހުން ކުރިއެރުވުމުގެ ހަރަކާތް" މިހެންނެވެ. އިދާރާއަކީ، ގ.ކެނެރީގެ މާލެ އެވެ. އަސާސީދަވާޢިދެއް އަމިއްލައަށް ލިޔެލީއެވެ. މިއީ ފުރަތަމަ ފަހަރަށް ސިޔާސީޕާޓީއެއް ހިންގާނެ ގަވާއިދެއް ލިޔުމެވެ.


ޕީޑީއެފްގެ އަސާސީގަވާއިދު ޕޭޖް01
ޕީޑީއެފްގެ އަސާސީގަވާއިދު ޕޭޖް01
ޕޭޖު02
ޕޭޖު02
ޕޭޖް03
ޕޭޖް03
ޕޭޖް04
ޕޭޖް04
ޕޭޖް05
ޕޭޖް05

އެމްޑީޕީއަކީ، 42 ބޭފުޅުންގެ ސޮއިކޮށްފައި، ދިވެހި ރައްޔިތުން ތެރޭގައި ސިޔާސީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން، މި މަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެވެ. 42 މީހުންގެ ރަސްމީ ސޮއިތައް ހުށައެޅި ކަރުދާސްތައް މިއަދު ވެސް އެބަހުއްތެވެ. އެހެނަސް މިފަހަރުވެސް ހުއްދައެއް ނުދެއްވިއެވެ. 42 މީހުންގެ ފޯމަށް ވެސް ރައީސް ދެއްވީ ހަމަ އެއްޖަވާބެކެވެ. ނޫނެކެވެ!


ޕޭޖް-01
ޕޭޖް-01
ޕޭޖް-02
ޕޭޖް-02
ޕޭޖް-03
ޕޭޖް-03
ޕޭޖް-04
ޕޭޖް-04

އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ މުހަންމަދު މުނައްވަރު އަރިހުން، ރައީސް މައުމޫނު ހޯއްދެވި ނުލަފާ، ލަފާފުޅެއްގެ މަތިން މިފަހަރުވެސް ހުއްދައެއް ނުދެއްވިއެވެ. މިއީ ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ރަސްމީފޯމުތައް ހުށަހެޅުނު ދެވަނަ ފަހަރެވެ. އެހެނަސް މަލްޓިޕާޓީ ނިޒާމުގެ ކުރިމަގު މަރާ ލެއްވީއެވެ. ސަރުކާރުގެ ބާރުބޭނުންކޮށެވެ. އޭރު ޑޮކްޓަރ މުނައްވަރު ހުންނެވީ ރައީސް މައުމޫނުގެ ބުދުކޮއްކޮ އަކަށެވެ. ވިދާޅުވާ އެއްޗަކާއި ގޮތަކަށް ރުހިގެންނެވެ. މިލަފާގެ މަތިން ހޯމްމިނިސްޓްރީ ނޫނެކޭ ބުނެ ޖަވާބުދިނީއެވެ.

އެމްޑީޕީ 42 ސޮއިކޮށްފައި ފުރަތަމަ ފަހަރު ހުށައެޅުމަށް ފަހު ރައީސް އަށް ލިޔުމުން ދެއްވި ޖަވާބު
އެމްޑީޕީ 42 ސޮއިކޮށްފައި ފުރަތަމަ ފަހަރު ހުށައެޅުމަށް ފަހު ރައީސް އަށް ލިޔުމުން ދެއްވި ޖަވާބު
އެމްޑީޕީ، 2001 ގައި ފުރަތަމަ ފަހަރު ރަޖިސްޓްރީކުރުމަށް ރަސްމީލިޔުންތައް ހުށައެޅުމުން ހޯމްމިނިސްޓްރީން ދިން ރަސްމީލިޔުން
އެމްޑީޕީ، 2001 ގައި ފުރަތަމަ ފަހަރު ރަޖިސްޓްރީކުރުމަށް ރަސްމީލިޔުންތައް ހުށައެޅުމުން ހޯމްމިނިސްޓްރީން ދިން ރަސްމީލިޔުން

އެކަމުގައި އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި މީހުންނަށް ސިޔާސީގޮތުން ގޯނާކޮށް ދުއްތުރާތަކާއި އުނދަގޫތައް ސަރުކާރުން ކުރިމަތި ކުރިއެވެ. ސަރުކާރުގެ ބާރު ބޭނުންކޮށްގެން ފާރަލާއި ސިޔާސީ ފުރައްސާރަތަކާއި ޖެއްސުންތައްކޮށް ހެދިއެވެ. އަދި އަޅުގަނޑުގެ ރަސްމީފޯނު އަޑުއަހާހެދިއެވެ.


އެހެނަސް ސިޔާސީޕާޓީއެއް އުފެއްދުމުގެ މަސައްކަތާއި އިސްލާހީ ހަރަކާތުގެ މަސައްކަތް މެދުކެނޑުމެއްނެތި އިސްލާހީ ހަރަކާތަށް ނުކުތް ހިތްވަރު ހުރި ކެރޭ މުޖާހިދުން ބާރަށް ކުރިޔަށް ގެންދެވީއެވެ. އަޅުގަނޑުމެން ލީޑުކޮށްދެއްވުމަށް އިސްކޮށް ނަގާކިޔަން ހުންނެވި، ގ.ކެނެރީގެ، މުހަންމަދު ނަޝީދު (އަންނި) ގެ ޤިޔާދަތުގެ ދަށުގައި އޭރު އިސްކޮށް ތިއްބެވި އެންމެންގެ މަޝްވަރާގެ މަތީން މި ހަރަކާތް ކުރިޔަށް ގެންދެވުނީ، ވަރުގަދަ ސިޔާސީ ހަރަކާތެއްގެ ގޮތުގައެވެ. ފޯރިގަދަ ރޫޙަކާއެކުގައެވެ. ބިރެއްނެތި ނުކުތް އެތައްބައެއްގެ ބައިވެރިވުމާ އެކުގައެވެ. ސިޔާސީ ފިކުރެއްގެ ގޮތުގައެވެ.


ގިނަ މަޝްވަރާތައް ކުރެވި އަމާޒެއް ކަނޑައެޅި ގެންނެވެ. އަދި އެ ހަރަކާތްތައް ރާވާއި ހިންގުމަށް މާލޭގެ އިތުރުން އިދާރީ މަރްކަޒެއް ސްރީލަންކާގައި ގައިމުކުރެވުނެވެ. އަންނި އާއި ގޯގޯލަޠީފާއި ބޭރުގައި ތިއްބެވި އެހެން ބޭފުޅުންނާ ގުޅިގެންނެވެ. ވަރަށްފޯރި އާއި ޖޯޝާއެކުގަ ގިނަގުނަ ސިޔާސީ މަސައްކަތްތަކެއް ދިވެހިރާއްޖެ އިން ބޭރުގައި ހިންގުނެވެ.


އަދި، 2003 ވަނަ އަހަރު، ކ.މާފުށީ ޖަލުގައި ގައިދީއަކު މަރާލުމާއި ޖަލުގައި ސިފައިން ބަޑިޖެހުމުގެ ޙާދިޘާއާ ގުޅިގެން ރިފޯމް މަސައްކަތްތައް އިހުނަށްވުރެ ވަރުގަދައަށް ބޭރުގެ އެކި ޖަމާޢަތްތަކާ ގުޅިގެން ބާރުސްޕީޑެއްގައި ކުރަންފެށުނެވެ. ސިޔާސީ މަސައްކަތްތައް މެކުހަށްޖެހުނެވެ. ދިވެހިރާއްޖޭން ބޭރުގަ އާއި ރާއްޖޭގައެވެ. މި ދުވަސްތަކުގައި އިތުރު ބައިވަރު ބޭފުޅުން އިސްލާހީހަރަކާތާ ގުޅިވަޑައިގަތެވެ.


މިއީ މިހަރަކާތުގެ ފުރަތަމަ މަރްހަލާއެވެ. މި މަރުހަލާގައި ނަގާކިޔަން ހުރި މޭސްތިރިއަކީ ބަލަލުމެއް، ޖެހިލުމެއް ނެތި ގިނަވާހަކަތައް ދައްކަވާ އަންނިއެވެ. އޭނާގެ ހިތްވަރުގަދަ އަޒުމާއި ގިނަވާހަކަތަކާއި ކެރުން، އަހުރެމެން ހުރިހާ ބައިވެރީންނަށް ވެގެންދިޔައީ ބޮޑުބާރަކާއި ހިތްވަރަކަށެވެ. އޭނާގެ ފަސްޖެހުމެއް ނެތް ނަގާކިޔުމުގެ ހިތްވަރުން ހިތްވަރުލިބި، އެތައްކަމެއް އަޅުގަނޑުމެން އިންތިޒާމްވެ އަމިއްލައަށް ރާވާއި ތަންފީޒުކޮށްފައި ހުންނާނެއެވެ.


މިހަރަކާތް ކާމިޔާބު ވުމުގެ ސިއްރަކީ އޭނާގެ ކެރުމާއި ގިނަވާހަކަތަކާއި ކަންކަމުގައި އިސްނަގަން ކެރުމެވެ. ހިތްވަރު ލައިދިނުމެވެ. ރައީސް މައުމޫނުގެ ސަރުކާރުން ދިވެހިރާއްޖޭގައި ދެފަހަރު މަތިން ސިޔާސީޕާޓީއެއް ރަޖީސްޓްރިކޮށް ހިންގަން އުޅެ، އެ ޖާގަ ނުދެއްވުމުން ދެން، އަޅަންޖެހޭ އެންމެ ފަހުގެ ފިޔަވަޅު އެޅުމަށް، އޭރު މައިދާނުގައި އެއްވެ ތިބި ސިޔާސީ މުހައްރިކުންނަށް މަޖްބޫރުވީއެވެ.


ރާއްޖޭގެ އިސްލާހީ ހަރަކާތަށް ބޭރުދުނިޔޭގެ އެހީ އާއި މަދަދު ސީދާގޮތުގައި ހޯދަން ޖެހުނު ސަބަބަކީ މިއެވެ. ދިވެހިބިމުގައި އެހުއްދަ ނުދެއްވުމެވެ. ދެފަހަރު މަތިން ސިޔާސީޕާޓީހެދުމުގެ މަސައްކަތް ހުއްޓުވާލުމުން، މިނޫން ހައްލެއް އަޅުގަނޑުމެންގެ ކުރިމަތީގައި ނެތުނީއެވެ.


އާދެ! ރާއްޖެއިން ބޭރަށް، އަރުވާލެވިގެން ތިއްބަވައިގެން، ރާއްޖޭން ބޭރުގައި އެމްޑީޕީ އުފައްދާއި މުޅިދުނިޔެއަށް އެކަން އިއުލާނު ކުރެއްވީ ވަރަށްކެރިގެން ސާބިތުވެ ތިބެއެވެ. ގިނަބަޔަކު ވެގެންނެވެ. ކުރިމަތިވާނެ ކަންތައްތަކާއި ހުރަސްތައް ރަނގަޅަށް ދަނެތިބެއެވެ. އަދިި، ދިވެހި ސަރުކާރަށް ފާޅުގައި ފާޑުކިޔުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފެއްޓީ އެއްވެސް ކަހަލަ ޖެހިލުމެއް، ބިރެއް ނެތި އެކަމަށް ތައްޔާރުވެ ތިބެއެވެ.


އަމިއްލައަށް އަރުވާލެވިގެން ސްރީލަންކާގައި ގައިމުވެ ތިއްބެވި ބޭފުޅުންނަކީ، މ.ޗާންދަނީވިލާ މުހަންމަދު ލަޠީފް (ގޯގޯ) އާއި ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އާއި ގ.ޕްލެޒެންޓްވޭވްސް އަހްމަދު މަޢުޞޫމާއި ގ.ފިތުރޯނުވިލާ އަހްމަދު އަލީ ނަސީރު (ބޮނދު) އެވެ. އަދި އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވީ، މ.މާފުށީގޭ އަހްމަދު ޝަފީޤު އިބްރާހީމް މޫސާ (ކުޑަސައްޕެ) އެވެ.


އަދި އެހެންމެ ސަރުކާރުގެ ސިޔާސީފުރައްސާރަ އާއި ގޯނާކުރުމުގެ ދުއްތުރާތަކާ ހެދި، އަމިއްލައަށް ބޭރަށް ވަޑައިގެން ހުންނެވި، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އަމިއްލައަށް ޖަލުން ފިލައިގެން، އދ.ގެ ރެފިއުޖީންނާބެހޭ ޖަމާޢަތުން ހިމާޔަތް ހޯއްދަވައިގެން ސްވިޓްޒަލޭންޑުގައި ގައިމުވެ ހުންނެވި، އިބްރާހީމް ލުތްފީ (ސަންދާން) އައި މި ދެބޭފުޅުންގެ އެއްބާރުލެއްވުން، މި މަސައްކަތުގައި މެދުކެނޑުމެއް ނެތި ހުރިހާގޮތަކުން ލިބެމުން ދިޔައެވެ.


ދޭތެރެދޭތެރެއިން ގޯގޯ ލަތީޕު، ޑޮކްޓަރު ވަހީދު އާ ބައްދަލުކުރެއްވުމަށް ދަތުރު ކުރައްވާ ހެއްދެވިއެވެ. ކޮމަންވެލްތާއި އީޔޫ އާއި ޔޫއެން އިން ގެންދިޔައީ މިހަރަކާތް ވަރަށް ގާތުން ބަލަމުންނެވެ. އަދި އަޅުގަނޑުމެން ގެންދިޔައީ ހުރުހާ މައުލޫމާތެއް ދެމުންނެވެ. ޑޮކްޓަރު ވަހީދަކީ އދ.ގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އޭނާގެ މަސައްކަތްތައް ބިނާކުރެއްވީ، ބޭރުފުށަށް ފާޅުގައި ނޭނގޭގޮތަށް ލަފާދިނުމާއި އެތެރެއިން ކުރެވެން ހުރި އަންޑަރގުރައުންޑު މަސައްކަތްތައް ރާވާއި ދީ މިހަރަކާތަށް މަގުފަހިކޮށް ދެއްވުމުގެ މައްޗަށެވެ.


އެމްޑީޕީ ދުނިޔޭގެ ޖައްވަށް ނޭވާލުން:


ދިވެހިރާއްޖޭގައި ދުސްތޫރީ ހަމަތަކުގެ މަތިން ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރެވޭގޮތް ރަސްމީ ސިފައެއްގައި ދެފަހަރު މަތިން، 1994 ގަ އާއި، 2001 ގައި މަސައްކަޔްކޮށް އެކަން ވިޔަނުދިނުމުން، ދުނިޔޭގެ އެހެންގައުމު ތަކުގައި އެފަދަ ކަންތައް ކަންކުރާ ބީދައިން، ރާއްޖޭން ބޭރުގައި ދިވެހިރާއްޖޭގެ ރަށްތަކުގައި ހަރަކާތްތެރިވާނެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އުޅުއްވި ބޭފުޅުންނަށް، އެކަން ކުރުމަށް މަޖްބޫރުވީ ހިނދު، އެކަން އިއުލާނު ކުރެވުނީ، 2003 ނޮވެމްބަރ 10 ވީހޯމަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. ބައިނަލް އަޤްވާމީ ނޫސްވެރިންގެ ކުރިމަތީގައެވެ.


ސްރީލަންކާގައި އެމްޑީޕީ އިއުލާނުކުރުން 2003 ގައި
ސްރީލަންކާގައި އެމްޑީޕީ އިއުލާނުކުރުން 2003 ގައި

އެމްޑީޕީ ބޭރުގައި އިއުލާން ކުރެވުނު ވާހަކަ އީޔޫއިން އެ އިދާރާގެ ރަސްމީރިޕޯޓެއްގައި ނެރުއްވާއި މުޅި ދުނިޔެއަށް ހާމަކޮށް ދިނެވެ. އެ ރިޕޯޓު މިލިންކުން ބަލައިލައްވާށެވެ. މިހުރިހާ މަސައްކަތެއްގެ ބޮޑުބައި ސްރީލަންކާގައި ކުޅެދެއްވީ، ހުނަރުވެރި މޭސްތިރި ވިސްނުންތެރި ހިކްމަތްތެރިޔާ ގޯގޯ ލަތީފެވެ. އަދި އެންބުރި ފަހަތް ބެއްލެވެވުމަށް ބޭނުންފުޅުނުވާ އަބަދުވެސް އިސްނަންގަވަން ކެރޭ، ވާހަކަތައް ގިނަ ކެނެރީގޭ އަންނި އާއި ދެން ވެސް އިސްވެ މުހައްރުކުން ގިތުގައި ކެރިގެން ނުކުންނެވި މުޖާހިދު ސިޔާސީ ބޭފުޅުންތަކެވެ. ކުޑަވަރެއްގެ ފައުޖެއް މި ހަރަކާތުގެ ފަހަތުގައި ތިއްބެވިއެވެ.


މިހަރަކާތް ކުރިޔަށް ގެންދެވުނީ، މިއެންމެންގެ ސިޔާސީ ވިސްނުމާއި ޙިކްމަތްތެރި ބުއްދީންނެވެ. މިއީ ވަކި ފަރުދެއްގެ އަދި ވަކިމީހެއްގެ އެކަނި، އަމިއްލަ މަސައްކަތެއް ނޫނެވެ. ބާނީއޭ، ޖަޑިބޭ، ޑިމޮކްރަސީގެ ބައްޕައޭ ނޫނީ މަންމައޭ ކިޔުމުގެ ހައްގު ވަކިފަރުދަކަށް ހައްގެއް ނުވާނެއެވެ. ފަހުން އެއިން ކަމެއް މީހަކު ކުރާނަމަ، ނުވަތަ ބަޔަކުފަހުން ނުކުމެ ވަކި މީހަކަށް އެހައްގު އަރުވާނަމަ އެއީ އިންސާފެއްނޫނެވެ. ކަނޑައެޅީގެން އޮޅުވާލުމެވެ.


އަދި މީގެ ތަންކޮޅެއް ފަހުން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅިގެން Maldives-EU Sanctions Report ގެ ނަމުގައި ޕާސިއުސް އެސްޓްރެޓެޖީސް (Jared Genser) އިން ތައްޔާރުކުރި ރިޕޯޓެއްގައި އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ރިޕޯޓެއްވެސް ނެރެފައިވެއެވެ.


ފަހެ، މިހުރިހާ ކަމެއް ރޭވި ހިންގުނީ އަންނި އާއި ގޯގޯ ލަތީފާއި ދެންވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ލަފަޔާ އެކުގައެވެ. އަދި މި ހަރަކާތުގައި ދެންވެސް ބައިވެރިވެ، ބޭރުގަޔާއި މާލޭ ގައި އަމަލީގޮތުން ތިއްބެވި ހުރިހާ ބައިވެރިންގެ މަޝްވަރާ އެއްކުރެވިގެންނެވެ. ބަރާބަރަށް ސިއްރު ބައްދަލުވުންތައް މާލޭ ގެ އެކިތަންތަނުގައި ހިންގަމުން ގެންދެވުނެވެ.


2001 ގައި، 42 މީހުންގެ ސޮއި ލިބިގެން ހުށަހެޅުމަށް ފަހު އަބަދުވެސް ލިޔެވިގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވުނެވެ. އަދި ލަންކާގައި އޮފީސް ހުޅުވުމާއެކު "ވަލީކޮމްޓީ" ގެ ނަމުގައި ރަސްމީކޮށް ކޮމެޓިއެއް ހަމަޖެއްސުނެވެ. އަދި ވަލީކޮމެޓީގެ ބައްދަލުވުންތަކަށް އެޖެންޑާ ހެދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ވެސް ލިޔެވުނެވެ. އެ އެއްވުންތަކުގެ އިދާރީކަންކަމާ އޭރުން ފެށިގެން އުޅެނީ އަހުރެންނެވެ. އަޅުގަނޑު އިދާރީ ގިނަ މަޝްވަރާތައް ކުރަންޖެހެނީ އަންނިގެ ކޮއްކޮ ނާޒިމް އާއެވެ.


އާދެ! ރާއްޖޭން ބޭރުގައި "އަރުވާލެވިފައިވާ ވަކި ޝަޚްޞެއް" ގެ ގޮތުގައި އީޔޫ އާއި ބައިނަލްއަގުވާމީ ބާރުގެ ދަށުން ބާރު ލިބިގެން އެމްޑީޕީ ހިންގުމުގެ އިދާރީ މަސައްކަތްތައް ރަސްމީކޮށް ފެށުނެވެ. އޮފީހުގައި ނަންބޯޑެއްޖަހާއި ތައްގަޑާއި ރަސްމީ ސިޓީލިޔާނެ ކަރުދާސްތައް ތައްޔާރުކޮށް ޗާޕުކޮށް ހަދައިގެންނެވެ.


ބައިނަލް އަޤްވާމީ ފަރާތްތަކާއެކު ސީދާ މަޝްވަރާތައް ރަސްމީ ސިފައެއްގައި ފެށުނެވެ. ފައިލްކުރެވިގެން އެޕޮއިންޓުމެންޓުތައް ތާވަލު ކުރެވިގެން އެކި އިށީނުންތަކާއި ވާހަކަތައް ފެށުނެވެ. އިދި ލަންކާއަށާއި އިނގިރޭސިވިލާތަށް ދަތުރުތައް ފެށުނެވެ. އަހުތރެން އަންނި އާއެކު ލަންކާއަށް ދަތުރެއް ކުރަންޖެހުނެވެ.


އޭރު ލަންކާގައި ތިއްބެވި ބޮޑެތި ސިޔާސީ އެކި ފަރާތްތަކާ ބައްދަލުކުރުމަށެވެ. އޭގެ ތެރޭގައި އެންމެ އިސްފަރާތަކީ، އޭރުގެ ޚާރިޖީވަޒީރު ލަކްޝްމަން ކަދިރްގަމާ، Lakshman Kadirgamar އެވެ. މިއީ 2005 ވަނަ އަހަރު ތަމަލައިން އެބޭފުލާ މަރާލުމުގެ ކުރީގައެވެ.


އެކިއެކި ރަސްމީ ލިޔުންތައް ޕާޓީގެ ނަމުގައި ރަސްމީ އޮފީސްތަކުން ބޭރުކުރެވެން ފެށުނެވެ. ޕާޓީގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ގައިމުކޮށް ދުވަހުންދުވަހަށް އެންމެ އެތެރޭގެ ޚަބަރުތައް އަޕްޑޭޓް ކުރަން ފެށުނެވެ. މިވެބުސައިޓް ލަންކާއިން ކުރިޔަށް ގެންދެވުނެވެ. ދާއިމީކޮށް އޮފީހުގައި އިދާރީމުވައްޒަފުން ތިބެގެންނެވެ.


އަދި އިނގިރޭސި ވިލާތުގައި، ކުޑަސައްޕެގެ ބެއްލެވުމުގެ ދަށުން، ދިވެހި އޮބްޒާވަރުގެ ނަމުގައި ވެބްސައިޓެއް ގައިމުކޮށް، ޕާޓީގެ ޚަބަރުތަކާއި ރާއްޖެތެރޭގެ ޚަބަރުތަކާއި ޕާޓީގެ ޕޮލިސީތަކާއި ސިޔާސަތުތައް ހާމަކޮށް ދިނުމުގެ މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ކުރިޔަށް ދާން ފަށައިފިއެވެ.


އަދި އޮސްޓްރޭލިޔާއިން، މޯލްޑިވްސް ކަލްޗަރ ޑޮޓްކޮމްގެ ނަމުގައި މިޚަބަރުތައް ފަތުރައި ދެއްވަމުން ދިވެހިއަންހެން ދަރިޔަކު (ފަރީޝާ) އޭނާގެ ފިރިމީހާގެ އެހީތެރިކަމާއެކު ގެންދެވިއެވެ. މާލެއިން ބަރާބަރަށް ކުޑަސައްޕެއަށް ޚަބަރުތައް ފޮނުވާނެ ބޭފުޅުން އަމިއްލައަކަށް އުފެދިއްޖެއެވެ. ބަރާބަރަށް އެކަން އޮޓަމެޓިކުން ހިނގާން ފަށައިފިއެވެ. ދުވަހުން ދުވަހަށް އަޕްލޯޑު ނުކުރެވޭ ވަރަށް ގިނަ ލިޔުންތައް ސައްޕެއަތަށް އަރަން ފަށައިފިއެވެ.


ފޮޓޯތަކާއި މުހިންމު ޚަބަރުތައް ފޮނުވުމުގައި އެންމެ އިސްރޯލެއް މާލެ އިން އިސްކޮށް ކުޅުއްވީ، ސިލްވަރސީން އަލީވަހީދު ހަސަން މަނިކާއި އޭނާގެ އަނބިކަނބަލުން އިރާޝާއަހްމަދެވެ. އަދި ވެސް އިތުރު ބައެއް ޒުވާން ކުދިން މިކަމުގައި އިސްނަގައިގެން އަމިއްލައަކަށް ހަރަކާތުގައި އުޅުނެވެ. ފަހުން ބައިވަރު ކުދިން މި ކަމުގައި އުޅުނެވެ.


ކުރިނބީ މުހަންމަދު ވަހީދަކީވެސް ދިވެހި އޮބްޒާވަރުގެ މުހިންމު ލިޔުން ތެރިއެކެވެ. އޭނާ އަކީ ކުޑަސައްޕެ އާއެކު ކުވައިތަށް ކިޔަވަން ވަޑައިގެންނެވި ބޭފުޅަކަށް ވާތީ ކުޑަސައްޕެ އާއެކު މަސައްކަތް ކުރިޔަށް ގެންދެވީ އިތުބާރާއި ޔަގީންކަމާ އެކުގައެވެ. އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މި ދެމީހުންނަށް ޚަބަރުތައް ދޭބައިވަރު ކޮޅުތައް މާލެ ތެރޭގައި ރޭވި ހަމަޖެހިފައި ހުއްޓެވެ.


އަދި ވަކިމީހެއް ނޭނގޭގޮތަށް ޚަބަރާއި ފޮޓޯ، އަދި ބައެއް ސިއްރުލިޔުންތައް ފޮނުވައިދޭ ފަރާތްތައް އަމިއްލައަކަށް އުފެދިފައި ތިއްބެވެ. ސަރުކާރު ތެރޭގައި ވެސް މީގެބަޔަކު ތިއްބެވެ. އެތެރޭގެ ޚަބަރިތައް ދީހަދައެވެ. މިއިން އެނގޭ އެއްޗަކީ، އިސްލާހީ ކަންކަމުގައި އިސްނަގަން ކެރޭލީޑަރުން ތައްޔާރަށް ތިބިއްޔާ، ސިޔާސީކަންކަން ރާވައިގެން ކުރިޔަށް ގެންދެވޭނެ ކަމެވެ. ބޭނުންވަނީ އިސްނެގުމާއި ކެރުންކަމެވެ.


ކިޑަސައްޕެ މިސައިޓާ ދިމާކުރުމުގެ ގޮތުން އޭރުގެ ސަރުކާރުން ސިފައިންލައްވާ ދެސައިޓެއް ވުޖޫދުކޮށް ހިންގާ ހެދިއެވެ. ފަހުން މިސައިޓު ވަނީ ކުޑަސައްޕެ އަރުޝީފު ނުކޮށް ހުއްޓާލައްވާއި ނެތިކޮށްލައްވާފައެވެ. އެއީ ފަހަކަށް އައިސް އޭތިމިތީގެ، އެތާނގެމިތާނގެ ވާހަކަތަކާއި ބައެއް ބޮޑެތި އާއިލާތަކުގެ އިސްބޭފުޅުންގެ ޒާތާބެހެވި ވާހަކަތަކާއި ފޮޓޯތައް ހަދަހަދައިގެން ގެނެސްދެވިފައި ހުރުމުންނެވެ.


އާދެ! ޕާޓީގެ "ޚަބަރު ސިޓީތައް" ޗާޕްކޮށްގެން މާލޭގައި ތިބި، އަޅުގަނޑުމެން ކަހަލަ އިސްލާހީ ހަރަކާތް ތެރިންނަށް ބަރާބަރަށް ލިބެންފަށައި ފިއެވެ. އެކަން ހިންގަނީ ލަންކާ އޮފީހުންނެވެ. އަޅުގަނޑު މެންނާ ލަންކާއޮފީހައި ގުޅުވައިދޭ އިސް މީހަކީ، މއ.ކޮށީގޭ އަބްދު ﷲ ސަޢީދު (ކެޕްޓަން) އެވެ.


އަދި ގަވާއިދުން ލަންކާ ނޫސްތަކުގައި އެކި ޚަބަރުތައް ލިޔެވެން ފަށައިފިއެވެ. ލަންކާގައި ބޭއްވުނު ނޫސްކޮންފަރަންސަށް ފަހު މިކަން ވަނީ އާންމުވެފައެވެ. އޭގެ މިސާލެއް މިލިންކުން ބަލައިލައްވާށެވެ. އެމްޑީޕީގެ ވާހަކަތަކާއި ގޯގޯ ލަތީފުގެ ވާހަކަތަކާ، އަދި އަންނިގެ ވާހަކަތައް ލަންކާ ނޫސްތަކަށް އަރަންފަށައިފިއެވެ.


އަދި އިދާރީ ކަންކަމުގައި މާލޭގައި އަޅުގަނޑު މެންނާ ގުޅޭ އިސްފަރާތަކީ، ގ.ކެނެރީގޭ އަހްމަދުނާޒިމް (އަންނިކޮއްކޮ) އެވެ. ވަރަށް އަވަހަށް ރަފުކޮށް ކުއްލި، އަސާސީ ގަވާޢިދެއް އެކުލަވާ ލެވިއްޖެއެވެ. މިކަމުގައި އިސްކޮށް ޑުރާފްޓު ކުރުމުގައި އުޅުނީ އަޅުގަނޑާއި ނާޒިމެވެ. 1994 ވަނަ އަހަރުގެ ޕީޑީޕީ އާއި 2001 ވަނަ އަހަރުގެ އެމްޑީޕީ އަށް ބޭނުންކުރެވުނު ރަފްޑުރާފްޓެއް، ފުރަތަމަދެލިކޮޕީއެއްގެ ގޮތުގައި ހެދިފައި އޮތުމުން އިތުރު އިސްލާހުތައް ގެނެސް ފުރިހަމަކޮށްލެވުނީ ވަރަށް ފަސޭހައިން އަވަހަށެވެ. ވަރަށް އަވަހަށް ކުޑަފޮތެއްގެ ސިފަ މިގަވާއިދަށް ގެނެވިއްޖެއެވެ.


އެގަވާޢިދުގެ ދަށުން ހިންގާކޮމެޓީއެއް އިހުޒަމާނުގެ ގޮތުންނަމަ، ވަލީކޮމެޓީ (ނެޝަނަލް ކައުންސިލް) އެއް އެކުލަވާލުމުގެ މަސައްކަތް ކެޕްޓަން ކޮށީގޭ ސައީދު މުރާސިލަކަށް ހުންނަވައިގެން އީމެއިލުން ފެށުނެވެ. މިކަން ނިމިގެން ދިޔައީ ވަރަށް ސާފުކޮށް، އަޑިއެނގޭގޮތަށް ބޭރުދުނިޔެއިން ގަބޫލްކުރާ ފެންވަރުގައެވެ.


މިމުއާސަލާތުތައް އިންޓަރނެޓް މެދުވެރިކޮށް ވޯޓުލައިގެން އިސްލާހީ ހަރަކާތުގައި ފާޅުގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބުމަށް އެންމެ ފުރަތަމައަށް އަނގަބަހުން އެއްބަސްވެފައި ތިއްބެވި މެންބަރުންގެ މެދުގައެވެ. އިންޓަރނެޓު މެދުވެރިކޮށް މިއެންމެން ތިބީ ގުޅާލެވިފައެވެ.


މިމީހުންގެ މެދުގައި އީމެއިލް މެދުވެރިކޮށް، ބަރާބަރަށް ގުޅުން ހިނގަމުން ދިޔައެވެ. މިކަން ކުރައްވައި ހެއްދެވީ ކެޕްޓަން ސައީދެވެ. އަދި އަނގަބަހުން ދޭންޖެހޭ މެސެޖްތައް ބަރާބަރަށް އެމަގުން ބަހާހަދައި އުޅެނީ އަޅުގަނޑެވެ. އާދެ، 2004 ފެބްރުއަރީ 10 ގެނިޔަލަށް އީމެއިލް ފޮނުވައިގެން، ވަލީކޮމެޓީއަށް ކުރިމަތި ލެއްވުމުގެ ދޮރުހުޅުވާ ލެވުނެވެ. މިހުޅުވާލެވުނު ފުރުސަތުގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ތިއްބެވި މިހަރަކާތުގެ ބައިވެރިންގެ ތެރެއިން، 25 މެމްބަރަކު ވަލީކޮމެޓީއަށް ކުރިމަތި ލެއްވިއެވެ.


ދިވެހިރާއްޖޭގައި އިންޓަރނެޓު މެދުވެރިކޮށް ވޯޓުލެވުނު ފުރަތަމަ ފަހަރު:


އީމެއިލްގެ ޒަރީޢާއިން އިންޓަނެޓުން މިވޯޓުލުން ބޭއްވުނީ، 2004 ފެބްރުއަރީ 13 ވީހުކުރު ދުވަހުއެވެ. މިކަންތައް ރޭވިފައިއޮތީ އެރޭ، 12 ގެކުރިން ވޯޓުލައި ނިންމާލާ ގޮތަށެވެ. މިމަސައްކަތްތައް ރާވާއިހިންގާ ބެލެހެއްޓީ، ކެޕްޓަން އަބްދު ﷲ ސަޢީދުގެ ބެލުމުގެ ދަށުންނެވެ. އިދާރީ ހުރިހާކަމެއްގައި އަޅުގަނޑާ ބަރާބަރަށް ގުޅާހެއްދެވީ އޭނާއެވެ. އޭނާ އާއި ބޭރުގައި ތިއްބެވި މީހުންނައި، އަދި ބޭރުގައި ހުޅުވާފައި ހުރި އޮފީސްތަކާ ބަރާބަރަށް ގުޅުން ހިނގައެވެ.


މިއިންތިޚާބުގައި އަޅުގަނޑު ކެނޑިޑޭޓެއްގެ ގޮތުގައި ބައިވެރިނުވީ ސަރުކާރުތެރޭގައި އިސްކޮށް، މީގެތެރެއިން އެކަކު ސަލާމަތުން ހުންނަން ޖެހޭތީއެވެ. އަދި މިވަގުތު އެހާއަވަހަށް އަނެއްކާ، ޖަލަށްދާން ބޭނުން ނުވާތީއެވެ. އެހެނަސް މިއިންތިޚާބުގައި އޭރު ބޭރުގައި ތިއްބެވި، ޖަވާހިރުވާދީގެ ދެކުދިން ކަމުގައިވާ ވިދާދު ވަހީދު ހަސަން އާއި ފިދާ ވަހީދު ހަސަން ލައްވާ ކުރިމަތި ލެއްވީމެވެ.


އެކުދިންނަކީ ބޭރުގައި ކިޔަވަންތިބޭ ދިވެހިދަރިންނަށް ވެފައި، މާލޭގައި ތިއްބެވި ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުން، އެދެކުދިން ރަނގަޅަށް ނުދަންނާތީ، ހޮވަންޖެހޭ އިސް 15 ބޭފުޅުން ތެރޭގައި އެދެކުދިން ހޮވޭގޮތް ނުވީއެވެ. އެހެންނަމަ ވެސް އެދެކުދިންނަށް ވެސް ރަނގަޅަށް ވޯޓުދީފައި ހުއްޓެވެ. އާދެ! ދިވެހިރާއްޖޭގައި އިންޓާނެޓު މެދުވެރިކޮށް ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގެ ނަތީޖާ، އެވޯޓުގެ ނަތީޖާޝީޓުން ބައްލަވާ ލައްވާށެވެ.


ވޯޓުގެނަތީޖާ
ވޯޓުގެނަތީޖާ

މިއިންތިޚާބުގައި އެމްޑީޕީގެ ވަލީކޮމެޓީއަށް ހޮވުނު، 15 ބޭފުޅުން އިއުލާނުކޮށް ދެއްވީ، ކެޕްޓަން ސަޢީދެވެ. ވަލީކޮމެޓީގެ ޖަލްސާތައް މާލޭގެ ސިއްރު ތަންތާގައި ބޭއްވުމަށް ފަހު، ޔައުމިއްޔާތައް ލަންކާ ހެޑް އޮފީހަށް ނާޒިމު މެދުވެރިވެގެން އަޅުގަނޑު ފޮނުވައިދެމެވެ.


ވަލީކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑަކީ، އެމްޑީޕީގެ ރަޖިސްޓްރަރ ޖެނެރަލްކަމާއި ޕާޓީގެ މިމަގާމަކީ، ވަލީކޮމެޓީގައި ހިމެނޭ މަގާމެއްގެ ގޮތުގައި ބައިވެރިވި މީހުންގެ އިއްތިފާގުން ފާސްކޮށް ހަމަޖެއްސުނެވެ. އެހިސާބުން އަހުރެންނަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ރަޖިސްޓްރަރ ޖެނެރަލް ކަމުގައި ރަސްމީކޮށް ހަމަޖެހުނީއެވެ.


މިހާހިސާބުން ސިޔާސީ ޕާޓީއެއްގެ އެންމެ ފުރަތަމަ ފުރިހަމަ ހައިސިއްޔަތާއި އެކު ގާނޫނީ އަދި އުސޫލީ ފޭރާމެއްގައި އިސްލާހީ ހަރަކާތުގެ މަސައްކަތް އަމަލީގޮތުން ފެށުނީއެވެ. ހުރިހާ އިދާރީކަމެއް ހިންގާއި ބަލަހައްޓަމުން ގެންދިޔައީ އަހުރެންގެ ބެލުމުގެދަށުންނެވެ.


މާލޭގައި ފުރަތަމަފަހަރަށް އެމްޑީޕީ ދިދައުގެދަށުން ހުޅުވުނު އޮފީސް ހިނގުމުގައި
މާލޭގައި ފުރަތަމަފަހަރަށް އެމްޑީޕީ ދިދައުގެދަށުން ހުޅުވުނު އޮފީސް ހިނގުމުގައި

ބޭރު ދުނިޔެއިން މިކަންތައް ފަސޭހައިން ރީތިކޮށް ބަލައި ގެންފިއެވެ. މިކަންތައް ފުރިހަމަ ކުރެވުމުން، ގޯގޯ ލަތީފު ލަންކާގައި މަޑު ކުރެއްވުމަށް ފަހު، އަންނި އާއި މަޢުޞޫމާއި ބޮނދު އިނގިރޭސި ވިލާތަށް ސިޔާސީ ޙިމާޔަތުގައި އަރުވާލެއްވުނީ، އުނދަގޫކަމެއް ނެތި ވަރަށް ފަސޭހަކަމާ އެކުގައެވެ. އެއަށް ފަހު، ކުޑަސައްޕެއާ ގުޅިގެން ހަގީގީ މަސައްކަތް ބައިނަލްއަގުވާމީ ގާނޫނީ ފޭރާމެއްގެ ތެރޭގައި ފެއްޓީއެވެ.


ފަހެ، މިހަރަކާތުގެ އިސްމީހަކަށް އަޅުގަނޑުމެން އޭރު ބަލަމުން އައީ، ސިޔާސީ ކަންކަމުގައި ފަސްނުޖެހި އިސްނަންގަވަން ކެރިވަޑައިގަންނަވާ، ޖެހިލުންކުޑަ އަންނިއެވެ. އަންނި އަކީ ވަރަށް ކެރިގެން އިންގިލާބީ ރޫހެއްގައި ގިނަ ވާހަކަތަކެއް ދައްކަވާއި ހައްދަވާ ބޭފުޅެކެވެ. އަދި އެކަންވީ މައިދާނުގައި އިސްލާހަށް ފެންބޮފައި ތިބި ގިނަބަޔަކަށް މަގްބޫލިއްޔަތުކަން ދެވުނު ކަމަކަށެވެ.


ސަރުކާރުގެ އިސްލާހީ ޕްރޮގްރާމް:


1990 ވަނަ އަހަރު މާލެ ތެރެއަށް ދައުލަތުގެ ބާރާއެކު ނެރުނު "ބިންބިފޯސް" މެދުވެރިކޮށް ކުރަންއުޅުނު އެންމެ މުހިންމު ކަންތައް ކާމިޔާބެއް ނުކުރެވުނެވެ. އަދި، 2003 ސެޕްޓެމްބަރ 19-20 ގެ ޙާދިޘާގެ ފަހަތުގައި ރޭވުނު ހުރިހާ މުޑުދާރު ރޭވުންތަކެއް ވެސް ބޮޑުތަނުން ފެއިލްވީއެވެ. ވެރިކަމަށް، އިތުރުދައުރެއް، 6 ވަނަ ދައުރުގެ މަޖްލިސް އިއްތިފާގު، އެޙާދިޘާގެ ތެރެއިން ކާމިޔާބުކޮށް ނެންގެވިއެވެ. އެކަން ހިންގީ ވަރަށް ބޮޑު ސިއްރުރޭވުމެއް ސަރުކާރުން ރާވައިގެންނެވެ. ރައީސްމައުމޫނަށް އެކަން ކާމިޔާބު ކޮށް ދެއްވީ ރައީސްޔާމީނުގެ ހިކްމަތުއަމަލީންނެވެ.


މިހުރިހާ ޙާދިޘާތަކެއްގެ މުގުލުގައި ތިއްބެވީ އާދަމް ޒާހިރާއި ރައީސް މައުމޫނު އަރިހުގައި ތިއްބެވި ދުވަސްވީ ތަޖްރިބާކާރު ވަޒީރުން ކޮޅެކެވެ. އޭގެ ތެރޭގައި ގިނައީ ފަތުހު ﷲ ޖަމީލް، ޒާހިރު ހުސައިން ފަދަ ކިޔަވާވިދާޅުވި ދުވަސްވަރުގެ ރަހްމަތްތެރި އެކުވެރީންނެވެ. ދެން ތިއްބެވީ ދެފަރާތުގެ އާއިލީ ބޭފުޅުން ކަމުގައިވާ އަބްދު ﷲ ހަމީދު، އިލްޔާސް އިބްރާހީމް ކަހަލަ ގަދަރުވެރި ބޮޑެތި ބޭފުޅުންނެވެ.


ވެރިކަމުގެ ފަހުދައުރާ ދިމާވި އިރު އެންމެ ބާރުގަދަ އާއިލީ އެއްވަޒީރު ކަމުގައިވާ އިލްޔާސް އިބްރާހީމް ވަނީ ވެރިކަމަށް ފައިނެންގެވިކަމުގެ ތުހުމަތުގައި ބޮޑު ޝައްކުތަކެއްގެ ތެރޭގައި އެގޮތްމިގޮތް މެދުވެރިވެފައެވެ. ކޮއްކޯފުޅު ޔާމީނާ މެދު ރައިސްމައުމޫނު ދެކެވަޑައިގަންނަވަނީ ކިޔަވާކުއްޖެއްގެ ގޮތަށެވެ. އެހެނަސް އާދަމް ޒާހިރަށް ގިނަ ހިކުމަތްތައް ލިބިފައި ވަނީ އެބޭފުޅާގެ ފަރާތްޕުޅުންނެވެ.


ވެރިކަމުގެ ދިގުސިލްސިލާއަށް އިތުރު ފަސްއަހަރުގެ ދައުރެއް އެކިއެކި ހާދިސާތައް ވުޖޫދުކޮށް، އެކިގޮތްގޮތަށް އެތެރޭގައި ސިއްރު ފިއްތުންތައް ފިއްތާއި އިދިކޮޅުހެން ހީވާ މީހަކަށް ވިއްޔާ އަނިޔާތައްދިނެވެ. ޖަލަށްލާއި ބިރުދައްކާ ހެދިއެވެ. އޭގެ ތެރެއިން ބައެއް މީހުން ބުއްދިގޯސްވެ މަރުވެދިޔައެވެ. ގޮތްނޭނގޭމަރުތައް ވެސް ހިނގާފައިވެއެވެ.


މިގޮތުން އެތައްބަޔަކަށް އަނިޔާތައް ދީގެން، ވެރިކަމަށް ދައުރެއް އިތުރުކޮށް ލެއްވުނަސް، މި ދުވަސްވަރު އިންޓަރނެޓު ވަނީ ދުނިޔޭގެ ގައުމުތަކަށް ލިބި މެއިލް އާއި ސިއްރުން ބޭނުންވާ އެއްޗެއް ލިޔެވޭ ގޮތްތައް ފަސޭހަކަމާ އެކު އެކިކަހަލަ ސައިޓުތައް އުފެއްދޭނެ ގޮތްތައް މެދުވެރި ވެފައެވެ. އެހެންވެ އިސްލާހީހަރަކާތް އޮތީ ބޭރުގައުމުތަކުގެ އެހީގައި ވަރުގަދަވެގެން ގޮސް ނުހިފޭއްޓޭވަރަށް ފުޅާވެ މޫލާފައެވެ.

އަދި، މިދައުރު ފެށުމާ އެކުހެން ޕާޓީސިޔާސަތަށް ޖާގަނުދީ ހިފޭއްޓެވި ހިފޭއްޓެވުން، ވެރިކަމުގެ މުށުތެރެއިން ލޫދިގެން ދިޔައީ ދާދި އަވަހަށެވެ. އަދި، 2004 އޯގަސްޓް 12-13 ގެ މި ޙާދިޘާގެ ބިއްދަށުގައި ރޭވުނު މުޑުދާރު ސިޔާސީ ރޭވުންތައް ވެސް، ބޮއްސުން ލައިގެން ދިޔައީއެވެ. 2005 ގައި ޒުވާން ވަޒީރުންތަކަކަށް ކެބިނެޓުން ޖާގަ ދެއްވިއެވެ. ﷲގެ ހެޔޮރަޙްމަތް ފުޅުން، ރާއްޖޭގައި އުފެދުނު އިސްލާހީ ހަރަކާތް އުޖާލާކޮށް ކުރިޔަށް ދިޔައެވެ. އެކުގައި މަރައެއް ނުލެވުނެވެ. ހެދިފޯދި ގަހަކަށް ވިއެވެ.


ދިވެހި ރައްޔިތުންނަށް އަވަސް އިސްލާހެއް ގެނެވޭ ކަން ދުނިޔެއަށް ދެއްކެވުމުގެ ބޭނުމުގައި ކެބިނެޓަށް ކިޔަވައިގެން ތިއްބެވި، 4 ޒުވާނަކަށް ވަޒީރުކަން ދެއްވިއެވެ. އެބޭފުޅުންނަކީ އަހްމަދު ޝަހީދު އާއި ހަސަން ސައީދު އާއި މުހައްމަދު ޖަމީލު އާއި އަދި މުހަމަދު ނަޝީދު (ކުއްޓި) އެވެ. އެބޭފުޅުން ލައްވައި ޒަމާނާގުޅޭ ތަހްޒީބީގޮތުން ގެނެވެން ހުރި އިސްލާހުތައް ހޯއްދަވާއި ދިރާސާކުރެއްވުމަށް ފަހު ރައީސްމައުމޫނު ކަރުދާހެއް އެކުލަވާލެއްވިއެވެ. އެއީ އެމަނިކުފާނުގެ އިސްލާހީއެޖެންޑާއެވެ. ތޮށިގަނޑުފަޅާލާފައި ނުކުތުމަށް ގޮވާލެއްވުމެވެ.


ދެން ފަހެ، މިދުވަސްވަރު، (2003، 2004، 2005) ރައްޔިތުންގެ އިސްލާހީޕުރެޝަރު ހުރިގޮތުން ސަރުކާރަށް މަޖްބޫރުވީ، ސަރުކާރުގެ އިސްލާހީ އެޖެންޑާއެއް ފަރުމާކޮށް އޭގެ މަގުޗާޓަކާ ދިމާއަށް ދީލައިލާށެވެ. ޒަމާނީފިކުރުގެ ވަޒީރުންނާއި މުސްކުޅިފިކުރުގެ ވަޒީރުން ކެބިނެޓުގައި ތިބެ އެކަމުގެ މަޝްވަރާތައް ފެށުނެވެ. ޒުވާން ވަޒީރުންގެ ހުށަހެޅުންތަކަށް ދެކޮޅުހަދާއި ފާޅުގައި ނޫނެކޭ ބުނެ ރައްދުކުރުމުގެ ބަދަލުގައި ދިޔައީ ކެބުނެޓު ތެރޭގައި ފޯރިގަދަވެ ޒުވާންޚީޔާލުތައް ވައިގާ ހިފަމުނެވެ.


އަދި ވީހާ އަވަހަށް އިސްލާހީމިގުޗާޓެއް ގެނެސްދީ ރައްޔިތުންގެ ލަފަޔާއި ޝުޢޫރުތަކަށް ހުޅުވާލައްވަން ކެބުނެޓުގެ މަޝަވަރާ އާއެކު ނިންމެވީއެވެ. މުސްކުޅި ތަޖްރިބާކާރު ވަޒީރުންނާ ދެކޮޅަށް ތައުލީމީޒުވާން، ޝާއްބަ ވަޒީރުންތަކެއް ކެބިނެޓަށް ގެންނެވުމަށް ފަހު، ގާނޫނު އަސާސީ އަށް ގެންނަންފެންނަ އިސްލާހުތަކެއް ރައީސް މައުމޫނު، 2004 ގައި އިއުލާނު ކުރެއްވިއެވެ.


9 ޖޫން 2004 ގައި އިސްލާހީމަގުޗާޓު އިއުލާނުކުރައްވަނީ ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލެއްވުން
9 ޖޫން 2004 ގައި އިސްލާހީމަގުޗާޓު އިއުލާނުކުރައްވަނީ ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލެއްވުން

މިއީ ރައީސްމައުމޫނު ކުރެއްވި ހިކްމަތްތެރި ވަރަށް މޮޅުކަމެކެވެ. އެވަގުތަށް ރައްޔިތުން ގޮވަމުންގެންދިޔަ ގޮވުމަށް ފަނޑުކަމެއް ގެނައުމަށް ޒުވާން އިލްމީ ބަޔަކު ކެބިނެޓަށް ގެނެސް، ދޮށީ އުމުރުގެ ބޭފުޅުންނާ އެކު މަޝްވަރާކޮށް އެވަގުތަށް ގައުމަށް ކޮށްދެއްވި ހިކްމަތްތެރި މަތީދަރަޖައިގެ އަގުހުރި ފިޔަވަޅަކަށް މިކަންވިއެވެ.


އެހެނަސް އަހުރެން އޭރު ވެސް އަދި މިހާރުވެސް ގަބޫލުކޮށްގެން މި ހުރީ މިއީވެސް، 2003 ގެ "ކަޅުހުކުރު" ޙާދިޘާ އާއި 2004 ގެ "ބޮޑުބުރާސްފަތި" މި ޙާދިޘާގޮތަށް، އަނެއްކާ ވެސް ވެރިކަން ދަންމާއި ވެރިކަމުގެ ބާރު ވަރުގަދަކުރެއްވުމަށާއި ރައްޔިތުންގެ ރުހުމާއި މަގްބޫލުކަން ހޯއްދެވުމަށް އީޖާދުކުރެއްވި އިތުރު މަކަރުވެރި އޮޅުވާލެއްވުމުގެ ކަމެއްކަމަށެވެ. ފަހަތުގައި ދޮގުވެރި އޮޅުވާލުމެއް ވާ މަގުޗާޓެއް ކަމަށެވެ. ރައްޔިތުން މިކަމުން މައިތިރި ވީމާ އަނެއްކާވެސް، 7 ވަނަ ދައުރެއް ދިގު ވެރިކަމަށް ނެގުމުގެ ނިޔަތާއި މަގްސަދުގައި ކުރެއްވި ކަމަކަށެވެ.


އެހެނަސް ވީގޮތަކީ، ކިޔަވާވިދާޅުވި ދުވަސްވަރުގެ ކުރީގެ ފްރެންޑުންނާއި މުސްކުޅިދުވަސްވީ ތަޖްރިބާކާރު ވަޒީރުން ތެރެއަށް، ގާތްކުރެއްވި ޒުވާން އިލްމީވަޒީރުން އަމިއްލަފުޅަށް "ނިއުމޯލްޑިވްސް" އޭ ކިޔައިގެން ފިކުރެއް އުފައްދާއި އެމެރިކާގެ މުއްސަނދި ސައުދާގަރެއް ކަމުގައިވާ ޖޯޖު ސޮރޮސް ކިޔާ މީހަކާއި ގުޅުން އުފައްދާއި ސިޓީބިޓީލިޔެ ބަދަލުކޮށް ހަދައި "އޯޕަން ސޮސައިޓީ" އެއް އަމިއްލައަށް ވުޖޫދަށް ގެނެސް، ސިއްރު އަމިއްލަ އެޖެންޑާއެއް ސަރުކާރު ތެރޭގައި ތިބެގެން ހިންގައި އަމިއްލަ ސިޔާސީ ރޭވުންތަކެއް ރާވާއި ފަތުރަން ފެށީއެވެ. އަދި އަޑިއަޑިން އެމްޑީޕީ އުފެއްދުމުގައި އުޅުއްވި އަންނި އައި ބައްދަލުކޮށް ސިއްރު ސިޔާސީ ޑީލްތަކެއް ރާވަންފެށީއެވެ. ރައީސްމައުމޫނަށް ޚިޔާނަތްތެރިވީއެވެ.


އެމްޑީޕީންނާއި ނިއޫމޯލްޑިވްސް، މިދެބައި މީހުން ވެސް އެހީތެރިކަމާއި ހިމާޔަތް ހޯދަމުން ގެންދިޔައީ އިނގިރޭސިންނާއި އެމެރިކާ އާއި އީޔޫ އިންނެވެ. ބައެއް ކަންކަމުގައި އިސްލާހީ ހަރަކާތާއި މިވެރިންނައި ވާހަކަ ދެކެވެން ފަށައިފިއެވެ. ފާޅުގަޔާއި ސިއްރުގައި މަޝްވަރާ ކުރެވެއެވެ. ފާޅުކަންބޮޑު މަޝްވަރާތަކުގައި އުޅުއްވި ޒުވާން ވަޒީރުންނަކީ ހަމްދޫންހަމީދާއި މަހްމޫދު ޝައުގީ ގުރޫޕެވެ.


މިއީ ސިއްރު ވާހަކަތަކުގައި އުޅުނު އޯޕަންސޮސައިޓީ ގުރޫޕެއް ނޫނެވެ. ސީދާކޮށް ރައީސްމައުމޫނަށް އިޚްލާސްތެރި ވަކި ބައެކެވެ. ހަމަ ޒުވާން އިލްމީ ބޭފުޅުންނެވެ. އޯޕަންސޮސައިޓީގެ ނިއޫމޯލްޑިވްސް ޖަމާއަތުގެ ތެރޭގައި ރައީސް މައުމޫނު ސަރުކާރަށާއި ސީދާ އެމަނިކުފާނަށް ސިއްރުކޮށް ކުރާކަންތައް ބައިވަރު ހުއްޓެވެ.


ޒުވާން ވަޒީރުންގެ ޗާލާކު ހިޔަޅުބުއްދީގެ ސަބަބުންނާއި ފަހަތުގައި އިނގިރޭސިން ތިބުމުން، ރައީސް މައުމޫނަށް މާބޮޑު އެއްބާރުލުމެއް މިވެރިންގެ ފަރާތުން ލިބިވަޑައެއް ނުގަތެވެ. މި ގުރޫޕުން ކުޅުނީ ތުރުކީގައި އޮތް އިސްލާމީޚިލާފަތުގެ ވެރިކަން ވައްޓާލަން ޔަންގުޓާރކްސް، Young Turks ކުޅުނު ކަހަލަ ނުލަފާ ރޯލެވެ. މި ޖަމާއަތާ ހެދި ތަޖްރިބާ ހުރި ހަރު ވަޒީރުންގެ ޓީމުން، ފަހުން ރާވައިދިން މުސްކުޅިގޮތް އެކުގައި ފެއިލްވީއެވެ. 7 ވަނަ ދައުރެއްނުނެގުނީއެވެ.


އަދި ސިޔާސީ މި އުދާސްގަނޑު ތެރޭގައި ޒުވާން ވަޒީރުން ވެސް، އަދި ލޯބިވާ ބޭބޭފުޅަށް ހެޔޮއެދިގެން ހެޔޮ ނިޔަތުގައި އެ މަސައްކަތްތަކުގައި ދެމި ހުންނެވި ޔާމީނު ވެސް، 2007 ގައި އިސްތިއުފާ ދެއްވީއެވެ. އެހިސާބުން އެކުގައި ރައީސްމައުމޫނުގެ އެތެރެކޮއިލް ރޫޅުނީއެވެ. ދެން އަލިމަކިފަދަ މުޝްވަރާ އަރުވާ ބޭފުޅުންނަށް ވެސް ކުރެވުނު ކަމެއް ނެތި ވެރިކަން ފެއިލްވެ ނުމުނީއެވެ.


އާދެ! ވެރިކަމުގެ 7 ވަނަ ދައުރެއް ރައީސްމައުމޫނަށް ނުލިބުނީއެވެ. ޒުވާން ވަޒީރުންނާއި އިސްލާހީ ހަރަކާތާގެ ބޮޑުންނާ އެކު އިނގިރޭސިން ތިބެގެން ހެދި މުޑުދާރު ސިޔާސީޑީލްތަކުގެ ދަށުން ޝަރީއަތް ނުކޮށް ރައީސްމައުމޫނު މިނިވަންކޮށް ބަހަޓާގޮތަށް ހަމަޖެހުނީއެވެ. މިތާގައި އެދުވަސްވަރު އަޅުގަނޑު އަމިއްލަ ނޯޓުފޮތުގައި ނޯޓުކޮށްފައިވާ ނޯޓެއް މައުލޫމާތަށް ގެނެސްދޭނަމެވެ.


2007 ގައި ކުރެވުނުނޯޓު ސޮފުހާ 01
2007 ގައި ކުރެވުނުނޯޓު ސޮފުހާ 01
ނޯޓުސޮގުހާ02
ނޯޓުސޮގުހާ02

އިސްލާހީ ހަރަކާތް އިއުލާނުކޮށް މަގުޗާޓު ފަރުދާގެ ބިއްދަށުފަރާތުން ނަންގަވަން ބޭނުންފުޅުވި ސިޔާސީ ކަންތަކެއް، ނުކުރެއްވުނެވެ. ހަގީގީ ސިޔާސީ މަގްސަދެއް ހާސިލެއް ނުކުރެއްވުނެވެ. އެހެނަސް، ކަންވީ ގޮތަކީ، އޮތްވަރަށްވުރެ ބޮޑަށް ރައީސްމައުމޫނުގެ ދުވަސްވީ ސަރުކާރު ރޫޅިގެން ދިއުމެވެ.


ޒުވާން ވަޒީރުން، ޚާއްސަ މަޖިލީހުގެ ތަޅުމުގައި ސަރުކާރު ދިފާޢުކޮށް ދިނުމުގައި ނުކުޅެދި ފަހަށް ޖެހި އަނގަބަންދުވެ، ޗުއްޕުވެސް ނުބުނެ، ހައްޕުކިޔައިގެން މަޑުން ތިއްބެވީއެވެ. އިސްލާހީ ހަރަކާތަށް ހިތުތެރެއިން ހަމްދަރުދީ ދެމުންނެވެ. ދެން އަންނަ ސަރުކާރުން ލިބޭނެ މަގާމުގެ ހުވަފެނުގައި ގެއްލިފައި ތިއްބެވީއެވެ.


ކިރިޔާވެސް އަނގައިބުނެ އަޅުގަނޑުމެން އިސްލާހީ ހަރަކާތުގެ މިޖާހިދުންނަށް ކުޑަކޮށް ވެސް ރައްދެއް ދޭން ކެރި ތެދުވާ ބޭފުލަކަށް ބޮޑުމަޖްލީހުގެ ތަޅުމުގައި ހުރީ ރައީސްމައުމޫނަށް އިޚްލާސްތެރި ހަމަ އެކަނި އިބްރާހީމް ޝާފިއު (ކުވާ) އެވެ. އެއީ ދެގޮތެއްނުވެ ރައީސްމައުމޫނާ އެކު ހެޔޮނިޔަތުން ހުންނެވި ބޭފުޅެކެވެ.

އިބްރާހީމް ޝާފިއު
އިބްރާހީމް ޝާފިއު

ދައުލަތުގެ މަގާމުގެ ބާރުތަކާއި ނުފޫޒުތައް އަމިއްލައަތަށް ވެރިވެ ލިބިމުން، ވެރިކަމުގެބާރާ ދިމާއަށް މި ގުރޫޕުގެ އަމިއްލަ ވިސްނުމާއި ނުފޫޒު ފޯރުވަންފެށީއެވެ. ހުވަފެނީ ޚިޔާލީފޮލާ ތަޞައްވުރެއް މި ގުރޫޕުތެރޭގައި ތަސައްވުރުކޮށް ކުރަހަން ފެށީއެވެ. ސިޔާސީމުޑުދާރު ޑީލްތަކަކަށް ގޮސް އަންނަ ސަރުކާރުގެ މަގާމުތަކަކަށް އެއްބަސްވީއެވެ. ހުވަފެނީ ދުނިޔެއެއްގެ ތެރެއަށް ޒުވާން ވަޒީރުންތައް ގެބިއްޖެއެވެ. މިވެރިން ބޭނުންވީ ދެން އަންނާން އޮތެ އިދިކޮޅު ސަރުކާރުގެ ވަޒީރުންނަށް ވެވަޑައިގަންނަވާށެވެ.


އަހްމަދު ޝަހީދު
އަހްމަދު ޝަހީދު
ހަސަން ސައީދު
ހަސަން ސައީދު

ރައީސް މައުމޫނަށް ޖެހިވަޑައިގަތީ، އެމަނިކުފާނުގެ ކުރިމަގު އާގޮތަކަށް ބަދަލުކޮށް އާ މިސްރާބެއް ނަންގަވާށެވެ. އާއުސްމިންތަކެއް ހޯދުމަށް އުޅުއްވާށެވެ. އެގޮތުން އެމަނިކުފާނުގެ އާޚިޔާލު ތަކާއެކު މައިދާނަށް ނުކުންނަވައި ރައްޔިތުންނަށް ދެއްވި ފުރަތަމަ އިސްލާހީ ތަޤްރީރު، 9 ޖޫން 2004 ވީބުދަ ދުވަހުގެރޭގައި އިސްލާމީ މަރުކަޒުގައި ދެއްވިއެވެ.


ހަމަ އެދުވަހު އަތްމަތީފޯނުތަކަށް ސިޔާސީ އެސްއެމްއެސް، SMS (Short Message Service) އެއް އާންމުކޮށް ފެތުރުރުނެވެ. އޭގައި އެދިފައި ވަނީ ދިވެހިރާއްޖޭގައި ސިޔާސީޕާޓީ އުފައްދަން ގޮވާލާށެވެ. އަހުރެން ސިފަކުރަނީ މިއީ ދިވެހިފުލުހުންގެ ޖާސޫސީއިދާރާގެ ތެރެއިން ހިންގުނު ކަމެއްކަމަށެވެ. އިސްލަހީހަރަކާތު ތެރޭގެ އަމަލެއް ނޫން ކަމަށެވެ. އެބައްދަލުވިމުގެ ތެރޭގައި އަހުރެން ރައީސްމައުމޫނާ ބައްދަލުކޮށް ވާހަކަދެއްކީމެވެ.


މަގުޗާޓު އިއިލާނު ކުރެއްވިޖަލްސާ އިސްލާމީމަރުކަޒު
މަގުޗާޓު އިއިލާނު ކުރެއްވިޖަލްސާ އިސްލާމީމަރުކަޒު

ރައީސް މައުމޫނުގެ އިސްލާހީ ހަރަކާތް، މަގުޗާޓު އިއުލާނުކުރެއްވުން:


ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް އަޅުއްވަން ބޭނުންފުޅުވާ އިސްލާހީ ފިޔަވަޅުތައް މި ޖަލްސާގައި ހާމަކޮށް ދެއްވިއެވެ. އަދި އެންމެން ވެގެން މިކަމަށް އެމީހެއްގެ ވިސްނުމާއި ފިކުރު ތަންދިން ފުޅާމިނެއްގައި ޚިޔާލު ދެއްވުމަށް އިލްތިމާސް ކުރައްވާ ގޮވާލެއްވިއެވެ. އަދި އެދޮރު ހުރިހާ ރައްޔިތުންނަށް ހުޅުވާލެއްވިއެވެ.


މިޖަލްސާ ނިމި ބިލެތްމީރުކޮށްލުމުގެ ގަޑީގެ ތެރޭގައި އަޅުގަނޑާއި ފުރަހަނި ޝުއައިބު ރައީސް މައުމޫނައި ބައްދަލުކޮށް، ބައެއް ޚިޔާލުތައް ފާޅުކުރެވުނެވެ. ދެމީހުންނާ ރައީސްބައްދަލު ކުރެއްވީ ވަކިންނެވެ. އެއީ ކައިރިން ފެނުމުން ހިނގި ވާހަކަދައްކާލުމުގެ ފުރުސަތެކެވެ. ރަސްމީކަމެއް ނޫނެވެ.


ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް މައުމޫނު ހުޅުވާލެއްވި ފުރުސަތު، 30 ޖޫން 2004 ވީބުދައަށް ހަމަވީ އިރު، 1996 ސިޓީއާއި، 74 އީމެއިލްއާއި، 15 ފެކްސް ލިބުނުކަމަށް ރައީސް އޮފީހުން ފަހުން ހާމަކުރިއެވެ. އެހާވެސް ތަރުހީބު ރައްޔިތުން އެރުވިއެވެ.


އިސްލާހީ ހަރަކާތުން ފެއްޓި މިނިވަންބަހުސްތަކުގެ ފެށުން:


ރާއްޖޭގެ އިސްލާހީ ހަރަކާތަށް ރައީސް މައުމޫނު ހުޅުއްވާލެއްވި މިދޮރާށިންނުކުމެ، 29 ޖޫން 2004 ވީއަންގާރަ ދުވަހުރޭ ފުރަތަމަ ފަހަރަށް، "މިނިވަން ބަހުސް" މިނަމުގައި ޚިޔާލުފާޅު ކުރުމެއް އާންމުކޮށް، ސޯޝަލް ސެންޓަރުގައި އިސްލާހީ ހަރަކާތުގެ ބައިވެރިން އިންތިޒާމް ކޮށްގެން ބޭއްވުނެވެ. މި ހަރަކާތްތައް އަޅުގަނޑުމެން ފެށީ ރައީސްމައުމޫ ދެއްވި ދައުވަތު ގަބޫލުކޮށް އެދައުވަތަށް އިޖާބަދިނުމުގެ މުހިންމު ބޭނުމުގައެވެ. މިއީ ރައީސްމައުމޫނު ފީހޮވާލަން ޖައްސަވާ ސިޔާސީމަޅިއަކަށް ވިޔަސް ހެޔޮކަމަށެވެ. މިކަން ރޭވިމުގައި އިސްކޮށް އިދާރީގޮތުން އުޅުނީ އަހުރެންނާއި ނާޒިމެވެ.


މިނިވަން ބަހުސްތެރެއިން
މިނިވަން ބަހުސްތެރެއިން

މިއީ ގ.ކެނެރީގޭ އަހްމަދު ނާޒިމް (އަންނިކޮއްކޮ) އިސްކޮށް ހުންނަވައިގެން އޭނާގެ، އޮރިއެންޓަލް އެކަޑަމިކްސް ސެންޓަރުގެ ނަމުގައި އަޅުގަނޑުމެން އިންތިޒާމްކުރި ބައްދަލުމުމެކެވެ. މިއެކަޑަމީގެ ނަމުގައި ޑިމޮކްރަސީ އާއި ވެރިކަމާ ބެހޭ ބައެއް ލީފްލެޓްތައް ޝާއިޢު ކޮށްފައި ވާނެއެވެ.


ލަންކާގައި ތިއްބެވި މީހުންނާއި އަޅުގަނޑުމެންނާ ދެމެދު ބަރާބަރަށް ސިޔާސީ އިރުޝާދުތައް ބަދަލުކުރެވެމުން ދިޔައެވެ. މިބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު އެއްވުމަކަށެވެ. އޮތީ ތޮއްޖެހި ފުރުބާރުވެފައެވެ. ކޮއްޅަށާއި ބޭރުގައި އެތައްބަޔަކު ތިއްބެވިއެވެ. އިސްލާހީ ހަރަކާތުގެ އެންމެން އެއްތަނެއްގައި ޚިޔާލުފާޅުކޮށް ލެވުނު ރެއަކަށެވެ. އުފާވެރި ހިތްހަމަޖެހުމެއް ލިބުނުރެއެކެވެ. މިއީ މިނިވަން ބަހުސްތަކުގެ ފުރަތަމަ ބައްދަލުވުމެވެ. ފެށުމުގެ މިބައްދަލުވުން ބޭއްވުނީ 1 ޖުލައި 2004 ގައެވެ.


މިނިވަންބަހުސް ފެށުން
މިނިވަންބަހުސް ފެށުން

މިނިވަން ބަހުސްގެ ދެވަނަ ބައްދަލުވުން:


މީގެ ދެވަނަ ބައްދަލުވުން، 5 ޖުލައި 2004 ވީހޯމަ ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި ކުރީރެއަށްވުރެ ފުރިހަމަކޮށް އިންތިޒާމް ކުރެވުނެވެ. މިއީ އާންމުކޮށް، ފުރަތަމަ ފަހަރަށް، މިކަހަލަ ޖަލްސާއެއްގައި އާންމުންނަށް ފެންނަގޮތަށް ބޯކަރުދާސް ގަޑެއްގައި ލިޔެގެން، ރައީސް މައުމޫނު ވަގުތުން އިސްތިޢުފާ ދެއްވުމަށް ގޮވާލެވުނު ފަހަރެއެވެ.


ޝައިޚުފަރީދު ރަޙިމަހުﷲ
ޝައިޚުފަރީދު ރަޙިމަހުﷲ

މިބޯޑް ހިއްލާލުމުގައި ޝައިޚް ފަރީދުގެ ބަހަކާއި ހިއްވަރެއް ލިބުނެވެ. އޭރު ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނަކީ، ފަރީދުގެ ފޮލޯވަރުން (ދަރިވަރުން) ތިއްބެވި ތަނެކެވެ. އެތަނުގެ ވެރިޔާއަކީ ހިތްވަރާއި ޖޯޝުގައި ހުންނެވި ބޭފުޅެކެވެ. މީހުންނަށް ނުފެންނަގޮތަށް ފޮރުވައިގެން ގެންގުޅެވޭގޮތަށް، އޭރު ޢަމަލު ކުރަމުން ގެންދިޔަ ގާނޫނު އަސާސީ އަމިއްލަ ޚަރަދުގައި، ގަމީހުޖީބަށް ލެވޭސައިޒަށް ކުޑަކޮށް ލައްވައިގެން، ޗާޕްކޮށް ލޮނުޒިޔާރަތް ކޮޅުގައި އޭގެއެތައް ކޮޕީއެއް ބައްސަވާލެއްވި ބަތޮލެވެ. މުޖާހިދެކެވެ.


މިކަން ވެގެން ދިޔައީ ގިނަޒުވާނުން ތަކަކަށް ގާނޫނު އަސާސީއާ މެދު، ލޯހުޅުވިގެން ދިޔަކަމަކަށެވެ. އެކި މާއްދާތަކަށް ފާޅުގައި ބަހުސްކުރެވެން ފެށުނު ކަމަކަށެވެ. އަސާސީއަކީ ކުރިން ފޮރުވައިގެން ގެންގުޅުފޮތެކެވެ. މިދެންނެވި ބޯޑު ތައްޔާރުކޮށްދީ ޖަލްސާތެރޭގައި ހިއްލާލާނެ މީހަކަށް ނިންމީ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ އަލްފާޟިލް އަހްމަދު އާދަމްގެ ބޭބެ، އަބްދުއްރަޝީދު (އަބުސީ) ލައްވާއެވެ. އެއީ ކެރިގެން ކުރިޔަށް ނުކުންނަން ކެރޭ ޒުވާނެކެވެ. އެދުވަހު މެންދުރު މިބޯޑު ތައްޔާރު ކުރެވުނުގޮތް ރަނގަޅުތޯ ބަލައި ޗެކްކުރަން ދިޔައީ އަޅުގަނޑެވެ. މިކަންތައް ރޭވުނީ، ޝައިޚްފަރީދުގެ ރުހުމާއި އެއްބާރު ލެއްވުމާ އެކުގައެވެ.


އަބުސީ ހިއްލައިލި އިސްތިއުފާބޯޑު
އަބުސީ ހިއްލައިލި އިސްތިއުފާބޯޑު

ރައީސް މައުމޫނުގެ އިސްތިއުފާއަށް މިބައްދަލުވުމުގައި އެހާފާޅުކަން ބޮޑުކޮށް އެއްވެ ތިބި ރައްޔިތުން ގޮވުމާގުޅިގެން މިދެބައްދަލުވުން އިންތިޒާމް ކުރިފަރާތްތަކަށް މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ އިތުރަށް ނުދެއްވާގޮތަށް، 7 ޖުލައި 2004 ވީބުދަ ދުވަހު، ހޯމް މިނިސްޓްރީން ދިގުބަޔާނެއް ނެރުއްވިއެވެ. ގާނޫނާއި ގަވާއިދައިޚިލާފު ކަންތައް މިދެބައްދަލު ވުމުގައި ހިންގާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.


އަދި ފަހުން އެނގުނު ގޮތުގައި މި ބައްދަލުވުންތަކުގެ ބައެއް ބައިވެރިންނަށް ދައުވާ ކޮށްދިމުމަށް އެދި ސަރުކާރުން ޒުވާން ބަންޑާރަނައިބަށް އެދުނެވެ. އެސިޓިތައް ބަންޑާރަނައިބު އޮފީހަށް ފޮނުއްވިއެވެ. އެހެނަސް، ބިރުވެރި މިހުރަސް ތަކާއެކުވެސް ތިންވަނަ ބައްދަލުވުން، 11 ޖުލައި 2004 ވީއާދީއްތަ ދުވަހުރޭ ދަރުމަވަންތަ ސްކޫލްގައި އިންތިޒާމްކޮށް ބޭއްވުނެވެ.


މިނިވަން ބަހުސްގެ ތިންވަނަ ބައްދަލުވުން:


ކުރީބައްދަލު ވުމުގައި ހިނގާދިޔަ ކަންތަކާ ކޯފާވެގެން، ޝައިޚް ފަރީދު މިބައްދަލުވުމަށް ވަޑައިގެން ސަރުކާރަށް ފިސާރިއަކަށް ދެއްވިއެވެ. ޝައިޚުގެ ފަހަތުގައި އޭރު އެދުވަސަވރު އަބަދުވެސް ބޮޑުޖަމާއަތެއް އޮވެއެވެ. މިބައްދަލުވުންތައް އިންތިޒާމު ކުރުމަށް ސަރުކާރުގެ ޢިމާރާތްތައް ލިބުން ދަތިވާން ފެށުމުން، އަޅުގަނޑުމެން ގަސްދުކުރީ ޔޫއެން ބިލްޑިންގް ކޮންފަރެންސް ހޯލްގައި ގާނޫނުނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ބެހޭގޮތުން މަޝަވަރާ ކޮށްލުމުގެ ބައްދަލުވުމެއް ބޭއްވޭތޯ ބަލާށެވެ. އެގޮތުން އެކަމަށްއެދި ޔޫއެންއަށް ސިޓީލިޔުނީ، އަޅުގަނޑުގެ އަމިއްލަނަމުގައެވެ.


އޭރު އަޅުގަނޑުހުރީ ޚާއްސަ މަޖިލީހަށް ހޮވިފައިކަމުން އަޅުގަނޑާއި ނާޒިމާ މަޝްވަރާކޮށްފައި ނިންމީ އަޅުގަނޑުގެ ނަމުގައި އެހައިސިއްޔަތުން މާލޭގައި ހުންނަ ޔޫއެންއޮފީހަށް ސިޓީއެއްލިޔާށެވެ. އަޅުގަނޑުމެން އެކަންކުރީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ވަރަށް ވިސްނާފައި އެއޮފީހަށް، އަޅުގަނޑުގެ ފޮނުވި ސިޓީއަށް ޖަވާބުދެއްވީ ޢިލްމީކަމަކަށް ވުރެބޮޑަށް މިހާރު ތިޔަކަންތައް، ސިޔާސީ ކަމަކަށް ބަދަލުވެފައި ވާތީ، އެފަދަ ހުއްދައެއް ޔޫއެންގެ ގަވައިދުގެ ދަށުން ދެވެން ނެތްކަމަށެވެ. އެސިޓީ އާއި ޖަވާބު މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ.


މިނިވަން ބަހުސްގެ ހަތަރުވަނަ ބައްދަލުވުން:


އާދެ! ހަތަރުވަނަ ބައްދަލުމުން ބޭއްވީ، 13 ޖުލައި 2004 ވީއަންގާރަ ދުވަހުރޭ ކަލާފާނު ސްކޫލްގައެވެ. ގާސިމް އިބްރާހީމް މިބައްދަލުވުމަށް ވަޑައިގެން ޚިޔާލުދެއްވިއެވެ. ފަސްވަނަ ބައްދަލުވުން، 14 ޖުލައި 2004 ވީބުދަ ދުވަހުރޭ ސޯޝަލް ސެންޓަރުގެ ސެމިނަރރޫންގައި ބޭއްވުނެވެ. މިސިލްސިލާ ބައްދަލުވުންތައް އުނދަގުލާއެކު، ގަދަކަމުން ކުރިޔަށް ގެންދެވުނެވެ. އަދި ހަވަނަ ބައްދަލުވުން، 15 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި އިންތިޒާމު ކުރެވުނެވެ.


މިބައްދަލުވުމަކީ ސިޔާސީ ޕާޓީހުއްދަ ކުރުމަށް ގޮވާލުމަށް ޚާއްސަ ކުރެވިގެން ބޭއްވުނު މުހިންމުކަން ބޮޑު ބައްދަލުވުމެކެވެ. މިގޮތުގެމަތިން ލީޑްރޯލެއް ކުޅުއްވީ، އެދުވަސްވަރު ކަންކަމުގައި ކުރިޔަށް ނުކުންނަން ކެރޭ، ޒުވާނެއް ކަމުގައިވާ، ފުރަހަނި ޝުޢައިބުއަލީ އެވެ. އެމްޑީޕީ ރަމްޒުކޮށްދޭ އެމް އާއި ޑީ އާއި ޕީ، MDP Maldivian Democratic Party ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, މިތިން އަކުރާއި ތިލަފަތް ކަފާއި ދެފުށްކެހެރި ޓޭޕުން ތަތްކޮށްލެވޭ ގޮތަށް، އެނަންބޯޑު ތައްޔާރުކޮށް ދިނީ، ސިލްވަރސީން ނައުޝާދު ވަހީދު ހަސަން، ކުރެހުންތެރިޔާ ނޯބެއެވެ. މިމަސައްކަތްކުރީ ސިލްވަރސީން ތެރޭގައެވެ. މިޖަލްސާ އިންތިޒާމުކޮށް ތައްޔާރުކުރީ، އަޅުގަނޑާއި ނާޒިމާއި ޝުޢައިބު އެވެ.


އެމްޑީޕީ ލޯގޯ (ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރި ވުމުގެ ކުރިން ވެސް ބޭނުންކުރެވުނު)
އެމްޑީޕީ ލޯގޯ (ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރި ވުމުގެ ކުރިން ވެސް ބޭނުންކުރެވުނު)

އަޅުގަނޑުމެން ބޭނުންވީ މިބައްދަލުވުން އެމްޑީޕީގެ ނަމުގައި މާލޭގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމަށް ހަދާލާއި ދިވެހިތާރީޚަށް އެނަން ވައްދާއި އާންމުކޮށް ލާށެވެ. މީހުންގެ ހިތްތަކުގައި އެމްޑީޕީ، މިތިންއަކުރު އަދި ރަންރީނދޫކުލަ ބިންވަޅު ނަގުވާލުމަށެވެ. އަދި އެ ފޮޓޯތައް ބޭރުދުނިޔެއަށް ހާމަކޮށް ދައްކާލާށެވެ. އަދި ދިވެހިރާއްޖޭގެ ރަށްތަކަށް އާންމުކުރާށެވެ. ﷲގެ އިރާދަފުޅުން އެކަން އެގޮތަށް ކާމިޔާބުވިއެވެ.


މިއީ ބޭރުގައިހުރި އަޅުގަނޑުމެންގެ އިދާރީ އޮފީސްތަކުން ލަފަޔާއި އޯޑަރުތައް ވެސް އަންނަމުން ދިޔަގޮތެވެ. މިބައްދަލުވުމަށް ވެސް ގާސިމް ވަޑައިގެން ނެވިއެވެ. ގާސިމަކީ މިކަން ކަމުގައި އަބަދު ވެސް އެހީތެރިކަން ކޮންމެވެސް މިންވަރަކަށް ދެއްވާ ދިވެހި މަހުޖަނެކެވެ. އަދި ސަރުކާރު ތެރެއިން ބޭރުކޮށްފައި ތިއްބެވި، އިބްރާހީމް ހުސައިންޒަކީ މެންފަދަ ފާސިދު، ކޮރަޕްޓް ބޭފުޅުން މިހާ ހިސާބުން މިފަދަ ބައްދަލުވުން ތަކުން ފެންނަން ފަށައިފިއެވެ. ޑޮކްޓަރ މުނައްވަރު ވެސް ފެންނާން ފަށައިފިއެވެ. ފެނަށް މަސްދުވާހެން ސިޔާސީ ބާރުވެރިކަމާ ދިމާއަށް ސިޔާސީފައިދާ އަވަހަށް ދަމައިގަންނަން ދުވާ މީހުންގޮތަށެވެ.


އާދެ! އެމްޑީޕީގެ ޙަޤީޤީ މަޤްޞަދު ގެއްލި ސީދާ މަގުންކެހި ވެރިކަމުގެ ސަންދާނުގެ ދަހިވެތިކަން، މަދުބައެއްގެ ހިތުތެރޭގައި އުފެދެންފެށީ، މިފަދަ ފާސިދު، ކޮރަޕްޓް ފަސްބައިގެ އަހުލުވެރިންގެ ނުފޫޒުތައް އަންނި އިސްވެހުރެ، "އެމްޑީޕީ" އަށް މަގުބޫލުކޮށް ބަލައިގަންނަން ފެއްޓެވި ހިސާބުންނެވެ.


މި ދުވަސްވަރު އަހުރެން ޝައްކުކުރީ، ޒަކީއަކީ ރައީސް މައުމޫނު ފޮނުއްވީމާ ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ޤާސިމަކީ، އެންދެރި ކޭންޕުން، އިލްޔާސް އިބްރާހީމް ފޮނުއްވީމާ ދެކޮޅުންކެއުމަށް ރުހުންލިބިގެން ވަޑައިގެންނެވި، ބޭފުޅެއް ކަމަށެވެ. އަހްމަދު އައްބާހާ ދޭތެރޭގައި ވެސް މިފަދަ ޝައްކުތަކެއް ކުރީކޮޅުގައި ކުރެވުނެވެ. އޭރު އޭނާއަކީ ވަލުދޮރާށިން ރައީސް މައުމޫނު ހުންނަވާގެ ރިޔާސީގަނޑުވަރަށް ވަންނަވާ ބޭފުޅަކަށް ވާތީއެވެ. ހަގީގަތުގައި މިގުރޫޕަކީ ނިޔަތް އިޚްލާސްތެރި ސާފުބައެއްނޫނެވެ. މަގާމަށް އުޅުއްވި ބާރުތަކެކެވެ.


ބޮޑުމަޖިލިސް ހުޅުވުމުގެ ފުރަތަމަ ބައްދަލުވުން:


އާދެ! 19 ޖުލައި 2004 ވީހޯމަ ދުވަހު ހެދުނު، ޚާއްސަ މަޖިލީހުގެ ފުރަތަމަ ބައްދަލުން ބޭއްވުނެވެ. އަދި ބޮޑުޚިޔާލުތަފާތު ވުންގަނޑެއް އެޖަލްސާގެ ތަޅުމުގައި ހިނގައިގަނެ، އުތުރިއެރިއެވެ. އަދި، 24 މެމްބަރަކު ޖަލްސާދޫކޮށް ތަޅުމުން ނުކުންނަވާއި ރައީސް މައުމޫނާ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅުގައި އޭގެތެރެއިން، 23 މެމްބަރަކު ރައީސް އޮފީހަށް ފައިމަގު ހިންގަވާފައި ވަޑައިގެންނެވިއެވެ. ރައީސް އޮފީހުގެ މައިދޮރާށި ދޮށުގައި އިރުގަނޑެއް ވުމަށް ފަހު، ދޮރުހުޅުވާލުމުން އެތެރެއަށް ވަދެވުނެވެ. އަދި ހުރިހާ މެމްބަރުންނަށް ބޭނުން އެއްޗެއް ދެންނެވުމުގެ ފުރުސަތު ރައީސް މައުމޫނު ދެއްވިއެވެ.


އޭރު ބޭރުގައި، މަގުމަތީގައި ހެސްކިޔާފަ ރައްޔިތުންގެބާރު (ހަވަރު) އެއްވެފައި ތިއްބެވިއެވެ. އަޑުންއަޑުނަގާ ހަވަރުގެ ހަޅޭލެވުމުގެ އަޑުތައް އިވެއެވެ. އަޅުގަނޑު ވެސް ރައީސްއޮފީހަށް ދިޔަ މެމްބަރުންގެ ޓީމުގައި ރައީސްގެ ބައްދަލު ކުރެއްވުމުގައި އޭރު އިނީމެވެ. ކޮންމެ މެމްބަރަކަށް ވެސް ރައީސްގެ އެއްފަރާތުން ފެށިގެން ދައުރުވަމުންދާގޮތަށް ބޭނުންވާ ވާހަކައެއް ހުށައެޅުމަށް ރައީސްމައުމޫނު ފުރުސަތުދެއްވިއެވެ. އޮތީ ހުޅުވާލައްވާފައެވެ. ރައީސް މައުމޫނު އަރިހުގައި އަޅުގަނޑުމެން ތިބިއިރު ހަވަރުގެ އަޑުފައްގަނޑު އެތެރެއަށް ބާރަށް އިވެމުން ދިޔައެވެ. އެއްވެ ތިބި ރައްޔިތުން ހަޅޭލަވައި ނަގަނީއެވެ.


ދެންފަހެ، މިހާހިސާބުން މިނިވަން ބަހުސްތަކަށް ކުޑަ ހީނަރުކަމެއް އައެވެ. ސިޔާސީ އެއްވުންތައް ބާއްވާނެތަނެއް ނުލިބިގެން މިނިވަން ބަހުސްތައް ހުއްޓިގެންދާތީ، ދެންހަދާނެ ގޮތެއް ނެތިގެން، ސްކޫލެއްގައި އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުގެ ނަމުގައި މިނިވަން ބަހުސެއް އިންތިޒާމް ކުރަންޖެހުނެވެ.


މިނިވަން ބަހުސްގެ ހަތްވަނަ ބައްދަލުވުން، އުފަންދުވަހުގެ ޕާޓީއެއްގެ ގޮތުގައި ބޭއްވުން:


އުފަންދުވަހުގެ މިޕާޓީ ފެއްޓުމުގެ ކުރިން، މިއީ ސިޔާސީ ބައްދަލު ވުމެއްކަން އެނގޭނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދުމީހަކަށެވެ. އުފަންދުވަހުގެ މިޕާޓީބޭއްވީ، 29 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޖަމާލުއްދީން ސްކޫލަގައެވެ.


އަޅުގަނޑުމެންގެ ހީވާގި ހަރަކާތްތެރިއެއް ކަމުގައިވާ، އިސްމާޢީލް ޢާޞިފްގެ އުފަންދުވަހުގެ ކޭކަކީ، މިޖީލުގެ ޑިކްޓޭޓަރުންގެ ލިސްޓުގައި ހިމެނޭ ރައީސްމައުމޫނަށް ޚާއްސަކޮށް ވެދުންކުރެވުނު ފިނިފެންމަލުގެ މީރު ކޭކެކެވެ.


އިސްމާޢީލްއާސިފް އާސިއްޕެ
އިސްމާޢީލްއާސިފް އާސިއްޕެ

މިބައްދަލުވުމަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވިއެވެ. އެއްވެ ތިބި މީހުންނަށް ހިތްވަރު ދެއްވިއެވެ. އަދި ހިތްވަރު ލިބިގަތެވެ. އެދުވަސްވަރު އޭނާ ހުންނެވީ މާލޭއަށް ކުރައްވާ ކުރުޒިޔާތަރެއް ގައެވެ.


ލޮނުޒިޔާރަތްކޮޅަށް އެއްވާން ފެށުން:


ސިޔާސީ ބައްދަލުވުން ތަކުގެ މިދޮރު ސަރުކާރުން ބަންދުކޮށްލުމުން، ދެން އެއްވާން ފެއްޓީ ތިންބާރު ވަކިކުރާ މައިދާނަށެވެ. ލޮނުޒިޔާރަތް ކޮޅަށެވެ. މިބުއްދި ފުރަތަމަ ދެއްވީ، ގ.ކެނެރީގޭ އަބްދުލްޖަލީލް، އަބްޖީއެވެ. އެއްދުވަހަކު އަޅުގަނޑާ ސިއްރުން ބައްދަލު ކުރައްވާފައި ހިކިމަހާއި ކާއްޓާ އެއްކޮށްގެން، ލޮނުޒިޔާރަތް ކޮޅުގައި ބަހައްޓާފައިހުރި ޓެޓްރާޕޮޑް ކައިރިޔަށް ރޭގަޑު ޖަމާވާން ފަށަމާ ހިނގާށޭ ވިދާޅުވެއްޖެއެވެ.


އަބުޖީ
އަބުޖީ

އޭރުން ތަނެއް ނުލިބިގެން އިލްޔާސްމެން އުޅޭކަށް ނުޖެހޭނެއޭ އަބުޖީ ވިދާޅުވިއެވެ. އިލްޔާސް މެންނަށް އެކަމަށް ޚަރަދު ކުރާނެ ފައިސާ ނުލިބިއްޖެއްޔާ، އަބުޖީ އަތުން ފައިސާ ދޭނަމޭ ވިދާޅުވިއެވެ. ދެން ހަމަ އެ ދުވަހުރޭ މިކަންތައް ރާވާއި އަޅުގަނޑު އެކަންތައް އިންތިޒާމް ކުރީމެވެ. ފުރަތަމަ ދެތިންރެއަށް ވާވަރަށް ފައިސާ ދެއްވީ އަބްޖީއެވެ. ދެން މިކަން އޮޓޯކޮށް ހިނގައިގެންފިއެވެ.


މިހަރަކާތަށް ލިބޭ މިފަދަ ފައިސާ އޭރު ގެންގުޅެނީ އަޅުގަނޑެވެ. އަދި މިކަމަށް ޚަރަދު ކުރުމަށް އަންނި ދެއްވާ، ފައިސާ ވެސް ގެންގުޅެނީ އަޅުގަނޑެވެ. ގިނައިން އަންނި ދެއްވަނީ ޔޫއެސް ޑޮލަރގެ ސަތޭކައިގެ ނޫޓެވެ. އެމާރުކޮށް އެފައިސާ ޚަރަދުކޮށް، ބަލަހައްޓާ ހަދަނީ ސީދާ އަޅުގަނޑެވެ.


މިކަމުގައި އިސްކޮށް އުޅެނީ ނާޒިމާއި ފުރަހަނި ޝުޢައިބާއި އަޅުގަނޑުމެން ތިންމީހުންނެވެ. ދެން އެހީވާން ބައިވަރު ބޭފުޅުން އެކިފަންތީން ތިއްބަވައެވެ. މުޅިންވެސް ހިލޭސާބަހަށެވެ. އިދާރީ މަސައްކަތްތަކުގެ އެންމެ އިސްފަރާތަކީ އަހުރެންނެވެ. މިކަންތައް ވައިގާހިފައި ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހީ ބަދަލުތަކުގެ ޚިޔާލު ފުރަހަނި ޝުޢައިބު އިސްކޮށް ހުންނަވައިގެން އެމައިދާނުގައި ކޮންމެ ރެއަކު ކުރިޔަށް ގެންދަން ފެއްޓުނެވެ. ކޮންމެ ރެއަކަށް ދެ މާއްދާއެއް ވަރު އެޖެންޑާ ކޮށް ބަހުސަށް ހުޅުވަނީއެވެ. ޝުޢައިބު ނަގާކިޔަން ހުންނަވައެވެ. މިކަންތައް ފަހުން އައިސް ބޮޑެތި މުޒާހަރާތަކަށް ބަދަލުވެގެން ދިޔައެވެ.


ބޮޑުމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ފަހު، އަލުން ފެށުން:


މިހާހިސާބުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ޚާއްސަ މަޖިލީހުގެ ތަޅުމުގައި ޢަމަލީގޮތުން ފެށިއްޖެއެވެ. ދޫނިދޫ ޖަލުގައި ބަންދު ވެފައިތިބި، ބައެއް އިއްޒަތްތެރި މެނބަރުން، އެމެރިކާ އާއި އީޔޫގެ މަސައްކަތުން މިނިވަންކޮށް އެދުވަހުގެ އެޖަލްސާއަށް މާލެ ގެނެސް ދޫކޮށް ލެވިއްޖެއެވެ.


ޖަލްސާތައް މެދުކެނޑުމަށް ފަހު އަލުންފެށި ހިނގައިގަތީ، 12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހު ހެދުނުއެވެ. މިއަދުވެސް ކުރިޔަށް ގެންދިޔައީ މެދުކަނޑާލި ފުރަތަމަ ޖަލްސާއެވެ. އަދި، 14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަހު ހެދުނު، ފުރަތަމަ ޖަލްސާގެ ނުނިމިއޮތްބައި ކުރިޔަށް ގެންދެވިއެވެ. މިދެޖަލްސާއަށް ހާޒިރުނުވެވޭ ގޮތަށް ދޫނިދޫ ޖަލުގައި އޭރުވެސް ގިނަ އިއްޒަތްތެރި މެމްބަރުން ދޫކޮށްނުލާ ތިއްބެވިއެވެ.


އަޅުގަނޑު ވެސްހުރީ ޖަލުގައި ދޫކޮށްނުލައި ބަހައްޓާފައި ތިބި މެމްބަރުން ތެރޭގައެވެ. ޚާއްސަ މަޖިލީހުގެ ރައީސަކު ހޮވުމަށް ހާމަވޯޓެއް ނެގުމަށް ފާސްކުރެއްވުމާ ގުޅިގެން، ޖަލްސާދޫކޮށް މިއަދުވެސް، 12 މެމްބަރަކު ނުކުމެ ވަޑައިގަތެވެ.


އެހެނަސް މިޖަލްސާ ކުރިޔަށް ގެންގޮސް މަޖިލީހުގެ ރައީސަކަށް ހޮއްވެވީ، ގދ.އަތޮޅު މެމްބަރު އަލްފާޟިލް އައްބާސް އިބްރާހީމެވެ. ނައިބުރައީސް ކަމުގެ މަގާމަށް ހޮއްވެވީ، ރ.އަތޮޅު މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދެވެ. މިހާހިސާބުން މެމްބަރުންގެ ޚިޔާލުތަފާތުވި މައްސަލަ ހައްލުކޮށް ނިންމާލެއްވީ، ސީނާ އަހްމަދު ޒާހިތުގެ ރޭވުންތެރި މަކަރާއި ޙީލަތުގެ އުކުޅުތަކުގެ ދަށުންނެވެ. ހާމަވޯޓެއް ބާއްވައިގެންނެވެ. އެއީ ތަޅުމުގެ ގަވާއިދުފުށޫ އަރާ ކަމެކެވެ.


ޙާދިޘާ ހިނގާދިޔަގޮތް:


މިނިވަން ބަހުސް ތަކުގައި ބައިވެރިވެ އުޅުނު އިސްލާހީ ހަރަކާތުގެ ބައިވެރިން ތަފާތު ފަހަރުމަތިން، ތަފާތު ތުހްމަތު ތަކުގައި ސަރުކާރުން ހައްޔަރު ކުރަމުން ގެންދާން ފަށައިފިއެވެ. ގާނޫނު އަސާސީއަށް ގެންނަން ފެންނަބަދަލުތަކާ މެދު ރައީސް މައުމޫނު އެދިވަޑައި ގަނެ، ދައުވަތު އަރުވައިގެން ކުރަމުން ގެންދިޔަ ބަހުސްތަކާ މެދު ސަރުކާރުން ސިހުންވެ، ބިރުގަނެއްޖެއެވެ. ވެރިކަމުގެ ބާރަށް ލޮޅުމަކަށް ވެއްޖެއެވެ.


އިސްލާހީ އެޖެންޑާއިން ރައީސްމައުމޫނަށް، ޒުވާން ވަޒީރުބޭފުޅުންގެ މަސައްކަތާ އެކު ހިތްވަރު ލިބި ބޭރު ދުނިޔޭގައި ހަމަޖެހިލެވުމާ އެކު އަރިހުގައި ތިއްބެވި ދޮށީއުމުރެ ތަޖްރިބާކާރުންގެ ޕުރެޝަރާ އެކު އިސްލާހީ ހަރަކާތުގެ ބައިވެރިންނަށް ފިއްތާއި ފިޔަވަޅުތައް އަލަން ފެއްޓެވީއެވެ.


އިސްލާހީ މަސައްކަތުގައި ފާޅުގައި ހަރަކާތްތެރިވެ އުޅުއްވާ ސިޔާސީ މީހުންތައް ހައްޔަރު ކުރަން ފަށައިފިއެވެ. އެމީހުންގެ ޖަގަހައަކީ ދޫނިދޫ ޖަލުގެ ކުޑަގޮޅިތައް ކަމުގައި ސަރުކާރުން ހަދަންފަށައި ފިއެވެ. މިއީ މި ސިޔާސީކުޅިގަނޑުގެ ފެށުމެވެ. ވެރިކަމުގެ 6 ވަނަ ދައުރަށް އެއް އަހަރު ނުވަނީސް، 7 ވަނަދައުރެއް ނެންގެވުމުގެ ހުވަފެނީކުޅިގަނޑު އީޖާދުކުރަން ފެށުނީއެވެ!


އިސްލާހީހަރަކާތުގެ ބައިވެރިން ބަންދުކުރަން ފެށުން:


ބާއްވަމުން ގެންދިޔަ މިނިވަންބަހުސް ތަކުގެ ތެރެއިން ދެވަނަ މިނިވަން ބަހުސުގައި ފާޅުކަން ބޮޑުކޮށް ރައީސް މައުމޫގެ އިސްތިޢުފާއަށް އަޑުއުފުލާއި ބްރިސަލް ކަރުދާހުގެ ބޯޑެއް ހިއްލާލެއްވި، ކުޅުދުއްފުށީ އަބްދުއްރަޝީދު، އަބުސީ އާއި އޭނާގެ ބޭބެ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ، އަލްފާޟިލް އަޙްމަދު އާދަމް، 8 އޯގަސްޓް 2004 ވީއާދީއްތަ ދުވަހު، ދޫނިދޫޖަލަށް ގެންގޮސް ކުޑަގޮޅީގައި ހައްޔަރު ކުރިއެވެ.


ހޮލޯގުރާމް އަހްމަދު އާދަމް  ރަހިމަހުﷲ
ހޮލޯގުރާމް އަހްމަދު އާދަމް ރަހިމަހުﷲ

އަދި މިނިވަން ބަހުސްތަކުގެ ވީޑިޔޯ ކުރުމުގައި ޢަމަލީގޮތުން އުޅުއްވި، އަލްފާޟިލް ފިރްޝާން ޒާހިރާއި އަލްފާޟިލް ޙުސައިން ރަޝީދު ވެސް ދޫނިދޫ ޖަލަށް ގެންގޮސް، 11 އޯގަސްޓް 2004 ވީ ބުދަ ދުވަހު ކުޑަގޮޅީގައި ހައްޔަރު ކޮށްފިއެވެ. އަދި، 12 ވަނަ ދުވަހު މިނިވަން ބަހުސްތަކުގައި ހަރަކާތްތެރި ވެލެއްވި އިސްލާހީ މުހައްރިކެއް ކަމުގައިވާ، ހ.ވޭވީވޯކް އަލްފާޟިލް މުޙަންމަދު ޔޫސުފް (ފުޅު) އެސްޖެހި ގެލެރީ، ކެފޭގައި އިންނަވަނިކޮށް ސިފައިން އެތަނަށް ވަދެ، ސުވާލެއް ކޮށްލަން ކަމަށްބުނެ އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ގެންގޮސް ބަންދުކުރިއެވެ.


ދިވެހި ސިފައިންގެ ފުށުން، މިފަދަ ގޮތްނޭނގޭ ވަޙުޝީ ބަންދުތަކާ އިސްލާހީ ހަރަކާތުގެ ބައިވެރިންނާ ކުރިމަތިވާން ފެށުމުން، ބަންދުވީ މީހުންގެ ޢާއިލާތަކުންނާއި އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖުގެ ނުރުހުން ފާޅުކުރުންތައް އެކިގޮތްގޮތަށް ބާއްވަން ފެށުނެވެ. އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުންތައް، މުހައްރިކުން ކަންބޮޑުވެ އަވަސް ހަރަކާތަށް ކުރިމަތިލާން ފަށައިފިއެވެ.


އިސްލާހީ ހަރަކާތުގެ އިސްމީހުންނާއި ރައީސްމައުމޫނު ސަރުކާރުން ވާހަކަދައްކަން ފެށުން:


މިގޮތުން ދޫނިދޫ ކުޑަގޮޅީގައި ބަންދުވެފައި ތިއްބެވި، ސިޔާސީ މުހައްރިކުން މިނިވަން ކުރުމުގެ ގޮތުންނާއި ޚާއްސަ މަޖިލީހުގެ މަސައްކަތްތައް ސުލްހަވެރިކޮށް ކުރިޔަށް ގެންދެވޭނެ މަގެއްހޯދާއި ފަހިކުރުމުގެ ގޮތުން، ސަރުކާރުގައި އިސްކޮށް ތިއްބެވި ވަޒީރުންނާއި އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ލީޑަރުންނާ ދެމެދު ގަލޮޅު އަމީރުއަޙްމަދު ސްކޫލްގައި ޚާއްސަ ސިއްރު ބައްދަލުމުމެއް ބޭއްވުނެވެ.


މިއީ ރައީސް މައުމޫނު ވިދާޅުވެގެން ސިޔާސީ ރޭވުމެއްގެ ދަށުން ހިންގަމުން ގެންދިޔަ ކަމެކެވެ. އާދަމް ޒާހިރު މެންގެ ސިއްރު ޕްލޭނެކެވެ. ރައީސްމައުމޫނުގެ ދައުވަތަށް ފެއްޓި އިސްލާހީ މަސައްކަތުގައި އުޅުނު މީހުންތައް ހައްޔަތުކޮށްފައި އަދި ސިޔާސީ ވާހަކަދެއްކުމެވެ. މިއީ ސުވާލުއުފެދޭ އަމަލެކެވެ؟


އަދި އެ ބައްދަލުވުމާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދިނުމަށް އެހެން ބައްދަލުވުމެއް، މއ.ބޯގަންވިލާ ގައި ބޭއްވުނެވެ. ބޯގަންވިލާގައި އޮތްބައްދަލުވުން ބޭއްވުނީ، 12 އޯގަސްޓު 2004 ވީ ބުރާސްފަތި ދުވަހުގެރޭ، 8:00 ގައެވެ. މިބައްދަލުވުމަށް އިއްޒަތްތެރި މެމްބަރުންނަށް ފޯނުން ދައުވަތު އެރުމުމަށް އަޅުގަނޑަށް އެންގެވީ ބޯގަންވިލާ އިބްރާ އެވެ.


އެގޮތުން ހދ.މެމްބަރު އަޙްމަދު ޢާދިލް މެންފަދަ މެމްބަރުންނަށް ބޯގަންވިލާއަށް ހާޒިރުވެ ދެއްވުން އެދި، އެފަދަ ބޭފުޅުންނާ އަޅުގަނޑު ފޯނުން ގުޅާ ހެދީމެވެ. ބޯގަންވިލާއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމަށެވެ. އެރޭ އިރު އޮއްސުނީއްސުރެން އަޅުގަނޑު އުޅުނީ، މާލޭ މެމްބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލް، އިބްރާގެ އޮފީހުގައެވެ. އިސްލާހީ ހަރަކާތެއްގެ ސިފަ ރީތިކޮށް ޖެހި އަށަގެންފައި އޮތުމުން އަޅުގަނޑު މިފަދަ ކަންކަމުގައި އަމަލީގޮތުން އުޅެދެމެވެ. އިބްރާއޮފީހަށް ގޮސްއުޅެމެވެ.


މިއީ މާލޭގެ ރައްޔިތުންގެ ކަންކަން ބެލުމަށް އިބުރާ މާލޭ ގައި ހުޅުވާފައި ހުރި އޮފީހެކެވެ. އިބުރާ އޮފީހުގައި އިނދެގެން، އަޅުގަނޑު ބައެއް މެމްބަރުންނާ ގުޅާހެދުމަށް ފަހު، ދެން އަޅުގަނޑު ދިޔައީ އަމިއްލަގެއަށް ނުގޮސް ސީދާ ބޯގަންވިލާ އަށެވެ. ގުޅާއި ދައުވަތު ދެވުނު ބޭފުޅުންގެ އިސްތިގުބާލަށެވެ.


އޭރު އިރުއޮއްސި، 7 ވަރު ވެދާނެއެވެ. އޭރު، އިބުރާގެ ރައްޓެއްސެއް ކަމުގައިވާ، ހ.ސްވޯރޑް އަލްފާޟިލް މުޙައްމަދު ރާއިދު، (އާދަމްޒާހިރުގެ ޖާސޫސު) ގެ ސައިކަލް ފަހަތުގައި އިބުރާ ކޮންމެވެސް ދިމާއަކަށް ނައްޓާލައްވަނީއެވެ. އަޅުގަނޑު ފެނުމުން، މިއަދު ބަންދުވި، މުހައްމަދުފުޅު ދޫކޮށްލުމަށް ފަހު، އެހެން މީހުން ދޫކޮށް ނުލައިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށް، އަޅުގަނޑުމެންގެ އެކްޓިވިސްޓުންގެ ބަޔަކު ސިފައިންގެ ދޮށަށް ގޮސްއުޅޭތީ އެތަން ބަލާލާފައި އަންނާނެކަމަށް ވިދާޅުވެ، ރާއިދާ އެކު އިބުރާ ވަޑައިގަތީ އެދިމާއަށެވެ.


އަޅުގަނޑު މަޑުކުރީ، ބޯގަންވިލާއަށް ވަޑައިގަންނަވާ އިއްޒަތްތެރި ބޭފުޅުންނާ އިސްތިގްބާލުކޮށް އެތެރެއަށް ވެއްދުމަށެވެ. އެއްވެތިބި ސަރަހައްދު މޮނިޓަރކޮށް، ދިރާސާ ކުރެއްވުމުގެ މި ބުރަށް ފަހު، އިބުރާ އެނބުރި ވަޑައިގަތީ، އެރޭއަށެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.


އިބުރާއަށް ވަޑައިގެންނެވުނު އިރު، އދ.މެމްބަރު އަލްފާޟިލް ގާސިން އިބްރާހީމް އާއި ބ.އަތޮޅު މެމްބަރު އަލްފާޟިލް ޢަލީފާއިޒު ވަޑައިގެން ބޯގަންވިލާ ބޭރުގައި ތިއްބެވިއެވެ. އަދި ޤާސިމްގެ ބޮޑީގާޑަކަށް އުޅުއްވާ ފިކުރީ ވެސް ތަންކޮޅެއް ދުރުގައި ހުންނެވިތަން ދުށީމެވެ. ދޮރުމަތީގައި އިރުކޮޅަކު ތިއްބަވާފައި ހުރިހާ ބޭފުޅުން ހަމަވުމުން އަޅުގަނޑު ވެސްވަނީ ބޯގަންވިލާ ތެރެއަށެވެ. އެގޭ ސިޓިންރޫމަށެވެ.


މިބައްދަލުވުމުގައި އަޅުގަނޑާއި އިބުރާގެ އިތުރުން، މ.ބަގީޗާގޭ އަލްފާޟިލް މުހަންމަދު ޝިހާބާއި ހ.ރޭޑިއަންޓް އަލްފާޟިލް އަހަމްދު ޝަފީޤު ސައްޕެ އާއި ތ.އަތޮޅު މެމްބަރު އަލްފާޟިލް ޙަސަންޢަފީފު އާއި މއ.މަނާގޭ އަލްފާޟިލް އަލީފާއިޒު އާއި އދ.މެމްބަރު އަލްފާޟިލް ގާސިމް އިބްރާހީމު އާއި ހ.ހުޅުގަލި އަލްފާޟިލް އިބްރާހީމް ހުސައިން ޒަކީ ބައިވެރިވެ ވަޑައިގަތެވެ.


މިބައްދަލުވުމުގައި އަޅުގަނޑުމެން ސައްލާކޮށް ދެއްކި ވާހަކައަކީ، ސަރުކާރުގެ އިސް ދެވަޒީރުން ކަމުގައިވާ، ޑޮކްޓަރ މަހްމޫދު ޝައުޤީ އާއި ޙަމްދޫން ޙަމީދާ ބައްދަލުކޮށް އިބުރާ އާއި ގާސިމާ ދެބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުންނެވެ. އަދި ބަންދުގައި ތިބި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ޖަލުގެ ބަންދުން، މިނިވަން ކުރެވޭނެގޮތެއް ސަރުކާރުގެ މަންދޫބުންނާ ވާހަކަ ދައްކަވައިގެން ހޯދުމަށެވެ. އެރޭ އެވަގުތު ސިފައިންގެ މަރުކަޒުދޮށުގައި މުހައްމަދުފުޅު ދޫކޮށް ނުލައިގެންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ގެންދިޔައީ ހަޅޭލަވަމުންނެވެ.


މިމީހުންގެ ޕްރެޝަރުގައި މުހައްމަދު ފުޅު މިނިވަންކޮށް ދޫކޮށް ލިއެވެ. އޭރު ރޭގަނޑު، 12 ޖަހާފާނެއެވެ. ފުޅު ދޫކޮށްލިޔަސް އެއްވެފައި ތިބި މީހުންތައް އެތަނުން ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ހަވަރު ބޭނުންވީ ދެންވެސް ބަންދުގައި ތިބި އިސްލާހީ ހަރަކާތުގެ މުހައްރިކުން މިނިވަން ކުރާށެވެ.


މުހައްމަދު ފުޅުގެ އިތުރުން ބަންދުގައި ތިބި މީހުން ދޫކޮށް ނުލައިގެން ނުރުހުން ފާޅުކުރުން، ޖުމްހޫރީ މައިދާނުގެ އުތުރު އިރު ކަންމައްޗަށް ދިމާވާގޮތަށް، އިރުއޮއްސުނީއް ސުރެން ހިނގަމުން ދިޔައެވެ. މިހަރަކާތުގައި ޖުމްހޫރީ މައިދާނަށް ގޮސް އިސްކޮށް ތިއްބެވީ، މ.އޭޝިޔާ މަރިޔަމް މަނިކެ އާއި މ.ނެދުންގޭ އައިމިނަތް ނަޖީބު އާއި މ.ޗާންދަނީވިލާ ޖެނިފަރ ލަތީފު އާއި އެނާގެ ކޮއްކޮ މާނީ ލަތީފު ފަދަ، އިސްލާހީ ހަރަކާތުގެ މުހައްރުކުންގެ ކުދިންކޮޅެކެވެ.


މިމީހުން (މަރިޔަމް މަނިކެ، ޖެނީ ގުރޫޕް) އެދުވަހު ހަވީރު، މއ.ސިލްވަރސީން ނައުޝާދު ވަހީދު ހަސަަން، ނޯބެ ގޭބަންދުގައި ހުންނަވާތީ، ބައްދަލުކުރުމަށް އެގެއަށް ގޮސްތިބެވާފައި އެގެއިން ނުކުމެގެން، ދެން ދިޔައީ ބަންދުގައި ތިބި އެކްޓިވިސްޓުން ދޫކޮށްލާތޯ ބެލުމަށް ސިފައިންގެ ދޮށަށެވެ. އެމީހުން ކުރަންވީކަންތަކުގެ ބައިވަރު މަޝްވަރާ އާއި ސައްލާތަށް ނޯބެއާ އެކު ކުރެވުނުކަމަށް ވެއެވެ.


އެގަޑީގައި އެގެއަށް ހަވީރުކޮޅު ކުޑަވަގުތުކޮޅަކަށް އަޅުގަނޑަށް ވަދެވުމުން އެމީހުންނާ އެކު ކުޑައިރުކޮޅެއް ލިބުނެވެ.  12 ވީ ބުރާސްފަތި ދުވަހު ބަންދުކުރި މުހައްމަދު ފުޅު ދޫކޮށް ލުމަށް ފަހު، ދެންތިބި މީހުން ދޫކޮށް ނުލައިގެން މި މީހުން އެސަރަހުއްދުން ދުރަށް ނުދާނެކަމަށް ބުނެ، އިހްތިޖާޖު ކުރަން ފެށުމުން ރައްޔިތުންގެ ތެރެއިން މީހުންތައް އެދިމާއަށް އަންނަމުން، އެއްވަމުން ގޮސް ބޮޑުއެއްވުމަކަށް އެރޭ އަށެއްޖެހިއިރު އޮތީވެފައެވެ.


ޚާއްސަކޮށް ޢިޝާނަމާދަށް ފަހު، ޖުމްހޫރީ މައިދާނަށް ޖަމާވަމުންދިޔަ މީހުންގެ އަދަދު އެތައްގުނައަކަށް އިތުރުވަމުން ދިޔައެވެ. މީހުންގިނަކަމުން ޓްރެފިކު ހުއްޓޭގޮތް ވުމުން ސިފައިނުކުމެ ހަރަކާތްތެރިވާން ފެށިއެވެ. އެހެނަސް ސިފައިން އެކަމަށް ނުކުތުމުން މީހުން ގިނަވާންފެށީއެވެ. ގިނައީ ސިފައިންގެ އަމަލުތަކުގެ ކުޅިބަލާން އެއްވި މީހުންނެވެ.


އަދި މަގުމައްޗަށް ސިފައިންނުކުމެ ސިފައިންގެ ޙިމާޔަތްކުރުމަށް ސަފުހަދައިގެން އަތްގުޅާލައިގެން ތިއްބެވެ. ސިފައިންގެ ތެރެއިން މަތީބުރީގައި ތިބެގެން ބޭރުގައި އެއްވެފައި ތިބި މީހުންގެ ފޮޓޯއާއި ވީޑިޔޯ ސިފައިން ނަގަމުން ގެންދިޔައެވެ. މަގުމަތީގައިވެސް މިފަދަ ހަރަކާތްތައް ސިފައިން ހިންގަމުން ގެންދެވިއެވެ. ސިފައިން މިކަން ކުރަނީ ބޮޑުކަންތައްގަނޑަކަށް މިކަން ހަދާއި ބަންދުކުރާނެ މީހުން ހޮވާލުމަށެވެ.


ޖުމްހޫރީ މައިދާނުގައި އެއްވެފައި ތިބި މީހުން މަޑުމަޑުން އަމީރު އަޙްމަދު މަގަށް ޖެހެމުންގޮސް ސިފައިންގެ ދޮރާދިމާއަށް ޖެހި އެދިމާ ވަށާލައިފި އެވެ. އެވަގުތު ސިފައިންގެ މައިގޭޓް ކުރިމައްޗަށް ވަރަށްގިނަ ބަޔަކު އެއްވިއެވެ. ހަޅޭލަވަމުން ގެންދިޔައެވެ. އަޑުގަދައެވެ. އަދި އެވަގުތު ސައުންޑް ސިސްޓަމް ބޭނުން ކުރައްވައިގެން ސިފައިންގެ އިސްބޭކަލުން އަންގަވަމުން ގެންދެވީ ސިފައިންގެ ގޭޓްކުރިމައްޗަށް އެއްވެފައި ތިބި މީހުން ސިފައިންގެ ގޭޓުދޫކޮށް ދުރަށްދިއުމަށެވެ.


ވާހަކަދައްމަވަމުން ގެންދެވި މޫސާއަލީ ޖަލީލު އަޑުގަދަކުރާ މެދުވެރިކޮށް ވިދާޅުވިއެވެ.


"އައްސަލާމު ޢަލައިކުމް. ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑަކީ، ބްރިގޭޑިއަރ ޖަލީލު. އެއްވެފާތިބި ބޭކަލުންނޭވެ. ސުލްޙަވެރި ކަމާއެކުގައި ފަހަތަށް ވަޑައިގެން ދެއްވުމަށް ދަންނަވަން. ރައްޔިތުން އެދޭއެދުންތައް ފުރިހަމަކުރާނީ މިގޮތަކަށެއްނޫން. އަޅުގަނޑު މެންގެ ލޮބުވެތި ރައްޔިތުން ފަހަތަށް، ޖުމްހޫރި މައިދާނަށް ވަޑައި ގަތުުމަށް ދަންނަވަން."


މިއަޑާއެކު އެއްވެފައި ތިބި ރައްޔިތުންގެ ހަވަރުން އެއްއަޑަކަށް ގޮވަމުން ގެންދަނީ، "ހައްޔަރު ކޮށްފައި ތިބި މީހުން ދޫކުރޭ. ކުށެއްނެތް މީހުން ދޫކުރޭ." ތަކުރާރުކޮށް މިފަދައިންނެވެ. އެކިދިމާލުން ހަވަރުގެ އަޑުގަދަ އަންބާއަކީ މިއަޑެވެ.


އެއްގޮތަކަށް ވެސް ފަހަތަށް ޖެހުމެއްނެތި ރައްޔިތުންގެބާރު ގެންދިޔައީ މިގޮތަށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ހ.ދަތުގޭ ޑޮކްޓަރ އިބްރާހީމް ދީދީ ސިޔާސީ އިސްލާހީ ހަރަކާތް ތެރޭގައި އަމަލީގޮތުން އުޅުއްވަނިކޮށް ފުރަތަމަ ފަހަރަށް އަޅުގަނޑު ދުށީ މިރެއެވެ. މިއެއްވުމުންނެވެ. ސިފައިންގެ ބޮޑުދޮރު ކުރިމަތިންނެވެ.


ޑޮކްޓަރު ޑީޑީއާ އަޅުގަނޑު ރައްޓެހިވެ ވާހަކަދައްކަންފެށީ ސިފައިންގެ ބޮޑުގޭޓު ކުރިމަތިންނެވެ. މިކަންތައްގަނޑު ފެނި ރައްޔިތުން ވަރުގަދަވެ ހަވަރަކަށް "ބާރަކަށް" ވީއިރު، އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ހުރިހާ، މެމްބަރުން ތިއްބެވީ ބޯގަންވިލާގައި އޮތް ސިޔާސީ ބައްދަލުވުމު ގައެވެ.


މިއީ އިބްރާހީމް އިސްމާޢީލް (އިބުރާ) ގެ ބުއްދީން ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ. ޒުވާން ދެ ވަޒީރެއްގެ މަޝްވަރާ އަށް ފަހު ހިނގިކަމެކެވެ. މިވަނީ ކިހިނެތްބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ސިޔާސީމީހަކަށް ވަތީ ބައިވަރު ސުވާލުތައް ހިތުތެރޭގައި އުފެދި ފައިބައިގެންދެއެވެ. އަޑީގައި ތިއްބެވީ، އެންދެރިމާގޭ އިލްޔާސް އާއި ބުރުމާ ގާސިމެވެ. ބޯގަންވިލާގެ އެ ބައްދަލުވުން ރަނގަޅަށް ހިނގައި ނުގަންނަނީސް، ޤާސިމަށް މަތީފަރާތަކުން ޚާއްސަ ފޯނުކޯލެއް އައިސްގެން އެކަމާ ޤާސިމް ސަމާލުވެއްޖެއެވެ.


މިކޯލުގެ ތަފްސީލް ޤާސިމު ދެއްވަމުން އަޅުގަނޑު މެންނަށް ވިދާޅުވެދެއްވީ ވަރަށް ގިނަބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ބަންދުގައި ތިބި މީހުން ޖަލުންދޫކުރުމަށް ގޮމަވުން ދާތީ، އެތަނަށް ހަވަރުވެރީން އެއްވެ މުޅި އެސަރައްދުގެ މަޞްލަޙަތު ގެއްލެމުން ދާތީ، ހަވަރު ރޫޅާލައި އެމީހުންގެ ގެތަކަށް ފޮނުވާލަ ދިނުމަށް އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް އެހީތެރި ވެދިނުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާ ކަމަށެވެ.


މިކަމުގައި މިނިސްޓަރ އިލްޔާސްގެ އެހީތެރިކަން ވެސް ފުރިހަމައަށް ލިބޭނެއެވެ. އަޅުގަނޑުމެން އެންމެން އަވަހަށް ޖުމްހޫރީ މައިދާނަށް ދާންވީއެވެ. ދެން އަޅުގަނޑުމެން އެންމެން ވެސް ދިޔައީ ބޯގަންވިލާގެ ބައްދަލުވުން ހުއްޓާލާފައި ޖުމްހޫރީ މައިދާނަށެވެ.


އޭރު ދިހައެއް ޖަހަން ކައިރިވެދާނެއެވެ. އަޅުގަނޑު އެރޭ އެމައިދާނަށް ދިޔައީ ރައިސް މައުމޫނުގެ ފަރާތްޕުޅުން އޭރުގެ އިންފޯމޭޝަން މިނިސްޓަރ ކަމުގައި ހުންނެވި، ސަމަރުބްލޫ އިބްރާހީމް މަނިކު، ޤާސިމަށް ސީރިއަސް ހާލަތެއްގައި ގުޅުއްވާފައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިއުމަށް ރައީސް މައުމޫނު އެދިވަޑައިގެންފި ކަމަށް ޤާސިމް ވިދާޅުވުމުން އޭނާގެ ބަހަށެވެ.


ހަވަރަށް ނަޞޭޙަތްތެރިވެ އެ ސަރަހައްދުގައި މަޞްލަޙަތު ގައިމްކުރެވޭތޯ އެހީތެރިވުމަށެވެ. ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވެ ބަޣާވާތެއް ކުރާކަށެއް ނޫނެވެ. ސަރުކާރު އިންގިލާބުކޮށް ފުށުންޖަހާލާއި ފުރޮޅާލާކަށް ނޫނެވެ. ސިޔާސީ މަގުސަދަކަށް ނޫނެވެ. މިއީ ތެދުހަގީގަތެވެ. އަދި މިއީ "ކަޅުހުކުރު" ޙާދިޘާގެ ފެށުމެވެ. އަދި ފުލުހުނަނާއި ސިފައިންނަށް އަހުރެން ދިނީ މިބަޔާނެވެ. މިގޮތަށެވެ. އެއްވެސް ތަފާތެއް ނެތިއެވެ.


މޫސާ ލަޖީލާއި ސިފައިންގެ ބޭކަލުން މަސައްކަތް ކުރެއްވީ، ސިފައިންގެ ކުރިމަތީން ހަވަރު ފަހަތަށް ޖައްސާއި ޖުމްހޫރީ މައިދާނަށް ގެންދާށެވެ. އެގޮތުގެމަތިން ރައްޔިތުން އެދޭ އެދުންތައް ފުރިހަމަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ބަންދުގައި ހުންނެވި މުހައްމަދު ފުޅު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. މިވަރުން ވެސް ސިފައިންގެ ބޭކަލުންނަށް ހަވަރު ކޮންޓްރޯލް ނުވުމުން، އިލްޔާސް އިބްރާހީމް އާއި ގާސިމް އާއި އިބުރާ ވެގެން، ހަވަރު ޖުމްހޫރީ މައިދާނާ ހަމައަށް ފަހަތަށް ޖެއްސޭތޯ އަޑުގަދަކުރާއިން ވާހަކަދައްކާއި މަސައްކަތް ކުރެއްވިއެވެ.


މިގޮތުގެ މަތިން އެއްވެ ތިބި މީހުންތަކާ އެކު އިބުރާގެ ބުއްދީގައި ސިފައިންދިން ސައުންޑު ސިސްޓަމް ހިފައިގެން އޭނާ ބޮޑުދިދަބުޑުގައި ހަދާފައި ހުރި ރޮސްޓަމަށް ދިއުމުން، ސިފައިންގެ މައިގޭޓު ކުރިމައްޗަށް ސިފައިންގެ ގިނަބަޔަކު ނުކުމެ ކޮންޓްރޯލްކޮށް ސިފައިންގެ ފުރިހަމަ ބާރާއި ބެލުމުގެ ދަށަށް ސިފައިންގެ ގޭޓާއި ވަށައިގެން ހުރިހާ މަގުތައް ވެސް ގެނެވުނެވެ. މިތިންބޭފުޅުން ވެސް ވާހަކަ ދެއްކެވީ ސިފައިން ހަމަޖައްސާއި އިންތިޒާމް ކޮށްދިން ސައުންޑް ސިސްޓަމަކުން ސިފައިން އެދިގެންނެވެ.


މިބޭފުޅުންވެސް އެދިވަޑައިގަތީ ޞުލްޙަވެރިކަމާއެކު ކަންތައްތައް ކުރުމަށެވެ. ނަޞޭޙަތްތެރި ވެވަޑައިގަތީ ސިފައިންގެ މައިގޭޓް ކުރިމައްޗަށް އެއްވެފައި ތިބި މީހުން އެސަރަހުއްދުން ދުރަށް ދިއުމަށެވެ. އެހެންނަމަ ވެސް އެއްވެފައި އޮތް ހަވަރު ގޮވަމުން ދިޔައީ ސިފައިން ގަވާއިދާޚިލާފަށް ހައްޔަރު ކޮށްފައި ތިބި މީހުން ދޫކޮށް ނުލަނީސް އެތަނުން އެއްފިޔަވަޅު ވެސް ދުރަށް ނާޅާނެކަމަށެވެ. މިތަނުން ދުރަށް ދާނީ ބަންދުގައި ތިބި މީހުންގޮވައިގެން ކަމަށެވެ.


ދެން ސިފައިން މަޝްވަރާކުރުމަށް ފަހު، ނިންމެވީ ބަންދުގައި ތިބި މީހުންތައް ދޫކޮށްލާށެވެ. މުހައްމަދު ފުޅު ދޫކޮށްލެއްވުމަށް ފަހު، ދޫނިދޫގައި ތިބި މީހުން މިހާރު ދޫކޮށްލީއޭ، އެމީހުން މާލެ އަންނަލޯންޗް ބޮޑުފާލަން ކައިރިން ފެންނާނެ ކަމަށް ބުނަންފެށީ ހަވަރުގެ ސަމާލުކަން އެދިމާއަށް ގެންގޮސް ބޮޑުފާލަމާ ދިމާއަށް ރައްޔިތު މީހުންގަނޑު ޖައްސާލުމަށެވެ.


ސިފައިންގެ ފަރާތުން އިއުލާނު ކުރެއްވީ "ފަހަރެއްގައި މިހާރުވެސް ތިބޭފުޅުން އުތުރަށް ބައްލަވާލެއްވުމުން، ހައްޔަރުކޮށްފައި ތިބި މީހުން ދޫނިދޫން ގެންނަ ސިފައިންގެ ލޯންޗުގެ އަލި، ފެނިވަޑައި ގަންނަވާނެކަން ނޭނގެއޭ، އެހެން ވުމުން ޖުމްހޫރީ މައިދާނު ތެރެއަށް ފަހަތަށް ޖެހި، ބައްލަވާލެއްވުމަށް ދަންނަމެވެ." ދޫކޮށްލި މީހުންނަށް މާލެ އެރުނީ އެރޭ އެއްގަޑިބައި އެހާ އިރުއެވެ.


މިކަމާއެކު ވެސް ހަވަރު އަޑުއުފުލަމުން ގެންދިޔައީ ސިޔާސީ ކުށްވެރިއެއް ގޮތުގައި ބަންދުގައި ހުރި ނޯޝާދު ވަހީދު، ނައުބެ ދޫކޮށް ލުމަށާއި ސަންދާނު ކަންތަކުގައި ބަންދުގައި ތިބި މީހުން ދޫކޮށް ލުމަށާއި ފުލުހުންގެ ވެރިއަކަށް ހުންނެވި، އާދަމް ޒާހިރުގެ އިސްތިޢުފާ އަށެވެ. ހަވަރު އެއްއަޑަކުން މިހެންގޮވަމުން ގެންދިޔައެވެ.


ސިފައިންނާ އިބުރާމެން ގުޅިގެން މިކަން ކާމިޔާބު ކުރިއެވެ. މީހުންތަކުގެ ސަމާލުކަން ސިފައިންގެ ކުރިމަތިން ދުރުކޮށް ބޮޑުފާލަންދޮށަށް ބަދަލުކޮށްލިއެވެ. ސިފައިންގެ އެކުގައި އެމީހުންގެ ބާރުން ކޮންޓުރޯލްކުރިއެވެ. ހަގީގަތުގައި އެހިސާބުން ސަރުކާރަށް އޮތް ބިރު ނެތިއްޖެއެވެ. މިވެރިންގެ އަޑިނޭންގޭ މި ސްޓަންޓުން ރައްޔިތުން ހައްދާލުމާއެކު މިކަން ކާމިޔާބުކުރިއެވެ. ސިފައިންގެ ދޮރުމަތި ހުސްކޮށް ސިފައިންގެ ބާރުދަށަށް މައިގޭޓު އެކުގައި ގެނައެވެ. އަދި ބަންދުކުރި އެންމެން ދޫކޮށް ލިއެވެ.


އަދި ރައްޔިތުން އެދޭއެދުންތައް ވަރަށް އަވަހަށް ސަރުކާރުން އެބަ ހަމަޖައްސައި ދެއްވާކަމަށް ބުނަމުން ގެންދެވިއެވެ. ސިފައިންގެ ފަރާތުން މިފަދައިން އިއުލާނު ކުރެވުނެވެ. އެހެނަސް މިހުރިހާ ކަމަކާއެކު ވެސް އެއްވެފައި ތިބި މީހުން ގޮވަމުން ގެންދިޔައީ "ރައްޔިތުން މޮޔަ ހައްދަނީ" ކަމަށް ބުނެއެވެ. އެއަޑުތައް އުފުލަމުން ގެންދިޔަވެ.


މިކަންތައްފެށި މިހާހިސާބަށް ދިޔައިރު، އިލްޔާސް އިބްރާހީމާއި ގާސިމާއި ދެމީހުން، އިބުރާލައްވާ ކުޅުވަމުން މިގެންދަވާ ރޯލާމެދު، އަޅުގަނޑުގެ ހިތުތެރޭގައި އޭރުވެސް ސިޔާސީ އިތުރު ވިސްނުންތަކެއް އެނބުރެމުން ދިޔައެވެ. މިދުވަސްވަރުގެ މުޅި މިހަރަކާތަށް ނަޒަރުކުރާ އިރު، ޝައްކު އުފެދޭ ކަންތައްތަކެއް ބައިވަރު ފެނިފައި އެބަހުއްޓެވެ. އެންމެފަހުން ކަންވީވެސް އެހެންނެވެ. މިހުރިހާ ކަމެއް ގާސިމް އާއި އިބްރާ ލައްވާ އިލްޔާސް އާއި ސަމަރޭ އިސްވެ ހުންނަވާއި ކުޅުވާފައި ގާސިމް އާއި އިބްރާވެސް އަހުރެމެން އެންމެންނާ އެކު ބަންދުކުރީއެވެ.


ކޮންމެހެން ހުކުރުދުވަހު މެންދުރުފަސް ވުމުން ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާކަށް ނުވެސް ޖެހެއެވެ. އިސްލާހީ ހަރަކާތުތެރެއަށް އިބުރާ ލައްވާ ސިޔާސީ ކުޅިތަކެއް އިތުރަށް ކުޅުއްވަން އަބަދުވެސް އިލްޔާސް އާއި ސަމަރޭ އާއި ގާސިމާ މިކޭންޕުން މަސައްކަތް ކުރަމުން ގެންދާ އިރު ފަތުޙު ﷲ އާއި ޢަބްދު ﷲ ޙަމީދާއި ހިތްވަރުގަދަ ޔާމީނާއި ޒާހިރު ޙުސައިން މެންފަދަ ޒަމާނުއްސުރެ އަރިސްބޭފުޅުން، އާދަމްޒާހިރު ލައްވާ ސިފައިންގެ ތެރޭގައި ތިއްބަވައިގެން ސިޔާސީ ރާޒުވާލުޅިގަނޑުގެ މޮޅުކުޅިތައް ކުޅުއްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައި ވެއެވެ. ހުކުރު ދުވަހަށް އިރުއެރުމުން މިހުރިހާ ބޭފުޅުން ސިފައިންގެ މަރުކަޒަކީ ކޮމާންޑު މަރުކަޒަކަށް ބަދަލުކޮށްލެއްވިއެވެ. އެ އެންމެހާ ބޭފުޅުން ތިއްބެވީ ސިފައިންގެ މަރުކަޒުތެރޭގައެވެ.


އާދަމް ޒާހިރުގެ ރޭވުންތައް ރޭވުމުގައި މުގުލުގައި ހުންނެވީ ކުޅަދާނަ ރައީސްމައުމޫނަށް އަބަދުވެސް ހެޔޮއެދޭ ލޯބިވާ ކޮއްކޯފުޅު ޔާމީނެވެ. އޭނާގެ ސިޔާސީ ވިސްނުން މި މީހުނަށް ވުރެ މަތިކަން ފާހަގަވެއެވެ. މި ދެ ކޭންޕްގެ ކަންތައް ވަކިވަކިން ރާވާއި ދީ ހިންގަވާ ސިޔާސީ މޭސްތިރިއަކަށް ހުންގާނުގައި ހުންނެވީ ރައީސް މައުމޫނު ކަންވެސް ސާފުކޮށް އެނގެއެވެ.


އެހެން ވުމުން މިއިން ކޮންމެ ސިޔާސީ ކަންތައްގަނޑެއްގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ރޭވުންތަކެއް އޮންނަކަން މިކަމުގެ އެތެރޭގައި އިސްކޮށް އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވިފައި ހުއްޓެވެ. އަޅުގަނޑު އަބަދުވެސް ބުރަވަނީ އެގޮތަށެވެ. އެއީ އަޅުގަނޑުގެ ދިރާސާއެވެ.


މިވާހަކަތައް އަޅުގަނޑު މިލިޔަނީ ފަހުން އަންނާން ތިބި ދިވެހި ކިޔަވާ ދަރިވަރުންނަށް ފަހުޒަމާނުގައި މި ދިރާސާތައް ހެދުމަށް ފަސޭހަ ކުރުމަށެވެ. ހަގީގީ ވާހަކަތައް ދާނީ، ސިޔާސީބޭނުމުގައި ބާރުގައި ތިބޭފަރާތްތަކުން އަބަދުވެސް ފޮރުވަމުންނެވެ. އޮޅުވާލަމުންނެވެ. އެހެންވެ، ވަންހަނާ ކުރުމެއް ނެތި އޮޅުންފިލާވަރަށް އަސްލުނަންތައް ބޭނުންކޮށްފައި ވަނީ، ފަހަރުގައި މިލިޔުންތައް ކިޔާފައި މިކަން ކުރާނެ ޒުވާންކުދިބަޔަކު މުސްތަގުބަލުގައި ތިބެދާނެތީ، އިޚްލާސްތެރިކަމާ އެކު އަހުރެންގެ ޒަމީރުގައި އޮތްގޮތަށް ހެޔޮނިޔަތާ އެކު ތެދަށް ހަގީގަތްތައް ބުނެދީފައެވެ.


ހާދިސާއައި ގުޅިގެން މޫސާޖަލީލު ތަހުގީގަށް ދެއްވި ބަޔާން:


އެދުވަސްވަރު، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބްރިގޭޑިއަރެއްގެ މަޤާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-034291 އުފަންދުވަސް: 26. 06. 1960 ހ.ރާޅާހާ އަލްފާޟިލް މޫސާ ޢަލީ ޖަލީލް، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ހުސައިނަށް، މި ޙާދިޘާއާ ގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.


"އަޅުގަނޑަކީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން އެސް އެސް) ގައި ވަޒީފާ އަދާކުރާތާ، 24 (ސައުވީސް) އަހަރުވެ، މިހާރު ބްރިގޭޑިއަރގެ މަޤާމްގައި ހުރިމީހެކެވެ. އަދި، 10 މެއި 2000 ން ފެށިގެން އަޅުގަނޑަކީ، ކުއިކް ރިއެކްޝަން ފޯސް، 3 (ކިއު އާރް އެފް،3) ގެ ކޮމާންޑިންގް އޮފިސަރެވެ. 12 އޯގަސްޓް 2004 ގެ އިރާކޮޅު އަޅުގަނޑު އެންއެސްއެސްގެ ހެޑްކުއޯޓަޒްގައި (ބަންޑާރަ ކޮށީގައި) އުޅެނިކޮށް، މެއިންގޭޓް ޑިއުޓީގައި ތިބި، ކިއުއާރުއެފް، 3 ގެސިފައިން، ރިޕޯޓްކުރުމާ ގުޅިގެން ބަޔަކުމީހުން ޖުމްހޫރީ މައިދާނަށް އެއްވަމުން ދާކަން އެނގުނެވެ. އޭރުގަޑިންވާނީ ގާތްގަނޑަކަށް، 19:10 ހާއިރެވެ.


މި މަޢުލޫމާތު ލިބުމާގުޅިގެން އަޅުގަނޑު އެތަނަށް ނިކުމެ ވަމުންދާގޮތް ބަލަމުން ދިޔައީމެވެ. ޖުމްހޫރީ މައިދާނުގެ އުތުރުފަރާތުގައި އާދަޔާޚިލާފަށް މީހުންގިނަ ވެފައިވެއެވެ. އެމީހުން ތެރޭގައި މ.އޭޝިޔާ މަރިޔަމް މަނިކެ، މ.ނެދުންގޭ އައިމިނަތު ނަޖީބު، މ.ޗާންދަނީވިލާ ޖެނީފަރ ލަތީފް ދުށީމެވެ. މަދުމަދުން މީހުން އެއްވަމުންގޮސް ގާތްގަނޑަކަށް، 10:00 ގައި ޓްރެފިކަށް ދަތިވާވަރުވެގެން ފުލުހުން ޓްރެފިކް ކޮންޓްރޯލް ކުރަންއުޅޭތަން ދުށީމެވެ.


މަޢުލޫމާތު ސާފުކުރުމުން އެނގުނީ މުޙައްމަދު ފުޅު، ހ.ވޭވީވޯކް ފުލުސްއޮފީހަށް ގެނެވިފައި ވާތީ، އޭނާގެ ރައްޓެހިން އެކަމާގުޅިގެން އައިސްތިބީ ކަމަށެވެ. މިފަދަ ކަމެއް ހިންގާކަން އެނގުމުން މިކަމުގެ މަޢުލޫމާތު ސިފައިންނާ ފުލުހުންގެ އެންމެ މަތީ ވެރިޔާގެ ނައިބު ލެފްޓިނެންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމަށް ދަންނަވާ، އަދި ދޭތެރެދޭތެރެއިން ވަމުންދާގޮތް ދެންނެވުނެވެ. މީގެ އިތުރުން އެމަނިކުފާނު ވެސް ވަރަށް ގިނަފަހަރު ގުޅުއްވައެވެ.


ޖުމްހޫރީ މައިދާނަށް އެއްވިވަރަށް ގިނަބަޔަކު ދެންފެނުނީ، ޕޮލިސް ހެޑްކްއޯޓަޒް ދޮށަށް އެއްވިތަނެވެ. އަދި މުހަންމަދު ފުޅު ދޫކޮށްލުމަށް ގޮވަމުން ދާތަނެވެ.  އެރޭގެ، 10:23 ހާއިރު މުޙައްމަދު ފުޅު ދޫކޮށްލުމުން ވެސް އެއްވެފައި ތިބި މީހުން ޕޮލިސް ހެޑްކްއޯޓަޒް ދޮށުން ދުރަށް ދިއުމުގެ ބަދަލުގައި އިތުރު، 4 މީހަކު ދޫކުރުމަށް ގޮވަމުން ދިޔައެވެ.


ގާތްގަނޑަކަށް، 11:00 އެހާކަށްހާއިރު އެއްވެފައި ތިބި މީހުން އެންއެސްއެސް ހެޑްކްއޯޓަޒް ދޮށަށް އަންނަން ފަށައިފިއެވެ. މި މީހުންތައް ދިޔައީ ގިނަވަމުންނެވެ. ރައްޔިތުންގެ ޚާއްސަ މަލިސްގެ މެމްބަރުންގެ ތެރެއިން ބ.އަތޮޅުގެ އެއްމެމްބަރު މއ.މަނާގޭ އަލީފާއިޒު، ތ،އަތޮޅުގެ އެއްމެމްބަރު ގ.ބާނި ޑޮކްޓަރ ހުސައިން ރަޝީދު ޙަސަން، ސ.އަތޮޅުގެ އެއްމެމްބަރު ގ.ހަސަންކައިރިގޭ ޑޮކްޓަރ މުނައްވަރު، އދ.އަތޮޅުގެ އެއްމެމްބަރު ހ.ހުޅުގަލި އިބްރާހީމް ހުސައިން ޒަކީ، ދ.އަތޮޅުގެ އެއްމެމްބަރު މުޙައްމަދު ޝިހާބު، އދ.އަތޮޅުގެ އެއްމެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ޅ.އަތޮޅު އެއްމެމްބަރު މ.ސަނީލޮޖް،3 އިބްރާހީމް މުޙައްމަދު ޝާލިޙް، ހދ.އަތޮޅުގެ އެއްމެމްބަރު މ.އުނިމާގޭ އަޙްމަދު ޢާދިލް، އަދި މާލޭގެ އެއްމެމްބަރު މއ.ބީގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިރުން މަޖިލީހުގެ ދ.އަތޮޅު އެއްމެމްބަރު ކަމުގައިވާ މުޙައްމަދު ޝިހާބާއި މާލޭގެ އެއްމެމްބަރު ކަމުގައިވާ މ.އަލިވާގޭ އިލްޔާސް އިބްރާހީމް (މިނިސްޓަރ އޮފް ޓުރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން) ސިފައިންގެ ހެޑްކްއޯޓަޒް ދޮށުން ދުށީމެވެ.


އަދި މީހުންތައް ކޮންޓްރޯލް ކުރައްވާ ޞުލްޙަވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލައްވާ މީހުންތައް ފޮނުވާލެއްވޭތޯ ޤާސިމް އިބްރާހީމާއި އިލްޔާސް އިބްރާހީމާއި އިބްރާހީމް އިސްމާޢީލް (އިބުރާ) ސިފައިންގެ ކުރިމަތިން ޕަބްލިކް އެނައުންސްމެންޓް ސިސްޓަމް (ޕީ.އޭ ސިސްޓަމްސް) ބޭނުން ކުރައްވައިގެން ވާހަކަ ދެއްކެވިއެވެ.


ނަމަވެސް މީހުންތައް އެއްގޮތަކަށްވެސް ދުރަށްދާކަށެއް ބޭނުމެއް ނުވިއެވެ. އަދި އެރޭ ދަންވަރު، 2:00 ހާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު ލެފްޓިނަންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމް އެންގެވުމުން އެންއެސްއެސްގެ ހެޑްކުއޯޓަޒްގެ ބޮޑުގޭޓް ދޮށުގައި ހުރެގެން އެތާކުރިމައްޗަށް އެއްވެފައި ތިބި މީހުންނާ ވާހަކަދައްކަން އަޅުގަނޑު މަސައްކަތް ކުރީމެވެ.


އަޅުގަނޑު ފުރަތަމައިނުން މަސައްކަތްކުރީ އެއްވެފައި ތިބި މީހުން މަޑުމައިތިރިކޮށް އެންއެސްްއެސް ހެޑްކުއޯޓަޒްގެ ބޮޑުގޭޓާދުރަށް ގެންދެވޭތޯއެވެ. މިގޮތުން ވަރަށްގިނަ ވާހަކަ ދެއްކުމުން ވެސް އެތާއެއްވެފައި ތިބި މީހުންގެ ކިބައިން މާބޮޑު އިޖާބައެއް ނުލިބުނެވެ. އަދި ފުރަތަމައިނުން މި ޕީއޭ ސިސްޓަމުން ވާހަކަދެއްކެވީ އެތަނަށް ދުރުވެތިއްބެވި ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެމްބަރުންނެވެ.


ވާހަކަދެއްކި ބޭފުޅުންގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވެނީ އދ.އޮޅުގެ މެމްބަރު މ.މާފަންނުވިލާ ޤާސިމް އިބްރާހީމާއި މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އެވެ. އަދި އިލްޔާސް އިބްރާހީމް ވެސް އެއްވެތިބި މީހުން ޞުލްޙަކުރައްވާ ފޮނުވާލެވޭތޯ ވަރަށް ގިނަފަހަރު މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކެވިއެވެ.


އެރޭގާތް ގަނޑަކަށް، 2:30 ކަންހާއިރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ދުރުވެ، އެއްވެފައި ތިބި މީހުން ދުރަށްގެންދެވޭތޯ މަސައްކަތް ކުރެއްވޭތޯ ބެއްލެވުމަށްޓަކައޭ ބުނުއްވާ، ޕީއޭ ސިސްޓަމް ގެންދެވިއެވެ. އޭގެފަހުން އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިތުން ބޭނުންވާ ކަންތައްތައް ލިޔަން ހިނގާށޭ ކިޔުއްވާ، ޕީއޭ ސިސްޓަމުން އޭނާ ވިދާޅުވިއަޑު އަޅުގަނޑު އެހީމެވެ.


އަދި އެވަގުތުއޭނާ އިށީދެގެން އިންނެވީ ބޮޑުދިދަބުޑުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައެވެ. އަދި މި ޙާދިޘާގައި ނެގިފައިވާ ވީޑިޔޯއެއްގައި އިބްރާހީމް އިސްމާޢީލް (އިބުރާ) ބޮޑުދިދަބުޑުގައި ގޮނޑިއެއްގައި އިންނަވައިގެން ލިސްޓެއް ތައްޔާރު ކުރައްވާތަން ފެނެއެވެ. އަދި އެވަގުތުއޭނާ ކައިރީގައި (އިބްރާހީމް އިސްމާޢީލްގެ) ވާތްފަރާތުގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވިތަން ފެނެއެވެ.


އެހެންކަމުން ލިޔުން ތައްޔާރު ކުރައްވާފައިވަނީ މިފަރާތްތަކުންކަން ވަރަށްބޮޑަށް ޔަޤީންވެއެވެ. ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރާދެކޮޅަށް ޖުމްހޫރީ މައިދާނަށާއި އެންއެސްއެސް ހެޑްކުއޯޓަޒަށައި، އަދި ޕީއެޗްކިޔޫ ދޮށަށް ގިނަޢަދަދެއްގެ ބަޔަކު، 12 އޯގަސްޓް 2004 ދުވަހުގެ ރެއާއި، 13  އޯގަސްތް 2004 ދުވަހު އެއްވެ، ޤާނޫނާޚިލާފް ޢަމަލުތަކެއް ހިންގަމުން ދިޔައިރު، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންވަނީ ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުންގެންދިޔަ ދިވެހިންގެ ފަރާތުން އެބައިމީހުން ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް (މީނާ ބުނުއްވި ގޮތުންވިއްޔާ ޑިމާންޑުތައް) ދިވެހި ސަރުކާރާ ޙަވާލު ކުރުމަށްޓަކައި، 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 3:00 ގައި އެންއެސްއެސްގެ ހެޑްކުއޯޓަޒްގެ ދޮރުމަތީގައި އަޅުގަނޑު ހުއްޓާ ގެނެސް ދެއްވާފައެވެ.


ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އެލިސްޓް އަޅުގަނޑާ ޙަވާލުކުރެއްވިއިރު އޭނާއާއެކު އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ދުރުވިއެވެ. އަދި މިދެމީހުންގެ ފަހަތުގައި އަޙްމަދު ޢާދިލް ހުންނެވިއެވެ. މިލިޔުން އަޅުގަނޑާ ޙަވާލުކުރެއްވިއިރު އަޅުގަނޑުގެ ކައިރީގައި މޭޖަރ ޢަބްދު ﷲ ޝަމާލް (ސނ: 1089) އާއި ސާރޖެންޓް ޢަދުނާން ޢުޘްމާން (ސނ: 3001) ތިއްބެވިއެވެ.


މިދެންނެވި ދެބޭކަލުންވެސް، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްވީ، ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުން ގެންދިޔަ މީހުންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޑިމާންޑް ލިސްޓެއްކަން އެނގިލައްވާނެއެވެ. މިހެން މިދެންނެވީ، އަޅުގަނޑު އަތަށް ލިސްޓުދެއްވަމުން، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ވިދާޅުވެފައި ވަނީ، އެލިސްޓްގައި ވަނީ، އެމީހުންގެ ޑިމާންޑަތައް ކަމުގައެވެ.


އަދި ޖަވާބުގައި އަޅުގަނޑު ދެންނެވީ، އަޅުގަނޑުގެ ވެރިންނަށް ތިޔަލިސްޓް ރައްދުކޮށް ދޭނޭކަމަށެވެ. ޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެފައިވާ މީހުންގެ ހިތްތަކަށް، ދިވެހި ސަރުކާރާ ދޭތެރޭ ނަފްރަތުކަން އިތުރު ކުރުމަށްޓަކައި އެކިފަހަރުމަތިން ޖަލުގައި އެކިއެކި އަނިޔާތަށް ލިބުނުކަމަށްބުނެ އެކި މީހުން ވާހަކަދައްކަމުން ގެންދިއުމުގެ އިތުރުން، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަންވާ އިތުބާރު ގެއްލުވާލުމަށް ސަރުކާރުން ނިންމަވާ ނިންމެވުން ތަކަކީ، މުޅިންވެސް ޢަދުލް އިންސާފެއްނެތް ކަންތައްތަކެއްކަން، ޕީއޭ ސިސްޓަމުން އަޑުހަރުކޮށް ރުޅިވެރިކަމާއެކު ފާޅުކުރަމުން އެކިމީސްމީހުން ގެންދިޔައެވެ. މިގޮތަށް ވާހަކަދެއްކި މީހުންގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެކަކީ، މއ.ސިލްވަރސީން ނައުޝާދު ވަހީދެވެ.


އެއްވެތިބި މީހުންގެ ރުޅިގަދަވެ އިންތިހާއަށް ނުކިޔަމަންތެރިވެފައި ވާތީ، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑް ލިސްޓް ހިފައިގެން އަޅުގަނޑު ފުރަތަމަ ދިޔައީ މި މީހުން މަޑުމައިތިރި ކުރެވޭތޯ މަސައްކަތް ކުރަންވެގެން ބޮޑުދިދަދޮށަށެވެ.


ޑިމާންޑްލިސްޓް އަޅުގަނޑަށް ލިބުނު ވަގުތަކީ، އެއްވެ ތިބި މީހުންގެ ރުޅިވެރިކަން އިންތިހާދަރަޖައަށް ގެންދިއުމަށްޓަކައި ޖަލުގައި ގިނަ އަނިޔާތަކެއް ލިބުނުކަމަށްބުނެ ސަރުކާރުގެ އިސްމަޤާމު ތަކުގައި ތިއްބެވި ވެރިންގެ އިސްތިޢުފާއަށް އެކި މީހުން، ޕީއޭ ސިސްޓަމުން ގޮވަމުންދިޔަ ވަގުތައްވެފައި، އެއްވެތިބި މީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭތޯ ވާހަކަ ދެއްކުމުގެ ނިޔަތުގައި ޕީއޭ ސިސްޓަމް، ޞުލްޙަ ވެރިކަމާއެކު އަނބުރާ ގެނެވޭތޯ ބަލަން އަޅުގަނޑު މަސައްކަތް ކުރީމެވެ.


އެއްވެފައިވާ މީހުންގެ ޢަދަދު ވަރަށްގިނައެވެ. އަދި އެއްވެތިބި މީހުންގެ ތެރޭގައި އިސްވެ ހަރަކާތްތެރިވީ ކޮންބައެއްކަން ޕޮލިސް ހެޑްކްއޯޓަޒް، އަދި އެންއެސްއެސްގެ ސީސީޓީވީ ތަކުގެ ފައިލްތަކުން ފެންނަން އެބަހުއްޓެވެ. ޖުމްހޫރީ މައިދާނާއި މައިދާނުގެ ވަށައިގެންވާ ހުރިހާ މަގުތައްވަނީ މުޅިންފުރި ބާރުވެފައެވެ. މިފަދަ ވަގުތެއްގައިވެސް އެއްވެތިބި މީހުންނާ ވާހަކަދެއްކުމުން އެބައިމީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ އެގޮތުގެމަތިން މަސައްކަތް ކުރީމެވެ.


މިތަނުގައި ހިނގާދިޔަ ހުރިހާކަމެއް އެންއެސްއެސް ހެޑްކްއޯޓަޒްގައައި، އަދި ޕީއެޗްކިޔޫ ބޭރުގައި ހަރުކޮށްފައިހުންނަ ސީސީޓީވީ ކެމެރާތަކަށާއި ނެގިފައިވާ ވީޑިޔޯތަކުން ފެންނަން ހުންނާނެއެވެ. ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑްލިސްޓް ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑު ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު، ލެފްޓިނެންޓް ޖެނެރަލް ޢަންބަރީ ޢަބްދުއްސައްތާރު އާދަމާ ޙަވާލުކުރެވި ފައެވެ.


މީގެފަހުން އަޅުގަނޑު މަސައްކަތްކުރީ، އެއްވެތިބި މީހުން ފޮނުވާލެވޭތޯއާއި އެތަނުގެ މަޞްލަޙަތު ވީވަރަކުން ބެލެހެއްޓޭ ތޯއެވެ. ޞުލްޙަ ވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލާ ސަރަހައްދުން ދުރަށްދިއުމަށް އެއްވެފައި ތިބި މީހުންނަށް އިލްތިމާސް ކުރެވުނެވެ. ހުއްޓުމެއްނެތި އަޑުގަދަކުރާ އިން ސާބިތުކަމާއެކު ނަޞޭޙަތްތެރި ވެވުނެވެ.


މީގެއިތުރުން އެއްވެފައި ތިބި މީހުންތަކުގެ ތެރެއިން އެމީހެއްގެ ނުފޫޒު ފޯރުވައިގެން އެއްވެފައި ތިބި މީހުން ޞުލްޙަވެރި ކަމާއެކު ފޮނުވާލެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ މީހުންކައިރީގައި ވަކިވަކިން ބުނެގެންވެސް މީހުންތައް ފޮނުވާލެވޭތޯ ބެލުނެވެ.


އެކިގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރައްވައި ގެންވެސް ޞުލްޙަވެރި ކަމާއެކު ނުގޮސްތިބެ، ނޭއްގާނީ ޢަމަލުތައް ހިންގަން ފެށުމުން ރައީސުލް ޖުމްހޫރިއްޔާގެ އޯޑަރަށް ސިފައިންނުކުމެ ގަދަކަމުން އެއްވުން ރޫޅާލެވެންދެން ވެސް ޕީއޭ ސިސްޓަމުން ނަޞޭޙަތްތެރި ވެވުނެވެ. މިއީ އެއްވެސް މަޖްބޫރުކަމެއް ނެތި އަޅުގަނޑު ދީފައިވާ ތެދުބަޔާނެކެވެ."


އިނގިލީގެ ނިޝާނާއި ސޮއި، ކުރައްވާފައި ވަނީ، ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލެވެ.

ބަޔާން ނަގާފައިވަނީ، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ޙުސައިންއެވެ.

އަޑުއެހީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޙާފިޒާއި ސެކްރެޓަރީ އަލްފާޟިލާ އާމިނަތް ޒާހިރާއެވެ. މިނިސްޓްރި އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މާލެ ގައެވެ.

މިބޭފުޅުން މިބަޔާން ނަގާއި ސޮއި ކުރުވާފައިވާ ތާރީޚަކީ، 25 އޯގަސްޓް 2004 ގައެވެ.


އާދެ، މި ޙާދިޘާގައި އެއްވެފައި ތިބި ހަވަރުގެ ބޭނުންތަކާއި އެދުންތައް، އިބުރާ އާއި އެތަނުގައި އިސްކޮށް ތިއްބެވި ހަރަކާތްތެރިން ވެގެން، އެކިމީހުންނާ ވާހަކަދައްކައި އޮޅުންފިލުވިއެވެ. އެއްވެފައި އޮތް ހަވަރު ގޮވަމުން ގެންދިޔައީ، ޢަދުލް އިންޞާފު ޤައިމުކުރަން ހުރަސްއަޅުއްވާ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި ޖަސްޓިން މިނިސްޓަރ ސީނާ އަޙްމަދު ޒާހިރު ވަގުތުން އިސްތިޢުފާ ދެއްވުމަށެވެ. ސިޔާސީ ގޮތުން ހައްޔަރުކޮށްފަ އާއި ގޭގެބަންދުގައި ތިބި އެންމެހާ ސިޔާސީ ގައިދީން ދޫކޮށްލުމަށް ގޮވާލާ އަޑު އުފުލިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޓޮލްސް މިނިސްޓަރ އަލްއުސްތާޒު ޢަބްދު ﷲ ޙަމީދާއި ޓްރޭޑް މިނިސްޓަރ ޢަބްދު ﷲ ޔާމީނުގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުންދިޔައެވެ. ފުލުހުންގެ ވެރިޔަކަށް ހުންނެވި އާދަމް ޒާހިރު އެ މަޤާމުން ވަކިކުރުމަށާއި އޭނާ ހައްޔަރު ކުރުމަށް އަޑުއުފުލަމުން ދިޔައެވެ. އަދި ރައީސް މައުމޫނު ރައީސްކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާފައި ވެސް ވެއެވެ. ހަވަރު އަޑުއުފުލަމުން ގެންދިޔަ ކަންތައްތަކުގެ ތެރެއިން މުހިންމު ކަންތައް ފާހަގަކޮށް ނޯޓުކުރިއެވެ. އެލިޔުމަށް ދެވުނުނަމަކީ "ރައްޔިތުން އެދޭ އެދުން" މިއެވެ.


ރައްޔިތުންގެ ފަރާތުން ތައްޔާރުކުރެވުނު މިލިޔުން ބްރިގޭޑިއަރ މޫސާ އަލީޖަލީލު އޭނާގެ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން އޭނާއާ ހަވަރުގެ ފަރާތުން ހަވާލުކުރިއެވެ. މިލިޔުމަށް ޖަވާބު ދެއްވާނެކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވެ، އޭނާ އެލިޔުން ހިއްޕަވައިގެން ވަޑައިގެންނެވީ ސިފައިންގެ ތެރެއަށެވެ.


އެއަށް ފަހު، ޖުމްހޫރީ މައިދާނުގައި ތިބި ގިނަބަޔަކު ތިބީ ލިޔުމުން ހުށަހެޅި ކަންތައްތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ. މިހެން ތިބިތިބުމުގައި އެއްވެތިބި މީހުންގެ ޝުޢޫރުތައް ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ފާޅުކުރަމުން ގެންދިޔައެވެ. މެދުކެނޑުމެއް ނެތިއެވެ.


ހަވަރުގެ ތެރޭގައި ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން މިގޮވުންތަކުގައި ބައިވެރިވިއެ، ޢަމަލީގޮތުން ހަރަކާތްތެރި ވިއެވެ. ރައީސް މައުމޫނަށާއި ކެބިނެޓަގައި ހިމެނިވަޑައި ގަންނަވާ ގިނަވަޒީރުންނަށް ފާޑުކިޔާއި އެބޭފުޅުންގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. އެއްވާނެއްގައި މިފެންވަރުގައި ފަތިސްވަންދެން ހިފާއްޓާލިއެވެ. ފަތިސްވެގެން ދިޔައިރު ޖުމްހޫރީ މައިދާން ހިމެނޭ ސަރައްދަށް ޖަމާވަމުންދިޔަ މީހުންދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.


އެރޭދަންވަރު ޔާމީނާއި ފަތުޙު ﷲ މެން އަޑީގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ ހަވަރާދެކޮޅަށް އާންމުންގެ ބަޔަކު ޖުމްހޫރީ މައިދާނުގެ ހުޅަގުކޮޅަށް އެއްކުރިއެވެ. އަދި އެރޭދަންވަރު މަސްތުވެފައި ތިބި ޕާޓޭންގެ ގްރޫޕެއް ހަވަރު ތެރެއަށް، ބޮޑުދިދަ ކަނޑާލާއި ވައްޓާލުމަށް އިސްލާހީ ހަރަކާތައިދެކޮޅު ސަރުކާރު ބޮޑުން ފޮނުވައިގެން ހަވަރުތެރެއަށް ވަދެގަނެ ބޮޑުދިދައިގެ ބުޑާހަމައަށް ތަޅާފޮޅަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ދިދަދަނޑިއާ ހަމައަށް ވާސިލުވިޔަ ނުދީ މަތަކޮށް ހިފާއްޓާލެވުނެވެ.


ޕާޓޭންގެ މަސްތުވެފައި ތިބި މިބައިގަނޑު ދެންގޮސް ވަދެގަތީ ޖުމްހޫރީ މައިދާނުގެ ހުޅަނގުކޮޅުގައި މެގަފޯނު ބޭނުންކޮށްގެން އިސްލާހީ ހަރަކާތާ ދެކޮޅަށް ޝުޢޫރުފާޅުކޮށް އަޑުއުފުލަމުން ގެންދިޔަމީހުންގެ ތެރެއަށެވެ. އާދަމް ޒާހިރާއި ދެމިނިސްޓަރުން ޔާމީން އާއި ފަތުހު ﷲ ވެގެން ރާވާލެއްވި ރޭވުމުން ނެރުނު ޕާޓޭގުރޫޕު ތަކުންނާއި ސަރުކާރަށް ތާއީދުކުރާ މިބައިގަނޑުން ގޮވަމުން ގެންދިޔައީ ރައީސް މައުމޫނަށް އެމީހުން ތާއީދުކުރާ ކަމަށެވެ. މައުމޫނު ޒިންދާބާދެވެ. ވެރިކަމުގައި ދެމިހުރުމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް، ތިޔަ ގޮތަށް އެއްވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.


މި މީހުން ހަވަރުގެ ތެރެއަށް ވަދެގަނެ ޖުމްހޫރީ މައިދާނުގެ އިރުމަތީ ކޮޅަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ޕާޓޭންގެ މިބައިގަނޑަށް އެހީތެރިކަންދީ ދެމެގަފޯން ދިނީ ސީދާ ސިފައިންނެވެ. މިތަން އަޅުގަނޑު ހަމަލޮލުން ދުށީމެވެ. މެގަފޯން ބޭލީސިފައިންގެ ފާރުމަތިންނެވެ. ގާޑުކުރުމަށް ހަދާފައި ހުންނަ ކޮންކްރީޓު ތަނުގެ ތެރެއިންލާފައެވެ. ތިރި ކުރީ ވާގަނޑެއްގެ ބޭނުންކޮށްގެންނެވެ.


އެހެނަސް އެއްވަފައި ތިބި ހަވަރުގެ ބާރުގަދަކަމުން މިއިންކަމެއް ކުރެވޭގޮތެއް ނުވިއެވެ. ގިނައިރު ތަކެއްނުވެ، މިބައިގަނޑުގެ އަޑުކެނޑިގެން ހިނގައްޖެއެވެ. ދެން މިމީހުން ތައްޔާރުވެގެން އަލުންއައީ ހުކުރުދުވަހު، 9:00 ޖަހާއެހާ ކަންހާއިރުއެވެ. ޖަލުތަކުން މިނިވަންކޮށް ދޫކޮށްލި ކުށްވެރިންގެ ގްރޫޕުތަކާއި ޕާޓޭހުރޫޕުތައް ގުޅިގެން އެކުގައެވެ. މިވަގުތު ސިފައިންގެ ބޭކަލެއްގެ ބަނޑަށް ވަޅިއެއް ހަރާލިއެވެ. އަދި މިފަދަ އެތައް ނޭދެވޭ ކަމެއް މިގުރޫޕުން ހިންގިއެވެ. އެކަން ކުރުވީ އިސްލާހީ ހަރަކާތުގެ ބައިވެރިން ހިފާހައްޔަތުކޮށް ޖިނާއީދައުވާ ކުރުމަށެވެ. ~ނުނިމޭ~


 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page